އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2022-75)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތައް އެކުލަވައިލައި، އެ ކައުންސިލްތައް އެކުލެވިގެންވާ ގޮތުގެ ތަފުސީލު ތައް ބަޔާންކޮށް، އެ ކައުންސިލްތައް ހިންގުމާ ގުޅޭގޮތުން، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަނެ، ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާނެ ދާއިރާތައް ފާހަގަކޮށް، ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑްތައް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށާއި، އެ ކަންކަމާ ގުޅޭ ފަންނީ ލަފާދިނުމަށް ޓަކައި ސެކްޓަރ ކައުންސިލްތައް އެކުލަވައިލައި، އެ ކައުންސިލްތައް ހިންގާނެގޮތް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ދާއިރާތައް
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތައް އުފެއްދުމަށް ކަނޑައެޅިފައިވާ ދާއިރާތައް، ތިރީގައި މިވަނީއެވެ.
(ހ) އިޖުތިމާއ ދާއިރާއާއި އިގްތިސާދ ދާއިރާ ނުވަތަ ސޯށަލް އެންޑް އިކޮނޮމިކް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް. (އިސްލާހު ކުރެވިފައި)
(ށ) މަސްވެރިކަމުގެ ދާއިރާ ނުވަތަ ފިށަރީޒް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް. (އިސްލާހު ކުރެވިފައި)
(ނ) ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ ޓޫރިޒަމް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ރ) ދަތުރުފަތުރުގެ ދާއިރާ ނުވަތަ ޓްރާންސްޕޯޓް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ބ) އިމާރާތްކުރުމުގެ ދާއިރާ ނުވަތަ ކޮންސްޓްރަކްށަން އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ޅ) މައުލޫމާތާއި މުއާސަލާތުގެ ދާއިރާ ނުވަތަ އިންފޮމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް.
(ކ) ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ އެގްރިކަލްޗަރ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް. (އިތުރު ކުރެވިފައި)
(އ) ހަކަތައިގެ ދާއިރާ ނުވަތަ އެނަރޖ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް. (އިތުރު ކުރެވިފައި)
(ވ) ސިއްހަތާއި ދުޅަހެޔޮކަމުގެ ދާއިރާ ނުވަތަ ހެލްތު އެންޑް ފިޓްނެސް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް. (އިތުރު ކުރެވިފައި)
4 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށް މެންބަރުން އައްޔަނުކުރާ ގޮތާއި، މެންބަރުންގެ އަދަދު
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށް މެންބަރުން އައްޔަނުކުރާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކޮންމެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލެއްގައި 9 (ނުވައެއް) މެންބަރުން ހިމެނޭ ގޮތަށް، އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފަޔާއެކު މިނިސްޓަރެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކޮންމެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލެއް އެކުލެވިގެންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތައް ހިމެނޭގޮތުން، ޖުމުލަ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
- ދާއިރާއާ ގުޅޭ، ސަރުކާރުގެ ވުޒާރާ ތަމްސީލުކުރުމަށް އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- ދާއިރާއާ ގުޅޭ ސަރުކާރުގެ އިތުރު އިދާރާއެއް ތަމްސީލުކުރުމަށް އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- ދާއިރާއާ ގުޅޭ، ޕްރޮފެށަނަލް އޮގަނައިޒޭށަނެއް ނުވަތަ އެސޯސިއޭށަނެއް ނުވަތަ ޔޫނިއަނެއް ތަމްސީލުކުރުމަށް އެ ފަރާތަކުން ކަނޑައަޅާ 1 (އެކެއް) މެންބަރު؛ (އިސްލާހު ކުރެވިފައި)
- ދާއިރާ ތަމްސީލުކުރާ ވަޒީފާދޭ ކުންފުންޏަކުން އެ ކުންފުނި ތަމްސީލުކުރުމަށް މެނޭޖިންގ ޑިރެކްޓަރ ކަނޑައަޅާ މެންބަރު (1 މެންބަރު)؛
- އެޕްރެންޓިސްށިޕް ނުވަތަ އިންޓަރންށިޕް ޓްރޭނިންގެ ފުރުސަތު ދޭ ކުންފުންޏެއް ތަމްސީލުކުރުމަށް އެ ކުންފުންޏެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާ 1 (އެކެއް) މެންބަރު؛ (އިސްލާހު ކުރެވިފައި)
- އެމް.އެން.އެސް.ޑީ.އޭ ގައި ރަޖިސްޓަރ ކޮށް ތަމްރީނުދޭ މަރުކަޒެއް ތަމްސީލުކުރުމަށް އެ ތަމްރީނުދޭ މަރުކަޒެއްގެ އިސްވެރިޔާ ކަނޑައަޅާ 1 (އެކެއް) މެންބަރު؛ (އިސްލާހު ކުރެވިފައި)
- ދާއިރާ ތަމްސީލުކުރާ އިންޑަސްޓްރީ އެކްސްޕާޓުން (2 މެންބަރުން)؛
- އެމް.އެން.އެސް.ޑީ.އޭ. ތަމްސީލު ކުރުމަށް އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަނޑައަޅާ ފަރާތެއް (1 މެންބަރު).
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ދާއިރާއިން ކައުންސިލަށް ކަނޑައަޅައިފައިވާ މެންބަރު ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެކަން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އަދި މިނިސްޓަރުގެ ލަފާގެ މަތީން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެ ދާއިރާއަށް މެންބަރަކު އައްޔަނު ކުރަން ވާނެއެވެ.
4-1 ވަނަ މާޢްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ މުއްދަތު (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ދައުރެއްގެ މުއްދަތަކީ، މެންބަރުން އައްޔަނުކުރާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަހެވެ. އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ދައުރު ހަމަވުމުގެ ކުރިން މެންބަރުކަމުގެ މަގާމު ހުސްވެއްޖެ ނަމަ، އެ ދައުރުގެ ބާކީ އޮންނަ މުއްދަތަށް މެންބަރަކު އައްޔަނު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ މެންބަރަކަށް 1 (އެކެއް) ދައުރަށް ވުރެ ގިނަ ދައުރުގައި މެންބަރުކަން ކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)
(ނ) މި ގަވާއިދުގެ ދަށުން އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުތަކަށް މެންބަރުން އައްޔަނުކުރުމާ ހަމަޔަށް، މިހާރު އުފައްދައިފައިވާ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ދައުރު ދެމިއޮންނާނެއެވެ. (އިތުރު ކުރެވިފައި)
5 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުން ވަކިކުރުމާއި ވަކިވުން
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރަކު ވަކިކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެމް.އެން.އެސް.ޑީ.އޭ.ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފަޔާއެކު، މަތީތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރެވެ. (އިސްލާހު ކުރެވިފައި)
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުކަމުގެ ށަރުތެއް އުނިވުން ނުވަތަ ތަމްސީލުކުރާ ހައިސިއްޔަތު ބަދަލުވުން. (އިސްލާހު ކުރެވިފައި)
(ށ) މަގުބޫލު އުޒުރަކާ ނުލައި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވުން. (އިސްލާހު ކުރެވިފައި)
(ނ) ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެގެން ހުކުމެއް ކުރުން. (އިތުރު ކުރެވިފައި)
(ރ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ދައުރު ހަމަވުން. (އިތުރު ކުރެވިފައި)
(ބ) ކައުންސިލުގެ މެންބަރަކު ވަކިވުމަށް އެދި ލިޔުމުން ހުށަހެޅުން. (އިތުރު ކުރެވިފައި)
6 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކު ގެ ޗެއަރޕާރސަން ރިޔާސަތު ބެލެހެއްޓުމާއި، ބައްދަލުވުން ބޭއްވުން.
ޗެއަރޕަރސަނާއި ވައިސްޗެއަރޕަރސަން އައްޔަނުކޮށް ވަކިކުރުން 6. (ސުރުހީ އިސްލާހު ކުރެވިފައި)
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ޗެއަރޕަރސަނާއި ވައިސްޗެއަރޕަރސަން އައްޔަނުކޮށް، ވަކިކުރާނީ، އެމް.އެން.އެސް.ޑީ.އޭ.ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފަޔާއެކު، މިނިސްޓަރެވެ. (އިސްލާހު ކުރެވިފައި)
(ހ) (އުނި ކުރެވިފައި)
(ށ) (އުނި ކުރެވިފައި)
(ނ) (އުނި ކުރެވިފައި)
6-1 ވަނަ މާއްދާ - ބަައްދަލުވުން ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުމެއް ބޭއްވޭނީ، އެ ބައްދަލުވުމެއްގައި މަދުވެގެން 5 (ފަހެއް) މެންބަރުން ބައިވެރިވާ ނަމައެވެ. (އިތުރު ކުރެވިފައި)
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ރިޔާސަތު ބަލަހައްޓާނީ، އެ ކައުންސިލެއްގެ ޗެއަރޕަރސަނެވެ. ޗެއަރ ޕަރސަނަށް ބައްދަލުވުމުގައި ބައިވެރިނުވެވޭ ނަމަ ރިޔާސަތު ބަލަހައްޓާނީ، ވައިސްޗެއަރ ޕަރސަނެވެ. ޗެއަރޕަރސަނާއި ވައިސްޗެއަރ ޗެއަރޕަރސަނަށް ބައްދަލުވުމުގައި ބައިވެރިނުވެވޭ ނަމަ އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ، ބައްދަލުވުމުގައި ބައިވެރިވާ ކައުންސިލް މެންބަރުންގެ ތެރެއިން މެންބަރުން ކަނޑައަޅާ ފަރާތަކުންނެވެ. (އިތުރު ކުރެވިފައި)
(ނ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުންތައް ސެކްޓަރ ކައުންސިލުގެ މެންބަރުން އެއްތަނަކަށް ހާޒިރުވެގެން ނުވަތަ އޯޑިއޯއާއި ވީޑިއޯ ކޮންފަރެންސް ފަދަ، ޒަމާނީ މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ވެސް ކުރިޔަށް ގެންދެވޭނެއެވެ. އަދި މި ބައްދަލުވުންތަކުގެ ބޭނުމަށް ހިއްސާކުރާ ލިޔެކިޔުންތަކުގެ ސިއްރުކަން ހިފެހެއްޓޭކަން ބައްދަލުވުމުގައި ބައިވެރިވާ މެންބަރުން ކަށަވަރު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ރ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުންތައް، މަދުވެގެން ކޮންމެ 3 (ތިނެއް) މަހުން އެއްފަހަރު، ކޮންމެ ސެކްޓަރެއްގެ ބައްދަލުވުން ބާއްވަންވާނެއެވެ. އަދި އެމް.އެން.އެސް.ޑީ.އޭ.އަށް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ލަފާ ބޭނުންވެއްޖެ ހާލަތެއްގައި އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެއެވެ. މި ބައްދަލުވުންތަކުގެ އިދާރ ކަންތައްތައް ބަލަހައްޓާނ އެމް.އެން.އެސް.ޑީ.އޭ.އިންނެވެ. (އިތުރު ކުރެވިފައި)
7 ވަނަ މާއްދާ - މެންބަރުންގެ ށަރުތުތައް
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުންނަންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް ނިސްބަތްވާ ދާއިރާއިން ނުވަތަ އެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެޔަށް ވުރެ މަތީފާހެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް ނިސްބަތްވާ ދާއިރާއިން ނުވަތަ އެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (އިސްލާހު ކުރެވިފައި)
(ނ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުގެ ބައްދަލުވުންތަކުގައި އަމަލީގޮތުން ބައިވެރިވެވޭ ފަރާތެއް ކަމުގައި ވުމާއި، މި މަސައްކަތަށް ވަގުތު ދެވޭ ފަރާތެއް ކަމުގައި ވުން.
(ރ) ޖިނާއީ ކުށެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން.
(ބ) ސަރުކާރުގެ އިދާރާތަކުން ހުށަހަޅާ ފަރާތްތަކަކީ ސީނިއަރ މެނޭޖުމަންޓުގެ މެންބަރެއް ކަމުގައި ވުން ނުވަތަ އެ ދާއިރާގެ ފަންނީ މާހިރެއް ކަމުގައި ވުން. (އިސްލާހު ކުރެވިފައި)
(ޅ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކާ މަސްލަހަތު ފުށުއެރުމެއް ނެތް ފަރާތެއް ކަމަށް ވުން.
8 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކީ އަންނަނިވި ކަންކަމެވެ.
(ހ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުތަކުގެ ބައްދަލުވުންތަކަށް ގަވާއިދުން ހާޒިރުވުން. އަދިހާޒިރު ނުވެނޭނަމަ، އެމް.އެން.އެސް.ޑީ.އޭ. އަށް ލިޔުމުން އެކަން އެންގުން.
(ށ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުތަކުގެ ބައްދަލުވުންތަކުގައްޔާއި މަށްވަރާތަކުގައްޔާއި ކަންކަން ނިންމުމުގައި އަމަލީގޮތުން ބައިވެރިވުން.
(ނ) އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ބައްދަލުވުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭކަންކަމުގައި ސިއްރު ހިފެހެއްޓުން.
(ރ) ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަތުން.
(ބ) ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާނެ ދާއިރާތައް ފާހަގަކުރުން.
(ޅ) އެމް.އެން.އެސް.ޑީ.އޭ. އިން އެކުލަވައިލާ ފަންނީ މާހިރުންގެ ޕެނަލްތަކުން އެކުލަވައިފައި ކައުންސިލްތަކަށް ހުށަހަޅާ، ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑްތަކަށް ކޮމެންޓްކޮށް، އެ ސްޓޭންޑަޑްތައް ފާސްކުރުން.
(ކ) ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑްތަކަށް ހިންގާ ތަމްރީނުތަކުގެ ފެންވަރު ބެލުން.
(އ) އެމް.އެން.އެސް.ޑީ.އޭ. ގެ ޗީފް އެގްޒެކެޓިވް އޮފިސަރަށާއި އޮތޯރިޓީއަށް ލަފާ ދިނުން.
9 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.
(ހ) "އެމް.އެން.އެސް.ޑީ.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަށެވެ.
(ށ) "އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅާ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ މާހިރުންނާއި ދާއިރާގެ ފަންނީ ޖަމްއިއްޔާތައް ހިމެނޭހެން އެކުލަވައިލާ ފަންނީ ޕެނަލަށެވެ.
(ނ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
(ރ) "ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި މަސައްކަތުގެ އަހްލާގުގެ މިންގަނޑުތަކުގެ މައްޗަށް އެކުލަވައިލާ ނޭށަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ނުވަތަ އާމްދަނީ ލިބޭ މަސައްކަތް ގައުމީ ފެންވަރުގައި ދަސްކޮށްދިނުމަށް ބޭނުންކުރާ ހާއްސަ މިންގަނޑުތަކަށެވެ.
(ބ) "މަސައްކަތުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، އާމްދަނީ ހޯދުމަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތުގެ ދާއިރާ ނުވަތަ އޮކިއުޕޭށަނަށެވެ.
10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-75)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު