-

ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު

(ގަވާއިދު ނަންބަރު 2021-143)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2024-19 ގެ 143 ވަނަ މާއްދާއިން އުވާލެވިފައި)

 

އެއްވަނަ ބާބު

އާންމު މާއްދާތައް 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ކައުންސިލްތަކުގެ ހަރަކާތްތަކާއި މަސައްކަތްތައް އެއްގޮތްކުރުމާއި ކައުންސިލްތައް ހިންގުމުގައި ހިފަހައްޓަންޖެހޭ އަސާސީ ސިފަތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ މަސްއޫލިއްޔަތު، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ (ހ) އާއި (ފ) އިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މަތިކޮށްފައިވާތީ، އެ މާއްދާގެ (ފ) އިން ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ލޯކަލް ކައުންސިލްތަކުގެ ހިންގުމާއި ހަރަކާތްތަކާއި މަސައްކަތްތަކުގައި އެއް ހަމަތަކާއި ގަވާއިދުތަކެއް ހިފެހެއްޓޭކަން ކަށަވަރުކޮށް، ކައުންސިލްތަކުގެ ހިންގުމުގައި ހިފަހައްޓަންޖެހޭ އަސާސީ ސިފަތަކާއި މިންގަނޑުތައް ބަޔާންކުރުމެވެ.

 

ދެވަނަ ބާބު

ކައުންސިލުގެ ރައީސާއި / މޭޔަރު، ނައިބު ރައީސް / ޑެޕިއުޓީ މޭޔަރު އަދި މެންބަރުން 

3 ވަނަ މާއްދާ - ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު

(ހ) ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު އިންތިހާބުކުރާނީ، ކައުންސިލު ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ.

 

4 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު

(ހ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރާނީ ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ކައުންސިލުގައި ހިމެނޭ ރައީސް ނުވަތަ މޭޔަރާއި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު މަގާމުން އިސްތިއުފާ ދީފިނަމަ ނުވަތަ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިފިނަމަ ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، 
އެ މަގާމެއް ހުސްވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ ހުސްވާ މަގާމަކަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަށްވަރާކޮށްގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރާނީ ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުކަމަށް އިންތިހާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން ކައުންސިލުގެ އާންމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.
  2. ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުކަމަށް މެންބަރަކު އިންތިހާބުކުރާނީ، ކައުންސިލުގެ އެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
  3. ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ހޮވުމަށް ނަގާ ސިއްރުގައި ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ.

(ށ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުމަށްޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ކައުންސިލުގެ ސެކްރެޓެރީ ޖެނެރަލެވެ. 

 

6 ވަނަ މާއްދާ - ކައުންސިލުގެ ރައީސް ނުވަތަ މޭޔަރު މަގާމުން އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ރައީސް ނުވަތަ މޭޔަރުގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން އޭނާ އެ މަގާމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ރައީސް ނުވަތަ މޭޔަރު ހުށަހަޅާފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ މަސްއޫލިއްޔަތު ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު މަގާމުން އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން އޭނާ އެ މަގާމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ހުށަހަޅާފައި ވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ މަސްއޫލިއްޔަތު ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން މެންބަރަކު އިސްތިއުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަންދެމިއޮންނާނެއެވެ.

 

8 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން

(ހ) ކައުންސިލުގެ މެންބަރުން މަގާމުން ވަކިވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. އެ މީހަކު މެންބަރުކަމުން ވަކިވާން އެދި ކައުންސިލަށް އެޑްރެސްކޮށް ސިޓީ ފޮނުވުން. އެ ސިޓީއަކީ މެންބަރު ހުށަހަޅާފައި ވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ މަސްއޫލިއްޔަތު ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.
  2. މަގްބޫލު އުޒުރެއް ނެތި ވިދިވިދިގެން 7 (ހަތެއް) ޖަލްސާއަށް ހާޒިރުނުވުން. މަގްބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކައުންސިލުން ގަބޫލުކުރާ އެހެން ސަބަބެއް މެދުވެރިވުމުންނެވެ.
  3. މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއް އެ މެންބަރެއްގެ ކިބައިން އުނިވުން.
  4. މަރުވުން ނުވަތަ ކައުންސިލުގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވެގެން ކައުންސިލުގެ މެންބަރެއްގެ މަގާމް ހުސްވެއްޖެނަމަ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ފޮނުވުމަށް ޓަކައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ދިމާވިކަން ކައުންސިލަށް އެނގޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަމުގެ މައުލޫމާތާއި ލިޔެކިޔުން ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - ކައުންސިލު ބައްދަލުވުމުގައި ވޯޓު ދިނުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކުގައި ވޯޓު ދިނުމަށް އަހަންވާނީ ހުށަހެޅިފައިވާ ކޮންމެ ކަމަކަށް ވަކި ވަކިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހަންވާނީ، ފެންނަކަމަށް، ނުފެންނަކަމަށް، އަދި ވަކި ގޮތަކަށް ވޯޓު ދިނުމަށް ބޭނުން ނުވާކަމަށް ވޯޓަށް އަހައިގެންނެވެ. އަދި ސިއްރު ވޯޓަކުން ނިންމާ ކަންކަން ފިޔަވައި އެނޫން ކަންކަމުގައި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލު އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.

(ނ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހަނީ ބައްދަލުވުމަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހުށަހެޅުން ހުށަހަޅައިފައި ވާ ތަރުތީބުންނެވެ.

 

ތިންވަނަ ބާބު

ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު މަގާމުން ދުރުކުރުން 

 

10 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު، މަގާމުން ދުރުކުރުން

ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރަންވާނީ މި ބާބުގައިވާ ގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތައް

(ހ) ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން އަންނަނިވި މަރުހަލާތައް ފުރިހަމަކުރަން ވާނެއެވެ.

  1. ލާމަރުކަޒީ ގާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެކަންކަން އިސްލާހު ކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން.
  2. ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ށަރުއީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފިހާލަހާލަތުގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް ކައުންސިލުގެ މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން ކައުންސިލުގެ ރައީސް/މޭޔަރު ނުވަތަ ނައިބު ރައީސް/ޑެޕިއުޓީ މޭޔަރު ނުވަތަ އެ ވަގުތަކު ކައުންސިލު ހިންގުމާ ހަވާލުވެ ހުރި ކައުންސިލަރެއް އެޖެންޑާ ކުރަންވާނެއެވެ. 

 

12 ވަނަ މާއްދާ - ލާމަރުކަޒީ ގާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެ ކަންކަން އިސްލާހުކުރުމަށް 30 ދުވަހުގެ ފުރުސަތު ދިނުން

(ހ) ލާމަރުކަޒީ ގާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވަމުންދާކަމަށް ކައުންސިލުގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކައުންސިލުގެ އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލާ އެއްގޮތަށެވެ.

(ށ) ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް  ހިންގުމުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވިކަމަށް ފެންނަ ކަންކަން ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

(ނ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށް، އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތެއް ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރަށް ދޭންވާނެއެވެ. 

 

13 ވަނަ މާއްދާ -  ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން

(ހ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުއިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކަންކަން އިސްލާހުކޮށްފައި ނުވާނަމަ، އެ މުއްދަތު ހަމަވާ ފަހުން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު އޮތްކަމަށް ނުވަތަ ނެތްކަމަށް ކައުންސިލުން ކަނޑައަޅައި ވޯޓެއް ނަގަންވާނެއެވެ.

(ށ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުއިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހު ކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ (ހ) ގައި ބުނާ މަރުހަލާ ފުރިހަމަކުރުމަށްފަހު ނޫނީ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަށްވަރާކޮށްގެން ނުވާނެއެވެ.

(ނ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.

(ރ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

 

14 ވަނަ މާއްދާ - އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުން

(ހ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އަންނަނިވި ލިޔެކިޔުމާއެކު ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

  1. އިސްލާހު ކުރުމަށް ފުރުސަތުދެވުނު ބައްދަލުވުމާއި އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުމުގެ އެޖެންޑާ؛
  2. އިސްލާހު ކުރުމަށް ފުރުސަތުދެވުނު ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
  3. އިސްލާހު ކުރުމަށް ފުރުސަތުދެވުނު ބައްދަލުވުމާއި ،އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛
  4. އިސްލާހު ކުރުމަށް ފުރުސަތުދެވުނު ބައްދަލުވުމާއި ،އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛
  5. އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛
  6. އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު އަންގައި ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނުވަތަ ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި ލިޔުން ހަވާލުކުރި ތާރީހު އެނގޭނެ ލިޔެކިޔުން؛
  7. ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.

(ނ) ލާމަރުކަޒީ ގާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ޑެޕިއުޓީ މޭޔަރު ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ކަމުގައި ގޮތެއް ކަނޑައަޅައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އަންގަންވާނެއެވެ.

(ރ) ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމައަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ. 

 

15 ވަނަ މާއްދާ - އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން

(ހ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވައި، އޮތޯރިޓީން ވަކިގޮތެއް ކަނޑައެޅުމުންނެވެ.

(ށ) އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކަމަށް އޮތޯރިޓީން ކަނޑައަޅައި ކައުންސިލަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުސްވެފައިވާ ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަން ވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަށަވަރާކޮށްގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - މުއްދަތު ގުނުން

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނެފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރަށް އެންގުނު ތާރީހުން ފަށައިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.

(ށ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުއިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު ބައިވެރިވެފައި ނުވާނަމަ، ކައުންސިލުގެ ނިންމުން ލިޔުމުން ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރަށް އެންގުނުކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އެހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގުނު ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރަށް އަންގާ އެންގުމާ ހަވާލުވުމަށް ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރ އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. އަދި މިހާލަތުގައި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.

 

ހަތަރުވަނަ ބާބު

ކައުންސިލް މެންބަރުންގެ ހާޒިރީ އާއި ޗުއްޓީ، އަދި މުސާރައިން އުނިކުރުން 

17 ވަނަ މާއްދާ - މަސައްކަތު ހަފުތާ

އާންމު ގޮތެއްގައި ކައުންސިލަރުންގެ މަސައްކަތު ހަފުތާއަކީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހެވެ.

18 ވަނަ މާއްދާ - މަސައްކަތު ގަޑި

(ހ) ކައުންސިލަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 00:8 އިން 00:14 އަށެވެ.

(ށ) ރަމަޒާން މަސް ފިޔަވައި އެހެނިހެން މަސްމަހުގައި، ކައުންސިލުން ކަނޑައަޅާ އިންތިޒާމެއްގެ މަތިން 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް، ކޮންމެ ކައުންސިލަރަކަށް ވެސް ދޭންވާނެއެވެ.

(ނ) ރަމަޒާން މަހާއި ށައްވާލް މަހުގެ ފުރަތަމަ 7 (ހަތެއް) ދުވަހު ކައުންސިލަރުންގެ ރަސްމީ ގަޑިއަކީ، ރަމަޒާން މަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަޑިއެކެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މަސައްކަތު ގަޑިއާ ގުޅޭގޮތުން މަށްވަރާކޮށް ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު،އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބިގެންވެއެވެ.

(ބ) ކޮންމެ ކައުންސިލަރަކު ވެސް، އެ ކައުންސިލަރަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު ގަޑިއަށް މަސައްކަތަށް ހާޒިރުވާން ވާނެއެވެ. މަސައްކަތަށް ހާޒިރުނުވެވޭފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، އެ ކައުންސިލަރަކަށް ދިމާވިހާލަތަކާ ގުޅޭގޮތުން މި ގަވާއިދުގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ކައުންސިލް މެންބަރުންގެ ޑްރެސްކޯޑް 

ކައުންސިލުގެ ރަސްމީ ގަޑިއާއި ކައުންސިލުގެ އާންމު ބައްދަލުވުންތަކުގައި ކައުންސިލުގެ މެންބަރުން ތިބެންވާނީ ރަސްމީ ހެދުމެއްގައެވެ. 

 

20 ވަނަ މާއްދާ - ހާޒިރީ

(ހ) ރަސްމީ މަސައްކަތު ދުވަހެއްގައި ކައުންސިލަރުން މަސައްކަތް ކުރަންޖެހޭކަމަށް ކަނޑައަޅާފައިވާ ރަސްމީ ގަޑީގައި، ކައުންސިލަރުން މަސައްކަތް ކުރަންވާނީ އެ ކައުންސިލަރެއް ނިސްބަތްވާ ކައުންސިލުގެ އިދާރާގައެވެ.

(ށ) ކައުންސިލުގެ މެންބަރަކު ރަށުން ބޭރަށް ދާންވާނީ އެކަން ކައުންސިލުގެ ރައީސަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަށް ލިޔުމަކުން އެންގުމަށްފަހުގައެވެ. ކައުންސިލުގެ ރައީސް ރަށުން ބޭރަށް ދާނަމަ ދާންވާނީކައުންސިލުގެ މެންބަރުންނަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަށް އެކަން އެންގުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ށ) ބަޔާންކޮށްފައިވާ ހާލަތުގައި ރަށުން ބޭރަށް ދާނަމަ، ހުއްދަ ދެވޭ ކައުންސިލް މެންބަރުންގެ މައުލޫމާތާއި، ހުއްދަ ދެވޭ ބޭނުމާއި، ރަށުން ބޭރުގައި ހޭދަކުރާ މުއްދަތު ފަދަ މައުލޫމާތު އެ ފަރާތްތަކުގެ ހާޒިރީއާއެކު ކައުންސިލުގެ އިދާރާއިން ރެކޯޑުކޮށްފައި ބަލަހައްޓަންވާނެއެވެ.

(ރ) ކޮންމެ ކައުންސިލަރަކު ވެސް މަސައްކަތަށް ނުކުމެ، އެ ކައުންސިލަރަކު ކައުންސިލަށް ހާޒިރުވިކަމާއި، ހާޒިރުވި ގަޑި ރެކޯޑު ކުރަން ވާނެއެވެ.

(ބ) ކައުންސިލު މެންބަރުންނާއި މުވައްޒަފުންގެ ހާޒިރީގެ ކަންކަން ބަލަހައްޓަން ކައުންސިލުގެ އިދާރާއިން މުވައްޒަފަކު ކަނޑައަޅައި، އެ މުވައްޒަފު ކައުންސިލަރުންގެ ހާޒިރީގެ އެންމެހާ ރެކޯޑުތައް ބަލަހައްޓަންވާނެއެވެ.

(ޅ) ކައުންސިލަރުންގެ ހާޒިރީ ރެކޯޑު ބަލަހައްޓަންވާނީ، އެ ކައުންސިލެއްގެ އިދާރާގެ މުވައްޒަފުންގެ ހާޒިރީ ރެކޯޑުކުރާ ސިސްޓަމްގައެވެ. މި ގޮތުން، ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ ހާޒިރީ ބެލުމަށް އޮޓޮމޭޓެޑް ސިސްޓަމް ގާއިމްކޮށްފައިވާ ކައުންސިލްތަކުގައި، ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓަންވާނީ އެ އޮޓޮމޭޓެޑް ސިސްޓަމް މެދުވެރިކޮށެވެ.

(ކ) އެއްވެސް ސަބަބަކާ ހުރެ ކައުންސިލުގެ އިދާރާއަށް ހާޒިރުނުވެވޭ ގޮތް ދިމާވެއްޖެނަމަ، ކައުންސިލުގެ ރައީސް / މޭޔަރު ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ކައުންސިލަރަކަށް އަދި ކައުންސިލުގެ އިދާރާގެ ހާޒިރީ ބަލަހައްޓާ ފަރާތަކަށް، އޮފީހަށް ހާޒިރުވާންޖެހޭ ގަޑި ޖެހުމަށްފަހު 1 (އެއް) ގަޑިއިރު ވުމުގެ ކުރިން އެކަން ލިއުމުން ނުވަތަ މެސެޖަކުން އަންގަންވާނެއެވެ. 

 

21 ވަނަ މާއްދާ - ގަޑިޖެހުން

(ހ) ކޮންމެ ކައުންސިލަރަކުވެސް، އެ ކައުންސިލަރަކު ކައުންސިލަށް ހާޒިރުވާންޖެހޭ ގަޑިއަށްވުރެ 30 (ތިރީސް) މިނެޓު ލަހުން ހާޒިރުވެއްޖެނަމަ ގަޑި ޖެހޭނެއެވެ.

(ށ) ކައުންސިލަރަކު ހާޒިރުވި ދުވަހަކު ހާޒިރީގައި ގަޑި ރެކޯޑު ކުރެވިފައި ނުވާނަމަ، އެ ދުވަސް ބެލެވޭނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ. މިފަދައިން ހާޒިރުވުން ރެކޯޑު ކުރެވިފައިނުވާ ދުވަސްތަކުގެ މައްސަލަތައް ބަލައި، އެފަދަ މައްސަލަތައް ހައްލުކުރެވޭނެ ނިޒާމެއް ކައުންސިލުން އެކުލަވައިލަންވާނެއެވެ.

(ނ) ހާޒިރުވާންޖެހޭ ގަޑި ޖެހުމުގެ ކުރިން ކައުންސިލަށް ހާޒިރުވިޔަސް، ހާޒިރުވި ގަޑި ގަވާއިދުން ރެކޯޑުކޮށްފައި ނުވާނަމަ، އެ ކައުންސިލަރަކު ގަޑި ޖެހިފައިވާކަމަށް ބެލެވޭނެއެވެ. އަދި ހާޒިރުވި ގަޑި ބަލާނީ، ހާޒިރުވި ގަޑި ރެކޯޑުކުރި ވަގުތުން ފެށިގެންނެވެ.

(ރ) ކައުންސިލަރުން ގަޑި ޖެހޭނީ، 8:30 (އަށްގަޑި ތިރީސް) ހިނގުމަށްފަހު ކައުންސިލަށް ހާޒިރުވުމުންނެވެ. ނުވަތަ ސަރުކާރު އޮފީސްތައް ހުޅުވާ ގަޑިއަށް ސަރުކާރުން ބަދަލެއް ގެނެސްފިނަމަ، އެ ގަޑީގެ 30 (ތިރީސް) މިނެޓުގެފަހުން ކައުންސިލަށް ހާޒިރުވުމުންނެވެ.

(ބ) ކައުންސިލުން އަންގައިގެން ކައުންސިލުގެ މަސައްކަތެއްގައި ކައުންސިލުން ބޭރުގައި އުޅުމުގެ ސަބަބުން، ގަޑިޖެހުމުގެ ކުރިން ހާޒިރުވި ގަޑި ލިއުމުން ރެކޯޑު ނުކުރެވިއްޖެނަމަ، އެ މަސައްކަތެއް ނިމިގެން ކައުންސިލަށް ހާޒިރުވެ، ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތު ހަވާލުވެ ހުރި ކައުންސިލަރަކަށް އެކަން އަންގައި، ހާޒިރުވި ގަޑި ލިއުމުން ރެކޯޑުކުރަން ވާނެއެވެ. އަދި ސަބަބު ލިއުމުން ރެކޯޑުކޮށްފައި އޮންނަންވާނެއެވެ. މި ގޮތުން ކައުންސިލުގެ ރައީސަށް މި ގޮތަށް ދިމާވެއްޖެނަމަ، ކައުންސިލުގެ ނައިބު ރައީސަށް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތު ހަވާލުވެ ހުރި ކައުންސިލަރަކަށް އެކަން އަންގައި ލިއުމުން ރެކޯޑުކުރަންވާނެއެވެ. މި ހާލަތުގައި ކައުންސިލަރު ގަޑިޖެހިފައިވާކަމަށް ނުބެލޭނެއެވެ.

(ޅ) ކައުންސިލް ހުޅުވާ މުވައްޒަފަކު ހާޒިރުނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގަޑިޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ހާޒިރުވެހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުންނާއި ކައުންސިލަރުން ހާޒިރުވި ގަޑި ބަލާނީއެވެ. އަދި ކައުންސިލުގެ އިދާރާ ހުޅުވުމުން ހާޒިރީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ނިޒާމުގައި ރެކޯޑުކުރަންވާނެއެވެ.

(ކ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މިނިޓަކަށްޖެހޭ އަދަދު ބަލާނީ، މަހު މުސާރައާއި އިނާޔަތްތައް 30 (ތިރީސް) އިން ގެއްލައި، ގެއްލީމާ އަންނަ އަދަދު، ކައުންސިލަރުންގެ އާންމު ރަސްމީ ގަޑިކަމަށް ކަނޑައަޅާފައި ވާ ގަޑީގެ އަދަދުން ގެއްލައި، ގެއްލީމާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ. އެއީ ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، މަހު މުސާރައާއި އިނާޔަތްތައް 30 (ތިރީސް) އިން ގެއްލައި، ގެއްލީމާ އަންނަ އަދަދު، 5.5 (ފަހެއް ޕޮއިންޓް ފަހެއް) އިން ގެއްލީމާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ. ރަމަޒާންމަހާއި ށައްވާލްމަހުގެ ފުރަތަމަ 7) ހަތެއް) ދުވަހު، މުސާރައާއި އިނާޔަތްތައް 30 (ތިރީސް) އިން ގެއްލީމާ އަންނަ އަދަދު 4 (ހަތަރެއް) އިން ގެއްލީމާ އަންނަ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ.

(އ) ކައުންސިލަރަކު ގަޑި ޖެހިގެން، ދުވަހަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ އަދަދަކީ އެ ކައުންސިލަރެއްގެ މުސާރައާއި އިނާޔަތްތަކުން ދުވަހަކަށް ޖެހޭ މުސާރައާއި އިނާޔަތްތަކުގެ އަދަދެވެ.

(ވ) ކައުންސިލަރަކު އާދަވެ ގަޑި ޖެހޭނަމަ، އެ ކައުންސިލަރަކާމެދު އިސްލާހީ ފިޔަވަޅު އެޅުމަށް، އެ ކައުންސިލަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

 

22 ވަނަ މާއްދާ - ކައުންސިލަރުންގެ މުސާރައިން އުނިކުރުން

(ހ)  ކައުންސިލަރަކު ކައުންސިލަށް ނުނިކުމެއްޖެނަމަ، ނުނިކުތް މުއްދަތަކަށް ނުވަތަ ވަގުތަކަށް، އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސްތަކުން ކެނޑޭނެއެވެ. ނަމަވެސް ކައުންސިލަރަކު ކައުންސިލަށް ނުނިކުތުމާ ގުޅިގެން، ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސުން ކެނޑުން ފިޔަވައި، އިތުރު ޖޫރިމަނާއެއް ކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލަރަކު ކައުންސިލަށް ނުނިކުތުމުންނާއި ކައުންސިލަށް ނުކުންނަންޖެހޭ ގަޑީގައި ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އޭނާގެ މުސާރައިން ކަނޑާނީ ތިރީގައި މިވާ ގޮތަށެވެ.

  1. ކައުންސިލަރު، ކައުންސިލަށް ހާޒިރުނުވާ ދުވަހަކަށް މުސާރައާއި އެލަވަންސުން ކަނޑާނީ، އެ ކައުންސިލަރެއްގެ މުސާރައާއި އެލަވަންސްތަކުން ދުވަހަކަށް ޖެހޭ އަދަދެވެ.
  2. ކައުންސިލަރު ކައުންސިލުގައި މަސައްކަތްކުރަންޖެހޭ ގަޑީގައި ކައުންސިލަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި ކައުންސިލަރުގެ މުސާރައާއި އެލަވަންސުން ކެނޑޭނެއެވެ.
  3. ގަޑީލާރި ކެނޑޭނީ ކައުންސިލަރުގެ މުސާރައާއި އެލަވަންސްތަކުން ދުވަހަކަށްޖެހޭ އަދަދު، 330 (330=5x5x60) އިން ގެއްލީމާ އަންނަ އަދަދަކީ މިނިޓަކަށް ޖެހޭ އަދަދު ކަމަށް ބަލައި، އެ އަދަދުކައުންސިލަރު ކައުންސިލަށް ނުނިކުމެ ހުރި ޖުމުލަ ވަގުތާ ގުނަކޮށްގެންނެވެ.

 

23 ވަނަ މާއްދާ - ކައުންސިލަރުންނަށް ހައްގުވާ އެކިއެކި ޗުއްޓީތަކުގައި ހުންނަ ދުވަސްތަކާއި ރަސްމީ ބޭނުމަށް ވީއްލާފައި ހުންނަ ދުވަސްތައް ފިޔަވައި ކައުންސިލަށް ހާޒިރުނުވެ ތިބޭ ކައުންސިލަރުންގެ މުސާރައާއި އެލަވަންސުން ބަންދު ދުވަސްތަކަށް ޖެހޭ މިންވަރު އުނިކުރުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީގައި ކައުންސިލަރުން ތިބޭ ދުވަސްތައް ފިޔަވައި ކައުންސިލުގެ މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކަށް މުސާރައާއި އެލަވަންސުން އުނިކުރާއިރު، އެ ދުވަސްތަކުގެ މެދަށް އަންނަ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކަށް ޖެހޭ މުސާރައާއި އެލަވަންސް ވެސް އުނިކުރެވޭނެއެވެ.

(ށ) މެޑިކަލް ސެޓުފިކެޓު ހުށަހަޅަންޖެހޭ ފަދަ ސަލާމުގެ ޗުއްޓީއެއްގައި ހުރުމަށްފަހު ކައުންސިލަށް ނުކުންނައިރު މެޑިކަލް ސެޓުފިކެޓު ހުށަހަޅާފައި ނުވާނަމަ އެ ދުވަސްތައް ބެލެވޭނީ ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ. އަދި އެ ދުވަސްތަކަށާއި އެ ދުވަސްތަކުގެ މެދަށް އަންނަ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކަށް ޖެހޭ މުސާރައާއި އެލަވަންސް ވެސް އުނިކުރެވޭނެއެވެ.

(ނ) ކައުންސިލުގެ ނުވަތަ ސަރުކާރުގެ އެހެނިހެން އިދާރާއެއްގެ ރަސްމީ ބޭނުމަށް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކައުންސިލަރަކު ވީއްލާފައި ހުންނަހާލަތާއި ކައުންސިލަރުންނަށް އަމާޒުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އަތޮޅު ކައުންސިލް ނުވަތަ ދައުލަތުގެ އެނޫންވެސް މުއައްސަސާއަކުން ހިންގާ ވޯކްށޮޕެއް ނުވަތަ ތަމްރީން ޕްރޮގްރާމެއްގެ ބޭނުމަށް ކައުންސިލަރުން ވީއްލާފައި ތިބޭ ދުވަސްތައް މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

24 ވަނަ މާއްދާ - ހައްޔަރުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ

ކައުންސިލަރަކު އެއްވެސް ސަބަބަކާހުރެ ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދެއްގައިހުރެއްޖެނަމަ، ހައްޔަރުކުރުމާއި ދޫކޮށްލުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާމެދު އަމަލުކުރާނީ ތިރީގައި މިވާ ގޮތަށެވެ.

(ހ) އެ ކައުންސިލަރެއްގެ މައްޗަށް ކުށް ސާބިތުވެފައިވާނަމަ، ބަންދުގައި ހުރި ދުވަސްތަކުގެ މުސާރައާއި އެލަވަންސް ނުދިނުން.

(ށ) ށަރީއަތަށް ހުށަހެޅުމުން އެ ކައުންސިލަރެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ނުވަތަ ކަމާބެހޭ ފަރާތުން އެ މައްސަލައެއް ށަރީއަތަށް ހުށަނާޅައި މައްސަލަ ނިންމައިފިނަމަ، އެ މީހަކު ބަންދުގައި ހުރި ދުވަސްތަކުގެ މުސާރައާއި އެލަވަންސް ދިނުން.

(ނ) ދަށުކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފު މަރުހަލާތައް ފުރިހަމަކޮށް މައްސަލަ ސާބިތުނުވެއްޖެނަމަ، މުސާރައާއި އެލަވަންސް ދިނުން.

 

25 ވަނަ މާއްދާ - ކައުންސިލަރުންގެ ޗުއްޓީގެ ކަންކަން ބެލެހެއްޓުން

ކައުންސިލަރުންގެ ޗުއްޓީގެ ކަންތައްތައް ބަލަހައްޓަންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެ ކައުންސިލަރެއް ނިސްބަތްވާ ކައުންސިލެއްގެ އިދާރާއިންނެވެ.

 

26 ވަނަ މާއްދާ - ކައުންސިލަރުންގެ ޗުއްޓީގެ ތާވަލު

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 119 މާއްދާއާއި މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ، ކައުންސިލުގެ މަސައްކަތްތަކަށް ދަތިނުވާނޭހެން ދިނުމަށް ޓަކައި ކައުންސިލަރުން ޗުއްޓީ ނަގާނެ ގޮތް އަންގައިދޭ ތާވަލެއް، ކޮންމެ އަހަރަކަށް ކައުންސިލުން އެކުލަވައިލަންވާނެއެވެ.

(ށ) ކައުންސިލަރުން ޗުއްޓީ ނަގާނެ ގޮތް ރާވައި ނިންމަންވާނީ ކައުންސިލުގެމަސައްކަތަށް ދަތިނުވާނޭހެން، ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް، އަދި ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ނުގެއްލޭ ގޮތަށެވެ.

(ނ) މި މާއްދާގެ ދަށުން އެކުލަވާލާ ކައުންސިލަރުންގެ ޗުއްޓީ ތާވަލާ ގުޅޭގޮތުން ކައުންސިލުގެ ބައްދަލުވުމުގައި މަށްވަރާކޮށް، ކައުންސިލުގެ ބައްދަލުވުމުގައި ނިންމާ ގޮތެއްގެ މަތީން ޗުއްޓީ ތާވަލު ފާސްކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ބަންދު ދުވަސްތައް

އަންނަނިވި ދުވަސްތަކަކީ ބަންދު ދުވަސް ދުވަހެވެ.

(ހ) ގައުމީ ދުވަސް

(ށ) މިނިވަން ދުވަސް

(ނ) ޖުމްހޫރީ ދުވަސް

(ރ) ހިޖުރީ އަހަރުގެ ފުރަތަމަ ދުވަސް

(ބ) މީލާދީ އަހަރުގެ ފުރަތަމަ ދުވަސް

(ޅ) ރަމަޒާން މަހުގެ ފުރަތަމަ ދުވަސް

(ކ) ފިތުރު އީދު ދުވަސް

(އ) ހައްޖު ދުވަސް

(ވ) އަޒްހާ އީދު ދުވަސް

(މ) ނަސްރުގެ ދުވަސް

(ފ) ކީރިތި ރަސޫލާގެ އީދު މީލާދު ދުވަސް

(ދ) ރާއްޖެ އިސްލާމްވި ދުވަސް

(ތ) ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް

(ލ) ބަންދު ދުވަހެއްކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ ކަނޑައަޅާ ދުވަސްތައް 

 

28 ވަނަ މާއްދާ - ކައުންސިލަރުންގެ ޗުއްޓީގެ އަހަރު ފަށާ ތާރީހު

(ހ) މި ގަވާއިދުގެ ދަށުން ޗުއްޓީ ދިނުމުގެ ބޭނުމަށް ކައުންސިލަރުންގެ ޗުއްޓީގެ އަހަރު ފަށާ ތާރީހުކަމަށް ބަލާނީ ކައުންސިލުގެ ދައުރު ފެށޭ ދުވަހެވެ.

(ށ) ދައުރު ފެށުމަށްފަހު އިންތިހާބުކުރެވޭ ކައުންސިލަރުންގެ ޗުއްޓީގެ އަހަރު ފަށާ ތާރީހުކަމަށް ބަލާނީވެސް ކައުންސިލުގެ ދައުރު ފެށޭ ތާރީހެވެ.

 

29 ވަނަ މާއްދާ - ކައުންސިލަރުންނަށް ޗުއްޓީ ދިނުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ކައުންސިލަރުންނަށް ޗުއްޓީ ދޭނީ، ކައުންސިލުގެ ރައީސް/މޭޔަރު ނުވަތަ ކައުންސިލުގެ ރައީސް/މޭޔަރުގެ ޒިންމާތަކާ އެ ވަގުތަކު ހަވާލުވެ، ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެ ހުރި ކައުންސިލަރެކެވެ.

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ކައުންސިލުގެ ރައީސް/މޭޔަރު ނުވަތަ ކައުންސިލުގެ ރައީސް/މޭޔަރުގެ ޒިންމާތަކާ އެ ވަގުތަކު ހަވާލުވެ، ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަށް ޗުއްޓީ ދޭނީ ކައުންސިލުންނެވެ.

 

30 ވަނަ މާއްދާ - އަހަރީ ޗުއްޓީ

(ހ) ކައުންސިލުގެ ކޮންމެ މެންބަރަކަށްވެސް، ކައުންސިލުގެ މަސައްކަތަށް ދަތިނުވާ ގޮތުގެ މަތީން، ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް، 30 (ތިރީސް) ދުވަހަށްވުރެ އިތުރު ނުވާނޭހެން، އަހަރީ ޗުއްޓީގެ ގޮތުގައި ޗުއްޓީއެއް ދޭންވާނެއެވެ.

(ށ) ކައުންސިލަރުންނަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އިންތިހާބުކޮށްފައިވާ ބަޔަކަށް ވާތީ، މަގާމާ ހަވާލުވާތާ އަހަރެއް ހަމަނުވަނީސް އަހަރީ ޗުއްޓީ ހައްގުވާނެއެވެ. މި ގޮތުން ހައްގުވާ އަހަރީ ޗުއްޓީ، ޗުއްޓީގެ އަހަރު ތެރޭގައި ނަގައި ހަމަކުރުމަކީ އެ ކައުންސިލަރެއްގެ ޒިންމާއެކެވެ.

(ނ) ކައުންސިލަރަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެ ކައުންސިލަރަކު އާދައިގެ ގޮތުން މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެ ދުވަހަކަށް ދުވަހެއް އެ ކައުންސިލަރެއްގެ އަހަރީ ޗުއްޓީއަށް އިތުރުކޮށްދޭންވާނެއެވެ.

(ރ) ކައުންސިލަރަކަށް ހައްގުވާ އަހަރީ ޗުއްޓީ، ޗުއްޓީގެ އަހަރުގެ ތެރޭގައި ނުނަގައިފިނަމަ އެ ޗުއްޓީ ކެންސަލް ވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.

(ބ) އަހަރީ ޗުއްޓީއަށް އެދޭނީ، މި ގަވާއިދުގައިވާ ކަންކަން ފުރިހަމަވާ ގޮތަށް، އެ ކައުންސިލަކުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިންނެވެ.

(ޅ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ކައުންސިލަރަކު އޭނާއަށް ހައްގުވާ އަހަރީ ޗުއްޓީއަށް އެދުމުން އެ ޗުއްޓީ އޭނާއަށް ހަމަޖައްސައިދީ އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި އެ ޗުއްޓީ ހަމަޖައްސައިދެވެން ނެތްނަމަ ސަބަބު ބަޔާންކޮށް ލިޔުމުން އެ ކައުންސިލަރަކަށް ޖަވާބުދޭން ވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޗުއްޓީ ހަމަޖައްސައިދެވެން ނެތްކަމަށް ބުނެ ކައުންސިލުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ ވަކި ޖަވާބެއް ނުދީ ޗުއްޓީ ހިފަހައްޓައިފިނަމަ، ރަށު ކައުންސިލަރުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އަދި ސިޓީ ނުވަތަ އަތޮޅު ކައުންސިލަރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން އަތޮޅު ކައުންސިލަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު، ޗުއްޓީ ހަމަޖައްސައިދިނުމުގެ ބާރު، އަތޮޅު ކައުންސިލަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

31 ވަނަ މާއްދާ - ހައްޖާއި އުމްރާގެ ޗުއްޓީ

(ހ) ކައުންސިލުގެ މަސައްކަތަށް ދަތިނުވާ ގޮތުގެ މަތީން، ދައުރުގެ ތެރޭގައި ހައްޖަށް ނުވަތަ އުމްރާއަށް ދިއުމަށް ކޮންމެ ކައުންސިލަރަކަށް ވެސް ބަންދު ދުވަސްތައް ހިމަނައިގެން 45 (ސާޅީސް ފަހެއް) ދުވަހަށްވުރެ އިތުރުނުވާނޭ ގޮތުގެ މަތީން 1 (އެކެއް) ފުރުސަތު ދޭންވާނެއެވެ. އަދި އެފަދައިން ދޭ ފުރުސަތުގައި ދެވޭނީ 1 (އެކެއް) ހައްޖަށް ނުވަތަ 1 (އެކެއް) އުމްރާއަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، ހައްޖު ޗުއްޓީ ނުވަތަ އުމްރާ ޗުއްޓީ ދެވޭނީ، ހައްޖަށް ނުވަތަ އުމްރާއަށް ރާއްޖެއިން ފުރާ ދުވަހުގެ ކުރިޔަށް އެއްދުވަހުން ފަށައިގެން ހައްޖަށްފަހު ނުވަތަ އުމްރާއަށްފަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަހުގެ ފަހަށް އެއް ދުވަސް ލިބޭ ގޮތަށް، އެ ދެމެދުގައިވާ މުއްދަތަށެވެ. އަދި އެ މުއްދަތު 45 (ސާޅީސް ފަހެއް) ދުވަހަށްވުރެ ދިގުވާނަމަ، އިތުރުވާ ދުވަސްތަކަށް، އަހަރީ ޗުއްޓީ ނެގިދާނެއެވެ.އަދި ހައްގުވާ އަހަރީ ޗުއްޓީ ނެތްނަމަ، މުސާރަ ނުލިބޭ ޗުއްޓީ ނެގިދާނެއެވެ.

(ނ) ދައުރުގެ ތެރޭގައި ކައުންސިލަރަކު އިތުރަށް ހައްޖަކަށް ނުވަތަ އުމްރާއަކަށް ދާން ބޭނުންވެއްޖެ ހިނދެއްގައި، ދާންޖެހޭނީ އެ ކައުންސިލަރަކަށް ހައްގުވާ އަހަރީ ޗުއްޓީ ނަގައިގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ ކައުންސިލަރަކަށް ހައްގުވާ އަހަރީ ޗުއްޓީ ނެތްނަމަ، މުސާރަ ނުލިބޭ ޗުއްޓީ ނަގައިގެން ހައްޖަށް ނުވަތަ އުމްރާއަށް ދެވިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހައްޖަށް ނުވަތަ އުމްރާއަށް ދިއުމަށް ހައްޖާއި އުމްރާގެ ޗުއްޓީ ނުވަތަ އަހަރީ ޗުއްޓީ ނުވަތަ މުސާރަ ނުލިބޭ ޗުއްޓީ ނެގޭނީ، ހައްޖުނުވަތަ އުމްރާ ދަތުރާ ގުޅޭ ލިޔެކިޔުމާއެކު ކައުންސިލަށް ހުށަހެޅުމަށްފަހުގައެވެ.

 

32 ވަނަ މާއްދާ - ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ 

ކައުންސިލަރަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ކުއްޖަކު ވިހައިފިނަމަ (ކުއްޖާގެ ފުރާނަ ހުއްޓަސް، ނެތަސް) ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން، ތިރީގައި މިވާ ގޮތުގެ މަތީން ޗުއްޓީއާއި އިނާޔަތް ދޭންވާނެއެވެ.

(ހ) ކައުންސިލަރަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ލިޔުން ހުށަހެޅުމުން، އެ ކައުންސިލަރަކަށް، އެ ލިޔުމުގައި ބުނާ ތާރީހުން ފެށިގެން، ވިހެއުމާ ގުޅިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާއެކު ދޭންވާނެއެވެ.

(ށ) ކައުންސިލަރަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހޭއިރު ދަރިފުޅުގެ ފުރާނަ ނެތްނަމަ، ކައުންސިލަރު ވިހެއި ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ނުހިމަނައި ހަމަ މުސާރައާއެކު ދޭންވާނެއެވެ.

(ނ) މާބަނޑު މީހާ ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާނަމަ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ލިޔުމެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ 6 (ހައެއް) މަސްދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭ ގޮތަށް އެ ކައުންސިލަރަކަށް ދޭންވާނެއެވެ.

(ރ) ކައުންސިލަރަކު ބަލިވެއިނުމުގެ ސަބަބުން ކައުންސިލަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް މެޑިކަލް ލިޔުމެއް ދީފިނަމަ، ވިހެއުމުގެ ކުރިން ބަންދުދުވަސް ހިމަނައިގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ ކައުންސިލަރަކަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކައުންސިލަރަށް ދެވޭ ޗުއްޓީގައި ވަނިކޮށް އެ ކައުންސިލަރެއް އާދައިގެގޮތުން މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް އެ ކައުންސިލަރެއްގެ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީގައި ކައުންސިލަރު ހުންނަ މުއްދަތުގައި އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލަށް ހާޒިރުވެ ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ އިހްތިޔާރު އެ ކައުންސިލަރަކަށް ލިބިގެންވެއެވެ. އަދި ގޭގައި ހުރެގެން މަސައްކަތްކުރަން އެދޭނަމަ، ގޭގައި ހުރެގެން ކުރެވޭނެ ބާވަތްތަކުގެ މަސައްކަތްތައް ގޭގައި ހުރެގެން ކުރުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީގައި ކައުންސިލަރު ހުންނަ މުއްދަތުގައި އެ ކައުންސިލަރަކު އެދޭނަމަ ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އިހްތިޔާރު ކައުންސިލަރަށް ލިބިގެންވެއެވެ. ނަމަވެސް ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާ ހާލަތުގައި، ބައްދަލުވުމުގެ ކޯރަމް ހަމަކުރުމަށް ޓަކައި ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވާން ވާނެއެވެ. އެގޮތުން ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އެ ކައުންސިލަރަކަށް ދަތިވާނަމަ، ފޯނު ނުވަތަ ވީޑިއޯ ކޮންފަރެންސް ނުވަތަ އިންފޮރމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީގެ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ.

 

33 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ދެވޭ އިނާޔަތްތައް

ކައުންސިލަރަކު ވިހެއުމާ ގުޅިގެން ތިރީގައި މިވާ އިނާޔަތްތައް ދޭންވާނެއެވެ.

(ހ) ކައުންސިލަރަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ކައުންސިލަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 12 (ބާރަ) މަސްދުވަސްވަންދެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށް ޓަކައި މުސާރައިން ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 (ތިރީސް) މިނިޓުގެ ހުސްވަގުތުކޮޅެއް، މަސައްކަތުގެ ވަގުތުގެ ތެރެއިން ކޮންމެ 6 (ހައެއް) ގަޑިއިރާއި 30 (ތިރީސް) މިނިޓަކުން ދެފަހަރު ދޭންވާނެއެވެ. އަދި އެ ކައުންސިލަރަކު ބޭނުންވާނަމަ، މި ހުސްވަގުތުކޮޅު އެއްކޮށްލައި، 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެވިދާނެއެވެ. މިގޮތުން ދެވޭ 
ހުސްވަގުތުކޮޅު މަސައްކަތު ވަގުތު ފެށޭ ގަޑިއާއި ނިމޭގަޑީގައި ނުދެވޭނެއެވެ.

(ށ) އުމުރުން 12 (ބާރަ) މަސްދުވަސް ނުވާ ކުޑަކުދިން ގެންގުޅޭ އަންހެން ކައުންސިލަރުންނަށް، ކައުންސިލުގެ މަސައްކަތަށް ދަތި ނުވާގޮތުން، ވީވަރަކުން، ލުއިކޮށްދެވޭތޯ ކައުންސިލުން ބަލަންވާނެއެވެ.

(ނ) ކައުންސިލަރަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން، ބަންދު ދުވަސްތައް 
ހިމަނައިގެން، މުސާރަ ލިބޭގޮތަށް، 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ. އެ ފަދަ ހާލަތަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިހެއުން ކަމަކަށް ނުބެލެވޭނެއެވެ.

(ރ) ކައުންސިލަރަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއާ 27 (ހަތާވީސް) ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ފުރާނަހުރި ކުއްޖަކު ވިހައިފިނަމަ، އަމަލުކުރާނީ މި ގަވާއިދުގައި، ވިހެއުމާ ގުޅިގެން އަމަލުކުރުމަށް ކަނޑައަޅާފައި ވާ ފަދައިންނެވެ. އެ މުއްދަތުގެ ތެރޭގައި ވިހޭއިރު ދަރިފުޅު މަރުވެފައިވާނަމަ، އެކަން ބަޔާންކޮށްދޭ، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ލިޔުން ހުށަހެޅުމުން، މުސާރަލިބޭ ގޮތަށް، ބަންދު ދުވަސް ނުހިމަނައި، 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީގައި ކައުންސިލަރު ހުންނަ މުއްދަތުގައި އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލަށް ހާޒިރުވެ ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ އިހްތިޔާރު އެ ކައުންސިލަރަކަށް ލިބިގެންވެއެވެ. އަދި ގޭގައި ހުރެގެން މަސައްކަތްކުރަން އެދޭނަމަ، ގޭގައި ހުރެގެން ކުރެވޭނެ ބާވަތްތަކުގެ މަސައްކަތްތައް ގޭގައި ހުރެގެން ކުރުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީގައި ކައުންސިލަރު ހުންނަ މުއްދަތުގައި އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އިހްތިޔާރު ކައުންސިލަރަށް ލިބިގެންވެއެވެ. ނަމަވެސް ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާހާލަތުގައި، ބައްދަލުވުމުގެ ކޯރަމް ހަމަކުރުމަށް ޓަކައި ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވާން ވާނެއެވެ. އެގޮތުން ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އެ ކައުންސިލަރަކަށް ދަތިވާނަމަ، ފޯނު ކޮންފަރެންސް މެދުވެރިކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނުވަތަ އިންފޮރމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީގެ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ.

 

34 ވަނަ މާއްދާ - އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީ 

ފިރިހެން ކައުންސިލަރަކަށް ދަރިއަކު ލިބުމާ ގުޅިގެން އަންނަނިވި ގޮތުގެ މަތީން ޗުއްޓީ ދޭންވާނެއެވެ.

(ހ) ފިރިހެން ކައުންސިލަރަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސް ހިމަނައިގެން 3 (ތިނެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

(ށ) ފިރިހެން ކައުންސިލަރަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މި މާއްދާގެ (ހ) ގައިވާ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސް ވުމާ ދެމެދު، 27 (ހަތާވީސް) ދުވަހުގެ މުސާރަލިބޭ ޗުއްޓީއެއް ބަންދު ދުވަސް ހިމަނައިގެން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ދޭންވާނީ އެކީ އެއްފަހަރާއެވެ.

(ރ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީގައި ކައުންސިލަރު ހުންނަ މުއްދަތުގައި އެ ކައުންސިލަރަކު އެދޭނަމަ، ކައުންސިލަށް ހާޒިރުވެ، ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ އިހްތިޔާރު އެ ކައުންސިލަރަކަށް ލިބިގެންވެއެވެ. އަދި ގޭގައި ހުރެގެން މަސައްކަތްކުރަން އެދޭނަމަ، ގޭގައި ހުރެގެން ކުރެވޭނެ ބާވަތްތަކުގެ މަސައްކަތްތައް ގޭގައި ހުރެގެން ކުރުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ލިބޭ ޗުއްޓީގައި ކައުންސިލަރު ހުންނަ މުއްދަތުގައި އެ ކައުންސިލަރަކު އެދޭނަމަ ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އިހްތިޔާރު ކައުންސިލަރަށް ލިބިގެންވެއެވެ. ނަމަވެސް ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާހާލަތުގައި، ބައްދަލުވުމުގެ ކޯރަމް ހަމަކުރުމަށް ޓަކައި ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވާން ވާނެއެވެ. އެގޮތުން ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އެ ކައުންސިލަރަކަށް ދަތިވާނަމަ، ފޯނު ކޮންފަރެންސް މެދުވެރިކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނުވަތަ އިންފޮރމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީގެ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ. 

 

35 ވަނަ މާއްދާ - ފިރިހެން ދަރިފުޅު ހިތާނުކުރުމުން ލިބޭ ޗުއްޓީ

ކައުންސިލަރެއްގެ ފިރިހެން ދަރިއަކު ހިތާނުކުރާ ދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް، 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް، ބަންދުދުވަސް ނުހިމަނައި، އެ ކައުންސިލަރަކަށް ދޭންވާނެއެވެ. 

 

36 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ

(ހ) އާއިލާގެ މެންބަރަކު ބަލިވުން ނުވަތަ ކައުންސިލަރަކަށް ދިމާވާ މުހިންމު އާއިލީ ޒިންމާއަކާ ގުޅިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، 10 (ދިހައެއް) ދުވަހަށްވުރެ އިތުރު ނުވާނޭހެން، އާއިލީ ޒިންމާގެ ޗުއްޓީ ދެވިދާނެއެވެ. އާއިލާގެ މެންބަރުން ކަމުގައި ބަލާނީ އަނބިމީހާއާއި ،ފިރިމީހާއާއި، ދަރީންނާއި، މަންމައާއި، ބައްޕައާއި، ށަރުއީގޮތުންނާއިގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.

(ށ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، މި ގަވާއިދުގައި ކައުންސިލަރުންގެ ޗުއްޓީގެ އަހަރު ބެލުމަށް ކަނޑައަޅާފައިވާ އުސޫލުންނެވެ.

 

37 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ

ކައުންސިލަރަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހެވެ. ސަލާމުގެ ޗުއްޓީއަށް ކައުންސިލަރު އެދެންވާނީ، އަދި 
ސަލާމުގެ ޗުއްޓީއާ ގުޅިގެން އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ކައުންސިލަރަކު ބަލިވުމުގެ ސަބަބުން، އެ ކައުންސިލަރަކަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ ކައުންސިލަރެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ކައުންސިލުގެ ރައީސަށާއި ސެކްރެޓަރީ ޖެނެރަލަށް ލިއުމުން އަންގަންވާނެއެވެ. އަދި ކައުންސިލުގެ ރައީސަށް މިފަދަހާލަތެއް މެދުވެރިވެއްޖެނަމަ، ކައުންސިލުގެ ނައިބު ރައީސް ނުވަތަ ކައުންސިލު ހިންގުމަށް އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަށާއި ސެކްރެޓަރީ ޖެނެރަލަށް އަންގަންވާނެއެވެ. މިގޮތުން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ކައުންސިލަށް ލިއުމުން ނާންގައިފިނަމަ، އެ ދުވަހެއް ބެލެވޭނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.

(ށ) މިގޮތަށް ކައުންސިލުގެ އިދާރާއަށް ހާޒިރުނުވެވޭކަން އެންގުމުން، އެކަން އެންގި ގޮތާއި ވަގުތާއި އެހެނިހެން ތަފުސީލު ކައުންސިލު އިދާރާގައި ރެކޯޑުކޮށް ބަލަހައްޓަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން، ވަގުތު އޮއްވައި ނޭންގޭފަދަ، ސިއްހީގޮތުން ޖިސްމާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން ކަހަލަ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، އެންގޭފަދަ ހާލަތަކަށް އެ ކައުންސިލަރަކު އައިހާ އަވަހަކަށް، ސަލާމުގެ ކަންތައް ހަމަޖެއްސުމަށް ޓަކައި، އެ މީހަކު އެކަން އަންގަންވާނެއެވެ.

 

38 ވަނަ މާއްދާ - ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީއަށް މެޑިކަލް ލިޔުން ހުށަހެޅުމާއި ފޯމު ހުށަހެޅުން

 ސަލާމުގެ ޗުއްޓީއަށް މެޑިކަލް ލިޔުން ހުށަހަޅަންވާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.

  1. ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން ހުންނަ މަސައްކަތު 2 (ދޭއް) ދުވަހަށްވުރެ އިތުރުވާ ދުވަސްތަކަށް، ޗުއްޓީގައި ހުރުމަށްފަހު އެ ކައުންސިލަރަކު ކައުންސިލަށް ނިކުންނަ ފުރަތަމަ ދުވަހު މެޑިކަލް ލިޔުން ހުށަހަޅަންވާނެއެވެ. ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަސް ބަލާނީ ބަންދު ދުވަސްތައް ނުހިމަނައެވެ.
  2. ކައުންސިލުގެ އާންމު ބައްދަލުވުމެއް ބޭއްވުމަށް އެޖެންޑާކޮށްފައިވާ ދުވަހެއްގައި ސަލާމުގެ ޗުއްޓީ ނަގައިފިނަމަ، ޗުއްޓީއަށްފަހު އެ ކައުންސިލަރަކު ކައުންސިލަށް ނުކުންނަ ދުވަހު، ސަލާމުގެ ޗުއްޓީގައި ހުރި ދުވަހުގެ މެޑިކަލް ލިޔުން ހުށަހަޅަންވާނެއެވެ.
  3. މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ މެޑިކަލް ލިޔުމުގައި އެ ފަރާތުގެ ސިއްހީ ހާލަތާއި އެ ހާލަތުގެ ސަބަބުން ކައުންސިލަރަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  4. މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ގެ ދަށުން ހުށަހަޅާ މެޑިކަލް ލިޔުމަކީ ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ނުވަތަ ލިޔުން ދޫކުރި ގައުމެއްގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަރުކަޒެއްގެ ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ލިޔުމަކަށް ނުވަތަ ސިއްހީ ވުޒާރާއިން ސަލާމުގެ ސެޓުފިކެޓު ދޫކުރުމުގެ ހުއްދަ ދީފައިވާ މީހަކު ނުވަތަ މީހުން ތިބި ރަށެއްގައި ނަމަ އެފަދަ މީހެއްގެ ލިޔުމަކަށް ވާންޖެހޭނެއެވެ.
  5. މި މާއްދާގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެޑިކަލް ސެޓުފިކެޓުގައި އެ ލިޔުން ދޫކުރި ސިއްހީ މަރުކަޒުގެ ނަމާއި، އެ ތަން ހުރި ގައުމާއި، ލިޔުން ދޫކުރި ސިއްހީ މަސައްކަތްތެރިޔާގެ ނަމާއި، އެ ފަރާތުގެ ސިއްކައާއި، މަގާމާއި، ބައްޔާ ގުޅޭ މައުލޫމާތާއި، ލިޔުން ދޫކުރި ތާރީހު ހިމެނިފައިވާން ވާނެއެވެ.

(ށ) ކައުންސިލަރަކު މެޑިކަލް ލިޔުން ހުށަހަޅަން ނުޖެހޭ ގޮތަށް ސަލާމުގެ ޗުއްޓީ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމަށްފަހު، މަސައްކަތަށް ނުކުމެ އެ ކައުންސިލަރު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅަންވާނެއެވެ. އަދި ކައުންސިލަރުންގެ މުސާރަ ހިސާބުކުރާ މުއްދަތާ ހަމައަށް ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ހުށަހަޅާފައި ނުވާނަމަ، އެ ދުވަހަކީ ހާޒިރުނުވާ ދުވަހެއް ކަމަށް ބަލައި، މުސާރަ ހިސާބުކުރަންވާނެއެވެ.

(ނ) ކައުންސިލަރު ކައުންސިލަށް ހާޒިރުނުވީ ބަލިވެގެންކަން ކައުންސިލަށް އަންގައިފައި އޮތް ނަމަވެސް، ކައުންސިލަރުންގެ މުސާރަ ހިސާބުކުރާ ދުވަހާ ހަމައަށް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސަލާމުގެ ސެޓުފިކެޓު ހުށަނާޅައިފިނަމަ ސެޓުފިކެޓު ހުށަހަޅަންޖެހޭ ދުވަސްތައް ބެލެވޭނީ ކައުންސިލަށް ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ.

 

39 ވަނަ މާއްދާ - މުސާރައިގެ 1/2 ލިބޭގޮތަށް ދެވޭ ޗުއްޓީ 

(ހ) މި ގަވާއިދުގެ ދަށުން ކައުންސިލަރަކަށް ހައްގުވާކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ހަމަވެއްޖެހާލަތެއްގައި، ކައުންސިލަރު ނުވަތަ ކައުންސިލަރުގެ އާއިލާގެ މެންބަރަކު ބަލިވުންފަދަ މުހިންމު ޒިންމާއަކާ ގުޅިގެން ޗުއްޓީއެއް ނަގަން ޖެހިއްޖެނަމަ، އަސާސީ މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ކަނޑައި، އެހެނިހެން އެލަވަންސްތައް ލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ހާއްސަ ޗުއްޓީއެއް ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ޗުއްޓީ ދޭނީ އެ ހާލަތު ބަޔާންކޮށް މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ލިޔެކިޔުމާއެކު، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލަކަށް ހުށަހެޅުމުން، ކައުންސިލުގެ ޖަލްސާއެއްގައި މަށްވަރާކުރުމަށްފަހު ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ކައުންސިލުގެ ރައީސް/މޭޔަރު ނުވަތަ ކައުންސިލް ހިންގުމާ އެވަގުތަކު ހަވާލުވެހުރި ކައުންސިލަރަކެވެ. އަދި ކައުންސިލުގެ ރައީސް/މޭޔަރަށް މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދައިން މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ޗުއްޓީ ދޭނީ އެ ހާލަތު ބަޔާންކޮށް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއެކު، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލަކަށް ހުށަހެޅުމުން، ކައުންސިލުގެ ޖަލްސާއެއްގައި މަށްވަރާކުރުމަށްފަހު ނިންމާގޮތެއްގެ މައްޗަށް ބިނާކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ނ) ކައުންސިލަރަކަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ކައުންސިލަރަކު ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް ޓަކައި، މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ޗުއްޓީއަށް އެދި ހުށަހަޅާއިރު އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. ބަލިވީ ކައުންސިލަރަކު ކަމުގައި ވާނަމަ، އެ ބައްޔެއްގެ ބާވަތާއި ބައްޔަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ މަރުކަޒެއްގެ ސެޓުފިކެޓު؛
  2. ބަލިވީ ކައުންސިލަރަކު ބަލަހައްޓަން ޖެހިފައިވާ ނުވަތަ ބަލަންޖެހިފައިވާ މީހެއް (މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިމީހާ/ފިރިމީހާ ނުވަތަ ދަރިއަކު ނުވަތަ ށަރުއީ އަދި ގާނޫނީގޮތުން އެ ކައުންސިލަރެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތެއް) ނަމަ ،އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ މަރުކަޒެއްގެ ސެޓުފިކެޓު؛ އަދި އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަންޖެހޭކަން ބަޔާންކޮށް ހުށަހެޅުން.

 

40 ވަނަ މާއްދާ - މުސާރައިގެ 1/2 ލިބޭގޮތަށް ދެވޭ ޗުއްޓީ ނަހަމަގޮތުގައި ބޭނުންކުރުން

މުސާރައިގެ 1/2 ލިބޭގޮތަށް ދެވޭ ޗުއްޓީގައި ހުންނަ މުއްދަތު ބޭނުންކުރަންވާނީ، ޗުއްޓީ ނެގި ބޭނުމަކަށެވެ. މި މުއްދަތުގެ ތެރޭގައި ޗުއްޓީ ނެގި ބޭނުން ނުހިފައި އެހެން ކަމެއް ކޮށްގެން ނުވާނެއެވެ. މި ގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، މުސާރައިގެ ދެބައިކުޅައެއްބައި ލިބޭގޮތަށް ވީއްލި ވީއްލުން ކެންސަލްކުރުމާއެކު، މަސައްކަތަށް ނުކުތުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގަންވާނެއެވެ. އަދި މަސައްކަތަށް ނުކުތުމަށް އަންގާ ދުވަހުން ފެށިގެން މަސައްކަތަށް ހާޒިރުނުވާނަމަ އެ ދުވަސްތައް ބަލަންވާނީ ހާޒިރުނުވާ ދުވަހުގެ ގޮތުގައެވެ.

 

41 ވަނަ މާއްދާ - މުސާރައިގެ 1/2 ލިބޭގޮތަށް ދެވޭ ޗުއްޓީގެ މުއްދަތު އިތުރުކުރުން

(ހ) މި ގަވާއިދުގެ ދަށުން ކައުންސިލަރަކު މުސާރައިގެ 1/2 ލިބޭގޮތަށް ދެވޭ ޗުއްޓީގެ މުއްދަތު 30 (ތިރީސް) ދުވަހަށްވުރެ އިތުރުކުރަން ބޭނުންވެއްޖެނަމަ، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލުގެ މަށްވަރާއާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް، ޗުއްޓީގެ މުއްދަތު 30 (ތިރީސް) ދުވަހަށް އިތުރު ކުރެވިދާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ކައުންސިލަރަކު ދެވަނަ ފަހަރަށް މުސާރައިގެ 1/2 ލިބޭގޮތަށް ދެވޭ ޗުއްޓީ 30 (ތިރީސް) ދުވަހުގެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ، އެ ކަމަށް ގޮތެއް ކަނޑައަޅާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުންނެވެ. 

 

42 ވަނަ މާއްދާ - ކައުންސިލުގެ މަސައްކަތުގައި އުޅެނިކޮށް ލިބޭ ގެއްލުމަށް ރިއާޔަތްކޮށް ކައުންސިލަރު ވީއްލުން

(ހ) ކައުންސިލުގެ ރަސްމީ މަސައްކަތެއްގައި އުޅެނިކޮށް ކައުންސިލަރަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކައުންސިލުގެ މަސައްކަތަށް ހާޒިރު ނުވެވޭފަދަ ހާއްސަހާލަތެއް މެދުވެރިވުމާ ގުޅިގެން މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކައުންސިލަރު ،ކައުންސިލުގެ މަސައްކަތުން ވީއްލިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތަކާ ގުޅިގެން، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކައުންސިލަރަކު ކައުންސިލުގެ މަސައްކަތުން ވީއްލައިދިނުމަށް ބޭނުންވާ ހާލަތުގައި، އެފަދައިން ވީއްލުމަށް ބޭނުންވާ ތާރީހުން ފެށިގެން ރަސްމީ 2 (ދޭއް) ދުވަހުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

  1. މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކައުންސިލަރަކު ކައުންސިލުގެ މަސައްކަތުން ވީއްލައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން.
  2. ބަލީގެ ބާވަތާއި ނުވަތަ ގެއްލުމުގެ ބާވަތާއި އެކަމަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ ފަރުވާދޭ މަރުކަޒެއްގެ ސެޓުފިކެޓު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަހާލަތަކާ ގުޅިގެން، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކައުންސިލަރަކު ކައުންސިލުގެ މަސައްކަތުން ވީއްލައިދިނުމަށް އެދި އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލުގެ އިދާރާއަށް ހުށަހަޅައިފިނަމަ، ކައުންސިލަރަށް އެ ގެއްލުމެއް ލިބިފައިވަނީ ކައުންސިލުގެ ރަސްމީ މަސައްކަތެއްގައި އުޅެނިކޮށްކަން ނުވަތަ ނޫންކަން ބަޔާންކޮށް، އެ ކައުންސިލަރަކު ނިސްބަތްވާ ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލު ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ފަރާތް ސޮއިކޮށްފައިވާ ލިޔުމެއް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުށަހެޅުން ކައުންސިލަށް ލިބޭތާ ގިނަވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓިއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކައުންސިލަރަކު 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކައުންސިލުގެ މަސައްކަތުން ވީއްލައިދިނުމަށް ނިންމާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. 

 

43 ވަނަ މާއްދާ - ބައި-އިލެކްށަނުން އިންތިހާބުކުރެވޭ ކައުންސިލަރުންނަށް ޗުއްޓީގެ ފުރަތަމަ އަހަރަށް ހައްގުވާ ޗުއްޓީ

(ހ) ބައި-އިލެކްށަނުން އިންތިހާބުކުރެވޭ ކައުންސިލަރުންނަށް ހައްގުވާ އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާގެ ޗުއްޓީއާއި ސަލާމުގެ ޗުއްޓީ ހިސާބުކުރުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. އަހަރީ ޗުއްޓީއާއި ސަލާމުގެ ޗުއްޓީގެ އަދަދު: ތިރީސްދުވަސް ބާރަ މަސްދުވަހަށް ބަހައިލުމުން މަހަކަށްޖެހޭ ދުވަހުގެ އަދަދު،ކައުންސިލަރު އިންތިހާބުކުރެވޭ ދުވަހުން ފެށިގެން ކައުންސިލުގެ ޗުއްޓީގެ އަހަރު ނިމޭ ތާރީހާ ދެމެދު އޮންނަ މަހުގެ އަދަދާ ގުނަކުރުމުން ލިބޭ އަދަދު ރައުންޑު އަޕް ކުރުމުން ލިބޭ އަދަދު
  2. އާއިލީ ޒިންމާގެ ޗުއްޓީގެ އަދަދު: ދިހަ ދުވަސް ބާރަ މަސްދުވަހަ ށް ބަހައިލުމުން މަހަކަށްޖެހޭ ދުވަހުގެ އަދަދު، ކައުންސިލަރު އިންތިހާބުކުރެވޭ ދުވަހުން ފެށިގެން ކައުންސިލުގެ ޗުއްޓީގެ އަހަރު ނިމޭ ތާރީހާ ދެމެދު އޮންނަ މަހުގެ އަދަދާ ގުނަކުރުމުން ލިބޭ އަދަދުރައުންޑް އަޕް ކުރުމުން ލިބޭ އަދަދު

(ށ) ޗުއްޓީގެ ފުރަތަމަ އަހަރަށް ހައްގުވާ ޗުއްޓީ، ޗުއްޓީގެ އަހަރު ނިމޭ ތާރީހު ގެ ކުރިން ނެގުމަކީ ޗުއްޓީ ހައްގުވާ ކައުންސިލަރުގެ ޒިންމާއެކެވެ.

(ނ) އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާގެ ޗުއްޓީއާއި ސަލާމުގެ ޗުއްޓީ ފިޔަވައި ކައުންސިލަރުންނަށް ހައްގުވާ އެހެނިހެން ޗުއްޓީ، އެހެން ކައުންސިލަރުންނެކޭ އެއްފަދައިން ބައި-އިލެކްށަނުން އިންތިހާބުކުރެވޭ ކައުންސިލަރުންނަށް ވެސް ހައްގުވާނެއެވެ.

(ރ) ފުރަތަމަ އަހަރަށްފަހު ކައުންސިލަރުންނަށް ހައްގުވާ ޗުއްޓީ، އެހެން ކައުންސިލަރުންނެކޭ އެއްފަދައިން ބައި-އިލެކްށަނުން އިންތިހާބުކުރެވޭ ކައުންސިލަރުންނަށް ވެސް ހައްގުވާނެއެވެ.

 

44 ވަނަ މާއްދާ - ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދައުރު ނިމުން

މި ގަވާއިދުގެ ދަށުން ދޭ ޗުއްޓީއެއްގައި ވަނިކޮށް ކައުންސިލަރުންގެ ދައުރު ނިމިއްޖެނަމަ، ކައުންސިލަރު އެ ވަގުތެއްގައި ހުރި ޗުއްޓީ ނިމުމަކަށް އަންނާނެއެވެ. މި ހާލަތުގައި އެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.

 

45 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ކޯރަމް ނުގެއްލޭނޭހެން ޗުއްޓީ ދިނުން

ކައުންސިލަރުންނަށް ޗުއްޓީ ދިނުމުގައި ކައުންސިލުގެ ބައްދަލުވުންތަކުގެ ކޯރަމް ނުގެއްލޭނޭހެން ޗުއްޓީ ދިނުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.

(ހ) ކައުންސިލަރުންނަށް ޗުއްޓީ ދިނުމުގައި މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކައުންސިލަރުންގެ ޗުއްޓީ ތާވަލާ އެއްގޮތަށް ކައުންސިލަރުންގެ ޗުއްޓީގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލުގެ ރައީސް/ މޭޔަރު ނުވަތަ ކައުންސިލު ހިންގުމަށް އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަކު އިސްކަންދޭންވާނެއެވެ.

(ށ) ކައުންސިލަރުންނަށް ޗުއްޓީ ދެވޭނީ ކައުންސިލުގެ ކޯރަމް ނުގެއްލޭ ގޮތަށެވެ. ޗުއްޓީގައި ކައުންސިލަރު ހުންނަ މުއްދަތުގައި ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވާ ހާލަތުގައި، ބައްދަލުވުމުގެ ކޯރަމް ހަމަކުރުމަށް ޓަކައި ކައުންސިލުގެ ބައްދަލުވުންތަކުގައި ކައުންސިލަރު ބައިވެރިވާންވާނެއެވެ. އެގޮތުން ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުމަށް އެ ކައުންސިލަރަކަށް ދަތިވާނަމަ، ފޯނު ކޮންފަރެންސް މެދުވެރިކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނުވަތަ އިންފޮރމޭށަން ކޮމިއުނިކޭށަން ޓެކްނޮލޮޖީގެ އެ ނޫންވެސް ވަސީލަތެއް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ކައުންސިލަރުން ޗުއްޓީގައި ތިބޭ މުއްދަތުގައި ވެސް ކައުންސިލުގެ އާންމުބައްދަލުވުންތަކާއި ކުއްލި ބައްދަލުވުންތަކަށް ހާޒިރުވެ، ބައްދަލުވުމުގައި ބައިވެރިވެވޭނެއެވެ. އަދި ޗުއްޓީގައި ތިބޭ ކައުންސިލަރުންނަށް، ބައްދަލުވުމުގެ އެޖެންޑާ ފޮނުވުމުގެ އިންތިޒާމު ސެކްރެޓަރީ ޖެނެރަލް ހަމަޖައްސަންވާނެއެވެ.

(ރ) އެއްވެސް ހާލަތެއްގައި ހުރިހާ ކައުންސިލަރުން އެއް ވަގުތެއްގައި ޗުއްޓީގައި ތިބެގެން ނުވާނެއެވެ.

 

ފަސްވަނަ ބާބު:

ކައުންސިލަރުން ރަސްމީ ދަތުރުތަކުގައި ބައިވެރިވުމާއި ރަސްމީ ކަންކަމުގައި ވީއްލުން 

 

46 ވަނަ މާއްދާ - ކައުންސިލަރުން ބައިވެރިވާ ރަސްމީ ދަތުރުތައް

(ހ) ކައުންސިލުގެ ފަރާތުން ރަސްމީ ދަތުރެއް ކުރުމަށް ނިންމަންވާނީ ދަތުރަށް ހިނގާ ހަރަދު ކައުންސިލުގެ ބަޖެޓުގައި ހިމެނިފައިވާކަން ކަށަވަރުކުރުމަށްފަހު ،ކައުންސިލުގެ ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ. އަދި ކައުންސިލުގެ ފަރާތުން ރަސްމީ ދަތުރުގައި ބައިވެރިވާ ކައުންސިލަރުން ކަނޑައަޅާނީވެސް ކައުންސިލުގެ ރަސްމީ ބައްދަލުވުމަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް ،ކައުންސިލުގެ ރަސްމީ ބައްދަލުވުމެއް ބޭއްވޭނެ ވަގުތު ނެތި ކުއްލިގޮތަކަށް މިފަދަ ކަމެއް ނިންމަން ޖެހިއްޖެނަމަ، އެކަން ނިންމާނީ ކައުންސިލުގެ ރައީސެވެ. އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަށް އެކަން އަންގަންވާނެއެވެ.

(ނ) މި މައްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ދަތުރުތައް ކުރަންވާނީ ،ކައުންސިލުގެ ބަޖެޓުގައި ހިމަނައި، ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި މި ގަވާއިދުގައި ބަޔާން ކޮށްފައިވާގޮތުގެ މަތިންނެވެ.

 

47 ވަނަ މާއްދާ - ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭނުމަށް ކައުންސިލަރުން ވީއްލުން

(ހ) ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭނުމަށް ކައުންސިލަރުން ވީއްލުމަށް އެ މުއައްސަސާއަކުން އެދުމުން އެކަން ނިންމާނީ ކައުންސިލުގެ ރައީސެވެ. އަދި ކައުންސިލުގެ ޖެހިގެން އަންނަ ބައްދަލުވުމެއްގައި ކައުންސިލުގެ މައުލޫމާތަށް ޓަކައި އެކަން ހިއްސާކުރަން ވާނެއެވެ.

(ށ) ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭނުމަށް ކައުންސިލަރުން ވީއްލުމަށް ނިންމާނަމަ، ވީއްލި ކައުންސިލަރުގެ މައުލޫމާތާއި، އެ ވީއްލުމުގެ ބޭނުމާއި ،ވީއްލީ ކޮން އިދާރާއެއްގެ ބޭނުމަކަށް ކަމާއި، ވީއްލި މުއްދަތު، އެކަން ހިއްސާކުރާ ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ކައުންސިލަރުން ބައިވެރިވާ ދަތުރުތަކާއި އެކިއެކި މުއައްސަސާތަކުގެ ބޭނުމަށް ކައުންސިލަރަކު ވީއްލުމާބެހޭ ލިޔެކިޔުން ބެލެހެއްޓުން

(ހ) ކައުންސިލުގެ އިދާރާގެ ރަސްމީ ދަތުރެއްގައި ކައުންސިލަރަކު ބައިވެރިވާނަމަ ނުވަތަ މުއައްސަސާއެއްގެ ބޭނުމަށް ކައުންސިލަރަކު ވީއްލައިފިނަމަ، އެކަން ކައުންސިލާ ހިއްސާކުރި ބައްދަލުވުމުގެ ޔައުމިއްޔާއާއި ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ ދަށުން އެކުލަވައިލަންޖެހޭ ދަތުރު ރިޕޯޓާއި އެ ދަތުރާ ގުޅޭ އެހެނިހެން ލިޔެކިޔުން ކައުންސިލުގެ އިދާރާއިން ބަލަހައްޓައި ފައިލުކުރަންވާނެއެވެ.

(ށ) ކައުންސިލުގެ ރަސްމީ ދަތުރެއްގައި ކައުންސިލަރަކު ބައިވެރިވިނަމަ ނުވަތަ މުއައްސަސާއެއްގެ ބޭނުމަށް ކައުންސިލަރަކު ވީއްލިނަމަ، އެކަން އެނގޭނެ ފަދައިން ކައުންސިލަރުންގެ ހާޒިރީގައި ފާހަގަކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ހާޒިރީގައި އެފަދައިން ފާހަގަކުރަންވާނީ، މި މާއްދާގެ (ހ) ގައިވާ ފަދައިން ކަމާ ގުޅޭ ލިޔެކިޔުންތައް ހަމަކޮށް ފައިލުކުރުމަށްފަހުގައެވެ.

 

49 ވަނަ މާއްދާ - ކައުންސިލުގެ މަސައްކަތްތަކަށް ދަތިނުވާނެ ފަދައިން ދަތުރުތަކާއި ވީއްލުން އިންތިޒާމުކުރުން

ކައުންސިލުގެ ރަސްމީ ދަތުރެއްގައި ބައިވެރިވާ ކައުންސިލަރުން ކަނޑައަޅައި ،މުއައްސަސާއެއްގެ ބޭނުމަށް ކައުންސިލަރަކު ވީއްލަންވާނީ، ކައުންސިލުގެ ބައްދަލުވުންތަކަށާއި މަސައްކަތްތަކަށް ދަތި ނުވާނޭހެން ވީހާވެސް ކުރު މުއްދަތަކަށެވެ. އަދި މިކަމަށް ހިނގާ ހަރަދުގެ ކަންކަން އިންތިޒާމު ކުރަންވާނީ ރަސްމީ ބޭނުމަށް އެދޭ ފަރާތުންނެވެ.

 

ހަވަނަ ބާބު:

ކައުންސިލްތަކުގެ މާލިއްޔަތުން ހަރަދުކުރުން 

50 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރުން

ކައުންސިލުގެ މާލިއްޔަތުން ހަރަދު ކުރުމަކީ ރައްޔިތުންގެ މާލިއްޔާއިންނާއި، ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުންނާއި އެކިއެކި ޖަމާއަތްތަކުން ކައުންސިލަށް ލިބޭ އެހީއާއި، ލޯނާއި، އެހެނިހެން ގޮތް ގޮތުން ކައުންސިލަށް ވަންނަ އާމްދަނީއާއި އެހެނިހެން ފައިސާއަކާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ބިންބިމާއި ތަކެތި ބޭނުންކުރުމެވެ.

(ހ) ކައުންސިލުގެ މާލިއްޔަތުގައި ހިމެނޭ ރައްޔިތުންގެ ފައިސާއިން އެއްވެސް ހަރަދެއް ކުރަންވާނީ، ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި އެގަވާއިދުގެ ދަށުން ކަނޑައަޅާފައިވާއުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓްރަސްޓް ފަންޑެއް ހުޅުވައި، ޓްރަސްޓް ފަންޑުން ހަރަދުކުރުމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ކައުންސިލުގެ މާލިއްޔަތުގެ ތެރެއިން ރައްޔިތުންގެ ފައިސާ ފިޔަވައި އެހެނިހެން ފައިސާއިން ހަރަދުކުރަންވާނީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކުގައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ މާލިއްޔަތުގެ ތެރެއިން ރައްޔިތުންގެ ފައިސާއާއި އެހެނިހެން ފައިސާއިން ހަރަދު ނުކުރެވޭނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެ ފައިސާއިން ހަރަދުކޮށްގެން ނުވާނެއެވެ.

(ރ) ކައުންސިލުތަކުން ފައިސާއާއި "އިން-ކައިންޑް" ހަރަދު ކުރެވޭނީ ފިނޭންސް މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މަތީން ހަރަދު ކުރެވޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

51 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ހަރަދު ނުކުރެވޭނެ ކަންކަން

އަންނަނިވި ކަންކަމަށް ކައުންސިލުގެ މާލިއްޔަތުން އެއްވެސްހާލަތެއްގައި ހަރަދުކޮށްގެން ނުވާނެއެވެ.

(ހ) ވަކި ރައްޔިތެއްގެ ނުވަތަ ރައްޔިތުންތަކެއްގެ ފަރުދީ މަސްލަހަތު ހިމާޔަތްކުރުމަށް ހަރަދުކުރުން؛

(ށ) ކައުންސިލުގެ މާލިއްޔަތުން ނަގުދު ފައިސާއާއި "އިންކައިންޑް" އެހީރައްޔިތުންނަށް ބެހުން؛ 

(ނ) ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރުން؛

(ރ) ދިވެހި ދައުލަތާއި ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކާ އިދިކޮޅު ކަންކަން ތަންފީޒު ކުރުމަށް ޓަކައި ހަރަދުކުރުން؛

(ބ) ކައުންސިލަށް ނުވަތަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމަށް ތަޖުރިބާކާރުންނާއި ކަމާބެހޭ ފަރާތްތަކުން ލަފާދީފައިވާ ކަންކަމަށް ހަރަދުކުރުން؛

(ޅ) އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަދި ރައްޔިތުންގެ މެދުގައި ހަމަނުޖެހުމާއި ބައިބައިވުމަށް މަގުފަހިވެދާނެ ފަދަ ކަންކަމަށް ހަރަދުކުރުން.

 

52 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރުމަށް ނުނިންމޭނެ ހާލަހާލަތްތައް

އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި ކައުންސިލުގެ މާލިއްޔަތުން، ކައުންސިލު ހިންގުމަށް ނުވަތަ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން ކައުންސިލުން އާދަވެ ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ކަންކަމަށް ހަރަދުކުރުމަށް ނިންމައިގެން ނުވާނެއެވެ.

(ހ) އައު ދައުރަކަށް ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން އިއުލާނުކޮށްފައިވުން .

(ށ) ކައުންސިލްތަކުގެ އިންތިގާލީ މަރުހަލާގެ މުއްދަތު.

(ނ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެކުލަވައިލައިފައިވާ އުސޫލެއްގައި ވަކި ހަރަދެއް ކުރުން ކައުންސިލްތަކަށް މަނާކޮށްފައިވުން.

(ރ) އެކިއެކި ފަރާތްތަކަށް އެހީ ދިނުން ފަދަ ކަންކަމަށް ކައުންސިލުގެ ރިޒާވްގެ %40 (ސާޅީސް) އިންސައްތައަށްވުރެ ބޮޑު އަދަދެއް ހަރަދުކުރަން އެދޭ ހާލަތް.

 

53 ވަނަ މާއްދާ - ކައުންސިލުން ހަރަދު ނުކުރުމަށް އެންގުން

މި ގަވާއިދުގެ 52 ވަނަ މާއްދާގައި އެ ފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް ،ކައުންސިލުން ވަކި ކަމަކަށް ހަރަދު ނުކުރުމަށް ށަރުއީ ކޯޓަކުން ނުވަތަ ލޯކަލް ގަވަރަމަންޓް އޮތޯރިޓީން ނުވަތަ މިނިސްޓްރީ އޮފް ފިނޭންސްއިން ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނުވަތަ އެންޓި-ކޮރަޕްށަން ކޮމިށަނުން އަންގައިފިނަމަ، އެފަދަ ހަރަދެއް ކައުންސިލުން ކޮށްގެން ނުވާނެއެވެ.

 

54 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރަން ނިންމުން

(ހ) ކައުންސިލުގެ މާލިއްޔަތުން އެއްވެސް މިންވަރެއް ހަރަދުކުރަން ނިންމަންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ މަގުސަދު ނުގެއްލޭގޮތަށް، އަދި ގާނޫނު ނަންބަރު 3/2006  ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ކައުންސިލުގެ މާލިއްޔަތުން ކުރާ ހުރިހާ ހަރަދެއް ކުރަންވާނީ ކައުންސިލުން ފާސްކުރާ ބަޖެޓުގައި ހިމަނައި، އެ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ކައުންސިލުން ބަޖެޓު ކޮށްފައި ނުވާ ކަމަކަށް ހަރަދުކުރަން ޖެހިއްޖެނަމަ، އެ ކަމަކަށް ހަރަދުކުރަންވާނީ، އެފަދަ ހަރަދެއް ކުރަންޖެހޭ ސަބަބު ބަޔާންކޮށް ސަޕްލިމެންޓަރީ ބަޖެޓެއް ތައްޔާރުކޮށް ކައުންސިލުން ފާސްކޮށް އެ ބަޖެޓާ އެއްގޮތަށެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަޕްލިމެންޓަރީ ބަޖެޓު ތައްޔާރުކޮށް ހަރަދުކުރަންވާނީ ދައުލަތުގެ މާލީ ވުޒާރާއިން ކަނޑައަޅައިފައި ވާ "ކައުންސިލުތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލުތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީން މާލީ ވުޒާރާގެ ހުއްދައާއެކުގައެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ޓްރަސްޓް ފަންޑަކުން ހަރަދުކުރުމުގައި، އެ ހަރަދުކުރުމަށް ކައުންސިލުން ގަރާރެއް ފާސްކުރަންވާނެއެވެ.

(ޅ) ރައްޔިތުންގެ ފައިސާއާއި ކައުންސިލްތަކުގެ އާމްދަނީއަށް ލިބޭ ފައިސާއިން ކުރާ ހަރަދުތަކާ ގުޅިގެން ކައުންސިލުގެ ބަޖެޓުގައި ހިމަނާ ކަންކަން ކައުންސިލުން ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ލަފައާއި މަށްވަރާ ހޯދަންވާނެއެވެ.

(ކ) އެއްވެސް ކަމަކަށް ނުވަތަ ބޭނުމަކަށް ކައުންސިލުގެ މާލިއްޔަތުން ހޭދައެއްކުރުމަށް ކައުންސިލުން ނިންމައިފިނަމަ، އޭގެ ތަފުސީލު އެނގޭނެގޮތަށް އެ ނިންމުމެއް އާންމުކުރުމަށްފަހު މެނުވީ އެ ނިންމުމެއް ތަންފީޒު ކޮށްގެން ނުވާނެއެވެ.

 

55 ވަނަ މާއްދާ - ކައުންސިލުގެ މާލިއްޔަތުން ކުރި ހަރަދުގެ މައުލޫމާތު ހާމަކުރުން

(ހ) ކައުންސިލްތަކުން ފާއިތުވެދިޔަ މަހު ކުރި ހަރަދުތަކުގެ ތަފުސީލު، ހިނގަމުންދާ މަސް ނިމުމުގެ ކުރިން އާންމުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. މުވައްޒަފުންގެ މުސާރައާއި، އިތުރުގަޑީގެ ހަރަދާއި، އެހެނިހެން އެލަވަންސްތަކުގެ ޖުމުލަ ހަރަދު ވަކިން އެނގެން އޮންނަ ގޮތަށް؛
  2. ކައުންސިލްތަކުގެ ދަތުރު ހަރަދާއި، ދަތުރުތަކުގެ ތަފުސީލު (ކޮންމެ ދަތުރެއް ވަކިން އެނގެން އޮންނަ ގޮތަށް)؛
  3. ކައުންސިލްތަކުގެ އެހެނިހެން ހަރަދު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އާންމުކުރާ މައުލޫމާތު އާންމުކުރަންވާނީ އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންނާނެ އަދި ކިޔޭނެ ގޮތަކަށެވެ.

 

56 ވަނަ މާއްދާ - ކައުންސިލުތަކުން ވިޔަފާރިކުރުން

ކައުންސިލުން ވިޔަފާރި ކުރަންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 11 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

 

ހަތްވަނަ ބާބު:

ކައުންސިލުގެ މުދަލާއި ވަސީލަތްތައް ބެލެހެއްޓުން

 

57 ވަނަ މާއްދާ - ކައުންސިލުގެ މުދަލާއި ވަސީލަތްތައް

(ހ) ކައުންސިލުގެ އިދާރާއާއި، ކައުންސިލުގެ މިލްކިއްޔާތާއި، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ފައިސާއާއި، ވިޔަފާރިއާއި،ވަސީލަތްތަކާއި، ކައުންސިލު އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައިތަކެއްޗާއި ކަންކަން ރައްކައުތެރިކަމާއެކު ކައުންސިލުގެ އިދާރާއިން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކައުންސިލުގެ ރައީސްގެ މަށްވަރާގެ މަތީން އިދާރީގޮތުން އިންތިޒާމުކޮށް ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ބެލެހެއްޓުމަކީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

 

58 ވަނަ މާއްދާ - ކައުންސިލުގެ އިދާރާ ހުޅުވައި ލެއްޕުން

(ހ) ރައްކައުތެރިކަމާއެކު ކައުންސިލު އިދާރާ ހުޅުވައި ލެއްޕުމުގެ އެންމެހައިކަންކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އިމްތިޒާމްކޮށް ބަލަހައްޓަންވާނެއެވެ.

(ށ) ކައުންސިލު އިދާރާ ހުޅުވުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުވައްޒަފު ފިޔަވައިއެހެން އިތުރު އެއްވެސް ފަރާތަކަށް އިދާރާގެ ތަޅުދަނޑިއެއް ހަވާލުކޮށްގެން ނުވާނެއެވެ.

(ނ) ކައުންސިލު އިދާރާ ހުޅުވައި ލެއްޕުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތު މި ގަވާއިދާ އެއްގޮތަށް ކޮންމެ ކައުންސިލަކުން އެކުލަވައިލަންވާނެއެވެ.

 

59 ވަނަ މާއްދާ - ކައުންސިލު އިދާރާގެ މުދަލާއި ވަސީލަތްތައް

(ހ) ކައުންސިލު އިދާރާގެ މުދަލާއި ވަސީލަތްތައް، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، ކަމާ ގުޅޭ އުސޫލުތަކާއި ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީންއިންތިޒާމުކުރާ ގޮތެއްގެ މަތީން ކައުންސިލުތަކުން ބަލަހައްޓާންވާނެއެވެ.

 

އަށްވަނަ ބާބު:

ކައުންސިލުގެ ކޮމެޓީތައް 

60 ވަނަ މާއްދާ - ކައުންސިލުގެ ކޮމެޓީތަކަކީ

(ހ) ގާނޫނު ނަންބަރު 3/3006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެހެނިހެން ގާނޫނުތަކުން ދައުލަތުގެ އިދާރާތަކުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކޮމެޓީތައް އެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ކައުންސިލުތަކުން އެކުލަވައިލަންވާނެއެވެ.

(ށ) ކައުންސިލު ހިންގުމުގައި ފަންނީ މީހުންނާއި ރައްޔިތުންގެ މަށްވާރާއާއި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ލަފާދޭ ކޮމެޓީތައްކައުންސިލުތަކުން އުފެއްދިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކޮމެޓީތައް އެކުލަވައިލައިގެން އެ ކޮމެޓީތައް ހިންގާނެ ގޮތުގެ އިޖުރާއަތްތައް ކައުންސިލުގެ ހިންގާ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

ނުވަވަނަ ބާބު:

ކައުންސިލުގެ އިދާރާގެ މުވައްޒަފުން

60 ވަނަ މާއްދާ - ކައުންސިލުގެ ކޮމެޓީތަކަކީ

(ހ) ގާނޫނު ނަންބަރު 2006/3) ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2008/2) ވަޒީފާއާބެހޭ ގާނޫނު) އާއި، އެހެނިހެން ގާނޫނުތަކުން ދައުލަތުގެ އިދާރާތަކުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކޮމެޓީތައް އެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ކައުންސިލުތަކުން އެކުލަވައިލަންވާނެއެވެ.

(ށ) ކައުންސިލު ހިންގުމުގައި ފަންނީ މީހުންނާއި ރައްޔިތުންގެ މަށްވާރާއާއި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ލަފާދޭ ކޮމެޓީތައްކައުންސިލުތަކުން އުފެއްދިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކޮމެޓީތައް އެކުލަވައިލައިގެން އެ ކޮމެޓީތައް ހިންގާނެ ގޮތުގެ އިޖުރާއަތްތައް ކައުންސިލުގެ ހިންގާ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

ނުވަވަނަ ބާބު:

ކައުންސިލުގެ އިދާރާގެ މުވައްޒަފުން 

 

61 ވަނަ މާއްދާ - ކައުންސިލުގެ މުވައްޒަފުން

(ހ) ކައުންސިލުގެ މުވައްޒަފުން ބެހިގެންވަނީ ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ކޮމިއުނިޓީ ކައުންސިލް އޮފިސަރުންގެ މައްޗަށެވެ.

(ށ) ކައުންސިލުގެ އިދާރީ މުވައްޒަފުން ކަމުގައި ބަޔާންކޮށްފައި އެވަނީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާއިން މުސާރަދޭ މުވައްޒަފުންނަށެވެ.

(ނ) ކޮމިއުނިޓީ ކައުންސިލް އޮފިސަރުން ކަމުގައި ބަޔާންކޮށްފައި އެވަނީ،ކައުންސިލުން ފޯރުކޮށްދޭ ރަށްވެހި ހިދުމަތާއި ތަރައްގީގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރުމަށް އިތުރަށް މުވައްޒަފުން ބޭނުންވެގެން ކައުންސިލުން އުފައްދާ މަގާމުތަކުގައި ވަޒީފާ އަދާކުރާ، ކައުންސިލުގެ އާމްދަނީން ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އާމްދަނީން މުސާރަދޭ އެންމެހާ މުވައްޒަފުންނަށެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ކޮމިއުނިޓީ ކައުންސިލް އޮފިސަރުންނަކީ ކައުންސިލުން ފޯރުކޮށްދިނުމަށް ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމުކުރާ އެންމެހައި މަސައްކަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބަޔަކަށް ވާންވާނެއެވެ.

 

62 ވަނަ މާއްދާ - މުވައްޒަފުންގެ އޮނިގަނޑު

(ހ) ކައުންސިލުތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ކައުންސިލުގެ އިދާރާގެ އޮނިގަނޑެއް ސިވިލް ސާރވިސް ކޮމިށަނުން ކަނޑައަޅާ އުސޫލާއެއްގޮތްވާ ގޮތުގެ މަތީން ކައުންސިލުން ފާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން އެކުލަވައިލާ ކައުންސިލުގެ އިދާރާގެ އޮނިގަނޑުގައި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ މަސައްކަތްތަކާއި، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށް މުވައްޒަފުން ހޮވުމަށް ބޭނުންވާ މަގާމުތައް ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އެކުލަވައިލާ ކައުންސިލުގެ އިދާރާގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ހަރަދުކުރާނީ ކައުންސިލަށް ސަރުކާރުން ދޭ ހިލޭއެހީގެ ފައިސާއިންކަން، ނުވަތަ ކައުންސިލުގެ ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އާމްދަނީންކަން ކަނޑައަޅައި، އެކަން އެނގޭނޭހެން ކައުންސިލުގެ އިދާރާގެ އޮނިގަނޑުގައި ފާހަގަކުރަންވާނެއެވެ.

 

63 ވަނަ މާއްދާ - އިދާރީ މުވައްޒަފުން ހޮވުމާއި ވަކިކުރުން

(ހ) ކައުންސިލުން އެއްވެސް ބޭނުމަކު މުވައްޒަފަކު ހޮވަންވާނީ މި ގަވާއިދުގެ 62 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލުން ފާސްކޮށް، ސިވިލް ސަރވިސް ކޮމިށަނުން ހުއްދަ ދީފައިވާ، ކައުންސިލުގެ އިދާރާގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ކައުންސިލުގެ އޮނިގަނޑުގައި ހިމެނޭ ކައުންސިލުގެ އިދާރީ މަގާމުތަކަށް ދާއިމީ މުވައްޒަފުންނާއި ވަގުތީގޮތުން މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމާއި މުވައްޒަފުންނާ ގުޅޭ އެހެނިހެން ކަންކަމުގައި އަމަލުކުރާނީ ސިވިލް ސަރވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިށަނުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ކައުންސިލުގެ އޮނިގަނޑުގައި ހިމެނޭ ކައުންސިލުގެ މުނިސިޕަލް މަގާމުތަކަށް ދާއިމީ މުވައްޒަފުންނާއި ވަގުތީގޮތުން މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމާއި މުވައްޒަފުންނާ ގުޅޭ އެހެނިހެން ކަންކަމުގައި އަމަލުކުރާނީ، އެ ކަންކަމާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވައިލާ އުސޫލާ އެއްގޮތަށެވެ.

(ރ) ކައުންސިލުގެ އިދާރާގެ އެއްވެސް މަގާމަކަށް ދާއިމީ މުވައްޒަފަކު ނުވަތަ ވަގުތީމުވައްޒަފަކު ވެސް ހޮވުމުގެ ކުރިން، އެ މުވައްޒަފަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީގައި މަސައްކަތްކުރުމުން ދޭ އެލަވަންސް ދިނުމަށް ބޭނުންވާ ފައިސާ ކައުންސިލުގެ ބަޖެޓުގައި ހިމެނޭކަން ކަށަވަރުކުރަންވާނެއެވެ.

(ބ) ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާއަށް ހަރަދުކުރުމުގައި، މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވައިލައިފައިވާ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި އަމަލުކުރާނެ އުސޫލު" ގެ 16 ވަނަ މާއްދާގައި ބުނެފައިވާ މިންގަނޑުތައް ކައުންސިލުން ހިފަހައްޓަންވާނެއެވެ.

 

64 ވަނަ މާއްދާ - ކައުންސިލު އިދާރާގެ މުވައްޒަފުން ޖަވާބުދާރީވުން

ކައުންސިލު އިދާރާގެ އެންމެހާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތްތަކާއި ޒިންމާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާންވާނެއެވެ.

 

ދިހަވަނަ ބާބު:

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ 

 

65 ވަނަ މާއްދާ - ކޮމިޓީގެ ރައީސާއި ނައިބު ރައީސް

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް، ކޮމިޓީގެ މެންބަރުން އިންތިހާބު ކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ކޮމޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރާނެ ގޮތް

މި ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާކޮށްފައިވާ ފަދައިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ކޮމިޓީގެ އާންމު ބައްދަލުވުމެއްގައި އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީގެ ރައީސްކަމަށް ނުވަތަ ނައިބު ރައީސްކަމަށް އިންތިހާބުކުރުމަށް އެދޭ މެންބަރެއްގެ ނަން ކޮމިޓީގެ އާންމު ބައްދަލުވުމަކަށް ހުށަހެޅުން. 
  2. ނަން ހުށަހެޅި މެންބަރުންގެ ތެރެއިން ކޮމިޓީގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރެވޭނީ، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން.
  3. ކޮންމެ މަގާމެއް އިންތިހާބު ކުރުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓު. 
  4. ކޮމިޓީގެ ރައީސާއި ނައިބު ރައީސްކަމަށް ވޯޓަށް އަހާނީ ކޮންމެ މަގާމަކަށް ވަކިވަކިން.

(ށ) ކޮމިޓީގެ ރައީސަކު އިންތިހާބުކުރުމަށް އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ކޮމިޓީގެ ރައީސަކު އިންތިހާބު ކުރެވެންދެން ރިޔާސަތު ބަހަލައްޓާނީ ކައުންސިލުގެ ރައީސެވެ.

(ނ) ކޮމިޓީގެ ރައީސްގެ މަގާމު ހުސްވެގެން ރައީސަކު އިންތިހާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ނައިބު ރައީސެވެ. އަދި ނައިބު ރައީސަކު ނެތްނަމަ ކޮމިޓީގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެ ހުރި މެންބަރެކެވެ. 

(ރ) ކޮމިޓީގެ ނައިބު ރައީސަކު އިންތިހާބު ކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ.

(ބ) ކޮމިޓީގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އިންތިހާބުވާނީ އެންމެ ގިނަ ވޯޓު ލިބޭ މެންބަރެކެވެ.

 

67 ވަނަ މާއްދާ - ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން އަންނަނިވި މަރުހަލާތައް ފުރިހަމަކުރަން ވާނެއެވެ.

  1. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުވާކަން ފާހަގަކުރެވިގެން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކޮމެޓީގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން؛
  2. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެ ކަން ކަން އިސްލާހުކުރުމަށް ކޮމިޓީން 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން.

(ށ) މި މާއްދާގެ ދަށުން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކޮމެޓީގެ އާންމު ބައްދަލުވުމަށް މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން އެޖެންޑާ ކުރުމަކީ ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކޮމެޓީ ހިންގުމާ ހަވާލުވެ ހުރި މެންބަރެއްގެ ޒިންމާއެކެވެ.

(ނ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ކޮމެޓީގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކޮމެޓީގެ އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލާ އެއްގޮތަށެވެ.

(ރ) ކޮމެޓީގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

(ބ) ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ ކޮމެޓީގެ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.

(ޅ) ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަގާމުން މެންބަރަކު ވަކިކުރި ކަމުގައި ވީނަމަވެސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

(ކ) ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމެޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކޮމެޓީން ފާސްކޮށްފައިވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި، ކޮމެޓީން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (އ) ގައި ބުނާ ލިޔެކިޔުމާއެކު ކޮމެޓީން ކައުންސިލަށް ފޮނުވަންވާނެއެވެ. އަދި ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކައުންސިލުން ކަނޑައަޅައި، ކޮމެޓީއަށް އަންގަންވާނެއެވެ.

(އ) މި މާއްދާގެ ގައިވާ ގޮތުގެ މަތީން ކޮމިޓީން ނިންމާ ނިންމުން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވަންވާނީ އަންނަނިވި ލިޔެކިޔުމާއެކުގައެވެ.

  1. އިސްލާހުކުރުމަށް ބޭއްވުނު ބައްދަލުވުމާއި އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވުނު ބައްދަލުވުމަށް މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި ހުށަހެޅި ލިޔުންތައް؛
  2. އިސްލާހުކުރުމަށް ބޭއްވުނު ބައްދަލުވުމާއި އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވުނު ބައްދަލުވުންތަކުގެ އެޖެންޑާތައް؛
  3. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުން ބޭއްވުމުގެ 1) އެކެއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
  4. އިސްލާހުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް؛
  5. އިހުމާލުވި ކަންކަން ބަޔާންކޮށް ކޮމެޓީގެ ބައްދަލުވުމަށް ހުށަހެ ޅިލިޔުންތައް؛
  6. އިސްލާހު ކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު އަންގައި ކޮމެޓީގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ހަވާލުކުރި ލިޔުން؛
  7. ކަމާގުޅޭ އެހެނިހެން ލިޔެކިޔުން.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ކައުންސިލުން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް، ވީ އެންމެ އަވަހަކަށް ކޮމިޓީން ފޯރުކޮށްދޭންވާނެއެވެ.

(މ) ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާއިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކައުންސިލުން ކަށަވަރުކުރުމާ ހަމައަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ރައީސް ނުވަތަ ނައިބު ރައީސް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ.

(ފ) ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުވާ މުއްދަތުގައި ކޮމިޓީގެ ހިންގުމާ ހަވާލުވެ ހުންނާނީ ކޮމިޓީގެ ނައިބު ރައީސެވެ. އަދި ކޮމިޓީގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ކޮމިޓީގެ ހިންގުމާ ހަވާލުވެ ހުންނާނީ އެ ވަގުތަކު ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

(ދ) ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި މާއްދާގައި ބުނެފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައިވާ އިިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވައި، ކައުންސިލުން އެކަން ކަށަވަރުކޮށްދިނުމުންނެވެ.

(ތ) މި މާއްދާގައި ބުނެފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު، ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނު ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.

(ލ) ކޮމެޓީ ހިންގުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ރައީސް ނުވަތަ ނައިބު ރައީސް 
ބައިވެރިވެފައި ނުވާނަމަ، ކޮމެޓީގެ ނިންމުން ލިޔުމުން ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނުކަން ކޮމެޓީން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކޮމެޓީގެ ނިންމުން ލިޔުމުން އެންގުނު ތާރީހުން ފެށިގެންނެވެ.

(ގ) މި މާއްދާގެ (ލ) ގެ ދަށުން ރައީސަށް ނުވަތަ ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ރައީސް ނުވަތަ ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރަން ވާނެއެވެ. އަދި މި ހާލަތުގައި ރައީސަށް ނުވަތަ ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.

(ޏ) ކޮމެޓީން ހިންގުމުގައި އިސްލާހުކުރަން އަންގާ ކަމެއް އެކަން އިސްލާހުކުރުމަށް ދޭ މުއްދަތުގައި އިސްލާހު ނުކުރުމާއި، ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފައިވަނިކޮށް އެފަދަ ކަމެއް ނުވަތަ އެ ނޫންވެސް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ ހިލާފު އެހެން ކަމެއް ކުރުމަކީ، މި މާއްދާގެ ބޭނުމަށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުކުރުން ކަމުގައި ބެލެވޭނެއެވެ.

 

68 ވަނަ މާއްދާ - މެންބަރަކު މެންބަރުކަމުން ވަކިވުން

އެެއްވެސް ސަބަބަކާހުރެ މެންބަރަކު ވަކިވެއްޖެނަމަ، ރަށެއްނަމަ ރަށު ކައުންސިލް މެދުވެރިކޮށް، ސިޓީއެއް ނަމަ ސިޓީ ކައުންސިލް މެދުވެރިކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ސަބަބު އެނގޭ ގޮތަށް ލިޔުމަކުން އަންގަންވާނެއެވެ. މެންބަރަކު މެންބަރު ކަމުން ވަކިވިކަމަށް ބެލެވޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) އެ މީހަކު މެންބަރުކަމުން ވަކިވާން އެދި ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ފޮނުވުން.

(ށ) މަގްބޫލު އުޒުރެއް ނެތި، ވިދިވިދިގެން 5 (ފަހެއް) ޖަލްސާއަށް ހާޒިރުނުވުން. މަގުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކޮމިޓީން ގަބޫލުކުރާ އެނޫން ސަބަބެއް މެދުވެރިވުމުން.

(ނ) މެންބަރެއްގެ ކިބައިގައި ހުރުން ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 6-56 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ލާޒިމުކުރާ ސިފައެއް މެންބަރެއްގެ ކިބައިން އުނިވުން.

(ރ) މަރުވުން ނުވަތަ ކޮމިޓީގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.

 

69 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުން

(ހ) ކޮމިޓީގެ އާންމު ބައްދަލުވުން؛

(ށ) ކޮމިޓީގެ ކުއްލި ބައްދަލުވުން؛

(ނ) ކޮމިޓީން ކައުންސިލާއެކު ބާއްވާ ބައްދަލުވުންތައް.

 

70 ވަނަ މާއްދާ - ބައްދަލުވުމުގެ ގާނޫނީ އަދަދު

(ހ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިޓީގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިހްތިޔާރު ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

 

71 ވަނަ މާއްދާ - ކޮމިޓީގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް

(ހ)  މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ މަހަކު އެއްފަހަރު ކޮމިޓީގެ ތާވަލުކޮށްފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. އަދި ކޮންމެ މަހަކު ވެސް އާންމުކޮށް ބައްދަލުވުން ބާއްވާނެ ދުވަސް ކޮމިޓީން ކަނޑައަޅަންވާނެއެވެ.

(ށ) ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމުބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

72 ވަނަ މާއްދާ - ކޮމިޓީގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި،އެޖެންޑާ 

(ހ) ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ ކޮމިޓީގެ ރައީސެވެ.

(ށ) ) ކޮމިޓީގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ އާންމުބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރެކޯޑުތައް ކޮމިޓީގެ އިދާރީ ކަންކަމާ ހަވާލުވެ ހުންނަ ކައުންސިލުގެ މުވައްޒަފު ބަލަހައްޓަންވާނެއެވެ.

(ރ) ކޮމިޓީގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ ،އާންމު ބައްދަލުވުން ތާވަލުކޮށްފައިވާ ދުވަހުގެ 2 (ދޭއް) ދުވަހުގެ ކުރިން، ލިޔުމަކުން ކޮމިޓީގެ ރައީސަށް އަންގަންވާނެއެވެ.

(ބ) ކޮމިޓީއަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކޮމިޓީގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ.

 

73 ވަނަ މާއްދާ - ކޮމިޓީން ކަމެއް ނިންމުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ ކޮމިޓީގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކޮމިޓީގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

  1. ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ދުރުކުރުން؛
  2. ވިޔަވާރިކުރުން އަދި ދަރަންޏަށް ޒިންމާވުން.

 

74 ވަނަ މާއްދާ - ކޮމިޓީން ކަމެއް ނިންމުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތައް

ކޮމިޓީން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކޮމިޓީން ކަންކަން ނިންމަންވާނީ އަންހެނުންގެ ތަރައްގީއާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްގީގެ ޕްލޭނާއި ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

75 ވަނަ މާއްދާ - ވޯޓު ދިނުން

(ހ) ކޮމެޓީގެ އެއްވެސްކަމެއް ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.
(ށ) ކޮމިޓީގެ ކޮންމެ މެންބަރަކަށްވެސް، ވޯޓަށް އެހޭ ކަމެއްގައި ދެވޭނީ 1 (އެކެއް) ވޯޓެވެ.

 

76 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާހާލަތު

ކޮމިޓީގެ އެއްވެސް މެންބަރެއްގެ ފިރިމީހާ، ނުވަތަ ދަރިއެއް، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކޮމިޓީގައި މަށްވަރާކުރާނަމަ، ބައްދަލުވުމުގައި އެ ކަމަކާމެދު މަށްވަރާކޮށް ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

 

77 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން

ކޮމިޓީން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވާންވާނެއެވެ.

 

78 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން

(ހ) ކޮމިޓީން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް އާންމު ނުކުރާނަމަ، އެއީ ސައްހަ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ށ) ކޮމިޓީން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑާއި، ކައުންސިލުގެ ވެބްސައިޓާއި ކޮމިޓީގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކޮމިޓީގެ އިދާރާއިން އެކަން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

79 ވަނަ މާއްދާ - ކޮމެޓީގެ މަސައްކަތު ތާވަލު އެކުލަވައިލުމާއި ފާސްކުރުން

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކޮންމެ 5 (ފަހެއް) އަހަރަކު ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ކައުންސިލުން ތައްޔާރުކުރާ ރަށުތަރައްގީގެ ޕްލޭނުގައި ހިމަނަންވާނެއެވެ.

(ށ) ރަށު ތަރައްގީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށް އޮތް އަހަރު ކޮމެޓީގެ މަސައްކަތު ތާވަލު، ކޮންމެ އަހަރަކު ކައުންސިލުން ކަނޑައަޅާ ދުވަހެއްގެ ނިޔަލަށް ކައުންސިލަށް ހުށަހަޅަންވާނެއެވެ. 

 

80 ވަނަ މާއްދާ - ބަޖެޓް އެކުލަވައިލުން

(ހ) މި ގަވާއިދުގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތު ތާވަލަށް ބިނާކޮށް، ދައުލަތުން ކައުންސިލަށް ލިބޭ ހިލޭ އެހީގެ ތެރެއިން ކޮމިޓީއަށް ހަވާލުކުރާ %5 (ފަހެއް އިންސައްތަ) އާއި، ކޮމެޓީއަށް ލިބޭ އެހެނިހެން އާމްދަނީއާއި އެހެނިހެން ހިލޭއެހީއަށް ބަލައި، ކޮމެޓީގެ ބަޖެޓް އެކުލަވައިލައިފައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުން ދޭ ހިލޭ އެހީގެ ފައިސާއިން ކޮމެޓީގެ ބަޖެޓުން ހަރަކާތްތައް ހިންގުމަށް ފާސްކޮށް ހަރަދު ކުރަންވާނީ މެންބަރުންގެ އުޖޫރައަށް ވާ ފައިސާ އުނިކުރުމަށްފަހުއެވެ.

(ނ) މި މާއްދާގެ (ހ) ގައި ކޮމެޓީއަށް ލިބޭނެކަމަށް ކަނޑައަޅާ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއިން އަހަރު ނިމޭއިރު ހަރަދު ނުކުރެވޭނަމަ، އެ ފައިސާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އާމްދަނީގެ ގޮތުގައި ޖަމާކުރަންވާނެއެވެ. ނަމަވެސް ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައިވާ ތަކެއްޗާއި ހޯދައިފައިވާ ހިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަން އެއްބަސްވެފައިވާ ހިދުމަތްތަކުގެ އަގަށްވާ ފައިސާ، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީމަހުގެ 31 ގެ ކުރިން ދައްކައިނިންމަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީގެ އެންމެހައި އާމްދަނީ ފައިސާ ޖަމާކުރާނީ ކައުންސިލުގެ އެކައުންޓުގައި ކޮމެޓީއަށް ހާއްސަކޮށްފައިވާ ކޯޑުގައެވެ. އަދި މި ގަވާއިދަށް އަމަލުކުރުމުގެ ކުރީގައި ކޮމެޓީގެ އެކައުންޓުގެ ނަމުގައި ހުޅުވައިފައިވާ އެކައުންޓްތައް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އުވައިލައި، އެ އެކައުންޓްތަކުގައި ހުރި ކޮމެޓީގެ ފައިސާ ކައުންސިލުގެ އެކައުންޓުގައިވާ ކޮމެޓީގެ ކޯޑަށް ބަދަލު ކުރަންވާނެއެވެ. 

 

81 ވަނަ މާއްދާ - ކޮމެޓީގެ ފިކްސްޑް އެލަވަންސާއި ސިޓިންގ އެލަވަންސް

(ހ)  އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް އުޖޫރަ ކަނޑައަޅާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތަށް ދައުލަތުގެ މާލީ ވުޒާރާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޖޫރަ ފިޔަވައި އިތުރު މާލީ މަންފާއެއް ކޮމެޓީގެ މެންބަރުންނަށް ހޯދޭނީ ދައުލަތުގެ މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

 

82 ވަނަ މާއްދާ - ކޮމެޓީ މެންބަރުންގެ ހާޒިރީ

(ހ) ކޮމެޓީގެ ބައްދަލުވުންތަކަށާއި ހަރަކާތްތަކަށް ހާޒިރުވާ މެންބަރުންގެ ހާޒިރީ، ކައުންސިލުން ބަލަހައްޓަންވާނެއެވެ. ކޮމެޓީގެ ހަރަކާތެއް ކޮންމެ ހަފުތާއެއްގައި ނުހިނގި ނަމަވެސް، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ހަފުތާއަކު އެއްފަހަރު ކައުންސިލުގެ އިދާރާއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް މަގުބޫލު އުޒުރެއްނެތި އެ މަހެއްގެ އެއްވެސް ހަފުތާއެއްގައި ސޮއިނުކުރާ މެންބަރުންނަށް އެ މަހަކަށްވާ ފިކްސްޑް އެލަވަންސް އުނިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި މަގުބޫލު އުޒުރެއްކަމަށް ބަޔާންކޮށްފައި އެވަނީ، ކޮމިޓީގެ އެއްވެސް މެންބަރަކު، ނުވަތަ މެންބަރެއްގެ ފިރިމީހާ، ނުވަތަ ދަރިއަކު، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހަކު ނުވަތަ ށަރުއީގޮތުން ބަލަދުއަރައިފައިވާ މީހަކު ބަލިވުމުން ނުވަތަ ރަސްމީ ބޭނުމަކަށް ވީއްލުމުގެ ސަބަބުން ހާޒިރު ނުވެވުމަށް ނުވަތަ މެންބަރެއްގެ އަމިއްލަ ބޭނުމަކު ކޮމެޓީން ނިންމައިގެން ރަށުން ބޭރުގައި ހުންނަ ހުރުމަށެވެ. މިގޮތަށް ރަށުން ބޭރުގައި ހުރެވޭނީ ގިނަވެގެން 45 (ސާޅީސްފަހެއް) ފަސްދުވަހުގެ މުއްދަތަށެވެ.

 

83 ވަނަ މާއްދާ - ކޮމިޓީގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދުކުރުން

(ހ)  ކޮމިޓީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަން ކުރަންވާނީ، ގާނޫނު ނަންބަރު 3/2006 ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

(ށ) ކައުންސިލުގެ އެކައުންޓުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަންޑުގެ ނަމުގައި ހުންނަ ފައިސާއާއި ކޮމިޓީގެ ނަމުގައި ވަކި އެކައުންޓެއްގައި ހުންނަ ފައިސާގެ ތަފުސީލު، ވިޔަ މޮޑިއުލްގެ ނުވަތަ ސެޕް ސިސްޓަމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހާއްސަކޮށްފައިވާ ފަންޑުގައި ރެކޯޑުކުރަންވާނެއެވެ.

(ނ) ކޮމެޓީގެ ފަންޑުގެ ހިސާބު ބެލެހެއްޓުމާއި، ކޮމެޓީގެ ހަރަކާތްތަކަށް ހިދުމަތާއި މުދާ ހޯދުމުގެ ހުއްދަ (ޕީ.އޯ. އޮތަރައިޒްކުރުން) އާއި ކޮމެޓީގެ ފަންޑުން ފައިސާ ހަރަދުކުރުމުގެ ހުއްދަ (ޕީ.ވީ. އޮތަރައިޒް ކުރުން) ދޭނީ، ކައުންސިލުގެ އެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ މުވައްޒަފުންނެވެ.

(ރ) ކޮމެޓީގެ ފަންޑުން އެއްވެސް ހަރަދެއް ކުރަން ހުއްދަ ދޭންވާނީ، އެ ކޮމެޓީގެ ރައީސް ނުވަތަ ކޮމެޓީން ކަނޑައަޅާ މެންބަރަކު ސޮއިކޮށްފައި ކައުންސިލަށް ފޮނުވާ މުދަލާއި ހިދުމަތަށް އެދޭ ފޯމަކަށެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފޯމު ލިބުމުން، ފޯމުގައި ބަޔާންކޮށްފައިވާ ހިދުމަތް ނުވަތަ ގަންނަން އެދޭ މުދާ، ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް، ލަސްނުކޮށް ކައުންސިލުން ހޯދައިދޭންވާނެއެވެ.

(ޅ) ވިޔަ މޮޑިއުލް ނުވަތަ ސެޕް ސިސްޓަމުގެ ތެރެއިން ހަރަދުކުރުމަށް ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބިލުތަކަށް ފައިސާދެއްކުމާއި، ހިސާބުތައް އަދާހަމަކުރުމަކީ، ކައުންސިލުން އެ މަސައްކަތް ކުރާ މުވައްޒަފުންގެ ޒިންމާއެކެވެ.

(ކ) ކޮމިޓީގެ ފަންޑުން ހަރަދު ކުރަންވާނީ، ކޮމިޓީގެ މަގުސަދުތައް ހާސިލުކުރުމަށް އެކުލަވައިލާ މަސައްކަތު ތާވަލާއި ބަޖެޓުގައި ބަޔާންކޮށްފައިވާ ހަރަކާތްތަކަށެވެ.

(އ) ކޮމެޓީގެ ފަންޑުގެ ބަޖެޓް ރިޕޯޓް، ކައުންސިލުގެ ފަރާތުން، ކޮންމެ މަހަކު،އަންހެނުންގެ ކޮމެޓީއަށް ހަވާލުކުރަންވާނެއެވެ.

 

84 ވަނަ މާއްދާ - ކޮމިޓީގެ ފައިސާއަށް ޒިންމާވުން

(ހ) ކޮމެޓީގެ މުދަލާއި ފައިސާ، ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ހިންގައި ބެލެހެއްޓުމަކީ ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއެކެވެ.

(ށ) ކޮމެޓީގެ ފައިސާއާއި ހިސާބުތަކާ ހަވާލުވެ ހުންނަ ކައުންސިލުގެ އިދާރާގެ މުވައްޒަފަކު އޭނާއާ ހަވާލުވެފައިވާ ފައިސާއާއި ހިސާބުތަކަށް ޒިންމާވާންޖެހޭނެއެވެ. އަދި އެފަދަ މުވައްޒަފަކަށް ކައުންސިލުގެ ވަޒީފާއިން ވަކިވެވޭނީ އޭނާ ހަވާލުވެހުރި ފައިސާއާއި ހިސާބުތައް ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކުރުމަށްފަހުގައެވެ.

 

85 ވަނަ މާއްދާ - ކޮމެޓީތަކުން ވިޔަފާރިކުރުން

(ހ) ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި މަގުސަދުތައް ހާސިލުކުރުމަށް އާމްދަނީ ހޯދުމަށް އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިހްތިޔާރު ކޮމެޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ކޮމެޓީތަކުން ވިޔަފާރިކުރަން ބޭނުންނަމަ ،އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަގުސަދުތަކަށް ނުވަތަ ކޮމެޓީގެ މަގުސަދުތައް ހިމަނައިގެން ކައުންސިލުން "ލޯކަލް އޮތޯރިޓީ ކުންފުނި" އުފައްދައި ކޮމެޓީއަށް ވިޔަފާރި ކުރުމުގެ ފުރުސަތުފަހިކޮށްދެވިދާނެއެވެ.

 

86 ވަނަ މާއްދާ - މި ގަވާއިދު ފާސްކުރުމުގެ ކުރިން ހުރި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ވިޔަފާރިއާއި މުދަލާއި ފައިސާ

(ހ)  މި ގަވާއިދަށް އަމަލުކުރުމުގެ ކުރިން ހިނގަމުންއައި ކޮމެޓީގެ ބެލުމުގެ ދަށުގައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހާ ހަމަޔަށް ކޮމެޓީގެ އެކައުންޓުތަކުގައި ހުރި ފައިސާއާއި ވިޔަފާރިއާއި މުދަލާއި ވަސީލަތްތައް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބެލުމުގެ ދަށަށް ބަދަލުވީއެވެ.

(ށ) މި ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށާ ތާރީހާ ހަމައަށް، ކޮމެޓީގެ ފަރާތުން އެއްވެސް ވިޔަފާރިއެއް ކުރަމުންގެންދާނަމަ، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ވިޔަފާރިތައް ރަޖިސްޓަރީ ކުރަންވާނެއެވެ. 

 

87 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ހިންގުން

(ހ) ކޮމިޓީގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމު، ކައުންސިލުގެ ރައީސް ހަމަޖައްސައި ދޭންވާނެއެވެ. މިގޮތުން ކޮމިޓީގެ އިދާރީ މަސައްކަތްތަކާއި މާލީ މަސައްކަތްތައްކަނޑައަޅައި، ކައުންސިލުގެމުވައްޒަފުންގެ ވަޒީފާ ބަޔާނުގައި އެ މަސައްކަތްތައް ހިމަނައި، ޒިންމާ ހަވާލުކުރަންވާނެއެވެ.

(ށ) ކޮމިޓީގެ އިދާރީ ލިޔެކިޔުންތަކާއި މާލީ އެންމެހައި ލިޔެކިޔުންތައް ކައުންސިލުގެއެހެނިހެން ލިޔުންތަކެކޭ އެއް އުސޫލުން ރައްކައުތެރިކަމާއި ޒިންމާދާރުކަމާއެކު ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަންހެނުންގެ ކޮމިޓީގެ އެންމެހައި ލިޔެކިޔުން ހުންނަންވާނީ އެ ކޮމިޓީގެ ބޭނުންތަކަށް ފަސޭހަކަމާއެކު ލިބޭނޭހެން އިންތިޒާމުކުރެވިފައެވެ.

(ނ) ކޮމިޓީގެ ބައްދަލުވުންތަކުގައި ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލުގެ އިދާރާގެ މުވައްޒަފު ނުވަތަ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ މުވައްޒަފަކު ބައިވެރިވާންވާނެއެވެ. ނަމަވެސް އެ ފަރާތަކަށް ކޮމިޓީން ނިންމާ ކަންކަމުގައި ވޯޓެއް ނުދެވޭނެއެވެ.

(ރ) ކޮމިޓީގެ ހަރަކާތައް ގިނަވެ އާމްދަނީ އިތުރުވެ އިދާރީ މަސައްކަތްތައް އިތުރުވެއްޖެނަމަ، ކައުންސިލުގެ މަށްވަރާގެ މަތީން ކޮމިޓީގެ މާލީ ތަނަވަސްކަން ހުރިނަމަ ކޮމިޓީގެ ހަރަކާތްތަކުގެ އިދާރީ މަސައްކަތްތަކަށް މުވައްޒަފުން ހޮވިދާނެއެވެ. މިފަދައިން ހޮވާ މުވައްޒަފަކީ ކައުންސިލުގެ އިދާރާގެ އޮނިގަނޑުގައި ހިމެނޭ މަގާމަކަށް ހޮވާ މުވައްޒަފަކަށް ވާންވާނެއެވެ.

 

88 ވަނަ މާއްދާ - ޖަވާބުދާރީވުން

ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކޮމެޓީން ޖަވާބުދާރީވާންވާނެއެވެ.

 

89 ވަނަ މާއްދާ - ކޮމިޓީގެ ނަމުގައި ސޮއިކުރުން

ކޮމިޓީން އެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި، ރިޕޯޓާއި، ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ މުދަލާއި ހިދުމަތްތަކަށް އެދޭ ލިޔުންތަކާއި މި ނޫންވެސް ރަސްމީ ލިޔުންތަކުގައި ސޮއިކުރާނީ ކޮމިޓީގެ ރައީސެވެ. ކޮމިޓީގެ ރައީސް ނެތް ހިނދެއްގައި ކޮމިޓީގެ ނައިބު ރައީސް ނުވަތަ ކޮމިޓީ ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރެވެ.

 

90 ވަނަ މާއްދާ - ކޮމެޓީގެ އިންތިގާލީ މަރުހަލާ

(ހ) އިންތިގާލީ މަރުހަލާގެ މުއްދަތަކީ ކޮމެޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އިއުލާނުކުރާ ދުވަހުން ފެށިގެން ކޮމެޓީން އިގުރާރުގައި ސޮއިކުރާ ދުވަހާ ހަމައަށް ހިނގާ މުއްދަތެވެ.

(ށ) ކޮމެޓީގެ އިންތިގާލީ މަރުހަލާގެ އެންމެހައި ކަންކަން ކުރިޔަށް ގެންދަންވާނީ މި ގަވާއިދުގެ 11 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

އެގާރަވަނަ ބާބު:

ކައުންސިލްތަކުގެ ދައުރު ބަދަލުވުމުގެ މަރުހަލާ

 

91 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގެ މުއްދަތު

އިންތިގާލީ މަރުހަލާގެ މުއްދަތަކީ، އެ ކައުންސިލެއްގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އިއުލާނުކުރާ ދުވަހުން ފެށިގެން ކައުންސިލަރުން ހުވާކުރާ ދުވަހާ ހަމަޔަށް ހިނގާ މުއްދަތެވެ.

 

92 ވަނަ މާއްދާ - އިންތިގާލީ ކޮމިޓީ

(ހ) އިންތިގާލީ މަރުހަލާގެ ކަންކަން ތަންފީޒު ކުރުމަށް ޓަކައި ކައުންސިލުގެ ރައީސާއި، ސެކްރެޓަރީ ޖެނެރަލާއި، ކައުންސިލުގެ އިދާރާގެ 3 (ތިނެއް) މުވައްޒަފުން ހިމެނޭ ގޮތަށް 5 (ފަހެއް) މީހުންގެ މައްޗަށް އެކުލެވިގެންވާ އިންތިގާލީ ކޮމިޓީއެއް އުފައްދަންވާނެއެވެ. ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ އަދަދު 3 (ތިނެއް) އަށްވުރެ މަދުނަމަ، ކައުންސިލުގެއިދާރާގައި އެ ވަގުތު މަސައްކަތްކުރާ މުވައްޒަފުން ހިމަނައިގެން އިންތިގާލީ ކޮމިޓީ އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކޮމެޓީ އުފައްދާނީ،ކައުންސިލުގެ ރައީސް/ މޭޔަރު ނުވަތަ އެ މަސްއޫލިއްޔަތާ އެ ވަގުތު ހަވާލުވެހުރި ފަރާތަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކޮމިޓީގައި ހިމެނޭ މުވައްޒަފުން ހަމަޖައްސާނީ، ސެކްރެޓަރީ ޖެނެރަލްގެ މަށްވަރާގެ މަތީން ކައުންސިލުގެ ރައީސެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިގާލީ ކޮމިޓީގެ މަސްއޫލިއްޔަތުތައް ފެށޭނީ، އިންތިގާލީ މުއްދަތު ފަށާ ތާރީހުންނެވެ.

(ބ) އިންތިގާލީ ކޮމިޓީން ނިންމާ ކަންކަން ތަންފީޒުކުރާނީ، ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުން ކައުންސިލުގެ އިދާރާގެ މުވައްޒަފުންނެވެ.

 

93 ވަނަ މާއްދާ - އިންތިގާލީ ކޮމިޓީގެ މަސްއޫލިއްޔަތު

(ހ) އިންތިގާލީ މަރުހަލާގެ މުއްދަތުގައި، ކައުންސިލަށް އިންތިހާބުވި ކައުންސިލަރުންނަށް، އަންނަނިވި ކަންތައްތައް، އެ ކައުންސިލަރަކު ނިިސްބަތްވާ ކައުންސިލެއްގެ އިންތިގާލީ ކޮމިޓީއިން ލޯކަލް ގަވަރުމަންޓު އޮތޯރިޓީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ރިޕޯޓް ތައްޔާރުކޮށް ފޯރުކޮށްދޭންވާނެއެވެ.

  1. ކައުންސިލުން ހިންގައިފައިވާ އެންމެހައި މަށްރޫއުތަކާއި،
    ހިންގަމުންގެންދާ މަށްރޫއުތަކާއި، ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށާއި، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން މަށްވަރާކުރުމަށް ހާއްސަ ބައްދަލުވުމެއް ހަމަޖައްސައިދިނުން.
  2. ކައުންސިލުގެ އިދާރާގެ އޮނިގަނޑާއި، އޮނިގަނޑުގެ ދަށުން ހުންނަ އެންމެހައި ޑިޕާޓްމަންޓުތަކާއި، އެ ޑިޕާޓުމަންޓުގެ މުވައްޒަފުން ކުރާ މަސައްކަތްތަކުގެ ތަފުސީލު ދިނުން.
  3. ކައުންސިލުން، ބޭރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތަކާ ކޮށްފައިވާ އަދި ކުރަމުންގެންދާ އެންމެހައި މުއާމަލާތެއްގެ މައުލޫމާތު،އިންތިހާބުކުރެވޭ ކައުންސިލަރުންނަށް ދިނުން؛
  4. ކައުންސިލުން ބަލަމުންދާ އެންމެހައި މައްސަލަތަކާއި ، އެ މައްސަލަތައް ހިނގަމުންދާ ގޮތުގެ ތަފުސީލު، ލިޔުމުން ދިނުން؛
  5. ކައުންސިލުގެ ބައްދަލުވުންތައް ބާއްވާ ގޮތާއި، ކައުންސިލުގެ ހިންގާ ގަވާއިދާއި، ހިންގާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތަކުގެ މައުލޫމާތު، އިންތިހާބުކުރެވޭ ކައުންސިލަރުންނަށް ދިނުން؛
  6. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ރަށު / އަތޮޅު / ސިޓީ ކައުންސިލްތަކުން ދިނުމަށް ލާޒިމުކޮށްފައިވާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުން
  7. ކައުންސިލުން ކުރަމުންދާ ވިޔަފާރިއާއި، ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި، ނަގަމުންދާ ފީއާއި ކުއްޔާއި، ކައުންސިލަށް އާމްދަނީ ލިބޭ ވަސީލަތްތަކާއި، ކައުންސިލުން ނަގައިފައިވާ ލޯނުތަކާއި، ކައުންސިލުން ދީފައިވާ ލޯނުތަކުގެ އެންމެހައި މައުލޫމާތު ދިނުން؛
  8. ކައުންސިލުން ފައިސާގެ ކަންކަން ހިންގާ ބަލަހައްޓާ ގޮތުގެ މައުލޫމާތާއި، އަހަރީ މަސައްކަތު ތާވަލާއި، އަހަރީ ބަޖެޓުގެ މައުލޫމާތު ދިނުން؛
  9. ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  10. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ކައުންސިލްތަކުން ހުށަހެޅުމަށް ލާޒިމުކުރާ ލިޔެކިޔުންތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  11. ކައުންސިލުގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންށަލް ޕްލޭނާއި،ބިނާވެށި ޕްލޭނުގެ މައުލޫމާތު ދިނުން.

 

94 ވަނަ މާއްދާ - ހަރަދުކުރުން

(ހ) އިންތިގާލީ މަރުހަލާގައި، ތިރީގައި ބަޔާންކޮށްފައިވާ ހަރަދުތައް ފިޔަވައި އެހެން ހަރަދެއް ކޮށްގެން ނުވާނެއެވެ

  1. ކައުންސިލާއި، އިންތިގާލީ ކޮމެޓީގެ ބައްދަލުވުންތަކަށް ކުރަންޖެހޭ ހަރަދު؛
  2. މުސާރައާއި އެލަވަންސްތަކަށް ހިނގާ ހަރަދު؛
  3. މަރާމާތުކުރުން ފިޔަވައި، އިދާރީ ހިންގުމަށް ކޮންމެހެން ކުރަންޖެހޭ ރިކަރަންޓް ހަރަދު؛
  4. ކައުންސިލުން އިންތިގާލީ މުއްދަތުގެ ކުރިން ހޯދައިފައިހުރިހިދުމަތަށާއި ދަރަނި އަދާކުރުމަށް ހިނގާ ހަރަދު.

 

95 ވަނަ މާއްދާ - ވިލަރެސްކުރާނެ ފަރާތް

އަލަށް އިންތިހާބުކުރެވޭ ކައުންސިލަރުން މަގާމާ ހަވާލުވުމުގެ ކުރިން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި ކަންކަން ބަލަހައްޓާނީ އިންތިގާލީ ކޮމިޓީގެ ލަފާގެ މަތިން އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ.

 

96 ވަނަ މާއްދާ - މުހާތަބުކުރާނެ ގޮތް

ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ ފަރާތްތައް މަގާމާ ހަވާލުވުމުގެ ކުރިން އެ ފަރާތްތަކަށް ފޮނުވާ ސިޓީތަކާއި ކައުންސިލުން ކުރާ އެންމެހާ މުއާމަލާތްތަކުގައި އެ ކައުންސިލަރުންނާ މުހާތަބުކުރަންވާނީ "އިންތިހާބީ މޭޔަރު"، ނުވަތަ "އިންތިހާބީ ރައީސް" ނުވަތަ "އިންތިހާބީ ކައުންސިލަރު"، މިފަދައިންނެވެ.

 

97 ވަނަ މާއްދާ - އިންތިހާބީ ކައުންސިލަރުންނާއި މުވައްޒަފުންނާ އޮންނަ ގުޅުން

އިންތިހާބީ ކައުންސިލަރުން މަގާމާ ހަވާލުވުމުގެ ކުރިން، ކައުންސިލުގެ އިދާރާގެ މުވައްޒަފުންނާ މުއާމަލާތުކުރަން ބޭނުންވާ ހާލަތުގައި އެފަދަ އެންމެހާ މުއާމަލާތެއް ކުރަންވާނީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށެވެ. އަދި ކައުންސިލުގެ އިދާރާގެ އެހެން އެއްވެސް މުވައްޒަފަކު، އިންތިހާބީ ކައުންސިލަރުން މަގާމާ ހަވާލުވުމުގެ ކުރިން އެއްވެސް މުއާމަލާތެއް ސީދާ އެ ފަރާތްތަކާ ކޮށްގެން ނުވާނެއެވެ.

 

98 ވަނަ މާއްދާ - މަގާމަށް އަހުލުވެރިކުރުވުން

އިންތިހާބީ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާތާ 1 (އެކެއް) ހަފުތާގެ ތެރޭގައި ކައުންސިލުގެ މަސައްކަތްތަކަށް އެ ކައުންސިލަރުން އަހުލުވެރިކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލަކުން އޮރިއެންޓޭށަން ޕްރޮގްރާމެއް ބާއްވަންވާނެއެވެ. މި ޕްރޮގްރާމުގެ މުގައްރަރު ކަނޑައަޅާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ. މި ޕްރޮގްރާމުގައި ކައުންސިލުގެ ހިންގާ ގަވާއިދާއި ކައުންސިލުގެ ކޮމެޓީތަކާއި ކައުންސިލުން ފާސްކޮށްފައިވާ މުހިންމު ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން، ކައުންސިލް ހިންގާ ގޮތާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަލައިފައިފައިވާ 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށް އަހުލުވެރިކުރުވުން ހިމަނަންވާނެއެވެ.

 

99 ވަނަ މާއްދާ - މަގާމު ހަވާލުކުރުން

(ހ) އިންތިހާބީ ކައުންސިލަރުން މަގާމާ ހަވާލުވެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެހައި ތައްޔާރީތަކެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކައުންސިލްތަކުން ކުރަންވާނެއެވެ.

(ށ) ކައުންސިލަރުން ހުވާކުރާ ރަސްމިއްޔާތަށް، ދައުރު ހަމަވާ ކައުންސިލަރުންނަށް ދައުވަތު ދޭންވާނެއެވެ.

(ނ) އަލަށް އިންތިހާބުކުރެވޭ ކައުންސިލަރުންނާއި ދައުރު ހަމަވާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވުމުން މަރުހަބާ ކިޔާނީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ.

 

ބާރަވަނަ ބާބު:

އެހެނިހެން ކަންކަން 

 

100 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

މި ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ލިބިގެންވެއެވެ.

 

101 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ ގަވާއިދުގެ އެއްވެސް އިބާރާތެއް، ނުވަތަ ލަފުޒެއް ނުވަތަ ގަވާއިދުގައި ބުނެފައިވާ އެއްޗެއް މާނަކުރުމުގައި ހިލާފެއް އުފެދިއްޖެ ނަމަ، އެ ކަމުގައި ގޮތެއް ނިންމާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުންނެވެ. އަދި އެފަދަ ހާލަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ނިންމާ ނިންމުންތަކަކީ މި ގަވާއިދުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ.

 

102 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

103 ވަނަ މާއްދާ - އަމަލުކުރަމުންދާ އުސޫލުތައް

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކުރިން ކައުންސިލުތަކުން އަމަލުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފާސްކޮށްފައިވާ އެންމެހައި އުސޫލުތައް ބާތިލުވީއެވެ.

 

104 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަވެސް ހިމެނިގެންވެއެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި ، ސިޓީ ކައުންސިލްތަކަށާއި، ނުވަތަ ރަށު ކައުންސިލްތަކަށެވެ.

(ށ) "ކައުންސިލަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނަށާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށާއި، ރަށު ކައުންސިލްތަކުގެ މެންބަރުންނަށެވެ.

(ނ) "ރައްޔިތުންގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ފިޔަވައި ކައުންސިލަށް އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާއި އާމްދަނީއާއި ރައްޔިތުންގެ ނަމުގައި ރައްކާކުރެވިފައިވާ ފައިސާއަށެވެ.

(ރ) "ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 126 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަރާތެވެ. ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެހުރި މުވައްޒަފެވެ.

(ބ) "ސުލޫކީ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ސޯޅަވަނަ ބާބުގައި ބަޔާންކޮށްފައިވާ ކައުންސިލަރުންގެ ސުލޫކީ މިންގަނޑަށެވެ.

(ޅ) "ވިޔަ މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލްތަކުގެ ފައިސާއާއި ބަޖެޓާއި ހަރަދުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަލައިފައިފައިވާ ނިޒާމަށެވެ.

(ކ) "ސެޕް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ އިދާރާތަކުގެ ފައިސާއާއި ބަޖެޓާއި ހަރަދުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މާލީ ވުޒާރާއިން އެކުލަވައިލައިފައިވާ ނިޒާމަށެވެ.

 

މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

އުވި ގަވާއިދު

ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު (ގަވާއިދު ނަންބަރު 2024-19)

 

މައި ގާނޫނު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ކިޔުންތެރިންގެ ހިޔާލު