-

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރީ ހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ -އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-05)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން، ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތައް އެފަދަ އަމަލުތަކުން ދުރުކޮށް، މުޖުތަމައަށް އަނބުރާ ރުޖޫއަކުރުމަށް ޓަކައި ހިންގޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދަކީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16-60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގާނޫނުގެ 15-60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީ ގެ ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރުން.

(ށ) ގާނޫނުގެ 15-60 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކި ބާވަތުގެ މީހުންނަށް އެކި މަރުހަލާތަކުގައި ފޯރުކޮށްދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތަކުގެ ބާވަތްތަކާއި ގިންތިތައްކަނޑައެޅުމާބެހޭ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި،ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް އެކުލަވައިލުން

ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތަކަށާއި، އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތީންހިންގަންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ދެނެގަނެ، އެފަދަ ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ޓަކައި، އެ ފަރާތްތަކަށް އެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް އެކުލަވައިލާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީހެބިލިޓޭށަން އެންޑް ރީ-އިންޓަ ގްރޭށަން ކޮމިޓީންނެވެ.

 

4 ވަނަ މާއްދާ - ރީހެބިލިޓޭށަން އެންޑް ރީ-އިންޓަ ގްރޭށަން ކޮމިޓީ

(ހ) ގާނޫނުގެ 15-60 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އެކުލަވައިލާ ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި، ކޮމިޓީގެ ނިންމުންތައް ނިންމުމާބެހޭ އިޖުރާއަތުތައް ބަޔާންކުރާ ކޮމިޓީ ހިންގުމާބެހޭ އުސޫލެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

(ށ) ރީހެބިލިޓޭށަން އެންޑް ރީ-އިންޓަ ގްރޭށަން ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ،ގާނޫނުގެ 15-60 ވަނަ މާއްދާގެ (ށ) ގެ (1 (ވަނަ ނަންބަރުގެ ދަށުން އެ ކޮމިޓީއަށް އައްޔަނުކުރާ މިނިސްޓްރީގެ މުވައްޒަފެވެ.

(ނ) ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ.

(ރ) ގާނޫނާއި މި ގަވާއިދުގެ ދަށުން ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައެޅުމަށް ޓަކައި އެ ކޮމިޓީންކުރަންޖެހޭ ފަންނީ ދިރާސާތައް ކުރުމަށް ޓަކައި، އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން، އެ ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިތުރުން، އެ މެންބަރުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުން ކޮމިޓީއަށް ފޯރުކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ހިންގާ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް، އަންނަނިވި ފަރާތްތަކުގެ މައްޗަށް ހިންގަންވާނެއެވެ. 

(ހ) ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅޭ ބޮޑެތި މީހުން.

(ށ) ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅޭ ކުޑަކުދިން.

(ނ) ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރި ކަމުގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތައް.

(ރ) ގާނޫނުގެ 5 ވަނަ ބާބުގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެފައިވާ ފަރާތްތައް.

(ބ) ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރި ކަމަށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތައް.

 

6 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމާ އި ރީ-އިންޓަގްރޭށަން ޕްރޮގްރާ މުގެ ބާވަތާއި ގިންތި ކަނޑައެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި، ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޮމިޓީން ރިއާޔަތް ކުރަންވާނެއެވެ.

  1. ގަވާއިދު ނަންބަރު 2022-04 (އިންޓެލިޖެންސް ޑީ-ބްރީފިންގއާއިރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު) ގެ ދަށުން ހަދާ ރިސްކް އެސެސްމަންޓުގެ ރިޕޯޓާއި، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ގަވާއިދުގެ ދަށުން ކަނޑައަޅާ ކަންކަން؛
  2. ޕްރޮގްރާމް ހިންގޭ ފަރާތުގެ އުމުރާއި، އެފަދަ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރި އެ ފަރާތުގެ ގާބިލުކަން؛
  3. ޕްރޮގްރާމް ހިންގޭ ފަރާތުގެ ސިއްހީ ހާލަތާއި ނަފްސާނީ ހާލަތު؛
  4. ޕްރޮގްރާމް ހިންގޭ ފަރާތުގެ ތައުލީމީ ފެންވަރު؛
  5. ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތަކާއި ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ ފަރާތްތަކަށް ރީހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގުމުގައި އަމަލުކުރާ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތައް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަންގެ ޕްރޮގްރާމްތައް ކަނޑައެޅުމުން، އެ ޕްރޮގްރާމްތައް ވަކިވަކި މީހުންގެ މައްޗަށް އެ ޕްރޮގްރާމްތައް ހިންގާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

 

7 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމްތަކާ އިރީ-އިންޓަގްރޭށަން ޕްރޮގްރާމްތަކުގެ މަރުހަލާތައް

(ހ) ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް އެކުލެވިގެންވަނީ،އަންނަނިވި މަރުހަލާތަކުގެ މައްޗަށެވެ.

  1. ހަރުކަށި ފިކުރާއި، އެ ފިކުރުގެ އަމަލުތަކުން ދުރުކުރުމުގެ މަރުހަލާ؛
  2. ހަރުކަށި ފިކުރާއި، އެ ފިކުރުގެ އަމަލުތަކަށް ހުށަހެޅިފައިވުމުގެ ސަބަބުން ލިބިފައިވާ ނަފްސާނީ ގެއްލުމަށް ފަރުވާކުރުމުގެ މަރުހަލާ؛
  3. އަނބުރާ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުކުރުމުގެ މަރުހަލާ.

(ށ) މި ގަވާއިދުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމެއްގައި ބައިވެރިކުރާ ފަރާތެއް އެ ފަދަ ޕްރޮގްރާމެއް ފުރިހަމަކުރީ ކަމުގައި ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާ މުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް ނިމުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތަކާ ގުޅޭ ހާއްސަ އޮނިގަނޑެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

 

8 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމުތަކާއިރީ-އިންޓަގްރޭށަން ޕްރޮގްރާމުތަކުގައި ހިމެނެންވާކަންކަން

މި ގަވާއިދުގެ ދަށުން ހިންގޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް އެކުލަވައިލަންވާނީ، އަންނަނިވި މައިގަނޑު ކަންކަމުގައި، ޕްރޮގްރާމް ހިންގޭ ފަރާތަށް ފަރުވާއާއި އެހީތެރިކަން ލިބިދެވޭނެ ގޮތުންނެވެ.
 (ހ) ޑީ-ރެޑިކަލައިޒޭށަން.
 (ށ) ނަފްސާނީ ދުޅަހެޔޮކަން.
 (ނ) އިޖުތިމާއީ ހޭލުންތެރިކަން.

 (ރ) އަމިއްލަ ނަފްސު ތަރައްގީކުރުން.

 

9 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމާ އި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގުމުގެ އުސޫލުތައް

ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ފަރުމާކުރަންވާނީ،އެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭ އަންނަނިވި މައިގަނޑު ކަންތައްތައް ހިމަނައިގެންނެވެ.

(ހ) ޕްރޮގްރާމް ހިންގާ މުއްދަތު.

(ށ) ޕްރޮގްރާމް ބަހައިލެވިފައިވާ މަރުހަލާތަކާއި، ކޮންމެ މަރުހަލާއެއްގައި ހިމެނޭ ސެށަންތަކުގެ އަދަދާއި ދިގުމިން.

(ނ) ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވަކިން ތައްޔާރުކުރާ ފަރުވާގެ ޕްލޭނާއި، އެ ޕްލޭނުގައި ފުރިހަމަ ކުރަންޖެހޭ ކްލާސްތަކާއި ސެމިނާރުތަކުގެ ތަފުސީލު.

(ރ) ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުން ހާސިލުކުރަން މަސައްކަތްކުރާނެ ލަނޑުދަނޑިތައް.

(ބ) ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުގެ ޒިންމާތަކާއި، އޭނާގެ ބައިވެރިވުން ލިބެންޖެހޭ މިންވަރު.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ވަޒަންކުރާނެ މިންގަނޑު.

(ކ) ޕްރޮގްރާމުގެ މުއްދަތުގައި ހެދޭނެ އެސެސްމަންޓްތަކުގެ ތަފުސީލުތައް.

(އ) ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި،އެ މިންގަނޑާ ހިލާފުވުމުން އެޅޭނެ ފިޔަވަޅުތައް. 

(ވ) ޕްރޮގްރާމް ބަހައިލެވިފައިވާ ކޮންމެ މަރުހަލާއެއްގައި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާންޖެހޭ ފަންނީ މީހުންގެ ތަފުސީލު.

 

10 ވަނަ މާއްދާ - އިގްރާރު ގައި ސޮއިކުރުން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުޑަކުދީންނަށް ހިންގާ ޕްރޮގްރާމްތައް ފިޔަވައި އެނޫން ފަރާތްތަކަށް ހިންގާ ޕްރޮގްރާމުތައް ހިންގުމުގައި ޕްރޮގްރާމް ހިންގާ ފަރާތްތަކަށް އެއްބާރުލުން ދޭނެކަމަށް ބަޔާންކޮށްފައިވާ އިގްރާރެއްގައި،ޕްރޮގްރާމް ހިންގޭ ފަރާތްތަކުން ސޮއިކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމާ އި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގޭ ކުޑަކުދިން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުޑަކުދީންނަށް ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގަންވާނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

12 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމާ އި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގާނެ ތަން

(ހ) މި ގަވާއިދުގެ ދަށުން ހިންގޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގޭ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، އެ ނޫން ފަރާތްތަކަށް ޕްރޮގްރާމްތައް ހިންގަންވާނީ، އެ ފަރާތެއް ބަންދުކޮށްފައި ބަހައްޓައިފައިވާ ތަނެއްގައެވެ.

(ށ) މި ގަވާއިދުގެ ދަށުން ހިންގާ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގޭ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޕްރޮގްރާމް ހިންގާނީ، މިނިސްޓަރު ކަނޑައަޅާ ތަނެއްގައެވެ.

(ނ) މި ގަވާއިދުގެ ދަށުން ހިންގާ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގޭ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، އެ ނޫން ފަރާތްތަކަށް ޕްރޮގްރާމްތައް ހިންގުމަށް، އެ ފަރާތެއް ބަންދުކޮށްފައި ބަހައްޓައިފައިވާ ތަނެއް ބެލެހެއްޓުމާ ހަވާލުވެ ހުރި ދައުލަތުގެ މުއައްސަސާއިން މިނިސްޓްރީއަށް އެއްބާރުލުން ދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމާ އި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ފަރާތްތައް އިވެލުއޭޓްކުރުން

މި ގަވާއިދުގެ ދަށުން ހިންގާ ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ފަރާތްތަކުގެ އަންނަނިވި އިވެލުއޭށަންތައް، މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ހަދަންވާނެއެވެ.

(ހ) ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތް ޕްރޮގްރާމުގައި ކުރިޔަށްދާ މިންވަރު އެސެސްކުރުމުގެ ގޮތުން ހަދާ ޕީރިއޮޑިކް އިވެލުއޭށަން.

(ށ) ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތް، ޕްރޮގްރާމުގެ އެއް މަރުހަލާ ފުރިހަމަ ކުރުމަށްފަހު އަނެއް މަރުހަލާއަށް ދިޔުމުގެ ކުރިން ހަދާ، ފޭސް ކޮމްޕްލީށަން އިވެލުއޭށަން.

(ނ) ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތް، ޕްރޮގްރާމުގެ އެންމެ ފަހުގެ މަރުހަލާ ފުރިހަމަކުރުމުން ހަދާ ފައިނަލް އިވެލުއޭށަން.

 

14 ވަނަ މާއްދާ - ރީހެބިލިޓޭށަން ކޮމިޓީއާއި ރީ-އިންޓަގްރޭށަން ކޮމިޓީއާ މައުލޫމާތު ހިއްސާކުރުން

(ހ) ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރުމުން، ޕްރޮގްރާމް ފުރިހަމަކުރި ފަރާތުގެ އިވެލުއޭށަން ރިޕޯޓެއް، މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ތައްޔާރުކޮށް، އެ ރިޕޯޓު، ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީއަށާއި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ރިޕޯޓުގައި، އަންނަނިވި މައިގަނޑު މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ޕްރޮގްރާމު ހިންގުނު ފަރާތުން ފުރިހަމަކޮށްފައިވާ ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ ބާވަތާއި ގިންތި؛
  2. މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ޕްރޮގްރާމް ހިންގުނު ފަރާތަށް ދިން ފަރުވާއާއި އެހީގެ ތަފުސީލު؛
  3. ޕްރޮގްރާމް ހިންގުނު ފަރާތުން ބައިވެރިވި ޕްރޮގްރާމުގައި ހިމެނޭ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތަފުސީ ލު؛
  4. ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ އެކި މަރުހަލާތަކުގައި ޕްރޮގްރާމް ހިންގުނު ފަރާތުން ހާސިލުކޮށްފައިވާ ނަތީޖާ؛
  5. ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ މުއްދަތުގައި، ޕްރޮގްރާމުގައި ބައިވެރިވި ފަރާތުގެ ވިސްނުމާއި، އުޅުމާއި އަހްލާގަށް އައިސްފައިވާ ބަދަލު.

 

15 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމާ އި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ މުއްދަތު

މި ގަވާއިދުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ފަރުމާކޮށް، އެ ޕްރޮގްރާމްތަކުގެ ގިންތިތަކާއި ބާވަތްތައް ކަނޑައަޅަންވާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ބަންދުގައި ތިބޭ ފުރިހަމަ މުއްދަތަށް ނުވަތަ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރުގެ ފުރިހަމަ މުއްދަތަށް ރިއާޔަތްކޮށް، މުޅި މުއްދަތުގައި ރީހެބިލިޓޭށަންޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގަމުން ގެންދެވޭނެ ގޮތެއްގެ މަތީންނެވެ.

 

16 ވަނަ މާއްދާ - މުޖުތަމައަށް އަނބުރާ ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއްކަމަށް ކަނޑައެޅުން

(ހ) މި ގަވާއިދުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކޮށް ނިމުމުން، އެ ފަރާތްތަކުން މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާކަން ކަނޑައެޅުމަށް ޓަކައި ރިސްކް އެސެސްމަންޓެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ރިސްކް އެސެސްމަންޓް ހަދާނީ، ގަވާއިދު ނަންބަރު 2022-04 (އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ރިސްކް އެސެސްމަންޓަށްފަހު، އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައިފިނަމަ، އެ ފަރާތުން އަލުން ރީހެބިލިޓޭށަން ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމްތަކެއް ފުރިހަމަކުރަންވާނެއެވެ. ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ރީހެބިލިޓޭށަން ޕްރޮގްރާމެއް ތަކުރާރު ކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއިރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް މުރާޖައާކުރުން

(ހ) މި ގަވާއިދުގެ ދަށުން ހިންގޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރުން އެއް ފަހަރު، މިނިސްޓަރު ކަނޑައަޅާ ފަރާތަކުން މުރާޖައާ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް މުރާޖައާ ކުރުމުގައި، އަންނަނިވި ކަންކަމަށްރިއާޔަތް ކުރަންވާނެއެވެ.

  1. ޕްރޮގްރާމުގެ މުއްދަތު؛
  2. ޕްރޮގްރާމް ފުރިހަމަކުރަމުންދާ ފަރާތްތައް އެސެސްކުރެވޭ ގޮތް؛
  3. ނަތީޖާ ހާސިލުކުރެވެމުންދާ މިންވަރު؛
  4. ގުޅުންހުރި މިންވަރު؛
  5. ޕްރޮގްރާމާ ގުޅޭ އެހެނިހެން ކަންކަން. 

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 3-60 ވަނަ މާއްދާގެ (ށ) ގައިބަޔާންކޮށްފައިވާ މާނައިގައެވެ.

(ށ) "ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށެވެ.

(ނ) "ކުޑަކުދިންގެ އަދުލުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށެވެ.

(ރ) "އިދާރީ ބަންދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 9 ވަނަ ބާބުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީއިންޓަގްރޭށަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، އެ ފަރާތް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޓަކައި، އެ ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް، އެ ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ ބަންދުކުރުމަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށެވެ.

(ޅ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒަށެވެ.

(ކ) "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު" ނުވަތަ "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށެވެ.

(އ) "ޓެރަރިޒަމްގެ އަމަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާމާނައިގައެވެ. 

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު