-

އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-04)

އެއްވަނަ ބާބު

ތައާރުފާއި މަގުސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6-60 ވަނަ މާއްދާގެ

(ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އަންނަ ހާލަތުގައި، އެފަދަ ފަރާތްތަކުގެ އިންޓެލިޖެންސް ޑީ-ބްރީފިންގ ހެދުމާއި ރިސްކް އެސެސްމަންޓް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދަކީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4-60 ވަނަ މާއްދާގެ (ވ) އާއި، 9-60 ވަނަ މާއްދާގެ (ރ) އާއި، 10-60 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގާނޫނުގެ 6-60 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިންޓެލިޖެންސް ޑީ-ބްރީފިންގ ހެދުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.

(ށ) ގާނޫނުގެ 6-60 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ރިސްކް އެސެސްމަންޓް ހެދުމާއި،އެ އެސެސްމަންޓް މުރާޖައާ ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.

(ނ) ގާނޫނުގެ 6-60 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އެ ފަދަ ފަރާތްތަކާމެދު އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ތަންފީޛުކުރާ ފަރާތް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް ޑީ-ބްރީފިންގ ހެދުމާ ގުޅޭ ކަންކަމާއި، ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ކަންކަން ތަންފީޛުކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

ދެ ވަނަ ބާބު

އިންޓެލިޖެންސް ޑީ -ބްރީފިންގ

 

4 ވަނަ މާއްދާ - ޑީ-ބްރީފިންގ ހެދުން

ގާނޫނުގެ 6-60 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ފަރާތެއް، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އަތުވެއްޖެނަމަ، ގާނޫނުގެ 4-60 ގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ފަރާތަކާ ގުޅޭ އިންޓެލިޖެންސް ޑީ-ބްރީފިންގއެއް ފުލުހުން ހަދަންވާނެއެވެ.

 

5 ވަނަ މާއްދާ - ޑީ-ބްރީފިންގ ހެދުމާ ގުޅޭ އުސޫލުތައް

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އިންޓެލިޖެންސް ޑީ-ބްރީފިންގ ފުލުހުން ހަދަންވާނީ، މި ގަވާއިދުގެ ދަށުން ފުލުހުން އެކުލަވައިލާ، ކަމާ ގުޅޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޑީ-ބްރީފިންގ ކުރިޔަށްގެންދާނެ އޮފިސަރުންނާ ގުޅޭ ތަފުސީލު؛
  2. ޑީ-ބްރީފިންގ ހެދޭ ފަރާތަކީ ނަފްސާނީ އެހީތެރިކަންލިބިދޭންޖެހޭ ފަރާތެއް ކަމަށް ވާނަމަ، އެ ފަދަ އެހީއާއެކު ޑީ-ބްރީފިންގ ކުރިޔަށް ގެންދެވޭނެ ގޮތްތައް؛
  3. ޑީ-ބްރީފިންގ ކުރިޔަށް ގެންދެވޭނެ ދިގުމިނާއި،ހުސްވަގުތު ދެވޭނެ ގޮތްތައް؛
  4. ޑީ-ބްރީފިންގ ކުރިޔަށް ގެންދެވޭނެ ތަނާއި މާހައުލު؛
  5. އަންހެނުންނާއި ކުޑަކުދީންގެ ޑީ-ބްރީފިންގ ކުރިޔަށްގެންދާނެ ހާއްސަ އުސޫލުތައް.

 

6 ވަނަ މާއްދާ - ޑީ-ބްރީފިންގއާ ގުޅޭ ރިޕޯޓު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ކުރިޔަށްގެންދާ ޑީ-ބްރީފިންގއަށްފަހު، ކަމާ ގުޅޭ އިވެލުއޭށަން ރިޕޯޓެއް،ފުލުހުން އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިވެލުއޭށަން ރިޕޯޓުގައި، ވަގުތުން ފިޔަވަޅު އަޅަންޖެހޭ

ކަމެއް ހިމެނޭ ކަމަށް ފާހަގަކޮށްފައިވާނަމަ، އެ ފިޔަވަޅެއް އެޅުމަށް ޓަކައި، ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދީ، އެ ފިޔަވަޅެއް އެޅުމަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިވެލުއޭށަން ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

ތިންވަނަ ބާބު

ރިސްކް އެސެސްމަންޓް

 

7 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ހެދުން

(ހ) އަންނަނިވި ހާލަ ތްތަކުގައި، އަންނަނިވި ފަރާތްތަކުގެ ރިސްކް އެސެސްމަންޓެއް، ފުލުހުން ހަދަންވާނެއެވެ.
(1) ގާނޫނުގެ 6-60 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއް، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އައުމާ ގުޅިގެން، ގާނޫނުގެ 10-60 ވަނަ މާއްދާގެ  ދަށުން ހަދާ ރިސްކް އެސެސްމަންޓް؛
(2) ހަނގުރާމަވެރި ސަރަހައްދަކުން އަންނަ ކުޑަކުއްޖަކު، ގާނޫނުގެ 9-60 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ކުއްޖެއްގެ މައިންބަފައިންނާ ވަކިކޮށް އެ ކުއްޖާގެ އާއިލާގެ އެހެން މެންބަރެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ދައުލަތުން ކަނޑައަޅާ ހާލަތުގައި، އެ މާއްދާގެ (ރ) ގެ ދަށުން ހަދާ، އެ ކުއްޖާގެ ރިސްކް އެސެސްމަންޓް؛
(3) މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަރާތްތަކުން ފުރިހަމަކުރަންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތައް ފުރިހަމަކޮށް، އެ ފަރާތްތައް މުޖުތަމައަށް އަނބުރާ ރުޖޫއަވުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ޓަކައި، ގާނޫނުގެ 12-60 ވަނަ މާއްދާގެ ދަށުން ހަދާ ރިސްކް އެސެސްމަންޓް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަރާތްތަކާ ގުޅޭގޮތުން ރިސްކް އެސެސްމަންޓް ހަދާނީ، އެ ފަރާތްތައް ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ މިންވަރު ދެނެގަނެ، އެ ފަރާތްތަކުގެ ކިބައިން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިކަން ދެނެގަތުމަށްޓަކައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރިސްކް އެސެސްމަންޓް ހެދުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުތައް، މި ގަވާއިދުގެ ދަށުން ފުލުހުން އެކުލަވައިލާ އުސޫލުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އެހެން އޮތް ނަމަވެސް، އެ ނަންބަރުގައި ބަޔާންކޮށްފައިވާ ކުއްޖަކީ އުމުރުގެ ގޮތުން ހަގު ކުއްޖެއް ކަމުގައިވާ ހާލަތުގައި، އެ ކުއްޖެއްގެ ރިސްކް އެސެސްމަންޓް ހެދުމަކާ ނުލައި، އެ ކުއްޖާ، އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރުމަ ށް ނިންމުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ރިސްކް އެސެސްމަންޓް ހެދުމަކާ ނުލައި ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރުމަށް ނިންމުމުގައި ރިއާޔަތްކުރާނެ އުމުރުފުރާތައް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި ކަނޑައަޅައިފައި އޮންނަންވާނެއެވެ.

 

8 ވަނަ މާއްދާ - އެސެސްމަންޓް ހެދުމުގެ މުއްދަތު

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ރިސްކް އެސެސްމަންޓް، ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒެއްގައި އެ ފަރާތެއް ބަންދުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުޑަކުއްޖެއްގެ ރިސްކް އެސެސްމަންޓް، އެ ކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ ކިބައިން ކުއްޖާ ވަކިކުރަންޖެހޭ ކަމަށް ނިންމާ ވަގުތުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ.

(ނ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރީހެބިލިޓޭށަން ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ރިސްކް އެސެސްމަންޓް، އެ ފަރާތްތައް އެ ޕްރޮގްރާމްތައް ފުރިހަމަކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ.

 

9 ވަނަ މާއްދާ - އެސެސްމަންޓް ހަދާ ފަރާތް

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ރިސްކް އެސެސްމަންޓް ހަދަންވާނީ، ކަމާބެހޭ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ފުލުހުން ރިސްކް އެސެސްމަންޓެއް ހެދުމުގައި ކަމާ ގުޅޭ ފަންނީ މާހިރުންގެ އެހީތެރިކަން ހޯދަންޖެހޭ ހާލަތްތަކުގައި އެފަދަ އެހީތެރިކަން ހޯދުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

10 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ރިޕޯޓް

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތެއްގެ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް އެކުލަވައިލަންވާނެއެވެ.

  1. ރިސްކް އެސެސްމަންޓް ހެދޭ ފަރާތުގެ ވަނަވަރު؛
  2. ރިސްކް އެސެސްމަންޓް ހެދޭ ފަރާތުގެ ނަފްސާނީ ހާލަތާއި ޖިސްމާނީ ހާލަތު؛
  3. ރިސްކް އެސެސްމަންޓް ހެދޭ ފަރާތުން ދޭ މައުލޫމާތާއި ،އެ ފަރާތުގެ ކިބައިން ފާހަގަވާ ކަންކަން؛
  4. ރިސްކް އެސެސްމަންޓް ހެދޭ ފަރާތާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތު؛
  5. ރިސްކް އެސެސްމަންޓުގެ ނަތީޖާ (ރިސްކް އެސެސްމަންޓް ހެދޭ ފަރާތާ ގުޅޭގޮތުން ކަނޑައެޅޭ ކަނޑައެޅުން)؛
  6. ރިސްކް އެސެސްމަންޓް ނިސްބަތްވާ ފަރާތާމެދު އަޅަންޖެހޭކަމަށް ފެންނަ ފިޔަވަޅުތަކާއި، އެސެސްމަންޓާ ގުޅިގެން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް ވެސް ހިމެނޭގޮތުން، އެސެސްމަންޓުގެ ހުށަހެޅުންތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ރިސްކް އެސެސްމަންޓް ރިޕޯޓު އެކުލަވައިލައި ނިންމައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - އެސެސްމަންޓު ގެ ނަތީޖާ

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަކުރެވޭ ކަންކަމަށް ބިނާކޮށް، އެ އެސެސްމަންޓް ނިސްބަތްވާ ފަރާތާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.

  1. އެ ފަރާތަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއް ކޮށްފައިވާ ފަރާތެއް ކަމުގެ ތުހުމަތުކުރެވޭ ފަރާތެއްކަން؛ އަދި/ނުވަތަ 
  2. އެ ފަރާތަކީ، ޓެރަރިޒަމްގެ އަމަލުތަކަށް ނުވަތަ ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ ފަރާތެއްކަން؛ ނުވަތަ 
  3. އެ ފަރާތަކީ ކުށުގެ ށިކާރައަކަށް ވެފައިވާ ފަރާތެއްކަން.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުޑަކުއްޖެއްގެ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަކުރެވޭ ކަންކަމަށް ބިނާކޮށް، އެ އެސެސްމަންޓް ނިސްބަތްވާ ކުއްޖާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.

  1. އެ ކުއްޖަކީ ޓެރަރިޒަމްގެ އަމަލުތަކަށް ނުވަތަ ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ ކުއްޖެއްކަމަށް ބެލެވޭނަމަ، އެ ކުއްޖާއަކީ ގާތުން މޮނިޓަރ ކުރަންޖެހޭ ކުއްޖެއް ކަމުގައި ކަނޑައެޅުން؛ ނުވަތަ
  2. އެ ކުއްޖާއަކީ، ޓެރަރިޒަމްގެ އަމަލުތަކަށް ނުވަތަ ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ ކުއްޖެއްކަމަށް ނުބެލެވޭނަމަ، އެ ކުއްޖާއަކީ، އެ ކުއްޖާގެ އާއިލާގެ މެންބަރެއްގެ ބެލުމުގެ ދަށަށް ބަދަލުކުރެވިދާނެ ކުއްޖެއް ކަމުގައި ކަނޑައެޅުން.

(ނ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަކުރެވޭ ކަންކަމަށް ބިނާކޮށް، އެ އެސެސްމަންޓް ނިސްބަތްވާ ފަރާތާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.

  1. އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ނޫން ކަމަށް ފެނިއްޖެނަމަ، އެ ފަރާތަކީ މުޖުތަމައަށް ދޫކުރެވޭނެ ފަރާތެއް ނޫން ކަމުގައި ކަނޑައެޅުން؛ ނުވަތަ
  2. އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ކަމަށް ފެނިއްޖެނަމަ، އެ ފަރާތަކީ މުޖުތަމައަށް ދޫކުރެވިދާނެ ފަރާތެއް ކަމުގައި ކަނޑައެޅުން.

(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގެ ދަށުން ވަކި ފަރާތަކީ ޓެރަރިޒަމްގެ އަމަލުތަކަށް ނުވަތަ ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ ފަރާތެއް ކަމުގައި ކަނޑައަޅާނަމަ، އެފަދަ އަމަލުތަކަށް ނުވަތަ ފިކުރަކަށް އޭނާ ހުށަހެޅިފައިވާ ކަމަށް ބެލެވޭ މިންވަރު، ރިސްކް އެސެސްމަންޓުގައި ކަނޑައަޅައިފައި އޮންނަންވާނެއެވެ.

 

12 ވަނަ މާއްދާ - ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމުގައި ކަނޑައެޅުން

މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހު، އެ ފަރާތަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމުގައި އެ އެސެސްމަންޓުގެ ނަތީޖާއިން ކަނޑައަޅައިފިނަމަ، އެ ފަރާތަކީ، ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމުގައި ކަނޑައަޅައި، އެ ފަރާތާމެދު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރަންވާނެއެވެ.

(ހ) ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އެ ފަރާތެއް ހައްޔަރުކުރުމާއެކު، ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އެ ފަރާތެއް ބަންދުކުރުން.

(ށ) ގާނޫނުގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެ ފަރާތެއްގެ މައްޗަށް ހިންގުން.

 

13 ވަނަ މާއްދާ - ގާތުން މޮނިޓަރ ކުރަންޖެހޭ ކުއްޖެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުޑަކުއްޖަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ކުއްޖަކަށް ވުމުގެ ސަބަބުން، ގާތުން މޮނިޓަރކުރަންޖެހޭ ކުއްޖެއް ކަމުގައި، އެ ކުއްޖާގެ ރިސްކް އެސެސްމަންޓުން ކަނޑައަޅައިފިނަމަ، އެ ކުއްޖާއާ މެދު ،އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރަންވާނެއެވެ.

  1. އެ ކުއްޖާ، އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރުމުގެ ބަދަލުގައި، ގާނޫނުގެ 7-60 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުކަޒެއްގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުން؛
  2. އެ ކުއްޖާ، އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރުމާއެކު، އެ ކުއްޖާ އުޅޭނޫޅޭ ގޮތް ގާތުން މޮނިޓަރކުރުން.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުޑަކުއްޖަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ކުއްޖެއް ނޫން ކަމުގައި، އެ ކުއްޖާގެ ރިސްކް އެސެސްމަންޓުން ކަނޑައަޅައިފިނަމަ، އެ ކުއްޖާ މޮނިޓަރކުރެވޭނެ ގޮތަކަށް އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ނޫން ކަމުގައި، އެ ފަރާތުގެ ރިސްކް އެސެސްމަންޓުން ކަނޑައަޅައިފިނަމަ، އެ ފަރާތުން އަލުން ރީހެބިލިޓޭށަން ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމްތަކެއް ފުރިހަމަކުރުމަށް، ނުވަތަ ކުރިން ފުރިހަމަކޮށްފައިވާރީހެބިލިޓޭށަން ޕްރޮގްރާމެއް ތަކުރާރުކުރުމަށް ލާޒިމުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ކަމުގައި، އެ ފަރާތުގެ ރިސްކް އެސެސްމަންޓުން ކަނޑައަޅައިފިނަމަ، އެ ފަރާތެއް މޮނިޓަރކުރެވޭނެ ގޮތަކަށް ، އެ ފަރާތް މުޖުތަމައަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

15 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް މުރާޖައާކުރުން

(ހ) މި ބާބުގެ ދަށުން ހަދާ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހުގައި އެކުލަވައިލާ ރިޕޯޓަށްފަހު، އެ އެސެސްމަންޓް ނިސްބަތްވާ ފަރާތާ ގުޅޭގޮތުން ލިބޭ އިތުރު މައުލޫމާތަށް ބިނާކޮށް ، އެ އެސެސްމަންޓް ފުލުހުން މުރާޖައާ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިސްކް އެސެސްމަންޓެއް މުރާޖައާކުރާ ހާލަތުގައި، އެ މުރާޖައާއަށްފަހު، ކަމާ ގުޅޭ ރިޕޯޓެއް އެކުލަވައިލަންވާނެއެވެ.

 

ހަތަރު ވަނަ ބާބު

އެހެނިހެން

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާދުވަހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހައި ހިނދަކު ،އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ. 

(ހ) "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު" ނުވަތަ "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށެވެ.

(ށ) "ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 3-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނައިގައެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒަށެވެ.

(ރ) "ޓެރަރިޒަމްގެ އަމަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނައިގައެވ.

(ބ) "ފުލުހުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު