-

ބޭރުގެ ކުންފުނި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2024-100)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮކްޓޫބަރު 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ބޭރުގެ ކުންފުނި ރީރަޖިސްޓަރީކުރުމާއި، އެ ކުންފުނިތައް ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމާއި، އެ ކުނފުނިތަކުގެ ރީރަޖިސްޓަރީ ބާތިލުކުރުމާއި، ރީރަޖިސްޓަރީކުރެވޭ ބޭރުގެ ކުންފުންޏާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެ ނޫން ވެސް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމަށ،ް ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 247 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، " ބޭރުގެ ކުންފުނި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ބޭރުގެ ކުންފުންޏެއް ރީރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ބަޔާންކުރުން.

(ށ) ބޭރުގެ ކުންފުންޏާ ގުޅިގެން ރަޖިސްޓްރާރއަށް ހުށަހަޅާ މައުލޫމާތަށް އަންނަ ބަދަލު ރަޖިސްޓްރާރއަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ބަޔާންކުރުން.

(ނ) ބޭރުގެ ކުންފުނީގެ އެޖެންޓުން އައްޔަނުކުރުމުގައި އަމަލުކުރަންޖެހޭ ގޮތާއި،އެޖެންޓަށް އަންނަ ބަދަލުތައް ރަޖިސްޓްރާރއަށް އެންގުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުން.

(ރ) ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނީގެ ރީރަޖިސްޓަރީބާތިލުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާނެ އިދާރާ

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިންގާނީ ރަޖިސްޓްރާރއެވެ.

 

4 ވަނަ މާއްދާ - ބޭރުގެ ކުންފުނި ރީރަޖިސްޓަރީކުރުން ލާޒިމުވުން

ބޭރުގެ ކުންފުންޏަކުން، އެ ކުންފުންޏެއްގެ ނަމުގައި، ދިވެހިރާއްޖޭގައި ގާއިމުވެގެން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވާންވާނީ، ދިވެހިރާއްޖޭގައި ކުރެވޭ ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ހުއްދަ ނެގުމާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ކުންފުނި ރީރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅައި، އެ ކުންފުންޏެއް ރީރަޖިސްޓަރީކުރުމަށްފަހު، ކުންފުނީގެ ދަފުތަރުގައި އެ ކުންފުންޏެއް ރަޖިސްޓަރީކުރުމަށްފަހުއެވެ.

 

5 ވަނަ މާއްދާ - ބޭރު ކުންފުނީގެ ނަން

(ހ) ރީރަޖިސްޓަރީކުރުމަށް ހުށަހަޅާ ބޭރުގެ ކުންފުނީގެ ނަން ފާސްކުރުމުގައި އަމަލުކުރާނީ، މި ގަވާއިދާއި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ޕްރައިވެޓް ކުންފުނީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ބޭރުގެ ކުންފުންޏަކުން ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރުމަށް އެދޭ ނަމަ، ގާނޫނުގެ ދަށުން ހަދާ ޕްރައިވެޓް ކުންފުނީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނަން ރިޒަރވްކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި ބޭރުގެ ކުންފުނި ރީރަޖިސްޓަރީކޮށްދެވޭނީ ކުންފުނި ރަޖިސްޓަރީކޮށްފައިވާ ގައުމުގައި ރަޖިސްޓަރީކޮށްފައިވާ ނަމުގައެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ރީރަޖިސްޓަރީކުރުމަށް އެދޭ ބޭރުގެ ކުންފުނީގެ ނަމަކީ މި ގަވާއިދާއި، ގާނޫނާއި،ގާނޫނުގެ ދަށުން ހަދާ ޕްރައިވެޓް ކުންފުނީގެ ގަވާއިދާ ހިލާފު ނަމެއް ނަމަ، އެ ނަން ފާސްކޮށްނުދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރީރަޖިސްޓަރީކުރުމަށް އެދޭ ބޭރުގެ ކުންފުނީގެ ނަމަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެހެން ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ނަމާ އެއްވައްތަރުގެ ނަމެއް ނަމަ ނުވަތަ އެއްނަމެއް ނަމަ، އެ ނަމާ ގުޅޭގޮތުންއަމަލުކުރެވޭނީ އަންނަނިވި ގޮތުންކުރެ ގޮތަކަށެވެ.

  1. އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަން އަންގައިދިނުމުގެގޮތުން ކުންފުނީގެ ނަމުގެ ފަހަތަށް "(Maldives)" ހިމެނުން؛ ނުވަތަ 
  2. ކުންފުނީގެ ނަމުގެ ފަހަތަށް އެ ކުންފުނީގެ ވިޔަފާރި ނަން ހިމެނުން.

 

6 ވަނަ މާއްދާ - ބޭރުގެ ކުންފުނި ރީރަޖިސްޓަރީކުރަން ހުށަހެޅުން

ބޭރުގެ ކުންފުންޏެއް ރީރަޖިސްޓަރީކުރުމަށް ޓަކައި، އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ފުރިހަމަކޮށްފައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. 

(ހ) ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން ހޯދައިފައިވާ ހުއްދަ ނުވަތަ ސަރުކާރުން ދޫކުރާ އެފަދަ އެހެން ހުއްދައެއް އަދި ހުއްދަ ދެވުނު ފޮރިން އިންވެސްޓްމަންޓް ހަރަކާތް.

(ށ) ބޭރުގެ ކުންފުނީގެ އަންނަނިވި މައުލޫމާތު:

  1. ކުންފުނީގެ ނަމާއި، ކުންފުނީގެ ބާވަތާއި، ރަޖިސްޓަރީ ނަންބަރާއި، ކުންފުނި ރަޖިސްޓަރީކުރެވިފައިވާ ގައުމާއި، ކުންފުނި ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި، ވިޔަފާރި ހިންގާ އެޑްރެހާއި، ކުންފުންޏާ މުއާމަލާތުކުރެވޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް؛
  2. ކުންފުނީގެ މެންބަރަކީ ފަރުދެއް ނަމަ، އެ ފަރާތުގެ ފުރިހަމަ ނަމާއި، ނޭނޭށަނަލް އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި، މެއިލިންގ އެޑްރެހާއި، އީމެއިލް އެޑްރެހާއި، ފޯނު ނަންބަރު؛
  3. ކުންފުނީގެ މެންބަރަކީ ގާނޫނީ ށަހްސެއް ނަމަ، އެ ފަރާތުގެ ރަޖިސްޓްރޭށަން ނަންބަރާއި، ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، އެ ފަރާތުގެ މެންބަރުންގެ ނޭނޭށަނަލް އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި، މެއިލިންގ އެޑްރެހާއި، އީމެއިލް އެޑްރެހާއި، ފޯނު ނަންބަރާއި، ނޯޓަރައިޒްކޮށްފައިވާ ދުސްތޫރު؛
  4. ކުންފުނީގެ ހުރިހާ ޑިރެކްޓަރުންގެ ނަމާއި، ނޭށަނަލް އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި، މެއިލިންގ އެޑްރެހާއި، އީމެއިލް އެޑްރެހާއި، ފޯނު ނަންބަރު؛
  5. އެއްވެސް ޑިރެކްޓަރަކީ ގާނޫނީ ށަހްސެއް ނަމަ، އެ ފަރާތުގެ ރަޖިސްޓްރޭށަން ނަންބަރާއި، ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި،  ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، އެ ފަރާތުގެ މެންބަރުންގެ ނޭށަނަލް އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި، މެއިލިންގ އެޑްރެހާއި، އީމެއިލް އެޑްރެސް؛
  6. ކުންފުނި ރަޖިސްޓަރީކުރެވިފައިވާ ގައުމުން ދީފައިވާ ކުންފުނީގެ ރަޖިސްޓަރީ ސެޓުފިކެޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް؛
  7. ކުންފުނީގެ ރައުސްމާލުގެ އަދަދާއި، ހިއްސާގެ އަދަދާއި، ހިއްސާ ބެހިފައިވާ ގޮތުގެ މައުލޫމާތު؛
  8. ނޯޓަރައިޒްކޮށްފައިވާ ކުންފުނީގެ ދުސްތޫރު؛
  9. ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުންގެ އަންނަނިވި މައުލޫމާތު:
    9.1 ސިގްނިފިކަންޓް ބެނެފިށަލް އޯނަރަކީ ފަރުދެއް ނަމަ، ފުރިހަމަ ނަމާއި، ނޭށަނަލް އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި، ނިސްބަތްވާ ގައުމާއި، ސިގްނިފިކަންޓް ބެނެފިށަލް އޯނަރަކަށް ވެފައިވާ ތާރީހު.
    9.2 ސިގްނިފިކަންޓް ބެނެފިށަލް އޯނަރަކީ ގާނޫނީ ށަހްސެއް ނަމަ، އެ ފަރާތުގެ ނަމާއި، ރެޖިސްޓްރޭށަން ނަންބަރާއި، ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި، ސިގްނިފިކަންޓް ބެނެފިށަލް އޯނަރަކަށް ވެފައިވާ ތާރީހު.
  10. ކުންފުނި ހިމަނައިފައިވާ ޕަބްލިކް ރަޖިސްޓަރީގެ މައުލޫމާތު؛ ނުވަތަ
  11. މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭހެން އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް.

(ނ) ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އައްޔަނުކުރާ، ދިވެހިރާއްޖޭގައި ހުންނަ ކުންފުނީގެ އެޖެންޓުގެ އަންނަނިވި މައުލޫމާތާއި ލިޔެކިޔުން:

  1. އެޖެންޓުގެ ފުރިހަމަ ނަމާއި، ނޭށަނަލް އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސަރވިސް އެޑްރެހާއި، އީމެއިލް އެޑްރެހާއި، ފޯނު ނަންބަރު؛
  2. އެޖެންޓް އައައްޔަނުކުރުމަށް ނިންމި ނިންމުން އެނގޭނެ ގޮތަށް ޑިރެކްޓަރަކު ސޮއިކޮށްފައިވާ ލިޔުން؛
  3. ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުންޏެއްގެ އެޖެންޓަކަށް އައްޔަނުކުރާ ފަރާތުން، އެޖެންޓުކަމަށް އައްޔަނުކުރުމަށް އޭނާ ރުހި ގަބޫލުވާކަމަށާއި، އޭނާއަކީ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެއްކަމަށް ބަޔާންކޮށްފައިވާ އިގުރާރު؛
    3.1 އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކަށްވުން؛
    3.2 ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ ފަރާތެއް ނޫންކަން؛
    3.3 އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން ދިރިއުޅޭ ފަރާތެއް ކަމުގައި ވުން.

(ރ) ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުނިން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ސަރވިސް އެޑްރެސް.

(ބ) ބޭރުގެ ކުންފުނީގެ ރަޖިސްޓަރީ ސެޓުފިކެޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް ނުވަތަ ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަން އަންގައިދ،ޭ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއްގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް.

(ޅ) ބޭރުގެ ކުންފުނިން ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރުމަށް އެ ކުންފުނީގެދުސްތޫރުގައިވާ ގޮތުގެ މަތީން ނިންމި ނިންމުން އެނގޭނެ ލިޔުމުގެ ނޯޓަރައިޒްކޮށްފައިވާ ލިޔުން.

(ކ) އަންނަނިވި ކަންތައްތައް ހިމެނޭގޮތުން ކުންފުނީގެ ފަރާތުން ދީފައިވާ އިގުރާރު.

  1. ބޭރުގެ ކުންފުނި ރަޖިސްޓަރީކޮށްފައިވާ ގައުމުން ބޭރުގައި ވިޔަފާރިކުރުމުގެ ހުއްދަ އޮތްކަން؛
  2. ރީރަޖިސްޓަރީކުރުމަށް ހުށަހަޅާ ބޭރުގެ ކުންފުންޏަކީ އުވައިލުމުގެ މަރުހަލާގައިވާ ކުންފުންޏެއް ނޫންކަން؛ އަދި
  3. ރީރަޖިސްޓަރީކުރުމަށް ހުށަހަޅާ ބޭރުގެ ކުންފުންޏަކީ އިފްލާސްކުރެވިފައިވާ ކުންފުންޏެއް ނޫންކަން.

(އ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްވެސް ލިޔުމަކީ އިނގިރޭސިބަހުން ނޫން ބަހަކުން އޮތް ލިޔުމެއް ނަމަ، އެ ލިޔުމުގެ ނޯޓަރައިޒްކޮށްފައިވާ އިނގިރޭސި ތަރުޖަމާ.

 

7 ވަނަ މާއްދާ - ރީރަޖިސްޓަރީ ސެޓުފިކެޓު ދޫކުރުން

ބޭރުގެ ކުންފުނި ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރުމަށް ހުށަހަޅާ ހުށަހެޅުމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަވާ ނަމަ، ލިޔެކިޔުންތައް ހުށަހަޅާތާ ގިނަވެގެން 3 )ތިނެއް( ދުވަހުގެ ތެރޭގައި އެ ކުންފުންޏެއް ރީރަޖިސްޓަރީކޮށ،ް ކުންފުނީގެ ދަފުތަރުގައި އެ ކުންފުންޏެއް ރަޖިސްޓަރީކުރުމަށްފަހު، އެ ކުންފުންޏަކަށް ރަޖިސްޓަރީ ސެ ޓުފިކެޓެއް، ރަޖިސްޓްރާރ ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރާ ސެޓުފިކެޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ކުންފުނީގެ ނަމާއި، ރަޖިސްޓަރީ ނަންބަރާއި، ރަޖިސްޓަރީކޮށްފައިވާ ގައުމު.

(ށ) އެ ކުންފުންޏަކީ، ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުންޏެއްކަމާއި، ރީރަޖިސްޓަރީކުރި ތާރީހު.

(ނ) ރީރަޖިސްޓަރީ ނަންބަރު.

(ރ) ކުންފުނިން ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމަށް ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ މުއްދަތު.

 

8 ވަނަ މާއްދާ - ބޭރުގެ ކުންފުނީގެ އެޖެންޓެއްހުރުން

(ހ) ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރާ ކޮންމެ ބޭރުގެ ކުންފުންޏަކުން، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެ ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި މީހަކު އައްޔަނުކޮށްފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އައްޔަނުކުރާ އެޖެންޓެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކަށް ވުން؛
  2. ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ ފަރާތަކަށް ނުވުން؛ 
  3. އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތެއް ކަމުގައި ވުން.

(ނ) ގާނޫނުގެ ދަށުން ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުންޏެއްގެ އެޖެންޓަކަށް އައްޔަނުކުރާ ފަރާތަކީ، އެޖެންޓުކަމަށް އައްޔަނުކުރުމަށް އޭނާ ރުހި ގަބޫލުވާ ފަރާތެއްކަމާއި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއްކަމަށް ލިޔުމުން ބަޔާންކޮށް ކުންފުންޏަށް ހުށަހެޅުމުން މެނުވ،ީ ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި އެއްވެސް ފަރާތެއް ހަމަޖައްސައެއް ނުދެވޭނެއެވެ.

(ރ) ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުންޏެއްގެ އެޖެންޓަކަށް އައްޔަނުކުރާ ފަރާތުން އަންނަނިވި ކަންތައްތަކަ ށް ޒިންމާ އުފުލަން ޖެހޭނެއެވެ.

  1. ކުންފުނިން އެ ނޫން ގޮތަކަށް ކަނޑައަޅައިފައި ނުވާ ނަމަ، ގާނޫނުގެ ދަށުން ރަޖިސްޓްރާރ ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުމާއި ނޯޓިސް ކުންފުނީގެ ފަރާތުން ބަލައިގަތުން؛
  2. ބޭރުގެ ކުންފުނިން، ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް ފުރިހަމަކުރުމުގައި، ރަޖިސްޓްރާރއަށް ޖަވާބުދާރީވުން؛
  3. ގާނޫނުގެ އެއްވެސް މާއްދާއަކާ ކުންފުނިން ހިލާފުވެގެން ގާނޫނުގެ ދަށުން އެ ކުންފުންޏަކަށް އަޅާ އެއްވެސް ފިޔަވަޅަކަށް ފަރުދީގޮތުން ޒިންމާވުން.

 

9 ވަނަ މާއްދާ - މައުލޫމާތަށް އަންނަ ބަދަލު ރަޖިސްޓްރާރއަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ބޭރުގެ ކުންފުނިން ހުށަހަޅައިފައިވާ މައުލޫމާތު ހިމެނޭ ގޮތުން، ތިރީގައިވާ މައުލޫމާތުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން ރަޖިސްޓަރާރއަށް އެންގުމުގެ ގޮތުން، އެ ބަދަލެއް ގެންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އަންނަނިވި ލިޔެކިޔުންތަކާއެކު،ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

  1. ކުންފުނީގެ ނަމާއި، ކުންފުނީގެ ބާވަތާއި، ރަޖިސްޓަރީ ނަންބަރާއި، ކުންފުނީގެ ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި، ވިޔަފާރި ހިންގާ އެޑްރެހާއި، ކުންފުންޏާ ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ، އެ މައުލޫމާތު؛
  2. ކުންފުނީގެ މެންބަރެއްގެ މައުލޫމާތަށް ބަދަލެއް އައިސްފައިވާ ނަމަ، އެ މައުލޫމާތު؛ 
  3. ކުންފުނީގެ ޑިރެކްޓަރެއްގެ މައުލޫމާތަށް ބަދަލެއް އައިސްފައިވާ ނަމަ، އެ މައުލޫމާތު؛
  4. ކުންފުނީގެ ރަޖިސްޓަރީ ސެޓުފިކެޓަށް ބަދަލެއް އައިސްފައިވާ ނަމަ، އައު ރަޖިސްޓަރީ ސެޓުފިކެޓުގެ ނޯޓަރައިޒްކޮށްފައިވާ ކޮޕީއެއް؛
  5. ކުންފުނީގެ ރައުސްމާލުގެ އަދަދާއި، ހިއްސާގެ އަދަދާއި، ހިއްސާ ބެހިފައިވާ ގޮތަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ، އެ ބަދަލެއް އަންގައިދޭ ލިޔުމެއް؛
  6. ކުންފުނީގެ ދުސްތޫރަށް ބަދަލެއް އައިސްފައިވާ ނަމަ، 
  7. އިސްލާހުކުރެވިފައިވާ ދުސްތޫރުގެ ނޯޓަރައިޒްކޮށްފައިވާ ކޮޕީއެއް؛
  8. ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުންގެ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ، އެ މައުލޫމާތު؛

(ށ) ބަދަލުވާ މައުލޫމާތަކީ ބޭރުގެ ކުންފުނީގެ މެންބަރުން ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރަކުން ނިންމަންޖެހޭ ނިންމުމެއް ނަމަ، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާއެކު އެ ނިންމުން ހިމެނޭ ގަރާރުގެ ނޯޓަރައިޒްކޮށްފައިވާ ކޮޕީ ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭރުގެ ކުންފުނީގެ އެޖެންޓަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އަންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. އަދި އަލުން އައްޔަނުކުރާ އެޖެންޓުގެ މައުލޫމާތު ހުށަހެޅުމުން މެނުވީ އެޖެންޓް ބަދަލުކޮށެއް ނުދެވޭނެއެވެ. 

(ރ) މި މާއްދާގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތެއް ރަޖިސްޓްރާރއަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފައި ނުވާ ނަމަ، ބޭރުގެ އެ ކުންފުންޏެއް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ގާނޫނާއި ގަވާއިދަށް އަމަލުކުރުން

ބޭރުގެ ކުންފުންޏެއް ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރުމާއެކު، ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނާއި، އެ ނޫން ވެސްދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓަރީ ނަންބަރު

(ހ) ރީރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏަކަށް ވެސް، ކުންފުނިތަކުގެ ދަފުތަރުގައި އެ ކުންފުނި ރަޖިސްޓަރީކުރެވުމާއެކު، ރަޖިސްޓަރީ ނަންބަރެއް، ރަޖިސްޓްރާރ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނިތަކުގެ ދަފުތަރުގައި ކުންފުނި ރަޖިސްޓަރީކުރާއިރު، ކުންފުނީގެ ރަޖިސްޓަރީ ސީރިއަލް ނަންބަރުގެ ކުރިއަށް "FCR "ހިމަނައި ކުންފުންޏަށް ވަކި ރަޖިސްޓަރީ ސީރިއަލް ނަންބަރެއް ދޭންވާނެއެވެ.

(ނ) ގާނޫނަށް އަމަލުކުރަން ފަށާއިރު ރީރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ ރަޖިސްޓަރީ ނަންބަރަށް ބަދަލެއް އައުމަކާ ނުލައި ދެމިއޮންނާނެއެވެ.

 

12 ވަނަ މާއްދާ - ކުންފުނީގެ ސިއްކަ

ގާނޫނުގެ ދަށުން ރީރަޖިސްޓަރީކުރާ ކުންފުނީގެ ސިއްކައިގެ ގޮތުގައި ސިއްކައެއް ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް ކުންފުންޏެއްގައި ސިއްކައެއް އޮތުން ލާޒިމެއް ނޫނެވެ. ރީރަޖިސްޓަރީކުރާ ކުންފުންޏެއްގައި ސިއްކައެއް ބޭނުންކުރާ ނަމަ، އެ ކުންފުނި ރަޖިސްޓަރީކޮށްފައިވާ ގައުމެއްގެ ކަމާބެހޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީ ކޮށްފައިވާ ސިއްކައެއް ބޭނުންކުރެވިދާނެއެވެ.

 

13 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ރީރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ އޮފީހުގައި ރައްކައުތެރިގޮތެއްގައި، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން، ކުންފުނީގެ ރިކޯޑުތަކުގެ ދެލިކޮޕީ ރައްކައުކޮށްފައި ބަހައްޓަންވާނެއެވެ.

 

14 ވަނަ މާއްދާ - އަހަރީ މާލީ ހިސާބުތައް ރަޖިސްޓްރާރއަށް ހުށަހެޅުން

(ހ) ރީރަޖިސްޓަރީކޮށްފައިވާ ކުންފުނިން، ކޮންމެ މާލީ އަހަރެއް ނިމުމަށްފަހު، ނޯޓަރައިޒްކޮށްފައިވާ އިގުރާރަކާއެކު، ރާއްޖޭގައި ކުރާ ވިޔަފާރީގެ ނިމުނު މާލީ އަހަރުގެ ކުންފުނީގެ ފުރިހަމަ އާމްދަނީގެ ބަޔާނާއި، މާލީ ހާލަތު އަންގައިދޭ ދައުރުވި ގޮތުގެ ބަޔާނާއި، މާލީ ބަޔާންތަކާ ގުޅޭ ނޯޓުތަކާއި، ހިއްސާވާ ކުންފުނިތަކާއެކު ކުރެވިފައިވާ މުއާމަލާތްތައް ހިމެނޭގޮތަށް ކުންފުނީގެ ފުރިހަމަ މާލީ ހިސާބުތަކާއި ބަޔާންތަކާއި، ކުންފުނީގެ މުދަލާއި ދަރަންޏާބެހޭ ތަފުސީލާއި، ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓަރުގެ ރިޕޯޓ،ު ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތައް ރަޖިސްޓްރާރއަށް ހުށަނާޅައިފި ނަމަ ނުވަތަ އެ ހިސާބުތަކުގައި މައުލޫމާތު ފުރިހަމަނުވާ ނަމަ ނުވަތަ އެ ހިސާބުތަކުގައި ސައްހަނޫން ދޮގު މައުލޫމާތު ހިމެނޭ ނަމަ ނުވަތަ އެ ހިސާބުތަކުގައި ކުށެއް އޮތް ނަމަ ނުވަތަ އެ ހިސާބުތައް ސާފުނުވުމުގެ ސަބަބުން ކިޔަން ނޭނގޭ ނަމަ، އެ ހިސާބުތައް ބަލައިގަތުމަށްފަހު ވެސް އެ އަނބުރާ ފޮނުވައިލުމާއި ރަޖިސްޓްރާރ ކަނޑައަޅާ ގޮތެއްގެ މަތީން އެ ހިސާބުތައް އިސްލާހުކުރުމަށް ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ބޭނުމަށް ޓަކައި އަހަރީ މާލީ ހިސާބުތަކުގެ މުއްދަތަކަށް ބަލާނީ، އެ އަހަރެއްގެ 1 ޖަނަވަރީން 31 ޑިސެންބަރުގެ ނިޔަލަށެވެ. ނަމަވެސް ކުންފުނި އުފައްދާ އަހަރުގައި މާލީ އަހަރަކީ، ކުންފުނި އުފެދުނު ތާރީހުން ފެށިގެން އެ އަހަރުގެ 31 ޑިސެންބަރުގެ ނިޔަލަށެވެ.

 

15 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ލިޔެކިޔުން ހުށަހެޅުމާއި ފައިލްކުރުން

ރަޖިސްޓްރާރއަށް ހުށަހަޅަންޖެހޭ ލިޔެކިޔުމާއި މައުލޫމާތު ހުށަހަޅައި ފައިލްކުރުމަށް ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - ރީރަޖިސްޓަރީ ބާތިލުކުރުމަށް ކުންފުނިން ހުށަހެޅުން

(ހ) ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނީގެ ރީރަޖިސްޓަރީ ބާތިލުކުރުމަށް އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކުންފުނިން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

  1. ކުންފުނިން ދިވެހިރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރި ހުއްޓައިލުން؛
  2. އެ ކުންފުންޏަށް ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ހުއްދަ ބާތިލުވުން ނުވަތަ ހުއްދައިގެ މުއްދަތު ހަމަވުން؛ ނުވަތަ
  3. ބޭރުގެ ކުންފުނި އުވައިލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން.

(ށ) ދިވެހިރާއްޖޭގައި ކުރަމުންއަންނަ ވިޔަފާރި ހުއްޓައިލުމަށް ނުވަތަ ބޭރުގެ ކުންފުނި އުވައިލުމަށް އެ ކުންފުންޏަކުން ކަނޑައަޅާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުވަތަ އެ ކުންފުންޏަށް ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރގެ ގެޒެޓުގައި ނޯޓިހެއް އާންމުކުރުމަށް ޓަކައި ރަޖިސްޓްރާރއަށްފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާއެކު އަންނަނިވި ލިޔެކިޔުން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

  1. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ ކަންކަން ކުންފުނިން ނިންމި ނިންމުން އެނގޭނެ ލިޔުމެއް؛ 
  2. ކުންފުނި ބާތިލުކުރުމަށް ހުށަހަޅާ ބޭރުގެ ކުންފުންޏާ ގުޅޭ އަންނަނިވި ކަންކަން ހިމެނޭ ރިޕޯޓެއް؛
    2.1 ދައުލަތަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން؛
    2.2 ކުންފުނީގައި ވަޒީފާ އަދާކުރަމުންއައި ފަރާތްތަކަށް ދޭންޖެހޭ އުޖޫރަ ދީފައިވާކަން؛
    2.3 ކުންފުންޏާ ގުޅިގެން އެއްވެސް ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނުވަތަ ދައްކަންޖެހޭ ދަރަންޏެއް އޮތް ނަމަ، އެ ފައިސާ ދައްކައިފައިވާކަން ނުވަތަ އެ ދަރަނި ހަލާސްކޮށްފައިވާކަން؛
    2.4 ކުންފުންޏާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިނގަމުންދާ އެއްވެސް ދައުވާއެއް ނެތްކަން.
  3. ރީރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ އެންމެ ފަހުގެ މާލީ ހިސާބުތައް.

 

17 ވަނަ މާއްދާ - ރީރަޖިސްޓަރީ ބާތިލުކުރުމަށް ރަޖިސްޓްރާރ ކަނޑައެޅުން

(ހ) އަންނަނިވި ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނީގެ ރީރަޖިސްޓަރީ ބާތިލުކުރުމަށް ރަޖިސްޓްރާރއަށް ކަނޑައެޅިދާނެއެވެ.

  1. މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ރީރަޖިސްޓަރީ ބާތިލުކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވުން؛
  2. އެ ކުންފުންޏަކީ، ހަރަކާތްތެރިނުވާ ކުންފުންޏެއްކަމަށ،ް ގާނޫނުގެ 208 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއް ކަމަށް ކަނޑައަޅައި، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި، ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި އެ ކުންފުންޏެއްގެ ނަން ހިމެނުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުންފުނި ބާތިލުކުރުމަށް ރަޖިސްޓްރާރ ކަނޑައަޅާއިރު، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ރަޖިސްޓްރާރ އާންމުކޮށް އިއުލާނުކުރުން؛
  2. އެ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްތޯ ބެލުން؛
  3. އެ ކުންފުނިން ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކޮށްފައިވާކަން ބެލުން.

 

18 ވަނަ މާއްދާ - ކުންފުނީގެ ނަން ދަފުތަރުން އުނިކުރުން

މި ގަވާއިދުގެ ދަށުން ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުންޏެއްގެ ރީރަޖިސްޓްރޭށަން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބާތިލުކުރުމާއެކު، އެ ކުންފުންޏެއްގެ ނަން ކުންފުނީގެ ދަފުތަރުން އުނިކޮށ،ް އެ ކުންފުންޏަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި އަންގައި، އެކަން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ރީރަޖިސްޓަރީ ބާތިލުކުރުމުގެ ނަތީޖާ

މި ގަވާއިދުގެ ދަށުން ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނީގެ ރީރަޖިސްޓަރީ ބާތިލުކޮށްފި ނަމަ، އެ ފަރާތަކުން ދިވެހިރާއްޖޭގައި އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.

 

20 ވަނަ މާއްދާ - ކުންފުނިތަކުގެ ދަފުތަރު

ގާނޫނުގެ 231 ވަނަ މާއްދާގެ ދަށުން، ރަޖިސްޓްރާރ ލިޔެ ބަލަހައްޓާ ކުންފުނިތަކުގެ ދަފުތަރުގައި ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުނިތައް ހިމަނައި، އެ ކުންފުނިތަކުގެ އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ކުންފުނީގެ ނަން (ނަން ބަދަލުކޮށްފައިވާ ނަމަ، ކުރިން ކިޔުނު ނަންތައް)، ރަޖިސްޓަރީ ނަންބަރު، ރީރަޖިސްޓަރީކުރި ތާރީހު، ރީރަޖިސްޓްރޭށަން ނަންބަރު، ރަޖިސްޓަރީކޮށްފައިވާ އެޑްރެސް، ދިވެހިރާއްޖޭގައި ހުންނަ ސަރވިސް އެޑްރެސް.

(ށ) ފޮރިން އިންވެސްޓްމަންޓް ހުއްދަ ދެވުނު ހަރަކާތްތަކާއި ހުއްދަ ދިން މުއްދަތު،

(ނ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނިން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެޖެންޓުގެ މައުލޫމާތު.

(ރ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުންފުނީގެ މައުލޫމާތު.

 

21 ވަނަ މާއްދާ - ރީރަޖިސްޓަރީ ބާތިލުކުރުމާ ގުޅިގެން ނަން ދަފުތަރުން އުނިކުރުން

ގާނޫނުގެ ދަށުން ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުންޏެއްގެ ރީރަޖިސްޓްރޭށަން ބާތިލުކުރުމާއެކު، އެ ކުންފުންޏެއްގެ ނަން ރަޖިސްޓްރާރގެ ދަފުތަރުން އުނިކޮށ،ް އެކަން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ފީދެއްކުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭރުގެ ކުންފުނިތައް ރީރަޖިސްޓަރީކުރުމަށާއި، އެ ކުންފުނި ރީރަޖިސްޓަރީކުރުމުގެ މަރުހަލާގައި ރަޖިސްޓްރާރއަށް ހުށަހަޅާ އެ ކުންފުންޏާއި އެ ކުންފުނީގެ އެޖެންޓުގެ މައުލޫމާތަށް ބަދަލު އައުމުން އެ ބަދަލު ރިކޯޑުކުރުމަށާއި، ކުންފުނި ޑީރަޖިސްޓަރީކުރުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީ ނެގޭނެއެވެ. އަދި ރަޖިސްޓްރާރ ކަނޑައަޅާ ގޮތެއްގެ މަތީން އެ ފީ ދައްކަންވާނެއެވެ.

 

23 ވަނަ މާއްދާ - ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނިތަކުން އަލަށް އަންނަ އިލްތިޒާމުތައް ފުރިހަމަކުރުން

ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނު ނަންބަރު 1990-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނިތަކުން ގާނޫނުގެ ދަށުން އެއްވެސް އައު އިލްތިޒާމެއް ފުރިހަމަކުރަންޖެހޭ ނަމަ، ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެ ކަމެއް ފުރިހަމަކޮށް ނިންމަންވާނެއެވެ.

 

24 ވަނަ މާއްދާ - މުއްދަތު ގުނުން

މި ގަވާއިދުގެ ބޭނުމަށް ވަގުތު ނުވަތަ މުއްދަތު ގުނުމުގައި ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ ތާރީހު ނުވަތަ ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ އެންމެފަހު ތާރީހު ބެލުމުގައި، އެ ކަމެއް ކުރުމަށް ކަނޑައެޅިފައިވާ ތާރީހާއި އެ ކަމެއްކޮށް ނިންމަންޖެހޭ ތާރީހު ހިމަނައިގެން ވަގުތު ނުވަތަ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

 

25 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 218 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) އާއި، އެ ގާނޫނަށް ގެންނަ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ނ) "ޕްރައިވެޓް ކުންފުނީގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2024-99 (ޕްރައިވެޓް ކުންފުނީގެ ގަވާއިދު) އަށެވެ.

(ރ) "ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ބ) "ބޭރުގެ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކާއި، އެ ގައުމެއްގެ ކަމާބެހޭ ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހިންގާ ޖަމުއިއްޔާ ނުވަތަ ޗެރިޓީ ނުވަތަ ފައުންޑޭށަން ނުވަތަ ވިޔަފާރިކުރުމަށް އެހެން ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ އެ ނޫން ވެސް ގާނޫނީ ށަހްސުތަކަށެވެ.

(ޅ) "ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅަންޖެހޭ ލިޔެކިޔުމާއި މައުލޫމާތު ހުށަހަޅައި ފައިލްކުރުމަށް ޓަކައި ރަޖިސްޓްރާރ ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތަށެވެ.

(ކ) "ކުންފުނިތަކުގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރަށެވެ.

(އ) ނޯޓަރައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ލިޔުމެއްގައި، ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކުރުމަށެވެ.

(ވ) "އެޓެސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ލިޔުމެއްގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށެވެ.

(މ) "ވިޔަފާރި ނަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރީރަޖިސްޓަރީކުރުމަށް ހުށަހަޅާ ބޭރުގެ ކުންފުނިތަކުން ހިންގާ ވިޔަފާރީގައި ބޭނުންކުރުމަށް އެ ކުންފުނި ރަޖިސްޓަރީކޮށްފައިވާ ގައުމުގައި ރަޖިސްޓަރީކޮށް ބޭނުންކުރަމުންދާ ނަމަށެވެ.

(ފ) "ސިގްނިފިކަންޓް ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، ކުންފުންޏަކާ ގުޅޭގޮތުން އަންނަނިވި ހައްގުތައް ނުވަތަ އިނާޔަތްތައް އެ ފަރާތަށް ލިބިގެންވާ ކޮންމެ ފަރުދަކަށެވެ. އެއީ، އެ ހައްގުތައް ނުވަތަ އިނާޔަތްތައް އެ ފަރާތަކަށް ލިބިގެންވަނީ، އެ މީހަކު އެކަނި ނަމަވެސް ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުގައި ނަމަވެސް ނުވަތަ ޓްރަސްޓެއް މެދުވެރިވެގެން ނަމަވެސް މެއެވެ.

  1. މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ހިއްސާ، ސީދާކޮށް ނުވަތަ ނުސީދާކޮށް މިލްކުކުރާ ހިއްސާއާއެކު އޮތުން؛
  2. ކުންފުނީގެ އާންމު ޖަލްސާގައި ވޯޓުލުމުގެ ހައްގުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުން؛
  3. މާލީ އެއްވެސް އަހަރެއްގައި، ކުންފުނިން ބަހާ ޑިވިޑެންޑުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ނުސީދާކޮށް ނުވަތަ ސީދާކޮށް ލިބިގެންވާ ހައްގާއެކު ލިބިގަތުމުގެ ހައްގު ލިބިގެންވުން؛
  4. ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ހައިސިއްޔަތުން އެކަނި ނޫން ގޮތަކަށ،ް ކުންފުނީގައި ސިގްނިފިކަންޓް އިންފްލުއެންސް ނުވަތަ ކޮންޓްރޯލް ބޭނުންކުރުމުގެ ހައްގު ލިބިގެންވުން ނުވަތަ ބޭނުންކުރުން.

(ދ) "ސިގްނިފިކަންޓް އިންފްލުއެންސް" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ މާލީ ސިޔާސަތުތައް ނުވަތަ ހިންގުމުގެ ސިޔާސަތުތައް ނިންމުމުގައި ބައިވެރިވުމުގެ ހައްގ،ު ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުމަށެވެ.

(ތ) "ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:

  1. ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން އަޣްލަބިއްޔަތުގެ ޑިރެކްޓަރުން އައްޔަނުކުރުމުގެ ހައްގު ލިބިގެންވުމަށް؛ ނުވަތަ
  2. ކުންފުނީގެ ހިންގުމުގެ ނުވަތަ ސިޔާސަތުތައް ނިންމުމުގެ ހައްގު ލިބިގެންވާ ފަރާތެއް ނުވަތަ އެހެން މީހަކާ ނުވަތަ ބަޔަކާއެކު އެ ހައްގު ލިބިގެންވާ ފަރާތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް ކޮންޓްރޯލްކުރުމަށް؛ އެއީ، ހިއްސާއާ ގުޅިގެން ނުވަތަ މެނޭޖްމަންޓުގެ ހައްގުތަކަކާ ގުޅިގެން ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވޯޓުދިނުމާ ގުޅޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަމަށްވީ ނަމަވެސްމެއެވެ.

 

26 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

ފީ ތާވަލު

ތަފުސީލު ދައްކަންޖެހޭ ފީގެ އަދަދު ( ރުފިޔާއިން)
ރީރެޖިސްޓްރޭށަން ފީ  2،000 (ދެހާސް) ރުފިޔާ
ރަޖިސްޓަރީކުރާއިރު ހުށަހަޅާ އެއްވެސް މައުލޫމާތަކަށް ބަދަލު އައިސްފައިވާކަން ރިިކޯޑުކުރުން 100 (އެއްސަތޭކަ)
ޑީރެޖިސްޓްރޭށަން ފީ  2،000 (ދެހާސް) ރުފިޔާ

 

 

މައި ގާނޫނު

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު