-

ބާ އިމްތިހާނުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-16)

(މި ގަވާއިދަށް އަަމަލުކުރަން ފެށީ 1 ފެބުރުއަރީ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާއިން ބާރު ލިބިގެން، ބާ އިމްތިހާނާ ގުޅޭ މިންގަނޑުތަކާއި، ބާ އިމްތިހާނުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކޮށް އެކުލަވައިލައިފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބާ އިމްތިހާނުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ށަރުތުތައް

ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގުރީއެއް ހާސިލުކޮށްފައިވުން.

(ނ) ބާ އިމްތިހާނުގައި ރަޖިސްޓަރީވުމަށް ފުރިހަމަވާންޖެހޭ އެންމެހައި ށަރުތުތައް ފުރިހަމަވުން.

(ރ) ބާ އިމްތިހާނުގެ ފީ ދެއްކުން.

 

3 ވަނަ މާއްދާ - އެސެސްމަންޓް ބޯޑު އެކުލެވިގެންވާ ގޮތް

ބާ އިމްތިހާނުގެ އެސެސްމަންޓް ބޯޑު އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

(ހ) އިމްތިހާނު ޑިވެލޮޕްކުރާ ފަރާތްތައް ތަމްސީލުކުރާ އަންނަނިވި ފަރާތްތައް:

  1. އެސެސްމަންޓް އެކްސްޕަރޓް؛ އަދި 
  2. ސައިކޯމެޓްރީށަން.

(ށ) ދިވެހިރާއްޖޭގެ ބާ ކައުންސިލް ތަމްސީލުކުރާ އަންނަނިވި ފަރާތްތައް:

  1. ޗީފް އޮފް އެގްޒަމިނޭށަންސް؛ 
  2. ބާ އެގްޒާމް ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ޗެއަރޕަރސަން ނުވަތަ ޗެއަރޕަރސަން އައްޔަނުކުރާ ފަރާތެއް؛
  3. އެގްޒެކެޓިވް ކޮމިޓީގެ ޗެއަރޕަރސަން ނުވަތަ ޗެއަރޕަރސަން އައްޔަނުކުރާ ފަރާތެއް.

(ނ) އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަނުގެ ގޮތުގައި އައްޔަނުކުރަންވާނީ އެސެސްމަންޓް އެކްސްޕަރޓް ނުވަތަ އޭނާ އައްޔަނުކުރާ ފަރާތެކެވެ.

(ރ) އެސެސްމަންޓް ބޯޑަށް ބޭނުންވާ ފަންނީ ލަފާ ހޯދުމާއި، އެފަދަ ލަފާ ހޯދުމުގެ ގޮތުން އެ ފަންނީ ލަފާ ދޭ ފަރާތެއް ހާޒިރުކުރުމުގެ އިހްތިޔާރު އެސެސްމަންޓް ބޯޑަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ކޯރަމް

އެސެސްމަންޓް ބޯޑުގެ ބައްދަލުވުންތަކުގެ ކޯރަމަކީ، އެގްޒެކެޓިވް ކޮމިޓީގެ ޗެއަރޕަރސަން ނުވަތަ ޗީފް އޮފް އެގްޒަމިނޭށަންސް ހިމެނޭގޮތުން 3 (ތިނެއް) މެންބަރުންނެވެ.

 

5 ވަނަ މާއްދާ - އެސެސްމަންޓް ބޯޑުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް

އެސެސްމަންޓް ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ބާ އިމްތިހާނުން ފާސްވާ މާކްސް ކަނޑައެޅުމާއި، ބާ އިމްތިހާނުގެ ބައިވެރިންގެ ނަތީޖާއާ ގުޅުންހުރި ނިންމުންތައް ނިންމުން.

(ށ) މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅުންހުރި އެޕްލިކޭށަންތައް ރިވިއުކުރުމާއި، އެ އެޕްލިކޭށަންތަކާ ގުޅުންހުރި ނިންމުންތައް ނިންމުން.

(ނ) މެލްޕްރެކްޓިސްއާއި އިމްޕްރޮޕަރ ކޮންޑަކްޓާ ގުޅުންހުރި އަމަލުތައް ރިވިއުކުރުމާއި އެފަދަ އަމަލުތަކާ ގުޅުންހުރި ނިންމުންތައް ނިންމުން.

(ރ) ކޮމިޓީއަށް ފޮނުވާ އެހެނިހެން ކަންތައްތައް ރިވިއުކޮށް އެކަމާ ގުޅުންހުރި ނިންމުންތައް ނިންމުން.

 

6 ވަނަ މާއްދާ - ހާއްސަ އެކޮމޮޑޭށަންސް

ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާނެ ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށް އެދޭކަމަށްވާނަމަ، އެކަން ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގެ ގޮތުގައި ހިމަނައިފައިވާ ހާއްސަ އެކޮމޮޑޭށަންސްއާ ގުޅޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

7 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސް

(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން، މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ ކަމެއް، ބާ ކައުންސިލަށް ނާންގާހައި ހިނދަކު، ބާ އިމްތިހާނުގެ އެންމެހައި ބައިވެރިންނަކީ، އިމްތިހާނު ހެދުމަށް އެކަށީގެންވާ ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން، މިޓިގޭޓިންގ ސަރކަމްސްޓެންސްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.  

  1. ބާ އިމްތިހާނު ބޭއްވުމުގައި ކުރިމަތިވާ އެންމެހައި އޮޅުންތައް/ ގޯސްތައް (mistake or irregularities)؛ ނުވަތަ 
  2. ބަލި ހާލަތު ހުރިގޮތުން ނުވަތަ އަމިއްލަ އިހްތިޔާރުގެ ބޭރުން ދިމާވާ ހާލަތެއްގެ ސަބަބުން، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތެއްގެ ނަތީޖާއަށް އަސަރުކުރާނެ ކޮންމެ ކަމެއް.

(ނ) މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅިގެން، ބާ ކައުންސިލަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

8 ވަނަ މާއްދާ - މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓް

(ހ) މި ގަވާއިދުގައި "މެލްޕްރެކްޓިސް" މި ލަފުޒު މާނަކޮށްފައިވަނީ، އިމްތިހާނުގައި ބައިވެރިވާ ފަރާތަކުން އިމްތިހާނު ފެށުމުގެ ކުރިން ނުވަތަ އިމްތިހާނުގެ ތެރެއިން ނުވަތަ އިމްތިހާނު ނިމުމަށްފަހު، ބާ އިމްތިހާނާ ގުޅޭގޮތުން، ބާ ކައުންސިލުން އާންމުކޮށްފައިވާ އުސޫލަކާ ހިލާފުވުމުގެ ސަބަބުން، އިމްތިހާނުގައި ބައިވެރިވާ ފަރާތަށް، ނުވަތަ އިތުރު ތިންވަނަ ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ގޮތުން، ނުވަތަ ބާ އިމްތިހާނުގައި ހިމެނޭ ސުވާލުތައް އެއްވެސް ފަރާތަކާއެކު ހިއްސާކުރުމާއި، ސުވާލުތަކުގެ ކޮޕީއެއް ހޯދުން ނުވަތަ ހޯދަން މަސައްކަތް ކުރުމުގެ ގޮތުން ހިންގޭ ކޮންމެ އަމަލަކަށެވެ.

(ށ) މި ގަވާއިދުގައި "އިމްޕްރޮޕަރ ކޮންޑަކްޓް" މި ލަފުޒު މާނަކޮށްފައިވަނީ، ބާ އިމްތިހާނުގެ ކުރިން ނުވަތަ އިމްތިހާނުގެ ތެރެއިން ނުވަތަ އިމްތިހާނުގެ ފަހުން، އިމްތިހާނުގައި ބައިވެރިވާ ފަރާތަކުން، އެ އިމްތިހާނަށް ދަތިވާގޮތަށް ހިންގާ ކޮންމެ އަމަލަކަށެވެ.

(ނ) މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓުގެ ތުހުމަތު އިމްތިހާނުގެ ބައިވެރިއެއްގެ މައްޗަށް ކުރެވޭނަމަ، ވީ އެންމެ އަވަހަކަށް، ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކަށް އެކަން އަންގަންވާނެއެވެ. މިފަދަ ހާލަތުގައި ފުރަތަމަ ނަޒަރުން ބަލާ ބެލުމުން ތުހުމަތުކުރެވޭފަދަ އަމަލެއް އޮތްކަމަށް ނިންމާނީ، ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކުންނެވެ.

(ރ) ފުރަތަމަ ނަޒަރުން ބަލާ ބެލުމުން މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓުގެ އަމަލެއް ހިންގައިފައިވާކަމަށް ޗީފް އިންވިޖިލޭޓަރ ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަށް ގަބޫލުކުރެވޭ ކަމުގައި ވާނަމަ، އެފަދަ މައްސަލަ އެސެސްމަންޓް ބޯޑަށް ފޮނުވަންވާނެއެވެ. އަދި އެސެސްމަންޓް ބޯޑުން މިފަދަ މައްސަލަތައް ބެލުމުގައި، ތުހުމަތުކުރެވޭ ފަރާތަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ބ) މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް ހިންގައިފިކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފިނަމަ، ބާ ކައުންސިލަށް އެކަން އަންގަންވާނެއެވެ. އަދި މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް ހިންގައިފިކަމަށް ސާބިތުވާ ފަރާތް، ބާ އިމްތިހާނުން ފެއިލްކޮށް، އޭގެ ފަހުން ބާއްވާ ބާ އިމްތިހާނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމުގެ އިހްތިޔާރު،ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - އިސްތިއުނާފު ކުރުން

(ހ) އެސެސްމަންޓު ބޯޑުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ހައްގު އިމްތިހާނުގެ ބައިވެރިންނަށް އަންނަނިވި ހާލަތްތަކުގައި ލިބިގެންވެއެވެ.

  1. އެސެސްމަންޓު ބޯޑުން މައްސަލަ ނިންމުމުގެ ކުރިން މިޓިގޭޓިންގ ސަރކަމްސްޓެންސްއާބެހޭ މައުލޫމާތު އެސެސްމަންޓް ބޯޑާ ހިއްސާ ނުކުރުން؛ނުވަތަ 
  2. އެސެސްމަންޓް ބޯޑުގެ ނިންމުމަށް ވާސިލުވުމުގައި ބޮޑެތި އޮޅުންތަކެއް ހުރިކަމަށް ނުވަތަ ދެކޮޅުނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަވުން؛ ނުވަތަ 
  3. މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް އޮތްކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުމަށް ދެކޮޅު ހެދުން.

(ށ) މި މާއްދާގެ ދަށުން ހުށަހަޅާ އިސްތިއުނާފުތައް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައި ފައިވާ އިސްތިއުނާފު ކުރުމާގުޅޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

10 ވަނަ މާއްދާ - ބާ އިމްތިހާނުގައި ބައިވެރިވުން

ބާ އިމްތިހާނުން ފާސްވަންދެން އެ އިމްތިހާނުގައި ބައިވެރުވުމުގެ ހައްގު، އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ޖަދުވަލުތައް

މި ގަވާއިދާ އެކުގައިވާ ޖަދުވަލުތަކަކީ މި ގަވާއިދުގެ ބައެކެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

އެސެސްމެން ޓު ބޯޑުގެ ނިންމުން އިސްތިއުނާފު ކުރުމާ ގުޅޭ އުސޫލު

 

1 ވަނަ މާއްދާ - އިސްތިއުނާފު ކުރުން

(ހ) އެސެސްމަންޓް ބޯޑުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ހައްގު، އިމްތިހާނުގެ ބައިވެރިންނަށް، އަންނަނިވި ހާލަތްތަކުގައި ލިބިގެންވެއެވެ.

  1. އެސެސްމަންޓް ބޯޑުން މައްސަލަ ނިންމުމުގެ ކުރިން، މިޓިގޭޓިންގ ސަރކަމްސްޓެންސްއާބެހޭ މައުލޫމާތ،ު އެސެސްމަންޓް ބޯޑާ ހިއްސާ ނުކުރުން؛ނުވަތަ 
  2. އެސެސްމަންޓް ބޯޑުގެ ނިންމުމަށް ވާސިލުވުމުގައި ބޮޑެތި އޮޅުންތަކެއް ހުރިކަމަށް ނުވަތަ ދެކޮޅުނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަވުން؛ ނުވަތަ 
  3. މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް އޮތްކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުމަށް ދެކޮޅުހެދުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، އިމްތިހާނުން ލިބިފައިވާ ނަތީޖާ ނޭނގުމަކީ، މައްސަލަ ނިމުމުގެ ކުރިން މިޓިގޭޓިންގ ސަރކަމްސްޓެންސްއާބެހޭ މައުލޫމާތު އެސެސްމަންޓް ބޯޑާ ހިއްސާ ނުކުރެވުމަށް އޮތް މަގުބޫލު އުޒުރެއްކަމުގައެއް ނުބެލެވޭނެއެވެ.

 

2 ވަނަ މާއްދާ - އިސްތިއުނާފު ނުކުރެވޭނެ ހާލަތްތައް

އެސެސްމަންޓް ބޯޑުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ހައްގު، އިމްތިހާނުގެ ބައިވެރިންނަށް، 
އަންނަނިވި ހާލަތް ތަކުގައި ލިބިގެ ނެއްނުވެއެވެ.

(ހ) އިލްމީ ނިންމުމެއް (އެކެޑަމިކް ޖަޖްމަންޓް) އިސްތިއުނާފުކުރުން.

(ށ) މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ މައްސަލައެއްގެ ނިންމުމެއް އިސްތިއުނާފުކުރުން.

(ނ) ބާ އިމްތިހާނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެފައި ނުވާކަމަށް ބަޔާންކޮށް އިސްތިއުނާފުކުރުން.

 

3 ވަނަ މާއްދާ - އިސްތިއުނާފު ކުރުމަށް އޮންނަ އިޖުރާއަތު

މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބެއްގެ ނުވަތަ ސަބަބުތަކެއްގެ މައްޗަށް ހުށަހަޅާ އިސްތިއުނާފުތައް އެސެސްމަންޓު ބޯޑުގެ ނިންމުން އަންގާތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިގޮތުގެ މަތީން ހުށަހަޅާ އިސްތިއުނާފެއްގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ.

(ހ) މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި ހުށަހެޅޭ އިސްތިއުނާފެއް ކަމުގައިވުން.

(ށ) މައްސަލަގައި ކަން ހިނގައިފައިވާ ގޮތް ބަޔާންކުރުމުގެ ގޮތުން ބަޔާނެއް ހިމަނައިފައިވުން.

(ނ) މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅުން.

(ރ) އިސްތިއުނާފުކުރާ ފަރާތުން ހުށަހަ ޅައިފައިވާ އިސްތިއުނާފުގައި ހިމަ ނައިފައިވާ މައުލޫމާތަކީ ތެދު މައުލޫމާތު ކަމަށް އިގުރާރުވެ ސޮއިކުރުން.

 

4 ވަނަ މާއްދާ - އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލް

(ހ) މި އުސޫލުގެ ދަށުން އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ބަލާނީ، އިސްތިއުނާފުކުރާ ފަރާތުގެ އިމްތިހާނުގެ ނަތީޖާއާ މެދު ގޮތް ކަނޑައެޅި އެސެސްމަންޓު ބޯޑުގެ މެންބަރެއްގެ ގޮތުގައި ނުހިމެނ،ޭ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ނުވަތަ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސީނިއަރ ގާނޫނީ ވަކީލުން ހިމެނޭގޮތުން އައްޔަނުކުރާ 3 (ތިނެއް) މެންބަރުންގެ ޕެނަލަކުންނެވެ. މި ޕެނަލަށް މެންބަރުން އައްޔަނުކުރުމުގެ ކުރިން އިސްތިއުނާފުކުރާ މައްސަލައިގައި އެއްވެސް މެންބަރެއްގެ މަސްލަހަތެއް ނެތްކަން ކަށަވަރު ކުރަންވާނެއެވެ.

(ށ) އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން މައްސަލަ ނިންމުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

  1. މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި ހުށަހަޅައިފައިވާ އިސްތިއުނާފެއް ކަމުގައިވުން؛
  2. ލިބިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އިސްތިއުނާފު ސާބިތުވުން.

(ނ) މައްސަލައާ ގުޅުންހުރި ހެއްކާއި މައުލޫމާތު ހޯދުމަށް އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަނާއި އެސެސްމަންޓް ބޯޑުގެ މެންބަރުން ނާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކާ މަށްވަރާކުރުމަށް އެދުމުގެ އިހްތިޔާރު އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.

(ރ) އެސެސްމަންޓް ބޯޑުގެ ނިންމުން ރަނގަޅުކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ފެންނަ ހާލަތުގައި، އިތުރު ފިޔަވަޅުތައް އެޅުމަށް ލަފާ ދިނުމުގެ އިހްތިޔާރު، އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.

(ބ) މެލްޕްރެކްޓިސް އެންޑް އިމްޕްރޮޕަރ ކޮންޑަކްޓެއް ކަމުގައި އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުން ރަނގަޅު ނޫންކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމައިފިނަމަ، އެ އިސްތިއުނާފު ހުށަހެޅި ފަރާތް، ޖެހިގެން އަންނަ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ފީ ދައްކާކަށް ނުޖެހޭނެއެވެ. އަދި ބަލިހާލަތު ހުރިގޮތުން ނުވަތަ އަމިއްލަ އިހްތިޔާރުގެ ބޭރުން ދިމާވާ ހާލަތެއްގެ މައްޗަށް ރިއާ ޔަތްކޮށް ހުށަހަޅާ މައްސަލަތަކުގައި، އެސެސްމަންޓް ބޯޑުން ނިންމައިފައިވާ ނިންމުން ރަނގަޅު ނޫންކަމަށް އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމައިފިނަމަ، އެ އިސްތިއުނާފީ މައްސަލަ ހުށަހެޅި ފަރާތުގެ ބާ އިމްތިހާނުގެ ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ.

(ޅ) ހާއްސަ ހާލަތްތަކުގައި މެނުވީ އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުން ނިންމާ ނިންމުންތައް ތަސްދީގުކުރަންވާނީ، އެސެސްމަންޓް ބޯޑުގެ ޗެއަރޕަރސަން ނިންމާ ނިންމުމަކުން ނުވަތަ އެސެސްމަންޓް ބޯޑުގެ ހާއްސަ ބައްދަލުވުމެއްގައި ބޯޑުން ނިންމާ ނިންމުމަކުންނެވެ.

(ކ) އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ ނިންމުން ތަސްދީގުކުރުމަށްފަހު، އެ ނިންމުން އިތުރަށް އިސްތިއުނާފު ކުރުމުގެ ހައްގެއް ނޯންނާނެއެވެ.

 

 

ޖަދުވަލު 2

މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅޭ އުސޫލު

 

1 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސް

(ހ) މި އުސޫލުގެ ދަށުން މިޓިގޭޓިންގ ސަރކަމްސްޓެންސްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.

  1. ބާ އިމްތިހާނު ބޭއްވުމުގައި ކުރިމަތިވާ އެންމެހައި އޮޅުންތައް/ ގޯސްތައް؛ ނުވަތަ 
  2. ބަލި ހާލަތު ހުރިގޮތުން ނުވަތަ އަމިއްލަ އިހްތިޔާރުގެ ބޭރުން ދިމާވާ ހާލަތެއްގެ ސަބަބުން، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތެއްގެ ނަތީޖާއަށް އަސަރުކުރާނެ ކޮންމެ ކަމެއް.

(ށ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިޓިގޭޓިންގ ސަރކަމްސްޓެންސްއެއް، އިމްތިހާނުގެ ކުރިން އިމްތިހާނުގެ ބައިވެރިއަކަށް ދިމާވެއްޖެނަމަ، އެފަދަ ފަރާތްތަކުން އިމްތިހާނުގެ އެހެން ބުރެއްގައި ބައިވެރިވުމުގެ ގޮތުން އިމްތިހާނުގައި ބައިވެރިވުން ފަސްކުރަންވާނެއެވެ.

(ނ) ބާ އިމްތިހާނު ބޭއްވުމުގެ ކުރިން މިޓިގޭޓިންގ ސަރކަމްސްޓެންސްއާ ގުޅިގެން ހުށަހަޅާމައްސަލަތައް ބަލައެއް ނުގަނެވޭނެއެވެ. އަދި އެފަދަ މައްސަލައަކާ ގުޅިގެން އިތުރު އެއްވެސް އިންތިޒާމުތަކެއް ހަމަޖައްސައެއް ނުދެވޭނެއެވެ.

 

2 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސް ކަމުގައި ނުބެލޭނެ ހާލަތްތައް

މި އުސޫލުގެ ދަށުން މިޓިގޭޓިންގ ސަރކަމްސްޓެންސްގެ ގޮތުގައި އަންނަނިވި ހާލަތްތައް ފަދަ ހާލަތްތަކެއް ނުބެލޭނެއެވެ.

(ހ) ދަތުރުފަތުރުގެ މައްސަލަތައް.

(ށ) ޗުއްޓީ/ އާއިލީ އެކި އިވެންޓުތައް.

(ނ) ބާ އިމްތިހާނު ބޭއްވޭ ތާރީހު އޮޅުން؛ ނުވަތަ

(ރ) ވަޒީފާ.

 

3 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސްއަށް އެދުމުގެ އިޖުރާއަތު

މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ބާ އިމްތިހާނުގެ ބައިވެރިއެއްގެ އިމްތިހާނުގެ ނަތީޖާއަށް އަސަރުކޮށްފިކަމަށް އެ ފަރާތަކަށް ގަބޫލުކުރެވޭނަމަ، ބާ އިމްތިހާނު ބާއްވާ ތާރީހުން ފެށިގެން މަދުވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެސެސްމަންޓް ބޯޑަށް ލިޔުމުން ހުށަހަޅަންވާނެއެވެ. މިގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ.

(ހ) މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި ހުށަހަޅާ ހުށަހެޅުމެއް ކަމަށް ބަޔާންކޮށްފައިވުން.

(ށ) މައްސަލައިގައި ކަން ހިނގައިފައިވާ ގޮތުގެ ބަޔާނެއް ހިމަނައިފައިވުން.

(ނ) އިމްތިހާނު ހޯލު ދޫކޮށް ދިޔުމުގެ ކުރިން އިންވިޖިލޭޓަރަކަށް އެކަން އަންގައިފައިވާނަމަ އެކަމުގެ ތަފުސީލު ބަޔާންކޮށްފައިވުން.

(ރ) މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅުން.

(ބ) ހުށަހަޅައިފައިވާ ހުށަހެޅުމުގައި ހިމަނައިފައިވަނީ ތެދު މައުލޫމާތުކަމަށް އިގުރާރުވެ ސޮއިކުރުން.

 

4 ވަނަ މާއްދާ - މިޓިގޭޓިންގ ސަރކަމްސްޓެންސް ކަނޑައެޅުން

(ހ) މި އުސޫލުގެ ދަށުން މިޓިގޭޓިންގ ސަރކަމްސްޓެންސްތަކާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބަލާނީ، އެސެސްމަންޓް ބޯޑުންނެވެ. އަދި އެސެސްމަންޓް ބޯޑުން މިފަދަ މައްސަލަ ނިންމުމުގައި އަންނަވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ޓަކައި ހުށަހަޅައިފައިވާ މައްސަލައެއް ކަމުގައިވުން؛
  2. ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ސާބިތުވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަތައް ބެލުމުގައި، މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހޯދުމުގެ އިހްތިޔާރު، އެސެސްމަންޓު ބޯޑަށް ލިބިގެންވެއެވެ.

(ނ) މި އުސޫލުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައަކާ ގުޅިގެން، އެކަމަކީ މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ މިޓިގޭޓިންގ ސަރކަމްސްޓެންސްއެއް ކަމަށް އެސެސްމަންޓް ބޯޑުން ކަނޑައަޅައިފިނަމަ، އެ މައްސަލަ ހުށަހެޅި ފަރާތަށް ބާ އިމްތިހާނުން އެއްވެސް މާކުހެއް ނުލިބޭނެއެވެ. މި ނޫން ހާލަތްތަކުގައި، އޮންނަ އާންމު އުސޫލުގެ މަތީން އިމްތިހާނު ކަރުދާސް މާކު ކުރުމަށްފަހު މާކްސް ދެވޭނެއެވެ.

(ރ) މި އުސޫލުގެ ދަށުން ހުށަހަޅާ މައްސަލައަކާ ގުޅިގެން އެކަމަކީ، މިޓިގޭޓިންގ ސަރކަމްސްޓެންސްއެއް ކަމަށް އެސެސްމަންޓް ބޯޑުން ނިންމައިފިނަމަ، އެ މައްސަލަ ހުށަހެޅި ފަރާތް ޖެހިގެން އަންނަ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ފީ ދައްކާކަށް ނުޖެހޭނެއެވެ.

 

 

ޖަދުވަލު 3

ހާއްސަ އެކޮމޮޑޭށަންސްއާ ގުޅޭ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

ދިވެހިރާއްޖޭގައި ބާއްވާ ބާ އިމްތިހާނަކީ، ކޮމްޕިޓެންސީ ބޭސްޑް އިމްތިހާނެކެވެ. ބާ އިމްތިހާނުގެ މުގައްރަރުގައްޔާއި، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "ދަ ޑިސްކްރިޕްޓިވް ނެރެޓިވް އޮފް ކޮމްޕިޓެންސީ" ގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރިކަން ދެނެގަންނަ، އަދި އިމްތިހާނުގައި އެންމެހައި ބައިވެރިން އެ މައްޗަށް އިމްތިހާނުކުރާ ކަންތައްތަކެވެ. ނަމަވެސ،ް ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް މަގުފަހިކުރުމުގެ ގޮތުން ހާއްސަ އިންތިޒާމުތައް ހަމަޖެއްސިދާނެއެވެ.

 

2 ވަނަ މާއްދާ - ހާއްސަ އެކޮމޮޑޭށަންސް

(ހ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާނެ ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށް އެދޭކަމަށްވާނަމަ، ބާ އިމްތިހާނު ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހުގެ ރަސްމީ 5 (ފަހެއް) ދުވަހުގެ ކުރިން، އެކަމާ ގުޅުންހުރި ލިޔުންތަކާއެކު، ބާ ކައުންސިލަށް އެކަންހުށަހަޅަންވާނެއެވެ. އެގޮތުން ހުށަހަޅަންޖެހޭ ލިޔުންތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ސިއްހީ ދާއިރާގެ މިނިވަން ފަންނުވެރިއަކު ފޯރުކޮށްދީފައިވާ ލިޔުމެއް ކަމުގައިވުން؛ 
  2. ނުކުޅެދުންތެރިކަމާ ގުޅޭ މައުލޫމާތު ހިމަނައިފައިވުން؛
  3. ނުކުޅެދުންތެރިކަމުގެ ސަބަބުން، ބާ އިމްތިހާނުގައި ބައިވެރިވުމުގައި ދިމާވާނެ ދަތިތައް ބަޔާންކުރުން؛ 
  4. ނުކުޅެދުންތެރިކަމުގެ ސަބަބުން، ބާ އިމްތިހާނުގައި ބައިވެރިވުމުގައި ދިމާވެދާނެ ދަތިތައް ހައްލުކުރާނެ ގޮތްތައް ބަޔާންކުރުން.

(ށ) ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެކަމާ ގުޅުންހުރި ލިޔުންތަކާއެކު ބާ ކައުންސިލަށް ހުށަނާޅައިފިނަމަ، އެފަދަ ފަރާތްތަކުން އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާނެ ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށް ބާ ކައުންސިލުން އެދެވޭގޮތެއްގައި މަސައްކަތް ކުރަންވާނެއެވެ. އަދި ބާ އިމްތިހާނުގެ ރޫޓިންގ އޮޕަރޭށަނުގެ ބޭރުން އިތުރު އިންތިޒާމުތައް ހަމަޖެއްސުމުގެ ޒިންމާ، ބާ ކައުންސިލުން އުފުލާކަށް ނުޖެހޭނެއެވެ. 

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު