-

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-103)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 އޮކްޓޫބަރު 2024 ގައި)

އެއްވަނަ ބާބު

އިބްތިދާއ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ،، ދިވެހިރާއްޖޭގައި މަސައްކަތްތެރީން މަސައްކަތްކުރާ މާހައުލުގެ ސަލާމަތާއި، މަސައްކަތްތެރީންގެ ސިއްހީ ރައްކައުތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމާއި ފިޔަވަޅުއަޅަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ކަންކަން ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ) ގެ 73 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ގޮތުން ރައްކައުތެރި މާހައުލެއް ކަށަވަރުކުރުމާއި، އެފަދަ ފަހި ދުޅަހެޔޮ މާހައުލެއް ކަށަވަރުކުރުމަށް ޓަކައި އެކިފަރާތްތަކާ މަތިކުރެވޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ލިޔެ ބަޔާންކޮށް، އެ ފަރާތްތައްޖަވާބުދާރ ކުރެވޭނެ ނިޒާމެއް އެކަށައެޅުމާއި، ކަންކަން ނިންމުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު މަސައްކަތްތެރީންނަށް ހޯދައިދިނުމާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ހާދިސާތަކާ ގުޅިގެން ހޯދައިދޭންޖެހޭ ބަދަލު ހޯދައިދިނުމާއި، މިފަދަ ކަންކަމަށް އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރުމާއި، އެފަދަ ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ތަންފީޒުކުރާނީ، ލޭބަރ ރިލޭށަންސް އޮތޯރިޓީންނެވެ. 

 

 

ދެވަނަ ބާބު

ހެލްތު އެންޑް ސޭފްޓީީ ޕޮލިސީީ

 

4 ވަނަ މާއްދާ - ސިއްހަތާއި ރައްކައުތެރިކަމުގެ ސިޔާސަތު އެކުލަވައިލުން

(ހ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ ތަންތަނާއި އެ ތަންތަނުގެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބަޔާންކޮށްފައިވާ "ހެލްތު އެންޑް ސޭފްޓީީ ޕޮލިސީީ " ނުވަތަ ސިއްހަތާއި ރައްކައުތެރިކަމުގެ ސިޔާސަތު އެކަށައަޅައި، މަސައްކަތްކުރާ ތަން ހިންގާ ފަރާތުން މަސައްކަތްތެރީންނަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޔާސަތު، މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ "ހެލްތު އެންޑް ސޭފްޓީީ ޕޮލިސީީ "އާ ގުޅޭ އުސޫލ،ު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި އާންމުކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިއްހަތާއި ރައްކައުތެރިކަމުގެ ސިޔާސަތު އެންމެހައި މަސައްކަތްތެރީންނާއި ތަނުގެ އެހެނިހެން ފަރާތްތަކަށް ފަސޭހަކަމާއެކު ފެންނާނޭހެން ބަހައްޓަންވާނެއެވެ.

(ރ) ސިއްހަތާއި ރައްކައުތެރިކަމުގެ ސިޔާސަތު، ތަނުގައި މަސައްކަތްކުރާ ބިދޭސީމުވައްޒަފުންނަށް ފަހުމުވާނޭ ބަހަކުން ނުވަތަ ގޮތަކަށް ބަހައްޓަންވާނެއެވެ.

(ބ) ސިއްހަތާއި ރައްކައުތެރިކަމުގެ ސިޔާސަތުގައި ކަނޑައަޅައިފައިވާ ކަންކަމުގެ މައްޗަށް މަސައްކަތްތެރީން ހޭލުންތެރިކުރުމަށް އިންޑަކްށަނާއި ތަމްރީނު ޕްރޮގުރާމުތައް، ވަޒީފާދޭ ފަރާތުން ހިންގަންވާނެއެވެ.

(ޅ) މަސައްކަތްކުރާ ތަން ހިންގާ ފަރާތް، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރުދުވަހަކުން އެއްފަހަރު މަސައްކަތުގެ މާހައުލު ދިރާސާ ކުރުމަށްފަހު، ސިއްހަތާއި ރައްކައުތެރިކަމުގެ ސިޔާސަތަށް އެއްވެސް އިސްލާހެއް ގެންނަންޖެހޭކަމަށް ފެންނަ ނަމަ، އެފަދަ އިސްލާހުތައް ގެންނަންވާނެއެވެ. އަދި ގެނެވުނު އިސްލާހުތައް، މަސައްކަތްކުރާ ފަރާތްތަކާ ހިއްސާކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސައްކަތުގެ މާހައުލަށް އަންނަ/ ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ މި ނޫން ވެސް ހާލަތެއްގައި ހެލްތު އެންޑް ސޭފްޓީީ ޕޮލިސީީ އަށް އުނިއިތުރެއް ގެނެސްފި ނަމަ، އެކަން، މަސައްކަތްކުރާ ފަރާތްތަކާ ހިއްސާކުރަންވާނެއެވެ. އަދި ގެނެވުނު ބަދަލު ފެންނާނޭހެން ހެލްތު އެންޑް ސޭފްޓީީ ޕޮލިސީީ އިސްލާހު ކުރަންވާނެއެވެ.

(އ) މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތްކުރަމުންދާ ވަގުތު ކުރިމަތިވެދާނެ ކުއްލި ހާދިސާތަކާއި ހާލަތްތަކާ ގުޅިގެން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

 

ތިންވަނަ ބާބު

ހެލްތު އެންޑް ސޭފްޓީ އޮފިސަރުން

 

5 ވަނަ މާއްދާ - ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނުކުރުން

ވަޒީފާދޭ ފަރާތުގެ ވަޒީފާގައި މަދުވެގެން 75 (ހަތްދިހަ ފަހެއް) މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ތަނެއްގައި ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރެއް ނުވަތަ ހެލްތު އެންޑް ސޭފްޓީ އޮފިސަރެއް ތިރީގައިވާ ގޮތުގެ މަތީން އައްޔަނުކޮށްފައި ހުންނަންވާނެއެވެ.

(ހ) ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 75 (ހަތްދިހަ ފަހެއް) އާއި 150 (އެއްސަތޭކަ ފަންސާސް) އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަނެއްގައި ހިމެނޭ ނަމަ، ސިއްހަތާއި ރައްކައުތެރިކަމުގެ 1 (އެކެއް)، އެންމެ މަދުވެގެން ވެސް ހުންނަންވާނެއެވެ.

(ށ) ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 151 (އެއްސަތޭކަ ފަންސާސް އެކެއް) އާއި 300 (ތިންސަތޭކަ) އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަނެއްގައި ހިމެނޭ ނަމަ، ސިއްހަތާއި ރައްކައުތެރިކަމުގެ 2 (ދޭއް) އޮފިސަރުން، އެންމެ މަދުވެގެން ވެސް ތިބެންވާނެއެވެ.

(ނ) ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 301 (ތިންސަތޭކަ އެކެއް) އާއި 500 (ފަސްސަތޭކަ) އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަނެއްގައި ހިމެނޭ ނަމަ، ސިއްހަތާއި ރައްކައުތެރިކަމުގެ 3 (ތިނެއް) އޮފިސަރުން، އެންމެ މަދުވެގެން ވެސް ތިބެންވާނެއެވެ. 

(ރ) ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 501 (ފަސްސަތޭކަ އެކެއް) އާއި 1,000 (އެއްހާސް) އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނަމަ، މަދުވެގެން 4 (ހަތަރެއް) ހެލްތު އެންޑް ސޭފްޓީ އޮފިސަރުން ތިބެންވާނެއެވެ.

(ބ) ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 1,001 (އެއްހާސް އެކެއް) މުވައްޒަފުންނަށްވުރެ ގިނަ ނަމަ، އެންމެ މަދުވެގެން ވެސް، 5 (ފަހެއް) ހެލްތު އެންޑް ސޭފްޓީ އޮފިސަރުން ތިބެންވާނެއެވެ.

(ޅ) ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ގޮތުގައި އައްޔަނުކުރާ މުވައްޒަފުންނަކީމަސައްކަތްކުރާ ތަނުގެ ދާއިމީ މުވައްޒަފުން ކަމުގައި ވާންވާނެއެވެ.

(ކ) މުވައްޒަފުންގެ ގޮތުގައި 151 (އެއްސަތޭކަ ފަންސާސް އެކެއް) އަށްވުރެ ގިނަ މީހުން މަސައްކަތްކުރާ ތަންތަނުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނުކުރަން ވާނެއެވެ.

(އ) މުވައްޒަފުންގެ ގޮތުގައި 75 (ހަތްދިހަ ފަހެއް) އާއި 150 (އެއްސަތޭކަ ފަންސާސް) އާ ދެމެދު މީހުން މަސައްކަތްކުރާ ތަންތަނުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނުކުރަން ވާނެއެވެ.

(ވ) ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

(މ) ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނުކުރުމުގައި ދިވެހިންނަށް އިސްކަން ދޭންވާނެއެވެ.

(ފ) މަސައްކަތް ހަވާލުކުރާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތުން އައްޔަނުކުރާ ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރަށް އެކަން އަންގައިދޭ ކާޑެއް ނުވަތަ ލިޔުމެއް ދޭންވާނެއެވެ. އަދި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި މަސައްކަތްތެރީންނަށް ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރާ މުއާމަލާތުކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީފައި އޮންނަންވާނެއެވެ.

(ދ) ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ގޮތުގައި މަގާމަށް މީހަކު އައްޔަނުކުރާތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ މައުލޫމާތާއި ވަނަވަރާއި ކަމާ ގުޅޭ އެހެނިހެން ލިޔުންތައް އޮތޯރިޓީ އަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި އެއްވެސް ހާލެއްގައި ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރު ބަދަލުވެއްޖެ ނަމަ، އެކަން ވެސް ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި އޮތޯރިޓީ އަށް އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް

ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ގޮތުގައި އައްޔަނުއައްޔަނުކުރާ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(ހ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމާ ގުޅޭގޮތުން އެ މުއައްސަސާއަކުން ނުވަތަ އިދާރާއަކުން ހަދަންޖެހޭ އެންމެހައި އުސޫލުތައް ހެދުމުގައި އެހީތެރިވެ ބައިވެރިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް މުރާޖައާކޮށް ގެންނަންޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެނައުން ނުވަތަ ލަފާދިނުން.

(ނ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެށަންތަކާއި ތަމްރީނު ޕުރޮގުރާމުތައް ރާވައި ހިންގުން.

(ރ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމާ ގުޅޭގޮތުން ހަދައިފައިވާ އުސޫލުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށް ގަވާއިދުން ރިސްކް އެސެސްމަންޓް ހަދައި މޮނިޓަރކުރުން.

(ބ) މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ނުރައްކައުތެރި ހާދިސާތަކުން ސަލާމަތްވުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ ޕްރިވެންޓިވް މެށަރސް ގާއިމުކުރުން ނުވަތަ ގާއިމުކުރުމަށް ލަފާދިނުން.

(ޅ) މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު މެނޭޖްމަންޓަށް ދޭންޖެހޭ އިރުށާދު ދިނުން.

(ކ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް ފޮރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތަށާއި ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނަށް ދޭންޖެހޭ އެއްބާރުލުމާއި މައުލޫމާތާއި ލިޔެކިޔުން ފޯރުކޮށްދިނުން.

 

7 ވަނަ މާއްދާ - ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ށަރުތު

ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ތިރީގައި މިވަނީ އެވެ.

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތަމްރީނު ޕުރޮގުރާމުތަކުގެ ތެރެއިން ދަށްވެގެން އެމް.ކިއު.އޭ. ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

(ށ) މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ހަތަރުވަނަ ބާބު

ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް

 

8 ވަނަ މާއްދާ - ހެލްތުއެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް ހިންގުން

(ހ) މި ގަވާއިދުގެ ފަސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ހެލްތުއެންޑް ސޭފްޓީ ޕޮލިސީީތަންފީޒުކުރުމަށް ޓަކައި ވަޒީފާގައި މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ގާއިމުކޮށް ހިންގަންވާނެއެވެ.

(ށ) ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމެއްގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ގެ މަގުސަދުތަކާއި ލަނޑުދަނޑިތައް (އޮބްޖެކްޓިވްސް އެންޑް ޓަރގެޓްސް) ކަނޑައެޅުން؛
  2. "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" އިން ހާސިލުކުރެވޭ މިންވަރު ދެނެގަތުމަށް ޓަކައި "ހެލްތު އެންޑް ސޭފްޓީ ޕާރފޯމަންސް އިންޑިކޭޓާރސް" ކަނޑައަޅައި، އެކަންކަން ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމާއި، ޓާގެޓް ފަހަނަޅައި ދިއުމުގެ ކުރިން އެކަށީގެންވާ ފިޔަވަޅުތައް އެޅުން؛
  3. މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ހިންގާ ފަރާތް ކަނޑައެޅުން؛
    3.1 ސަލާމަތާއި ސިއްހީ ރައްކައުތެރިކަމަށް ޒިންމާވާ ފަރާތް.
    3.2 ސަލާމަތާއި ސިއްހީ ރައްކައުތެރިކަމަށް ޒިންމާވާ ފަރާތުގެ ގޮތުގައި ކަނޑައަޅަންވާނީ އެ މުއައްސަސާއެއްގެ އެންމެ އިސްފަރާތެވެ.
    3.3 ސަލާމަތާއި ސިއްހީ ރައްކައުތެރިކަން ބަލަހައްޓާ ފަރާތް (ހެލްތު އެންޑް ސޭފްޓީ މެނޭޖަރ/އޮފިސަރ) ހަމަޖެއްސުން.
  4. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި، މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމާ ގުޅުންހުރި ކަންކަމުގައި އަންނަނިވި ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން؛
    4.1 މަސައްކަތް ހިންގާ ފަރާތުގެ އެންމެ އިސްފަރާތުގެ ޒިންމާ.
    4.2 ސަލާމަތާއި ސިއްހީ ރައްކައުތެރިކަމަށް ޒިންމާވާ ފަރާތް (ސޭފްޓީ އެންޑް ހެލްތު އެކައުންޓަބަލް މެނޭޖަރ/ހެލްތު އެންޑް ސޭފްޓީ އޮފިސަރ) ގެ ޒިންމާ.
    4.3 މަސައްކަތް ހިންގާ ތަންތަނުގެ ކަންކަން ވިލަރެސްކޮށް ހިންގުމުގެ މަސްއޫލުވެރި ފަރާތްތަކުގެ ޒިންމާ.
    4.4 މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާ.
    4.5 ކޮންޓްރެކްޓަރުންގެ ޒިންމާ.
  5. ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ ކަންކަމުގައި މަށްވަރާކުރުމަށް އިންތިޒާމުކުރެވިފައިވާ ގޮތް ތަފުސީލުކޮށް ބަޔާންކުރުން؛
  6. މަސައްކަތުގެ މާހައުލުގައި ހުރެދާނެ "ހެޒާރޑް" ތައް ދެނެގަނ،ެ "ރިސްކް" ދެނެގަނެ އެ ހިރާސްތައް ކުޑަކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުން؛
  7. މަސައްކަތު މާހައުލުގައި ހުންނަ "ހެޒަރޑް" ތަކާއި، ކުދި އަދި ނުރައްކައުތެރި އެކްސިޑެންޓްތަކާއި، "ނިއާރމިސް" ފަދަ މުވައްޒަފުންނަށް ލިބޭ އަނިޔާތައް ރިޕޯޓު ކުރުމާއި، އެކަންކަން ތަހުގީގުކޮށް ފިޔަވަޅުއެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން؛
  8. މަސައްކަތު މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި، ސިއްހީ އެހެނިހެން މައްސަލަތައް މޮނިޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް، މިފަދަ ބަލިތައް މަދުކުރުމަށް ހިންގާނެ ޕުރޮގުރާމުތައް ކަނޑައެޅުން؛
  9. "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ހަރުދަނާކޮށް ހިންގުމަށް ބޭނުންވާނެ ވަސީލަތްތައް ކަނޑައެޅުން؛
  10. "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ރާވައި ހިންގާ ފަރާތްތަކުގެ ފެންވަރު ބަޔާންކުރުން؛
  11. "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ތަންފީޒުކުރުމަށް ބޭނުންވާނެ ހުނަރާއި، ތަމްރީނުތައް ބަޔާންކުރުމާއި، މުވައްޒަފުން ހޭލުންތެރިކުރުމަށް ހިންގާނެ ހަރަކާތްތައް ކަނޑައެޅުން؛
  12. "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ފުރިހަމައަށް ހިންގުމަށް ބޭނުންވާނެ އެންމެހައި "ސްޓެންޑަޑް އޮފަރޭޓިންގ ޕްރޮސީޖަރ" ތަކާއި "ސޭފްޓީ މެނޭޖްމަންޓް ޕްލޭން" ތައް ބަޔާންކުރުން؛
  13. "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ބަލާނެ ނިޒާމެއް ކަނޑައެޅުން.
    13.1 އިންޓަރނަލް އޮޑިޓް.
    13.2 މެނޭޖްމަންޓް ރިވިއު.

 

 

ފަސްވަނަ ބާބު

ސިއްހަތާއި ރައްކައުތެރިކަމުގެ މަސައްކަތާ ގުޅޭ ހުއްދަ

 

9 ވަނަ މާއްދާ - ލައިސަންސް

ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ސިއްހަތާއި ރައްކައުތެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރަންވާނީ ޑިރެކްޓަރ ޖެނެރަލް ދޫކުރާ ހުއްދައެއް އޮވެގެންނެވެ.

(ހ) ހެލްތު އެންޑް ސޭފްޓީ އޮފިސަރުން.

(ށ) އެކްރެޑިޓްކޮށްފައިވާ، ތަމްރީނުދޭ ފަރާތްތައް.

(ނ) މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ އާލާތްތަކާއި މެށިންތައް ޓެސްޓުކުރުމަށް ހުއްދަ ދީފައިވާ އެގްޒަމިނަރުން.

 

10 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން

ސިއްހަތާއި ރައްކައުތެރިކަމުގެ މަސައްކަތާ ގުޅޭ ލައިސަންސަށް އެދި ހުށަހަޅާނީތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، ލޭބަރ ރިލޭށަންސް އޮތޯރިޓީ އަށެވެ.

(ހ) ސިއްހަތާއި ރައްކައުތެރިކަމުގެ މަސައްކަތާ ގުޅޭ ލައިސަންސަށް އެދި ހުށަހަޅަންވާނީއެކަމަށް ޓަކައި ހާއްސަކޮށް އޮތޯރިޓީން އެކުލަވައިލައިފައިވާ އެޕްލިކޭށަން ފޯމު ފުރިހަމަކުރުމަށްފަހުގައި، އެ އެޕްލިކޭށަން ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔުންތަކާއެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަނުވާ ނަމަ ނުވަތަ ލިޔުންތައް މަދު ނަމަ ނުވަތަ އިސްލާހުކުރަންޖެހޭ ނަމަ، މަސައްކަތު 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) އިސްލާހުކުރުމަށް އަންގާ ކަންތައްތައް އިސްލާހުކުރުމަށްފަހު، މަސައްކަތު 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެޕްލިކޭށަން އަލުން ހުށަހެޅުމުގެ ފުރުސަތު، ފޯމު ހުށަހެޅި ފަރާތަށް އޮންނާނެއެވެ. މި މުއްދަތު ފާއިތުވެއްޖެ ނަމަ ޖެހޭނ އަލުން އައު އެޕްލިކޭށަން ފޯމެއް ހުށަހަޅާށެވެ.

(ރ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފޯމުގައި އެ ހިދުމަތަކަށް ކަނޑައަޅައިފައިވާ ފީ، މި އޮތޯރިޓީ އަށް ދައްކަންވާނެއެވެ.

(ބ) ހުށަހަޅައިފައިވާ ފޯމު ފުރިހަމަނުވާ ނަމަ ނުވަތަ ލިޔުންތައް މަދު ނަމަ، ފޯމު ބާތިލުކުރުމުގެ އިހުތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސް ދޫކުރާ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ދޫކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) ލައިސަންސް އައުކުރުމަށް ހުށަހަޅާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

12 ވަނަ މާއްދާ - ވަގުތ ގޮތުން ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުން 

މި ގަވާއިދުގެ 10 ވަނަ މާއްދާއިން ދޫކުރެވޭ ލައިސަންސުގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް އުނިވެއްޖެ ނަމަ، ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހުތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސް ވަގުތ ގޮތުން ހިފެހެއްޓުމާއި ބާތިލުކުރުމާ ގުޅޭގޮތުން ށަކުވާ ހުށަހެޅުން 

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާއިން ލާޒިމުކުރާ ލައިސެންސެއްގެ ށަރުތު އުނިވިކަމަށް ބަލައި ވަގުތ ގޮތުން ހިފެހެއްޓުމާއި ބާތިލުކުރި ކުރުމާމެދު އިއުތިރާޒުކުރާ ނަމަ، ލައިސަންސް ހިފެހެއްޓިކަމުގެ ނުވަތަ ބާތިލުކުރިކަމުގެ ނޯޓިސް ދޭތާ މަސައްކަތު، 14 (ސާދަ) ދުވަހުގެ ތެރޭގައި، އެކަން ލިޔުމުން މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަކުވާ ހުށަހެޅުމަށް ބޭނުންކުރާނ އެކަމަށް ހާއްސަކޮށް، އާންމުކޮށްފައިވާ ފޯމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ށަކުވާތަކަށް މަސައްކަތު، 14 (ސާދަ) ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބުދޭންވާނެއެވެ.

(ރ) އެކަށީގެންވާ ސަބަބުތަކެއް އޮތް ނަމަ، ށަކުވާތައް ބެލުމުގެ މުއްދަތު އިތުރުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ބ) ހުށަހަޅައިފައިވާ ށަކުވާތަކާ ގުޅިގެން މައްސަލަ ބެލުމަށްފަހު، ޑިރެކްޓަރ ޖެނެރަލްގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، މަސައްކަތް ހުއްޓައިލުމަށް އަންގައި، ޑިރެކްޓަރ ޖެނެރަލް ފޮނުވައިފައިވާ އަމުރުގައިވާ ކަންކަމަށް ބަދަލުގެނައުމަށް މިނިސްޓަރަށް އެންގިދާނެއެވެ.

 

 

ހަވަނަ ބާބު

މަސައްކަތުގެ މާހައުލުގައި ހިނގާ ސިއްހަތާއި ރައްކައުތެރިކަމާ ގުޅޭ ހާދިސާތަކާއި ބަލިތައް ރިޕޯޓުކުރުން

 

14 ވަނަ މާއްދާ - އެކްސިޑެންޓާއި ނުރައްކައުތެރި ހާދިސާ ނުވަތަ ބަލި ރިޕޯޓުކުރުން

(ހ) މި މާއްދާގެ ދަށުން ރިޕޯޓުކުރަންޖެހޭ އެކްސިޑެންޓް ނުވަތަ ނުރައްކައުތެރި ހާދިސާތައް ނުވަތަ މަސައްކަތާ ގުޅުންހުރި ބަލިތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.

  1. މަސައްކަތު މާހައުލުގައި ހިނގާ ހާދިސާއަކުން މީހަކު ނުވަތަ ބަޔަކު މަރުވުން؛
  2. މަސައްކަތްކުރާ ފަރާތެއް ނުވަތަ އެ ނޫން ވެސް ފަރާތެއްގެ ހަށިގަނޑަށް ލިބޭ އިޔާދަނުކުރެވޭވަރުގެ ބޮޑު އަނިޔާތައް؛
  3. ފުރާނަޔަށް ގެއްލުމެއް ނުވަތަ ނުރައްކަލެއް ދިމާވެދާނެ އެންމެހައި އެކްސިޑެންޓްތަކާއި ހާދިސާތައް؛
  4. މަސައްކަތުގެ މާހައުލުގައި ދިމާވާ ހާދިސާއެއްގެ ސަބަބުން ވިހަ މާއްދާއެއް ނުވަތަ ކެމިކަލެއް ލީކް ވުން؛
  5. ހެވީމެށިނަރީ އިކުއިޕްމަންޓް ޓޫލްސްއާއި އެއްގަމު އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، ކަނޑުގެ އުޅަނދުފަހަރުގައި ހިނގާ ނުރައްކައުތެރި ހާދިސާތައް؛
  6. މަސައްކަތް ކުރަންޖެހޭ މާހައުލުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް؛
  7. މަސައްކަތުގައި ބޭނުންކުރާ ކެމިކަލްގެ ސަބަބުން ނުވަތަ ވިހަ މާއްދާތަކުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް؛
  8. މަސައްކަތުގެ މާހައުލުގައި ފެތުރޭ، މަސައްކަތާ ގުޅުންހުރި، ގައިން ގަޔަށް އަރާ ނުރައްކައުތެރި ބަލިތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކްސިޑެންޓް ނުވަތަ ނުރައްކައުތެރި ހާދިސާތައް ނުވަތަ މަސައްކަތާ ގުޅުންހުރި ބަލިތައް އެ ކަމެއް ހިނގާތާ ގިނަވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލަށް ނުވަތަ އޮތޯރިޓީ އަށް ރިޕޯޓު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ރިޕޯޓުކުރާނީ، ޑިރެކްޓަރ ޖެނެރަލަށް ނުވަތަ އޮތޯރިޓީ އަށް، އެކަމަށް ހާއްސަކޮށްފައިވާ ފޯމު/ޕޯޓަލް މެދުވެރިކޮށެވެ. ފޯމާއެކު ނުވަތަ ޕޯޓަލަށް ހާދިސާއާ ގުޅޭ އެހެނިހެން ލިޔުންތަކާއި، މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާކޮށްފައިވާ އެކްސިޑެންޓާއި، ނުރައްކައުތެރި ހާދިސާ ނުވަތަ ބަލިތައް ރިޕޯޓުކުރުމަކީ މަސައްކަތްކުރާ ތަން ހިންގާ ފަރާތުގެ ނުވަތަ ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުގެ ޒިންމާއެކެވެ.

 

 

ހަތްވަނަ ބާބު

ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން އައްޔަނުކުރުމާއި، މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުން

 

15 ވަނަ މާއްދާ - ސިއްހަތާއި ރައްކައުތެރިކަމުގެއިންސްޕެކްޓަރުންގެ ށަރުތުތަކާއި އައްޔަނުކުރުން

(ހ) މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަން ގާއިމުވެފައިވާކަން ބަލައި ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ޓަކައި، ހެލްތު އެންޑް ސޭފްޓީ އޮފިސަރުން އޮތޯރިޓީގައި ގާއިމުވެ ތިބެންވާނެއެވެ.

(ށ) ސިއްހަތާއި ރައްކައުތެރިކަމުގެ އިންސްޕެކްޓަރުންގެ އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ސިއްހަތާއި ރައްކައުތެރިކަމުގެ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުން؛
  2. މަސައްކަތުގެ ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ނ) ސިއްހަތާއި ރައްކައުތެރިކަމުގެ އިންސްޕެކްޓަރ އައްޔަނުކުރުމާއެކު، ހައިސިއްޔަތު އަންގައިދޭ ކާޑެއް އޮތޯރިޓީން ދޫކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުން

(ހ) މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުމަށް ގިނަވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ސިއްހަތާއި ރައްކައުތެރިކަމުގެ އިންސްޕެކްޓަރުންނާ ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސައްކަތުގެ މާހައުލުގައި ދިމާވާ ސީރިއަސް އެކްސިޑެއްޓެއް ނުވަތަ ކުއްލި މަރެއް ފަދަ ހާދިސާއެއް ހިނގައިފި ނަމަ، ސިއްހަތާއި ރައްކައުތެރިކަމުގެ އިންސްޕެކްޓަރުން އެ ތަނަށް ވަގުތުން ފޮނުވަންވާނެއެވެ.

(ނ) މަސައްކަތުގެ މާހައުލުގައި ހިނގައިފައިވާ ހާދިސާއެއްގެ ތަހުގ ގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ނުވަތަ އެ ކަމެއް ހިނގައިފައިވާ ތަން ބަލައި ފާސްކުރުމަށް އިންސްޕެކްޓަރުންނަށް ވަދެވޭނީ، އޮތޯރިޓީން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ކާޑު ދެއްކުމަށްފަހުގައެވެ.

(ރ) ތަހުގ ގަށް ބޭނުންވާ ލިޔުންތަކާއި، ފޮޓޯ ބަޔާން އަދި އެހެނިހެން މައުލޫމާތު،ސިއްހަތާއި ރައްކައުތެރިކަމުގެ އިންސްޕެކްޓަރުންނަށް ފޯރުކޮށްދިނުމަކީ،، މަސައްކަތްކުރާތަން ހިންގާ ފަރާތުގެ ޒިންމާއެކެވެ.

(ބ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާދިސާއެއް ހިނގައިފި ނަމަ، އިންސްޕެކްޓަރުންނަށް ސައިޓަށް ދެވެންދެން އެކްސިޑެންޓް ހިނގި ސައިޓް ނުވަތަ ތަނަށް އެއްވެސް ބަދަލެއް ނުގެނެސް ބެލެހެއްޓުމަކީ މަސައްކަތްކުރާ ތަން ހިންގާ ފަރާތް ނުވަތަ ސައިޓުގައި މަސައްކަތް ހިންގުމަށް އިސްކޮށް ހުރި ފަރާތުގެ ޒިންމާއެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިމާވި ހާދިސާއެއް ނުވަތަ ހިނގި އެކްސިޑެންޓަކާ ގުޅިގެން، އެ ކަމެއް ހިނގި ތަނެއްގައި ވަގުތުން ވަކި ފިޔަވަޅެއް ނޭޅުމުގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ،އެކްސިންޑް ހިނގި ސައިޓުގެ ވީޑިއޯއާއި ފޮޓޯ ނެގުމަށްފަހު ސީން ރޫޅައިލެވިދާނެއެވެ.

(ކ) ތަހުގީގުކުރާ މައްސަލައިގެ ބާވަތުން ފަންނީ ލަފާދޭ މާހިރެއްގެ ރައުޔު ބޭނުންވާ ނަމަ، އެފަދަ ލިޔުން ނުވަތަ ރިޕޯޓު، އެފަދަ މާހިރެއްގެ ކިބައިން ހޯދުމަކީ ސިއްހަތާއި ރައްކައުތެރިކަމުގެ އިންސްޕެކްޓަރުންގެ ޒިންމާއެކެވެ.

(އ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތައް 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ނިންމައި ތަހުގީގު ރިޕޯޓު ޑިރެކްޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަށީގެންވާ ސަބަބަކާހުރެ ތަހުގީގު ލަސްވާ ނަމަ، ޑިރެކްޓަރ ޖެނެރަލްގެ ހުއްދަޔާއެކު ވަގުތު އިތުރުކުރެވިދާނެއެވެ.

(މ) ތަހުގީގު ރިޕޯޓުގައި އަންނަނިވި ބައިތައް ހިމެނެންވާނެއެވެ.

  1. ތައާރުފު؛
  2. މައްސަލައިގެ ހުލާސާ؛
  3. ތަހުގީގު؛
  4. ފާހަގަކުރެވުނު ކަންތައްތައް؛
  5. ނިންމުން؛
  6. އިސްލާހުކުރުމަށް އަންގާ ކަންތައްތައް؛
  7. އެނެކްސްތައް (ހޯދި ލިޔުންތަކާއި، ބަޔާންތައް ހިމެނޭހެން).

(ފ) ތަހުގީގު ރިޕޯޓެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އެދިއްޖެ ނަމަ، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަހުގީގު ރިޕޯޓު އެ ފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ތަހުގީގު ރިޕޯޓު އާންމުކުރުން

(ހ) ތަހުގީގުކުރެވޭ އެކްސިޑެންޓެއް ނުވަތަ ނުރައްކައުތެރި ހާދިސާއެއް ނުވަތަ މަސައްކަތާ ގުޅުން ހުރި ބައްޔަކާބެހޭ ރިޕޯޓުގައި އާންމު މަސްލަހަތު އޮތް ކަމަށް ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ ރިޕޯޓު އާންމު ކުރެވިދާނެއެވެ.

(ށ) މި ފަދަ ރިޕޯޓުތައް އާންމުކުރުމުގެ މަގުސަދަކީަށް ވާންވާނީ، އެކްސިޑެންޓެއް ނުވަތަ ނުރައްކައުތެރި ހާދިސާއެއް ނުވަތަ މަސައްކަތާ ގުޅުންހުރި ބައްޔެއް ދެވަނަ ފަހަރަށް ތަކުރާރުވުން ހުއްޓުވުން ނުވަތަ މަދުކުރުމެވެ.

(ނ) އާންމުކުރެވޭ ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނައިގެން ނުވާނެއެވެ.

  1. އެއްވެސް ފަރާތެއްގެ ޒާތ މައުލޫމާތެއް ނުވަތަ ވިޔަފާރިއެއްގެ ސިއްރެއް؛
  2. ތަހުގީގުގެ ބޭނުމަށް ހޯދައިފައިވާ ހެއްކާއި ގަރީނާއާއި ބަޔާންތައް.

 

 

އަށްވަނަ ބާބު

އަނިޔާގެ ސަބަބުން ނަގައިދެވޭ ހަރަދާއި ގެއްލުމުގެ ބަދަލު

 

18 ވަނަ މާއްދާ - ނަގައިދެވޭ ހަރަދާއި ބަދަލުގެ ބާވަތްތައް

މަސައްކަތުގެ ތެރޭގައި، މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން، މަސައްކަތްތެރިއަކަށް އަނިޔާއެއްވުމުގެ ސަބަބުން ވަގުތ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެ ނަމަ، މި ގަވާއިދުގެ ދަށުން އަންނަނިވި ހަރަދުތަކާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެއެވެ.

(ހ) ލިބުނު އަނިޔާއަށް ލިބިދެވޭ ބޭސްފަރުވާގެ ހަރަދު.

(ށ) ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ.

(ނ) ލިބުނު އަނިޔާގެ ސަބަބުން މެދުވެރިވި ވަގުތ ނުކުޅެދުންތެރިކަމަށް ނުވަތަ ދާއިމީނުކުޅެދުންތެރިކަމަށް ލިބިދެވޭ ގެއްލުމުގެ ބަދަލު.

(ރ) ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ހާލަތެއްގައި ލިބިދެވޭ ގެއްލުމުގެ ބަދަލު

 

19 ވަނަ މާއްދާ - ބޭސްފަރުވާގެ ހަރަދު

މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް އަނިޔާއެއް ވެއްޖެ ނަމަ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާއާއި ހިދުމަތް ނުވަތަ އެ މަސައްކަތްތެރިއަކަށް ލިބުނު ގެއްލުމަކަށް ފަރުވާކުރެވޭނެ ވަސީލަތްތައް، އިތުރު އަގެއް ނެގުމަކާނުލައި، ވަޒީފާދޭ ފަރާތުން އެ މަސައްކަތްތެރިއަކަށް ވީ އެންމެ އަވަހަކަށް ހަމަޖައްސައިދޭންވާނެއެވެ.

 

20 ވަނަ މާއްދާ - މަސައްކަތަށް ނުނިކުމެވުމުގެ ސަބަބުން ލިބިދެވޭ އުޖޫރަ

(ހ) މަސައްކަތްތެރިއަކަށް ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ވަޒީފާދޭ ފަރާތުން އުޖޫރަ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޖޫރަ ލިބިދެވޭނީ، އެ އަކުރުގައި ބަޔާންކޮށްފައިވާ މަސައްކަތްތެރިޔާ މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްތަކުގެ ތެރެއިން މަސައްކަތަށް ނުނިކުމެ ހުރުމަށް ދީފައިވާ ސަލާމުގެ ސެޓުފިކެޓުގެ މުއްދަތަށް ނުވަތަ އޭނާ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ފަރުވާ ލިބިދިނުމަށް ޓަކައި އެނދުމަތިކުރަންޖެހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހުންނަންޖެހޭ މުއްދަތަށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ފަރާތަކުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކުރާ ސެޓުފިކެޓެއް ނުވަތަ ލިޔުމެއް ހުށަހެޅުމުންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތެރިޔާއަށް ސަލާމުގެ ޗުއްޓ ހަމަޖެހިފައިވަނީ އޭނާއަށް ލިބެމުންއައި އުޖޫރަ ލިބޭގޮތަށް ކަމުގައި ނަމަ، މި މާއްދާގެ ދަށުން ލިބިދެވޭ އުޖޫރަ ދިނުން ލާޒިމެއް ނޫނެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އުޖޫރައަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭ އުޖޫރައެއްކަމަށްވާތ، މިއީ އާމްދަނީއެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

21 ވަނަ މާއްދާ - ހަށިގަނޑަށް ލިބޭ އަނިޔާއަށް ނަގައިދެވޭ ގެއްލުމުގެ ބަދަލު

މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަނިޔާއެއްގެ ސަބަބުން، އަންނަނިވި ބަދަލު ލިބިގަތުމުގެ ހައްގު މަސައްކަތްތެރީންނަށް ލިބިގެންވެއެވެ.

(ހ) ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުމުން ނަގައިދެވޭ ބަދަލު. 

(ށ) ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ވަގުތ ނުކުޅެދުންތެރިކަމެއް މެދުވެރިވުމުން ނަގައިދެވޭ ބަދަލު.

 

22 ވަނަ މާއްދާ - ނުކުޅެދުންތެރިކަމެއް މެދުވެރިވުމުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައެޅުން

(ހ) ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރެވޭނެއެވެ.

  1. މަހަކަށް ޖެހޭ އެވުރޭޖު އާމްދަނީ (އެވުރޭޖު އާމްދަނީގެ ގޮތުގައި ބަލާނީ، ވޭތުވެދިޔަ 3 (ތިނެއް) މަސްދުވަހުގެ އެވުރޭޖު އާމްދަނީއެވެ)؛
  2. ނުކުޅެދުންތެރިކަމުގެ ނިސްބަތް ނުވަތަ މިންވަރު؛
  3. އުމުރު.

(ށ) މަސައްކަތްތެރިޔާއަށް މެދުވެރިވެފައިވާ ނުކުޅެދުންތެރިކަމުގެ ނިސްބަތް ބެލުމުގައި އަންނަނިވި ކަންކަމަށް ބެލޭނެއެވެ.

  1. ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން މަސައްކަތަށް ބުރޫއެރުމެއް ނެތި މަސައްކަތް ކުރަމުން ދިޔަ ތަނުގައި ހަމަ އެ މަސައްކަތް ކުރެވުން؛
  2. ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން، މަސައްކަތް ކުރަމުން ދިޔަ ތަނުގައި ކުރަމުންއައި މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރެވުން؛
  3. ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން، މަސައްކަތް ކުރަމުން އައިތަން ދޫކޮށްލަން ޖެހުނު
  4. ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ވަޒީފާއެއް އަދާކުރުމުގެ ގާބިލުކަން ނެތުން.

(ނ) ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުމުން ލިބިދެވޭ ގެއްލުމުގެ ބަދަލުގެ ޖުމުލަ މިންވަރު ކަނޑައެޅުމުގައި، ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ރިއާޔަތްކޮށް ހިމަނާނެ މިންވަރު ހިސާބުކުރާނ އަންނަނިވި ގޮތުގެ މަތީންނެވެ. 

  1. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތުގައިވާ މަސައްކަތްތެރިޔާއަށް މަހަކު 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާ؛
  2. މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ހާލަތުގައިވާ މަސައްކަތްތެރިޔާއަށް މަހަކު 5,000 (ފަސްހާސް) ރުފިޔާ؛
  3. މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައިވާ ހާލަތުގައިވާ މަސައްކަތްތެރިޔާއަށް މަހަކު 7,500 (ހަތްހާސް ފަސްސަތޭކަ) ރުފިޔާ؛
  4. މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައިވާ ހާލަތުގައިވާ މަސައްކަތްތެރިޔާއަށް މަހަކު 10,000 (ދިހަހާސް) ރުފިޔާ.

(ރ) މި ގަވާއިދުގެ ދަށުން، ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެފައިވާ މަސައްކަތްތެރިޔާއަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނީ، މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ބ) މި ގަވާއިދުގެ ދަށުން، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވާ މަސައްކަތްތެރިޔާއަށް ނަގައިދެވޭނެ ބަދަލުގެ އެންމެ މަތީ އަދަދަކީ 19,000,000 (ނަވާރަ މިލިޔަން) ރުފިޔާ އެވެ. އަދި އެންމެ ދަށު އަދަދަކީ 1,260,000 (އެއްމިލިޔަން ދެލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ އެވެ.

(ޅ) ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުމުން ލިބިދެވޭ ގެއްލުމުގެ ބަދަލުގެ ޖުމުލަ މިންވަރު ކަނޑައަޅާނ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(އެވުރޭޖު އާމްދަނީ+ ލިބިފައިވާ ގެއްލުމުގެ ނިސްބަތަށް ރިއާޔަތްކޮށް ލިބިދެވޭ ބަދަލުގެ މިންވަރު) × (65 – ނުކުޅެދުންތެރިކަން ދިމާވި އުމުރު) × 12

(ކ) މި މާއްދާގެ (ރ) ގައި ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެފައިވާ މަސައްކަތްތެރިޔާއަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެ އެންމެ ދަށް އަހަރަކީ10 (ދިހައެއް) ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 10 (ދިހައެއް) އަހަރު ފުރިހަމަވާއިރު 18 (އަށާރަ) އަހަރު ނުފުރޭ ދަރިޔެއް ނުވަތަ ދަރިން ތިބި ނަމަ، 18 (އަށާރަ) އަހަރު ނުފުރޭ ދަރިންގެ އަދަދަށް ބަލައި ކޮންމެ ދަރިއަކަށް %20 (ވިހި އިންސައްތަ) ގެ ރޭޓުން ގެއްލުމުގެ ބަދަލު ދޭންވާނެއެވެ.

(އ) ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު ގެއްލުމުގެ ބަދަލު މުރާޖައާކޮށް އިސްލާހުކުރަން ޖެހިއްޖެ ހިނދެއްގައި އިސްލާހު ކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ފުރާނަ ދިއުމުގެ ސަބަބުން ނަގައިދެވޭ ބަދަލު

(ހ) ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ބަދަލު ނަގައިދިނުމަށް އެދި މަސައްކަތްތެރިޔާގެ ވާރިސުންނަށް އެދެވިދާނެއެވެ.

(ށ) ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރެވޭނެއެވެ.

  1. މަސްދުވަހަކަށްޖެހޭ އެވުރޭޖު އާމްދަނީ (އެވުރޭޖު އާމްދަނީގެ ގޮތުގައި ބަލާނީ، ވޭތުވެދިޔަ ތިން މަސްދުވަހުގެ އެވުރޭޖު އާމްދަނީއެވެ)؛
  2. މަސައްކަތްތެރިޔާގެ އުމުރު؛
  3. މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައިވާ މިންވަރު.

(ނ) މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައިވާ މިންވަރު ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ބެލެވޭނެއެވެ.

  1. މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއް ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ދިއުން؛
  2. މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުން ދިމާވި އެކްސިޑެންޓެއް ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ދިއުން.

(ރ) މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 500,000 (ފަސްލައްކަ) ރުފިޔާ މަސައްކަތްތެރިޔާގެ ވާރިސުންނަށް ދޭންވާނެއެވެ. 

(ބ) މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 1,000,000 (އެއްމިލިޔަން) ރުފިޔާ، މަސައްކަތްތެރިޔާގެ ވާރިސުންނަށް ދޭންވާނެއެވެ.

(ޅ) މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައިވާ މިންވަރު ކަނޑައަޅާނީ، ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންގެ ތަހުގީގުންނެވެ.

(ކ) ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ބަދަލުގެ މިންވަރު ކަނޑައަޅާނ ތިރީގައިވާ ގޮތުގެ މަތީންނެވެ.

1. މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ،ތިރީގައިވާ ގޮތުގެ މަތީން ގެއްލުމުގެ ބަދަލު ދޭންވާނެއެވެ.

2. މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ،ތިރީގައިވާ ގޮތުގެ މަތީން ގެއްލުމުގެ ބަދަލު ދޭންވާނެއެވެ.

(އ) މި މާއްދާގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައިވާ ގެއްލުމުގެ ބަދަލުގެ އިތުރުން ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އިތުރު ހަރަދެއް ހިނގައިފި ނަމަ، ޖަނާޒާގެ ހަރަދު ދޭންވާނެއެވެ.

(ވ) ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ނަގައިދެވޭނެ ބަދަލުގެ އެންމެ ދަށް އަދަދަކީ 1,460,000 (އެއްމިލިޔަން ހަތަރުލައްކަ ފަސްދޮޅަސްހާސް) ރުފިޔާ އެވެ. އަދި ނަގައިދެވޭނެ އެންމެ މަތީ އަދަދަކީ 15,400,000 (ފަނަރަ މިލިޔަން ހަތަރުލައްކަ) ރުފިޔާ އެވެ.

(މ) މި ގަވާއިދުގެ ދަށުން ބަދަލު ނަގައިދެވޭނެ އެންމެ ކުރު މުއްދަތަކީ 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތެވެ. ނުވަތަ އަންނަނިވި ހާލަތްތަކުގެ ތެރެއިން އެއް ހާލަތެއް ދެމިއޮތްހައި ހިނދަކުއެވެ.

  1. ހުވަފަތް އަނބިމީހާ ނުވަތަ ފިރިމީހާ ކައިވެނިނުކޮށް ހުރުން (ހުވަފަތް އަނބިމީހާ ނުވަތަ ފިރިމީހާއަށް 65 ފަސްދޮޅަސް ފަހެއް) އަހަރު ފުރިގެން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނަށް ށަރުތު ހަމަވަންދެން)؛
  2. ނިޔާވި މުވައްޒަފުގެ 18 (އަށާރަ) އަހަރުން ދަށުގެ ދަރީން ތިބުން؛
  3. ނިޔާވި މުވައްޒަފުގެ މައިންބަފައިން ދުނިޔޭގައި ތިބުން.

(ފ) މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގެއްލުމުގެ ބަދަލު ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތީން އެކީ އެއްފަހަރާ ނުވަތަ މަހުންމަހަށް ބަހައިލައިގެން ވެސް ދެވިދާނެއެވެ.

(ދ) ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ދެވޭ ގެއްލުމުގެ ބަދަލު ހަވާލުކުރާނީ، ވާރިސުންގެ ތެރެއިން ކޮންމެ ވެސް އެއް ފަރާތަކާއެވެ. ވާރިސުންގެ ތެރޭގައި އެ ބަދަލާ ހަވާލުވާނެ ފަރާތެއް ކަނޑައެޅުމަށް ވާރިސުންނަށް ވަކިގޮތަކަށް އެއްބަސްނުވެވޭ ނަމަ، ބަދަލު ހަވާލުކުރެވޭނީ، އެ މައްސަލަ ށަރުއ ކޯޓަށް ހުށަހަޅައި، ފައިސާ ބެހުމާ ގުޅޭގޮތުން ކޯޓުން ކުރާ ހުކުމަކަށްފަހުކަން އެންގުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅުން

ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅެމުގެ އިންތިޒާމު މަސައްކަތް ހަވާލުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ.
 
 


ނުވަވަނަ ބާބު

އެހެނިހެން ކަންކަން

 

25 ވަނަ މާއްދާ - އުސޫލުތަކާއި މިންގަނޑުތައް ހެދުން

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމާ ގުޅޭގޮތުން ހަދަންޖެހޭ ތިރީގައިވާ އުސޫލުތަކާއި މިންގަނޑުތައް މިނިސްޓްރީ ގެ މަށްވަރާގެ މަތީން އޮތޯރިޓީން އެކުލަވައިލައި އާންމުކުރަންވާނެއެވެ.

(ހ) މަސައްކަތްކުރާ ތަންތަނުގެ އައްޔާއި، ވެންޓިލޭށަނާއި، ފިނިހޫނުމިނާއި،ސާފުތާހިރުކަން ފަދަ ކަންކަމާ ގުޅޭގޮތުން ހުންނަންޖެހޭ މިންގަނޑުތައް.

(ށ) މަސައްކަތްކުރާ ތަންތަނުގައި ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް، ހެލްތު އެންޑް ސޭފްޓީީ ޕޮލިސީީ ގެ އެންމެ ދަށް މިންގަނޑުތައް.

(ނ) ނުރައްކައުތެރި މެށިނަރީ އާއި ނުރައްކައުތެރި މާއްދާ ގެންގުޅުމުގައި ސަމާލުވާންޖެހޭ ކަންކަމާއި ރައްކައުތެރިކަމުގެ ގޮތުން ބޭނުންކުރަންޖެހޭ އާލާތްތަކާއި އަޅަންޖެހޭ ހެދުމާ ގުޅޭ އުސޫލު.

(ރ) މަސައްކަތުގައި މުވައްޒަފުން ބޭނުންކުރާ މެށިނަރީ އާއި، އިކުއިޕްމަންޓާއި،ޕްލާންޓުތަކާއި އެހެނިހެން ތަކެތި ނުވަތަ މަސައްކަތްކުރާ ގޮތާ ގުޅިގެން ލިބޭ ޖިސްމާނީ އަނިޔާ ނުވަތަ ސިއްހަތަށް ލިބޭ އެ ނޫން ވެސް ގެއްލުންތައް ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތައް.

(ބ) މި ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ރިޕޯޓުތައް އެކުލަވައިލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް.

(ޅ) މި ގާނޫނުގެ ދަށުން ހުއްދަ ދެވޭ އޮފިސަރުންނަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އިޖުރާތުތައް.

(ކ) އެކްރެޑިޓްކޮށްފައިވާ ތަމްރީނުދޭ ފަރާތްތައް އެކްރެޑިޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތުތައް.

(އ) ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ގޮތުގެ އުސޫލު.

 

26 ވަނަ މާއްދާ - އުސޫލުތަކާއި މިންގަނޑުތައް ހެދުމުގެ މުއްދަތު

(ހ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް/މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް/މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް/މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

(ރ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް/މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 9  (ނުވައެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

(ބ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް/މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

(ޅ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް/މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

(ކ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް/މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

(އ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް/މިންގަނޑުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ފީ ނެގޭނެ ކަންތައްތައް

ގާނޫނުގެ ދަށުން އަންނަނިވި ފަރާތްތަކަށް ލައިސަންސް ދޫކުރުމަށް ފީ ނެގޭނެއެވެ.

(ހ) ހެލްތު އެންޑް ސޭފްޓީ އޮފިސަރުން.

(ށ) އެކްރެޑިޓުކުރެވިފައިވާ ތަމްރީނުދޭ ފަރާތްތައް.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މެށިނަރީ މަސައްކަތްކުރާގޮތް ބެލުމަށް ނުވަތަ ޓެސްޓުކުރުމަށް ހުއްދަދީފައިވާ އެގްޒަމިނަރުން.

 

28 ވަނަ މާއްދާ - ފީ ނެގޭނެ ގޮތް

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ދޫކުރާ ލައިސަންސްތަކަށް 500 (ފަސްސަތޭކަ) ރުފިޔާގެ ފީ އެއް ނެގޭނެއެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއް ގެއްލިގެން އަލުން ހެއްދުމަށް 300 (ތިންސަތޭކަ) ރުފިޔާގެ ފީ އެއް ނެގޭނެއެވެ.

(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަންސުގެ މުއްދަތު ހަމަވެގެން އައުކުރުމަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ފީ އެއް ނެގޭނެއެވެ.

 

29 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

ވަޒީފާދޭ ފަރާތުން ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން މި ގަވާއިދާ ހިލާފަށް އަމަލުކުރާ ނަމަ، އެކަމުގެ ށަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމު/ޕޯޓަލް މެދުވެރިކޮށް، މި އޮތޯރިޓީ އަށެވެ.

 

30 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ކަނޑައެޅޭ އަދަބު

މި ގަވާއިދުގައި ބަޔާންވެގެންވާ ކަންކަން ނުކޮށްފި ނަމަ ނުވަތަ ޑިރެކްޓަރ ޖެނެރަލް ނުވަތަ މި އޮތޯރިޓީން އަންގާ އެންގުތަކަށް އަމަލުނުކޮށްފި ނަމަ، ތިރީގައިވާ ގޮތުގެ މަތީން އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(ހ) ކަނޑައަޅައިފައިވާ މުއްދަތުގައި ހެލްތު އެންޑް ސޭފްޓީީ ޕޮލިސީީ ތައް އެކުލަވައިލައި އާންމުނުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ހަދާ އުސޫލުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ. 

(ށ) މި ގަވާއިދުގެ ދަށުން އިސްލާހުކުރުމަށް އަންގާ ކަންތައްތައް ފުރިހަމަކުރުމަށް މި ގަވާއިދުގައި ކަނޑައަޅާ މުއްދަތުގައި ނުކޮށްފި ނަމަ، މި ގަވާއިދުގެ ދަށުން ހަދާ އުސޫލުގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މަކަރާއި ހީލަތުން ހުއްދަ ހޯދައިފައިވާކަމަށް ފާހަގަކުރެވިއްޖެ ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭނެއެވެ.

 

31 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) ގައި މާނަކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކަށް މި ގަވާއިދުގައި ދީފައިވަނީ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވާ މާނަކުރުމެވެ. މީގެ އިތުރުން، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވާނީ ތިރީގައިވާ އަކުރުތަކުގައިވާ މާނަކުރުންތަކެވެ. 

(ހ) "ވަޒީފާދޭ ފަރާތް" ނުވަތަ "މަސައްކަތް ހަވާލުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކު ނުވަތަ ކުންފުންޏެއް ނުވަތަ ސަރުކާރު ނުވަތަ އަމިއްލަ ފަރާތްތަކަށެވެ. އަދި އެ މާނަކުރުމުގައި، މިނިވަން ނޫން ކޮންޓްރެކްޓަރުންގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ނަގުލުވާ ފަރާތްތައް ވެސް ހިމެނޭގޮތުންނެވެ.

(ށ) "ދާއިމީ ނުކުޅެދުންތެރިކަން" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ދައުލަތުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީ ކުރަންޖެހޭ ފަދަ ނުކުޅެދުންތެރިކަމެއް ހުރުމަށެވެ.

 

32 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 


ޖަދުވަލު 1

ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންނަށް ފުރިހަމަ ކުރެވިދާނެ ތަމްރީން ޕްރޮގްރާމުތަކާއި ތައުލީމު ހާސިލު 
 ކުރެވިދާނެ ދާއިރާތައް

1. އޮކިއުޕޭށަނަލް ހެލްތް

އޮކިއުޕޭށަނަލް މެޑިސިން

އޮކިއުޕޭށަނަލް ހައިޖީން

އަރގޮނޮމިކްސް

 

2. ސޭފްޓީ މެނޭޖްމަންޓް

ރިކްސް މެނޭޖްމަންޓް

އިންޑަސްޓްރިއަލް ސޭފްޓީ

ކޮންސްޓްރަކްށަން ސޭފްޓީ

 

3. އެންވަޔަރަމަންޓަލް ހެލްތް

އެންވަޔަރަމަންޓަލް މެނޭޖްމަންޓް

އިންޑަސްޓްރިއަލް ހައިޖީން

ހެޒާޑަސް މެޓީރިއަލްސް މެނޭޖްމަންޓް

 

4. ޕަބްލިކް ހެލްތް

އެޕިޑެމިއޮލޮޖ

ހެލްތް ޕްރޮމޯށަން

ޓޮކްސިކޮލޮޖީ

 

5. ހިއުމަންފެކްޓާރސް އެންޑް އާރގޮނޮމިކްސް

ހިއުމަން ފެކްޓަރސް އިންޖިނިއަރިންގ

ކޮގްނެޓިވް އަރގޮނޮމިކްސް

ފިޒިކަލް އަރގޮނޮމިކްސް

 

6. ސޭފްޓީ އިންޖިނިއަރިންގ

ޕްރޮސެސް ސޭފްޓީ އިންޖިނިއަރިންގ

ފަޔަރ ސޭފްޓީ އިންޖިނިއަރިންގ

ސިސްޓަމް ސޭފްޓީ އިންޖިނިއަރިންގ

 

7. ހެލްތް ފިޒިކްސް

ރޭޑިއޭށަން ޕްރޮޓެކްށަން

ރޭޑިއޮލޮޖިކަލް ސޭފްޓީ

ނިއުކްލިއަރ ސޭފްޓީ

 

8. ރެގިއުލޭޓަރ އެފެއާޒް

ހެލްތް އެންޑް ސޭފްޓީ ރެގިއުލޭށަންސް

ކޮންޕްލައެންސް މެނޭޖްމަންޓް

ޕޮލިސީ ޑިވަލޮޕްމަންޓް

 

9. އެމަޖެންސ މެނޭޖްމަންޓް

ޑިޒާސްޓަރ ޕްރިޕެއާޑްނެސް

ކްރައިސިސް މެނޭޖްމަންޓް

އެމަރޖެންސީ ރެސްޕޮންސް ޕްލޭނިންގ

 

10. ސައިކޯސޯށިއަލް ވަރކް އެންވަޔަރަމަންޓް

އޮކިއުޕޭށަނަލް ސައިކޮލޮޖީ

ވަރކްޕްލޭސް ސްޓްރެސް މެނޭޖްމަންޓް

 

މައި ގާނޫނު

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު