ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-99)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 އެޕްރީލް 2023 ގައި)
1 ވަނަ މާއްދާ - ތަޢާރުފު
ހުޅުމާލެއަކީ ޕްލޭންކޮށްގެން ހަދައިފައިވާ ސަރަހައްދަކަށް ވެފައި، އެ ސަރަހައްދު އޮންނަންޖެހޭނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައިފައިވީ ހިނދު، އެ ޕްލޭން ތަންފީޒުކުރުމަށް ޓަކައި ހުޅުމާލެ ފޭސް 1 އިން، އާންމު ދިރިއުޅުމަށް، ރެސިޑެންށަލް ނެއިބަރހުޑް 1 އާއި، ނެއިބަރހުޑް 2 އާއި، ނެއިބަރހުޑް 3 އިން ދޫކޮށްފައިވާ ގޯތިތަކުގެ އިމާރާތްކުރުމުގެ ކަންކަން ހުންނަންޖެހޭ ގޮތް ކަނޑައަޅައިދޭ ގަވާއިދެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ، ''ހުޅުމާލޭ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު'' މިހެންނެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާތައް
މި ގަވާއިދު ހިނގާނީ، އާންމު ދިރިއުޅުމަށް ހުޅުމާލެ ފޭސް 1 ގެ ރެސިޑެންށަލް ނެއިބަރހުޑް 1 އާއި، ނެއިބަރހުޑް 2 އާއި، ނެއިބަރހުޑް 3 އިން ދޫކޮށްފައިވާ ގޯތިތަކަށެވެ.
4 ވަނަ މާއްދާ - އިމާރާތް ކުރުމުގެ ހުއްދަ ހޯދުން
(ހ) ހުޅުމާލޭގައި އެއްވެސް އިމާރާތެއް ހަދަން ފަށަންވާނީ، އެފަދަ އިމާރާތެއް ކުރުމުގެ ކުރިން، އިމާރާތެއް ކުރުމުގެ ހުއްދަ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުން ހޯދުމަށް ފަހުގައެވެ.
(ށ) އިމާރާތް ކުރުމުގެ ހުއްދައާއި އެ ހުއްދައާ ގުޅޭ އެހެނިހެން ހުއްދަތައް ދޫކުރެވޭނީ، އިމާރާތުގެ ކުރެހުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑަށް ހުށަހަޅައި، އެ ކޯޕަރޭށަނުން އެ ކުރެހުން ފާސްކުރުމުންނެވެ.
(ނ) އިމާރާތްކުރުމުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާނަމަ، ނުވަތަ ފާސްކޮށްފައިވާ ކުރެހުމާ ހިލާފުވާނަމަ، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލު، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފާސްކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފޮނުވަން ވާނެއެވެ.
5 ވަނަ މާއްދާ - އިމާރާތް ބޭނުންކުރަން ފެށުން
(ހ) އަލަށް ހަދާ އިމާރާތް ބޭނުންކުރަން ފަށަންވާނީ، އިމާރާތުގެ މަސައްކަތް ނިންމުމަށްފަހު،ކޯޕަރޭށަނަށް އެކަން ހުށަހަޅައި، އިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) ކުރެހުން ފާސްކުރާތާ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އިމާރާތްކޮށް ދިރިއުޅެންވާނެއެވެ.
(ނ) މި މާއްދާގެ(ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މުއްދަތު އިތުރުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
6 ވަނަ މާއްދާ - އިމާރާތުގެ ކުރެހުން ފާސްކުރުމާއި، ކުރެހުމަށް ބަދަލުގެނައުން
(ހ) އިމާރާތުގެ ކުރެހުން ފާސްކުރަން ނުވަތަ ކުރެހުމަށް ބަދަލެއް ގެނައުމަށް ޓަކައި ހުށަހަޅާނީ، ''ހުޅުމާލޭގައި ހަދާ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު'' އިންނެވެ. މި ފޯމުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 11 ގައި އެވަނީއެވެ.
(ށ) މި މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި، އެ ބަޔާންކޮށްފައިވާ ގޮތަށް، އެ ފޯމާއެކު ފުރިހަމައަށް ހުށަހަޅަންވާނެއެވެ.
(ނ) މި ގަވާއިދަށް ޢަމަލުކުރަން ފެށިފައިވީނަމަވެސް، ކުރެހުން ހުށަހެޅުމަށާއި، ކުރެހުން ފާސްކުރުމަށް ފީއެއް ނެގުމުގެ އުސޫލު، މި ގަވާއިދުގެ 4 ވަނަ މާއްދާގެ(ނ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި ހިމެނިދާނެއެވެ.
7 ވަނަ މާއްދާ - ބިން ބޭނުންކުރެވޭނެ ގޮތް
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ދޫކޮށްފައިވަނީ އާންމު ދިރިއުޅުމަށެވެ. ނަމަވެސް،
ބައެއް ހާލަތްތަކުގައި އިމާރާތެއްގެ ބިންމަތީ ބައި (ގްރައުންޑް ފްލޯރ) އާއި، ފުރަތަމަ ފަންގިފިލާ )ފަސްޓް ފްލޯރ( އާއި ބޭސްމަންޓް، ދިރިއުޅުން ނޫން ބޭނުންތަކަށް، ކޯޕަރޭށަނުން ހުއްދަކުރާ ގޮތެއްގެ މަތީން ބޭނުންކުރެވިދާނެއެވެ. ނަމަވެސް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުން ހުއްދައެއް ނުކުރެވޭނެއެވެ.
(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކުރުން ހުއްދަނޫން ކަންކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ސިނާޢީ މަސައްކަތް؛
- އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅޭ ނުވަތަ އެފަދަ ތަކެތި ރައްކައުކުރެވޭ ތަންތަން ހެދުން؛
- އާންމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަވާ ކަންކަމާއި، އާންމުންނަށް އުނދަގޫވާ ވަރަށް ވަސްދުވާ ކަންތައްތައް؛
- ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާ ފަދަ މަސައްކަތްތައް؛
- ގުދަން ކުރުން (ވެއަރހައުސް، ސްޓޯރޭޖް ފަދަ ބޭނުންތަކަށް)
(ނ) އިމާރާތުގައި ބޭސްމަންޓެއް ހަދާނަމަ، ދިރިއުޅުމަށް ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ބޭސްމަންޓް ބޭނުންކުރެވިދާނެއެވެ. ބޭސްމަންޓުގެ ގޮތުގައި ހަދާ އޭރިޔާ (ގޯތީގެ އޭރިޔާއާއި ތަޅުމުގެ ޖުމުލަ އޭރިޔާއަށް ރިޢާޔަތްކޮށް ހިޔާކުރެވޭ މިންވަރު) ތެރޭ ހިމެނޭނެއެވެ.
(ރ) ބޭސްމަންޓާއި ގްރައުންޑް ފްލޯރ އެކުގައި ކޮމާށަލް އޭރިޔާގެ ގޮތުގައި ބޭނުންކުރެވޭނީ، މި ދެބައި އެކުގައި ބޭނުންކުރެވޭ ޖުމުލަ އޭރިޔާ ގޯތީގެ ނެޓް އޭރިޔާ (ސެޓްބެކްތައް ކެނޑުމަށްފަހު އޮންނަ އޭރިޔާ) އަށްވާ މިންވަރަށްވުރެ ބޮޑުނުވާވަރަށެވެ. އަދި މިގޮތުން ކޮމާށަލް ބޭނުމަށް ތަން ބޭނުންކުރުމަށް ހުއްދަކުރެވޭނީ، މަދުވެގެން 1 (އެކެއް) ކޮޓަރީގެ އެޕާޓްމަންޓެއް އެ އިމާރާތެއްގައި ހަދައި، ދާއިމީގޮތެއްގައި ދިރިއުޅުމަށް އެ އެޕާޓްމަންޓް ބޭނުންކުރާނަމައެވެ.
(ބ) އެއްގޯތިން އަނެއް ގޯއްޗަށް ވަދެނުކުމެވޭގޮތަށް ދޮރުކެނޑުމާއި، ދެ ގޯތި އެއްކޮށްގެން އެއްވެސް މަސައްކަތެއް އަދި އިމާރާތެއް ކޮށްގެން ނުވާނެއެވެ.
(ޅ) ގޯތީގައި ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ހުއްދަކުރެވޭ ބައިގެ ތެރެއިން ވަދެ ނުކުމެވޭގޮތަށް ނުވަތަ އެ ބައިގެ ތެރެއަށް ދިރިއުޅޭ ބައިން ވަދެ ނުކުމެވޭގޮތަށް ހުރެގެން ނުވާނެއެވެ.
8 ވަނަ މާއްދާ - ގަރާޖުގެ ގޮތުގައި ކަނޑައަޅާ އޭރިޔާ
(ހ) ކޮންމެ ގޯއްޗެއްގައި ވެސް ގަރާޖުގެ ގޮތުގައި ބޭނުންކުރުމަށް މަދުވެގެން 14 (ސާދަ) އަކަމީޓަރުގެ އޭރިޔާއެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. މިގޮތުން ކަނޑައެޅޭ އޭރިޔާ އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 (E) އާއި، ޖަދުވަލު 1 (F) އާއި، ޖަދުވަލު 1 (G) ގެ ކުރެހުމުގައި ފާހަގަކޮށްފައިވާ ތަނުގައެވެ. ގަރާޖުގެ ގޮތުގައި ދޫކުރެވޭ އޭރިޔާގައި ބާއްވާނެ ވެހިކަލެއް ނެތް ފަރާތްތަކުން އެ އޭރިޔާ، ކޯޕަރޭށަނުން ހުއްދަކުރާ ކަމަކަށް ބޭނުންކުރެވިދާނެއެވެ.
(ށ) ގަރާޖު އޭރިޔާ ގުނަން ފެށޭ ހިސާބުކަމުގައި ބެލެވޭނީ، މަގާވީފަޅިން (ސެޓްބެކް ދޫކޮށްފައި) އިމާރާތް ފެށޭ ހިސާބުންނެވެ.
(ނ) ގަރާޖު އޭރިޔާގެ މަގާވީފަޅިއަށްވާ ފަރާތުގެ ފުޅާމިނުގައި މަދުވެގެން 3( ތިނެއް( މީޓަރު ހުންނަންވާނެއެވެ.
(ރ) ކަންމަތީ ގޯތިތަކުގައި، މި ގަވާއިދުގެ ޖަދުވަލު 1 (E) އާއި، ޖަދުވަލު 1 (F) އާއި، ޖަދުވަލު 1 (G) ގައި ފާހަގަކޮށްފައިވާ ދެ ތަނުގެ ތެރެއިން ކޮންމެވެސް އެއްތަނެއް ގަރާޖުގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.
9 ވަނަ މާއްދާ - އިމާރާތުގެ ފްލޯ ސްޕޭސް އިންޑެކްސް
ފްލޯ ސްޕޭސް އިންޑެކްސްއަކީ ގޯތީގެ އޭރިޔާއާއި ތަޅުމުގެ ޖުމުލަ އޭރިޔާއަށް ރިޢާޔަތްކޮށް ހިޔާކުރެވޭ މިންވަރެވެ.
10 ވަނަ މާއްދާ - ސެޓްބެކް ޕްލޭން އަދި ސެޓްބެކް ބޭނުންކުރުން
(ހ) މި ގަވާއިދުގެ ޖަދުވަލު 6 ގައި ދައްކައިފައިވާ ގޮތަށް ކޮންމެ ގޯއްޗެއް ވެސް އިމާރާތްކުރެވޭނީ އެ ގޯއްޗެއްގެ ސެޓްބެކް ޕްލޭނާ އެއްގޮތަށެވެ.
(ށ) ކޮންމެ ގޯއްޗެއްގެ ވެސް އިމާރާތުގެ މޫނުމަތީ ފަރާތުގެ ގޮތުގައި ބަލާނީ، މަގާވީފަޅިއަށް ސެޓްބެކްދެވިފައިވާ ފަޅިއެވެ.
(ނ) މި ގަވާއިދުގައި ފާހަގަކޮށްފައިވާ ކަންމަތީ ގޯތިތަކުގެ މޫނުމަތީ ސެޓްބެކް ފިޔަވައި ގޯތިތަކުގެ އަރިމައްޗާއި އަދި ފަހަތުން ސެޓްބެކް ގޮތުގައި ދޫކޮށްފައިވާ ބައި، އެއްވެސް ހިސާބަކުން ހިޔާކޮށްގެން ނުވާނެއެވެ.
(ރ) ގޯތީގެ މޫނުމަތީ ސެޓްބެކްގެ ތެރެއަށް (ޕޭވްމަންޓް ލެވެލް/ބިންމަތިން ފެށިގެން 3 މީޓަރު މަތިން) އިމުގެ ތެރެއަށް ނެރެވިދާނެއެވެ. އަދި މިގޮތުން މޫނުމަތީ ސެޓްބެކް ތެރެއަށް ނެރޭބައި ބެލްކަނީގެ ގޮތުގައި ނުވަތަ އިމާރާތުގެ ބައެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ.
(ބ) ދެ މަގު ގުޅޭ ކަންމައްޗަށް ހުންނަ ގޯއްޗެއްގައި ހަދާ އިމާރާތެއްނަމަ، އެ ގޯއްޗެއްގެ ހަތަރެސްކަން ހަމަކުރުމަށް އުނިވެފައިވާ އޭރިއާ ހަތަރެސްކަން ހަމަވާގޮތަށް ދުވާރުން ފެށިގެން 11.8 (އެގާރަ ޕޮއިންޓް އަށެއް) މީޓަރު މަތިން ކަން ހަމަވާގޮތަށް ނެރެވިދާނެއެވެ. އަދި މިގޮތުން ނެރޭބައި ބެލްކަނީގެ ގޮތުގައި ނުވަތަ އިމާރާތުގެ ބައެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ.
(ޅ) އިމާރާތުގެ ކުރިމަތީގައި ސެޓްބެކްއަށް (ފުރަތަމަ ފަންގިފިލާއިން ތިރި) ކެނޮޕީފަދަ ރޫޅައިލެވޭ ތަކެތި ބޭނުންކޮށްގެން ހިޔާކުރެވިދާނެއެވެ. ނަމަވެސް މިފަދަ ހިޔާގަނޑުގެ ދިގުމިން ހުންނަންވާނީ، މޫނުމަތީ ސެޓްބެކްގެ އިމުން ބޭރުނުވާވަރަށެވެ. އަދި މިފަދަ ހިޔާގަނޑު ހަރުކޮށްފައި ހުންނަންވާނީ، ހަމައެކަނި ފާރަށް ހިފައިފައެވެ. މިފަދަ ހިޔާގަނޑެއް ހަރުލެއްވުމަށް ތަނބާއި، ދަގަނޑު ހޮޅި ފަދަ އެއްވެސް ސަޕޯޓެއް ބިމަށް ޖަހައިގެން ނުވާނެއެވެ. މިގޮތުން ހިޔާގަނޑާއި، އެ ހަރުކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ގޯތީގެ އިމަށްވުރެ ބޭރަށް ނެރެފައި ހުރެގެން ނުވާނެއެވެ.
(ކ) އިމާރާތުގެ އެންމެ މަތީގައި ހަދާ ރޫފްސްލެބް ނުވަތަ ކަތި ފުރާޅު މޫނުމަތީ ސެޓްބެކް ތެރެއަށް ނުވަތަ 11.8 (އެގާރަ ޕޮއިންޓް އަށެއް) މީޓަރު މަތިން ހަތަރެސްކަން ހަމަކުރުމަށް ނެރެފައިވާ އިމުގެ ތެރެއަށް ނެރޭނަމަ ނެރެންވާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) އާއި (ބ) ގައިވާ ގޮތުގެ މަތީންނެވެ. އަދި މިގޮތަށް ނެރޭބައި ބަހައްޓަންވާނީ، މޫނުމަތީ ސެޓްބެކްގެ އިމުގެ ތެރޭގައެވެ. އަދި ކަތިފުރާޅުގެ އަސްކަންޏާއި ދިޔަދޮވި، ފަހަތު ސެޓްބެކްއަށާއި އަރިމަތީ ސެޓްބެކްއަށް ނެރޭނަމަ ބަހައްޓަންވާނީ އަންނަނިވި ގޮތްތަކަށެވެ.
- މި ގަވާއިދުގައިވާ ކަންމަތީ ގޯތިތައް ފިޔަވައި އެހެން ގޯތިތަކުގެ ފުރާޅުގެ އަސްކަންޏާއި ދިޔަދޮވި ފަހަތު ސެޓްބެކްއާއި އަރިމަތީ ސެޓްބެކް ތެރެއަށް ނެރެވޭނީ އިމާރާތުގެ އިމުން ފެށިގެން 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށް ވުރެ ބޮޑުނުވާ ވަރަށެވެ.
- މި ގަވާއިދުގައިވާ ގޯތިތަކުގައި ފަހަތު ސެޓްބެކް ތެރެއަށް ނެރެވޭނީ، އިމާރާތުގެ އިމުން ފެށިގެން 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށްވުރެ ބޮޑުނުވާ ވަރަށެވެ. އަދި އަރިމަތީ ސެޓްބެކަށް އިމާރާތް 1 (އެކެއް) މީޓަރަށް ނެރެފައިވާނަމަ އަސްކަންޏާއި ދިޔަދޮވި ނެރެވޭނީ، 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރަށް ވުރެ ބޮޑު ނުވާވަރަށެވެ
(އ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންމައްޗަށްވާ ގޮތަށް ހުންނަ ގޯތިތަކުގެ އަރިމަތީ ސެޓްބެކްއާއި ފަހަތު ސެޓްބެކްއަކީ ކޮންމެ ގޯއްޗެއްގެ ވެސް ދެ ގޯތި ދެމެދުން ސެޓްބެކްގެ ގޮތުގައި ދީފައިވާ ފަރާތެވެ.
(ވ) ދެ އިމާރާތުގެ ދެމެދުގައިވާ އަރިމަތީ ސެޓްބެކްއަށާއި ފަހަތު ސެޓްބެކްއަށް (ފުރާޅުގެ އަސްކަންޏާއި ދިޔަދޮވި ފިޔަވައި) އިމާރާތުގެ އެއްވެސް ބައެއް ނުނެރެވޭނެއެވެ. މީގެތެރޭގައި ޑެކަރޭޓިވް ބޯޑަރާއި، ރީޓްރެކްޓަބަލް ކެނޮޕީއާއި، ސަރވިސް ޑަކްޓްސް ފަދަ ތަކެތި ހިމެނެއެވެ. އެހެންނަމަވެސް އޭސީ އައުޓްޑޯރ ޔުނިޓް، އިމާރާތުގެ ފާރުން ފެށިގެން 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށް ވުރެ އިތުރުނުވާނޭހެން ނެރެވިދާނެއެވެ.
11 ވަނަ މާއްދާ - އިންފާރު ރޭނުން
(ހ) މި ގަވާއިދުގެ ޖަދުވަލު 10 ގައި ދައްކައިފައިވާ ގޮތަށް މަގުމަތީ އިންފާރު ރޭނޭނީ، އެންމެ އުސްވެގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރަށެވެ. އަދި މަގުމަތީ އިންފާރު ރާނާނަމަ ރާނަންވާނީ، ކުރިމަތީ ސެޓްބެކްއާއި ކަންމަތީ ގޯތިތަކުގެ އަރިމަތީ ސެޓްބެކްގެ ގޮތުގައި ދޫކޮށްފައިވާ އިމުގެ ތެރޭގައެވެ.
(ށ) މި މާއްދާގެ(ހ) ގައިވާ ފަދައިން މަގުމަތީ އިންފާރު ރޭނުމަށްފަހު، އޭގެ މަތިން 0.6 (ސުމެއް ޕޮއިންޓް ހައެއް) މީޓަރަށް ފެންސެއް/ގޭޓެއް ލެވިދާނެއެވެ. ނުވަތަ ބިމުން ފެށިގެން 2 (ދޭއް) މީޓަރުގެ އުސްމިނުގެ ފެންސެއް/ގޭޓެއް ލެވިދާނެއެވެ. ނަމަވެސް، ސްޓްރަކްޗަރަލް އެއްވެސް ބައެއް (ތަނބު ފަދަ އެއްޗެއް) ކުރިމަތީ ސެޓްބެކްގެ ފާރުގެ 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރުން މައްޗަށް ހުރެގެން ނުވާނެއެވެ.
(ނ) މި ގަވާއިދުގެ ޖަދުވަލު 10 ގައި ދައްކައިފައިވާ ގޮތަށް ގޯތީގެ އަރިމަތި )މަގާވީ ފަޅި ފިޔަވައި( އަދި ފަހަތު ސެޓްބެކްގެ އިންފާރު ރޭނޭނީ، އެންމެ އުސްވެގެން 2 (ދޭއް) މީޓަރަށެވެ.
12 ވަނަ މާއްދާ - އިމާރާތުގެ ފައުންޑޭށަނުގެ ފުންމިން
(ހ) ކޮންމެ އިމާރާތެއްގެ ވެސް ފައުންޑޭށަނުގެ ފުންމިން ކަނޑައަޅާނީ، ސްޓްރަކްޗަރއަށް ރިޢާޔަތްކޮށް، އިމާރާތުގެ ސްޓްރަކްޗަރަލް ޑިޒައިން ހަދާ އިންޖިނިއަރެވެ.
(ށ) 1 (އެކެއް) ފަންގިފިލާގެ އިމާރާތެއްނަމަ ފައުންޑޭށަނުގެ ގޮތުގައި އެންމެ ފުންވެގެން ހުންނަންވާނީ، ޕޭވްމަންޓް/ ގްރައުންޑް ލެވެލުން ފެށިގެން 6.0 (ސުމެއް ޕޮއިންޓް ހައެއް) މީޓަރު އަޑިއަށެވެ.
(ނ) އިމާރާތުގެ އުސްމިން 1 (އެކެއް) ބުރި ނުވަތަ 5 (ފަހެއް) މީޓަރަށްވުރެ އުސްނަމަ، އިމާރާތުގެ ކުރެހުމާއެކު ''ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް'' ސްޓްރަކްޗަރަލް އިންޖިނިއަރުގެ ސޮޔާއި ތައްގަނޑާއެކު ހުށަހަޅަންވާނެއެވެ.
(ރ) އިމާރާތުގެ ފައުންޑޭށަން 2 (ދޭއް) މީޓަރު އަދި އެއަށްވުރެ ފުންވާނަމަ (އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީގެ ގަވާއިދުތަކާ އެއްގޮތަށް) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ހަދައި ހުށަހަޅަންވާނެއެވެ.
13 ވަނަ މާއްދާ - އިމާރާތުގެ އުސްމިން
(ހ) މި ގަވާއިދުގެ ޖަދުވަލު 5 ގައި ދައްކައިފައިވާ ގޮތަށް އިމާރާތުގެ އުސްމިން ކަމުގައި ބެލެވޭނީ، ޕޭވްމަންޓް ލެވެލް/ގްރައުންޑް ލެވެލުން ފެށިގެން ސްޕްރިންގ ލައިން (ނުވަތަ ރޫފް ބީމްގެ މަތީ ކައިރި) އާ ހަމައަށެވެ. ނުވަތަ ޓެރަހެއް ލާނަމަ، ޕޭވްމަންޓް ލެވެލުން ފެށިގެން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީކައިރިޔާ ހަމައަށެވެ. އަދި އެގޮތުން އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރެވެ.
(ށ) ގްރައުންޑް ފްލޯގައި އުސް ތަޅުމެއް އެޅިނަމަވެސް، އިމާރާތުގެ އުސްމިން ކަމުގައި ބެލޭނީ، ޕޭވްމަންޓް ލެވެލް/ގްރައުންޑް ލެވެލް ފެށޭ ހިސާބުންނެވެ.
(ނ) އިމާރާތެއްގައި އެންމެ ގިނަވެގެން ހިމެނޭނީ 6 (ހައެއް) ފަންގިފިލާއެވެ.
(ރ) ކޮންމެ ފަންގިފިލާއެއްގައި ވެސް ތަޅުމުން ފެށިގެން މަތީށީޓު/ޑެކުގެ ތިރީކައިރިޔާ ހަމަޔަށް މަދުވެގެން 2.7 (ދޭއް ޕޮއިންޓް ހަތެއް) މީޓަރު ހުންނަންވާނެއެވެ.
(ބ) މި ގަވާއިދުގެ ޖަދުވަލު 5 ގެ ކުރެހުމުގައިވާ ގޮތަށް އިމާރާތުގެ އެންމެ މަތީގައި ކަތިފުރާޅެއް ލާނަމަ، އިމާރާތުގެ އުސްމިން، ޕޭވްމަންޓް ލެވެލުން ފެށިގެން ރޫފްބީމްގެ މަތީ ކައިރިޔާ ހަމަޔަށް 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ހަމަކުރުމަށްފަހު، އޭގެ މައްޗަށް 2 (ދޭއް) މީޓަރަށްވުރެ އުސްނުވާނެ ގޮތަށް ކަތި ފުރާޅެއް ލެވިދާނެއެވެ.
(ޅ) އިމާރާތުގެ 6 ވަނަ ފަންގިފިލާގެ މައްޗަށް ޓެރަހެއް ލެވިދާނެއެވެ. މިގޮތުން ލެވޭ ޓެރަހުގެ ތަޅުން، ޕޭވްމަންޓް /ގްރައުންޑް ލެވެލުން ފެށިގެން 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރަށްވުރެ އުސްވެގެން ނުވާނެއެވެ.
(ކ) މި ގަވާއިދުގެ ޖަދުވަލު 5 ގެ ކުރެހުމުގައިވާ ގޮތަށް އިމާރާތުގައި ލިފްޓް ހިމަނާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތްކުރެވޭ ފަންގިފިލާގެ އަދަދު ހަމަކޮށް، ޓެރަހުގެ މަތީގައި 4 (ހަތަރެއް) މީޓަރަށްވުރެ އުސްނުވާނޭހެން އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމުގެ ހިޔާކުރާބައި ހެދިދާނެއެވެ.
(އ) ލިފްޓް ނުލާ އިމާރާތެއްނަމަ، ނުވަތަ 6 ވަނަ ފަންގިފިލާގެ މައްޗަށް ލިފްޓް ނުލާނަމަ، އިމާރާތުގެ އުސްމިނުގެ ގޮތުގައި ކަނޑައަޅައިފައިވާ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ހަމަކުރުމަށްފަހު، ޓެރަސް ލެވެލްގައި ސިޑިގޮޅި ހިޔާކުރާބައި އުސްކުރެވޭނީ، 3 (ތިނެއް) މީޓަރަށެވެ. ސިޑިގޮޅި ހިޔާކުރަން ކަތިފުރާޅެއް ލިޔަސް ފުރާޅާއެކު ސިޑިގޮޅީގެ އުސްމިން ހުންނަންވާނީ، 3 (ތިނެއް) މީޓަރަށްވުރެ އުސްނުވާ ވަރަށެވެ.
14 ވަނަ މާއްދާ - ބެލްކަންޏާއި ޓެރަސް (ރެއިލިންގ/ޕެރަޕެޓް)
(ހ) އިމާރާތުގެ ބެލްކަންޏާއި ޓެރަހުގެ ޗެންޗޭނުގެ ނުވަތަ ފާރުގެ އުސްމިނުގައި ހުންނަންވާނީ ،ތަޅުމުން ފެށިގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރެވެ.
(ށ) އެހެން ގޯއްޗެއްގެ އިމަށްވާ ގޮތަށް ބެލްކަންޏެއް ނުވަތަ ޓެރަހެއް ހަދާނަމަ، އެ ފްލޯއެއްގެ ތަޅުމުން ފެށިގެން މަދުވެގެން 2 (ދޭއް) މީޓަރުގެ އުސް، ޕްރައިވެސީ ޕެނަލެއް ހަރުކުރަންވާނެއެވެ. ނުވަތަ 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރުގެ ފާރުބުރިއެއް ލުމަށްފަހު ،އޭގެ މަތިން 0.8 (ސުމެއް ޕޮއިންޓް އަށެއް) މީޓަރު އުސްމިނުގެ ޕްރައިވެސީ ޕެނަލެއް ލާންވާނެއެވެ. އަދި މިގޮތުން ހަރުކުރެވޭ ޕްރައިވެސީ ޕެނަލުގައި، އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.
- ޕްރައިވެސީ ޕެނަލުގެ ތެރެއިން އިމާރާތުގެ ތެރެއަށް ވަޔާއި އަލި ފުރިހަމަޔަށް ދައުރުވާގޮތަށް ހުރުން؛
- ޕްރައިވެސީ ޕެނަލުގެ ތެރެއިން އިންވެގެން ހުންނަ އިމާރާތް ސީދާ ހާމަޔަށް ނުފެންނާނޭހެން ހުރުން.
(ނ) ބެލްކަނިތަކުގެ ތެރޭގައި ނުހިމެނޭ ބެލްކަނިތައް ނުވަތަ އޭރިޔާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މި ގަވާއިދުގެ ޖަދުވަލު 4 ގައި ދައްކައިފައިވާ ގޮތަށް ބެލްކަނީގެ ވަށައިގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރު އުސްމިނުގައިވާ ފާރު ނުވަތަ ޗެންޗޭނުގެ ދިގުމިނުގައި %45 (ސާޅީސް ފަހެއް އިންސައްތަ) އަށްހުރި މިން، ބެލްކަނީގެ ބޭރުފަރާތު އިމުން ފެށިގެން ބެލްކަނީގެ އެތެރެއަށް އޮފްސެޓްކޮށްލުމުން އޮންނަ އޭރިޔާއެވެ.
- މި ގަވާއިދުގެ ޖަދުވަލު 4 ގައި ދައްކައިފައިވާ ގޮތަށް ބެލްކަނީގެ ވަށައިގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރު އުސް ފާރުގައި ނުވަތަ ޗެންޗޭނުގައި ތަނބެއް ނުވަތަ ފާރެއް )މައްޗާ ޖެހެންދެން( ހުރިނަމަ، %45 (ސާޅީސް ފަހެއް އިންސައްތަ) އަށްހުރި މިން ބެލުމަށް ޓަކައި ބޭނުންކުރާނީ، އެ ތަނބެއްގެ ނުވަތަ ފާރެއްގެ ދެފަރާތުގައިވާ 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރުގެ ފާރުބުރީގެ ނުވަތަ ޗެންޗޭނުގެ މިންތަކުގެ ތެރެއިން އެންމެ ދިގުމިނެވެ.
15 ވަނަ މާއްދާ - ރޫފްއޭރިޔާއާއި ލިފްޓް މެށިންރޫމް
(ހ) އިމާރާތުގެ ރޫފްސްލެބް ނުވަތަ ކަތިފުރާޅެއް، މޫނުމަތީ ސެޓްބެކަށް ނެރުމުގައި ޢަމަލުކުރަންވާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ(ރ) އާއި (ބ) ގައިވާ ގޮތުގެ މަތީންނެވެ.
(ށ) އިމާރާތުގައި ރޫފް ސެލެބެއް ލާނަމަ، އެ ރޫފްސެލެބް އިމާރާތުގެ ބޭރުން އަރިމަތީ ސެޓްބެކަށާއި ފަހަތުގައި ސެޓްބެކަށް ނެރެގެން ނުވާނެއެވެ. އަދި ސިޑިގޮޅި/ ލިފްޓް މެށިންރޫމް ހިޔާކުރުމުގައި ވެސް އަރިމަތީ ސެޓްބެކަށާއި ފަހަތު ސެޓްބެކަށް ނެރެގެން ނުވާނެއެވެ.
(ނ) އިމާރާތުގައި ކަތިފުރާޅެއް ލާނަމަ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތީން އަރިމަތީ ސެޓްބެކަށާއި ފަހަތު ސެޓްބެކަށް އަސްކަންޏާއި ދިޔަދޮވި ހިމެނޭނޭހެން 0.45 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް) މީޓަރަށް ނެރެވިދާނެއެވެ.
(ރ) 6 ވަނަ ފަންގިފިލާގެ މަތީ ސްލެބް (ޓެރަސް) އަށް އެރުމަށް ލިފްޓާއި ސިޑި ބޭނުންކުރެވިދާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 5 ގައި ދައްކައިފައިވާ ގޮތަށް ލިފްޓުން ޓެރަހަށް ނުކުމެވޭގޮތަށް ހެދި ކަމުގައި ވިޔަސް، އިމާރާތް ކުރެވޭނެ އެންމެ އުސްމިނުގެ ގޮތުގައި ކަނޑައަޅައިފައިވާ އުސްމިން ހަމަކުރުމަށްފަހު، ޓެރަހުގެ ތަޅުމުން ފެށިގެން ލިފްޓް ގޮޅި ހިޔާކުރުމަށް ބޭނުންކުރެވޭނީ، މި ގަވާއިދުގެ 13 ވަނަ މާއްދާގެ(ކ) ގައި ބަޔާންކޮށްފައިވާ ފަދައިން 4 (ހަތަރެއް) މީޓަރެވެ.
(ބ) މި ގަވާއިދުގެ ޖަދުވަލު 8 ގައި ދައްކައިފައިވާ ގޮތަށް 6 ވަނަ ފަންގިފިލާގެ މަތީ ސެލެބް (ޓެރަސް) ގެ މަތިން ސިޑިގޮޅިއާއި ލިފްޓް މެށިންރޫމުގެ ޖުމުލަ އޭރިޔާ 15 (ފަނަރަ) އަކަމީޓަރަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ 15 (ފަނަރަ) އަކަމީޓަރުގެ އޭރިޔާ ހިޔާކޮށްފައި ހުންނަންވާނީ، އެއް ސްޓްރަކްޗަރއެއްގެ ގޮތުގައެވެ.
(ކ) އިމާރާތުގެ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުގެ މަތިން ސިޑިއާއި ލިފްޓް ގޮޅި ހިޔާކުރާބައިގެ 15 (ފަނަރަ) އަކަމީޓަރުގެ ބޭރުން އެއްވެސް ތަނބެއް ނުވަތަ ބެރިއެއް ހުރެގެން ނުވާނެއެވެ.
(އ) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުގެ މަތިން ޓެރަސް ބޭނުންކުރާނަމަ، މި މާއްދާގެ(ބ) ގައި ބަޔާންކޮށްފައިވާ އޭރިޔާގެ އިތުރުން އެއްވެސް ބައެއް ދާއިމީކޮށް ހިޔާކޮށްގެން ބޭނުންކޮށްގެން ނުވާނެއެވެ.
(ވ) ޓެރަހުގައި އަވިން ނިވާކުރުމަށް ޓަކައި ވަގުތީ ނުވަތަ ފަސޭހައިން ރޫޅައިލެވޭގޮތަށް، ދަގަނޑު ހޮޅި ނުވަތަ ލަކުޑި ނުވަތަ ފިލާފަދަ ތަކެތި ބޭނުންކޮށްގެން ޕަގޯލާ ނުވަތަ ޓްރެލިސް ފަދަ ތަކެތި ހެދިދާނެއެވެ. މިގޮތުން ހެދޭ ތަކެތި ޓެރަހުގެ ޖުމުލަ އޭރިޔާގެ %30 (ތިރީސް އިންސައްތަ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. މިފަދަ ތަކެތީގެ އެއްވެސް އަރިމައްޗަކުން ބައްދައިގެން ނުވާނެއެވެ. އަދި މަތި ހިޔާކުރުމުގައި %50 (ފަންސާސް އިންސައްތަ) ހުންނަންވާނީ، ނުބައްދައި ހާމަޔަށެވެ. މިގޮތުން ހިޔާކުރުމުގައި ބެދިފައި ހުންނަ ބައިތަކާއި ހާމަޔަށް ހުންނަބައިތައް ހުންނަންވާނީ އެއްދުރުމިނެއްގައި ބަހައިލެވިފައެވެ. މިފަދަ ތަކެތީގެ އުސްމިން ސިޑިގޮޅި/ލިފްޓް މެށިންރޫމް ހިޔާކުރާ ބަޔަށްވުރެ އުސްވެގެން ނުވާނެއެވެ.
16 ވަނަ މާއްދާ - ވައިގޮޅިއާއި، ދޮރާއި، ކުޑަދޮރު
(ހ) ގްރައުންޑް ފްލޯރގައި އިމާރާތުގެ އެއްވެސް ދޮރެއް/ކުޑަދޮރެއް ހުޅުވައިފައި ހުންނައިރު އިމުން ބޭރަށް ހުރެގެން ނުވާނެއެވެ. މަގުމައްޗާވީ ފަރާތަށާއި އެލީތަކަށް ވާގޮތަށް ކުޑަދޮރެއް ލާނަމަ ހުންނަންވާނީ، ކުޑަދޮރު ހުޅުވައިފައި ހުންނައިރު ގޯތީގެ އިމުން ބޭރުނުވާ ވަރަށެވެ.
(ށ) މި ގަވާއިދުގެ ޖަދުވަލު 9 ގައި ދައްކައިފައިވާ ގޮތަށް ހުޅުވައިފައި ހުންނައިރު އިމުން ބޭރަށް މަގަށް ނުވަތަ އެލީއާވީ ފަރާތަށް ދޮރުތައް ލެވޭނީ، ޕޭވްމަންޓް ލެވެލުން ފެށިގެން
3 (ތިނެއް) މީޓަރުގެ މަތިންނެވެ. އަދި މިގޮތަށް ހުޅުވޭ ދޮރުފަތްތައް ހުޅުވައިފައި ހުންނައިރު 0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް) މީޓަރަށްވުރެ ބޭރަށް ހުރެގެން ނުވާނެއެވެ.
(ނ) ޖެހިގެންހުރި ގޯތީގެ އިމަށްވާ ގޮތަށް ހުންނަ ފާރުގައި ކުޑަދޮރާއި ގްލާސްބްލޮކް ފަދަ ތަކެތި ހަރުކޮށްފައި ހުރެގެން ނުވާނެއެވެ.
(ރ) މި ގަވާއިދުގެ ޖަދުވަލު 3 ގައި ދައްކައިފައިވާ ގޮތަށް އިމާރާތުގައި (ގޯތީގެ އިމުގައި) ވައިގޮޅިއެއް ހަދާނަމަ، އެ ވައިގޮޅީގައި މަދުވެގެން އެތެރެއަށް 0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް) މީޓަރު އަދި ފުޅާމިނުގައި 6.0 (ސުމެއް ޕޮއިންޓް ހައެއް) މީޓަރު ހުންނަންވާނެއެވެ. އަދި އިމާރާތުގެ ތެރޭގައި ވައިގޮޅިއެއް ހަދާނަމަ، ގޮޅީގެ ކޮންމެ އަރިމައްޗެއްގައި ވެސް މަދުވެގެން 6.0 (ސުމެއް ޕޮއިންޓް ހައެއް) މީޓަރު ހުންނަންވާނެއެވެ.
(ބ) އިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށް ޓަކައި، އިމާރާތުގެ ކޮންމެ ބައެއްގެ ތަޅުމުގެ ބޮޑުމިނުގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ ކުޑަނުވާވަރުގެ ހުޅުވުމެއް އިމާރާތްނުކޮށްވާ ހުސް ޖާގައަކާ ދިމާވާގޮތަށް ހުންނަންވާނެއެވެ. ހުޅުވުން ކަމަށް ބުނެފައި އެވަނީ، ދޮރާއި، ކުޑަދޮރާއި، އާނގަ ފަދަ ހުޅުވުންތަކަށެވެ. ހަމައެކަނި އަލިވެއްދުމަށް ހުންނަ ގްލާސް ބްލޮކް ނުވަތަ ނުހުޅުވޭގޮތަށް ބިއްލޫރި ޖަހައިފައި ހުންނަ ތަންތަނާއި ދަމާދޮރާއި ކުޑަދޮރު )ސްލައިޑިންގ ޑޯރއާއި ވިންޑޯރ( ގެ ނުހުޅުވޭ ބައި މީގެ ތެރެޔަކު ނުހިމެނޭނެއެވެ.
(ޅ) ހުޅުވުމަކުން (އޯޕަނިންގއަކުން) ވެންޓިލޭޓް ވާނެކަމަށް ބެލެވޭނީ، ހުޅުވުމާ ދިމާއިން ފެށިގެން 6 (ހައެއް) މީޓަރު ދުރުމިނަށެވެ. އަދި ހުޅުވުމުގެ އޭރިޔާ ތަޅުމުގެ ބޮޑުމިނުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ކުޑަނުވާނަމަ ވެންޓިލޭޓްވާނެކަމަށް ބެލޭނީ،ހުޅުވުމާ ދިމާއިން ފެށިގެން 7.5 (ހަތެއް ޕޮއިންޓް ފަހެއް) މީޓަރުގެ ދުރުމިނަށެވެ. މި ބަޔާންކުރި ދެ ހާލަތުގައި ވެސް ހުޅުވުމުގެ އަރިމަތިން ވެންޓިލޭޓްވާނެކަމަށް ބެލޭނީ ފަރާތަކަށް 4 (ހަތަރެއް) މީޓަރުގެ ދުރުމިނަށެވެ.
17 ވަނަ މާއްދާ - ވަގުތީ އިމާރާތް ހެދުން
(ހ) ވަގުތީ އިމާރާތެއްގެ ގޮތުގައި ބެލެވޭނީ، ފަސޭހަކަމާއެކު ރޫޅައިލެވޭގޮތަށް، ހަމައެކަނި ދަގަނޑު ހޮޅި، ނުވަތަ ލަކުޑި، ނުވަތަ ޓިނު، ނުވަތަ ފިލާ ނުވަތަ ސަތަރި ފަދަ ތަކެތި
ބޭނުންކޮށްގެން ހަދާ ތަންތަން ނުވަތަ ބިނާތަކަށެވެ.
(ށ) ވަގުތީ އިމާރާތެއް އެންމެ އުސްވެގެން ހެދޭނ، ޕޭވްމަންޓް ލެވެލުން ފެށިގެން 5 (ފަހެއް) މީޓަރަށެވެ. އަދި 1 (އެކެއް) ފަންގިފިލާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.
(ނ) ވަގުތީ އިމާރާތްތަކުގެ ކުރެހުން ފާސްކުރުމަށްފަހު އެ އިމާރާތަކަށް ހުއްދަ ދެވޭނީ، ކުރެހުން ފާސްކުރާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަކަށެވެ. ތަނުގެ ވަގުތީ ހުއްދަ އިތުރުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި ވަގުތީ ހުއްދަ ދެވިފައިވާ މުއްދަތު ހަމަވުމުގެ 7 (ހަތެއް) ދުވަހުގެ (ސަރުކާރު ބަންދުނޫން) ކުރިން އެކަމަށް އެދި ކޯޕަރޭށަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާނަމަ، ކޯޕަރޭށަނުން ހުއްދަ ދިން މުއްދަތު ހަމަވުމުން، ވަގުތީ އިމާރާތުގެ ހުއްދަ ބާތިލުކުރެވޭނެއެވެ. އަދި ތަނުގައި ހަދައިފައިވާ ވަގުތީ އިމާރާތް ރޫޅައިލަންވާނެއެވެ.
(ރ) ވަގުތީ ހުއްދަދޭ ބިންތަކުގައި ސިނާޢީ އެއްވެސް މަސައްކަތެއް އަދި ކޮމާށަލް އެއްވެސް ސައްކަތެއް ކޮށްގެން ނުވާނެއެވެ.
18 ވަނަ މާއްދާ - އުސޫލުތައް އެކުލަވައިލުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިމެނޭ ގޯތިތަކުގައި ޕްލޭންކުރުމާއި އިމާރާތްކުރުމާ ގުޅޭގޮތުން، ކަމާ ގުޅުންހުރި އިދާރާތަކުން އެކުލަވައިލާ އުސޫލުތައް އެކުލަވައިލަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިމެނޭ ގޯތިތަކުގައި ޕްލޭންކުރުމާއި އިމާރާތްކުރުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ އުސޫލުތައް، މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބަދަލުކުރަންވާނެއެވެ.
19 ވަނަ މާއްދާ - މާނަކުރުން
(ހ) މި ގަވާއިދުގައި ''އިމާރާތް'' ކަމަށް ބަޔާންކޮށްފައި އެވަނީ، އެއްތަނުން އަނެއްތަނަށް ބަދަލު ނުކުރެވޭ ގޮތަށް އެކި ބާވަތުގެ ތަކެތި ބޭނުންކޮށްގެން ކޯޕަރޭށަނުން ގަބޫލުކުރާ ފެންވަރަށް ބިނާކުރެވޭ، ބިމާ ގުޅިފައިވާ ބިނާފަދަ ތަނެއް ހިމެނޭ ތަންތަނަށެވެ.
(ށ) މި ގަވާއިދުގައި ''ކޯޕަރޭށަން'' ނުވަތަ ''އެ ކޯޕަރޭށަން'' ކަމަށް ބަޔާންކޮށްފައި އެވަނީ،ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަނަށެވެ.
20 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ކުރިން ޢަމަލުކުރަމުން ދިޔަ ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު އުވުނީއެވެ. އަދި ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދުގެ ގޮތުގައި ޢަމަލުކުރާނީ މި ގަވާއިދަށެވެ.
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
މައި ގާނޫނު
ނެތް
ކިޔުންތެރިންގެ ހިޔާލު