-

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފްގެ ނިށާން ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2015-131)

 

1 ވަނަ މާއްދާ - ތައާރުފު 

މިއީ ގާނޫނު ނަންބަރު 2013-14 (ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލަ ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ޕްރިޒަން އޮފިސަރުންގެ މަގާމުތައް

ޕްރިޒަން އޮފިސަރުންގެ މަގާމްތައް، ދަރަޖައިގެ ތަރުތީބުން، ތިރީގައި ބަޔާންވެގެން އެވަނީއެވެ.

(ހ) ކޮމިށަނަރ އޮފް ޕްރިޒަންސް؛

(ށ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް؛

(ނ) އެސިސްޓެންޓް ކޮމިށަނަރ އޮފް ޕްރިޒަންސް؛

(ރ) ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް؛

(ބ) ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް؛

(ޅ) އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް؛

(ކ) ޗީފް ޕްރިޒަން އޮފިސަރ

(އ) ސީނިއަރ ޕްރިޒަން އޮފިސަރ

(ވ) ފަސްޓް ކްލާސް ޕްރިޒަން އޮފިސަރ

(މ) ޕްރިޒަން ސްޓާފް ސާރޖަންޓް؛

(ފ) ޕްރިޒަން ސާރޖަންޓް؛

(ދ) ޕްރިޒަން ކޯޕްރަލް؛

(ތ) ޕްރިޒަން ލާންސް ކޯޕްރަލް؛

(ލ) ޕްރިޒަން ޕްރައިވެޓް.

 

7 ވަނަ މާއްދާ - މަގާމުގެ ށަރުތުތައް

މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އޮފިސަރުންގެ މަގާމުތަކުގެ ށަރުތުތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެވަނީއެވެ.

 

8 ވަނަ މާއްދާ - ގައުމީ ފެންވަރުގައި އޮފިސަރުންނަށް ދެވޭ ށަރަފުގެ ނިށާންތައް

ގައުމީ ފެންވަރުގައި އޮފިސަރުންނަށް ދެވޭ ށަރަފުގެ ނިށާންތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

(ހ) ނިށާން ޣާޒީގެ ށަރަފު؛

(ށ) ރައީސުލްޖުމްހޫރިއްޔާގެ މެޑެލް؛

(ނ) ހުރަވީ ރަން މެޑެލް؛

(ރ) ހުރަވީ ރިހި މެޑެލް.

 

9 ވަނަ މާއްދާ - މުއައްސަސާގެ ފެންވަރުގައި އޮފިސަރުންނަށް ދެވޭ ށަރަފުގެ ނިށާންތައް

މުއައްސަސާ ފެންވަރުގައި އޮފިސަރުންނަށް ދެވޭ ށަރަފުގެ ނިށާންތައް ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަތިވެރި ހިދުމަތުގެ މެޑެލް؛

(ށ) ފުރާނަ ސަލާމަތް ކުރުމުގެ ރަން މެޑެލް؛

(ނ) ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލް؛

(ރ) ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެލް؛

(ބ) އިހްލާސްތެރި ހިދުމަތުގެ މެޑެލް؛

(ޅ) އޮފިސަރުންގެ ހިދުމަތުގެ މެޑެލް؛

(ކ) އަހުލާގީ މެޑެލް.

 

10 ވަނަ މާއްދާ - ގައުމީ ފެންވަރުގައި އޮފިސަރުންނަށް ދެވޭ ށަރަފުގެ ކުލަ

ގައުމީ ފެންވަރުގައި އޮފިސަރުންނަށް ދެވޭ ށަރަފުގެ ކުލައަކީ "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" އެވެ.

 

11 ވަނަ މާއްދާ - މުއައްސަސާ ފެންވަރުގައި އޮފިސަރުންނަށް ދެވޭ ށަރަފުގެ ކުލަ

މުއައްސަސާ ފެންވަރުގައި އޮފިސަރުންނަށް ދެވޭ ށަރަފުގެ ކުލަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ؛

(ށ) ހިތްވަރުގަދަކަމުގެ ކުލަ؛

(ނ) އިހްލާސްތެރި ހިދުމަތުގެ ކުލަ؛

(ރ) ހިދުމަތުގެ ކުލަ؛

(ބ) އަހުލާގީ ކުލަ؛

(ޅ) ހާއްސަ ހިދުމަތުގެ ކުލަ؛

(ކ) ކާމިޔާބުގެ ކުލަ؛

(އ) ހުނަރުވެރިކަމުގެ ކުލަ؛

(ވ) ހެވިކަމުގެ ކުލަ.

 

12 ވަނަ މާއްދާ - އޮފިސަރުންނަށް ދެވޭ ށަރަފުގެ ނިށާންގެ ށަރުތުތައް

މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބުނެފައިވާ، އޮފިސަރުންނަށް ދެވޭ ށަރަފުގެ ނިށާންގެ ށަރުތުތައް މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެއެވެ.

 

13 ވަނަ މާއްދާ - އޮފިސަރުންނަށްދެވޭ ށަރަފުގެ ކުލަތަކުގެ ށަރުތުތައް

މި ގަވާއިދުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބުނެފައިވާ، އޮފިސަރުންނަށް ދެވޭ ށަރަފުގެ ކުލަތަކުގެ ށަރުތުތައް މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައި ވާނެއެވެ.

 

14 ވަނަ މާއްދާ - މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމުގެ އެންމެހައި ކަންތައް ހިންގައި، ބަލަހައްޓައި އަދި އެކަންކަމާ ބެހޭގޮތުން މިނިސްޓަރަށް ލަފާދޭނެ 7 (ހަތެއް) މެމްބަރުންގެ ކޮމިޓީއެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން މިނިސްޓަރު އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މަސްއޫލިއްޔަތަކީ މި ގަވާއިދުގެ ދަށުން އޮފިސަރުންގެ ތެރެއިން މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާނާއި ކުލަ އަދި މެޑެލް ދޭންޖެހޭ ފަރާތްތައް ކަނޑައެޅުމެވެ.

(ނ) އޮފިސަރުންނަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމަށް ކަނޑައަޅާނީ މިނިސްޓަރެވެ.

 

15 ވަނަ މާއްދާ - މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމަށް އެދި ކޮމެޓީއަށް ހުށަހެޅުން

(ހ) މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލަ ދިނުމުގެ ށަރުތު ފުރިހަމަވާ އޮފިސަރުންނަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލަ ދިނުމަށްޓަކައި މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ކޮމިޓީއަށް ހުށަހާޅާނީ އެ އޮފިސަރަކު ސީދާ ރިޕޯޓުކުރާ ފަރާތުގެ މަށްވަރާގެ މަތިން އޭނާ މަސައްކަތްކުރާ ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާ އެވެ.

(ށ) ކޮމިށަންޑް އޮފިސަރުންގެ މަގާމުތަކަށް މަގާމުގެ ކުރިއެރުން ދިނުމަށް އެދި ހުށަހަޅާނީ ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ.

(ނ) މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާނާއި ކުލައާއި މެޑެލް ދިނުމަށް ހުށަހަޅަންވާނީ އެކަމަށް އެދޭ ފޯމުންނެވެ.

 

16 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމުގައި ކޮމިޓީއިން ބަލަންވާނެ ކަންތައްތައް

މަގާމުގެ ކުރިއެރުން ދިނުމަށް މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ކޮމިޓީއަށް ހުށަހެޅުމުން އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވުން؛

(ށ) ކުރިއެރުން ދިނުމަށް ހުށަހަޅާފައިވާ މަގާމުގެ މަސްއޫލިއްޔަތު އުފުލުމުގެ ގާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ހުރި މިންވަރު؛

(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ހުސް މަގާމު އޮތް މިންވަރު؛

(ރ) މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހަޅާފައިވާ މުވައްޒަފަކު ހާޒިރީއަށާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި، މަސައްކަތުގެ ފެންވަރު؛

(ބ) އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާ؛

(ޅ) އޮފީހުގެ މަގުސަދު ހާސިލުކުރުމަށް އެ މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރު؛

(ކ) އެ މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު؛

(އ) އެ މުވައްޒަފަކު ވަޒީފާގައި ހޭދަކުރި މުއްދަތުގައި ސްޓާފް އެޕްރައިޒަލް ފޯމުން ލިބުނު މާރކްސް؛
(ވ) އެމުވައްޒަފެއްގެ ފިޒިކަލް ފިޓްނަސް.

 

17 ވަނަ މާއްދާ - ށަރަފުގެ ނިށާން ދިނުމުގައި ކޮމިޓީއިން ބަލަންވާނެ ކަންތައްތައް

ށަރަފުގެ ނިށާން ދިނުމަށް މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ކޮމިޓީއިން ލަފާދޭންވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

 

18 ވަނަ މާއްދާ - ށަރަފުގެ ނިށާނާއި ކުލަ ނެގުން

(ހ) އޮފިސަރުންނަށް ދެވޭ ށަރަފުގެ މެޑެއްޔާއި ކުލަ، އެއޮފިސަރެއްގެ ކިބައިން ނެގޭނީ އެމެޑެލް ނުވަތަ ކުލައެއްގެ ށަރުތު ހަމަނުވަނީސް،އެއޮފިސަރަކު އަމިއްލައަށް ހަގީގަތާ ހިލާފަށް ކަމެއްކޮށްގެން ނުވަތަ ކުރުވައިގެން އެ ކުލަ ނުވަތަ ށަރަފުގެ ނިށާންގެ ށަރުތު ފުރިހަމަކޮށްފައިވާ ފަދަ ހާލަތްތަކުގައެވެ.

(ށ) ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށްތައް ތަކުރާރުކުރާ އޮފިސަރަކަށް ދީފައިވާ އަހުލާގީ ކުލަ އިން އެއޮފިސަރަކު މަހުރޫމް ކުރެވިދާނެއެވެ. މިގޮތުން ނެގޭނީ އެންމެ ފަހުން އެއޮފިސަރަކަށް ދެވިފައިވާ އަހުލާގީ ކުލައެވެ. މި ކުލަ ނެގުމަށް ގޮތެއް ނިންމާނީ ޑިސިޕްލިނަރީ ބޯޑުން ނިންމާގޮތެއްގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ.

 

19 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ނިންމާ ނިންމުމާބެހޭ ގޮތުން އިލްތިމާސްކުރުން

މަގާމުގެ ކުރިއެރުމާއި މެޑެލް، ކުލަ އަދި ށަރަފުގެ ނިށާން ދިނުމުގައި ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެކަން 14 (ސާދަ) ދުވަހުގެތެރޭގައި މިނިސްޓަރަށް އިލްތިމާސްކުރުމުގެ ހައްގު ކޮންމެ އޮފިސަރަކަށް ލިބިގެންވެއެވެ.

 

 

ޖަދުވަލު 1

ޕްރިޒަން އޮފިސަރުންގެ މަގާމުތަކުގެ ށަރުތުތައް

 

(ހ) ޕްރިޒަން ޕްރައިވެޓް

  1. ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ
  2. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

(ށ) ޕްރިޒަން ލާންސް ކޯޕްރަލް

  1. ޕްރިޒަން ޕްރައިވެޓްގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެވްރެޖްކޮށް 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާފައިވުން؛ ނުވަތަ
  2. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ޕްރިޒަން ޕްރައިވެޓްގެ މަގާމުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. މަތީސާނަވީ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއި އެޗް.އެސް.ސީ އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު ޕްރިޒަން ޕްރައިވެޓްގެ މަގާމުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

(ނ) ޕްރިޒަން ކޯޕްރަލް

  1. ޕްރިޒަން ލާންސް ކޯޕްރަލްގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެވްރެޖްކޮށް 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާފައިވުން؛ ނުވަތަ
  2. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ޕްރިޒަން ލާންސް ކޯޕްރަލްގެ މަގާމުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ 

(ރ) ޕްރިޒަން ސާރޖަންޓް

  1. ޕްރިޒަން ކޯޕްރަލްގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެވްރެޖުކޮށް 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާފައިވުން؛ ނުވަތަ
  2. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ޕްރިޒަން ކޯޕްރަލްގެ މަގާމުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

(ބ) ޕްރިޒަން ސްޓާފް ސާރޖަންޓް

  1. ޕްރިޒަން ސާރޖަންޓްގެ މަގާމުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެވްރެޖުކޮށް 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާފައިވުން؛ ނުވަތަ
  2. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ޕްރިޒަން ސާރޖެންޓްގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން؛

(ޅ) ފަސްޓް ކްލާސް ޕްރިޒަން އޮފިސަރ

  1. ޕްރިޒަން ސްޓާފް ސާރޖަންޓްގެ މަގާމުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެވްރެޖުކޮށް 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާފައިވުން؛ ނުވަތަ
  2. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ޕްރިޒަން ސްޓާފް ސާރޖެންޓްގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން؛

(ކ) ސީނިއަރ ޕްރިޒަން އޮފިސަރ

  1. ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުގެ މަގާމުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެވްރެޖުކޮށް 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާފައިވުން؛ ނުވަތަ
  2. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލު ކޮށްފައިވުން؛

(އ) ޗީފް ޕްރިޒަން އޮފިސަރ

  1. ސީނިއަރ ޕްރިޒަން އޮފިސަރުގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
  2. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ކޮށްފައިވުމާއެކު ސީނިއަރ ޕްރިޒަން އޮފިސަރުގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން؛

(ވ) އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް

  1. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ޗީފް ޕްރިޒަން އޮފިސަރުގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ޗީފް ޕްރިޒަން އޮފިސަރުގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން .

(މ) ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް

  1. ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

(ފ) ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް

  1. ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

(ދ) އެސިސްޓެންޓް ކޮމިށަނަރ އޮފް ޕްރިޒްންސް

  1. ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

(ތ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް

  1. އެސިސްޓެންޓް ކޮމިށަނަރ އޮފް ޕްރިޒްންސްގެ މަގާމުގައި ހުރެ ތަޖުރިބާ ލިބިފައިވާ ޕްރިޒަންސް އޮފިސަރަކު ކަމުގައިވުން

(ލ) ކޮމިށަނަރ އޮފް ޕްރިޒަންސް

  1. އެސިސްޓެންޓް ކޮމިށަނަރ އޮފް ޕްރިޒްންސްގެ މަގާމުގައި ހުރެ ތަޖުރިބާ ލިބިފައިވާ ޕްރިޒަންސް އޮފިސަރަކު ކަމުގައިވުން

 

ޖަދުވަލު 2 

އޮފިސަރުންނަށް ދެވޭ ށަރަފުގެ ނިށާންތަކުގެ ށަރުތުތައް

 

(ހ) ނިށާން ޣާޒީގެ ށަރަފު

މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އުނިކަމެއް ލިބިދާފަދަ ދާހިލީ ނުރައްކަލެއް ގައުމަށް ކުރިމަތިވާ ހިނދު އެކަމުގައި އެމީހެއްގެ މަސްއޫލިއްޔަތުގެ އިތުރަށް އަމިއްލައަށް އިސްނަގައިގެން އެކަމުގައި ހަށިގަނޑާއި ފުރާނަޔަށް އެއްވެސް ބެލުމެއް ނެތި މިގައުމަށް ނަސްރު ހޯދައިދިނުމަށް ކެރިގެން މަސައްކަތް ކުރުމުގައި، ކުރި އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލެއްގެ އަގު ވަޒަންކުރުމުގެ ގޮތުން އޮފިސަރުންނަށް ދެވޭ އެންމެމަތީ މެޑެއްޔެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ މެޑެލް

މިއީ އޮފިސަރުންގެ ހިދުމަތް، ވަރަށް ހާއްސަ ގޮތެއްގައި ފާހަގަ ކުރެވިގެން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ނިށާން ޣާޒީގެ ށަރަފު ހާސިލުކުރާ ކޮންމެ ފަރާތެއް؛
  2. ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހިދުމަތް ހާއްސަގޮތެއްގައި ފާހަގަކުރެވޭ ފަރާތެއް؛
  3. މަތިވެރި ހިދުމަތުގެ މެޑެލް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި ފާހަގަކުރެވޭ ފަރާތެއް؛
  4. ހިދުމަތް ފާހަގަ ކުރެވިގެން މި މެޑެލް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކޮންމެ ފަރާތެއް.

(ނ) ހުރަވީ ރަން މެޑެލް

މިއީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް އާދަޔާ ހިލާފު ހިތްވަރުގަދަކަމާއި ޖެހިލުންކުޑަ ކަމެއް ސާބިތުކޮށްދިން ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ނިށާން ޣާޒީގެ ށަރަފު ހައްގުވާ ފަދަ އަމަލެއް ކަމުގައި ގިންތި ނުކުރެވޭ އޮފިސަރުންނަށެވެ.

  1. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް ހިތްވަރުގަދަ ކަމެއް ސާބިތުކޮށްދިން ފަރާތެއް؛
  2. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ތިމާގެ ހަށިގަނޑަށް އަދި ފުރާނައަށް އެއްވެސް ބެލުމެއްނެތި ވަރަށްހިތްވަރާއެކު އެފެންވަރުގެ އެހެން މީހުންނާ ހިލާފަށް ފާހަގަކުރެވޭ އަމަލެއް ކޮށްފައިވާ ފަރާތެއް؛
  3. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި، ނުރައްކާތެރި ދަނޑިވަޅެއްގައި އެމީހެއްގެ ހަށިގަނޑާއި ފުރާނައަށްއެއްވެސް ބެލުމެއްނެތި އާދަޔާ ހިލާފު ޖެހިލުންކުޑަ އަމަލެއް ކުރި ފަރާތެއް.

(ރ) ހުރަވީ ރިހި މެޑެލް

މިއީ ފާހަގަ ކުރެވޭ ހިތްވަރުގަދަ ކަމާއި ޖެހިލުންކުޑަކަމެއް ސާބިތު ކޮށްދިން ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ގައުމަށް ދިމާވާ ނުރައްކާތެރި ހާލަތެއްގައި އަމަންއަމާންކަމާ ސުލްހަ މަސްލަހަތަށް ގެއްލުންވާ ފަދަ ކަމެއްގައި ހަރަކާތްތެރި ވުމުގައި ތިމާގެ ހަށިގަނޑާއި ފުރާނަޔަށް ބެލުމެއްނެތި ހިތްވަރުގަދަ އަދި ޖެހިލުންކުޑަ އަމަލެއް (ހުރަވީ ރަން މެޑެލް ހައްގުވާ ވަރަށް ވުރެ ދަށް ދަރަޖައިގެ ހިތްވަރުގަދަ އަމަލެއް) ކުރި ފަރާތެއް؛
  2. ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ހިތްވަރުގަދަ އަމަލެއް (ހިތްވަރުގަދަކަމުގެ ކުލަ ހައްގުވާ ވަރަށްވުރެ މަތީ ދަރަޖައިގެ ހިތްވަރުގަދަ އަމަލެއް) ކުރި ފަރާތެއް؛
  3. އަމަން އަމާންކަމާއި ސުލްހަ މަސްލަހަތަށް ގެއްލުންވާފަދަ ކަމެއް ރާވާ ބަޔަކާބެހޭ މައުލޫމާތު ހޯދުމުގައި ތިމާގެ ފުރާނަޔަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރަސްކޮށް ވަރަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.

(ބ) މަތިވެރި ހިދުމަތުގެ މެޑެލް

  1. މިއީ އޮފިސަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އޮފިސަރުންގެ ވަޒީފާގައި ގައުމަށް ފައިދާ ހުރި އަދި އަގު ހުރި ގޮތުގައި ގިނަ ހިދުމަތްތަކެއް އަދާކޮށްފައިވާ ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. އާންމު ގޮތެއްގައި މި މެޑެލް ދެވޭނީ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.
  2. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޔުނިޓެއްގެ ނުވަތަ ޑިޕާޓްމަންޓެއްގެ ވެރިޔެއްގެ މަގާމުގައި މަދުވެގެން 15 (ފަނަރަ) އަހަރު ހުރެ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް؛
  3. އޮފިސަރުންގެ ހިދުމަތުގެ މެޑެލް ނުވަތަ އިހުލާސްތެރި ހިދުމަތުގެ މެޑެލް ލިބިފައިވާ އޮފިސަރުންގެ ތެރެއިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް.

(ޅ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑެލް

މިއީ ތިމާގެ އަމިއްލަ ފުރާނައަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ނުބަލައި އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އަމިއްލަ ފުރާނަޔަށް އެއްވެސް ބެލުމެއް ނެތި އެހެން އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
  2. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލާ މި މެޑެލް ދިނުމަށް ހައްގުވާކަން ސާބިތުވާ ފަރާތެއް.

(ކ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލް

މިއީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
  2. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރަށް ބަލައި މި މެޑެލް ދިނުން ހައްގުވާކަން ސާބިތުވާ ފަރާތެއް؛
  3. މިއަމަލަކީ ފުރާނަ ސަލާމަތްކުރުމުގެ ރަންމެޑެލް ހައްގުވާފަދަ އަމަލެއް ކަމުގައި ނުވުން.

(އ) ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެލް

މިއީ މެދުނުކެނޑި 25 (ފަންސަވީސް) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި އުޅުމުން ލިބޭ މެޑެއްޔެކެވެ.

(ވ) އިހުލާސްތެރި ހިދުމަތުގެ މެޑެލް

މިއީ މެދުނުކެޑި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގެ އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ހިދުމަތް ކުރުމުގައި 15 (ފަނަރަ) އަހަރު ދެމިހުރި ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އިހުލާސްތެރި ހިދުމަތުގެ ކުލަ ލިބުމަށްފަހު މެދުނުކެނޑި 5 (ފަހެއް) އަހަރަށްވުރެ ކުރު ނޫން މުއްދަތެއްގައި ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ހިދުމަތްކުރި ފަރާތެއް؛ ނުވަތަ
  2. ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ލިބިފައިވާ އޮފިސަރުންގެ ތެރެއިން ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ހިދުމަތްކުރިކަން ފާހަގަ ކުރެވޭ ފަރާތެއް.

(މ) އޮފިސަރުންގެ ހިދުމަތުގެ މެޑެލް

މިއީ މެދުނުކެޑި 20 (ވިހި) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތް ކުރުމުން ލިބޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތު ފުރިހަމަވާ ފާރާތަކަށެވެ. ތިރީގައިވާ ށަރުތު ފުރިހަމަވެގެން މި މެޑެލް ދެވޭ ފަރާތެއް ކަނޑައަޅާނީ އެއޮފިސަރެއްގެ ޕާރސަނަލް ރެކޯޑަށް ބަލައި އިންސާފު ކުރެވިގެންނެވެ.

  1. މެދުނުކެޑި 20 (ވިހި) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތް ކޮށްފައިވާ ފަރާތެއް؛ ނުވަތަ
  2. އިހުލާސްތެރި ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް؛ ނުވަތަ
  3. ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް.

(ފ) އަހުލާގީ މެޑެލް

މިއީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި މެދުނުކެނޑި 15 (ފަނަރަ) އަހަރު ހިދުމަތްކޮށް، އަހުލާގީ ކުލަ ދެ ފަހަރު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާހަގަ ކުރެވޭ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، މެދުނުކެނޑި 15 (ފަނަރަ) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި އުޅެ، އަހުލާގީ ކުލަ ދެފަހަރު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހުލާގީ ފެންވަރު ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ ފަރާތްތަކަށެވެ.

 

 

ޖަދުވަލު 3 

އޮފިސަރުންނަށް ދެވޭ ށަރަފުގެ ކުލައިގެ ށަރުތުތައް

 

(ހ) ރައީސުލްޖުމްހޫރިއްޔާގެ ކުލަ

މި ކުލައަކީ، އޮފިސަރުންގެ ހިދުމަތް ހާއްސަގޮތެއްގައި ފާހަގަ ކުރެވިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އޮފިސަރުންގެ އެންމެމަތީ ކުލައެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. ކާމިޔާބީގެ ކުލަ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ކުލަ ދޭން ފެންނަ ފަރާތެއް؛
  2. ސަރުކާރަށާއި ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ހާއްސަ ހިދުމަތެއް ކުރި ކަމަށް ފާހަގަ ކުރެވޭ ފަރާތެއް؛
  3. ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިހުލާސްތެރި ހިދުމަތުގެ ކުލައާއި ހާއްސަ ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް.

(ށ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ

މިއީ މެދުނުކެނޑި 15 (ފަނަރަ) އަހަރުދުވަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި އުޅުމުން ލިބޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި މެދުނުކެނޑި 15 (ފަނަރަ) އަހަރު 
    ހިދުމަތްކޮށްފައިވާ ފަރާތަކަށްވުން؛
  2. ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތަކަށްވުން؛
  3. ކަނޑައަޅާފައިވާ މުއްދަތުގައި ރިކޯޑު ރަނގަޅު ފަރާތަކަށްވުން.

(ނ) ހިތްވަރުގަދަކަމުގެ ކުލަ 

މިއީ، ގައުމަށް ދިމާވާ އެކިއެކި ހާދިސާތަކުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ދިމާވާ ނުރައްކާތެރި ހާދިސާއެއްގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  2. ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ އަގުހުރި މުދަލެއް ސަލާމަތްކުރުމުގެ ގޮތުން ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  3. އާންމުންގެ މީހަކަށް ނުވަތަ ބަޔަކަށް ކުރިމަތިވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް؛
  4. އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.

(ރ) އިހްލާސްތެރި ހިދުމަތުގެ ކުލަ

މިއީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މެދުނުކެނޑި 10 (ދިހައެއް) އަހަރު ހިދުމަތްކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި މި ކުލަ ދެވޭނީ އެންމެ ފަހަރަކުއެވެ.

  1. ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް؛
  2. އަމިއްލަ ކަންތައްތަކަށްވުރެ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތަށް އިސްކަންދޭ ފަރާތެއް؛
  3. ހަވާލުކުރެވޭ ކަންކަމުގައި ހީވާގިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ފަރާތެއް؛
  4. ފަސްނުޖެހި ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރާ ކަމަށް ފާހަގަކުރެވޭ ފަރާތެއް.

(ބ) ހިދުމަތުގެ ކުލަ

މި ކުލައަކީ މެދުނުކެނޑި 10 (ދިހައެއް) އަހަރު ވަންދެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތް ކުރުމުން ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، އެއްފަހަރު، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. 10 (ދިހައެއް) އަހަރުދުވަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި އެކަށީގެންވާ ހިދުމަތެއް ކޮށްފައިވާ އޮފިސަރަކު ކަމުގައިވުން؛
  2. މި ކުލަ ދެވޭ ފަރާތެއްގެ ޕާރސަނަލް ރިކޯޑަށް ބަލައި އަންނަނިވި ނުކުތާތަކުގެ މައްޗަށް އިންސާފު ކުރަންވާނެއެވެ.
    • ޗުއްޓީ، ސަލާމް އަދި ގަޑި ޖެހުން (ގަވާއިދުން ލިބޭ ޗުއްޓީއާއި މަގުބޫލު އުޒުރެއް އޮވެގެން ބުނާ ސަލާމް ފިޔަވައި)؛
    • ށަރުއީ ނުވަތަ ގާނޫނީ ގޮތުން އަދަބެއް ލިބޭ ފަދަ އަމަލެއް ނުކުރުން؛
    • ގަވާއިދާ ހިލާފު ނުވުން؛

(ޅ) އަހުލާގީ ކުލަ

މިއީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި މެދުނުކެނޑި މަދުވެގެން 5 (ފަހެއް) އަހަރު ހިދުމަތް ކޮށްފައިވާ އަހުލާގު ރަނގަޅު މީހުންނަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ.

  1. ކުރެވޭ އަމުރުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ ފަރާތެއް؛
  2. ގަޑި، ސަލާމް އަދި ޗުއްޓީއަށް ބަލައި ތިރީގައިވާ މިންގަނޑު ފުރިހަމަވާ ފަރާތެއް؛
    * ގަޑި ޖެހުމުގެ މިންވަރު އަހަރަކު ސައްތައަކުން 5 އަށްވުރެ ގިނަނުވާ ފަރާތެއް؛
    * މަގުބޫލު އުޒުރެއް ނެތި ނަގާފައިވާ ޗުއްޓީއާއި ބުނެފައިވާ ސަލާމެއް ނެތުން؛
  3. ވޭތުވެދިޔަ 5 އަހަރުގެ ކުށުގެ ރިކޯޑުގެ ތެރޭގައި އަދަބެއްގެ ގޮތުން އެއްވެސް ކަހަލަ ބަންދެއް ކޮށްފައިވާ އޮފިސަރަކަށް ނުވުން؛
  4. އަހުލާގާއި ސުލޫކަށް ބެލުމުގައި، އޮފިސަރުންގެ މަސައްކަތުގައްޔާއި އަމިއްލަ ކަންކަމުގައި އެމީހެއްގެ އަމަލު ރަނގަޅު އޮފިސަރަކަށްވުން.

(ކ) ހާއްސަ ހިދުމަތުގެ ކުލަ

މި ކުލައަކީ، ހާއްސަ ގޮތެއްގައި ފާހަގަ ކުރެވޭ ހިދުމަތެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އާންމު ގޮތެއްގައި ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރަށް ހަވާލުކުރެވޭ ހާއްސަ މަސައްކަތްތައް ފާހަގަކޮށްލެވޭފަދަ ރަނގަޅު ފެންވަރެއްގައި ކުރި ފަރާތެއް؛
  2. ފާހަގަ ކޮށްލެވޭ ހާއްސަ ހިދުމަތެއް ކަމަށް ބެލެވޭ ފަދަ ހިދުމަތެއް ކުރި ފަރާތެއް؛
  3. އަމިއްލައަށް ފެނި އަދި އިސްނަގައިގެން އޮފިސަރުން ތަރައްގީ ކުރުމުގެ ގޮތުން ހާއްސަ މަސައްކަތެއް ކުރިކަން ފާހަގަވުން.

(އ) ކާމިޔާބުގެ ކުލަ

މިއީ، އެ އޮފިސަރެއްގެ ހިންމަތާއި މިންނަތުން ހޯދާ ކާމިޔާބީއެއްގެ ސަބަބުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ ދިވެހިރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައިދިން ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެ މީހަކާ އެއްވަރު ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ބައެއްގެ މެދުގައި ކުރެވޭ މަސައްކަތެއްގައި އެފަދަ އެހެން މީހުންނާ ހިލާފަށް ކާމިޔާބެއް ހޯދި ފަރާތެއް؛
  2. ބޭރު ގައުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ގޮތަކުން ނުވަތަ އެމީހާގެ އަމިއްލަ ހިންމަތާއި މިންނަތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ ރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައި ދިން ފަރާތަކަށްވުން.

(ވ) ހުނަރުވެރިކަމުގެ ކުލަ

މިއީ، ތަފާތު އަމަލީ އަދި ފަންނީ މަސައްކަތްތަކުގައި އާދަޔާ ހިލާފު ހުނަރުވެރިކަމެއް ހުރި ފަރާތަކަށްދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެ މީހަކު މަސައްކަތްކުރާ ދާއިރާގައި ފާހަގަ ކުރެވޭފަދަ ކުޅަދާނަކަމެއް ލިބިފައިވުމާއެކު، އެކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ފަރާތަކަށްވުން؛
  2. އަމިއްލަ ހިޔާލުން ނުވަތަ އަމިއްލަ މަސައްކަތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ މުޖުތަމައަށް ބޭނުންތެރި އެއްޗެއް އީޖާދުކުރި ނުވަތަ އުފެއްދި ފަރާތަކަށްވުން.

(މ) ހެވިކަމުގެ ކުލަ

މި ކުލަ ދެވޭނީ، އޮފިސަރުން ތަރައްގީކޮށް ކުރިއެރެވުމަށް ހިންގޭ ހެވިކަމުގެ ހަރަކާތްތަކުގައި  ވިދިވިދިގެން 3 (ތިނެއް) އަހަރު ވަނައެއް ހޯދި ފަރާތަކަށެވެ. މި ކުލަ ދެވޭނީ، ހެވިކަމުގެ ރޮނގުން ވިދިވިދިގެން ތިން އަހަރު، 1 ވަނަ 2 ވަނަ 3 ވަނައިގެ ތެރެއިން ވަނައަކަށް ހޮވިފައިވާ ފަރާތަށެވެ. އެއްފަހަރު ނުވަތަ ދެފަހަރަށް ރަތް ވަނައެއް ހާސިލުކޮށްފައިވާ ފަރާތެއް ރަސްމީކަމެއްގައި އުޅެންޖެހުމުގެ ސަބަބުން މިފަދަ މުބާރާތުގައި ބައިވެރި ނުވެވުނު ކަމުގައި ވިޔަސް އެމީހަކަށް ލިބިފައިވާ ރަތް ވަނަ މެދެއް ނުކެނޑޭނެއެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހް

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން (ކޮންސޮލިޑޭޓެޑް ނަންބަރު 2015-131)

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2013-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު