-

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-31) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-28)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2022-31 (ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފެށޭ އިބާރާތާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންޓަވިއު ޕެނަލް އެކުލެވިގެންވާގޮތް 4.

މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރ ހޮވުމަށް ބާއްވާ އިންޓަވިއު ޕެނަލް އެކުލެވިގެންވަނީ އަންނަނިވި 4 (ހަތަރެއް) މެންބަރުންގެ މައްޗަށެވެ.

(ހ) ކައުންސިލުން ކަނޑައަޅާ 2 (ދޭއް) މެންބަރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މަސްލަހަތު ފުށުއެރުން 1-5.

ތިމާ ނުވަތަ ތިމާގެ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ނުވަތަ ތިމާގެ ދަރިއަކީ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކަމެއްގައި ސީދާގޮތުން ށާމިލުވާ ފަރާތެއް ކަމުގައި ވާނަމަ، ކައުންސިލުގެ ރަޖިސްޓްރާރގެ މަގާމަށް އެ ފަދަ ފަރާތެއް އައްޔަނެއް ނުކުރެވޭނެއެވެ.

(ހ) މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ އިހްތިސާސް ހިނގާ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާއަކަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތްކުރާ، ނަރސިންގގެ ހިދުމަތް ދޭ ތަނެއްގެ ނުވަތަ މިޑްވައިފަރީގެ ހިދުމަތް ދޭ ތަނެއްގެ ހިއްސާ އޮތުން، ނުވަތަ މި ފަދަ ތަނެއްގެ ބޯޑު މެންބަރެއް ނުވަތަ ކަންކަން ނިންމުމުގެ ބާރު ލިބޭފަދަ މަގާމެއްގައި ހުރި މީހެއް ކަމުގައި ވުން.

(ށ) މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ ފަރާތްތައް ރެކްރޫޓުކުރާ މީހެއްކަމުގައި ވުން، ނުވަތަ އެފަދަ ރެކްރޫޓިންގ އެޖެންސީއެއްގެ ހިއްސާ އޮތް މީހެއް ކަމުގައި ވުން، ނުވަތަ އެފަދަ ތަނެއްގައި، ކަންކަން ނިންމުމުގެ ބާރު ލިބޭ ފަދަ މަގާމެއްގައި ހުރި މީހެއްކަމުގައި ވުން.

(ނ) މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ނަރސިންގ ނުވަތަ މިޑްވައިފަރީ ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ ތަމްރީނު ދޭ މަރުކަޒެއްގެ ބޯޑު މެންބަރެއް ކަމުގައި ވުން، ނުވަތަ ކަންކަން ނިންމުމުގެ ބާރު ލިބޭ ފަދަ މަގާމެއްގައި ހުރި މީހެއްކަމުގައި ވުން، ނުވަތަ އެފަދަ ތަމްރީނުދޭ މަރުކަޒެއްގެ ހިއްސާ އޮތް މީހެއް ކަމުގައި ވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަގާމުގެ ށަރުތު 6.

ކައުންސިލުގެ ރަޖިސްޓްރާރގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ ސިފަތައް ފުރިހަމަވުން.

(ށ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް، ސިއްހީ ހިދުމަތުގެ ފަންނަކުން ނުވަތަ ސިއްހީ ނިޒާމު ހިންގުމުގެ ރޮނގަކުން ހާސިލުކޮށްފައިވުން.

(ނ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް، އެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.

16. (ރ) "ސިއްހީ ހިދުމަތުގެ ފަންނީ ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ނަރސިންގ އެންޑް މިޑްވައިފަރީ ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކަށެވެ.

(ބ) "ރެކްރޫޓުކުރާ މީހެއް ނުވަތަ ރެކްރޫޓިންގ އެޖެންސީއެއް" ކަމަށް ބުނެފައި އެވަނީ ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާ ދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަ ޒީފާގައި އުޅޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރި އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-31)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-31)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު