-

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ވިސްލްބްލޯކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 59/2021)

 

ފުރަތަމަ ބާބު

ތައާރަފާއި ފެށުން

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގައި، ވިސްލްބްލޯ ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކައުތެރި ކުރުމާއި، މި ގަވާއިދުގެ ދަށުން އުފައްދާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި، މައުލޫމާތު ބަލައިގަތުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި މި ގާނޫނުގެ ދަށުން އެ މުއައްސަސާއަކަށް ހަވާލުކޮށްފައިވާ ޒިންމާއެއް އަދާކުރުމަށް ބޭނުންވާ މިންވަރަށް ގަވާއިދު ހެދުމުގެ އިހްތިޔާރު އެ މުއައްސަސާއަކަށް ލިބިދީފައިވާތީއެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ވިސްލްބްލޯކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް، ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގު ސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ނޭދެވޭ އަމަލުތަކުގެ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް ގާއިމުކޮށް، ވިސްލްބްލޯކުރުމަށް ހިތްވަރުދިނުން.

(ށ) ވިސްލްބްލޯކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކައުތެރިކަން ދިނުން.

(ނ) ވިސްލްބްލޯ ކުރުމުން ލިބޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް، ފިޔަވަޅު އެޅުން.

(ރ) މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގައި، ވިސްލްބްލޯ ކުރުމުގައި އަމަލުކުރަންވާނެ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކުރުން.

(ބ) މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގައި، ވިސްލްބްލޯ ކުރުމުގެ މައުލޫމާތު މުވައްޒަފުންނަށް ދިނުމުގައި އަމަލުކުރަންވާނެ އުސޫލުތައް ބަޔާންކުރުން.

(ޅ) މި ގަވާއިދުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކުގެ ބޭނުން އެކަށީގެންވާ ޒިންމާދާރުގޮތެއްގައި ހިފުމާއި، މި ގަވާއިދުގައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުން.

(ކ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހެޅޭ ނޭދެވޭ އަމަލުތަކަށްޖަވާބުދާރީވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ޘަގާފަތެއް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކާއި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުން .

(އ) މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގައި ވިސްލްބްލޯ ކުރުމުގެ މައްސަލަތައް ބެލުމުގައި އަމަލުކުރަންވާނެ އުސޫލުތައް ބަޔާންކުރުން.

(ވ) ވިސްލްބްލޯކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.

(މ) މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ މުވައްޒަފުންނަކީ ނަޒާހަތްތެރިކަމުގެ އަސާސްތައް ކުރިއަރުވަން މަސައްކަތްކުރާ ބަޔަކަށް ހެދުމާއި،އެކަމަށް ހިތްވަރު ދިނުން.

 

4 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

މި ގަވާއިދު ހިނގާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކާއި، މިނިސްޓްރީގެ އިހްތިސާސް ހިނގާ، ނުވަތަ ހިނގައިފައިވާ، ނުވަތަ ހިނގަމުންދާ ކަންކަމުގެ މައްޗަށެވެ.

 

ދެވަނަ ބާބު

ވިސްލްބްލޯކުރުމާއި، ވިސްލްބްލޯކުރާ ފަރާތަށް ލިބިގެންވާ ހައްގުތަކާއި ރައްކައުތެރިކަން 

 

5 ވަނަ މާއްދާ - ވިސްލްބްލޯ ކުރެވޭނެ ގޮތްތައް

މި ގަވާއިދުގައި މައުލޫމާތު ބަލައިގަންނަ ފަރާތެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ފަރާތަކަށް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިކޮށް ވިސްލްބްލޯ ކުރެވިދާނެއެވެ.

(ހ) ސިޓީން.

(ށ) ފެކްސް މެސެޖުން.

(ނ) ފޯނު ކޯލުން.

(ރ) އިންޓަރނެޓް މެދުވެރިކޮށް.

(ބ) އެސް.އެމް.އެސް. ނުވަތަ އެމް.އެމް.އެސް. މެދުވެރިކޮށް.

(ޅ) އިލެކްޓްރޯނިކް މެއިލް ނުވަތަ އިލެކްޓްރޯނިކް މެސެޖުން.

(ކ) އޯޑިއޯ ފައިލުން.

(އ) ވީޑިއޯ ކްލިޕަކުން؛

(ވ) މިނިސްޓްރީއަށް ހާޒިރުވެ ހުރެގެން.

 

6 ވަނަ މާއްދާ - އަނގަބަހުން ވިސްލްބްލޯކުރުން

(ހ) ފޯނުން ނުވަތަ މިނިސްޓްރީއަށް ހާޒިރުވެގެން އަނގަބަހުން ވިސްލްބްލޯ ކުރެވިދާނެއެވެ.

(ށ) އަނގަބަހުން ވިސްލްބްލޯކުރާ ހާލަތުގައި ވެސް މިނިސްޓްރީން މައްސަލަ ބަލައިގަންނަ މުވައްޒަފަކު، ވިސްލްބްލޯކުރާ ފަރާތުން ދައްކާ ވާހަކަ ރެކޯޑުކުރުމާއެކު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ވިސްލްބްލޯ ކުރުމުގެ ގޮތުން މައުލޫމާތު ހުށަހަޅާ ފޯމު ފުރިހަމަ ކުރަންވާނެއެވެ.

(ނ) އަނގަބަހުން ވިސްލްބްލޯކުރާ ފަރާތަކީ ލިޔަންކިޔަން ނުދަންނަ ފަރާތެއް ކަމުގައި ވާނަމަ، މިނިސްޓްރީން މައްސަލަ ބަލައިގަންނަ މުވައްޒަފަކު، ވިސްލްބްލޯކުރި މައްސަލަ ފޯމުގައި ފުރިހަމަ ކުރުމަށްފަހު، ވިސްލްބްލޯކުރި ފަރާތަށް އެ ފޯމުގައި ލިޔެވުނު މައުލޫމާތު ސާފުވާނެ އިބާރާތުން ކިޔައިދޭންވާނެއެވެ. އަދި މި ހާލަތުގައި ވިސްލްބްލޯކުރި ފަރާތުން ބޭނުންވާ ގޮތަށް ފޯމު ފުރައިފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން، ވިސްލްބްލޯކުރާ ފަރާތުން އިހްތިޔާރުކުރާ ފަރާތެއް މެދުވެރިކޮށް މިކަން ކަށަވަރު ކުރަންވާނެއެވެ.

(ރ) އަނގަބަހުން ވިސްލްބްލޯކުރާ ފަރާތަކީ ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކަން ނޭނގޭ (މުއާސަލާތުކުރަން ނޭނގޭ) ފަރާތެއްނަމަ، އިނގިރޭސިބަހުން ނުވަތަ އަރަބިބަހުން ވިސްލްބްލޯކުރުމުގެ ފުރުސަތު ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ވިސްލްބްލޯ ކުރެވިދާނެ ފަރާތްތައް

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ފަރާތްތަކަށް މި ގަވާއިދުގެ ދަށުން ވިސްލްބްލޯ ކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ވިސްލްބްލޯ ކުރުމުގެ ހައްގު ލިބިގެންވާ ކޮންމެ ފަރާތަކަށް ވެސް، އެއީ ކޮން ފަރާތެއްކަން ނޭނގޭ ގޮތަށް މައުލޫމާތު ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތަށް ހުށަހަޅާ މައުލޫމާތެއްގައި، މައުލޫމާތުގެ އަސާސް އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި މެނުވީ، މައުލޫމާތު ބަލައިގަނެ، ތަހުގީގު ކުރަން ވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހިމާޔަތް ލިބޭ ހާލަތެއްގައި، އެހެން ގާނޫނެއް، ނުވަތަ ގަވާއިދެއް ނުވަތަ އުސޫލެއްގެ ދަށުން ވެސް ހިމާޔަތް ލިބޭނަމަ، ވިސްލްބްލޯކުރާ ފަރާތުން އިހްތިޔާރުކުރާ ނިޒާމެއްގެ ތެރެއިން އެ މައްސަލައެއް ކުރިޔަށް ގެންދިއުމަކަށް މި ގަވާއިދު ހުރަހެއް ނާޅާނެއެވެ. އަދި އެފަދަ އެހެން ނިޒާމަކަށް މައުލޫމާތު ހުށަހެޅުމަކީ މި ގަވާއިދުގެ ދަށުން މައުލޫމާތު ހުށަހެޅުމުގެ ހައްގަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫނެވެ.

(ރ) މައުލޫމާތު ބިނާކޮށްފައިވާ ހާދިސާ ހިނގި ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، ވިސްލްބްލޯކުރާ ފަރާތުން، މައުލޫމާތު ބަލައިގަންނަ ފަރާތަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ބ) އެއް ފަރާތަށްވުރެ ގިނަ ފަރާތުން ގުޅިގެން ވިސްލްބްލޯ ކުރެވިދާނެއެވެ. މިގޮތަށް ވިސްބްލޯ ކުރާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރާނީ ވިސްލްބްލޯކުރާ އެންމެން ށާމިލުވެގެންނެވެ.

(ޅ) ވިސްލްބްލޯކުރާ ފަރާތަކި ނުކުޅެދުންތެރިކަން ހުރި ފަރާތެއްނަމަ، އަދި އެ ފަރާތުން ތިންވަނަ ފަރާތެއްގެ އެހީތެރިކަން ހޯދުމަށް އެދޭނަމަ، އޭނާ އިހްތިޔާރުކުރާ ފަރާތެއް މެދުވެރިކޮށް ވިސްލްބްލޯ ކުރުމުގެ ފުރުސަތު ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ވިސްލްބްލޯކުރާނެ ތަން

(ހ) މި ގަވާއިދުގެ ދަށުން ވިސްބްލޯކުރަން ބޭނުންވާ ފަރާތްތަކުން ވިސްބްލޯކުރާނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ގާއިމުކުރާ "ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީ" އަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިސްބްލޯކުރާ ފަރާތުން ހިއްސާކުރާ މައުލޫމާތު ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ދިނުމުގެ ކުރިން އަދި ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީން އެ މައްސަލައެއް ބަލައި ނިންމައި ހާމަކުރުމާ ހަމައަށް، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް" އާއި، ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާތަކާއި، ޕްރޮސެކިއުޓަރ ޖެނެރަލާއި، ށަރުއީ ކޯޓުތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް އެ މައުލޫމާތު ދީގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި މައުލޫމާތު ހާމަކުރުން ހުއްދަކޮށްފައިވާ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށްފިނަމަ، މި ގަވާއިދުގެ ދަށުން އެ މީހަކަށް ލިބެންޖެހޭ ހިމާޔަތް ދިނުން ހުއްޓައިލެވޭނެއެވެ.

 

9 ވަނަ މާއްދާ - އަމުރަށް ނުކިޔަމަންތެރިވު މުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ނޭދެވޭ އަމަލެއްގައި ބައިވެރި ނުވުމުގެ ގޮތުން އަމުރަށް ނުކިޔަމަންތެރިވުމުގެ ހައްގު ލިބިގެންވެއެވެ. އަދި މި މާއްދާގެ ދަށުން ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެ މީހަކު ބައިވެރިވާ އެއްބަސްވުމަކާ ހިލާފުވީކަމަށް ނުބެލުމާއި، އެ ކަމެއްގެ މައްޗަށް ބިނާކޮށް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރުމާއި، އިދާރީ ފިޔަވަޅެއް ނޭޅުމުގެ ހައްގު ލިބިގެންވެއެވެ. 

 

10 ވަނަ މާއްދާ - ބަދަލުހިފުމުން ރައްކައުތެރިވުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯ ކުރުމުގެ ސަބަބުން، ނުވަތަ ވިސްލްބްލޯކުރަން އުޅުމުގެ ސަބަބުން، ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ބެލެވިގެން، މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަދަލުހިފުމުގެ ގޮތުން ކުރާ އަމަލުތަކުން ވެސް ރައްކައުތެރިކަން ލިބުމުގެ ހައްގު ލިބިގެންވެއެވެ. 

 

11 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ލިބުމުގެ ހައްގު

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯކުރާ ފަރާތުގެ ކިބައިން ބަދަލުހިފުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު، ގެއްލުން ލިބުނު ފަރާތަށް ލިބިގެންވެއެވެ. އަދި މިގޮތުން ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. 

 

12 ވަނަ މާއްދާ - މަދަނީ ދައުވާތަކާއި، ޖިނާއީ ދައުވާތަކާއި، އިދާރީ ފިޔަވަޅުތަކުން ރައްކައުތެރިކަން ލިބިގެންވުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ކުރާ ކަމެއްގެ ސަބަބުން، ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެ ފަރާތުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރުމާއި، އިދާރީ ފިޔަވަޅެއް ނޭޅުމުގެ ހައްގު ލިބިގެންވެއެވެ. އެހެންނަމަވެސް، ހާމަކުރާ މައުލޫމާތުގައި ހިމެނޭ ކަމެއްގެ ސަބަބުން ވިސްލްބްލޯކުރާ ފަރާތުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ކުރެވިދާނެއެވެ.

 

13 ވަނަ މާއްދާ - މައުލޫމާތު ސިއްރުކުރުމުގެ ހައްގު

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، މި ގަވާއިދުގެ ދަށުން ވިސްލްބްލޯކުރާ ފަރާތުގެ މައުލޫމާތު ސިއްރުކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ވިސްލްބްލޯކުރާ ފަރާތަށް މައުލޫމާތު ދީފައިވަނީ ތިންވަނަ ފަރާތަކުން ކަމުގައި ވާ ނަމަ، އެ ފަރާތެއްގެ ޒާތީ މައުލޫމާތެއް ނުވަތަ އެނޫންވެސް މައުލޫމާތެއް ވިސްލްބްލޯކުރާ ފަރާތަށް ހިއްސާކުރުމުގެ އިހްތިޔާރު ލިބިގެންވާތީ އެ އިހްތިޔާރު ބޭނުންކޮށްފައިވާނަމަ، އެ ތިންވަނަ ފަރާތުގެ މައުލޫމާތު ސިއްރުކުރެވޭނެކަން އެ ފަރާތަށް ވެސް ކަށަވަރު ކޮށްދޭން ވާނެއެވެ. 

 

14 ވަނަ މާއްދާ - ދައުލަތުގެ ސަލާމަތީ ހިދުމަތުން ސަލާމަތާއި ރައްކައުތެރިކަން ލިބުމުގެ ހައްގު

14 ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މި ގަވާއިދުގެ ދަށުން ވިސްލްބްލޯކުރާ ފަރާތަށް ރައްކާތެރިކަން ލިބިދޭންޖެހޭކަމަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ފެނި، އެކަން ހަމަޖައްސައިދިނުމަށް އަންގާ ފަރާތްތަކަށް ދައުލަތުގެ ސަލާމަތީ ހިދުމަތުން، ރައްކައުތެރިކަމާއި ހިމާޔަތް ލިބުމުގެ ހައްގު ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - އެހެން ފަރާތްތަކަށް ރައްކައުތެރިކަން ލިބުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯ ކުރުމާ ގުޅިގެން ކުރާ ތަހުގީގަކަށް އަމިއްލަ އިސްނެގުމުގައި އެހީތެރިވާ ނުވަތަ ބައިވެރިވާ ނުވަތަ އެހެންވެސް ގޮތަކުން އެއްބާރުލުންދޭ ކޮންމެ ފަރާތަކަށް ވެސް، މި އުސޫލުން ވިސްލްބްލޯ ކުރާ ފަރާތަށް ލިބިދޭ އެންމެހައި ރައްކައުތެރިކަން ލިބިގެންވެއެވެ. 

 

16 ވަނަ މާއްދާ - ބަދަލުހިފުމުން ލިބިދޭ ހިމާޔަތް

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ވިސްލްބްލޯ ކުރުމުގެ ސަބަބުން ނުވަތަ ވިސްލްބްލޯކުރަން އުޅުމުގެ ސަބަބުން، ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ބެލެވިގެން، ބަދަލުހިފުމުގެ ގޮތުން ކުރާ އަމަލުތަކުން ރައްކައުތެރިކަން ލިބިމުގެ ހައްގު ލިބިގެންވާ އެއްވެސް މީހަކާމެދު ނުވަތަ އެއްވެސް ފަރާތަކާމެދު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމުރަށް ނުކިޔަމަންތެރިވުމުން، ނުވަތަ އަމުރަށް ނުކިޔަމަންތެރިވާން އުޅުމުން، ނުވަތަ އެއިން ކަމެއް ކޮށްފިކަމަށް ބެލެވިގެން ބަދަލު ހިފުމުންވެސް މި ގަވާއިދުގެ ދަށުން ހިމާޔަތް ލިބޭނެއެވެ.

 

17 ވަނަ މާއްދާ - ބަދަލުހިފުން ކަމަށް ބެލެވޭނެ ކަންކަން

ވިސްލްބްލޯ ކުރުމުގެ ސަބަބުން އެ ފަރާތަކާ މެދުގައި އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅައިފިނަމަ، ނުވަތަ ވަޒީފާގެ މާހައުލުގައި އެއްވެސް ގޮތަކުން ބަދަލުހިފުމަކީ ނުވަތަ ތަފާތުކުރުމަކީ މި ގަވާއިދުގެ ބޭނުމަށްޓަކައި ބަދަލުހިފުންކަމަށް ބެލެވޭނެއެވެ.

(ހ) ވަޒީފާއިން ވަކިކުރުން.

(ށ) ޒިންމާތަކުން އެކަހެރިކުރުން.

(ނ) ވަޒީފާ އަދާކުރާ ތަން ނުވަތަ ޑިޕާޓްމަންޓް ނުވަތަ ސެކްށަން ބަދަލުކުރުން ނުވަތަ ޑިމޯޓްކުރުން.

(ރ) މަސައްކަތު ގަޑި މަދުކުރުން، ގިނަކުރުން ނުވަތަ ބަދަލުކުރުން.

(ބ) ޕްރޮބޭށަންގައި ބެހެއްޓުން.

(ޅ) އަދަބެއް ދިނުމުގެގޮތުން ވަޒީފާއާ ގުޅޭ އެއްވެސް އިނާޔަތެއް ނުދިނުން، ނުވަތަ އެފަދަ އިނާޔަތަކާމެދު ގޮތެއް ނިންމުން ލަސްކުރުން.

(ކ) ވަޒީފާގެ ކުރިއެރުން ނުދިނުން، ނުވަތަ ތަމްރީނުގެ ފުރުސަތު ނުދިނުން، ނުވަތަ އެފަދަ ފުރުސަތުތައް ހަނިކުރުން.

(އ) މަގާމު ދަށްކުރުން ނުވަތަ އިނާޔަތްތައް ދަށްކުރުން.

(ވ) ވަޒީފާއާ ގުޅޭގޮތުން ނަސޭހަތްދިނުން ނުވަތަ އިންޒާރުދިނުން.

(މ) ގެއްލުން ދިނުމާއި، ބިރުދެއްކުމާއި، އިންޒާރުދިނުން.

(ފ) ވިސްލްބްލޯކުރާ މީހަކާމެދު ހިންގޭ އެފަދަ އެހެންވެސް ކަންކަން.

 

18 ވަނަ މާއްދާ - ގާނޫނުއަސަސީއާއި، މުއާހަދާތަކާއި، ގާނޫނުތަކުން ލިބިދޭ ހައްގުތައް

މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކައުތެރިކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ލިބޭ އެންމެހައި ހައްގުތައް، ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.

 

ތިންވަނަ ބާބު

މައުލޫމާތު ހުށަހެޅުމާއި، ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލުތައް

 

19 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުމުގެ ހައްގު

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް މައުލޫމާތު ހުށަހެޅުމުގެ ހައްގު ވިސްލްބްލޯކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް މައުލޫމާތު ހާމަކުރުމުން، އެކަށީގެންވާ ގޮތެއްގައި އެ މައުލޫމާތު ތަހުގީގުކުރަމުން ގެންގޮސްފައި ނުވާނަމަ، ނުވަތަ ވަކި ފަރާތަކަށް މައުލޫމާތު ހުށަހަޅައިފި ނަމަ، ނުވަތަ ހެކި ނައްތައިލައި، ނުވަތަ ފޮރުވައި، ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވައި، ނުވަތަ ވިސްލްބްލޯކުރާ ފަރާތަށް ނުވަތަ އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެ ކަމަށް، ނުވަތަ އެ ފަރާތަށް މައުލޫމާތު ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގާބިލުކަން ލިބިގެންނުވާ ކަމަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، އެ ނޫން ފަރާތަކަށް އެ މައުލޫމާތެއް ހުށަހެޅިދާނެއެވެ.

(ނ) މިނިސްޓްރީގެ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ނުވަތަ އިދާރާގެ އިސްފަރާތަށް 
ނުވަތަ އެ ފަރާތުން ކަނޑައަޅައިފައިވާ ފަރާތަށް މައުލޫމާތު ހުށަހަޅައިފި ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ސީދާ އެ މައުލޫމާތު ހުށަހެޅުމުގެ އިހްތިޔާރު ވިސްލްބްލޯކުރާ ފަރާތަށް ލިބިގެންވެއެވެ.

(ރ) ގައުމީ ސަލާމަތަށް ނުރައްކައުވެދާނެ މައުލޫމާތެއް ހާމަކުރާނަމަ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީގެ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމެޓީއަށް ނުވަތަ އިދާރާގެ އެންމެ އިސްފަރާތަށް ނުވަތަ އެ ފަރާތުން ކަނަޑައަޅައިފައިވާ ފަރާތަށް ހުށަހެޅުމަކާ ނުލައި އެންމެ ފުރަތަމަ މަރުހަލާގައި ވެސް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅުމުގެ ހައްގު، މައުލޫމާތު ހާމަކުރާ ފަރާތަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ވިސްލްބްލޯކުރާއިރު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތު

މި ގަވާއިދުގެ ދަށުން ވިސްލްބްލޯ ކުރުމުގައި އަންނަނިވި މައުލޫމާތު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ފޯރުވައިދޭންވާނެއެވެ.

(ހ) ވިސްލްބްލޯކުރާ ފަރާތުގެ ފުރިހަމަނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ފަދަ، ކާކުކަން ކަށަވަރު ކުރެވޭނެ މައުލޫމާތު.

(ށ) ވިސްލްބްލޯކުރާ ފަރާތް މަސައްކަތް ކުރާ ތަނާއި، ކުރާ މަސައްކަތާއި، ގުޅޭނެ ފޯނު ނަންބަރާއި، އަދިވެސް ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ބޭނުންވެދާނެ ގުޅުންހުރި މުހިންމު މައުލޫމާތު.

(ނ) ވިސްލްބްލޯކުރާ މައްސަލަ ހިނގި ތަން ނުވަތަ މައްސަލަ ހިނގަމުންދާ ކަމަށް ބެލެވޭ ތަނާ ގުޅުންހުރި މުހިންމު މައުލޫމާތު.

(ރ) ވިސްލްބްލޯކުރާ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާނެ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިއުމެއް ވިސްލްބްލޯކުރާ ފަރާތަށް ލިބިފައިވާނަމަ، އެ މައުލޫމާތަކާއި ލިޔެކުއުމެއް.

(ބ) ވިސްލްބްލޯކުރާ މައްސަލައިގައި ށާމިލުވާ ނުވަތަ ށާމިލުވާނެކަމަށް ބެލެވޭ ފަރާތްތަކުގެ ނަމާއި، މަގާމާއި، ވަޒީފާ އަދާކުރާ ތަނުގެ މައުލޫމާތު ވިސްބްލޯކުރާ ފަރާތަށް އެނގޭނަމަ، އެ މައުލޫމާތު.

(ޅ) ވިސްލްބްލޯކުރާ މައްސަލައިގައި ތަހުގީގަށް ކުރިއެރުން ލިބޭފަދަ ހެކިންނާއި އެހެނިހެން މައުލޫމާތު އެނގޭނަމަ ، އެ މައުލޫމާތެއް.

 

21 ވަނަ މާއްދާ - ކާކުކަން ނޭނގޭ ގޮތަށް ވިސްލްބްލޯކުރާ ހާލަތުގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތު

ތިމާއަކީ ކާކުކަން ނޭނގޭ ގޮތަށް ވިސްލްބްލޯ ކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންނެވެ. އެގޮތުން، މި ގަވާއިދުގެ ދަށުން ކާކުކަން ނޭނގޭ ގޮތަށް ވިސްލްބްލޯކުރާ ހާލަތުގައި ވިސްލްބްލޯ ކުރުމުގައި، އަންނަނިވި މައުލޫމާތު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ފޯރުވައިދޭންވާނެއެވެ.

(ހ) ވިސްލްބްލޯކުރާ މައްސަލަ ހިނގި ތަން ނުވަތަ މައްސަލަ ހިނގަމުންދާ ކަމަށް ބެލެވޭ ތަނާ ގުޅުންހުރި މުހިންމު މައުލޫމާތު؛

(ށ) ވިސްލްބްލޯކުރާ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާނެ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިއުމެއް ވިސްލްބްލޯކުރާ ފަރާތަށް ލިބިފައިވާނަމަ، އެ މައުލޫމާތަކާއި ލިޔެކުއުމެއް.

(ނ) ވިސްލްބްލޯކުރާ މައްސަލައިގައި ށާމިލުވާ ނުވަތަ ށާމިލުވާނެކަމަށް ބެލެވޭ ފަރާތްތަކުގެ ނަމާއި މަގާމާއި ވަޒީފާ އަދާކުރާ ތަނުގެ މައުލޫމާތު، ވިސްބްލޯކުރާ ފަރާތަށް އެނގޭނަމަ، އެ މައުލޫމާތު.

(ރ) ވިސްލްބްލޯކުރާ މައްސަލައިގައި ތަހުގީގަށް ކުރިއެރުން ލިބޭ ފަދަ ހެކިންނާއި އެހެނިހެން މައުލޫމާތު އެނގޭނަމަ، އެ މައުލޫމާތެއް.

 

22 ވަނަ މާއްދާ - ވިސްލްބްލޯކުރުމުން ތަހުގީގުކުރުން

(ހ) ވިސްލްބްލޯ ކުރުމުން ، ތަހުގީގު ކުރުމަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށްމައުލޫމާތު ހުށަހަޅާތާ ނުވަތަ ހަވާލުކުރާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ، އަންނަނިވި ފިޔަވަޅުތައް އަޅަންވާނެއެވެ.

  1. ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރުމުގެ އިހްތިސާސް ކޮމެޓީއަށް ލިބިގެން ނުވާ ނަމަ، މައުލޫމާތު ހުށަހަޅާ ފަރާތަށް އެކަން އެންގުމަށްފަހު، އެ މައުލޫމާތު ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިގެންވާ ފަރާތަކަށް ނުވަތަ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައުލޫމާތު ހަވާލުކުރަންވާނެއެވެ.
  2. ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރުމުގެ އިހްތިސާސް ކޮމެޓީއަށްލިބިގެންވާނަމަ، މައުލޫމާތު ރަޖިސްޓަރީކޮށް، މައުލޫމާތު ހާމަކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ.
  3. އެ މައުލޫމާތަކީ މި ގަވާއިދުގެ ދަށުން ރައްކައުތެރިކަން ލިބިދޭ މައުލޫމާތަކަށް ނުވާނަމަ، ރައްކައުތެރިކަން ނުލިބޭ ސަބަބާއެކު، މައުލޫމާތު ހުށަހަޅާ ފަރާތަށް އެކަން އަންގަންވާނެއެވެ. މި ހާލަތުގައި ވެސް، މައުލޫމާތު ބަލައިގަންނަ ފަރާތުން،މައުލޫމާތު ހުށަހަޅާ ފަރާތުގެ ސިއްރުކުރަންޖެހޭ މައުލޫމާތު އެހެން ފަރާތަކާހިއްސާކޮށްގެން ނުވާނެއެވެ.

(ށ) ހުށަހަޅާ މައުލޫމާތެއް ރަޖިސްޓަރީކުރާ ދުވަހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މައްސަލަ ތަހުގީގުކޮށް ނިންމަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަކުރެވެން ނެތްކަމަށް ކޮމެޓީއަށް ފެނިއްޖެނަމަ، މި މުއްދަތު ހަމަވުމުގެ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ކުރިން، ތަހުގީގު ފުރިހަމަކުރުމަށް އިތުރަށްބޭނުންވާނެ 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން އިތުރު މުއްދަތެއް ކަނޑައަޅައި، މައުލޫމާތު ހުށަހަޅާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހުށަހަޅާ މައުލޫމާތު ތަހުގީގު ކުރުމުގައި، މައުލޫމާތުގައި ބަޔާންކޮށްފައިވާ ނޭދެވޭ އަމަލެއް ހިނގާކަން ނުވަތަ ނޫންކަން ވީ އެންމެ އަވަހަކަށް ކަނޑައަޅައި، އެ ކަމެއްގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޓަކައި، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުގެ ބާރު ކޮމެޓީއަށް ލިބިގެންވެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލައެއް ތަހުގީގު ކުރުމުގައި، ތަހުގީގު ކުރުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ ކޮންމެ މުއައްސަސާއެއްގެ އެހީތެރިކަމަށް އެދުމުގެ އިހްތިޔާރު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ލިބިގެންވެއެވެ. އަދި ތަހުގީގު ކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތެއްގެ ނުވަތަ އާންމު ފަރުދުންގެ އެހީތެރިކަން ވެސް ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ހޯދިދާނެއެވެ. އެހެންނަމަވެސް، މިފަދަ އެހީތެރިކަމަށް އެދޭއިރު، މައުލޫމާތު ހުށަހަޅާ ފަރާތުގެ ސިއްރުކުރަންޖެހޭ އެއްވެސް މައުލޫމާތެއް ހާމަނުވާނެ، އަދި މިނޫންވެސް ގެއްލުމެއް މައުލޫމާތު ހުށަހަޅާ ފަރާތަށް ނުލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި އިދާރާތަކުގެ މައްޗަށް ލާޒިމުކަމެކެވެ.

 

ހަތަރުވަނަ ބާބު

އެތެރޭގެ އިންތިޒާމު

 

23 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީ

މި ކޮމެޓީއަކީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ގާއިމުކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއެވެ. 

 

24 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރ

މި އޮފިސަރަކީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަމަޖެއްސޭ މުވައްޒަފެކެވެ. 

 

25 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީ އެކުލަވައިލުމާއި، ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރ ހަމަޖެއްސުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީ އެކުލަވައިލުމާއި، ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރ ހަމަޖެއްސުމުގައި އަމަލުކުރާނީ، ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް، ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންގެ 14 ވަނަ މާއްދާއާއި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

26 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީގެ ޒިންމާ

މި ގަވާއިދުގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީގެ ޒިންމާގެ ގޮތުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންކަމުގެ އިތުރުން، ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީގެ ޒިންމާތަކާއި މަސްއޫލިއްޔަތު، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މައުލޫމާތު ހުށަހެޅޭނެ އިންތިޒާމްތައް ގާއިމުކުރުން.

(ށ) މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަތުން.

(ނ) މައުލޫމާތު ހުށަހަޅާ ފަރާތުގެ ވަނަވަރާއި، ޒާތީ އެހެނިހެން މައުލޫމާތު ސިއްރުކުރުން.

(ރ) މައުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކުރުން.

(ބ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ގާނޫނަކުން ވަކި އިދާރާއަކަށް ތަހުގީގު ކުރުމުގެ އިހްތިސާސް ދީފައިވާ މައްސަލައެއް އޮތްނަމަ، އެ ކަމެއް ތަހުގީގު ކުރުމަށް އެ އިދާރާއަކަށް ފޮނުވުން.

(ޅ) ހުށަހެޅޭ މައްސަލައެއްގައި ވަކި ފަރާތަކަށް ރައްކައުތެރިކަން ދޭންޖެހޭކަމަށް ގަބޫލުކުރެވޭނަމަ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސަމާލުކަމަށް އެކަން ގެނައުން؛

(ކ) ވިސްލްބްލޯ ކުރުމުން ބަދަލު ހިފުމާ ގުޅޭގޮތުން ހުށަހަޅާ މައުލޫމާތު، ވިސްލްބްލޯކޮށްގެން ހުށަހަޅާ އާންމު އެހެނިހެން މައުލޫމާތާ އެއް އުސޫލަކުން ތަހުގީގު ކުރުން.

(އ) ތަހުގީގު ރިޕޯޓް އެކުލަވައިލައި އާންމުކުރުން.

(ވ) ވިސްލްބްލޯކުރާ ފަރާތްތަކުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ވަޒީފާ އަދާކުރާ ތަނާއި، އަދާކުރާ ވަޒީފާގެ މައުލޫމާތު ހިމެނޭނެހެން، ވިސްލްބްލޯކުރާ ފަރާތްތަކުގެ ދަފުތަރު ލިޔެ، މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން އެ މުވައްޒަފެއްގެ މަސައްކަތުގެ ބާވަތުން ކޮންމެހެން ފެންނަންޖެހޭ މުވައްޒަފަކަށް ނޫނީ ނުފެންނާނެގޮތަށް ބެލެހެއްޓުން.

(މ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ޒިންމާތައް އަދާކުރުން.

 

27 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީގެ ބައްދަލުވުންތައް

ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީގެ ބައްދަލުވުންތައް، އަންނަނިވި އުސޫލުތަކާ އެއްގޮތަށް ބާއްވަމުން ގެންދަންވާނެއެވެ.

(ހ) މައްސަލައެއް ހުށަހެޅުމާއެކު، 3 (ތިނެއް) ދުވަހުގެ ތެރޭގައި ބައްދަލުވުމެއް ބާއްވައި، މައްސަލަ ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައަޅައި، މައުލޫމާތު ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ) ޗުއްޓީގައި ނުވަތަ ރަސްމީ މަސައްކަތެއްގައި ރަށުން ބޭރަށް ދާންޖެހުން ފަދަ ސަބަބަކާ ގުޅިގެން، މައުލޫމާތު ހުށަހެޅި ތާރީހުން ފެށިގެން ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ކޯރަމް ނެތި 3 (ތިނެއް) ދުވަސް ވާނެކަމަށް ގަބޫލުކުރެވޭނަމަ، ކޮމިޓީ މެންބަރުންގެ ތެރެއިން އެ ވަގުތު ތިބި މެންބަރުން އެ މައްސަލައިގެ އިހްތިސާސް ލިބިގެންވާކަން ނުވަތަ ނޫންކަމަށް ކަނޑައަޅައި، ކޮމިޓީގެ ދެން ތިބި މެންބަރުންނާ ލިޔުމުން އެ މައުލޫމާތު ހިއްސާކޮށް، މައްސަލަ ހުށަހެޅި ފަރާތަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަވާބުދޭންވާނެއެވެ.

(ނ) މައްސަލައިގެ ތަހުގީގާ ގުޅިގެން މަށްވަރާކުރުމަށް ގަވާއިދުން ބައްދަލުވުންތައް ބާއްވައި، ޔައުމިއްޔާތައް ލިޔަންވާނެއެވެ. އަދި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން އެދިއްޖެ ހިނދެއްގައި އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

(ރ) މައްސަލައިގައި ގޮތެއް ނިންމުމަށް ބައްދަލުވުންތައް ބާއްވައި، މައްސަލައާ ގުޅިގެން ނިންމާ ނިންމުމުގައި ސޮއިކުރަންވާނެއެވެ.

(ބ) ކޮންމެ 3 (ތިނެއް) މަހަކުން ކޮމިޓީގެ އާންމު ބައްދަލުވުންތައް ބާއްވައި، ބައްދަލުވުމުގެ ޔައުމިއްޔާތައް ލިޔަންވާނެއެވެ. މީގެ އިތުރުންވެސް، މައްސަލަތަކާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ގަވާއިދުން ބާއްވަންވާނެއެވެ.

(ޅ) ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި، މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އެނގޭނެ އެއްވެސް މައުލޫމާތެއް ހިމަނައިގެން ނުވާނެއެވެ. 

 

28 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއާއި ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރ އެ މަސައްކަތުން ވަކިކުރުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންގެ 14 ވަނަ މާއްދާގެ (ހ) އާއި

(ށ) ގައި ބަޔާންކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއާއި ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރ އެ މަސައްކަތުން ވަކިކުރަންވާނެއެވެ.

  1. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، މި ގާނޫނުގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކުރުން ؛
  2. ވަޒީފާއިން ވަކިކުރުން ނުވަތަ ވަޒީފާއިން ވަކިވުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިނުވަނީސް ނުވަތަ ވިސްލްބްލޯ ކުރުމުގެ ގޮތުން ހުށަހަޅާ މައުލޫމާތުތައް، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، މި ގާނޫނުގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުނުވާ ގޮތަށް ކުރާ ކަމަކާ ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާ ގުޅިގެން އެ މަސައްކަތުން އޭނާ ވަކިކޮށްގެން ނުވާނެއެވެ. މިފަދައިން އަމަލުކޮށްފި ނަމަ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް އެކަން ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފައިވާކަމަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކާމެދު ފިޔަވަޅު އަޅައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވަންވާނެއެވެ.

 

29 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއާއި ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރުގެ މުއްދަތު

(ހ) ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއާއި ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރ އައްޔަނު ކުރަންވާނީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، ކުރިޔަށް އޮތް 2 (ދޭއް) އަހަރުދުވަހަށް އައްޔަނުކުރާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއާއި ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރުންގެ މައުލޫމާތު، ވިސްލްވްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް އަންގަންވާނެއެވެ.

(ނ) ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންގެ 17 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ފަރާތްތައް ފިޔަވައި، އެހެން ކޮންމެ ފަރާތެއް، ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއާއި ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރުގެ މަގާމަށް، އަލުން އެއްފަހަރު، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަކަށް އެ މަސައްކަތްތަކަށް ހަމަޖެއްސިދާނެއެވެ.

 

30 ވަނަ މާއްދާ - ވަކި އީމެއިލް އެޑްރެހެއް ގާއިމުކުރުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށާއި ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރަށް ވަކި އީމެއިލް އެޑްރެހެއް ގާއިމުކޮށްދޭންވާނެއެވެ. މި އީމެއިލް އެޑްރެހަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީގެ މެންބަރުންނަށާއި ވިސްލްބްލޯވަރ ޕްރޮޓެކްށަން އޮފިސަރު ފިޔަވައި އެހެން ފަރާތަކަށް އެކްސެސް ދީގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އީމެއިލް މެދުވެރިކޮށް ވިސްލްބްލޯ ކުރުމުގެ ގޮތުން، މައުލޫމާތާއި ށަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތްކަން މުވައްޒަފުންނަށް އަންގައިދިނުމަކީ އެ އިދާރާއާއި އެތެރޭގެ އިންތިޒާމުގެ ޒިންމާއެކެވެ.

 

31 ވަނަ މާއްދާ - އެތެރޭގެ އިންތިޒާމުތަކާ ގުޅޭ އެހެނިހެން ކަންކަން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކުރާ އެންމެހައި އެތެރޭގެ އިންތިޒާމުތައް މި ގަވާއިދުގެ  ދަށުން ހަމަޖައްސަން ޖެހޭނެއެވެ.

(ށ) އެތެރޭގެ އިންތިޒާމުގެ އެންމެހައި މަސައްކަތްތައް ކުރުމުގައި، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކުރާ އެންމެހައި ކަންކަން، ބަޔާންކޮށްފައިވާ ގޮތަށް،މި ގަވާއިދުގެ ދަށުން ކުރަންޖެހޭނެއެވެ.

(ނ) އެތެރޭގެ އިންތިޒާމުގައި ހިމެނޭ އެއްވެސް ފަރާތަކަށް އިންޒާރު ދިނުމާއި ބިރުދެއްކުމާއި އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 511 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

(ރ) އެތެރޭގެ އިންތިޒާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، މި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން، އެތެރޭގެ އިންތިޒާމުގައި ހިމެނޭ އެއްވެސް ފަރާތަކުން ރަސްމީ ހައިސިއްޔަތުން ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު މަދަނީ ދައުވާއެއް ނުވަތަ ޖިނާއީ އެއްވެސް ދައުވާއެއް ނޫފުލޭނެއެވެ. އަދި އިދާރީ އެއްވެސް ފިޔަވަޅެއް ވެސް ނޭޅޭނެއެވެ.

 

ފަސްވަނަ ބާބު

ހޭލުންތެރިކަން އިތުރުކުރުމާއި ދިރާސާތައް ކުރިއަށްގެންދިއުން

 

32 ވަނަ މާއްދާ - ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން

ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދައުލަތުގެ އެތެރޭގެ އިންތިޒާމްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް، އެ އިދާރާއެއްގެ ހުރިހާ މުވައްޒަފުންނަށް، މަދުވެގެން އަހަރަކު 2 (ދޭއް) ފަހަރު އެތެރޭގެ އިންތިޒާމްތަކުން ހިންގައި، މި ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީ އެނގޭނެގޮތަށް ޕްރޮގްރާމްތަކުގެ މައުލޫމާތު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓާ ހިއްސާކުރަންވާނެއެވެ.

 

ހަވަނަ ބާބު

އެހެނިހެން

 

33 ވަނަ މާއްދާ - އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވުން

މި ގަވާއިދުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމަކާމެދުގައި ގޮތެއް ކަނޑައަޅާނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތެ އްގެ މަތިންނެވެ. އަދި ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ގޮތެއް ނިންމާނީ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ލަފާގެމަތިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

 

34 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބަދަލު ހިފުން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯކުރާ ފަރާތަކާ ދެކޮޅަށް ވަޒީފާގެ މާހައުލުގައި، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހައި އިދާރާތަކަށެވެ.

(ނ) "ވިސްލްބްލޯކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މައްދާގައި ބަޔާންކޮށްފައިވާ އަމަލުތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ހުށަހެޅުމަށެވެ.

(ރ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކުރުން ލާޒިމްކޮށްފައިވާ ޔުނިޓަށެވެ.

(ބ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ގާއިމުކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީއަށެވެ.

(ޅ) "ނުކުޅެދެންތެރިކަން ހުންނަ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 54/2021 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު) ގެ 5 ވަނަ މާއްދާގައި "ނުކުޅެންދުންތެރިކަމުގެ ގިންތިތައް" ކަމަށް މާނަކޮށްފައިވާ ފަރާތްތަކަށެވެ.

(ކ) "ރައްކައުތެރިކަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ.

  1. "ވަޒީފާގެ ރައްކައުތެރިކަން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯ ކުރީތީ ވިސްލްބްލޯކުރާ ފަރާތުގެ ވަޒީފާއަށާއި ވަޒީފާގެ މަސްއޫލިއްޔަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
  2. "ވިސްލްބްލޯކުރާ ފަރާތުގެ މައްޗަށް ދައުވާކުރުމާއި އިދާރީ ފިޔަވަޅު ނޭޅުމުގެ ރައްކައުތެރިކަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން ވިސްލްބްލޯކުރާ ފަރާތުގެ މައްޗަށް މަދަނީ ދައުވާތަކާއި، ޖިނާއީ ދައުވާތައް ކުރުމުންނާއި، އިދާރީ ފިޔަވަޅުތައް އެޅުމުން ރައްކައުތެރިކަން ލިބިގެންވުމަށެވެ.
  3. "ޖިސްމާނީ ރައްކައުތެރިކަން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯ ކުރީތީ، ވިސްލްބްލޯ ކުރި ފަރާތަށް ނުވަތަ އޭނާގެ އާއިލާއަށް ޖިސްމާނީގޮތުން ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮވެގެން ނުވަތަ އޭނާގެ މުދަލަށް ގެއްލުމެއް ލިބިދާނެ ބިރު އޮވެގެން، ގަވާއިދުގެ މާއްދާގެ ދަށުން ހިއުމަންރައިޓްސް ކޮމިށަނަށް އެކަން ހުށަހެޅުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޭނާއާއި އޭނާގެ އާއިލާއާއި މުދަލަށް ލިބެންޖެހޭ ރައްކައުތެރިކަމާއ ހިމާޔަތަށެވެ.
  4. "އެހެން ފަރާތްތަކަށް ރައްކައުތެރިކަން ލިބިދިނުން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯ ކުރުމާ ގުޅިގެން ކުރާ ތަހުގީގަކަށް އަމިއްލަ އިސްނެގުމުގައި އެހީތެރިވާ، ނުވަތަ ބައިވެރިވާ، ނުވަތަ އެހެންވެސް ގޮތަކުން އެއްބާރުލުންދޭ ކޮންމެ ފަރާތަކަށްވެސް، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައްރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ ބާބުން ވިސްލްބްލޯކުރާ ފަރާތަށް ކަށަވަރުކޮށްދީފައިވާ ކޮންމެ ރައްކައުތެރިކަމެއް އެ ފަރާތަށްވެސް ލިބޭނެ ކަމަށެވެ.

(އ) "މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، މައްސަލަ ނުވަތަ ށަކުވާގެ މާނައިގައެވެ.

(ވ) "ނޭދެވޭ އަމަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ އަމަލަކަށެވެ.

 

35 ވަނަ މާއްދާ - އުސޫލަށް އަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

36 ވަނަ މާއްދާ - ޖަދުވަލަކީ ގަވާއިދުގެ ބައެއް ކަމުގައި ކަނޑައެޅުން

މި ގަވާއިދުގެ ޖަދުވަލު 1 އާއި، ޖަދުވަލު 2 އާއި، ޖަދުވަލު 3 އާއި، ޖަދުވަލު 4 އާއި، ޖަދުވަލު 5 އެއީ މި ގަވާއިދުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ މި ޖަދުވަލުތައް ހިމަނައިގެންނެވެ.

 

މައި ގާނޫނު

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު