ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-158) އަށް 3 ވަނަ އިސްލާހް ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-108)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 ނޮވެމްބަރު 2024 ގައި)
ގަވާއިދު ނަންބަރު 2019-158 (ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތަންފީޒީ އިދާރާ 3.
(ހ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމާއި، ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ.
(ށ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި ފިޔަވައި، މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން، ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ، ހެލްތު ޕްރޮޓެކްށަން އެޖެންސީންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންސްޕެކްޓްކުރަނީ ވިޔަފާރިއާބެހޭ ވުޒާރާއިން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަމަށް ވާ ނަމ،ަ ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު އެ އިންސްޕެކްށަނެއް ކުރި ފަރާތަކަށް ލިބިގެންވެއެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކޮށްފި ނަމ،ަ އެ ޖޫރިމަނާކުރި އިދާރާއަކުން ހެލްތު ޕްރޮޓެކްށަން އެޖެންސީއަށް ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެކަން އަންގަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
4.1. ރާއްޖެއަށް އެތެރެކުރާ މަރުހަލާ
(ހ) މި މާއްދާގެ 14-2 ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެނިހެން ހާލަތްތަކުގައި، ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި، އެ ތަކެތި ރާއްޖެ އެތެރެކުރި ފަރާތް މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރުމަށްފަހު، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) އާ އެއްގޮތަށް، އެ ތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނައްތައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެ މަތީން ނައްތައިލުމަށް ހިނގާ ހަރަދު، އެ ތަކެތި ރާއްޖެ ގެނައި ފަރާތުން، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ ތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންޓްރޯލްގެ ދަށުގައި ހުންނައިރު ހިނގާ ހަރަދ،ު އެ ތަކެތި ރާއްޖެ ގެނައި ފަރާތުން، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންވާނެއެވެ.
4.2. ޕޯސްޓުގެ ޒަރީއާއިން ނުވަތަ ކޫރިއަރގެ ޒަރީއާއިން ގެންނަ ތަކެއްޗާއި ދަތުރުވެރިން ގެންނަ ތަކެތި
(ހ) ޕޯސްޓު މެދުވެރިކޮށް ނުވަތަ ކޫރިއަރ މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން ވިޔަފާރީގެ ނަމުގައި ނުވަތަ ވިޔަފާރީގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުކޮށް ރާއްޖެއަށް އެތެރެކުރާ ހާލަތުގައި، އެ ތަކެތި އެތެރެކުރި ފަރާތް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުމަށްފަހު، އެ މުދަލެއް ނައްތައިލުމުގެ ބާރު، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕޯސްޓް ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކާއި، މި ގަވާއިދުގެ 1-13 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ދަތުރުވެރީން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާ ހިލާފަށް ރާއްޖެއަށް ގެންނަ ދުންފަތުގެ ބާވަތްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުން އިސްތިސްނާވާނެއެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-158)
ކޮންސޮލިޑޭޓެޑް ގަވާއިދު
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-158)
ކިޔުންތެރިންގެ ހިޔާލު