-

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 112-2021) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-75)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 ޖުލައި 2025 ގައި)

 

ގަވާއިދު ނަންބަރު 2021-112 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ގާނޫނީ އަދަދު  6.

(ހ) ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ފިޔަވައި ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން، މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމެއް އާންމު މަޖިލީހުގެ ޖަލްސާގައި ކުރިޔަށް ގެންދަންވާނީ، ގާނޫނު ނަންބަރު 02-2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ތެރެއިން އެ ވަގުތަކު އައްޔަނުކޮށްފައިވާ މެންބަރުންގެ ދެބައިކުޅައެއްބައި ނުވަތަ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން އެ ޖަލްސާއަށް ހާޒިރުވެ ތިބިނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ފިޔަވައި ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން، މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމެއް އާންމު މަޖިލީހުގެ ޖަލްސާގައި ކުރިޔަށްގެންދަންވާނީ، ގާނޫނު ނަންބަރު 02-2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެ ތިބިނަމައެވެ.

(ނ) ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން، މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމެއް އާންމު މަޖިލީހުގެ ޖަލްސާގައި ކުރިޔަށްގެންދަންވާނީ، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ހާޒިރުވެ ތިބިނަމައެވެ.

(ރ) މި މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި އެހެން ކަންކަމާ ގުޅޭ ގޮތުން މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމެއް އާންމު މަޖިލީހުގެ ޖަލްސާގައި ކުރިޔަށްގެންދަންވާނީ، އެ ވަގުތަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަންކޮށްފައިވާ މެންބަރުންގެ ދެބައިކުޅައެއްބައި ނުވަތަ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުންގެ ހާޒިރުގައެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ، އެ ޖަލްސާއަށް މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެ ތިބިނަމައެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ އަގުލަބިއްޔަތުން ކަންކަން ނިންމުން 11.

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއަކުން ނިންމުމެއް ނިންމަންވާނީ، އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ވޯޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ފިޔަވައި ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމަކާ ގުޅޭ ގޮތުން ނަގާ ވޯޓެއްގައި، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމަކާ ގުޅޭ ގޮތުން ނަގާ ވޯޓެއްގައި، ގާނޫނު ނަންބަރު 02-2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. މި މާއްދާގެ (ބ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކު ވޯޓު ދޭންޖެހޭ ހާލަތުގައި ވޯޓު ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ނިންމާ ނިންމުމެއް ފާސްވާނީ އެ ޖަލްސާގައި ބައިވެރިވި ވޯޓު ދެވ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކު އާންމު މަޖިލީހުން ނިންމާ ނިންމުންތަކުގައި ވޯޓުދީގެން ނުވާނެއެވެ. އެހެންނަމަވެސް، އާންމު މަޖިލީހަށް ހުށަހެޅޭ ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކު، އެ ފަރާތަކަށް ފެންނަ ކޮޅަކަށް ވޯޓުދޭންވާނެއެވެ.

(ޅ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ނިންމާ ނިންމުންތައް ނިންމަންވާނީ، އާންމު މަޖިލީހުގެ ޖަލްސާތަކުގެ ސެކްރެޓީ ރިއެޓް ބަލަހައްޓާ ފަރާތުގެ ހާޒިރުގައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާންމު މަޖިލީހުން ނިންމުމެއް ނިންމަންޖެހޭ ފަދަ ކަމެއްގައި، އާންމު މަޖިލީހުގެ ޖަލްސާ ބޭއްވުމެއް ނެތި، އަންނަނިވި ކަންތައްތައް ފުރިހަމަވާގޮތަށް ނިންމުމެއް ނިންމައިފި ނަމަ، އެ ނިންމުމަކީ އާންމު މަޖިލީހުގެ ނިންމުމެއް ކަމުގައި ބަލަންވާނެއެވެ.

(ހ) އެ ނިންމުމަކާ ގުޅޭ މައުލޫމާތު އާންމު މަޖިލީހުގެ ހުރިހާ މެންބަރުންނާ ހިއްސާކޮށްފައިވުން.

(ށ) އެ ނިންމުމަކާ ގުޅިގެން އާންމު މަޖިލީހުގެ މެންބަރުންގެ ފާހަގަކުރަން ބޭނުންވާ ކަންތައްތައް ލިޔުމުން ފާހަގަކުރުމަށް ފުރުސަތު ދީފައިވުން.

(ނ) އެ ނިންމުމަކީ ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން ނިންމާ ނިންމުމެއް ނަމަ، ގާނޫނު ނަންބަރު 02-2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) މެންބަރުން އެ ނިންމުމެއް ނިންމަންފެންނަކަމަށް ބަޔާންކޮށް، ނިންމުމުގައި ސޮއިކޮށްފައި އޮތުން.

(ރ) އެ ނިންމުމަކީ ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން ނިންމާ ނިންމުމެއް ނަމަ، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ 2 (ދޭއް) މެންބަރުން އެ ނިންމުމެއް ނިންމަން ފެންނަކަމަށް ބަޔާންކޮށް، ނިންމުމުގައި ސޮއިކޮށްފައި އޮތުން.

(ބ) އެ ނިންމުމަކީ މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ނިންމުމެއް ނޫން ނަމަ، މަދުވެގެން 6 (ހައެއް) މެންބަރުން އެ ނިންމުމެއް ނިންމަން ފެންނަކަމަށް ބަޔާންކޮށް، ނިންމުމުގައި ސޮއިކޮށްފައި އޮތުން.

(ޅ) ސޮއިކޮށްފައިވާ ނިންމުން، އާންމު މަޖިލީހުގެ ސެކްރެޓީ ރިއެޓަށް ލިބިފައިވުން.  

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ރިޔާސަތުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް 15.

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތައް އެޖެންޑާއާ އެއްގޮތަށް ކުރިޔަށްގެންދިއުމާއި، އާންމު މަޖިލީހުގެ ޖަލްސާތަކުގެ ނިޒާމު ބެލެހެއްޓުމަކީ ރިޔާސަތު ބަލަހައްޓާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.  

ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވުން 16.

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެކަމަކާ ބެހޭ ގޮތުން ގޮތެއް ނިންމާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުންނެވެ.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާންމު މަޖިލީހުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-112)

 

މައި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-112)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު