-

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު (ނަންބަރު 2023-98) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-105)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 އޮކްޓޫބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2023-98 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާހުކުރުން.

ހުށަހެޅުމަށް ދައްކާ ހުއްދައިގެ ފީ 5.

(ހ) މި ގަވާއިދުގެ 3 ވަނަ މައްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް 150 (އެއްސަތޭކަ ފަންސާސް) ރުފިޔާގެ ހުއްދައިގެ ފީއެއް ދައްކަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަވި ގޮތަށް އިޞްލާހުކުރުން.

ކުށާއި އަދަބު 14.

(ހ) ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭ އެއްޗެއް، ގާނޫނާއި މި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަޔާއެކު މެނުވީ އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމާއި، ކަނޑުން އެތެރެކުރުމަކީ މަނާކަމެކެވެ. އެފަދަ ދިރުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަނެތި އެތެރެކޮށްފި ނަމަ، އެ އެތެރެކުރި ކޮންމެ އެއްޗަކަށް 30,000 (ރީސް ހާސް) ރުފިޔާގެ މަގުން، އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް، ގާނޫނާއި މި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަޔާއެކު މެނުވީ އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމާއި، ކަނޑުން އެތެރެކުރުމަކީ މަނާކަމެކެވެ. އެފަދަ ދިރުމެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ނެތި އެތެރެކޮށްފި ނަމަ، އެތެރެކުރި ކޮންމެ އެއްޗަކަށް 10,000 (ދިހަ ހާސް) ރުފިޔާގެ މަގުން، އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

(ނ) ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭ އެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ގާނޫނާ ހިލާފަށް އަމިއްލަ ބޭނުމަށް ގެންގުޅުމާއި، ކޮންޓްރޯލްކުރުމާއި، ވިއްކުމާއި، ވިއްކުމަށް މަސައްކަތްކުރުމާއި، އާންމުންނަށް ފެންނަ ތަންތަނުގައި ބެހެއްޓުމަކީ މަނާކަމެކެވެ. މި ފަދަ އަމަލެއް ކޮށްފި ނަމަ، އެ މައްސަލައިގައި ހިމެނޭ ކޮންމެ ދިރޭ އެއްޗަކަށް ނުވަތަ އެއިން އެއްޗެއްގެ ބަޔަކަށް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކަށް 10,000 (ދިހަ ހާސް) ރުފިޔާގެ މަގުން، އެކަން ކުރި ފަރާތް ޖޫރިމަނާކުރެވޭނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދައިގެ ށަރުޠުތަކާ ނުވަތަ ރަޖިސްޓްރޭށަނުގެ ށަރުޠުތަކާ ހިލާފުވުވުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ކޮށްފި ނަމަ، އަންނަނިވި އުސޫލުން އެ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

  1. ފުރަތަމަ ފަހަރު 5,000 (ފަސް ހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 10,000 (ދިހަ ހާސް) ރުފިޔާ؛
  3. ތިންވަނަ ފަހަރު 20,000 (ވިހި ހާސް) ރުފިޔާ؛
  4. ތިން ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 50,000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖުރިމަނާކުރުން.

(ބ) ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭ އެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކަށް، މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގެ ދަށުން ޖުރިމަނާކުރުމުގެ އިތުރުން، އެ ތަކެތި ގަވާއިދު ނަންބަރު 2023-97 (ގާނޫނު ނަންބަރު، 2022-13 ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު) ގެ ދަށުން ނެގުމުގެ ބާރު، މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-98)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-98)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު