-

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2022-13)

(މި ގާނޫނަށް އަމަލުކުރަން ފެށީ 20 ޖުލައި 2022 ގައި)

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގްވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ބިރުހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ދިރޭތަކެއްޗާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާބެހޭ އުސޫލުތައް ކަނޑައެޅުމާބެހޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުވާނެ ގޮތުގެމަތިން، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ގައުމީ ފެންވަރުގައި ތަންފީޒުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ބަޔާންކުރު މެވެ.

(ހ) ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ކަނޑައަޅާފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުން ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ށ) މުއާހަދާގައި ބަޔާންކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް، މި ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް ގެނައުމާއި، އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމާއި، ކަނޑުން އެތެރެކުރުން މަނާކޮށް، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން؛

(ނ) މުއާހަދާގައި ބަޔާންކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއްގެ ވިޔަފާރި، ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ނުވަތަ ނަހަމަގޮތުގައި ކުރުން ހުއްޓުވުމުގައި އަމަލުކުރާނެ އެނޫންވެސް ގަވާއިދުތަކާއި އުސޫލުތައް ބަޔާންކުރުން؛ އަދި

(ރ) މުއާހަދާގައި ބަޔާންކޮށްފައިވާ ދިރޭތަކެތީގެ ތެރެއިން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހިފެހެއްޓުމަށްފަހު އަމަލުކުރާނެ ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅުން.

 

ދެވަނަ ބާބު

ގާނޫނު ތަންފީޒުކުރުމާއި ގާނޫނު ހިނގާ ދާއިރާތައް

 

3 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާތައް

މި ގާނޫނު ހިންގައި ތަންފީޒުކުރާނީ، މި ގާނޫނުގެ ދަށުން ކަނޑައަޅާ މެނޭޖްމަންޓް އޮތޯރިޓީއާއި، ސައިންޓިފިކް އޮތޯރިޓީއާއި، އަދި އެންފޯސްމަންޓް އޮތޯރިޓީންނެވެ.

 

4 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

މި ގާނޫނު ހިނގާނީ، މި ގާނޫނުގެ ޖަދުވަލު 1 ،2 އަދި 3 ގައި ނަކަލުކޮށްފައިވާ، މުއާހަދާގެ އެޕެންޑިކްސް I ،އެޕެންޑިކްސް II އަދި އެޕެންޑިކްސް III ގައި ބަޔާންކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުންތަކުގެ މައްޗަށެވެ.

 

5 ވަނަ މާއްދާ - ޖަދުވަލުތަކުގައި ހިމެނޭ ދިރޭ ތަކެތި

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ، މި ގާނޫނުގެ ޖަދުވަލު 1 ،2 އަދި 3 ގައި ހިމެނޭނީ، މުއާހަދާގެ އެޕެންޑިކްސް I ،އެޕެންޑިކްސް II އަދި އެޕެންޑިކްސް III ގައި ތަފްސީލުކޮށްފައިވާ އަންނަނިވި ދިރޭތަކެއްޗެވެ.

  1. ޖަދުވަލު 1 (މުއާހަދާގެ އެޕެންޑިކްސް I ގައި ހިމެނޭ، ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތި)؛ މި ޖަދުވަލުގައި ހިމެނޭނީ، ދިރޭތަކެތީގެ ނަސްލުތަކުގެ ތެރެއިން ނެތިދިޔުމުގެ ބިރުހީވެފައިވާ، އަދި ހާއްސަ ހާލަތްތަކުގައި މެނުވީ އެ ތަކެތީގެ ވިޔަފާރިކުރުން މަނާ ދިރޭތަކެއްޗެވެ.
  2. ޖަދުވަލު 2 (މުއާހަދާގެ އެޕެންޑިކްސް II ގައި ހިމެނޭ، ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ ދިރޭތަކެތި)؛ މި ޖަދުވަލުގައި ހިމެނޭނީ ނެތިދިޔުމުގެ ބިރު ކުރިމަތިވެފައި ނުވިނަމަވެސް، އެ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ކައިރި މުސްތަގްބަލެއްގައި ނެތިދިޔުމުގެ ބިރު ކުރިމަތިވެދާނެ ދިރޭތަކެއްޗެވެ.
  3. ޖަދުވަލު 3 (މުއާހަދާގެ އެޕެންޑިކްސް III ގައި ހިމެނޭ، ނެތިދިޔުމުގެ ބިރުހީވެފައިވުމުގެ ސަބަބުން އެ އެއްޗެހީގެ ވިޔަފާރި ކޮންޓްރޯލްކުރަން މުއާހަދާގެ މެންބަރު ގައުމުތަކުން ކަނޑައަޅާ ދިރޭތަކެތި)؛ މި ޖަދުވަލުގައި ހިމެނޭނީ މުއާހަދާގެ އެޕެންޑިކްސް I އަދި II ގައި ނުހިމެނޭ، އެހެންނަމަވެސް، މުއާހަދާގެ މެންބަރު ގައުމެއްގައި ނެތިދިޔުމުގެ ބިރުހީވެފައިވުމުގެ ސަބަބުން އޭގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރަން އެ ގައުމަކުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ދިރޭތަކެއްޗެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާހަދާގެ އެއްވެސް އެޕެންޑިކްސްއަކަށް އިސްލާހެއް ގެނެވިއްޖެނަމަ، ކަމާގުޅިގެން މި ގާނޫނުގެ ޖަދުވަލުތަކަށް ގެންނަންޖެހޭ ބަދަލުތައް، މުއާހަދާގެ އެޕެންޑިކްސްއަށް އެ އިސްލާހެއް ގެނެވޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ދިވެހިސަރުކާރުގެ ގެޒެޓުގައި، މެނޭޖްމަންޓް އޮތޯރިޓީން ށާއިއުކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ގާނޫނު ތަންފީޒުކުރާ ފަރާތްތައް

 

6 ވަނަ މާއްދާ - މެނޭޖްމަންޓް އޮތޯރިޓީ

މި ގާނޫނުގެ ބޭނުމަށްޓަކައި، މެނޭޖްމަންޓް އޮތޯރިޓީއަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދިވެހިރާއްޖޭގެ ފޯކަލް ޕޮއިންޓް އޭޖެންސީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސަރުކާރުގެ އިދާރާއެވެ.

 

7 ވަނަ މާއްދާ - މެނޭޖްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މެނޭޖްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިރޭތަކެތި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުންތަކަށް ހުއްދަ ދޫކުރުމާއި، ހުއްދަ ދޫކުރުމުގެ ށަރުތުތައް ކަނޑައެޅުން؛

(ށ) މުއާހަދާ ތަންފީޒުކުރުމާގުޅޭ އިދާރީ، ސައިންޓިފިކް، އަދި އެނޫންވެސް ކަންކަމާ ގުޅޭގޮތުން މުއާހަދާގެ ސެކްރެޓޭރިއަޓާއި، އެހެނިހެން ގައުމުތަކާއެކު މަށްވަރާކުރުން؛

(ނ) މި ގާނޫނުގެ ޖަދުވަލު 1 ،2 އަދި 3 ގައިވާ ދިރޭތަކެތީގެ ވިޔަފާރީގެ ރެކޯޑު ބަލަހައްޓައި، ކަމާގުޅޭ ރިޕޯޓެއް ކޮންމެ އަހަރަކު އެކުލަވާލުމަށްފަހު ވިދިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން، އެ ރިޕޯޓު، މުއާހަދާގެ ސެކްރެޓޭރިއަޓަށް ހުށަހަޅަމުން ގެންދިޔުން؛

(ރ) މުއާހަދާގެ ދަށުން ދިވެހިރާއްޖެއިން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓުތަކާއި މައުލޫމާތު ފޮނުވުމާއި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުންކަމާގުޅޭ އެހެނިހެން މުއާމަލާތްތައް ކުރުން؛

(ބ) މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން އަޅާފައިވާ އިދާރީ، ގާނޫނީ، އަދި ތަންފީޒީ ފިޔަވަޅުތަކާއި އެނޫންވެސްކަމާގުޅޭ މައްސަލަތައް މުއާހަދާގެ ސެކްރެޓޭރިއަޓް ގެ އިތުރުން މުއާހަދާގައި ބައިވެރިވެފައިވާ އެހެން ގައުމުތަކާ ހިއްސާކުރުން؛

(ޅ) މުއާހަދާ ތަންފީޒުކުރެވޭ މިންވަރު ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށް މުއާހަދާގައި ކަނޑައަޅާފައިވާ މުއްދަތުގައި މުއާހަދާގެ ސެކްރެޓޭރިއަޓަށް ފޮނުވުން؛

(ކ) ގާނޫނަށް އަމަލުކުރުމުގައާއި ތަންފީޒުކުރުމާގުޅ ކަންކަމުގައި ދައުލަތުގެ އެހެނިހެން އިދާރާތަކާއި މުއައްސަސާތަކާއެކު މަށްވަރާކުރުމާއި ވިލަރެސްކުރުން؛

(އ) ހުއްދަ ގަބޫލުކުރުމުގައާއި، ކޯޓާ ކަނޑައެޅުމާއި ދޫކުރުމުގައާއި، ވިޔަފާރީގެ ބާވަތްތަކާއި، ވިޔަފާރިވެރިން ރަޖިސްޓަރީކުރުމާގުޅ ކަންކަމުގައި ސައިންޓިފިކް އޮތޯރިޓީގެ ލަފާ ހޯދުން؛

(ވ) މުއާހަދާގެ ޖަދުވަލުތަކަށް ގެނެވޭ އިސްލާހުތައް މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އާންމުކޮށް ށާއިއުކުރުން؛

(މ) މުއާހަދާއާގުޅ ގައުމީ އަދި ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމާއި ތަމްސީލުކުރުމުގެ އިންތިޒާމުހަމަޖެއްސުން؛

(ފ) މުއާހަދާއާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި، ހިންގައި، ތައުލީމާއި ތަމްރީނާއި މައުލޫމާތު ފޯރުކޮށްދިނުން؛

(ދ) މި ގާނޫނާ ހިލާފަށް ހިފައި ގެންގުޅޭ ދިރޭތަކެތީގެ ބާވަތްތައް، ނުވަތަ އެއިން އެއްޗެއްގެ ބައިތައް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުންތަކުގެ ތެރެއިން ތަންފީޒީ އިދާރާއިން ނަގާ ތަކެތި ބަހައްޓާނެ ހޯލްޑިންގ ފެސިލިޓީ ކަނޑައަޅައި، ހޯލްޑިންގ ފެސިލިޓީގައި ބަހައްޓާ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް ކަނޑައެޅުމާއި، ކަނޑައަޅާފައިވާ ގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން؛

(ތ) މުއާހަދާގެ ދަށުން މެނޭޖްމަންޓް އޮތޯރިޓީން ކުރުމަށް ކަނޑައަޅާފައިވާ އެނޫންވެސް ކަންކަން ކުރުން؛ އަދި

(ލ) މި ގާނޫނުގެ ދަށުން ހަދަން ޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ހަދައި، ހިންގުން.

 

8 ވަނަ މާއްދާ - އަވަސްކަމާއެކު އިޖުރާއަތުތައް ފުރިހަމަކުރުން

މި ގާނޫނު އެ މައްޗަށް ހިނގާ އެއްވެސް އެއްޗެއްގެ ވިޔަފާރިއާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭޭ އިޖުރާއަތުތައް އެކަށީގެންވާ އަވަސްމިނެއްގައި ފުރިހަމަކުރެވޭނެ ނިޒާމެއް މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ސައިންޓިފިކް އޮތޯރިޓީ

މި ގާނޫނުގެ ބޭނުމަށްޓަކައި، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ސައިންޓިފިކް އޮތޯރިޓީ އެކުލެވިގެންވަނީ އަންނަނިވި އިދާރާތަކުގެ މައްޗަށެވެ.

(ހ) މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ؛ އަދި

(ށ) އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީ.

 

10 ވަނަ މާއްދާ - ސައިންޓިފިކް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ސައިންޓިފިކް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ 2 ގައި ބަޔާންކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް އެކްސްޕޯޓްކުރުމުގެ ސަބަބުން އެ ތަކެތީގެ އާބާދީއަށާއި މާހައުލަށް ލިބިދާނެ ގެއްލުންތައް ދިރާސާކުރުމަށްފަހު މެނޭޖްމަންޓް އޮތޯރިޓީއަށް ލަފާދިނުން؛

(ށ) އިމްޕޯޓްކުރެވޭ އެއްޗަކީ މުއާހަދާގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއްނަމަ، އެ އެއްޗެއް އިމްޕޯޓްކުރުމުގެ ސަބަބުން އެ ތަކެތީގެ ގުދުރަތީ އާބާދީއަށް ނޭދެވޭ ބަދަލެއް އަތުވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި މެނޭޖްމަންޓް އޮތޯރިޓީއަށް އެކަމާގުޅޭ ލަފާދިނުން؛

(ނ) މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް އިމްޕޯޓްކުރާ ފަރާތަކީ އެފަދަ ދިރުމެއް ގެންގުޅުމުގެ ގާބި ލުކަމާއި ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ލިބިފައިވާ ފަރާތެއްކަން ބަލައި އެކަން މެނޭޖްމަންޓް އޮތޯރިޓީއަށް އެންގުން؛

(ރ) މި ގާނޫނާ ހިލާފުވުމުގެ ސަބަބުން ތަންފީޒީ އިދާރާއިން ނަގާ ދިރޭ ތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ނައްތާލުމުގައި މެނޭޖްމަންޓް އޮތޯރިޓީއަށް ލަފާދިނުން؛

(ބ) މުއާހަދާގެ ދަށުން ކޮންމެ އަހަރަކު ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަށް ހުއްދަ ދެވޭނެ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއްގެ ކޯޓާ ކަނޑައެޅުމުގައި މެނޭޖްމަންޓް އޮތޯރިޓީއަށް ލަފާދިނުން؛

(ޅ) ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށްޓަކައި މުހިންމު މައްސަލަތަކާމެދު މެނޭޖްމަންޓް އޮތޯރިޓީއަށް ލަފާދިނުން؛ އަދި

(ކ) މުއާހަދާގެ ދަށުން ސައިންޓިފިކް އޮތޯރިޓީން ކުރުމަށް ކަނޑައަޅާފައިވާ އެހެން ކަންކަން ކުރުން.

 

11 ވަނަ މާއްދާ - އެންފޯސްމަންޓް އޮތޯރިޓީ

މި ގާނޫނުގެ ބޭނުމަށްޓަކައި، އެންފޯސްމަންޓް އޮތޯރިޓީއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއެވެ.

 

12 ވަނަ މާއްދާ - އެންފޯސްމަންޓް އޮތޯރިޓީގެ ބާރުތަކާއި ޒިންމާ

(ހ) މި ގާނޫނު އެ މައްޗަށް ހިނގާ އެއްވެސް އެއް ޗެއް ދިވެހިރާއްޖޭގެ އެއްވެސް ބައިނަލްއަގްވާމީ ބަނދަރެއްގައި ވާހާހިނދަކު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނާއި ގަވާއި ދުތަކާ އެއްގޮތްވާ ގޮތުގެމަތިން ބަނދަރު ހިންގާ ފަރާތުން ބަލަހައްޓަންވާނެއެވެ.

(ށ) އެންފޯސްމަންޓް އޮތޯރިޓީގެ އޮފިސަރަކަށް މި ގާނޫނާ ހިލާފު ކަމެއް ހިނގާކަމަށް ށައްކުކުރެވޭ ހާލަތެއްގައި، އެކަމާ ގުޅުންހުރި ތަކެތި ހިފަހައްޓައި އެ އިދާރާއެއްގެ ބެލުމުގެދަށަށް ގެނައުމުގެ ބާރު ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ ދަށުން ކުރުން މަނާކޮށްފައިވާ ކަމަކާ ގުޅުންހުރި އެއްޗެއް ނުވަތަ ހެއްކެއް ހިފަހައްޓައި އެންފޯސްމަންޓް އޮތޯރިޓީގެ ބެލުމުގެދަށަށް ގެނައުމުގެ އިހްތިޔާރު އެ އޮތޯރިޓީގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ރ) މި ގާނޫނުގައި ހިމެނޭ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް މި ގާނޫނާ ހިލާފަށް ގެންގުޅޭ ކަމުގެ އެކަށީގެންވާ ހެކި ހުރި ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ތަނެއް ނުވަތަ އުޅަނދެއް ނުވަތަ އެކަމާ ގުޅުންހުރިމީހުން ބަލައި ފާސްކުރުމުގެ އިހްތިޔާރު، އެންފޯސްމަންޓް އޮތޯރިޓީގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ބ) މި ގާނޫނުގައި ހިމެނޭ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް މި ގާނޫނާ ހިލާފަށް ގެންގުޅޭ ކަމަށް ނުވަތަ އެއިން އެއްޗެއްގެ ވިޔަފާރިކުރާކަމަށް ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް، ށައްކުކުރެވޭ ހާލަތްތަކުގައި އެ ތަކެތި ބަލައި ފާސްކުރުމުގެ އިހްތިޔާރު އެންފޯސްމަންޓް އޮތޯރިޓީގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއްގެ ރެކޯޑު ބަލައި ފާސްކުރުމުގެ އިހްތިޔާރު އެންފޯސްމަންޓް އޮތޯރިޓީގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ކ) މި ގާނޫނުގެ ދަށުން އެންފޯސްމަންޓް އޮތޯރިޓީން ހިންގާ ބަލައި ފާސްކުރުމެއްގެ ތެރޭގައި މަންޒަރު ނުވަތަ ސާމްޕަލް ނުވަތަ ކަމާ ގުޅުންހުރި ތަކެތި ނެގުމުގެ އިހްތިޔާރު އެންފޯސްމަންޓް އޮތޯރިޓީގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބާބު

ދިރޭތަކެތީގެ ވިޔަފާރީގެ ށަރުތުތައް

 

13 ވަނަ މާއްދާ - އެކްސްޕޯޓްކުރުމުގެ ށަރުތުތައް

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ދިރޭތަކެތި އެކްސްޕޯޓްކުރުމުގައި، އެކްސްޕޯޓްކުރާ ފަރާތުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މި ގާނޫނުގެ ދަށުން ދިރޭތަކެތި އެކްސްޕޯޓްކުރާއިރު، އެކްސްޕޯޓް މުއާމަލާތުގައި ހިމެނޭ ފަރާތަކީ، ދިރޭތަކެތި އެކްސްޕޯޓްކުރުމުގެ ހުއްދަ ދައުލަތުގެ ކަމާބެހޭމުއައްސަސާއަކުން ދޫކޮށްފައިވާ ފަރާތަކަށްވުން؛
  2. މި ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އެކްސްޕޯޓްކުރާއިރު، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އެކްސްޕޯޓްކުރުމުގެ ހުއްދަ ލިބިފައިވުން؛ އަދި 
  3. މުއާހަދާގެ އެޕެންޑިކްސް III ގައި ބަޔާންކޮށްފައިވާ ދިރޭ ތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކީ ދިވެހިރާއްޖެއިން އެ ޖަދުވަލުގައި ހިމަނާފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއްނަމަ، މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަ ނުވަތަ ސެޓްފިކެޓް އޮފް އޮރިޖިން ހޯދާފައިވާ ފަރާތަކަށްވުން.
  4. (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ ދިރޭތަކެތީ ގެ ބާވަތްތަކާ ގުޅިގެން،  މެނޭޖްމަންޓް އޮތޯރިޓީން ހާއްސަ އުސޫލުތައް އެކުލަވާލައި، އެކްސްޕޯޓްކުރުމުގެ އިތުރު ށަރުތުތައް ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ނ) އެކްސްޕޯޓްކުރެވޭ ދިރޭތަކެއްޗަކީ ސިއްހީގޮތުން އެ ތަކެތީގައި ހުންނަންޖެހޭ ނެކަމަށް ސައިންޓިފިކް އޮތޯރިޓީން ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވެފައިވާ ތަކެތި ކަމުގައި ވާންވާނެއެވެ.

 

14 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ށަރުތުތައް

(ހ) މި ގާނޫނުގެ ދަށުން ދިރޭތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމުގައި އިމްޕޯޓްކުރާ ފަރާތާއި އިމްޕޯޓްކުރެވޭ ތަކެތީގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އިމްޕޯޓްކުރެވޭ ދިރޭތަކެތީގެ ބާވަތަކީ، ސިއްހީގޮތުން އެ ތަކެތީގައި ހުންނަންޖެހޭ ނެކަމަށް ސައިންޓިފިކް އޮތޯރިޓީން ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވެފައިވާ ތަކެތި ކަމުގައިވުން؛
  2. އިމްޕޯޓްކުރެވޭ ދިރޭތަކެތީގެ ބާވަތަކީ، ސައިންޓިފިކް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގައުމުތަކުން އެތެރެކުރެވޭ ތަކެތި ކަމުގައިވުން؛
  3. ދިވެހިރާއްޖެއަށް ދިރޭތަކެތި އިމްޕޯޓްކުރުމުގައި، އިމްޕޯޓްކުރަނީ ޖަނަވާރެއްނަމަ، އެ ޖަނަވާރަކީ އެކްސްޕޯޓް ކުރެވޭ ގައުމުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ސްޓޭޓް ވެޓިނަރީ ސެޓްފިކެޓެއް އޮތް ޖަނަވާރަކަށްވުން؛
  4. ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ދިރޭތަކެތީގައި ހުންނަންޖެހޭ ކަމަށް އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ށަރުތެއް ކަނޑައަޅާފައިވާނަމަ، ނުވަތަ ވަކި ހުއްދައެއް އޮތުން ލާޒިމުކުރާނަމަ، އެ ށަރުތެއް ފުރިހަމަވުމާއެކު، އެ ގާނޫނެއް ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވާ ށަރުތުތަކެއްގެ މަތިން ދޫކުރެވޭ ވަކި ހުއްދައެއް އޮތުން؛
  5. ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ދިރޭތަކެތީގެ ބާވަތަކީ، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެއްޗެއްނަމަ، ދިވެހިރާއްޖޭގެ މެނޭޖްމަންޓް އޮތޯރިޓީން ދޫކޮށްފައިވާ އިމްޕޯޓް ހުއްދައާއި އެކްސްޕޯޓްކުރާ ގައުމުގެ މެނޭޖްމަންޓް އޮތޯރިޓީން ދޫކޮށްފައިވާ އެކްސްޕޯޓް ހުއްދަ ނުވަތަ ރީއެކްސްޕޯޓް ހުއްދަ ލިބިފައިވާ ފަރާތަކަށްވުން؛
  6. މި ގާނޫނުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިރޭތަކެތީގެ ބާވަތެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ފަރާތަކީ، އެކްސްޕޯޓްކުރާ ގައުމުގެ މެނޭޖްމަންޓް އޮތޯރިޓީން ދޫކޮށްފައިވާ އެކްސްޕޯޓް ހުއްދަ ނުވަތަ ރީއެކްސްޕޯޓް ހުއްދަ ލިބިފައިވާ ފަރާތަކަށްވުން؛
  7. މި ގާނޫނުގެ ޖަދުވަލު 3 ގައި ހިމަނާފައިވާ އެއްޗެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާއިރު، އެ އެއްޗެއް އެކްސްޕޯޓްކުރި ގައުމަކީ އެ އެއްޗެއް މުއާހަދާގެ އެޕެންޑިކްސް III ގައި ހިމަނާފައިވާ ގައުމެއްނަމަ، އެ އެއްޗަކަށް އެ ގައުމުން ދޫކޮށްފައިވާ އެކްސްޕޯޓް ހުއްދަ ނުވަތަ ސެޓްފިކެޓް އޮފް އޮރިޖިން ނުވަތަ އެ ގައުމަކީ އެ އެއްޗެއް ރީއެކްސްޕޯޓްކުރާ ގައުމު ކަމުގައިވާނަމަ، ރީއެކްސްޕޯޓްކުރާ ގައުމުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އޮރިޖިން އޮތުން؛ އަދި
  8. މި ގާނޫނުގެ ޖަދުވަލު 1 ،2 އަދި 3 ގައި ހިމެނޭ އެއްޗެއް އިމްޕޯޓްކުރާނަމަ، އެ އެއްޗަކީ ދިވެހިރާއްޖޭގެ އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އިމްޕޯޓްކުރުން މަނާކޮށްފައިވާ އެއްޗެއް ކަމުގައިނުވުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ދިރޭތަކެތީގެ ބާވަތްތަކާ ގުޅިގެން، މެނޭޖްމަންޓް އޮތޯރިޓީން ހާއްސަ އުސޫލުތައް އެކުލަވާލައި، އިމްޕޯޓް ކުރުމުގެ އިތުރު ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

15 ވަނަ މާއްދާ - ރީއެކްސްޕޯޓްކުރުމުގެ ށަރުތުތައް

(ހ) މި ގާނޫނުގެ ދަށުން، ދިރޭތަކެތި ދިވެހިރާއްޖެއިން ރީއެކްސްޕޯޓް ކުރުމުގައި، ރީއެކްސްޕޯޓްކުރާ ފަރާތާއި، ރީއެކްސްޕޯޓް ކުރެވޭ ތަކެތީގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިރޭތަކެތި ރީއެކްސްޕޯޓްކުރާއިރު، އެކްސްޕޯޓް މުއާމަލާތުގައި ހިމެނޭ ފަރާތަކީ، ދިރޭތަކެތި ރީއެކްސްޕޯޓްކުރުމުގެ ހުއްދަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ފަރާތަކަށްވުން؛
  2. ދިރޭތަކެތި ދިވެހިރާއްޖެއިން ރީއެކްސްޕޯޓްކުރުމުގައި، ވަކި ހާއްސަ ގާނޫނެއްގައި ވަކި ށަރުތުތަކެއް ކަނޑައަޅާފައިވާނަމަ، ނުވަތަ ވަކި ހުއްދައެއް އޮތުން ލާޒިމުކޮށްފައިވާނަމަ، އެ ށަރުތުތައް ފުރިހަމަވެފައިވުމާއެކު އެ ހުއްދަ އޮތުން؛ އަދި 
  3. މި ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޮށްފައި ވާ ދިރޭ ތަކެތި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ދިވެހިރާއްޖެއިން ރީއެކްސްޕޯޓްކުރާ ފަރާތަކީ، މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރީއެކްސްޕޯޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.

(ށ) މި މާއްދާގެ (ހ) ގަ އި އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއިން ރީއެކްސްޕޯޓްކުރެވޭ ދިރޭތަކެތީ ގެ ބާވަތްތަކާ ގުޅިގެން، މެނޭޖްމަންޓް އޮތޯރިޓީން ހާއްސަ އުސޫލުތައް އެކުލަވާލައި، އެކްސްޕޯޓްކުރުމުގެ އިތުރު ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

16 ވަނަ މާއްދާ - ކަނޑުން އެތެރެކުރުމުގެ ށަރުތުތައް

(ހ) ދިވެހިރާއްޖެއަށް އެއްވެސް ދިރޭއެއްޗެއް ކަނޑުން އެތެރެކުރުމުގައި، އެތެރެކުރާ ފަރާތާއި، ކަނޑުން އެތެރެކުރެވޭ ތަކެތީގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހިރާއްޖެއަށް ކަނޑުން ދިރޭތަކެތި އެތެރެކުރުމުގައި، ފުރިހަމަވާންޖެހޭ ކަމަށް ކަމާގުޅޭ ވަކި ހާއްސަ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، އެއިން އެއްޗެއް ކަނޑުން އެތެރެކުރާ ފަރާތުގެ ކިބައިގައި ވަކި ހާއްސަ ހުއްދައެއް އޮތުން ލާޒިމުކޮށްފައި ވާނަމަ، އެފަރާތަކީ އެ ހުއްދަ އޮތް ފަރާތަކަށްވުން؛ އަދި 
  2. މި ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ދިރޭތަކެތި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ކަނޑުން އެތެރެކުރާ ފަރާތަކީ، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަނޑުން އެތެރެކުރުމާބެހޭ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއަށް ކަނޑުން އެތެރެވާ ދިރޭތަކެތީގެ ބާވަތްތަކާ ގުޅިގެން، މެނޭޖްމަންޓް އޮތޯރިޓީން ހާއްސަ އުސޫލުތައް އެކުލަވާލައި، ކަނޑުން އެތެރެކުރުމުގެ އިތުރު ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

ފަސްވަނަ ބާބު

އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމާއި ކަނޑުން އެތެރެކުރުމުގެ ހުއްދައާގުޅ އުސޫލުތައް

 

17 ވަނަ މާއްދާ - އެކްސްޕޯޓްކުރުމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް

(ހ) މި ގާނޫނުގެ ޖަދުވަލު 1 ،2 އަދި 3 ގައި ހިމެނޭ އެއްޗެއް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

  1. އެ އެއްޗެއް ހޯދާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންވުމާއެކު، އެ އެއްޗެއް އެކްސްޕޯޓްކުރުން ދިވެހިރާއްޖޭގެ އެހެން އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން މަނާކޮށްފައި ނެތުން؛
  2. މި ގާނޫނުގެ ދަށުން ދިރޭތަކެތި އެކްސްޕޯޓްކުރެވެނީ އެންމެ ފަހުގެ "ސައިޓީސް ގައިޑްލައިން ފޯ ނޮން އެއާރ ޓްރާންސްޕޯޓް އޮފް ލައިވް ވައިލްޑް އެނިމަލްސް އެންޑް ޕްލާންޓްސް" އާއި "ލައިވް އެނިމަލްސް ރެގިއުލޭށަން" އާއި "ޕެރިށަބަލް ކާގޯ ރެގިއުލޭށަން އޮފް ދަ އިންޓަރނޭށަނަލް އެއާރ ޓްރާންސްޕޯޓް އެސޯސިއޭށަން" އާ އެއްގޮތްވާ ގޮތުގެމަތިންކަން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންވުން؛
  3. މި ގާނޫނުގައި ހިމެނޭ ދިރޭއެއްޗެހި އެކްސްޕޯޓްކުރާނަމަ އެ އެއްޗެއް އެކްސްޕޯޓްކުރުމަށް ހަމަޖައްސާފައިވަނީ، އެ އެއްޗެއްގެ ސިއްހަތަށް ލިބިދާނެ ގެއްލުމުން ސަލާމަތްކުރުވޭނެ ގޮތަށް އަދި އެ އެއްޗަކާމެދު އިހާނެތިގޮތަކަށް އަމަލުނުކުރެވޭނެ ގޮތަކަށް ބޭރުކުރެވޭނެކަން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންވުން؛
  4. މި ގާނޫނުގެ ޖަދުވަލު 1 ނުވަތަ 2 ގައި ބަޔާންކޮށްފައިވާ އެއްޗެއް އެކްސްޕޯޓްކުރުމުގެ ސަބަބުން އެ އެއްޗެއްގެ ގުދުރަތީ އާބާދީއަށް ގެއްލުމެއް ނުލިބޭނެކަން ޔަގީންކޮށް ސައިންޓިފިކް އޮތޯރިޓީން މެނޭޖްމަންޓް އޮތޯރިޓީއަށް އަންގާފައިވުން؛ އަދި 
  5. މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެއްޗެއްނަމަ އެ އެއްޗެއް ގެންދިއުމަށް ގަސްދުކޮށްފައިވާ ގައުމުން ދޫކޮށްފައިވާ އިމްޕޯޓް ހުއްދަ ލިބިފައިވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ އެކްސްޕޯޓްކުރުމުގެ ހުއްދަ ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ، ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެކްސްޕޯޓްކުރުމުގެ ހުއްދަ ދޫކުރުމުގައި ބަލާނެ އިތުރު ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް

(ހ) މި ގާނޫނުގެ ދަށުން ޖަދުވަލު 1 ގައި ހިމެނޭ އެއްޗެއް އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

  1. އެ އެއްޗެއް އިމްޕޯޓްކުރުމުގެ ސަބަބުން އެ އެއްޗެއްގެ ގުދުރަތީ އާބާދީއަށް ގެއްލުމެއް ނުލިބ ނެކަން ޔަގީންކުރުމާއި، އިމްޕޯޓްކުރާ އެއްޗަކީ ދިރޭއެއްޗެއްނަމަ އިމްޕޯޓްކުރާ ފަރާތަކީ، އެފަދަ ތަކެތި ގެންގުޅުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެފަދަ ތަކެތި ގެންގުޅުމުގެ ފުރިހަމަ ގާބިލުކަންހުރި ފަރާތެއްކަން ސައިންޓިފިކް އޮތޯރިޓީން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންކޮށްދީފައިވުން؛ އަދި 
  2. އިމްޕޯޓްކުރެވޭ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކީ ވިޔަފާރީގެ ބޭނުމުގައި އިމްޕޯޓްކުރެވޭ އެއްޗެއް ނޫންކަން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންވުން.

(ށ) މި ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކަށް މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ އިމްޕޯޓް ހުއްދަ ދޫކުރެވޭނެެ އެންމެ ދިގު މުއްދަތަކީ، ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރުމުގައި ބަލާނެ އިތުރު ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ރީއެކްސްޕޯޓްކުރުމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް

(ހ) މި ގާނޫނުގެ ދަށުން ރީއެކްސްޕޯޓްކުރުމުގެ ހުއްދަދެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

  1. އިމްޕޯޓްކޮށްފައިވާ ދިރޭތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިމްޕޯޓްކޮށްފައިވާ އެއްޗެއްކަން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންވުން؛
  2. މި ގާނޫނުގެ ދަށުން ދިރޭތަކެތި، ރީއެކްސްޕޯޓްކުރެވޭނީ އެންމެ ފަހުގެ "ސައިޓީސް ގައިޑްލައިން ފޯ ނޮން އެއާރ ޓްރާންސްޕޯޓް އޮފް ލައިވް ވައިލްޑް އެނިމަލްސް އެންޑް ޕްލާންޓްސް" އާއި "ލައިވް އެނިމަލްސް ރެގިއުލޭށަން" އާއި "ޕެރިށަބަލް ކާގޯ ރެގިއުލޭށަން އޮފް ދަ އިންޓަރނޭށަނަލް އެއާރ ޓްރާންސްޕޯޓް އެސޯސިއޭށަން" އާ އެއްގޮތްވާ ގޮތުގެމަތިންކަން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންވުން؛
  3. މި ގާނޫނުގެ ދަށުން ހިމެނޭ ދިރޭއެއްޗެހި ރީއެކްސްޕޯޓްކުރާނަމަ، އެ އެއްޗެއް ރީއެކްސްޕޯޓްކުރުމަށް ހަމަޖައްސާފައިވަނީ އެ އެއްޗެއްގެ ސިއްހަތަށް ލިބިދާނެ ގެއްލުމުން ސަލާމަތްކުރުވޭނެ ގޮތަށް އަދި އެ އެއްޗަ ކާމެދު އިހާނެތި ގޮތަކަށް އަމަލުނުކުރެވޭނެެ ގޮތަކަށް ބޭރުކުރެވޭނެެކަން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންވުން؛ އަދި 
  4. މި ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ އެއްޗެއްނަމަ އެ އެއްޗެއް އިމްޕޯޓްކުރަން ކަނޑައެޅިފައިވާ ގައުމުގެ މެނޭޖްމަންޓް 
    އޮތޯރިޓީން އެ ގައުމަށް އެ އެއްޗެއް އިމްޕޯޓްކުރުމުގެ ހުއްދަދީފައިވާކަން މެނޭޖްމަންޓް އޮތޯރިޓީއަށް ޔަގީންވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ރީއެކްސްޕޯޓް ހުއްދަ ދޫކުރެވޭނެެ އެންމެ ދިގު މުއްދަތަކީ، ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ރީއެކްސްޕޯޓް ހުއްދަ ދޫކުރުމުގައި ބަލާނެ އިތުރު ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ކަނޑުން އެތެރެކުރުމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް

(ހ) މި ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ އެއްޗެއް ކަނޑުން އެތެރެކުރުމަށް ހުއްދަދެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

  1. ކަނޑުން އެތެރެކުރުމުގެ ސަބަބުން، އެއްވެސް ދިރުމެއްގެ ނަސްލަށް ގެއްލުމެއް ނުވާނެކަން ސައިންޓިފިކް އޮތޯރިޓީން ލަފާދީފައިވުން؛ އަދި 
  2. މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދިރޭއެއްޗެއްނަމަ، އެ އެއްޗަކީ ވިޔަފާރީގެ ބޭނުމުގައި ގެނެވޭ އެއްޗަކަށް ނުވުމާއެކު، އެ އެއްޗެއް ގެންގުޅުމުގެ ގާބިލުކަން ގެންނަ ފަރާތުގައި ހުރިކަން މެނޭޖްމަންޓް އޮތޯރިޓީއަށް ކަށަވަރުވުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކަނޑުން އެތެރެކުރުމުގެ ހުއްދަ ދޫކުރުމުގައި ބަލާނެ އިތުރު ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ހުއްދަ ދޫކުރުމާ ގުޅޭގޮތުން މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިދޭ އިތުރު ބާރުތައް

(ހ) މެނޭޖްމަންޓް އޮތޯރިޓީން ހުއްދައެއް ދޫކުރުމުގެ ކުރިން، އޮތޯރިޓީން ހޯދަން ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ހުއްދައަށް އެދޭ ފަރާތަށް އެންގިދާނެއެވެ.

(ށ) މެނޭޖްމަންޓް އޮތޯރިޓީން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދިނުމަށް ނުވަތަ ހުއްދަ ނުދިނުމަށް ނުވަތަ ކަނޑައެޅ ށަރުތުތަކަކާއެކު ހުއްދަ ދިނުމަށް ނިންމިދާނެއެވެ.

(ނ) މެނޭޖްމަންޓް އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައަކީ ސައްހަނޫން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ދޫކޮށްފައިވާ ހުއްދައެއް ކަމަށް ފަހުން ސާބިތުވެއްޖެނަމަ އެ ހުއްދަ ބާތިލުވާނެއެވެ.

(ރ) ދިރޭއެއްޗެހީގެ ތެރެއިން ޓްރެވެލިންގ ޒޫ، ސަރކަސް، މެނާޖެރީ، ގަސްގަހާގެހީގެ މައުރަޒު ނުވަތަ އެހެނިހެން މައުރަޒުތަކުގައި ގެންގުޅޭ ދިރޭއެއްޗެއްސާމެދު އަމަލުކުރާނެ ހާއްސަ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ހުއްދައާބެހޭ ކަންކަމުގައި ގަވާއިދު ހެދުން

މި ގާނޫނުގެ މި ބާބުގެ ދަށުން ދޫކުރެވޭ އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް ހުއްދައާއި ކަނޑުން އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނެ ގޮތާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ހުއްދަ އާކުރުމާއި ހުއްދަ ދޫކުރުމުގައި އަމަލުކުރެވޭނެެ ގޮތުގެ ތަފްސީލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ހަވަނަ ބާބު

ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުން

 

23 ވަނަ މާއްދާ - ރަޖިސްޓަރީކުރުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ކަނޑައެޅ ތަކެތި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފޯމާއި، ރަޖިސްޓަރީކުރުމުގެ ށަރުތުތަކާއި، ރަޖިސްޓަރީގައި ހިމަނަންވާ ބައިތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ އެއްވެސް އެއްޗެއްގެ ވިޔަފާރިކުރަން އެދޭ ފަރާތްތަކުން މެނޭޖްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މި ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ އެއްވެސް އެއްޗެއްގެ ވިޔަފާރިކުރާ ފަރާތްތަކުން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މެނޭޖްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ރ) މި ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ ދިރޭތަކެތީގެ ތެރެއިން ބަންދުކޮށްގެން ގެންގުޅެ ބޮޑުކޮށްފައިވާ ދިރޭތަކެއްޗާއި، އާޓިފިށަލްކޮށް ހައްދާފައިވާ ގަސްގަހާގެހީގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތައް މެނޭޖްމަންޓް އޮތޯރިޓީ މެދުވެރިކޮށް މި މުއާހަދާގެ ސެކްރެޓޭރިއަޓްގައި ރަޖިސްޓަރީކުރަންޖެހޭ ނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދިރޭތަކެތި ގެންގުޅޭ ފަރާތްތަކުން އެ ތަކެތީގެ ރެކޯޑު ބަލަހައްޓަންވާނެއެވެ. އަދި އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް، މެނޭޖްމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެފަދަ ތަކެތި ހުރި ތަނެއް ބަލައި ފާސްކުރުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ޅ) އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް، މެނޭޖްމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި މި ގާނޫނުގެ ޖަދުވަލު 2 އަދި 3 ގައި ބަޔާންކޮށްފައިވާ ދިރޭތަކެތި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް އެއީ ހާއްސަ ހުއްދައެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ނޫނީ ގެންގުޅެ އާލާ ނުކުރެވޭނެެ ތަކެތި ކަމުގައި ނުވަތަ އާޓިފިށަލްކޮށް ނުހެއްދ ނެ ތަކެތި ކަމުގައި ކަނޑައެޅިދާނެއެވެ.

(ކ) ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއެއްގެ ށަރުތެއް އުނިވެއްޖެނަމަ، އެކަމެއް އިސްލާހުކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތުގެ ތެރޭގައި، އެ ވިޔަފާރިއަކުން އެކަމެއް އިސްލާހު ނުކޮށްފިނަމަ އެފަދަ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(އ) މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދިރޭއެއްޗެއް ގެ ވިޔަފާރިކުރެވޭނީ އެ ދިރޭއެއްޗަކީ މި މުއާހަދާގެ ސެކްރެޓޭރިއަޓްގައި ރަޖިސްޓަރީކޮށްފައިވާ ފެސިލިޓީއެއްގައި ވިހާ ގެންގުޅެފައިވާ އަދި އެ އެއްޗެއް ފާހަގަވާނެ ގޮތަށް ދާއިމީ ފާހަގައެއް ޖަހާފައިވާ އެއްޗެއްނަމަ އެކަންޏެވެ.

 

ހަތްވަނަ ބާބު

ޓްރާންސިޓާއި ޓްރާންސްށިޕްމަންޓާގުޅ އުސޫލުތަކާއި އިސްތިސްނާ

 

24 ވަނަ މާއްދާ - ޓްރާންސިޓާއި ޓްރާންސްށިޕް މަންޓް

(ހ) މި ގާނޫނުގެ ޖަދުވަލު 1 ،2 ނުވަތަ 3 ގައި ހިމެނޭ އެއްޗެހީގެ ތެރެއިން ޓްރާންސިޓާއި ޓްރާންސްށިޕްމަންޓްގައިވާ ދިރޭތަކެތި، އަދި އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކަށް، މި ގާނޫނުގެ ދަށުން އިތުރު ހުއްދައެއް ބޭނުމެއް ނުވާނެއެވެ.

(ށ) ޓްރާންސިޓާއި ޓްރާންސްށިޕްމަންޓްގައި ބެހެއްޓ ތަކެތި ހުންނަންވާނީ އަދި އެފަދަ ތަކެއްޗާމެދު އަމަލުކުރާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އަދި ކަމާގުޅޭ އެހެން އިދާރާތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) އެންފޯސްމަންޓް އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި ޓްރާންސިޓާއި ޓްރާންސްށިޕްމަންޓްގައި ބެހެއްޓިފައި ހުންނަ ތަކެތި ބަލައި ފާސްކުރުމާއި، އެ ތަކެއްޗާއެކު ހުށަހަޅާފައިވާ ހުއްދައިގެ ސައްހަކަން ޔަގީންކުރުމުގެ އިހްތިޔާރު އެ އޮތޯރިޓީއަކަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - މުއާހަދާގައި ހިމެނުމުގެ ކުރިން ކޮށްފައިވާ މުއާމަލާތް

މުއާހަދާގެ އެޕެންޑިކްސް I ،އެޕެންޑިކްސް II ،އަދި އެޕެންޑިކްސް III ގައި ހިމެނޭ ތަކެތީގެ ތެރެއިން، މުއާހަދާގައި އެ ތަކެތި ހިމެނުމުގެ ކުރިން ކޮށްފައިވާ ވިޔަފާރިއާއި އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްކޮށްފައިވާ ތަކެތީގެ މައްޗަކަށް މި ގާނޫނެއް ނުހިނގާނެއެވެ. އެހެންނަމަވެސް، މުއާހަދާގެ ތިން އެޕެންޑިކްސްގެ ތެރެއިން އެޕެންޑިކްސްއެއްގައި އެއްވެސް ދިރޭތަކެތީގެ ބާވަތެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ހިމެނިފައިވާނަމަ ނުވަތަ އަލަށް ހިމެނިއްޖެނަމަ އެކަމާ ގުޅޭގޮތުން އަމަލުކުރެވޭނީ މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

26 ވަނަ މާއްދާ - އަމިއްލަ ނުވަތަ ގޭބިސީގައި ބޭނުންކުރާ އެއްޗެހި

މި ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޮށްފައިވާ އެއްޗެހީގެ ތެރެއިން، އަމިއްލަ ބޭނުމަށާއި ގޭބިސީގެ ބޭނުމަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ، ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ނުވަތަ ރީއެކްސްޕޯޓްކުރާ ދިރުން ނެތް ތަކެތި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުންތަކަކީ މި ގާނޫނުން އިސްތިސްނާވާ އެއްޗެއްސެވެ.

 

27 ވަނަ މާއްދާ - ބަންދުކޮށްގެން ގެންގުޅޭ ތަނެއްގައި ވިހާ ގެންގުޅޭެ ބޮޑުކުރާ އަދި އާޓިފިށަލީ ހައްދާފައިވާ ތަކެތި

މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދިރޭތަކެތީގެ ތެރެއިން މުއާހަދާގެ ސެކްރެޓޭރިއަޓްގައި ރަޖިސްޓަރީކޮށްފައިވާ ބަންދުކޮށްގެން ދިރޭތަކެތި ގެންގުޅޭ ތަނެއްގައި ވިހާ ގެން ގުޅެ ބޮޑުކުރާ ނުވަތަ އާޓިފިށަލީ ހައްދާފައިވާ ތަކެތި ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާނަމަ، އެފަދަ ތަކެއްޗާމެދު އަމަލުކުރާނީ މުއާހަދާގެ އެޕެންޑިކްސް II ގައިވާ ދިރޭތަކެއްޗާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

28 ވަނަ މާއްދާ - ސައިންޓިފިކް އެކްސްޗޭންޖް

މުއާހަދާގެ ސެކްރެޓޭރިއަޓްގައި ރަޖިސްޓަރީކޮށްފައިވާ ސައިންޓިފިކް އިންސްޓިޓިއުށަނަކުން އެފަދަ އެހެން ސައިންޓިފިކް އިންސްޓިޓިއުށަނަކަށް ހަދިޔާގެ ގޮތުގައި ދޭ ނުވަތަ އަނބުރާ ދައްކާގޮތަށް ދޭ ނުވަތަ އެއްޗެއްގެ ބަދަލުގައި ދޭ ހާބޭރިއަމް ސްޕެސިމަން ނުވަތަ އާސާރީގޮތުން ހިއްކާ ރައްކާކޮށްފައިވާ ތަކެތި ނުވަތަ ދިރޭގަސްގަހާގެހީގެ ބައިތައް މި ގާނޫނުގެ ފަސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ހުއްދަތައް ނެގުމުން އިސްތިސްނާވެއެވެ. އެފަދަ ތަކެތީގައި މެނޭޖްމަންޓް އޮތޯރިޓީން ނުވަތަ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން ދޫކޮށްފައިވާ ލޭބަލެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

 

29 ވަނަ މާއްދާ - ޓްރެވެލިންގ އެގްޒިބިޓްސް

އިމްޕޯޓްކުރެވޭ ތަކެތީގެ ފުރިހަމަ ތަފްސީލު މެނޭޖްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާނަމަ ނުވަތަ އެ އެއްޗަކީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދީފައިވާ ހުއްދައެއްގެ ތެރޭގައި ހިމެނޭ އެއްޗެއްކަން ސާބިތުކޮށްދެވިއްޖެނަމަ، ނުވަތަ އެ ތަކެއްޗަކީ ރަޖިސްޓަރީކޮށްފައިވާ ބަންދުކޮށްގެން ގެންގުޅޭ ޖަނަވާރު ގެންގުޅޭ ތަނެއްގައި އުފަންވެ ގެންގުޅޭެ ބޮޑުކޮށްފައިވާ ތަކެތިކަން ސާބިތުކޮށްދެވިއްޖެނަމަ އަދި އެފަދަ ތަކެއްޗާމެދު އަމަލުކުރެވެނީ އިންސާފުވެރިކޮށްކަން މެނޭޖްމަންޓް އޮތޯރިޓީއަށް ކަށަވަރުވާނަމަ، ޓްރެވެލިންގ އެގްޒިބިޓްގެ ގޮތުގައި އެ ތަކެތި ގެނައުމަށް އެފަރާތެއް އިމްޕޯޓް، އެކްސްޕޯޓް ނުވަތަ ރީއެކްސްޕޯޓް ހުއްދަ ނެގުމުން އިސްތިސްނާވާނެއެވެ.

 

އަށްވަނަ ބާބު

ފައިސާއާއި މާލީ ކަންކަން

 

30 ވަނަ މާއްދާ - ފީއާއި އިތުރު ޗާޖްތައް

މި ގާނޫނުގެ ދަށުން މެނޭޖްމަންޓް އޮތޯރިޓީން ފޯރުކޮށްދ ހިދުމަތްތަކަށް ހިދުމަތުގެ ފީއެއް ނެގުމުގެ އިހް ތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން ނަގާ ހިދުމަތުގެ ފީގެ މިންވަރާއި ފީ ނެގުމާބެހޭ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ބަދަލުހޯދުން

(ހ) މި ގާނޫނުގައި ބަޔާންކުރާ ދިރޭއެއްޗެއް، މި ގާނޫނާ ހިލާފަށް އެތެރެކުރުމުގެ ސަބަބުން އެންފޯސްމަންޓް އޮތޯރިޓީން ނުވަތަ މެނޭޖްމަންޓް އޮތޯރިޓީން އެ ތަކެތި ނެގުމަށް ކުރަންޖެހޭ ހަރަދުތައް،އަދި އެ ތަކެތި ނެގުމާ ގުޅިގެން ހިނގާ ހަރަދުތައް، އެ ތަކެތި އެތެރެކުރި ފަރާތުން އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެންފޯސްމަންޓް އޮތޯރިޓީގެ ނުވަތަ މެނޭޖްމަންޓް އޮތޯރިޓީގެ ނިންމުން ނިންމާފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކޯޓަކުން ނިހާއީ ނިންމުމެއް ނިންމައިފިނަމަ މި މާއްދާގެ (ހ) ގެ ދަށުން ތަކެތި އެތެރެކުރި ފަރާތުން ދައްކާފައިވާ ފައިސާ އެފަރާތަށް އަނބުރާ ރައްދުކުރަންވާނެއެވެ.

 

ނުވަވަނަ ބާބު

ކުށާއި އަދަބު

 

32 ވަނަ މާއްދާ - ހުއްދައާ ނުލައި އެތެރެކުރުން

(ހ) މި ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭއެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް މި ގާނޫނުގެ ދަށުން ދޫކުރާ ހުއްދައަކާއެކު މެނުވީ އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމާއި، ކަނޑުން އެތެރެކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) މި ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭއެއްޗެއް، އަދި އެއިން ގެންގުޅުމާއި، ކޮންޓްރޯލްކުރުން 33އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ގާނޫނާ ހިލާފަށް އަމިއްލަ ބޭނުމަށް ގެންގުޅުމާއި، ކޮންޓްރޯލްކުރުމާއި، ވިއްކުމާއި، ވިއްކުމަށް މަސައްކަތްކުރުމާއި، އާންމުންނަށް ފެންނަ ތަންތާނގައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ފަރާތެއް 5،000 (ފަސްހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ކުށް ތަކުރާރު ކުރުން 

މި ގާނޫނާ ހިލާފު އަމަލެއް ތަކުރާރު ކޮށްފި ފަރާތެއް، އެ އަމަލެއް ތަކުރާރު ކުރި ކޮންމެ ފަހަރަކަށް އެ އަމަލަކަށް ކަނޑައެޅިފައިވާ ޖޫރިމަނާ އަދަދުގެ ދެގުނައަށްވާ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ - އަދަބު ކަނޑަ އަޅާފައިނުވާ ކުށްތައް

މި ގާނޫނުގައި އަދަބު ކަނޑައަޅާފައިނުވާ ކަންކަމުގައި މި ގާނޫނާ ހިލާފުވާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި އެކަމެއް ކުރާ ފަރާތް ނުވަތަ ފަރާތްތައް އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، 1،000 (އެއްހާސް) ރުފިޔާއާއި 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ޖިނާއީ ދައުވާ އުފުލުން

ވަކި ފަރާތަކުން މި ގާނޫނުގައި ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

37 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެތި ނެގުން

(ހ) މި ގާނޫނުގައި ހިމެނޭ ދިރޭއެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކީ ގާނޫނާ ހިލާފަށް ގެންގުޅޭ ތަކެތި ކަމުގައި ވާނަމަ، އެ އެއްޗެއް ނެގުމުގެ ބާރު އެންފޯސްމަންޓްއޮތޯރިޓީއަށާއި މެނޭޖްމަންޓް އޮތޯރިޓީއަށް ނުވަތަ އެފަރާތްތަކުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާ ގުޅިގެން އެ ކުށެއް ކުރުމަށް ގެންގުޅުނު ކޮށީގެ އިތުރުން ތަފާތު އާލާތްތަކާއި ތަކެތި ނެގުމުގެ ބާރު އެންފޯސްމަންޓް އޮތޯރިޓީއަށާއި މެނޭޖްމަންޓް އޮތޯރިޓީއަށް ނުވަތަ އެފަރާތްތަކުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން ނަގާ ތަކެތި ހޯލްޑިންގ ފެސިލިޓީގައި ބެހެއްޓުމަށްފަހު، ސައިންޓިފިކް އޮތޯރިޓީގެ މަށްވަރާއާއެކު، ގާނޫނާ ހިލާފަށް ވިޔަފާރިކޮށްގެން ނަގާ ތަކެތި ނައްތާލުމަށްޓަކައި މުއާހަދާގެ ދަށުން އެކުލަވާލާފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން އެ ތަކެއްޗާމެދު އަމަލުކުރެވޭނެެއެވެ.

 

38 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތި ނައްތާލުން

(ހ) ގާނޫނާ ހިލާފުވެގެން ހިފަހައްޓާ ނުވަތަ ނަގާ އެއްޗަކީ ދިރުމެއް ނެތް ތަކެތި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ކަމުގައިވާނަމަ، އެފަދަ އެއްޗެއް ނައްތާލާނީ މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެންފޯސްމަންޓްއޮތޯރިޓީން ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުންނެވެ. އަދިއެކަމަށް ހިނގާނެ ހަރަދަށް ޒިންމާވާނީ އެ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރި ނުވަތަ އެ އެއްޗެއް ގެންގުޅުނު ނުވަތަ އެ އެއްޗެއް ދިވެހިރާއްޖެއިން ބޭރުކުރަން އުޅުނު ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ނައްތާލަންވާނީ އެ އެއްޗެއް ނެގި ކަމުގެ ފުރިހަމަ މައުލޫމާތު މެނޭޖްމަންޓް އޮތޯރިޓީއާ ހިއްސާކުރުމަށްފަހުގައި، ސައިންޓިފިކް އޮތޯރިޓީގެ މަށްވަރާއާއެކު، އެންފޯސްމަންޓް އޮތޯރިޓީން ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުންނެވެ. އަދި އެ އޮތޯރިޓީން އެ އެއްޗެއް ނައްތާލެވުނު ގޮތް ފުރިހަމައަށް ރެކޯޑުކޮށް، އޭގެ ތަފްސީލު މެނޭޖްމަންޓް އޮތޯރިޓީއާ ހިއްސާކުރަންވާނެއެވެ.

(ނ) ގާނޫނާ ހިލާފުވެގެން ހިފަހައްޓާ ނުވަތަ ނަގާ އެއްޗަކީ ދިރުންހުރި އެއްޗެއް ކަމުގައިވާނަމަ، މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ، ގާނޫނާ ހިލާފުވުމުގެ ސަބަބުން ނަގާ ދިރޭތަކެއްޗާމެދު އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނޭޖްމަންޓް އޮތޯރިޓީން ވީ އެންމެ އަވަސް ފުރުސަތެއްގައި އެފަދަ އެއްޗެއް ނައްތާލުމުގެ ޕްލޭނާއި ނައްތާލުމުގައި އަމަލުކުރަންވީ ގޮތް ކަނޑައަޅަންވާނެއެވެ.

 

ދިހަވަނަ ބާބު

އެހެނިހެން

 

39 ވަނަ މާއްދާ - ހޯލްޑިންގ ފެސިލިޓީ

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު ވެގެން ހިފަހައްޓާ ނުވަތަ ނަގާ ތަކެތި، މި ގާނޫނުގެ 38 ވަނަ މާއްދާގައި ވާ ގޮތުގެމަތިން ނައްތާލެވުމާ ހަމައަށް، ނުވަތަ އެ ތަކެއްޗާމެދު އަމަލުކުރެވޭނެެ އެހެން އިންތިޒާމެއް ހަމަޖެހުމާ ހަމައަށް، ރައްކާތެރިކަމާއެކީ އެ ތަކެތި ބެލެހެއްޓުމަށްޓަކައި ބަހައްޓާނެ ހޯލްޑިންގ ފެސިލިޓީއެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެއެވެ.

(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވެގެން ހިފަހައްޓާ ނުވަތަ ނަގާ ތަކެތި، ނައްތާލުމާ ހަމައަށް ނުވަތަ އެ ތަކެއްޗާމެދު އަމަލުކުރެވޭނެެ އެހެން އިންތިޒާމެއް ހަމަޖެހުމާ ހަމައަށް، ރައްކާތެރިކަމާއެކީ އެ ތަކެތި ބެލެހެއްޓުމަށްޓަކައި، ހޯލްޑިންގ ފެސިލިޓީއަށް އެ ތަކެތި ގެންދަންވާނެއެވެ.

(ނ) ހޯލްޑިންގ ފެސިލިޓީގައި ރައްކާތެރިކަމާއެކީ ގެންގުޅުމަށްޓަކައި، ގެނެވޭ ދިރޭތަކެތި، ހޯލްޑިންގ ފެސިލިޓީއަށް ގެންގޮސް ބެލެހެއްޓުމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ އާންމު އިޖުރާއަތުތައް، މުއާހަދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

(ރ) ހޯލްޑިންގ ފެސިލިޓީގައި ބަހައްޓާފައިވާ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް ނިންމާނީ ސައިންޓިފިކް އޮތޯރިޓީއާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ މަށްވަރާގެ މަތިން މެނޭޖްމަންޓް އޮތޯރިޓީންނެވެ. އަދި އެ ނިންމުން ތަންފީޒުކުރާނީ އެ ފެސިލިޓީއެއް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ 
ފަރާތަކުންނެވެ.

 

40 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ޖަދުވަލުތައް

މި ގާނޫނުގައި ހިމެނޭ ތިން ޖަދުވަލަކީ، މި ގާނޫނުގެ ބައެކެވެ. އެ ތިން ޖަދުވަލުވެސް ކިޔަންވާނީ، މި ގާނޫނާ އެކުގައެވެ.

 

42 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

43 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާ" ނުވަތަ "މުއާހަދާ" ކަމަށް ބުނެފައި އެވަނީ، 1 ޖުލައި 1975 ގައި އަމަލުކުރަން ފަށާފައިވާ "ކޮންވެންށަން އޮން އިންޓަރނޭށަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީށީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" އަށެވެ.

(ށ) "އާޓިފިށަލްކޮށް ހައްދާފައިވާ ގަސްގަހާގެހި" ކަމަށް ބުނެފައި އެވަނީ، ކޮންޓްރޯލްކޮށްފައިވާ މާހައުލެއްގައި ހައްދާފައިވާ ގަސްގަހާގެއްސާއި، އޭގެ ބައިތަކަށެވެ.

(ނ) "ބަންދުކޮށްގެން ގެންގުޅޭ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، އެ ތަކެތީގެ ގުދުރަތީ މާހައުލުގެ ތެރޭގައި ނުހިމެނޭ އަދި އިންސާނުން އެ މާހައުލެއް ކޮންޓްރޯލްކޮށްފައިވާ މާހައުލެއްގައި ގަރުބަގަނެ އުފަންވެ އާލާވެ ބޮޑުވާ ދިރޭތަކެއްޗަށެވެ.

(ރ) "ސެޓްފިކެޓް އޮފް އޮރިޖިން" ކަމަށް ބުނެފައި އެވަނީ، ގައުމަކުން، މި ގާނޫނުގެ ޖަދުވަލު 3 ގައި ހިމަނާފައިވާ ދިރޭއެއްޗެހި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް އެ ގައުމަކުން އެކްސްޕޯޓްކުރަން ބަލާއިރު އެ އެއްޗަކީ އެ ގައުމު ނޫން އެހެން ގައުމަކުން (ޖަދުވަލު 3 ގައި ނުހިމަނާ ގައުމަކުން) އައިސްފައިވާ އެއްޗެއްނަމަ އެ އެއްޗެއްގެ އަސްލު އައިސްފައިވާ ގައުމު ސާބިތުކޮށްދ ލިޔުމަށެވެ.

(ބ) "މުއާހަދާގެ ސެކްރެޓޭރިއަޓް" ކަމަށް ބުނެފައި އެވަނީ، މުއާހަދާގެ 12 ވަނަ ބައިގައި ބަޔާންކުރާ މުއާހަދާގެ ކަންކަން ކުރުމަށް ހަވާލުކުރެވިފައިވާ ސެކްރެޓޭރިއަޓްއަށެވެ.

(ޅ) "އެންފޯސްމަންޓް އޮތޯރިޓީގެ އޮފިސަރ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަމާބެހޭ ކަސްޓަމްސް އޮފިސަރުންނަށެވެ.

(ކ) "އެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާޢްޖޭގެ ސަރަހައްދުން އެއްޗެއް ބޭރަށް ގެންދިޔުމަށެވެ.

(އ) "އިމްޕޯޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާޢްޖޭގެ ސަރަހައްދަށް އެއްޗެއް އެތެރެކުރުމަށެވެ.

(ވ) "ރީއެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިމްޕޯޓްކޮށްފައިވާ އެއްޗެއް، އޭގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް ގަވާއިދާ އެއްގޮތަށް ގެންދިޔުމަށެވެ.

(މ) "ކަނޑުން އެތެރެކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގައުމެއްގެ ގާނޫނީ އިމުގެ ތެރޭގައި ނުހިމެނޭ ކަނޑުގެ ސަރަހައްދަކުން ދިވެހިރާއްޖެއަށް އެތެރެކުރެވޭ، މުއާހަދާގެ އެޕެންޑިކްސްއެއްގައި ހިމެނޭ ކަނޑުގެ ދިރުމެއް، ނުވަތަ ދިރުމެއްގެ ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށެވެ.

(ފ) "ބައިނަލްއަގްވާމީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ކަސްޓަމްސްއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކުރެވޭ އިމްޕޯޓް، އެކްސްޕޯޓް، ނުވަތަ ރީއެކްސްޕޯޓް ނުވަތަ ކަނޑުން އެތެރެކުރުމަށެވެ.

(ދ) "ލޭބަލް" ކަމަށް ބުނެފައި އެވަނީ، މެނޭޖްމަންޓް އޮތޯރިޓީން ނުވަތަ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ފާހަގައަށެވެ.

(ތ) "ހުއްދަ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓް ކުރާ ނުވަތަ ކަނޑުން އެތެރެކުރާ ދިރޭއެއްޗެހި، އަދި އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކަށް ދޫކުރެވޭ ރަސްމީ ލިޔުމަށެވެ.

(ލ) "އަމިއްލަ ނުވަތަ ގޭބިސީގައި ބޭނުންކުރާ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރުދެއްގެ މިލްކިއްޔާތުގައިވާ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ދިރޭއެއްޗެހި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަށެވެ.

(ގ) "ސައިންޓިފިކް އިންސްޓިޓިއުށަން" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީ، ނުވަތަ ރިސަރޗްކުރާ މަރުކަޒު ނުވަތަ ސައިންޓިފިކް މިއުޒިއަމަށެވެ.

(ޏ) "ކަންޓްރީ އޮފް އޮރިޖިން" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅާފައިވާ ދިރޭއެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ނިސްބަތްވާ ގައުމަށެވެ.

(ސ) "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާޢްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށެވެ.

(ޑ) "ހާބޭރިއަމް ސްޕެސިމަން" ކަމަށް ބުނެފައި އެވަނީ، ލޭބަލްކުރެވިފައިވާ ނުވަތަ ޕްރިސާވްކުރެވިފައިވާ ގަސްގަހާގެހި ނުވަތަ އޭގެ ބަޔަކަށެވެ.

(ޒ) "ދިރޭތަކެތި" ނުވަތަ "ދިރޭއެއްޗެހި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ގަސްގަހާގެއްސާއި ޖަނަވާރަށާއި އެނޫންވެސް އެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ދިރޭތަކެއްޗަށެވެ.

 

މި ގާނޫނުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައި ފައިލުގައި ހިމެނިފައި

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-98)
  2. ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-13) އާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-97)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު