-

ގަވާއިދު ނަންބަރު 2014-08 (ނޭށަނަލް ޑްރަގް އޭޖެންސީ ގެ ބޯޑުގެ ހިންގާ ގަވާއިދު) އަށް 1 ވަނަ މާއްދާ - ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-31)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 އެޕްރީލް 2026 ގައި)

 

ގަވާއިދު ނަންބަރު 2014-08 (ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ހިންގާ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

ބޯޑު އެކުލެވިގެންވާ ގޮތާއި ޖަވާބުދާރީވުން 2.

(ހ) ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑު އެކުލެވިގެންވަނީ އަންނަނިވި އިދާރާތައް ތަމްސީލުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.

  1. ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛
  2. ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތެއް؛
  3. ސިއްހަތާބެހޭ ވުޒާރާ ނުވަތަ އެ ވުޒާރާގެ ދަށުން ހިނގާ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛
  4. އިޖުތިމާއީ ރައްކައުތެރިކަމާބެހޭ ވުޒާރާގައި އިޖުތިމާއީ ރައްކައުތެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛
  5. ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ސަރުކާރުގެ ވުޒާރާގައި ކުޑަކުދީންގެ ހައްގުތައް ރައްކައްތެރިކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛
  6. ޒުވާނުންގެ ކަންކަމާ ގުޅޭ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛
  7. ތައުލީމާބެހޭ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛
  8. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބަންދުގައި ތިބޭ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާ ދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
  9. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޖަމުއިއްޔާގެ މައިގަނޑު މަގުސަދު ކަމުގައިވާ މަދަނީ ޖަމުއިއްޔާއެއްގެ މަންދޫބެއް؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޗީފް އެގްޒެކެޓިވް އޮފިސަރ 11.

(ނ) ޗީފް އެގްޒެކެޓިވް އޮފިސަރަކަށް އައްޔަނުކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުގެ ހިދުމަތް ދޭ މަރުކަޒަކުން ބިޒްނަސް އެޑްމިނިސްޓްރޭށަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭށަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމާއެކު، މި މާއްދާގެ (2) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށް ވާންވާނެއެވެ.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދަކަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށް ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށް ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  4. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކުރުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި، މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  5. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމާއެކު ސީނިއަރ މެނޭޖްމަންޓް ލެވެލްގައި، މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛
  6. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) މާއްދާއިން އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް، އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ މުއްދަތު 1-11.

(ހ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ، މަގާމުގެ މުއްދަތަކީ، އޭނާ އެ މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން ބޯޑުން ކަނޑައަޅާ އިތުރު 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ޗީފް އެގްޒެކެޓިވް އޮފިސަރު އަލުން އައްޔަނުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ނ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަނުކޮށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތީން ޕްރޮބޭށަނުގެ މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ.

 

ވަގުތީގޮތުން އޭޖެންސީ ހިންގުން އެހެން މީހަކާ ހަވާލުކުރުން 2-11.

(ހ) އަންނަނިވި ހާލަތްތަކުގައި، ވަގުތީގޮތުން އޭޖެންސީ ހިންގުން އެހެން މީހަކާ ހަވާލުކުރުމަށް ބޯޑުން ކަނޑައަޅަންވާނެއެވެ. އަދި ވަގުތީގޮތުން އޭޖެންސީގެ ހިންގުން ހަވާލުކުރާ ފަރާތަކީ އެންމެ ދަށްވެގެން، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ތައުލީމީ ފެންވަރު ހުރި ފަރާތަކަށް ވާންވާނެއެވެ.

  1. ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް މީހަކު އައްޔަނުކުރެވެންދެން، ނުވަތަ؛
  2. ޗީފް އެގްޒެކެޓިވް އޮފިސަރުގެ ވަޒީފާގެ މަސްއޫލިއްޔަތު، ނުވަތަ ޒިންމާތައް އަދާނުކުރެވޭ ފަދަ ހާލަތެއް ވަގުތީގޮތުން މެދުވެރިވެއްޖެ ނަމަ، ނުވަތަ؛
  3. ވަކި ކަމަކާ ގުޅިގެން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާތައް އަދާކުރުމަށް އޮފީހަށް ނުކުތުން ވަކި މުއްދަތަކަށް ހިފެހެއްޓުން، ނުވަތަ ވަގުތީގޮތުން ވަޒީފާއިން އެކަހެރިކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން މީހަކު ހަމަޖެއްސޭނީ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައި، މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަނުކުރަންވާނެއެވެ.

 

ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް 3-11.

ނޭށަނަލް ޑްރަގް އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ތިރީގައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 2011-17 (ސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯޑުގެ ލަފަޔާއި އިރުށާދާ އެއްގޮތްވާ ގޮތުގެ މަތީން އޭޖެންސީ ހިންގުމުގެ އެންމެހައި ކަންކަން ކުރުން.

(ށ) ބޯޑުގެ ބައްދަލުވުންތަކުގެ ކަންކަން އިންތިޒާމުކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ބޯޑުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއެކު އެ ކަންކަމުގެ އަދާހަމަ ބޯޑާ ހިއްސާކުރުން. ބޯޑުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތި ކަންތައްތައް ބޯޑާ ހިއްސާކޮށް، އެ ކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަން ހިއްސާކުރުން.

(ރ) އޭޖެންސީން ދެމުންގެންދާ އެންމެހައި ހިދުމަތްތަކާ ގުޅޭގޮތުން، ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު، ބޯޑުން ދީފައިވާ އިރުށާދާ އެއްގޮތަށް އެކުލަވައިލެވޭ ރިޕޯޓެއް ބޯޑަށް ހުށަހެޅުން.

(ބ) އޭޖެންސީގެ ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާވާހައި ހިނދަކު، ބޯޑުގެ ޖަލްސާތަކަށް ހާޒިރުވުން.

 

ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަސައްކަތުގެ ފެންވަރު ބެލުން 4-11.

ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ ގޮތް، ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ބޯޑުން ބަލަންވާނެއެވެ.

 

ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމުން ވަކިކުރުން 5-11.

(ހ) ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމުން ވަކިކުރަންޖެހޭ ހިނދެއްގައި، އެކަން ކުރާނީ ބޯޑުންނެވެ. އަދި ޗީފް އެގްޒެކްޓިވް އޮފިސަރު މަގާމުން ވަކިކުރަންޖެހޭ ހާލަތުގައި މަގާމުން ވަކިކުރެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމުން ވަކިކުރެވިދާނެ ހާލަތްތައް ތިރީގައި މިވަނީއެވެ.

  1.  ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސައްކަތުގެ އަހުލާގު ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމަށް ބޯޑުން ކަނޑައަޅައިފައިވާ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ކަމަށް ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން %50 (ފަންސާސް އިންސައްތަ) އަށް ވުރެ ދަށުން މާކްސް ލިބި، މަގާމަށް އެކަށީގެންނުވާކަމަށް ބޯޑުން ނިންމުން.
  2. ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައްޔާއި، އިދާރީ އިސްވެރިއެއްގެ ހައިސިއްޔަތުން ހަރުދަނާ ގޮތެއްގައި މަސްއޫލިއްޔަތުތައް އަދާކުރަމުން ނުދާކަމަށް ބޯޑަށް ގަބޫލުކުރެވޭކަމަށް ބޯޑުން ނިންމުމެއް ނިންމާ ހާލަތުގައި، ހިވެސް، އެ ގޮތަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް އޮންނަންވާނެއެވެ.
  3. ޖިނާއީ ކުށެއް ސާބިތުވުން، ނުވަތަ އެފަދަ ކުށެއްގެ ތުހުމަތުގައި 90 (ނުވަދިހަ) ދުވަހަށް ވުރެ އިތުރަށް ނުވަތަ ށަރީއަތް ނިމެންދެން ބަންދުކުރުން، ނުވަތަ،
  4. ސިއްހީ ސަބަބަކާހުރެ ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ގޮތެއްގައި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދުން.

 

ޗީފް އެގްޒެކްޓިވް އޮފިސަރު އައްޔަނުކުރުމާއެކު ފުރިހަމަކުރަންޖެހޭ އިޖުރާތުތައް 6-11.

ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަނުކުރުމާ އެކު، ތިރީގައި މިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށް ރިއާޔަތްކުރުމާއެކު އަންނަނިވި ބައިތައް ހިމެނޭގޮތަށް ވަޒީފާގެ އެއްބަސްވުމެއް އެކުލަވައިލުން:

  1. ޗީފް އެގްޒެކްޓިވް އޮފިސަރުގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުފަންތާރީހާއި، ގައުމީ ނިސްބަތާއި، އިމަރޖެންސީ ހާލަތެއްގައި ގުޅާނެ ފަރާތެއްގެ ނަމާއި ދާއިމީ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، ހައިސިއްޔަތު،
  2. ވަޒީފާގެ މުއްދަތު؛
  3. އެއްބަސްވުން ފެށޭ ތާރީހާއި، އެއްބަސްވުމުގެ މުއްދަތު/މަގާމުގެ ދައުރު ހަމަވާ ތާރީހު؛
  4. މުސާރައާއި، އެހެނިހެން އިނާޔަތް؛
  5. ޗުއްޓީ ދެވޭނެ ގޮތްތައް؛
  6. މަސައްކަތުގެ ފެންވަރު ބެލޭނެ އުސޫލު؛
  7. ވަޒީފާއިން ވަކިކުރެވޭނެ ހާލަތުތަކާއި، ނޯޓިސް ދިނުމުގައި، އަމަލުކުރެވޭނެ ގޮތް؛
  8. ޕްރޮބޭށަނާ ގުޅޭ ކަންކަން؛
  9. ސިއްރު ހިފެހެއްޓުން؛
  10. އިސްލާހީ ފިޔަވަޅު އެޅުން؛
  11. ވަޒީފާގެ ބަޔާން.

(ށ) ވަޒީފާގެ ކޯޑް އޮފް ކޮންޑަކްޓް ހިއްސާކުރުން

(ނ) ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ތެރޭގައި މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން، ހަށިގަނޑަށް ނުވަތަ ފުރާނައަށް، ގެއްލުންވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި އަމަލުކުރާނެ ގޮތް ހިއްސާކުރުން.

 

ޗީފް އެގްޒެކްޓިވް އޮފިސަރުގެ މުސާރައާއި އިނާޔަތް 7-11.

ޗީފް އެގްޒެކްޓިވް އޮފިސަރުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.

 

ބޯޑުގެ މެންބަރުކަމުގެ އިނާޔަތް 8-11.

ބޯޑުގެ މެންބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާޜުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު