-

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-90) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-119)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 ޑިސެމްބަރު 2025 ގައި)

 

ގަވާއިދު ނަންބަރު 2023-90 (ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) އަަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) އާއި، (ޅ) އާއި (ކ) ގެ ގޮތުގައި އަންނަނިވި އަކުރުތައް

އިތުރުކުރުން.

(ބ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، މަދުވެގެން 250,000,000 (ދުއިސައްތަ ފަންސާސް މިލިއަން) އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފައިވާ ނުވަތަ އިންވެސްޓް ކުރަން މިނިސްޓްރީއަށް ހުށަހަޅައިފައިވާ ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުގެ ނުވަތަ ރަށުގެ ސަރަހައްދުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 1,000 (އެއްހާސް) މީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި މި ހިމެނޭ، 50 (ފަންސާސް) ހެކްޓަރަށް ވުރެ ބޮޑުނޫން، ފަޅު ނުވަތަ ރަށް ނުވަތަ ފިނޮޅު، އަންނަނިވި ށަރުތުތަކުގެ މަތީން އެ ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަނުގެ ސަރަހައްދުގެ ގޮތުގައި ހިމެނިދާނެއެވެ.

  1. އިތުރުކުރަން ހުށަހަޅާ ފަޅުގެ ސަރަހައްދުގައި ހިމެނޭ ރަށް ނުވަތަ ފަޅު ނުވަތަ ފިނޮޅު ކުއްޔަށް ހިފަން އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، އަންނަނިވި އުސޫލުން ކަނޑައަޅައިފައިވާ އެކުއިޒިށަން ފީ ދައްކަންވާނެއެވެ.
    1. 20 (ވިހި) ހެކްޓަރަށް ވުރެ ކުޑަ ތަނެއް ނަމަ، އެކުއިޒިށަން ފީގެ ގޮތުގައި 500,000 (ފަސް ލައްކަ) އެމެރިކާ ޑޮލަރު ދެއްކުން.
    2. 20 (ވިހި) ހެކްޓަރާއި 30 (ތިރީސް) ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ، އެކުއިޒިށަން ފީގެ ގޮތުގައި 1,000,000 (އެއް މިލިޔަން) އެމެރިކާ ޑޮލަރު ދެއްކުން.
    3. 30 (ތިރީސް) ހެކްޓަރާއި 40 (ސާޅީސް) ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ، އެކުއިޒިށަން ފީގެ ގޮތުގައި 1,500,000 (އެއް މިލިޔަން ފަސް ލައްކަ) އެމެރިކާ ޑޮލަރު ދެއްކުން.
    4. 40 (ސާޅީސް) ހެކްޓަރާއި 50 (ފަންސާސް) ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ، އެކުއިޒިށަން ފީގެ ގޮތުގައި 2,000,000 (ދެ މިލިޔަން) އެމެރިކާ ޑޮލަރު ދެއްކުން.
  2. ރަށުން ނުވަތަ ފަޅުން ނުވަތަ ފިނޮޅުން، އަންނަނިވި ގޮތަށް ސަރުކާރަށް ކުލި ދައްކަންޖެހޭނެއެވެ. ކުލި ދައްކަމުން ގެންދާނީ، ކޮންމެ އަހަރަކު 4 (ހަތަރެއް) ބަޔަށް (ކުއާޓަރަށް) ބަހައިލައިގެންނެވެ.
    1. 20 (ވިހި) ހެކްޓަރަށް ވުރެ ކުޑަ ތަނެއް ނަމަ، ކުލީގެ ގޮތުގައި އަހަރަކު 100,000 (އެއް ލައްކަ) އެމެރިކާ ޑޮލަރު ދެއްކުން.
    2. 20 (ވިހި) ހެކްޓަރާއި 30 (ތިރީސް) ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ، ކުލީގެ ގޮތުގައި އަހަރަކު 200,000 (ދެ ލައްކަ) އެމެރިކާ ޑޮލަރު ދެއްކުން.
    3. 30 (ތިރީސް) ހެކްޓަރާއި 40 (ސާޅީސް) ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ، ކުލީގެ ގޮތުގައި އަހަރަކު 300,000 (ތިން ލައްކަ) އެމެރިކާ ޑޮލަރު ދެއްކުން.
    4. 40 (ސާޅީސް) ހެކްޓަރާއި 50 (ފަންސާސް) ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ، ކުލީގެ ގޮތުގައި އަހަރަކު 400,000 (ހަތަރު ލައްކަ) އެމެރިކާ ޑޮލަރު ދެއްކުން.
  3. މި މާއްދާގެ ދަށުން ފަޅުގެ ސަރަހައްދުގެ ގޮތުގައި އިތުރުކުރާ ސަރަހައްދުގައި ހިމެނޭ ރަށުގައި ނުވަތަ ފަޅުގައި ނުވަތަ ފިނޮޅުގައި ތަރައްގީގެ އެއްވެސް މަށްރޫއެއް ނުހިންގުން.
  4. މި މާއްދާގެ ދަށުން ފަޅުގެ ސަރަހައްދަށް އިތުރުކޮށްދޭ ސަރަހައްދުގައި ހިމެނޭ ރަށް ނުވަތަ ފަޅު ނުވަތަ ފިނޮޅު، ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމަށް ގެންނަ އިސްލާހެއްގެ ދަށުން އިތުރުކުރުން.
  5. އެ ރަށް ނުވަތަ އެ ފަޅު ނުވަތަ އެ ފިނޮޅު ކުއްޔަށް ދޫކުރާ މުއްދަތަކީ، ޓޫރިސްޓް ރިޒޯޓު ކުއްޔަށް ހިފައިފައިވާ މުއްދަތުން ބާކީ އޮތް މުއްދަތު ކަމުގައި ވުން.
  6. މި މާއްދާގެ ދަށުން ފަޅުގެ ސަރަހައްދުގެ ގޮތުގައި އިތުރުކުރާ ސަރަހައްދުގައި ހިމެނޭ ރަށް ނުވަތަ ފަޅު ނުވަތަ ފިނޮޅު، ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދޫކުރަން ވެފައިވާ އެއްބަސްވުމާ ވަކިނުވުން.
  7. އެ ރަށް ނުވަތަ ފަޅު ނުވަތަ ފިނޮޅު ކުއްޔަށް ހިފާއިރު، އެ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ޓޫރިސްޓް ރިޒޯޓާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާއާއި، ޓެކްސް ގަވާއިދުން ދައްކައިފައިވުން.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފަޅުގެ ސަރަހައްދު އިތުރުކުރަން ހުށަހަޅާ ފަރާތުން، އަންނަނިވި ގޮތުގެ މަތީން އަމަލުކޮށްފައިނުވާ ނަމަ، މި މާއްދާގެ (ބ) ގެ ދަށުން ފަޅުގެ ސަރަހައްދު އިތުރުކުރަން ކުލީގެ އެއްބަސްވުމަށް ގެންނަ އިސްލާހު ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ހިނގަމުންދާ ތަންތަނުން ފަޅުގެ ސަރަހައްދު އިތުރުކުރަން ހުށަހަޅައިފައިވާ ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށް އިންވެސްޓްކޮށްފައިވާކަމުގެ ލިޔެކިޔުންތައް 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހުށަހެޅުން.
  2. ތަރައްގީކުރަމުން އަންނަ ތަނަކުން ފަޅުގެ ސަރަހައްދު އިތުރުކުރަން ހުށަހަޅައިފައިވާ ނަމަ، އެއްބަސްވުމުގައި ސޮއިކުރާތާ 36 (ތިރީސްހައެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށް އިންވެސްޓްކޮށްފައިވާކަމުގެ ލިޔެކިޔުންތައް ހުށަހެޅުން.

(ކ) ކުލީގެ އެއްބަސްވުމަށް، ގެންނަ އިސްލާހު ބާތިލުކުރާ ހާލަތުގައި، މި މާއްދާގެ (ށ) ގެ ދަށުން، ދައްކައިފައިވާ އެއްވެސް ފައިސާއެއް އަނބުރާ އެ ފަރާތަށް ރައްދެއް ނުކުރެވޭނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-90)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-90)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު