ބާ އިމްތިހާނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-16) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-71)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 ޖުލައި 2025 ގައި)
ގަވާއިދު ނަންބަރު 2024-16 (ބާ އިމްތިހާނުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެސެސްމަންޓް ބޯޑު 3.
ބާ އިމްތިހާނުގެ އެސެސްމަންޓް ބޯޑު އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.
(ހ) އިމްތިހާނު ޑިވެލޮޕްކުރާ ފަރާތްތައް ތަމްސީލުކުރާ އަންނަނިވި ފަރާތްތައް:
- އެސެސްމަންޓް އެކްސްޕަރޓް ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތެއް؛
- ސައިކޯމެޓްރީށަން ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތެއް؛
- ޗީފް އޮފް އެގްޒަމިނޭށަންސް؛
- ބާ އެގްޒާމް ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ޗެއަރޕަރސަން ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތެއް؛
- ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތެއް.
(ށ) އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަންގެ ގޮތުގައި އައްޔަނުކުރަންވާނީ އެސެސްމަންޓް އެކްސްޕަރޓް ނުވަތަ އޭނާ އައްޔަނުކުރާ ފަރާތެކެވެ.
(ނ) އެސެސްމަންޓް ބޯޑަށް ބޭނުންވާ ފަންނީ ލަފާ ހޯދުމާއި، އެފަދަ ލަފާ ހޯދުމުގެ ގޮތުން އެ ފަންނީ ލަފާދޭ ފަރާތެއް އެސެސްމަންޓް ބޯޑުގައި ބައިވެރިކުރުމުގެ އިހުތިޔާރު އެސެސްމަންޓް ބޯޑަށް ލިބިގެންވެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބައްދަލުވުންތަކުގެ ކޯރަމް 4.
އެސެސްމަންޓް ބޯޑުގެ ބައްދަލުވުންތަކުގެ ކޯރަމަކީ، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސް ނުވަތަ ޗީފް އޮފް އެގްޒަމިނޭށަންސް ހިމެނޭގޮތުން 3 (ތިނެއް) މެންބަރުންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މެލްޕްރެކްޓިސްއާއި އިމްޕްރޮޕަރ ކޮންޑަކްޓްގެ ތުހުމަތުތައް ރިވިއުކުރުމާއި، އެފަދަ ތުހުމަތުތަކާ ގުޅުންހުރި ނިންމުންތައް ނިންމުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސްޕެށަލް އެކޮމޮޑޭށަންސް 6.
(ހ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަމެއް ރީޒަނަބަލް އެޖަސްޓްމަންޓްސް ހުންނަ ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ އެކަށީގެންވާ އިންތިޒާމުތައް (Reasonable Adjustments) ނުވަތަ ހާއްސަ އިންތިޒާމުތައް (special accommodations) ހަމަޖެއްސުމަށް އެދޭ ނަމަ، އެކަމަށް އެދި ބާ ކައުންސިލަށް ހުށަހެޅިދާނެއެވެ.
(ށ) ސްޕެށަލް އެކޮމޮޑޭށަންސްއަށް އެދި ބާ ކައުންސިލަށް ހުށަހަޅާނެ އިޖުރާއަތު، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ސްޕެށަލް އެކޮމޮޑޭށަންސްއާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ.
5 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް 1-6 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
ފިޓް ޓު ސިޓް 1-6.
މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ ކަމެއް ބާ ކައުންސިލަށް އަންގާހައި ހިނދަކު، އިމްތިހާނުގެ އެންމެހައި ބައިވެރިންނަކީ، އިމްތިހާނު ހެދުމަށް އެކަށީގެންވާ (fit to sit) ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ. އަދި މި ފަރާތްތަކަކީ މިޓިގޭޓިންގ ސަރކަމްސްޓެންސްއަށް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތް ފަރާތްތަކެއް ކަމަށް ބެލެވޭނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން، މިޓިގޭޓިންގ މިޓިގޭޓިންގ ސަރކަމްސްޓެންސްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ސަރކަމްސްޓެންސް ކަންތައްތަކެވެ.
- ބާ އިމްތިހާނު ބޭއްވުމުގައި ނުވަތަ އިންތިޒާމުކުރުމުގައި ހެދޭ ގޯސްތައް (mistake or irregularity) ނުވަތަ
- ބަލި ހާލަތު ހުރިގޮތުން ނުވަތަ އަމިއްލަ އިހުތިޔާރުގެ ބޭރުން ދިމާވާ ހާލަތެއްގެ ސަބަބުން، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތެއްގެ ނަތީޖާއަށް އަސަރުކުރާނެ ކޮންމެ ކަމެއް.
(ށ) މިޓިގޭޓިންގ ސަރކަމްސްޓެންސްއަށް އެދި، ބާ ކައުންސިލަށް ހުށަހަޅާނެ އިޖުރާއަތު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި، (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގަވާއިދުގެ ބޭނުމަށް "މެލްޕްރެކްޓިސް" މި ލަފުޒު ބޭނުންކޮށްފައިވަނީ، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތަކުން، އިމްތިހާނު ފެށުމުގެ ކުރިން ނުވަތަ އިމްތިހާނުގެ ތެރެއިން ނުވަތަ އިމްތިހާނު ނިމުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކުރާ ޢަމަލެއްގެ ސަބަބުން އެ އިމްތިހާނުގައި ނުވަތަ ފަހުން ބޭއްވޭ އިމްތިހާނެއްގައި، އިމްތިހާނުގައި ބައިވެރިވާ ފަރާތަށް ނުވަތަ އިމްތިހާނުގައި ބައިވެރިވާ އެހެން ފަރާތަކަށް، ބާ އިމްތިހާނާ ގުޅުވައިގެން ނާޖާއިޒު ފައިދާއެއް ލިބިދާނެ ޢަމަލުތަކަށެވެ. "މެލްޕްރެކްޓިސް" ގެ ތެރޭގައި، ބާ އިމްތިހާނުގެ ކޮންޓެންޓާ ގުޅިގެން އެއްވެސް ފަރާތަކާ މަށްވަރާކުރުން ނުވަތަ ބާ އިމްތިހާނުގައި ހިމެނޭ ސުވާލުތަކުގެ ކޮޕީ ހޯދުމާއި، ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ.
(ނ) މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓްގެ ތުހުމަތު އިމްތިހާނުގެ ބައިވެރިއެއްގެ މައްޗަށް ކުރެވޭ ނަމަ، ވީ އެންމެ އަވަހަކަށް، އެ ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކަށް އެކަން އަންގަންވާނެއެވެ. މިފަދަ ހާލަތުގައި، ފުރަތަމަ ނަޒަރުން ބަލާ ބެލުމުން ތުހުމަތުކުރެވޭ ފަދަ ޢަމަލެއް އޮތްކަމަށް ނިންމާނީ ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކުންނެވެ.
(ރ) ފުރަތަމަ ނަޒަރުން ބަލާ ބެލުމުން މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓްގެ ޢަމަލެއް ހިންގައިފައިވާކަމަށް ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަށް ގަބޫލުކުރެވޭ ނަމަ، އެފަދަ މައްސަލަ އެސެސްމަންޓް ބޯޑަށް ފޮނުވަންވާނެއެވެ. އަދި އެސެސްމަންޓް ބޯޑުން މިފަދަ މައްސަލަތައް ބެލުމުގައި ތުހުމަތުކުރެވޭ ފަރާތަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) އެސެސްމަންޓް ބޯޑުގެ ނިންމުންތައް އިސްތިއުނާފުކުރުމުގެ ހައްގު އިމްތިހާނުގެ ބައިވެރިންނަށް އަންނަނިވި ހާލަތްތަކުގައި ލިބިގެންވެއެވެ.
(1) އެސެސްމަންޓް ބޯޑުން މައްސަލަ ނިންމުމުގެ ކުރިން އެސެސްމަންޓް ބޯޑަށް ހުށަނޭޅޭ ފަދަ މިޓިގޭޓިންގ ސަރކަމްސްޓެންސެއް މެދުވެރިވުން.
(3) މެލްޕްރެކްޓިސް ނުވަތަ އިމްޕްރޮޕަރ ކޮންޑަކްޓެއް އޮތްކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުމާ ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތުން ދެކޮޅުހެދުން.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެސެސްމަންޓް ބޯޑުގެ ނިންމުން އިސްތިއުނާފުކުރުމާ ގުޅޭ އުސޫލު
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(1) އެސެސްމަންޓް ބޯޑުން މައްސަލަ ނިންމުމުގެކުރިން، އެސެސްމަންޓް ބޯޑާ ހިއްސާނުކުރެވޭ ފަދަ މިޓިގޭޓިންގ ސަރކަމްސްޓަންސެއް މެދުވެރިވުން، ނުވަތަ
(3) މެލްޕްރެކްޓިސް ނުވަތަ އިމްޕްރޮޕަރ ކޮންޑަކްޓެއް އޮތްކަމަށް، އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުމަށް، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތުން ދެކޮޅުހެދުން.
11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 3 ވަނަ މާއްދާގެ ފެށޭ އިބާރާތާއި، އެ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މި އުސޫލުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނުވަތަ ސަބަބުތަކެއްގެ މައްޗަށް ހުށަހަޅާ އިސްތިއުނާފުތައް، އެސެސްމަންޓް ބޯޑުގެ ނިންމުން އަންގާތާ ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިގޮތުގެ މަތީން ހުށަހަޅާ އިސްތިއުނާފެއްގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ.
(ނ) މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅުން. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހެކި ހުށަނޭޅޭ ނަމަ، ފަހުން ހެކި ހުށަހަޅާގޮތަށް މި މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެއެވެ.
(ރ) އިސްތިއުނާފާ ގުޅިގެން ހުށަހަޅައިފައިވާ އެންމެހައި ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާނީ ކަންހިނގައިދިޔަގޮތުގެ ހަގީގަތްކަމާއި، އެނގިފައިވާ މިންވަރަކުން ސައްހަ މަޢުލޫމާތުކަމަށް އިގުރާރުވެ، ތާރީހު ޖަހައި، ސޮއިކުރުން.
12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލް 4.
(ހ) މި އުސޫލުގެ ދަށުން އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ބަލާނީ އިސްތިއުނާފުކުރާ ފަރާތުގެ އިމްތިހާނުގެ ނަތީޖާއާމެދު ގޮތް ކަނޑައެޅި އެސެސްމަންޓް ބޯޑުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ނުވަތަ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސީނިއަރ ގާނޫނީ ވަކީލުން ހިމެނޭގޮތުން އައްޔަނުކުރާ 3 (ތިނެއް) މެންބަރުންގެ ޕެނަލަކުންނެވެ.
(ށ) އިސްތިއުނާފުކުރާ މައްސަލައާ ނުވަތަ ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތާއި އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ މެންބަރުންނާ މަސްލަހަތު ފުށުއަރައިގެން ނުވާނެއެވެ. އަދި އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ މެންބަރުންނަކީ، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތުގެ ނަތީޖާ ކަނޑައެޅި އެސެސްމަންޓް ބޯޑުގައި ބައިވެރިވި ފަރާތްތަކަކަށް ވެގެން ނުވާނެއެވެ.
(ނ) އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން މައްސަލަ ނިންމުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.
- މި އުސޫލުގެ 1 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބަކަށް ޓަކައި ނުވަތަ ސަބަބުތަކަކަށް ޓަކައި ހުށަހަޅައިފައިވާ އިސްތިއުނާފެއް ކަމުގައިވުން.
- ލިބިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އިސްތިއުނާފު ސާބިތުވުން.
(ރ) މައްސަލައާ ގުޅުންހުރި ހެއްކާއި މަޢުލޫމާތު ހޯދުމަށް އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަނާއި އެސެސްމަންޓް ބޯޑުގެ މެންބަރުންނާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކާ މަށްވަރާކުރުމަށް އެދުމުގެ އިހްތިޔާރު އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ބ) އެސެސްމަންޓް ބޯޑުގެ ނިންމުން ރަނގަޅުކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ފެންނަ ހާލަތުގައި، އިތުރު ފިޔަވަޅުތައް އެޅުމަށް ލަފާ ދިނުމުގެ އިހްތިޔާރު އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ޅ) މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް ކަމުގައި އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުން ރަނގަޅު ނޫންކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމައިފި ނަމަ، އެ އިސްތިއުނާފު ހުށަހެޅި ފަރާތް، ޖެހިގެން އަންނަ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ފީ ދައްކާކަށެއް ނުޖެހޭނެއެވެ. އަދި ބަލިހާލަތު ހުރިގޮތުން ނުވަތަ އަމިއްލަ އިހްތިޔާރުގެ ބޭރުން ދިމާވާ ހާލަތެއްގެ މައްޗަށް ރިއާޔަތްކޮށް ހުށަހަޅާ މައްސަލަތަކުގައި އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުން ރަނގަޅުނޫންކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމައިފި ނަމަ، އެ އިސްތިއުނާފީ މައްސަލަ ހުށަހެޅި ފަރާތުގެ ބާ އިމްތިހާނުގެ ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ.
(ކ) ހާއްސަ ހާލަތްތަކުގައި މެނުވީ މި އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމާ ނިންމުންތައް ތަސްދީގުކުރަންވާނީ، އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަން ނިންމާ ނިންމުމަކުން ނުވަތަ އެސެސްމަންޓް ބޯޑުގެ ހާއްސަ ބައްދަލުވުމެއްގައި ބޯޑުން ނިންމާ ނިންމުމަކުންނެވެ.
(އ) އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ ނިންމުން އެސެސްމަންޓް ބޯޑުން ތަސްދީގުކުރުމަށްފަހު އެ ނިންމުން އިތުރަށް އިސްތިއުނާފުކުރުމުގެ ހައްގެއް ނޯންނާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، އެ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(1) ބާ އިމްތިހާނު ބޭއްވުމުގައި ނުވަތަ އިންތިޒާމުކުރުމުގައި ހެދޭ ގޯސްތައް (mistake or irregularity) ނުވަތަ؛
(ށ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިޓިގޭޓިންގ ސަރކަމްސްޓެންސެއް އިމްތިހާނުގެ ކުރިން އިމްތިހާނުގެ ބައިވެރިއަކަށް ދިމާވެއްޖެ ނަމަ، އެފަދަ ފަރާތްތަކުން އިމްތިހާނުގެ އެހެން ބުރެއްގައި ބައިވެރިވުމުގެ ގޮތުން އިމްތިހާނުގައި ބައިވެރިވުން ފަސްކުރެވިދާނެއެވެ. އެ ހާލަތުގައި އިމްތިހާނުގައި ބައިވެރިވުމަށް ހުށަހަޅައިފައިވާ އެޕްލިކޭށަން އަނބުރާ ގެންދިއުމަށް ކަނޑައަޅައިފައިވާ ފޯމު، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
(ނ) ބާ އިމްތިހާނު ބޭއްވުމުގެ ކުރިން ދިމާވެފައިވާ ހާލަތަކަށް ރިއާޔަތްކޮށް ހުށަހަޅާ މިޓިގޭޓިންގ ސަރކަމްސްޓެންސްގެ މައްސަލައެއް އާންމު އުސޫލުން ބަލައެއް ނުގަނެވޭނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) އާންމު ދަތުރުފަތުރުގެ މައްސަލަތައް (މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަގުން ނުވަތަ ވައިގެ މަގުން ދަތުރުފަތުރުކުރުން) ހުއްޓައިލަންޖެހުމުގެ ސަބަބުން އިމްތިހާނު ބާއްވަން ހަމަޖެހިފައިވާ ތަނަށް ނާދެވުން ފަދަ ހާލަތްތައް މި މާއްދާއިން އިސްތިސްނާވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 3 ވަނަ މާއްދާގެ ފެށޭ އިބާރާތާއި، އެ މާއްދާގެ (ރ) އާއި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ބާ އިމްތިހާނުގެ ބައިވެރިއެއްގެ އިމްތިހާނުގެ ނަތީޖާއަށް އަސަރުކޮށްފިކަމަށް އެ ފަރާތަކަށް ގަބޫލުކުރެވޭނަމަ، ބާ އިމްތިހާނު ބާއްވާ ތާރީހުން ފެށިގެން މަދުވެގެން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިޓިގޭޓިންގ ސަރކަމްސްޓެންސް ކްލެއިމް ހުށަހެޅުމަށް ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށް އެސެސްމަންޓް ބޯޑަށް ލިޔުމުން ހުށަހަޅަންވާނެއެވެ. މިގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ.
(ރ) މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅުން. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހެކި ހުށަނޭޅޭ ނަމަ، ފަހުން ހެކި ހުށަހަޅާ ގޮތަށް މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އިސްތިއުނާފު ކުރަންވާނެއެވެ.
(ބ) ހުށަހަޅައިފައިވާ ހުށަހެޅުމުގައި ހިމަނައިފައިވާ އެންމެހައި ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާނީ ކަންހިނގައިދިޔަ ގޮތުގެ ހަގީގަތްކަމާއި އެނގިފައިވާ މިންވަރަކުން ސައްހަ މަޢުލޫމާތުކަމަށް އިގުރާރުވެ ތާރީހުޖަހައި، ސޮއިކުރުން.
16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މިޓިގޭޓިންގ ސަރކަމްސްޓެންސް ކަނޑައެޅުން 4.
(ހ) މި އުސޫލުގެ ދަށުން، މިޓިގޭޓިންގ ސަރކަމްސްޓެންސްތަކާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބަލާނީ، އެސެސްމަންޓް ބޯޑުންނެވެ. އަދި އެސެސްމަންޓް ބޯޑުން މިފަދަ މައްސަލަ ނިންމުމުގައި، އަންނަނިވި ކަންތައްތަކަށް ރިޢާޔަތް ކުރަންވާނެއެވެ.
- މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި ހުށަހަޅައިފައިވާ މައްސަލައެއް ކަމުގައި ވުން؛
- ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މައްސަލަ ސާބިތުވުން.
(ށ) މި މާއްދާގެ (ނ) ގެ ދަށުން މައްސަލަތައް ބެލުމުގައި، މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހޯދުމުގެ އިހްތިޔާރު އެސެސްމަންޓް ބޯޑަށް ލިބިގެންވެއެވެ.
(ނ) އެސެސްމަންޓް ބޯޑަށް ހުށަހެޅިފައިވާ މައްސަލައެއްގެ މާކިންގ ނިމުނުކަމަށް ބެލެވޭނީ، އެ މައްސަލައިގެ މާކިންގއާމެދު އެސެސްމަންޓް ބޯޑުން ވަކި ގޮތެއް ކަނޑައެޅުމުންނެވެ.
(ރ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައަކާ ގުޅިގެން އެކަމަކީ، މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މިޓިގޭޓިންގ ސަރކަމްސްޓެންސެއް ކަމަށް އެސެސްމަންޓް ބޯޑުން ކަނޑައަޅައިފި ނަމަ، އެ މައްސަލަ ހުށަހެޅި ފަރާތަށް ބާ އިމްތިހާނުން އެއްވެސް މާކުހެއް ނުލިބޭނެއެވެ. މި ނޫން ހާލަތްތަކުގައި، އޮންނަ އާންމު އުސޫލުގެ މަތިން އިމްތިހާނު ކަރުދާސް މާކުކުރުމަށްފަހު، މާކްސް ދެވޭނެއެވެ.
(ބ) މި އުސޫލުގެ ދަށުން ހުށަހަޅާ މައްސަލައަކާ ގުޅިގެން އެ ކަމަކީ މިޓިގޭޓިންގ ސަރކަމްސްޓެންސެއް ކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފި ނަމަ، އެ މައްސަލަ ހުށަހެޅި ފަރާތުން ޖެހިގެން އަންނަ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ފީ ދައްކާކަށެއް ނުޖެހޭނެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސްޕެށަލް އެކޮމޮޑޭށަންސްއާ ގުޅޭ އުސޫލު
18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 1 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތަޢާރުފު: ދިވެހިރާއްޖޭގައި ބާއްވާ ބާ އިމްތިހާނަކީ، ކޮމްޕިޓެންސީ ބޭސްޑް އިމްތިހާނެކެވެ. އިމްތިހާނުގެ މުގައްރަރުގައްޔާއި، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިޢުކޮށްފައިވާ "ޑިސްކްރިޕްޓިވް ނެރެޓިވް އޮފް ކޮމްޕިޓެންސީ" ގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރިކަން ދެނެގަންނަ، އަދި އިމްތިހާނުގައި އެންމެހައި ބައިވެރިން އެ މައްޗަށް އިމްތިހާނުކުރާ ކަންތައްތަކެވެ. ނަމަވެސް، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަމެއް ހުރި ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް މަގުފަހިކުރުމުގެ ގޮތުން އެކަމަށް އެކަށީގެންވާ އިންތިޒާމުތައް (reasonable adjustments) ހަމަޖެއްސިދާނެއެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހާއްސަ އެކޮމޮޑޭށަންސް 2.
(ހ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަމެއް ހުރި ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާނެ ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށް އެދޭކަމަށްވާ ނަމަ، އެކަން ބާ އިމްތިހާނު ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހުގެ ރަސްމީ ބަންދު ނޫން 14 (ސާދަ) ދުވަހުގެ ކުރިން، ހާއްސަ އެކޮމޮޑޭށަން ހަމަޖައްސައިދިނުމަށް ބާ ކައުންސިލުން ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށް، އެކަމާ ގުޅުންހުރި ލިޔުންތަކާއެކު ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. އެގޮތުން ހުށަހަޅަންޖެހޭ ލިޔުންތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ސިއްހީ ދާއިރާގެ މިނިވަން ފަންނުވެރިއަކު ފޯރުކޮށްދީފައިވާ ލިޔުމެއް ކަމުގައިވުން؛
- ނުކުޅެދުންތެރިކަމާ ގުޅޭ މަޢުލޫމާތު ހިމަނައިފައިވުން؛
- ނުކުޅެދުންތެރިކަމުގެ ސަބަބުން ބާ އިމްތިހާނުގައި ބައިވެރިވުމުގައި ދިމާވާނެ ދަތިތައް ބަޔާންކުރުން؛
- ނުކުޅެދުންތެރިކަމުގެ ސަބަބުން އިމްތިހާނުގައި ބައިވެރިވުމުގައި ދިމާވެދާނެ ދަތިތައް ހައްލުކުރާނެ ގޮތްތައް ބަޔާންކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ދިމާވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ ކަނޑައެޅިފައިވާ މުއްދަތުގައި އެކަމާ ގުޅުންހުރި ލިޔުންތަކާއެކު ބާ ކައުންސިލަށް ހުށަހެޅިފައިނުވާ ނަމަ، އެފަދަ ފަރާތްތަކަށް އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާނެ އެކަށީގެންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ބާ ކައުންސިލުން އެދެވޭގޮތެއްގައި މަސައްކަތްކުރަންވާނެއެވެ. އެހެންނަމަވެސް، ބާ އިމްތިހާނުގެ ރޫޓީން އޮޕަރޭށަންސްގެ ބޭރުން އިތުރު އިންތިޒާމުތައް ހަމަޖެއްސުމުގެ ޒިންމާ ބާ ކައުންސިލުން އުފުލާކަށެއް ނުޖެހޭނެއެވެ.
20 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ބާ އިމްތިހާނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-16)
ކިޔުންތެރިންގެ ހިޔާލު