-

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދީންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-66)

 

ފުރަތަމަ ބައި: ތައާރުފާއި އާންމު މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 104 ވަނަ މާއްދާގެ (ޅ) އާއި، އެ ގާނޫނުގެ 114 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ބާރު ލިބިގެން، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކުޑަކުދީންގެ މައްސަލަތަކުގައި ދައުވާކުރުމުގެ މަރުހަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދީންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ފިޔަވަޅު އަޅާ ހާއްސަ ޔުނިޓް

(ހ) ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ގާއިމުކޮށްފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފެމިލީ އެންޑް ޗައިލްޑް ޔުނިޓަކީ، ކުޑަކުދީންގެ އަދުލުގެ ނިޒާމުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއާ ގުޅޭ މަސައްކަތްތައް ކުރުމުގެ ޒިންމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަތިކުރެވިފައިވާ ޔުނިޓެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ކުޑަކުއްޖަކަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ގޮތެއް ނިންމުމުގެ މަރުހަލާގައި، ކުޑަކުދީންގެ މައްސަލަތަކަށް ހާއްސަކޮށްފައިވާ، އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ޕްރޮސިކިއުޓަރުންގެ ތެރެއިން މަދުވެގެން އެކަކު ބައިވެރިވެފައިވާކަން، ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރު ކުރާންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން، ފެމިލީ އެންޑް ޗައިލްޑް ޔުނިޓުން އެކަމަކާ ގުޅޭގޮތުން ދެކޭ ގޮތެއްގެ ލަފައެއް، އެ ފިޔަވަޅެއް އަޅާ ޕްރޮސިކިއުޓަރަކު ހޯދައި، އެ ލަފާ، ލިޔެކިޔުމުން ރެކޯޑު ކޮށްފައި އޮންނާންވާނެއެވެ.

(ނ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ހުރި ކުއްޖާއާބެހޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ކޮންމެ ނިންމުމެއް، އެ ނިންމުން ބިނާކުރި ސަބަބާއެކު، އެ ނިންމުން ނިންމި މީހަކު އެނގޭނޭހެން، ލިޔެ ބަލަހައްޓަންވާނެއެވެ.

 

3 ވަނަ މާއްދާ - ކުއްޖާގެ މައުލޫމާތު ހާމަނުކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާ ގުޅިގެން އެއްވެސް ދާއިރާއެއްގައި، އެއްވެސް މަރުހަލާއެއްގައި، ތުހުމަތުގައި ހުންނަ ކުއްޖާއަކީ ކާކުކަން ހާމަވެދާނެ ޒާތީ މައުލޫމާތު މީޑީއާ މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކުން، އެފަދަ މައުލޫމާތެއް ފޯރުކޮށްދޭން ނުޖެހޭ މީހަކަށް ނުވަތަ އިދާރާއަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ކުޑަކުދީންނާ މުއާމަލާތު ކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ތުހުމަތުގައި ތިބޭ ކުޑަކުދީންނާ މުއާމަލާތު ކުރާންވާނީ އިހްތިރާމާއެކު، އެ ކުދީންނަށް ދޭހަވާނޭ ގޮތަކަށް ނުވަތަ ބަހުރުވައަކުންނެވެ.

 

5 ވަނަ މާއްދާ -ހާއްސަ އެހީއަށް ބޭނުންވާ ކުދީންނާ މުއާމަލާތު ކުރުން

ތުހުމަތުގައި ހުރި ކުއްޖާއަކީ، ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުއްޖަކު ނަމަ، އެ ކުއްޖަކާ މުއާމަލާތު ކުރަންޖެހޭ ހާލަތެއްގައި އެކަން ކުރާންވާނީ އެ ކުއްޖަކާ އެކަށީގެންވާ ގޮތުގައި މުއާމަލާތު ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދައިގެން، އެ ކުއްޖާގެ އެއްވެސް ހައްގަކަށް އުނިކަމެއް ނުލިބޭނޭ ގޮތަށް ވިސްނައިގެންނެވެ.

 

6 ވަނަ މާއްދާ - އަވަހަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން

ތުހުމަތުގައި ހުންނަ ކުއްޖާއާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ނިންމުންތައް ލަސްކުރުމަކާ ނުލައި ފިޔަވަޅު އެޅުމަށާއި، ލަސްވުމަށް ހުރި ފުރުސަތުތައް ނައްތައިލައި، ފިޔަވަޅު އެޅެނީ ވީ އެންމެ އަވަސް މިނެއްގައިކަން ކަށަވަރު ކުރުމަށް ޓަކައި، އެއްވެސް މައްސަލައެއްގައި، އެއްވެސް ފިޔަވަޅެއް ނޭޅި، މަސައްކަތު 5 (ފަހެއް) ދުވަހަށްވުރެ ގިނަ ނުވާނޭ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތް ބައްޓަން ކުރާންވާނެއެވެ. އަދި މިކަމާބެހޭ ތަފާސްހިސާބުތައް، ގަވާއިދުން ށާއިއު ކުރާންވާނެއެވެ.

 

7 ވަނަ މާއްދާ - ހައްޔަރު ކުރުމާއި ބަންދުކުރުން

(ހ) ތުހުމަތުގައިވާ ކުއްޖަކު، ޖިނާއީ އަދުލުގެ ނިޒާމުގައި އެ ކުއްޖާއާމެދު އެޅޭ ފިޔަވަޅެއްގެ ގޮތުން ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ހާލަތެއްގައި، ތުހުމަތުގައިވާ ކުއްޖާގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކޮށްފި ނަމަ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތު ކުރުމުގެ ކުރިން، އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ނުވަތަ ބަންދުކޮށްފައިވަނީ ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ނުވަތަ ނޫންކަން ބަލައި ދިރާސާ ކުރާންވާނެއެވެ. އެ މައްސަލައެއްގައި ހައިކޯޓުގެ މަރުހަލާގައި ވަކާލާތު ކުރާނެ ގޮތަކާމެދު ގޮތެއް ނިންމުމުގައި، އެ މައްސަލައިގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެހައިތަނަށް އަމަލުކޮށްފައިވާ ގޮތަށް، ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތް ކުރާންވާނެއެވެ.

(ށ) ކުށެއްގެ ތުހުމަތުގައި ށަރީއަތުގެ ކުރިން، ނުވަތަ ށަރީއަތް ފެށުމަށްފަހު، ކުއްޖަކު ބަންދުގައި ބެހެއްޓުމާ ގުޅޭގޮތުން ޖުވެނައިލް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ރައުޔު ހާމަކުރަން ޖެހިއްޖެ ހިނދެއްގައި، އެ ކުއްޖާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގެ އިތުރުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ޕްރޮސިކިއުޓަރު ވަޒަންކުރާންވާނެއެވެ.

 

ދެވަނަ ބައި: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ބަލައިގަތުން

8 ވަނަ މާއްދާ - މައްސަލަ ބަލައިގަތުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިގެން، އެ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި، ނުވަތަ އެހެންވެސް ގާނޫނަކުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކުން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ތަހުގީގު ކުރުމަށްފަހު، ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާއިރު، އަންނަނިވި ކަންކަން ފުރިހަމަކޮށްފައި ހުންނާންވާނެއެވެ.

  1. ތުހުމަތުގައި ހުރި ކުއްޖާގެ ރިސްކް އެސެސްމަންޓް ރިޕޯޓު؛
  2. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ނަސޭހަތް ދިނުމާބެހޭގޮތުން ނުވަތަ އިންޒާރު ދިނުމާބެހޭ ގޮތުން ގޮތެއް ނިންމައިފައިވާނަމަ، އެކަން ހިނގައިދިޔަ ގޮތާބެހޭ ލިޔުންތައް؛
  3. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިވަރށަންގެ ޕްރޮގްރާމަކަށް ފޮނުވުމާމެދު ގާނޫނު ތަންފީޒުކުރާ އިދާރާއިން ނިންމައިފައިވާ ނިންމުމާއި، އެ ނިންމުން ބިނާކުރި ސަބަބުތައް އެނގޭނޭ ލިޔުންތައް؛
  4. މި އަކުރުގެ (3) ވަނަ ނަންބަރުގެ ދަށުން، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން، ތުހުމަތުގައިވާ ކުއްޖާ ޑައިވަރށަން ޕްރޮގްރާމަކަށް ފޮނުވައިފައިވާނަމަ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 39 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފިޔަވަޅު ނިމުމަކަށް ގެނެސްފައިވާނަމަ، އެކަމާބެހޭ ލިޔުންތައް؛
  5. މި އަކުރުގެ (3) ވަނަ ނަންބަރުގެ ދަށުން، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން، ތުހުމަތުގައިވާ ކުއްޖާ ޑައިވަރށަން ޕްރޮގްރާމަކަށް ފޮނުވައިފައިވާނަމަ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ނ) ގެ ދަށުން، ފިޔަވަޅަށް ބަދަލެއް ގެނެސްފައިވާނަމަ، އެކަން ބިނާކުރި ސަބަބާއި، އެކަން އެނގޭނެ ލިޔުންތައް؛
  6. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ތުހުމަތުގައިވާ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، ތަހުގީގު މަރުހަލާގައި ކުއްޖާއަށް ދީފައިވާ ފުރުސަތުތަކާއި އަޅައިފައިވާ ފިޔަވަޅުތައް އެނގޭނޭ ލިޔުންތައް؛
  7. ތަހުގީގު މަރުހަލާގައި ނަގައިފައިވާ ބަޔާންތަކާއި، އެނޫންވެސް ތަހުގީގީ ލިޔުންތައް؛
  8. ތަހުގީގު ކުރަމުންދާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ކުއްޖާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ އެއްވެސް އިދާރާއަކަށް ހުށަހެޅިފައިވާކަން ނުވަތަ ނޫންކަން؛
  9. ތަހުގީގު ކުރަމުންދާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ކުއްޖާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ އެއްވެސް އިދާރާއަކަށް ހުށަހެޅިފައިވާނަމަ، އެ މައްސަލަތަކާއި، އެ މައްސަލަތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތަފުސީލުތައް.

 

9 ވަނަ މާއްދާ - މައްސަލަ ބަލައިގަތުމަށްފަހު އަމަލުކުރާނެ ގޮތް

މި ގަވާއިދުގައިވާ ގޮތުގެ މަތީން، ތުހުމަތުގައިވާ ކުއްޖެއްގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިއްޖެނަމަ، އެ މައްސަލަ ދިރާސާ ކުރުމަށްފަހު، ތިރީގައިވާ ދެ ގޮތުން ކުރެ ގޮތަކަށް ނިންމަންވާނެއެވެ.

(ހ) ޑައިވަރށަން ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކުރުން؛ އަދި / ނުވަތަ؛ ދައުވާއެއް ކުރުމަށް ޓަކައި ޖުވެނައިލް ކޯޓަށް މައްސަލަ ހުށަހެޅުން؛

(ށ) ކުއްޖާގެ މައްޗަށް އިތުރު ފިޔަވަޅެއް އެޅުމަކާ ނުލައި، ދައުވާ ނުކުރުމަށް ނިންމުން.

 

10 ވަނަ މާއްދާ - ޑައިވަރށަން ނުވަތަ ދައުވާ ކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން

ކުއްޖާ ޑައިވަރށަންއަށް ފޮނުވުމާ ނުވަތަ ދައުވާ އުފުލުމާ، މި ދެގޮތުން ކުރެ ގޮތެއް އިހްތިޔާރު ކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރާންވާނެއެވެ.

(ހ) ކުއްޖާގެ ނަފްސާނީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ޖިސްމާނީ ހާލަތު.

(ށ) ކުއްޖާ ތަސައްރަފު ފުދިފައިވާ މިންވަރު.

(ނ) ކުއްޖާ ކުށްކުރަން މެދުވެރިވި ހާލަތު.

(ރ) ކުއްޖާ ކުށް ތަކުރާރުކުރުމުގެ ފުރުސަތު އޮތް މިންވަރު.

(ބ) މައްސަލައިގައި އަނިޔާ ލިބިފައިވަނީ ކުޑަކުއްޖަކަށްނަމަ، އެ ކުއްޖާގެ އުމުރު.

(ޅ) ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން.

(ކ) އެ ވަގުތެއްގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅައިފައިވާ ޑައިވަރށަންގެ ފިޔަވަޅުތައް.

(އ) މައްސަލައިގެ ނުރައްކާތެރިކަމާއި، ކުޑަ ބޮޑުމިން.

(ވ) އާންމު މަސްލަހަތު އޮތް ގޮތް.

(މ) ކުއްޖާ ކުށަށް އިއުތިރާފުވެ، ކުށުގެ އަމަލާމެދު ދެރަވެ، ކުއްޖާ އަނބުރާ މުޖުތަމައަށް އަންނަން ބޭނުންވާ މިންވަރު.

 

11 ވަނަ މާއްދާ - ޑައިވަރށަންއަށް ފޮނުވަން ބާރު އަޅަންޖެހޭ ހާލަތު

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު، ތުހުމަތުގައި ހުރި ކުއްޖާ މުޖުތަމައަށް އަނބުރާ ގެނެވޭނެ ފުރުސަތު ބޮޑުކަމަށް ޕްރޮސިކިއުޓަރަށް ގަބޫލުކުރެވޭނަމަ، އެ ކުއްޖާގެ މައްޗަށް ދައުވާ އުފުލުމުގެ ބަދަލުގައި ޑައިވަރށަންއަށް ފޮނުވުމަށް ބާރުއަޅާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ދެނެގަތުމަށް ޓަކައި ތިރީގައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރާންވާނެއެވެ.

  1. ކުއްޖާގެ ރިސްކް އެސެސްމަންޓުގައިވާ މައުލޫމާތުތައް؛
  2. ކުއްޖާ އިސްލާހުކުރަން އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ފުރުސަތު ދީފައިވާނަމަ، ނުވަތަ އެހެން މައްސަލައެއްގައި ފުރުސަތު ދީފައިވާނަމަ، އެގޮތުން ދެވުނު ފުރުސަތުތަކުގައި ކުއްޖާ އަމަލުކޮށްފައިވާ ގޮތް؛
  3. ކުއްޖާގެ ކުށުގެ ރެކޯޑު؛
  4. އަނިޔާ ލިބިފައިވާ މީހާގެ ބަސް (އަނިޔާ ލިބިފައިވަނީ ކުޑަކުއްޖަކަށް ނަމަ، އެ ކުއްޖާއާއި އެ ކުއްޖާގެ ބެލެނިވެރިޔާގެ ބަސް)؛
  5. ޑައިވަރށަންގެ ފިޔަވަޅުތައް ފުރިހަމަކުރުމުގެ ގާބިލުކަން ހުރި މިންވަރު؛
  6. ކޭސް ކޮންފަރެންސިންގއިން އެއްކުރެވޭ މައުލޫމާތު؛
  7. ކުއްޖާއާމެދު ދައުވާކުރުމާއި، ޑައިވަރށަންއަށް ފޮނުވުމާ ގުޅޭގޮތުން ނިންމާ ނިންމުންތައް ލިޔުމުން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

12 ވަނަ މާއްދާ - ދައުވާ ކުރުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރުމުގެ މަރުހަލާގައި ނިންމާ އެކިއެކި ނިންމުމުގައި ކުއްޖާގެ މަސްލަހަތަށް އިސްކަންދީ، ކުއްޖާ ޒިންމާދާރު ކުރުމާއެކު، އެ ކުއްޖާ ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ބާރުއަޅާންވާނެއެވެ. ކުޑަކުއްޖެއްގެ މައްޗަށް ދައުވާއެއް އުފުލަން ނިންމަންވާނީ ޖިނާއީ ދައުވާކުރުން ނޫން އެހެން ފިޔަވަޅެއް އެޅޭތޯ ވީވަވަރަކުން ބެލުމަށްފަހު، އެހެން ގޮތެއް ނެތްނަމައެވެ.

(ށ) ތުހުމަތުގައިވާ ކުއްޖެއްގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރާންވާނެއެވެ.

  1. ކުއްޖާގެ އުމުރު؛
  2. ކުއްޖާ ކުރިކަމަށް ތުހުމަތު ކުރެވޭ ކުށާއި، އެ ކުށުގެ އަމަލު ހިންގުމަށް ތަސައްރުފު ފުދިފައިވާ މިންވަރު؛
  3. ކުށް ކުރަން މެދުވެރިވި ހާލަތު؛
  4. ދައުވާ ކުރުމާއި ނުކުރުމުގައި ކުއްޖާގެ މަސްލަހަތު އޮތް ގޮތް؛
  5. ކުއްޖާ ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ޓަކައި ކުރާންޖެހޭ ކަންކަން؛
  6. އެ ކުއްޖާގެ މައްޗަށް ދައުވާއެއް ކުރުމުގައި އާންމު މަސްލަހަތު ނިޔާކުރާ ގޮތް.

 

13 ވަނަ މާއްދާ - ކުއްޖާ ދެކޭގޮތް ހާމަކުރަން ފުރުސަތު ދިނުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، އެ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ގޮތެއް ނިންމުމުގެ ފުރުސަތު އޮތް ގޮތްތައް ކުއްޖާއަށް ކިޔައިދީ،     އެ ނިންމުންތަކާމެދު ތުހުމަތުގައިވާ ކުއްޖާ ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު    އެ ކުއްޖާއަށް ދޭންވާނެއެވެ.

(ށ) ކުއްޖާ ދެކޭގޮތް ހާމަކުރުމަށް ދޭ ފުރުސަތުގައި، ތުހުމަތުގައި ހުރި ކުއްޖާ ހާމަކުރާ ގޮތް، ޕްރޮސިކިއުޓަރު އަޑުއަހައި، މައްސަލައިގައި އެންމެ ފަހުގެ ނިންމުން ނިންމުމުގެ ކުރިން، އެ ކުއްޖާ ހާމަކުރި ކަންކަމަށް ޕްރޮސިކިއުޓަރު ރިއާޔަތް ކުރާންވާނެއެވެ. މި އަކުރުގައިވާ ގޮތުގެ މަތީން ކުއްޖާ ހާމަކުރި ކަންކަމާއި، އެ ކަންކަމާމެދު ޕްރޮސިކިއުޓަރު ދެކޭގޮތް، ލިޔުމުން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ފުރުސަތުގައި، މަގުބޫލު ސަބަބެއް ނެތި، 2 (ދޭއް) ދުވަހުގެ ތެރޭގައި، ކުއްޖާ ދެކޭ ގޮތް ހާމަނުކޮށްފިނަމަ، އެ ފުރުސަތުގެ ބޭނުން ނުހިފީކަމަށް ބަލައި، މައްސަލައިގައި      ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފައިވާ ގޮތުގެ މަތީން ކުރިޔަށް ދާނީއެވެ.

 

14 ވަނަ މާއްދާ - ޑައިވަރށަން ޕްރޮގްރާމެއްގައި ބައިވެރިކުރުން

ތުހުމަތުގައިވާ ކުއްޖެއްގެ މައްސަލައިގެ ތަހުގީގުގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބުމުން، އެ މައްސަލައިގައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) އާއި، އެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އެކަމާމެދު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ލަފަޔާއި އިރުށާދު ހޯދުމަށްފަހު، ޑައިވަރށަން ޕްރޮގްރާމެއްގައި އެ ކުއްޖާ ބައިވެރިކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.

 

ތިންވަނަ ބައި: ދައުވާކުރުމަށް ނިންމާ ހާލަތުގައި އަމަލުކުރާނެ ގޮތް

15 ވަނަ މާއްދާ - ދައުވާ އުފުލަން ނިންމާ ސަބަބު ކޯޓާ ހިއްސާކުރުން

ތުހުމަތުގައި ހުރި ކުއްޖާގެ މައްޗަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖިނާއީ ދައުވާއެއް އުފުލުމަށް ނިންމައިފިނަމަ، މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅާއިރު، އެ މައްސަލައިގައި ޑައިވަރށަނަށް ފޮނުވުމުގެ ބަދަލުގައި ދައުވާކުރުމަށް ނިންމި ސަބަބު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުގައި ލިޔެ، ކޯޓަށް ފޮނުވަންވާނެއެވެ.

 

16 ވަނަ މާއްދާ - ދައުވާ އުފުލަން ނިންމި ސަބަބު ކުއްޖާއާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާއާ ހިއްސާކުރުން

(ހ) ތުހުމަތުގައި ހުރި ކުއްޖާގެ މައްޗަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖިނާއީ ދައުވާއެއް އުފުލުމަށް ނިންމައިފިނަމަ، މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅާއިރު، އެ މައްސަލައިގައި ޑައިވަރށަންއަށް ފޮނުވުމުގެ ބަދަލުގައި ދައުވާކުރުމަށް ނިންމި ސަބަބު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގައި ލިޔެ، ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާއާ ލިޔުމުން ހިއްސާކުރާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ލިޔުން ކުއްޖާގެ ބެލެނިވެރިޔާއާ ހަވާލުކުރެވެން ނެތްނަމަ، ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތަކަށް އެ ލިޔުން ދޭންވާނެއެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކުއްޖާއާއެކު މަސައްކަތްކުރާ ޖުވެނައިލް ޖަސްޓިސް އޮފިސަރަކީ ކުއްޖާގެ މަސްލަހަތު ހިމަޔާތްކޮށްދޭނެ މީހެއްކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދަކު ބަލަންވާނެއެވެ.

 

ހަތަރުވަނަ ބައި: ޑައިވަރށަންއަށް ފޮނުވަން ފެންނަ މައްސަލަތަކުގައި އަމަލުކުރަންވީ ގޮތް

17 ވަނަ މާއްދާ - ކުށަށް އިއުތިރާފުވުމާއި ރުހުން ހޯދުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ހުރި ކަންކަމަށް ބެލިއިރު،  ތުހުމަތުގައިވާ ކުއްޖާ ޑައިވަރށަންއަށް ފޮނުވަން ފެންނަކަމަށް ނިންމާ މައްސަލަތަކުގައި، ޑައިވަރށަންއަށް ފޮނުވުމަށް ނިންމުމުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ޕްރޮސިކިއުޓަރު ކަށަވަރުކުރާންވާނެއެވެ.

  1. ކުއްޖާގެ މައްޗަށް ދައުވާ އުފުލާނެ މިންވަރަށް ހެކި ހުރިކަން؛
  2. އެއްވެސް މަޖުބޫރުކަމެއް ނެތި ކުއްޖާ ކުށުގެ ޒިންމާ އުފުލާކަން؛
  3. ޑައިވަރށަންގައި ބައިވެރިވުމަށް ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން އޮތްކަން؛

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވުމަށް ޓަކައި ކުއްޖާ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވެފައި އޮތުން ލާޒިމެއް ނޫނެވެ. ދައުވާ އުފުލުމުގެ މަރުހަލާގައި ކުއްޖާ އަމިއްލަ އިހްތިޔާރުގައި ކުށުގެ ޒިންމާ އުފުލަން އެއްބަސްވުން ފުދެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށުގެ ޒިންމާ އުފުލުމަށް ނުވަތަ ރުހުން ދިނުމުގެ ކުރިން ވަކީލަކާ މަށްވަރާކުރުމަށް ކުއްޖާ ބޭނުންނަމަ، އަމިއްލައަށް ވަކީލެއް ހޯދުމަށް ނުވަތަ ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ވަގުތު ކުއްޖާއަށް ދޭންވާނެއެވެ.

(ރ) ޑައިވަރށަންގައި ބައިވެރިވުމަށް ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން ހޯދުމުގެ ކުރިން ޑައިވަރށަންގެ ތެރެއިން ކުއްޖާއާމެދު އެޅޭނެ ފިޔަވަޅުތަކުގެ ބާވަތާއި، ފިޔަވަޅުތަކުގެ މުއްދަތާއި، އެ ފިޔަވަޅުތައް ފުރިހަމަކުރުމާއި، ފުރިހަމަ ނުކުރުމުގެ ނަތީޖާ ސާފުކޮށްދޭންވާނެއެވެ.

(ބ) އެ ކުއްޖާއާމެދު އެޅުމަށް ހުށަހެޅިފައިވާ ޑައިވަރށަން ފިޔަވަޅާ ބެހޭގޮތުން ގާނޫނީ ލަފާ ހޯދަން ބޭނުންނަމަ، ގާނޫނީ ވަކީލާ މަށްވަރާ ކުރުމަށް، މަދުވެގެން 2 (ދޭއް) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.

(ޅ) ޑައިވަރށަންގައި ބައިވެރިވުމަށް ކުއްޖާ ރުހުން ދޭ ހާލަތުގައި ކުއްޖާގެ ބެލެނެވެރިޔާއަށް ރުހުން ނުދޭން ނިންމޭނީ، ރުހުން ނުދިނުމަށް އެކަށީގެންވާ ސަބަބެއް އޮތްނަމަ އެކަންޏެވެ. އެކަށީގެންވާ ސަބަބެއް ނެތި ކުއްޖާގެ ބެލެނިވެރިޔާ ރުހުން ނުދިނުމަކީ ކުއްޖާ ޑައިވަރށަންއަށް ފޮނުވުމަށް ހުރަސްއަޅާނެ ކަމެއް ނޫނެވެ.

(ކ) ކުއްޖާ ޑައިވަރށަންއަށް ދިއުމާމެދު، މި މާއްދާގެ ދަށުން ދޭ ރުހުން އޮންނާންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމުގައެވެ.

 

18 ވަނަ މާއްދާ - ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ޑައިވަރށަންއަށް ފޮނުވުމުމާމެދު ގޮތެއް ނިންމުން

(ހ) ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި، ކުށް ބަޔާންކުރާ ހާއްސަ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޑައިވަރށަންއަށް ފޮނުވުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ށ) ޑައިވަރށަންއަށް ފޮނުވާ މައްސަލަތަކުގައި ޑައިވަރށަން ޕްލޭނާ އެއްގޮތަށް ކުއްޖާ ޑައިވަރށަން ފުރިހަމަކުރަމުން ނުދާ ހާލަތުގައި ކުއްޖާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ދޮރު ބަންދުވެގެން ދިޔަ ނުދިނުމަށް ޓަކައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތު ހިނގާ މައްސަލަތަކުގައި، ޑައިވަރށަން ޕްލޭނާއެކު ކޯޓަށް ދައުވާ ހުށަހަޅައި، ކޯޓުގައި މައްސަލަ ކުރިޔަށް ނުގެންގޮސް ބާއްވައިދިނުމަށް ޕްރޮސިކިއުޓަރު އެދެންވާނެއެވެ.

(ނ) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަގްބޫލު ސަބަބެއް އޮވެގެން ޑައިވަރށަންއަށް ފޮނުވުމާމެދު ވަކި ގޮތެއް ނިންމެން ނެތް ހާލަތުގައި، އެކަން ބަޔާންކޮށް، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި    އެ މައްސަލައެއް ހުށަހަޅަން އޮތް މުއްދަތުގައި ކޯޓަށް ދައުވާ ހުށަހަޅާންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ދައުވާ ހުށަހަޅާ ހާލަތުގައި ޑައިވަރށަންއަށް ފޮނުވުމާމެދު ގޮތެއް ނިމުމުން، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ ނިންމުމެއް ކޯޓާ ހިއްސާ ކުރާންވާނެއެވެ. ޑައިވަރށަންއަށް ފޮނުވުމަށް ނިންމައިފިނަމަ، ޑައިވަރށަން ޕްރޮގްރާމް ފުރިހަމަކުރާ ގޮތެއް ބެލުމަށް ޓަކައި، މައްސަލަ އެ ވަގުތަށް ކުރިޔަށް ނުގެންގޮސް ބާއްވައިދިނުމަށް ކޯޓުގައި، ޕްރޮސިކިއުޓަރު އެދެންވާނެއެވެ. އެ މައްސަލައިގައި ނިންމައިފައިވަނީ ޑައިވަރށަންއަށް ނުފޮނުވައި، މައްސަލަ ކުރިޔަށް ގެންދިއުމަށް ކަމަށްވާނަމަ، ދައުވާ ކުރިޔަށް ގެންދިޔުމަށް ޕްރޮސިކިއުޓަރު، ކޯޓުގައި އެދެންވާނެއެވެ.

(ބ) ކުއްޖާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައަކީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ދައުވާ ކުރުމަށް ވަކި މުއްދަތެއް ދީފައިވާ މައްސަލައެއްނަމަ، ކުއްޖާ ބައިވެރިކުރާ ޑައިވަރށަން ޕްރޮގްރާމަކީ ދައުވާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރެވޭނެ ޕްރޮގްރާމަކަށް ވާންވާނެއެވެ.

 

19 ވަނަ މާއްދާ - ޑައިވަރށަންއަށް ފޮނުވުން

(ހ) ތުހުމަތުގައި ހުރި ކުއްޖާ ޑައިވަރށަންއަށް ފޮނުވަން ނިންމާ ހާލަތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ލަފާގެ މަތީން އަދި އެ ޑިޕާޓްމަންޓުން  ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޖާގެ ޑައިވަރށަން ޕްލޭން އެކުލަވައިލައި ކުއްޖާ ޑައިވަރށަންއަށް ފޮނުވަންވާނެއެވެ.

(ށ) ތުހުމަތުގައި ހުރި ކުއްޖާ ޑައިވަރށަންއަށް ފޮނުވާ ހާލަތުގައި، ކުއްޖާ ޑައިވަރށަން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ގޮތް، މަދުވެގެން މަހަކު އެއްފަހަރު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް މެދުވެރިކޮށް ބަލަމުން ގެންދާންވާނެއެވެ. އަދި ޑައިވަރށަން ޕްލޭން ކުރިޔަށްދާ ގޮތެއްގެ މައްޗަށް ބަލައި، ފުރަތަމަ އެކުލަވައިލެވުނު ޕްލޭނަށް ބަދަލު ގެނެވިދާނެއެވެ.

 

20 ވަނަ މާއްދާ - ޑައިވަރށަން ޕްރޮގްރާމް ފުރިހަމަކުރުމާއި، ފުރިހަމަ ނުކުރުމުގެ ނަތީޖާ

(ހ) ޑައިވަރށަން ޕްލޭނާ އެއްގޮތަށް ޑައިވަރށަން ފުރިހަމަކޮށްފިކަމަށް   ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އަންގައިފިނަމަ، މައްސަލަ އެހިސާބުން ނިމުނީ ކަމަށް ބަލައި، މައްސަލަ ފައިލު ކުރާން ވާނެއެވެ.      އެ މައްސަލައަކީ   މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ކޯޓުގައި ދައުވާ ހުށަހަޅައިފައިވާ މައްސަލައެއްނަމަ، ސަބަބު ބަޔާންކުރުމާއެކު މައްސަލަ އަނބުރާ ގެންނާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މައްސަލަ އަނބުރާ ގެންނަން ނިންމައިފިނަމަ، އެކަމާބެހޭ މައުލޫމާތު، ލަސްނުކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިހަށް އަންގާންވާނެއެވެ.

(ނ) ޑައިވަރށަންއަށް ފޮނުވައިފައިވާ ކުއްޖާ، ޕްލޭނާ އެއްގޮތަށް ޑައިވަރށަން ފުރިހަމަކުރަމުން ނުދާނަމަ، ޑައިވަރށަން ޕްރޮގްރާމް ނިމުމަކަށް ގެނެސް، ކޯޓަށް ދައުވާ ހުށަހެޅިދާނެއެވެ. ނުވަތަ އެ މައްސަލައަކީ، މި ގަވާއިދުގެ  18 ވަނަ މާއްދާގެ ދަށުން ކޯޓުގައި ދައުވާ ހުށަހަޅައިފައިވާ މައްސަލައެއްނަމަ، ސަބަބު ބަޔާންކުރުމާއެކު ދައުވާގެ އަޑުއެހުންތައް ފެށުމަށް ކޯޓުގައި އެދެންވާނެއެވެ.

 

21 ވަނަ މާއްދާ - ޑައިވަރށަންގައި ބައިވެރިވުމަށް ކުއްޖާވާ އިއުތިރާފު، ހެކީގެ ގޮތުގައި ބޭނުން ނުކުރުން

ޑައިވަރށަންގައި ބައިވެރިވުމަށް ކުއްޖާ ކުށަށް ވާ އިއުތިރާފަކީ ޑައިވަރށަންއާ ހިލާފުވެގެން ކުއްޖާގެ މައްޗަށް ޖިނާއީ ދައުވާ ކުރިޔަށް ގެންދިޔުމަށް ނިންމާ ހާލަތުގައި ކުއްޖާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއް ނޫނެވެ.

 

ފަސްވަނަ ބައި: ކޭސް ކޮންފަރެންސިންގ

22 ވަނަ މާއްދާ - އެކި އެޖެންސީތަކުގެ ރައުޔު ހޯދުމާއި، ކޭސް ކޮންފަރެންސިންގ

(ހ) ދައުވާކުރުމުގެ މަރުހަލާގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ނިންމުންތައް ނިންމުމަށް ޓަކައި ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމަށާއި، އެކަންކަމާ ގުޅޭގޮތުން އެކި އިދާރާތަކާއި، ކުއްޖާއާއި، މައްސަލައާ ގުޅުން ހުރި  އެކި މީހުންގެ ބަސް ހޯދުމަށް ޓަކައި ކޭސް ކޮންފަރެންސިންގ ނުވަތަ ކޮމިއުނިޓީ ކޮންފަރެންސިންގ ނުވަތަ ރެސްޓްރޯޓިވް ޖަސްޓިސް ކޮންފަރެންސް ބޭއްވުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. ދައުވާކުރުމާއި ޑައިވަރށަންއަށް ފޮނުވުމާ ދެގޮތުންކުރެ ގޮތެއް ހިޔާރުކުރުމަށާއި، ޑައިވަރށަންއަށް ފޮނުވުމަށް ނިންމާ ހާލަތުގައި ކުއްޖާއަށް އެންމެ ފައިދާހުރި ޑައިވަރށަން ޕްރޮގްރާމެއް ކަނޑައަޅައި، ޑައިވަރށަން ޕްލޭން އެކުލަވައިލުން؛
  2. ކުއްޖާއަކީ ބަންދުގައި ހުރި ކުއްޖެއްނަމަ، ބަންދުން ދޫކޮށްލުމަށް؛
  3. މައްސަލައިގައި އަނިޔާލިބުނު ކުދީންނަށް ނުވަތަ މީހުންނަށް ބަދަލު ހޯދައިދިނުމަށް؛
  4. ކުއްޖާ ފުރިހަމަކުރަމުންދާ ޑައިވަރށަން ޕްރޮގްރާމަށް ބަދަލެއް ގެނައުން؛
  5. މައްސަލައާ ގުޅިގެން ނިންމާ ނިންމުމެއް ނިންމުމުގެ ކުރިން ކޭސް ކޮންފަރެންސިންގ ބާއްވަންޖެހޭކަމަށް ޕްރޮސިކިއުޓަރަށް ފެންނަ ކަންކަން.

(ށ) ކޭސް ކޮންފަރެންސިންގ ނުވަތަ ކޮމިއުނިޓީ ކޮންފަރެންސިންގ ނުވަތަ ރެސްޓޯރޭޓިވް ޖަސްޓިސް ކޮންފަރެންސިންގގައި ބައިވެރިވާނެ އިދާރާތަކާއި މީހުން ކަނޑައަޅާނީ އެ ކޭސް ކޮންފަރެންސިންގ ބާއްވާ ބޭނުމަށް ރިއާޔަތްކޮށެވެ.

(ނ) ކޭސް ކޮންފަރެންސިންގައި ދައްކާ ވާހަކަތަކުގެ ޔައުމިއްޔާ ލިޔުމުން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ރ) ކުޑަކުދީންގެ މައްސަލަތަކުގައި ގޮތެއް ނިންމުމަށް ބޭނުންވާ ކޭސް ކޮންފަރެންސިންގ ބައްދަލުވުމެއްގެ ސިފައިގައި ކުރިޔަށްދިޔުމަކީ ލާޒިމުކަމެއް ނޫނެވެ. އެނޫން ގޮތަކަށް ބޭނުންވާ މީހުންނާއި އިދާރާތަކުގެ ބަސް ހޯދުމުން ފުދޭނެއެވެ. މިގޮތުން ހޯދާ މައުލޫމާތުތައް ވެސް ލިޔުމުން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

23 ވަނަ މާއްދާ - ކޭސް ކޮންފަރަންސްގައި އަމަލުކުރާނެ ގޮތް

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ބާއްވާ ކޭސް ކޮންފަރެންސެއްގައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

  1. ކޮންމެ ކޭސް ކޮންފަރެންސެއް ވެސް ކަނޑައެޅިފައިވާ ގަޑިއަށް ފެށުން؛
  2. ކޭސް ކޮންފަރެންސަށް ދައުވަތު ދިން ޕްރޮސިކިއުޓަރު، މަށްވަރާކުރަން ގަސްތުކުރާ މައްސަލައިގެ ތައާރަފެއް ދިނުން؛
  3. އެ ބައްދަލުވުމުގައި ހާސިލުކުރަން ބޭނުންވާ ކަންކަމާއި، ހޯދަން އެދޭ މައުލޫމާތުތަކަކީ ކޮބައިކަން ސާފުކޮށް ކިޔައިދިނުން؛
  4. ބައްދަލުވުމުގެ ހުރިހާ ބައިވެރިން ތައާރަފުވާން ފުރުސަތު ދިނުން؛
  5. އެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، އެ ބައްދަލުވުމުގެ މައުޒޫއާ ގުޅިގެން ހިއްސާ ކުރެވެން ހުރި މައުލޫމާތުތައް، ބައްދަލުވުން ފެށުމުގެ ކުރިން ހިއްސާ ކުރުމާއި، ހުރިހާ ބައިވެރިންވެސް އެ ލިޔުންތައް ދިރާސާކޮށްގެން ބައްދަލުވުމުގައި ބައިވެރިވުމަށް ބާރު އެޅުން؛
  6. މި އަކުރުގެ (5) ވަނަ ނަންބަރުގައިވާ ލިޔުންތަކުގައި ހުރި މައުލޫމާތުތަކުގެ ބޭރުން، އިތުރު ކަމެއް ފާހަގަކުރަން ހުރެއްޖެނަމަ، ބައްދަލުވުމުގައި ވާހަކަދައްކަން ލިބޭ ފުރުސަތެއްގައި އެ ވާހަކައެއް ހިއްސާ ކުރުމާއި، ލިޔެކިޔުމުގައި ހުރި ވާހަކަތައް ކޮންމެހެން ތަކުރާރުކުރަން ޖެހިއްޖެ ހިނދެއްގައި އެ ވާހަކަ ހުލާސާކޮށް ބަޔާންކުރުމާއެކު، އެ ކަންކަމުގެ ތަފުސީލާ ގުޅިގެން ލިޔެކިޔުމާ ހަވާލާދިނުން؛
  7. ކޮންމެ ބައިވެރިއަކުވެސް، މައްސަލައިގެ މައުޒޫއަށް ވާހަކަދައްކާކަން ޕްރޮސިކިއުޓަރު ކަށަވަރު ކޮށް، އެ ދުވަހެއްގައި ހާސިލުކުރަން ބޭނުންވާ ކަންކަމާ ނުގުޅޭ މައްސަލަތަކުގެ ވާހަކަތައް ދެއްކުން ވީހާވެސް މަދުކުރުން؛
  8. ބައްދަލުވުން ނިމުމުން، ނިންމުނު ނުވަތަ ދެނެގަނެވުނު ކަންކަން ހުލާސާކޮށް، ހުރިހާ ބައިވެރީންނަށް އިވޭ ވަރަށް ކިޔުން؛

(ށ) ބައްދަލުވުމަށްފަހު، އެ ބައްދަލުވުމުގައި ހޯދި މައުލޫމާތު ބޭނުންކޮށްގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުން، ބައްދަލުވުމުގެ ހުރިހާ ބައިވެރީންނާ ހިއްސާ ކުރުން.

 

ހަވަނަ ބައި: އެހެނިހެން

24 ވަނަ މާއްދާ - މާނަކުރުން

(ހ) "ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ކުރިޔަށް އޮތް ތަނުގައި ކުށް ތަކުރާރުގެ ކުރުމުގެ ފުރުސަތު އޮތް މިންވަރު އަންގައިދޭ އެސެސްމަންޓަށެވެ.

(ށ) "އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓު" ކަމަށް ބުނެފައި އެވަނީ،  ކުއްޖާގެ ނަފްސާނީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުއްޖާ ކުށްކުރަން މެދުވެރިވި ސަބަބާއި، ކުއްޖާ އަނބުރާ މުޖުތަމައަށް ގެނައުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށް، ކަމުގެ އިޖުތިމާއީ ރައްކައުތެރިކަމުގެ ދާއިރާގެ ހަބީރަކު ތައްޔާރުކުރާ ރިޕޯޓަށެވެ.

(ނ) "ކޭސް ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު)  ގެ 118 ވަނަ މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ މާނަކުރުމަށެވެ.

(ރ) "ކޮމިއުނިޓީ ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 118 ވަނަ މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވާ މާނަކުރުމަށެވެ.

(ބ) "ޑައިވަރށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 118 ވަނަ މާއްދާގެ (ސ) ގައި ބަޔާންކޮށްފައިވާ މާނަކުރުމަށެވެ.

(ޅ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖުވެނައިލް ކޯޓަށެވެ.

 

25 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގަވާއިދު

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދީންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 66/2021)

 

މައި ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 18/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު