-

ވިޔަފާރި ބަންޑާރަ ބިން އަމިއްލަ ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2006-00)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ފެބްރުއަރީ 2006 ގައި)

 

ތައާރަފް

1 ވަނަ މާއްދާ

(ހ) މިއީ، ދިވެހިރާއްޖޭގައި، ވިޔަފާރި ކުރުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިން އަމިއްލަކުރުމުގެ ގަވާއިދެވެ .

(ށ) މި ގަވާއިދު ހަދާފައިވަނީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ ދަށުންނެވެ .

(ނ) މި ގަވާއިދަށް ކިޔަނީ، "ވިޔަފާރި ބަންޑާރަ ބިން އަމިއްލަކުރުމުގެ ގަވާއިދު" އެވެ.

 

ވިޔަފާރި ބަންޑާރަ ބިން އަމިއްލަކުރުން

 

2 ވަނަ މާއްދާ -

ވިޔަފާރި ބިމެއްގެ ގޮތުގައި ދޫކުރެވިފައިވާ ބަންޑާރަ ބިން، ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި، މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެއްފަހަރާ އަގު ދެއްކުމަށްފަހު، ނުވަތަ އެކި ފަހަރުމަތިން ފައިސާ ދައްކައި އަގު އަދާކުރާ އުސޫލުން، އެ ބިން ގަނެ އަމިއްލަ ކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ

ވިޔަފާރި ބިމެއްގެ ގޮތުގައި ދޫކޮށްފައިވާ ބަންޑާރަ ބިމެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، އެ ބިން އަމިއްލަކުރަން އެދި، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅާނީ، މާލޭގައިނަމަ، މާލޭ މުނިސިޕަލްޓީއަށް ނުވަތަ އެ އޮފީހުން ކަނޑައަޅާ ތަނަކަށެވެ. ރާއްޖެތެރޭގައިނަމަ، އެ އަތޮޅެއްގެ އަތޮޅު އޮފީހަށް ނުވަތަ އޮފީހުން ކަނޑައަޅާ ތަނަކަށެވެ.

 

4 ވަނަ މާއްދާ

މި ގަވާއިދުގައިވާ ގޮތުގެ މަތިން ބިން އަމިއްލަކުރާއިރު، ބިމުގެ އަގަށްވާ ފައިސާ ދައްކާނީ މާލޭގައިނަމަ، މާލޭ މުނިސިޕަލްޓީއަށް ނުވަތަ އެ އޮފީހުން ކަނޑައަޅާ ތަނަކަށެވެ. ރާއްޖެތެރޭގައިނަމަ، އެ އަތޮޅެއްގެ އަތޮޅު އޮފީހަށް ނުވަތަ އަތޮޅު އޮފީހުން ކަނޑައަޅާ ތަނަކަށެވެ.

 

5 ވަނަ މާއްދާ

ވިޔަފާރި ބިމެއްގެ ގޮތުގައި ދޫކޮށްފައިވާ ބަންޑާރަ ބިން، މި ގަވާއިދުގައިވާ ގޮތުގެމަތިން، އެކިފަހަރުމަތިން އަގު ދައްކައިގެން އަމިއްލަކުރާ އުސޫލުން އަމިއްލަކުރާނަމަ، ބިމުގެ މިލްކުވެރިކަން ބަދަލުވާނީ، ބިމުގެ އަގު އަދާކޮށް ނުންނަށްނިންމު.

 

އެކިފަހަރުމަތިން އަގު އަދާކޮށް ނިންމާ އުސޫލުން ބިން އަމިއްލަކުރުން

 

6 ވަނަ މާއްދާ

މި ގަވާއިދުގެ ދަށުން އެކިފަހަރުމަތިން އަގު ދެއްކުމަށް ބިން ގަންނަ ފަރާތްތަކުން ބިން ގަތުމަށްޓަކައި ސަރުކާރަށް ފައިސާ ދައްކާނެ އާއްމު އުސޫލުތަކާއި އެފަހަރަކު، ދައްކާނެ މިންވަރާއި، ފައިސާ ދައްކައި ނިންމަންޖެހޭ މުއްދަތު ކަނޑައަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުންނެވެ.

 

7 ވަނަ މާއްދާ

މި ގަވާއިދުގެ ދަށުން އެކިފަހަރުމަތިން އަގު އަދާކޮށް ނިންމާ އުސޫލުން އަމިއްލަކުރުމަށް ހުށަހަޅާފައިވާ ބިމަކަށް އަގުގެ ގޮތުގައި ދައްކާފައިވާ އެއްވެސް ފައިސާއެއް، އަނބުރާ ނުލިބޭނެއެވެ.

 

8 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ކަނޑައެޅޭ ވަކިމުއްދަތެއްގައި އަގު އަދާކޮށް ބިން އަމިއްލްކުރާ ހާލަތްތަކުގައި، ވަކިވަރަކަށް ފައިސާ ދައްކާފަހުން ބިން ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތް ނިޔާވެއްޖެނަމަ، ބިމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން، އެ ބިން ލިބޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް، އެ ގާނޫނާއި ގަވާއިދާއި، މިގަވާއިދުގެ ދަށުން ބިން އަމިއްލަކުރުމުގެ ފުރުސަތު ލިބިދެވޭނެއެވެ. މިގޮތަށް ފައިސާ ދައްކާއިރު، އަގުގެ ގޮތުގައި ދައްކާފައިވާ ފައިސާ އަލުން ދައްކާކަށް ނުޖެހޭނެއެވެ.

 

ކުންވިއް

 

9 ވަނަ މާއްދާ -

ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަކުރުމަށްފަހުވިޔަސް ވިއްކާނީ، ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) ބިން ގަންނަ ފަރާތްތަކީ، ދިވެހި ރައްޔިތަކު ކަމުގައިވުން .

(ށ) ވިއްކުމުގެ މުއާމަލާތް ށަރީއަތް މެދުވެރިކޮށް ހިންގުން.

 

ބިމުގެ އަގު ކަނޑައެޅުން

 

10 ވަނަ މާއްދާ -

ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަކުރުމަށްޓަކައި، "ބިމުގެ ބާޒާރު އަގު" ކަނޑައަޅާނީ ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޓީއެއްގެ މަށްވަރާއާއެކު، މިނިސްޓްރީއޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުންނެވެ.

 

11 ވަނަ މާއްދާ -

މި ގަވާއިދުގައިވާ ގޮތުގެމަތިން ބިމުގެ މާޒާރު އަގު ކަނޑައެޅުމުގައި، އެ ސަރަހައްދެއްގެ އިގްތިޞާދީ އަދި އިޖްތިމާއީ ހާލަތަށް އަދި ބިމުގެ ތަނަވަސްކަމާއި، މިނޫންވެސް އެކަށޭނަ ކަންކަމަށް ބެލުމަށްފަހު، ރާއްޖޭގެ އެކިރަށްރަށުގައި ނުވަތަ އެއްރަށެއްގެ އެކިހިސާބުގައިވިޔަސް، ބިމުގަ އަގު ތަފާތުކުރުމުގެ އިހްތިޔާރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރަބަން ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ބިމުގެ އަގު ކަމުގައި ކަނޑައަޅާފައިވާ އަގު، މަދުވެގެން އަހަރަކު އެއްފަހަރު ބަލައި، އަގަށް ގެންނަންފެންނަ ބަދަލުތައް ކަނޑައަޅައި، އާއްމުކޮށް އިއުލާން ކުރަންވާނެއެވެ.

 

ރަހުނު ތަންފީޒުކުރުމުގެ ގޮތުން ބިން ވިއްކުން

 

13 ވަނަ މާއްދާ -

ރަހުނު ތަންފީޒުކުރުމުގެ ގޮތުން ވިއްކާ ބިން އަމިއްލަކުރުން، މި ގަވާއިދުގެ ދަށުން ނުހިމެނެއެވެ. އެފަދަ ބިންބިމާ ބެހޭގޮތުން އަމަލު ކުރާނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 36 ވަނަ މާއްދާއާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ރަހުނާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

ޓެކްސް ނެގުން

 

14 ވަނަ މާއްދާ -

މިގަވާއިދުގެ ދަށުން ބިން އަމިއްލަކުރާ ހާލަތްތައް ފިޔަވައި، ވިޔަފާރި ބަންޑާރަ ބިމެއް ވިއްކާނަމަ، ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި ބިން ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންވާނެއެވެ.

 

15 ވަނަ މާއްދާ

ބިން އަމިއްލަ ކުރުމަށްފަހު ވިއްކާލާއިރު ވިއްކާލުމަށް ހުށަހަޅާ އަގަކީ، އެއިރެއްގެ "ބިމުގެ ބާޒާރުގެ އަގަށް"  ނުފެތޭ އަގެއްކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓަށް ފެނިއްޖެނަމަ، ބިމުގެ އަގު ކަނޑައަހާ ކޮމިޓީގެ ލަފާގެ މަތިން ބިމުގެ ބާޒާރުގެ އަގަށް ފެތޭ އަގެއްގެ ނިސްބަތުން، 14 ވަނަ ނަންބަރުގައި ބުނެފައިވާ ޓެކްސް ސަރުކާރަށް ދައްކަންވާނެއެވެ.

 

ރަޖިސްޓަރީކުރުން

 

16 ވަނަ މާއްދާ

ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބަންޑާރަ ބިމެއް އަމިއްލަކުރާ ހާލަތުގައި، މި ގަވާއިދުގައިވާ ގޮތުގެމަތިން ބިމުގެ އަގު އަދާކޮށް ނިމުމުން، އަމިއްލަ ބިމެއްގެ ގޮތިގައި ބިން އަމިއްލަކުރަން ހުށަހެޅި ފަރާތަށް އެ ބިން ރަޖިސްޓަރީކޮށް، ބިމުގެ ރަޖިސްޓަރީ ދޫކުރަންވާނެއެވެ. އަމިއްލަ ބިމެއް ވިއްކާ ހާލަތުގައި، ގަނެވިއްކުމުގެ އެއްބަސްވުން ނިޔާކުރާ ގޮތެއްގެ މަތިން، އަދި ގަނެވިއްކުމުގެ އެއްބަސްވުމުގައި ވަކިގޮތަކަށް ބުނެފައިނުވާ ހިނދަކު، ބިމުގެ އަގު އަދާކޮށް ނިމުމުން، އަމިއްލަ ބިމެއްގެ ގޮތުގައި ގަންނަ ފަރާތަށް ބިން ރަޖިސްޓަރީކޮށްދޭން ނެއެވެވާ.

 

17 ވަނަ މާއްދާ

މި ގަވާއިދުގެ ދަށުން ބިން ރަޖިސްޓަރީކުރަން ހުށަހަޅާނީ، ތިރީގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު، އެކަމަށްޓަކައި ހާއްސަކުރެވިފައިވާ ފޯމުން، މާލޭގައިނަމަ، މުނިސިޕަލްޓީއަށް ނުވަތަ އެ އޮފީހުން ކަނޑައަޅާ ތަނަކަށެވެ.  ރާއްޖެތެރޭގައިނަމަ، އެ އަތޮޅެއްގެ އަތޮޅު އޮފީހަށް ނުވަތަ އަތޮޅު އޮފީހުން ކަނޑައަޅާ ތަނަކަށެވެ. 

(ހ) ބިމުގެ އަގު އަދާކޮށް ނިންމާފައިވާކަން އަންގައިދޭ ލިޔުން.

(ށ) ގޯތީގެ ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަސްލު.

(ނ) ބިމާބެހޭ ގާނޫނުގެ ދަށުްނ ދައްކަންޖެހޭ ޓެކްސް، ދައްކައި ނިންމާފައިވާކަމުގެ ލިޔުން.

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު