-

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-98)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 20 މޭ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2022-13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ރ) އާއި، 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 40 ވަނަ މާއްދާއިން ބާރުލިބިގެން އެ ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އަދި، ދިރުމެއް ނެތް ތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކަށް ދޫކުރެވޭ އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ކަނޑުން އެތެކުރުމުގެ ހުއްދައާ ގުޅޭ އެންމެހައި ކަންކަމުގައިއަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، އެ ތަކެތީގެ ތެރެއިން ރަޖިސްޓަރީ ކުރުމަށް ކަނޑައެޅޭ ތަކެތި ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، އެ ގާނޫނުގެ ދަށުން ދޫކުރާ ހުއްދައަށް ނަގާ ފީ ކަނޑައެޅުމަށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއްގެ އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް ހުއްދައާއި ކަނޑުން އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނެ ގޮތާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ހުއްދަ އައުކުރުމާއި ހުއްދަ ދޫކުރުމުގައި އަމަލުކުރެވޭނެ ގޮތުގެ ތަފުސީލު ބަޔާންކުރުން.

(ށ) ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުންތަކުގެ ތެރެއިން، ރަޖިސްޓަރީކުރުމަށް ކަނޑައެޅޭ ތަކެތި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފޯމާއި، ރަޖިސްޓަރީކުރުމުގެ ށަރުތުތަކާއި، ރަޖިސްޓަރީގައި ހިމަނަންވާ ބައިތަކުގެ ތަފުސީލު ބަޔާންކުރުން.

(ނ) ދިރޭ އެއްޗެހީގެ ތެރެއިން ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ދިރޭ އެއްޗެއްސާމެދު އަމަލުކުރާނެ ހާއްސަ އުސޫލުތައް ބަޔާންކުރުން.

(ރ) ގާނޫނުގެ ދަށުން ދޫކުރާ ހުއްދައަށް ނަގާ ފީ ބަޔާންކުރުން.

 

3 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

(ހ) ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއްގެ އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް ހުއްދައާއި ކަނޑުން އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް ، މެނޭޖްމަންޓް އޮތޯރިޓީއަށެވެ.

(ށ) ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް،ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އިމްޕޯޓްކުރުމުގެ ހުއްދައަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާއިރު، އެ ފޯމާއެކު، އަންނަނިވި ލިޔުންތަ އް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއެއްނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ، މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛
  2. ދިވެހިރާއްޖޭގައި އެ ދިރުމެއް ހިމާޔަތްކޮށްފައިވާ ގާނޫނު ތަންފީޒުކުރާ ފަރާތުން ދޭ، އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
  3. އެކްސްޕޯޓްކުރި ގައުމުގެ އެކްސްޕޯޓް ހުއްދަ.

(ނ) ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް،ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އެކްސްޕޯޓް ކުރުމުގެ ހުއްދައަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާއިރު، އެ ފޯމާއެކު، އަންނަނިވި ލިޔުންތަ އް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއެއްނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާ ރަޖިސްޓަރީގެ ކޮޕީ ނުވަތަ، މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛
  2. ދިވެހިރާއްޖޭގައި އެ ދިރުމެއް ހިމާޔަތްކޮށްފައިވާ ގާނޫނު ތަންފީޒުކުރާ ފަރާތުން ދޭ، އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
  3. އިމްޕޯޓްކުރާ ގައުމުގެ އިމްޕޯޓް ހުއްދަ.

(ރ) ގާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް،ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އެކްސްޕޯޓް ކުރުމުގެ ހުއްދައަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާއިރު، 
ފޯމު ހުށަހަޅަނީ ވިޔަފާރިއަކުން ނުވަތަ ޖަމްއިއްޔާއަކުން ނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާ ރަޖިސްޓަރީގެ ކޮޕީ ނުވަތަ، މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

(ބ) ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް،ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއްގެ ރީއެކްސްޕޯޓް ކުރުމުގެ ހުއްދައަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާއިރު،  އެ ފޯމާއެކު، އަންނަނިވި ލިޔުންތަ އް ހުށަހަޅަންވާނެއެވެ.

  1. ފޯމު ހުށަހަޅަނީ ވިޔަފާރިއަކުން ނުވަތަ ޖަމްއިއްޔާއަކުން ނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ، މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛
  2. ދިވެހިރާއްޖޭގައި އެ ދިރުމެއް ހިމާޔަތްކޮށްފައިވާ ގާނޫނު ތަންފީޒުކުރާ ފަރާތުން ދޭ، އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
  3. އެކްސްޕޯޓްކުރި ގައުމުގެ އެކްސްޕޯޓް ހުއްދައާއި އިޕްމޯޓް ހުއްދަ.

(ޅ) ގާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް،ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއްގެ ރީއެކްސްޕޯޓް ކުރުމުގެ ހުއްދަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް، މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާއިރު، އެ ފޯމާއެކު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއެއް ނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާ ގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ، މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛
  2. އެކްސްޕޯޓްކުރި ގައުމުގެ އެކްސްޕޯޓް ހުއްދައާއި އިޕްމޯޓް ހުއްދަ.

(ކ) ގާނޫނުގެ ޖަދުވަލު 1 އާއި ޖަދުވަލު 2 ގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ކަނޑުން އެތެރެކުރުމުގެ ހުއްދައަށް އެދި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް، މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާއިރު، އެ ފޯމާއެކު، އަންނަނިވި ލިޔުންތައްހުށަހަޅަންވާނެއެވެ.

  1. ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއެއް ނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާގެރަޖިސްޓަރީގެ ކޮޕީ، ނުވަތަ މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  2. އެކްސްޕޯޓްކުރި ގައުމުގެ އެކްސްޕޯޓް ހުއްދަ.

(އ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ފޯމު، ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް ކުރުމުގެ ހުއްދައާއި ކަނޑުން އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ، އެ އެއްޗެއް، އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް ކުރުމުގެ ހުއްދައާއި ކަނޑުން އެތެރެކުރުމަށް ބޭނުންވާ ތާރީހުގެ 3 (ތިނެއް) ހަފުތާގެކުރިންނެވެ.

(ވ) މި މާއްދާގެ (ހ) ގެ ދަށުން ހުށަ ހަޅާ ހުށަހެޅުން ޕްރޮސެސް ކުރެވޭނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ޖަދުވަލަށް ރިއާޔަތްކޮށް، އެ ހުށަހެޅުމާއެކު ހިމަނަންޖެހޭކަމަށް މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް މެނޭޖްމަންޓް އޮތޯރިޓީއަށް ލިބުމަށްފަހު، 2( ދޭއް(ހަފުތާގެ ތެރޭގައެވެ.

 

4 ވަނަ މާއްދާ - ހުށަހެޅުން ގަބޫލުކުރުމާއި،އެކަން އެންގުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން، ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް ކުރުމުގެ ހުއްދައާއި ކަނޑުން އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުން ޕްރޮސެސްކޮށް ނިމުމުން، އެ ހުށަހެޅުމާމެދު ނިންމާ ގޮތެއް، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް، މެނޭޖްމަންޓް އޮތޯރިޓީން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ނިންމުމަކީ، ހުއްދަ ދިނުން ކަމުގައި ވާނަމަ، އެ ހުއްދައަށް ދައްކަންޖެހޭ ފީ ދެއްކުމަށް އެ ހުށަހެޅި ފަރާތަށް މެނޭޖްމަންޓް އޮތޯރިޓީން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ހުށަހެޅުމަށް ދައްކާ ހުއްދައިގެ ފީ

(ހ) މި ގަވާއިދުގެ 3 ވަނަ މައްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް 100 (އެއްސަތޭކަ) ރުފިޔާގެ ހުއްދައިގެ ފީއެއް ދައްކަންވާނެއެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން، މެނޭޖްމަންޓް އޮތޯރިޓީން އެ ހުށަހެޅުން ގަބޫލުކުރިކަމަށް ނިންމާ ނިންމުން އެންގުމުން، އެ ފީ، މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލަކުން ދައްކަންވާނެވެ.

 

6 ވަނަ މާއްދާ - ހުއްދަ ދޫކުރުން

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީ، މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުން ދެއްކުމުން، އެ ހުށަހެޅުމަށް ހުއްދަ ދޫކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ހުއްދަ ސަސްޕެންޑް ކުރުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ދޫކުރާ ހުއްދައާ ގުޅިގެން ށައްކުކުރެވޭ ފަދަ އަމަލެއް ހިންގާނަމަ، އެ ފަރާތްތަކަށް ދީފައިވާ ހުއްދަ ސަސްޕެންޑް ކުރުމުގެ އިހްތިޔާރު، މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 5 އާ އެއްގޮތަށް އަމަލު ނުކުރާނަމަ، އެކަން އިސްލާހުކުރެވެންދެން، އެ ފަރާތްތަކަށް ދީފައިވާ ހުއްދަ ސަސްޕެންޑް ކުރުމުގެ އިހްތިޔާރު، މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ސަސްޕެންޑްކޮށްފައިވާ ހުއްދައާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަންކަން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްލާހުނުކޮށްފިނަމަ، އެ ހުއްދަ، މެނޭޖްމަންޓް އޮތޯރިޓީން ބާތިލުކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ދޫކުރާ ހުއްދައާ ގުޅިގެން ހިންގާ، ހުއްދައިގައި ހިމެނޭ ކަންކަމާ ހިލާފުވާނަމަ، މެނޭޖްމަންޓް އޮތޯރިޓީން އެ ހުއްދަ ބާތިލުކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ދޫކުރާ ހުއްދައަކީ ސައްހަ ނޫން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ދޫކޮށްފައިވާ ހުއްދައެއްކަމަށް ފަހުން ސާބިތުވެއްޖެނަމަ، މެނޭޖްމަންޓް އޮތޯރިޓީން އެ ހުއްދަ ބާތިލުކުރަންވާނެވެ.

 

9 ވަނަ މާއްދާ - ހުއްދަ އައުކުރުމަށް އެދި ހުށަހެޅުން

(ހ) ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއްގެ އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ކަނޑުން އެތެރެކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާއިރު، އެ ހުއްދައިގެ ދަށުން މުއާމަލާތުކޮށްފައި ނުވާނަމަ، އަދި އެ ހުއްދަ ބޭނުންވާނަމަ، އެ ހުއްދަ އައުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައަށް އެދި ހުށަހަޅާނީ، މެނޭޖްމަންޓް އޮތޯރިޓީން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) ހަފުތާގެ ކުރިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައަށް އެދި ހުށަހަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށް، މެނޭޖްމަންޓް އޮތޯރިޓީއަށެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން މެނޭޖްމަންޓް އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައިގެ އަސްލު،މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނީ،މި ގަވާއިދުގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.

 

10 ވަނަ މާއްދާ - ބަންދުކޮށްގެން ގެންގުޅެ ބޮޑުކޮށްފައިވާ ދިރޭތަކެއްޗާއި އާޓިފިށަލްކޮށް ހައްދަ އިފައިވާ ގަސްގަހާގެހީގެ ވިޔަފާރިކުރަން އެދޭ ފަރާތްތަކުން ރަޖިސްޓަރީކުރުން 

(ހ) ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ ދިރޭތަކެތީގެ ތެރެއިން، ބަންދުކޮށްގެން ގެންގުޅެ ބޮޑުކޮށްފައިވާ ދިރޭތަކެއްޗާއި އާޓިފިށަލްކޮށް ހައްދައިފައިވާ ގަސްގަހާގެހީގެ ވިޔަފާރިކުރަން އެދޭ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް، މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމާއެކު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއެއް ނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާގެރަޖިސްޓަރީގެ ކޮޕީ ނުވަތަ، މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  2. ބަންދުކޮށްގެން ގެންގުޅެ އާލާކުރާ ތަކެއްޗާއި އާޓިފިށަލްކޮށް ހައްދާ ތަކެތި ބްރީޑް ކުރާގޮތް އަންގައިދޭ ތަފުސީލީ ރިޕޯޓު. މި ރިޕޯޓުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
    1. ފެސިލީޓީގައި އާލާކުރާ ދިރުންތަކަކީ ބްރީޑިންގ ފެސިލީޓީއަކުން ހޯދި ތަކެތިކަން ނުވަތަ ގުދުރަތީ މާހައުލަކުން ހޯދައިފައިވާ ތަކެތިކަން؛
    2. ބަންދުކޮށްގެން އާލާކުރާ ތަކެތި ނުވަތަ އާޓިފިށަލްކޮށް ހައްދާ ތަކެތި ބްރީޑްކުރި ގޮތުގެ މައުލޫމާތު؛
    3. ފެސިލިޓީގައި "ޕޭރެންޓަލް ބްރީޑިންގ ސްޓޮކް" އެއް ގެންގުޅޭކަން. އަދި ގެންގުޅޭނަމަ އޭގެ މައުލޫމާތު؛
  3. ބަންދުކޮށްގެން ގެންގުޅެ އާލާކުރާ ތަކެތިކަމުގައި ވާނަމަ، އެ ތަކެތި ބަލަހައްޓަނީ އިންސާނިއްޔަތާ އެއްގޮތްވާ ގޮތުގެ މަތިންކަން އަންގައިދޭ ރިޕޯޓު.މި ރިޕޯޓުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
    1. ބަންދުކޮށްފައިވާ ނުވަތަ އާޓިފިށަލްކޮށް ހައްދާ ތަކެތި ހުންނަ ތަނުގައި ލިބެން ހުރި ހިދުމަތްތައް.
    2. ބަންދުކޮށްފައިވާ ނުވަތަ އާޓިފިށަލްކޮށް ހައްދާ ތަކެތި އާލާވާން އެކަށީގެންވާ ޖާގަ ފެސިލިޓީގައި ހުރިކަން އަންގައިދޭ ތަފުސީލު.
    3. ކޮށްޓެއް ނުވަތަ ޓޭންކެއް ނުވަތަ ޕޮޓެއް ނަމަ، އޭގެ މިންތަކާއި އޭގެ ތަފުސީލުއާއި ފޮޓޯ.
    4. ބަންދުކޮށްފައިވާ ނުވަތަ އާޓިފިށަލްކޮށް ހައްދާ ތަކެއްޗަށް ލިބެންޖެހޭ ޒަރޫރީ ކަންކަމަށް ބޭނުންވާނެ ތަކެއްތި ހުރިކަމުގެ ހެކި.

 

11 ވަނަ މާއްދާ - ދިރޭ އެއްޗެހީގެ ތެރެއިން ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ދިރޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތް

(ހ) ދިރޭ އެއްޗެހީގެ ތެރެއިން ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ދިރޭ އެއްޗެއްގެ މުއާމަލާތެއް ކުރާނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް މެނޭޖްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

  1. ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއެއް ނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާގެރަޖިސްޓަރީގެ ކޮޕީ ނުވަތަ، މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  2. ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ތަކެތި ބަލަހައްޓަނީ އިންސާނިއްޔަތާ އެއްގޮތަށްކަން އަންގައިދޭ ރިޕޯޓު. މި ރިޕޯޓުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
    1. ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ތަކެތި ހުންނަ ތަނުގައި ލިބެން ހުރި ހިދުމަތްތައް.
    2. ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ތަކެތި އާލާވާން އެކަށީގެންވާ ޖާގަ، ފެސިލިޓީގައި ހުރިކަން އަންގައިދޭ ތަފުސީލު.
    3. ކޮށްޓެއް ނުވަތަ ޓޭންކެއް ނުވަތަ ޕޮޓެއް ނަމަ، އޭގެ މިންތަކާއި އޭގެ ތަފުސީލުއާއި ފޮޓޯ.
    4. ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ތަކެއްޗަށް ލިބެންޖެހޭ ޒަރޫރީ ކަންކަމަށް ބޭނުންވާނެ ތަކެތި ހުރިކަމުގެ ހެކި.

(ށ) ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ދިރޭ ތަކެއްޗާމެދު އަމަލުކުރުމުގައި މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމެނޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރު ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - މުއާހަދާގައި ހިމެނުމުގެ ކުރިން ކޮށްފައިވާ މުއާމަލާތަކާއި ތަކެތި ރަޖިސްޓަރީކުރުން

(ހ) މުއާހަދާގެ އެޕެންޑިކްސްގައި ކުރިން ނުހިމެނޭ އެއްވެސް ދިރޭ ތަކެތީގެ ބާވަތެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް މުއާހަދާގެ އެޕެންޑިކްސް I އާއި، އެޕެންޑިކްސް II އާއި، އެޕެންޑިކްސް III ގައި ހިމެނިއްޖެނަމަ، އެ ތަކެތީގެ ވިޔަފާރިކުރެވޭނީ، މެނޭޖްމަންޓް އޮތޯރިޓީން އަންގާ ގޮ ތެއްގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ވިޔަފާރިކުރެވޭނެ މުއްދަތާއި އެހެނިހެން މައުލޫމާތު ، މެނޭޖްމަންޓް އޮތޯރިޓީން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ރަޖިސްޓަރީ ކުރާނީ ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމާއެކު، ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއެއް ނަމަ، ކުންފުނީގެ ނުވަތަ ޖަމްއިއްޔާ ރަޖިސްޓަރީގެ ކޮޕީ ނުވަތަ، މަސްއޫލުވެރި ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ، މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ރަޖިސްޓްރޭށަން ބާތިލުކުރުން

މި މާއްދާގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއި 12 ވަނަ މާއްދާގެ ދަށުން ކުރާ ރަޖިސްޓްރޭށަނާ ގުޅިގެން މެނޭޖްމަންޓް އޮތޯރިޓީން ހިންގާ އިންސްޕެކްށަނަކާ ގުޅިގެން ނުވަތަ، ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ގަވައިދާ ހިލާފު އަމަލެއް ހިންގައިފިނަމަ، އެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު، މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް،ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް މި ގާނޫނުގެ ދަށުން ދޫކުރާ ހުއްދަޔާއެކުގައިމެނުވީ އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމާއި، ކަނޑުން އެތެރެކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ކޮށްފިނަމަ، އަންނަނިވި އުސޫލުން އެ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

  1. ފުރަތަމަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 20،000 (ވިހިހާސް) ރުފިޔާ؛
  3. ތިންވަނަ ފަހަރު 40،000 (ސާޅީސްހާސް) ރުފިޔާ؛
  4. ތިން ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 1،000،000 (އެކެއް މިލިޔަން) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާކުރުން.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދައިގެ ށަރުތުތަކާ ނުވަތަ "ރަޖިސްޓްރޭށަންގެ ށަރުތުތަކާ ހިލާފުވުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ކޮށްފިނަމަ، އަންނަނިވި އުސޫލުން އެ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

  1. ފުރަތަމަ ފަހަރު 5،000 (ފަސްހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
  3. ތިންވަނަ ފަހަރު 20،000 (ވިހިހާސް) ރުފިޔާ؛
  4. ތިން ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 50،000 (ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާކުރުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ނުހޯދާ އިމްޕޯޓް، އެކްސްޕޯޓް ރީއެކްސްޕޯޓް އަދި ކަނޑުން އެތެރެކުރާ، ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމާ ގުޅިގެން ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ތަކެތި ގަވާއިދު ނަންބަރު 2023-97 (ގާނޫނު ނަންބަރު 2022-13، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު) ގެ ދަށުން ނެގުމުގެ ބާރު ، މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކުރާނީ، މެނޭޖްމަންޓް އޮތޯރިޓީންނެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 30 (ތިރީސް) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް އޮތްގޮތުން އެހެން ގޮތަކަށް މާނަކުރަން ނުޖެހޭހައި ހިނދަކު،އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނައަކީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މެނޭޖްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދިވެހިރާއްޖޭގެ ފޯކަލް ޕޮއިންޓް އޭޖެންސީގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސަރުކާރުގެ އިދާރާއަށެވެ.

(ށ) "ހުއްދަ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ ދަށުން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްކުރާ ނުވަތަ ކަނޑުން އެތެރެކުރާ ދިރޭ އެއްޗެހި، އަދި އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކަށް ދޫކުރެވޭ ރަސްމީ ލިޔުމަށެވެ.

(ނ) "އެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުން އެއްޗެއް ބޭރަށް ގެންދިޔުމަށެވެ.

(ރ) "އިމްޕޯޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްޗެއް އެތެރެކުރުމަށެވެ.

(ބ) "ރީއެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިމްޕޯޓްކޮށްފައިވާ އެއްޗެއް، އޭގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް، ގަވާއިދާ އެއްގޮތަށް ގެންދިޔުމަށެވެ.

(ޅ) "ކަނޑުން އެތެރެކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގައުމެއްގެ ގާނޫނީ އިމުގެ ތެރޭގައި ނުހިމެނޭ ކަނޑުގެ ސަރަހައްދަކުން ދިވެހިރާއްޖެއަށް އެތެރެކުރެވޭ، މުއާހަދާގެ އެޕެންޑިކްސްއެއްގައި ހިމެނޭ ކަނޑުގެ ދިރުމެއް، ނުވަތަ ދިރުމެއްގެ ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށެވެ.

(ކ) "ބަންދުކޮށްގެން ގެންގުޅޭ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، އެ ތަކެތީގެ ގުދުރަތީ މާހައުލުގެ ތެރޭގައި ނުހިމެނޭ އަދި އިންސާނުން އެ މާހައުލެއް ކޮންޓްރޯލްކޮށްފައިވާ މާހައުލެއްގައި ގަރުބަގަނެ އުފަންވެ އާލާވެ ބޮޑުވާ ދިރޭ ތަކެއްޗަށެވެ.

(އ) "އާޓިފިށަލްކޮށް ހައްދައިފައިވާ ގަސްގަހާގެހި" ކަމަށް ބުނެފައި އެވަނީ، ކޮންޓްރޯލްކޮށްފައިވާ މާހައުލެއްގައި ހައްދައިފައިވާ ގަސްގަހާގެއްސާއި، އޭގެ ބައިތަކަށެވެ.

(ވ) "ދިރޭ ތަކެތި" ނުވަތަ "ދިރޭ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ގަސްގަހާގެއްސާއި ޖަނަވާރަށާއި އެނޫންވެސް އެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ދިރޭ ތަކެއްޗަށެވެ.

(މ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު) އަށެވެ.

(ފ) "މުއާހަދާ" ކަމަށް ބުނެފައި އެވަނީ، 1 ޖުލައި 1975 ގައި އަމަލުކުރަން ފަށައިފައިވާ "ކޮންވެންށަން އޮން އިންޓަނޭށަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީށީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" އަށެވެ.

 

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެހިފައި)

 

 

މައި ގާނޫނު

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު