-

ވަޒީފާއާބެހޭ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 2021-63)

(މި ގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން ވަނީ ގަވާއިދު ނަންބަރު 2016-98 އުވާލެވިފައި)

1 ވަނަ ބާބު

ފެށުން

1 ވަަނަ މާއްދާ - ތައާރަފު

މިއީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަންނަނިވި ކަންކަމާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ގަވާއިދެވެ.

  1. ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓައިލަންޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން މަގާމެއް އުނިކުރަން ޖެހުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތަކާއި، އެފަދަ ހާލަތެއްގައި ވަޒީފާދޭ ފަރާތުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން؛
  2. ވަޒީފާދޭ ފަރާތުން މުވައްޒަފަކު ލައްވާ މަސައްކަތްކުރުވާ ވަގުތާއި، ގަޑިއާއި، އިތުރުގަޑީގައި މަސައްކަތްކުރުވާ ވަގުތާއި، އިތުރުގަޑީގެ ގޮތުގައި މުވައްޒަފަށް ދޭ ފައިސާގެ މައުލޫމާތު ބެލެހެއްޓުމާއި، ލޭބަރ ރިލޭށަންސް އޮތޯރިޓީން އެ މައުލޫމާތު ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ވަޒީފާދޭ ފަރާތުން އެ އޮތޯރިޓީއަށް ދިނުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން؛ 
  3. ގާނޫނުގެ 50 ވަނަ މާއްދާއާއި 51 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބެންވާ މުސާރައާއި، މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް އެ ފަރާތްތަކަށް ހޯދައިދިނުމަށް ބާރުއެޅުމާއި، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ބުނެވިދިޔަ މާއްދާތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންވީ ގޮތް ކަނޑައެޅުން.

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އާއި، 32 ވަނަ މާއްދާގެ (ބ) އާއި، 58 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ. 

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ވަޒީފާއާބެހޭ އާންމު ގަވާއިދު" އެވެ.

 

2 ވަނަ ބާބު

ވަޒީފާދޭ ފަރާތުގެ އިގްތިސާދީ ސަބަބުތަކާ ގުޅިގެން ވަޒީފާއިން ވަކިކުރުން (ރިޑަންޑެންސީ)

 

3 ވަނަ މާއްދާ - ހިންގޭނެ ދާއިރާ

މި ބާބުގެ މާއްދާތައް ހިނގާނީ، ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރާ ހާލަތްތަކުގެ މައްޗަށެވެ. ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާއި، 23 ވަނަ މާއްދާއާއި، 31 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރާ ކުރުމުގެ މައްޗަކަށް މި ބާބުގެ މާއްދާތަކެއް ނުހިނގާނެއެވެ.

 

4 ވަނަ މާއްދާ - ރިޑަންޑެންސީގެ ދަށުން ވަކިކުރެވޭނެ ހާލަތްތައް 

ވަޒީފާދޭ ފަރާތުގެ އިގްތިސާދީ ސަބަބުތަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމާ ގުޅިގެން ވަޒީފާދޭ ފަރާތުގެ މަގާމެއް އުނިކުރަން ޖެހުމުގެ ސަބަބުންނެވެ.

  1. ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓައިލަން ޖެހުން؛
  2. ވަޒީފާދޭ ފަރާތުގެ ހިންގުމަށް ބަދަލެއް ގެނައުން؛ 
  3. ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓައިލަން ޖެހުމުގެ ސަބަބުން ވަޒީފާދޭ ފަރާތުގެ މަގާމެއް އުނިކުރަން ޖެހުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުމުގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.  

  1. އުނިކުރި ނުވަތަ އުނިކުރާ މަގާމަކީ، ހުއްޓައިލަންޖެހުނު ވިޔަފާރި ނުވަތަ ހިދުމަތް ދިނުމުގައި ސީދާގޮތުން ށާމިލުވާ މަގާމެއް ކަމުގައި ވުން؛ 
  2. އުނިކުރި ނުވަތަ އުނިކުރާ މަގާމަކީ، ހުއްޓައިލަންޖެހުނު ވިޔަފާރި ހިންގުމުގައި ނުވަތަ ހިދުމަތް ދިނުމުގައި ނުސީދާގޮތުން ށާމިލުވާ މަގާމެއްނަމަ، އެ މަގާމުގެ ޒިންމާތަކުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ މަދުނޫން ނިސްބަތެއް ހިމެނޭގޮތުން، ހުއްޓައިލަންޖެހުނު ވިޔަފާރި ހިންގުމުގައި ނުވަތަ ހިދުމަތް ދިނުމުގައި ށާމިލުވާ މަގާމެއް ކަމުގައި ވުން.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް ޓަކައި، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓައިލަން ޖެހުނު ކަމަށް ބަލާނީ، އެ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް، ހުއްޓައިލާ ތާރީހުން ފެށިގެން ކުރިޔަށް އޮންނަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަލުން ނުފަށާނަމައެވެ. 

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް ޓަކައި، ވަޒީފާދޭ ފަރާތުގެ ހިންގުމަށް ބަދަލެއް ގެނައުން ކަމަށް ބަލާނީ، އެ ގެނެވުނު ބަދަލާ ގުޅިގެން އުނިކުރި މަގާމު ނުވަތަ މަގާމުތައް، އުނިކުރި ތާރީހުން ފެށިގެން ކުރިޔަށް އޮންނަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަލުން އުފައްދައިފައި ނުވާނަމައެވެ.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށް ޓަކައި، އުނިކުރި މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހިމެނޭ ގޮތުން ތަފާތު އެހެން ނަމެއްގައި މަގާމެއް އުފެއްދި ކަމުގައި ވިޔަސް، އެއީ އުނިކުރި މަގާމު އަލުން އުފެއްދުން ކަމުގައި ބެލެވޭނެއެވެ. 

(ޅ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް ޓަކައި، ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުން ކަމަށް ބަލާނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް، ވަޒީފާދޭ ފަރާތަށް ކުރިމަތިވުމުންނެވެ.

  1. ވަޒީފާދޭ ފަރާތަށް ލިބެމުންދާ އާމްދަނީ، ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް ދަށްވުން؛ 
  2. ވަޒީފާދޭ ފަރާތަށް ލިބެމުންދާ އާމްދަނީ، ކުރިޔަށްއޮތް 6 (ހައެއް) މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތަކަށް ދަށްވާނެ ކަމަށް ލަފާކުރެވުން.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ކުރިމަތިވުމުގެ ސަބަބުން، ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ދަތިވާނެކަން ނުވަތަ ދަތިވިކަން، ކަމާބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(އ) މި މާއްދާގެ ދަށުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރީ، ހަމަ ހަގީގަތުގައި ވެސް ރިޑަންޑަންޓު ކުރަންޖެހޭ ފަދަ ހާލަތެއް، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އޮވެގެން، ހެޔޮނިޔަތުގައިކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

 

5 ވަނަ މާއްދާ - ރިޑަންޑެންސީގެ ހާލަތު މުވައްޒަފުންނަށް އެންގުން 

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ޖެހިދާނެކަން ނުވަތަ ވަކިކުރަން ނިންމާ ނިންމުން، އެ މުވައްޒަފުންނަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތުން މުވައްޒަފުންނަށް އަންގާ އެންގުމެއްގައި، އަންނަނިވި ކަންކަން  ބަޔާންކުރަންވާނެއެވެ.

  1. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަކިކުރުމަށް ނިންމާ ހާލަތު ނުވަތަ ސަބަބު؛
  2. މުވައްޒަފުން ވަކިކުރުމުގެ ކުރިން، މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހުއްޓުވިދާނެ ނުވަތަ އެއްކިބާކުރެވިދާނެ ނުވަތަ ވަކިކުރަންޖެހޭ މުވައްޒަފުން މަދުކުރެވިދާނެ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާނަމަ، އެ ފިޔަވަޅުތަކުގެ މައުލޫމާތު؛ 
  3. ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ތެރެއިން، ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ވަކިކުރުމަށް ނިންމާ މުވައްޒަފުން ކަނޑައަޅާނެ އުސޫލު. 

 

6 ވަނަ މާއްދާ - ވަކިކުރުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް 

މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހުއްޓުވިދާނެ ނުވަތަ އެއްކިބާކުރެވިދާނެ ނުވަތަ ވަކިކުރަންޖެހޭ މުވައްޒަފުން މަދުކުރެވިދާނެ ފިޔަވަޅުތަކެއް އެޅެން އޮތް މިންވަރަކުން، ވަޒީފާދޭ ފަރާތުން އަޅަންވާނެއެވެ. މިގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް، ގާނޫނާއި ވަޒީފާގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތުން އަޅަންވާނެއެވެ.

(ހ) އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު، ނުވަތަ ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އެއްބަސްވެވޭ ވަކި ގޮތްތަކެއްގެ މަތިން އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ދިނުން.

(ށ) ވަޒީފާދޭ ފަރާތުގެ އެހެން ވަޒީފާއަކަށް ނުވަތަ މަގާމަކަށް ނުވަތަ އެހެން ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރާ މަގާމަކަށް ބަދަލުކުރުން.

(ނ) މުސާރައާއި އުޖޫރަ ނުހިނގާ ގޮތަށް މަސައްކަތަށް ނުނިކުމެ ވަކި މުއްދަތަކަށް ހުރުމުގެ ފުރުސަތު ދިނުން.

(ރ) އިތުރު މުވައްޒަފުން ވަޒީފާއަށް ހޮވުން މަދުކުރުން ނުވަތަ ހުއްޓައިލުން.

(ބ) ވަގުތީ މުވައްޒަފުންގެ ގޮތުގައި ހޮވައިފައިވާ މުވައްޒަފުންގެ އަދަދު މަދުކުރުން.

(ޅ) ވަޒީފާ އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއެކު، އެ ނިސްބަތުން މުސާރަ ނުވަތަ އެލަވަންސް ފަދަ އިނާޔަތްތައް ކުޑަކުރުން.

 

7 ވަނަ މާއްދާ - ވަކިކުރެވޭނެ މުވައްޒަފުން ކަނޑައެޅުން

(ހ) ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ތެރެއިން، ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ވަކިކުރުމަށް ނިންމާ މުވައްޒަފުން ކަނޑައަޅާނެ އުސޫލެއް ވަޒީފާދޭ ފަރާތުން ކަނޑައަޅައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި، އެންމެ މަދުވެގެންވެސް،  އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. މުވައްޒަފުން ހިދުމަތްކުރި މުއްދަތު؛
  2. ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ބޭނުންވާ ތައުލީމާއި، ތަޖުރިބާއާއި، ހުނަރު މުވައްޒަފުންނަށް ލިބިފައިވާ މިންވަރު؛
  3. މުވައްޒަފުންގެ ހާޒިރީގެ ރެކޯޑާއި، ޑިސިޕްލިނަރީ ރެކޯޑު؛
  4. ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންގަނޑު ނުވަތަ ސްޓާފް އެޕްރެއިޒަލް.

(ނ) ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ތެރެއިން، ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ވަކިކުރުމަށް ނިންމާ މުވައްޒަފުން ކަނޑައަޅަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ހެޔޮ ނިޔަތުގައި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކުގައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ވަކިކުރުމަށް ކަނޑައަޅާ މުވައްޒަފުންނަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އެ މުވައްޒަފު ކަނޑައެޅުނު ގޮތް،   އެ މުވައްޒަފާ ހިއްސާކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުން

މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުވައްޒަފަށް ނޯޓިސް، ނުވަތަ ނޯޓިހުގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ.

 

9 ވަނަ މާއްދާ - މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރުން

(ހ) ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރެވޭ ގޮތުގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީން ވަޒީފާދޭ ފަރާތަކަށް އަންގާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު، ވަޒީފާދޭ ފަރާތުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން އަންގާ އެންގުމަކާ ހިލާފަށް، މައުލޫމާތު ހިއްސާނުކުރާ ފަރާތެއް، 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

3 ވަނަ ބާބު

މުވައްޒަފަކު ލައްވާ މަސައްކަތްކުރުވާ ވަގުތާއި، އިތުރުގަޑީގެ ގޮތުގައި މުވައްޒަފަށް ދޭ ފައިސާގެ މައުލޫމާތު ބެލެހެއްޓުމާއި، ރިޕޯޓުކުރުން

 

10 ވަނަ މާއްދާ - މަސައްކަތު ގަޑި

މި ބާބުގެ ބޭނުމަށްޓަކައި، މުވައްޒަފުގެ މަސައްކަތު ގަޑިއަކީ، ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މުވައްޒަފު އާދައިގެމަތިން މަސައްކަތްކުރަންޖެހޭ ގަޑިކަމަށް ވަޒީފާގެ އެއްބަސްވުމުގައި ނުވަތަ ވަޒީފާގެ ބަޔާނުގައި ބަޔާންކޮށްފައިވާ ވަގުތާއި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ހުއްދަކުރާ ގޮތުގެ މަތިން މުވައްޒަފު ލައްވާ އިތުރުގަޑީގައި މަސައްކަތްކުރާ ގަޑިއެވެ.

 

11 ވަނަ މާއްދާ މަސައްކަތް ކުރުވާ ވަގުތުގެ މައުލޫމާތު ބެލެހެއްޓުން

(ހ) ވަޒީފާދޭ ފަރާތުން، މުވައްޒަފަކު ލައްވާ މަސައްކަތްކުރުވާ ދުވަސްތަކާއި، ވަގުތުތަކާއި، އިތުރުގަޑީގައި މަސައްކަތްކުރުވާ ދުވަސްތަކާއި، ވަގުތަކާއި، އިތުރުގަޑީގެ ގޮތުގައި މުވައްޒަފަށް ދޭ ފައިސާގެ މައުލޫމާތު، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ބެލެހެއްޓުމުގައި، އެ ދުވަހެއްގެ މަސައްކަތް ފެށޭ ގަޑިއާއި ނިމޭގަޑި ދުވަހުން ދުވަހަށް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މުވައްޒަފުގެ މަސައްކަތު ގަޑީގެ ހާޒިރީ ބެލެހެއްޓުމުގައި، މުވައްޒަފަށް އެކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއްގެ ތެރެއިން، ވަޒީފާދޭ ފަރާތުން މުވައްޒަފު މަސައްކަތަށް ހާޒިރުވާ ގަޑިއާއި މަސައްކަތް ކުރާ ވަގުތު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސަންވާނެއެވެ.  މިގޮތުން ހަމަޖެއްސޭ އިންތިޒާމެއްގެ ތެރެއިން، ވަޒީފާ އަދާކުރާ ފަރާތުން މަސައްކަތަށް ނުކުންނަ ހާޒިރީ ރިކޯޑު ފުރިހަމަކުރަންވާނެވެ.

(ރ) ވަޒީފާ އަދާކުރާ ފަރާތުން މަސައްކަތަށް ހާޒިރުވެ، ހާޒިރީ ރިކޯޑު ފުރިހަމަ ނުކުރާނަމަ، ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ ފައިސާގެ މިންވަރު، އެ މުވައްޒަފެއްގެ މުސާރައިން ކެނޑުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

12 ވަނަ މާއްދާ - ހާޒިރީގައި ހިމަނަންޖެހޭ މައުލޫމާތު

(ހ) މުވައްޒަފުންގެ ހާޒިރީ ރެކޯޑު ބެހެލެއްޓުމުގައި، އަންނަނިވި މައުލޫމާތު އެނގެން ހުންނަންވާނެއެވެ.

  1. މުވައްޒަފުގެ މަސައްކަތް ފެށޭ ގަޑިއާއި ނިމޭގަޑި؛
  2. މުވައްޒަފު މަސައްކަތަށް ހާޒިރުވި ގަޑިއާއި ނިމުނުގަޑި؛
  3. އިތުރުގަޑީގައި މަސައްކަތްކުރި ވަގުތު (ފެށިގަޑިއާއި ނިމުނުގަޑި)؛
  4. މުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަސްތައް؛
  5. މުވައްޒަފު ޗުއްޓީއެއްގައި ހުރިނަމަ އެ މައުލޫމާތު.

(ށ) ވަޒީފާ އަދާކުރާ ތަނުގެ މަސައްކަތް ހަމަޖެހިފައިވަނީ ދުވަހުގެ އެކި ވަގުތުތަކަށް ބަހައިލެވިގެން ކަމަށް ވާނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ މައުލޫމާތު ބަލަހައްޓަންވާނީ، ކޮންމެ ދުވަހެއްގެ ވެސް މަސައްކަތް ފެށޭ ގަޑިއާއި ނިމޭގަޑި، އަދި ހާޒިރުވިގަޑިއާއި ނިމުނުގަޑި ވަކިން އެނގޭގޮތަށެވެ.

 

13 ވަނަ މާއްދާ - އިތުރު ގަޑީގެ މައުލޫމާތު ބެލެހެއްޓުމާއި، ފައިސާ ދިނުން

(ހ) ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ ބަޔާނުގައި އާދައިގެމަތިން ކޮންމެ ދުވަހަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ގަޑީގެ އިތުރަށް މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވާނަމަ، އިތުރުގަޑީގެ ގޮތުގައި މަސައްކަތްކުރި ވަގުތު، އެ މުވައްޒަފެއްގެ ހާޒިރީގެ ތެރޭގައި ވަކިން ރިކޯޑުކުރަންވާނެއެވެ. އަދި، އެ ދުވަހެއްގެ އިތުރުގަޑީގެ ފައިސާ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުވައްޒަފަށް ދޭންވާނެއެވެ.

(ށ) މުވައްޒަފަށް އިތުރުގަޑީގެ ގޮތުގައި ލިބޭ ޖުމުލަ ފައިސާގެ އަދަދު، އެ މުވައްޒަފެއްގެ މުސާރައިގެ ބަޔާނުގައި ވަކިން ހިމަނަންވާނެއެވެ.

 

14 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުމުގެ މުއްދަތު

(ހ) މި ބާބުގެ ދަށުން ބަލަހައްޓަންޖެހޭ މައުލޫމާތު، އެ މައުލޫމާތެއް ރިކޯޑުކުރާ ތާރީހުން ފެށިގެން މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް، ވަޒީފާދޭ ފަރާތުން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އެ ލިޔެކިޔުން ބެލެހެއްޓުމަށް އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމްކޮށްފައިވާނަމަ، އެ މުއްދަތަކަށް މައުލޫމާތު ބެލެހެއްޓުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

15 ވަނަ މާއްދާ - ލޭބަރ ރިލޭށަންސް އޮތޯރިޓީއާ މައުލޫމާތު ހިއްސާކުރުން

(ހ) މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ މައުލޫމާތު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ކުރާ އިންސްޕެކްށަންތަކުގައި ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ މައުލޫމާތު ވަގުތުން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތުގެ އިތުރުން، ލޭބަރ ރިލޭށަންސް އޮތޯރިޓީން އެ މައުލޫމާތު ބަލަން ބޭނުންވެގެން ވަޒީފާދޭ ފަރާތަކަށް އަންގާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް، ވަޒީފާދޭ ފަރާތުން އެ މައުލޫމާތު ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މައުލޫމާތު ހިއްސާކުރުމަށް ލޭބަރ ރިލޭށަންސް އޮތޯރިޓީން އަންގާތާ، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހިއްސާނުކުރާ ފަރާތްތަކާމެދު، މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.

 

16 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ބާބުގެ މާއްދާއަކާ ހިލާފުވާ ފަރާތްތަކާމެދު، އަންނަނިވި ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ބާރު، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ގާނޫނުގެ 86 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުން؛
  2. ގާނޫނުގެ 32 ވަނަ މާއްދާގެ (ކ) ގެ ދަށުން ޖޫރިމަނާ ކުރުން. 

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޖޫރިމަނާ ކުރުމުގައި، ލޭބަރ ރިލޭށަންސް އޮތޯރިޓީން އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފަށް، މައުލޫމާތު ހިއްސާނުކުރާ ފުރަތަމަ ފަހަރު، 2,500 (ދެހާސް ފަސްސަތޭކަ)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  2. މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފަށް، މައުލޫމާތު ހިއްސާނުކުރާ ދެވަނަ ފަހަރު އަދި ތަކުރާރުވާ ކޮންމެ ފަހަރަކު، 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށެވެ.

 

 

4 ވަނަ ބާބު

މުސާރައާބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޒު ކުރުމާބެހޭ އުސޫލުތައް

 

17 ވަނަ މާއްދާ

ގާނޫނާއި، ވަޒީފާގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭންޖެހޭ މުސާރައާއި، ރަމަޒާންމަހުގެ އިނާޔަތާއި، އެނޫންވެސް އިނާޔަތްތައް، ވަޒީފާދޭ ފަރާތުން ގަވާއިދުން މުވައްޒަފަށް ދޭންވާނެއެވެ. އަދި ވަޒީފާދޭ އެއްވެސް ފަރާތަކުން، މުވައްޒަފަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް، ގާނޫނާއި ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ދެމުން ނުދާނަމަ، މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅުއެޅޭނެއެވެ.

 

18 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތަކުގެ ރެކޯޑު ބެލެހެއްޓުން

(ހ) ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި، ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނަށް ދޭންޖެހޭ ރަމަޒާން މަހުގެ އިނާޔަތް ދެވޭ ގޮތުގެ މައުލޫމާތާއި ހިސާބުތައް، ވަޒީފާދޭ ފަރާތުގެ ރެކޯޑުތަކުގައި ބަލަހައްޓައިފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުސާރައާއި އިނާޔަތްތައް، ވަޒީފާދޭ ފަރާތުން މުވައްޒަފަށް ހަވާލުކުރިކަމުގެ ރެކޯޑު ނުވަތަ ލިޔެކިޔުން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ބަލަހައްޓަންޖެހޭ މައުލޫމާތު، އެ މައުލޫމާތެއް ރިކޯޑުކުރާ ތާރީހުން ފެށިގެން މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް، ވަޒީފާދޭ ފަރާތުން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް އެ ލިޔެކިޔުން ބެލެހެއްޓުމަށް އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމްކޮށްފައިވާނަމަ، އެ މުއްދަތަކަށް މައުލޫމާތު ބެލެހެއްޓުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

19 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެކަމުގެ ށަކުވާ، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ހުށަހެޅުމުގެ ހައްގު، ވަޒީފާ އަދާކުރާ މުވައްޒަފަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާ ހުށަހެޅުމަށް ވަކި ފޯމެއް، ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ށަކުވާ ހުށަހެޅޭނެ ނިޒާމެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ލޭބަރ ރިލޭށަންސް އޮތޯރިޓީން ގާއިމުކުރަންވާނެއެވެ. 

 

20 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން، ލޭބަރ ރިލޭށަންސް އޮތޯރިޓީން އެ މައްސަލަ ބަލައި، އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށް، އަންނަނިވި ތަރުތީބުންނެވެ.

  1. ވަޒީފާ އަދާކުރާ މުވައްޒަފު ހުށަހަޅާ ށަކުވާ ބެލުމަށްފަހު، އެ ށަކުވާއަށް ޖަވާބުދާރީވުމަށް ވަޒީފާދޭ ފަރާތަށް 7 (ހަތެއް) ދުވަހުގެ މުއްދަތު ދިނުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވަޒީފާދޭ ފަރާތުން ޖަވާބުދާރީ ވެފައި ނުވާނަމަ، 2،000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން؛
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ، އެއް ފަހަރަށްވުރެ އިތުރަށް ހިލާފުވެއްޖެނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ކުރުމުގެ އިތުރުން، ގާނޫނުގެ 50 ވަނަ މާއްދާއާއި، ނުވަތަ 51 ވަނަ މާއްދާއާ ހިލާފުވެފައިވާ ވަޒީފާދޭ ފަރާތެއްގެ ގޮތުގައި، ވަޒީފާދޭ ފަރާތުގެ ނަން އާންމުކޮށް، ލޭބަރ ރިލޭށަންސް އޮތޯރިޓީގެ ވެބްސައިޓުގައި ށާއިއުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ އިދާރީ ފިޔަވަޅު ނިމުމަކަށް ގެނެވޭނީ، ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ނުދައްކާ އޮތް އެއްވެސް ފައިސާއެއް، ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޔަށް ދެއްކިކަމުގެ ލިޔެކިޔުމާއެކު، އިދާރީ ފިޔަވަޅު އުނިކޮށްދިނުމަށް ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ހުށަހެޅުމުންނެވެ.

 

 

5 ވަނަ ބާބު

އެހެނިހެން ކަންކަން

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

22 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2016-98 (މުސާރައާބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންފީޒުކުރުމާބެހޭ ގަވާއިދު 2016) އުވުނީއެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "އުޖޫރަ" ކަމަށް ބަޔާންކޮށްފައި އެވަނީ، މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި، ވަޒީފާއާ ގުޅިގެން އެ މުވައްޒަފަކަށް ދޭ އެހެނިހެން މާލީ ފައިދާތަކަށެވެ.

(ށ) "ވަޒީފާދޭ ފަރާތް" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާއަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކާއި، ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެ ފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.  

(ނ) "ވަޒީފާ އަދާކުރާ ފަރާތް" ނުވަތަ "މުވައްޒަފު" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދްމަތްދޭ މީހާއަށެވެ. އަދި މިބަހުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް، ކުރިން މަސައްކަތް ކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭގޮތަށެވެ.

(ރ) "މަގާމު" ކަމަށް ބަޔާންކޮށްފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ ބާބުގެ ބޭނުމަށްޓަކައި، މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވެސް ހިމެނޭ ގޮތުންނެވެ.

(ބ) "މުވައްޒަފުންގެ ހާޒިރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަރުދާހުގައި ނުވަތަ ފޮތެއްގައި ލިޔެގެން، ނުވަތަ ކާޑު ޕަންޗް ކުރެވޭ ގޮތަށް ނުވަތަ ފިންގަރޕްރިންޓް ޖަހާގޮތަށް ހަދައިފައިވާ މެށިނަކުން ނުވަތަ އާލަތަކުން، ނުވަތަ އިލެކްޓްރޯނިކްގެ ޒަރީއާއިން ބެލެހެއްޓޭ އެހެންވެސް ވަސީލަތެއް ބޭނުންކޮށްގެން، މުވައްޒަފުން މަސައްކަތްކުރާ ވަގުތުތަކުގެ ރެކޯޑަށެވެ.

(ޅ) "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވިފައިވާ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

 

އުވުނު ގަވާއިދު

މުސާރައާބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޒު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-98)

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު