-

ފ. ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2023-80)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 ފެބުރުއަރީ 2023 ގައި)

ފުރަތަމަ ބާބު

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 56.8 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލުގެ މަށްވަރާޔާއެކު، ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ހިންގުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް ޓަކައި ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔަނީ، "ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - މަގުސަދު 

މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީ ހިންގުން.

(ށ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީން ނިންމަންޖެހޭ ކަންކަން ނިންމުމަށް ކޮމިޓީން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން.

(ނ) ކޮމިޓީގެ ބައްދަލުވުންތައް ހިންގުމާއި، ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

 

ދެވަނަ ބާބު

ކޮމިޓީގެ ރައީސާއި، ނައިބު ރައީސާއި، މެންބަރުން

 

4 ވަނަ މާއްދާ - ކޮމިޓީގެ ރައީސާއި ނައިބު ރައީސް

ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން، ކޮމިޓީގެ މެންބަރުންގެ ތެރެއިން، ކޮމިޓީގެ ރައީސާއި، ނައިބު ރައީސާއި، ކޮމިޓީގެ މެންބަރުން އިންތިހާބު ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާކޮށްފައިވާ ފަދައިން، ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ، ކޮމިޓީގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ.

 1. ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީގެ ރައީސްކަމަށް ނުވަތަ ނައިބު ރައީސްކަމަށް އިންތިހާބުކުރުމަށް އެދޭ މެންބަރެއްގެ ނަން، ކޮމިޓީގެ އާންމު ބައްދަލުވުމަކަށް ހުށަހެޅުން؛
 2. ނަން ހުށަހެޅި މެންބަރުންގެ ތެރެއިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވޭނީ، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން؛
 3. ކޮންމެ މަގާމެއް އިންތިހާބު ކުރުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓު؛
 4. ކޮމިޓީގެ ރައީސާއި ނައިބު ރައީސްކަމަށް ވޯޓަށް އަހާނީ، 2 (ދޭއް) މަގާމަށް ވަކިވަކިން.

(ށ) ކޮމިޓީގެ ރައީސަކު އިންތިހާބުކުރުމަށް އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ކޮމިޓީގެ ރައީސަކު އިންތިހާބު ކުރެވެންދެން ރިޔާސަތު ބަހަލައްޓާނީ ކައުންސިލުގެ ރައީސެވެ.

(ނ) ކޮމިޓީގެ ރައީސްގެ މަގާމު ހުސްވެގެން ރައީސަކު އިންތިހާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ނައިބު ރައީސެވެ. ނައިބު ރައީސަކު ނެތްނަމަ، ކޮމިޓީގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެ ހުރި މެންބަރެކެވެ.

(ރ) ކޮމިޓީގެ ނައިބު ރައީސަކު އިންތިހާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ.

(ބ) ކޮމިޓީގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އިންތިހާބުވާނީ، އެންމެ ގިނަ ވޯޓު ލިބޭ މެންބަރެކެވެ.

 

6 ވަނަ މާއްދާ - ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން، އަންނަނިވި މަރުހަލާތައް ފުރިހަމަކުރަން ވާނެއެވެ.

 1. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުވާކަން ފާހަގަކުރެވިގެން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކޮމިޓީގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން؛
 2. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން، އެ ކަންކަން އިސްލާހުކުރުމަށް ކޮމިޓީން 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން.

(ށ) މި މާއްދާގެ ދަށުން ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކޮމިޓީގެ އާންމު ބައްދަލުވުމަށް މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން އެޖެންޑާ ކޮށްދިނުމަކީ ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކޮމިޓީ ހިންގުމާ ހަވާލުވެ ހުރި މެންބަރެއްގެ ޒިންމާއެކެވެ.

(ނ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ކޮމިޓީގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކޮމިޓީގެ އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލާ އެއްގޮތަށެވެ.

(ރ) ކޮމިޓީގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކޮމިޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން، ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

(ބ) ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، ކޮމިޓީގެ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.

(ޅ) ކޮމިޓީގެ ރައީސްކަމުގެ މަގާމުން ނުވަތަ ނައިބު ރައީސްކަމުގެ މަގާމުން މެންބަރަކު ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

(ކ) ކޮމިޓީގެ ރައީސްގެ މައްޗަށް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކޮމިޓީން ފާސްކޮށްފައިވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ޓަކައި، ކޮމިޓީން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއެކު، ކޮމިޓީން ކައުންސިލަށް ފޮނުވަންވާނެއެވެ. އަދި ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފައިވަނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކައުންސިލުން ކަނޑައަޅައި، ކޮމިޓީއަށް އެކަން އަންގަންވާނެއެވެ.

(އ) މި މާއްދާގައިވާ ގޮތުގެ މަތީން ކޮމިޓީން ނިންމާ ނިންމުން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވަންވާނީ، އަންނަނިވި ލިޔެކިޔުމާއެކުގައެވެ.

 1. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުމަށް މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި ހުށަހެޅި ލިޔުންތައް؛
 2. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ އެޖެންޑާތައް؛
 3. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުން ބޭއްވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
 4. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް؛
 5. އިހުމާލުވި ކަންކަން ބަޔާންކޮށް ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛
 6. އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހުކުރުމަށް ދެވޭ މުއްދަތު އަންގައި ކޮމިޓީގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ހަވާލުކުރި ލިޔުން؛
 7. ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް، އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ކައުންސިލުން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް، ވީ އެންމެ އަވަހަކަށް ކޮމިޓީން ފޯރުކޮށްދޭންވާނެއެވެ.

(މ) ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކައުންސިލުން ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ރައީސް ނުވަތަ ނައިބު ރައީސް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ.

(ފ) ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުވާ މުއްދަތުގައި ކޮމިޓީގެ ހިންގުމާ ހަވާލުވެ ހުންނާނީ، ކޮމިޓީގެ ނައިބު ރައީސެވެ. އަދި ކޮމިޓީގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކޮމިޓީގެ ހިންގުމާ ހަވާލުވެ ހުންނާނީ، އެ ވަގުތަކު ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

(ދ) ކޮމިޓީގެ ރައީސްގެ ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވައި، ކައުންސިލުން އެކަން ކަށަވަރުކޮށްދިނުމުންނެވެ.

(ތ) މި މާއްދާގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި އެ ކަންކަން އިސްލާހުކުރުމަށް ދެވޭ މުއްދަތު، ކޮމިޓީގެ ރައީސަށް ނުވަތަ ނައިބު ރައީސަށް އެންގި ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށެވެ.

(ލ) ކޮމިޓީ ހިންގުމުގައި ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކޮމިޓީގެ ރައީސަށް ނުވަތަ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކޮމިޓީގެ ނިންމުން ރައީސަށް ނުވަތަ ނައިބު ރައީސަށް ލިޔުމުން އެންގުނުކަން، ކޮމިޓީން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކޮމިޓީގެ ނިންމުން ލިޔުމުން އެންގުނު ތާރީހުން ފެށިގެންނެވެ.

(ގ) މި މާއްދާގެ (ލ) ގެ ދަށުން ރައީސަށް ނުވަތަ ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ރައީސް ނުވަތަ ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރަން ވާނެއެވެ. މި ހާލަތުގައި، ރައީސަށް ނުވަތަ ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.

(ޏ) ހިންގުމުގައި އިސްލާހުކުރަން ކޮމިޓީން އަންގާ ކަމެއް، އެކަން އިސްލާހު ކުރުމަށް ދޭ މުއްދަތުގައި އިސްލާހު ނުކުރުމާއި، ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފައި ވަނިކޮށް އެފަދަ ކަމެއް ނުވަތަ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ ހިލާފު އެހެން ކަމެއް ކުރުމަކީ، މި މާއްދާގެ ބޭނުމަށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމިޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުކުރުން ކަމުގައި ބެލެވޭނެއެވެ.

 

7 ވަނަ މާއްދާ - ރައީސް، ނައިބު ރައީސްގެ މަގާމު ހުސްވުން

(ހ) ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ، ބަދަލުގައި އެއިން މަގާމަކަށް މެންބަރަކު 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބުކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، އެ ނޫންކަމަކާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމެއްގައި މަށްވަރާ ކޮށްގެން ނުވާނެއެވެ.

(ނ) ކޮމިޓީގެ މަގާމުތަކަށް އަންނަ ބަދަލުތައް، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކޮމިޓީ ނިސްބަތްވާ ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - މެންބަރަކު މެންބަރުކަމުން ވަކިވުން

އެއްވެސް ސަބަބަކާހުރެ މެންބަރަކު ވަކިވެއްޖެނަމަ، ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް މެދުވެރިކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ސަބަބު އެނގޭ ގޮތަށް، ލިޔުމަކުން އަންގަންވާނެއެވެ. މެންބަރަކު މެންބަރުކަމުން ވަކިވިކަމަށް ބެލެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) އެ މީހަކު މެންބަރުކަމުން ވަކިވާން އެދި ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ފޮނުވުން.

(ށ) މަގްބޫލު އުޒުރެއް ނެތި، ވިދިވިދިގެން 5 (ފަހެއް) ޖަލްސާއަށް ހާޒިރުނުވުން. މަގުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކޮމިޓީން ގަބޫލުކުރާ އެހެން ސަބަބެއް މެދުވެރިވުމުން.

(ނ) މެންބަރެއްގެ ކިބައިގައި ހުރުން، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 6-56 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ލާޒިމުކުރާ ސިފައެއް މެންބަރެއްގެ ކިބައިން އުނިވުން.

(ރ) މަރުވުން ނުވަތަ ކޮމިޓީގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.

 

9 ވަނަ މާއްދާ - ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު

ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު، ތިރީގައި މި ވަނީއެވެ.

(ހ) ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

(ށ) ކޮމިޓީގެ މަގުސަދާ އެއްގޮތަށް ކޮމިޓީގެ ހަރަކާތްތައް ރާވައި ހިންގުން.

(ނ) ކޮމިޓީގެ މަގުސަދުތައް ހާސިލުކުރުމަށް ކޮމިޓީން އެކަށައަޅާ މަސައްކަތު ތާވަލާއި ބަޖެޓުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުން.

(ރ) ކޮމިޓީގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި، ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ބ) ކޮމިޓީގެ ހަރަކާތްތައް ހިނގަމުންދަނީ ކޮމިޓީގެ މަގުސަދާ އެއްގޮތަށްތޯ ބެލުން.

(ޅ) ކޮމިޓީން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރާކަން ކަށަވަރުކުރުން.

(ކ) ކޮމިޓީ ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކޮމިޓީ ތަމްސީލުކުރުން.

(އ) ކޮމިޓީ ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.

(ވ) ކޮމިޓީގެ މާލީ ޒިންމާތައް، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އަދާކުރަމުންދާކަން ކަށަވަރުކުރުން.

(މ) ކޮމިޓީގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންނަށާއި މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން.

(ފ) ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ހަރަދުތައް ކުރުމުގެ ހުއްދަ ދިނުމާއި، ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ގަވާއިދުން ހިންގާތޯ ބެލުން.

(ދ) ކޮމިޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

(ތ) ކޮމިޓީގެ މަސްއޫލިއްޔަތުތައް ކަމަށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

10 ވަނަ މާއްދާ - ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު، ތިރީގައި މިވަނީއެވެ.

(ހ) ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ ރައީސަށް އެހީތެރިވެދިނުން.

(ށ) ކޮމިޓީގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިޓީގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކޮމިޓީގެ ރައީސް، ކޮމިޓީގެ ނައިބު ރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައް ވެސް އޭނާ އަދާކުރަންވާނެއެވެ.

(ނ) ކޮމިޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

(ރ) ކޮމިޓީގެ މަސްއޫލިއްޔަތުތައް ކަމަށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

11 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ރަށުގެ އަންހެނުންނަށް ދަތި އުނދަގޫކޮށް ދިމާވާ ކަންކަމުގެ ވާހަކަ ނުވަތަ އެ ކަންކަމުގެ މައުލޫމާތު، ކޮމިޓީގެ ސަމާލުކަމަށް ގެނައުމާއި، އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.

(ށ) ކޮމިޓީގެ ޖަލްސާތަކުގައި ބައިވެރިވުން.

(ނ) ކޮމިޓީގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މަސައްކަތްކުރުން.

(ރ) ކޮމިޓީން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވައިލުމުގައި އަމަލީގޮތުން ބައިވެރިވުން.

(ބ) ކޮމިޓީގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޮމިޓީގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

(ޅ) ކޮމިޓީގެ މަސްއޫލިއްޔަތުތައް ކަމަށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

ތިންވަނަ ބާބު

ކޮމިޓީގެ ބައްދަލުވުން

 

12 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުން

ކޮމިޓީގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 3 (ތިނެއް) ބާވަތުގެ މައްޗަށެވެ.

(ހ) ކޮމިޓީގެ އާންމު ބައްދަލުވުން.

(ށ) ކޮމިޓީގެ ކުއްލި ބައްދަލުވުން.

(ނ) ކޮމިޓީން ކައުންސިލާއެކު ބާއްވާ ބައްދަލުވުންތައް.

 

13 ވަނަ މާއްދާ - ބައްދަލުވުމުގެ ގާނޫނީ އަދަދު

(ހ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ ޖުމުލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިހްތިޔާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ކޮމިޓީގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ މަހަކު އެއްފަހަރު، ކޮމިޓީގެ ތާވަލުކޮށްފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ، ކޮންމެ ހަފުތާއެއްގެ އަންގާރަދުވަހުއެވެ.

(ށ) ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

15 ވަނަ މާއްދާ - ކޮމިޓީގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކޮމިޓީގެ ރައީސެވެ.

(ށ) ކޮމިޓީގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ އާންމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ  1 (އެކެއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކޮމިޓީގެ އިދާރީ ކަންކަމާ ހަވާލުވެ ހުންނަ ކައުންސިލުގެ މުވައްޒަފު ބަލަހައްޓަންވާނެއެވެ.

 

16 ވަނަ މާއްދާ - ކޮމިޓީގެ އާންމު ބައްދަލުވުމުގެ އެޖެންޑާ

(ހ) ކޮމިޓީއަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކޮމިޓީގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ .

(ށ) ކޮމިޓީގެ މެންބަރަކު، ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ، އާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 2 (ދޭއް) ދުވަހުގެ ކުރިން، ލިޔުމަކުން ކޮމިޓީގެ ރައީސަށް އަންގަންވާނެއެވެ.

(ނ) ކޮމިޓީ ނިސްބަތްވާ ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ ކުންފުނިން ނުވަތަ ޖަމާއަތްތަކުން ކޮމިޓީއަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، ކޮމިޓީ ނިސްބަތްވާ ކައުންސިލުގެ އިދާރާ މެދުވެރިކޮށް، އެ ކަމެއް ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ރ) ސަރުކާރުގެ ފަރާތުން ކޮމިޓީއަށް ހުށަހަޅާ ކަންތައްތައް ހުށަހަޅާނީ، ގައުމީ އިދާރާތަކުންނެވެ.

(ބ) ކޮމިޓީގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް، ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ކޮމިޓީއަށް ބެލުމުގެ އިހްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.

 

17 ވަނަ މާއްދާ - ކޮމިޓީގެ ކުއްލި ބައްދަލުވުން

އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، އެ ހުށަހެޅިފައިވާ ކަމެއް ކުރުމަށް ޓަކައި، ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ހ) ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން، ކޮމިޓީގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން.

(ށ) ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދުން.

(ނ) އެކަށީގެންވާ ސަބަބަކާހުރެ ކޮމިޓީގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.

 

18 ވަނަ މާއްދާ - ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން

ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހު، ކޮމިޓީގެ ރައީސަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - ކޮމިޓީގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކޮމިޓީން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތީން، ކޮމިޓީގެ ރައީސެވެ.

(ށ) ކޮމިޓީގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކޮމިޓީގެ ރައީސް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، ވީ އެންމެ އަވަހަކަށް، ކޮމިޓީގެ ރައީސް، ކޮމިޓީގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ - ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް

އަންނަނިވި ކަންކަމުން ކުރެ ކަމެއް، ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.

(ހ) ކޮމިޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރަކު ހޮވުން.

(ށ) ކޮމިޓީގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން.

(ނ) ވިޔަފާރިކުރުމާއި، ދަރަންޏަށް ޒިންމާވުން.

(ރ) ކޮމިޓީގެ ބަޖެޓު ކަނޑައެޅުމާއި، ބަޖެޓު ފާސްކުރުން.

(ބ) ކޮމިޓީގެ ޕްލޭންތައް އެކުލަވައިލުމާއި ފާސްކުރުން.

 

21 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ނައިބު ރައީސެވެ.

 

22 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތައް ފެށުމާއި ނިންމުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކޮމިޓީން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން، ބައްދަލުވުމުގެ ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ.

(ށ) ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ގާނޫނީ އަދަދު ހަމަވާނަމަ، މެންބަރުންގެ އަދަދު ރިޔާސަތުން އިއުލާނު ކުރުމަށްފަހު، ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވޭތޯ 15 (ފަނަރަ) މިނިޓު ބަލަންވާނެއެވެ. މި ވަގުތު ފަހަނަޅައިދިއުމުން ވެސް ގާނޫނީ އަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - އެޖެންޑާ އިއްވުމާއި ފާސްކުރުން

(ހ) ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ.

(ށ) އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކޮމިޓީގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.

(ނ) އާންމު ބައްދަލުވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، އާންމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެން ވެސް ނުވާނެއެވެ.

 

24 ވަނަ މާއްދާ - އެޖެންޑާއާއި ބައްދަލުވުން އެއްގޮތަށް ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވައިލުން

(ހ) ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބައްދަލުވުމަށް ހުށަހަޅައި، އެ ކަމަކާބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުސަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ އިހްތިޔާރު، ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ފުރުސަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމުލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުސަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތު ދޭންވާނީ ހަމަހަމަ އުސޫލަކުންނެވެ.

 

25 ވަނަ މާއްދާ - ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން

(ހ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސްގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ.

(ށ) ބަހުސްގައި ބައިވެރިވުމަށް ފުރުސަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، މެންބަރުން ފުރުސަތަށް އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން ފުރުސަތު ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ބަހުސްގައި ވާހަކަދެއްކުމުގެ އަދަބުތައް

ކޮމިޓީގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކު ވެސް، އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ހ) މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު، އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކު ވެސް އެ ދެމެދަށް ހުރަސް ނޭޅުން.

(ށ) ހުށަހަޅައިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.

(ނ) އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގެ ބަސްމޮށެ އުޅުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކޮމިޓީގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތީން ވާހަކަދެއްކުން.

 

27 ވަނަ މާއްދާ - ބަހުސް ނިންމުން

(ހ) ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމުލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީވުމަށާއި ފަހުބަސް ބުނުމަށް ޓަކައި، މަދުވެގެން 3 (ތިނެއް) މިނިޓު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުސަތު ރިޔާސަތުން ދިނުމާއެކު، އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ.

 

28 ވަނަ މާއްދާ - މެންބަރަކު ކުރިޔަށްގެންދާ ވާހަކައެއް ހުއްޓައިލުމަށް އެންގުން 

މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް، އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ.

(ހ) މެންބަރަކު ދައްކާ ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

(ށ) މެންބަރަކު ވާހަކަދައްކަނީ ކޮމިޓީގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ތައާރުޟުވާ ގޮތަށް ކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

(ނ) މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއް ނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

 

29 ވަނަ މާއްދާ - ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން

މެންބަރެއްގެ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފިނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުމެއްގައި ކުރުން ހުއްދަނޫން ކަންކަން

ކޮމިޓީގެ އެއްވެސް ބައްދަލުވުމެއްގައި، ކޮމިޓީގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު، އޭނާއަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ކުރުން.

(ށ) ބައްދަލުވުން ހިނގަމުންދާއިރު، ކޮމިޓީގެ ހުރުމަތް ކެނޑޭފަދަ ގޮތަށް ނޫސް މަޖައްލާފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކައި ހެދުމާއި، ބައްދަލުވުމުގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިށާރާތްކޮށް މުއާމަލާތްކޮށް ހެދުން.

(ނ) ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން، ކޮމިޓީގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރިކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި، ކޮމިޓީގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.

(ރ) މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް، އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސްއެޅުން.

(ބ) ބައްދަލުވުމުގެ ތެރޭގައި، މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރިކޯޑުކުރުން.

 

31 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން

(ހ) ކޮމިޓީގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ.

(ށ) ކޮމިޓީގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކޮމިޓީގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ނ) ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މިފަދަ އަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިހްތިޔާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

(ރ) ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވާ ކަމަކާ ގުޅިގެން ކޮމިޓީއަށް ބޭނުންވާ މައުލޫމާތާއި މަށްވަރާ ދެވިދާނެ އެކި ފަރާތްތަކަށް، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތު ދިނުމުގެ ބާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ކޮމިޓީން ކަމެއް ނިންމުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ، ކޮމިޓީގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކޮމިޓީގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 1. ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ދުރުކުރުން؛
 2. ވިޔަފާރިކުރުމާއި، ދަރަންޏަށް ޒިންމާވުން.

 

33 ވަނަ މާއްދާ - ކޮމިޓީން ކަމެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް

ކޮމިޓީން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކޮމިޓީން ކަންކަން ނިންމަންވާނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްގީގެ ޕްލޭނާއި ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

34 ވަނަ މާއްދާ - ވޯޓު ދިނުން

(ހ) ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފިޔަވައި، ކޮމިޓީން ކަންކަން ނިންމުމުގައި ވޯޓު ދޭނީ، އަތް އުފުލައިގެންނެވެ.

(ށ) ކޮމިޓީގެ ކޮންމެ މެންބަރަކަށް ވެސް، ވޯޓަށް އެހޭ ކަމެއްގައި ދެވޭނީ، 1 (އެކެއް) ވޯޓެވެ.

 

35 ވަނަ މާއްދާ - ވޯޓު ގުނައި، ތަފުސީލު ރިކޯޑުކުރުމާއި، ނަތީޖާ އިއުލާނު ކުރުން

ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑު ކުރާނީ، ކައުންސިލުން ކަނޑައަޅާ ކައުންސިލް އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާނު ކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ.

 

36 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތު

ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާ، ފިރިމީހާ، ދަރިއެއް، މަންމަ، ބައްޕަ، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކޮމިޓީގައި މަށްވަރާކުރާނަމަ، ބައްދަލުވުމުގައި އެ ކަމަކާމެދު މަށްވަރާކޮށް ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

 

37 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން

ކޮމިޓީން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެއެވެ.

 

38 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން

(ހ) ކޮމިޓީން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް އާންމު ނުކުރާނަމަ، އެއީ ސައްހަ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް ކަމުގައެއް ނުބެލެވޭނެއެވެ.

(ށ) ކޮމިޓީން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކޮމިޓީގެ ސިއްކަ ޖެހުމަށްފަހު، ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑާއި، ކައުންސިލުގެ ވެބްސައިޓާއި، ކޮމިޓީގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކޮމިޓީގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

39 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކޮމިޓީގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

 

40 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ

(ހ) ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ. އެ ބައްދަލުވުމެއްގައި ކޮމިޓީން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރިނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީހާއި ތަނާއި ވަގުތާއި ބައްދަލުވުމުގެ އެޖެންޑާއާއި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމަ، އެކަމުގެ މައުލޫމާތު، ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިސްލާހުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ ބެލެވޭނީ، ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.

 

ހަތަރުވަނަ ބާބު

ކޮމިޓީގެ މާލީ ކަންކަން

 

41 ވަނަ މާއްދާބަޖެޓު އެކުލަވައިލުން

(ހ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މަސައްކަތު ތާވަލަށް ބިނާކޮށް، ދައުލަތުން ކައުންސިލަށް ލިބޭ ހިލޭ އެހީގެ ތެރެއިން ކޮމިޓީއަށް ހަވާލުކުރާ %5 (ފަހެއް އިންސައްތަ) އާއި، ކޮމިޓީއަށް ލިބޭ އެހެނިހެން އާމްދަނީއާއި އެހެނިހެން ހިލޭ އެހީއަށް ބަލައި، ކޮމިޓީގެ ބަޖެޓު އެކުލަވައިލައިފައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުން ދޭ ހިލޭ އެހީގެ ފައިސާއިން ކޮމިޓީގެ ބަޖެޓުން ހަރަކާތްތައް ހިންގުމަށް ފާސްކޮށް ހަރަދު ކުރަންވާނީ، މެންބަރުންގެ އުޖޫރައަށްވާ ފައިސާ އުނިކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ކޮމިޓީއަށް ލިބޭނެކަމަށް ކަނޑައަޅާ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއިން އަހަރު ނިމޭއިރު ހަރަދު ނުކުރެވޭނަމަ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އާމްދަނީގެ ގޮތުގައި އެ ފައިސާ ޖަމާކުރަންވާނެއެވެ. ނަމަވެސް، ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައިވާ ތަކެއްޗާއި، ހޯދައިފައިވާ ހިދުމަތާއި، ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި، ހޯދަން އެއްބަސްވެފައިވާ ހިދުމަތްތަކުގެ އަގަށްވާ ފައިސާ، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީމަހުގެ 31 ގެ ކުރިން ދައްކައި ނިންމަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީގެ އެންމެހައި އާމްދަނީގެ ފައިސާ ޖަމާކުރާނީ، ކައުންސިލުގެ އެކައުންޓުގައި ކޮމިޓީއަށް ހާއްސަކޮށްފައިވާ ކޯޑުގައެވެ.

 

42 ވަނަ މާއްދާ - ކޮމިޓީގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދުކުރުން

(ހ) ކޮމިޓީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަން ކުރަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތެއްގެ މަތީންނެވެ.

(ށ) ކައުންސިލުގެ އެކައުންޓުގައި، ކޮމިޓީގެ ފަންޑުގެ ނަމުގައި ހުންނަ ފައިސާއާއި، ކޮމިޓީގެ ނަމުގައި ވަކި އެކައުންޓެއްގައި ހުންނަ ފައިސާގެ ތަފުސީލު، ވިޔަ މޮޑިއުލް/ސެޕް ސިސްޓަމުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހާއްސަކޮށްފައިވާ ފަންޑުގައި ރިކޯޑު ކުރަން ވާނެއެވެ.

(ނ) ކޮމިޓީގެ ފަންޑުގެ ހިސާބު ބެލެހެއްޓުމާއި، ކޮމިޓީގެ ހަރަކާތްތަކަށް ހިދުމަތާއި މުދާ ހޯދުމުގެ ހުއްދަ (ޕީ.އޯ. އޮތަރައިޒްކުރުން) އާއި، ކޮމިޓީގެ ފަންޑުން ފައިސާ ހަރަދުކުރުމުގެ ހުއްދަ (ޕީ.ވީ. އޮތަރައިޒް ކުރުން) ދޭނީ، ކައުންސިލުގެ އެ މަސައްކަތް ކުރުމަށް ކަނޑައަޅައިފައިވާ މުވައްޒަފުންނެވެ.

(ރ) ކޮމިޓީގެ ފަންޑުން އެއްވެސް ހަރަދެއް ކުރަން ހުއްދަ ދޭންވާނީ، އެ ކޮމިޓީގެ ރައީސް ނުވަތަ ކޮމިޓީން ކަނޑައަޅާ މެންބަރަކު ސޮއިކޮށްފައި ކައުންސިލަށް ފޮނުވާ މުދަލާއި ހިދުމަތަށް އެދޭ ފޯމަކަށެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފޯމު ލިބުމުން، ފޯމުގައި ބަޔާންކޮށްފައިވާ ހިދުމަތް ނުވަތަ ގަންނަން އެދޭ މުދާ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް، ލަސްނުކޮށް ކައުންސިލުން ހޯދައިދޭންވާނެއެވެ.

(ޅ) ވިޔަ މޮޑިއުލް ނުވަތަ ސެޕް ސިސްޓަމުގެ ތެރެއިން ހަރަދުކުރުމަށް، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބިލުތަކަށް ފައިސާދެއްކުމާއި، ހިސާބުތައް އަދާހަމަކުރުމަކީ، ކައުންސިލުން އެ މަސައްކަތް ކުރާ މުވައްޒަފުންގެ ޒިންމާއެކެވެ.

(ކ) ކޮމިޓީގެ ފަންޑުން ހަރަދުކުރަންވާނީ، ކޮމިޓީގެ މަގުސަދުތައް ހާސިލުކުރުމަށް އެކުލަވައިލާ މަސައްކަތު ތާވަލާއި، ބަޖެޓުގައި ބަޔާންކޮށްފައިވާ ހަރަކާތްތަކަށެވެ.

(އ) ކޮމިޓީގެ ފަންޑުގެ ބަޖެޓު ރިޕޯޓު، ކައުންސިލުގެ ފަރާތުން، ކޮންމެ މަހަކު، އަންހެނުންގެ ކޮމިޓީއަށް ހަވާލުކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ކޮމިޓީގެ ފައިސާއަށް ޒިންމާވުން 

(ހ) ކޮމިޓީގެ ފައިސާއާއި ހިސާބުތަކާ ހަވާލުވެ ހުންނަ ކައުންސިލުގެ އިދާރާގެ މުވައްޒަފަކު އޭނާއާ ހަވާލުވެފައިވާ ފައިސާއާއި ހިސާބުތަކަށް ޒިންމާވާން ޖެހޭނެއެވެ. އަދި އެފަދަ މުވައްޒަފަކަށް ކައުންސިލުގެ ވަޒީފާއިން ވަކިވެވޭނީ، އޭނާ ހަވާލުވެހުރި ފައިސާއާއި ހިސާބުތައް ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކުރުމަށްފަހުގައެވެ.

(ށ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 56-6 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އާމްދަނީ ހޯދުމުގެ ގޮތުންނާއި، އަންހެނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ހަރަކާތްތައް ހިންގިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަރަކާތްތައް ހިންގުމަށާއި، ކޮމިޓީން ކުރިން ކުރަމުން ގޮސްފައިވާ ހަރަކާތްތައް ހުއްޓުނަނުދީ ދެމެހެއްޓުމަށް ޓަކައި، މާލީ މަންފާއެއް ލިބިދެވޭ ގޮތަށް މީހުން ހަރަކާތްތެރި ކުރެވިދާނެއެވެ.

 

ފަސްވަނަ ބާބު

ރިޕޯޓު ފޮނުވުމާއި ރިޕޯޓުކުރުން

 

44 ވަނަ މާއްދާ - ރިޕޯޓު ފޮނުވުމާއި ރިޕޯޓުކުރުން

(ހ) ކޮންމެ އަހަރަކު ވެސް، ކޮމިޓީން ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް، ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި އާންމު ކުރަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރެވުނު މިންވަރާ ގުޅޭ ރިޕޯޓު އެކުލަވައިލައިފައި ކައުންސިލުން ކަނޑައަޅާ ތާރީހަކަށް ހުށަހަޅަންވާނެއެވެ.

(ށ) ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވައިލައި، ކައުންސިލުން ކަނޑައަޅާ ތާރީހަކަށް ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

(ނ) ކޮމިޓީގެ މާލިއްޔަތުގައިވާ ތަކެތީގެ އޯޑިޓް ހިސާބު، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ އޯޑިޓް ރިޕޯޓުގައި ހިމެނުމަށް، ކައުންސިލުން ކަނޑައަޅާ ތާރީހަކަށް، ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

ހަވަނަ ބާބު

މެންބަރުންގެ ހާޒިރީ

 

45 ވަނަ މާއްދާ - ކޮމިޓީ މެންބަރުންގެ ހާޒިރީ

(ހ) ކޮމިޓީގެ މެންބަރުންގެ ހާޒިރީއާ ގުޅޭގޮތުން، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރަން ވާނެއެވެ.

(ށ) އެއްވެސް މަގުބޫލު އުޒުރަކާހުރެ އެ ހަފުތާއަކު ހާޒިރީގައި ސޮއިކުރުމަށް ހާޒިރުވެވެން ނެތްނަމަ، އެކަމަށް ކަނޑައެޅިފައިވާ ދުވަހެއްގެ ރަސްމީ ގަޑި ނިމުމުގެ ކުރިން، ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީ ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރަކަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަށް، ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި މަގުބޫލު އުޒުރެއްކަމަށް ބަޔާންކޮށްފައި އެވަނީ، ކޮމިޓީގެ އެއްވެސް މެންބަރަކު، ނުވަތަ މެންބަރެއްގެ ފިރިމީހާ، ނުވަތަ ދަރިއަކު، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އެއްބަނޑުއެއްބަފާ މީހަކު، ނުވަތަ އެއްބަނޑު މީހަކު، ނުވަތަ އެއްބަފާ މީހަކު، ނުވަތަ ށަރުއީގޮތުން ބަލަދުއަރައިފައިވާ މީހަކު ބަލިވުމުން ނުވަތަ ރަސްމީ ބޭނުމަކަށް ވީއްލުމުގެ ސަބަބުން ހާޒިރު ނުވެވުމަށް ނުވަތަ މެންބަރެއްގެ އަމިއްލަ ބޭނުމަކު ކޮމިޓީން ނިންމައިގެން ރަށުން ބޭރުގައި ހުންނަ ހުރުމަށެވެ.

 

46 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ

ކޮމިޓީގެ ބައްދަލުވުމެއްގައި އެއްވެސް މަގުބޫލު އުޒުރަކާހުރެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭނަމަ، ވީ އެންމެ އަވަހަކަށް، ކޮމިޓީގެ ރައީސަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ހ) މި މާއްދާގެ ބޭނުމަށް މަގުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކޮމިޓީން ގަބޫލުކުރާ އެނޫންވެސް ސަބަބެއް މެދުވެރިވެގެންނެވެ.

(ށ) ކޮމިޓީގެ ބައްދަލުވުމެއްގައި އެއްވެސް މަގުބޫލު އުޒުރަކާހުރެ ބައްދަލުވުމެއްގައި ބައިވެރިނުވެވޭނަމަ، ވީ އެންމެ އަވަހަކަށް، ކޮމިޓީގެ ރައީސަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަށް، ލިޔުމުން އެކަން އަންގަންވާނެއެވެ.

(ނ) ކޮމިޓީގެ މެންބަރަކު 1 (އެކެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާން ޖެހިއްޖެ ހިނދެއްގައި، އެ މެންބަރެއްގެ މަސްއޫލިއްޔަތު، ކޮމިޓީގެ މަށްވަރާއާއެކު ލިޔުމަކުން އެހެން މެންބަރަކާ ހަވާލުކުރަން ވާނެއެވެ.

 

ހަތްވަނަ ބާބު

އެހެނިހެން ކަންކަން

 

47 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ހިންގުން

(ހ) ކޮމިޓީގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި، ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމު، ކައުންސިލުގެ ރައީސް ހަމަޖައްސައިދޭންވާނެއެވެ. މިގޮތުން، ކޮމިޓީގެ އިދާރީ މަސައްކަތްތަކާއި މާލީ މަސައްކަތްތައް ކަނޑައަޅައި، ކައުންސިލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ހިމަނައި، ޒިންމާ ހަވާލުކުރަންވާނެއެވެ.

(ށ) ކޮމިޓީގެ އިދާރ އެންމެހައި ލިޔެކިޔުންތަކާއި މާލީ އެންމެހައި ލިޔެކިޔުންތައް، ކައުންސިލުގެ އެހެނިހެން ލިޔުންތަކެކޭ އެއް އުސޫލުން، ރައްކައުތެރިކަމާއި ޒިންމާދާރުކަމާއެކު ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަންހެނުންގެ ކޮމިޓީގެ އެންމެހައި ލިޔެކިޔުން ހުންނަންވާނީ، އެ ކޮމިޓީގެ ބޭނުންތަކަށް ފަސޭހަކަމާއެކު ލިބޭނޭހެން އިންތިޒާމުކުރެވިފައެވެ.

(ނ) ކޮމިޓީގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލުގެ އިދާރާގެ މުވައްޒަފު ނުވަތަ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ މުވައްޒަފަކު ބައިވެރިވާންވާނެއެވެ. ނަމަވެސް އެ ފަރާތަކަށް ކޮމިޓީން ނިންމާ ކަންކަމުގައި ވޯޓެއް ނުދެވޭނެއެވެ.

(ރ) ކޮމިޓީގެ ހަރަކާތްތައް ގިނަވެ، އާމްދަނީ އިތުރުވެ، އިދާރީ މަސައްކަތްތައް އިތުރުވެއްޖެނަމަ، ކޮމިޓީގެ މާލީ ތަނަވަސްކަން ހުރިނަމަ، ކޮމިޓީގެ ހަރަކާތްތަކުގެ އިދާރީ މަސައްކަތްތަކަށް، ކައުންސިލުގެ މަށްވަރާގެ މަތީން، މުވައްޒަފުން ހޯދިދާނެއެވެ.

 

48 ވަނަ މާއްދާ - ޖަވާބުދާރީވުން

ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކޮމިޓީން ޖަވާބުދާރީވާންވާނެއެވެ.

 

49 ވަނަ މާއްދާ - ކޮމިޓީގެ ނަމުގައި ސޮއިކުރުން

ކޮމިޓީން އެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި، ރިޕޯޓާއި، ރަސްމީ އެހެނިހެން ލިޔުންތަކާއި، ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ މުދަލާއި ހިދުމަތްތަކަށް އެދޭ ލިޔުންތަކުގައި ސޮއިކުރާނީ، ކޮމިޓީގެ ރައީސެވެ. ކޮމިޓީގެ ރައީސް ނެތް ހިނދެއްގައި، ކޮމިޓީގެ ނައިބު ރައީސެވެ. ނުވަތަ ކޮމިޓީ ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރެކެވެ.

 

50 ވަނަ މާއްދާ - ކޮމިޓީގެ ލެޓަރހެޑާއި ސިއްކަ

(ހ) ކޮމިޓީން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާ ލެޓަރހެޑެވެ.

(ށ) ކޮމިޓީގެ ސިއްކައިގެ ގޮތުގައި ބޭނުންކުރާނީ، ކައުންސިލުގެ ސިއްކައެވެ.

 

51 ވަނަ މާއްދާ - ކޮމިޓީ މަސައްކަތްކުރާ ތަން

ކޮމިޓީގެ މަސައްކަތްތައް ކުރާނީ، ކައުންސިލުގެ އިދާރާގައެވެ.

 

52 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދު އިސްލާހުކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އަމަލު ކުރާނޭ ގޮތް

މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ، އެ ކޮމިޓީއަކާއި، ރަށު ކައުންސިލާ ނުވަތަ ސިޓީ ކައުންސިލާ މަށްވަރާކުރުމަށްފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.

 

54 ވަނަ މާއްދާ - އިޖުރާއީ ގަވާއިދާ އެއްވެސް މާއްދާއެއް ފުށުއެރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އާ ފުށުއަރައިފިނަމަ އިސްކަންދެވޭނީ، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އަށެވެ.

 

55 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނައެވެ.

(ހ) "އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ.

(ށ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ނިސްބަތްވާ ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށެވެ.

(ނ) "ވިޔަ މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށް އެކުލަވައިލައިފައިވާ ޕޯޓަލަށެވެ. 

 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު