އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-75) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-02)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ޖަނަވަރީ 2026 ގައި)
ގަވާއިދު ނަންބަރު 2022-75 (އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) އާއި (އ) އާއި (ވ) ގެ ގޮތުގައި އަކުރުތައް އިތުރުކުރުން.
(ހ) އިޖުތިމާއ ދާއިރާއާއި އިގްތިސާދ ދާއިރާ ނުވަތަ ސޯށަލް އެންޑް އިކޮނޮމިކް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ށ) މަސްވެރިކަމުގެ ދާއިރާ ނުވަތަ ފިށަރީޒް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ކ) ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ އެގްރިކަލްޗަރ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(އ) ހަކަތައިގެ ދާއިރާ ނުވަތަ އެނަރޖ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ވ) ސިއްހަތާއި ދުޅަހެޔޮކަމުގެ ދާއިރާ ނުވަތަ ހެލްތު އެންޑް ފިޓްނެސް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.
(4)(ށ).
(3) ދާއިރާއާ ގުޅޭ، ޕްރޮފެށަނަލް އޮގަނައިޒޭށަނެއް ނުވަތަ އެސޯސިއޭށަނެއް ނުވަތަ ޔޫނިއަނެއް ތަމްސީލުކުރުމަށް އެ ފަރާތަކުން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
(5) އެޕްރެންޓިސްށިޕް ނުވަތަ އިންޓަރންށިޕް ޓްރޭނިންގެ ފުރުސަތު ދޭ ކުންފުންޏެއް ތަމްސީލުކުރުމަށް އެ ކުންފުންޏެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާ 1 (އެކެއް) މެންބަރު؛
(6) އެމް.އެން.އެސް.ޑީ.އޭ ގައި ރަޖިސްޓަރ ކޮށް ތަމްރީނުދޭ މަރުކަޒެއް ތަމްސީލުކުރުމަށް އެ ތަމްރީނުދޭ މަރުކަޒެއްގެ އިސްވެރިޔާ ކަނޑައަޅާ 1 (އެކެއް) މެންބަރު؛
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފަހަތަށް، 1-4 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ މުއްދަތު 1-4.
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ދައުރެއްގެ މުއްދަތަކީ، މެންބަރުން އައްޔަނުކުރާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަހެވެ. އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ދައުރު ހަމަވުމުގެ ކުރިން މެންބަރުކަމުގެ މަގާމު ހުސްވެއްޖެ ނަމަ، އެ ދައުރުގެ ބާކީ އޮންނަ މުއްދަތަށް މެންބަރަކު އައްޔަނު ކުރަންވާނެއެވެ.
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ މެންބަރަކަށް 1 (އެކެއް) ދައުރަށް ވުރެ ގިނަ ދައުރުގައި މެންބަރުކަން ކުރެވިދާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުތަކަށް މެންބަރުން އައްޔަނުކުރުމާ ހަމަޔަށް، މިހާރު އުފައްދައިފައިވާ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ދައުރު ދެމިއޮންނާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފެށޭ އިބާރާތާއި، އެ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އާއި (ރ) އާއި (ބ) ގެ ގޮތުގައި އަންނަނިވި އަކުރުތައް އިތުރުކުރުން.
5. އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރަކު ވަކިކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެމް.އެން.އެސް.ޑީ.އޭ.ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފަޔާއެކު، މަތީތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރެވެ.
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުކަމުގެ ށަރުތެއް އުނިވުން ނުވަތަ ތަމްސީލުކުރާ ހައިސިއްޔަތު ބަދަލުވުން.
(ށ) މަގުބޫލު އުޒުރަކާ ނުލައި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވުން.
(ނ) ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެގެން ހުކުމެއް ކުރުން.
(ރ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ދައުރު ހަމަވުން.
(ބ) ކައުންސިލުގެ މެންބަރަކު ވަކިވުމަށް އެދި ލިޔުމުން ހުށަހެޅުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އުނިކުރުމަށްފަހު، އެ މާއްދާގެ އަރިމަތީ ސުރުހީ އާއި އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޗެއަރޕަރސަނާއި ވައިސްޗެއަރޕަރސަން އައްޔަނުކޮށް ވަކިކުރުން 6.
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ޗެއަރޕަރސަނާއި ވައިސްޗެއަރޕަރސަން އައްޔަނުކޮށް، ވަކިކުރާނީ، އެމް.އެން.އެސް.ޑީ.އޭ.ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފަޔާއެކު، މިނިސްޓަރެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް، 1-6 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ބަައްދަލުވުން ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން 1-6.
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުމެއް ބޭއްވޭނީ، އެ ބައްދަލުވުމެއްގައި މަދުވެގެން 5 (ފަހެއް) މެންބަރުން ބައިވެރިވާ ނަމައެވެ.
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ރިޔާސަތު ބަލަހައްޓާނީ، އެ ކައުންސިލެއްގެ ޗެއަރޕަރސަނެވެ. ޗެއަރ ޕަރސަނަށް ބައްދަލުވުމުގައި ބައިވެރިނުވެވޭ ނަމަ ރިޔާސަތު ބަލަހައްޓާނީ، ވައިސްޗެއަރ ޕަރސަނެވެ. ޗެއަރޕަރސަނާއި ވައިސްޗެއަރ ޗެއަރޕަރސަނަށް ބައްދަލުވުމުގައި ބައިވެރިނުވެވޭ ނަމަ އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ، ބައްދަލުވުމުގައި ބައިވެރިވާ ކައުންސިލް މެންބަރުންގެ ތެރެއިން މެންބަރުން ކަނޑައަޅާ ފަރާތަކުންނެވެ.
(ނ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުންތައް ސެކްޓަރ ކައުންސިލުގެ މެންބަރުން އެއްތަނަކަށް ހާޒިރުވެގެން ނުވަތަ އޯޑިއޯއާއި ވީޑިއޯ ކޮންފަރެންސް ފަދަ، ޒަމާނީ މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ވެސް ކުރިޔަށް ގެންދެވޭނެއެވެ. އަދި މި ބައްދަލުވުންތަކުގެ ބޭނުމަށް ހިއްސާކުރާ ލިޔެކިޔުންތަކުގެ ސިއްރުކަން ހިފެހެއްޓޭކަން ބައްދަލުވުމުގައި ބައިވެރިވާ މެންބަރުން ކަށަވަރު ކުރަންވާނެއެވެ.
(ރ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުންތައް، މަދުވެގެން ކޮންމެ 3 (ތިނެއް) މަހުން އެއްފަހަރު، ކޮންމެ ސެކްޓަރެއްގެ ބައްދަލުވުން ބާއްވަންވާނެއެވެ. އަދި އެމް.އެން.އެސް.ޑީ.އޭ.އަށް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ލަފާ ބޭނުންވެއްޖެ ހާލަތެއްގައި އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެއެވެ. މި ބައްދަލުވުންތަކުގެ އިދާރ ކަންތައްތައް ބަލަހައްޓާނ އެމް.އެން.އެސް.ޑީ.އޭ.އިންނެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އާއި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް ނިސްބަތްވާ ދާއިރާއިން ނުވަތަ އެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެޔަށް ވުރެ މަތީފާހެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް ނިސްބަތްވާ ދާއިރާއިން ނުވަތަ އެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
(ބ) ސަރުކާރުގެ އިދާރާތަކުން ހުށަހަޅާ ފަރާތްތަކަކީ ސީނިއަރ މެނޭޖުމަންޓުގެ މެންބަރެއް ކަމުގައި ވުން ނުވަތަ އެ ދާއިރާގެ ފަންނީ މާހިރެއް ކަމުގައި ވުން.
8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-75)
ކޮންސޮލިޑޭޓެޑް ގަވާއިދު
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-75)
ކިޔުންތެރިންގެ ހިޔާލު