މުސާރައާބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޒު ކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2016-98)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2021-63 ގެ 22 ވަނަ މާއްދާއިން އުވާލެވިފައި)
(ތިރީގައި އެޓޭޗްކުރެވިފައި އެވަނީ މި ގަވާއިދުގެ ގެޒެޓްކުރެވުނު ޕީޑީއެފް ކޮޕީއެވެ. މި ގަވާއިދުގެ ވޯޑްފޮމޭޓް ނިމުމުން އަޕްލޯޑްކުރެވެވޭނެއެވެ)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާޫނު ނަންބަރު. 2008-02 ވަޒީފާއާބެހ (ގާނޫނު [ގެ 57 ވަނަ- މާއްދާގެ (ށ)! ގެ ދަށުން ހަދާފައިވާ -ގަވާއިދެކެވ
(ށ) މި ގަވާއިދަށް ކިޔާނީ މުސާރައާބެހޭ" ކަންކަން ވަޒީފާ ދޭ .. ފަރާތުގެ މައްޗަށް. ތަންފީދުކުރުމާބެހޭ، "ގަވާއިދު" .އެވެ:
2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
ގަވާއިދު، ތަންފީޒުކުރާނީ،، ދިވެހިރާއްޖޭގައި ވަޒީފާއާބެހ ކަންތައްތައް ތަންފީޒުކުރުމަށް، އެއިރެއްގައި، ހަވާލުކޮށްފައިވާ މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތަކުންނެވެ،
3 ވަނަ މާއްދާ - މަގުސަދު
ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 50 ވަނަ މާއްދާ، 51 ވަނަ މއްދާ 52 ވަނަ މާއްދާ، އަދި 53 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކަށް، ލިބެންވާ، މުސާރަ، ސަރވިސްޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި، ދެވ ފައިސާ، ނުވަތަ އިނާޔަތް، އެފަރާތްތަކަށް، ހޯދައިދިންމުމަށް ބާރު އެޅުމާއި، ބުނެވިިޔ މާއްދާތަކާ ހިލާފަށް، އަމަލުކުރާ ވަޒީފާ ދޭ، ފަރާތްތައް ޖޫރިމަނާ ކުރުމުގައި އަމަލުކުރަންވީ ގޮތް ކަނޑައެޅުމެވެ.
4 ވަނަ މާއްދާ - މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް ޖަމާކުރުމަށް ބޭންކް އެކައުންޓް ހުޅުވުން
(ހ) މި ގަވާއިދަށް، އަމަލުކުރަން، ފަށާ ތާރީހުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ، ވާކް ވީޒާ ލިބިފައިވާ ބިދޭންސީންނާއި، ވާކް ވިޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަގެ މުސާރަ، ސަރވިސްޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް ޖަމާކުރުމަށް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭންކެއްގައި، ވަޒީފާއާބެހޭ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭންކް އެކައުންޓް ހުޅުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން، ވާކް ވީޒާ ލިބިގެން ނުވަތަ ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް އެތެރެވާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ހުޅުވަންޖެހޭ ބޭންކް އެކައުންޓް ހުޅުވުމަށް ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތުތައް ފުރިހަމަކުރުމަށް، އެ ބިދޭސީ މުވައްޒަފަކު ދިވެހިރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ދެވޭނީ، ވާކް ވީޒާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން، އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭންކެއްގައި އެ ފަރާތެއް ދިވެހިރާއްޖެއަށް އެތެރެވާ ތާރީހުގައި އެކައުންޓެއް ހުޅުވާފައިނުވާ ފަރާތްތަކަށެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބޭންކް އެކައުންޓެއް ހުޅުވަން ވަކި މުއްދަތެއް ކަނޑައަޅާފައިވީ ނަމަވެސް، ބިދޭސީ މުވައްޒަފުގެ އެކައުންޓެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާނަމަ، އެ ބިދޭސީ މުވައްޒަފެއްގެ މުސާރަ ޖަމާކުރަންވާނީ އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށެވެ.
5 ވަނަ މާއްދާ - މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވިފައިވާކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑު
(ހ) ވާކް ވީޒާ ލިބިފައިވާ ބިދޭސީންނާއި، ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަފަކަށް، ވަޒީފާ އަދާކުރާ ފަރާތްތަކަށް މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް ދެވިފައިވާކަން ކަނޑައެޅުމުގައި، ވަޒީފާދޭ ފަރާތުން ބަލާނެ މިންގަނޑު ވަޒީފާއާބެހޭ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ށ) އިލެކްޓްރޯނިކް ޓްރާންސްފަރ މެދުވެރިކޮށް، ބިދޭސީ މުވައްޒަފުންގެ އެކައުންޓަށް ވަޒީފާދޭ ފަރާތުން ޖަމާކުރާ މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ގޮތުގައި ދެވޭ އެއްވެސް ފައިސާގެ އަދަދެއް، ބެލެވޭނީ މި މާއްދާގެ (ހ) އާއި އެއްގޮތްވާގޮތުގެ މަތިން އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބިދޭސީ މުވައްޒަފަކަށް މުސާރައާއި ސަރވިސް ޗާޖް، އިނާޔަތްތައް އަދި މުސާރައިގެ ގޮތުގައި ދެވޭ އެއްވެސް އަދަދެއް ގަވާއިދާ އެއްގޮތަށް ދީފައިވާކަމަށް ބެލުމަށްޓަކައި ބޭނުންކުރެވޭނީ، ބިދޭސީ މުވައްޒަފުގެ ނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެފަރާތުގެ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް ނުވަތަ އެ އެކައުންޓްގެ ރެކޯޑުތަކަށެވެ.
6 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ފަރާތުގެ އަތަށ،ް މުސާރައާއި ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް، ނަގުދު ފައިސާގެ ގޮތުގައި ދެވިދާނެ ހާލަތު
މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ބިދޭސީ މުވައްޒަފުންނަށް ވަޒީފާ ދޭ ފަރާތުން ދޭ މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތްތައް ނަގުދު ފައިސާގެ ގޮތުގައި އެ ބިދޭސީ މުވައްޒަފެއްގެ އަތަށް ދެވިދާނެއެވެ.
7 ވަނަ މާއްދާ - މުސާރަ ނުވަތަ ސަރވިސް ޗާޖް އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް ދިނުމާބެހޭ މިންގަނޑާ ހިލާފުވުން
(ހ) ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ހިލާފުވާ ވަޒީފާދޭ ފަރާތްތަކާ މެދު އަމަލުކުރެވޭނީ ވަޒީފާއާބެހޭ ގާނޫނުގެ 53 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ށ) ވަޒީފާއާބެހޭ ގާނޫނުގެ 53 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ އަތުން ނެގުމުގައި އަމަލުކުރެވޭނީ، ތިރީގައި ބަޔާންކުރާ ގޮތަށެވެ.
- ބޭންކް އެކައުންޓަށް މުސާރަ ޖަމާނުކުރާ ފުރަތަމަ ފަހަރު، މުސާރަ ޖަމާކޮށްދީފައިނުވާ ކޮންމެ ބިދޭސީ މުވައްޒަފަކަށް 10,000 (ދިހަ ހާސް) ދިވެހި ރުފިޔާއިން
- ބޭންކް އެކައުންޓަށް މުސާރަ ޖަމާނުކުރާ ދެވަނަ ފަހަރު، މުސާރަ ޖަމާކޮށްދީފައިނުވާ ކޮންމެ ބިދޭސީ މުވައްޒަފަކަށް 20,000 (ވިހި ހާސް) ދިވެހި ރުފިޔާއިން
- ބޭންކް އެކައުންޓަށް މުސާރަ ޖަމާނުކުރާ ތިންވަނަ ފަހަރު، މުސާރަ ޖަމާކޮށްދީފައިނުވާ ކޮންމެ ބިދޭސީ މުވައްޒަފަކަށް 40,000 (ސާޅީސް ހާސް) ދިވެހި ރުފިޔާއިން
- ބޭންކް އެކައުންޓަށް މުސާރަ ޖަމާނުކޮށް ތިން ފަހަރަށްވުރެ ގިނައިން ތަކުރާރުވާނަމަ، ތަކުރާރުވާ ކޮންމެ ފަހަރަކު، ކޮންމެ ބިދޭސީ މުވައްޒަފަކަށް 50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާއިން
(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބިދޭސީ މުވައްޒަފުންނާ ގުޅޭގޮތުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާ ވަޒީފާ ދޭ ފަރާތުގެ ކިބައިން ނަގަންވާނީ މިގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައިވާނަމައެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޖޫރިމަނާ ފައިސާގެ އަދަދުތައް ނެގުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޖޫރިމަނާ ފައިސާގެ އެއްވެސް އަދަދެއް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނަގާނީ، 01 އޭޕްރީލް 2017 އިން ފެށިގެންނެވެ.
8 ވަނަ މާއްދާ - މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް މާނަކުރުން
(ހ) ވާކް ވީޒާ ލިބިފައިވާ ބިދޭސީންނާއި، ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަފަކަށް ދޭ މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ބަލާނީ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތާ ދެމެދު، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ވަޒީފާގެ އެއްބަސްވުމުގައިވާ ފަދައިންނެވެ.
(ށ) ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ބިދޭސީ ފަރާތާ ދެމެދު ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާ އަދާކުރާ ފަރާތަށް ދޭނެކަމަށް ބަޔާންކުރާ ކޮމިށަން، ބޯނަސް، އެލަވަންސް އަދި ވަޒީފާގެ ޕާރފޯމަންސްއާ ގުޅުވައިގެން ދޭ އެހެނިހެން ފައިސާގެ އިނާޔަތް ބެލެވޭނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ މުސާރައިގެ ބައެއްގެ ގޮތުގައެވެ.
9 ވަނަ މާއްދާ - ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ މުސާރަ، ސަރވިސް ޗާޖް އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް ކަމުގައި ނުބެލެވޭނެ ހާލަތްތައް
(ހ) ތިރީގައި ބަޔާންކުރާ ހާލަތްތަކުގައި ވަޒީފާ ދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތަށް ދޭ ފައިސާގެ އަދަދުތަކަކީ މި ގަވާއިދުގެ ބޭނުމަށް، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ މުސާރަ، ސަރވިސް ޗާޖް އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް ކަމުގައި ނުބެލެވޭނެއެވެ.
- ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން އުނިނުކުރާ ގޮތަށް އިމަޖެންސީ ބޭނުންތަކަށް ވަޒީފާ ދޭ ފަރާތުން ވަޒީފާ އަދާކުރާ ބިދޭސީންނަށް ދޭ ފައިސާގެ އަދަދު.
- ވަޒީފާ ދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން އުނިކުރާގޮތަށް ވަޒީފާ އަދާކުރާ ފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ލޯނު ނުވަތަ މުސާރައިގެ އެޑްވާންސްއަކާ ގުޅިގެން ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން އުނިކުރާ ފައިސާގެ އަދަދު.
- ވަޒީފާއިން ވަކިކުރުމުގެ ސަބަބުން، ވާކް ވީޒާ ބާޠިލުކޮށްފައިވާ ނުވަތަ ވާކް ވީޒާގެ މުއްދަތު ހަމަވެ ދިވެހިރާއްޖެއިން ފުރައިގެންދާ ވަޒީފާ އަދާކުރާ ބިދޭސީ ފަރާތުން، އެ ފަރާތުގެ ބޭންކް އެކައުންޓް ބަންދުކޮށްފައިވާ ހާލަތްތަކުގައި، ވަޒީފާ ދޭ ފަރާތުން އެ ފަރާތަކަށް ދޭ ޓާމިނޭށަން ޕޭމަންޓާއި ދޭންހުރި އެހެނިހެން ފައިސާގެ އަދަދު.
- 25 ނޮވެމްބަރު 2016 ގެ ކުރިން ދިވެހިރާއްޖެއިން ފުރައިގެންގޮސްފައިވާ ވަޒީފާ އަދާކުރާ ބިދޭސީ ފަރާތަކަށް ދޭ ފައިސާގެ އަދަދު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ފައިސާގެ އަދަދުތަކުގެ ހިސާބުތައް ވަޒީފާ ދޭ ފަރާތުގެ ރެކޯޑުތަކުގައި ބެލެހެއްޓިފައި ހުންނަންވާނެއެވެ.
(ނ) ވަޒީފާ ދޭ ފަރާތުން، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ބޭނުންތަކަށް ދޫކުރާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފައިސާގެ އަދަދުތައް، ވަޒީފާ އަދާކުރާ ފަރާތަށް ހަވާލުކުރިކަމުގެ ރެކޯޑާއި، އެ މުއާމަލާތަކާ ގުޅުންހުރި ހުރިހާ ލިޔެކިޔުމެއް ވަޒީފާ ދޭ ފަރާތުން ބަލަހައްޓަންވާނެއެވެ. އަދި ވަޒީފާ އަދާކުރާ ފަރާތަށް އެ ފައިސާ ހަވާލުކުރިކަމުގެ ލިޔުން ދޭންވާނެއެވެ.
10 ވަނަ މާއްދާ - މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް، ނުދިނުމުން ށަކުވާ ހުށަހެޅުން
(ހ) ވަޒީފާއާބެހޭ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) އާ ހިލާފުވާ ވަޒީފާ ދޭ ފަރާތްތަކާމެދު މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް ނުދިނުމުން ށަކުވާ ހުށަހެޅުން މި ގަވާއިދުގެ ޖަދުވަލު 1 ގައި ވާ ފޯމު މެދުވެރިކޮށް މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް ވަޒީފާ އަދާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.
(ށ) ވަޒީފާ އަދާކުރާ ފަރާތުން މި މާއްދާގެ (ހ) ގައި ބުނާ ފަދަ ށަކުވާ ލިޔުމުން ހުށަހެޅުމުގައި ށަކުވާގެ ކާފީ ހެއްކެއްގެ ގޮތުގައި ޖަދުވަލު 1 ގައި ހިމެނިފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް ހުށަހަޅަންވާނެއެވެ.
11 ވަނަ މާއްދާ - މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް، ނުދިނުމުން އިދާރީ ފިޔަވަޅު އެޅުން
(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 50، 51، 52 އަދި 53 ވަނަ މާއްދާގައި، މުސާރައާއި، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތްތައް ދިނުމާ ގުޅޭގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކުން، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް ހުށަހަޅާ ށަކުވާ ބަލައި، އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށް އަންނަނިވި ތަރުތީބުންނެވެ.
- ވަޒީފާ އަދާކުރާ ފަރާތުން ހުށަހަޅާ ށަކުވާ ބެލުމަށްފަހު، އެ ށަކުވާއަށް ޖަވާބުދާރީވުމަށް ވަޒީފާ ދޭ ފަރާތަށް އެއް ހަފުތާގެ މުއްދަތު ދިނުން.
- މި މުއްދަތުގައި ވަޒީފާ ދޭ ފަރާތުން ޖަވާބުދާރީވެފައި ނުވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާ ފައިސާގެ އަދަދު ނެގުމުގެ އިތުރުން، ގަވާއިދުން މުސާރަ ނުދޭ ވަޒީފާ ދޭ ފަރާތެއްގެ ގޮތުގައި، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރުމާއެކު އާންމު އިއުލާނެއް ކުރުން.
- ވެބްސައިޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން އިތުރު އެއް ހަފުތާގެ ތެރޭގައި ވަޒީފާ ދޭ ފަރާތުން ޖަވާބުދާރީވެފައި ނުވާނަމަ، ނުވަތަ ވަޒީފާ އަދާކުރާ ފަރާތުގެ ބޭންކް އެކައުންޓަށް މުސާރަ ޖަމާކޮށްދީފައި ނުވާނަމަ، އެފަދައިން އަމަލުކުރި ވަޒީފާ ދޭ ފަރާތެއް ބްލެކްލިސްޓުކޮށް، ވަޒީފާ ދޭ ފަރާތަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓާލުމަށް އެންގުން.
(ށ) ވަޒީފާ ދޭ ފަރާތަކީ، ބްލެކްލިސްޓް ކުރެވިފައިވާ ފަރާތެއްގެ ގޮތުގައި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރާ ވަގުތުން ފެށިގެން ވަޒީފާ ދޭ އެފަދަ ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ތިރީގައި ބަޔާންކުރާ ހިދުމަތްތައް މިނިސްޓްރީން އަންގާ އެންގުމާ އެއްގޮތަށް ހުއްޓާލެވޭނެއެވެ.
- ވަޒީފާ ދޭ ފަރާތް ނުވަތަ ވަޒީފާ ދޭ ފަރާތުގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ އެއްވެސް ފަރާތެއްގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށްދިނުން.
- ވިޔަފާރި ހިންގުމާ ގުޅުންހުރި އެއްވެސް ހުއްދައެއް ހަދައިދިނުން، އައުކޮށްދިނުން ނުވަތަ ބާޠިލުކުރުން.
- މުދާ އިމްޕޯޓްކޮށް، އެކްސްޕޯޓްކުރުމާ ގުޅޭގޮތުން ހިންގާ އެއްވެސް މުއާމަލާތެއް.
- ބިދޭސީ މަސައްކަތު މީހުން ރާއްޖެއަށް އެތެރެކުރުމަށް ދޫކުރެވޭ ކޯޓާއާއި ވީޒާ ދޫކުރުން.
(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ބްލެކްލިސްޓް ކުރެވޭ ވަޒީފާ ދޭ ފަރާތްތަކަށް އަޅާ އިދާރީ ފިޔަވަޅުތައް ނިމުމަކަށް ގެނެސް، ބްލެކްލިސްޓުން އެފަރާތެއްގެ ނަން އުނިކުރެވޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
12 ވަނަ މާއްދާ - މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް، ނުދިނުމުން އަޅާ އިދާރީ ފިޔަވަޅުތައް ނިމުމަކަށް ގެނައުން
(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ބްލެކްލިސްޓްކުރާ ވަޒީފާ ދޭ ފަރާތްތަކާމެދު އަޅާ އިދާރީ ފިޔަވަޅުތައް ނިމުމަކަށް ގެނެވޭނީ، ބްލެކްލިސްޓުން އުނިކުރުމަށް އެދި ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއަށް ހުށަހަޅާ ތާރީހުގެ ނިޔަލަށް، ވަޒީފާ ދޭ ފަރާތުން އެ ފަރާތެއްގެ ދަށުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ، ސަރވިސް ޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތުގެ އެއްވެސް އަދަދެއް ވާނަމަ، އެ ފައިސާގެ އަދަދުތައް މުވައްޒަފުންނަށް ހަމައަށް އަދާކޮށްފައިވާކަމުގެ ހެކި މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ އިދާރާއަކަށް ހުށަހެޅުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހެކި ހުށަހަޅާއިރު، ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ، ސަރވިސްޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތުގެ އެއްވެސް އަދަދެއް ވާނަމަ، އެ ފައިސާގެ އަދަދުތައް މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަމުގެ ހެކި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
14 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި:
'މިނިސްޓްރީ' ކަމުގައި ބުނެފައި އެވަނީ، ވަޒީފާއާބެހޭ ސިޔާސަތު އެކުލަވާލައި ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއަށެވެ.
'ވަޒީފާ ދޭ ފަރާތް' މާނަކުރަންވާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި މާނަކޮށްފައިވާ ގޮތަށެވެ.
'ވަޒީފާ އަދާކުރާ ފަރާތް' މާނަކުރަންވާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި 'މުވައްޒަފު' މާނަކޮށްފައިވާ ގޮތަށެވެ.
މި ގަވާއިދުގެ އަންނަނިވި ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ
(ޖަދުވަލު 1 - މުސާރައާބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންފީޒުކުރުމާބެހޭ ގަވާއިދުގެ ދަށުން ށަކުވާ ހުށަހަޅާ ފޯމު)
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވި ގަވާއިދު
ވަޒީފާއާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-63)
ކިޔުންތެރިންގެ ހިޔާލު