އަނބުރާ އަންނަ ހަނގުރާ މަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތު ތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-06) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-41)
އަނބުރާ އަންނަ ހަނގުރާ މަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތު ތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-06) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރަންޖެހޭ ފަރާތްތައް، އެ ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ކޯޓަށް ހާޒިރުކުރުމާއި، ކަމާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު ބަޔާންކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7-60 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ އިދާރީ ބަންދުގެ ބާވަތްތަކާއި އެ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް މަރުކަޒުން ލިބެންޖެހޭ ހިދުމަތްތައް ބަޔާންކުރުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ދެވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދެވަނަ ބާބު
އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމަށް މިނިސްޓަރު ކަނޑައެޅުން 3.
(ހ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވެފައިވާ ހަނގުރާމަވެރިއަކު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ހަނގުރާމަވެރިއަކު ނުވަތަ އެފަދަ ހަނގުރާމަވެރިއަކާއި އެ މީހެއްގެ އާއިލާގެ މެންބަރަކު ދިވެހިރާއްޖެއަށް އަންނަން އުޅޭކަމުގެ މައުލޫމާތު ނުވަތަ އެފަދަ ފަރާތެއް ދިވެހިރާއްޖެއަށް އަތުވެއްޖެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ، ގާނޫނުގެ 60-4 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން އެފަދަ ފަރާތެއް ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމުގެ އަމުރަކަށް އެދި އަންނަނިވި ކަންތައްތައް ހިމެނޭގޮތަށް ފުލުހުންގެ ފަރާތުން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.
- އަނބުރާ އަންނަ ހަނގުރާމަވެރިޔާގެ މައުލޫމާތު؛
- އަނބުރާ އަންނަ ހަނގުރާމަވެރިޔާއާއެކު އޭނާގެ 18 (އަށާރަ) އަހަރުން ދަށުގެ ދަރިން އަންނަނަމަ ނުވަތަ އައިސްފައިވާނަމަ، އެ ކުދިންގެ މައުލޫމާތު؛
- މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކީ ހަނގުރާމަވެރި ސަރަހައްދަކުން ދިވެހިރާއްޖެއަށް އަންނަ ނުވަތަ އައިސްފައިވާ ފަރާތެއްކަން އަންގައިދޭ އިންޓެލިޖެންސް ރިޕޯޓު.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން މިނިސްޓަރަށް ހުށަހެޅުމެއް ހުށަހަޅަންވާނީ، އެ ހުށަހެޅުން ނިސްބަތްވާ ފަރާތަކީ އެ ފަރާތަކާމެދު ގާނޫނުގެ 4-60 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅުއަޅަން ނިންމައިފައިވާ ފަރާތެއް ކަމުގައި ނުވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުމެއް ވާންވާނީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ހުއްދަކޮށްފައިވާ ހުށަހެޅުމަކަށެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ހުށަހަޅާ ހުށަހެޅުމެއް މިނިސްޓަރަށް ލިބުމާއެކު، އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، އެ ހުށަހެޅުން ނިސްބަތްވާ ފަރާތަކީ، ހަނގުރާމަވެރި ސަރަހައްދަކުން އައިސްފައިވާ ނުވަތަ އަންނަ ފަރާތެއް ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އެފަދަ ފަރާތެއް، ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމަށް ކަނޑައަޅައި، މިނިސްޓަރު އަމުރެއް ނެރެންވާނެއެވެ.
(ބ) ގާނޫނުގެ 9-60 ވަނަ މާއްދާއާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި މާއްދާގެ (ރ) ގެ ދަށުން ބަންދުކުރާ ހަނގުރާމަވެރިއަކާއެކު އަންނަ އޭނާގެ ދަރިން ވެސް، އޭނާއާއެކު އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުގައި ބޭތިއްބުމަށް ކަނޑައަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ ހުށަހެޅުމެއް މިނިސްޓަރަށް ލިބޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މިނިސްޓަރު ގޮތެއް ނިންމަންވާނެއެވެ.
(ކ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓަރު ނެރޭ އަމުރުގައި، ބަންދުކުރެވޭ މީހާގެ ފުރިހަމަ މައުލޫމާތާއި، އޭނާއާއެކު އެ ތަނުގައި ބަންދުކުރެވޭ އޭނާގެ ދަރިންގެ މައުލޫމާތާއި، އެ ފަރާތްތައް ބަންދުގައި ބައިތިއްބާނެ ބަންދުގެ މަރުކަޒުގެ މައުލޫމާތާއި، އަމުރު ތަންފީޒުކުރަން ފަށަންޖެހޭ ތާރީހު، މިނިސްޓަރު ކަނޑައަޅަންވާނެއެވެ.
(އ) މި މާއްދާގެ ދަށުން މިނިސްޓަރު ކުރާ އަމުރަކީ، ގާނޫނުގެ 11-60 ވަނަ މާއްދާގެ (ނ) އާއި، މި ގަވާއިދުގެ 1-3 ވަނަ މާއްދާގެ ދަށުންކޯޓުން ގޮތެއް ކަނޑައަޅަންދެން ނެރެންދެން ދެމިއޮންނާނެ އަމުރެކެވެ. އަދި މިނިސްޓަރުގެ އެ އަމުރަކީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ، އެ އަމުރު ރައްދުވާ އެންމެހައި ފަރާތްތަކުން އެ އަމުރުގައި ހިމެނޭ އެންމެހައި ކަންކަމުގެ މައްޗަށް އަމަލުކުރުން ލާޒިމު އަމުރެކެވެ.
(ވ) މި މާއްދާގެ ދަށުން މިނިސްޓަރު ނެރޭ އަމުރެއްގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކޮށްފައިވާ ހަނގުރާމަވެރިއެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، އޭނާ ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
އިދާރީ ބަންދާމެދު ކޯޓުން ގޮތެއް ކަނޑައެޅުން 1-3.
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކޮށްފައިވާ ހަނގުރާމަވެރިއެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ) ގެ ދަށުން ހުށަހަޅާނީ، ކްރިމިނަލް ކޯޓަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އެ ހުށަހެޅުން ނިސްބަތްވާ ފަރާތުގެ މައުލޫމާތު؛
- އެ ހުށަހެޅުން ނިސްބަތްވާ ފަރާތާ އެކުގައިވާ، އެ ފަރާތުގެ އުމުރުން 15 (ފަނަރަ) އަހަރު ފުރިފައިނުވާ ދަރިންގެ މައުލޫމާތު؛
- އެ ހުށަހެޅުން ނިސްބަތްވާ ފަރާތަކީ، ގާނޫނުގެ 3-60 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ފަރާތެއް ކަމަށް ބެލުމަށް ލިބިފައިވާ ހެކި.
(ނ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ނިސްބަވްތާ ފަރާތަކީ، ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ނުވަތަ އެއިން ސަރަހައްދެއްގައި ހުރެފައި އަނބުރާ ދިވެހިރާއްޖެ އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެ މީހަކީ ގާނޫނުގެ ދަށުން ކަނޑައެޅޭ ރީހެބިލިޓޭށަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމެއް ހުށަހަޅާއިރު، އެ މައްސަލަ ނިސްބަތްވާ ފަރާތުގެ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ދަރިން އެ ފަރާތާއެކު ބަންދުގައި ތިބިނަމަ، އެ އިދާރީ ބަންދުގެ މަރުކަޒުގައި އޭނާއާއެކު އޭނާގެ ދަރިން ބަންދުގައި ބައިތިއްބާ ގޮތަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދެންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން މައްސަލައެއް ނިސްބަތްވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ގާނޫނުގެ 11-60 ވަނަ މާއްދާގެ ދަށުން ކޯޓުން ކަނޑައަޅަންވާނީ، އޭނާއާއި، އޭނާގެ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ދަރިން އޭނާއާ އެކުގައި އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުކުރުމަށެވެ.
(ޅ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާމެދު، އެ ހުށަހެޅުން ހުށަހެޅި ތާރީހުގައި ގޮތެއް ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ނ) ގެ ދަށުން ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވާ މުއްދަތުގެ އިތުރަށް ވެސް އެ މީހެއްގެ މައްޗަށް ހިންގަންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމް ހިންގުމަށް ޓަކައި އެ މީހަކު ބަންދުކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ވާނަމަ، އެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ޓަކައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކޯޓަށް ހުށަހަޅައި، އެ ކޯޓުގެ އަމުރެއް ހޯދަންވާނެއެވެ.
(އ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކޮށްފައިވާ ފަރާތަކީ، އުމުރުން 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ އުމުރުގެ ކުއްޖެއްނަމަ، އެ ކުއްޖާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ) ގެ ދަށުން ހުށަހަޅާނީ، ޖުވެނައިލް ކޯޓަށެވެ. އެ ހާލަތުގައި، މި މާއްދާގެ އެހެން އަކުރުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އެފަދަ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމާ ގުޅޭގޮތުން، އަދި ކޯޓުން ގޮތެއް ކަނޑައެޅުމާ ގުޅޭގޮތުން ހިނގާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
(ބ). މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 3 (ތިނެއް) އަހަރު ފުރިފައިނުވާ ކުޑަކުދިންގެ އިންޓެލިޖެންސް ޑީ-ބްރީފިންގއެއް ނުވަތަ ރިސްކް އެސެސްމަންޓެއް ހެދުން މި ގަވާއިދު ލާޒިމެއް ނުކުރެއެވެ. އަދި އެފަދަ ކުދިން ރީހެބިލިޓޭށަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި އާއިލާގެ މެންބަރަކާ ހަވާލުކުރެވިދާނެއެވެ. ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ހާލަތެއްވާނަމަ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވިދާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ޅ). މި މާއްދާގެ (ބ) ގައި ބަޔާންކޮ ށްފައިވާ ހާލަތުގައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުޑަކުދިންނާ ގުޅޭ އުސޫލުތައް 8.
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ އު މުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ ރިސްކް އެސެސްމަންޓް، އެ ކުދިން އިދާރީ ބަންދުގެ މަރުކަޒަށް ގެނެވޭތާ ގިނަވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި ފުލުހުން ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހުގައި، އެ ކުއްޖަކީ، ގަވާއިދު ނަންބަރު 2022-05 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ -އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ ކުއްޖެއް ކަމަށް އެސެސްމަންޓުގައި ކަނޑައަޅައިފައިވާނަމަ، އެ ޕްރޮގްރާމް ފުރިހަމަވަންދެން އެ ކުއްޖަކު ބަންދުގައި ބަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައި ވާކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެ ކުދިން، އެކ ުުދީންގެ މައިންބަފައިންނާ ވަކިކުރަންވާނެއެވެ.
- ކުއްޖާ، އެ ކުއްޖާގެ މައިންބަފައިންގެ ގާތުގައި ހުރުމުގެ ސަބަބުން، އެ ކުއްޖާ ހަރުކަށި ފިކުރަށް ހުށަހެޅުމުގެ ފުރުސަތު އޮތުން ނުވަތަ އެ ކުއްޖާގައި އަށަގަންނުވާފައިވާ އެފަދަ ފިކުރެއް އާލާވެ އަށަގަތުމުގެ ފުރުސަތު އޮތުން؛
- ކުއްޖާގެ މައިންބަފައިންގެ ކިބައިގައި ހުރި ނަފްސާނީ ހާލަތެއްގެ ސަބަބުން ކުއްޖާއަށް ދޭންޖެހޭ އަޅައިލުމާއި ރައްކައުތެރިކަން އެކަށީގެންވާ ގޮތެއްގައި ދެވެން ނެތުން؛
- މައިންބަފައިންގެ އިހުމާލުގެ ސަބަބުން ކުއްޖާއަށް ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ގެއްލުންވެފައިވުން؛
- ކުއްޖާގެ މައިންބަފައިންގެ ފަރާތުން އެކްސްޕްލޮއިޓޭށަންގެ އަމަލެއްގެ ށިކާރައަކަށް ކުއްޖާ ވެފައިވުން ނުވަތަ އެފަދަ އަމަލެއްގެ ށިކާރައަކަށް ވުމުގެ ފުރުސަތު އޮތުން؛
- އެ ނޫންވެސް، އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުއްޖެއް ކަމުގައި ބެލުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ހާލަތެއްގައި ކުއްޖާ ވުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިން މައިންބަފައިންނާ ވަކިކުރަންޖެހޭ ހާލަތުގައި، އެ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ވަކިކުރެވުނު ނަމަވެސް، އެ ކުދިން ބައިތިއްބަންވާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުޑަކުދީންނަށް ހާއްސަ ބަންދުގެ މަރުކަޒެއްގައެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓަށްފަހު، އެ ކުއްޖަކީ، އަނބުރާ މުޖުތަމައަށް ރުޖޫއަކުރަން ނިންމާ ކުއްޖަކަށްވިޔަސް، އެ ކުއްޖެއްގެ މައިންބަފައިން އެ ކުއްޖަކާއެކު އަނބުރާ މުޖުތަމައަށް ރުޖޫއަކުރެވެން ނެތް ހާލަތުގައި ކުޑަކުދިންގެ ހައްގުތައް
ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ވެސް، ކުޑަކުދިން، އެ ކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންވާނީ، އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަމަށް ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ފެންނަ ހާލަތުގައެވެ.
(ކ) މި މާއްދާގެ (ނ) ގެ ދަށުން ކުޑަކުދިން އެ ކުދިންގެ މައިންބަފައިންނާ ވަކިކުރުމަކީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަމަށް ނިންމުމުގައި ދައުލަތުން ރިއާޔަތްކުރާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާމެދު ގޮތެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ އާންމު މިންގަނޑުތަކަށާއި، ކުއްޖާ ހުރި ހާއްސަ ހާލަތަށް ބިނާވާ އެނޫންވެސް ކަންކަމުގެ މައްޗަށެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުއްޖެއްގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެ ކުއްޖާގެ މައިންބަފައިންނާ ވަކިކުރުން ކަމުގައި ވާނަމަ، އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެނެސް، ކުއްޖާގެ އާއިލާގެ އެހެން މެންބަރަކާ ނުވަތަ މެންބަރުންނާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ހަވާލުކުރެވިދާނެއެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރުމުގައި، ކުއްޖާއާ ހަވާލުވާނެ އާއިލާގެ މެންބަރަކު ނެތް ހާލަތެއްގައި، ކުޑަކުދީން ބަލަހައްޓާ ދައުލަތުގެ މަރުކަޒެއްގައި ކުއްޖާ ބަހައްޓަންވާނެއެވެ.
(މ) މި މާއްދާގެ (އ) ގެ ދަށުން ކުއްޖާގެ އާއިލާގެ މެންބަރަކާ ކުއްޖާ ހަވާލުކުރަންވާނީ، އެ ފަރާތަކާ ގުޅޭގޮތުން އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.
(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ހަދާނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއާއި ފުލުހުންގެ ކަމާބެހޭ ފަރާތްތައް ގުޅިގެންނެވެ.
(ދ) މި މާއްދާގެ (އ) ގެ ދަށުން ކުއްޖާގެ އާއިލާގެ މެންބަރަކާ ކުއްޖާ ހަވާލުކުރަންވާނީ، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓުގެ އިތުރުން، މިފަދަ ހާލަތްތަކުގައި، ގަވާއިދު ނަންބަރު 2020-04 (އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު) ގެ ދަށުން ފުލުހުން ހަދާ ރިސްކް އެސެސްމަންޓު ހެދުމަށްފަހުގައެވެ.
(ތ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ މަރުހަލާގައި، ގަވާއިދު ނަންބަރު 2020-04 (އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާގުޅޭ ގަވާއިދު) ގެ ދަށުން ފުލުހުން ހަދާ ރިސްކް އެސެސްމަންޓުގެ ނަތީޖާއިން، ކުއްޖާއަކީ ގާތުން މޮނީޓަރ ކުރަންޖެހޭ ކުއްޖެއްކަމުގައި ކަނޑައަޅައިފިނަމަ، އެ ކުއްޖާއާމެދު އަމަލުކުރަންވާނީ، އެފަދަ ހާލަތްތަކުގައި އަމަލުކުރުމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ލ) މި މާއްދާގެ (ވ) ގެ ދަށުން އާއިލާއާ ހަވާލުކުރެވެން ނެތް ހާލަތުގައި، ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކަށް ކުއްޖާ ބަލަން ހަވާލުކުރުމުގައި އަމަލުކުރާނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން އެފަދަހާލަތްތަކުގައި އަމަލުކުރުމަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.
(ގ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރަންވާނީ، ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓަންވާނީ، ނުވަތަ ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކާ ކުއްޖާ ބަލަން ހަވާލުކުރަންވާނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ، ގަވާއިދު ނަންބަރު 2022-05 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު) ގެ ދަށުން އެ ކުއްޖާއަށް ދޭންޖެހޭ ރީހެބިލިޓޭށަންގެ ފަރުވާ ނުވަތަ އެނޫންވެސް ފަރުވާ ދެމުންގެންދިޔުމަށް ކުއްޖާއާ ހަވާލުވާ ފަރާތަށް ށަރުތުކުރުމާ އެކުގައެވެ.
(ޏ) މި މާއްދާގެ (އ) ގެ ދަށުން ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ނުވަތަ މި މާއްދާގެ (ލ) ގެ ދަށުން ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކާ ކުއްޖާ ހަވާލުކުރުމަށްފަހު، ކަނޑައެޅިފައިވާ ޕްލޭނެއްގެ ދަށުން އެ ކުއްޖާގެ ހާލަތު، ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން މޮނިޓަރކުރަމުން ގެންދަންވާނެއެވެ.
(ސ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިން މައިންބަފައިންނާ ވަކި ކުރަންޖެހޭ ހާލަތުގައި، އެ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ވަކިކުރެވުނު ނަމަވެސް، އެފަދައިން ވަކިކުރެވޭ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ގުޅުން ބޭއްވުމަކީ އެ ކުދިންގެ މަސްލަހަތަށް ނޭދެވޭ އަސަރެއް ކުރާނެކަމެއް ކަމުގައި ނުވާނަމަ، މައިންބަފައިންނާ ގަވާއިދުން ގުޅުން ބާއްވަމުން ދިޔުމުގެ ހައްގު އެ ކުދިންނަށް ލިބިދިނުމަށް ޓަކައި، ކަނޑައެޅޭ އުސޫލެއްގެ މަތިން، އެ ކުދިންގެ މައިންބަފައިން ތިބޭ މަރުކަޒުގައި، މަރުކަޒުގެ މުވައްޒަފެއްގެ ހާޒިރުގައި، ނުވަތަ މަރުކަޒުން ކަނޑައަޅާ އެހެން ފަރާތެއްގެ ހާޒިރުގައި، އެ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
28(ބ). "އިދާރީ ބަންދުގެ މަރުކަޒު" ނުވަތަ "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.
11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު