-

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-90) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-177)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ނޮވެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2023-90 (ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) އަަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި ގަވާއިދުގައި "ޓޫރިސްޓް ރިޒޯޓް" ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއްގައި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް، ރިޒޯޓް ހޮޓެލް، ހޮޓެލް، ޔޮޓް ބަނދަރު ހިމެނޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. (ނޯޓް: 6 ވަނަ މާއްދާގެ (ނ) އިސްލާހުކުރާ ވާހަކަ އޮތްނަމަވެސް އެ މާއްދާގައި (ނ) ނެތުމުން ބެލެވެނީ މިއީ އިތުުރ ކުރެވުނު ބައެއް ކަމަށް)

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފަޅުގެ ޖިއޯގްރަފީއަށް ރިއާޔަތްކޮށް، ނުވަތަ މޫސުމީ ކަންކަމުން އެ ޓޫރިސްޓް ރިޒޯޓު ހިމާޔަތްކުރުމަށް ބޭނުންވާފަދަ މަސައްކަތްކުރުމަށް، ނުވަތަ ފަޅުގެ ސަރަހައްދާ އެއް އިންވެގެން އޮންނަ އިތުރު ސަރަހައްދަކީ އެއްވެސް ބޭނުމަކަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހަ އްދެއްނަމަ، އެ ސަރަހައްދެއް ކުއްޔަށް ހިފައިފައިވާ ފަރާތަކުން އެކަމަށް އިއުތިރާޒު ނުކުރާ ހާލަތުގައި "ނޯ ޑިވެލޮޕްމަންޓް ޒޯން" އެއް ކަނޑައެޅުން އިސްތިސްނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ނ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުގެ ސަރަހައްދެއްގެ ބޭރު ކައިރިން ފެށިގެން އެ ފަޅުގެ ފަރުގެ ބޭރުކައިރިއާ ހަމަޔަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކަށް ނުފެތޭ އިތުރު ސަރަހައްދެއް އޮތްނަމަ، އަންނަނިވި ގޮތަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުގެ ސަރަހައްދު އިތުރުކޮށްދެވިދާނެއެވެ.

  1. ފުރަތަމަ ކުއްޔަށް ދޫކޮށްފައިވާ ފަޅުގެ ސަރަހައްދުގެ ބޭރު ކައިރިން ފެށިގެން 500 (ފަސްސަތޭކަ) މީޓަރަށްވުރެ އިތުރުނުވާގޮތަށް ފަޅުގެ ސަރަހައްދު އިތުރުކޮށްދިނުން؛ 
  2. ފުރަތަމަ ކުއްޔަށް ދޫކޮށްފައިވާ ފަޅުގެ ސަރަހައްދުގެ ބޭރު ކައިރިން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމަޔަށް 500 (ފަސްސަތޭކަ) މީޓަރު ހަމަނުވާނަމަ، ފަރުގެ ބޭރުކައިރިއާ ހަމަޔަށް، ފަޅުގެ ސަރަހައްދު އިތުރުކޮށްދިނުން؛ 
  3. ފުރަތަމަ ކުއްޔަށް ދޫކޮށްފައިވާ ފަޅުގެ ސަރަހައްދުގެ ބޭރުކައިރިން ފެށިގެން 500 (ފަސްސަތޭކަ) މީޓަރު ހަމަނުވާ ސަރަހައްދުގެ ތެރެއިން ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އިސްތިސްނާ ހާލަތެއް މެދުވެރިވާނަމަ، ފުށުއަރާ އިމަކާ ހަމަޔަށް، ފަޅުގެ ސަރަހައްދު އިތުރުކޮށްދިނުން؛ 
  4. ފުރަތަމަ ކުއްޔަށް ދޫކޮށްފައިވާ ފަޅުގެ ސަރަހައްދުގެ ބޭރުކައިރިން ފެށިގެން 500 (ފަސްސަތޭކަ) މީޓަރާ ހަމަޔަށް ފަޅުގެ ސަރަހައްދު އިތުރުކުރުމުގެ ފީއެއްގެ ގޮތުން 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރ،ު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައިފައިވުން؛
  5. އިތުރުކުރުމަށް ކަނޑައަޅާ ފަޅުގެ ސަރަހައްދ،ު ފަޅު ކުއްޔަށް ދީފައިވާ އެއްބަސްވުމަށް ގެންނަ އިސްލާހެއްގެ ދަށުން ކަނޑައެޅުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) "ޓޫރިސްޓް ރިޒޯޓް" ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއްގައި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް، ރިޒޯޓު ހޮޓެލް، ހޮޓެލް، ޔޮޓް ބަނދަރު ހިމެނޭނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-90)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-90) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-90)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު