-

ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު

(ގަވާއިދު ނަންބަރު 2023-61)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ފެބްރުއަރީ 2023 ގައި)

(މި ގަވާއިދުގެ 22 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2022-241 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން، އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ، އެ ގާނޫނުގެ 28 ވަނަ މާއްދާގެ

(ށ) ގެ ދަށުން ދެވޭ އިނާޔަތާއި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަރާތްތަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އިނާޔަތް ބަޔާންކުރާ އަދި 55 (ފަންސާސްފަހެއް) އަހަރު ނުވިކަމުގައި ވިޔަސް،ށަރަފުވެރިކަމާއެކު މަގާމުން ވަކިވެވޭނެ އުސޫލު ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ރިޓަޔަރ ވެވޭނެ ހާލަތްތައް

މި ގަވާއިދުގެ ދަށުން ރިޓަޔަރވެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން.

  1. ތައުދީބީ މައްސަލައެއްގައި ފަނޑިޔާރުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާ ފަނޑިޔާރުންނާއި، ފަނޑިޔާރެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ބަރީއަ ވުމަށް ޓަކައި ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަރާތްތައް ފިޔަވައި، ފަނޑިޔާރެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ވަޒީފާއިން ވަކިކުރާ ފަރާތްތަކާއި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތުވެސް އުފެދިފައި ނެތި، އަމިއްލަ އިހްތިޔާރުގައި ފަނޑިޔާރުކަމުގެ ވަޒީފާއިން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ށ) ގައިވާ ށަރުތުތައް ހަމަވާ ފަނޑިޔާރުންގެ ތެރެއިން މި ގަވާއިދުގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމަށް އެދޭ ފަނޑިޔާރުންނެވެ.
  2. ށަރަފުވެރިކަމާއެކު މަގާމުން ވަކިކޮށްދިނުމަށް އެދެވޭނެ ފަރާތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
    2.1 ފަނޑިޔާރުކަމުގައި 10 (ދިހައެއް) އަހަރުދުވަހު ހިދުމަތް ކޮށްފައިވާ ފަނޑިޔާރުން؛
    2.2 ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅު، ވޭތުވެދިޔަ 1( އެކެއް( އަހަރުދުވަހުގެ ތެރޭގައި އަޅައިފައިނުވާ ފަނޑިޔާރުން.
    2.3 ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި
  3. ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅު، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި އަޅައިފައިނުވާ ފަނޑިޔާރުން.

(ށ) އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރކުރުން.

- ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން، އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިޔުމަކުން ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުން ރިޓަޔަރކުރުމަށް ކަނޑައަޅާ ފަނޑިޔާރުން.

(ނ) ސިއްހީ ސަބަބަކާހުރެ މަގާމުން މުސްކުޅިކޮށްދިނުން. 

- ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސްކުޅިކުރެވޭ ފަނޑިޔާރުން މުސްކުޅިކުރެވޭނީ އަންނަނިވި ހާލަތްތަކަށް ބެލުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުން މުސްކުޅިކޮށްދިނުމަށް ކަނޑައަޅާ ފަރާތްތަކެވެ. މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރަންވާނީ،ސިއްހީ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ މަސައްކަތްތެރިންގެ ތެރެއިން އެ ބައްޔަކަށް ހާއްސަ ޑޮކްޓަރަކު ލައްވައެވެ. އަދި ބަލީގެ ދާއިރާއިން ހާއްސަ ޑޮކްޓަރަކު ނެތް ހާލަތުގައި އަމަލުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

  1. ފަނޑިޔާރަކަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)( ގެ 66 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީތަކަށް ފަހުގައިވެސް ބަލިހާލު ހުރިގޮތުން މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވުން ނުވަތަ މަގާމުގައި ހުރުމަށް ނުކުޅެދުން؛
  2. ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، ފަނޑިޔާރުކަމުގެ ހިދުމަތުގައި އުޅެނިކޮށް ދިމާވާ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމު އަދާކުރުމަށް ނުކުޅެދުން.

 

3 ވަނަ މާއްދާ - އިނާޔަތް ލިބިދެވޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން އިނާޔަތް ލިބިދެވޭނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ރިޓަޔަރ ކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަނޑިޔާރުންނަށެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ލިބިދެވޭ އިނާޔަތްތައް

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް، އަންނަނިވި އިނާޔަތްތައް ލިބިދެވޭނެއެވެ.

(ހ) އެއްފަހަރާ ދެވޭ އިނާޔަތް.

(ށ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް.

(ނ) އެހެނިހެން އިނާޔަތްތައް.

 

5 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން އިނާޔަތް ލިބުން އިސްތިސްނާވާ ފަރާތްތައް

(ހ) ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅިފައިވާ ފަނޑިޔާރުން ނުވަތަ އެ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ބަލަމުންދާ ފަނޑިޔާރުން.

(ށ( ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ފަނޑިޔާރަކު މަގާމުން މުސްކުޅިކޮށްދެވޭނީ، އެ މައްސަލައަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ގޮތެއް ނިންމުމަށް ފަހުގައެވެ.

(ނ) މި މައްދާގައި ބަޔާންކޮށްފައިވާ "ސުލޫކީ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅިފައިވާ ފަނޑިޔާރަކު" ކަމުގައި ކޮމިށަނުން ބަލާނީ، އެ ފަނޑިޔާރަކު މުސްކުޅިކޮށްދިނުމަށް އެދި ކޮމިށަނަށް ހުށަހަޅާ ތާރީހާ ހަމަޔަށް ކޮމިށަނުން އެ ފަނޑިޔާރަކާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ގެންދާނަމަ،ނުވަތަ އެ ފަނޑިޔާރަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ކޮމިށަނަށް މައްސަލައެއް ހުށަހަޅައިފައިވާ ނަމައެވެ.

(ރ) ފަނޑިޔާރަކު މަގާމުން މުސްކުޅިކޮށްދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅާ ތާރީހުގެ ފަހުން އެ ފަނޑިޔާރެއްގެ ށަކުވާއެއް ކޮމިށަނަށް ހުށަހެޅިއްޖެނަމަ،އެ ށަކުވާއެއްގެ ކުޑަބޮޑުމިނަށް ވަޒީފާ ކޮމިޓީން ބެލުމަށްފަހު ފަނޑިޔާރު މަގާމުން މުސްކުޅިކުރުމާމެދު ވަޒީފާ ކޮމިޓީން ގޮތެއް ނިންމައިފައި ކޮމިށަނަށް ހުށަހެޅުން.

 

6 ވަނަ މާއްދާ - އިނާޔަތަކާއެކު ކުރިން ވަކިކޮށްފައިވާ ފަނޑިޔާރުންގެ މުއްދަތު ބަލާނެ ގޮތް

ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން، ނުވަތަ އަލަށް ތަސްދީގުކުރާ ގާނޫނަކުން، ނުވަތަ އެހެން ސަބަބަކާހުރެވެސް، ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިކުރިއިރު ދައުލަތަށް ހިދުމަތްކޮށްފައިވާ މުއްދަތަށް، ނުވަތަ ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި،އެއްފަހަރާ ދެވޭ އިނާޔަތެއް ދައުލަތުން ދީފައިވާ ފަނޑިޔާރުން، ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނު ކޮށްފައި ވަނިކޮށް މަގާމުން މުސްކުޅިކުރާ ހާލަތުގައި، އެފަދަ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އެއްފަހަރާ ދޭ އިނާޔަތާއި މަހުންމަހަށް ދޭ އިނާޔަތް ދިނުމުގައި މުއްދަތު ބަލާނީ ތިރީގައިވާ ގޮތަށެވެ.

(ހ) އެއްފަހަރާ ދޭ އިނާޔަތް ހިސާބުކުރުމުގައި މުއްދަތު ބަލާނީ، އެ ފަނޑިޔާރަކު ފަހުން އައްޔަނުކުރި ތާރީހުން ފެށިގެން މަގާމުން މުސްކުޅިކުރުމާ ދެމެދު ހިދުމަތްކުރި މުއްދަތަށެވެ.

(ށ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރުކަމަށް އައްޔަނުކުރި މުއްދަތު ގުޅުވައި، މަގާމުން މުސްކުޅިކުރުމާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.

 

7 ވަނަ މާއްދާ - އެއްފަހަރާ ދެވޭ އިނާޔަތް

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ރިޓަޔަރވާ ފަނޑިޔާރުންނަށް އެއްފަހަރާ ދެވޭ އިނާޔަތް ހިސާބުކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ) މުސްކުޅިކުރެވޭ ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ވަކިވާއިރު، މި ގަވާއިދު ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައެޅިފައިވާ އަސާސީ މުސާރައިގެ 1/3 (ތިންބައިކުޅަ އެއްބައި(، އެ މީހަކު ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަކުރުމުން ލިބޭ މިންވަރު އެއްފަހަރާ ލިބިދެވޭނެއެވެ.

(ށ) މުސްކުޅިކުރެވޭ ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ވަކިވާއިރު، މި ގަވާއިދު ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައެޅިފައިވާ އަސާސީ މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި)، އެ މީހަކު ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަކުރުމުން ލިބޭ މިންވަރު އެއްފަހަރާ ލިބިދެވޭނެއެވެ.

 

8 ވަނަ މާއްދާ - މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް

(ހ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައަޅައިފައިވާ އަސާސީ މުސާރައާއި ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބިނާކޮށެވެ.

(ށ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން ބޭނުންނަމަ ހިސާބުކުރާނީ، އެންމެފަހުން ޕެންށަން ދިން ތާރީހުން ފެށިގެން ފަނޑިޔާރު މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ އަހަރުގެ އަދަދު އެއީ މުއްދަތުކަމުގައި ބަލައިގެން، އެ އަދަދާއި މި ގަވާއިދު ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައަޅައިފައިވާ އަސާސީ މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުންއައި ޕެންށަނާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދެވެ. އެއީ އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު،ކޮންމެ މަހަކު ދެމުންގެންދާ އިނާޔަތްކަމުގައި ހަމަޖައްސާ ގޮތަށެވެ.

(ނ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން ފަނޑިޔާރު ބޭނުން ނޫންނަމަ، ނުވަތަ އެހިސާބަށް ފަނޑިޔާރަށް ޕެންށަން ލިބިފައިނުވާނަމަ ހިސާބު ކުރާނީ، ފަނޑިޔާރު މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ އަހަރުގެ އަދަދު އެއީ މުއްދަތުކަމުގައި ބަލައިގެން، އެ އަދަދާއި މި ގަވާއިދު ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައަޅައިފައިވާ އަސާސީ މުސާރަ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދެވެ. އެއީ، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު، ކޮންމެ މަހަކު،ދެމުންގެންދާ އިނާޔަތްކަމުގައި ހަމަޖައްސާ ގޮތަށެވެ.

 

9 ވަނަ މާއްދާ - އެހެނިހެން އިނާޔަތްތައް

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންނަނިވި އިނާޔަތްތައް ލިބިދެވޭނެއެވެ. (ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި އެ މަގާމަކަށް ކަނޑައަޅައިފައިވާ އެޑިށަނަލް އެލަވަންސް.
(ށ) މެޑިކަލް އިންށުއަރެންސްގެ ގޮތުގައި، އެ ފަނޑިޔާރަކު ވަކިވާއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މެޑިކަލް އިންށުއަރެންސްގެ "ޕެކޭޖު" އާ އެއްވަރުގެ ޕެކޭޖެއް ހަމަޖައްސައި، އޭގެ ދަށުން މަގާމުން ވަކިވާ ފަނޑިޔާރަށާއި، އެ ފަނޑިޔާރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނަށް ސިއްހީ ފަރުވާ ލިބިދެވޭނެއެވެ.

(ނ) ސަލާމަތީ ހިދުމަތްތަކުގެ އެހީގައި ހަދާ ރިސްކް އެސެސްމަންޓަށްފަހު، ފާހަގަކުރެވޭ ކަންކަމަށް ރިއާޔަތްކޮށް، ސަލާމަތީގޮތުން އެކަށީގެންވާ ރަނގަޅު ފެންވަރުގެ ހިމާޔަތާއި ރައްކައުތެރިކަން ލިބިދެވޭނެއެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ރިޓަޔަރ ކުރެވޭ ފަނޑިޔާރުންނަށް ދެވޭ ލަގަބު

އެ މީހަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުން ރިޓަޔަރވާ ފަނޑިޔާރެއްނަމަ، އެ މީހަކަށް މުހާތަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޗީފް ޖަސްޓިސް ރިޓަޔަރޑް" މި ލަގަބު ބޭނުންކުރުމާއި، ސުޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ އެ މީހަކަށް މުހާތަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޖަސްޓިސް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން. އަދި އެ މީހަކީ ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ އެ މީހަކަށް މުހާތަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޖަޖް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުމާއި، އެ މީހަކީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ އެ މީހަކަށް މުހާތަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "މެޖިސްޓްރޭޓް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން.

 

11 ވަނަ މާއްދާ - އިނާޔަތް ހަމަޖައްސާނެ ފަރާތް

(ހ) މި ގަވާއިދުގެ ދަށުން ވަކިވާ ފަނޑިޔާރަކަށް ލިބެންވާ ށަރަފުވެރިކަމާއި އިނާޔަތްތަކާއި ހިމާޔަތް އެ މީހަކަށް ދިނުމުގެ ކަންތައްތައް ޖުޑީށަލް ސަރވިސް ކޮމިށަނުން އިންތިޒާމުކޮށް ހަމަޖައްސައިދޭންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ މާލީ އިނާޔަތްތައް، އެ ފަނޑިޔާރަކު މަގާމުން ރިޓަޔަރކުރާ ދުވަހުން ފެށިގެން އެ މީހަކަށް ލިބިދޭންވާނެއެވެ.

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި، މި ގަވާއިދުގެ ދަށުން ލިބިދެވޭ އިނާޔަތައް ހަމަޖައްސާ ފަރާތަކީ ޖުޑީށަލް ސަރވިސް ކޮމިށަން ކަމުގައި ވިޔަސް، މެޑިކަލް އިންށުއަރެންސް ހަމަޖެއްސުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންކަން އިންތިޒާމުކޮށް ހަމަޖައްސާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން މުސްކުޅިކުރެވޭ ފަނޑިޔާރުންގެ މައުލޫމާތު، ޖުޑީށަލް ސަރވިސް ކޮމިށަނުން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ގަވާއިދުން އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ބަޔާންކުރާ އިނާޔަތްތައް ނުދެވޭނެ ހާލަތް

މި ގަވާއިދުގެ ދަށުން ށަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތަކާއި، 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިނާޔަތްތައް، އެ މީހަކަށް އެ މުއްދަތުގައި ނުދެވޭނެއެވެ.

 

13 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުން ތަކްރީމް ކުރުން

(ހ) ތަކްރީމް ކުރުމަކީ، ތަކްރީމް ކުރުމުގެ ށަރުތު ހަމަވާ ފަނޑިޔާރުން ށަރުއީ ދާއިރާއަށް ކުރި ހިދުމަތުގެ އަގު ވަޒަންކޮށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ށަރަފު ދިނުމެވެ.

(ށ) އާންމުގޮތެއްގައި ފަނޑިޔާރުން ތަކްރީމް ކުރެވޭނީ، އެކަމަށް ޓަކައި ހާއްސަކޮށްގެން ބާއްވާ ރަސްމީ ޖަލްސާއެއްގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖަލްސާގެ ބަދަލުގައި ށަރުއީ ދާއިރާގެ ހާއްސަ ކަމަކާ ގުޅޭ ޖަލްސާއެއްގައި ވެސް ތަކްރީމް ކުރެވިދާނެއެވެ.

(ރ) މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަނޑިޔާރުންގެ ލިސްޓު އިދާރީގޮތުން އެކުލަވައިލުމަށްފަހު، ތަކްރީމް ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ ނަންތައް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހިއްސާކުރަންވާނެއެވެ.

(ބ) ތަކްރީމް ކުރެވޭ ފަނޑިޔާރުންނަށް ދެވޭ ލަގަބު ދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސިއްކަ ޖަހައިފައިވާ ފަތްކޮޅު ދީ، ތަކްރީމް ކުރާނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.

 

14 ވަނަ މާއްދާ - ތަކްރީމް ކުރުމުގެ ށަރުތު

ތަކްރީމް ކުރެވޭނީ، ށަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރކޮށްފައިވާ ފަނޑިޔާރުންނެވެ.

 

15 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ފަނޑިޔާރަކަމުން ރިޓަޔަރވާ ފަނޑިޔާރުންނަށް ދެވޭ ށަރަފު

(ހ) ށަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރވާ ފަނޑިޔާރުން ތަކްރީމް ކުރެވޭނީ،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސިއްކަ ޖަހައިފައިވާ ފަތްކޮޅަކުންނެވެ. އަދި މި ފަތްކޮޅާއެކު، ށަރަފުގެ މެޑައްޔެއް، ތަކްރީމް ކުރެވޭ ފަނޑިޔާރުންނަށް ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަތްކޮޅުގެ އިތުރުން، މަދުވެގެން 25 (ފަންސަވީސް) އަހަރު މެދުނުކެނޑި ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ ފަނޑިޔާރުންނަށް ށަރަފުގެ އައްޑަނައެއް ވެސް ދެވޭނެއެވެ.

 

16 ވަނަ މާއްދާ - ފަނޑިޔާރުކަން ކޮށްފައިވާ ފަރާތެއް ނިޔައުވުން

މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން އަދި ފަހުން ވެސް، ފަނޑިޔާރުކަން ކޮށް،ށަފަރުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވެފައިވާ ފަނޑިޔާރަކު ނިޔާވެފައިވީނަމަވެސް އެ ފަނޑިޔާރަކު ތަކްރީމްކުރުން މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

17 ވަނަ މާއްދާ - ތަކްރީމް ކުރުމުގެ އިދާރީ މަސައްކަތް

މި ގަވާއިދުގެ ދަށުން ތަކްރީމް ކުރެވޭ ފަނޑިޔާރުން ތަކްރީމް ކުރުމާ ގުޅޭ އެންމެހައި އިދާރީ އިންތިޒާމްތައް ހަމަޖައްސައި ކުރިޔަށް ގެންދާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

18 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ތަކްރީމް ކުރުމާގުޅޭ ގޮތުން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ށަކުވާތައް ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވަތަކާ ގުޅިގެން ނިންމާ ގޮތެއް ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ށަކުވާ ހުށަހެޅި ފަރާތަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލްއެޑްމިނިސްޓްރޭށަނުން އަންގަން ވާނެއެވެ.

 

19 ވަަނަ މާއްދާ - ތަކްރީމްކުރުމާ ގުޅޭ ގޮތުން މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވުން

ތަކްރީމް ކުރުމާގުޅޭގޮތުން މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖަނަމަ، އެ ދިމާވި ކަމަކާ ގުޅިގެން ގޮތެއް ނިންމާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

20 ވަނަ މާއްދާ - މާނަކުރުން

"ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތު" އާއި "ފަނޑިޔާރުކަމުގައި ހިދުމަތްކުރި އަހަރު" ކަމުގައި ބުނެފައި އެވަނީ، "ފަނޑިޔާރު" ކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށާއި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ވުޖޫދަށް އައުމުގެ 
ކުރިން ފަނޑިޔާރުކަމުގެ ހުވާކޮށްގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ" ގެ ނަމުގައި ފަނޑިޔާރުންގެ މަސްއޫލިޔަތު އަދާކުރުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

22 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލުކުރަމުންދިޔަ ގަވާއިދު ނަންބަރު 2022-241 (ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް އުވުނީއެވެ.

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)

 

އުވުނު ގަވާއިދު

ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-241)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު