-

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-135)

ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) އުނިކުރުން.

3 (ރ) (އުނިކޮށްފައި).

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އުނިކުރުން.

އުޖޫރައިގެ މާނައިގައި ނުހިމެނޭ އިނާޔަތާއި މަންފާ 13. (އުނިކޮށްފައި).

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިނާޔަތާއި މަންފާ 14.

ޓެކްސް ނެގުމުން އިސްތިސްނާވާނެ ކަމަށް ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދާނީއަކަށް ނުވާ، އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް، ފައިސާއިން ނުވަތަ ފައިސާއިން ނޫން ގޮތަކަށް ވިޔަސް ދޭ ކޮންމެ އިނާޔަތަކާއި މަންފާއަކީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާއެކެވެ. އަދި މި ބާބުގައި ބަޔާންކޮށްފައިވާ އިނާޔަތާއި މަންފާތަކަކީ އުޖޫރައިގެ މާނައިގައި ހިމެނޭ ހުރިހާ އިނާޔަތަކާއި މަންފާތަކެއް ނޫނެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވިތުހޯލްޑިންގ ޓެކްސް 33.

މި ބާބުގައި "ވިތުހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހަށާއި، ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަށާއި، ގާނޫނުގެ 1-50 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރަންޖެހޭ ޓެކުހަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް 1-35

(ހ) ގާނޫނުގެ 1-50 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރަންޖެހޭ ޓެކުހަށް މި ގަވާއިދުގައި ހަވާލާދޭނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް" މިފަދައިންނެވެ.

(ށ) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް އުނި ނުކޮށް ފައިސާ ލިބޭ ފަރާތަށް ވިތުހޯލްޑިންގ އޭޖެންޓް ފައިސާ ދައްކައިފިނަމަ، ވިތުހޯލްޑިންގ އޭޖެންޓް މީރާއަށް ދައްކަންޖެހޭ ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކުހުގެ އަދަދު ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ. 

 

𝐴 x 0.1
𝐴 = ފައިސާ ލިބޭ ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

40. (ހ) ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޖޫރަ ދެނީ، ނުވަތަ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ ނުވަތަ ގާނޫނުގެ 1-50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ދައްކަނީ ރުފިޔާއިން ކަމުގައި ނުވާނަމަ، މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި އެ ފަރާތަކުން އެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ އެ ފައިސާ އުނިކުރަންޖެހުނު ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ށާއިއުކޮށްފައިވާ އެކްސްޗޭންޖް ރޭޓުގެ %2± (ޕްލަސް އޯރ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ. އަދި އެކްސްޗޭންޖް ރޭޓް ބެލުމުގައި ރިއާޔަތް ކުރަންވާނީ އެއް މަސްދަރަކަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) އުނިކުރުން.
41.

(ށ) (އުނިކޮށްފައި).

(ނ) (އުނިކޮށްފައި).

(ރ) (އުނިކޮށްފައި).

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

41. (ބ) އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އުޖޫރަ ލިބޭ މީހެއްނަމަ، އެ މީހާގެ ޓެކްސް-ފްރީ ތްރެށޯލްޑް ބޭނުންކުރާނެ އުޖޫރަ ދޭ 1 (އެކެއް) ފަރާތް އިހްތިޔާރު ކުރަންވާނެއެވެ. މި ގޮތަށް އިހްތިޔާރު ކުރުމަށް، އުޖޫރަ ދޭ ފަރާތްތަކަށް ހުށަހަޅާނީ "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (916 MIRA) ފޯމެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

41. (1-ބ) މި މާއްދާގެ (ބ) ރައްދުވާ މީހަކު، އެ މީހާގެ ޓެކްސް-ފްރީ ތްރެށޯލްޑް ބޭނުންކުރާނެ ފަރާތެއް އިހްތިޔާރުކޮށްފައި ނުވާނަމަ، އެ މީހާގެ ޓެކްސް-ފްރީ ތްރެށޯލްޑް ބޭނުންކުރާނެ އުޖޫރަ ދޭ ފަރާތް ކަނޑައަޅާނީ މީރާއިންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ޅ) އާއި (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

41. (ޅ) މި މާއްދާގެ (ބ) ގެ ދަށުން އިހްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތުން ނުވަތަ މި މާއްދާގެ (1-ބ) ގެ ދަށުން މީރާއިން ކަނޑައަޅާ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ ޓެކްސް-ފްރީ ތްރެށޯލްޑް ބްރެކެޓް ވެސް ހިމެނޭގޮތުން ކޮންމެ ބްރެކެޓަކަށް ވަކިން ހިސާބުކުރުމަށް ފަހުގައެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން އިހްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތް ފިޔަވައި އަދި މި މާއްދާގެ (1-ބ) ގެ ދަށުން މީރާއިން ކަނޑައަޅާ ފަރާތް ފިޔަވައި، އެހެން ފަރާތްތަކުން، އެ މީހަކަށް އެ މަހަކަށް ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލައިން،%8 (އަށެއް އިންސައްތަ) ގެ ރޭޓުގައި، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

41. (ތ) ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ލާޒިމުނުވާ އުޖޫރަ ދޭ ފަރާތްތަކަށް، މި މާއްދާގެ (ބ) އިން ފެށިގެން (ދ) ގެ ނިޔަލަށްހުރި އަކުރުތައް ރައްދެއް ނުވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

42. (ށ) އެއްވެސް މީހަކަށް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދަކީ، 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުނޫން އަދަދެއް ނަމަ، އަދި އެ ޓެކްސް އަހަރުގައި އެ މީހާއަށް ދޭ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ 720،000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރުނުވާނެކަމަށް އަންދާޒާކުރެވޭނަމަ، އެ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ  60،000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވިޔަސް، އެ މަހަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ލާޒިމެއްނޫނެވެ.

 

13 ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (1-ށ) ގެ މައިގަނޑު އަންނަނިވި ގޮތަށް އިސްލާހުކުރުން.

42. (1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދަކީ 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުނޫން އަދަދެއް ކަމުގައި ވިޔަސް، އެއްވެސް މަހެއްގެ އުޖޫރައިގެ އަދަދު ހިމެނުމުން އެ މަހުގެ ނިޔަލަށް އެއްވެސް މީހަކަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދު 720،000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އަންނަނިވި ގޮތަށް ހިސާބުކުރުމަށްފަހު، އެ އަހަރު ނިމެންދެން ކޮންމެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ. މި ގޮތަށް ހިސާބުކުރާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދުގައި، އެ އަހަރުގައި ކުރިން ފާއިތުވެފައިވާ މަސްތަކުގައި އުނިކުރަންޖެހުނު މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދެއް ނުހިމެނޭނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މީރާއިން ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތައް

52-1. ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، މީރާއިން ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކަކީ، މި ގަވާއިދުގެ 52 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 58 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

58. (ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ އަދި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތެއް ނަމަ، އެ ފަރާތުގެ ހިސާބުކުރާ މުއްދަތަކީ އެ ފަރާތަށް ދިވެހިރާއްޖެއިން އާމްދަނީ ލިބެން ފެށި ތާރީހުން ފެށިގެން އަންނަނިވި ތާރީހުތަކުގެ ތެރެއިން ކުރިން އަންނަ ތާރީހެއްގެ ނިޔަލަށެވެ.

  1. އެ ފަރާތަށް ދިވެހިރާއްޖެއިން އާމްދަނީ ލިބުންނިމުމަކަށް އައި ތާރީހު؛
  2. އެ ޓެކްސް އަހަރުގެ 31 ޑިސެންބަރު.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 64 ވަނަ މާއްދާ އުނިކުރުން.

ނުއުފުލޭ މުދަލުން ލިބޭ އާމްދަނީ 64. (އުނިކޮށްފައި).

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 95 ވަނަ މާއްދާގެ (ށ) އާއި (ނ) އުނިކުރުން.

95.

(ށ) (އުނިކޮށްފައި).

(ނ) (އުނިކޮށްފައި).

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 96 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

96. (1-ނ) އެއްވެސް މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމުގެ ކުރިން، އެ މަހުގެ ކުރިން ނިމިފައިވާ މަސްތަކަށް ހުށަހަޅަން ލާޒިމުވެފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅާންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން 1-99

(ހ) ގާނޫނުގެ 1-50 ވަނަ މާއްދާގެ (ނ) ގެ ދަށުން، މީރާއިން ކަނޑައަޅާ ފޯމަށް، މި ގަވާއިދުގައި ހަވާލާދޭނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން" މިފަދައިންނެވެ.

(ށ) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން (608 MIRA) ފޯމެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-100 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

100-1.

(ށ) ގާނޫނުގެ 43 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ އަދަދު، އެ ފަރާތުން އެ މުއްދަތަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓުގެ އަދަދުން ޓެކްސް ކްރެޑިޓެއްގެ ގޮތުގައި އުނިކުރެވިދާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

101. (އ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ އޮފީހަކުން އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. މި މާއްދާގެ (ޅ) އަށް އަމަލުކުރާނީ މި އަކުރާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

 

22 .ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

102.

(ބ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައިނަލްއަގްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް، ގާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީޓެކްސް އަހަރުގައި ލިބިފައިވާނަމަ، އެ އާމްދަނީގެ ގޮތުގައި އިންކަމް ޓެކްސް ބަޔާނުގައި ހިމަނާ އަދަދުގެ ސައްހަކަން ޔަގީންކޮށްދޭ، އޮޑިޓަރުގެ ރިޕޯޓެއް އެ ބަޔާނާއެކު ހުށަހަޅާންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބައިނަލްއަގްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ،ޓެކްސް އަހަރުގައި ލިބިފައިވާ ހަމައެކަނި އާމްދަނީއަކީ ގާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީކަމުގައިވާނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓު ފިޔަވައި އިތުރު މާލީ ހިސާބެއް އެ ޓެކްސް އަހަރަށް ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއެކު ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ކ) ބައިނަލްއަގްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ޓެކްސް އަހަރުގައި، ގާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް އެހެން އާމްދަނީއެއް ލިބިފައިވާނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓުގެ އިތުރުން، އެ ދާއިމީ މަރުކަޒަށް ނިސްބަތްވާ މާލީ ހިސާބުތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުށަހަޅާންވާނެއެވެ. މި އަކުރަށް އަމަލުކުރާނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ އޮޑިޓަރަކީ، ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމަށް ކަމާބެހޭ އިދާރާއިން ހުއްދަ ދީފައިވާ މުސްތަގިއްލު އޮޑިޓަރެއް ކަމުގައި ވާންވާނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-102 ވަނަ މާއްދާގެ (ނ) އުނިކުރުން.

102-1. (ނ) (އުނިކޮށްފައި).

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2-102 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

102-2. (ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަމެއް ހިނގުމުގެ 15 (ފަނަރަ) ދުވަސް ކުރިން، އެ ކަމެއް ހިނގާނެކަމަށް ލަފާކުރެވޭ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާންވާނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2-102 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

102-2. (ވ) މި މާއްދާގެ (ޅ) ނުވަތަ (އ) ގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަނާޅައިފިނަމަ، ގާނޫނު ނަންބަރު 3/2020 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަޔާން ތައްޔާރުކުރަންޖެހޭ ކަރަންސީ 107.

(ހ) އިންޓެރިމް ބަޔާނާއި އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރަންވާނީ އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީންނެވެ.

(ށ) އަންނަނިވި ބަޔާންތައް ތައްޔާރުކުރަންވާނީ ދިވެހި ރުފިޔާއިންނެވެ.

  1. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
  2. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
  3. ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން؛
  4. ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 108 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

108. (ރ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 109 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

109. (ށ) ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށް ޓަކައި، އެ މީހާ މަރުވި ދުވަހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ށަރުއީ ކޯޓަށް ހުށަހެޅުމަކީ އޭނާގެ ވާރިސުންގެ ޒިންމާއެކެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 119 ވަނަ މާއްދާއާއި 120 ވަނަ މާއްދާ އުނިކުރުން.

ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ 119. (އުނިކޮށްފައި).

 

ދިރިއުޅޭ ތަން ނުވަތަ ދިރިއުޅުން މައިގަނޑު ގޮތެއްގައި ގާއިމުވެފައިވާ ތަން 120. (އުނިކޮށްފައި).

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

123. (ހ) ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނުވަތަ އިސްލާހުކުރުމުގެނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ދައްކައިފައި ވުން ކަމަށް ވާނަމަ، އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ރީފަންޑް ކުރުމުގައި އަމަލުކުރާނީ، މި މާއްދާގެ (ނ) އާއި (ރ) އާ ހިލާފުނުވާ ގޮތުގެ މަތީން، ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ  އިދާރީ ގަވާއިދު) ގައިވާ ގޮތަށެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ށ) އުނިކުރުން.

123. (ށ) (އުނިކޮށްފައި).

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 127 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނުއުފުލޭ މުދާ 127.

ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، "ނުއުފުލޭ މުދާ" ކަމަށްބުނެފައި އެވަނީ، އަންނަނިވި މުދަލަށެވެ.

(ހ) އިމާރާތްތަކާއި، ގުދަންތަކާއި، ޕްލާންޓްތަކާއި، ކާރުހާނާތަކާއި، ބިންތަކާއި، ފަޅުރަށްރަށާއި، ފަޅުތަކާއި، ފަރުތަކާއި، ގިރި ފަދަ ތަންތަނާއި ބިނާތަކާއި އަދި އެނޫންވެސް އެފަދަ މުދާ؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލަކަށް ގެނެވޭ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓް ނުވަތަ އެއިން މުދަލެއްގައި ނުވަތަ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓެއްގައި ހިމެނޭ މަސްލަހަތު؛

(ނ) ސަބްލީސް ވެސް ހިމެނޭ ގޮތުން، މި މާއްދާގެ (ހ) ގައިބަޔާންކޮށްފައިވާ މުދަލެއްގެ ލީސް ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓެއްގެ ލީސް؛

(ރ) ލައިވްސްޓޮކާއި، ދަނޑުވެރިކަމަށް ނުވަތަ ފޮރެސްޓްރީއަށް ބޭނުންކުރާ އިކުއިޕްމަންޓާއި ލޭންޑެޑް ޕްރޮޕަޓީއަކާ ގުޅިގެން ގާނޫނެއްގެ ދަށުން ލިބޭ ހައްގުތަކާއި، ވަގުތީގޮތުން ދެވަނަ ފަރާތެއްގެ ނުއުފުލޭ މުދަލަކުން ފައިދާއެއް ލިބިގަތުމުގެ ހައްގާއި، މައުދަން ނުވަތަ އެހެން ނެޗުރަލް ރިސޯސްއެއް ނެގުމުގެ މަސައްކަތާ ގުޅިގެން މުގާބިލެއް ލިބުމުގެ ހައްގާއި، އެފަދަ މަސައްކަތެއް ކުރުމުގެ ހައްގާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހިރާއްޖޭގެ ބަޔަކަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ލައިސަންސް ނުވަތަ ހުއްދަ؛

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މުދަލަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ބޭނުންކުރާ މުދާ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-128 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ވަކި ހިދުމަތަކަށް ނުވަތަ ހިންގުމާ ގުޅިގެން ދައްކާ ކަމިށަން 2-128.

ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، ދާއިމީ މަރުކަޒަށް ފޯރުވައިދީފައިވާ ވަކި ހިދުމަތަކަށް ނުވަތަ ހިންގުމާ ގުޅިގެން ދައްކާ ކަމިށަނުގެ މާނައިގެ ތެރޭގައި ފައިދާގެ މިންވަރަށް ނުވަތަ އާމްދަނީގެ މިންވަރަށް ބިނާކޮށް ވަކި ހިދުމަތަކަށް ދައްކާ އެންމެހައި ފައިސާއާއި، ފައިދާގެ މިންވަރަށް ނުވަތަ އާމްދަނީގެ މިންވަރަށް ބިނާކޮށް ހިންގުމާ ގުޅިގެން ދައްކާ އެންމެހައި ފައިސާ ހިމެނެއެވެ.

 

34 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު