-

ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-42) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-74)

(މި ގަވާއިދަށް އަމަލުކުަރަން ފެށީ 3 ސެޕްޓެމްބަރު 2026)

ގަވާއިދު ނަންބަރު 2022-42 (ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ، އަންނަނިވި ފަދައިން އިސްލާހުކުރުން.

ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން، ހިންގާ ބޭންކުތަކުން ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތްތަކާ ގުޅޭގޮތުން ބޭންކުތަކުގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ. އެހެންނަމަވެސް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ބޭންކުތަކުގެ ތެރެއިން ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތްދޭ ބޭންކުތަކުން މި ގަވާއިދުގެ 17 ވަނަ މާއްދާއަށް އަމަލުކުރަންވާނެއެވެ. އަދި އިލެކްޓްރޯނިކް ފައިސާ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް، ކަސްޓޯޑިއަން ހިދުމަތްދޭ ބޭންކަކުން މި ގަވާއިދުގެ 20 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގައި، އެފަދަ ބޭންކަކުން އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ ފަހަތަށް (ނ) ގެ ގޮތުގައި، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ށ) އޮތޯރިޓީން އެހެން ގޮތެއް ކަނޑައަޅައި އަމަލުކުރަން ނާންގާހައި ހިނދަކު، އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ބޭންކުތަކުގެ ތެރެއިން ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތްދޭ ބޭންކުތަކުން، ޕޭމަންޓް އެކުއަޔަރކުރުމުގެ ހިދުމަތް ދިނުމުގައި އަންނަނިވި އުސޫލަށް އަމަލުކުރަންވާނެއެވެ.

  1. ޕޭމަންޓް އެކުއަޔަރކުރުމުގެ މުއާމަލާތެއް ހިންގާ ދުވަހުން ފެށިގެން މަސައްކަތު 2 (ދޭއް) ދުވަހުގެ ތެރޭގައި އެ މުއާމަލާތަކާ ގުޅޭ ފައިސާ ބެނިފިށިއަރީންނަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޓަކައި، ބެނިފިށިއަރީގެ ދިވެހިރާއްޖޭގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލަށް ބޭންކުތަކުން އަމަލުކުރަން ފަށާނީ، މި އިސްލާހަށް އަމަލުކުރަން ފަށާތާ 180 (އެއްސަތޭކަ އަށްޑިހަ) ދުވަސް ފަހުންނެވެ.

ދެވަނަ ށެޑިއުލް

މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލް

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ދެވަނަ ށެޑިއުލްގެ (1) ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާހުކުރުން.

  1. ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ލިބިފައިވާ ލައިސަންސްގެ ދަށުން، ހުއްދަކުރަނީ ތިރީގައި ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތް ދިނުމަށް ކަމަށް ވާ ނަމަ، އެ ހިދުމަތަކާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ މަދު ނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެއެވެ.
ލައިސަންސް ލިބިފައިވާ ހިދުމަތް  އަދަދު (ރުފިޔާއިން)
1. އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް  2,000,000
2. ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް 2,000,000
3. ރެމިޓެންސްގެ ހިދުމަތް  2,000,000
4. ޕޭމަންޓް އިނީށިއޭށަން ހިދުމަތް  1,000,000
5. އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް  1,000,000

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ދެވަނަ ށެޑިއުލްގެ (2) ވަނަ ނަންބަރުގެ ފަހަތަށް (3) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(3) ގަވާއިދު ނަންބަރު 2022/R-42 (ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާއިރު، ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ނުވަތަ އޮތޯރިޓީން ކަނޑައަޅާ އިތުރު މުއްދަތެއްގެ ތެރޭގައި، މި ށެޑިއުލްގެ (1) ގައި ބަޔާންކޮށްފައިވާ އަދަދަށް، މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލް ބަހައްޓަންވާނެއެވެ.

ތިންވަނަ ށެޑިއުލް

ސެކިއުރިޓީ ޑިޕޮސިޓް

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ތިންވަނަ ށެޑިއުލްގެ (1) ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

މި ގަވާއިދުގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަންޖެހޭ އަދަދު، ތިރީގައި މިވަނީއެވެ.

ލައިސަންސް ލިބިފައިވާ ހިދުމަތް

އަދަދު (ރުފިޔާއިން)
1. އިލެކްޓްރޯނިކް ފައިސާ އިށޫކުރުމުގެ ހިދުމަތް 2,000,000
2. ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް 2,000,000
3. ރެމިޓެންސްގެ ހިދުމަތް 2,000,000
4. ޕޭމަންޓް އިނީށިއޭށަން ހިދުމަތް 1,000,000
5. އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް 1,000,000

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ތިންވަނަ ށެޑިއުލްގެ (1) ވަނަ ނަންބަރުގެ ފަހަތަށް (2) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ނަންބަރު އިތުރުކުރުން.

(2) ގަވާއިދު ނަންބަރު 2022/R-42 (ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާއިރު، ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ނުވަތަ އޮތޯރިޓީން ކަނޑައަޅާ އިތުރު މުއްދަތެއްގެ ތެރޭގައި، މި ށެޑިއުލްގެ (1) ގައި ބަޔާންކޮށްފައިވާ އަދަދަށް، ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަންވާނެއެވެެ.

 

މައި ގާނޫނު

ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-42)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު