-

ކަށިމިޔަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2025-112)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 އޮކްޓޫބަރު 2024 ގައި)

 

އެއްވަނަ ބާބު

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ދިވެހިރާއްޖޭގެ ޕްލޭން ތަންފީޒުކުރުމާއި، ކަށިމިޔަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި، 29 ވަނަ މާއްދާގެ (ހ) އާއި، 33 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު   

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، ކަށިމިޔަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

 

 

ދެވަނަ ބާބު

މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން

 

3 ވަނަ މާއްދާ - ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމިޓީ     

(ހ) ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށް ޓަކައި، ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި "ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމިޓީ" އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީ އެކުލަވައިލަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީގެ ފިށަރީޒް ޑިޕާޓްމަންޓް ތަމްސީލުކުރާ މަންދޫބެއް (މުގައްރިރު)،
  2. މިނިސްޓްރީގެ ފިށަރީޒް ކޮމްޕްލަޔަންސް ސެކްށަން ތަމްސީލުކުރާ މަންދޫބެއް،
  3. މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ތަމްސީލުކުރާ މަންދޫބެއް،
  4. ކަށިމިޔަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލުކުރާ 2 (ދޭއް) މަންދޫބުން،
  5. ކަށިމިޔަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތަކާއި އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ 2 (ދޭއް) މަންދޫބުން،
  6. ތިމާވެށްޓާބެހޭ ވުޒާރާ ތަމްސީލުކުރާ މަންދޫބެއް،
  7. ލޯކަލް ގަވަރމަންޓް އޮތޯރިޓީ ތަމްސީލުކުރާ މަންދޫބެއް، 
  8. ދިވެހި ފުލުހުންގެ ހިދުމަތް ތަމްސީލުކުރާ މަންދޫބެއް،

  9. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާ މަންދޫބެއް،

  10. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ކަނޑުގެ ދިރުންތައް ރައްކައުތެރިކުރުމާއި މަސްވެރިކަމާ ގުޅޭ 2 (ދޭއް) ޖަމުއިއްޔާ

(ރ) މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ށައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލުމަށް، މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލުމަށް މިނިސްޓްރީން ކުރާ އިއުލާނުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް؛
  2. ލަފާދޭ ކޮމިޓީއަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛
  3. ށައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން ހުށަހަޅައިފައި ނުވާ ނަމަ، އެ ހާލަތުގައި މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު.

(ށ) މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރަކު ކޮމިޓީން ވަކިވެއްޖެ ނަމަ، ނުވަތަ މެންބަރުން ވަކިކުރުމަށް މިނިސްޓަރަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން މެންބަރަކު ވަކިކޮށްފި ނަމަ، މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވައިލައި އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ކޮމިޓީގެ ދައުރު

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންދޫބުންގެ ދައުރުގެ މުއްދަތަކީ، 3 (ތިނެއް) އަހަރުދުވަހެވެ. އަދި މި މަންދޫބުންނަށް ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުން

ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ، މިނިސްޓްރީގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސެކްށަނުންނެވެ.

 

6 ވަނަ މާއްދާ - ކޮމިޓީގެ ޖަލްސާތައް     

(ހ) ކޮމިޓީގެ ޖަލްސާތައް، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަވަސް ހައްލު ބޭނުންވާ ކަންކަމުގައި، ހާއްސަ ޖަލްސާތަކަށް މުގައްރިރަށް ގޮވައިލެވިދާނެއެވެ.

(ނ) ކޮމިޓީގެ ޖަލްސާއެއްގެ ކޯރަމަކީ 7 (ހަތެއް) މެންބަރުންނެވެ.

(ރ) ކޮމިޓީން ބޭނުންވެއްޖެ ހިނދެއްގައި، ކަމާ ގުޅޭ މާހިރުންނާއި، ސިނާއަތުގެ މަންދޫބުންނާއި، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި، ކަމާ ގުޅޭ ސަރަހައްދީ ޖަމާއަތްތަކަށް ނުވަތަ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ޖަލްސާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް

މި ގަވާއިދުގެ ދަށުން އެކުލަވައިލާ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރާ ގޮތުގެ ތަފުސީލު، އަހަރަކު 1 (އެކެއް) ފަހަރު މިނިސްޓަރަށް ދިނުން.

(ށ) ކަށިމިޔަރުގެ މަސްވެރިކަމާ ގުޅޭ ފަންނީ ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް މުތާލިއާކުރުން.

(ނ) ކަށިމިޔަރުގެ މަސްވެރިކަމާ ގުޅޭ ފަންނީ ރިޕޯޓުތަކުންނާއި ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުންނާއި މަށްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން އަޅަންޖެހޭ މެނޭޖުކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

(ރ) ސަރަހައްދީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ކަށިމިޔަރުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖުކުރުމަށް އަޅާ ފިޔަވަޅުތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

(ބ) ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން މުތާލިއާކުރުމާއި މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

 

8 ވަނަ މާއްދާ -  މެންބަރުން ވަކިކުރުމާއި އިސްތިއުފާދިނުން    

(ހ) ކޮމިޓީގެ މެންބަރަކަށް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. އެގޮތުން މަގާމުން ވަކިކުރާއިރު، މަގާމުން ވަކިކުރާ ސަބަބު ބަޔާންކުރަންވާނެއެވެ.

  1. ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން؛
  2.  ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނުގެ ރޫހާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުން ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވުން ނުވަތަ މިނިސްޓްރީގެ މެންޑޭޓް ތަންފީޒުކުރުމުގައި މިނިސްޓްރީއަށް ދަތިވާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން.

(ށ) ކޮމިޓީގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް މިނިސްޓަރަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެންބަރުކަމުން ވަކިކުރެވޭ ނުވަތަ މެންބަރުކަމުން ވަކިވާ މެންބަރުންގެ ބަދަލުގައި ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތަށް އައު މެންބަރުން އައްޔަނުކުރާނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

 

ތިންވަނަ ބާބު

ލައިސަންސް ދިނުމާ ގުޅޭ އުސޫލުތައް

 

9 ވަނަ މާއްދާ - ލައިސަންސް ނެގުން

(ހ) ކަށިމިއަރުގެ މަސްވެރިކަމުގައްޔާއި، ކަށިމިއަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަންނަނިވި ފަރާތްތަކުން އެކަން ކުރަންވާނީ، އެކަމަށް ޓަކައި މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށްފަހުގައެވެ.

  1. ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
  2. ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަން؛
  3. ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ކަށިމިޔަރުގެ މަސްވެރިކަން ފިޔަވައި އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތަކަށް އަމާޒުކޮށް މަސްވެރިކަން ކުރަންވާނީ އެ މަސްވެރިކަމަކަށް ހާއްސަ ލައިސަންސެއް ނަގައިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގަވާއިދު ނަންބަރު 2022-139 (ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު ގެ ދަށުން ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސެއް ދޫކޮށްފައިވާ އުޅަނދަކަށް ނުވަތަ ކަނޑުމަސް ޕްރޮސެސްކުރުމުގެ ލައިސަންސެއް އޮތް ޕްރޮސެސިންގ ސައިޓަކަށް، މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސެއް ނުވަތަ ކަށިމިޔަރު ޕްރޮސެސްކުރުމުގެ ލައިސަންސެއް ދޫލެއް ނުކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސް ނަގަންޖެހޭ ފަރާތްތަކުގެ ތެރެއިން ޕްރޮސެސްކުރާ ފަރާތްތަކުން ޕްރޮސެސްކުރުމުގެ ހަރަކާތް ހިންގާ ކޮންމެ ސައިޓަކަށް ނުވަތަ ކޮންމެ ފެސިލިޓީއަކަށް ވަކި ލައިސަންސެއް ނަގަންވާނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި، ބާތިލުކުުރުން

(ހ) ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ނުވަތަ ޕްރޮސެސްކުރުމަށް ނުވަތަ ސަޕްލައިކުރުމަށް ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި، ބާތިލުކުރުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްތައް އައުކޮށްދިނުމުގައި، ފާއިތުވެދިޔަ ލައިސަންސްގެ މުއްދަތުގައި، ލައިސަންސްގެ ށަރުތުތައް އެ ފަރާތުން ފުރިހަމަކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ކަށިމިޔަރު ޕްރޮސެސްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) ކަށިމިޔަރު ޕްރޮސެސްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން ޕްރޮސެސްކުރާ ތަނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސައްހަ ސެޓުފިކެޓެއް އޮތްކަން، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން ޔަގީންކުރަންވާނެއެވެ.

(ށ) ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން ޕްރޮސެސްކުރާ ފަރާތަކީ ދިވެހި ރައްޔިތެއްކަން ނުވަތަ ޕްރޮސެސްކުރާ ފަރާތަކީ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސާއި ޕްރޮސެސްކުރުމުގެ ލައިސަންސާއި ސަޕްލައިކުރުމުގެ ލައިސަންސް ލިބިފައިވާ އެންމެހައި ފަރާތްތަކުން، ލައިސަންސްގެ މުއްދަތުގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ އާންމު ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސްގެ އަދަދު

(ހ) މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، އެންމެ ގިނަވެގެން 40 (ސާޅީސް) އުޅަނދަށެވެ.

(ށ) މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް ދަފުތަރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސް ދޫކުރުމުގައި، އިސްކަންދޭނީ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބަށެވެ.

 

14 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ މުއްދަތަކީ، ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން، ލައިސަންސްގެ މުއްދަތު ހަމަވާ ތާރީހުގެ ކުރިން ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި، އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި، ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް އައުކުރުމަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ލައިސަންސް އައުކުރަން ހުށަހަޅައިފައި ނުވާ ނަމަ، ހުސްވާ ޖާގައަށް ލައިސަންސް ދޫކުރެވޭނީ މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގައިވާ ތަރުތީބުންނެވެ.

 

15 ވަނަ މާއްދާ - ލައިސަންް ފީ

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްތައް ދޫކުރަންވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސްގެ ފީ ނެގުމަށް ފަހުގައެވެ.

 

 

ހަތަރުވަނަ ބާބު

ކަށިމިޔަރުގެ މަސްވެރިކަން މޮނިޓަރކުރުމާއި، ސަރވޭލަންސާ ގުޅޭ ފިޔަވަޅުތައް

 

16 ވަނަ މާއްދާ - ވެސަލް ލޮކޭޓިންގ ޑިވައިސް (ވީއެލްޑީ) 

(ހ) ކަށިމިޔަރުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސަލް ލޮކޭޓިންގ ޑިވައިސް (ވީއެލްޑީ) އެއް ހަރުކޮށް، އެ ޑިވައިސް ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދުގައި ހަރުކޮށްފައިވާ ވީއެލްޑީ ހުންނަންވާނީ އަބަދުވެސް ހުޅުވައިފައި ނުވަތަ ސްވިޗް އޮންކޮށްފައެވެ.

(ނ) އުޅަނދުގެ މަރާމާތަށް ނުވަތަ މަސްވެރިކަމަށް ނުނިކުމެ ރަށެއްގެ ބަނދަރުގައި އަޅައިފައި އޮންނަ ހާލަތްތަކުގައި، މިނިސްޓްރީއަށް ލިޔުމުން އަންގައި އެކަމަށް ހުއްދަ ލިބިގެން ވީއެލްޑީ ނިއްވައިލެވިދާނެއެވެ.

(ރ) ކޮންމެ މަސްވެރި ދަތުރަކަށް އުޅަނދު ފުރުމުގެ ކުރިން އެ އުޅަނދުގެ ވީއެލްޑީ ފުރިހަމަޔަށް މަސައްކަތްކުރާކަން ކެޔޮޅު ނުވަތަ އޮޕަރޭޓަރު ޔަގީންކުރަންވާނެއެވެ. އަދި ވީއެލްޑީ މަސައްކަތް ނުކުރާކަމަށް ފާހަގަކުރެވިއްޖެ ނަމަ، މިނިސްޓްރީއަށް އެކަން އެންގުމާއެކު، ވީ އެންމެ އަވަހަކަށް އެ މައްސަލައެއް ހައްލުކުރަންވާނެއެވެ.

(ބ) ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ ވީއެލްޑީ އެއްވެސް ސަބަބަކާހުރެ ނިވިއްޖެ ނަމަ ނުވަތަ މިނިސްޓްރީއަށް އެ އުޅަނދުގެ ޕޮޒިށަން ނުފެންނަކަމަށް އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް ނުވަތަ ކެޔޮޅަށް ނުވަތަ އުޅަނދުގެ ވެރިފަރާތަށް މިނިސްޓްރީން އަންގައިފި ނަމަ، އުޅަނދު އޮތް ސަރަހައްދު (ތޫލާއި އަރުޒު ވަކިން އެނގޭނޭހެން) އުޅަނދުގެ ދުވެއްޔާއި އުޅަނދުގެ ހަރަކާތުގެ މައުލޫމާތު، ކޮންމެ 4 (ހަތަރެއް) ގަޑިއިރުން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވަންވާނެއެވެ.

 

17 ވަނަ މާއްދާ - ކެޗްސެޓްފިކެޓު

(ހ) އެކްސްޕޯޓުކުރާ ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް "ފިށަރީޒް އިންފޮމޭށަން ސިސްޓަމް" މެދުވެރިކޮށް ކެޗް ސެޓްފިކެޓެއް ހޯދަންވާނެއެވެ.

(ށ) ކެޗް ސެޓުފިކެޓަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންމެ ކެޗް ސެޓުފިކެޓަކަށް 20 (ވިހި) ރުފިޔާގެ އިދާރީ ފީއެއް، މިނިސްޓްރީއަށް ދައްކަންވާނެއެވެ.

 

18 ވަނަ މާއްދާ - ފިށަރީޒް ރޭންޖަރުން

(ހ) މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަސް ކިރާ ބަނދަރުތަކުގެ ގޮތުގައި ކަނޑައަޅައި، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ކޮންމެ ބަނދަރެއްގައި، ފިށަރީޒް ރޭންޖަރެއް، މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސެއް ނަގައިފައިވާ ފަރާތަކުން ބާނާ ކަށިމިޔަރު، ބަނދަރަށް ގެނެސް ޕްރޮސެސްކުރުމުގެ ކުރިން އެ ބަނދަރަކަށް މިނިސްޓްރީން އައްޔަނުކޮށްފައިވާ ރޭންޖަރަށް އެކަން އަންގަންވާނެއެވެ.

 

 

ފަސްވަނަ ބާބު

ކަށިމިޔަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ އެހެނިހެން ފިޔަވަޅުތައް

 

19 ވަނަ މާއްދާ - މަސްވެރިކަންކުރުމަށް ލައިސަންސް ދެވޭ ސަރަހައްދު 

ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގައެވެ.

 

20 ވަނަ މާއްދާ - މަސްވެރިކަން ކުރުމަށް ހުޅުވައިލާ މޫސުން

ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތީން، މީލާދީ ކޮންމެ އަހަރަކު 7 (ހަތެއް) މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ.

 

21 ވަނަ މާއްދާ - ކަށިމިޔަރުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ރެގިއުލޭޓްކުރުން

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަމުގައި ކަނޑައަޅައިފައިވާ ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

 

22 ވަނަ މާއްދާކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަސް ބަނދަރަށް ގެނައުން

ކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަހުގެ އެއްވެސް ބައެއް ބަނދަރަށް ގެނައުމުގެ ކުރިން އޭގެ ހަށިގަނޑުން ވަކިކުރުމަކީ މަނާކަމެކެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

 

23 ވަނަ މާއްދާ - ކަށިމިޔަރުގެ މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތަކާމެދު އަމަލުކުރަންޖެހޭ ގޮތް

(ހ) ކަށިމިޔަރުގެ މަސްވެރިކަމުގައި، ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކުރުމަކީ މަނާކަމެކެވެ.

(ށ) ކަށިމިޔަރުގެ މަސްވެރިކަމުގައި ހިފޭ ކަށިމިޔަރު ފިޔަވައި ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ ދިރުމެއް (ބައިކެޗް) އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުމާއި، ރައްކައުކުރުމާއި، ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިއުން (ޓްރާންށިޕްކުރުން) ނުވަތަ ލޭންޑިންގ ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުމާއި ގަނެވިއްކުމަކީ މަނާކަމެކެވެ.

 

24 ވަނަ މާއްދާ - ކަށިމިޔަރު ޕްރޮސެސްކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސެއް ނަގައިފައިވާ ފަރާތްތަކުން ޕްރޮސެސްކުރުމުގައި އަމަލުކުރަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކުލަވައިލައިފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

25 ވަނަ މާއްދާ - މަސް ކިރާ ބަނދަރުތައް

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސެއް ނަގައިފައިވާ ފަރާތަކުން ބާނާ ކަށިމިޔަރު ކިރަންވާނީ މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މަސްކިރާ ބަނދަރުތަކަށެވެ.

 

26 ވަނަ މާއްދާ - އެކްސްޕޯޓުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ކަށިމިޔަރު ގަންނަންވާނީ މަސްވެރިކަން ކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ސަޕްލައިކުރުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުންނެވެ.

(ށ) އެކްސްޕޯޓުކުރާ ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް ބަންދުކުރަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) އެކްސްޕޯޓުކުރުމަށް ތައްޔާރުކުރާ ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް ބަންދުކުރާ ޕެކޭޖްތަކުގައި، ކަށިމިޔަރުގެ ބާވަތާއި، އަދަދާއި، ބަރުދަނާއި، އުފެއްދި ތާރީހާއި، އެކްސްޕޯޓަރުގެ ތަފުސީލު ސާފުކޮށް އެނގޭނޭހެން ލޭބަލް ކުރަންވާނެއެވެ.

(ރ) އެކްސްޕޯޓުކުރާ ކަށިމިޔަރާއި، ކަށިމިޔަރުގެ އުފެއްދުންތަކުގެ، ކޮންމެ ށިޕްމަންޓަކަށް ބުނެވިދިޔަ މައުލޫމާތު ހިމެނޭ ޕެކިންގ ލިސްޓެއް، އެކްސްޕޯޓަރުން ތައްޔާރުކުރަން ވާނެއެވެ. އަދި ތަންފީޒީ އޮފިސަރަކު ނުވަތަ ފިށަރީޒް ރޭންޖަރަކު އެދިއްޖެ ހާލަތެއްގައި އެ ޕެކިންގ ލިސްޓު ދައްކަންވާނެއެވެ.

(ބ) "މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތަށް މަސްވެރިންގެ ފަރާތުން ނުވަތަ ޕްރޮސެސްކުރާ ފަރާތްތަކުން އެއްކުރާ މައުލޫމާތުގެ ސިއްރުކަން، ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކާ މިނިސްޓްރީގެ ހުއްދަ ނެތި ހިއްސާކުރުމަކީ މަނާކަމެކެވެ.

(ޅ) ބައިނަލްއަގުވާމީ މުއާހަދާއެއްގެ ދަށުން، ކަށިމިޔަރުގެ ބާވަތެއްގެ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލެއް ކަނޑައަޅައިފި ނަމަ އެ ކަމަކަށް ބޭނުންވާ ހުއްދަ ނުވަތަ ސެޓްފިކެޓު ކަމާބެހޭ އިދާރާއިން ހޯދަންވާނެއެވެ.

(ކ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން ނުވަތަ މެރުން ނުވަތަ ވިޔަފާރިކުރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތެއްގެ ބައިތަކުން އުފައްދައިފައިވާ އެއްވެސް އުފެއްދުމެއް އެކްސްޕޯޓްކުރުމަކީ ނުވަތަ އެކްސްޕޯޓްކުރުމަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ.

 

27 ވަނަ މާއްދާ - މިނިސްޓްރީއަށް މައުލޫމާތު ފޮނުވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން، މަސް ރިޕޯޓު ނުވަތަ ލޮގް ފޮތުގެ މައުލޫމާތު، "މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސެއް ނަގައިފައިވާ ފަރާތްތަކުން، ކަށިމިޔަރު ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު) "މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ މަސްވެރިކަމާބެހޭ މައުލޫމާތު "ގަވާއިދު ނަންބަރު 2020-74 ގައިވާ މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން، ކަށިމިޔަރު ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު)، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

 

ހަވަނަ ބާބު

ގަވާއިދާ ހިލާފުވުމާއި ފިޔަވަޅު އެޅުން

 

28 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުން ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި މި ގަވާއިދުގައިވާ ލައިސަންސްގެ ށަރުތަކާ ނުވަތަ ށަރުތުތަކާ ހިލާފުވުން ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، "ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު)" ގައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ ޖަދުވަލު 4 އާއި ޖަދުވަލު 5 ގައިވާ ގޮތުގެ މަތީންނެވެ.

(ރ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ތިންވަނަ ފަހަރަށް ކޮށްފި ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރެވޭނެއެވެ. އަދި އެ ފަރާތަކަށް އައު ލައިސަންސަކަށް އެދި ހުށަހެޅޭނީ ލައިސަންސް ބާތިލުކުރި ތާރީހުން ފެށިގެން، 3 (ތިނެއް) މަސްދުވަހުގެ ފަހުންނެވެ.

 

 

ހަތްވަނަ ބާބު

މާނަކުރުމާއި، ގަވާއިދަށް އަމަލުކުރަން ފެށުން

 

29 ވަނަ މާއްދާ - މާނަކުރުން       

މި ގަވާއިދުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި މިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު އެ ވަގުތަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު އެ ވަގުތަކު ހަވާލުކޮށްފައިވާ ވަޒީރަށެވެ.

(ނ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓައި ތަރައްގީކުރުމާ ގުޅޭ ޕްލޭނަށެވެ.

(ރ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި ހާއްސަ އިގުތިސާދީ ކަނޑަށެވެ.

(ބ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށް ޓަކައި އެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮންމެ އޮފިސަރަކަށެވެ.

(ޅ) "ފިށަރީޒް ރޭންޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.

(ކ) "މަސްވެރިކަން ކުރުން" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށެވެ:

  1. މަސް ހޯދުމަށް، ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް؛
  2. މަސް ހޯދުމަށް ނުވަތަ ހިފުމަށް ނުވަތަ ނެގުމަށް ނުވަތަ މެރުމަށް މަސައްކަތްކުރުން؛

  3. އެ ކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން ނުވަތަ ހިފުން ނުވަތަ ނެގުން ނުވަތަ މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެ ނޫން ވެސް އެހެން ހަރަކާތްތައް ހިންގުން؛

  4. "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓުކުރުމާ ގުޅޭ ސާމާނު ބެހެއްޓުން ނުވަތަ ހޯދުން ނުވަތަ އަނބުރާ ހޯދުން؛

  5. މޫދުގައި ނުވަތަ ކަނޑުގައި، ނުވަތަ ރަށެއްގެ އެއްގަމުގައި، މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށް ޓަކައި އެއްވެސް ކަމެއް ހިންގުން.

(އ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެ ނޫން ވެސް އުޅަނދަކަށެވެ.

(ވ) "ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކޮށް މިނިސްޓްރީއަށް ފޮނުވުމަށް ކަނޑައަޅައިފައިވާ ވަސީލަތަށެވެ.

(މ) "ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަކަށެވެ.

(ފ) "ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި މި ގަވާއިދުގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ އިދާރީ ކުށްތަކަށެވެ.

(ދ) "އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، އުޅަނދު ދުއްވައިގެން ހޯދާ އިގްތިސާދީ ފައިދާ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ނުވަތަ އުޅަނދާ ހަވާލުވެހުރެ އެ އުޅަނދު ހިންގުމަށް ޒިންމާކޮށްފައިވާ ނުވަތަ އުޅަނދަށް އިރުށާދު ދޭ ފަރާތަކަށް ނުވަތަ ކޮންޓްރޯލްކުރާ ފަރާތަކަށެވެ.

(ތ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން، ކަމުގައި ވިޔަސް، ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމުތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާއި އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރަށް ނުވަތަ ޑިރެކްޓަރަށް ނުވަތަ ސެކްރެޓަރީއަށެވެ.

(ލ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަދުވަހަށް ބެހެއްޓުމަށް ޓަކައި ޕެކެޓުކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.

(ގ) "ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި އިމާރާތްތަކާއި އެ ނޫން ވެސް ތަންތަން، އަދި އެ ތަނެއްގައި:

  1. މަހުގެ އުފެއްދުންތައް، ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެ ނޫން ވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން ނުވަތަ؛
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް ނުވަތަ ދަޅުގައި ބަންދުކޮށް ނުވަތަ ހިއްކައި ނުވަތަ ސާފުކޮށް ނުވަތަ ލޮނުއަޅައި ނުވަތަ ފިނިކޮށް ނުވަތަ ގަނޑުކޮށް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށް ޓަކައި، މަހުގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.

(ޏ) "އޮއިވާލި ކަނދުފަތި" ކަމަށް ބުނެފައި އެވަނީ، އެއް ސަރަހައްދަކަށް މަސް ގެނައުމަށް ޓަކައި ފެންމަތީގައި އޮޔާދެމޭ ގޮތަށް ކަނޑުގައި ނަގިލި ލައިގެން ހަރުކުރާ ބޮޔަކަށް ނުވަތަ އެފަދަ އެހެން އެއްޗަކަށެވެ.

(ސ) "ފިށަރީޒް އިންފޮމޭށަން ސިސްޓަމް - ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި، ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ އޮންލައިން ނިޒާމަށެވެ.

(ޑ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށް ޓަކައި މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.

(ޒ) "ކަށިމިޔަރު" ކަމަށް ބުނެފައި އެވަނީ، ސެންޓްރޮފޮރިޑޭ (Centrophoridae) އާއިލާއަށް ނިސްބަތްވާ، އާންމުކޮށް ކަށިމިޔަރޭ ކިޔާ ހުރިހާ ބާވަތްތަކަށެވެ.

(ޓ) "އަތޮޅު ދުނި" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކުގެ ބޭރުން އަޑި އެނގޭ ފަށް ކެނޑި، ކަނޑަށް ފުންވެގެންދާ ހިސާބަށެވެ.

(ޔ) "އެތެރެވަރި" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކުގެ އެތެރެ ކަނޑަށެވެ.

 

30 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން ފެށިގެންނެވެ.

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 1

ލައިސަންސްގެ އާންމު ށަރުތުތައް

1. ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސްގެ އާންމު ށަރުތުތައް

(ހ) އުޅަނދުގައި ލައިސަންސް ބޭއްވުން

ލައިސަންސް ލިބިފައިވާ ފަރާތުން ހުރިހާ ވަގުތެއްގައި ވެސް ލައިސަންސް ނުވަތަ ލައިސަންސްގެ އަސްލާ އެއްގޮތް ކޮޕީއެއް، އުޅަނދުގައި ބާއްވަންވާނެއެވެ.

(ށ) މަސްވެރިކަންކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

  1. ހުރިހާ އުޅަނދެއް ވެސް ހަރަކާތްތެރިވާންވާނ،ީ ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައެވެ.
  2. އަންނަނިވި ސަރަހައްދުތަކުގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.
    2.1 އެތެރެވަރީގެ ސަރަހައްދުތައް؛
    2.2 މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދެއްގެ ދަށުން ހިމާޔަތްކޮށްފައިވާ އެންމެހައި ސަރަހައްދުތައް؛
    2.3 ދިވެހިރާއްޖޭގެ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން އެ ސަރަހައްދަކުން މަސްވެރިކަން ކުރުން މަނާކޮށްފައިވާ ސަރަހައްދުތައް؛
    2.4 ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އޮއިވާލި ކަނދުފައްޗެއްގެ 3 (ތިނެއް) ނޯޓިކަލް މޭލު ވަށައިގެންވާ ސަރަހައްދު؛
    2.5 ދިރާސާކުރުމުގެ ގޮތުން ނުވަތަ ކަނޑުގެ މާހައުލާ ގުޅޭ މައުލޫމާތު ނެގުމަށް ކަނޑަށް ދޫކޮށްފައިވާ ނުވަތަ ހަރުކޮށްފައިވާ ޑޭޓާ ބޮއެއްގެ 1 (އެކެއް) ނޯޓިކަލް މޭލު ވަށައިގެންވާ ސަރަހައްދު.

(ނ) މަސް ރިޕޯޓު ފޮނުވުން

  1. މަސްވެރިކަމުގެ އުޅަނދުގައި ހުރިހާ ވަގުތެއްގައި ވެސް ލޮގްފޮތެއް އޮތްކަން އުޅަނދުގެ ކެޔޮޅު ޔަގީންކުރަން ވާނެއެވެ.
  2. މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން މަސް ރިޕޯޓު މިނިސްޓްރީއަށް ފޮނުވަމުން ގެންދާކަން އުޅަނދުގެ ކެޔޮޅު ޔަގީންކުރަން ވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކީ، ތެދު، ފުރިހަމަ، އަދި ސައްހަ މައުލޫމާތު ކަމުގައި ވާންވާނެއެވެ. އަދި މައުލޫމާތު ފޯރުކޮށް ނުދިނުމަކީ ނުވަތަ ސައްހަނޫން މައުލޫމާތު ނުވަތަ ދޮގު މައުލޫމާތު ފޯރުކޮށްދިނުމަކީ ކުށެކެވެ.

(ރ) ތަންފީޒީ އޮފިސަރުންނަށާއި ފިށަރީޒް ރޭންޖަރުންނަށާއި ފިށަރީޒް އޮބްޒާވަރުންނަށް އެއްބާރުލުން ދިނުން 

ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ގުޅިގެން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ތަންފީޒީ އޮފިސަރުންނާއި، ފިށަރީޒް ރޭންޖަރުންނާއި، ފިށަރީޒް އޮބްޒާވަރުންނާއި، ހުއްދަ ދެވިފައިވާ އެ ނޫން ވެސް ފަރާތްތަކުން ކުރާ ކަންކަމުގައި، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ހުރިހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

(ބ) މަނާ ހަރަކާތްތައް

މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އުޅަނދަކުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެއެވެ.

  1. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެ ތަނަކުން މަސްވެރިކަންކުރުން މަނާކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުން؛
  2. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން ނުވަތަ މެރުން މަނާކޮށްފައިވާ އެއްވެސް ބާވަތަކަށް އަމާޒުކޮށް މަސްވެރިކަން ކުރުން؛
  3. ސައްހަ ލައިސަންސެއް ނެތ،ި އެހެން ގަވާއިދަކުން ބަލަހައްޓާ ބާވަތަކަށް އަމާޒުކޮށް މަސްވެރިކަން ކުރުން؛
  4. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން ނުވަތަ މެރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުން ނުވަތަ ރައްކައުކުރުން ނުވަތަ ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިއުން (ޓްރާންށިޕްކުރުން)، ނުވަތަ ލޭންޑިންގ ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިޔުމާއި ގަނެވިއްކުން؛
  5. ކަށިމިޔަރުގެ މަސްވެރި އުޅަނދެއްގައި ކަށިމިޔަރު ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުން؛
  6. ކަށިމިޔަރުގެ މަސްވެރި އުޅަނދެއްގައި ބިދޭސީން ގެންގުޅުން ނުވަތަ ބިދޭސީން ބައިވެރިކުރުވުން؛
  7. މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ކަނޑައަޅައިފައިވާ އެއްވެސް ފިޔަވަޅަކާ ހިލާފަށް އަމަލުކުރުން.

 

2. ރޮސެސްކުރުމުގެ ލައިސަންސްގެ އާންމު ށަރުތުތައް

(ހ) ޕްރޮސެސްކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

ޕްރޮސެސްކުރުމުގައި އަމަލުކުރަންވާނ،ީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކުލަވައިލައިފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މައުލޫ މާތު ފޮނުވުން

  1. މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކަށިމިޔަރު ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު) މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.
  2. ޕާޗޭސް ރިޕޯޓުތަކުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކީ، ތެދު، ފުރިހަމަ، އަދި ސައްހަ މައުލޫމާތުކަމުގައި ވާންވާނެއެވެ.
    2.1 ކަށިމިޔަރު ވިއްކި ފަރާތުގެ ތަފުސީލު؛
     2.2 ކަށިމިޔަރު ގަނެފައިވާ ތާރީހު؛ 
     2.3 ގަނެފައިވާ ބަރުދަނުގެ ތަފުސީލު؛
    2.4 ޕްރޮސެސްކުރާ އުފެއްދުންތަކަކީ އެކްސްޕޯޓުކުރުމަށް ތައްޔާރުކުރާ އުފެއްދުންތަކެއް ނަމަ، އެ ތަކެތި އެކްސްޕޯޓުކުރާ ފަރާތުގެ ތަފުސީލު.
  3.  ޕްރޮސެސްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތް، މިނިސްޓްރީގެ ބޭނުމަށް މަސްވެރިންގެ ފަރާތުން އެއްކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ ކުށެކެވެ.

(ނ) ތަންފީޒީ އޮފިސަރުންނަށާއި ފިށަރީޒް ރޭންޖަރުންނަށާއި ފިށަރީޒް އޮބް ޒާ ވަރުންނަށް އެއްބާރުލުން ދިނުން  

ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ގުޅިގެން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ތަންފީޒީ އޮފިސަރުންނާއި ފިށަރީޒް ރޭންޖަރުންނާއި ފިށަރީޒް އޮބްޒާވަރުންނާއި ހުއްދަ ދެވިފައިވާ އެ ނޫން ވެސް ފަރާތްތަކުން ކުރާ ކަންކަމުގައި، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ހުރިހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

(ރ) މަނާ ހަރަކާތްތައް

  1. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން ނުވަތަ މެރުން ނުވަތަ ވިޔަފާރިކުރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތެއްގެ ބައިތަކުން އުފައްދައިފައިވާ އެއްވެސް އުފެއްދުމެއްގެ ވިޔަފާރިކުރުން ނުވަތަ ރައްކައުކުރުން ނުވަތަ ޕްރޮސެސްކުރާ ތަނެއްގައި ބެހެއްޓުން؛
  2. ކަށިމިޔަރު ގަތުމުގައްޔާއި، މަސްވެރި އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމުގައި މަސްވެރި އުޅަނދުތަކާމެދު ތަފާތުކޮށް، އެއް ހަމައެއް ނުގެންގުޅުން؛
  3.  މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ކަނޑައަޅައިފައިވާ އެއްވެސް ފިޔަވަޅަކާ ހިލާފަށް އަމަލުކުރުނ.ް

 

3. ސަޕްލައިކުރުމުގެ ލައިސަންސްގެ އާންމު ށަރުތުތައް 

(ހ) ލައިސަންސް ނެގުން

ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުން، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

(ށ) ކަށިމިޔަރު ގަތުން

މި ލައިސަންސްގެ ދަށުން ކަށިމިޔަރު ގަންނަންވާނ،ީ ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއް ލިބިފައިވާ އުޅަނދުތަކުންނެވެ.

(ނ) މައުލޫމާތު ފޮނުވުން

  1. މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކަށިމިޔަރު ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު) މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.
  2. ޕާޗޭސް ރިޕޯޓުތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކީ، ތެދު، ފުރިހަމަ، އަދި ސައްހަ މައުލޫމާތުކަމުގައި ވާންވާނެއެވެ.
    2.1 ކަށިމިޔަރު ބޭނި އުޅަނދު؛
    2.2 ކަށިމިޔަރު ގަނެފައިވާ ތާރީހު؛
    2.3 ގަނެފައިވާ ބާވަތްތަކާއި، އެ ބާވަތްތަކުގެ އަދަދާއި، ޖުމުލަ ބަރުދަނުގެ ތަފުސީލު.
  3. ސަޕްލައިކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތް، މިނިސްޓްރީގެ ބޭނުމަށް މަސްވެރިންގެ ފަރާތުން އެއްކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓަންވާނެއެވެ. އަދި މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކާ އެފަދަ މައުލޫމާތު ހިއްސާކުރުމަކީ ކުށެކެވެ.

(ރ) ތަންފީޒީ އޮފިސަރުންނަށާއި، ފިށަރީޒް ރޭންޖަރުންނަށާއި، ފިށަރީޒް އޮބްޒާވަރުންނަށް އެއްބާރުލުން ދިނުން

ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ގުޅިގެން، އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ތަންފީޒީ އޮފިސަރުންނާއި ފިށަރީޒް ރޭންޖަރުންނާއި ފިށަރީޒް އޮބްޒާވަރުންނާއި ހުއްދަ ދެވިފައިވާ އެހެނިހެން ފަރާތްތަކުން ކުރާ ކަންކަމުގައި ލައިސަންސްގެ ވެރިފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

(ބ) މަނާ ހަރަކާތްތައް

  1. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން ނުވަތަ މެރުން ނުވަތަ ވިޔަފާރިކުރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތެއްގެ ބައިތަކުން އުފައްދައިފައިވާ އެއްވެސް އުފެއްދުމެއްގެ ވިޔަފާރިކުރުން ނުވަތަ ރައްކައުކުރުން؛ 
  2. މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަންކުރުމުގެ ލައިސަންސެއް އޮތް އުޅަނދެއް، ސަޕްލައިކުރުމުގައި ބޭނުންކުރުން؛
  3. ކަށިމިޔަރު ގަތުމުގައި، މަސްވެރި އުޅަނދުތަކާމެދު ތަފާތުކޮށް، އެއް ހަމައެއް ނުގެންގުޅުން؛
  4. މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ކަނޑައަޅައިފައިވާ އެއްވެސް ފިޔަވަޅަކާ ހިލާފަށް އަމަލުކުރުން

 

 

ޖަދުވަލު 2

ލައިސަންސްގެ މުއްދަތާއި ފީ

ލައިސަންސްގެ ބާވަތް 

ލައިސަންސްގެ މުއްދަތު 

ފީ (ރުފިޔާ) 

މަސްވެރިކަންކުރާ އުޅަނދު  12 (ބާރަ) މަސްދުވަސް 2،000 (ދެހާސް) ރުފިޔާ
ޕްރޮސެސްކުރާ ފަރާތްތައް  12 (ބާރަ) މަސްދުވަސް 2،000 (ދެހާސް) ރުފިޔާ
ސަޕްލައިކުރާ ފަރާތްތައް  12 (ބާރަ) މަސްދުވަސް 2،000 (ދެހާސް) ރުފިޔާ

 

 

އެހެނިހެން ފީ  

ފީގެ ބާވަތް އަދަދު ފީ (ރުފިޔާ)
ކެޗް ސެޓުފިކެޓު ފީ  ކޮންމެ ށިޕްމަންޓަކަށް 20 (ވިހި) ރުފިޔާ

 

 

ޖަދުވަލު 3

މަސްކިރާ ބަނދަރުތައް

# ބަނދަރު
1 ހދ. ކުޅުދުއްފުށި
2 ށ. ފުނަދޫ
3 ރ. މަޑުއްވަރި
4 އއ. ހިމަންދޫ

 

ޖަދުވަލު 4

ޖޫރިމަނާ ކަނޑައެޅިފައިވާ، ގަވާއިދާ ހިލާފު ހަރަކާތްތަކާއި ފިޔަވަޅުތައް

 

ޖަދުވަލު 5

ޖޫރިމަނާ ހިސާބުކުރެވޭ ކުށްތައް

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު