-

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-54)

(މި ގަވާއިދުންވަނީ ގަވާއިދު ނަންބަރު 2011-03 އުވާލެވިފައި)

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 33 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންވެފައި މިވަނީއެވެ.

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުން.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމާބެހޭ އެންމެހައި މަސައްކަތްތައް، އެއް އުސޫލެއްގެ ދަށުން ކުރުން.

(ނ) ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ އިނާޔަތްތައް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން.

(ރ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ނުކުޅެދުންތެރިކަން މާނަކުރުން

(ހ) ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ކަނޑައަޅައިފައިވަނީ، ދިގު މުއްދަތުގެ ޖިސްމާނީ، ނުވަތަ ނަފްސާނީ، ނުވަތަ ހިއްސުތަކުގެ ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.

(ށ) އުނިކަމެއް ހުންނަކަމަށް ކަނޑައެޅޭ ކޮންމެ މީހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުގައި ކަނޑައެޅޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ނުކުޅެދުންތެރިކަން މާނަކުރެވޭނެ ގޮތްތަކާއި، ހަމަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އަށް ބަލައިގެންނެވެ.

 

4 ވަނަ މާއްދާ - ނުކުޅެދުންތެރިކަން މާނަކުރުމުގައި ހިމެނޭ ކަންތައްތައް

ނުކުޅެދުންތެރިކަން މާނަކުރުމުގައި، އަންނަނިވި މައިގަނޑު 3 (ތިނެއް) ކަންތަކަށް ބެލެވޭނެއެވެ.

(ހ) އުނިކަން.

(ށ) ދިގު މުއްދަތަކަށް ދެމިގެންދާ އުނިކަމެއް ހުރުން.

(ނ) އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގައި ހަމަހަމަކަމާއެކު ބައިވެރިވެ އުޅުމަށް ދަތިވުން.

 

5 ވަނަ މާއްދާ - ނުކުޅެދުންތެރިކަމުގެ ގިންތިތައް

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންކަމުގައި ބަލާނީ، ތިރީގައިވާ ހާލަތްތަކުގައިވާ މީހުންނެވެ.

(ހ) ފެނުމުގެ ނުކުޅެދުންތެރިކަން.

(ށ) އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން.

(ނ) ޖިސްމާނީ ނުކުޅެދުންތެރިކަން.

(ރ) ވިސްނުމުގެ ނުކުޅެދުންތެރިކަން/ސިކުނޑީގެ ނުކުޅެދުންތެރިކަން.

(ބ) ނަފްސާނީ ނުކުޅެދުންތެރިކަން.

(ޅ)  އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް.

(ކ) އުނގެނުމުގެ ނުކުޅެދުންތެރިކަން.

(އ) މަލްޓިޕަލް ޑިސްއެބިލިޓީ (ނުކުޅެދުންތެރިކަމުގެ އެއްކަމަށްވުރެ ގިނަ ކަންކަން  ހުރުން).
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުން

 

6 ވަނަ މާއްދާ - ނުކުޅެދުންތެރިކަމުގެ މިންވަރު ކަނޑައެޅުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުވައިދިނުމަށް ޓަކައި ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައެޅުމުގެ އާންމު އުސޫލުތައް، ތިރީގައި މިވަނީއެވެ.
 
 
(ހ) ހަރަކާތްތެރިވުމަށް ދަތިވާ މިންވަރު (Functional loss):

  1. ހަރަކާތްތެރިވުމަށް ދަތިވާ މިންވަރު ދެނެގަންނާނީ، އުފަންވީއިރު ހުރި އުނިކަމެއްގެ ސަބަބުން، ނުވަތަ ބައްޔެއްގެ ސަބަބުން، ނުވަތަ ދިމާވި ހާދިސާއަކާ ގުޅިގެން ލިބުނު އުނިކަމެއްގެ ސަބަބުން ގުނަވަނެއްގެ   ބޭނުން ނުކުރެވޭ މިންވަރު ބެލުމަށް ހާއްސަކޮށްފައިވާ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުން ހަރަކާތްތެރިވުމަށް ދަތިވާ މިންވަރުބަލާ ފޯމު" ގެ ނަތީޖާއަށް ބަލައިގެންނެވެ. 
  2. މި މާއްދާގެ (ހ) ގެ މަގުސަދަށް ޓަކައި، ގުނަވަނެއް ބުރިކޮށްލައިފައިވާނަމަ، ނުކުޅެދުންތެރިކަމުގެ މިންވަރު ބަލާނީ، އެ ގުނަވަނެއް ބުރިކޮށްލައިފައިވާ މިންވަރާއި، އިތުރު ކަމެއް ހުރިނަމަ އެ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހުގައެވެ. 

(ށ) ހަރަކާތްތެރިވެ އުޅުމަށް އެ ގުނަވަނެއްގެ ބޭނުންޖެހޭ މިންވަރު (Individual functional need)

ހަރަކާތްތެރިވެ އުޅުމަށް ބޭނުންޖެހޭ މިންވަރު ދެނެގަތުމުގައި އެކިއެކި ގުނަވަންތަކަށް ހާއްސަވެފައިވާ ދައުރު އަދާކުރުމުގައި އެ ގުނަވަނެއް މަސައްކަތްކުރާ މިންވަރަށް ބަލާންވާނެއެވެ. ނަމަވެސް މިކަން ބެލުމުގައި، އެ މީހެއްގެ އުމުރާއި، ކުރާ މަސައްކަތާއި، އިޖުތިމާއީ ހާލަތާއި، ވަކި މީހަކަށް އެ ގުނަވަނެއްގެ ބޭނުންޖެހޭ މިންވަރަށް ބަރޯސާވެގެން ނުވާނެއެވެ.

(ނ) މިންކުރާ މީހާގެ އަމިއްލަ ނިންމުން (Personal opinion of assessor)

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އަމިއްލައަށް ފެންނަ ގޮތެއްގެ މައްޗަށް ބިނާކޮށްގެން ކަންކަން ނިންމުމުގެ އިހުތިޔާރު، މިންކުރާ މީހާއަށް ލިބިގެނެއް ނުވެއެވެ.

(ރ) ހަރަކާތްތެރިވެ އުޅުމަށް ދަތިވާ މިންވަރު އިންސައްތައިން ކަނޑައެޅުން (percentage on extent of functional loss)

  1. އުނިކަން ހުރި މިންވަރު ކަނޑައެޅުމަށް ޓަކައި ހަށިގަނޑުގެ އުނިކަން ހުރި ބައިތައް ބޭނުން ކުރެވޭ މިންވަރަށް ބަލާންޖެހޭނެއެވެ. (މިސާލަކަށް؛ އަތް ބޭނުންކުރެވޭ މިންވަރު ބެލުމުގައި، އަތުގެ ބައިތައް ހަރަކާތްކުރާ މިންވަރަށް ބެލިދާނެއެވެ. އެގޮތުން، އަތުގެ ބައިތައް ކަމުގައިވާ އަތްތިލައާއި އަތްދަނޑި ހަރަކާތްކުރެވޭ މިންވަރު ބަލާންވާނެއެވެ. އަދި އަތްދަނޑީން ހަރަކާތް ކުރެވޭ މިންވަރު ބެލުމަށް ޓަކައި މަސްގަނޑުގައި ބާރު ހުރި މިންވަރާއި، ހަރަކާތްކުރެވޭ މިންވަރާއި، ތަފާތު މަސައްކަތް ކުރުމަށް އެހެން ގުނަވަންތަކާ ގުޅިގެން (coordinate) ހަރަކާތްކުރެވޭ މިންވަރު ވެސް ބަލާންވާނެއެވެ.)
  2. މިގޮތުގެ މަތިން ކަނޑައެޅޭ އުނިކަމުގެ މިންވަރު، ތިރީގައިވާ 3 (ތިނެއް) ބައިގެ ތެރެއިން ބަޔަކަށް ބަހައިލާންވާނެއެވެ. 
    2.1 އުނިކަމެއް ނެތް (no loss)
    - ހަރަކާތްތެރިވެ އުޅުމުގައި އިތުރު އެހީތެރިކަމެއް ބޭނުން ނުވުން.
    2.2 ހަރަކާތްތެރިވެ އުޅުމުގައި ކޮންމެވެސް މިންވަރަކަށް އުނިކަން ހުރުން (partial loss)
    - ހަރަކާތްތެރިވެ އުޅުމުގައި ކޮންމެވެސް ވަރަކަށް ދަތިވިނަމަވެސް، އެހީތެރިކަމާއެކު ހަރަކާތް ކުރެވޭ.
    2.3 އެއްކޮށް އުނިކަން ހުރުން (total loss)
    - އެހީތެރިކަމާއެކުވެސް ހަރަކާތްތެރިވެ ނޫޅެވުން.

(ބ) އުނިކަމުގެ އެއްކަމަށްވުރެ ގިނަ ކަންކަން (multiple impairment) އިންސައްތައިން ކަނޑައެޅުން:

  1. އެއް އުނިކަމުގެ އެއްކަމަށްވުރެ ގިނަ ކަންކަން ހުރިނަމަ، ނުވަތަ ހަށިގަނޑުގެ އެއްބަޔަށްވުރެ ގިނަ ބައިތަކަށް އުނިކަން ދިމާވެފައިވާނަމަ، ހާއްސަ ދާއިރާތަކުން ހަދައިފައިވާ ޓެސްޓުތަކުގެ ނަތީޖާ އެއްކުރަން، އުނިކަން ހުރި މިންވަރު ކަނޑައަޅާ ފަރާތްތަކަށް އަންގާންވާނެއެވެ. އަދި އެންމެ ފަހުގެ ނަތީޖާ ވާންވާނީ، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ތަފާތު ހުރިހާ އުނިކަމެއްގެ މައްޗަށް ދެވޭ ޖުމުލަ އަދަދަކަށެވެ.
  2. އުނިކަމުގެ އެއްކަމަށް ވުރެ ގިނަ ކަންކަމުގެ ޖުމުލަ އަދަދު ހޯދުމަށް ބޭނުންކުރާނީ، a+b (90 – a) /90 އެވެ. "a" އަކީ، އެންމެ ބޮޑަށްހުރި އުނިކަމެވެ. އަދި "b" އަކީ، ދެން އެންމެ ބޮޑަށް ހުރި އުނިކަމެވެ. އެހެން ނަމަވެސް މުޅި ޖުމުލަ އުނިކަމުގެ މިންގަނޑު 100% (ސައްތައިން ސައްތަ) އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

(ޅ) އެސެސްމަންޓް ހެދުމަށް ހުއްދަކޮށްފައިވާ ފަރާތްތައް (authority)

- ނުކުޅެދުންތެރިކަން ހުންނަ މީހުން ހަރަކާތްތެރިވެ އުޅުމަށް ދަތިވާ މިންވަރު ބެލުމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމުގެ ހުއްދަ ދެވިފައިވަނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ. ނުކުޅެދުންތެރިކަން މާނަކުރުމުގައި ނުވަތަ މިންގަނޑު ކަނޑައެޅުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެ ކަމުގައި ގޮތް ނިންމާނީ،   މި ގަވާއިދުގެ ރޫހާ ހިލާފުނުވާނޭ ގޮތެއްގެ މަތީން އޭޖެންސީންނެވެ.

 

7 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުން ހަރަކާތްތެރިވެ އުޅުމަށް ދަތިވާ މިންވަރު ބެލުން

މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުން ހަރަކާތްތެރިވެ އުޅުމަށް ދަތިވާ މިންވަރު ބެލުމަށް ހާއްސަކޮށްފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުން ހަރަކާތްތެރިވުމަށް ދަތިވާ މިންވަރު ބަލާ ފޯމު" ފުރުމުގެ ހުއްދަ ލިބިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

(ހ) އޭޖެންސީގެ މުވައްޒަފުންގެ ތެރެއިން މި އެސެސްމެންޓްތައް ހެދުމަށް ތަމްރީނުވެފައިވާ މުވައްޒަފުން.

(ށ) މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުންގެ ތެރެއިން މި އެސެސްމެންޓްތައް ހެދުމަށް ތަމްރީނުވެފައިވާ މުވައްޒަފުން.

(ނ) މިނިސްޓްރީ އޮފް ހެލްތުގެ ޕަބްލިކް ހެލްތް ޔުނިޓްތަކުގެ ދަށުން މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި އެސެސްމެންޓްތައް ހެދުމަށް ތަމްރީނުވެފައިވާ މުވައްޒަފުން.

(ރ) މިނިސްޓްރީ އޮފް ހެލްތުން ހުއްދަ ދީފައިވާ، ނަފްސާނީ ބަލިތަކާބެހޭ ސިއްހީ ހިދުމަތްތެރީންގެ ތެރެއިން މި އެސެސްމެންޓްތައް ހެދުމަށް ތަމްރީނުވެފައިވާ މުވައްޒަފުން.
ދަފުތަރު އެކުލަވައިލުމާއި، މީހުން ހިމެނުން

 

8 ވަނަ މާއްދާ - ދަފުތަރުގައި މީހުން ހިމެނުން

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނުމަށް އެދެންވާނީ، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ފޯމުންނެވެ. މި ފޯމު، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއު ކުރާންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ދިވެހި ރައްޔިތެއްގެ ތެރެއިން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭ ފަރާތްތަކެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުވައިދިނުމަށް ދަފުތަރު ކުރެވޭނީ، ބޭހުން ނުވަތަ އެހެން ފަރުވާއަކުން ވެސް، ލިބިފައިވާ އުނިކަން ރަނގަޅުވުމުގެ ފުރުސަތު ހަނިކަމަށް، ނުވަތަ އެ ފުރުސަތު ނެތްކަމަށް އޭޖެންސީއަށް ޔަގީންވުމުންނެވެ.

(ރ) ނުކުޅެދުންތެރިކަން ހުރި ކަމުގައި ބެލެވޭނީ، 1 (އެކެއް) އަހަރުދުވަހަށްވުރެ ގިނަ ދުވަހު އެ ހާލަތު ތަހައްމަލު ކޮށްފައިވާ، ނުވަތަ ކުރިޔަށް އޮތް 1 (އެކެއް) އަހަރުދުވަހު ވެސް އެ ހާލަތު ތަހައްމަލުކުރާން ޖެހޭނޭކަމަށް ޔަގީންވާ ހާލަތްތަކުގައެވެ. ނަމަވެސް 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ވަގުތީގޮތުން ދަފުތަރުގައި ރަޖިސްޓަރީ ކުރެވިދާނެއެވެ. ސަރޖަރީ (corrective surgery) އިން ރަނގަޅުކުރެވޭ ކަންކަމުގައި ހާއްސަ އުސޫލުތަކެއް ކަނޑައެޅިފައެއް ނުހުންނާނެއެވެ. އެންމެ ރަނގަޅު ގޮތަކީ، މިފަދަ ސަރޖަރީއަށްފަހު ހާލަތު ބަދަލު ނުވެއްޖެނަމަ، ދަފުތަރުގައި ހިމެނުމެވެ. އެހެން ނަމަވެސް، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން، މީހާގެ އުމުރާއި، މާހައުލާއި، ހާލަތާއި، ލިބެންހުރި ސިއްހީ ހިދުމަތްތަކަށް ބަލާންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަގުތީގޮތުން ދަފުތަރުގައި ރަޖިސްޓަރީ ކުރެވިދާނެއެވެ. އަދި ސަރޖަރީ (corrective surgery) އިން ރަނގަޅުކުރެވޭ ކަންކަމުގައި ހާއްސަ އުސޫލުތަކެއް ނެތަތީ، މިފަދަ ސަރޖަރީއަށްފަހު ހާލަތު ބަދަލު ނުވެއްޖެނަމަ ދަފުތަރުގައި ހިމެނުމަށް އެދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ދަފުތަރު ކުރުމަށް ނިންމުމުގެ ކުރިން، އެ މީހާގެ އުމުރާއި، މާހައުލާއި، ހާލަތާއި، ލިބެންހުރި ސިއްހީ ހިދުމަތްތަކަށް ބެލެވޭނެއެވެ.

 

9 ވަނަ މާއްދާ - ދާއިމީ އެހީ ހަމަޖައްސައިދިނުމާއި،  ވަގުތީގޮތުން އެހީ ހަމަޖައްސައިދިނުން

(ހ) ދާއިމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހާލަތަށް ރިއާޔަތްކޮށްފައި ދަފުތަރުގައި ހިމަނައި، ދާއިމީގޮތެއްގައި އެ ފަރާތްތަކަށް މާލީ އެހީތެރިކަން ހަމަޖައްސައިދޭންވާނެއެވެ. 

(ށ) ދިމާވެފައިވާ ވަގުތީ ނުކުޅެދުންތެރިކަމަކަށް ރިއާޔަތްކޮށް، 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަކަށް ދަފުތަރުގައި ހިމަނައި،  އެ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި މާލީ އެހީތެރިކަން ހަމަޖައްސައިދެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ކަނޑައަޅާނީ، އެހީ ލިބޭ ފަރާތުގެ ސިއްހީ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، ބޭހުން ނުވަތަ އެހެން ފަރުވާއަކުން ވެސް، ލިބިފައިވާ އުނިކަން ރަނގަޅުވުމުގެ ފުރުސަތުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް އޭޖެންސީންނެވެ.

(ރ) އަލުން އެސެސް ކުރާންޖެހޭ މުއްދަތު ކަނޑައެޅުމުގެ އިހްތިޔާރު އޭޖެންސީއަށް ލިބިގެންވެއެވެ. އަދި މި ގޮތަށް އެސެސް ކުރާންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

19 ވަނަ މާއްދާ - ދަފުތަރުގައި ހިމެނުމަށް ހުށަހަޅާންޖެހޭ މައުލޫމާތު

މި ގަވާއިދުގެ ބޭނުމަށް ޓަކައި، ނުކުޅުދުންތެރިކަން ހުރިކަން ބަޔާންކޮށް ލިޔުން ދޫކުރެވޭނީ، ތިރީގައިވާ ފަރާތްތަކަށެވެ.

(ހ) ސަރުކާރުން ހިންގާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން.

(ށ) ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަ ލިބިފައިވާ ސްޕެށަލިސްޓުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، ނުކުޅެދުންތެރިކަން ކަނޑައެޅުމަށް ބޭނުންވާ ޓެސްޓުތަކާއި ތަހުލީލުތައް ރާއްޖެއިން ހެދެން ނެތް ހާލަތްތަކުގައި، އެކަމަށް ރާއްޖެއިން ބޭރުން ހަދައިފައިވާ ޓެސްޓުތަކާއި ތަހުލީލުތަކުގެ ރިޕޯޓް ހުށަހެޅުމުން، އެފަދަ ލިޔެކިޔުންތަކަށް ބަލައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ފޯރުވައިދިނުމުގެ އެންމެހައި ކަންކަމުގެ އިންތިޒާމް ކުރާނީ އޭޖެންސީންނެވެ. 

 

11 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނުމަށާއި މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު އެޕްރޫވްކުރުން

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނުމަށާއި މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު އެޕްރޫވް ކުރާނީ، މި ގަވާއިދުގެ     ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކުންނެވެ.

(ށ)  މައުލޫމާތު ފުރިހަމަކޮށް ހުރިހާ ލިޔެކިޔުންތައް ހަމަކޮށްފައި ހުށަހަޅާ ފޯމުތައް އެޕްރޫވްކުރުމަށްފަހު، އެ ފަރާތްތައް ރަޖިސްޓަރީކޮށް، އިނާޔަތް ދޭ ބަޔެއްގެ ގޮތުގައި ދަފުތަރުކުރެވި، ޖެހިގެން އަންނަ މީލާދީ މަހުން ފެށިގެން އެހީ ލިބެން ފަށާނެއެވެ.
އެލަވަންސް ދިނުމާއި، އެލަވަންސް ދިނުން ހުއްޓައިލުމާއި،  ދަފުތަރުން މީހުން އުނިކުރުން

 

12 ވަނަ މާއްދާ - އެލަވަންސް ދިނުން

(ހ) މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލިސްޓު އޭޖެންސީއަށް ފޮނުވުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ އިނާޔަތް، އެ މީހަކު ދަފުތަރުގައި ރަޖިސްޓަރީކުރި މަހުން ފެށިގެން ދަފުތަރުން އުނިކުރުމާ ހަމައަށް، ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން، އެ މީހެއްގެ ނަމުގައި ހުޅުވައިފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްދޭންވާނެއެވެ.
 
 
(ށ) އަމިއްލަޔަށް ބޭންކް އެކައުންޓް ބެލެހެއްޓޭ ވަރުގެ ގާބިލުކަން ލިބިފައި ނުވާ ނަމަ، ނުވަތަ މަގުބޫލު އެހެން އުޒުރެއް މެދުވެރިވެފައިވާ ނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ އިނާޔަތް، އެ މީހެއްގެ ބެލެނިވެރިޔާއާއެކު ނުވަތަ ބަލަދުވެރިޔާއާއެކު ހުޅުވައިފައިވާ ޖޮއިންޓް އެކައުންޓަކަށް ޖަމާކޮށްދެވިދާނެއެވެ.

(ނ) އަމިއްލަ ނަމުގައި، ނުވަތަ ބެލެނިވެރިޔާއާއެކު/ ބަލަދުވެރިޔާއާއެކު ޖޮއިންޓް އެކައުންޓެއް ހުޅުވުމަށް އުޒުރުވެރިވާ ފަރާތްތަކުގެ ހާލަތަށް ރިއާޔަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ އިނާޔަތް، އެ ފަރާތުގެ ބެލެނިވެރިޔާގެ އެކައުންޓަށް ނުވަތަ ބަލަދުވެރިޔާގެ އެކައުންޓަށް ޖަމާކޮށްދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - އެލަވަންސް ދިނުން ހުއްޓައިލުން

އަންނަނިވި ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ، ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް ދެމުންދާ އެލަވަންސް ދިނުން ހުއްޓައިލާންވާނެއެވެ.

(ހ) ނުކުޅެދުންތެރިކަން ހުރި ފަރާތުން، ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކުރިކަން ސާބިތުވެ، އެ ކުށުގެ އަދަބު ތަންފީޒުކުރަން ފެށުމުން، އެ އަދަބު ތަންފީޒުކޮށް ނިމެންދެން އެލަވަންސް ދިނުން ވަގުތީގޮތުން ހުއްޓައިލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސިކުނޑީގެ އުނިކަން ހުންނަ ފަރާތްތައް އިސްތިސްނާވާނެއެވެ.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ދެމުންދާ އެލަވަންސް ދިނުން ވަގުތީގޮތުން ހުއްޓައިލެވޭނެއެވެ.

(ރ) ނުކުޅެދުންތެރިކަން ހުރި ފަރާތް ނިޔާވުން.

(ބ) ނުކުޅެދުންތެރިކަން ހުރި ފަރާތުން، ނުވަތަ ނުކުޅެދުންތެރިކަން ހުރި ފަރާތް ބަލަހައްޓާ ފަރާތުން މި އެލަވަންސް ބޭނުންނުވާކަމަށް ލިޔުމުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ހުށަހެޅުން.

 
14 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުން އުނިކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހަކު، ދަފުތަރުން އުނިކުރެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ނުކުޅެދުންތެރިކަން ހުންނަ ފަރާތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުން އުނިވުމަށް އެދި ސަބަބު ބަޔާންކޮށް ރަސްމީކޮށް ލިޔުމަކުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ހުށަހެޅުން.

(ށ) ދަފުތަރުގައި ހިމެނުމަށް ހުށަހަޅައިފައިވާ ލިޔުންތަކަކީ، ސައްހަ ލިޔުންތަކެއް ނޫންކަމަށް މިނިސްޓްރީއަށް ނުވަތަ މި މަސައްކަތް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ ތަނަކަށް ސާބިތުވުން.

(ނ) ދަފުތަރުގައި ހިމެނޭ މީހަކު މަރުވިކަން، ބަލަދުވެރިޔާ ނުވަތަ ރަށު ކައުންސިލްގެ އިދާރާއިން ނުވަތަ ރަސްމީ އެނޫން ފަރާތަކުން، ސައްހަ ލިޔުމަކުން މިނިސްޓްރީއަށް ނުވަތަ މި މަސައްކަތް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ ތަނަކަށް އެންގުން.

(ރ) ނުކުޅެދުންތެރިކަން ހުރި މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަން ރަނގަޅުވެއްޖެކަމަށް، ނުކުޅެދުންތެރިކަން ހުރި މީހާ ނުވަތަ ބަލަދުވެރިޔާ ލިޔުމަކުން މިނިސްޓްރީއަށް ނުވަތަ މި މަސައްކަތް ކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ ތަނަކަށް އެންގުން. (މި ލިޔުން ލިބޭ ދުވަހުން ފެށިގެން، ނުކުޅެދުމުގެ ހާލަތު ރަނގަޅުވި މީހާގެ ނަން ދަފުތަރުން އުނިކުރާންވާނެއެވެ.)

 

15 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު ބެލެހެއްޓުން

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު ބެލެހެއްޓުމަކީ، މިނިސްޓްރީގެ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ޒިންމާއެކެވެ.

(ށ) މިނިސްޓްރީގެ މުވައްޒަފުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލައި ބެލެހެއްޓުމުގެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކުން، ދަފުތަރުގައި ހިމެނޭ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށް އިގުރާރެއްގައި ސޮއިކުރާންވާނެއެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިނާޔަތް ލިބޭ މީހުންގެ  މައުލޫމާތުތައް އެޖެންސީން ގަވާއިދުން އަޕްޑޭޓްކޮށް، ކަނޑައެޅިފައިވާ މުއްދަތަށް މިނިސްޓްރީއަށް ފޮނުވަމުން ގެންދާންވާނެއެވެ.

 

16 ވަނަ މާއްދާ - ހެލްތް އިންށުއަރެންސް ސްކީމުގައި ބައިވެރިކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި، ނަން ހިމަނާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ދައުލަތުން ފޯރުކޮށްދޭ ސިއްހީ އިންށުއަރަންސް ސްކީމެއްގައި ނުވަތަ ސިއްހީ ފަރުވާގެ ހަރަދު ހަމަޖައްސައިދޭ ސްކީމެއްގައި ބައިވެރިކުރާންވާނެއެވެ. އަދި ދަފުތަރުން އެ މީހެއްގެ ނަން އުނިކުރާންދެން އެ ހިދުމަތް ދެމިއޮންނާންވާނެއެވެ.

 

17 ވަނަ މާއްދާ - ފުދުންތެރިކަން ނެތް ފަރާތްތަކަށް ސަރުކާރުން އާލަތްތައް ދިނުން

ޑޮކްޓަރެއްގެ ސައްހަ ލިޔުންތަކަށް ބެލުމަށްފަހު، ފުދުންތެރިކަން ނެތް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެ މީހެއްގެ ހާލަތާ ގުޅޭގޮތުން ބޭނުންވާ އާލަތްތައް ސަރުކާރުން ދޭންވާނެއެވެ.

 

އާންމު މާއްދާތައް

18 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

ނުކުޅެދުންތެރިކަން ކަނޑައެޅުމަށް ޓަކައި އުނިކަން ހުރި މިންވަރު ކަނޑައަޅައިފައިވާ ގޮތާމެދު ހިތްހަމަނުޖެހުމެއް ނުވަތަ ށަކުވާއެއް އޮތްނަމަ، އެ މައްސަލަ މިނިސްޓްރީއަށް ލިޔުމުން ހުށަހެޅިދާނެއެވެ. އަދި މިފަދަ ހާލަތެއްގައި އަލުން އެސެސްކުރުމަށް ސްޕެށަލިސްޓެއް ގާތަށް ފޮނުވިދާނެއެވެ.

 

19 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހުށަހަޅާންޖެހޭ ލިޔުންތަކަކީ އެ ފަރާތުންނާއި އެ ލިޔުން ދޫކުރާ ފަރާތްތަކުން ފުރިހަމައަށް ޒިންމާވާންޖެހޭ ލިޔެކިޔުންތަކެކެވެ. މި ލިޔެކިޔުންތަކުގައި ދޮގު މައުލޫމާތު ހުރިކަމަށް ނުވަތަ އޮޅުވައިލުމެއް ވާކަމަށް ފާހަގަ ކުރެވިއްޖެ ނަމަ، ސައްހަ ލިޔުމެއް އަލުން ހުށަހެޅުމަށް ފޯމު ހުށަހެޅި ފަރާތަށް އެންގޭނެއެވެ.

(ށ) މާލީ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތަކުގައި ދޮގު މައުލޫމާތު ހުރިކަމަށް ނުވަތަ އޮޅުވައިލުމެއް ވާކަމަށް ފާހަގަ ކުރެވިއްޖެ ނަމަ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ފިޔަވަޅު އެޅުމަށް ޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރާން ފެށުމާއި، އަމަލުކުރަމުންދިޔަ ގަވާއިދު އުވުން

(ހ) މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރާން ފެށުމުން، ގަވާއިދު ނަންބަރު 2/2011 (ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ ގަވާއިދު) އުވުނީއެވެ.

(ނ) ގަވާއިދު ނަންބަރު 2/2011 (ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ ގަވާއިދު) އުވުނުކަމުގައި ވިޔަސް، އެ ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ކަނޑައެޅި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ ލިބެމުންދިޔަ އެންމެހައި ފަރާތްތައް އަލުން އެސެސްކުރެވެންދެން، އެ ފަރާތްތަކަށް މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާނެއެވެ. އަދި އަލުން އެސެސްކުރުމަށްފަހު އެ ފަރާތްތަކުގެ އެހީ ކުރިޔަށް ގެންދެވޭނީ މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ބިނާކޮށެވެ.

 

21 ވަނަ މާއްދާ - އެހީ ލިބެމުންދާ ފަރާތްތައް  އަލުން އެސެސްކުރުން

(ހ) މި ގަވާއިދަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ގަވާއިދު ނަންބަރު 2011-03 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު) ގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ ލިބެމުންދިޔަ ފަރާތްތައް އަލުން އެސެސްމަންޓް ހެދުމަށް އެ ފަރާތްތަކުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އަންގާ ފަރާތަކަށް ހުށަހަޅާންވާނެއެވެ.

(ށ) ގަވާއިދު ނަންބަރު 2011-03 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު) ގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ ލިބެމުންދިޔަ ފަރާތްތައް އަލުން އެސެސްކުރުމަށް މިނިސްޓްރީގެ އިސްނެގުމުގައި ބޭނުންވެއްޖެ ހާލަތެއްގައި އެސެސްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - މި ގަވާއިދުގެ ބޭނުމަށް ދުވަސް ގުނުން

މި ގަވާއިދުގެ ބޭނުމަށް ދުވަސް ގުނައިފައިވާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކުރާނީ، މި މާއްދާގައި އެ ލަފުޒުތަކުގެ މާނަކަމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) އަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންނަށް އިޖުތިމާއީ ހިދުމަތްތައް ފޯރުވައިދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ނުކުޅެދުންތެރިކަން ހުންނަ މީހުން" ކަމަށް ބުނެފައި އެވަނީ، ދިގު މުއްދަތުގެ ޖިސްމާނީ، ނުވަތަ ނަފްސާނީ، ނުވަތަ ހިއްސުތަކުގެ ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު، އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރިގޮތުގައި އެންމެ ފުރިހަމަޔަށް ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.

(ރ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، "ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ" ގެ ނަމުގައި ގާނޫނު ނަންބަރު 15/2011 (އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ އޮފީހަށެވެ.

(ބ) "ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށެވެ.

 

މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

އުވާލެވުނު ގަވާއިދު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-03)

 

މައި ގާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-08)

 

ގުޅުންހުރި އުސޫލު

ނުކުޅެދުންތެ ރިކަން ހުންނަ މީހުންނާއި ކުދިންނަށް ޚާއްޞަ ކޮށްގެން ބާއްވާ 'ރިވެލި ތަރި' މައު ރަޒު ހިންގުމުގެ އުސޫލ (އުސޫލު ނަންބަރު 2022-36)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު