-

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-92)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ސެޕްޓެމްބަރު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 97 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގު ސަދު

މި ގަވާއިދުގެ މަގުސަދަކީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކުރާނެ އުސޫލުތައް އެކަށައެޅުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

މި ގަވާއިދުގައި ބަޔާންވެގެންވާ އުސޫލުތައް ހިނގާނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރާ މައްސަލަތަކަށާއި، އެ ގާނޫނު ތަންފީޒުކުރުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރާ މަސައްކަތަށެވެ.

 

4 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ކުށެއްކަމުގައި ކަނޑައަޅައިފައިވާ ކުށެއް ކުރުމަށް ޓަކައި ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދާ ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް ޓްރާންޒިޓްކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ގާނޫނާ ހިލާފު އެއްޗެއްގެ ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ އިހުތިޔާރު، އަންނަނިވި ކަންކަން ހާސިލުކުރުމަށް ޓަކައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ ފުލުހުންގެ އޮފިސަރަކު ދޭ ހުއްދަޔަކާއެކު، މި މާއްދާގައިވާ ގޮތުގެ މަތީން ފުލުހުންނަށް ލިބިގެންވެއެވެ.

(ހ) އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދަނ ކޮން ބަޔަކުކަން ދެނެގަތުމަށް.

(ށ) އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރަނީ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދަނ ކޮން ބަޔަކާ ގުޅިގެންކަން ދެނެގަތުމަށް.

(ނ) އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ނުވަތަ ދިވެހިރާއްޖެއިން ގެންދަނ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދަނ ނުވަތަ އެތެރެކުރަނީ އެ އެއްޗަކުން ކޮންބަޔަކު ވިޔަފާރިކުރުމަށްކަން ދެނެގަތުމަށް.

(ރ) އެތެރެކުރި އެއްޗެއް ނުވަތަ ގެންދާ އެއްޗެއް ޓްރެފިކްކުރުމުގައި ނުވަތަ ގާނޫނާ ހިލާފަށް ބޭނުންކުރުމުގައި ހިމެނެނ ކޮންބައެއްކަން ދެނެގަތުމަށް.

 

5 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އެއް ހެދުމުގެ ހުއްދައަށް އެދުން

(ހ) ކޮންޓްރޯލްޑް ޑެލިވަރީ އެއް ހެދުމުގެ ހުއްދައަށް އެދި ކޮމިށަންޑް އޮފިސަރަކު، ކޮމިށަނަރ އޮފް ޕޮލިހަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް އެދެންވާނީ ލިޔުމުންނެވެ.

(ށ) ކޮންޓްރޯލްޑް ކޮންމެ ޑެލިވަރީ އަކަށް ވަކިން ހުއްދަ ހޯދަންވާނެއެވެ.

(ނ) ކޮންޓްރޯލްޑް ޑެލިވަރީ އެއް ހެދުމުގެ ހުއްދައަށް އެދި ކޮމިށަނަރ އޮފް ޕޮލިސްގެ ކިބައިން އެދޭއިރު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް އެދޭއިރު، އަންނަނިވި ކަންކަން ފުރިހަމަވާ ގޮތް ބަޔާންކުރަންވާނެއެވެ.

  1.  ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ކުށެއްކަމުގައި ކަނޑައަޅައިފައިވާ ކުށެއް ކުރުމަށް ޓަކައި ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދާ ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް ޓްރާންޒިޓްކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ގާނޫނާ ހިލާފު އެއްޗަކާ ގުޅޭ ކޮންޓްރޯލްޑް ޑެލިވަރީ އެއްކަން؛
  2. ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މަގުސަދުތަކުގެ ތެރެއިން ކޮން މަގުސަދެއް ހާސިލުކުރަންކަން؛
  3. ކޮންޓްރޯލްޑް ޑެލިވަރީ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކީ ކުރިން ހުއްދަޔަކަށް އެދިފައިވާ ކޮންޓްރޯލްޑް ޑެލިވަރީ އެއް ނަމަ، އެކަން ބަޔާންކުރުމާއި، އެ ހުށަހެޅުމާމެދު ނިންމައިފައިވާ ގޮތް ބަޔާންކުރުން. 

 

6 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އެއް ހެދުމުގެ ހުއްދަ ދެވޭނެ ފަރާތްތައް ކަނޑައެޅުން

ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ ހުއްދަ ދެވޭނެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކުގެ އޮފިސަރުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އެއް ހެދުމުގެ ހުއްދަ

ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއް ހިންގުމަށް، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކުގެ އޮފިސަރު ހުއްދަ ދޭންވާނީ ލިޔުމުންނެވެ.

 

7 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއްގައި ބައިވެރިވެވޭނެ މީހުން

ފުލުހުން ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއްގައި ކަސްޓަމްސް އޮފިސަރުން ބައިވެރިކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ އޮޕަރޭށަ ނުގައި ކަސްޓަމްސް އޮފިސަރުން ބައިވެރިކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށްގެންދިއުން

ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށްގެންދަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ހުއްދަ ލިބިގެން ކުރިޔަށްގެންދާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށްގެންދަންވާނީ، އެ ހުއްދައަށް އެދުނު ކޮމިށަންޑް އޮފިސަރުގެ ބެލުމުގެ ދަށުންނެވެ.

(ށ) ކުށެއް ކުރުމަށް ޓަކައި ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދާ ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް ޓްރާންޒިޓްކުރާ ނުވަތަ
ދިވެހިރާއްޖެއިން ބޭރުކުރާ ގާނޫނާ ހިލާފު އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން.

(ނ) އެ ތަކެއްޗާ ގުޅޭގޮތުން ތުހުމަތުކުރެވޭ މީހަކުު ހުރި ނަމަ، އެ މީހެއްގެ ހާޒިރުގައި އެ ތަކެތި ބަލައި ފާސްކުރުން.

(ރ) އެ ތަކެއްޗާ ގުޅޭގޮތުން ތުހުމަތުކުރެވޭ މީހަކުު އެވަގުތު ނެތް ނަމަ، ވީޑިއޯ ރިކޯޑުކުރެވޭ ގޮތަށް އެ ތަކެތި ބަލައި ފާސްކުރުން.

(ބ) އެ ތަކެއްޗާ ގުޅޭގޮތުން ތުހުމަތުކުރެވޭ މީހަކުު ހުރި ނަމަ، އޭނާ ހައްޔަރުކޮށްފިކަން އަންގާހިނދު، އޭނާއަށް ދޭންޖެހޭ ގާނޫނީ އިންޒާރުދިނުން.

(ޅ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށްގެންދިއުމުގެ ކުރިން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުން.

(ކ) އެ ތަކެތީ ގެ ވެރިފަރާތާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އެ ތަކެތި ރައްދުކުރުމާ ގުޅިގެން އެއްވެސް އިރުށާދެއް އޭނާއަށް ލިބިފައިވޭތޯއާއި އެ ތަކެތި އޭނާއަށް ލިބިފައިވާގޮތް ސާފުކޮށް، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހިންގުމަށް އޭނާ އެއްބާރުލުން ދޭން ބޭނުންވޭތޯ ނުވަތަ ނޫންތޯ ބެލުން.

(އ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއް ކުރިޔަށްގެންދާއިރު، ތުހުމަތުކުރެވޭ މީހާއާ ދެކެވޭ ވާހަކަތައް އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑުކުރުން.

(ވ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށްގެންދިއުމަށް ޓަކައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގާނޫނާ ހިލާފު އެއްޗެއް ނުވަތަ ތަކެތި ގެންދަންޖެހޭ ތަނަށް ގެންދަންވާނީ ފުލުހުންގެ ބެލުމުގެ ދަށުން.

(މ) މިފަދައިން ގެންދާ ގެންދިއުމުގައި އެ ތަކެއްޗާއި ކުށުގެ ތުހުމަތުކުރެވޭ މީހާ ހުންނަންވާނީ ފުލުހުންގެ ކޮންޓްރޯލުގެ ދަށުގައ.ި

(ފ) ތުހުމަތުކުރެވޭ މީހާއާއި ތަކެތި ގެންދިއުމަށް ހަމަޖެހިފައިވާ ތަން، އިންޓެލިޖެންސް މެދުވެރިކޮށް މޮނިޓަރކޮށް ބެލެހެއްޓުން.

(ދ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށްގެންދާއިރު ހިނގަމުންދާ ކަންކަން ވަގުތުން ވަގުތަށް ލިޔުމުން ރިކޯޑުކުރަމުން ގެންދިޔުން. އަދި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގެ ތެރޭގައި ކުރެވޭ އެންމެހައި މުއާމަލާތްތައް ރިކޯޑުކުރަމުން ގެންދިޔުން.

 

10 ވަނަ މާއްދާ - ކޮންޓްރޯލްޑްް ޑެލިވަރީ އޮޕަރޭށަން ނިމުންް

(ހ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގައި ހިމެނޭ ތަކެއްޗާ ހަވާލުވި މީހާ ހައްޔަރުކުރެވޭކަން އަންގައި ގާނޫނީ އިންޒާރު ދީ، ހައްޔަރުކުރާއިރު އަދި ހައްޔަރުކުރުމަށްފަހު، ހައްޔަރުކުރެވޭ މީހަކުާ ގުޅޭގޮތުން ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރަންވާނެއެވެ.

(ށ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަ ނުގައި ހިމެނޭ ތަކެއްޗާ ހަވާލުވި މީހާގެ ހާޒިރުގައި އޭނާ ހަވާލުވި ތަކެތި ބަލައި ފާސްކުރަންވާނެއެވެ.

(ނ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ނިމުމުން، ކޮންޓްރޯލްޑް ޑެލިވަރީ ލޮގް ފުރިހަމަކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހުއްޓާނުލައި ކުރިޔަށް ގެންދަންޖެހުން

(ހ) ކޮންޓްރޯލްޑް ޑެލިވަރީ ހިންގޭ ގާނޫނާ ހިލާފު ތަކެއްޗާ ހަވާލުވީ އެ ތަކެއްޗާ ހަވާލުވާނެކަމަށް މައުލޫމާތު ލިބިފައިވާ މީހާ ނޫން މީހެއް ނަމަ، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހުއްޓާނުލައި ކުރިޔަށްގެންދިއުމަށް، އެ އޮޕަރޭށަން ކުރިޔަށްގެންދިޔުމުގެ ހުއްދަ ދީފައިވާ ކޮމިށަންޑް އޮފިސަރަށް ނިންމިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރިޔަށްގެންދާ އޮޕަރޭށަނެއް ނިމުމުން، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކޮންޓްރޯލްޑް ޑެލިވަރީ ލޮގް ފުރިހަމަކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ސިއްރު އޮޕަރޭށަން

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތަކާއި އެ ގްރޫޕުތަކުން ކުރާ ކުށްތައް ހުއްޓުވައި އެކަން ކުރާ ބަޔަކު ހޯދުމަށް ކުރެވޭ މަސައްކަތުގައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފުލުހުންގެ އޮފިސަރެއްގެ ހުއްދަ އޮވެގެން ފުލުހުންގެ އޮފިސަރަކު، އެއީ ކާކުކަން ނޭނގޭގޮތުގައި، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ނުވަތަ އެފަދަ ގްރޫޕެއްގެ މެންބަރުންނާ ގުޅި، އެ މީހުންގެ އަތުން ގާނޫނާ ހިލާފު ތަކެތި ހޯދުމަށް ނުވަތަ ގަތުމަށް ހުށަހެޅިދާނެއެވެ.

 

13 ވަނަ މާއްދާ - ސިއްރު އޮޕަރޭށަނުގެ ހުއްދައަށް އެދުން

(ހ) ސިއްރު އޮޕަރޭށަނެއް ހިންގުމުގެ ހުއްދައަށް އެދި ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް އެދެންވާނީ ލިޔުމުންނެވެ.

(ށ) ސިއްރު ކޮންމެ އޮޕަރޭށަނަކަށް ވަކިން ހުއްދަ ހޯދަންވާނެއެވެ.

(ނ) ސިއްރު އޮޕަރޭށަނެއް ކުރިޔަށްގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިންއެ އޮޕަރޭށަނެއްގައި ލިބިދާނެކަމަށް ބެލެވޭ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ރ) ސިއްރު އޮޕަރޭށަނެއް ކުރިޔަށްގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ، ހުއްދައަށް އެދޭ ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާ ނުވަތަ އެ ޑިޕާޓްމަންޓުގެ ކޮމިށަންޑް އޮފިސަރެކެވެ.

 

14 ވަނަ މާއްދާ - ސިއްރު އޮޕަރޭށަނަށް ހުއްދަ ދިނުމުގައި ރިއާޔަތްކުރަންވ ކަންކަން

ސިއްރު އޮޕަރޭށަނަށް ހުއްދަ ދޭ ފަރާތުން، އެ އޮޕަރޭށަނަށް ހުއްދަ ދިނުމުގެ ކުރިން އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

(ހ) ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލުގެ ޒާތާއި ބާވަތަށް ބަލާއިރު އެއީ ސިއްރު އޮޕަރޭށަނެއް ހުއްދަކުރަންޖެހޭ ކަމަކަށް ވުން.

(ނ) ސިއްރު އޮޕަރޭށަނެއް ހިންގުމަށް ޓަކައި ކުރުމަށް ހުއްދަކުރެވޭ ކަންކަމުގެ ތެރެއިން އެ ހުއްދަކުރެވޭ އޮފިސަރު ކުރަންޖެހޭ ކަމަކީ ނުވަތަ ކަންކަމަކީ، އެ ހުއްދައާ ނުލައި ކޮށްފިނަމަ ގާނޫނާ ހިލާފުވާނެ އަމަލުތަކަކަށް ނުވަތަ އަމަލަކަށްވުމާއި، އެ އަމަލަކީ ނުވަތަ އަމަލުތަކަކީ އެ ސިއްރު އޮޕަރޭށަން ހިންގުމަށް ކޮންމެހެން ކުރަން ބޭނުންވާނެ ކަމެއް ނުވަތަ ކަންކަން ކަމުގައި ވުން. 

(ރ) އެ އޮޕަރޭށަން ހިންގަނީ އެ އޮޕަރޭށަނުގައި ބޭނުންކުރާ އެއްޗަކީ އޮޕަރޭށަން ނިމޭއިރު އެ އޮޕަރޭށަނުގައި ބައިވެރިވި ފުލުހުންގެ އޮފިސަރުގެ ކޮންޓްރޯ ލުގެ ދަށުގައި ހުންނާނެ އެއްޗެހިކަމުގައި ވާނެގޮތަށް އެ އޮޕަރޭށަން ހިންގޭކަން ކަށަވަރުކުރުމަށް ޓަކައި ކުރެވެންހުރި އެންމެހައި ކަންކަން ކޮށްގެންކަން.

(ބ) އެ އޮޕަރޭށަން ހިންގަނީ އެ އޮޕަރޭށަނުގައި ހިމެނޭ ފަރާތްތަކުން ކުރަން ނޫޅޭ ކުށެއް ކުރުމަށް އެ ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ނޫންކަން.

(ޅ) އެ އޮޕަރޭށަން ހިންގަނީ އެ އޮޕަރޭށަނުގައި ހިމެނޭ އެއްވެސް ފަރާތެއްގެ ސަލާމަތާއި ރައްކައުތެރިކަމާއި ސިއްހަތަށް ނުރައްކާނުވާނެ ނުވަތަ އެއިން ފަރާތަކަށް ބޮޑު ހާނިއްކައެއް ކުރިމަތިނުވާނެ ގޮތުގައިކަން.

 

15 ވަނަ މާޢްދާ - ސިއްރު އޮޕަރޭށަނަށް ހުއްދަ ދިނުން

(ހ) ސިއްރު އޮޕަރޭށަނެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަށް، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަންވާނެއެވެ.

(ށ) ސިއްރު އޮޕަރޭށަނެއް ހިންގުމުގެ ހުއްދަ ނުދޭން ނިންމައިފި ނަމަ، އެ ސަބަބު ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ގާނޫނީ ވަކީލާ މަށްވަރާކުރުން

(ހ) ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ އަދި އެ ގާނޫނުގެ ދަށުން އިތުރު ފިޔަވަޅު އެޅޭ ފަރާތްތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު ބަންދުކޮށްފައި ބެހެއްޓުމަށް ކަނޑައަޅައިފައިވާ މީހެއް ކަމަށް ވެފައި، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކަމަށް ވާ ނަމަ، އަދި އަންނަނިވި ހާލަތްތައް ވުޖޫދުގައިވާކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، ގާނޫނުގެ ދަށުން ހައްޔަރުކުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު، އޭނާ ހައްޔަރުކުރާ ވަގުތުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރަށް ނުދީ ހިފެހެއްޓިދާނެއެވެ.

  1. ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފި ނަމަ، ގާނޫނުގެ ތިން ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން މަސައްކަތްކުރަމުން އަންނަ ފަރާތަކަށް އިންޒާރުދ ފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  2. ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފި ނަމަ، ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއްގެ ހެކި ނައްތައިލައިފާނެކަމަށް ނުވަތަ ހެއްކަށް ނުފޫޒުފޯރުވައިފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  3. ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފި ނަމަ، ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއްގެ އަމަލު ހިންގައިފާނެކަމަށް ގަބޫ ލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  4. ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފި ނަމަ، މީހަކަަށް ޖިސްމާނ އަނިޔާއެއް ލިބިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  5. ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފި ނަމަ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްގެން ހޯދައި ފައިވާ މުދަލެއް އަނބުރާ ހޯދުމަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން.

(ނ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ށ) ގެ ދަށުން ހިފެހެއްޓޭނީ، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެޔަށްވުރެ މަތީ ރޭންކެއްގެ އޮފިސަރަކު ލިޔުމުން ދޭ ހުއްދައެއްގެ ދަށުންނެވެ.

(ރ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓައިފައި އޮންނަ މުއްދަތުގެ ތެރޭގައި ވެސް އެ ފުރުސަތު ނުދީ ހިފެހެއްޓި ސަބަބު ނެތިފައިވާކަމަށް ފެނިއްޖެ ނަމަ، އެ ފުރުސަތު އަލުން އަނބުރާ ދޭންވާނެއެވެ. އަދި ވީ އެންމެ އަވަހަކަށް އޭނާގެ ގާނޫނީ ވަކީލަށް އެކަން އަންގާންވާނެއެވެ.

(ބ) ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ނުދީ ހިފަހައްޓާ ނަމަ، އެކަމުގެ ސަބަބު، އެ މީހާއަށާއި، އޭނާގެ ގާނޫނީ ވަކީލަށް ލިޔުމުން ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ ދަށުން ހިފަހައްޓައިފައިވާ މުއްދަތުގައި، ތުހުމަތުކުރެވިފައިވާ ކުށާ ގުޅޭގޮތުން މައުލޫމާތު ހޯދުމުގެ ނުވަތަ ތަހުގީގުގައި ސުވާލުކުރުމުގެ އެއްވެސް މަރުހަލާއެއް ކުރިޔަ ށްގެންދާ ނަމަ، އޭނާއަށް
އޭނާގެ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ކަންކަން

(ހ) ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމަންވާނީ، ހައްޔަރުކޮށްފައިވާ މީހާގެ މައްސަލަ ތަހުގީގުކުރާ ކޮމާންޑުގައި ނުވަތަ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކު އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަންކަން ބެލުމަށްފަހު، މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައި އޮތްކަމަށް ގަބުލޫކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމައެވެ. މިގޮތުން ނިންމާ ކޮންމެ ނިންމުމެއް ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުމުގައި އަންނަނިވި މައުލޫމާތު ހިމަނައި ފައި ހުންނާންވާނެއެވެ. އަދި އެ ނިންމުމުގެ ކޮޕ އެއް، ތުހުމަތުކުރެވޭ ފަރާތަށާއި އޭނާގެ ވަކީލަށް، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ދޭންވާނެއެވެ.

  1. މައްސަލައިގެ ނަންބަރު ނުވަތަ އިންސިޑެންޓް ނަންބަރު؛
  2. މައްސަލަ ބަލާ ޑިޕާޓްމަންޓް / ސެކްށަން؛
  3. މައްސަލަ ތަހުގީގުކުރާ ފަރާތުގެ ސަރވިސް ނަންބަރާއި ސޮއި؛
  4. މައްސަލައިގެ ހުލާސާ؛
  5. ހައްޔަރުކޮށްފައިވާ ފަރާތުގެ މައުލޫމާތު؛
  6. ގޮތް ނިންމި އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛
  7. ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމި ނިންމުން ބިނާކުރި ސަބަބު؛ 
  8.  ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމަށް ނިންމި މުއްދަތު؛

(ނ) ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމަށް ނިންމާ މުއްދަތު، 48 (ސާޅީސް އަށެއް) ގަޑިއިރަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ - ތަހުގީގު ގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީ ނުވެ ހަނުހުރުން

(ހ) ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ ދައުވާ އުފުލިފައިވާ ފަރާތަކާ އެ ކުށުގެ ތަހުގީގު މަރުހަ ލާގައި، އެ ކުށް ހިނގި ހާލަތު ދެނެގަތުމުގެ ގޮތުން ނުވަތަ ކުށްކުރި ފަރާތް ދެނެގަތުމުގެ ގޮތުން ސުވާލުކުރިއިރު ޖަވާބުދާރީ ވެފައިނުވާ ވާގިއާއެއް އޮތް ނަމަ، އެކަން އެނގޭ ގޮތަށް އޭނާގެ ބަޔާން ނަގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރުމުގެ ކުރިން، އޭނާ ޖަވާބުދާރީ ނުވުމުގެ ނަތީޖާއަކީ، އޭނާ ހަނުހުރެއްޖެ ހާލަތެއްގައި، އެ ކުށުގެ ދައުވާއާ ގުޅޭ ށަރީއަަތުގައި ދައުވާކުރާ ފަރާތުން ށަރީއަަތަށް އެ ކަންކަމުގެ ހެކި ހުށަހަޅައިފި ނަމަ، އޭނާ އެފަދައިން ހަނުހުރި ހުރުމުގެ ސަބަބުން އޭނާއާ ދެކޮޅަށް އުފެދޭ އިސްތިންތާޖަކަށް ފަނޑިޔާރަށް ރިއާޔަތްކުރެވިދާނެކަން އޭނާއަށް ބަޔާންކޮށްދޭންވާނެއެވެ.

 

19 ވަނަ މާއްދާ - ވަކި އެއްޗަކާ ނުވަތަ މާއްދާއަކާ ނުވަތަ ނިށާނަކާ ގުޅޭގޮތުން ޖަވާބުދާރީނުވެ ހަނުހުރުން 

(ހ) ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ ހަށިގަނޑުގައި ނުވަތަ އަންނައުނުގައި ނުވަތަ އަރައިގެންހުރި ފައިވާނެއްގައި ނުވަތަ ބޫޓެއްގައި ހުރި ވަކި އެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ ނިށާނެއް ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ އަތުގައި ނުވަތަ އޭނާ ހައްޔަރުކުރެވުނު ތަނުގައި ހުރި ވަކި އެއްޗަކީ ނުވަތަ މާއްދާއަކީ ނުވަތަ ނިށާނަކީ، އެ ކުށުގެ އަމަލުގައި އޭނާ ބައިވެރިވިކަމަށް ދޭހަކޮށްދޭ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކުރި ނުވަތަ އެ ކުށް ތަހުގީގުކުރި ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވޭ ނަމަ، އަދި އެފަދައިން ގަބޫލުކުރެވޭކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް އެންގުމަށްފަހު، އެ އެއްޗަކާ ނުވަތަ މާއްދާއަކާ ނުވަތަ ނިށާނަކާ ގުޅޭގޮތުން އެ މީހަކާާ ސުވާލުކުރުމުން އޭނާ ހަނުހުރެއްޖެ ހާލަތެއްގައި، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އަދި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، ހެކީގެ ގޮތުގައި އެ ލިޔުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރުމުގެ ކުރިން އޭނާ ޖަވާބުދާރީ ނުވުމުގެ ނަތީޖާއަކީ އޭނާ ހަނުހުރެއްޖެ ހާލަތެއްގައި، އެ ކުށުގެ ދައުވާއާ ގުޅޭ ށަރީއަަތުގައި ދައުވާކުރާ ފަރާތުން ށަރީއަަތަށް އެ ކަންކަމުގެ ހެކި ހުށަހަޅައިފި ނަމަ، އޭނާ އެފަދައިން ހަނުހުރި ހުރުމުގެ ސަބަބުން އޭނާއާ ދެކޮޅަށް އުފެދޭ އިސްތިންތާޖަކަށް ފަނޑިޔާރަށް ރިއާޔަތްކުރެވިދާނެކަން އޭނާއަށް ބަޔާންކޮށްދޭންވާނެއެވެ.

(ނ) ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިޔުމުން ދޭ ގާނޫނީ އިންޒާރުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ. އަދި އިންޓަވިއުގެ ރިކޯޑިންގގައި މި މައުލޫމާތު ހިއްސާކުރިކަން އެނގެން އޮންނަންވާނެއެވެ.

 

20 ވަނަ މާއްދާ - ހުރި ތަނަކާ ގުޅޭގޮތުން ޖަވާބުދާރީ ނުވެ ހަނުހުރުން

(ހ) ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި މީހަކުު ހައްޔަރުކުރެވުނީ، ކުށުގެ ވެށިން، އެ ކުށް ހިނގި ވަގުތުގައި ކަމަށް ވާ ނަމަ، އަދި އޭނާ އެ ތަނުގައި ހުރި ހުރުމަކީ، އެ ކުށުގެ އަމަލުގައި އޭނާ ބައިވެރިވިކަމަށް ދޭހަކޮށްދޭ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކުރި ނުވަތަ އެ ކުށް ތަހުގީގުކުރި ފުލުހުންގެ އޮފިސަރަށް ގަބޫ ލުކުރެވޭ ނަމަ، އަދި އެފަދައިން ގަބޫލުކުރެވޭކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް އެންގުމަށްފަހު، އޭނާ އެ ތަނުގައި ހުރި ސަބަބާ ގުޅޭގޮތުން އޭނާއާ ސުވާލުކުރުމުން އޭނާ ހަނުހުރެއްޖެ ހާލަތެއްގައި، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އަދި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، ހެކީގެގޮތުގައި އެ ލިޔުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރުމުން އޭނާއާ ކުރެވޭ ސުވާލަށް ޖަވާބުނުދީ ހަނުހުރެއްޖެ ނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ދައުވާ، ދައުވާކުރާ ފަރާތުން ށަރީއަަތަށް އެ ކަމުގެ ހެކި ހުށަހަޅައިފި ހިނދެއްގައި، އޭނާ އެފަދައިން ހަނުހުރި ހުރުމުގެ ސަބަބުން އޭނާއާ ދެކޮޅަށް އުފެދޭ އިސްތިންތާޖަކަށް ފަނޑިޔާރަށް ރިއާޔަތްކުރެވިދާނެކަން އޭނާއަށް ބަޔާންކޮށްދޭންވާނެއެވެ.

(ނ) ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިޔުމުން ދެވޭ ގާނޫނީ އިންޒާރުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތު ހިމަނަންވާނެއެވެ. އަދި އިންޓަވިއުގެ ރިކޯޑިންގގައި މި މައުލޫމާތު ހިއްސާކުރިކަން އެނގެން އޮންނަންވާނެއެވެ.

 

21 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަން ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން

(ހ) ވަކި ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ކޮމިށަނަރ އޮފް ޕޮލިސް ނިންމައިފި ނަމަ، ކޮމިށަނަރ އޮފް ޕޮލިސް ސޮއިކޮށްފައިވާ ލިޔުމަކާއެކު އެ ހުށަހެޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުމާއެކު ވަކި ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަން ދަލާލަތުކުރާ، ގާނޫނުގެ 63 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ އިންޓެލިޖެންސް ރިޕޯޓާއި، އެއަށް ބާރުދޭ ހެކި ހުށަހަޅާންވާނެއެވެ.

 

22 ވަނަ މާއްދާ - ކްލެސިފައިޑް އިންޓެލިޖެންސް

ވަކި މައުލޫމާތަކީ ކްލެސިފައިޑް އިންޓެލިޖެންސްކަމަށް ކަނޑައެޅުމަށް ކޮމިށަނަރ އޮފް ޕޮލިސް ނިންމައިފި ނަމަ، އެ މައުލޫމާތަކީ ކްލެސިފައިޑް އިންޓެލިޖެންސްކަމަށް ކަނޑައެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހައިކޯޓަށް ހުށަހެޅުމަށް ޓަކައި ކޮމިށަނަރ އޮފް ޕޮލިސް ސޮއިކޮށްފައިވާ ލިޔުމަކާއެކު އެ ހުށަހެޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާންވާނެއެވެ.

 

23 ވަނަ މާއްދާ - އެފިޑެވިޓް

މި މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހަޅާ ހުށަހެޅުމަށް ބާރުލިބޭ އަންނަނިވި އެފިޑެވިޓްތައް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާންވާނެއެވެ.

 

23 ވަނަ މާއްދާ - އެފިޑެވިޓް

މި މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހަޅާ ހުށަހެޅުމަށް ބާރުލިބޭ އަންނަނިވި އެފިޑެވިޓްތައް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާންވާނެއެވެ.

(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާ މައްސަލައިގެ އަޑުއެހުމުގައި ބަރޯސާވާން އެދޭ އިންޓެލިޖެންސް މައުލޫމާތާއެކު ފުލުހުންގެ އިންޓެލިޖެންސް އޮފިސަރެއްގެ އެފިޑެވިޓް.

(ށ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމުގައި ވަކި މީހަކީ ނުވަތަ ބަޔަކީ އެ ޖަމާއަތުގެ މެންބަރުންކަމަށް ފާހަގަކޮށްފައިވާ ނަމަ އެކަމަށް ހެކިކޮށްދޭ މައުލޫމާތާއެކު ފުލުހުންގެ އޮފިސަރެއްގެ އެފިޑެވިޓް.

(ނ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅުމަށް ސިއްރު ހެއްކެއްގެ ބަޔާނަށް ބަރޯސާވާ ނަމަ، ސިއްރު ހެއްކާ މުއާމަލާތުކުރުމަށް ކަނޑައަޅައިފައިވާ ފުލުހުންގެ އޮފިސަރެއްގެ އެފިޑެވިޓް.

(ރ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅުމަށް ސިއްރު އޮޕަރޭށަނެއްގައި ހަރަކާތްތެރިވާ އޮޕަރެޓިވްއެއް ފޯރުކޮށްދޭ މައުލޫމާތު ބޭނުންކުރާ ނަމަ، ސިއްރު އޮޕަރެޓިވްއާ މުއާމަލާތުކުރުމަށް ކަނޑައަޅައިފައިވާ ފުލުހުންގެ އޮފިސަރެއްގެ އެފިޑެވިޓް.

 

24 ވަނަ މާއްދާ - ވަގުތީ ފިޔަވަޅު

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން މުއާމަލާތުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

(ހ) މުއާމަލާތުކުރުން ހުއްޓުވުމަށް އެދޭ މުދަލުގެ މައުލޫމާތުތައް.

(ށ) މުދަލުގެ ވެރިފަރާތުގެ މައުލޫމާތު.

(ނ) އަމުރު ރައްދުވާ ފަރާތުގެ މައުލޫމާތު.

(ރ) މައްސަލަ ތަހުގީގުކުރާ ފަރާތުން ސޮއިކޮށް ހުށަހަޅާ މައްސަލައިގެ ހުލާސާއާއި، އެހައިތަނަށް ލިބިފައިވާ ހެކި.

 

25 ވަނަ މާއްދާ - މުދާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު

ގާނޫނުގެ ދަށުން ދައުލަތަށް ނަގާ މުދަލާއި ފައިސާ ބަލަހައްޓާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން، ދައުލަތުގެ މާލިއްޔަތާބެހޭ ވުޒާރާއިންނެވެ.

 

26 ވަނަ މާއްދާ - ވަގުތީ ގޮތުން ހިފަހައްޓާ މުދާ ބަލަހައްޓާނެ ފަރާތް

(ހ) ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ވަގުތީ ގޮތުން ދައުލަތަށް ނަގާ ހުރިހާ މުދަލަކާއި ފައިސާއެއް ބަލަހައްޓާނީ، ދައުލަތުގެ މާލިއްޔަތާބެހޭ ވުޒާރާއިން އެކަށައަޅާ އުސޫލެއްގެ ދަށުން އެ ވުޒާރާއިންނެވެ.

(ށ) ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ނެރުމާއެކު، އެ މުދާ ހިފަހައްޓައި، އެ މުދާ ބެލެހެއްޓުމަށް ޓަކައި ދައުލަތުގެ މާލިއްޔަތާބެހޭ ވުޒާރާއަށް، ދިވެހި ފުލުހުންގެ ހިދުމަތުން ހަވާލުކުރަންވާނެއެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުން، ދައުލަތުގެ މާލިއްޔަތާބެހޭ ވުޒާރާއަށް މުދާ ހަވާލުކުރަންވާނީ ލިޔުމުން ރިކޯޑުކޮށްގެނެވެ. އަދި މުދާ ހަވާލުވާ ހިސާބުން ފެށިގެން މުދަލާމެދު އަމަލުކުރެވޭ ގޮތ،ް މާލިއްޔަތާބެހޭ ވުޒާރާއިން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

27 ވަނަ މާއްދާ - މުދާ އަނބުރާ ރައްދުކުރަންޖެހޭ ހާލަތުގައި އަމަލުކުރާނެ ގޮތް

(ހ) ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން މުއާމަލާތުކުރުން ހުއްޓުވައި ފައިވާ މުދަލެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އަތުވެއްޖެ ނަމަ އަދި އެ މުދަލަކީ ދައުލަތަށް ނެގޭނެ މުދަލެއް ނޫންކަން ކަނޑައަޅައިފި ނަމަ، އެ މުދަލެއް، މުދަލުގެ ވެރިފަރާތަށް ރައްދުކުރަންވާނެއެވެ.

(ށ) ހިފަހައްޓައިފައިވާ މުދާ އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައިފައިވާކަން، މުދާ ބެލެހެއްޓުމާ ގުޅޭގޮތުން ރިކޯޑުކޮށްފައިވާ ލިޔުންތަކުން އެނގެން އޮންނަ ނަމަ، އެ މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް މުދާ ބަހަލަހައްޓާ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ. ނަމަވެސް، ގެއްލުން ލިބިފައިވަނ މުދާ ބެލެހެއްޓި ފަރާތުގެ އިހުމާލުންކަމަށް ވާ ނަމަ، މުދަލުގެ ވެރިފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ - ދައުލަތަށް މުދާ ނެގުން

ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނެގޭ މުދަލާމެދު އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އަމަލުކުރުމަށް ދައުލަތުގެ މާލިއްޔަތާބެހޭ ވުޒާރާއަށް ނިންމިދާނެއެވެ. އަދި މި ގޮތަށް ނިންމުމަށްފަހު، އެ މުދަލަކާމެދު އަމަލުކުރާނ މާލިއްޔަތާބެހޭ ވުޒާރާއިން އެކަށައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ) އެ މުދަލެއް ވިއްކައިލުން.

(ށ) އެ މުދަލެއް ކުއްޔަށްދިނުން.

(ނ) އެ މުދަލެއް ދައުލަތުން ބޭނުންކުރުން.

(ރ) މުދާ ނައްތައިލުން.

(ބ) އިންސްޓޯލްމަންޓަށް ފައިސާ ދައްކައި ނިމިފައިނުވާ މުދަލެއް ނަމަ، އިންސްޓޯލްމަންޓަށް ދިން ކުންފުންޏާއެކު އެއްބަސްވެވޭ ގޮތަކަށް އަމަލުކުރުނ.

 

29 ވަނަ މާއްދާ - ދައުލަތަށް ނަގާ ފައިސާއާއި މުދާ

ގާނޫނުގެ ދަށުން ދައުލަށް ނަގާ މުދާ ވިއްކައިލުމަށްފަހު ލިބޭ ފައިސާ ނުވަތަ ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާ ބެލެހެއްޓުމުގައި ދައުލަތުގެ މާލިއްޔަތާބެހޭ ވުޒާރާއިން އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) އެފަދަ ފައިސާ ވަކި ފަންޑަކަށް ޖަމާކޮށްގެން ބެލެހެއްޓުން. ނުވަތަ

(ށ) ޕަބްލިކް ބެންކު އެކައުންޓެއްގައި ވަކިން ރިކޯޑު ބެލެހެއްޓޭގޮތަށް ޖަމާކޮށްގެން ބެލެހެއްޓުން.

 

30 ވަނަ މާއްދާ - މުދަލާއި ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް ނިންމާ ކޮމިޓީ

ގާނޫނުގެ ދަށުން ހިފަހައް ޓައިފައިވާ މުދަލުން ކުރާނ ކޮން ބޭނުންތަކެއްކަން ކަނޑައަޅާނީ، އެކަމަށް އެކުލަވައިލާ ހާއްސަ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނޭނީ، މިނިސްޓްރ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓ އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ މެންބަރުންނެވެ.

 

31 ވަނަ މާއްދާ - މުދަލާމެދު ގޮތް ކަނޑައަޅަންޖެހޭ މުއްދަތު

ގާނޫނުގެ ދަށުން ހިފަހައްޓައި ފައިވާ މުދަލާއި ފައިސާއިން ކުރާނ ކޮން ބޭނުމެއްކަން ކަނޑައަޅައިދިނުމަށް ކޮމިޓީއަށް ހުށަހަޅާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މުދަލަކާމެދު އަމަލުކުރާނެ ގޮތެއް ކޮމިޓީން ނިންމަންވާނެއެވެ.

 

32 ވަނަ މާއްދާ - ވެރިފަރާތުން ހަވާލުނުވާ މުދާ

ގާނޫނުގެ ދަށުން ހި ފަހައްޓާ މުދަލެއް އެ މުދަލުގެ ވެރިފަރާތާ ހަވާލުކުރުމަށް ޓަކައި، އެ މުދަލާ ހަވާލުވުމަށް ވެރިފަރާތަށް އަންގައި، ކޮމިޓީން އެކަށީގެންވާ މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވެއްޖެ ނަމަ، އެ މުދާ ނައްތައިލުމަށް ނުވަތަ ދައުލަތަށް ނެގުމަށް ކޮމިޓީއަށް ނިންމިދާނެއެވެ. މިގޮތުން މުދާ ނައްތައިލުމަށް ނިންމާ ނަމަ، އެ މުދަލެއްގެ ބާވަތަށް ބަލައި އެ މުދަލެއް ނައްތައިލާނެ ގޮތެއް ކޮމިޓީން ކަނޑައަޅަންވާނެއެވެ.

 

33 ވަނަ މާއްދާ - ނުހައްގު މުއްސަނދިކަމެއްކަން ކަނޑައެޅުމަށް ހުށަހެޅުން

ނުހައްގުން ހޯދައިފައިވާ މުއްސަނދިކަމެއްކަން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅުމަށް ޓަކައި ހައިކޯޓަށް ހުށަހެޅުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް، ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހަޅާ ހުށަހެޅުން އޮންނަންވާނީ ލިޔުމުންނެވެ.

 

34 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކްލެސިފައިޑް އިންޓެލިޖެންސް މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގައި ކުށްކަމަށް ކަނޑައަޅައިފައިވާ ކަންކަމާ ގުޅޭގޮތުން ލިބޭ އިންޓެލިޖެންސް މައުލޫމާތު ގްރޭޑްކޮށް އިވެލުއޭޓްކުރުމާ ބެހޭގޮތުން އެކުލަވައިލާ މިންގަނޑުގެ ދަށުން ގްރޭޑްކޮށް އިވެލުއޭޓްކޮށްފައިވާ ކޮންމެ މައުލޫމާތަކަށެވެ. 

(ށ) "އިންޓެލިޖެންސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްގެ ބަހާއިން އެކުލަވައިލާ އިންޓެލިޖެންސް ރިޕޯޓަށެވެ.

(ނ) ''ފުލުހުންގެ އިންޓެލިޖެންސް އޮފިސަރ'' ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

(ރ) ''ކްލެސިފައިޑް އިންޓެލިޖެންސް'' ކަމަށް ބުނެފައި އެވަނީ، އެ މައުލޫމާތަކީ ހާމަކޮށްފި ނަމަ، އެ މައުލޫމާތު ދޭ ފަރާތަކީ ކޮން ފަރާތެއްކަން ހާމަވެ، ހިނގަމުންދާ ތަހުގީގަކަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ނުވަތަ އޭގެ ސަބަބުން އެހެން މީހެއްގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ގަބޫލުކުރެވޭ ކޮންމެ މައުލޫމާތަކަށެވެ.

(ބ) ''ސިއްރު އޮޕަރެޓިވް'' ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތައް ހުއްޓުވުމަށް ހިންގާ ސިއްރު އޮޕަރޭށަންތަކުގައި އަންޑަރކަވަރ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފުލުހުންގެ އޮފިސަރެއްގެ ހުއްދަ އޮވެގެން މަސައްކަތްކުރާ ފުލުހުންގެ އޮފިސަރަށެވެ.

(ޅ) ''ސިއްރު ހެކި'' ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކީ ގުޅިގެން އެ މީހަކަަށް ފެނުނު މަންޒަރެއް ނުވަތަ އިވުނު އަޑެއް ނުވަތަ ލިބުނު މައުލޫމާތެއް، އެ މީހަކީ ކާކުކަން އެހެން މީހުންނަށް ނޭނގޭގޮތަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުވަތަ ށަރީއަަތުގެ މަޖީލަ ހަށް ފޯރުކޮށްދޭ މީހާއަށެވެ.

(ކ) ''އެފިޑެވިޓް'' ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ހުވާމަތީގައި ހުރެ ލިޔުމުން ދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.

(އ) "އިސްތިންތާޖު" ކަމަށް ބުނެފައި އެވަނީ، ދޭހަކުރެވޭގޮތަށް ނުވަތަ ނެރެވޭ ނަތީޖާއަށެވެ.

(ވ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) އަށެވެ. އެއީ އެ ގާނޫނަށް ގެންނަ އެންމެހައި އިސްލާހުތައް ވެސް ހިމެނޭގޮތުންނެވެ.

(މ) "ކޮމިށަންޑް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގައި ކޮމިށަންޑް އޮފިސަރުންގެ ރޭންކު ކަމުގައި ބަޔާންކޮށްފައިވާ ރޭންކުގެ އޮފިސަރުންނަށެވެ.

 

35 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2025-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު