-

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-74) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-81)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 ފެބުރުއަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2023-74 (ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ނ) އިންޓަގްރޭޓަޑް ޓޫރިޒަމަށް ތަރައްގީކޮށްފައިވާ ތަންތަނާއި، ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެއަރޕޯޓުތަކުގައި ސްޕާގެ ހިދުމަތްދޭ ތަންތަން.

(ރ) މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކުގައި ސްޕާގެ ހިދުމަތްދޭ ތަންތަން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިދުމަތް ދިނުމުގެ ހުއްދަ ނުދެވޭނެ ދާއިރާ ނުވަތަ ތަންތަން 5.

އަންނަނިވި ތަންތަނަކީ ސްޕާގެ ހިދުމަތް ދިނުމަށް ހުއްދަ ނުދެވޭނެ ތަންތަނެވެ.

(ހ) އިންޑަސްޓްރިއަލް ވިލެޖް ނުވަތަ އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަކޮށްފައިވާ ރަށްތައް ނުވަތަ ސަރަހައްދުތައް.

(ށ) ވިޔަފާރީ އުސޫލުން ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތައް.

(ނ) ފަޅުރަށްތައް.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.

ސްޕާގެ ވިޔަފާރި ހަރަކާތް ހިންގުމުގެ މިންގަނޑުތައް 7.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ހުންނަންވާނެކަމަށް މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ނ) މި މާއްދާގައި ހަވާލާދީފައިވާ މިންގަނޑުތަކަކީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތް ހިންގައިހައި ހިނދަކު ދަމަހައްޓަންޖެހޭ މިންގަނޑުތަކެކެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

މިނިސްޓްރީގެ ދައުރު 9.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި ހިމެނޭ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ފުރިހަމަވެފައިވާ މިންވަރު ބަލަން ޖެހިއްޖެ ހިނދެއްގައި އިންސްޕެކްޓްކުރާނީ މިނިސްޓްރީންނެވެ.

(ށ) މި ގަވާއިދުގެ ދަށުން އެހެން އިދާރާއަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް ފިޔަވައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ތަންފީޒުކުރާނީ މިނިސްޓްރީންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހްކޮށް، އެ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި، މި މާއްދާގެ (ހ) ގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރެވޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި، މި މާއްދާގެ (ހ) ގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރެވޭނީ، ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތު ގެރަޖިސްޓްރޭށަން އައުކުރުމަށް ބޭނުންވާނަމަ، ވިޔަފާރި ހަރަކާތުގެރަޖިސްޓްރޭށަނުގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން، ރަޖިސްޓްރޭށަން އައުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހޭ މައުލޫމާތު 13.

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި، ސްޕާގެ ވިޔަފާރި ހަރަކާތް ހިންގުމަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރި ހަރަކާތަށް ކިޔާ ނަން؛
  2. އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި ނުވަތަ ޕާޓްނަރށިޕްގެ ރެޖިސްޓްރޭށަން ނަންބަރު؛
  3. ތަނުން ދޭނެ ހިދުމަތްތައް؛
  4. ވިޔަފާރި ހަރަކާތް ހިންގާ ތަނުގެ އެޑްރެސް (އިމާރާތުގެ ނަން، ޔުނިޓް ނަންބަރު، ފަންގިފިލާ، މަގު، އަވަށް، ސިޓީ، އަތޮޅާއި ރަށް)؛
  5. ވިޔަފާރި ހަރަކާތް ހިންގާ ތަނާ ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، މުއާމަލާތު ކުރާނެ ފަރާތެއްގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް؛
  6. ސްޕާއިން ދޭ ވަކި ހިދުމަތަކީ ހާއްސަ ތަމްރީނެއް ލިބިފައިވާ ފަރާތަކުން ދޭންޖެހޭ ހިދުމަތެއް ކަމުގައި ވާނަމަ، އަންނަނިވި ލިޔުންތަކުގެ ތެރެއިން ލިޔުމެއް.
    6.1 ސްޕާއިން ދޭ ވަކި ހާއްސަ ހިދުމަތެއް ދިނުމަށް ހިދުމަތްދޭ ފަރާތެއްގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައިވާނަމަ، އެ މިންގަނޑުތައް ފުރިހަމަވާކަން ބަޔާންކޮށް އެ އިދާރާއަކުން ދޫކުރާ ލިޔުން.
    6.2 ސްޕާއިން ދޭ ވަކި ހާއްސަ ހިދުމަތެއް ދިނުމަށް ހިދުމަތްދޭ ފަރާތަކީ އެކަމަށް އެކަށީގެންވާ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން. މިގޮތުން ހުށަހަޅާ ލިޔުމާއެކު، ލިޔުން ދޫކުރި އިންސްޓިޓިއުޓަކީ އެ އިންސްޓިޓިއުޓް ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން ހުއްދަ ދީފައިވާ އިންސްޓިޓިއުޓެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  7. ވިޔަފާރި ނުވަތަ ހިދުމަތް ދޭ ތަން ބޭނުންކުރުމުގެ ހުއްދަ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ހޯދައިފައިވާކަމުގެ ލިޔުން؛
  8. ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ރަށުގައި ނުވަތަ ސިޓީގައި އެ ހަރަކާތް ހިންގުމަށް ކައުންސިލުން ހުއްދަދޭކަމުގެ ލިޔުން؛
  9. ފްލޯ ޕްލޭނުގެ ކޮޕީ (ފަންކްށަނަލް އެލޮކޭށަން އެނގޭނޭހެން)؛
  10. ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުރި ކޮޓަރީގެ އަދަދާއި، އެނދުގެ އަދަދާއި، ހުރި ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކޮށްފައިވާ ލިޔުން؛
  11. މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭކަން ބަޔާންކޮށް މި ގަވާއިދުގެ 8 ވަނަ މާއްދާ ނުވަތަ 9 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ނުވަތަ ކައުންސިލުން ދޫކޮށްފައިވާ ހުއްދަ؛

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިންގާ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކުން، މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގައިވާ ލިޔުން ހުށަހެޅުން ލާޒިމެއް ނޫނެވެ.

(ނ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އާއި

(ރ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގުމަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރި ހަރަކާތަށް ކިޔާ ނަން؛
  2. އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި ނުވަތަ ޕާޓްނަރށިޕްގެ ރެޖިސްޓްރޭށަން ނަންބަރު؛
  3. ވިޔަފާރި ހަރަކާތް ހިންގާ ތަނުގެ އެޑްރެސް؛
  4. މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭކަން ބަޔާންކުރާ އިގުރާރު.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންސްޕެކްށަން އަދި ހުއްދަ ދޫކުރުން 15.

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސްޕާގެ އެއްވެސް ވިޔަފާރި ހަރަކާތެއް، އެއްވެސް ފަރާތަކުން، މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާސަރަހައްދުތަކުގައި ހިންގާ ސްޕާގެ ވިޔަފާރި ހަރަކާތް އިސްތިހާރުކުރުމުގައި އަމަލުކުރަންޖެހޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ހިންގޭ ސްޕާގެ ހިދުމަތްދޭ ތަންތަން، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ނުފެތޭނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އިސްލާހުކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތުން އިސްލާހުކުރުމަށް އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާނަމަ، ނުވަތަ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކުރާނަމަ ،މިންގަނޑުތަކާ ހިލާފުވެފައިވާ މިންވަރަށް ރިއާޔަތްކޮށް، އިތުރު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާސަރަހައްދުތަކުގައި ހިންގާ ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގައި އަންނަނިވި މިންގަނޑުތައް ފުރިހަމަވުން ލާޒިމުވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ (ށ) އާއި (ބ) ފިޔަވައި، އެންމެހައި އަކުރުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތައް؛
  2. މި ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގެ އެންމެހައި އަކުރުތައް؛
  3. މި ގަވާއިދުގެ ޖަދުވަލު 2 ގެ 3 ވަނަ ނަންބަރުގެ އެންމެހައި އަކުރުތައް؛
  4. މި ގަވާއިދުގެ ޖަދުވަލު 2 ގެ 4 ވަނަ ނަންބަރުގެ (ނ) ފިޔަވައި އެންމެހައި އަކުރުތައް.
  5. މި ގަވާއިދުގެ ޖަދުވަލު 2 ގެ 5 ވަނަ ނަންބަރުގެ އެންމެހައި އަކުރުތައް؛
  6. މި ގަވާއިދުގެ ޖަދުވަލު 2 ގެ 6 ވަނަ ނަންބަރުގެ އެންމެހައި އަކުރުތައް؛
  7. މި ގަވާއިދުގެ ޖަދުވަލު 2 ގެ 7 ވަނަ ނަންބަރުގެ އެންމެހައި އަކުރުތައް.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 5 ވަނަ ނަންބަރުގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް 5.

(ހ) މި ގަވާއިދުގެ ދަށުން ސްޕާގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީކުރެވޭ ވިޔަފާރި ހަރަކާތްތަކުން ހިދުމަތް ދިނުމަށް ޓަކައި ހުއްދަ ދެވޭނީ، ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 ގެ ނިޔަލަށެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުކުރުދުވަހު ހެނދުނު 11:00 އިން ފެށިގެން މެންދުރު 2:00 ގެ ނިޔަލަށް، ސްޕާގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ ހިދުމަތް ދިނުމުގެ ވަގުތުތަކުން، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގެ އިންހައުސް ގެސްޓުންނަށް ދެވޭ ސްޕާގެ ހިދުމަތްތައް އިސްތިސްނާވެގެންވެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ ފަހަތަށް އަންނަނިވި ގޮތަށް ޖަދުވަލު 3 ގެ ގޮތުގައި ޖަދުވަލެއް އިތުރުކުރުން.

 

13 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ޖަދުވަލު 3 

ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރާ ސަރަހައްދުތަކުގައި ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ސްޕާގެ ވިޔަފާރި ހަރަ ކާތް ހިންގާ ތަންތަނާ އި ހިދު މަތުގެ ފެންވަރާ ގުޅޭ މިންގަ ނޑުތައް 

 

1 ވަނަ މާއްދާ - ރައްކައުތެރިކަމުގެ  މިންގަނޑުތައް 

(ހ) ސްޕާގެ ހިދުމަތް ދޭ ތަނަކުން ހިދުމަތް ހޯދާ ފަރާތަކަށް، އެ ތަނަކީ ރައްކައުތެރިކަމާއި ސަލާމަތްތެރި ތަނެއްކަން، ތަނުގެ ވެރިފަރާތުން ކަށަވަރު ކުރަންވާނެއެވެ. މިގޮތުން ސްޕާގެ ހިދުމަތް ދޭންވާނީ، މި ގަވާއިދާއި އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭގޮތުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ސްޕާގެ ހިދުމަތް ދޭ ތަނުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއެއް، ނުވަތަ ސިއްހީ ނުރައްކަލެއް އަދި މި ނޫންވެސް ކުއްލި ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، އަމަލުކުރާނެ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ނ) މި ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްލޭންތަކަށް މުވައްޒަފުން އަހުލުވެރިވެފައިވާކަން ކަށަވަރުކުރުމާއެކު، އެފަދަ ކަންކަމާ ގުޅޭ ތަމްރީނު،ގަވާއިދުން މުވައްޒަފުންނަށް ދޭންވާނެއެވެ.

(ރ) ސްޕާގެ ހިދުމަތް ދޭ ތަންތަނުގައި ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކާއި މާއްދާތައް ބޭނުންކުރުމުގައްޔާއި ބެލެހެއްޓުމުގައި އަމަލުކުރާނެ ރައްކައުތެރިކަމުގެ އުސޫލުތައް، މުވައްޒަފުންނަށް އެނގޭނެ ބަހަކުން ލިޔެ، މުވައްޒަފުންނާ ހިއްސާކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ސާފުތާހިރުކަމުގެ މިންގަނޑުތައް

(ހ) ސްޕާގެ ހިދުމަތްދޭ ތަން، ގަވާއިދުން ސާފުތާހިރުކޮށް ބަލަހައްޓަންވާނެއެވެ.

(ށ) ސްޕާގެ ހިދުމަތް ދިނުމުގައި ބޭނުންކުރާ ސާމާނު، ހިދުމަތް ލިބިގަންނަ ކޮންމެ ފަރާތަކަށް ހިދުމަތް ދިނުމަށްފަހު ، ދެވަނަ ފަރާތަކަށް ހިދުމަތް ދޭންވާނީ ސާފުކުރުމަށްފަހުގައެވެ.

(ނ) ސްޕާގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ތުވާއްޔާއި، ބެޑްކަވަރު ފަދަ ތަކެތި، ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް ހިދުމަތް ދިނުމަށްފަހު، އެހެން ފަރާތަކަށް ހިދުމަތް ދިނުމުގެ ކުރިން ބަދަލުކުރަންވާނެއެވެ.

(ރ) ކުނި އުކައިލުމަށް ޓަކައި، އެކަށިގެންވާ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

 

3 ވަނަ މާއްދާ - މުވައްޒަފުންނާ ގުޅޭ މިންގަނޑުތައް

(ހ) ސްޕާއިން ދޭ ހާއްސަ ހިދުމަތްތައް ދިނުމުގައި ށާމިލުވާ މުވައްޒަފުންނަކީ، އެ ހިދުމަތަކާ ގުޅޭގޮތުން އެކަށީގެންވާ ތައުލީމާއި ތަމްރީނު ލިބިގެންވާ މުވައްޒަފުންކަން، ތަނުގެ ވެރިފަރާތުން ކަށަވަރު ކުރަންވާނެއެވެ.

(ށ) ސްޕާގެ ހިދުމަތް ދޭ ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން، ހުރިހާ ވަގުތެއްގައި ވެސް ތިބެންވާނީ ސާފުތާހިރުކަންމަތީ، މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ޔުނިފޯމުގައެވެ.

(ނ) ސްޕާގެ ހިދުމަތް ދޭ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޔުނީފޯމުގައި، ސްޕާގެ ހިދުމަތް ދޭ ތަނުގެ ނަމާއި، ހިދުމަތް ދޭ މުވައްޒަފުގެ ނަން އެނގޭނޭހެން ހުންނަންވާނެއެވެ.

 

4 ވަނަ މާއްދާ - ހިދުމަތް ދިނުމުގަ އްޔާއިއިސްތިހާރުކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް

(ހ) މި ގަވާއިދާ ހިލާފުނުވާނޭ ގޮތެއްގެ މަތީން، ސްޕާއިން ދޭ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ އަގު އެނގޭނޭ ލިޔުމެއް ތައްޔާރުކޮށް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

(ށ) ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، ހިދުމަތް ދިނުމުގައި، މާސްކާއި އަންގި ފަދަ ރައްކައުތެރިކަމުގެ ވަސީލަތްތައް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެ ތަކެތިބޭނުންކުރުމަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ނ) ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނަކުން ދޭ ހިދުމަތަކާބެހޭ މައުލޫމާތު އިސްތިހާރުކުރަންވާނީ، ގާނޫނު ނަންބަރު 2020-12 (މުދާ ގަންނަފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އާ ހިލާފުނުވާނޭ ގޮތެއްގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ހިދުމަތްދިނުމަށް ބޭނުންކުރާ އާލާތްތައް

ސްޕާގެ ހިދުމަތް ދޭ ތަނުގައި ބޭނުންކުރާ އާލާތްތައް ވާންވާނީ، ހިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންކުރަން އެކަށީގެންވާ ތަކެއްޗަށެވެ.

 

މައި ގަވާއިދު

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-74)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-74)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު