-

އަނބުރާ އަންނަ ހަނގުރާ މަވެރިންގެ މައްޗަށް ހިންގޭ ޚާއްޞަ އިޖުރާއަތު ތަކާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-06)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 3-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް،ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އަންނަ ހާލަތުގައި، އެ ފަރާތްތަކުގެ މައްޗަށް، އެ ގާނޫނުގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ހާއްސަ އިޖުރާއަތުތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތުތަކާބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދަކީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7-60 ވަނަ މާއްދާގެ (ޅ) އާއި، 9-60 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރަންޖެހޭ ފަރާތްތައް، އެ ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުން (އިސްލާހު ކުރެވިފައި)

(ށ) ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ކޯޓަށް ހާޒިރުކުރުމާއި، ކަމާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު ބަޔާންކުރުން. (އިސްލާހު ކުރެވިފައި) 

(ނ) ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7-60 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ އިދާރީ ބަންދުގެ ބާވަތްތަކާއި އެ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް މަރުކަޒުން ލިބެންޖެހޭ ހިދުމަތްތައް ބަޔާންކުރުން. (އިސްލާހު ކުރެވިފައި) 

(ރ) އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރެވޭ ކުޑަކުދިންނާމެދު އަމަލުކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުން.

(ބ) އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގާއި، އާއިލާއާ ބައްދަލުކުރުމުގެ ހައްގު ލިބިދެވޭނެ ގޮތް ބަޔާންކުރުން.

 

ދެ ވަނަ ބާބު

އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް (ސުރުހީ އިސްލާހު ކުރެވިފައި) 

 

3 ވަނަ މާއްދާ - އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމަށް މިނިސްޓަރު ކަނޑައެޅުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި) 

(ހ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވެފައިވާ ހަނގުރާމަވެރިއަކު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ހަނގުރާމަވެރިއަކު ނުވަތަ އެފަދަ ހަނގުރާމަވެރިއަކާއި އެ މީހެއްގެ އާއިލާގެ މެންބަރަކު ދިވެހިރާއްޖެއަށް އަންނަން އުޅޭކަމުގެ މައުލޫމާތު ނުވަތަ އެފަދަ ފަރާތެއް ދިވެހިރާއްޖެއަށް އަތުވެއްޖެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ، ގާނޫނުގެ 60-4 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން އެފަދަ ފަރާތެއް ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމުގެ އަމުރަކަށް އެދި އަންނަނިވި ކަންތައްތައް ހިމެނޭގޮތަށް ފުލުހުންގެ ފަރާތުން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

  1. އަނބުރާ އަންނަ ހަނގުރާމަވެރިޔާގެ މައުލޫމާތު؛
  2. އަނބުރާ އަންނަ ހަނގުރާމަވެރިޔާއާއެކު އޭނާގެ 18 (އަށާރަ) އަހަރުން ދަށުގެ ދަރިން އަންނަނަމަ ނުވަތަ އައިސްފައިވާނަމަ، އެ ކުދިންގެ މައުލޫމާތު؛
  3. މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކީ ހަނގުރާމަވެރި ސަރަހައްދަކުން ދިވެހިރާއްޖެއަށް އަންނަ ނުވަތަ އައިސްފައިވާ ފަރާތެއްކަން އަންގައިދޭ އިންޓެލިޖެންސް ރިޕޯޓު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން މިނިސްޓަރަށް ހުށަހެޅުމެއް ހުށަހަޅަންވާނީ، އެ ހުށަހެޅުން ނިސްބަތްވާ ފަރާތަކީ އެ ފަރާތަކާމެދު ގާނޫނުގެ 4-60 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅުއަޅަން ނިންމައިފައިވާ ފަރާތެއް ކަމުގައި ނުވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުމެއް ވާންވާނީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ހުއްދަކޮށްފައިވާ ހުށަހެޅުމަކަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ހުށަހަޅާ ހުށަހެޅުމެއް މިނިސްޓަރަށް ލިބުމާއެކު، އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، އެ ހުށަހެޅުން ނިސްބަތްވާ ފަރާތަކީ، ހަނގުރާމަވެރި ސަރަހައްދަކުން އައިސްފައިވާ ނުވަތަ އަންނަ ފަރާތެއް ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އެފަދަ ފަރާތެއް، ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމަށް ކަނޑައަޅައި، މިނިސްޓަރު އަމުރެއް ނެރެންވާނެއެވެ.

(ބ) ގާނޫނުގެ 9-60 ވަނަ މާއްދާއާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި މާއްދާގެ (ރ) ގެ ދަށުން ބަންދުކުރާ ހަނގުރާމަވެރިއަކާއެކު އަންނަ އޭނާގެ ދަރިން ވެސް، އޭނާއާއެކު އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުގައި ބޭތިއްބުމަށް ކަނޑައަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ ހުށަހެޅުމެއް މިނިސްޓަރަށް ލިބޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މިނިސްޓަރު ގޮތެއް ނިންމަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓަރު ނެރޭ އަމުރުގައި، ބަންދުކުރެވޭ މީހާގެ ފުރިހަމަ މައުލޫމާތާއި، އޭނާއާއެކު އެ ތަނުގައި ބަންދުކުރެވޭ އޭނާގެ ދަރިންގެ މައުލޫމާތާއި، އެ ފަރާތްތައް ބަންދުގައި ބައިތިއްބާނެ ބަންދުގެ މަރުކަޒުގެ މައުލޫމާތާއި، އަމުރު ތަންފީޒުކުރަން ފަށަންޖެހޭ ތާރީހު، މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

(އ) މި މާއްދާގެ ދަށުން މިނިސްޓަރު ކުރާ އަމުރަކީ، ގާނޫނުގެ 11-60 ވަނަ މާއްދާގެ (ނ) އާއި، މި ގަވާއިދުގެ 1-3 ވަނަ މާއްދާގެ ދަށުންކޯޓުން ގޮތެއް ކަނޑައަޅަންދެން ނެރެންދެން ދެމިއޮންނާނެ އަމުރެކެވެ. އަދި މިނިސްޓަރުގެ އެ އަމުރަކީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ، އެ އަމުރު ރައްދުވާ އެންމެހައި ފަރާތްތަކުން އެ އަމުރުގައި ހިމެނޭ އެންމެހައި ކަންކަމުގެ މައްޗަށް އަމަލުކުރުން ލާޒިމު އަމުރެކެވެ.

(ވ) މި މާއްދާގެ ދަށުން މިނިސްޓަރު ނެރޭ އަމުރެއްގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކޮށްފައިވާ ހަނގުރާމަވެރިއެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، އޭނާ ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ.

 

3-1 ވަނަ މާއްދާ - އިދާރީ ބަންދާމެދު ކޯޓުން ގޮތެއް ކަނޑައެޅުން (އިތުރު ކުރެވިފައި) 

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކޮށްފައިވާ ހަނގުރާމަވެރިއެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ) ގެ ދަށުން ހުށަހަޅާނީ، ކްރިމިނަލް ކޯޓަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އެ ހުށަހެޅުން ނިސްބަތްވާ ފަރާތުގެ މައުލޫމާތު؛
  2. އެ ހުށަހެޅުން ނިސްބަތްވާ ފަރާތާ އެކުގައިވާ، އެ ފަރާތުގެ އުމުރުން 15 (ފަނަރަ) އަހަރު ފުރިފައިނުވާ ދަރިންގެ މައުލޫމާތު؛
  3. އެ ހުށަހެޅުން ނިސްބަތްވާ ފަރާތަކީ، ގާނޫނުގެ 3-60 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ފަރާތެއް ކަމަށް ބެލުމަށް ލިބިފައިވާ ހެކި.

(ނ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ނިސްބަވްތާ ފަރާތަކީ، ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ނުވަތަ އެއިން ސަރަހައްދެއްގައި ހުރެފައި އަނބުރާ ދިވެހިރާއްޖެ އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެ މީހަކީ ގާނޫނުގެ ދަށުން ކަނޑައެޅޭ ރީހެބިލިޓޭށަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމެއް ހުށަހަޅާއިރު، އެ މައްސަލަ ނިސްބަތްވާ ފަރާތުގެ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ދަރިން އެ ފަރާތާއެކު ބަންދުގައި ތިބިނަމަ، އެ އިދާރީ ބަންދުގެ މަރުކަޒުގައި އޭނާއާއެކު އޭނާގެ ދަރިން ބަންދުގައި ބައިތިއްބާ ގޮތަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދެންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މައްސަލައެއް ނިސްބަތްވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ގާނޫނުގެ 11-60 ވަނަ މާއްދާގެ ދަށުން ކޯޓުން ކަނޑައަޅަންވާނީ، އޭނާއާއި، އޭނާގެ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ދަރިން އޭނާއާ އެކުގައި އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުކުރުމަށެވެ.

(ޅ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާމެދު، އެ ހުށަހެޅުން ހުށަހެޅި ތާރީހުގައި ގޮތެއް ކަނޑައަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ނ) ގެ ދަށުން ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވާ މުއްދަތުގެ އިތުރަށް ވެސް އެ މީހެއްގެ މައްޗަށް ހިންގަންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމް ހިންގުމަށް ޓަކައި އެ މީހަކު ބަންދުކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ވާނަމަ، އެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ޓަކައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކޯޓަށް ހުށަހަޅައި، އެ ކޯޓުގެ އަމުރެއް ހޯދަންވާނެއެވެ.

(އ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކޮށްފައިވާ ފަރާތަކީ، އުމުރުން 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ އުމުރުގެ ކުއްޖެއްނަމަ، އެ ކުއްޖާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ) ގެ ދަށުން ހުށަހަޅާނީ، ޖުވެނައިލް ކޯޓަށެވެ. އެ ހާލަތުގައި، މި މާއްދާގެ އެހެން އަކުރުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އެފަދަ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމާ ގުޅޭގޮތުން، އަދި ކޯޓުން ގޮތެއް ކަނޑައެޅުމާ ގުޅޭގޮތުން ހިނގާނެއެވެ.

 

4 ވަނަ މާއްދާ - އިދާރީ ބަންދުގެ މަރުކަޒު

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ބަންދުކުރުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތްތައް ބަންދުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާމަރުކަޒުތަކުގެ ތެރެއިން އެ މީހަކު ބަންދުކުރުމަށް ހާއްސަ މަރުކަޒެއްގައެވެ.

  1. ފިރިހެނަކު ނަމަ، ފިރިހެނުންނަށް ހާއްސަ ބަންދުގެ މަރުކަޒުގައި؛
  2. އަންހެނަކު ނަމަ، އަންހެނުންނަށް ހާއްސަ ބަންދުގެ މަރުކަޒުގައި؛
  3. ކުޑަކުއްޖެއް ނަމަ، ކުޑަކުދިންނަށް ހާއްސަ ބަންދުގެ މަރުކަޒުގައި.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، އުމު ރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިން އެ ކުދިންގެ ބެލެނިވެރިއަކާ އެކުގައި އެފަދަ މަރުކަޒެއްގައި ބޭތިއްބުމަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއަންހެނުންނަށް ހާއްސަ މަރުކަޒުގައި އެ ފަރާތްތަކާ ގުޅޭ އެންމެހައި ކަންކަން ބަލަހައްޓަން ތިބެންވާނީ އަންހެނުންނެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކުޑަކުދިންނަށް ހާއްސަ މަރުކަޒުގައި އެ ފަރާތްތަކާ ގުޅޭ އެންމެހައި ކަންކަން ބަލަހައްޓަން ތިބެންވާނީ ކުޑަކުދިން ބެލެހެއްޓުމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތަކެވެ.

 

5 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އައުމުން އަމަލުކުރަންވީ ގޮތް

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތްތައް ދިވެހިރާއްޖެއަށް އައުމުން ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމާއެކު، އެ ފަރާތްތަކަށް، އަންނަނިވި ކަންކަން ފޯރުކޮށްދޭންވާނެއެވެ.

(ހ) ކޮންމެހެން ބޭނުންވާ އަސާސީ ސިއްހީ ފަރުވާއާއި ނަފްސާނީ ސިއްހަތުގެ މާހިރުން މެދުވެރިކޮށް ލިބިދޭންޖެހޭ އެހީތެރިކަން.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު.

 

6 ވަނަ މާއްދާ - އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިއްހީ ހިދުމަތް އެ ފަރާތަކަށް ފޯރުކޮށްދިނުމާއެކު، އެ ފަރާތަކާ ގުޅޭ އިންޓެލިޖެންސް ޑީ-ބްރީފިންގއެއް ފުލުހުން ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް ޑީ-ބްރީފިންގއެއް ހެދުމަށްފަހު، އެ ފަރާތެއް ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ މިންވަރު ދެނެގަނެ، އެ ފަރާތެއްގެ ކިބައިން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި އެ ފަރާތެއްގެ ރިސްކް އެސެސްމަންޓް ހަދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑީ-ބްރީފިންގއާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓް ހަދަންވާނީ، ގަވާއިދު ނަންބަރު 4/2022 އިންޓެލިޖެންސް ޑީ-ބްރީފިންގއާއިރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް ޑީ-ބްރީފިންގއާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓް ހެދުމުގެ ކަންކަން އެކުއެކީގައި ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 3 (ތިނެއް) އަހަރު ފުރިފައިނުވާ ކުޑަކުދިންގެ އިންޓެލިޖެންސް ޑީ-ބްރީފިންގއެއް ނުވަތަ ރިސްކް އެސެސްމަންޓެއް ހެދުން މި ގަވާއިދު ލާޒިމެއް ނުކުރެއެވެ. އަދި އެފަދަ ކުދިން ރީހެބިލިޓޭށަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި އާއިލާގެ މެންބަރަކާ ހަވާލުކުރެވިދާނެއެވެ. ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ހާލަތެއްވާނަމަ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވިދާނެއެވެ. (އިތުރު ކުރެވިފައި) 

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮ ށްފައިވާ ހާލަތުގައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި) 

 

7 ވަނަ މާއްދާ - އިދާރީ ބަންދުން ދޫކޮށްލު މާއި ބަންދުގެ މުއްދަތު އިތުރުކުރުން 

(ހ) ގަވާއިދު ނަންބަރު 5/2022 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރުމުން، ގަވާއިދު ނަންބަރު 4/2022  (އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާގުޅޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ކަމަށް ކަނޑައަޅައިފިނަމަ، އެ ފަރާތެއް އިދާރީ ބަންދުން ދޫކު ރުމަށް މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

(ށ) ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން، އެ ޕްރޮގްރާމެއްފުރިހަމަކުރުމުން، ގަވާއިދު ނަންބަރު 4/2022 (އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ނޫން ކަމަށް ކަނޑައަޅައިފިނަމަ، އެ ފަރާތެއް ބަންދުން ދޫކުރެވޭނީ އަލުން ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކުރުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ ފަރާތްތައް އެ ޕްރޮގްރާމް ފުރިހަމަކުރުމަށް ޓަކައި ހޭދަވާނެ މުއްދަތަކީ، އެފަދަ ފަރާތެއް އިދާރީ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތެއްނަމަ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ

(ޅ) ގެ ދަށުން އެ ފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހަޅައި، ކޯޓު އަމުރެއް ހޯދަންވާނެއެވެ.

 

ތިންވަނަ ބާބު

ކުޑަކުދިންނާ ގުޅޭ ހާއްސަ އުސޫލުތައް

 

8 ވަނަ މާއްދާ - ކުޑަކުދިންނާ ގުޅޭ އުސޫލުތައް (ސުރުހީ އާއި މާޢްދާ އިސްލާހު ކުރެވިފައި) 

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ އު މުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ ރިސްކް އެސެސްމަންޓް، އެ ކުދިން އިދާރީ ބަންދުގެ މަރުކަޒަށް ގެނެވޭތާ ގިނަވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި ފުލުހުން ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހުގައި، އެ ކުއްޖަކީ، ގަވާއިދު ނަންބަރު 05/2022 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ -އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ ކުއްޖެއް ކަމަށް އެސެސްމަންޓުގައި ކަނޑައަޅައިފައިވާނަމަ، އެ ޕްރޮގްރާމް ފުރިހަމަވަންދެން އެ ކުއްޖަކު ބަންދުގައި ބަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައި ވާކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެ ކުދިން، އެކ ުުދީންގެ މައިންބަފައިންނާ ވަކިކުރަންވާނެއެވެ.

  1. ކުއްޖާ، އެ ކުއްޖާގެ މައިންބަފައިންގެ ގާތުގައި ހުރުމުގެ ސަބަބުން، އެ ކުއްޖާ ހަރުކަށި ފިކުރަށް ހުށަހެޅުމުގެ ފުރުސަތު އޮތުން ނުވަތަ އެ ކުއްޖާގައި އަށަގަންނުވާފައިވާ އެފަދަ ފިކުރެއް އާލާވެ އަށަގަތުމުގެ ފުރުސަތު އޮތުން؛
  2. ކުއްޖާގެ މައިންބަފައިންގެ ކިބައިގައި ހުރި ނަފްސާނީ ހާލަތެއްގެ ސަބަބުން ކުއްޖާއަށް ދޭންޖެހޭ އަޅައިލުމާއި ރައްކައުތެރިކަން އެކަށީގެންވާ ގޮތެއްގައި ދެވެން ނެތުން؛
  3. މައިންބަފައިންގެ އިހުމާލުގެ ސަބަބުން ކުއްޖާއަށް ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ގެއްލުންވެފައިވުން؛
  4. ކުއްޖާގެ މައިންބަފައިންގެ ފަރާތުން އެކްސްޕްލޮއިޓޭށަންގެ އަމަލެއްގެ ށިކާރައަކަށް ކުއްޖާ ވެފައިވުން ނުވަތަ އެފަދަ އަމަލެއްގެ ށިކާރައަކަށް ވުމުގެ ފުރުސަތު އޮތުން؛
  5. އެ ނޫންވެސް، އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުއްޖެއް ކަމުގައި ބެލުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ހާލަތެއްގައި ކުއްޖާ ވުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިން މައިންބަފައިންނާ ވަކިކުރަންޖެހޭ ހާލަތުގައި، އެ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ވަކިކުރެވުނު ނަމަވެސް، އެ ކުދިން ބައިތިއްބަންވާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުޑަކުދީންނަށް ހާއްސަ ބަންދުގެ މަރުކަޒެއްގައެވެ. 

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓަށްފަހު، އެ ކުއްޖަކީ، އަނބުރާ މުޖުތަމައަށް ރުޖޫއަކުރަން ނިންމާ ކުއްޖަކަށްވިޔަސް، އެ ކުއްޖެއްގެ މައިންބަފައިން އެ ކުއްޖަކާއެކު އަނބުރާ މުޖުތަމައަށް ރުޖޫއަކުރެވެން ނެތް ހާލަތުގައި ކުޑަކުދިންގެ ހައްގުތައް 
ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ވެސް، ކުޑަކުދިން، އެ ކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންވާނީ، އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަމަށް ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ފެންނަ ހާލަތުގައެވެ.

(ކ) މި މާއްދާގެ (ނ) ގެ ދަށުން ކުޑަކުދިން އެ ކުދިންގެ މައިންބަފައިންނާ ވަކިކުރުމަކީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަމަށް ނިންމުމުގައި ދައުލަތުން ރިއާޔަތްކުރާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާމެދު ގޮތެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ އާންމު މިންގަނޑުތަކަށާއި، ކުއްޖާ ހުރި ހާއްސަ ހާލަތަށް ބިނާވާ އެނޫންވެސް ކަންކަމުގެ މައްޗަށެވެ.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުއްޖެއްގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެ ކުއްޖާގެ މައިންބަފައިންނާ ވަކިކުރުން ކަމުގައި ވާނަމަ، އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެނެސް، ކުއްޖާގެ އާއިލާގެ އެހެން މެންބަރަކާ ނުވަތަ މެންބަރުންނާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ހަވާލުކުރެވިދާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރުމުގައި، ކުއްޖާއާ ހަވާލުވާނެ އާއިލާގެ މެންބަރަކު ނެތް ހާލަތެއްގައި، ކުޑަކުދީން ބަލަހައްޓާ ދައުލަތުގެ މަރުކަޒެއްގައި ކުއްޖާ ބަހައްޓަންވާނެއެވެ.

(މ) މި މާއްދާގެ (އ) ގެ ދަށުން ކުއްޖާގެ އާއިލާގެ މެންބަރަކާ ކުއްޖާ ހަވާލުކުރަންވާނީ، އެ ފަރާތަކާ ގުޅޭގޮތުން އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ހަދާނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއާއި ފުލުހުންގެ ކަމާބެހޭ ފަރާތްތައް ގުޅިގެންނެވެ.

(ދ) މި މާއްދާގެ (އ) ގެ ދަށުން ކުއްޖާގެ އާއިލާގެ މެންބަރަކާ ކުއްޖާ ހަވާލުކުރަންވާނީ، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓުގެ އިތުރުން، މިފަދަ ހާލަތްތަކުގައި، ގަވާއިދު ނަންބަރު 04/2022 (އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު) ގެ ދަށުން ފުލުހުން ހަދާ ރިސްކް އެސެސްމަންޓު ހެދުމަށްފަހުގައެވެ.

(ތ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ މަރުހަލާގައި، ގަވާއިދު ނަންބަރު 04/2022 (އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާގުޅޭ ގަވާއިދު) ގެ ދަށުން ފުލުހުން ހަދާ ރިސްކް އެސެސްމަންޓުގެ ނަތީޖާއިން، ކުއްޖާއަކީ ގާތުން މޮނީޓަރ ކުރަންޖެހޭ ކުއްޖެއްކަމުގައި ކަނޑައަޅައިފިނަމަ، އެ ކުއްޖާއާމެދު އަމަލުކުރަންވާނީ، އެފަދަ ހާލަތްތަކުގައި އަމަލުކުރުމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ލ) މި މާއްދާގެ (ވ) ގެ ދަށުން އާއިލާއާ ހަވާލުކުރެވެން ނެތް ހާލަތުގައި، ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކަށް ކުއްޖާ ބަލަން ހަވާލުކުރުމުގައި އަމަލުކުރާނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން އެފަދަހާލަތްތަކުގައި އަމަލުކުރުމަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

(ގ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރަންވާނީ، ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓަންވާނީ، ނުވަތަ ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކާ ކުއްޖާ ބަލަން ހަވާލުކުރަންވާނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ، ގަވާއިދު ނަންބަރު 05/2022 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު) ގެ ދަށުން އެ ކުއްޖާއަށް ދޭންޖެހޭ ރީހެބިލިޓޭށަންގެ ފަރުވާ ނުވަތަ އެނޫންވެސް ފަރުވާ ދެމުންގެންދިޔުމަށް ކުއްޖާއާ ހަވާލުވާ ފަރާތަށް ށަރުތުކުރުމާ އެކުގައެވެ.

(ޏ) މި މާއްދާގެ (އ) ގެ ދަށުން ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ނުވަތަ މި މާއްދާގެ (ލ) ގެ ދަށުން ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކާ ކުއްޖާ ހަވާލުކުރުމަށްފަހު، ކަނޑައެޅިފައިވާ ޕްލޭނެއްގެ ދަށުން އެ ކުއްޖާގެ ހާލަތު، ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން މޮނިޓަރކުރަމުން ގެންދަންވާނެއެވެ.

(ސ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިން މައިންބަފައިންނާ ވަކި ކުރަންޖެހޭ ހާލަތުގައި، އެ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ވަކިކުރެވުނު ނަމަވެސް، އެފަދައިން ވަކިކުރެވޭ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ގުޅުން ބޭއްވުމަކީ އެ ކުދިންގެ މަސްލަހަތަށް ނޭދެވޭ އަސަރެއް ކުރާނެކަމެއް ކަމުގައި ނުވާނަމަ، މައިންބަފައިންނާ ގަވާއިދުން ގުޅުން ބާއްވަމުން ދިޔުމުގެ ހައްގު އެ ކުދިންނަށް ލިބިދިނުމަށް ޓަކައި، ކަނޑައެޅޭ އުސޫލެއްގެ މަތިން، އެ ކުދިންގެ މައިންބަފައިން ތިބޭ މަރުކަޒުގައި، މަރުކަޒުގެ މުވައްޒަފެއްގެ ހާޒިރުގައި، ނުވަތަ މަރުކަޒުން ކަނޑައަޅާ އެހެން ފަރާތެއްގެ ހާޒިރުގައި، އެ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

 

9 ވަނަ މާއްދާ - މައިންބަފައިންނާ ވަކިކުރެވޭ ކުދީންގެ ރިކޯޑު ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން މައިންބަފައިންނާ ވަކިކޮށްގެން މަރުކަޒުން ބޭރަށް ގެންދާ ކުދިންގެ އަންނަނިވި މައުލޫމާތު، މަރުކަޒުގެ ފަރާތުން ބަލަހައްޓަންވާނެއެވެ.

  1. ނަމާއި، ދާއިމީ އެޑްރެސް؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  3. މައިންބަފައިންގެ މައުލޫމާތު؛
  4. މަރުކަޒުން ގެންދިޔަ ތާރީހާއި ގަޑި؛
  5. ކުއްޖާއާ ހަވާލުވެގެން ދިޔަ ފަރާތުގެ ނަމާއި، އެޑްރެހާއި،ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު؛
  6. މައިންބަފައިންނާ ވަކިކުރަން ނިންމި ސަބަބު؛
  7. ކުއްޖާގެ ސިއްހީ ހާލަތު ހުރިގޮތް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރެއިން އެއްވެސް މައުލޫމާތެއް ނޭނގޭނަމަ، ނުވަތަ ކަށަވަރުކުރެވޭނެ ގޮތެއް ނެތްނަމަ، އަންނަނިވި މައުލޫމާތު ލިޔެ ރައްކައުކުރަންވާނެއެވެ.

  1. ކުއްޖާގެ ފޮޓޯއެއް؛
  2. ކުއްޖާގެ އިނގިލީގެ ނިށާން (ޓެންޕްރިންޓްސް)

 

10 ވަނަ މާއްދާ - މައިންބަފައިންނާ ވަކިކުރެވޭ ކުދިން އަނބުރާ މައިންބަފައިންނާ ހަވާލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގެ ދަށުން މައިންބަފައިންނާ ވަކިކޮށްފައިވާ ކުދިން، އަނބުރާ އެ ދެ ފަރާތުން ކުރެ ފަރާތަކާ ހަވާލުކުރެވިދާނެއެވެ.

  1. ކުޑަކުދިންގެ ހައްގުތައް ރައްކައު ތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން ހަދާ އެސެސްމަންޓަކަށްފަހު، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައި ނުވާކަމަށް ކަނޑައެޅުމުން؛ ނުވަތަ،
  2. މައިންބަފައިންގެ ތެރެއިން ފަރާތެއް، ގަވާއިދު ނަންބަރު 5/2022 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮގްރާމްތައް ފުރިހަމަކޮށްފައި މަރުކަޒުން ދޫކޮށްލުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހަދާ އެސެސްމަންޓުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ކުއްޖާގެ ސަލާމަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަންކަމާއި، އެ ކަންކަން ރަނގަޅު ކުރުމަށް ޓަކައި ގެންނަންޖެހޭނެ ބަދަލުތައް؛
  2. ކުއްޖާ މައިންބަފައިންނާ ވަކިކުރަންޖެހުނު ސަބަބު؛ 
  3. ކުއްޖާއާ ހަވާލުވާން މަންމަ ނުވަތަ ބައްޕަ ތައްޔާރުވެފައިވާ މިންވަރު؛
  4. ކުއްޖާއަށް ދޭންޖެހޭ އަޅައިލުން ދިނުމުގެ ގާބިލުކަން ހުރި މިންވަރު؛
  5. ކުއްޖާއަށް އަޅައިލަން ބޭނުންވެފައިވާ ނުވަތަ ތައްޔާރުވެފައިވާ މިންވަރު؛
  6. މާލީ ހާލަތު؛
  7. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ލާޒިމުކުރާ އެހެނިހެން ކަންތައްތައް.

 

ހަތަރުވަނަ ބާބު

މަރުކަޒުތަކުން ދޭނެ ހިދުމަތްތައް

 

11 ވަނަ މާއްދާ - މަރުކަޒުތަކުން ލިބެންޖެހޭ ހިދުމަތްތައް

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގައި އަންނަނިވި އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ހ) ކެއިންބުއިމުގެ އިންތިޒާމު.

(ށ) ހުރިހާ ވަގުތެއްގައިވެސް ސާފު ބޯފެން ލިބޭނެ އިންތިޒާމު.

(ނ) އަންނައުނު ފޯރުކޮށްދިނުމާއި، ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމު.

(ރ) ނިދުމުގެ އިންތިޒާމު.

(ބ) ފާހާނާ ކުރުމާއި ފެންވެރުމުގެ އިންތިޒާމު.

(ޅ) ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު.

(ކ) ކުޅިވަރު ކުޅުމާއި، މުނިފޫހިފިލުވުމުގެ އިންތިޒާމު.

(އ) ނަމާދުކުރުމާއި، ގުރްއާން ކިޔެވުމާއި، ދީނުގައި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަން ކުރުމުގެ އިންތިޒާމު.

(ވ) ކަސްރަތު ކުރުމުގެ އިންތިޒާމު.

(މ) ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ އިންތިޒާމު.

(ފ) އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު.

(ދ) އާއިލާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމު.

(ތ) އެކަހެރިކޮށް ބައްދަލުކުރުމުގެ އިންތިޒާމު.

(ލ) ކުޑަކުދިންނަށް ތައުލީމު ދިނުމުގެ އިންތިޒާމު.

(ގ) ރީހެބިލިޓޭށަން ޕްރޮގްރާމާއި، ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގޭނެ އިންތިޒާމު.

 

12 ވަނަ މާއްދާ - ކެއިންބުއިމުގެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ކާންދިނުމަށް ވަކި ގަޑިތަކެއް 
ކަނޑައަޅައި، އެ ގަޑިތަކުގައި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ކާތަކެތި ހުންނަންވާނީ ސިއްހީގޮތުން ހަށިގަނޑަށް ފައިދާ ލިބިދޭގޮތަށް އަދި ސާފުތާހިރުކަމާއި ތާޒާކަންމަތީގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކެއުމުގެ އިންތިޒާމު، ތިރީގައި ބަޔާންކޮށްފައިވާ ވަގުތުތަކުގައި ހަމަޖައްސައިދޭންވާނެއެވެ.

  1. ހެނދުނު ސައި؛
  2. މެންދުރު ކެއުން؛
  3. ހަވީރު ސައި؛
  4. ރޭގަނޑު ކެއުން.

(ނ) މަރުކަޒުތަކުގައި ތިބޭ މީހުން ކެއިންބުއިމަށް ޓަކައި ބޭނުންކުރާ ސާމާނު މަރުކަޒުން ފޯރުކޮށްދޭންވާނެއެވެ. މި ތަކެއްޗަކީ އާންމުކޮށް ދިވެހިން ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާ އެއްފެންވަރުގެ ތަކެތި ކަމުގައި ވާންވާނެއެވެ. އަދި މަރުކަޒުތަކަށް ކާބޯތަކެތި ގެންދިއުމަށް ބޭނުންކުރާ ސާމާނު، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު އައުކުރާން ޖެހޭނެއެވެ. އަދި މަރުކަޒުތަކުގައި ކެއުމަށާއި ބުއިމަށް ބޭނުންކުރާ ތަށްޓާއި، ޖޯޑު ފަދަ ތަކެތީގެ ފެންވަރަށް ބަލައި، އެ ތަކެތި ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.

(ރ) ސިއްހީ މައްސަލައެއް ހުރެގެން ވަކި ބާވަތެއްގެ ޑައިޓަކަށް އަމަލުކުރުމަށް ޑޮކްޓަރަކު ލަފާދީފައިވާ މީހެއްނަމަ، ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އެފަދަ މީހެއްގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްފަހު، ލިޔެކިޔުމުން އެކަން އެނގޭނޭ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ބ) ތުއްތު ކުއްޖަކަށް ނުވަތަ ކުޑަކުދިންނަށް ބޭނުންވާ ކެއިންބުއިމުގެ ކަންކަން ހަމަޖައްސަންވަނީ، ކަމާ ގުޅުންހުރި ފަރާތްތަކުގެ ލަފާގެ މަތީން އެކުލަވައިލައިފައިވާ ޗައިލްޑް ނިއުޓްރިށަން ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ޅ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ސާފު ބޯފެން މެދުނުކެނޑި ލިބެން ހުންނަންވާނެއެވެ. އަދި އެ ފެނަކީ ސާފު ބޯފެން ކަމުގައި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއަކުން ކަނޑައަޅައިފައި އޮންނަންވާނެއެވެ.

 

13 ވަނަ މާއްދާ - އަންނައުނު ފޯރުކޮށްދިނުމާއި، ދޮވެ އިސްތިރިކުރުން

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންގެ ތެރެއިން އަމިއްލައަށް އަންނައުނު ހޯދުމުގެ އިންތިޒާމު ހަމަޖެހިފައިނުވާ މީހުންނަށް، ކަނޑައެޅޭ އުސޫލެއްގެ ދަށުން އަންނައުނު ފޯރުކޮށްދޭންވާނެއެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް އެ މީހުންގެ އަންނައުނު ދޮވުމާއި އިސްތިރިކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

14 ވަނަ މާއްދާ - ނިދުމުގެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ނިދުމުގެ އިންތިޒާމު، އެ މަރުކަޒަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެހިފައި ހުންނަންވާނެއެވެ. މިގޮތުން ނިދުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ފޯރުކޮށްދޭންވާނެއެވެ.

  1. ގޮދަޑި؛
  2. ބެޑްށީޓް؛
  3. ބާލީސް؛
  4. ބާލީހު އުރަ؛
  5. ރަޖާ.

(ށ) ސިއްހީ މައްސަލައެއް ހުރެގެން މަރުކަޒުގައި ވަކި ގޮތަކަށް ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޑޮކްޓަރަކު ލަފާދީފައިވާ މީހަކު ހުރިނަމަ، އެ ގޮތަކަށް އެ އިންތިޒާމު ހަމަޖައްސައިދީ، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ފާހާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފާހާނާކުރެވޭނެ އިންތިޒާމާއި ފެންވެރޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފާހާނާއަކީ ހުރިހާ ވަގުތެއްގައި ވެސް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަން ކަމުގައި ވާންވާނެއެވެ. އަދި ފާހާނާގައި ބޭނުންކުރަން ހުންނަ ފެނަކީ، ފެންވެރުމަށާއި، ވުޟޫކުރުމަށާއި، ގައިންތާހިރުވުމަށް އާންމުކޮށް ބޭނުންކުރާ، ނުބައިވަސް ނުދުވާ ފެންކަމުގައި ވާންވާނެއެވެ.

(ނ) ފާހާނާ ހުންނަންވާނީ ، ފާހާނާގަ އި ހުންނަ މީހާގެ އައުރަ އެހެން މީހުންނަށް ނުފެންނާނެ ގޮތަށެވެ.

(ރ) މަރުކަޒުގައި ތިބޭ މީހުންނަށް ފެންވަރައި ތާހިރުވެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. މިގޮތުން، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން، އަންނަނިވި ތަކެތި ފޯރުކޮށްދޭންވާނެއެވެ.

  1. ދަތް އުނގުޅާ ބުރުހާއި، ދަތް އުނގުޅާނެ ބޭސް؛
  2. ސައިބޯނި؛
  3. ށޭމްޕޫ؛
  4. ތުވާލި؛
  5. އަންހެނުންނަށް ބޭނުންވާ ސެނިޓަރީ ކިޓް؛
  6. ތުއްތު ކުދިންނަށް ބޭނުންވާ ނެޕީ.

 

16 ވަނަ މާއްދާ - އާންމު ސާފުތާހިރުކަމަށް ބޭނުންވާ ތަކެއްޗާއި އިންތިޒާމު

(ހ) މަޒުކަޒުތަކުގައި ތިބޭ ފިރިހެނުންނަށް، ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން،ބޯކޮށުމާއި ތުނބުޅި ބޭލުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) އާންމު ސާފުތާހިރުކަމަށް، އަންހެނުންނާއި ފިރިހެނުންނަށް ވަކި ހާއްސަ އެއްޗެއް ބޭނުންވާނަމަ، ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެއްޗެއް ފޯރުކޮށްދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ސާފުތާހިރު ކުރެވޭނެ އިންތިޒާމު

(ހ) މަރުކަޒުތަކުގެ ފާހާނާއާއި ދިރިއުޅޭ ތަން ސާފުކުރެވޭނެ އިންތިޒާމު
ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ ކޮންމެ މީހަކަށް ވެސް، އެ މީހަކު ދިރިއުޅޭ ސަރަހައްދު ސާފުކުރެވޭނެ ފުރުސަތު ދޭންވާނެއެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތާއި ތަކެތި މަރުކަޒުތަކުން ފޯރުކޮށްދޭންވާނެއެވެ.

(ނ) މަރުކަޒުތަކުގައި ތިބޭ މީހުން، އެ މީހުންނާ ހަވާލުކޮށްފައިވާ ތަކެތި ގަސްތުގައި ހަލާކުކޮށް ނުވަތަ ސާފުކުރުމަށް ދެވޭ ތަކެތި ބޭނުންކުރަންޖެހޭ ގޮތަށް ނޫން ގޮތަކަށް ބޭނުންކުރާނަމަ، ނުވަތަ ގަސްތުގައި މުދަލަކަށް ނުވަތަ މީހަކަށް ގެއްލުން ދިނުމަށް ބޭނުންކުރާނަމަ، ސާފުކުރުމަށް ތަކެތި އެ މީހަކަށް ދިނުމާމެދު ގޮތެއް ކަނޑައަޅާނީ އެ މަރުކަޒެއްގެ އިސްވެރިޔާއެވެ.

(ރ) އެ މަރުކަޒެއްގެ އިސްވެރިއަކަށް ހުންނަ މީހަކު ކަނޑައަޅާ ގޮތެއްގެ މަތީން މަރުކަޒު ސާފުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

 

18 ވަނަ މާއްދާ - ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މަރުކަޒުން ކުރަންޖެހޭނެ ކަމެކެވެ. މިގޮތުން، ދެވޭ ސިއްހީ ހިދުމަތް ވާންވާނީ، އާންމު މުޖުތަމައުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތާ ތަފާތު ނުވާނޭ ހިދުމަތަކަށެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ކުއްލިއަކަށް ދިމާވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ޓަކައި މަރުކަޒުތަކުގައި އެކަމަށް ހާއްސަ ޑޮކްޓަރަކު ނުވަތަ ސިއްހީ އެހީތެރިޔަކު ހުންނަންވާނެއެވެ.

(ނ) މަރުކަޒުތަކުގައި ތިބޭ ކޮންމެ މީހަކަށް، މެޑިކަލް ފައިލެއް އޮންނަންވާނެއެވެ. މި ފައިލު ވާންވާނީ، އޭގައިވާ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓޭގޮތަށް ބެލެހެއްޓެމުންދާ ފައިލަކަށެވެ. ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މަރުކަޒުން ބޭރަށް ގެންދާނަމަ، އެ ތަނަކަށް އެ ފައިލު ގެންދަންވާނެއެވެ.

(ރ) ސިއްހީ އެމެޖެންސީ ކަމެއް ދިމާވުމުން ނުވަތަ ކުއްލިއަކަށް މީހެއްގެ ސިއްހަތަށް ދިމާވާ ކަމަކަށް އަވަސް ފަރުވާ ދެވޭނެ އިންތިޒާމު މަރުކަޒުތަކުގައި އަބަދުވެސް ހަމަޖެހިފައި ހުންނަންވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެމެޖެންސީ ކަންކަމަށް މަރުކަޒުތަކުން އަންނަނިވި ކަންކަން ހަމަޖައްސައިފައި ބަހައްޓަންވާނެއެވެ.

  1. ފުރަތަމަ އެހީ ދެވޭނެ ތަމްރީނާއި ތަޖުރިބާ ހުރި މީހަކު އަބަދުވެސް ހާޒިރުވެވޭނެ ގޮތަށް ބެހެއްޓުން؛
  2. ދިމާވާ އެމެޖެންސީ ކަމެއްގައި މަރުކަޒު ހުންނަ ރަށުގެ ސިއްހީ ފަރުވާދޭ ތަނަކަށް ގެންދެވޭނެ ގޮތް ކަނޑައަޅައިފައި ބެހެއްޓުން؛
  3. މަރުކަޒު ހުންނަ ރަށުގެ ސިއްހީ ހިދުމަތް ދޭ ފަރާތަކުން، އެމެޖެންސީކޮށް ފަރުވާދޭންޖެހޭ މީހާ އެމެޖެންސީކޮށް ފަރުވާދިނުމަށް އިތުރު ތަނަކަށް ގެންދިއުމަށް އަންގާނަމަ، އެކަން ކުރެވޭނެ އިންތިޒާމު، ފުރިހަމަ ސެކިއުރިޓީއާއެކު ހަމަޖައްސައިފައި ބެހެއްޓުން.

(ޅ) މަރުކަޒެއްގައި ހުރި މީހަކު ބަލިވެގެން ޑޮކްޓަރަކަށް ދެއްކުމުން، ސިއްހީ ފަރުވާދޭ ހޮސްޕިޓަލަކަށް ގެންދިއުމަށް ނުވަތަ ހާއްސަ ފަރުވާއެއް ދޭންޖެހޭކަމަށް ބުނާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެފަދަ ތަނަކަށް ގެންދަންވާނެއެވެ.

 

19 ވަނަ މާއްދާ - ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުން

(ހ) މަރުކަޒުތަކުގައި ތިބޭ މީހުން ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

20 ވަނަ މާއްދާ - ނަމާދު ކުރުމާއި، ގުރްއާން ކިޔެވުމާއި، ދީނުގައި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަން ކުރުމުގެ އިންތިޒާމު

މަރުކަޒުތަކުގައި ތިބޭ މީހުންނަށް، ނަމާދު ކުރުމާއި، ގުރްއާން ކިޔެވުމާއި، ދީނުގައި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަން އަދާކުރެވޭނެ އިންތިޒާމުހަމަޖެހިފައި ހުންނަންވާނެއެވެ.

 

21 ވަނަ މާއްދާ - ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ އިންތިޒާމް

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް، މަރުކަޒުތަކުން ކަނޑައަޅާ އުސޫލާ އެއްގޮތަށް އެ މީހުންގެ ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ އިންތިޒާމުހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު ވާންވާނީ އާންމުކޮށްފައިވާ އުސޫލަކަށެވެ.

 

22 ވަނަ މާއްދާ - އާއިލާއާ ބައްދަލުކޮށް މުއާމަލާތުކުރުމުގެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް، އެ މީހުންގެ އާއިލާއާ އޮންނަ ގުޅުން ދަމަހައްޓައި، އާއިލާއާ ބައްދަލުކޮށް މުއާމަލާތު ކުރުމުގެ ފުރުސަތު ދިނުމަށް، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭންވާނެއެވެ.

  1. އާއިލީ ބައްދަލުވުން؛
  2. އާއިލާއަށް ފޯނުކުރުން.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނާ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ބައްދަލުކުރަން އެދޭ މީހުން، އެކަމަށް އެދި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ މަރުކަޒަކަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކާމެދު އެ މަރުކަޒަކުން ނިންމާ ގޮތެއް، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް، ފޯމު ހުށަހަޅާ ތާރީހުން ފެށިގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

(ރ) އާއިލީ ބައްދަލުވުމަށް މަރުކަޒަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުކަޒުން ދޫކޮށްފައިވާ ޖަވާބާއި އެ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތު، މަރުކަޒުގެ ފަރާތުން ބަލައި ޗެކްކުރަންވާނެއެވެ.

(ބ) އާއިލީ ބައްދަލުވުން ފެށުމުގެ ކުރިން، މަރުކަޒުގައި ހުންނަ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ނުވަތަ ސާބިތުވެފައިވާ މައްސަލައާބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް، ބައްދަލުވުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަންގަންވާނެއެވެ.

(ޅ) އާއިލީ ބައްދަލުވުމަށް މަރުކަޒަކަށް ޒިޔާރާތްކުރާ ފަރާތްތަކުގެ އަތުގައި ހުރި ތަކެތި ބައްދަލުވުމަކަށް ނުވެއްދޭނެއެވެ. އަދި އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު މަރުކަޒުތަކުން ހަމަޖައްސަންވާނެއެވެ.

(ކ) އާއިލީ ބައްދަލުވުން ހިނގަމުންދާ ވަގުތު، ބައްދަލުވުމުގައި ހިމެނޭ އެއްވެސް ފަރާތަކުން، މަރުކަޒުތައް ހިންގުމުގެ ނިޒާމަށް ހުރަސްއެޅޭ ފަދަ އަމަލެއް ހިންގައިފިނަމަ ، ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ ، އެ ބައްދަލުވުމެއް ވަގުތުން ހުއްޓުވައި، އެ މައްސަލައެއް ތަހުގީގު ކުރަންވާނެއެވެ.

(އ) އާއިލީ ބައްދަލުވުމަށް މަރުކަޒަކަށް ޒިޔާރަތްކުރާ ފަރާތްތަކުން މަރުކަޒުގައި ހުންނަ މީހާއަށް އެއްވެސް އެއްޗެއް ހަވާލުކުރުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ބައްދަލުވުމަށް ޒިޔާރާތްކުރާ ފަރާތްތަކުން މުއާސަލާތީ އެއްވެސް ވަސީލަތެއް ބޭނުންކުރުމާއި، މަރުކަޒުގެ އެއްވެސް ތަނެއް ފޮޓޯނަގައި ވީޑިއޯ ކުރުމަކީ މަނާކަމެކެވެ.

(ވ) އާއިލީ ބައްދަލުވުމަށް މަރުކަޒަކަށް ޒިޔާރާތްކުރާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އިގްރާރުގައި ސޮއިކުރަންވާނެއެވެ.

(މ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒުތަކުގައި ތިބޭ މީހުންނަށް ދޭ އާއިލީބައްދަލުވުންތަކާއި، ފޯނުކޯލުތަކުގެ ރެކޯޑު މަރުކަޒުތަކުން ލިޔުމުން ބަލަހައްޓަންވާނެއެވެ. 

(ފ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މަރުކަޒުތަކުގައި ބަންދުކުރާފަރާތްތަކާ ގުޅޭގޮތުން ގަވާއިދު ނަންބަރު 4/2022 (އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު) ގެ ދަށުން ހަދާ ރިސްކް އެސެސްމަންޓަކަށްފަހު، އެނޫން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާއިލީ ބައްދަލުވުމުގެ ފުރުސަތު ދެވޭނީ މަރުކަޒުގެ މުވައްޒަފެއްގެ ހާޒިރުގައެވެ.

(ދ) މި މާއްދާގެ (ފ) ގައި ބަޔާން ކޮށްފައިވާ ރިސްކް އެސެސްމަންޓަކުން، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާއިލީބައްދަލުވުމުގެ ފުރުސަތު ހަނިކުރަންޖެހޭ ސަބަބުތަކެއް ހުރިކަމުގައި ނިންމައިފިނަމަ، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އާއިލީބައްދަލުވުމުގެ ފުރުސަތު ނުދިނުމުގެ ބާރު، އެ މަރުކަޒަކާ ހަވާލުވެ ހުންނަ އިސްވެރިޔާއަށް ލިބިގެންވެއެވެ.

(ތ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ހަނިކުރާނަމަ، އެ ފުރުސަތު ހަނިކުރެވޭމުއްދަތާއި ސަބަބު، ލިޔުމުން އެ މީހަކަށް އަންގަންވާނެއެވެ.

 

23 ވަނަ މާއްދާ - އާއިލީ ބައްދަލުވުން

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނާ އެ މީހުންގެ އާއިލާގެ ފަރާތުން ބައްދަލުކުރެވޭނީ، އެންމެ ފަހުން ބައްދަލުކުރިތާ 7) ހަތެއް) ދުވަސް ވެފައިވާ ނަމައެވެ.

(ށ) އާއިލީ ބައްދަލުވުމުގެ ދިގުމިނަކީ، ގިނަވެގެން 1 (އެކެއް) ގަޑިއިރެވެ. ބައްދަލުވުން ބާއްވަންވާނީ، އެ މަރުކަޒެއްގައި އެ ކަމަށް ހާއްސަކޮށްފައިވާ ތަނެއްގައެވެ.

(ނ) އާއިލީ ބައްދަލުވުމުގެ ތެރޭގައި ތަހުގީގަށާއި މަރުކަޒުގެ ސެކިއުރިޓީއަށް ހުރަސްއެޅޭނެކަމަށް ބެލެވޭ އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. އަދި މި ފަދަ ވާހަކައެއް ދައްކައިފިނަމަ، ވަގުތުން ބައްދަލުވުން ހުއްޓައިލުމުގެ އިހްތިޔާރު، ބައްދަލުވުމުގެ ކަންކަން ބަލަހައްޓާ މުވައްޒަފަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - އާއިލާ އަށް ފޯނުކުރުން

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް، ކޮންމެ 7) ހަތެއް) ދުވަހަކުން އެއްފަހަރު، ގިނަވެގެން 10 (ދިހައެއް) މިނެޓުގެ ފޯނު ކޯލެއް ކުރުމުގެ ފުރުސަތު ދެވިދާނެއެވެ.

(ށ) ފޯނު ކުރުމަށް ދެވޭ ފުރުސަތުގައި ގުޅޭނީ ދިވެހިރާއްޖޭގެ ނަންބަރުތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ހާލަތަށް ރިއާޔަތްކޮށް ރާއްޖެއިން ބޭރުގެ ނަންބަރުތަކަށް ގުޅުމުގެ ފުރުސަތު ދޭންވާނެއެވެ.

(ރ) ފޯނު ކުރުމަށް ދެވޭ ފުރުސަތުގައި ގުޅޭނީ، އާއިލީ ގުޅުމެއް އޮންނަ އާއިލާގެ މެންބަރަކަށެވެ. މިގޮތުން ދެވޭ ފުރުސަތުގައި، ކަނޑައެޅިފައިވާ ވަގުތު ބަހައިލައިގެން 1 (އެކެއް) ނަންބަރަށްވުރެ ގިނަ ނަންބަރުތަކަށް، މަރުކަޒުތަކުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ގުޅުމުގެ ފުރުސަތު ދެވިދާނެއެވެ.

 

25 ވަނަ މާއްދާ - ތަފުސީލު އިޖުރާއަތުތައް އެކުލަވައިލުން

މި ބާބުގައި ބަޔާންކޮށްފައިވާ އިންތިޒާމުތައް ކޮންމެ މަރުކަޒެއްގައި ހަމަޖައްސާނެ ގޮތުގެ އިޖުރާއަތުތަކާއި، މަރުކަޒު އިދާރީގޮތުން ހިންގާނެ ގޮތުގެ އުސޫލު، ކޮންމެ މަރުކަޒަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

 

ފަސްވަނަ ބާބު

އާންމު މާއްދާތައް

 

26 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 58/2021 (ރިހެބިލިޓޭށަންއާއި ރީ އިންޓެގްރޭށަންއާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު) ބާޠިލުވީއެވެ.

 

27 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

28 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ. 

(ހ) "ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 3-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނައިގައެވެ.

(ށ) "ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 19/2019  (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށެވެ.

(ނ) "އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ.

  1. އަނބިމީހާ / ފިރިމީހާ؛
  2. މަންމަ / ބައްޕަ؛
  3. އެއްބަނޑުއެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛
  4. މަންމަޔާ ނުވަތަ ބައްޕަޔާ އެއްބަނޑު އެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛
  5. މާމަ / ކާފަ؛ 
  6. މަންމަގެ ފިރިމީހާ / ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
  7. މައިދައިތަ / ބަފައިބެ؛
  8. ދަރިން / ދޮންދަރިން؛
  9. ދަނބިދަރިން / ޅީދަރިން؛
  10. މާމަ ދަރިން / ކާފަ ދަރިން؛
  11. ޅިޔަނުން / ފަހަރިން؛
  12. ށަރުއީ ބަލަދުވެރިޔާ / ބެލެނިވެރިޔާ.

(ރ) "އިދާރީ ބަންދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނު) ގެ 9 ވަނަ ބާބުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، އެ ފަރާތް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޓަކައި، އެ ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް، އެ ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ ބަންދުކުރުމަށެވެ.

(ބ)  "އިދާރީ ބަންދުގެ މަރުކަޒު" ނުވަތަ "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ. (އިސްލާހު ކުރެވިފައި) 

(ޅ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒަށެވެ.

(ކ) "ޓެރަރިޒަމްގެ އަމަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/20215 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނައިގައެވެ. 

 

މައި ގަވާއިދު

އަނބުރާ އަންނަ ހަނގުރާ މަވެރިންގެ މައްޗަށް ހިންގޭ ޚާއްޞަ އިޖުރާއަތު ތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-06)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015)

ކިޔުންތެރިންގެ ހިޔާލު