-

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2024-17)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ފެބުރުއަރީ 2024 ގައި)

(މި ގަވާއިދުގެ 50 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2020-30 އުވާލެވިފައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިން ނާއި ށަރުއީ ބަލަދުވެރިއަކު ދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 97 ވަނަ މާއްދާގެ (ށ) އާއި، 98 ވަނަ މާއްދާގެ (ށ) އާއި، 99 ވަނަ މާއްދާގެ (ބ) އާއި، 105 ވަނަ މާއްދާގެ (ށ) އާއި،107 ވަނަ މާއްދާއަށް ރިއާޔަތްކޮށް، 101 ވަނަ މާއްދާގެ (ށ) އާއި، އެ މާއްދާގެ (ނ) އާއި، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ. 

(ހ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮސްޓަރ ކެއަރގެ ނިޒާމެއް ގާއިމުކުރުން.

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި ށަރުއީ ބަލަދުވެރިއަކުދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި، އެ ކުދިން ތަރުބިއްޔަތުކޮށް، އެ ކުދިން ބަލައިބޮޑުކުރުމުގެ ޒިންމާ ދައުލަތުގެ ފަރާތުން އެހެން ފަރާތަކާ ހަވާލުކުރެވޭނެ ފޮސްޓަރ ކެއަރގެ ނިޒާމެއް އެކުލަވައިލައި، އެކަމާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގެ ކަންކަން ކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކޮށްދޭ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.

(ބ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (ބ) އާއި (ކ) ގައި ބަޔާންކޮށްފަ އިވާ ފަދައިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ވަގުތީ ފޮސްޓަރ ބެލެނިވެރިންނާ ކުދިން ހަވާލުކުރާނެ މިންގަނޑުތަކާއި، ދާއިމީކޮށް ކުއްޖަކު ފޮސްޓަރކުރާނެ މިންގަނޑުތައް ކަނޑައެޅުން.

(ޅ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ

(ބ) އާއި އެ ގާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ވަގުތީގޮތުން ކުދިން ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ފޮސްޓަރކުރުމަށް ހަވާލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(ކ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވަންދެން ކުއްޖާ ބެލެހެއްޓުމަށް ފޮސްޓަރ ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ފޮސްޓަރ ކުރުން 

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމަށް ޓަކައި ތިރީގައި ބަޔާންކޮށްފައިވާގޮތްތަކުގެ ތެރެއިން ގޮތެއްގެ މަތީން އެ ތަނުން ފަރާތަކާ ހަވާލުކުރުމެވެ.

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި، ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ނުވަތަ ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ގާނޫނީ ބެލެނިވެރިކަން ހަވާލުކުރުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި، ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ވަގުތީގޮތުން ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަމާއެކު، އެހެން ފަރާތަކާ ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ހަވާލުކުރުން.

 

4 ވަަނަ މާއްދާ - ފޮސްޓަރކުރުން ބިނާވެފައިވާ އަސާސީ އުސޫލުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރކުރުން ބިނާވެފައިވަނީ އަންނަނިވި އަސާސީ އުސޫލުތަކުގެ މައްޗަށެވެ.

  1. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުން؛
  2. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުން؛
  3. ދުރު ރާސްތާއަށް ބިނާކޮށް ކުއްޖާއަށް ބޭނުންވާ އަޅައިލުމާއި ތަރުބިއްޔަތުދިނުމުގައި އާއިލާއަކީ މުޖުތަމައުގެ އެންމެ އަސާސީ އިޖުތިމާއީ ބައިކަމަށް ދެކި، އެއީ ކުއްޖާގެ ރައްކައުތެރިކަމަށާއި ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ތަބީއީ މާހައުލުކަމަށް ދުށުން؛
  4. ކުއްޖާއާ ގުޅޭގޮތުން އަޅާ ކޮންމެ ފިޔަވަޅަކީ، އެ ކުއްޖާގެ ބައިވެރިވުމާއެކު، އެ ކުއްޖާގެ ބޭނުންތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެއްކަމުގައި ވުން؛
  5. ފޮސްޓަރކުރުމުގެ ހުރިހާ މަސައްކަތެއްގައި ވެސް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމުގެ ނަޒަރިއްޔާ ގެންގުޅުން.ވަކިން ހާއްސަކޮށް، ތަފާތުނުކުރުމާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާއި، ހެދިބޮޑުވުމާއި، ބައިވެރިވުމުގެ ހައްގުތައް ކަށަވަރު ކުރުން؛
  6. ކުއްޖާއާއި ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު، ހެޔޮ ރަނގަޅު ގުޅުމެއް އުފެއްދުން؛
  7. ފޮސްޓަރ ކުރުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއް ނުލިބޭނެކަމާއި، ކުއްޖާއަށް އެކަމުގެ ސަބަބުން ފައިދާވާނެކަން ކަށަވަރުކުރުން. މިގޮތުން، ފޮސްޓަރ ކުރުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، ގެއްލުން ކުޑަކުރުމުގެ ވިސްނުމާއެކު ފޮސްޓަރ ކުރުމުގެ މަސައްކަތްތައް ބައްޓަންކުރުން؛
  8. ކުޑަކުދިންނަށް އަޅައިލުމާއި ރައް ކައުތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމުގައި ހިމެނޭ ކަމާބެހޭ ފަރާތްތަކާއެކު ވިލަރެސްކޮށް، ކުއްޖާއަށާއި، ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގައި ހިނގާ ކޮންމެ މަރުހަލާއެއްގައި ވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނަގަހައްޓައި ކަށަވަރުކުރުމަކީ ފޮސްޓަރ ޕެނަލާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

 

5 ވަަނަ މާއްދާ - ފޮސްޓަރ ކުރެވޭ ގޮތް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގެ ގޮތުން އެ ކުއްޖާ ފޮސްޓަރ ކުރުމަށް ހަވާލުކުރެވޭނީ އަންނަނިވި 2 (ދޭއް) ގޮތުންކުރެ ގޮތަކަށެވެ.

(ހ) ވަގުތީގޮތުން އެ ކުއްޖާ ބަލަހައްޓާނެ ފަރާތަކާ ފޮސްޓަރކުރަން ހަވާލުކުރުން؛ ނުވަތަ

(ށ) ފޮސްޓަރކޮށްދޭ ފަރާތަށް ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން، ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރުން.

 

6 ވަަނަ މާއްދާ - ޔަތީމު ކުދިންގެ ތެރެއިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ފޮސްޓަރ ކުރުމުގައި ހާއްސަ އުސޫލު

މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައިވާ ކުދިން ފޮސްޓަރ ކުރުމުގެ ގޮތުން ފޮސްޓަރކުރުމަށް ހަވާލުކުރުމުގައި އިސްކަންދޭންވާނީ، މި ގަވާއިދުގެ ދަށުން ދާއިމީ ފޮސްޓަރ ކުރުމަށެވެ.

 

7 ވަނަ މާއްދާ - ފޮސްޓަރ ކުރުމަށް އެދި ހުށަހެޅުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާނީ،  "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު" އިންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ލިބުމުން، އެ ހުށަހެޅުންތައް ލިބޭ ތަރުތީބުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެސެސްމަންޓްތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހަދައި، އެ އެސެސްމަންޓްތައް ފޮސްޓަރ ޕެނަލަށް ހުށަހަޅައި، އެ ޕެނަލުން ށަރުތު ފުރިހަމަވާކަމަށް ނިންމާ ފަރާތްތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ދަފުތަރު ކުރަންވާނެއެވެ. މިގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގައި އިސްކަންދޭންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ބަލަހައްޓާ ދަފުތަރުގައި އެ ފަރާތްތައް ހިމެނިފައިވާ ތަރުތީބުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު ލިބޭ ތަރުތީބުން ކުދިން ފޮސްޓަރ ކުރުމުގެ ކަންކަން ކުރުމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފޮސްޓަރ ކުރުމަށް ހުށަހަޅާ ފަރާތާ ގުޅުންހުރި މަގުބޫލު ސަބަބަކާއެކު ހުށަހެޅުމުން، ފޯމު ލިބޭ ތަރުތީބުން ފޮސްޓަރ ކުރުމުގެ ކަންކަން ކުރުމަށް ހުރަސްތަކެއް ހުރިކަމަށް ފޮސްޓަރ ޕެނަލަށް ފެނިއްޖެނަމަ، ހުށަހަޅާ ފޯމު ލިބޭ ތަރުތީބު ނޫން އެހެން ގޮތަކަށް ކުދިން ފޮސްޓަރ ކުރުމުގެ ކަންކަން ކުރި ޔަށް ގެންދެވިދާނެއެވެ.

 

8 ވަަނަ މާއްދާ - ފޮސްޓަރކޮށްދޭ ފަރާތަށް ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ފޮސްޓަރކުރެވޭނެ ކުދިން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރކޮށްދޭ ފަރާތަށް ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ފޮސްޓަރ ކުރެވޭނީ، މި ގަވާއިދުގެ ދަށުން ހަދާ ޗައިލްޑް އެސެސްމަންޓުގެ މައްޗަށް ބިނާކޮށް ފޮސްޓަރ ކުރުމަށް ތައްޔާރުވެފައިވާކަމަށް ފާހަގަކުރެވޭ ކުދިންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން ފޮސްޓަރ ކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓުގައި ހިމެނޭ ކަންކަމުގެ އިތުރުން، އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ކުދިންނެވެ.

  1. ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، އެ ކުދިންގެ މައިންބަފައިން ނުވަތަ ށަރުއީ ބަލަދުވެރިން ދުނިޔޭގައި ތިބެމެ، އެ ކުދިން ނުބަލާ ދޫކޮށްލާ ކުދިން ނުވަތަ ބެލުމަށް އިންކާރުކޮށްފައިވާ ކުދިން؛ ނުވަތަ 
  2. ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެ ކުދިންގެ އާއިލާއާއެކު ދިރިއުޅެވެން ނެތް ކުދިން؛ ނުވަތަ 
  3. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް، ހާލު ނުބަލައި، އާއިލާގެ ފަރާތުން ކުދިންނާ ގުޅުމެއް ނުބާއްވާ ކުދިންކަމަށް ރިކޯޑުތަކުން ފެންނަ ކުދިން؛ ނުވަތަ 
  4. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުކޮށް، ހާލު ވެސް ބަލައި، އާއިލާގެ ފަރާތުން ކުދިންނާ ގުޅުން ބޭއްވި ނަމަވެސް، އާއިލާގެ ހާލަތު ހުރިގޮތުން ކުދިން ބެލުމަށް ނުވަތަ ކުދިންނާ ހަވާލުވުމަށް އުޒުރުވެރިވާ އާއިލާތަކުގެ ކުދިން؛ ނުވަތަ 
  5. ޔަތީމު ކުދިންގެ ތެރެއިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތ،ި އަޅައިލާނެ މީހަކު ނެތް ކުދިން.

 

 

ދެވަނަ ބާބު

ފޮސްޓަރ ކުރުމާބެހޭ އާންމު އުސޫލުތައް

 

9 ވަަނަ މާއްދާ - ފޮސްޓަރ ކުރުމުގައި އިސްކަންދޭންޖެހޭ ކަންކަން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގައި އެންމެ އިސްކަމެއް ދޭންވާނީ، ކުދިން ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ފޮސްޓަރ ބެލެނިވެރިޔާގެ އެސެސްމަންޓް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހެދުމަށްފަހު، އެ ކުދިން ބެލެހެއްޓުމަށް ޓަކައި އެ ކުދިން ހަވާލުކުރަން އެންމެ އެކަށީގެންވާ ފަރާތް ކަނޑައެޅުމަށެވެ. އަދި މިގޮތަށް ނިންމޭ ކޮންމެ ނިންމުމަކީ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތުގައި ނިންމޭ ނިންމުމެއްކަމުގައި ވާންވާނެއެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ފޮސްޓަރ ކުރުމަށް މަސައްކަތް ކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މިގޮތުން، ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އެ އިރަކު ފޮސްޓަރ ކުރުމަށް ފާހަގަކޮށްފައިވާ ކުދިން ފޮސްޓަރކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކަކީ ކޮބައިކަމާމެދު މިނިސްޓަރަށް ލަފާދޭނީ ފޮސްޓަރ ޕެނަލުންނެވެ.

 

10 ވަަނަ މާއްދާ - ކުދިން ބެލެހެއްޓުމަށް ހަ ވާލުކުރެވޭ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އާންމު ށަރުތުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގެ ގޮތުން އެ ކުދިން ފޮސްޓަރކޮށްދޭ ފަރާތުގެ ކިބައިގައި އަންނަނިވި އާންމު ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކު ކަމުގައި ވުން؛
  2. މީލާދީގޮތުން އުމުރުން 25 (ފަންސަވީސް) އަހަރާއި 70 (ހަތްދިހަ) އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛
  3. އާއިލާއެއް ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭ ފަރާތެއް ކަމުގައި ވުން؛
  4. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައި ވުން؛
  5. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތައްޔާރުކުރާ އެސެސްމަންޓުން، ކުއްޖާ ބެލޭވަރުގެ ގާބިލުކަން ހުރި ފަރާތެއްކަން އެނގެން އޮތުން؛
  6. ކުޑަކުއްޖަކަށް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާކަން ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ އަމަލެއް ހިންގައިފައިވާ ނުވަތަ އެފަދަ ކުށަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާކަމުގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް،އިޖުތިމާއީ ކަންތައްތައް ބަލަހައްޓާ ވުޒާރާގައި ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގައި ނުވަތަ ށަރުއީ އެއްވެސް ކޯޓެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  7. ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބޭހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ފާއިތުވި 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާގުޅުންހުރި ދައުލަތުގެ އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  8. ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށެއް ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ ކަމެއްގެ ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ އެފަދަ ދައުވާއެއް އުފުލިފައިވާ ނުވަތަ ތަހުގީގީ މަރުހަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް ތަހުގީގީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  9. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ށަރީއަތަށް 
    ސާބިތުވެފައިވާ ނުވަތަ އެފަދަ ކަމެއްގެ ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ އެފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް ތަހުގީގީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  10. ސާބިތު ދަރަނީގެ މައްސަލައެއްގެ ނުވަތަ ސާބިތު ހަރަދުގެ މައްސަލައެއްގެ އެއްވެސް ރިކޯޑެއް، ފާއިތުވި 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން. 

(ށ) ދައުލަތުގެ ބެލުމުގެ ދަށުން ހަވާލުކޮށްފައިވާ ކުއްޖަކު ދައުލަތާ އަނބުރާ ހަވާލުކޮށްފައިވާ ފަރާތެއް ނަމަ، އެ ފަރާތް ކުއްޖާ އަނބުރާ ހަވާލުކުރި ސަބަބަށް ރިއާޔަތްކޮށް، އެ ފަރާތަކަށް އަލުން ފުރުސަތު ދިނުމުގެ އިހްތިޔާރު، ފޮސްޓަރ ޕެނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހަދާ ބެކްގްރައުންޑް ޗެކު ކުރުމުގެ މައުލޫމާތުތައް ފޮސްޓަރ ބެލެނިވެރިޔާގެ އެސެސްމަންޓުގައި ހިމަނައި،އެ ސަރވިސްއިން ފޮސްޓަރ ޕެނަލަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބެކްގްރައުންޑް ޗެކް ހެދުމަށް ޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން މައުލޫމާތު ހޯދާނީ ދައުލަތުގެ އެހެނިހެން އިދާރާތަކުގެ އެހީތެރިކަމާއެކުގ

(ބ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ފިޔަވައި، އެހެނިހެން ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތަކަށް، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން އެ ކުއްޖަކު ބެލެހެއްޓުމުގެ ފުރުސަތު ދިނުމާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، ފޮސްޓަރ ޕެނަލަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ފަރާތަކަށް ކުއްޖަކު ބެލެހެއްޓުން ހަވާލުކުރުމުގައި، އެފަދަ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާކަން، ފޮސްޓަރ ޕެނަލު ން ކަށަވަރު ކުރަންވާނެއެވެ.

  1. އެ ފަރާތުން ކޮށްފައިވާ ކުށަކީ ތައުޒީރީ އަދަބެއް ކަނޑައެޅިފައިވާ، ނުވަތަ ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ ކުށުގެ ދަރަޖަތަކުގެ ތެރެއިން ޖުނަހުގެ 2 ވަނަ ދަރަޖައިގެ ނުވަތަ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށަކަށް ވުން؛
  2. އެ ފަރާތުން ކޮށްފައިވާ ކުށަކީ އެއްވެސް ސިފައެއްގައި ކުޑަކުއްޖެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާ ނުވަތަ ލިބޭނޭ ފަދަ ކުށަކަށް ނުވުން.

(ކ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ކުއްޖަކު ފޮސްޓަރކޮށްދޭ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްނަމަ، އެ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީއެއް، ނުވަތަ ކޮންސިއުލޭޓެއް ހުރި ސިޓީއެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(އ) ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީގޮތުން ފޮސްޓަރކުރާ ފަރާތަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

11 ވަނަ މާއްދާ - ފޮސްޓަރކޮށްދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ އިތުރު ށަރުތުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގެ ގޮތުން ފޮސްޓަރކުރާ ފަރާތަކާ ހަވާލުކުރާއިރު، ފޮސްޓަރކުރާ ފަރާތުގެ ކިބައިގައި، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ މައިންބަފައިން ކަމުގައި ނުވުން، ނުވަތަ ށަރުއީ ބަލަދުވެރިޔަކު ކަމުގައި ނުވުން؛
  2. ފޮސްޓަރ ޕެނަލުގެ މެންބަރަކު ކަމުގައި ނުވުން، ނުވަތަ ފޮސްޓަރ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރުމުގައި ޒިންމާ ނަގާ ފަރާތްތައް، ނުވަތަ މިނިސްޓްރީ ހިންގުމާ ހަވާލުވެހުރި ވަޒީރު ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ހިންގުމާ ހަވާލުވެހުރި ފަރާތް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާ ހަވާލުވެހުރި ސިޔާސީ ފަރާތެއްކަމުގައި ނުވުން. ނުވަތަ އިސްވެ ބަޔާންކުރި މަގާމަކުން ނުވަތަ މަގާމުގެ މަސައްކަތުން ވަކިވިތާ 3 (ތިނެއް) މަސްދުވަސް ހަމަވެފައިވާ ފަރާތެއް ކަމުގައި ވުން.

(ށ) ވަގުތީގޮތުން ނުވަތަ ކުއްލި ހާލަތެއްގައި ނަމަވެސް، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގާމުތަކާއި، ޑިޕާޓްމަންޓުގައި މަސައްކަތްކުރާނަމަ، ނުވަތަ މަސައްކަތް ކޮށްފައިވާ ނަމަ، އެ ފަރާތްތަކަށް ވެސް، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

 

 

ތިން ވަނަ ބާބު

ވަގުތީގޮތުން ފޮސްޓަރ ކުރުން

 

12 ވަަނަ މާއްދާ - ވަގުތީގޮތުން ފޮސްޓަރކުރެވޭނެ ކުދިން 

(ހ) ކުއްޖާ ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކުރާ ހާލަތުގައި، އާއިލާގެ ފަރާތުން ކުއްޖާއާ ހަވާލުވާނޭ އެއްވެސް ފަރާތެއް ނެތް ހާލަތުގައި ނުވަތަ ކުއްޖާ ބެލެހެއްޓުން ކުއްޖާގެ އާއިލާގެ ފަރާތަކާ ހަވާލުކޮށްފިނަމަ، ކުއްޖާގެ މަސްލަހަތަށްއުނިކަމެއް އަތުވެދާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގަބޫލުކުރެވޭނަމަ، ކުއްޖާގެ އާއިލާގެ ފަރާތަކާ ކުއްޖާ ބެލެހެއްޓުން ހަވާލުކުރުމުގެ ބަދަލުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ވަގުތީގޮތުން ކުއްޖާ ފޮސްޓަރ ކުރެވިދާނެއެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައި ގާއިމުކޮށްފައިވާ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީތަކުގައި ތިބި ކުދިންގެ ތެރެއިން އާއިލާއިން ހަވާލުވާނޭ ފަރާތަކާ ނުވަތަ ކުއްޖާ ބެލެހެއްޓުން ކުއްޖާގެ އާއިލާގެ ފަރާތަކާ ހަވާ ލުކޮށްފިނަމަ، ކުއްޖާގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ކުއްޖާގެ އާއިލާގެ ފަރާތަކާ ކުއްޖާ ބެލެހެއްޓުންހަވާލުކުރުމުގެ ބަދަލުގައި ވަގުތީގޮތުން ކުއްޖާ ފޮސްޓަރ ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން ވަގުތީގޮތުން ކުއްޖަކު ފޮސްޓަރކުރުމަށް ނިންމާނީ، ފޮސްޓަރ ޕެނަލަށް ހުށަހެޅުމަކާ ނުލައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްވެރިޔާއާއި ކޭސް މެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުންގެ ލަފާގެ މަތީންނެވެ.

(ރ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރކުރާ އިރު، އެ ކުއްޖާ ފޮސްޓަރކުރެވޭނޭ މުއްދަތު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްވެރިޔާއާއި ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުން ނިންމަންވާނެއެވެ.

(ބ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ މުއްދަތު އިތުރުކުރެވޭނީ، ކުއްޖާގެ ހާލަތާއި، ފޮސްޓަރކޮށްފައިވާ އާ އިލާއިން ކުއްޖާ ބަލަހައްޓައިފައިވާ ގޮތުގެ އެސެސްމަންޓަކާއި ފޮސްޓަރ ކޮށްފައިވާ އާއިލާގެ އެސެސްމަންޓް ހެދުމަށްފަހު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްވެރިޔާއާއި ކޭސް މެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުންގެ ނިންމުމުންނެވެ.

(ޅ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ނިންމާ ނިންމުން ލިޔ،ެ އެ ލިޔުމުގައި ސޮއިކުރަންވާނެއެވެ.

 

13 ވަަނަ މާއްދާ - ވަގުތީގޮތުން ފޮސްޓަރ ކުރުމުގައި އަމަލުކުރާނެގޮތް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖަކު ވަގުތީގޮތުން ފޮސްޓަރކުރާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (އ) ގައި، އެއްވެސް ކުއްޖަކު ފޮސްޓަރ ކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތ،ީ އެގޮތުގެ މަތީން ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް، ކަމާބެހޭ ކޯޓު އަމުރެއް ހޯދުމަށް، ކޯޓަށް ހުށަހަޅާންވާނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަގުތީގޮތުން ފޮސްޓަރކުރާ ހާލަތުގައި، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރަންވާނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތީގޮތުން ފޮސްޓަރކުރާ ހާލަތުގައި، ފޮސްޓަރ ޕެނަލަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތީގޮތުން ފޮސްޓަރ ކުރެވޭ ހާލަތުގައި،މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމަކުރަންވާނެއެވެ.

(ބ) ވަގުތީގޮތުން ކުއްޖަކު ފޮސްޓަރ ކުރުމަށް ނިންމަންވާނީ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.

(ޅ) ވަގުތީގޮތުން ކުއްޖަކު ފޮސްޓަރ ކުރުމުގައި، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްވެރިޔާއާއި ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުން ރިއާޔަތްކުރަންވާނެއެވެ.

(ކ) ވަގުތީގޮތުން ފޮސްޓަރކުރާ ކުދިން ބެލެހެއްޓުމަށް ފޮސްޓަރ ބެލެނިވެރިޔާއަށް އެލަވަންސެއް ދިނުމަށް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.

 

14 ވަަނަ މާއްދާ - ވަގުތީގޮތުން ކުދިން ފޮސްޓަރކުރުމުގައި ބަލަންޖެހޭ އިތުރު ކަންކަން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ކުއްޖަކު ހަވާލުކުރާ މުއްދަތު ކަނޑައަޅާނީ ފޮސްޓަރކުރާ ފަރާތުގެ މަށްވަރާއާއި އެ ފަރާތުގެ ބަހެއް ހޯދުމަށްފަހު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްވެރިޔާއެވެ.

(ށ) ވަގުތީގޮތުން ކުއްޖަކު ފޮސްޓަރކޮ ށްދޭ ފަރާތާއެކު އެ ކުއްޖާ ދިރިއުޅެމުންދާ ހާލަތު ބަދަލުނުވާހައި ހިނދަކު، އެ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކޮށް ފައިވާ މުއްދަތަށް ބަދަލެއް ނާންނާނެއެވެ. އަދި ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ މުއްދަތަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަން ނިންމާނީ، މި ގަވާއިދުގެ ދަށުން ހަދާ މޮނިޓަރިންގ ޕްލޭނުގެ ދަށުން ލިބޭ މައުލޫމާތުގެ އަލީގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްވެރިޔާއާއި، ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުންނެވެ.

 

15 ވަަނަ މާއްދާ - ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ ކުއްޖާ ދާއިމީ ފޮސްޓަރ ކުރުމުގައި އަމަލުކުރާނޭ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ އުފަން އާއިލާއަށް ދާއިމީކޮށް ހަވާލުކުރުމަށް ޓަކައި، ކުއްޖާގެ އުފަން އާއިލާ ބިނާކުރުމަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން މަސައްކަތް ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކުރާ ކުއްޖާގެ އުފަން އާއިލާއަށް އެ ކުއްޖާއަށް އަނބުރާ ދެވެން ނެތް ހާލަތުގައި، ކުއްޖާ ހަވާ ލުކުރާ ފޮސްޓަރ އާއިލާއިން އެ ކުއްޖާ ދާއިމީކޮށް ފޮސްޓަރކުރުމަށް ބޭނުންވޭތޯ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ބަލަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކުރާ ކުއްޖާ ހަވާލުކޮށްފައިވާ ފޮސްޓަރ އާއިލާއިން އެ ކުއްޖާ ދާއިމީކޮށް ފޮސްޓަރ ކުރަން ބޭނުންނުވާނަމަ، އެ ކުއްޖާ ވަގުތީގޮތުން ނުވަތަ ދާއިމީކޮށް ފޮސްޓަރކުރާނޭ ފަރާތެއް ހޯދައި، އެ ކުއްޖާއަށް ދާއިމީ ހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތ،ް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކުރަންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ހަވާލުކޮށްފައިވާ ކުއްޖާ ދާއިމީކޮށް ފޮސްޓަރކުރަން ނިންމައި، ފޮސްޓަރ ޕެނަލަށް އެކަން ހުށަހަޅައި، މި ގަވާއިދުގެ ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކޮށްފައިވާ ކުއްޖާ ފޮސްޓަރ ކޮށްފައިވާ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން އެ ކުއްޖަކު ފޮސްޓަރ ކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ގޮތެއް ނިންމަންވާނެއެވެ.

 

 

ހަތަރު ވަނަ ބާބު

ފޮސްޓަރ ޕެނަލް

 

16 ވަަނަ މާއްދާ - ފޮސްޓަރ ޕެނަލް

(ހ) ފޮސްޓަރ ޕެނަލަކީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓަރކޮށް ހަވާލުކުރާނެ ފަރާތްތައް، ކަނޑައަ ޅައިފައިވާ އުސޫލުގެ މަތީން ނިންމާ ފަރާތެވެ.

(ށ) ފޮސްޓަރ ޕެނަލް އެކުލަވައިލާނީ ކަމާގުޅޭ ދާއިރާތައް ތަމްސީލުވާނޭހެން މިނިސްޓަރެވެ.

(ނ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ ފޮސްޓަރ ޕެނަލް ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ރ) ފޮސްޓަރ ޕެނަލުގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ރީ-އިންޓަރގްރޭށަން އެންޑް ފޮސްޓަރިންގ ސެކްށަނުގެ މުވައްޒަފެކެވެ.

(ބ) ފޮސްޓަރ ޕެނަލުގެ މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް، މާލީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ހުއްދަޔާއެކު އެލަވަންސެއް ކަނޑައަޅަންވާނެއެވެ.

 

17 ވަަނަ މާއްދާ - ފޮސްޓަރ ޕެނަލުގެ މަސްއޫލިއްޔަތުތަކާއި ފޮސްޓަރ ޕެނަލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް

ފޮސްޓަރ ޕެނަލުގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ތާވަލުކުރެވޭ ޕެނަލުގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(ށ) އެސެސްމަންޓް ރިޕޯޓުގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަވޭތޯ ބެލުމާއި، ހުށަހެޅިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، އިތުރު މައުލޫމާތު ބޭނުންވާނަމަ އިޖުތިމާއީ ހިދުމަތްތެރިޔާއާ ނުވަތަ ކުއްޖާ ބެލުމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް އިޖުތިމާއީ ހިދުމަތްތެރިޔާ ފާހަގަކޮށްފައިވާ ފަރާތާ ސުވާލުކޮށް، އެ މައުލޫމާތު އޮޅުންފިލުވުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމަށް ޓަކައި ހަވާލުކުރަން ގަސްތުކުރާ ފަރާތާ ފޮސްޓަރ ޕެނަލުން އިންޓަވިއު ކުރަން ޖެހިއްޖެ ހާލަތެއްގައި، ފޮސްޓަރ ޕެނަލުން އިންޓަވިއުކޮށް، އެއީ ކުއްޖާ ބެލެހެއްޓުމަށް ގާބިލް ފަރާތެއްކަން، ފޮސްޓަރ ޕެނަލުން ކަށަވަރުކުރުން.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމާބެހޭ ހުރިހާ މަރުހަލާއެއްގައި ވެސް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނެގެހެއްޓޭކަން ކަށަވަރުކުރުން.

(ބ) ފޮސްޓަރ ޕެނަލުގެ ހުރިހާ މަސައްކަތެއް ވެސް އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގައްޔާއި ކުއްޖާގެ މަސްލަހަތަށް އިސްކަންދީގެން ނާއި ކުއްޖާގެ ކަރާމާތް ރައްކައުތެރިކުރެވޭކަން ކަށަވަރުކުރެވޭ ގޮތެއްގައި މަސައްކަތްތައް ކުރުން.

(ޅ) ފޮސްޓަރ ޕެނަލުގެ މަސްއޫލިއްޔަތުކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުން.

 

18 ވަަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުން ދޭ ލަފަޔާއި އިރުށާދުތައް ފޮސްޓަރ ޕެނަލުން ތަންފީޒުކުރުން

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމާބެހޭ ގޮތުން ދޭ ލަފަޔާއި އިރުށާދުތައް، މިނިސްޓަރު އަންގާ ގޮތެއްގެ މަތީން، ފޮސްޓަރ ޕެނަލުން ތަންފީޒު ކުރަމުން ގެންދަންވާނެއެވެ.

 

19 ވަަނަ މާއްދާ - ފޮސްޓަރ ޕެނަލް އެކުލެވިގެންވާ ގޮތް

ފޮސްޓަރ ޕެނަލް އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމާއި ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްފަރާތެއް.

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމުއިއްޔާތަކުގެ ތެރެއިން މިނިސްޓަރ އައްޔަނުކުރާ ޖަމުއިއްޔާއެއްގެ އިސްފަރާތެއް.

(ނ) މިނިސްޓްރީއަށް ހުށަހެޅޭ އާއިލާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިޔަށްގެންދާ ޑިޕާޓްމަންޓުގެ އިސްފަރާތެއް.

(ރ) މިނިސްޓްރީގެ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތް ކުރި ޔަށްގެންދާ ޑިޕާޓްމަންޓުގެ އިސްފަރާތެއް.

(ބ) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ކޮށް ރާއްޖޭގައި ޕްރެކްޓިސްކުރަމުންދާ ސައިކޮލޮޖިސްޓެއް. 

(ޅ) ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ފަރާތެއް.

(ކ) ތައުލީމީ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛

(އ) ބަންޑާރަ ނައިބުގެ އޮފީހުން ކަނޑައަޅ،ާ އެ އޮފީހުގެ ގާނޫނީ ވަކީލެއް.

 

20 ވަަނަ މާއްދާ - ފޮސްޓަރ ޕެނަލުގެ ރައީސާއި ނައިބު ރައީސް

(ހ) ފޮސްޓަރ ޕެނަލުގެ މެންބަރުންގެ ތެރޭގައި، އައްޔަނުކޮށްފައިވާ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. އެގޮތުން ރައީސްކަމަށާއި ނައިބު ރައީސްކަމަށް އައްޔަނުކުރާނީ، ފޮސްޓަރ ޕެނަލުގެ މެންބަރުންގެ އަޣުލަބިއްޔަތުން، އެންމެ ގިނަ ވޯޓު ލިބޭ 2 (ދޭއް) މެން ބަރެކެވެ.

(ށ) ފޮސްޓަރ ޕެނަލުގެ މަސައްކަތްތައް ރާވައި ހިންގައި، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި، ބުނެވިދިޔަ ކަންކަމުގެ އިތުރުން، ރައީސްގެ މަސްއޫލިއްޔަތު ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ، ނައިބު ރައީސެވެ.

(ނ) ފޮސްޓަރ ޕެނަލުގެ ރައީސްގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

  1. ފޮސްޓަރ ޕެނަލުގެ މެންބަރުންގެ އިތުރުން، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުން؛
  2. ފޮސްޓަރ ޕެނަލަށް ހުށަހަޅާ މައްސަލަތައް އަވަސްކަމާއެކު ކުރިޔަށް ގެންދިއުމަށް ބާރުއެޅުން؛
  3. ޕެނަލުގައި ހިންގާ މަށްވަރާތަކުގައި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބައިވެރިވުމަށް ފުރުސަތު ތަނަވަސްކޮށް އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރުން؛ 
  4. ފޮސްޓަރ ޕެނަލުގެ މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުން ކަށަވަރުކުރުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އުސޫލުތައް ނެގެހެއްޓުން.

 

21 ވަަނަ މާއްދާ - ފޮސްޓަރ ޕެނަލުގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދާއި ބައްދަލުވުންތައް

(ހ) ފޮސްޓަރ ޕެނަލުގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ 5 (ފަހެއް) މެންބަރުންނެވެ.

(ށ) ފޮސްޓަރ ޕެނަލުގެ ބައްދަލުވުންތައް ބާއްވަންވާނީ، ފޮސްޓަރކުރުމަށް ހުށަހަޅައިފައިވާ ޕްރޮފައިލްތަކުގެ މައްޗަށް ބިނާކޮށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކުލަވައިލާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ފޮސްޓަރ ޕެނަލުން ނިންމާ ނިންމުމެއް ފާސްވެއްޖެކަމަށް ބެލޭނީ، ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވެއްޖެ ނަމައެވެ.

(ރ) ފޮސްޓަރ ޕެނަލުގެ ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސް ބައިވެރިވާން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ހާޒިރުވެ ތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅަންވާނެއެވެ. މިގޮތަށް ހޮވާ މެންބަރަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް ތަމްސީލުކުރާ މެންބަރެއް ކަމުގައި ވެގެން ނުވާނެއެވެ.

(ބ) ފޮސްޓަރ ޕެނަލުގެ ބައްދަލުވުމުގެ ހުރިހައި ނިންމުންތަކެއް ވެސް ހުންނަންވާނީ ޔައުމިއްޔާގައި ލިޔެވިފައެވެ. އަދި މި ނިންމުންތައް ހުރިހާ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

(ޅ) ފޮސްޓަރކުރަން ހުށަހަޅާ ފަރާތާ މަސްލަހަތު ފުށުއަރާ މެންބަރަކު ޕެނަލުގައިހިމެނޭނަމަ، ޕެނަލުގެ ބައްދަލުވުން ކުރިޔަށް ގެންދަންވާނީ، އެ މެންބަރަކު ނުހިމަނައެވެ. އަދި ޕެނަލުގެ ބައްދަލުވުމުގެ ތެރެއިން ފޮސްޓަރކުރަން ހުށަހަޅައިފައިވާ ފަރާތަކީ ޕެނަލުގެ މެންބަރަކާ މަސްލަހަތު ފުށުއަރާ ފަރާތެއްކަން އެނގިއްޖެނަމަ، އެ މެންބަރަކު ބައްދަލުވުމުން ތަނާޒުލްވާންވާނެއެވެ.

 

22 ވަަނަ މާއްދާ - ފޮސްޓަރ ޕެނަލުގެ މެންބަރުންގެ ދައުރު

ފޮސްޓަރ ޕެނަލަށް ކޮންމެ މެންބަރަކު ވެސް އައްޔަނު ކުރެވޭނީ، 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ. އަދި ކޮންމެ މެންބަރަކަށް ވެސް އެންމެ ގިނަވެގެން ފުރިހަމަކުރެވޭނީ، 3 (ތިނެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރެވެ.

 

23 ވަަނަ މާއްދާ - މެންބަރަކު އިސްތިއުފާ ދިނުން

ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި، ފޮސްޓަރ ޕެނަލުން އިސްތިއުފާ ދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި، ލިޔުމުން އެކަން މިނިސްޓަރަށް އެންގުމުން އިސްތިއުފާ ދެވުނީކަމަށް ބެލެވޭނެއެވެ.

 

24 ވަަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

(ހ) ފޮސްޓަރ ޕެނަލުގެ އެއްވެސް މެންބަރަކު، މަހެއްގެ މައްޗަށް ބޭއްވޭ ބައްދަލުވުންތަކުގެ މަދުވެގެން %70 (ހަތްދިހަ އިންސައްތަ) ބައްދަލުވުންތަކަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ މަގުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ފޮސްޓަރ ޕެނަލުގެ އެއްވެސް މެންބަރެއްގެ ފަރާތުން ކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭފަދަ އަމަލެއް ކޮށްފިނަމަ، އެ މެންބަރަކު ވަގުތުން މެންބަރުކަމުން ވަކިކުރެވޭނެއެވެ.

(ނ) ފޮސްޓަރ ޕެނަލަށް އިދާރާތަކުން އައްޔަނުކުރާ މެންބަރަކު ވަކިކުރުމަށް އެ އިދާރާއަކުން ބޭނުންވެއްޖެ ހާލަތުގައި، އެ މެންބަރަކު ވަކިކުރުމަށް މިނިސްޓަރަށް އެންގުމުން، އެ މެންބަރަކު ވަކިކުރެވޭނެއެވެ.

 

25 ވަަނަ މާއްދާ - ސިއްރު ހިފެހެއްޓުން 

ފޮސްޓަރ ޕެނަލުގެ ހުރިހާ މެންބަރުން ވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އިގުރާރުވާން ވާނެއެވެ.

 

 

ފަސް ވަނަ ބާބު

ކުދިން ފޮސްޓަރ ކުރުމުގެ މަރުހަލާތައް

 

26 ވަަނަ މާއްދާ - ފޮސްޓަރ ކުރުމުގެ މަރުހަލާތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރކުރުން ބިނާވެފައިވަނީ އަންނަނިވި މަރުހަލާތަކުގެ މައްޗަށެވެ.

(ހ) ފުރަތަމަ މަރުހަލާ: އެސެސްމަންޓް ހެދުމާއި، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނިންމުން.

(ށ) ދެވަނަ މަރުހަލާ: ފޮސްޓަރ ކުރުމަށް ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތް ތައްޔާރުކުރުން.

(ނ) ތިންވަނަ މަރުހަލާ: ކުއްޖާއާއެކު ގުޅުން ބަދަހިކުރުމާއި، ކުއްޖާ ހަވާލުކުރުން.

(ރ) ހަތަރުވަނަ މަރުހަލާ: ފޮސްޓަރ ކުރުމަށްފަހު ދޭންޖެހޭ އެހީތެރިކަން ދިނުމާއި މޮނިޓަރކުރުން.

 

27 ވަަނަ މާއްދާ - ފޮސްޓަރ ކުރުމުގެ ފުރަތަމަ މަރުހަލާ

(ހ) ފޮސްޓަރ ކުރުމުގެ ފުރަތަމަ މަރުހަލާގައި، އަންނަނިވި ގޮތުގެ މަތީން ކަންކަން ކުރަންވާނެއެވެ.

  1. ފޮސްޓަރ ކުރުމަށް ކުއްޖާ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ޗައިލްޑް އެސެސްމަންޓެއް ހެދުން؛
  2. ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓެއް ހެދުން؛
  3. ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓު ތައްޔާރުކުރުމާއި، އެ ރިޕޯޓު މެދުވެރިކޮށް އިޖުތިމާއީ އެހީތެރިޔާއަށް ފެންނަ ކަންކަން ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓުގައި، އެންމެ މަދުވެގެން، އަންނަނިވި މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

  1. ކުއްޖާއަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ކުއްޖާގެ މިހާރުގެ ހާލަތު؛
  3. ކުއްޖާ، އެ ކުއްޖާގެ އާއިލާއާ ވަކިވާންޖެހުނު ސަބަބުތަކާއި، އެކަން މެދުވެރިވި ސަބަބުތައް؛
  4. ކުއްޖާގެ އާއިލާއާއި ކުއްޖާ ހަވާލުކުރެވެން ނެތް ސަބަބުތައް؛
  5. ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓުން ފާހަގަވާ ކަންކަން؛
  6. ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމުން ކުއްޖާއަށް ހުރި ފުރުސަތުތައް؛
  7. ރިކޮމެންޑޭށަންތައް؛
  8. ކުއްޖާގެ އެސެސްމަންޓް އެކުލަވައިލައިފައިވާ އިޖުތިމާއީ ހިދުމަތްތެރިޔާއަކީ ނުވަތަ އިޖުތިމާއީ ހިދުމަތްތެރިންނަކީ ކޮބައިކަން؛

(ނ) އިސްވެ ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، ފޮސްޓަރ ޕެނަލުން ފޮސްޓަރކޮށްދޭ ފަރާތް ކަނޑައެޅުމުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް ހިންގުމާ ހަވާލުވެ ހުންނަ ފަރާތާއި ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުން، ފޮސްޓަރކުރާ ކުއްޖާ ކަނޑައަޅަންވާނެއެވެ.

(ރ) މި ނިންމުން ނިންމުމުގައި، ފޮސްޓަރ ޕެނަލުގެ ނިންމުމާއި، ކުއްޖާގެ ޗައިލްޑް އެސެސްމަންޓާއި، ކުއްޖާގެ މަ ސްލަހަތު އަންގައިދޭ ރިޕޯޓުގައިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ނިންމުން ނިންމުމުގައި، ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރަނީ ފޮސްޓަރކޮށްދޭ ފަރާތަކަށްކަން ނުވަތަ ނޫންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް ހިންގުމާ ހަވާލުވެހުރި ފަރާތުން، ލިޔުމުން ބަޔާން ކުރަންވާނެއެވެ. އަދި ފޮސްޓަރކުރަން ފެންނަކަމަށް ނިންމާނަމަ، އެ ނިންމުން ބިނާކޮށްފައިވާ ސަބަބުތައް ތަފުސީ ލުކޮށް ލިޔުމުން ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން މައްސަލަ ބަލަހައްޓާ އިޖުތިމާއީ ހިދުމަތްތެރިޔާއާއި، ކަމާބެހޭ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދައުރު ހިމެނޭ ހާލަތްތަކުގައި، އެ ސެންޓަރުގެ އިޖުތިމާއީ ހިދުމަތްތެރިޔާގެ ނުވަތަ ކައުންސިލުގެ އޭޖެންޓާއި އޯލްޓަނޭޓިވް ކެއަރގައި ކުއްޖާ ބަލަހައްޓާ އިޖުތިމާއީ  ހިދުމަތްތެރިޔާއާ ދެމެދު ވިލަރެސްކޮށްގެންނެވެ.

 

28 ވަަނަ މާއްދާ - ޗައިލްޑް އެސެސްމަންޓް ހެދުމުގައި އެންމެ މަދުވެގެން ފުރިހަމަވާންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓް ހަދަންވާނީ، ކުއްޖާއާ އެކަށީގެންވާ އަދި ކުއްޖާއަށް ހަމަޖެހުމާއި ރައްކައުތެރިކަން އިހުސާސްވާފަދަ މާހައުލެއްގައެވެ.

(ށ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ތައް އެނގެން އޮންނަންވާނެއެވެ.

  1. ކުއްޖާ ކާމިޔާބުކަމާއެކު ފޮސްޓަރ ކުރުމަށް ޓަކައި އެ ކުއްޖާއަށް ބޭނުންވާނެ އެންމެހައި ވަސީލަތްތަކާއި، ކުއްޖާގެ ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް މުހިންމު ހުރިހާ ދާއިރާތަކެއްގެ މައުލޫމާތު (މީގެ ތެރޭގައި، ކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަމާބެހޭ މައުލޫމާތާއި، ނަފުސާނީ ދުޅަހެޔޮކަމާބެހޭ މައުލޫމާތާއި، އިޖުތިމާއީ ދުޅަހެޔޮކަމާބެހޭ މައުލޫމާތާއި، ބިހޭވިއަރަލް އަދި ކޮގްނިޓިވް ދުޅަހެޔޮކަމާބެހޭ މައުލޫމާތާއި، ކުއްޖާގެ ތައުލީމާބެހޭ މައުލޫމާތު ހިމެނެންވާނެއެވެ.)؛
  2. ކުއްޖާގެ އާއިލާއާބެހޭ މައުލޫމާތާއި އާއިލާއާ ކުއްޖާ ހަވާލުކުރެވެން ނެތް ސަބަބުތައް؛
  3. ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުނު ސަބަބު؛
  4. ކުއްޖާގެ އުފަން އާއިލާއާއެކު އުޅުމުގެ ފުރުސަތު ކުއްޖާއަށް ލިބިއްޖެނަމަ، އާއިލާއާއެކު އުޅެން އެ ކުއްޖާ ބޭނުންވާކަން ނުވަތަ ނޫންކަން؛
  5. ކުއްޖާ މިހާރު ދިރިއުޅޭ އޯލްޓަނޭޓިވް ކެއަރއިން ބަދަލުވ،ެ އާއިލީ މާހައުލެއްގައި އުޅުމުގެ ފުރުސަތު ލިބިއްޖެނަމަ، އެފަދަ މާހައުލަކަށް ބަދަލުވާން އެ ކުއްޖާ ބޭނުންވާކަން ނުވަތަ ނޫންކަން.

(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ދެނެގަތުމުގައި ކުއްޖާގެ އުމުރާއި، ކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތަށް ރިއާޔަތްކުރަންވާނެއެވެ.

 

29 ވަަނަ މާއްދާ - ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓް ހެދުން

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓުގައި، އެންމެ މަދުވެގެންވެސް އަންނަނިވި މައުލޫމާތުތައް އެނގެން އޮންނަންވާނެއެވެ.

  1. ފޮސްޓަރކޮށްދޭ ފަރާތާއި، އެ ފަރާތާއެކު ދިރިއުޅޭ އާއިލީ އެހެން މެންބަރުންގެ ކުށުގެ ރިކޯޑު؛
  2. ކުއްޖާގެ ސަލާމަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަންކަމާއި، އެ ކަންކަން ރަނގަޅުކުރުމަށް ޓަކައި ގެންނަންޖެހޭނެ ބަދަލުތައް؛
  3. ފޮސްޓަރކޮށްދޭ ފަރާތް ކުއްޖާ ފޮސްޓަރ ކުރުމަށްފަހު ގެންގުޅޭނެ މުޖުތަމައުގައި ތައުލީމާއި ސިއްހީ ފަރުވާއާބެހޭ ހިދުމަތްތައް ލިބެންހުރި މިންވަރާއި އެ މުޖުތަމައުގައި ކުށްކުރުން އާންމުވެފައިވާ މިންވަރު؛
  4. ކުއްޖާއާ ހަވާލުވާން ތައްޔާރުވެފައިވާ މިންވަރާއި، ކުއްޖާއާ ހަވާލުވުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު؛
  5. ކުއްޖާއަށް ދޭންޖެހޭ އަޅައިލުން ދިނުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު؛
  6. ކުއްޖާއަށް އަޅައިލުން ބޭނުންވެފައިވާ މިންވަރު ނުވަތަ ކުއްޖާ އެކަމަށް ތައްޔާރުވެފައިވާ މިންވަރު؛
  7. ކުއްޖާ ފޮސްޓަރކުރި ފަހުން ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތުގެ ދިރިއުޅުމުގެ ކަންކަމަށް އައި ބަދަލެއްގެ ސަބަބުން ކުއްޖާ ބެލެހެއްޓުމުގެ ކަންކަން ރާވައިފައިވާ ގޮތަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އަމަލުކުރާނެގޮތުގެ މައުލޫމާތު؛
  8. ޖިސްމާނީ ދުޅަހެޔޮކަމުގެ ހާލަތާއި، ނަފުސާނީ ދުޅަހެޔޮކަމުގެ ހާލަތާއި،ސިއްހީ ހާލަތު؛
  9. ތައުލީމީ ހާލަތު؛
  10. މާލީ ހާލަތު،

(ށ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓް ހަދަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިޖުތިމާއީ ހިދުމަތްތެރިޔެކެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި، އެ ފަރާތަށް، ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުގެ ކަމާބެހޭ އިޖުތިމާއީ ހިދުމަތްތެރިޔާގެ ނުވަތަ ކައުންސިލުގެ އޭޖެންޓުގެ އެހީތެރިކަން ހޯދިދާނެއެވެ.

(ނ) ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓް ހަދާއިރު، އެ ފަރާތްތަކާއެކު ދިރިއުޅޭ އެންމެންގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރަން ވާނެއެވެ. ވަކިން ހާއްސަކޮށް، އެ ފަރާތްތަކާއެކު ދިރިއުޅޭ ކުޑަކުދިންނާއެކު، އެ ކުދިންނަށް ގެވެށިއަނިޔާ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވޭތޯ ބެލުމަށް ސުވާލުކުރެވެން އޮތް އެންމެ ފުޅާ މިންވަރަކަށް ސުވާލުކުރެވޭތޯ މަސައްކަތް ކުރަން ވާނެއެވެ. އަދި މި ފަދައިން އެ ކުދިންނާ ސުވާލުކުރުމުގައި، އެ ތަނުން ކުއްޖަކަށް ނުވަތަ ކުދިންނަށް ގެވެށި އަނިޔާގެ ނުވަތަ ޖިންސީ އަނިޔާގެ އަމަލެއް ރައްދުވެފައިވާކަމަށް ބެލެވޭނަމަ، ކަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލަތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

 

30 ވަަނަ މާއްދާ - ފޮސްޓަރ ޕެނަލުން ރިއާޔަތްކުރަންވީ ކަންކަން

ފޮސްޓަރކޮށްދޭ ފަރާތް ވަޒަންކުރުމުގައި، ފޮސްޓަރ ޕެނަލުން، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަން ވާނެއެވެ.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުން.

(ށ) ފޮސްޓަރކޮށްދޭ ފަރާތް ދިރިއުޅެމުންދާ މާހައުލުގައި ފޮސްޓަރކުރާ ކުއްޖަކަށް ރައްކައުތެރިކަން ކަށަވަރުކުރެވޭނެ މިންވަރު،

(ނ) ކުއްޖަކު ބެލުމަށް ފޮސްޓަރކޮށްދޭ ފަރާތް ތައްޔާރުވެފައިވާ މިންވަރާއި، އެކަމަށް ބޭނުންވެފައިވާ މިންވަރު،

(ރ) ފޮސްޓަރކޮށްދޭ ފަރާތަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި އެ ފަރާތުން ޒިންމާ އުފުލަން ތައްޔާރުވެފައިވާ މިންވަރު،

(ބ) ކުއްޖާއަށް ކުރިމަތިވި ކަންކަމާއި، އެ ކަންކަމުގެ ސަބަބުން ކުއްޖާގެ ދުޅަހެޔޮކަމަށާއި އުޅުމަށް އަސަރުކޮށްފައިވާ މިންވަރު ފޮސްޓަރކޮށްދޭ ފަރާތަށް ފަހުމުވެ ދޭހަވެފައިވާ މިންވަރު،

(ޅ) ކުއްޖާއަށް ސަމާލުކަމާއި އަޅައިލުން ދިނުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު،

(ކ) ކުއްޖާގެ އަސާސީ ބޭނުންތަކަށާއި ހެދިބޮޑުވުމަށް ޓަކައި ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދިނުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު،

(އ) ކުއްޖާގެ ހައްގުތަކާއި ބޭނުންތަކަކީ ކޮބައިކަން ދެނެގަނެވިފައިވާ މިންވަރު؛

(ވ) ކުއްޖާ އުޅޭނެ ތަނެއް ހަމަޖެހިފައިވާކަން ނުވަތަ ނޫންކަން.

 

31 ވަަނަ މާއްދާ - ފޮސްޓަރ ކުރުމުގެ ދެވަނަ މަރުހަލާ

ފޮސްޓަރ ކުރުމުގެ ދެވަނަ މަރުހަލާގައި، އަންނަނިވި ގޮތުގެ މަތީން ކަންކަން ކުރަންވާނެއެވެ.

(ހ) ކުއްޖަކު ފޮސްޓަރ ކުރުމަށް ށަރުތު ހަމަވާކަމަށް ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ކުއްޖަކު ހަވާލުކުރުމަށް ނިންމުން؛

(ށ) ފޮސްޓަރ ކުރުމަށް ކުއްޖާ ތައްޔާރުކުރުން؛ 

(ނ) ކުއްޖާ ފޮސްޓަރ ކުރުމުގެ ކޯޓު އަމުރަކަށް އެދުން؛

(ރ) ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތ،ް ކުއްޖާގެ އެންމެހައި ކަމެއް ކުރުމަށް ތައްޔާރުކުރުން؛

(ބ) ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތުގެ ގުޅުން ބަދަހިކުރުވުން؛

(ޅ) ފޮސްޓަރިންގ ސަޕޯޓް ޕްލޭނެއް ތައްޔާރުކުރުން.

 

32 ވަަނަ މާއްދާ - ފޮސްޓަރ ކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުން

ފޮސްޓަރ ކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުމުގެ މަސައްކަތް ބެހިގެންދަނީ އަންނަނިވި ކަންކަމުގެ މައްޗަށް ހިމެނޭ މަރުހަލާތަކެއްގެ މައްޗަށެވެ.

(ހ) ފޮސްޓަރ ކުރުމާބެހޭ ގޮތުން ކުއްޖާއަށް މައުލޫމާތު ދިނުން. މިގޮތުން ފޮސްޓަރކޮށްދޭ ފަރާތާބެހޭ ގޮތުން މައުލޫމާތު ދިނުން.

(ށ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ބައްދަލުކުރުމަށް ކުއްޖާ ތައްޔާރުކުރުން. މިގޮތުން، ކުއްޖާއާ ބައްދަލުކޮށް، ކުއްޖާއާ ގުޅުން ބަދަހިކުރުމަށް ރޭވިފައިވާ ގޮތް ކުއްޖާއަށް ކިޔައިދީ، ކުއްޖާގެ ދިރިއުޅުން ބަދަލުވާ މާހައުލާބެހޭ މައުލޫމާތު ދީ، ކުއްޖާ ބޭނުންވާ މައުލޫމާތު ކުއްޖާއަށް ފޯރުކޮށްދިނުން.

(ނ) ކުއްޖާގެ އަމިއްލަވަންތަކަން ތަރައްގީކުރުމަށާއި، ކުއްޖާގެ އަމިއްލަވަންތަކަން ކުރިއެރުވުމަށް އެހީތެރިވުން.

(ރ) ކުއްޖާ ދިރިއުޅެމުންދާ އޯލްޓަނޭޓިވް ކެއަރ ދޫކޮށް ދިއުމަށް ކުއްޖާ ތައްޔާރުކުރުން.

(ބ) ކުއްޖާ ފޮސްޓަރކުރާ ފަހުން، ކުއްޖާއަށް ހާދިސާއެއް ކުރިމަތިވެއްޖެނަމަ، އެކަން ރިޕޯޓުކޮށް އަންގާނެ ފަރާތެއް ބަޔާންކޮށްދީ، ކުއްޖާ އެކަމަށް އަހުލުވެރިކުރުވުން.

(ޅ) ފޮސްޓަރ ކުރުމަށް ޓަކައި ތައްޔާރުކުރެވޭ ކުއްޖާގެ ހައްގުތަކާއި ޒިންމާތަކަކީ ކޮބައިކަން، އެ ކުއްޖެއްގެ އުމުރަށާއި، ބަދަލުވަމުންދާ ގާބިލިއްޔަތަށް ރިއާޔަތްކޮށް އަހުލުވެރި ކުރުވުން.

 

33 ވަަނަ މާއްދާ - ފޮސްޓަރ ކުރަން ހަވާލުކުރަން ކޯޓު އަމުރެއް ހޯދުން

(ހ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (އ) ގައި، އެއްވެސް ކުއްޖަކު ފޮސްޓަރ ކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތ،ީ ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް، ކަމާބެހޭ ކޯޓު އަމުރެއް ލިބިގެން މެނުވ،ީ މި ގަވާއިދުގެ ދަށުން ކުއްޖަކު ފޮސްޓަރކޮށްދޭ ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ މަގުސަދަށް ޓަކައި، ފޮސްޓަރ ކުރުމުގެ ތިންވަނަ މަރުހަލާގައި އެންމެ އިސްކަމެއް ދޭންވާނީ، ފޮސްޓަރކުރަން ހަމަޖެހިފައިވާ ކުއްޖަކު، ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް ޓަކައި ހޯދަންޖެހޭ ކޯޓު އަމުރު ހޯދުމަށެވެ. މިގޮތުން ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހިމަނަންވާނެއެވެ.

  1. ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގޮތުންކުރެ ކޮން ގޮތަކުން ކަން؛
  2. ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަމަ، ކުއްޖާ ހަވާލުކުރެވޭ މުއްދަތު؛
  3. ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަމަ، ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރކޮށްދޭ ފަރާތަށް 
    ބަދަލުކުރުމަށް ބޭނުންވާނެ، ކަމާބެހޭ އާންމު މައުލޫމާތާއި ގާނޫނީ މައުލޫމާތު؛
  4. ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާ ބެހޭގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހަދައިފައިވާ އެސެސްމަންޓުތައް؛
  5. މި ގަވާއިދުގެ 26 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ހަދ،ާ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓ.ު
  6. ކުއްޖާ ފޮސްޓަރކުރުމާމެދު އުފަން މައިންބަފައިންގެ ބަ ހާއި،މައިންބަފައިންނާ ހަވާ ލުކުރެވެން ނެތް ސަބަބުތައް.

 

34 ވަނަ މާއްދާ - ފޮސްޓަރކޮށްދޭ ފަރާތް ތައްޔާރުކުރުން

ފޮސްޓަރކޮށްދޭ ފަރާތް ތައްޔާރުކުރުމުގެ މަސައްކަތް ބެހިގެންދަނީ އަންނަނިވި ކަންކަމުގެ މައްޗަށް ހިމެނޭ މަރުހަލާތަކެއްގެ މައްޗަށެވެ.

(ހ) ފޮސްޓަރކޮށްދޭ ފަރާތަށް، ކުއްޖާގެ ހައްގުތަކާއި ބެލެނިވެރިންގެ ޒިންމާތަކާއި ކުއްޖާގެ ޒިންމާތަކަކީ ކޮބައިކަން އަންގައިދިނުން.

(ށ) ކުއްޖާގެ އަސާސީ ކަންކަން ފުރިހަމަކުރުމަށް ފޮސްޓަރކޮށްދޭ ފަރާތަށް ބޭނުންވާނެ އެހީތެރިކަން ދެނެގަތުން.

(ނ) ހަރުދަނާ ބެލެނިވެރިކަމާ ގުޅޭ މައުލޫމާތު ބެލެނިވެރިޔާއަށް ބޭނުންވާކަމަށް ބެލެވޭނަމަ، އެ މައުލޫމާތު ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

(ރ) ކުއްޖާއާއި ކުއްޖާގެ އާއިލާގެ މާޒީއާބެހޭ މުހިންމު އެންމެހައި މައުލޫމާތުތައް ހިއްސާކުރުން.

(ބ) ކުއްޖާގެ ކީ ކެއަރވޯކަރއާއި ކުއްޖާގެ ވަށައިގެންވާ މާހައުލުގައި އުޅޭ ކުއްޖާއަށް މުހިންމު މީހުންނާ ބައްދަލުކޮށް، ކުއްޖާގެ މިޒާޖާއި ކުއްޖާގެ އާދަތައް ދެނެގަތުމުގެ މަގުފަހިކޮށްދިނުން.

(ޅ) ފޮސްޓަރ ކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްނަމަ، އެ ކުއްޖަކާ މުއާމަލާތުކުރާނެ ގޮތް، އެ ކުއްޖާ ބެލެހެއްޓުން ހަވާ ލުކުރާ ފަރާތަށާއި އެ ކުއްޖާއާއެކުގައި ދިރިއުޅޭނެ ފަރާތްތަކަށް ދަސްކޮށްދިނުން.

 

35 ވަނަ މާއްދާ - ކުއްޖާއާއެކު ގުޅުން ބަދަހިކުރުން

(ހ) ފޮސްޓަރކޮށްދޭ ފަރާތުން ކުއްޖާއާއެކު ގުޅުން ބަދަހިކޮށް، އެ ކުއްޖާއާއެކު ގުޅުމެއް އުފެއްދުމަށް ޓަކައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.

(ށ) ފޮސްޓަރކޮށްދޭ ފަރާތަށް ކުއްޖާއާއެކު ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމުގައި މައްސަލަ ބަލާ އިޖުތިމާއީ ހިދުމަތްތެރިޔާ އަންނަނިވި ކަންކަމަށް ރިއާޔަތްކުރަން ވާނެއެވެ.

  1. ކުއްޖާއާ މުއާމަލާތުކޮށް ގުޅުން އުފެއްދުމުގައި، ކުއްޖާގެ ބޭނުންތަކަށާއި، ކުއްޖާ އެ ގުޅުން ކުރިޔަށްގެންދަން ބޭނުންވާ ހަލުވި މިން؛
  2. ކުއްޖާއާ މުއާމަލާތު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގައި، ކުއްޖާގެ އުމުރާއި މިޒާޖަށް ރިޔާއަ ތްކޮށް، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާނެގޮތަށް ވިސްނައި، ކުއްޖާއާ މުއާމަލާތު ކުރުމުގެ ފުރުސަތު ހޯދައިދިނުން؛
  3. ކުއްޖާއާ ބައްދަލުކޮށްގެން މުއާމަލާތު ކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމުގައި، އެންމެ ފުރަތަމަ، ކުއްޖާ ދިރިއުޅޭ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއެއްގައި ކުއްޖާއާއެކު ބޭއްވޭ ކުރު، އަދި ސުޕަވައިޒްކުރާ ބައްދަލުވުންތަކެއް މެދުވެރިކޮށް ބައްދަލުކުރެވޭނޭ ގޮތް ހަމަޖައްސައިދިނުން؛
  4. ކުއްޖާއަށް ފޮސްޓަރކޮށްދޭ ފަރާތް ދިރިއުޅޭ މާހައުލުގައި ސުޕަވިޒަނާއެކު، ބައްދަލުކުރެވޭނޭ އިންތިޒާމު ހަމަޖައްސައިދިނުން.

(ނ) ފޮސްޓަރކޮށްދޭ ފަރާތުން ކުއްޖާއާ މުއާމަލާތުކުރާ ކޮންމެ ފަހަރެއްގައި ދެކެވޭ ވާހަކަތަކާއި، ކުއްޖާއާ މުއާމަލާތުކުރަން ބޭނުންކުރި ގޮތާއި، އެކަން ހިނގައިދިޔަ ތާރީހާއި ގަޑި އެނގޭނޭ ގޮތަށް، އިޖުތިމާއީ ހިދުމަތްތެރިޔާ، އެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

 

36 ވަަނަ މާއްދާ - ފޮސްޓަރިންގ ސަޕޯޓް ޕްލޭން ތައްޔާރުކުރުން

(ހ) މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޮސްޓަރިންގ ސަޕޯޓް ޕްލޭން ތައްޔާރުކުރަންވާނީ، ކުއްޖާއާއި ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާއެކު މަށްވަރާކޮށްގެން، އިޖުތިމާއީ ހިދުމަތްތެރިޔާއެވެ.

(ށ) ފޮސްޓަރިންގ ސަޕޯޓް ޕްލޭނުގައި، އަންނަނިވި މައުލޫމާތު ހިމަނައިފައި ހުންނަންވާނެއެވެ.

  1. ކުއްޖާގެ އަސާސީ ކަންކަން ފުރިހަމަކުރުމަށް ފޮސްޓަރކޮށްދޭ ފަރާތަށް ބޭނުންވާނެ އެހީތެރިކަން؛
  2. ފޮސްޓަރކުރާ ކުއްޖާއަކީ ވަކި ހާއްސަ އެހީތެރިކަމެއް ބޭނުންވާ ކުއްޖެއްނަމަ، އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ފޮސްޓަރކޮށްދޭ ފަރާތަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެ ކަންކަން؛
  3. ފޮސްޓަރިންގ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭން؛
  4. ކުއްޖާ ބެލެހެއްޓުމަށް ޓަކައި ކުއްޖާ ހަވާލުކުރާ ފަރާތަށް ދައުލަތުގެ ފަރާތުން މާލީގޮތުން އެހީތެރިކަން ބޭނުންވާނަމަ، ނުވަތަ ކުއްޖާ ބެލެހެއްޓުމަށް ޓަކައި އެހެން އެހީތެރިކަމެއް ވެސް ބޭނުންވާނަމަ، އެ ކަންކަން؛
  5. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭނެ އިދާރާތަކާއި ފަރާތްތަކުގެ މައުލޫމާތު،

 

37 ވަަނަ މާއްދާ - ފޮސްޓަރ ކުރުމުގެ ތިންވަނަ މަރުހަލާ

ފޮސްޓަރ ކުރުމުގެ ތިންވަނަ މަރުހަލާގައި އަންނަނިވި ގޮތުގެ މަތީން ކަންކަން ކުރަންވާނެއެވެ.

(ހ) ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގެ ކަންކަން ހަމަޖެއްސުމާއި މޮނިޓަރިންގ ޕްލޭން ތައްޔާރުކުރުން.

(ށ) ފޮސްޓަރިންގ ސަޕޯޓް ޕްލޭނުގައި ހުރި ކަންކަން ފުރިހަމަކުރުން.

(ނ) ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމާއި، މޮނިޓަރިންގ ޕްލޭން ތަންފީޒުކުރަން ފެށުން.

 

38 ވަަނަ މާއްދާ - ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމުގެ އެއްބަސްވުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގެ ގޮތުން އެ ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތަކާ އެ ކުއްޖާ ހަވާލުކުރަންވާނީ، ފޮސްޓަރކޮށްދޭ ފަރާތާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާ ދެމެދު، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

(ށ) ފޮސްޓަރ ކުރުމުގެ ތިންވަނަ މަރުހަލާ ފަށާ ހިސާބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އޮންނާނެ ގޮތުގެ ނަމޫނ،ާ ފޮސްޓަރ ޕެނަލުން ފާސްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
  2. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާތައް؛
  3. ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާ އަދާކުރުމަށް ޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން ދޭނެ އެހީތެރިކަން؛
  4. ކުއްޖާގެ ރައްކައުތެރިކަމަށާއި ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް ރިއާޔަތްކޮށް، ވަކި ހާއްސަ ށަރުތުތަކެއް، ކުއްޖާއާ ހަވާލުވާ ފަރާތުގެ މައްޗަށް އިލްތިޒާމުކުރާނަމަ، އެ ށަރުތުތައް؛
  5. ކުއްޖާއާ ހަވާލުވުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރކުރުމުގެ ފިޔަވަޅުތަކަށް، ކުއްޖާއާ ހަވާލުވާ ފަރާތުން އެއްބާރުލުން ދޭންވާނެކަމާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން އަޅާނެ މޮނިޓަރިންގ ފިޔަވަޅުތަކުގެ ތަފުސީލު؛
  6. ކުއްޖާއާ ހަވާލުވާ ފަރާތުން ކުއްޖާއާމެދު އިހުމާލުވާ ހާލަތެއްގައި، ކުއްޖާ ރައްކައުތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ކުއްޖާއާ ހަވާލުވާފަރާތާމެދު އަޅާނެ ފިޔަވަޅުތައް.

(ބ) ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަންނަނިވި ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކަށަވަރު ކުރަން ވާނެއެވެ.

  1. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވ،ެ ފަހުމުވެފައިވާކަން؛
  2. އެއްބަސްވުމުގެ ދަށުން އެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމުތަކާއި، އެ އިލްތިޒާމުތައް އަދާނުކޮށްފިނަމަ، ކުރިމަތިވާނޭ ނަތީޖާތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވ،ެ ފަހުމުވެފައިވާކަން؛
  3. ކުއްޖާގެ ހައްގުތަކާއި ކުއްޖާއަށް އަދާކޮށްދޭންޖެހޭ ވާޖިބުތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ދެނެގަނެވި ފަހުމުވެފައިވާ ކަން؛
  4. މޮނިޓަރިންގ ޕްލޭން އެކުލަވައިލުން؛
  5. ފޮސްޓަރކޮށްދޭ ފަރާތަށް ކުއްޖާ ފޮސްޓަރ ކުރުމަށް ހުއްދަދ،ޭ ކަމާބެހޭ ފަރާތުގެ ކޯޓު އަމުރެއް ލިބިފައިވާ ކަން.

 

39 ވަަނަ މާއްދާ - ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމުގެ ކުރިން، ފޮސްޓަރިންގ ސަޕޯޓް ޕްލޭނުގައިވާ ކަންކަން ފުރިހަމަކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.  

(ށ) ފޮސްޓަރިންގ ސަޕޯޓް ޕްލޭނުގައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ކުއްޖާގެ ފުރިހަމަ މެޑިކަލް ޗެކްއަޕެއް ހެދުން؛ އަދި
  2. އޯލްޓަނޭޓިވް ކެއަރ ފެސިލިޓީ ދޫކޮށްދާއިރު، ކުއްޖާ ބޭނުންވާ ގޮތަކަށް އެ ކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭތޯ ބެލުން.

 

40 ވަަނަ މާއްދާ - ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުން

(ހ) ކުއްޖާ ފޮސްޓަރކުރާއިރު، ކުއްޖާއާ ހަވާލުވުމަށް ޓަކައި، ކުއްޖާ ދިރިއުޅެމުންދާ އޯލްޓަނޭޓިވް ކެއަރގެ މަރުކަޒަކަށް ފޮސްޓަރކޮށްދޭ ފަރާތް ދާންވާނެއެވެ. އަދި މަގުބޫލު ސަބަބެއް މެދުވެރިވެގެން މިގޮތަށް އަމަލުކުރެވެން ނެތް ހާލަތްތަކުގައި، ފޮސްޓަރކޮށްދޭ ފަރާތުގެ ގާތަށް ކުއްޖާ ގެންދަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކަމާބެހޭ އިޖުތިމާއީ ހިދުމަތްތެރިޔާއެވެ.

(ށ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރާއިރު، ކުއްޖާއާބެހޭ މުހިންމު ލިޔެކިޔުންތައް ވެސް، އިޖުތިމާއީ ހިދުމަތްތެރިޔާ ހަވާލުކުރަންވާނެއެވެ. އަދި ހަވާލުކުރާ ލިޔެކިޔުންތަކުގެ ރިކޯޑު ކުއްޖާގެ ކޭސްފައިލުގައި ހިމަނަންވާނެއެވެ.

(ނ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރާއިރު، މި ގަވާއިދުގެ ދަށުން އެކުލަވައިލާ މޮނިޓަރިންގ ޕްލޭން، ކުއްޖާއަށާއި ފޮސްޓަރކޮށްދޭ ފަރާތަށް ކިޔައިދީ، އެ ޕްލޭން ފަހުމުވެއްޖެކަން ކަށަވަރު ކުރަން ވާނެއެވެ.

(ރ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކޮށް، ކުއްޖާއާ އެ މާހައުލުން އިޖުތިމާއީ ހިދުމަތްތެރިޔާ ވަކިވުމުގެ ކުރިން ކުއްޖާއާއެކު ތައްޔާރުކޮށްފައިވާ ރައްކައުތެރިކަމުގެ ޕްލޭން ކުއްޖާގެ ހަނދާނުގައި ހުރިތޯ ކަށަވަރުކޮށް، އެ ޕްލޭން، ކުއްޖާއަށް އަލުން ކިޔައިދޭންވާނެއެވެ.

(ބ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކޮށް، ރަށެއްގައި ނަމަ، އެ ރަށުގައި ކުއްޖާއަށް ބޭނުންވާ އަސާސީ ހިދުމަތްދޭ ފަރާތްތައް ތައްޔާރުވެފައިވާ މިންވަރު ބަލައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ޕްލޭނުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާ އިޖުތިމާއީ ހިދުމަތްތެރިޔާ ތައާރުފުވ،ެ އެ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އެ ފަރާތްތަކަށް އޮޅުންފިލުވައިދޭން ވާނެއެވެ.

 

41 ވަަނަ މާއްދާ - ފޮސްޓަރ ކުރުމުގެ ހަތަރުވަނަ މަރުހަލާ

(ހ) ފޮސްޓަރ ކުރުމުގެ ހަތަރުވަނަ މަރުހަލާގައި ހިމެނެނީ، މޮނިޓަރކުރުމާއި، ކުއްޖާއަށާއި ފޮސްޓަރކޮށްދޭ ފަރާތަށް ދޭންޖެހޭ އިތުރު އެހީތެރިކަން ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

(ށ) ފޮސްޓަރކުރާ ކުއްޖާގެ އުމުރާއި ގާބިލިއްޔަތަށް ބަލައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން އިޖުތިމާއީ ހިދުމަތްތެރިޔާ މޮނިޓަރިންގ ޕްލޭނެއް ތައްޔާރުކޮށް، ފޮސްޓަރކޮށްދޭ ފަރާތާ އެ ޕްލޭން ހިއްސާކޮށް، އެ ޕްލޭން ތަންފީޒުކުރަންވާނެއެވެ.

  1. ކުއްޖާގެ ހާލަތު މޮނިޓަރ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް؛
  2. ކުއްޖާގެ ހާލަތު، ރަށު ފެންވަރުގައި މޮނިޓަރ ކުރަމުންދާނެ ފަރާތްތައް؛
  3. ކުއްޖާގެ ހާލަތު މޮނިޓަރ ކުރަމުން ގެންދާނެ މުއްދަތު؛
  4. ފޮސްޓަރކޮށްދޭ ފަރާތަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ފެންވަރުގައި ވިލަރެސްކުރާނެ ފަރާތް ނުވަތަ ފަރާތްތައް.

 

42 ވަަނަ މާއްދާ - މޮނިޓަރިންގ ފިޔަވަޅުތައް

(ހ) ތިރީގައި މިވަނީ ކުއްޖާގެ ހާލަތު މޮނިޓަރކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެވެ.

  1. އިޖުތިމާއީ ހިދުމަތްތެރިޔާ ފޯނު މެދުވެރިކޮށް ކުއްޖާއަށް ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛
  2. އިޖުތިމާއީ ހިދުމަތްތެރިޔާ، ފޮސްޓަރކޮށްދޭ ފަރާތާ ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛
  3. އިޖުތިމާއީ ހިދުމަތްތެރިޔާ، ކުރިން އެންގުމަކާ ނުލައި ކުއްޖާގެ ގެއަށް ހޯމް ވިޒިޓްކުރުން؛
  4. އިޖުތިމާއީ ހިދުމަތްތެރިޔާ ކުއްޖާއަށް ކިޔަވައިދޭ ޓީޗަރުގެ ކިބައިން ނުވަތަ ސްކޫލުގެ ފަރާތުން ގަވާއިދުން ކުއްޖާއާބެހޭ މައުލޫމާތު ހޯދުން؛
  5. ފޮސްޓަރކޮށްދޭ ފަރާތުގެ ހާލަތާބެހޭ މައުލޫމާތު، އިޖުތިމާއީ ހިދުމަތްތެރިޔާ ހޯދުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ފިޔަވަޅަކީ، ފޮސްޓަރކުރާ ކޮންމެ ކުއްޖަކާ ގުޅިގެން، އަންނަނިވި ގޮތުގެ މަތީން އަޅަމުން ގެންދަންވާނެ ފިޔަވަޅެކެވެ.

  1. ކުއްޖާ ފޮސްޓަރކުރާ ފުރަތަމަ 4 )ހަތަރެއް( ހަފުތާގެ ތެރޭގައި، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ހޯމް ވިޒިޓްކުރުން؛
  2. އެއަށްފަހު، ވިދިގެން އަންނަ 12 )ބާރަ( ހަފުތާގެ މުއްދަތަށް، ކޮންމެ 2 (ދޭއް) ހަފުތާއިން 1 (އެކެއް) ހަފުތާއަކު ހޯމް ވިޒިޓްކުރުން؛
  3. އެއަށްފަހު، މޮނިޓަރިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން މަހަކު 1 (އެކެއް) ފަހަރު، ނުވަތަ މަހަކު 2 (ދޭއް) ފަހަރު ހޯމް ވިޒިޓްކުރުން.

(ނ) މި މާއްދާގެ ދަށުން އަޅަމުންދާ މޮނިޓަރިންގ ފިޔަވަޅުތަކާބެހޭ މައުލޫމާތު، އިޖުތިމާއީ ހިދުމަތްތެރިޔާ ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުރިޔަށްގެންދާ ހާލަތު މޮނިޓަރކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 1 (އެކެއް) އަހަރު މޮނިޓަރކުރުމަށްފަހު އެއްވެސް މައްސަލައެއް ފާހަގަނުވާނަމަ، 1 (އެކެއް) އަހަރުދުވަސް ވުމުން މޮނިޓަރކުރުން ހުއްޓައިލައި، ގަވާއިދު ނަންބަރު 2020-72 (ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުއްޖާގެ ކޭސް ކްލޯޒްކުރެވިދާނެއެވެ.

 

43 ވަަނަ މާއްދާ - ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) ކުއްޖާއާއި އެ ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު އޮންނަ ގުޅުން ހީނަރުވަމުންދާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ފާހަގަވެއްޖެނަމަ، އެކަން ހައްލުކުރަން ފުރަތަމަ މަސައްކަތްކުރަންވާނީ ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާއެކު ވާހަކަދައްކައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަސައްކަތް ކުރުމަށް ފަހުގައި ވެސް، ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު އޮންނަ ގުޅުން ރަނގަޅުނުވ،ެ އިތުރަށް ހީނަރުވަމުންދާކަމަށް ފާހަގަކުރެވޭނަމަ، އެކަން ފޮސްޓަރ ޕެނަލުގެސަމާލުކަމަށް ގެނެސް، އެކަމާ ގުޅޭގޮތުން ދެން އަޅަންޖެހޭ ފިޔަވަޅުތައް ނިންމާނީ ފޮސްޓަރ ޕެނަލުންނެވެ.

(ނ) ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ދިއުމުގެ ސަބަބުން ފޮސްޓަރކުރުމުގެ މަ ގުސަދު ގެއްލިފައިވާކަމަށް ފޮސްޓަރ ޕެނަލަށް ފެނިގެން، ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ވަކިކުރަން ފޮސްޓަރ ޕެނަލުން ނިންމާ ހާލަތުގައި، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާމެދު އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ރ) ފޮސްޓަރކުރި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް އަނބުރާ ގެންނަ ހާލަތުގައި، އެ ކުއްޖާ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއެއްގައި ބެހެއްޓުމަށް ނިންމައިފިނަމަ، އެ ކުއްޖާ އަލުން ފޮސްޓަރ ކުރުމުގެ މަސައްކަތް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ފަށަންވާނެއެވެ.

(ބ) އެއްވެސް ސަބަބަކާހުރެ ފޮސްޓަރ ބެލެނިވެރިޔާ ކައިރިން ފޮސްޓަރ ކޮށްފައިވާ ކުއްޖާ ވަކިކުރެވޭނަމަ، ފޮސްޓަރ އަމުރު ބާތިލުކުރުމަށް ށަރުއީ ކޯޓަށް ހުށަހަޅަންވާނެއެވެ.

 

 

ހަވަނަ ބާބު

އެހެނިހެން މާއްދާތައް

 

44 ވަަނަ މާއްދާ - ކުއްޖާ ބެލެހެއްޓުމަށް ހަ ވާލުކުރާ ފަރާތުގެ ޒިންމާ

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގެ ގޮތުން އެ ކުއްޖާ ބެލެހެއްޓުމަށް ފަރާތަކާ ހަވާލުކުރާ ހާލަތުގައި، އެ ފަރާތުގެ ނުވަތަ އެ ފަރާތްތަކުގެ މައްޗަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ހިނގާނެއެވެ.

(ށ) ފޮސްޓަރ ކުރުމުގެ ގޮތުން ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ އެއްވެސް ފަރާތަކުން، ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް މެދުވެރިވުން ހުއްޓުވުމުގައި އިހުމާލުވެއްޖެކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. މިގޮތުން އިހުމާލުވީ ފޮސްޓަރކޮށްދޭ ފަރާތް ކަމުގައި ވާނަމަ، އަދި އެ ފަރާތާ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފައިވާނަމަ، އެ ފަރާތުގެ ކިބައިން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ވަކިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކޮށްފި ފަރާތަކާމެދު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް ޓަކައި އެ މައްސަލައެއް، ކަމާބެހޭ އިދާރާއަކަށް ފޮނުވޭނެއެވެ.

 

45 ވަަނަ މާއްދާ - ކުއްޖާ ބެލެހެއްޓުމަށް މާލީ އެހީތެރިކަން ދިނުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، ފޮސްޓަރ ކުރުމުގެ ސަބަބުން އެ ކުއްޖާ ބެލެހެއްޓުމަށް މާލީ އެހީތެރިކަން ބޭނުންވާކަމަށް، މި ގަވާއިދުގެ ދަށުން ހަދާ އެސެސްމަންޓުތަކުން އެނގެން އޮންނަ ނަމަ، ގާނޫނު ނަންބަރު 2014-02 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) ގެ ދަށުން ކުއްޖާ ބެލެހެއްޓުމާ ހަވާލުވާ ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

 

46 ވަަނަ މާއްދާ - ފޮސްޓަރ ޕެނަލުގެ ނިންމުން މުރާޖާކުރުން 

(ހ) މި ގަވާއިދުގެ ދަށުން ފޮސްޓަރ ޕެނަލުން ނިންމާ ނިންމުމަކާ ގުޅޭގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއްގެ ނުވަތަ އެހެން ވެސް ފަރާތެއްގެ ށަކުވާ މިނިސްޓަރަށް ލިބިއްޖެނަމަ، އަދި އެފަދަ ށަކުވާއެއްގެ އަލީގައި ފޮސްޓަރ ޕެނަލުގެ ނިންމުން މުރާޖާކުރަންޖެހޭކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ފޮސްޓަރ ޕެނަލުގެ އެ ނިންމުމެއް މުރާޖާކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ފޮސްޓަރ ޕެނަލުގެ ނިންމުމެއް މުރާޖާކުރުމަށް މިނިސްޓަރ އެންގުމުން،އެ ނިންމުމަކާމެދު ޕެނަލުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އަދި އެ ނިންމުމަށް އަމަލުކުރަންވާނެއެވެ.

 

47 ވަަނަ މާއްދާ - ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު)

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓަރ ކުރުމަށް ހަވާލުކުރުމަށް ނިންމައި ގެން ފޮސްޓަރ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިންނާ ހަވާލުކުރުމަށް ށަރުއީ ކޯޓަށް ހުށަހަޅަންވާނެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ގާނޫނީ ބެލެނިވެރިކަން ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅާނީ ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތުގެ މިހާރުގެ ހާލަތު އަންގައިދޭ އެސެސްމަންޓާއެކުގައެވެ.

 

48 ވަަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބެލުން ނުވަތަ ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ވަގުތީގޮތުން ކުދިން ބެލެހެއްޓުން ހަވާ ލުކުރުމާއި، ދާއިމީގޮތެއްގައި ކުދިން ބެލެހެއްޓުން ހަވާލުކުރާ ކުރުން ހިމެނޭ ގޮތުންނެވެ.

(ށ) "ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖާ ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ.

(ނ) "ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ ދަށުން ސައްހަ ކައިވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަރިލައްވާ މުއްދަތުގައި އޭނާ ކައިވެނިކުރި އަންހެނާ ދަރިޔަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިއާނުކޮށްފައި ނުވާ ފިރިހެނާއަށެވެ.

(ރ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ފެމިލީ ކޯޓަށެވެ. ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ.

(ބ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރީންނަށް ނުވަތަ ހަޒާނަތު ހައްގުވާ ފަރާތްތަކަށެވެ.

(ޅ) "އިހުމާލުވުން" ކަމަށް ބުނެފައި އެވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ އެ ކުއްޖާ އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ގެއްލުމެއް ނުވަތަ ނަފުސާނީ ގެއްލުމެއް ކުރިމަތިކުރުވާ ފަދަ އެންމެހައި އަމަލުތައް ނުވަތަ އެ ފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ އަމަލުތަކަށެވެ.

(ކ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމައާއި ބައްޕައަށެވެ.

(އ) "ޗައިލްޑް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ފޮސްޓަރކުރާ ކުއްޖާގެ ވަނަވަރާއި ކުއްޖާގެ ހާލަތު ބަޔާންކޮށް ހަދާއެސެސްމަންޓަށެވެ.

(ވ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(މ) "ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށެވެ.

(ފ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

 

49 ވަަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

50 ވަަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި 2020 މޭ 20 ވަނަ ދުވަހު ށާއިއުކޮށްފައިވާ ގަވާއިދު ނަންބަރު 2020-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) އުވުނީއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-17)

 

އުވި ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-30)

 

މައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު