ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-17)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 މާރިޗު 2026 ގައި)
(މި ގަވާއިދުގެ 25 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2023-99 އުވާލެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ހުޅުމާލެއަކީ ޕްލޭންކުރެވި ސަރަހައްދު އޮންނަންޖެހޭ ގޮތުގެ މާސްޓަރޕްލޭނެއް އެކުލަވައިލައިފައިވާ ހާއްސަ ސަރަހައްދެއް ކަމުގައިވާތީ، އެ ޕްލޭން ތަންފީޒުކުރުމަށް ޓަކައި، އާންމު ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމުގައި އަމަލުކުރަންޖެހޭ ޑިވެލޮޕްމަންޓް ކޮންޓްރޯލްސް ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކޮށް، އެ ކޮންޓްރޯލްތައް ކަނޑައަޅައި ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2024-16 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް ތަރައްގީކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުމާއި، ތަރައްގީކުރެވޭނެ މިންގަނޑުތައް ބަޔާންކޮށް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާތައް
މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަން ހިނގާނީ، އާންމު ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކަށެވެ. ހުޅުމާލޭގެ އެކިއެކި ސަރަހައްދު (ނެއިބަރހުޑް) ތަކުގައި އިމާރާތްކުރުމުގައި އަމަލުކުރާނެ މިންގަނޑު ތަފާތުވުމުން، މި ސަރަހައްދުތައް ކަނޑައަޅައިފައިވާ ގޮތް އަންގައިދޭ ޗާޓު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.
ދެވަނަ ބާބު
ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން
4 ވަނަ މާއްދާ - ގޯތީގެ އިންވަކިކުރުން
(ހ) ހުޅުމާލެއިން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ރަޖިސްޓަރީގައިވާ ނުވަތަ އެގްރީމަންޓުގައިވާ މިންތަކަށް ގޯތީގެ އިން ވަކިކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން (އެޗް.ޑީ.ސީ.) އިން ކަޑަ ޖަހައިދޭނެއެވެ.
(ށ) ވެރިފަރާތުން ނުވަތަ ގޯއްޗާ ހަ ވާލުވި ފަރާތުން ގޯތި ނުބެލެހެއްޓުމުގެ ސަބަބުން ނުވަތަ އެ ނޫން ގޮތަކަށް ގޯތީގެ އިން ވަކިކުރުމަށް ޖަހައިފައިވާ ކަޑަ ވެއްޓިއްޖެ ހާލަތެއްގައި ނުވަތަ ގެއްލިއްޖެ ހާލަތެއްގައި އެޗ.ްޑ.ީސީއަށް ލިޔުމުން ހުށަހެޅުމުން، އަލުން ކަޑަ ޖަހައިދޭނެއެވެ.
(ނ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން ރަޖިސްޓަރީ ނުވަތަ އެގްރީމަންޓުގައިވާ މިންތަކާއި ގޯތީގެ މިންތަކާ ދިމާވޭތޯ، ގޯތީގެ ވެރިފަރާތުން ނުވަތަ އިމާރާތްކުރާ ފަރާތުން ބަލަންވާނެއެވެ.
5 ވަނަ މާއްދާ - އިމާރާތުގެ ކުރެހުން ފާސްކުރުމާއި ކުރެހުމަށް ބަދަލުގެނައުން
އެޗް.ޑީ.ސީ.އަކީ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާތީ، ހުޅުމާލޭގައި ކުރާ އިމާރާތްތަކުގެ ކުރެހުންތައް ފާސްކުރުމާ ގުޅޭ އެންމެހައި ހުއްދަތައް ހޯދަންވާނީ އެޗް.ޑީ.ސީ. އިންނެވެ. އަދި އެ ހިދުމަތްތައް ހޯދުމަށް ހުށަހެޅޭނީ އެޗް.ޑީ.ސީ.ގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
6 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދަ ހޯދުން
ހުޅުމާލޭގައި އެއްވެސް އިމާރާތެއް ކުރަން ފަށަންވާނީ، އިމާރާތްކުރުމުގެ ހުއްދައަށް އެދި އެޗް.ޑީ.ސީ.އަށް ހުށަހަޅައި ހުއްދަ ހޯދުމަށް ފަހުގައެވެ.
(ށ) އިމާރާތްކުރުމުގެ ހުއްދައާއި އިމާރާތްކުރުމާ ގުޅޭ އެހެނިހެން ހުއްދަތައް ދޫކުރާނީ، އިމާރާތުގެ ކުރެހުން އެޗް.ޑީ.ސީ.އަށް ހުށަހަޅައި، ފާސްކުރުމުންނެވެ.
7 ވަނަ މާއްދާ - އިމާރާތް ބޭނުންކުރެވޭނެ ގޮތް
ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ދޫކޮށްފައިވަނީ އާންމު ދިރިއުޅުމުގެ ބޭނުމަށެވެ. ނަމަވެސް، އިމާރާތުގެ އުސްމިނަށް ބަލައި، އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރެވޭނެ ގޮތް ތިރީގައި މިވަނީއެވެ.
(ހ) 5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ނުވަތަ އެޔަށް ވުރެ ތިރިކޮށް ހަދާ އިމާރާތްތަކުގައި ހަދާ ބޭސްމަންޓާއި، ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) އާއި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) އާއި، އަދި މެޒަނިން ފްލޯރ (ގްރައުންޑް ފްލޯރއާއި ފަސްޓް ފްލޯރގައި) ހިމެނޭ ނަމަ، މެޒަނިން ފްލޯރގައި ދިރިއުޅުން ނޫން ބޭނުންތަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭނުންކުރެވިދާނެއެވެ.
(ށ) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް ހަދާ އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރަންވާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.
- 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް ހަދާ އިމާރާތްތަކުގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) އެއްކޮށް ހާއްސަކުރަންވާނީ ޕާކިންގގެ ބޭނުމަށެވެ. އަދި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) ހާއްސަކުރަންވާނީ ދިރިއުޅުންނޫން އެހެން ބޭނުމަކަށެވެ. މިގޮތުން، ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) އާއި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) ދިރިއުޅުމުގެ ބޭނުމަކަށް ހުއްދައެއް ނުދެވޭނެއެވެ. ނުވަތަ؛
- 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް ހަދާ އިމާރާތްތަކުގައި ބޭސްމަންޓެއް ހިމަނައި، އަދި މުޅި ބޭސްމަންޓް ބޭނުންކުރަނީ ޕާކިންގއަށް ކަމުގައި ވާ ނަމަ، އިމާރާތުގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) ޕާކިންގގެ އިތުރުން ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ބޭނުންކުރެވިދާނެއެވެ. އަދި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) ހާއްސަކުރަންވާނީ ދިރިއުޅުންނޫން އެހެން ބޭނުމަކަށެވެ. ބޭސްމަންޓުގައި ޕާކިންގއެއް ހިމެނިކަމުގައި ވިޔަސް، އިމާރާތުގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) އާއި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) ދިރިއުޅުމުގެ ބޭނުމަކަށް ހުއްދައެއް ނުދެވޭނެއެވެޕާކިންގގެ ގޮތުގައި ބޭސްމަންޓް ބޭނުންކުރަންވާނީ ގޯތީގެ ފުޓްޕްރިންޓަށް ކަނޑައެޅިފައިވާ އޭރިޔާއާ އެއްވަރަށެވެ.
(ނ) ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ބައެއްގައި ނުވަތަ ފަންގިފިލާއެއްގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުން ހުއްދައެއް ނުވާނެއެވެ.
- ސިނާއީ މަސައްކަތް؛
- އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅ/ޭރައްކައުކުރެވޭ ތަންތަން ހެދުން؛
- އާންމުންނަށް އުނދަގޫވާވަރަށް އަޑުގަދަވާ ކަންތައްތަކާއި، ވަސްދުވާ ކަންތައްތައް؛
- ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާ ފަދަ މަސައްކަތްތައް؛
- ގުދަންކުރުން (ވެއަރހައުސް، ސްޓޯރޭޖް ފަދަ ބޭނުންތަކަށް)؛.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރަންވާނީ ކުރެހުމުގައި މި ބައި ހިމަނައި، ކުރެހުން ފާސްކޮށް، އެޗް.ޑީ.ސީ. އިން ހުއްދަ ހޯދުމަށްފަހުގައެވެ.
(ބ) އިމާރާތްކުރުމުގެ މަސައްކަތް ނިމިފައި އަދި މިހާރު ބޭނުންކުރަމުންދާ އިމާރާތްތަކުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ފަންގިފިލާތައް ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ބަދަލުކުރަންވާނީ މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސް، ކުރެހުން ފާސްކޮށް، އެޗްޑީސީއިން ހުއްދަ ހޯދުމަށްފަހުގައެވެ.
(ޅ) އިމާރާތުގައި ބޭސްމަންޓެއް ހަދާ ނަމަ ބޭސްމަންޓުގެ ގޮތުގައި ހެދޭ އޭރިޔާގެ ތެރެއިން ފްލޯ ސްޕޭސް އިންޑެކްސް (އެފްއެސްއައި) ގެ ތެރޭގައި ނުހިމެނޭނީ އަންނިވި ބޭނުންތަކަށް ދޫކުރާ އޭރިޔާ އެކަންޏެވެ.
- ޕާކިންގ؛
- ޔުޓިލިޓީސްއާއި މެއިންޓެނަންސް ސަރވިސް.
(ކ) މި މާއްދާގެ (1) ގެ (d) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެނިހެން ބޭނުންތަކަށް، ބޭސްމަންޓް ބޭނުންކުރާ ނަމަ އެފަދަ ޖާގަތައް އެފ.އެސް.އައި.ގެ ތެރޭގައި ހިމެނޭނެއެވެ.
(އ) ގަވާއިދު ނަންބަރު 2013-557 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅާ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ހިދުމަތް ފޯރުކޮށްދޭ ފަދަ ތަނެއް އިމާރާތުގައި ގާއިމުކުރާ ނަމަ، މިފަދަ ބަޔަކަށް ވަނުމަށް ހަދާ ރޭމްޕް ހުންނަންވާނީ ބުނެވިދިޔަ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.
(ވ) ތިރީ ފަންގިފިލާ އާއި، ފުރަތަމަ ފަންގިފިލާގައި ފިހާރައެއް ނުވަތަ އާންމު ހިދުމަތް ފޯރުކޮށްދޭ ތަނެއް ހަދާ ނަމަ، ހަދަންވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޖާގަތަކަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް ރޭމްޕް ލައިފައެވެ. އަދި ދޮރުގެ ފުޅާމިން ހުންނަންވާނީ ގަވާއިދު ނަންބަރު 2013-557 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅާ ގަވާއިދު) އާ އެއްގޮތްވާ ގޮތަށެވެ.
(މ) ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައި ހުންނަ ގޯތިތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަން ފެށުމުގެ ކުރިން ވަގުތީ ގޮތުން ބިން ބޭނުންކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. ނަމަވެސް މި މާއްދާގެ (1) ގެ ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، ހުސް ބިމެއްގައި ކޮށްގެން ނުވާނެއެވެ. މިގޮތަށް ވަގުތީ ގޮތުން ބިން ބޭނުންކުރަންވާނީ ގޯތީގެ އިންފާރު ރާނައި، ވަގުތީ ގޮތުން ބިމުގައި ކުރާ ބޭނުމަށް އެދި އެޗް.ޑީ.ސީ އަށް ހުށަހަޅައި ހުއްދަ ހޯދުމަށްފަހުގައެވެ.
(ފ) ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ދޫކޮށްފައި ހުންނަ ގޯތިތަކުގައި ހަދާ އިމާރާތްތަކުގައި، ކޮމިއުނިކޭށަން ބޭނުމަށް ޓަވަރާއި އެންޓަނާ އާއި ސެޓެލައިޓް ޑިށް ފަދަ ތަކެތި ބަހައްޓަންވާނީ އެފަދަ ތަކެތި ބެހެއްޓުމަށް އެދި އެޗް.ޑީ.ސީ އަށް ލިޔުމުން ހުށަހަޅައި ހުއްދަ ހޯދައިގެންނެވެ.
ތިންވަނަ ބާބު
އިމާރާތް ފަރުމާކުރުން
8 ވަނަ މާއްދާ - ތަޅުމުގެ ޖުމުލަ އޭރިޔާ (ޖީއެފްއޭ) އާއި، ފްލޯ ސްޕޭސް އިންޑެކްސް (އެފްއެސްއައި) އާއި، އޯޕަން ސްޕޭސް
(ހ) ތަޅުމުގެ ޖުމުލަ އޭރިޔާ ގްރޮސް ފްލޯ އޭރިޔާ) އަކީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެފްއެސްއައި.ގައި ނުހިމެނޭ ބައިތައް ފިޔަވައި ދެންހުރި ބައިތަކުގެ ޖުމުލަ އޭރިޔާއެވެ.
(ށ) ފްލޯ ސްޕޭސް އިންޑެކްސް (އެފްއެސްއައި) އަކީ ގޯތީގެ އޭރިޔާއާއި، ތަޅުމުގެ ޖުމުލަ އޭރިޔާއަށް ރިއާޔަތްކޮށް ހިޔާކުރެވޭ މިންވަރެވެ. މިގޮތުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ހަދާ އިމާރާތްތަކުގެ ފްލޯ ސްޕޭސް އިންޑެކްސް، ތިރީގައިވާ ތާވަލުގައި މިވަނީއެވެ.
ނެއިބަރހުޑް |
ގޯތީގެ ބޮޑުމިން (އަކަފޫޓުން) |
އެފް.އެސް.އައި |
| ނެއިބަރހުޑް 9 | 1,250 (އެއްހާސް ދުއިސައްތަ ފަންސާސް) ގެ 2,050 (ދެހާސް ފަންސާސް) އާ ދެމެދު | 4.9 |
| 2,051 (ދެހާސް ފަންސާސް އެކެއް) އާއި 3,000 (ތިން ހާސް) އާ ދެމެދު | 5.3 | |
| 3,001 (މިތިން ހާސް ދޭތި) ގެ 4,000 (ހަތަރު ހާސް) ގެ ދެމެދު | 5.7 | |
| 4,001 (ހަތަރު ހާސް ދޭތި) ގެ 6,000 (ހަ ހާސް) ގެ ދެމެދު | 5.7 |
(ނ) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ހަދާ އިމާރާތްތަކުގެ ފްލޯ ސްޕޭސް އިންޑެކްސް ތިރީގައިވާ ތާވަލުގައި މިވަނީއެވެ.
ނެއިބަރހުޑް |
ގޯތީގެ ބޮޑުމިން (އަކަފޫޓުން) |
އެފް.އެސް.އައި |
| ނެއިބަރހުޑް 1 އާއި، ނެއިބަރހުޑް 2 އާއި ނެއިބަރހުޑް 3 |
1,250 (އެއްހާސް ދުއިސައްތަ ފަންސާސް) އަށް ވުރެ ކުޑަ __________________________________________ 1,251 (އެއްހާސް ދުއިސައްތަ ފަންސާސް އެކެއް) އަށް ވުރެ ބޮޑު |
6.2 __________ 6.5 |
| ނެއިބަރހުޑް 4 އާއި، ނެއިބަރހުޑް 5 އާއި، ނެއިބަރހުޑް 6 އާއި، ނެއިބަރހުޑް 7 އާއި، ނެއިބަރހުޑް 8 | 1،250 (އެއްހާސް ދުއިސައްތަ ފަންސާސް) އާއި 2050 (ދެހާސް ފަންސާސް) އާ ދެމެދު | 6.7 |
| 2051 (ދެހާސް ފަންސާސް އެކެއް) އާއި 3,000 (ތިން ހާސް) އާ ދެމެދު | 7.2 | |
| 3،001 (ތިން ހާސް އެކެއް( އާއި 4,000 (ހަތަރު ހާސް) އާ ދެމެދު | 7.3 | |
| 4,001 (ހަތަރު ހާސް އެކެއް) އާއި 6,000 (ހަ ހާސް) އާ ދެމެދު | 7.8 | |
| 6,001 (ހަ ހާސް އެކެއް) އާއި 8,000 (އަށް ހާސް) އާ ދެމެދު | 8.0 |
(ރ) ފްލޯ ސްޕޭސް އިންޑެކްސް: (އެފް.އެސް.އައި) = ތަޅުމުގެ ޖުމުލަ އޭރިއާ (ޓީ.އެފް.އޭ) ގޯތީގެ އޭރިޔާ
(ބ) ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަކީ އެފް.އެސް.އައިގެ ތެރޭގައި ނުހިމެނޭ ބައިތަކެވެ.
- ސަރވިސަސް ޑަކްޓް؛
- ލިފްޓް ގޮޅިތައް؛
- އެންމެ މަތީ ފަންގިފިލާގެ ސިޑިގޮޅިއާއި ލިފްޓް/މެށިން ރޫމް ހިޔާކުރާ ބައި؛
- ބޭސްމަންޓް ޕާކިންގ އާއި، ޔުޓިލިޓީސް/މެއިންޓެނަންސް ސަރވިސްގެ ގޮތުގައި ބޭނުންކުރާ ބައި؛
- މަތި ހިޔާނުކުރާ ވައިގޮޅި.
(ޅ) ވަކި ގޯތިތަކުގެ ރަޖިސްޓަރީ އެއްގޯއްޗަކަށް ރަޖިސްޓަރީކުރުމުން، ގޯތީގެ އެފް.އެސް.އައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޯތީގެ އޭރިޔާއަށް ވުރެ ބޮޑުވާ ނަމަ، މިފަދަ ގޯތިތަކުގެ އެފް.އެސް.އައި ކަނޑައަޅާނީ އެޗް. ޑީ.ސީ.އިންނެވެ. އަދި މި ގޯތިތަކުގެ އެފް.އެސް.އައި ހޯދުމަށް، އިމާރާތުގެ ކުރެހުން ފާސްކުރުމުގެ ކުރިން އެޗް.ޑީ.ސީ.އަށް ލިޔުމުން ހުށަހަޅައި، ހުއްދަ ހޯދަންވާނެއެވެ.
(ކ) ގޯއްޗެއް ބައިކޮށްގެން ވަކިވަކި ރަޖިސްޓަރީ ހެދުމުން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޯތީގެ އޭރިޔާ، ވުރެ ކުޑަ ނަމަ، މިފަދަ ގޯތިތަކުގެ އެފް.އެސް.އައި ކަނޑައަޅާނީ އެޗް.ޑީ.ސީ.އިންނެވެ. އަދި މި ގޯތިތަކުގެ އެފް.އެސް.އައި ހޯދުމަށް، އިމާރާތުގެ ކުރެހުން ފާސްކުރުމުގެ ކުރިން އެޗް.ޑީ.ސީ.އަށް ލިޔުމުން ހުށަހަޅައި، ހުއްދަ ހޯދަންވާނެއެވެ.
9 ވަނަ މާއްދާ - ސެޓްބެކް ޕްލޭނާއި ސެޓްބެކް
(ހ) ހުޅުމާލޭގެ ނެއިބަރހުޑްއަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބޭނުންކުރުން ގޯތިތައް އިމާރާތްކުރަންވާނީ އެ ގޯއްޗަށް ކަނޑައަޅައިފައިވާ ސެޓްބެކް ޕްލޭނާ އެއްގޮތަށެވެ.
(ށ) ހުޅުމާލޭގައި ދިރިއުޅުމަށް ހުޅުމާލެއިން ދޫކުރާ ގޯތިތަކުގެ ސެޓްބެކް ޕްލޭން، އެޗް.ޑީ.ސީ.ގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާނެއެވެ. އަދި މި ސެޓްބެކް ޕްލޭނުގައި ކޮންމެ ގޯއްޗެއްގެ ސެޓްބެކުގެ ގޮތުގައި ދޫކުރަންޖެހޭނެ ވަރު. އަދި ސެޓްބެކް ދޫކުރާނެ ފަޅި. އެނގޭނޭހެން ބަޔާންކޮށްފައިވާނެއެވެ.
(ނ) ކޮންމެ ގޯއްޗެއްގެ އިމާރާތުގެ، މޫނުމަތީ ފަރާތުގެ ގޮތުގައި ބަލާނީ މަގާވީ ފަޅިއަށް 1 (އެކެއް) މީޓަރު ސެޓްބެކް ދެވިފައިވާ ފަޅިއެވެ.
(ރ) ކަންމައްޗަށްވާ ގޮތަށް ހުންނަ ގޯތިތަކުގެ ކުރިމަތީ ސެޓްބެކަކީ މަގާވީ ފަޅިއަށް 1 (އެކެއް) މީޓަރުގެ ސެޓްބެކް ދީ، ދީފައިވާ ފަޅިއެވެ.
(ބ) ނެއިބަރހުޑް 1 ގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ފަހަތު ސެޓްބެކަށް އިމާރާތުގެ އެއްވެސް ބައެއް ނުނެރެވޭނެއެވެ. އެހެންނަމަވެސް، ފުރާޅުގެ އަސްކަނި، ދިޔަދޮވި، ދިޔަދޮވިހޮޅި، އޭސީ އައުޓްޑޯރ ޔުނިޓް، އިމާރާތުގެ އިމުން ފެށިގެން 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށް ވުރެ އިތުރުނުވާނޭހެން ފަހަތު ސެޓްބެކަށް ނެރެވިދާނެއެވެ.
(ޅ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފަދައިން ނެއިބަރހުޑް 1 ގައި ދެ މަގު ގުޅޭ ކަންމައްޗަށް ހުންނަ ގޯއްޗެއްގައި ހަދާ އިމާރާތްތަކުގެ ހަތަރެސްކަން ހަމަކުރުމަށް ދުވާރުން ފެށިގެން 11.8 (އެގާރަ ޕޮއިންޓް އަށެއް) މީޓަރު މަތިން ހަތަރެސްކަން ހަމަވާގޮތަށް ނެރެވިދާނެއެވެ. އަދި މިގޮތުން ނެރޭ ބައި، ބެލްކަނީގެ ގޮތުގައި، ނުވަތަ އިމާރާތުގެ ބައެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ.
(ކ) ނެއިބަރހުޑް 1 ގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ކަންމަތީ ގޯތިތަކުގެ އެންމެ މަތީގައި ހަދާ ރޫފްލެބް ނުވަތަ ކަތިފުރާޅު ނުވަތަ ތިރިފުރާޅުގެ އަސްކަންޏާއި ދިޔަދޮވި އަދި ދިޔަދޮވިހޮޅި ނެރޭ ނަމަ ނެރެންވާނީ އިމާރާތުގެ އިމުން ފެށިގެން 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރަށް ވުރެ އިތުރުނުވާނޭހެންނެވެ.
(އ) މި ގަވާއިދުގެ ޖަދުވަލު 3 އާއި ޖަދުވަލު 4 ގައިވާ ކަންމަތީ ގޯތިތަކުގެ (އަރިމަތީ ސެޓްބެކް ނުހުންނަ ގޯތިތަކުގެ) ތެރެއިން ޓިޕިކަލް ލޭއައުޓް 2 ގެ ގޮތުގައި ހުންނަ ގޯތިތަކުގެ އަރިމަތީ ސެޓްބެކާއި ފަހަތު ސެޓްބެކަށް އިމާރާތުގެ އެއްވެސް ބައެއް ނުނެރެވޭނެއެވެ. އެހެންނަމަވެސް ފުރާޅުގެ އަސްކަނި، ދިޔަދޮވި އަދި ދިޔަދޮވިހޮޅިއާއި އޭސީ އައުޓްޑޯރ ޔުނިޓް އިމާރާތުގެ އިމުން ފެށިގެން އަރިމަތީ ސެޓްބެކަށާއި ފަހަތު ސެޓްބެކަށް 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށް ވުރެ އިތުރުނުވާނޭހެން ނެރެވިދާނެއެވެ.
(ވ) މި ގަވާއިދުގެ ޖަދުވަލު 3 އާއި ޖަދުވަލު 4 ގައިވާ ކަންމަތީ ގޯތިތަކުގެ ތެރެއިން ޓިޕިކަލް ލޭއައުޓް 1 ގޮތުގައި ހުންނަ ގޯތިތަކުގެ (އަރިމަތީ ސެޓްބެކް ހުންނަ ގޯތިތައް) އަރިމަތީ ސެޓްބެކުގެ %80 (އަށްޑިހަ އިންސައްތަ) (މަގާވީފަޅި) ފުޅާމިނުގެ ތެ ރެއަށް 1 (އެކެއް) މީޓަރަށް ވާވަރަށް ޕޭވްމަންޓް ލެވެލް/ބިންމަތިން ފެށިގެން 3 (ތިނެއް) މީޓަރު މަތިން ނެރެވިދާނެއެވެ. މިގޮތުން، ސެޓްބެކް ތެރެއަށް ނެރޭބައި ބެލްކަ ނީގެ ގޮތުގައި ނުވަތަ އިމާރާތުގެ ބައެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ. އަދި އަރިމަތީ ސެޓްބެކަށް އިމާރާތް 1 (އެކެއް) މީޓަރަށް ނެރެފައިވާ ނަމަ، އަސްކަންޏާއި ދިޔަދޮވި އަދި ދިޔަދޮވިހޮޅި ނެރޭ ނަމަ ނެރެންވާނީ، އިމާރާތުގެ އިމުން ފެށިގެން 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރަށް ވުރެ ބޮޑުނުވާވަރަށެވެ.
(މ) މި ގަވާއިދުގެ ޖަދުވަލު 3 އާއި ޖަދުވަލު 4 ގައިވާ (ކަންމަތީ ގޯތިތައް ފިޔަވައި އެހެން ގޯތިތައް) ސްޓޭންޑަރޑް ޕްލޮޓްސްގެ އަރިމަތީ ސެޓްބެކަށާއި ފަހަތު ސެޓްބެކަށް އިމާރާތުގެ އެއްވެސް ބައެއް ނުނެރެވޭނެއެވެ. އެހެންނަމަވެސް ފުރާޅުގެ އަސްކަނި، ދިޔަދޮވި އަދި ދިޔަދޮވިހޮޅިއާއި އޭސީ އައުޓްޑޯރ ޔުނިޓް، އިމާރާތުގެ އިމުން ފެށިގެން އަރިމަތީ ސެޓްބެކަށާއި ފަހަތު ސެޓްބެކަށް 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށް ވުރެ އިތުރުނުވާނޭހެން ނެރެވިދާނެއެވެ. އަދި އަސްކަންޏާއި ދިޔަދޮވި އަދި ދިޔަދޮވިހޮޅި ނެރޭ ނަމަ ނެރެންވާނީ، އިމާރާތުގެ އިމުން ފެށިގެން 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރަށް ވުރެ ބޮޑުނުވާވަރަށެވެ.
(ފ) އިމާރާތުގެ ކުރިމަތީ ފުޅާމިނަށް ވާވަރު، އިމާރާތުގެ ކުރިމަތީ ސެޓްބެކުގެ ތެރެއަށް ޕޭވްމަންޓް ލެވެލް/ބިންމަތިން ފެށިގެން 3 (ތިނެއް) މީޓަރު މަތިން އިމާރާތް ނެރެވިދާނެއެވެ. މިގޮތުން، ސެޓްބެކުގެ ތެރެއަށް ނެރޭބައި ބެލްކަނީގެ ގޮތުގައި ނުވަތަ އިމާރާތުގެ ބައެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ. އަދި ކުރިމަތީ ސެޓްބެކަށް ނެރެފައިވާ ބަޔަށް އަސްކަންޏާއި ދިޔަދޮވި އަދި ދިޔަދޮވީގެހޮޅި ނެރޭ ނަމަ ނެރެންވާނީ، އިމާރާތުގެ އިމުން ފެށިގެން 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރަށް ވުރެ ބޮޑުނުވާވަރަށެވެ.
(ދ) އިމާރާތުގެ ކުރިމަތީ ސެޓްބެކަށް، ޕޭވްމަންޓް ލެވެލް/ބިންމަތިން ފެށިގެން 3 (ތިނެއް) މީޓަރާ ހަމަޔަށް ކެނޮޕީ ފަދަ ރޫޅައިލެވޭ ތަކެތި ބޭނުންކޮށްގެން ހިޔާކުރެވިދާނެއެވެ. މިފަދަ ހިޔާގަނޑެއް ހަރުލެއްވުމަށް ތަނބު، ދަގަނޑުހޮޅި ފަދަ އެއްވެސް ސަޕޯޓެއް ބިމަށް ޖަހައިގެން ނުވާނެއެވެ. އަދި ހިޔާގަނޑާއި، އެ ހަރުކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ގޯތީގެ އިމަށް ވުރެ ބޭރަށް ނެރެފައި ހުރެގެން ނުވާނެއެވެ.
(ތ) އިމާރާތުގެ ބޭރުގައި (އެކްސްޓީރިއަރ) ގައި ޑެކަރޭޓިވް ބޯޑަރެއް ލާ ނަމަ ނުވަތަ ކްލެޑިންގ ޖަހާ ނަމަ، އިމާރާތުގެ އިމުން ފެށިގެން 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
(ލ) އަރިމަތީ ސެޓްބެކަށާއި ފަހަތު ސެޓްބެކަށް ބިންމަތީ ބައިގެ (ގްރައުންޑް ފްލޯރގެ) ހުޅުވޭ ދޮރު، އަވިންނާއި ވިއްސާރައިން ނިވައިކުރުމަށް ޓަކައި ވަގުތީ ނުވަތަ ފަސޭހައިން ރޫޅައިލެވޭ ގޮތަށް ހިޔާކުރެވިދާނެއެވެ. މިގޮތަށް ހެދޭ ހިޔާގަނޑު، އިމާރާތުގެ އިމުން ފެށިގެން 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށް ވުރެ ބޭރުވެގެން ނުވާނެއެވެ. މިގޮތަށް ހަރުކުރެވޭ ހިޔާގަނޑުގެ ފުޅާމިން، ދޮރުގެ ފުޅާމިނުގެ އިތުރުން، ފަރާތަކުން 0.25 (ސުމެއް ޕޮއިންޓް ދޭއް ފަހެއް) މީޓަރު ބޭރަށް، މި ގަވާއިދުގެ ޖަދުވަލު 9 ގައިވާ ފަދައިން ނެރެވިދާނެއެވެ.
(ގ) ބިންމަތީ ބައިގެ (ގްރައުންޑް ފްލޯރގެ) ސެޓްބެކުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ތަންތަން 0.3 (ސުމެއް ޕޮއިންޓް ތިނެއް) މީޓަރަށް ވުރެ އުސްނުވާ ގޮތަށް ހެދިދާނެއެވެ. އަދި ސެޓްބެކުގައި މިގޮތަށް ހެދޭ ތަންތަން އެފް.އެސް.އައި.ގެ ތެރެޔަކު ނުހިމެނޭނެއެވެ.
- ޕްލާންޓަރ ބޮކްސް؛
- އަށި.
(ޏ) އިމާރާތުގައި ބިމުގެ އަޑިއަށް ފައްތައިފައިވާ ޕޫލެއް ހަދާ ނަމަ ހަދަންވާނީ، އިމާރާތުގެ ސެޓްބެކް ޕްލޭނާ އެއްގޮތަށް ސެޓްބެކް ދޫކޮށްފައި، އިމާރާތްކުރުމަށް ހުއްދަ ދެވިފައިވާ ޖާގައިގެ (ބިލްޑަބަލް އޭރިޔާގެ) ތެރޭގައެވެ. އަދި މި ޖާގަ، އިމާރާތުގެ އެފް.އެސް.އައި.ގެ ތެރޭގައި ހިމެނޭނެއެވެ.
(ސ) ގޯތީގެ އަރިމަތީ އިމުގައި ގޯޅިއާއި މަގަށްވާ ގޮތަށް ބަހައްޓާ ދޮރު ހުންނަންވާނީ، އިންފާރަށް ވުރެ، މަދުވެގެން 0.6 (ސުމެއް ޕޮއިންޓް ހައެއް) މީޓަރު އެތެރެއަށްވާ ގޮތަށެވެ.
(ޑ) ގޯއްޗެއް ބައިކޮށްގެން ވަކިވަކި ރަޖިސްޓަރީ ހެދިކަމުގައި ވިޔަސް، ގޯތީގެ ސެޓްބެކް ހުންނަންވާނީ، އެ ގޯއްޗަކަށް އެޗް.ޑީ.ސީ.އިން ކަނޑައަޅައިފައިވާ ގޮތަށެވެ.
(ޒ) ނެއިބަރހުޑް 1 ގައިވާ ގޯއްޗެއް ދިގަށް ނުވަތަ ހުރަހަށް ބަހާކަމުގައިވާ ނަމަ އަމަލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 14 ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ޓ) ނެއިބަރހުޑް 1 ފިޔަވައި އެހެން ނެއިބަރހުޑްތަކުގައިވާ ގޯތިތައް ދިގަށް ނުވަތަ ހުރަހަށް ބަހާކަމުގައި ވާ ނަމަ އަމަލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ޔ) ވަކި ގޯތިތަކުގެ ރަޖިސްޓަރީ އެއްގޯއްޗަކަށް ރަޖިސްޓަރީކުރުމުން އައު ސެޓްބެކް ޕްލޭނެއް ދެވޭނެއެވެ. އަދި މިގޮތުން، ނެއިބަރހުޑް 1 ފިޔަވައި އެހެން ނެއިބަރހުޑްތަކުން ދޫކޮށްފައި ހުރި ގޯތިތަކުގެ އަރިމަތީ ސެޓްބެކް ގުޅޭހެން ވަކިވަކި ގޯތިތައް އެއްކުރުމުގައި އަމަލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 17 ގައި ކަނޑައަޅައިފައިވާ ގޮތަށެވެ. އަދި ނެއިބަރހުޑް 1 އިން ދޫކޮށްފައިވާ ގޯތިތައް އެއްކުރުމުގައި އަމަލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 16 ގައި ކަނޑައަޅައިފައިވާ ގޮތަށެވެ.
(ޕ) ގޯތީގެ ފަހަތު ސެޓްބެކް ގުޅޭހެން ވަކިވަކި ގޯތިތައް އެއްކުރުމުގައި އަމަލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 18 ގައި ކަނޑައަޅައިފައިވާ ގޮތަށެވެ.
10 ވަނަ މާއްދާ - އިމާރާތުގެ އުސްމިން
(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ޗާޓުގައި ދައްކައިފައިވާ ނެއިބަރހުޑް
9 ގައިވާ ގޯތިތައް އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓު ފަހެއް) މީޓަރާ ހަމަޔަށެވެ. އަދި މީގެ އިތުރުން، ނެއިބަރހުޑް 9 ގައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކުގައި ލިފްޓް މެށިންރޫމް އަދި މިނޫންވެސް 18.5 (އަށާރަ ޕޮއިންޓު ފަހެއް) މީޓަރު މައްޗަށް އިމާރާތުގެ ބައިތައް އަރާނަމަވެސް، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތަކަށް ބަލައި މުޅި އިމާރާތުގެ އުސްމިން 22 (ބާވީސް) މީޓަރަށް ވުރެ އުސްވެގެން ނުވާނެއެވެ. ނެއިބަރހުޑް 9 ފިޔަވައި އެހެން ހުރިހާ ގޯތިތަކެއް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.5 (ތިރީސް ޕޮއިންޓު ފަހެއް) މީޓަރެވެ. ނަމަވެސް 18.5 (އަށާރަ ޕޮއިންޓު ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓު ފަހެއް) މީޓަރާ ހަމަޔަށް އިމާރާތްކުރުމަށް ހުއްދަ ދެވޭނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރާ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ އިމާރާތުގެ އުސްމިން ކަމުގައި ބެލެވޭނީ، ޕޭވްމަންޓް ލެވެލް/ގްރައުންޑް ލެވެލުން ފެށިގެން ސްޕްރިންގ ލައިން ނުވަތަ ރޫފްބީމްގެ މަތީކައިރިޔާ ހަމަޔަށެވެ. ނުވަތަ އިމާރާތުގެ އެންމެ މަތީގައި ޓެރަހެއް ހަދާ ނަމަ، ދުވާރުން ފެށިގެން ޓެރަސް ސްލެބް ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމަޔަށެވެ.
(ނ) އިމާރާތުގެ އުސްމިން 16.5 (ސޯޅަ ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްވާ ނަމަ، އިމާރާތުގައި ލިފްޓް ހިމަނަންވާނެއެވެ. ލިފްޓް ނުލާ އިމާރާތެއް ހަދާ ނަމަ ހެދޭނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ގޮތުގެ މަތީންނެވެ.
(ރ) އިމާރާތުގައި ބޭސްމަންޓެއް ހަދާ ނަމަ، ބޭސްމަންޓަށް ދިޔުމަށް އިމާރާތުގައި ހަރުކުރާ ލިފްޓް ބޭނުންކުރެވިދާނެއެވެ.
(ބ) މައިގަނޑުގޮތެއްގައި ދިރިއުޅުމަށް އިމާރާތުގައި ބޭނުންކުރާ ބައިތަކުގެ ތަޅުމާއި ފަންގިފިލަޔާ ދެމެދުގެ އުސްމިނުގައި މަދުވެގެން 2.7 (ދޭއް ޕޮއިންޓް ހަތެއް) މީޓަރު ހުންނަންވާނެއެވެ. ގަރާޖް / ސްޓަޑީ ރޫމް / އެޓިކް ފަދަ ތަންތަން މިއިން އިސްތިސްނާ ކުރެވިދާނެއެވެ. ނަމަވެސް އެފަދަ އެއްވެސް ތަނެއްގެ ތަޅުމާއި ސީލިންގއާ ދެމެދުގައިވާ
އުސްމިން 2.1 (ދޭއް ޕޮއިންޓް އެކެއް) މީޓަރަށް ވުރެ ކުޑަވެގެން ނުވާނެއެވެ. އަދި މިފަދަ ތަންތަނަކީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަންތަނުގެ ގޮތުގައެއް ނުހިމެނޭނެއެވެ.
(ޅ) މި ގަވާއިދުގެ ޖަދުވަލު 6 އާއި ޖަދުވަލު 7 ގައިވާ ކުރެހުމުގައިވާ ގޮތަށް ލިފްޓް ލާ ނަމަ، 4 (ހަތަރެއް) މީޓަރަށް ވުރެ އުސްނުވާނޭހެން އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމުގެ ހިޔާކުރާބައި ހެދިދާނެއެވެ. ބަހައްޓަން ބޭނުންވާ ލިފްޓް މެށިންރޫމް 4 (ހަތަރެއް) މީޓަރަށް ވުރެ އުސްވާ ނަމަ، ލިފްޓުގެ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭށަން) ކުރެހުން ފާސްކުރުމަށް ހުށަހަޅާއިރު ހުށަހަޅަން ޖެހޭނެއެވެ. ލިފްޓުގެ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭށަން) ހުށަހެޅުމުން ޓެރަހުގެ މަތީގައި ސިޑިގޮޅިއާއި ލިފްޓް މެށިންރޫމަށްވާ ބައި ހިޔާކުރުމަށް ހުއްދަ ދެވޭނީ އެންމެ އުސްވެގެން 7 (ހަތެއް) މީޓަރަށެވެ.
(ކ) ސިޑިގޮޅިއާއި ލިފްޓް މެށިންރޫމުގެ ހިޔާކުރާ ބައިގައި 7 (ހަތެއް) މީޓަރު ހުރިކަމުގައި ވިޔަސް، ޓެރެސްގައި ހިޔާކުރާ ބައި ހިޔާކުރެވޭނީ، އެންމެ އުސްވެގެން 4 (ހަތަރެއް) މީޓަރަށެވެ.
(އ) ލިފްޓް ނުލާ އިމާރާތްތަކުގެ ޓެރަސް ލެވެލްގައި ސިޑިގޮޅި ހިޔާކުރާ ބައި އުސްކުރެވޭނީ، 3 (ތިނެއް) މީޓަރަށެވެ. ސިޑިގޮޅި ހިޔާކުރަން ކަތިފުރާޅެއްލީ ނަމަވެސް، ފުރާޅާއެކު ސިޑިގޮޅީގެ އުސްމިން ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައި ދައްކުވައިދޭހެން 3 (ތިނެއް) މީޓަރަށް ވުރެ އުސްނުވާވަރަށެވެ.
(ވ) ގޯއްޗެއް ބައިކުރުމަށްފަހު ރަޖިސްޓަރީކުރުމުން ގޯތީގެ އޭރިޔާއަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، އިމާރާތުގެ އުސްމިން، ތިރީގައި ކަނޑައަޅައިފައި މިވަނީއެވެ.
ގޯތީގެ އޭރިޔާ (އަކަފޫޓުން) |
އިމާރާތްކުރެވޭނެ އެންމެ އުސްމިން (މީޓަރުން) |
| 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ނަމަ | 1 (އެކެއް) ފަންގިފިލަޔަށް ވުރެ އުސްކޮށް ނުވަތަ 6 (ހައެއް) |
| 401 (ހަތަރު ސަތޭކަ އެކެއް) އަކަފޫޓާއި 500 (ފަސް ސަތޭކަ) އަކަފޫޓާ ދެމެދު |
2 (ދޭއް) ފަންގިފިލަޔަށް ވުރެ އުސްކޮށް ނުވަތަ 6.5 (ހައެއް ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ |
| 501 (ފަސް ސަތޭކަ އެކެއް) އަކަފޫޓާއި 600 (ހަ ސަތޭކަ) އަކަފޫޓާ ދެމެދު | 3 (ތިނެއް) ފަންގިފިލަޔަށް ވުރެ އުސްކޮށް ނުވަތަ 9.5 (ނުވައެއް ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ |
| 601 (ހަ ސަތޭކަ އެކެއް) އަކަފޫޓާއި 700 (ހަތް ސަތޭކަ) އަކަފޫޓާ ދެމެދު | 4 (ހަތަރެއް) ފަންގިފިލަޔަށް ވުރެ އުސްކޮށް ނުވަތަ 12.5 (ބާރަ ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ |
| 701 (ހަތް ސަތޭކަ އެކެއް) އަކަފޫޓާއި 800 (އަށް ސަތޭކަ) އަކަފޫޓާ ދެމެދު | 5 (ފަހެއް) ފަންގިފިލަޔަށް ވުރެ އުސްކޮށް ނުވަތަ 15.5 (ފަނަރަ ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ |
| 1 (އަށް ސަތޭކަ އެކެއް) އަކަފޫޓާއި 900 (ނުވަ ސަތޭކަ) އަކަފޫޓާ ދެމެދު | 8 (އަށެއް) ފަންގިފިލަޔަށް ވުރެ އުސްކޮށް ނުވަތަ 24.5 (ސައުވީސް ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ |
| 901 (ނުވަ ސަތޭކަ އެކެއް) އަކަފޫޓަށް ވުރެ ބޮޑު ނަމަ | 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް |
11 ވަނަ މާއްދާ - ރޫފްއޭރިޔާއާއި ލިފްޓް މެށިންރޫމް
(ހ) އިމާރާތުގައި ރޫފްސްލެބެއް ނުވަތަ ކަތިފުރާޅެއް ލާ ނަމަ، އަންނަނިވި ގޮތަށް ލެވިދާނެއެވެ.
- އިމާރާތުގެ މޫނުމަތީ ފަރާތުގެ ފުޅާމިނަށްވާވަރަށް ގޯތީގެ އިމާ ހަމަޔަށް؛
- އިމާރާތުގެ މޫނުމަތީ ފަރާތުން ކަތިފުރާޅެއް ލާ ނަމަ، އިމާރާތުގެ އިމުން ފެށިގެން ފުރާޅު ބޭރަށް ނެރެވޭނީ 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރާ ހަމަޔަށް؛
- ކަތިފުރާޅެއް ނަމަ، ގޯތީގެ ކުރިމަތި ފިޔަވައި ސެޓްބެކް ދޫކޮށްފައިވާ ފަރާތްތަކުން އިމާރާތުގެ އިމުން ފެށިގެން 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށް ވުރެ ބޭރުނުވާވަރަށް؛
- ރޫފްސްލެބެއް ނަމަ، އިމާރާތުގެ އިމާ ހަމަޔަށ.ް
(ށ) މި ގަވާއިދުގެ ދަށުން ހަދާ އިމާރާތްތަކުގެ ޓެރަސް ހިޔާކުރާ ނަމަ ހިޔާކުރަންވާނީ، އަންނަނިވި ގޮތަށެވެ.
- 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް ހަދާ އިމާރާތެއް ނަމަ، 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުގެ މަތިން، ދިރިއުޅުމުގެ ބޭނުމަށް ޓެރަހެއް ހަދައި ބޭނުންކުރެވިދާނެއެވެ. އަދި މި ގަވާއިދުގެ ދަށުން 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާ ހަމައަށް ނުވަތަ
އެ ދެމެދުގެ އުސްމިނަކަށް ހަދާ އިމާރާތްތަކުގައި ވެސް، އިމާރާތަށް ކަޑައެޅިފައިވާ އުސްމިނުގެ މަތީން ޓެރަހެއް ލެވިދާނެއެވެ. މިގޮތަށް ބޭނުންކުރެވޭނީ، ޖަދުވަލު 11 ގައިވާ ގޮތުގެ މަތީން ޓެރަސްގެ (ލިފްޓާއި ސިޑިގޮޅި ކަނޑައިފައި ބާކީ އޭރިޔާގެ) 2/3 (ތިންބައިކުޅަދެބައި) އަށްވާ އޭރިޔާއެވެ. - މި ގޮތަށް ހިޔާކުރާ ބައިގެ ށީޓު/ފުރާޅު ފަރުމާކުރެވިފައި ހުންނަންވާނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ޓަކައި ސޯލާޕެނަލް ހަރުކުރެވޭ ގޮތަށެވެ. މިގޮތުން ސޯލާ ޕެނަލް ހަރުކުރުމަށް ކަމާބެހޭ އިދާރާތަކުން ބޭނުންވެއްޖެ ހާލަތެއްގައި، ގޯތީގެ ވެރިފަރާތުގެ ުއްދަޔާއެކު ސޯލާ ޕެނަލް ހަރުކުރެވިދާނެއެވެ. އަދި ގޯތީގެ ވެރިފަރާތުން އަމިއްލަގޮތުން ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ ހާލަތުގައި، ހަރުކުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ސޯލާ ޕެނަލް ހަރުކުރެވިދާނެއެވެ.
- މިގޮތަށް ފަރުމާކޮށްގެން ހަދާބައި އިމާރާތުގެ ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) ގެ ގޮތުގައެއް ނުހިމެނޭނެއެވެ.
(ނ) މި ގަވާއިދުގެ ޖަދުވަލު 12 ގައި ދައްކައިފައިވާ ގޮތަށް ޓެރަހަށްވާ ފަންގިފިލާގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމްގެ ޖުމުލަ އޭރިޔާ 15 (ފަނަރަ) އަކަމީޓަރަށް ވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި މި އޭރިޔާ ހިޔާކޮށްފައި ހުންނަންވާނީ އެއް ސްޓްރަކްޗަރއެއްގެ ގޮތުގައެވެ.
(ރ) ޓެރަހުގައި އަވިން ނިވައިކުރުމަށް ޓަކައި ވަގުތީ ނުވަތަ ފަސޭހައިން ރޫޅައިލެވޭގޮތަށް ދަގަނޑުހޮޅިއާއި، ލަކުޑި ނުވަތަ ފިލާ ފަދަ ތަކެތި ބޭނުންކޮށްގެން ޕަގޯލާ ނުވަތަ ޓްރެލިސް ފަދަ ތަކެތި ހެދިދާނެއެވެ. އަދި މިގޮތަށް ހަދާ ތަކެތި ހުންނަންވާނީ، މި ފަންގިފިލާގެ ލިފްޓް/ސިޑިގޮޅި ހިޔާކުރުމަށް ކަނޑައަޅައިފައިވާ ޖާގަ ފިޔަވައި ބާކީ އޮންނަ ޖާގައިގައެވެ. މިފަދަ ތަކެތީގެ އެއްވެސް އަރިމައްޗަކުން ބައްދައިގެން ނުވާނެއެވެ. މިފަދަ ތަކެތީގެ އުސްމިން، ޓެރަހުގައި ހިޔާކުރާބަޔަށް ވުރެ އުސްވެގެން ނުވާނެއެވެ.
12 ވަނަ މާއްދާ - މެޒަނިން ފްލޯރ
(ހ) މެޒަނިން ލެވެލްއަކީ އިމާރާތުގެ ފަންގިފިލާގެ ތަޅުމާއި ސީލިންގާ ދެމެދުގައި ހަދާ އިތުރު ތަޅުމެކެވެ.
(ށ) މެޒަނިންގެ ގޮތުގައި ހަދާ ފަންގިފިލާއެއް، މެޒަނިންއާ ގުޅިފައިވާ ފަންގިފިލާގެ ތަޅުމުގެ (ފްލޯރ އޭރިޔާގެ) 2/3 (ތިންބައިކުޅަދެބައި) އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
(ނ) މެޒަނިން ފަންގިފިލާއެއްގެ ތަޅުމާއި ސީލިންގއާ ދެމެދު ހުންނަ އުސްމިން 2.1 (ދޭއް ޕޮއިންޓް އެކެއް) މީޓަރަށް ވުރެ ތިރިވެގެން ނުވާނެއެވެ. އަދި އެ މެޒަނިން ހިމެނޭ ފަންގިފިލާގެ ތަޅުމާއި، އެ މެޒަނިންއާ ދެމެދުގައި ވެސް ސާފު އުސްމިން 2.1 (ދޭއް ޕޮއިންޓް އެކެއް) މީޓަރަށް ވުރެ ކުޑަވެގެން ނުވާނެއެވެ.
(ރ) މެޒަނިން ފަންގިފިލައާއި މެޒަނިން ހިމެނޭ ފަންގިފިލާގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށް ޓަކައި އަމަލުކުރަންވާނީ، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ބ) މެޒަނިން ފަންގިފިލާ ޑިޒައިންކޮށް ހަދައިފައި ހުންނަންވާނީ، އުސްމިނުގައި މަދުވެގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރު ހުންނަވަރަށް ރެއިލިންގ ހަރުކޮށްފައި ނުވަތަ ފާރު ރާނައިފައެވެ.
(ޅ) އިމާރާތުގެ ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) ގެ ގޮތުގައި މެޒަނިން ފްލޯރ ހިމެނޭނެއެވެ.
13 ވަނަ މާއްދާ - ޕާކިންގގެ ގޮތުގައި ކަނޑައަޅާ އޭރިޔާ
18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ ތިރިކޮށް ހަދާ އިމާރާތުގައި ސައިކަލު ޕާކިންގއަށް އަންނަނިވި ގޮތަށް ޖާގަ ދޫކުރަންވާނެއެވެ.
- ސައިކަލު ޕާކިންގގެ ގޮތުގައި ކޮންމެ 1 (އެކެއް) ކޮޓަރީގެ އެޕާޓްމަންޓަކަށް ނުވަތަ ޔުނިޓަކަށް 1 (އެކެއް) ޖާގަ؛
- ސައިކަލު ޕާކިންގގެ ގޮތުގައި ކޮންމެ 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓަކަށް ނުވަތަ ޔުނިޓަކަށް ނުވަތަ އެޔަށް ވުރެ އިތުރުވާ ނަމަ 2 (ދޭއް) ޖާގަ.
- ސައިކަލު ޕާކިންގއަށް ޖާގަ ދޫކުރުމުގައި އިމާރާތުގެ ސެޓްބެކް ވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ސެޓްބެކުގެ ތެރެއިން މި ޖާގަ ހަމަޖައްސާ ނަމަ، މި ޖާގަ ހުންނަންވާނީ، އިމާރާތުގެ ތެރެއަށް ސައިކަލު ވަނުމަށް ހަމަޖެހިފައިވާ ޖާގައިން ޕާކުކޮށް ނެރުމަށް ފަސޭހަވާނެ ގޮތަކަށެވެ.
(ށ) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްކޮށް ހަދާ އިމާރާތެއް ނަމަ، ހަދާ އިމާރާތުގެ (ތިރީ ފަންގިފިލާ) ގްރައުންޑް ފްލޯރ އެއްކޮށް ކަނޑައަޅަންވާނީ ޕާކިންގގެ ބޭނުމަށެވެ. އިމާރާތުގެ (ތިރީ ފަންގިފިލާ) ގްރައުންޑް ފްލޯރ އެއްކޮށް ޕާކިންގއަށް ދޫކޮށްލުމުން އިސްތިސްނާވާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމައެވެ.
(ނ) ޕާކިންގއަށް ކޮންމެހެން ދޫކުރަންޖެހޭ ފަންގިފިލާގެ އިތުރުން، އެހެން ފަންގިފިލާތަކުން ޕާކިންގ ޖާގަ ދޫކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. އަދި މިގޮތަށް ހަމަޖައްސާ ނަމަ، އެފަދަ ފަންގިފިލާތަކަށް ޕާކުކުރާ އުޅަނދަށް މަގުމަތިން ވަދެނުކުމެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. މިގޮތަށް ބާއްވާ ޕާކިންގ އޭރިޔާއަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕ،ް އިމާރާތުގެ އިމުގެ ތެރެއިން ޕާކިންގއަށް ދޫކުރަންޖެހޭ ޖާގައިގެ ތެރެޔަކު ނުހިމެނޭނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ގޯތި ބައިކޮށްގެން އިމާރާތްކުރާ ކަމުގައި ވާ ނަމަ، އަދި ވަކިން އިމާރާތްކުރާ ބައެއްގެ އޭރިޔާ 600 (ހަ ސަތޭކަ) އަކަފޫޓު ނުވަތަ އެޔަށް ވުރެ ކުޑަ ނަމަ، އިމާރާތުގައި ޕާކިންގ ޖާގަ ކަނޑައަޅާކަށް ނުޖެހޭނެއެވެ.
(ބ) އިމާރާތުގެ ތެރެއިން ޕާކިންގ އޭރިޔާއަށް ދިޔުމުގެ ބޭނުމަށް މެކޭނިކަލް ޕާކިންގ ސިސްޓަމް ބަހައްޓާ ނަމަ، މެކޭނިކަލް ޕާކިންގ ސިސްޓަމާއި ވެހިކަލް ލިފްޓުގެ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭށަން) ހުށަހަޅަންވާނެއެވެ.
(ޅ) ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގައި ހަދާ އިމާރާތުގައި ގޯތީގެ އިމުގެ ތެރެއިން، ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ކަނޑައަޅާ ސައިޒް ހުންނަންވާނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ކ) ޕާކުކުރުމަށް މަގުމަތިން އިމާރާތުގެ ތެރެއަށް ވަންނަ ޖާގަ (ގްރީން ވަރޖް) ކެނޑުމުގައި އަމަލުކުރެވޭނީ، އެޗް.ޑީ.ސީ.ގެ ވެބްސައިޓުގައި ށާއިއު ކޮށްފައިވާ "ގަރާޖް ލޮކޭށަންސް" ގައި ކޮންމެ ގޯއްޗަކަށް ކަނޑައަޅައިފައިވާ ޖާގައާވީ ދިމާއަށެވެ. ނަމަވެސް ގަރާޖް ލޮކޭށަންސްގައި ދައްކައިފައިވާ ފަރާތްނޫން އެހެން ފަރާތަކަށް އިމާރާތުގެ ތެރެއިން ގަރާޖް ބަދަލުކުރާ ނަމަ، ގްރީން ވަރޖް ކެނޑުމުގައި އަމަލުކުރާނީ އެ ތަނުގައިވާ ގަސްތަކާއި، ލައިޓް ޕޯސްޓްތަކާއި މިނޫންވެސް ޔުޓިލިޓީސްއަށާއި ސަރވިސަސްއަށް ކަނޑައަޅައިފައިވާ ޖާގަތަކަށް ފުށުނާރާގޮތުގެ މަތީންނެވެ. އަދި މި ކަންތައްތަކަށް ރިއާޔަތްކޮށް އިމާރާތްކުރުމުގެ އެންމެހައި ކަންކަން ކުރުމަކީ ވެރިފަރާތުގެ ޒިންމާއެކެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގަރާޖް ލޮކޭށަންސްގައި ކަނޑައަޅައިފައިވާ ޖާގަ ފާހަގަކުރެވިފައިވަނީ އިމާރާތަށް އުޅަނދު ވަނުމަށް ގްރީން ވަރޖް ކެނޑުމުގެ ބޭނުމަށެވެ.
(ވ) ޕާކިންގއަށް ވަނުމަށް ގޭޓް ކެނޑުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތަށެވެ.
- ގޯތީގެ އިމުގައި، ޕާކިންގ އޭރިޔާއަށް އުޅަނދު ވައްދަން ގޭޓެއް ކެނޑިދާނެއެވެ. ޕާކިންގ އޭރިޔާގެ މަގާވީފަޅިން އުޅަނދު ވަންނަ ދިމާގެ ފުޅާމިނުގައި (ގޭޓުގެ ފުޅާމިނުގައި) މަދުވެގެން 2.5 (ދޭއް ޕޮއިންޓް ފަހެއް) މީޓަރު ހުންނަންވާނެއެވެ. އަދި ގޯތީގެ އިމުގައި ގޭޓް ހަރުކޮށްފައި ހުންނަ ފާރުގެ ދިގުމިން، ގޭޓާއި ފާރުގެ ޖުމުލަ 3 (ތިނެއް) މީޓަރަށް ވުރެ ދިގުވެގެން ނުވާނެއެވެ؛
- އިމާރާތުގެ ކުރިމަތީ ސެޓްބެކް ދޫކޮށްފައި، އިމާރާތުގެ އިމުގައި ހަރުކުރާ ގޭޓުގެ ވަންނަ ދިމާގެ ފުޅާމިނުގައި (ގޭޓުގެ ފުޅާމިނުގައި) މަދުވެގެން 2.5 (ދޭއް ޕޮއިންޓް ފަހެއް) މީޓަރު ހުންނަންވާނެއެވެ. އަދި އިމާރާތުގެ ކުރިމަތީ ފުޅާމިނުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
(މ) ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އިމާރާތުގައި ޖާގަ ކަނޑައަޅަންވާނީ، އިމާރާތުގައި ދިރިއުޅުމަށް ނުވަތަ މި ގަވާއިދުން ހުއްދަކުރާ އެހެން ބޭނުމަކަށް ޖާގައެއް ހިމެނުމަށްފަހުގައެވެ. މި ޖާގައިގައި މަދުވެގެން 400 (ހަތަރު ސަތޭކަ) އަކަފޫޓު ހަމަވާންވާނެއެވެ.
(ފ) އިމާރާތުގައި ކަނޑައެޅިފައިވާ ޕާކިންގ އޭރިޔާ ހުންނަންވާނީ ދުއްވާ އުޅަނދުތަކަށާއި އިމާރާތް ބޭނުންކުރާ މީހުންނަށް ފަސޭހައިން ވަދެނުކުމެވޭނޭ ގޮތަށެވެ.
(ދ) ބޭސްމަންޓް ހުންނަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
- ބޭސްމަންޓް ޕާކިންގގެ ސަރަހައްދު އެފް.އެސް.އައި.ގެ ތެރެޔަކު ނުހިމެނޭނެއެވެ؛
- ބޭސްމަންޓުގެ ތަޅުމުން ފެށިގެން ބީމުގެ ތިރީކައިރި (ބީމް ސޮފިޓް) އާ ހަމަޔަށް މަދުވެގެން 2.2 (ދޭއް ޕޮއިންޓް ދޭއް) މީޓަރުގެ ކްލިޔަރ ހައިޓް ހުންނަންވާނެއެވެ. އަދި މިގޮތަށް ކްލިޔަރ ހައިޓް ހުންނަންވާނީ، އިމާރާތުގައި ހުންނަ ސަރވިސަސް ޕައިޕްތަކާއި އެހެނިހެން ސަރވިސަސް ޑަކްޓްތައް އެޅުމަށް ދާ ޖާގަ އުނިކުރުމަށްފަހުގައެވެ؛
- ބޭސްމަންޓް ހަދަން ހުއްދަ ދެވޭނީ، ކޮންމެ ޕްލޮޓަކަށް ކަނޑައެޅިފައިވާ ސެޓްބެކް ޕްލޭނާ އެއްގޮތްވާ ގޮތަށެވެ. ނަމަވެސް އެއްކޮށް ބިމު އަޑީގައި (ގްރައުންޑް ލެވެލުން ތިރީގައި) ހަދާ ބޭސްމަންޓެއް ނަމަ، ގޯތީގެ އިމުން 1 (އެކެއް) މީޓަރު ދޫކުރުމަށްފަހު ބޭސްމަންޓް ހެދުމުގެ ހުއްދަ ދެވޭނެއެވެ؛
- މި ގަވާއިދުގެ ދަށުން އިމާރާތްކުރެވޭ އިމާރާތެއްގައި ބޭސްމަންޓް ޕާކިންގ ހަދާއިރު، ގްރައުންޑް ފްލޯރގެ ލެވެލ،ް މަގުގެ ލެވެލަށް ވުރެ އުސްކުރާ ނަމަ އަދި އެ އުސްކުރާ މިން، މަގުމަތީ ލެވެލުން ފެށިގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްނުވާ ނަމަ، މުޅި އިމާރާތުގެ އުސްމިން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރާ ހަމަޔަށް އިތުރަށް އުސްކުރެވިދާނެއެވެ. މިގޮތުން އިތުރުކުރެވޭނީ، ބޭސްމަންޓް ފްލޯރއިން ގްރައުންޑް ފްލޯރއަށް އިތުރުވާ މިންވަރެވެ.
(ތ) މި ގަވާއިދުގެ ދަށުން ހަތަރުފުރޮޅުލީ އުޅަނދ،ު އިމާރާތުގައި ޕާކުކުރުމުގައި، 2 (ދޭއް) ޓަނަށް ވުރެ ބަރުކޮށް މުދާ އުފުލޭ އުޅަނދު ޕާކުކުރުން ހުއްދައެއް ނުވާނެއެވެ.
(ލ) ޕާކުކުރެވޭ އުޅަނދުގެ އަދަދު ފާސްކުރެވޭނީ، ކުރެހުން ފާސްކުރުމަށް ހުށަހެޅުމުންނެވެ.
(ގ) ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރުމުގެ ކުރިން އެހެން ގަވާއިދެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާ އިމާރާތެއް ނަމަ، އިމާރާތްކުރުމުގެ މަސައްކަތް ނުފެށި ނަމަވެސް ކުރެހުން ފާސްކޮށްފައިވާ (ކުރެހުން ބާތިލުނުވާ ނަމަ) ފަރާތެއް ނަމަ އަދި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތެއް ނަމަ، އެ ފަރާތަކުން އިމާރާތުގައި ޕާކިންގ ޖާގަ ދޫކުރުމުގައި އެ ގަވާއިދެއްގެ ދަށުން ކުރިޔަށް ގެންދިޔުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ޏ) މި މާއްދާގެ (ލ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަލަށް ހަދާ އިމާރާތްތައް (ކުރިން ހުރި އިމާރާތެއް ތަޅައިލުމަށްފަހު އަލުން އިމާރާތްކުރުން ނުވަތަ އެއްވެސް ވަރަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިނުވާ ބިމެއްގައި އަލަށް އިމާރާތްކުރުން) އަދި އިމާރާތުގެ ކުރެހުން ބާތިލުވެފައިވާ ފަރާތްތައް އަލުން އިމާރާތުގެ ކުރެހުން ފާސްކުރާ ނަމަ، މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ޕާކިންގ ޖާގަ ދޫކުރަންވާނެއެވެ.
14 ވަނަ މާއްދާ - އިންފާރު ރޭނުން
(ހ) މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ގޮތަށް ގޯތީގެ އިންފާރު ރާނަންވާނީ އަންނިވި ގޮތަށެވެ.
- ހުރިހާ ގޯތިތަކުގެ ވެސް ކުރިމަތީ ސެޓްބެކަށްވާ ފަރާތުގެ އިންފާރު ރާނަންވާނީ، އެންމެ އުސްވެގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރަށެވެ. މިގޮތަށް އިންފާރު ރޭނުމަށްފަހު 0.8 (ސުމެއް ޕޮއިންޓް އަށެއް) މީޓަރުގެ ފެންސެއް ލެވިދާނެއެވެ. އަދި މި އުސްމިނުގެ ތެރޭގައި އިމާރާތަށް ވަނުމަށް ގޭޓެއް ހަރުކުރެވިދާނެއެވެ. އަދި މިގޮތަށް ހަރުކުރާ ގޭޓް ހުންނަންވާނީ، އިމާރާތުގެ ތެރެއަށް ވަޔާއި އަލިކަން ދައުރުވާނޭހެންނެވެ (ޕަރފޮރޭޓަޑް)؛
- ކަންމަތީ ގޯތިތަކުގައި މަގާވީ ފަރާތުގެ އިންފާރު ރާނަންވާނީ، އެންމެ އުސްވެގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރަށެވެ. މިގޮތަށް ކަންމަތީ ގޯތިތަކުގައި އިންފާރު ރޭނުމަށްފަހު 0.8 (ސުމެއް ޕޮއިންޓް އަށެއް) މީޓަރުގެ ފެންސެއް ލެވިދާނެއެވެ. އަދި އިމާރާތަށް ވަނުމަށް 2 (ދޭއް) މީޓަރުގެ އުސް ގޭޓެއް ލެވިދާނެއެވެ. މިގޮތަށް ހަރުކުރާ ގޭޓް ހުންނަންވާނީ، އިމާރާތުގެ ތެރެއަށް ވަޔާއި އަލިކަން ދައުރުވާނޭހެންނެވެ (ޕަރފޮރޭޓަޑް)؛
- ސްޓަރަކްޗަރަލް އެއްވެސް ބައެއް (ބެރިއާއި ތަނބު ފަދަ އެއްޗެއް) ކުރިމަތީ ސެޓްބެކުގެ ފާރުގެ 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރުން މައްޗަށް ހުރެގެން ނުވާނެއެވެ؛
- ގޯތީގެ އަރިމަތި (މަގާވީ ފަޅި ފިޔަވައި) ސެޓްބެކާއި ފަހަތު ސެޓްބެކުގެ އިންފާރު ރާނަންވާނީ، އެންމެ އުސްވެގެން 3 (ތިނެއް) މީޓަރަށެވެ. ސަލާމަތާއި ރައްކައުތެރިކަމަށް ފަރުމާކުރެވ،ޭ ކޮޅު ތޫނުކޮށްފައިވާ ފެންސް ފަދަ ތަކެތި ހަރުކޮށްފައި ހުންނަންވާނީ މި އުސްމިނުގެ ތެރޭގައެވެ؛
- މަގާވީ ފަޅީގައި އިންފާރު ރާނަން ބޭނުންނުވާ ހާލަތްތަކުގައި، އިންވަކިކުރެވޭނެ އެ ނޫން އެހެން ވަސީލަތެއް (މިސާލު: ތަފާތު ޕޭވިންގ) ބޭނުންކޮށްގެން ބިމުގެ އިން ވަކިވާނޭހެން ސާފުކޮށް އެނގެން ހުންނަންވާނެއެވެ.
(ށ) ގޯތީގައި ހަދާ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިންފާރު ރާނައިފައިވާނަމައެވެ. ނުވަތަ މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އިންވަކިކޮށްފައިވާނަމައެވެ.
15 ވަނަ މާއްދާ - ބެލްކަނި، ސިޑި ، ޓެރަސް (ރެއިލިންގ/ޕެރަޕެޓް)
(ހ) އިމާރާތުގެ ބެލްކަންޏާއި ޓެރަހުގެ ރެއިލިންގ (ޗެންޗޭނު) އާއި މިނޫންވެސް ޕެރަޕެޓް ގޮތުގައި ހުންނަ ފާރުގެ އުސްމިނަކީ ތަޅުމުން (ފިނިށްޑް ފްލޯރ ލެވެލުން) ފެށިގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރެވެ. އަދި އިމާރާތުގައި ހަރުކުރެވޭ ރެއިލިންގ (ޗެންޗޭނު) ގައި ނުވަތަ ފާރުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ހަދައިފައި ހުންނަ ރެއިލިންގ ނުވަތަ ފާރު ހުންނަންވާނީ، އޭގެ އެއްވެސް ހުސްޖާގައަކުން ޑަޔަމީޓަރުގައި 0.125 (ސުމެއް ޕޮއިންޓް އެކެއް ދޭއް ފަހެއް) މީޓަރު ހުންނަވަރުގެ ބޯޅައެއް (ސްފިއަރއެއް) ނުދާވަރަށެވެ؛
- ހަދައިފައި ހުންނަ ރެއިލިންގ ނުވަތަ ރާނައިފައިވާ ފާރު ހުންނަންވާނީ، ހަރުގަނޑެއް ގޮތަށް ބޭނުންނުކުރެވޭ ގޮތަށް އަދި ސަލާމަތީގޮތުން ކުޑަކުދިންނަށް ރައްކައުތެރި ގޮތަކަށެވެ.
(ށ) އެހެން ގޯއްޗެއްގެ އިމަށްވާގޮތަށް ބެލްކަންޏެއް ނުވަތަ ޓެރަހެއް ހަދާ ނަމަ، ތަޅުމުން (ފިނިށްޑް ފްލޯރ ލެވެލުން) ފެށިގެން މަދުވެގެން 2 (ދޭއް) މީޓަރުގެ އުސް ފާރެއް ރާނަންވާނެއެވެ.
(ނ) އިމާރާތުގައި ހިމެނޭ ސިޑި ޑިޒައިންކޮށް، ހަދައިފައި ހުންނަންވާނީ، އުސްމިނުގައި މަދުވެގެން 0.85 (ސުމެއް ޕޮއިންޓް އަށެއް ފަހެއް) މީޓަރު ހުންނަވަރުގެ ރެއިލިންގ (ޗެންޗޭނު) ނުވަތަ ފާރު ރާނާ ގޮތަށެވެ. އަދި އިމާރާތުގެ ދިރިއުޅޭ ބައިތަކަށް ވަނުމަށް ބޭނުންކުރާ ސިޑި (ކޮމަން ސްޓެއަރ) ޑިޒައިންކޮށް، ހަދައިފައި ހުންނަންވާނީ ސަލާމަތީގޮތުން ކުޑަކުދިންނަށް ރައްކައުތެރި ގޮތަށެވެ.
16 ވަނަ މާއްދާ - ވައިގޮޅިއާއި ދޮރާއި ކުޑަދޮރު
(ހ) ގްރައުންޑް ފްލޯރގައި އިމާރާތުގެ އެއްވެސް ދޮރެއ/ްކުޑަދޮރެއް ހުޅުވައިފައި ހުންނައިރު ގޯތީގެ އިމުން ބޭރަށް ހުރެގެން ނުވާނެއެވެ. އިމުން ބޭރަށް މަގަށް ނުވަތަ އެލީއާ ވީ ފަރާތަށް ދޮރުތައް ހުޅުވޭގޮތަށް ލާ ނަމަ ލާންވާނީ، ހުޅުވައިފައި ހުންނައިރު ގޯތީގެ އިމުން ބޭރުނުވާ ގޮތަށެވެ.
(ށ) މި ގަވާއިދުގެ ޖަދުވަލު 13 ގައި ދައްކައިފައިވާ ގޮތަށް ހުޅުވައިފައި ހުންނައިރު، އިމުން ބޭރަށް މަގަށް ނުވަތަ އެލީއާ ވީ ފަރާތަށް ދޮރުތައް ހުޅުވޭގޮތަށް ލެވޭނީ، ޕޭވްމަންޓް ލެވަލުން ފެށިގެން 3 (ތިނެއް) މީޓަރުގެ މަތިންނެވެ. އަދި މިގޮތަށް ހުޅުވޭ ދޮރުފަތްތައް ހުޅުވައިފައި ހުންނައިރު 0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް) މީޓަރަށް ވުރެ ބޭރަށް ހުރެގެން ނުވާނެއެވެ.
(ނ) ޖެހިގެންހުރި ގޯތީގެ އިމަށްވާގޮތަށް ހުންނަ ފާރުގައި ކުޑަދޮރު ފަދަ ތަކެތި ހަރުކޮށްފައި ހުރެގެން ނުވާނެއެވެ. ނަމަވެސް ޖެހިގެންހުރި ގޯތީގެ ސެޓްބެކަށް ވާގޮތަށް، އެތެރެ ނުފެންނަ ގޮތަށް އަލިވަންނާނޭހެން ގްލާސްބްލޮކް ނުވަތަ ނުހުޅުވޭގޮތަށް ފުސްކޮށްފައި ހުންނަ ކުޑަދޮރު (ފްރޮސްޓަޑް ފިކްސްޑް ގްލާސް) ހަރުކުރެވިދާނެއެވެ.
(ރ) އިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށް ޓަކައި، އިމާރާތުގެ ކޮންމެ ބައެއްގެ ތަޅުމުގެ ބޮޑުމިނުގެ %10 (ދިހައެއް އިންސައްތަ) އަށް ވުރެ ކުޑަނުވާ ވަރުގެ ހުޅުވުމެއް، އިމާރާތްނުކޮށް އޮންނަ ހުސް ޖާގައަކާ ދިމާވާ ގޮތަށް ހުންނަންވާނެއެވެ. ހުޅުވުންކަމަށް ބުނެފައި އެވަނީ، ދޮރާއި، ކުޑަދޮރާއި، ކަތިފިލަޔާއި އާނގަ ފަދަ ހުޅުވުންތަކަށެވެ. ހަމައެކަނި އަލިވެއްދުމަށް ހުންނަ ގްލާސް ބްލޮކް ނުވަތަ ނުހުޅުވޭ ގޮތަށް ބިއްލޫރި ޖަހައިފައި ހުންނަ ތަންތަނާއި ދަމާދޮރާއި ކުޑަދޮރު (ސްލައިޑިންގ ޑޯރ އެންޑް ވިންޑޯރ) ގެ ނުހުޅުވޭ ބައި މީގެ ތެރެޔަކު ނުހިމެނޭނެއެވެ.
(ބ) މި ގަވާއިދުގެ ޖަދުވަލު 10 ގައި ދައްކައިފައިވާ ގޮތަށް އިމާރާތުގައި (ގޯތީގެ އިމުގައި) ވައިގޮޅިއެއް ހަދާ ނަމަ، އެ ވައިގޮޅީގައި މަދުވެގެން އެތެރެއަށް 0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް) މީޓަރު އަދި ފުޅާމިނުގައި 0.6 (ސުމެއް ޕޮއިންޓް ހައެއް) މީޓަރު ހުންނަންވާނެއެވެ. އަދި އިމާރާތުގެ ތެރޭގައި ވައިގޮޅިއެއް ހަދާ ނަމަ، ހުރަހެއްނެތި ކޮންމެ އަރިމައްޗެއްގައި ވެސް މަދުވެގެން 0.6 (ސުމެއް ޕޮއިންޓް ހައެއް) މީޓަރު ހުންނަންވާނެއެވެ.
(ޅ) އިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށް ޓަކައި، ދިރިއުޅުމަށް ބޭނުންކުރެވޭ ހުރިހާ ތަނެއް ވެސް ވެންޓިލޭޓް ވާންވާނެއެވެ. ސްޓޯރޭޖުގެ ގޮތުގައި ފަރުމާކޮށްފައިވާ ޖާގަތަކާއި މެކޭނިކަލީ ވެންޓިލޭޓް ކުރެވިފައިވާ ފާހާނާ މީގެ ތެރެއަކު ނުހިމެނޭނެއެވެ. ނަމަވެސް ސްޓޯރޭޖުގެ ގޮތުގައި ފަރުމާކޮށްފައިވާ ޖާގަ ހުންނަންވާނީ މި ގަވާއިދުގެ 18 ވަނަ މާއްދާގައިވާ ގޮތަށެވެ.
(ކ) އިމާރާތުގައި ދިރިއުޅުން ފިޔަވައި، އެހެން ބޭނުމެއް ކުރާ ނަމަ (މިސާލު: ކެފޭ، ރެސްޓޯރަންޓް، ފިހާރަ، ކްލިނިކް ފަދަ ތަންތަން) އެ ތަންތަނަށް ވައި ފޯރުކޮށްދިނުމަށް މެކޭނިކަލް ވެންޓިލޭށަން ބޭނުންކުރެވިދާނެއެވެ.
(އ) ހުޅުވުމަކުން (އޯޕަނިންގއަކުން) ވެންޓިލޭޓްވާނެކަމަށް ބެލެވޭނީ، ހުޅުވުމާ ދިމާއިން ފެށިގެން 6 (ހައެއް) މީޓަރު ދުރުމިނަށެވެ. އަދި ހުޅުވުމުގެ އޭރިޔާ ތަޅުމުގެ ބޮޑުމިނުގެ %15 (ފަނަރަ އިންސައްތަ) އަށް ވުރެ
ކުޑަނުވާ ނަމަ، ވެންޓިލޭޓްވާނެކަމަށް ބެލޭނީ، ހުޅުވުމާ ދިމާއިން ފެށިގެން 7.5 (ހަތެއް ޕޮއިންޓް ފަހެއް) މީޓަރުގެ ދުރުމިނަށެވެ. މި ބަޔާންކުރި ދެ ހާލަތުގައި ވެސް ހުޅުވުމުގެ އަރިމަތިން ވެންޓިލޭޓްވާނެކަމަށް ބެލޭނީ ފަރާތަކަށް 4 (ހަތަރެއް) މީޓަރުގެ ދުރުމިނަށެވެ.
(ވ) ޕޭވްމަންޓް ލެވެލުން ފެށިގެން 3 (ތިނެއް) މީޓަރު މަތިން އިމާރާތުގައި ބަހައްޓާ ކުޑަދޮރުތައް (ހުޅުވޭގޮތަށް) ހުންނަންވާނީ، ތަޅުމުން (ފިނިށްޑް ފްލޯރ ލެވެލް) އިން ފެށިގެން މަދުވެގެން 1 (އެކެއް) މީޓަރުގެ އުސްމިނުގައެވެ.
(މ) މި މާއްދާގެ (ވ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެރަހާއި ބެލްކަނި ފަދަ ތަންތަނަށް ހުޅުވޭގޮތަށް ހުންނަ ކުޑަދޮރު، ތަޅުމުން (ފިނިށްޑް ފްލޯރ ލެވެލް) އިން ފެށިގެން 1 (އެކެއް) މީޓަރަށް ވުރެ ތިރިކޮށް ބެހެއްޓިދާނެއެވެ.
(ފ) ޕޭވްމަންޓް ލެވެލުން ފެށިގެން 3 (ތިނެއް) މީޓަރު މަތިން އަދި ތަޅުމުން (ފިނިށްޑް ފްލޯރ ލެވެލް) ފެށިގެން 1 (އެކެއް) މީޓަރަށް ވުރެ ތިރީގައި ގްލާސްބްލޮކް ނުވަތަ ނުހުޅުވޭގޮތަށް ހުންނަ ކުޑަދޮރު (ފިކްސްޑް ގްލާސް) އާއި، ކަތިފިލާ (ލޫވަރ) ހަރުކުރެވިދާނެއެވެ.
17 ވަނަ މާއްދާ - ކުނި ޖަމާކުރާނެ ޖާގަ ކަނޑައެޅުން
(ހ) ކޮންމެ އިމާރާތެއްގެ ވެސް އިމާރާތުގެ ފުޓްޕްރިންޓް އޭރިޔާގެ %1.5 (އެކެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށް ވުރެ ކުޑަނުވާ ޖާގައެއް، ކުނި ބެހެއްޓުމަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފައި އޮންނަންވާނެއެވެ. ނަމަވެސް އިމާރާތުގެ ފުޓްޕްރިންޓުގައި 3,000 (ތިންހާސް) އަކަފޫޓު ހަމަވާ އަދި އެޔަށް ވުރެ ބޮޑު ގޯތިތަކުގައި ކުނި ބަހައްޓާ ޖާގައިގެ ބޮޑުމިނަކީ މަދުވެގެން އެ އިމާރާތުގެ ފުޓްޕްރިންޓުގެ %3 (ތިނެއް އިންސައްތަ) އަށްވާ އޭރިޔާއެވެ.
(ށ) މި މާއްދާގެ (ހ) ގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުނި ބެހެއްޓުމަށް ކަނޑައަޅާ ސަރަހައްދުގެ ދިގުމިނުގައި މަދުވެގެން 2 (ދޭއް) ފޫޓު އަދި ފުޅާމިނުގައި ވެސް މަދުވެގެން 2 (ދޭއް) ފޫޓު ހުންނަންވާނެއެވެ. އަދި މި ޖާގައިގެ އުސްމިނުގައި މަދުވެގެން 5 (ފަހެއް) ފޫޓު ހުންނަންވާނެއެވެ.
(ނ) ކުނި ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެ ނުކުމެއުޅުމަށް ދޮރެއް ބަހައްޓައި، އެއީ ވަށައިގެން ބަންދުކޮށްފައިވާ ތަނަކަށް ވާންޖެހޭނެއެވެ.
(ރ) ކުނި ބަހައްޓާ ސަރަހައްދު ހުންނަންވާނީ، ކުނި ބަލައި އަންނަ ފަރާތަށް ފަސޭހައިން ވަދެނުކުމެވޭ ގޮތަށް ހަމަޖެހިފައެވެ.
18 ވަނަ މާއްދާ - ބަނޑަހަގެ (ސްޓޯރޭޖް)
(ހ) ބަނޑަހަގޭގެ ގޮތުގައި އެންމެ ބޮޑުވެގެން ބޭނުންކުރެވޭ ޖުމުލަ އޭރިޔާ 45 (ސާޅީސް ފަހެއް) އަކަފޫޓަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
(ށ) މި ތަނުގައި ގުދަންކުރެވޭނީ ހަމައެކަނި ގޭގައި ހިފައިގެންގުޅޭ ތަކެއްޗާއި އެހެނިހެން ގެވެށި އާލަތްތަކެވެ.
19 ވަނަ މާއްދާ - ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން
(ހ) ގޯތީގައި ހަދާ ކެފޭ/ރެސްޓޯރަންޓުގެ އިމުގައި ބިމުން ފެށިގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރަށް ވުރެ އުސްނޫން، އެތެރެފެންނަ (ވަޔާއި އަލި ދައުރުވާނެ ގޮތަށް ހުންނަ) ފެންސެއް ހުންނަންވާނެއެވެ.
(ށ) ގޯތީގެ އިމުން ބޭރުގައި ގޮނޑިއާއި، މޭޒު ޖެހުމަކީ މަނާކަމެކެވެ. އަދި ގޯތީގެ އިމުން ބޭރު ހިޔަލެއްނުކުރެވޭނެއެވެ. މިގޮތުން ގްރައުންޑްފްލޯރގައި ކެފޭ ރެސްޓޯރަންޓުގެ އައުޓްޑޯރ ޖާގައެއް ހަދާ ނަމަ ހަދަންވާނީ، މި ގަވާއިދުގެ ޖަދުވަލު 15 ގައިވާ ގޮތަށެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ގޯތީގެ އިމުން ބޭރުގައި ގޮނޑިއާއި މޭޒު ޖަހައިފައި ހުރިކަން ފާހަގަކުރެވިއްޖެ ނަމަ، އެފަދަ ތަކެތި ނެގުމުގެ އިހުތިޔާރު، އެޗް.ޑީ.ސީ.އަށް ލިބިގެންވެއެވެ.
(ރ) އިމާރާތުގެ ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުގެ ބަދިގެއިން ބޭރުވާ ދުންހޮޅި ނެރެފައި ހުންނަންވާނީ، އެ ގޯތީގެ އިމާރާތުގެ އިމުން 0.6 (ސުމެއް ޕޮއިންޓް ހައެއް) މީޓަރަށް ވުރެ ބޭރުނުވާ ގޮތަށް، ވެރިފަރާތުގެ ގޯތީގެ ސެޓްބެކުގެ ތެރެއަށެވެ. އަދި ދުންހޮޅި ނެރެފައި ހުންނަންވާނީ ކެފޭ/ރެސްޓޯރަންޓް ހަދާ އިމާރާތާ ދިމާއަށް ނުވަތަ (އެހެން ގޯއްޗަކާ ދިމާއަށް ނުވާނޭހެން) މައްޗަށް ބޭރަށެވެ.
(ބ) އިމާރާތުގައި ޓޭކްއަވޭ ފަދަ ހިދުމަތް ދޭންވާނީ، އިމާރާތުގެ އިމުގެ ތެރެއިން، ދޫކޮށްފައިވާ ސެޓްބެކުގެ ތެރޭގައެވެ. އިމާރާތުގެ އިމުން ބޭރުގައި މީހުން ތިބޭގޮތަށް ޓޭކްއަވޭ ފަދަ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.
20 ވަނަ މާއްދާ - ޖީޕޮންގެ ހިދުމަތް
(ހ) ުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ގޯތިތަކުގައި އިމާރާތްކޮށް ނިމޭއިރު އެޗް.ޑީ.ސީ.ގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "އިންބިލްޑިންގ ކޭބްލިންގ ގައިޑްލައިންސް" އާ އެއްގޮތަށް ޖީޕޮން ފައިބަރ ކޭބްލިންގ ސިސްޓަމަށް މަދުވެގެން 200x4000 (ދުއިސައްތަ ގުނަ ހަތަރުސަތޭކަ) މިލިމީޓަރުގެ ޑަކްޓެއް، ކޮންމެ ފަންގިފިލައެއްގައި ހިމެނިފައި ހުންނަންވާނެއެވެ. މި ޑަކްޓް ބޭނުންކުރެވޭނީ އިމާރާތަށް ޖީޕޮން ނެޓްވަރކް ގާއިމުކުރުމަށް ޓަކައެވެ.
(ށ) އިމާރާތްތަކުގައި އޮޕްޓިކަލް ނެޓްވޯކް ޓަރމިނަލް (އޯ.އެން.ޓީ.) ޕްރޮވިށަން ލުމަށް މި ޖާގަ އިމާރާތުގެ ބައިތަކުގައި ހިމެނިދާނެއެވެ. އަދި މިގޮތަށް ޕްރޮވިށަން ދޭންވާނީ 220 (ދުއިސައްތަ ވިހި) ވޯލްޓޭޖުގެ އޭސީ ޕަވަރ ސޮކެޓަކާއެކު އޯ.އެން.ޓީ. ޓަރމިނަލުގެ އުސްމިނުގައި "12 (ބާރަ އިންޗި) ފުޅާމިނުގައި "15 (ފަނަރަ އިންޗި) އަދި ފުންމިނުގައި "4 (ހަތަރެއް އިންޗި) ހުންނަ ޖާގައެކެވެ.
ހަތަރުވަނަ ބާބު
އާންމު ބައިތައް
21 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް
މި ގަވާއިދު ތަންފީޒުކޮށް ހިންގާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުގެ ފަރާތުންނެވެ.
22 ވަނަ މާއްދާ - ފިޔަވަޅު އެޅުން
މި ގަވާއިދުގައި ކަނޑައަޅައިފައިވާ ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނީ ގާނޫނު ނަންބަރ 2024-16 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު) ގެ ހަތަރުވަނަ ބާބުގެ ދެވަނަބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
23 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ބަޔާންވެފައިވާ ބައެއް ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކުރެވިފައިވަނީ، ތިރީގައިވާ އަކުރުތަކުގައި މާނަކޮށްފައިވާ ގޮތަށެވެ.
(ހ) "އިމާރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ 99 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މާނައިގައެވެ.
(ށ) "އެޗ.ްޑ.ީސީ" ކަމަށް ބުނެފައި އެވަނީ، "ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑް" އަށެވެ.
(ނ) "ވެބްސައިޓް" ކަމަށް ބުނެފައި އެވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުގެ ވެބްސައިޓަށެވެ.
(ރ) "ސިނާއީ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގައި ކުރުން ހުއްދަކުރާ އެންމެހައި މަސައްކަތްތައް ހިމެނޭ ގޮތުންނެވެ.
(ބ) "ސެޓްބެކް" ކަމަށް ބުނެފައި އެވަނީ، ގޯތީގައި އިމާރާތްކުރުމަށް ޖާގަ ކަނޑައެޅުމަށް ގޯތީގެ އިމުން ފެށިގެން ދޫކުރާ ބަޔަށެވެ.
(ޅ) "ފުޓްޕްރިންޓް" ކަމަށް ބުނެފައި އެވަނީ، ގޯތީގެ ސެޓްބަކަށްވާ އޭރިޔާ ކެނޑުމަށްފަހު ގޯތީގައި އޮންނަ އޭރިޔާއަށެވެ.
24 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
25 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 26 އެޕްރީލް 2023 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވި އަމަލުކުރަމުން އަންނަ ގަވާއިދު ނަންބަރު 2023-99 (ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު) އުވުނީއެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
(Neighbourhood Map)
ޖަދުވަލު 2
Building Area
ޖަދުވަލު 3
Building Area
ޖަދުވަލު 4
Building Area
ޖަދުވަލު 5
BUILDING HEIGHT WITHOUT LIFT
ޖަދުވަލު 6
Roof Slab
ޖަދުވަލު 7
BUILDING HEIGHT UPTO 30.5 METERS
ޖަދުވަލު 8
BOUNDARY WALL HEIGHT
ޖަދުވަލު 9
Building Front
ޖަދުވަލު 10
Building Front - Typical Floor Plan
ޖަދުވަލު 11
Building Front - Terrace Floor Layout
ޖަދުވަލު 12
Building Front - Terrace Level Plan
ޖަދުވަލު 13
Section
ޖަދުވަލު 14
Plot Subdivision: Neighbourhood 1 Plots
ޖަދުވަލު 15
Plot Subdivision: All Plots Except Neighbourhood 1
ޖަދުވަލު 16
Plot Mergin: Neighbourhood 1 Plots
ޖަދުވަލު 17
Plot Mergin: All Plots Except Neighbourhood 1
ޖަދުވަލު 18
Plot Mergin: All Plots Except Neighbourhood 1
މައި ގާނޫނު
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-16)
އުވުނު ގަވާއިދު
ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-99)
ކިޔުންތެރިންގެ ހިޔާލު