ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-90)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 މާރިޗު 2023 ގައި)
(މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އިން ވަނީ ގަވާއިދު ނަންބަރު 2012-07 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
(ހ) މި ގަވާއިދުގެ މަގުސަދަކީ، ޓޫރިސްޓް ރިޒޯޓާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ރިޒޯޓު ހޮޓަލާއި، ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށާއި، އެ ތަނެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެކަން ބަޔާންކޮށްފައިވާ ހާލަތުގައި ބިންބިމުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ އުސޫލު ކަނޑައެޅުމެވެ.
(ށ) މި ގަވާއިދުގައި "ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައިވާ ކޮންމެ ތަނެއްގައި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސްއާއި، ޔޮޓް ބަނދަރު ހިމެނޭނެއެވެ.
3 ވަނަ މާއްދާ - ފަޅުގެ ސަރަހައްދު ކަނޑައެޅުން
(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ، އެ ރަށެއްގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން )މީން ޓައިޑް ލައިން( ފެށިގެންނެވެ.
(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި އެ ރަށެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅައިފައިވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހައްދަކީ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި އެ ރަށެއްގެ ފަޅުގެ ސަރަހައްދުކަމަށް ކަނޑައަޅައިފައިވާ ސަރަހައްދެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަށްރަށާއި ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ފަޅުތެރޭގައި އެހެން ރަށެއް ނުވަތަ ފިނޮޅެއް ހިމެނޭ ރަށްތައް ފިޔަވައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން، ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމަޔަށް 500 (ފައްސަތޭކަ) މީޓަރަށްވުރެ ބޮޑު ފަޅުގެ ސަރަހައްދެއް އޮތް ރަށްރަށުގެ ފަޅުގެ ސަރަހައްދަކީ، އެ ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 500 (ފައްސަތޭކަ) މީޓަރާ ހަމަޔަށް އޮންނަ ފަޅުގެ ސަރަހައްދެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ރަށްރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 500 (ފައްސަތޭކަ) މީޓަރަށްވުރެ އިތުރުވާ ފަޅުގެ ސަރަހައްދާ މެދު އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
- މި މާއްދާގެ ދަށުން ރަށުގެ ފަޅުގެ ސަރަހައްދުކަމަށް ކަނޑައަޅައިފައިވާ 500 (ފައްސަތޭކަ) މީޓަރަށް ވުރެ ފަޅުގެ ސަރަހައްދު އިތުރުކުރުމަށް ރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ބޭނުންވާނަމަ، ކުއްޔަށް ދޫކޮށްފައިވާ ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 500 (ފައްސަތޭކަ) މީޓަރުގެ ބަދަލުގައި ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 1،000 (އެއްހާސް) މީޓަރާ ހަމަޔަށް، އަންނަނިވި ގޮތުގެ މަތީން،ރަށުގެ ފަޅުގެ ސަރަހައްދު އިތުރު ކުރެވިދާނެއެވެ. މިގޮތަށް ފަޅުގެ ސަރަހައްދު އިތުރުކުރާއިރު ވެސް ފަރުގެ ބޭރު ކައިރިޔަށްވުރެ ފަޅުގެ ސަރަހައްދު ބޮޑެއް ނުކުރެވޭނެއެވެ.
1.1 އެ ރަށުގެ ފަޅުގެ ސަރަހައްދަކީ، ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމަޔަށް އެންމެ މަދުވެގެން 500 (ފައްސަތޭކަ) މީޓަރު ހަމަވާ ސަރަހައްދެއް ކަމުގައި ވުން.
1.2 މި މާއްދާގެ ދަށުން ރަށުގެ ފަޅުގެ ސަރަހައްދު ކަމުގައިވާ 500 (ފައްސަތޭކަ) މީޓަރުގެ އިތުރުން، އިތުރުކުރެވޭ 500 (ފައްސަތޭކަ) މީޓަރަށް ފީއެއްގެ ގޮތުގައި 100،00 (އެއްލައްކަ އެމެރިކާ ޑޮލަރު) މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުން؛
1.3 އިތުރުކުރުމަށް ކަނޑައަޅާ ފަޅުގެ ސަރަހައްދު، ރަށް ކުއްޔަށް ދީފައިވާ އެއްބަސްވުމަށް ގެންނަ އިސްލާހެއްގެ ދަށުން ކަނޑައެޅުން. - މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގައި މި ގަވާއިދުގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދުން ބޭރުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން ކޮޓަރިތަކެއް ނުވަތަ އެފަދަ ތަނަކާ ގުޅުންހުރި ފެސިލިޓީތަކެއް ތަރައްގީކޮށްފައިވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހައްދަކަށް ވާނީ، އެ ކޮޓަރިތައް ނުވަތަ ޓޫރިސްޓް ރިޒޯޓާ ގުޅުންހުރި ފެސިލިޓީތަކުގެ ފުޓްޕްރިންޓުން ފެށިގެން 50 (ފަންސާސް) މީޓަރާ ހިސާބަށެވެ.
(ރ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމަޔަށް 500 (ފައްސަތޭކަ) މީޓަރަށްވުރެ އިތުރު ނުވާނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހައްދަކީ، އެ ރަށެއްގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމަޔަށް އޮންނަ ސަރަހައްދެވެ.
4 ވަނަ މާއްދާ - ފަޅުގެ ސަރަހައްދު ކަނޑައެޅުމުގައި އިސްތިސްނާ ހާލަތުތައް
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފަޅުގެ ސަރަހައްދު ކަނޑައަޅާނީ މި މައްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ފިޔަވައި މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދު ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާއިރު މި ގަވާއިދުގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދާއި މީހުން ދިރިއުޅޭ ރަށެއްގެ އިހް ތިސާސްގައި ހިމެނޭ ސަރަހައްދާ ފުށުއަރާނަމަ، މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓުގެ ފަޅުގެ ސަރަހައްދު ކަނޑައެޅޭނީ މީހުން ދިރިއުޅޭ ރަށުގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދު ނިމޭ ހިސާބަށެވެ.
(ށ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށާ އެއްފަޅެއްގައި އިތުރު ފަޅުރަށެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް އޮތްނަމަ އަދި އެ ރަށެއްގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބާ ދެމެދު 1،000 (އެއްހާސް) މީޓަރު ހަމަނުވާނަމަ، ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދުކަމުގައި ބެލެވޭނީ،ދެރަށް ދޭތެރޭގައި ދެފަރާތް އެއްވަރުވާ ގޮތަށް ރޮނގެއް ދަމައިލުމުން، އެ ރޮނގުން ފެށިގެން ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށާ ދޭތެރޭ އޮންނަ ސަރަހައްދެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަޅުގެ ސަރަހައްދު ކަނޑައަޅާ ހާލަތް ނޫން ގޮތަކަށް މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާއިރު މި ގަވާއިދުގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދާއި މި ގަވާއިދުގެ 3 ވަނަ މާއްދާގެ
(ށ) ގެ ދަށުން ކަނޑައަޅައިފައިވާ ފަޅުގެ ސަރަހައްދަކާ ފުށުއަރާނަމަ، މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓުގެ ފަޅުގެ ސަރަހައްދު ކަނޑައެޅޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން އަނެއް ރިޒޯޓަށް ކަނޑައަޅައިފައިވާ ފަޅުގެ ސަރަހައްދު ނިމޭ ހިސާބަށެވެ.
(ބ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަޅުގެ ސަރަހައްދު ކަނޑައަޅާ ހާލަތް ނޫން ގޮތަކަށް މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާއިރު މި ގަވާއިދުގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދާއި އެހެން ގާނޫނެއް ދަށުން ކަނޑައަޅައިފައިވާ ފަޅުގެ ސަރަހައްދަކާ ފުށުއަރާނަމަ، މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓުގެ ފަޅުގެ ސަރަހައްދު ކަނޑައެޅޭނީ އެހެން ގާނޫނެއްގެ ދަށުން ކަނޑައަޅައިފައިވާ ފަޅުގެ ސަރަހައްދު ނިމޭ ހިސާބަށެވެ.
5 ވަނަ މާއްދާ - ގުދުރަތީ ގޮތުން ހާއްސަ ތަންތަން އިސްތިސްނާކުރުން
މި ގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ރިޒޯޓުގެ ފަޅުގެ ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަހައްދުތަކާއި ސާރފިންގެ ސަރަހައްދުތަކާއި މިނޫންވެސް ޓޫރިސްޓް އެޓްރެކްށަންސްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅަ އިފައިވާ ސަރަހައްދުތައް ހިމެނޭނަމަ، އެ ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ މިފަދަ ތަންތަން ނުހިމެނޭ ގޮތަށެވެ. އަދި މި ގޮތަށް ކަނޑައެޅޭ ސަރަހައްދުތައް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި މިފަދަ ސަރަހައްދުތައް ބޭނުންކުރުމާބެހޭ އުސޫލެއް މިނިސްޓްރީން ކަނޑައެޅުމަށްފަހު އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
6 ވަނަ މާއްދާ - ފަޅުގެ ސަރަހައްދުގެ ތެރެއިން އިމާރާތް ނުކުރެވޭ ސަރަހައްދު ކަނޑައެޅުން
(ހ) ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށްތަކަށް، މި ގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދުގެ އިމުން ފެށިގެން ރަށާވީ ފަރާތަށް 50 (ފަންސާސް) މީޓަރުގެ ބަފަރ ސަރަހައްދެއް ގާއިމުކުރުމަށްފަހު، އެ ސަރަހައްދު އެއީ "ނޯ ޑިވެލޮޕްމަންޓް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ "ނޯ ޑިވެލޮޕްމަންޓް ޒޯން" ގެ ސަރަހައްދުގެ ތެރޭގައި ފަތުރުވެރިކަމާ ގުޅުންހުރި އެއްވެސް އިމާރާތެއް ނުވަތަ ބިން ހިއްކުމުގެ މަސައްކަތެއް ކޮށްގެން ނުވާނެއެވެ. އަދި "ނޯ ޑިވެލޮޕްމަންޓް ޒޯން" ގެ ސަރަހައްދުގެ ތެރޭގައި ހިކި ފަސްގަނޑެއް ނުވަތަ ރަށެއް ނުވަތަ ފިނޮޅެއް އޮތްނަމަ، ނުވަތަ އެފަދަ ތަނެއް އެ ސަރަހައްދުގެ ތެރޭގައި ގުދުރަތީގޮތުން އުފެދިއްޖެނަމަ، އެ ތަންތަނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭނެ ތަންތަނެއް ނޫނެވެ.
7 ވަނަ މާއްދާ - ކަނޑުގެ ސަރަހަ އްދުގައި އެކްސްލޫސިވް ޒޯނެއް ކަނޑައެޅުން
(ހ) ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ފަޅުގެ ސަރަހައްދު ރަށުގެ ފަރުގެ ބޭރުކައިރިއާ ހަމަޔަ ށް ކަނޑައެޅޭ ހާލަތުގައި އެ ސަރަހައްދުގެ އިތުރަށް ރަށުގެ ރަށުގެ ފަރުގެ ބޭރުކައިރިން ފެށިގެން 300 (ތިންސަތޭކަ) މީޓަރު ހަމަވާ ހިސާބަށް ރަށް ވަށައިގެން އޮންނަ ކަނޑުގެ ސަރަހައްދަކީ، އެ ރިޒޯޓަކަށް އޮންނަ "އެކްސްކުލޫސިވް ޒޯން" އެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮ ށްފައިވާ އެކްސްލޫސިވް ޒޯނުގައި އެއްވެސް ތަނެއް ތަރައްގީކުރެވޭނީ، އަންނަނިވި ހާލަތްތަކުގައި ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހުގައެވެ.
- އިއާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ބޭނުމަށް؛
- ތިމާވެށީގެ ގޮތުން މުހިންމު މަށްރޫއެއް ހިންގުމަށް.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭ އެކްސްކްލޫސިވް ޒޯނާއި މީހުން ދިރިއުޅޭ ރަށެއްގެ އިހްތިސާސްނުވަތަ އެހެން ގާނޫނެއްގެ ދަށުން އެހެން ބޭނުމަކަށް ކަނޑައަޅައިފައިވާ ސަރަހައްދަކާ ފުށުއަރާނަމަ، އެކްސްކްލޫސިވް ޒޯން ކަނޑައެޅޭނީ އެ ފުށުއަރާ ސަރަހައްދެއްގެ ބޭރު އިމާ ހަމަޔަށެވެ.
8 ވަނަ މާއްދާ - ބިން ހިއްކުމާ ގުޅިގެން ފަޅުގެ ސަރަހައްދަށް ބަދަލު ނުގެނައުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް ރިޒޯޓެއްގެ ބިން ހިއްކައިފައިވާ ހާލަތުގައި ވެސް، ރަށުގެ ފަޅުގެ ސަރަހައްދުކަމުގައި ބެލެވޭނީ، ބިން ހިއްކުމުގެ ކުރިން އެ ރަށުގެ މެދު ދިޔައިގައި ހިކިފަސް އޮތް ކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީގެ ރިކޯޑުތަކުން ފެންނަ އިމުން ފެށިގެން މި ގަވާއިދުގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބިން ހިއްކުމުގެ ކުރީގެ ރިކޯޑުތައް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ނެތްނަމަ ނުވަތަ ފެންނަން ހުރި ރިކޯޑުތަކުން ރަނގަޅަށް އިން ކަނޑައެޅެން ނެތް ނަމަ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަށްވަރާގެ މަތީން އެ ރަށެއްގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބު ކަނޑައެޅުމުގެ އިހްތިޔާރު ، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދުގައި އުފެދޭ ހިކިފަސްތަން
(ހ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ކުއްޔަށް ދިނުމަށްފަހު މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އެ ރަށެއްގެ ފަޅުގެ ސަރަހައްދުގައި ގުދުރަތީގޮތުން އުފެދޭ ހިކިފަސްތަންތަނާބެހޭ މައުލޫމާތު ނުވަތަ އެފަދަ ރަށްރަށުގެ ފަޅު ކޮނުމުގެ ސަބަބުން ނުވަތަ ފަޅު ފުންކުރުމުގެ ސަބަބުން އުފެދޭ ހިކިފަސްތަންތަނާބެހޭ މައުލޫމާތު ލިޔުމުން މިނިސްޓްރީއަށް އަންގައި ރަޖިސްޓަރީކުރަންވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން ކަނޑައެޅޭ، އެ ރަށެއްގެ ފަޅުގެ ސަރަހައްދުގައި އުފެދޭ ނުވަތަ މިހާރު ހުރި މިފަދަ ތަންތަން ރިޒޯޓުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިފަދަ ތަންތަން ރިޒޯޓުގެ ބައެއްގެ ގޮތުގައި ހަމަޖައްސާ ދުވަހުން ފެށިގެން، ރިޒޯޓަށް ކުލިދެއްކުމުގެ ބޭނުމަށް ޓަކައި ރިޒޯޓުގެ ބިމުގެ ބޮޑުމިނުގެ ތެރޭގައި އެ ތަންތަން ހިމެނޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިކިފަސްތަނުގައި އެއްވެސް އިމާރާތެއް ކުރާނަމަ އެފަދަ އިމާރާތެއް ކުރަންވާނީ، ރަށް ކުއްޔަށް ދިނުމަށް ކޮށްފައިވާ އެގްރީމަންޓާއި ޓޫރިސްޓް ރިޒޯޓުތަކުގައި އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
10 ވަނަ މާއްދާ - ފަޅުގެ ސަރަހައްދު ބެލެހެއްޓުން
ޓޫރިސްޓް ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ބެލެހެއްޓުމަކީ، އެ ރިޒޯޓެއް ހިންގާ ފަރާތުގެ ޒިންމާއެކެވެ.
11 ވަނަ މާއްދާ - ފަޅު ފުންކުރުމާއި ނެރު ކެނޑުން
(ހ) ބިން ހިއްކުން ނުހިމެނޭގޮތަށް، ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދީފައިވާ އެއްވެ ސް ރަށެއްގެ ފަޅުގެ ސަރަހައްދުން ބައެއްނަމަވެސް ކޮންނަންވާނީ ނުވަތަ ފުންކުރަންވާނީ، އެ ކަމެއް ކުރަން ފެށުމުގެ ކުރިން މި ގަވާއިދުގެ ދަށުން އެ ރަށެއްގެ ފަޅުގެ ސަރަހައްދާއި ބިމުގެ ސަރަހައްދު ކަނޑައަޅައި، އެ ކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) ރަށުގެ ފަޅުގެ ސަރަހައްދަށް ވަދެ ނުކުތުމުގެ ބޭނުމަށް ރަށުގެ ފަޅުގެ ސަރަހައްދުގެ ބޭރުން ފަޅު ފުންކުރުމާއި ނެރު ކެނޑުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުގެ ހުއްދަ ހޯދަންވާނެއެވެ.
12 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ސަރަހައްދު ކަނޑައެޅުން
(ހ) ފަތުރުވެރިކަން ތަރައްގީކުރުމުގެ ބޭނުމަށް ފަޅެއް ކުއްޔަށް ދޫކުރާއިރު، އެ ފަޅުގެ ލީސް އެގްރީމެންޓުގައި ފަޅުގެ ސަރަހައްދު ކަނޑައަޅައިފައި އޮންނަންވާނެއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގެ ކުލީގެ އެއްބަސްވުމުގައި ފަޅުގެ ސަރަހައްދު ކަނޑައަޅައިފައި ނުވާނަމަ، ކުލީގެ އެއްބަސްވުމަށް ގެންނަ އިސްލާހެއްގެ ދަށުން އެ ފަޅެއްގެ ސަރަހައްދު ކަނޑައަޅަންވާނެއެވެ.
13 ވަނަ މާއްދާ - އަލަށް ކުއްޔަށް ދޫކުރާ ތަންތަން
މި ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން ކުއްޔަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަހައްދު އެ ތަނެއް ކުއްޔަށް ދޫކުރާ ތާރީހުން ފެށިގެން 1( އެކެއް( އަހަރުދުވަހުގެ ތެރޭގައި އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.
14 ވަނަ މާއްދާ - ޖޫރިމަނާ
މި ގަވާއިދާ ހިލާފުވާ ކޮންމެ ރިޒޯޓެއް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން، މި ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 100،000 (އެއްލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
15 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކޮށްފައިވަނީ، ތިރީގައިވާ އަކުރުތަކުގައި އެ ލަފުޒުތަކާއި އިބާރާތްތައް މާނަކޮށްފައިވާ ގޮތަށެވެ.
(ހ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް އެ ވަގުތެއްގައި މަތިކޮށްފައިވާ ވުޒާރާއަށެވެ.
(ށ) "މެދު ދިޔައިގައި ހިކިފަސް ސަރަހައްދު" ނުވަތަ "މީންޓައިޑް ލައިން" ކަމުގައި ބުނެފައި އެވަނީ، ހިކި ދިޔައިގައި ހިކިފަސް ހުންނަ ހިސާބާއި ބޮޑު ދިޔައިގައި ހިކިފަސް ހުންނަ ހިސާބު ސީދާ ދެބައިކުރުމުން ދަމައިލެވޭ އިމަކަށެވެ.
(ނ) "ޓޫރިސްޓް ރިޒޯޓް" ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއްގައި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓާ، ހޮޓާ ޔޮޓް ބަނދަރު ހިމެނޭނެއެވެ.
16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) އާއި އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް އުވުނީއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) ގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ފަޅުގެ ސަރަހައްދު އިތުރުކޮށްދިނުމަށް ހުއްދަ ދޫކޮށް ކުލީގެ އެއްބަސްވުން އިސްލާހުނުކޮށް ހުރި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަމުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ސަރަހައްދު ބަލައި، ކުލީގެ އެއްބަސްވުން އިސްލާހުކުރަން ވާނެއެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
އުވުނު ގަވާއިދު
ކިޔުންތެރިންގެ ހިޔާލު