-

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު 

(މި ގަވާއިދަށް އަމަލުކުރަންފެށި ތާރީހެއް އެނގެން ނެތް)

 

ތައާރަފު

1 ވަނަ މާއްދާ

(ހ) މިއީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ގަވާއިދެވެެދޫކުރުމުގެ ގަވާއިދެވެ. 

(ށ) މި ގަވާއިދު ހަދާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ ދަށުންނެވެ. 

(ނ) މި ގަވާއިދަށް ކިޔާނީ ''ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު'' އެވެ.

 

ދިރިއުޅުމަށް ގޯތި ދޫކުރުން

 

2 ވަނަ މާއްދާ -

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެވޭނީ، ބިމާބެހޭ ސިޔާސަތާއި އެ ރަށެއްގެ ބިން ބޭނުންކުރުމުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި، އިމާރާތްކުރުމަށް އެކަށައަޅާފައިވާ ބިމުންނެވެ.

 

3 ވަނަ މާއްދާ -

ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި އަދި ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިވާ ފަރާތްތަކަށް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކަށް، އެފަދަ ތަނެއް ލިބިފައިވާ ރަށްނޫން އެހެން ރަށަކުން، ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވިދާނެއެވެ .

 

ގޯތީގެ ބޮޑުމިން

 

4 ވަނަ މާއްދާ -

ދިރިއުޅުމަށް ދޫކުރެވޭ އެއްވެސް ބަންޑާރަ ގޯއްޗެއް، 600 އަކަފޫޓަށް ވުރެ ކުޑަވެގެން ނުވާނެއެވެ. އަދި 4000 އަކަފޫޓަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ

މި ގަވާއިދުގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެފަހަރަކު ގޯތި ދޫކުރާނެ ބޮޑުމިނާއި ބިމުގެ ސަރަހައްދު ކަނޑައަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އަށް ހުށަހަޅާ ހުއްދަ ލިބިގެން، މާލޭގައި ނަމަ، މާލޭ މުނިސިޕަލްޓީންނެވެ. ރާއްޖެތެރޭގައި ނަމަ، އެ އަތޮޅެއްގެ އަތޮޅުއޮފީހުންނެވެ. ވަކި ރަށެއް ނުވަތަ ވަކި ސަރަހައްދެއް، ނުވަތަ ރަށެއްގެ ބަޔެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަވާ، ތަރައްގީގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރާނީ އެކަމަށްޓަކައި ސަރުކާރުން ކަނޑައަޅުއްވާ ފަރާތަކުންނެވެ.

 

ގޯތި ދޫކުރާ ފަރާތްތައް

 

6 ވަނަ މާއްދާ -

މިގަވާއިދުގެ ދަށުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރާނީ މާލޭގައިނަމަ މާލޭ މުނިސިޕަލްޓީންނެވެ. ރާއްޖެތެރޭގައި ނަމަ އެ އަތޮޅެއްގެ އަތޮޅު އޮފީހުންނެވެ. ވަކި ރަށެއް ނުވަތަ ވަކި ސަރަހައްދެއް، ނުވަތަ ރަށެއްގެ ބަޔެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަވާ، ތަރައްގީގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރާނީ އެކަމަށްޓަކައި ސަރުކާރުން ކަނޑައަޅުއްވާ ފަރާތަކުންނެވެ.

 

ދިރިއުޅުމަށްޓަކައި އަލަށް ގޯތިނަގާ މީހުންގެ ހުންނަންވާ ށަރުތުތައް

 

7 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި އަލަށް ދޫކުރެވޭނީ ތިރީގައިމިވާ ށަރްތުތައް ފުރިހަމަވާ މީހުންނަށެވެ .

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން

(ށ) އުމުރުން 21 އަހަރުވެފައިވުން

(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން .

(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.

(ބ) ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ޅ) އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ
ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން .

(ކ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ށަރުއީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު އަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިއާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތިނުނެގޭނެ ގޮތެއް ބަލާ، އެމީހަކީ، ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، މި ގަވައިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން.

 

8 ވަނަ މާއްދާ

މިގަވާއިދުގެ ދަށުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ ރަށްރަށްނޫން އެހެންރަށަކުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރާއިރު އެގޯތީގެ ކުލި ކަނޑައެޅުމުގައާއި ބިމުގެ އަގުތަކާބެހޭ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދޭ ފަންނީ ކޮމިޓީއެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި އޮންނަންވާނެއެވެ.

 

9 ވަނަ މާއްދާ -

މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައިވާ ކޮމިޓީއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ގައި އޮންނަ ''ލޭންޑް ވެލުއޭށަން ކޮމިޓީ'' އެވެ.

 

10 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ގޯތި ދޫކުރާއިރު، އެފަހަރަކު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށާއި، ބިމުގެ ތަނަވަސްކަމަށާއި، ބިން ބޭނުން ކުރުމުގެ ޕްލޭންތަކަށް ބެލުމަށްފަހު އެ ސަރަހައްދަކުން ގޯތި ދޫކުރުމުގައި މި ގަވާއިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ށަރްތުތަކުގެ އިތުރު ށަރްތު ކަނޑައެޅިދާނެއެވެ. މި ނަންބަރުގެ ދަށުން އިތުރު ށަރުތު ކަނޑައެޅޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވޮލޮޕްމަންޓް އަށް ހުށަހަޅާ އެފަރާތުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ކަނޑައަޅާ އިތުރު ށަރުތުތައް މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބުނެފައިވާ އިއުލާންގައި ހިމަނަންވާނެއެވެ.

 

ގޯތި ނުވަތަ ފްލެޓް ދޫކޮށްލުން

 

11 ވަނަ މާއްދާ -

މި ގަވާއިދުގެ 7 ވަނަ ނަންބަރުގެ (ރ) ގައިވާ ގޮތުގެ މަތިން ގޯތި ދޫކޮށްލުމުން ދެން މިތަން ލިބޭނީ މި ގޯތި ރަޖިސްޓްރީ ކުރެވިފައިވާ އެހެނިހެން ބެހެނެވެރިންނަށެވެ. ނަމަވެސް، މިގޮތުން ދޫކޮށްލާ ގޯއްޗަކީ އަމިއްލަ ކޮށްފައިވާ ގޯއްޗެއް ނަމަ މިތަނުގެ އަގު މިތަން ލިބެން އޮންނަ ބެހެނެވެރިން ގޯތި ދޫކޮށްލާ ފަރާތަށް އަނބުރާ ދައްކަންޖެހޭނެއެވެ.

 

12 ވަނަ މާއްދާ -

މި ގަވާއިދުގެ 7 ވަނަ ނަންބަރުގެ (ރ) އަދި (ބ) ގައިވާ ގޮތަށް، ގޯތި ނުވަތަ ފްލެޓު ދޫކޮށްލުމުން އަލަށްނަގާ ގޯތި އެފަރާތަށް ރަޖިސްޓްރީ ކޮށްދެވޭނީ، ދޫކޮށްލިގޯތީގެ ނުވަތަ ފްލެޓްގެ ރަޖިސްޓަރީން އެމީހެއްގެ ނަން އުނިވުމުންނެވެ.

 

ގޯތި ދޫކުރާކަން އިއްލާނުކުރުން

 

13 ވަނަ މާއްދާ -

މި ގަވާއިދުގައިވާ ގޮތުގެ މަތިން ގޯތި ދޫކުރުމަށް ހަމަޖެހުމުން، ތިރީގައިވާ ކަންކަން އެނގޭނޭހެން، ގޯތި ދޫކުރާ ފަރާތުން އާންމުކޮށް އިއްލާނު ކުރަންވާނެއެވެ .

(ހ) ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވުނު ކަމާއި، ގޯއްޗަށް އެދުމުގައި އަމަލު ކުރަންވީގޮތް

(ށ) ގޯތިދޫކުރާ ސަރަހައްދު

(ނ) ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން

(ރ) ގޯއްޗަށް އެދި ކުރިމަތިލެވޭނޭ މީހުންގައި ހުންނަންޖެހޭ ށަރްތުތައް

(ބ) ގޯތި ދޫކުރެވޭނީ ވަކި ށަރުތުތަކަކާ އެކުގައި ކަމަށްވާނަމަ އެ ށަރްތުތައް

(ޅ) ދިރިއުޅުމަށް ދެވަނަ ގޯއްޗެއް ނަގާ ފަރާތެއްނަމަ އެފަރާތަށް ގޯތި ދޫކުރާނެ ކުލި

(ކ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިތުރު ށަރުތު 

 

ގޯއްޗަށް އެދުން

 

14 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ގޯއްޗަކަށް އެދުނީކަމަށް ބެލެވޭނީ އެ ސަރަހައްދަކުން ގޯތި ދޫކުރަން ހަމަޖެހިއްޖެކަމާއި، ގޯއްޗަށް އެދި ހުށަހެޅުމަށް އާންމުކޮށް އިއްލާނު ކުރުމުން، ގޯއްޗަށް އެދޭމީހާ ގޯއްޗަށް އެދޭ ފޯމު ފުރިހަމަކޮށް، ގޯތި ދޫކުރަން އިއްލާނު ކުރި އޮފީހަކަށް ހުށަހެޅުމުންނެވެ.

 

ގޯތި ލިބޭ މީހުން ކަނޑައެޅުން

 

15 ވަނަ މާއްދާ -

ގޯތި ދޫކުރުމުގައި މި ގަވާއިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ށަރްތު ފުރިހަމަވާ މީހުންގެ އަދަދު، އެ ސަރަހައްދަކުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރުވާނަމަ ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ އެކަށީގެންވާ މީހެއް ނުވަތަ ބައެއް ކަނޑައަޅާނީ ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރީންނާއި، އެމީހަކަށް ށަރްއީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދަށާއި، ގޯއްޗަށް އެދިފައިވާ މީހާއާއި، ދެމަފިރިން ދެ ގޯއްޗަށް އެދިފައިވޭތޯ އާއި، އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަން ހުރިގޮތެއްގެ މައްޗަށާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި ނުވަތަ އޮވެ، އެގޯއްޗަކާމެދު އަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށެވެ.

 

16 ވަނަ މާއްދާ -

(ހ) މި ގަވާއިދުގެ 15 ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތުގައި ގޯތި ލިބޭ މީހުން ކަނޑައަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ލަފާގެ މަތިން، މާލޭގައި ނަމަ، މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ، އެއަތޮޅެއްގެ އަތޮޅުއޮފީހުން، ވަކި ރަށެއް ނުވަތަ ވަކި ސަރަހައްދެއް، ނުވަތަ ރަށެއްގެ ބަޔެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަވާ، ތަރައްގީގެ މަށްރޫއުތަކުގެ ދަށުން ދޫކުރާ ގޯތިތަކުގައި އެކަމަށް ކަނޑައެޅިފައިވާ ސަރުކާރުގެ ފަރާތަކުން، މިކަމަށް އެކުލަވާލާ ކޮމިޓީއަކުންނެވެ. މިގޮތުން ގޯތި ދޫކުރެވޭނީ، އެފަހަރަކު ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެތެރެއިން ގޯތިލިބުމުގެ ށަރުތު ފުރިހަމަވާ މީހުންގެ މެދުގައި ބޭއްވޭ ގުރުއަތަކުންނެވެ .

(ށ) މިގޮތުން ށަރުތު ފުރިހަމަވާ މީހުންގެ އަދަދު ދޫކުރެވޭ ގޯތީގެ އަދަދަށްވުރެ އިތުރުވާނަމަ، ގޯތި ދިނުމުގައި އިސްކަންދޭ މީހުންނަށް ޕޮއިންޓް ދީގެން ގުރުއަތަށް ގެންދެވޭނެ ގޮތެއް ކަނޑައެޅިދާނެއެވެ. މިގޮތުން، ޕޮއިންޓް ދިނުމުގެ އުސޫލުތައް ކަނޑައަޅުއްވާނީ މި ގަވާއިދުގެ (ހ) ގައި ދެންނެވިފައިވާ ކޮމިޓީންނެވެ.

 

17 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ގޯތިދޭއިރު، މިގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ މީހުންނަކަށް ގޯތި ދުލެއްނުކުރެވޭނެއެވެ.

 

ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކުރެވިފައިވާ ރަށްނޫން އެހެން ރަށަކުން ކުއްޔަށް ދިރިއުޅުމަށް ދެވަނަ ބަންޑާރަ ގޯއްޗެއް ދޫކުރުން

 

18 ވަނަ މާއްދާ -

ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކަށް އެ ގޯއްޗެއް ލިބިފައިވާ ރަށްނޫން އެހެން ރަށަކުން ދިރިއުޅުމަށް ގޯއްޗެއް ދޫކުރަންވާނީ ރާއްޖޭގެ ބިމުގެ ސިޔާސަތާއި މިގަވާއިދުގެ 2 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް އެރަށެއްގެ ބިން ބޭނުންކުރުމުގެ ޕްލޭންތަކާއި އެއްގޮތްވާގޮތުގެ މަތިން، އެރަށެއްގެ ބިމުގެ ހާލަތު ހުރިނެތް ގޮތަށް ރިއާޔަތްކޮށް ހުށަހެޅުމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ހުއްދަ ލިބިގެންނެވެ.

 

19 ވަނަ މާއްދާ -

ދިރިއުޅުމަށްޓަކައި މީހަކަށް ދޫކުރެވޭނީ އެއް ގޯއްޗެވެ. އަދި މީގެ އިތުރުން، ދިރިއުޅުމަށްޓަކައި ގޯތި ލިބިފައިވާ ރަށްނޫން އެހެން ރަށަކުން ކުއްޔަށް ދޫކުރެވޭނީވެސް އެއް ގޯއްޗެވެ.

 

20 ވަނަ މާއްދާ -

މި ގަވާއިދުގެ 19 ވަނަ ނަންބަރުގައި ބުނެފައިވާ ދެވަނަ ގޯއްޗެއް ނަގާ ރަށަކުން ގޯއްޗަކުން ނަގާ ކުލި ކަނޑައަޅާނީ ބިމުގެ އަގަށާއި، ތަން ތަރައްގީ ކުރުމަށްދާނެ ކަމަށް ލަފާކުރެވޭ ހަރަދަށާއި، އެ ރަށެއްގެ ބިމުގެ ތަނަވަސްކަމަށާއި، އެރަށެއްގެ ބިން ބޭނުންކުރުމުގެ ޕްލޭނަށް ބެލުމަށްފަހު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގައި ގާއިމުކުރެވިފައިވާ ''ލޭންޑް ވެލުއޭށަން ކޮމިޓީ'' ންނެވެ.

 

21 ވަނަ މާއްދާ -

މި ގަވާއިދުގެ 20 ވަނަ ނަންބަރުގައި ބުނެފައިވާ ކުލި ކަނޑައެޅުމަށްފަހު އެއިރެއްގައި އެރަށެއްގެ ބިމުގެ އަގުގެ ނިސްބަތަށް ރިއާޔަތްކުރުމަށްފަހު، ކޮންމެ 5 އަހަރަކުން އެއްފަހަރު ކުއްޔަށް ބަދަލުގެނެވިދާނެއެވެ. މި ބަދަލު ގެނެވޭނީ ''ލޭންޑް ވެލުއޭށަން ކޮމިޓީ'' ންނެވެ.

 

22 ވަނަ މާއްދާ -

ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ މީހަކަށް އެ ގޯއްޗެއް ލިބިފައިވާ ރަށްނޫން އެހެން ރަށަކުން ދިރިއުޅުމަށް ގޯއްޗެއް ދޫކުރަންވާނީ ތިރީގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) އުމުރުން 21 އަހަރުވެފައިވުން.

(ށ) ދިވެހިރައްޔިތަކު ކަމުގައި ވުން.

 

23 ވަނަ މާއްދާ -

މިގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން، ދިރިއުޅުމަށްޓަކައި ދެވަނަ ގޯއްޗެއް ލިބިފައިވާ ފަރާތަކަށް، ދިރިއުޅުމަށްޓަކައި އިތުރު ތިންވަނަ ގޯއްޗެއް ނުލިބޭނެއެވެ.

 

24 ވަނަ މާއްދާ -

ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ މީހަކަށް އެ ގޯއްޗެއް ލިބިފައިވާ ރަށްނޫން އެހެން ރަށަކުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ދޫކުރުމުގައާ، ގޯތީގެ މިންތައް ކަނޑައެޅުމުގައި އަދި ގޯއްޗަށް އެދި ހުށަހެޅުމުގަޔާއި، ގޯތި ލިބޭނެ ފަރާތް ކަނޑައެޅުމުގަޔާއި ގޯތި ވަކިކުރުމުގައި އަމަލުކުރާނީ މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯއްޗެއް ވަކިކުރުން

 

25 ވަނަ މާއްދާ -

ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި އެ ގޯތީގައި ދިރިއުޅެން ނުފަށައިފިނަމަ އެ ގޯތި އޭނާގެ ކިބައިން ވަކިވާނެއެވެ. ގޯތި ދޫކުރެވުނު ތާރީހުން ފެށިގެން 5 އަހަރު ބަލާނީ އެމީހަކު ގޯއްޗާއި ހަވާލުވި ތާރީހުން . ފެށިގެންނެވެ

 

26 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ގޯއްޗެއްގައި ދިރިއުޅޭކަމަށް ބެލެވޭނީ، ގެދޮރު އިމާރާތްކުރުމާ ބެހޭގޮތުން ސަރުކާރުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ގޯތީގައި ކެއްކުމާއި، ކައިބޮއިއުޅުމާއި ނިދުންފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާ ވަރަށް އިމާރާތްކޮށް އެ އިމާރާތެއްގައި ދިރިއުޅެން ފަށާފައިވާނަމައެވެ.

 

27 ވަނަ މާއްދާ -

25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ގޯއްޗެއް ވަކިވެއްޖެނަމަ އެގޯއްޗަކަށް އެމީހަކު ކޮށްފައިވާ ހަރަދު ށަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ލިބިދެވޭނެއެވެ.

 

28 ވަނަ މާއްދާ -

ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ ނުވަތަ އެމީހަކަށް ގޯތި ދޫކުރެވުނުއިރު ށަރުތުކޮށްފައިވާކަމަކާ ހިލާފުވެއްޖެނަމަ، އެގޯއްޗެއް ވަކިކުރުމުގެ އިހްތިޔާރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ލަފާގެ މަތިން މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށް، ރާއްޖެތެރޭގައި ނަމަ އެ އަތޮޅެއްގެ އަތޮޅު އޮފީހަށް ލިބިގެންވެއެވެ.ވަކި ރަށެއް ނުވަތަ ވަކި ސަރަހައްދެއް، ނުވަތަ ރަށެއްގެ ބަޔެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަވާ އާރބަން ޑިވެލޮޕްމަންޓް މަށްރޫއުގެ ދަށުން ދޫކުރާގޯތި ވަކިކުރާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ލަފާގެ މަތިން އެކަމަށްޓަކައި ސަރުކާރުން ކަނޑައަޅާ ފަރާތަކުންނެވެ.

 

29 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ދޫކުރެވޭ ގޯތިތައް ދޫކުރާއިރު، ގޯތިދޫކުރާ ފަރާތާއި ގޯތިލިބޭ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެއެވެ.

 

ނޯޓް:

  1. މި ގަވާއިދުގައި ބިން ބޭނުން ކުރުމުގެ ޕްލޭން ކަމުގައި ބުނެފައިވަނީ އެރަށެއްގައި ބިން ބޭނުން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ މަށްވަރާއާއެކު ކަނޑައަޅާފައިވާ ޕްލޭނަށެވެ.
  2. މި ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ދޫކުރެވިފައި ހުރި ގޯތިތަކުގެ ތެރެއިން ދިރިއުޅެން ނުފަށައި 5 އަހަރު ހަމަވެފައިވާ ގޯތިތަކާ ހަވާލުވެފައިވާ ފަރާތްތަކުން، މިގަވާއިދުގައިވާ ގޮތުގެމަތިން އަމަލު ކުރުމަށް، 2 އަހަރު ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މިގަވާއިދުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
  3. މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިންދޫކޮށްފައިވާ ގޯތިތަކުގެތެރެއިން، އެގޯތި ދޫކުރި ތާރީހުން ފެށިގެން މިގަވާއިދު
    ތަންފީޒުކުރަންފަށާ ތާރީހާ ހަމައަށް 5 އަހަރު ހަމަނުވާނަމަ، ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާމެދު މިގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ. ނަމަވެސް ގޯތި ދޫކުރި ތާރީހުން ފެށިގެން މިގަވާއިދު ތަންފީޒުކުރަންފަށާ ތާރީހާ ދެމެދު 2 އަހަރު ދުވަހުގެ މުއްދަތު ނުލިބޭނަމަ، އެގޯއްޗާމެދު މިގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނީ، މިގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އިތުރު 2 އަހަރު ދުވަހުގެ މުހުލަތެއް ދިނުމަށްފަހުއެވެ.
  4. މި ގަވައިދުގައި ފްލެޓެއްކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާއި ބެހޭ ގަވާއިދުގެ ދަށުން ރެޖިސްޓްރީ ކުރެވިފައިވާ ފްލެޓާއި "ޕަބްލިކް ހައުސިންގ ސްކީމް"އެއްގެ ދަށުން ހައްދަވާފައިވާ ފްލެޓަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2002-00)

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު