-

ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2002-00)

(މި ގަވާއިދަށް އަމަލުކުރަން ފެށި ތާރީހެއް އެނގެން ނެތް)

 

ތައާރުފް

 

1 ވަނަ މާއްދާ -

(ހ) މިއީ، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގައިވާ އިމާރާތާއި އަމިއްލަ ގޯއްޗާއި އަމިއްލަ ގޯތީގައިވާ އިމާރާތް ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދެވެ.

(ށ) މިގަވާއިދު ހަދާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ ދަށުންނެވެ.

(ނ) މިގަވާއިދަށް ކިޔާނީ، "ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ -

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ނުވަތަ އަމިއްލ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ

(ހ) ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭފަރާތަކީ ދޭ މީހާގެ ނިސްބަތުން ތިރީގައި ބުނެފައިވާ ފަރާތްތަކުން ފަރާތަކަށް ވުން

  1. އަނބިމީހާ ނުވަތަ ފިރިމީހާ 
  2. ދަރިން 
  3. މަންމަ 
  4. ބައްޕަ 
  5. މަރުވެފައިވާ ދަރިއެއްގެ އުފަންދަރިން.

(ށ) ހިބައިން ނުވަތަ ވަސިއްޔަތުން ދޭމީހާއާއި، އެމީހަކު ށަރުއީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.

(ނ) ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައިވުން

 

3 ވަނަ މާއްދާ -

މިގަވާއިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ ފަރާތަކުން އިއްތިރާޒް ނުކުރާނަމަ ނުވަތަ އެއިން އެއްވެސް ފަރާތެއް ދުނިޔޭގައި ނެތްނަމަ ހިބައިން ނުވަތަ ވަސިއްޔަތުންދޭ މީހާގެ ދަރިއެއްގެ ދަރިއަކަށް ނުވަތަ އޭނާގެ ބަފައިފުށުން ނުވަތަ މައިފުށުން ތިމާގެކަމުގެ ގުޅުންހުރި ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވިދާނެއެވެ.

 

4 ވަނަ މާއްދާ -

މިގަވާއިދުގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ ފަރާތްތަކުންކުރެ ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ، އެފަރާތެއްގެ ނަމުގައި، ގާނޫނު ނަންބަރު 2002/1) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގައި ބުނެފައިވާފަދަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެފަރާތަކަށް ރަޖިސްޓްރީވެފައިނެތް ނަމައެވެ. ނުވަތަ ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުންބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފާއިވާނަމަ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި، އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އެ ތަނެއް، ދޫކޮށްލަން އެއްބަސްވުމުންނެވެ.

 

5 ވަނަ މާއްދާ -

މިގަވާއިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމުގައި މިގަވާއިދުގެ 4 ވަނަ ނަންބަރުގައިވާ އުސޫލުތަކެއް ނުހިނގާނެއެވެ.

 

6 ވަނަ މާއްދާ -

މިގަވާއިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިފަރާތަކަށް ނުވަތަ ފަރާތްތަކަކަށް، ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ، ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭފަރާތް ނުވަތަ ފަރާތްތައް ފިޔަވައި އެނަންބަރުގައި ބުނެފައިވާ އެހެން ފަރާތްތަކުން އިއުތިރާޒް ނުކުރާނަމައެވެ.

 

7 ވަނަ މާއްދާ -

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ތިރީގައި ބުނެފައިވާ ފަރާތްތަކުން އިއުތިރާޒް ކުރިނަމަވެސް ހިބައިން ނުވަތަ ވަސިއްޔަތުން ދެވިދާނެއެވެ.

(ހ) މިގަވާއިދުގެ 2 ވަނަ ނަންބަރު (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމަށް، އެނަންބަރުގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކުގެ ބިމުގެ ތަނަވަސްކަން ހުރެ އެފަރާތްތަކުން އިއުތިރާޒް ކުރުން 

(ށ) ހިބައިން ނުވަތަ ވަސިއްޔަތުން ދޭމީހާގެ ދަރިންނަށް ނުވަތަ އެފަރާތުގެ، މަރުވެފައިވާ ދަރިންގެ އުފަންދަރިންނަށް ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމަށް، ދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ އިއުތިރާޒްކުރުން

 

ރަހުނުކޮށްފައިވާ އިމާރާތެއް ނުވަތަ ބިމެއް ހިބައިން ނުވަތަ ވަސިއްޔަތުން ދިނުން

 

8 ވަނަ މާއްދާ -

ރަހުނުކޮށްފައިވާ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ހިބައިން ނުވަތަ ވަބިއްޔަތުން ދެވޭނީ، ރަހުނު ފިލުވުމަށްފަހު ނުވަތަ ރަހުނު ހިފިފަރާތުން އިއުތިރާޒްނުކުރާ ނަމައެވެ.

 

ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމަށް ހުށަހެޅުން

 

9 ވަނަ މާއްދާ -

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމަށް ހުށަހަޅާނީ ކަމާބެހޭ ސަރުއީ ކޯޓަށެވެ.

 

ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ދިން ރަޖިސްޓްރީކުރުން

 

10 ވަނަ މާއްދާ -

ހިބައިން ދިނުމުގެ މައްސަލަތަކުގައި، ސައްހަ ހިބައަކުން މުދާ ލިބިއްޖެކަމަށް ށަރީއަތުން ހުކުމްކުރުމުން، ހިބައިން ލިބުނު ފަރާތަށް ބިން ރަޖިސްޓްރީކޮށްދެވޭނެއެވެ.

 

11 ވަނަ މާއްދާ -

ވަސިއްޔަތުން ދިނުމުގެ މައްސަލަ ށަރީއަތުން ނިމުމުން، ވަސިއްޔަތުން ދިންކަން ރަޖިސްޓްރީގައި ބަޔާންކުރަންވާނެއެވެ. ނަމަވެސް ބިން ރަޖިސްޓްރީ ކޮށްދެވޭނީ ވަސިއްޔަތް ފުރިހަމަވެއްޖެ ކަމަށް ށަރީއަތުން ހުކުމްކުރުމުން، ށަރީއަތުން ނިންމެވިގޮތެއްގެ މައްޗަށް ބިނާކޮށެވެ.

 

12 ވަނަ މާއްދާ -

ވަސިއްޔަތުން ދިނުމުގެ މައްސަލަތަކުގައި، ވަސިއްޔަތް ފުރިހަމަ ކުރުމުގެ މައްސަލަ ހުށަހަޅާނީ ގާނޫނު ނަންބަރު 1975-25 (ތަރިކައާއިބެހޭ ދައުވާގެ ގާނޫނު) ގެ ދަށުން، ވަސިއްޔަތުން ދިންމީހާ މަރުވި ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި، މާލޭގައިނަމަ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކަމާބެހޭ ކޯޓަށް، ރާއްޖެތެރޭގައިނަމަ ރަށުކޯޓަށެވެ.

 

13 ވަނަ މާއްދާ -

މިގަވާއިދުގެ 10 ވަނަ ނަންބަރާއި 11 ވަނަ ނަންބަރުގައިވާ ފަދައިން ބިން ރަޖިސްޓްރީކުރުމަށް، ނުވަތަ ރަޖިސްޓްރީގައި ވަސިއްޔަތުން ދިންކަން ބަޔާންކުރުމަށް ހުށަހަޅާނީ ތިރީގައިވާ ލިޔުންތަކާއެކު މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށެވެ. ރާއްޖެތެރޭގައިނަމަ އެއަތޮޅެއްގެ އަތޮޅު އޮފީހަށެވެ.

(ހ) މައްސަލައިގެ ށަރުއީ ރިޕޯޓް

(ށ) އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނުވަތަ ގޯތީގެ ރަޖިސްޓްރީ

(ނ) ބިމާބެހޭ ގާނޫނުގެ 36 ) މާއްދާގެ ނ) ގައިވާ ފަދައިން އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރީގައި ވަކިބައިތައް ފާހަގަކޮށްފައިވާ ގޯއްޗެއްނަމަ، ހިބައިން ނުވަތަ ވަސިއްޔަތުން ދިންބައި

 

14 ވަނަ މާއްދާ -

މިގަވާއިދުގެ ބޭނުމަށްޓަކައި، ބިމާބެހޭ ގާނޫނުގެ ދަށުން ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމަށް، އެއްވެސް ފަރާތަކުން އިއުތިރާޒް ކުރަންވާނީ ތިރީގައިބުނެފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

(ހ) ށަރީއަތުގެ މަޖިލީހުގައި އިއުތިރާޒް ކުރުން 

(ށ) ރާއްޖއިން ބޭރުގައި އުޅޭ މީހެއްނަމަ، އެހުރި ގައުމެއްގެ ނޯޓަރީ ޕަބްލިކެއް މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ލިޔުމަކުން ށަރީއަތަށް އިއުތިރާޒް ހުށަހެޅުން

(ނ) އިއުތިރާޒް ކުރާ މީހާ، މައްސަލަބަލާ ރަށް ފިޔަވައި އެހެން ރަށެއްގައި ހުރިނަމަ އެމީހަކު ހުރި ރަށެއްގެ ނުވަތަ އެހެން ރަށެއްގެ ރަށު ކޯޓު މެދުވެރިކޮށް އިއުތިރާޒް ހުށަހެޅުން

(ރ) މިނަންބަރުގެ (ށ) ގައިވާ ހާލަތުގައި ފެކްސް ނުވަތަ އީމެއިލް ފަދަ ވަސީލަތެއް މެދުވެރިކޮށްގެން އިއުތިރާޒް ހުށަހަޅައިފިނަމަ، މައްސަލަ އާއި ބެހޭގޮތުން ގޮތެއް ނިންމޭނީ އިއުތިރާޒްކުރާ ކަމުގެ ލިޔުމުގެ އަސްލު ށަރީއަތަށް ލިބުމުންނެވެ. އެލިޔުމުގެ އަސްލު ހުށަހެޅުމުގެ އެންމެ ދިސު މުއްދަތަކީ އިއުތިރާޒްކުރި ތާރީހުން ފެށިގެން 2  މަސްދުވަހެވެ.

 

15 ވަނަ މާއްދާ -

މިގަވާއިދުގެ 6 ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތުގައި، މިގަވާއިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ނުފުރޭ ކުދިން ނުވަތަ ބުއްދީގެ ތަސައްރަފު ނުފުދޭ ފަރާތެއް ހުރެފައި، އެފަރާތަކީ، މިގަވާއިދުގެ 7 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަދައިން ބިމުގެ ތަނަވަސްކަން ހުރި ފަރާތެއްކަމުގައި ނުވާނަމަ، މިގަވާއިދުގެ ބޭނުމަށްޓަކައި ބަލާނީ އެފަރާތްތަކުން، ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމަށް އިއުތިރާޒްކުރާ ކަމަށެވެ.

 

16 ވަނަ މާއްދާ -

މިގަވާއިދުގެ ބޭނުމަށްޓަކައި:

(ހ) "ތިމާގެ ކަމުގެ ގުޅުން ހުރި ފަރާތެއް" ކަމުގައި ބެލޭނީ މައިފުށުން ނުވަތަ ބަފައިފުށުން ތިމާގެ ކަމުގެ ގުޅުން (ދަރިފަސްކޮޅު ކިތަންމެ ދުރަށް ދިޔަޔަސް) ހުރުމަށެވެ.

(ށ) "ބިމުގެ ތަނަވަސްކަން ހުރި" ކަމަށްބަލާނީ އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީވެފައިވާނަމައެވެ.

(ނ) "ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް" ކަމުގައި ބެލޭނީ އެގޯއްޗެއް ނުވަތަ އެބައެއްގެ ބޮޑުމިނުގައި 600 އަކަފޫޓު ހަމަވާ ތަންތަނަށެވެ.

(ރ) "ދިރިއުޅޭނެ އެހެންތަނެއް" ހުރިކަމުގައި ކަނޑައަޅާނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށްފަހު ށަރީއަތުންނެވެ. މިގޮތުން ބެލިދާނެ ކަންތައްތަކަކީ:

  1. އެމީހެއްގެ ނުބަތަ އެމީހެއްގެ ފިރިމީހާގެ ނަމުގައި މިގަވާއިދުގެ 4 ވަނަ ނަންބަރުގައިވާފަދަ ތަނެއް ރަޖިސްޓްރީ ކޮށްފައިއޮތުން 
  2. އެމީހެއްގެ އަނބިމީހާ ނުވަތަ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްއޮވެ، އެމީހަކު ދިރިއުޅުމުގެ ކަންތައްތައް އެތަނެއްގައި ހަމަޖެހިފައިވުން 
  3. އެމީހެއްގެ އަތުގައި ދިރިއުޅޭނޭ އެހެންތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުން 
  4. ރާއްޖެއިން ބޭރުގެ ގައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ފްލެޓެއް އޮތުން.

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު