-

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-74)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ފެބުރުއަރީ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައި ލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ބަޔާންކޮށް، އެފަދަ ހަރަކާތްތައް ރަޖިސްޓްރީކޮށް ހިންގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައިބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ސްޕާގެ ވިޔަފާރި ހަރަކާތް

މި ގަވާއިދުގެ ބޭނުމަށް ޓަކައި، ސްޕާގެ ވިޔަފާރި ހަރަކާތް ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ހިދުމަތްތަކުގެ ތެރެއިން އެއްވެސް ހިދުމަތެއް ދިނުމަށް ނުވަތަ އެ ބާވަތުގެ ހިދުމަތެއް ދިނުމަށެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ

މި ގަވާއިދު ހިނގާނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ސްފާގެ ހިދުމަތްދޭ ތަންތަން.

(ށ) މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގައި ދެވޭ ސްޕާގެ ހިދުމަތްދޭ ތަންތަން.

(ނ) ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެއަރޕޯޓުތަކުގައި ދެވޭސްޕާގެ ހިދުމަތްދޭ ތަންތަން.

 

5 ވަނަ މާއްދާ - ހިދުމަތް ދިނު މުގެ ހުއްދަ ނުދެވޭނެ ދާއިރާ ނުވަތަ ތަންތަން

(ހ) އަންނަނި ތަންތަ ނަކީ ސްޕާގެ ހިދުމަތް ދިނުމަށް ހުއްދަ ނުދެވޭނެ ތަންތަނެވެ.

  1. އިންޑަސްޓްރިއަލް ވިލެޖް ނުވަތަ އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަކޮށްފައިވާ ރަށްތައް ނުވަތަ ސަރަހައްދުތައް؛
  2. ވިޔަފާރީ އުސޫލުން ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތައް؛
  3. ފަޅުރަށްތައް.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓު އުޅަނދުފަހަރާއި، އެއަރޕޯޓުތަކުގައި ހިންގާ ސްޕާގެ ވިޔަފާރި ހަރަކާތްތަކުގެމައްޗަށް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރެއް ނުހިނގާނެއެވެ.

 

6 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާނެ އިދާރާ

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރާނީ މިނިސްޓްރީންނެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާސަރަހައްދުތަކުގައި ހިމެނޭ ސްޕާގެ ހިދުމަތް ދޭ ތަންތަނާ ގުޅޭ ގޮތުން މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ތަންފީޒުކުރާނީ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުންނެވެ.

 

7 ވަނަ މާއްދާ - ސްޕާގެ ވިޔަފާރި ހަރަކާތް ހިންގުމުގެ މިންގަނޑުތައް

(ހ) ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ށ) މި މާއްދާގައި ހަވާލާދީފައިވާ މިންގަނޑުތަކަކީ، މި ގަވާއިދުގެ ދަށުންރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތް ހިންގާހައި ހިނދަކު ދަމަހައްޓަންޖެހޭމިންގަނޑުތަކެކެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ4 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި، މި ގަވާއިދުގެ ޖަދުވަލު 2 ގެ (1) ވަނަ ނަންބަރު (އިމާރާތާ ގުޅޭ މިންގަނޑުތައް) ގެ (ށ) އާއި (ބ) ގައި ބަޔާންކޮށްފައިވާމިންގަނޑު ފުރިހަމަވުން ލާޒިމެއް ނޫނެވެ.

 

8 ވަނަ މާއްދާ - ކައުންސިލު ގެ ދައުރު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާސަރަހައްދުތަކުގައި ހިމެނޭ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނާ ގުޅޭގޮތުން އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން، އަންނަނިވި ކަންކަން ހިންގައި ތަންފީޒުކުރަންވާނެވެ.

  1. މި ގަވާއިދުގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ކުރިން، ސްޕާގެ ހިދުމަތްދޭ ތަނަކީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ތަނެއްތޯ އިންސްޕެކްޓް ކުރުމާއި، އެ މިންގަނޑުތަކަށް ފެތޭކަމުގެ ހުއްދަ ދިނުން؛
  2. މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށްފަހު،ސްޕާގެ ހިދުމަތް ދޭ ތަންތަނުގައި މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ޔަގީންކުރުމަށް ޓަކައި، އެންމެ މަދުވެގެން، ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު އެ ތަންތަން އިންސްޕެކްޓް ކުރުން؛
  3. މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށްފަހު،ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެނަމަ،ކަމުގެ ކުޑަބޮޑުމިނަށް ބަލައި އިސްލާހުކުރުމަށް ފުރުސަތުދިނުމަށްފަހު، އިސްލާހުކޮށްފައި ނުވާނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްފެތޭކަމުގެ ހުއްދަ ބާތިލު ކުރުން؛
  4. މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށްފަހު ވިޔަފާރި ހިންގާ ފަރާތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެނަމަ، އެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތާއި ، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުއްދަ ބާތިލުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ،މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އެންގުން.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިމެނޭ ސްޕާގެ ހިދުމަތް ދޭ ތަންތަން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާމިންގަނޑުތަކަށް ފެތޭ ތަނެއް ތޯ ބެލުމަށް، މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް އިންސްޕެކްޓްކުރުމަށްފަހު، އެ މިންގަނޑުތަކަށްފެތޭކަމުގެ ހުއްދަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކަށް ކައުންސިލުން ދޫކުރަންވާނެވެ.

 

9 ވަނަ މާއްދާ - މިނިސްޓްރީގެ ދައުރު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައިހިމެނޭ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި، މި ގަވާއިދުގެޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ފުރިހަމަ ވެފައިވޭތޯ އިންސްޕެކްޓްކޮށް، އެ މިންގަނޑުތަކަށް ފެތޭކަމުގެ ހުއްދަ ދޭނީ މިނިސްޓްރީންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިމެނޭ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާމިންގަނޑުތަކަށް ފެތޭ ތަނެއްތޯ ބެލުމަށް އިންސްޕެކްޓްކުރުމަށްފަހު، އެ މިންގަނޑުތަކަށް ފެތޭކަމުގެ ހުއްދަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާފަރާތްތަކަށް މިނިސްޓްރީން ދޫކުރަންވާނެވެ.

(ނ) މި ގަވާއިދުގެ ފަށުން އެހެން އިދާރާއަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް ފިޔަވައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ތަންފީޒުކުރާނީމިނިސްޓްރީންނެވެ.

 

10 ވަނަ މާއްދާ - ވިޔަފާރި ރަޖިސްޓަރީ ކުރުން ލާޒިމުވުން

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރިއެއް ހިންގާ ފަރާތުން އެ ވިޔަފާރި ހަރަކާތެއް ހިންގުމުގެ އެއްވެސް ކަމެއް ކުރަންވާނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ނުވަތަ ކުންފުންޏެއް، ނުވަތަ ޕާޓްނަރށިޕެއް ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.

 

11 ވަނަ މާއްދާ - ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ހަވާލާދީފައިވާ ބާވަތުގެ ހިދުމަތެއް ދޭން އެދޭ ފަރާތަކުން، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ނުވަތަ ކުންފުންޏެއް، ނުވަތަ ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރެވޭނީ،ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތް ރަޖިސްޓްރޭށަން އައުކުރުމަށް ބޭނުންވާނަމަ، ވިޔަފާރި ހަރަކާތް ރަޖިސްޓްރޭށަންގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން، ރެޖިސްޓްރޭށަން އައުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ގޮތުން ހުށަހަޅާ ހުށަހެޅުމާއެކު މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި މައުލޫމާތު ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ބިޒްނަސް ޕޯޓަލް business.egov.mv މެދުވެރިކޮށް،“Business Activity Registration “ގެ ދަށުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށް ބިޒްނަސް ޕޯޓަލްއަށް ހުށަހަޅާއިރު އިހްތިޔާރުކުރާނީ، މި ވިޔަފާރި ހަރަކާތާ ގުޅޭ ކްލެސިފިކޭށަނެވެ.

 

13 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހޭ މައުލޫމާތު

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާ ގެ ދަށުން، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރި ހަރަކާތަށް ކިޔާ ނަން؛
  2. އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި ނުވަތަ ޕާރޓްނަރށިޕްގެ ރެޖިސްޓްރޭށަން ނަންބަރު؛
  3. ތަނުން ދޭނެ ހިދުމަތްތައް؛
  4. ވިޔަފާރި ހަރަކާތް ހިންގާ ތަނުގެ އެޑްރެސް (އިމާރާތުގެ ނަން، ޔުނިޓް ނަންބަރު، ފަންގިފިލާ، މަގު، އަވަށް، ސިޓީ، އަތޮޅާއި ރަށް).
  5. ވިޔަފާރި ހަރަކާތް ހިންގާ ތަނާ ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، މުއާމަލާތު ކުރާނެ ފަރާތެއްގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް؛ 
  6. ސްޕާއިން ދޭ ވަކި ހިދުމަތަކީ ހާއްސަ ތަމްރީނެއް ލިބިފައިވާ ފަރާތަކުން ދޭންޖެހޭ ހިދުމަތެއް ކަމުގައި ވާނަމަ، އަންނަނިވި ލިޔުންތަކުގެ ތެރެއިން ލިޔުމެއް.
    6.1 ސްޕާއިން ދޭ ވަކި ހާއްސަ ހިދުމަތެއް ދިނުމަށް ހިދުމަތްދޭ ފަރާތެއްގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައި ވާނަމަ، އެ މިންގަނޑުތައް ފުރިހަމަވާކަން ބަޔާންކޮށް އެ އިދާރާއަކުން ދޫކުރާ ލިޔުން.
    6.2 ސްޕާއިން ދޭ ވަކި ހާއްސަ ހިދުމަތެއް ދިނުމަށް ހިދުމަތްދޭ ފަރާތަކީ އެކަމަށް އެކަށީގެންވާ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން. މިގޮތުން ހުށަހަޅާ ލިޔުމާއެކު، ލިޔުން ދޫކުރި އިންސްޓިޓިއުޓަކީ އެ އިންސްޓިޓިއުޓް ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން ހުއްދަ ދީފައިވާއިންސްޓްޓިއުޓެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  7. ވިޔަފާރި ނުވަތަ ހިދުމަތް ދޭ ތަން ބޭނުންކުރުމުގެ ހުއްދަ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ހޯދައި ފައިވާކަމުގެ ލިޔުން؛
  8. ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ރަށުގައި ނުވަތަ ސިޓީގައި އެ ހަރަކާތް ހިންގުމަށް ކައުންސިލުން ހުއްދަދޭކަމުގެ ލިޔުން؛
  9. ފްލޯ ޕްލޭނުގެ ކޮޕީ (ފަންކްށަނަލް އެލޮކޭށަން އެނގޭނޭހެން)؛
  10. ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުރި ކޮޓަރީގެ އަދަދާއި،އެނދުގެ އަދަދާއި، ހުރި ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކޮށްފައިވާލިޔުން؛
  11. މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭކަން ބަޔާންކޮށް މި ގަވާއިދުގެ 8 ވަނަ މާއްދާ ނުވަތަ 9 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ނުވަތަ ކައުންސިލުން ދޫކޮށްފައިވާހުއްދަ؛

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިންގާ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކުން، މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައިވާ ލިޔުން ހުށަހެޅުން ލާޒިމެއް ނޫނެވެ.

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާދާއިރާތަކުގައި ހިންގާ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކުން، މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގައިވާ ލިޔުން ހުށަހެޅުން ލާޒިމެއް ނޫނެވެ.

 

14 ވަނަ މާއްދާ - ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ނުދެވޭނެ ފަރާތްތައް

(ހ) ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފަރާތަކީ މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ވިޔަފާރިއެއް ކަމުގައި ވިޔަސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ ވިޔަފާރި ހަރަކާތެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

(ށ) ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ނުވަތަ އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން އެއްވެސް ފިޔަވަޅެއް އަ ޅައިފައިވާ ވިޔަފާރިއެއް ނުވަތަ އެ ކުންފުނީގެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔަކާ މެދު، ނުވަތަ ޑިރެކްޓަރަކާ މެދު ނުވަތަ ޕާޓްނަރަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ ނުވަތަ އެއްވެސް މައްސަލައެއްގެ ތަހުގީގު ހިނގަމުންދާނަމަ، އެ ވިޔަފާރިއަކަށް، ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

 

15 ވަނަ މާއްދާ - އިންސްޕެކްށަން އަދި ހުއްދަ ދޫކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ދިވެހިރާއްޖޭގެ ސަރަހައްދުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސްޕާގެ އެއްވެސް ވިޔަފާރި ހަރަކާތެއް، އެއްވެސް ފަރާތަކުން، މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި މިންގަނޑުތައް ފުރިހަމަވާކަން ކަށަވަރުކުރުމުގެ ގޮތުން،އަންނަނިވި އިންސްޕެކްށަންތައް މިނިސްޓްރީން ނުވަތަ ކައުންސިލުން ކުރިޔަށް ގެންދަންވާނެއެވެ.

  1. ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ކުރިން، ސްޕާގެ ވިޔަފާރި ހަރަކާތް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ހިންގާ އިންސްޕެކްށަން؛
  2. ސްޕާގެ ވިޔަފާރި ހަރަކާތް ހިންގަނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ ރޫޓިންގ އިންސްޕެކްށަން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، މިނިސްޓްރީން ހިންގާ އިންސްޕެކްށަންތައް ފުރިހަމަކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭނަމަ، އެފަދައިން ބަޔާންކޮށްފައިވާލިޔުމެއް ދޫކުރަންވާނެއެވެ. އަދި މިގޮތުން ދޫކުރާ ލިޔުމުގައި، އިންސްޕެކްޓްކުރި ފަރާތުގެ ނަމާއި، މަގާމާއި، ތާރީހާއި، މިނިސްޓްރީގެ ތައްގަނޑުހިމަނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ކައުންސިލުން ހިންގާ އިންސްޕެކްށަން ފުރިހަމަކޮށް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭނަމަ، އެފަދައިން ބަޔާންކޮށްފައިވާހުއްދަ، ކައުންސިލުން ހުއްދައަށް އެދުނު ފަރާތަށާއި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. މި ގޮތުން ދޫކުރާ ހުއްދައިގައި، އިންސްޕެކްޓްކުރި ފަރާތުގެ ނަމާއި، މަގާމާއި، ކައުންސިލުގެ މޭޔަރު ނުވަތަ ރައީސްގެ ސޮޔާއި،ކައުންސިލުގެ ތައްގަނޑާއި، ތާރީހު ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކައުންސިލުން ހިންގާ ރޫޓީން އިންސްޕެކްށަންތަކުގެ ރިޕޯޓު، ކޮންމެ 3 (ތިނެއް) މަހުން އެއްފަހަރު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. އަދި މިގޮތުން ހިންގާ ރޫޓީން އިންސްޕެކްށަންގެ ތެރެއިން، ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ހިލާފުވާކަމަށް ފާހަގަކުރެވޭ ފަރާތްތަކުގެ މައުލޫމާތު،އިންސްޕެކްށަން ނިމޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނި ސްޓްރީއަށް ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ އިންސްޕެކްށަންތައް ކުރާނީ މިނިސްޓްރީންނެވެ.

 

16 ވަނަ މާއްދާ - ފީނެގުން 

(ހ) މި ގަވާއިދުގެ ދަށުން ހިންގާ އިންސްޕެކްށަންތަކަށް 1،000 (އެއްހާސް) ރުފިޔާގެ ފީއެއް ނެގިދާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން، ރަޖިސްޓަރީ ކުރެވޭ ސްޕާގެ ވިޔަފާރި ހަރަކާތްރަޖިސްޓަރީ ކުރުމަށް، ރަޖިސްޓްރޭށަން ފީއެއްގެ ގޮތުގައި 5،000 (ފަސްހާސް) ރުފިޔާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ނުވަތަ މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީއަށް ދައްކަންވާނެއެވެ. އަދި ވިޔަފާރި ހަރަކާތް ރަޖިސްޓްރޭށަން އައުކުރާ ކޮންމެ ފަހަރު 5،000 (ފަސްހާސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހިންގާ އިންސްޕެކްށަނަށް ފީއެއް ނުނެގޭނެއެވެ.

 

17 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ބިދޭސީން މަސައްކަތްކުރުން

(ހ) ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީންނަ ށް މަސައްކަތް ކުރެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައިބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގޮތުން ހަދައިފައިވާ ގަވާއިދުގައިބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި މަސައްކަތްކުރާ ބިދޭސީމުވައްޒަފުންނަކީ ސްޕާގެ ހިދުމަތްދޭ ތަނަށް ދޫކޮށްފައިވާ ކޯޓާގެ ދަށުންދޫކޮށްފައިވާ ވަރކް ޕާމިޓެއް އޮންނަ ފަރާތަކަށް ވާންވާނެއެވެ.

 

18 ވަނަ މާއްދާ -މައުލޫމާތު އަޕްޑޭޓްކުރުން 

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ހަރަކާތެއްގެ ދަފުތަރުގައިވާ އެއްވެސް މައުލޫމާތަކަށް ބަދަލު އަތުވެއްޖެނަމަ، އެ މައުލޫމާތެއްއަޕްޑޭޓް ކުރުމަށް، ނުވަތަ އަހަރަކު އެއްފަހަރު މައުލޫމާތު އަޕްޑޭޓް ކުރުމަށް mv.egov.business މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. މިގޮތުން،މައުލޫމާތު އަޕްޑޭޓް ކުރުމަށް ސުންގަޑިއެއްދީ، ދިވެހި ސަރުކާރުގެ ގެޒެޓުގައިށާއިއުކޮށް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ކަނޑައަޅައިފައިވާސުންގަޑިއަށް ހުށަހަޅައިފައިނުވާ ފަރާތްތައް 1،000 (އެއްހާސް) ރުފިޔާއިންޖޫރިމަނާ ކުރެވޭނެއެވެ.

 

19 ވަނަ މާއްދާ -ވިޔަފާރި ހަރަކާތް ހިންގުން ހުއްޓައިލުމުން ރަޖިސްޓަރީބާތިލުކުރުމަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ހަރަކާތެއް ހުއްޓައިލައިފިނަމަ، ވިޔަފާރި ހަރަކާތުގެ ރެޖިސްޓްރޭށަން ބާތިލުކޮށް ދަފުތަރުން އުނިކުރުމަށް ޓަކައި، ވިޔަފާރި ހަރަކާތް ހުއްޓައިލާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެ ވިޔަފާރިއަކުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކަނޑައަ ޅައިފައިވާ ސުންގަޑިއަށް ވިޔަފާރި ބާތިލުކުރުމަށް ހުށަހަޅައިފައިނުވާ ފަރާތްތައް 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - ވަނަ މާއްދާ - ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ކުރުން މުޅިން މަނާ ކަންކަމާއި ދިނުން މަނާ ހިދުމަތްތައް

ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި އަންނިވި ބާވަތުގެ ފަރުވާއެއް ދިނުމަކީ ނުވަތަ ހިދުމަތެއް ދިނުމަކީ ނުވަތަ ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ހ) ހަމުގެ ބަލިތަކަށް ފަރުވާދިނުން.

(ށ) ލެބޯރެޓަރީ ޓެސްޓު ހެދުމާއި، އެކްސްރޭގެ ހިދުމަތް ދިނުން.

(ނ) އެސިޑު ނުވަތަ މެށިން ބޭނުންކޮށްގެން ހަމަށް އެއްވެސް ފަރުވާއެއް ދިނުން.

(ރ) ބިހި ނުވަތަ ލަކުނު ނުވަތަ އުން ނައްތައިލުމާއި، އެފަދަ ފަރުވާއަކަށް އެއްވެސް ބާވަތެއްގެ ސާރޖިކަލް ހިދުމަތެއް ދިނުން.

(ބ) ސިއްހީ އެއްވެސް ހިދުމަތެއް ނުވަތަ އޮޕަރޭށަނުގެ ހިދުމަތެއް ދިނުން.

(ޅ) ހަށިގަނޑުގެ އެތެރެއަށް ނުވަތަ ދެހަންދޭތެރެއަށް މާއްދާއެއް އެތެރެވާނޭފަދަގޮތަކަށް ނުވަތަ ނޮން -އިންވޭސިވް ޓްރީޓްމަންޓަކަށް ނުވާގޮތަކަށް، ސިއްހީ ހިދުމަތް ދިނުމަށް ހުއްދަދޭ ފަރާތުގެ ހުއްދަނެތް ފަރާތަކުން ، މިފަދަ ހިދުމަތެއް ދިނުން.

(ކ) މި ގަވާއިދުގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގެ ވަޒީފާގައި ސްޕާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަރކް ޕާމިޓް ނެތް ބިދޭސީން ގެންގުޅުން.

(އ) ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގެ ތެރޭގައި ނުވަތަ އެ ތަނަށް ވަންނަން ބޭނުންކުރާ މައިދޮރުން ވަދެވޭ ގޮތަށް ހުންނަ ސަރަހައްދެއްގައި މީހުންދިރިއުޅުމާއި ނިދުމާއި ކެއިންބުއިން ފަދަ ކަންކަން ކުރުން.

(ވ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ދައުލަތުގެ އެހެން އިދާރާއެއްގެ ހުއްދަ ލިބިގެން މެނުވީނުދެވޭނެ ހިދުމަތެއް، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުއެއްވެސް އަމަލެއް ހިންގުން.

 

21 ވަނަ މާއްދާ - އިސްތިހާރު ކުރުން 

(ހ) ދިވެހިރާއްޖޭގައި ހިންގާ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނަކުން ދޭ
ހިދުމަތަކާބެހޭ މައުލޫމާތު ނުވަތަ އެ ހިދުމަތެއްގެ ވީޑިއޯ ނުވަތަ ފޮޓޯ މީސް މީޑިއާގެ އެއްވެސް ޒަރީއާއެއް މެދުވެރިކޮށް، އަންނަނިވި މިންގަނޑުތަކާ ހިލާފަށް އިސްތިހާރުމަކީ މަނާކަމެކެވެ.

  1. ގާނޫނު ނަންބަރު 2020-12 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އާ ހިލާފަށް އިސްތިހާރުކުރުން؛
  2. މުޖުތަމައުގެ އަދަބު އަހްލާގުގެ މިންގަނޑުކަމަށް އާންމުގޮތެއްގައިގަބޫލުކުރާ މިންގަނޑުތަކާ ހިލާފަށް އިސްތިހާރުކުރުން؛
  3. އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިށާރާތާއި އަޑުއިސްތިހާރުގައި ބޭނުންކުރުން ނުވަތަ ދެއްކުން؛
  4. ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަން އިސްތިހާރު ކުރުމުގައި އެއްވެސް މީހަކު ހިމެނުން ނުވަތަ ދެއްކުން؛
  5. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކާއި ނުވަތަ ގަވާއިދަކާ ހިލާފު އިސްތިހާރު ކުރުން.

(ށ) ސްޕާގެ ވިޔަފާރި ހަރަކާތުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ސްޕާގެ ނުވަތަ ސްޕާއިން ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭ ގޮތުން އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯ އަމިއްލަ ހައިސިއްޔަތުން ނަމަވެސް މީސްމީޑިއާގައި އާންމުކުރުމަކީ މަނާކަމެކެވެ.

 

22 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން 

(ހ) ސްޕާގެ ވިޔަފާރި ހަރަކާތާ ގުޅޭގޮތުން ނުވަތަ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނަކާ ގުޅޭގޮތުން ށަކުވާ ހުށަހަޅާނީ މިނިސްޓްރީއަށެވެ. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން

ހުށަހެޅޭ ށަކުވާއެއް ނުވަތަ ލިބޭ މައުލޫމާ ތަކާ ގުޅިގެން ކުރަންޖެހޭ އިންސްޕެކްށަންތައް ކުރާނީ،މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

23 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސްޕާގެ ވިޔަފާރި ހަރަކާތެއް، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަކާ ނުލައި އެއްވެސް ފަރާތަކުން ހިންގައިފިނަމަ، އެ ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެ ވިޔަފާރިއެއް ވަގުތުން ހުއްޓައިލުމަށް އެންގުމުގެ އިހްތިޔާރު ރެޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތެއް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން ރަޖިސްޓަރީކުރުމަށްފަހު، އެ ވިޔަފާރި ހަރަކާތް ހިންގުމުގައި، މި ގަވާއިދާ ނުވަތަ މި ގަވާއިދުގެ ޖަދުވަލެއްގައި ކަނޑައަޅައިފައިވާ ށަރުތަކާ ނުވަތަ މިންގަނޑަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އަންނަނިވި ފިޔަވަޅުތައް އެ ފަރާތަކާމެދު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މި ގޮތުން ފިޔަވަޅު އެޅުމުގައި، އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެޅުމަށް ހުރަހެއް ނެތެވެ.

  1. ވަކި މުއްދަތެއްގެ ތެރޭގައި އިސްލާހުކުރުމަށް އެންގުން؛
  2. ސްޕާގެ ވިޔަފާރި ހަރަކާތް ޖޫރިމަނާކުރުން؛
  3. ވިޔަފާރި ހަރަކާތް ރަޖިސްޓްރޭށަން ބާތިލުކުރުން؛
  4. ވިޔަފާރި ހަރަކާތް ހިންގާ ތަން ވަގުތުން ބަންދުކުރުމަށް އެންގުން.

(ނ) މި މާއްދާގެ (ށ) ގެ (2) ނަންބަރުގެ ދަށުން ޖޫރިމަނާ ކަނޑައަޅާނީ، ގާނޫނާއި ގަވާއިދާ ހިލާފަށް ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ހިންގައިފިނަމަ، 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން؛
  2. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރައްކައުތެރިކަމުގެ މިންގަނޑުތަކާއި އިމާރާތާ ގުޅޭ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާއި، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތައް 8،000 (އަށްހާސް) ރުފިޔާއާއި، 10،000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުވައްޒަފުންނާ ގުޅޭ މިންގަނޑުތަކާއި، ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާހިލާފުވާ ފަރާތްތަކާއި، އިސްލާހުކުރަން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާއި، ތަކުރާރުކޮށް މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް، 6،000 (ހަހާސް) ރުފިޔާއާއި 8،000 (އަށްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  4. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި
    ހިދުމަތް ދިނުމުގައި ބޭނުންކުރާ އާލާތްތަކާ ގުޅޭ މިންގަނޑުތަކާހިލާފުވާ ފަރާތްތައް، 4،000 (ހަތަރުހާސް) ރުފިޔާއާއި 6،000 (ހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  5. ވިޔަފާރީގެ އުސޫލުން ވިއްކާ ތަކެއްޗާ ގުޅޭ ގޮތުން މި ގަވާއިދުގައިކަނޑައެޅިފައިވާ މިންގަނޑާ ހިލާފުވާ ފަރާތްތައް، 1،000 (އެއްހާސް) ރުފިޔާއާއި 4،000 (ހަތަރުހާސް) ރުފިޔާއާ ދެމެދުގެއަދަދަކުން ޖޫރިމަނާކުރުން؛
  6. މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގަވާއިދާހިލާފުވާ ފަރާތްތައް 2،000 (ދެހާސް) ރުފިޔާއާއި 7،000 (ހަތްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ރ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެކަމަށް ރެޖިސްޓްރާރއަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ޖޫރިމަނާކޮށް، މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ސްޕާގެ ހިދުމަތްދޭ ވިޔަފާރިއެއް ވަގުތުން ހުއްޓައިލުމަށް އެންގުމުގެ ބާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. މި ގޮތުން ބަންދުކުރާ ވިޔަފާރިއެއް ނުވަތަ އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔަކަށް، ނުވަތަ ޑިރެކްޓަރަކަށް ނުވަތަ ޕާޓްނަރަކަށް ސްޕާގެ ވިޔަފާރި ހަރަކާތެއް އަލުން ރަޖިސްޓަރީކޮށްދެވޭނީ، 5 (ފަހެއް) އަހަރުދުވަހުގެ ފަހުންނެވެ.

  1. މި ގަވާއިދާ ހިލާފަށް ސްޕާގެ ވިޔަފާރި ހަރަކާތް އިސްތިހާރުކުރުން؛
  2. މި ގަވާއިދުގެ ޖަދުވަލު 2 ގެ (1) ވަނަ ނަންބަރުގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސްޕާގެ ހިދުމަތް ދޭ ތަނުގެރިސެޕްށަން ސަރަހައްދާއި ކޮރިޑޯގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައި ނެތުން، ނުވަތަ އެ ކެމެރާތަކުގެ ފުޓޭޖް މެދުކެނޑިފައިވުން، ނުވަތަ ފާއިތުވި 6 (ހައެއް) މަސްދުވަހުގެ މެދުކެނޑުމެއް ނެތް ފުޓޭޖް ނެތުން؛
  3. ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ބަދު އަހްލާގީ އަމަލެއް ހިންގުން؛
  4. ސްޕާގެ ވިޔަފާރި ހަރަކާތް ބަންދުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރެޖިސްޓްރާރއަށް ގަބޫލުކުރެވުން.

(ބ) ސްޕާގެ ހިދުމަތް ދިނުމުގެ ހަރަކާތުގެ ރަޖިސްޓްރޭށަން މިނިސްޓްރީން ބާތިލުކުރާ ހާލަތުގައި އަލުން ހުއްދަ ދޫކުރެވޭނީ، މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން އަލުން ހަރަކާތް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުން، މި ގަވާއިދުގައިވާ ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ޅ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމަލު ހިންގައިފިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް މިނިސްޓްރީއަށް ގަބޫލުކުރެވިފައި، އެ އަމަލު ހިންގިފަރާތަކީ ބިދޭސީއެއްނަމަ، އެ ފަރާތުގެ ވަރކް ޕާމިޓް ބާތިލުކުރުމުގެ އިހްތިޔާރާއި ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިންގޭ ސްޕާގެ ހިދުމަތްދޭ ތަންތަން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ނުފެތޭނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އިސްލާހުކުރުމަށް އެންގުމުގެ ބާރުމިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތުން އަންގާ އިސްލާ ހުކުރުމުގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާނަމަ، ނުވަތަ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކުރާނަމަ، މިންގަނޑުތަކާ ހިލާފުވެފައިވާ މިންވަރަށްރިއާޔަތްކޮށް، އިތުރު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިންގޭ ސްޕާގެ ހިދުމަތް ދޭ ތަންތަން މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާމިންގަނޑުތަކަށް ނުފެތޭނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާގޮތުގެ މަތީން އިސްލާހުކުރުމަށް އެންގުމުގެ ބާރު ކައުންސިލަށްލިބިގެންވެއެވެ. އަދި މިގޮތުން އަންގާ އިސްލާހުކުރުމުގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާނަމަ، ނުވަތަ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކުރާނަމަ، އިތުރު ފިޔަވަޅު އެޅުމަށް ޓަކައި މިނިސްޓްރީއަށް ފޮނުވުމަށް ނުވަތަ މިންގަނޑުތަކާ ހިލާފުވެފައިވާ މިންވަރަށް ރިއާޔަތްކޮށް ކައުންސިލުން ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - މި ގަ ވާއިދަށް އަމަލުކުރަން ފަށާއިރު ހިންގަމުންގެންދާ ސްޕާގެ ވިޔަފާރި ހަރަކާތްތައް

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިމެނޭ ސްޕާގެ ހިދުމަތް ދޭ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަންވާނެއެވެ. އަދި މި ގޮތުން ހުށަހަޅާ ހުށަހެޅުމަކާ މެދުގައި ވެސް، ހަރަކާތް ރަޖިސްޓަރީ ކުރުމާބެހޭ ގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގައި އަންނަނިވި މިންގަނޑުތައް ފުރިހަމަވުން ލާޒިމުވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ (ށ) އާއި (ބ) ފިޔަވައި، އެންމެހައި އަކުރުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތައް؛
  2. މި ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގެ އެންމެހައި އަކުރުތައް؛
  3. މި ގަވާއިދުގެ ޖަދުވަލު 2 ގެ 3 ވަނަ ނަންބަރުގެ އެންމެހައިއަކުރުތައް.
  4. މި ގަވާއިދުގެ ޖަދުވަލު 2 ގެ 4 ވަނަ ނަންބަރުގެ (ނ) ފިޔަވައިއެންމެހައި އަކުރުތައް.
  5. މި ގަވާއިދުގެ ޖަދުވަލު 2 ގެ 5 ވަނަ ނަންބަރުގެ އެންމެހައިއަކުރުތައް.
  6. މި ގަވާއިދުގެ ޖަދުވަލު 2 ގެ 6 ވަނަ ނަންބަރުގެ އެންމެހައިއަކުރުތައް.
  7. މި ގަވާއިދުގެ ޖަދުވަލު 2 ގެ 7 ވަނަ ނަންބަރުގެ އެންމެހައި އަކުރުތައް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ރަޖިސްޓަރީކުރެވޭ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނެއްގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަކޮށް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅައިފައިވާ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނަކާ ގުޅިގެން މި މާއްދާގެ

(ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި އަމަލުކޮށްފައި ނުވާނަމަ، އެ ފަރާތެއްގެ ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރޭށަން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

26 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެ ސްފައިވާ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅައިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ރެޖިސްޓްރާރ" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ރެޖިސްޓްރާރ އޮފް ބިޒްނަސަސް" އަށެވެ.

(ރ) "ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، "ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު" ގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ޓޫރިސްޓު އުޅަނދު ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ އުޅަނދަށެވެ.

(ބ) "ޓޫރިސްޓް ހޮޓާ" ކަމަށް ބުނެފައި އެވަނީ، "ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާބެހޭ ގަވާއިދު" ގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނަށެވެ .

(ޅ) "ޓޫރިސްޓް ގެސްޓުހައުސް" ކަމަށް ބުނެފައި އެވަނީ، "ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު" ގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނަށެވެ

(ކ) "ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ޓޫރިސްޓް ރިޒޯޓް ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނަށެވެ.

(އ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދައި ފައިވާ ރަށު ކައުންސިލާއި ސިޓީ ކައުންސިލަށްނިސްބަތްކޮށެވެ.

(ވ) "މީސްމީޑިއާ" ކަމަށް ބުނެފައި އެވަނީ، ސޯށަލް މީޑިއާގެ ޕްލެޓް ފޯމްތައް ވެސް ހިމެނޭގޮތުންނެވެ.

 

ޖަދުވަލު 2

ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނާއި ހިދުމަތުގެ ފެންވަރާ ގުޅޭ މިންގަނޑުތައް 

 

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ސްޕާގެ ވިޔަފާރި ހަރަކާތްތަކުގައި އަންނަނިވި މިންގަނޑުތައް
ފުރިހަމަވާން ވާނެއެވެ.

1 ވަނަ މާއްދާ - އިމާރާތާ ގުޅޭ މިންގަނޑުތައް 

(ހ) ދިވެހިރާއްޖޭގައި ހިންގާ ސްޕާގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަ ކާތް ހިންގާ އިމާރާތްތައް، އިމާރާތްކޮށްފައި ހުންނަންވާނީ، އިމާރާތްކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ މިންގަނޑަށެވެ.

(ށ) ސްޕާގެ ހިދުމަތްދޭ ތަން ހުންނަ އިމާރާތުގައި އެހެން ވިޔަފާރި ހަރަކާތެއް ހިންގާނަމަ، ސްޕާގެ ހިދުމަތް ދޭ ތަނަށް ވަދެނުކުމެވާ ދޮރު ރަނގަޅަށް އެނގޭނޭހެން އެ ތަނުގެ ބޭރުގައި ފާހަގަކޮށްފައި ހުންނަންވާނެއެވެ.

(ނ) ސްޕާގެ ހިދުމަތްދޭ ތަން ހުންނަ އިމާރާތުގައްޔާއި ހިދުމަތް ދޭ ތަނުގެ ބޭރުގައި އެ ތަނުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. އަދި "ރަޖިސްޓަރޑް ސްޕާ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

(ރ) ސްޕާގެ ހިދުމަތް ދޭ ތަނުގައި، ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހިދުމަތެއް ހޯދުމުގެ ކުރިން އިށީނދެ ތިބޭނެ ވެއިޓިންގ އޭރިއާ ހިމެނޭހެން ރިސެޕްށަން ސަރަހައްދެއް ހުންނަންވާނެއެވެ.

(ބ) ސްޕާގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ކޮޓަރިތައް ހުންނަންވާނީ،ރިސެޕްށަން އޭރިއާއިން ވަދެނުކުމެވޭ ގޮތަށެވެ.

(ޅ) ސްޕާގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ކޮޓަރިތައް ހުންނަންވާނީ، ހިދުމަތްދޭ ވަގުތު، ތިންވަނަ ފަރާތަކަށް ނުވަދެވޭނޭހެން ދޮރެއް ނުވަތަ ޕާޓީށަނަކުން ބަންދުކޮށްފައެވެ. އަދި ކޮޓަރިތަކުގައި، ތަޅު ނުވަތަ ތަންޑު އަދި ތަޅުލުމަށް ނުވަތަ ތަންޑުލުމަށް ބޭނުންކުރާ އާލާތެއް ހަރުކޮށްފައި ހުރެގެން ނުވާނެއެވެ.

(ކ) ސްޕާގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ކޮޓަރިން ހިދުމަތް ދެމުންގެންދާކަން ނުވަތަ ނޫންކަން އެނގޭނެ ފަދައިން، ދޮރުގައި ނިށާނެއް ހަރުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިފައި ހުންނަންވާނެއެވެ.

(އ) ސްޕާގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ކޮޓަރިތަކުގައި ހިދުމަތް ދިނުމަށް ޓަކައި ބަހައްޓާ އެނދު ވާންވާނީ އެކަމަށް ހާއްސަކޮށްފައިވާ އެނދަކަށެވެ. އަދި ކޮޓަރިއެއްގައި 1 (އެކެއް) އެނދަށްވުރެ ގިނަ އެނދު ބަހައްޓާނަމަ، ދެ އެނދު ދެމެދުގައި 3 (ތިނެއް) ފޫޓުގެ ދުރުމިނެއް ކަނޑައަޅައި، ކޮންމެ އެނދެއް ހުންނަ ސަރަހައްދެއް ޕާޓިށަނަކުން ވަކިކޮށްފައިހުންނަންޖެހޭނެއެވެ.

(ވ) ސްޕާގެ ހިދުމަތްދޭ ތަނަކީ ބަންދުކޮށްފައިވާ ތަނެއްނަމަ، އެ ތަނެއް ހުންނަންވާނީ، އެއަރކޮންޑިށަން ކޮށް، އެކަށީގެންވާ ރަނގަޅު ފިނިހޫނު މިނެއްގައެވެ.

(މ) ސްޕާގެ ހިދުމަތް ދޭ ތަނުގެ ރިސެޕްށަން ސަރަ ހައްދާއި ކޮރިޑޯ އާއި ހިދުމަތް ދޭ ކޮޓަރިތައް ހުންނަންވާނީ، އެކަށީގެންވާ މިންވަރަށް ލައިޓް ހަރުކޮށް،އަލިކޮށްފައެވެ.

(ފ) ސްޕާގެ ހިދުމަތް ދޭ ތަނުގައި ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ސާމާނު ބެހެއްޓުމަށް ޓަކައި، ތަޅުލެވޭގޮތަށް ލޮކަރު ބަހައްޓައިފައި ހުންނަންވާނެއެވެ.

(ދ) ސްޕާގެ ހިދުމަތް ދޭ ތަނުގެ ރިސެޕްށަން ސަރަހައްދާއި ކޮރިޑޯގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. މި ކެމެރާތަކަކީ އެއްވެސް ވަގުތެއްގައި ނިއްވައިފައި ހުރެގެންވާނެ ކެމެރާތަކެއް ނޫނެވެ. އަދި ކެމެރާތަކުގެ ރިކޯޑިންގ، މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން ބަހައްޓަންވާނެއެވެ. މީގެ އިތުރުން، ދައުލަތުގެ ތަހުގީގީ އިދާރާއެއްގެ ބޭނުމަށް މިފަދަ ރިކޯޑިންގއަކަށް އެދިއްޖެނަމަ، ސްޕާގެ ހިދުމަތް ދޭ ތަނުގެ މެނޭޖްމަންޓުން،އެ ރިކޯޑިންގ ވަގުތުން ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ތ) ސްޕާގެ ހިދުމަތް ދޭ ތަނުގައި، ހިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންކުރުމަށް އެކަށީގެންވާ ވަސީލަތްތަކާއެކު ފާހާނާ ހުންނަންވާނެއެވެ.

(ލ) ސްޕާގެ ހިދުމަތް ދޭ ތަނުގައި، ތަނުގެ ހިދުމަތް ހޯދަން އަންނަ މީހުންނަށް ރައްކައުތެރި ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެވެ.

 

2 ވަނަ މާއްދާ - ރައްކައުތެރިކަމުގެ މިންގަނޑުތައް

(ހ) ސްޕާގެ ހިދުމަތް ދޭ ތަނަކުން ހިދުމަތް ހޯދާ ފަރާތަކަށް، އެ ތަނަކީ ރައްކައުތެރިކަމާއި ސަލާމަތްތެރި ތަނެއްކަން، ތަނުގެ ވެރިފަރާތުން ކަށަވަރު ކުރަންވާނެއެވެ. މިގޮތުން ސްޕާގެ ހިދުމަތް ދޭންވާނީ، މި ގަވާއިދާއި އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގައި ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭގޮތުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ސްޕާގެ ހިދުމަތް ދޭ ތަނުގައި ފަސްޓު އެއިޑް ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. މިގޮތުން ތަނުގެ ހިދުމަތް ދޭ ހުރިހައި ވަގުތެއްގައި ވެސް ފަސްޓް އެއިޑް ސެޓިފައިޑް މުވައްޒަފުން ނުވަތަ މުވައްޒަފަކު ހުންނަންވާނެއެވެ.

(ނ) ސްޕާގެ ހިދުމަތް ދޭ ތަނުގެ އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހިނދެއްގައި ބޭނުންކުރެވޭނޭހެން އަލިފާންނިވާ ފުޅިއާއި، ބްލޭންކެޓް ފަދަ އާލާތްތައް، ކުއްލި ހާލަތުގައި ބޭނުންކުރެވޭނޭހެން ހަރުކޮށްފައި ނުވަތަ ބަހައްޓައިފައި ހުންނަންވާނެއެވެ.

(ރ) ސްޕާގެ ހިދުމަތް ދޭ ތަނުގެ ފަޔަރ އެސްކޭޕް ޕްލޭނާއި ކުއްލިހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ތައްޔާރުކޮށް، މި ޕްލޭންތަކާއި އެމަރޖެންސީ ނަންބަރުތައް، ތަނަށް ވަދެނުކުމެވާ އެންމެހައި ފަރާތްތަކަށް ފެންނާނޭހެން ރިސެޕްށަން އޭރިއާގައި ހަރުކޮށް ފައި ހުންނަންވާނެއެވެ.

(ބ) މި ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވާ ޕްލޭންތަކަށް މުވައްޒަފުން އަހުލުވެރިވެފައިވާކަން ކަށަވަރުކުރުމާއެކު، އަލިފާނުގެ ހާދިސާއެއް ނުވަތަ ކުއްލިހާލަތެއް ދިމާވެއްޖެނަމަ، އެކަމުން ސަލާމަތްވުމަށް ބޭނުންކުރާނެ އާލާތައް ބޭނުންކުރުމުގެ ތަމްރީނު، ގަވާއިދުން މުވައްޒަފުންނަށް ދޭންވާނެއެވެ.

(ޅ) ސްޕާގެ ހިދުމަތް ދޭ ތަން ފަރުމާކޮށްފައި ހުންނަންވާނީ، ކުއްލި ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ފަސޭހައިން ނުކުމެވޭ ގޮތަށެވެ. އަދި ސްޕާގައި ފެން ބޭނުންކުރާ ސަރަހައްދުތައް ފަރުމާކޮށްފައި ހުންނަންވާނީ، ނޮން-ސްލިޕް ނުވަތަ ކައްސާލައިގެން ނުވެއްޓޭނެ ފަދަ ގޮތަށެވެ.

(ކ) ސްޕާގެ ހިދުމަތްދޭ ތަނުގައި ފިނިހޫނުމިން އެކަށީގެންވާ މިނެއްގައި ދެމެހެއްޓުމަށް ޓަކައި، މޮނިޓަރިންގ ސިސްޓަމެއް ގާއިމުކުރަންވާނެއެވެ. މިގޮތުން، ހިދުމަތް ހޯދާ ފަރާތްތަކަށް ތާމަލް ސްޓްރެސް ލިބިދާނެކަމަށް ބެލެވޭ ތަންތަންކަމުގައި ބެލެވޭ، ވާރލްޕޫލްއާއި ހޮޓް ސްޓޯން ހީޓަރު ފަދަ ތަކެތި ހުންނަ ތަންތަނުގައި މިފަދަ ސިސްޓަމްތައް ގާއިމުކުރަން ވާނެއެވެ. މީގެ އިތުރުން، ހިދުމަތް ދޭ ތަންތަނުގައި ފިނިހޫނުމިން އެނގޭނެ ފަދަ އާލާތްތަކާއި، ތާރމޯސްޓެޓް ފަދަ ސާމާނު ހަރު ކޮށް، އެ ތަކެތި ގަވާއިދުން މެއިންޓެއިންކޮށް ބަލަހައްޓަންވާނެއެވެ.

(އ) ސްޕާގެ ހިދުމަތް ދޭ ތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. ދުންފަތުގެ އިސްތިއު މާލު ކުރުމަކީ މަނާކަމެއްގެ ގޮތުގައި އަންގާ ނިށާން، ރިސެޕްށަން ސަރަހައްދާއި ހިދުމަތް ދޭ ސަރަހައްދުތަކުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

(ވ) ސްޕާގެ ހިދުމަތް ދޭ ތަންތަނުގައި ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކާއި މާއްދާތައް ބޭނުންކުރުމުގައްޔާއި ބެލެހެއްޓުމުގައި އަމަލުކުރާނެ ރައްކައުތެރިކަމުގެ އުސޫލުތައް، މުވައްޒަފުންނަށް އެނގޭނެ ބަހަކުން ލިޔެ، މުވައްޒަފުންނާ ހިއްސާކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ސާފުތާހިރުކަމުގެ މިންގަނޑުތައް 

(ހ) ސްޕާގެ ހިދުމަތްދޭ ތަން، ގަވާއިދުން ސާފުތާހިރުކޮށް ބަލަހަޓަންވާނެއެވެ. ވަކިން ހާއްސަކޮށް، ހިދުމަތް ހޯދާ ފަރާތްތަކުން، ތާމަލް އިކުއިޕްމަންޓް ނުވަތަ ފެން ބޭނުންކުރާ ސަރަހައްދުތައް ސާފުތާހިރުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

(ށ) ސްޕާގެ ހިދުމަތް ދިނުމުގައި ބޭނުންކުރާ ސާމާނު، ހިދުމަތް ލިބިގަންނަ ކޮންމެ ފަރާތަކަށް ހިދުމަތް ދިނުމަށްފަހު ، ސައިބޯނި ނުވަތަ ޑިޓާރޖަންޓް ނުވަތަ ޑިސް-އިންފެކްޓްއެއް ބޭނުންކޮށްގެން އެ ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމަށްފަހު މެނުވީ ދެވަނަ ފަރާތަކަށް ހިދުމަތް ދިނުމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ސްޕާގައި ބޭނުންކުރާ ސާމާނު ސާފުތާހިރުކުރުމާއި ސްޓެރަލައިޒް ކުރުމުގައި އަމަލުކުރާނެ އުސޫލުތައް މެނޭޖްމަންޓުން ކަނޑައަޅައި، މިފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ގަވާއިދުން ދޭންވާނެއެވެ.

(ރ) ސްޕާގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ތުވާއްޔާއި، ބެޑްކަވަރު ފަދަ ތަކެތި،ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް ހިދުމަތް ދިނުމަށްފަހު، އެހެން ފަރާތަކަށް ހިދުމަތް ދިނުމުގެ ކުރިން ބަދަލުކުރަންވާނެއެވެ.

(ބ) ކުނި އުކައިލުމަށް ޓަކައި، ކުނި އަޅައި މަތިޖަހައިފައިވާ ވަށިގަނޑެއް އެކަމަށް ހާއްސަކޮށްފައި ހުންނަންވާނެއެވެ.

 

4 ވަނަ މާއްދާ - މުވައްޒަފުންނާ ގުޅޭ މިންގަނޑުތައް 

(ހ) ސްޕާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީ ވެސް، ލިޔަންކިޔަން އެނގޭ، ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރަން އެނގޭ މުވައްޒަފުންނަށް ވާންވާނެއެވެ.

(ށ) ސްޕާއިން ދޭ ހާއްސަ ހިދުމަތްތައް ދިނުމުގައި ށާމިލުވާ މުވައްޒަފުންނަކީ، އެ ހިދުމަތަކާ ގުޅޭގޮތުން އެކަށީގެންވާ ތައުލީމާއި ތަމްރީނު ލިބިގެންވާ މުވައްޒަފުންކަން، ތަނުގެ ވެރިފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ނ) ސްޕާއިންދޭ ވަކި ހިދުމަތަކީ ހާއްސަ ތަމްރީނެއް ލިބިފައިވާ ފަރާތަކުން ދޭންޖެހޭ ހިދުމަތެއްކަމުގައި ވާނަމަ، އެ މުވައްޒަފަކީ އެ ހިދުމަތެއް ދިނުމުގެ ހާއްސަ ތައުލީމާއި ތަމްރީނު ލިބިފައިވާ މުވައްޒަފެއްކަން، މި ގަވާއިދު 13 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، ތަނުގެ ވެރިފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ރ) ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ގައިންގައިން އަރާ ބައްޔެއް ނެތް ފަރާތެއްކަން ކަށަވަރުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް

(ހ) މި ގަވާއިދުގެ ދަށުން ސްޕާގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީކުރެވޭ ވިޔަފާރި ހަރަކާތްތަކުން، ހިދުމަތް ދިނުމަށް ޓަކައި ހުއްދަ ދެވޭނީ، ހެނދުނު 8:00 އިން ފެށިގެން ރޭނގަޑު 11:00 ގެ ނިޔަލަށެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުކުރުދުވަހު ހެނދުނު 11:00 އިން ފެށިގެން މެންދުރު 2:00 ގެ ނިޔަލަށް، ސްޕާގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ ހިދުމަތް ދިނުމުގެ ވަގުތުތަކުން، ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް އުޅަނދުފަހަރާއި އެއާރޕޯޓުތަކުގައި ދެވޭ ސްޕާގެ ހިދުމަތާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގެ އިންހައުސް ގެސްޓުންނަށް ދެވޭ ސްޕާގެ ހިދުމަތްތައް އިސްތިސްނާވެގެންވެއެވެ. 

(ށ) މި ގަވާއިދާ ހިލާފުނުވާނޭ ގޮތެއްގެ މަތީން، ސްޕާއިން ދޭ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ އަގު އެނގޭނޭ ލިޔުމެއް ތައްޔާރުކޮށް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓަންވާނެއެވެ. އަދި ސްޕާއިން ހިދުމަތް ފޯރުކޮށްދިނުމުގައި، މި ލިޔުމުގައި ހިމެނިފައިނުވާ ހިދުމަތެއް ފޯރުކޮށްދިނުމަށް ހުށަހެޅުމަކީ ނުވަތަ ލިބިގަތުމަށް އެދުމަކީ މަނާކަމެވެ.

(ނ) ސްޕާގެ ހިދުމަތް ދޭ ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން، ހުރިހާ ވަގުތެއްގައި ވެސް ތިބެންވާނީ ސާފުތާހިރުކަންމަތީ، މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ޔުނިފޯމުގައެވެ.

(ރ) ސްޕާގެ ހިދުމަތް ދޭ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޔުނީފޯމުގައި، ސްޕާގެ ހިދުމަތް ދޭ ތަނުގެ ނަމާއި، ހިދުމަތް ދޭ މުވައްޒަފުގެ ނަން އެނގޭނޭހެން ހުންނަންވާނެއެވެ.

(ބ) ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، ހިދުމަތް ދިނުމުގައި، މާސްކާއި އަންގި ފަދަ ރައްކައުތެރިކަމުގެ ވަސީލަތްތައް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެ ތަކެތިބޭނުންކުރުމަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

6 ވަނަ މާއްދާ - ހިދުމަތްދިނުމަށް ބޭނުންކުރާ އާލާތްތައް

(ހ) ސްޕާގެ ހިދުމަތް ދޭ ތަނުގައި ބޭނުންކުރާ އާލާތްތައް ވާންވާނީ، ހިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންކުރަން އެކަށީގެންވާ ތަކެއްޗަށެވެ. މިފަދަ އާލާތްތައް ރައްކައުކުރުމުގައި، އެ ތަކެއްޗަށް ބޭނުންވާނެ ފިނިހޫނުމި ނާއި، ލައިޓިންގއާއި،ވެންޓިލޭށަނާއި، ސްޓޮކް ކުރުމާއި ރީ-ސްޓޮކް ކުރުމާއި، މުއްދަތު ހަމަވާ ތާރީހާއި، ލޭބަލް ކުރުމާއި، އުފައްދާ ފަރާތުގެ ލައިސަންސް ފަދަ މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

(ށ) ސްޕާގެ ހިދުމަތް ދޭ ތަނުގައި ބޭނުންކުރާ ހުރިހާ ކޮންސިއުމަބަލްއެއް ހުންނަންވާނީ ލޭބަލްކޮށްފައެވެ. މިގޮތުން، އެ އެއްޗެއްގެ ނަމާއި، މުއްދަތު ހަމަވާ ތާރީހާއި، އިންގްރީޑިއެންޓްސްއާއި، ބޭނު ންކުރާނެ ގޮތުގެ ތަފުސީލު އެނގެން އޮންނަންވާނެއެވެ.

(ނ) ސްޕާގެ ހިދުމަތް ދޭ ތަނުގައި ބޭނުންކުރާ ތަކެއްޗަކީ ބޭނުންކުރުމަށް ރަނގަޅު އަދި ސަލާމަތީގޮތުން އެކަށޭނަ ތަކެތިކަން ކަށަވަރު ކުރަންވާނެއެވެ.

(ރ) ސްޕާގެ ހިދުމަތް ދޭ ތަނުގައި ބޭނުންކުރާ ތަކެތި ބޭނުންކުރުމުގެ ކުރިން، އެ ތަކެތި ބޭނުންކުރުމުގެ މުއްދަތު ހަމަނުވާކަން ޔަގީންކުރަން ވާނެއެވެ.

 

7 ވަނަ މާއްދާ - ވިޔަފާރީގެ އުސޫލުން ވިއްކާ ތަކެތި

(ހ) ސްޕާގެ ހިދުމަތް ދޭ ތަނެއްގައި ވިޔަފާރި އުސޫލުން އެއްވެސް އެއްޗެއް ވިއްކަންވާނީ، އެކަމަށް ބޭނުންވާ ހުއްދަ، ކަމާބެހޭ ފަރާތުން ނެގުމަށްފަހުގައެވެ. އަދި އެފަދަ ތަކެތި ވިއްކުމުގެ ހުއްދަ ލިބިފައިވާކަމުގެ ލިޔުން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނޭހެން ހުންނަންވާނެއެވެ.

(ށ)  ސްޕާގެ ހިދުމަތުގެ އިތުރުން، ވިޔަފާރީގެ އުސޫލުން އެއްވެސް އެއްޗެއް ވިއްކާނަމަ، ގާނޫނު ނަންބަރު 2020-12 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-74)

 

މައި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު