-

މާލެއަތޮޅު ގާފަރު ކައުންސިލުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2022-134)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 އޮގަސްޓް 2022 ގައި)

އެއްވަނަ ބާބު

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކުރެވިފައިވާ މާލެއަތޮޅު ގާފަރު ކައުންސިލް ހިންގުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 108 ވަނަ މާއްދާއިން ބާރު ލިބިގެން، މާލެއަތޮޅު ގާފަރު ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "މާލެއަތޮޅު ގާފަރު ކައުންސިލުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުންހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، މާލެއަތޮޅު ގާފަރު ކައުންސިލް ހިންގުމަށާއި، ކައުންސިލުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަ ޅައި ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދު ފާސްކޮށްފައިވަނީ، 11 އޮގަސްޓު 2022 ގައި ބޭއްވުނު މާލެއަތޮޅު ގާފަރު ކައުންސިލުގެ 62 ވަނަ ބައްދަލުވުމުގައެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މާލެއަތޮޅު ގާފަރު ކައުންސިލު ން މި ގަވާއިދު ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ދެވަނަ ބާބު

ކައުންސިލުގެ ރައީސާއި ނައިބު ރައީސް އަދި މެންބަރުން

 

4 ވަނަ މާއްދާ - ކައުންސިލުގެ ރައީސް

ރަށު ކައުންސިލުގެ ރައީސް އިންތިހާބުކުރާނީ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ.

 

5 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް

(ހ) ރަށު ކައުންސިލުގެ ނައިބުރައީސް އިންތިހާބުކުރާނީ ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ކައުންސިލުގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދީފިނަމަ ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، އެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގައި، ނައިބު ރައީސްގެ މަގާމު ހުސްވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މަގާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަށްވަރާކޮށްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރާނީ ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން ކައުންސިލުގެ އާންމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.
  2. ނައިބު ރައީސް ކަމަށް މެންބަރަކު އިންތިހާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
  3. ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ.

(ށ) ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރުމަށްޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ.

 

7 ވަނަ މާއްދާ - ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިއުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން އޭނާ އެ މަގާމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިއުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން އޭނާ އެ މަގާމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ނައިބު ރައީސް ހުށަހަ ޅައިފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަގާމުން މެންބަރަކު އިސްތިއުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ.

 

9 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް މަގާމުން ދުރުކުރުން

(ހ) ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، ވޯޓަށް އަހަންވާނީ އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުގައެވެ.

  1. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބުރައީސް އިހުމާލުވަމުންދާކަމަށްފާހަގަކުރެވިގެން އެކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެފުރުސަތު ދިނުން.
  2. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ އާ ންމު ބައްދަލުވުމަށް އެޖެންޑާކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ށަރުއީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފި ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް ކައުންސިލުގެ މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކައުންސިލު ހިންގުމާ ހަވާލުވެ ހުރި ކައުންސިލަރެއް އެޖެންޑާ ކުރަންވާނެއެވެ.

(ރ) ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

(ބ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެކަން ފާސްކޮށް، އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތެއް ކައުންސިލުގެ ނައިބު ރައީސަށް ދޭންވާނެއެވެ.

(ޅ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް މި މާއްދާގެ (ބ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކަންކަން އިސްލާހުކޮށްފައި ނުވާނަމަ، އެ މުއްދަތު ހަމަވާ ފަހުން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުބާރު އޮތްކަމަށް ނުވަތަ ނެތްކަމަށް ކައުންސިލުން ކަނޑައަޅައި ވޯޓެއް ނަގަންވާނެއެވެ.

(ކ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން 
ދެކޭ ކަންކަން އިސްލާހު ކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ (ޅ) ގައި ބުނާ މަރުހަލާ ފުރިހަމަކުރުމަށްފަހު ނޫނީ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަށްވަރާކޮށްގެން ނުވާނެއެވެ. 

(އ) ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަގުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.

(ވ) ކައުންސިލުގެ ނައިބު ރައީސް މަގާމުން ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

(މ) ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އަންނަނިވި ލިޔެކިޔުމާއެކު ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

  1. އިސްލާހު ކުރުމަށް ފުރުސަތުދެވުނު ބައްދަލުވުމާއި އިތުބާރުނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ އެޖެންޑާ؛
  2. އިސްލާހު ކުރުމަށް ފުރުސަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
  3. އިސްލާހު ކުރުމަށް ފުރުސަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛
  4. އިސްލާހު ކުރުމަށް ފުރުސަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛
  5. އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛
  6. އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު އަންގައި ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި ލިޔުން ހަވާލުކުރި ތާރީހު އެނގޭނެ ލިޔެކިޔުން؛
  7. ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.

(ދ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކައުންސިލު ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި، ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ކަމުގައި ގޮތެއް ކަނޑައަޅައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އަންގަންވާނެއެވެ.

(ތ) ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމައަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ.

(ލ) ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދާއި ލޯކަލް ކައުންސިލްތަކުގެ އާންމު ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވައި، އޮތޯރިޓީން ވަކިގޮތެއް ކަނޑައެޅުމުންނެވެ.

(ގ) އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައްފުރިހަމަކަމަށް އޮތޯރިޓީން ކަނޑައަޅައި ކައުންސިލަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުސްވެފައިވާ ކައުންސިލުގެ ނައިބު ރައީސްގެ މަގާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަށްވަރާކޮށްގެން ނުވާނެއެވެ.

(ޏ) މި މާއްދާގެ (ބ) ގައި ބުނެފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު ކައުންސިލުގެ ނައިބު ރައީސަށް އެންގުނު ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.

(ސ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހު ކުރުމަށް ފުރުސަތު ދިނުމަށް ފާސްކުރި ބައްދަލުވުމުގައި ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކައުންސިލުގެ ނިންމުން ލިޔުމުން ނައިބު ރައީސަށް އެންގުނުކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގުނު ތާރީހުން ފެށިގެންނެވެ.

(ޑ) މި މާއްދާގެ (ސ) ގެ ދަށުން ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. މި ހާލަތުގައި ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.

 

10 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ ވާޖިބުތައް

ކައުންސިލުގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ށާއިއުކުރުމާއި ތަންފީޒުކުރުން؛

(ށ) ކައުންސިލުގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛

(ނ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛

(ރ) ކައުންސިލުގެ މަށްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވައިލައި، ޑިވިޒަންތަކާއި ސެކްށަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން؛

(ބ) ކައުންސިލުގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛

(ޅ) ކައުންސިލުގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލުގެ މަގުސަ ދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

(ކ) ކައުންސިލުން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާ ންމުކުރެވޭކަން ކަށަވަރުކުރުން؛

(އ) ކައުންސިލު ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލު ތަމްސީލުކުރުން؛

(ވ) ކައުންސިލު ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

(މ) ކައުންސިލުގެ މާލީ ޒިންމާތަކާއި ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ) އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛

(ފ) ކައުންސިލުގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ 

(ދ) ގައުމީ އިދާރާތަކާއި އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން.

(ތ) އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިދާރީ ކަންކަން އިންތިޒާމުކޮށްދިނުން.

(ލ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

11 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް

ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލުގެ މަސައްކަތާ ބެހޭގޮތުން ކައުންސިލުގެ ރައީސަށް އެހީތެރިވެދިނުން.

(ށ) ކައުންސިލުގެ ރައީސްގެ މަގާމުގެ މަ ސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.

(ނ) ކައުންސިލުގެ ރައީސް ހަވާލުކުރާ މަ ސްއޫލިއްޔަތުތައް އަދާކުރުން؛

(ރ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

12 ވަނަ މާއްދާ - ކައުންސިލު މެންބަރުންގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން؛

(ށ) ކައުންސިލުގެ ޖަލްސާތަކުގައި ބައިވެރިވުން؛

(ނ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުން؛

(ރ) ކައުންސިލުން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި، އަހަރީ މަސައްކަތު ތާވަލާއި، އަހަރީ ބަޖެޓާއި، ސަޕްލިމެންޓްރީ ބަޖެޓު އެކުލަވައިލުމުގައި އަމަލީގޮތުން ބައިވެރިވުން؛

(ބ) ކައުންސިލުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ރަށު ކައުންސިލުގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން؛ އަދި

(ޅ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

ތިންވަނަ ބާބު

ކައުންސިލުގެ ބައްދަލުވުން

 

13 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުން

ކައުންސިލުގެ ބައްދަލުވުންތައް ބެހިގެންވަނީ އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ.

 (ހ) ކައުންސިލުގެ އާންމު ބައްދަލުވުން.

 (ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން.

 

14 ވަނަ މާއްދާ - ބައްދަލުވުމުގެ ގާނޫނީ އަދަދު

(ހ) ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ ކައުންސިލުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ނުވަތަ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑައިލުމަށް ނުވަތަ ފަސްކުރުމަށް ނުވަތަ ބައްދަލުވުން ނުބޭއްވުމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރިޔާސަތުން ނިންމައިފިނަމަ، އެކަން ޔައުމިއްޔާކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ޒަމާނީ މުއާސަ ލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުން

(ހ) ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ޒަމާނީ މުވއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައިވިޔަސް އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ބައްދަލުވުމުގައި ކޮންމެ މެންބަރަކުވެސް ބައިވެރިވާން ވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތް ނުވަތަ އެޕްލިކޭށަނެއްގައި އެ މެންބަރަކަށް ހާއްސަކޮށްގެން ކައުންސިލުގެ އިދާރާއިން ކަނޑައަޅައިފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީއެއް މެދުވެރިކޮށްގެންނެވެ.
  2. އެ ފަދަ ވަސީލަތެއް ނުވަތަ އެޕްލިކޭށަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަ ފުސީލާއި އެހެނިހެން މައުލޫ މާތު ކައުންސިލުގެ އިދާރާއިން ރެކޯޑުކުރަން ވާނެއެވެ.
  3. ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުސްކުރެވި ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓު ދޭންވާނީ އަތް މައްޗަށް އުފުލުމާއެކު އަނގަބަހުން އޯޑިއޯ/ވީޑިއޯ އިންވެސް ސާފުވާނެ ގޮތަށް އެމައްސަލައެއްގައި އެ މެންބަރަކު ވޯޓު ދޭ ގޮތް ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުން ކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތުގައި ނުވަތަ އެޕްލިކޭށަނުގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެ ފަދަ ގޮތެއް ކަނޑައެޅިފައިވާނަމަ އެގޮތަށްވެސް ވޯޓު ދެވިދާނެއެވެ.
  4. މި އަކުރުގެ 3 ވަނަ ނަންބަރުގައި އެފަދައިން ބުނެފައި ވީނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ގަވާއިދު ލާޒިމުކުރާ ހާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތިން މެނުވީ، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ.
  5. ކައުންސިލުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަން ޖެހޭ 
    އެއްވެސް ލިޔެކިޔުމެއް ވާނަމަ އެ މެންބަރެއްގެ 'ޑިޖިޓަލް ސިގްނޭޗަރ' އެ ލިޔެކިޔުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ކައުންސިލަރުންގެ ސޮއިތައް ކުރުވޭކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ. 
  6. ޒަމާނީ މުއާސަލާތީ ވަސީލަތް ނުވަތަ އެޕްލިކޭށަން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުގެ އިދާރާއިން ކައުންސިލަރުންނަށް ދޭ ލޮގިން ނުވަތަ ލިންކު ނުވަތަ އައިޑީ، އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށް ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭށަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ.

(ބ) ބައްދަލުވުމުގައި ނެގޭ ވޯޓެއްގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިލެކްޓްރޯނިކް ޒަރީއާތައް މެދުވެރިކޮށް ނެގޭ ވޯޓުގެ ސިއްރު ހިފެހެއްޓޭފަދަ ގޮތަކަށް ބައްދަލުވުން އިންތިޒާމުކުރެވޭތޯ ކައުންސިލުން ޔަގީންކުރަންވާނެއެވެ. އަދި އެފަދައިން ވޯޓުގެ ސިއްރުކަން ޔަގީންނުކުރެވޭނަމަ، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ހިފަހައްޓަންޖެހޭ ވޯޓެއް ނަގައިގެން ނުވާނެއެވެ.

(ޅ) ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމުގައި މެންބަރުން މަށްވަރާކުރާ ސިއްރު މައުލޫމާތު ކައުންސިލުން ބޭރު ފަރާތްތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވާން ވާނީ، ބައްދަލުވުމުގައި ހިއްސާކުރާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓޭފަދަ މާހައުލަކުންނެވެ.

 

16 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ.

(ށ) ކައުންސިލުގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކައުންސިލުގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ނ) ބައްދަލުވުން އަޑުއަހަން ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިއަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި އެފަދަ އަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ރ) ކައުންސިލުގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ މެންބަރުންގެ އިތުރަށް ކައުންސިލުގައި އެޖެންޑާކުރެވިފައިވާ ކަމަކާގުޅިގެން އެ ފަރާތެއްގެ މައުލޫމާތު ނުވަތަ މަށްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް، ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތުދިނުމުގެ ބާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. ނަމަވެސް، މިގޮތަށް މަށްވަރާއާއި މައުލޫމާތު ހޯދުމަށް ކައުންސިލުގެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދެވޭ ފަރާތްތަކަށް ކައުންސިލުގެ ޖަލްސާގައި ވޯޓެއް ނުދެވޭނެއެވެ.

 

17 ވަނަ މާއްދާ - ކައުންސިލުގެ އާންންމު ބައްދަލުވުން ބާއްވާ ދުވަސް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލުގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ ހަފުތާގެ އަންގާރަ ދުވަހުއެވެ. އަދި އެއްވެސް ސަބަބަކާހުރެ ތާވަލު ކުރެވިފައިވާ ބައްދަލުވުން ނުބޭއްވިއްޖެނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު އެ ބައްދަލުވުން ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ މެންބަރުންގެ އަގުލަބިއްޔަތަށް ފެނިއްޖަނަމަ، ހަފުތާއަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

18 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާނީ ކައުންސިލުގެ އިދާރާގައެވެ. ބައްދަލުވުމުގެ ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ ކައުންސިލުގެ ރައީސެވެ.

(ށ) ކައުންސިލުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަސް ކުރިން، ކައުންސިލުގެ ރައީސް، ލިޔުމުން ކައުންސިލުގެ މެންބަރުންނަށް ފޮނު ވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 2 (ދޭއް) ދުވަސް ކުރިން ފޮނުވި ގޮތުގެ ރެކޯޑުތައް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ

(ހ) ކައުންސިލަށް ހުށަހެޅޭ ހުރިހާކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލުގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ.

(ށ) ކައުންސިލުގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ އާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 3 (ތިނެއް) ދުވަސް ކުރިން، ލިޔުމަކުން ކައުންސިލުގެ ރައީސަށް އަންގަންވާނެއެވެ.

(ނ) ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ އެކަމެއް ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅިދާނެއެވެ.

(ރ) ކައުންސިލުގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީވެސް، ގާނޫނުއަސާސީއާއި، ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިހްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.

 

20 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން

އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ހ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކައުންސިލުގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދުން.

(ނ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، އެ ކައުންސިލެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދުމުން، އެފަދަ ޖަލްސާއެއް ބާއްވަން ކައުންސިލުގެ ރައީސަށް ފެނުން.

(ރ) އެކަށީގެންވާ ސަބަބަކާހުރެ ކައުންސިލުގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.

 

21 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން

ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހު ލިޔުމުން ކައުންސިލުގެ ރައީސަށް ހުށަހަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) މި ގަވާއިދުގައިވާ ގޮތުގެމަތިން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެމަތިން، ކައުންސިލުގެ ރައީސެވެ.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކައުންސިލުގެ ރައީސް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، ވީއެންމެ އަވަހަކަށް ކައުންސިލުގެ ރައީސް، ލިޔުމުން ކައުންސިލުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

 

23 ވަނަ މާއްދާ - ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް

އަންނަނިވި ކަންކަމުން ކުރެ ކަމެއް ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.

(ހ) ނައިބު ރައީސްގެ މަގާމަށް މެންބަރަކު ހޮވުން އަދި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުން.

(ށ) ކައުންސިލުގެ ގަވާއިދުތަކާ އުސޫލުތަކަށް އެއްވެސް އުނި އިތުރެއް ގެނައުން

(ނ) ދަރަންޏަށް ޒިންމާވާގޮތަށް އެއްވެސް ލޯނެއް ނެގުން ، ނުވަތަ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުމަށް ފާސްކުރުން.

(ރ) ކައުންސިލުގެ ބަޖެޓް ކަނޑައެޅުމާ ބަޖެޓް ފާސްކުރުން.

(ބ) ކައުންސިލުގެ ޕްލޭންތައް އެކުލަވައިލުމާއި ފާސްކުރުން.

(ޅ) ކައުންސިލުގެ އިދާރީ މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން.

 

24 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުން

(ހ) ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމައިފައިވާ ކަމެއްކުރުމަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަން ކައުންސިލުގެ ރައީސަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ސަލާމް ބުނާ މެންބަރަކު، އެ ބައްދަލުވުމެއް ނުވަތަ އެ ކޮމިޓީގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރާނީ ސަލާމުގައިހުރި މެންބަރެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލުގެ ރައީސަށް ނާންގައި، ނުވަތަ 
މި ގަވާއިދުގައިވާ ގޮތުގެމަތިން ޗުއްޓީ ނުނަގައި، މެންބަރަކު ކައުންސިލުގެ ބައްދަލުވުމަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާ ކަންތައްތައް ކުރުމަށް ހާޒިރުނުވެ ހުރެގެން ނުވާނެއެވެ.

(ރ) ޗުއްޓީގައި ހުންނަވާ ކައުންސިލަރަކަށް ކައުންސިލުގެ ނުވަތަ އެކައުންސިލަރެއްގެ އެދުމުގެ މަތިން ކައުންސިލުގެ ޖަލްސާގައި ބައިވެރިވެވިދާނެއެވެ.

(ބ) ބައްދަލުވުންތަކަށް ހާޒިރުނުވުމުގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސްއެޅޭކަމަށް އެ ކައުންސިލަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެ ކައުންސިލަރަކާމެދު ތިރީގައިވާ ގޮތުގެ މަތިން ކައުންސިލުން އަމަލުކުރަންވާނެއެވެ.

  1. މި މާއްދާގައި ބަޔާންކުރާ ގޮތްތަކާ ހިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލުގެ 2 (ދޭއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ އެ ކައުންސިލުން ނަސޭހަތްދިނުން؛
  2. މި މާއްދާގައި ބަޔާންކުރާ ގޮތަކާ ހިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލުގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ ނުވަތަ މި މާއްދާގެ 1 ގައިވާ ކަންތައް ތަކުރާރުވާނަމަ އެ ކައުންސިލަކުން ލިޔުމުން އެކަން ހަނދާންކޮށްދީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުން.

 

25 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލުގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ކައުންސިލުގެ ނައިބު ރައީސެވެ. ކައުންސިލުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލް ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ.

(ށ) ކައުންސިލުގެ ރައީސާއި ނައިބު ރައީސް އެއްފަހަރާ ކައުންސިލުގެ ހިންގުމާ އެކަހެރިވާންވާނީ ކައުންސިލުގެ ޖަލްސާއެއް ބާއްވައި، ކައުންސި ލާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އްއްޔަނު ކުރުމަށްފަހުގައެވެ.

(ނ) ނައިބު ރައީސް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދަނިކޮށް ކައުންސިލުގެ ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލް ހިންގާނެ މެންބަރަކު އައްޔަނުކޮށް ކައުންސިލުގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް، ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، އެ ވަގުތުން ފެށިގެން މި މާއްދާގެ (ހ) އަށް އަމަލުކުރަން ވާނެއެވެ.

 

26 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތައް ފެށުމާއި ނިންމުން

(ހ) މި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިއުލާނުކުރަންވާނެއެވެ. މިގޮތުން،ބައްދަލުވުން ފަށަމުން 

"بسم الله الرحمن الرحیم، الحمد ﷲ، والصلاة والسلام على رسول الله ، وعلى ٱلھ وصحبھ ومن والاه. ކައުންސިލުގެ ބައްދަލުވުން ފެށުނީ" މިގޮތަށް، އަދި ބައްދަލުވުން ނިންމަމުން "والحمد ﷲ رب العالمین.ކައުންސިލުގެ ބައްދަލުވުން ނިމުނީ" މިގޮތަށް ބައްދަލުވުމުގެ ރިޔާސަތުން އިއުލާނުކުރަންވާނެއެވެ.

(ށ) ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ގާނޫނީ އަދަދު ހަމަވާނަމަ، މެންބަރުންގެ އަދަދު ރިޔާސަތުން އިއުލާންކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވޭތޯ 15 (ފަނަރަ) މިނެޓް ބަލަންވާނެއެވެ. މި ވަގުތު ފަހަނަޅައިދިއުމުންވެސް ގާނޫނީ އަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިއުލާންކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - އެޖެންޑާ އިއްވުމާއި ފާސްކުރުން

(ހ) ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތިން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެއެވެ. 

(ށ) އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކައުންސިލުގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.

(ނ) އާންމު ބައްދަލުވުމުގެ 2 (ދޭއް) ދުވަސް ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، އާއްމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެންވެސް ނުވާނެއެވެ.

 

28 ވަނަ މާއްދާ - އެޖެންޑާއާ ބައްދަލުވުން އެއްގޮތަށް ކުރިއަށް ގެންގޮސް ބަހުސަށް ހުޅުވައިލުން

(ހ) ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެމަތިން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސްގެ ފުރުސަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމްލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ އިހްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެމަތިން ފުރުސަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމްލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުސަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތު ދޭންވާނީ ހަމަހަމަ އުސޫލަކުންނެވެ.

 

29 ވަނަ މާއްދާ - ބައްދަލުވުމު ގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން

(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ.

(ށ) ބަހުސްގައި ބައިވެރިވުމަށް ފުރުސަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުސަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން، ފުރުސަތު ދޭންވާނެއެވެ.

 

30 ވަނަ މާއްދާ - ބަހުސްގައި ވާހަކަ ދެއްކުމުގެ އަދަބުތައް

ކައުންސިލުގެ ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމުގައި، ކޮންމެ މެންބަރަކުވެސް އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ހ) މެންބަރަކު ވާހަކަ ދައްކަމުންދާ ވަގުތު އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކުވެސް އެދެމެދަށް ހުރަސް ނޭޅުން.

(ށ) ހުށަހަޅައިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.

(ނ) އިސްލާމް ދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ 
ހިލާފުނުވެ، ވާހަކަ ދެއްކުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކައުންސިލުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން، ވާހަކަ ދެއްކުން.

 

31 ވަނަ މާއްދާ - ބަހުސް ނިންމުން

(ހ) ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމު މުން ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމްލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީ ވުމަށާއި ފަހުބަސް ބުނުމަށް މަދުވެގެން 3 (ތިނެއް) މިނެޓް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުސަތު ރިޔާސަތުން ދިނުމާއެކު، މުޅި ބަހު ސާ ގުޅިގެން ނިންމި ނިންމުން ރިޔާސަތުން އިއުލާންކުރުމުން އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ.

 

32 ވަނަ މާއްދާ - މައްސަލައާ ގުޅޭގޮތުން ހުށަހަޅާ ކަންކަން

(ހ) ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސް ކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، މައްސަލައާ މެދު އަމަލުކުރަން ފެންނަ ގޮތްތައް ހުށަހެޅުމަށް ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ. އަދި އެފަދައިން ފުރުސަތަށް އެދުމާއި ފުރުސަތު ދިނުމުގައި އަމަލުކުރަންވާނީ، މި ގަވާއިދު ގެ 31 ވަނަ މާއްދައިގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ބަހުސްގެ މަރުހަލާގެ ތެރެއިން، މައްސަލައާ މެދު އަމަލުކުރުމަށް ފެންނަ ގޮތް ހުށަހެޅުމުގެ އިހްތިޔާރު ކައުންސިލަރުންނަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ - ވާހަކައިގެ މެދުތެރެއިން ހުއްޓައިލަންޖެހުން

މެންބަރަކު ވާހަކަ ދައްކަމުން ދަނިކޮށް އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ.

(ހ) މެންބަރަކު ދައްކާ ވާހަކައަކީ އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

(ށ) މެންބަރަކު ވާހަކަދައްކަނީ ކައުންސިލުގައި ވާހަކަދެއްކުމުގެ އަދަބުތައް ކަމަށް މި ގަވާއިދުގައި ބަޔާންކުރާ ކަމަކާ ތައާރުޒުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

(ނ) މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއްނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

 

34 ވަނަ މާއްދާ - ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން

މެންބަރެއްގެ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފިނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުމެއްގައި ކުރުން ހުއްދަ ނޫން ކަންކަން

ކައުންސިލުގެ އެއްވެސް ބައްދަލުވުމެއްގައި، ކައުންސިލުގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މެންބަރަކު ވާހަކަ ދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން.

(ށ) ބައްދަލުވުން ހިނގަމުންދާއިރު ކައުންސިލުގެ ހުރުމަތް ކެނޑޭފަދަގޮތަކަށް ނޫސް މަޖައްލާ ފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަ ދައްކައި ހެދުމާއި، ބައްދަލުވުމުގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިށާރާތްކޮށް މުއާމަލާތުކޮށްހެދުން؛

(ނ) ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކައުންސިލުގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރެކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކައުންސިލުގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.

(ރ) މެންބަރަކު ވާހަކަ ދައްކަމުން ގެންދަނިކޮށް އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން.

(ބ) ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރެކޯޑުކުރުން.

 

36 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހައި ހިނދަކު، ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކައުންސިލުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

  1. ކައުންސިލުގެ ނައިބު ރައީސް މަގާމުން ދުރުކުރުން؛
  2. އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކައުންސިލުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިގެންނެވެ.

  1. އާއްމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން؛ 
  2. ރަށްރަށުގެ މަގާއި ޕާކުތަކާއި މައި ޒާން ފަދަ އާއްމު ތަންތަން ދާއިމީ ގޮތުގައި ބަންދުކުރުން؛
  3. ކައުންސިލުން ހޯދާ އުފުލޭ އަދި ނުއުފުލޭ މުދަލެއް ނައްތައިލުން ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދިނުން ނުވަތަ ވިއްކުން.
  4. ކައުންސިލުން މާލީކަންކަމުގައި ލުއިދިނުން.

 

37 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް

ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކައުންސިލުން ކަންކަން ނިންމަންވާނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްގީގެ ޕްލޭނާއި ގައުމީ ތަރައްގީގެ ޕްލޭނާ ތައާރުޒުނުވާ ގޮތުގެ މަތިންނެވެ.

 

38 ވަނަ މާއްދާ - މާލީ ކަންކަން ނިންމުން

(ހ) ކައުންސިލުގެ ބަޖެޓް ކަނޑައެޅުން ހިމެނޭ ގޮތުން، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަމުގައި ކައުންސިލްތަކުން އަމަލުކުރަންވާނީ، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ގާނޫނުތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދައުލަތުގެ ފައިސާއާބެހޭ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކައުންސިލްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔެއް، ޖޫރިމަނާއެއް ނުވަތަ އެ ނޫންވެސް އެހެން ފައިސާއެއް މައާފުކުރަން ނުވަތަ ފަސްކުރަން ނުވަތަ ލުޔެއް ދިނުމަށް އެދޭނަމަ އެކަން ކުރަން ވާނީ، ގަވާއިދު ނަންބަރު 20-R/2017) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ) ގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

 

39 ވަނަ މާއްދާ - ވޯޓު ދިނުން

(ހ) ކައުންސިލުން ސިއްރު ވޯޓަކުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ކަމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ފިޔަވައި، އެހެނިހެން ކަންކަން ނިންމުމުގައި ކައުންސިލުން ވޯޓު ދޭނީ އަތް އުފުލައިގެންނެވެ.

(ށ) ކައުންސިލުގެ ކޮންމެ މެންބަރަކަށްވެސް ދެވޭނީ، ވޯޓު ނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ.

 

40 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން

ކައުންސިލުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނީ ވޯޓު އެއްވަރުވެއްޖެ ހާލަތުގައެވެ. ނަމަވެސް، ކައުންސިލުގެ ފުލް މެޖޯރިޓީން ކަމެއް ނިންމަންޖެހޭ ހާލަތުގައި މަދުވަނީ އެއްވޯޓު ކަމަށްވާނަމަ ރިޔާސަތުން ވޯޓުގައި ބައިވެރިވާން ވާނެއެވެ.

 

41 ވަނަ މާއްދާ - ވޯޓު ގުނައި ތަފުސީލު ރެކޯޑުކުރުމާއި ނަތީޖާ އިއުލާނުކުރުން

ވޯޓު ގުނައި، އޭގެ ތަފުސީލު ރެކޯޑު ކުރާނީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ ކައުންސިލުގެ އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ ބައްދަލުވުމުގެ ރިޔާސަތުންނެވެ.

 

42 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތު

ކައުންސިލުގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކައުންސިލުގައި މަށްވަރާކުރާނަމަ، އެ މެންބަރަކު އެ ބައްދަލުވުމުގައި ބައިވެރިވެގެން ނުވާނެއެވެ.

 

43 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން

(ހ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ ސައްހަ އަމުރުތަކެއް ކަމުގައި ނުބެލެވޭނެއެވެ.

(ށ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާއްމުކޮށް ހާމަކުރުމަށްޓަކައި ކައުންސިލުގެ ސިއްކަ ޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑުގެ އިތުރުން، ކައުންސިލުގެ ވެބްސައިޓާއި ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކައުންސިލުގެ އިދާރާއިން އެކަން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

44 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކައުންސިލުގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

 

45 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ

(ހ) ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް، އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ.

(ށ) އެ ބައްދަލުވުމެއްގައި ކައުންސިލުން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރި ނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީހާއި ތަނާއި ވަގުތުގެ އިތުރުން، އެ ބަ އްދަލުވުމުގައި، ކައުންސިލަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމަ އެކަމުގެ މައުލުމާތުވެސް ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިސްލާހުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ، ބެލެވޭނީ ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.

 

ހަތަރުވަނަ ބާބު

ކައުންސިލުގެ އިދާރާ

 

46 ވަނަ މާއްދާ - ކައުންސިލުގެ އިދާރާ

ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލުގެ އިދާރީ ކަންކަން ކުރާނީ، އެކަމަށްޓަކައި ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއި މުކުރާ އިދާރާއިންނެވެ.

 

47 ވަނަ މާއްދާ - ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް

(ހ) ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލުގެ ލަފަޔާއެކު، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ކައުންސިލުގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސްފަރާތަކީވެސް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ.

 

48 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން 
ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން؛

(ށ) ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސް، ނައިބު ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެވަގުތަކު ހަވާލުވެހުރި ކައުންސިލަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން؛

(ނ) ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން؛

(ރ) ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން؛

(ބ) ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލަށް ލަފާދިނުން؛

(ޅ) ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން؛

(ކ) ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓްތަކާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޒުކުރުން؛

(އ) ކައުންސިލުގެ މަސައްކަތްތައް ތަރައްގީކޮށް ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލުގެ ހިދުމަތްތަކާއި މަސައްކަތްތައް ތަރައްގީކުރުމަށް ކައުންސިލުގެ ރައީސަށް ލަފާދިނުން؛

(ވ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ބޭނުމަށް، ކައުންސިލުގެ ރައީސްގެ ލަފާގެމަތިން، ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން؛

(މ) ކައުންސިލުގެ ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ބައިވެރިވުން؛

(ފ) ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކާއި އެހީތެރިކަމާއި ލަފައާއި މަށްވަރާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން؛

(ދ) ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ސިވިލް ސަރވިސް 
ކޮމިށަނުން ހަވާލުކުރާ މަސައްކަތްތައްކުރުން؛ އަދި

(ތ) ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައްކުރުން.

 

49 ވަނަ މާއްދާ - މީޑިއާއަށް މައުލޫމާތު ދިނުން

ކައުންސިލުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދޭނީ ކައުންސިލުގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ މަސައްކަތާ ހަވާލުވެތިބި އިސް މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާމުވައްޒަފުން ނުވަތަ މުވައްޒަފެކެވެ.

 

ފަސްވަނަ ބާބު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާ އޮންނަ ގުޅުން

 

50 ވަނަ މާއްދާ - ކައުންސިލުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން

ކައުންސިލުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓިއަށް އެހީތެރިވުމުގެ ގޮތުން 
އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މަސައްކަތްކުރެވޭނެ ވެށްޓެއް ގާއިމުކޮށްދިނުން؛

(ށ) ރަށު ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނާއި މަސައްކަތު ތާވަލު އަދި ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ލަފައާއި މަށްވަރާ ހޯދުން؛

(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި، ކޮމެޓީގެ ހަރަކާތްތަކާއި މަސައްކަތްތައް ރަނގަޅުކޮށް ހަރުދަނާކުރުމުގައި ލަފަޔާއި މަށްވަރާ ދިނުން؛

(ރ) މަދުވެގެން މަހަކު 1 (އެކެއް) ފަހަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބައްދަލުކުރުން. އަދި ކައުންސިލާއެކު އިތުރު ބައްދަލުވުމަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދެފިނަމަ، ކޮމެޓީއާއެކު ބައްދަލުކުރުން؛

(ބ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހަރަކާތްތަކާއި މަސައްކަތްތައް ވިލަރެސްކުރުން؛

(ޅ) ކައުންސިލުތަކުން އާންމުކޮށް ހާމަކުރާ ރިޕޯޓުތަކާއި މައުލޫމާތު ދިނުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުން ހޯދުން؛

(ކ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ރަށު ތަރައްގީގެ ޕްލޭނުގައި ހިމެނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވައިލުމުގައި ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން؛

(އ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ އިދާރީ އަދި ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން؛

(ވ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަކާތްތަކާއި މަސައްކަތްތަކަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން؛

(މ) އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކައުންސިލުގެ އެހީތެރިކަމަށް ކޮމެޓީން އެދެފިނަމަ ކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 

ހަވަނަ ބާބު

ސަރު ކާރާއި ކައުންސިލާ އޮންނަ ގުޅުން

 

51 ވަނަ މާއްދާ - ގައުމީ އިދާރާއާ އޮންނަ ގުޅުން

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 9 (ނުވައެއް) ވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން، މުއައްސަސާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްޓަކައި ހިންގާ ހަރަކާތްތަކުގައި އެ މުއައްސަސާއަކުން ބޭނުންވާ އެއްބާރުލުމެއް ކައުންސިލުން ދޭންވާނެއެވެ.

 

ހަތްވަނަ ބާބު

އެހެނިހެން ކަންކަން

 

52 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

(ހ) މި ގަވާއިދަށް ނުވަތަ ގަވާއިދުގެ އެއްވެސް މާއްދާއަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާ ހޯދުމަށްފަހު، ގަވާއިދަށް އެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް ކައުންސިލުގެ ބައްދަލުވުގައި ފާސްކޮށް، ސަރުކާރުގައި ގެޒެޓުގައި ށާއިއުކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ގަވާއިދަށް ގެނެވޭ އިސްލާހުތައް، ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑާއި ކައުންސިލުގެ ރަސްމީ ވެބްސައިޓާއި، ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަން ވާނެއެވެ.

 

53 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ނިންމާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން ކައުންސިލުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

54 ވަނަ މާއްދާ - އިޖުރާއީ ގަވާއިދާ ފުށުއެރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އާ ފުށުއަރައިފިނަމަ އިސްކަންދެވޭނީ ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދަށެވެ.

 

55 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަވެސް ހިމެނިގެންވެއެވެ.

(ހ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން 
ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ (މާލެއަތޮޅު ގާފަރު) ކައުންސިލަށެވެ.

(ށ) "ކައުންސިލަރުން" ކަމަށް ބުނެފައި އެވަނީ ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ (މާލެއަތޮޅު ގާފަރު) ކައުންސިލުގެ މެންބަރުންނަށެވެ.

(ނ) "ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަރާތެއް ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެހުރި މުވައްޒަފެވެ.

(ރ) "ގައުމީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި އެ ތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި ގާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށެވެ.

 

(މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު