-

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ ހިންގާ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-198)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ނޮވެމްބަރު 2022 ގައި)

 

އެއްވަނަ ބާބު

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ ހިންގުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 108 ވަނަ މާއްދާއިން ބާރުލިބިގެން، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ

(ށ) މި ގަވާއިދަށް ކިޔާނީ، "އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލު ހިންގުމަށާއި، ކައުންސިލުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދު ފާސްކޮށްފައިވަނީ، 15 ސެޕްޓެންބަރު 2022 ގައި ބޭއްވި، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 25 ވަނަ ބައްދަލުވުމުގައެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ދެވަނަ ބާބު

ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި މެންބަރުން

 

4 ވަނަ މާއްދާ - ކައުންސިލުގެ ރައީސް

އަތޮޅު ކައުންސިލުގެ ރައީސް އިންތިހާބުކުރާނީ، ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ.

 

5 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް

(ހ) އަތޮޅު ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރާނީ، ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ކައުންސިލުގައި ހިމެނޭ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދީފިނަމަ، ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ، ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކަން އަންގައި، ނައިބު ރައީސްގެ މަގާމު ހުސްވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މަގާމަކަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަށްވަރާކޮށްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ކައުންސިލްގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން ކައުންސިލުގެ އާންމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.
  2. ނައިބު ރައީސްކަމަށް މެންބަރަކު އިންތިހާބުކުރާނީ، ކައުންސިލުގެ އެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
  3. ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރުގައި ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ، 1 (އެކެއް) ވޯޓެވެ.

(ށ) ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރުމަށް ޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ސެކްރެޓަރީ ޖެނެރަލްއެވެ.

 

7 ވަނަ މާއްދާ - ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ނައިބު ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމުން މެންބަރަކު އިސްތިއުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

 

9 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް މަގާމުން ދުރުކުރުން

(ހ) ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި ވޯޓަށް އަހަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުގައެވެ.

  1. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބުރައީސް އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން؛
  2. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ށަރުއީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފި ހާލަތެއްގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަކުރުމަކާ ނުލައި، ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އިހުތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް ކައުންސިލުގެ މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން ކައުންސިލުގެ ރައީސް ނުވަތަ އެ ވަގުތަކު ކައުންސިލު ހިންގުމާ ހަވާލުވެ ހުރި ކައުންސިލަރަކު އެޖެންޑާ ކުރަންވާނެއެވެ.

(ރ) ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން، ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

(ބ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށް، އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތެއް ކައުންސިލުގެ ނައިބު ރައީސަށް ދޭންވާނެއެވެ.

(ޅ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް މި މާއްދާގެ (ބ) ގެ ދަށުން ދޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކަންކަން އިސްލާހުކޮށްފައި ނުވާނަމަ، އެ މުއްދަތު ހަމަވާ ފަހުން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުބާރު އޮތްކަމަށް ނުވަތަ ނެތްކަމަށް ކައުންސިލުން ކަނޑައަޅައި ވޯޓެއް ނަގަންވާނެއެވެ.

(ކ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް ދޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަކުރުމަށްފަހު ނޫނީ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަށްވަރާކޮށްގެން ނުވާނެއެވެ.

(އ) ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.

(ވ) ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

(މ) ކައުންސިލުގެ ނައިބު ރައީސްކަމުގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އަންނަނިވި ލިޔެކިއުމާއެކު ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

  1. އިސްލާހު ކުރުމަށް ފުރުސަތު ދިން ބައްދަލުވުމުގެ އެޖެންޑާއާއި، އިތުބާރުނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ އެޖެންޑާ؛
  2. އިސްލާހު ކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
  3. އިސްލާހު ކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛
  4. އިސްލާހު ކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛
  5. އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ލިޔުންތައް؛
  6. އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހު ކުރުމަށް ދޭ މުއްދަތު އަންގައި ކައުންސިލުގެ ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި ލިޔުން ހަވާލުކުރި ތާރީހު އެނގޭނެ ލިޔެކިޔުން؛
  7. ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ އެ މައުލޫމާތެއް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.

(ދ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ކަމުގައި ގޮތެއް ކަނޑައަޅައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އެކަން އަންގަންވާނެއެވެ.

(ތ) ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ.

(ލ) ކައުންސިލުގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވައި، އޮތޯރިޓީން ވަކިގޮތެއް ކަނޑައެޅުމުންނެވެ.

(ގ) އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކަމަށް އޮތޯރިޓީން ކަނޑައަޅައި ކައުންސިލަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަން ވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާ ބެހޭގޮތުން މަށަވަރާކޮށްގެން ނުވާނެއެވެ.

(ޏ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހު ކުރުމަށް ދޭ މުއްދަތު، ކައުންސިލަށް ނުވަތަ ނައިބު ރައީސަށް އެންގި ތާރީހުން ފަށައިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.

(ސ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކައުންސިލުގެ ނިންމުން ލިޔުމުން ނައިބު ރައީސަށް އެންގުނުކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގި ތާރީހުން ފެށިގެންނެވެ.

(ޑ) މި މާއްދާގެ (ސ) ގެ ދަށުން ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. އަދި މި ހާލަތުގައި ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.

 

10 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ ވާޖިބުތައް

ކައުންސިލްގެ ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ށާއިއުކުރުމާއި ތަންފީޒުކުރުން.

(ށ) ކައުންސިލުގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

(ނ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން.

(ރ) ކައުންސިލުގެ މަށްވަރާގެ މަތީން އިދާރާގެ އޮނިގަނޑު އެކުލަވައިލައި، ޑިވިޜަންތަކާއި ސެކްށަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން.

(ބ) ކައުންސިލުގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި، ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ޅ) ކައުންސިލުގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލުގެ މަގުސަދާ އެއްގޮތްވާ ގޮތުގެ މަތީންތޯ ބެލުން.

(ކ) ކައުންސިލުން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރެވޭކަން ކަށަވަރުކުރުން.

(އ) ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން.

(ވ) ކައުންސިލް ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.

(މ) ކައުންސިލުގެ މާލީ ޒިންމާތަކާއި ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އަދާކުރަމުންދާކަން ކަށަވަރުކުރުން.

(ފ) ކައުންސިލުގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން.

(ދ) ގައުމީ އިދާރާތަކާއި އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން.

(ތ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

11 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް

ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ މަސައްކަތާ ބެހޭގޮތުން ކައުންސިލުގެ ރައީސަށް އެހީތެރިވެދިނުން.

(ށ) ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.

(ނ) ކައުންސިލުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ރ) އަތޮޅު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

12 ވަނަ މާއްދާ - ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލް މެންބަރު ނިސްބަތްވާ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުމާއި، އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.

(ށ) ކައުންސިލުގެ ޖަލްސާތަކުގައި ބައިވެރިވުން.

(ނ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މަސައްކަތްކުރުން.

(ރ) ކައުންސިލުން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި، އަހަރީ މަސައްކަތު ތާވަލާއި، އަހަރީ ބަޖެޓާއި، ސަޕްލިމެންޓްރީ ބަޖެޓު އެކުލަވައިލުމުގައި އަމަލީގޮތުން ބައިވެރިވުން.

(ބ) ކައުންސިލުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން އަތޮޅު ކައުންސިލުގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

(ޅ) އަތޮޅު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

13 ވަނަ މާއްދާ - ކައުންސިލް ހިންގުމާ ހަވާލުވާ ފަރާތް

(ހ) ކައުންސިލުގެ ރައީސް ޗުއްޓީ ނަގާ ހާލަތުގައި ކައުންސިލް ހިންގުމާ ހަވާލުވާނީ، ކައުންސިލުގެ ނައިބު ރައީސެވެ. އެގޮތުން ރައީސްގެ ޗުއްޓީގެ މުއްދަތުގައި، ކައުންސިލުގެ ނައިބު ރައީސް ކައުންސިލް ހިންގުމަށް އަތޮޅު ކައުންސިލުގެ އިދާރާގައި ގާއިމްވުން ނުވަތަ ވަރޗުއަލްކޮށް ކައުންސިލް ހިންގުމާމެދު، ރައީސަށް ޗުއްޓީދޭން ނިންމާއިރު ކައުންސިލުން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ށ) ކައުންސިލުގެ ރައީސާއި ނައިބު ރައީސް އެއްފަހަރާ ކައުންސިލުގެ ހިންގުމާ އެކަހެރިވާންވާނީ، ކައުންސިލުގެ ޖަލްސާއެއް ބާއްވައިގެން، ކައުންސިލާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އައްޔަނު ކުރުމަށްފަހުގައެވެ.

 

 

ތިންވަނަ ބާބު

ކައުންސިލުގެ ބައްދަލުވުން

 

14 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުން

ކައުންސިލުގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ.

(ހ) ކައުންސިލުގެ އާންމު ބައްދަލުވުން.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން.

 

15 ވަނަ މާއްދާ - ބައްދަލުވުމުގެ ގާނޫނީ އަދަދު

(ހ) ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ އިހްތިޔާރު ނުވަތަ އެހެން ވަގުތަކަށް ނުވަތަ އެހެން ދުވަހަކަށް ފަސްކުރުމުގެ އިހްތިޔާރު، ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑައިލުމަށް ނުވަތަ ފަސްކުރުމަށް ނުވަތަ ބައްދަލުވުން ނުބޭއްވުމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޔާސަތުން ނިންމައިފިނަމަ، އެކަން ޔައުމިއްޔާގައި ލިޔަންވާނެއެވެ.

 

16 ވަނަ މާއްދާ - ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުން

(ހ) ކައުންސިލުގެ ބައްދަލުވުންތައް އާންމުގޮތެއްގައި ބާއްވާނީ، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ނަމަވެސް، ބައްދަލުވުމަށް އެޖެންޑާކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި، މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުން ބޭއްވުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބައްދަލުވުމަށް އެޖެންޑާކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި، މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުން ބާއްވައިދިނުމަށް، ކައުންސިލުގެ މަދުވެގެން ތިންބައިކުޅައެއްބައި މެންބަރުން އެދިއްޖެނަމަ، އެ ބައްދަލުވުމެއް ބާއްވަންވާނީ، މެންބަރުން އެއްތަނަކަށް ޖަމާކޮށްގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި، ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި، ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ބައްދަލުވުމުގައި ކޮންމެ މެންބަރަކު ވެސް ބައިވެރިވާންވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތް ނުވަތަ އެޕްލިކޭށަނެއްގައި އެ މެންބަރަކަށް ހާއްސަކޮށްގެން ކައުންސިލުގެ އިދާރާއިން ކަނޑައަޅައިފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީއެއް މެދުވެރިކޮށްގެންނެވެ.
  2. އެ ފަދަ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލާއި އެހެނިހެން މައުލޫމާތު ކައުންސިލުގެ އިދާރާއިން ރިކޯޑުކުރަން ވާނެއެވެ.
  3. ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުސްކޮށް ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓު ދޭންވާނީ، އަތް މައްޗަށް އުފުލުމާއެކު، އޯޑިއޯއިން ނުވަތަވީޑިއޯއިން ވެސް ސާފުވާނެ ގޮތަށް އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓުދޭގޮތް އަނގަބަހުން ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުންކުރާ ޒަމާނީ މުއާސަލާތީ ވަސީލަތުގައި ނުވަތަ އެޕްލިކޭށަނުގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓުދެވޭނެ ފަދަ ގޮތެއް ކަނޑައެޅިފައިވާނަމަ އެގޮތަށް ވެސް ވޯޓު ދެވިދާނެއެވެ.
  4. މި އަކުރުގެ (3) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ގަވާއިދު ލާޒިމްކުރާ ހާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން މެނުވީ، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ.
  5. ކައުންސިލުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިއުމެއް އޮތްނަމަ، އެ މެންބަރެއްގެ "ޑިޖިޓަލް ސިގްނޭޗަރ" އެ ލިޔެކިއުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ހުރިހާ ކައުންސިލަރުންގެ ސޮއި ކުރުވޭކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ.
  6. ޒަމާނީ މުއާސަލާތީ ވަސީލަތް ނުވަތަ އެޕްލިކޭށަން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުގެ އިދާރާއިން ކައުންސިލަރުންނަށް ދޭ ލޮގިން ނުވަތަ ލިންކު ނުވަތަ އައިޑީ، އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

(ބ) މި މާއްދާގެ ބޭނުމަށް ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭށަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ.

(ޅ) ބައްދަލުވުމުގައި ނެގޭ ވޯޓެއްގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިލެކްޓްރޯނިކް ޒަރީއާތައް މެދުވެރިކޮށް ނަގާ ވޯޓުގެ ސިއްރު ހިފެހެއްޓޭފަދަ ގޮތަކަށް ބައްދަލުވުން އިންތިޒާމުކުރެވޭކަން ކައުންސިލުން ޔަގީންކުރަންވާނެއެވެ. އަދި އެފަދައިން ވޯޓުގެ ސިއްރުކަން ޔަގީންނުކުރެވޭނަމަ، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ހިފަހައްޓަންޖެހޭ ވޯޓެއް ނަގައިގެން ނުވާނެއެވެ.

(ކ) ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމުގައި މެންބަރުން މަށްވަރާކުރާ ސިއްރު މައުލޫމާތު، ކައުންސިލުން ބޭރު ފަރާތްތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވާންވާނީ، ބައްދަލުވުމުގައި ހިއްސާކުރާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓޭފަދަ މާހައުލަކުންނެވެ.

 

17 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ.

(ށ) ކައުންސިލުގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް، ކައުންސިލުގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ނ) ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށްގެންދިއުމަށް ދަތިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މިފަދަ އަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ރ) ކައުންސިލުގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ މެންބަރުންގެ އިތުރަށް ކައުންސިލުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން އެ ފަރާތެއްގެ މައުލޫމާތު ނުވަތަ މަށްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް، ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތު ދިނުމުގެ ބާރު، ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތަށް މަށްވަރާއާއި މައުލޫމާތު ހޯދުމަށް ކައުންސިލުގެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދެވޭ ފަރާތްތަކަށް ކައުންސިލުގެ ޖަލްސާގައި ވޯޓެއް ނުދެވޭނެއެވެ.

 

18 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ މަހަކު 1 (އެކެއް) ފަހަރު ކައުންސިލުގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ، ކޮންމެ މަހެއްގެ ދެވަނަ ހަފުތާގެ ބުދަދުވަހުއެވެ. އަދި އެއްވެސް ސަބަބަކާހުރެ ތާވަލު ކުރެވިފައިވާ ބައްދަލުވުން ނުބޭއްވިއްޖެނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު އެ ބައްދަލުވުން ބާއްވަންވާނެއެވެ

(ށ) މި މައްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

19 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު، ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާނީ، ކައުންސިލުގެ އިދާރާގައެވެ. ބައްދަލުވުމުގެ ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސެވެ.

(ށ) ކައުންސިލުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން، ކައުންސިލުގެ ރައީސް، ލިޔުމުން، ކައުންސިލުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ.

 

20 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ

(ހ) ކައުންސިލަށް ހުށަހެޅޭ ހުރިހާކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލުގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ.

(ށ) ކައުންސިލުގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ، އާންމު ބައްދަލުވުން ތާވަލުކޮށްފައިވާ ދުވަހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ލިޔުމަކުން، ކައުންސިލުގެ ރައީސަށް އަންގަންވާނެއެވެ.

(ނ) ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، އެ ކަމެއް، ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅިދާނެއެވެ.

(ރ) ކައުންސިލުގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް، ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިހްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.

 

21 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން

އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ހ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން، ކައުންސިލުގެ ތިންބައިކުޅައެއްބައި މެންބަރުން އެދުން.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދުން.

(ނ) އެކަށީގެންވާ ސަބަބަކާހުރެ ކައުންސިލުގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.

 

22 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން

ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހު، ލިޔުމުން، ކައުންސިލުގެ ރައީސަށް ހުށަހަޅަންވާނެއެވެ.

 

23 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތީން، ކައުންސިލުގެ ރައީސެވެ.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކައުންސިލުގެ ރައީސް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، ވީ އެންމެ އަވަހަކަށް، ކައުންސިލުގެ ރައީސް، ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.

 

24 ވަނަ މާއްދާ - ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް

އަންނަނިވި ކަންކަމުން ކުރެ ކަމެއް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.

(ހ) ނައިބު ރައީސްގެ މަގާމަށް މެންބަރަކު ހޮވުމާއި، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން.

(ށ) ކައުންސިލުގެ ގަވާއިދުތަކާ އުސޫލުތަކަށް އެއްވެސް އުނިއިތުރެއް ގެނައުން.

(ނ) ދަރަންޏަށް ޒިންމާވާގޮތަށް އެއްވެސް ލޯނެއް ނެގުން ނުވަތަ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުމަށް ފާސްކުރުން.

(ރ) ކައުންސިލުގެ ބަޖެޓު ކަނޑައެޅުމާއި، ބަޖެޓު ފާސްކުރުން.

(ބ) ކައުންސިލުގެ ޕްލޭންތައް އެކުލަވައިލުމާއި، އެ ޕްލޭންތައް ފާސްކުރުން.

(ޅ) ކައުންސިލުގެ އިދާރީ މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން.

 

25 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުން

(ހ) ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމައިފައިވާ ކަމެއް ކުރުމަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި ކައުންސިލުގެ ރައީސަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ސަލާމް ބުނާ މެންބަރަކު، އެ ބައްދަލުވުމެއް ނުވަތަ އެ ކޮމިޓީގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރާނީ، ސަލާމުގައިހުރި މެންބަރެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ރައީސަށް ނާންގައި، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީ ނުނަގައި، ކައުންސިލުގެ ބައްދަލުވުމަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާ ކަންތައްތައް ކުރުމަށް މެންބަރަކު ހާޒިރުނުވެ ހުރެގެން ނުވާނެއެވެ.

(ރ) ޗުއްޓީގައި ހުންނަ ކައުންސިލަރަކަށް، ކައުންސިލުގެ އެދުމުގެ މަތީން ނުވަތަ އެ ކައުންސިލަރެއްގެ އެދުމުގެ މަތީން، ކައުންސިލުގެ ޖަލްސާގައި ބައިވެރިވެވިދާނެއެވެ.

(ބ) ބައްދަލުވުންތަކަށް ހާޒިރުނުވުމުގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސްއެޅޭކަމަށް އެ ކައުންސިލަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އެ ކައުންސިލަރަކާމެދު، ތިރީގައިވާ ގޮތުގެ މަތީން ކައުންސިލުން އަމަލުކުރަންވާނެއެވެ.

  1. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކާ ހިލާފަށް ވިދިވިދިގެން ކައުންސިލުގެ 2 (ދޭއް) ބައްދަލުވުމަށް ކައުންސިލަރަކު ހާޒިރުނުވެއްޖެނަމަ، އެ ކައުންސިލުން ނަސޭހަތްދިނުން؛
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަކާ ހިލާފަށް ވިދިވިދިގެން ކައުންސިލުގެ 3 (ތިނެއް) ބައްދަލުވުމަށް ކައުންސިލަރަކު ހާޒިރުނުވެއްޖެނަމަ، ނުވަތަ މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ތަކުރާރުވާނަމަ، އެ ކައުންސިލަކުން ލިޔުމުން އެކަން ހަނދާންކޮށްދީފައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުން.

 

26 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ނައިބު ރައީސެވެ.

(ށ) ކައުންސިލުގެ ރައީސާއި ނައިބު ރައީސް އެއްފަހަރާ ކައުންސިލުގެ ހިންގުމާ އެކަހެރިވާންވާނީ، ކައުންސިލުގެ ޖަލްސާއެއް ބާއްވައިފައި، ކައުންސިލާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އައްޔަނު ކުރުމަށް ފަހުގައެވެ.

(ނ) ނައިބު ރައީސް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދަނިކޮށް ކައުންސިލުގެ ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލް ހިންގާނެ މެންބަރަކު އައްޔަނުކޮށްގެން ކައުންސިލުގެ ބައްދަލުވުމެއް ކުރިޔަށް ދަނިކޮށް، ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، އެ ވަގުތުން ފެށިގެން މި މާއްދާގެ (ހ) އަށް އަމަލުކުރަން ވާނެއެވެ.

 

27 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތައް ފެށުމާއި ނިންމުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން، ބައްދަލުވުމުގެ ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތުން ބައްދަލުވުން ފަށަމުން، "بسم ﷲ الرحمن الرحيم، الحمد لله والصلاة والسلام على رسول ﷲ وعلى ٱله وصحبه ومن والاہ، ކައުންސިލުގެ ބައްދަލުވުން ފެށުނީ" މިގޮތަށް އިއުލާނު ކުރަންވާނެއެވެ. އަދި ބައްދަލުވުން ނިންމަމުން، "والحمد لله رب العالمين، ކައުންސިލުގެ ބައްދަލުވުން ނިމުނީ" މިގޮތަށް އިއުލާނު ކުރަންވާނެއެވެ.

(ށ) ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ގާނޫނީ އަދަދު ހަމަވާނަމަ، މެންބަރުންގެ އަދަދު ރިޔާސަތުން އިއުލާނުކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވޭތޯ 15 (ފަނަރަ) މިނިޓު ބަލަންވާނެއެވެ. މި ވަގުތު ފަހަނަޅައިދިއުމުން ވެސް ގާނޫނީ އަދަދު ހަމަނުވާނަމަ، ރިޔާސަތުން އެކަން އިއުލާނު ކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - އެޖެންޑާ އިއްވުމާއި ފާސްކުރުން

(ހ) ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ، ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތީން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެއެވެ.

(ށ) އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކައުންސިލުގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.

(ނ) އާންމު ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، އާންމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެން ވެސް ނުވާނެއެވެ.

 

29 ވަނަ މާއްދާ - އެޖެންޑާއާ އެއްގޮތަށް ބައްދަލުވުން ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވައިލުން

(ހ) ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބައްދަލުވުމަށް ހުށަހަޅައި، އެ ކަމަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު، ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުސަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ އިހްތިޔާރު، ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ފުރުސަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމުލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުސަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތު ދޭންވާނީ، ހަމަހަމަ އުސޫލަކުންނެވެ.

 

30 ވަނަ މާއްދާ - ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން

(ހ) މި ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ.

(ށ) ބަހުސްގައި ބައިވެރިވުމަށް ފުރުސަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުސަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން، ފުރުސަތު ދޭންވާނެއެވެ.

 

31 ވަނަ މާއްދާ - ބަހުސްގައި ވާހަކަދެއްކުމުގެ އަދަބުތައް

ކައުންސިލުގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، އަންނަނިވި އުސޫލުތަކަށް، ކޮންމެ މެންބަރަކު ވެސް ތަބާވާންވާނެއެވެ.

(ހ) މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު، އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކު ވެސް އެ ދެމެދަށް ހުރަސް ނޭޅުން.

(ށ) ހުށަހަޅައިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.

(ނ) އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވެ، ވާހަކަދެއްކުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކައުންސިލުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތީން، ވާހަކަދެއްކުން.

 

32 ވަނަ މާއްދާ - ބަހުސް ނިންމުން

(ހ) ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމުލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރި މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީވުމަށާއި ފަހުބަސް ބުނުމަށް، މަދުވެގެން 3 (ތިނެއް) މިނިޓު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުސަތު ރިޔާސަތުން ދިނުމާއެކު، މުޅި ބަހުސާ ގުޅިގެން ނިންމި ނިންމުން ރިޔާސަތުން އިއުލާނުކުރުމުން، އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ.

 

33 ވަނަ މާއްދާ - މައްސަލައާ ގުޅޭގޮތުން ހުށަހަޅާ ކަންކަން

(ހ) ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، މައްސަލައާ މެދު އަމަލުކުރަން ފެންނަ ގޮތްތައް ހުށަހެޅުމަށް، ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ. އަދި އެފަދައިން ފުރުސަތަށް އެދުމާއި ފުރުސަތު ދިނުމުގައި އަމަލުކުރަންވާނީ، މި ގަވާއިދުގެ 33 މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަހުސްގެ މަރުހަލާގެ ތެރެއިން، މައްސަލައާ މެދު އަމަލުކުރުމަށް ފެންނަ ގޮތް ހުށަހެޅުމުގެ އިހްތިޔާރު ކައުންސިލަރުންނަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ވާހަކައިގެ މެދުތެރެއިން ހުއްޓައިލަންޖެހުން

މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް، އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ.

(ހ) މެންބަރަކު ދައްކާ ވާހަކައަކީ، އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން، ވާހަކަ ހުއްޓައިލުމަށް އެންގުން.

(ށ) މެންބަރަކު ވާހަކަދައްކަނީ، ކައުންސިލުގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ތައާރުޒުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން، ވާހަކަ ހުއްޓައިލުމަށް އެންގުން.

(ނ) މެންބަރަކު ދައްކާ ވާހަކައަކީ، އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއް ނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން، ވާހަކަ ހުއްޓައިލުމަށް އެންގުން.

 

35 ވަނަ މާއްދާ - ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން

މެންބަރެއްގެ ދައްކާ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފިނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

36 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުމެއްގައި ކުރުން ހުއްދަނޫން ކަންކަން

ކައުންސިލުގެ އެއްވެސް ބައްދަލުވުމެއްގައި، ކައުންސިލުގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން.

(ށ) ބައްދަލުވުން ހިނގަމުންދާއިރު ކައުންސިލުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް ނޫސް މަޖައްލާ ފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކައި ހެދުމާއި، ބައްދަލުވުމުގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިށާރާތްކޮށް މުއާމަލާތުކޮށްހެދުން.

(ނ) ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލުގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރިކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި، ކައުންސިލުގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.

(ރ) މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން.

(ބ) ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރިކޯޑުކުރުން.

 

37 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ، ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

  1. ކައުންސިލުގެ ނައިބު ރައީސް މަގާމުން ދުރުކުރުން؛
  2. އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

  1. އާންމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން؛
  2. ކައުންސިލުން ހޯދާ، އުފުލޭ މުދަލާއި ނޫފުލޭ މުދަލެއް ނައްތައިލުން، ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދިނުން ނުވަތަ ވިއްކުން.
  3. ކައުންސިލުން މާލީކަންކަމުގައި ލުއިދިނުން.

 

38 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް

ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކައުންސިލުން ކަންކަން ނިންމަންވާނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި އަތޮޅުގެ ތަރައްގީގެ ޕްލޭނާއި ގައުމީ ތަރައްގީގެ ޕްލޭނާ ތައާރުޒުނުވާ ގޮތެއްގެ މަތީންނެވެ.

 

39 ވަނަ މާއްދާ - މާލީ ކަންކަން ނިންމުން

(ހ) ކައުންސިލުގެ ބަޖެޓު ކަނޑައެޅުން ހިމެނޭ ގޮތުން، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަމުގައި ކައުންސިލްތަކުން އަމަލުކުރަންވާނީ، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ގާނޫނުތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދައުލަތުގެ ފައިސާއާބެހޭ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ކައުންސިލްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ އެ ނޫންވެސް އެހެން ފައިސާއެއް މާފުކުރަން ނުވަތަ ފަސްކުރަން ނުވަތަ ލުޔެއް ދިނުމަށް އެދޭނަމަ، އެކަންކަން ކުރަންވާނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

40 ވަނަ މާއްދާ - ވޯޓު ދިނުން

(ހ) ކައުންސިލުން ސިއްރު ވޯޓަކުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ކަމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ފިޔަވައި، އެހެނިހެން ކަންކަން ނިންމުމުގައި ކައުންސިލުން ވޯޓު ދޭނީ، އަތް އުފުލައިގެންނެވެ.

(ށ) ކައުންސިލުގެ ކޮންމެ މެންބަރަކަށް ވެސް ދެވޭނީ، ވޯޓު ނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ.

 

41 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން

ކައުންސިލުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނީ، ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައެވެ. ނަމަވެސް، ކައުންސިލުގެ ފުލް މެޖޯރިޓީން ކަމެއް ނިންމަންޖެހޭ ހާލަތެއްގައި މަދުވަނީ އެއްވޯޓު ކަމަށްވާނަމަ، ރިޔާސަތުން ވޯޓުގައި ބައިވެރިވާން ވާނެއެވެ.

 

42 ވަނަ މާއްދާ - ވޯޓު ގުނައި ތަފުސީލު ރިކޯޑުކުރުމާއި ނަތީޖާ އިއުލާނުކުރުން

ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑު ކުރާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ، ކައުންސިލުގެ އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ.

 

43 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތު

ކައުންސިލުގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑުއެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކައުންސިލުގައި މަށްވަރާކުރާނަމަ، އެ ބައްދަލުވުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

 

44 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން

(ހ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ ސައްހަ އަމުރުތަކެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ށ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކައުންސިލުގެ ސިއްކަ ޖެހުމަށްފަހު، ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑާއި، ކައުންސިލުގެ ވެބްސައިޓާއި، ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކައުންސިލުގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

45 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކައުންސިލުގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

 

46 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ

(ހ) ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް، އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ.

(ށ) އެ ބައްދަލުވުމެއްގައި ކައުންސިލުން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވާ މެންބަރުންނާއި، އެ މެންބަރުން ބައިވެރިނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީހާއި ތަނާއި ވަގުތާއި، އެ ބައްދަލުވުމުގައި، ކައުންސިލަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމަ، އެކަމުގެ މައުލުމާތު ވެސް، ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިސްލާހުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ ބެލެވޭނީ، ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.

 

 

ހަތަރުވަނަ ބާބު

ކައުންސިލުގެ އިދާރާ

 

47 ވަނަ މާއްދާ - ކައުންސިލުގެ އިދާރާ

ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލުގެ އިދާރީ ކަންކަން ކުރާނީ އެކަމަށް ޓަކައި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމްކުރާ އިދާރާއިންނެވެ.

 

48 ވަނަ މާއްދާ - ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް

(ހ) ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލުގެ ލަފަޔާއެކު، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަނުކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ކައުންސިލުގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސްފަރާތަކީ ވެސް، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއެވެ.

 

49 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

(ށ) ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސް، ނުވަތަ ނައިބު ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެވަގުތަކު ހަވާލުވެހުރި ކައުންސިލަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން.

(ނ) ކައުންސިލުން ނިންމާ ނިންމުންތަކާއި، ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.

(ރ) ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް، ކައުންސިލުގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން.

(ބ) ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލަށް ލަފާދިނުން.

(ޅ) ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި، ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން.

(ކ) ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓްތަކާއި ރިޕޯޓުތައް ތައްޔާރުކުރުމާއި، ކައުންސިލުން ނިންމާ ގޮތެއްގެ މަތީން ތަންފީޒުކުރުން.

(އ) ކައުންސިލުގެ މަސައްކަތްތައް ތަރައްގީކޮށް، ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައް ކޮށް، އޭގެ އަލީގައި ކައުންސިލުގެ ހިދުމަތްތަކާއި މަސައްކަތްތައް ތަރައްގީކުރުމަށް ކައުންސިލުގެ ރައީސަށް ލަފާދިނުން.

(ވ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ބޭނުމަށް، ކައުންސިލުގެ ރައީސްގެ ލަފާގެ މަތީން، ކައުންސިލުގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން.

(މ) ކައުންސިލުގެ ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ޓަކައި ކައުންސިލުގެ އިދާރީ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ބައިވެރިވުން.

(ފ) ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން، ސިވިލް ސަރވިސް ކޮމިށަނުން ހަވާލުކުރާ މަސައްކަތްތައްކުރުން.

(ދ) ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައްކުރުން.

 

50 ވަނަ މާއްދާ - މީޑިއާއަށް މައުލޫމާތު ދިނުން

ކައުންސިލުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދޭނީ ކައުންސިލުގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ މަސައްކަތާ ހަވާލުވެތިބި އިސް މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މުވައްޒަފުން ނުވަތަ މުވައްޒަފެކެވެ.

 

 

ފަސްވަނަ ބާބު

ސަރުކާރާއި ކައުންސިލާ އޮންނަ ގުޅުން

 

51 ވަނަ މާއްދާ - ގައުމީ އިދާރާއާ އޮންނަ ގުޅުން

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 9 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުއައްސަސާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ޓަކައި ހިންގާ ހަރަކާތްތަކުގައި އެ މުއައްސަސާއަކުން ބޭނުންވާ އެއްބާރުލުމެއް ކައުންސިލުން ދޭންވާނެއެވެ.

 

 

ހަވަނަ ބާބު

އެހެނިހެން ކަންކަން

 

52 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

(ހ) މި ގަވާއިދަށް ނުވަތަ ގަވާއިދުގެ އެއްވެސް މާއްދާއަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާ ހޯދުމަށްފަހު، ގަވާއިދަށް އެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް ކައުންސިލުގެ ބައްދަލުވުގައި ފާސްކޮށް، ދިވެހި ސަރުކާރުގައި ގެޒެޓުގައި އެ އިސްލާހެއް ށާއިއުކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ގަވާއިދަށް ގެނެވޭ އިސްލާހުތައް، ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑާއި، ކައުންސިލުގެ ރަސްމީ ވެބްސައިޓާއި، ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރަން ވާނެއެވެ.

 

53 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ނިންމާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތީން ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

54 ވަނަ މާއްދާ - އިޖުރާއީ ގަވާއިދާ ފުށުއެރުން

މި ގަވައިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވައިދު) އާ ފުށުއަރައިފިނަމަ އިސްކަންދެވޭނީ، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވައިދު) އަށެވެ.

 

55 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި އެ ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަ ވެސް ހިމެނިގެންވެއެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށެވެ.

(ށ) "ކައުންސިލަރުން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ މެންބަރުންނަށެވެ.

(ނ) "ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ އިދާރާގެ އިދާރީ އެންމެ އިސް މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަރާތެއް ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެހުރި މުވައްޒަފަށެވެ.

(ރ) "ގައުމީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި، އޮފީސްތަކާއި، މި ތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި، ގާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށެވެ.

 

ޖަދުވަލު 1

 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު