-

ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު ނަންބަރު 2021-15)

(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 28 ޖުލައި 2021 ގައި)

 

1 ވަނަ މާއްދާ – ތައާރުފު

(ހ) މިއީ، ވަޒީފާދޭ ފަރާތުން، އެ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް، ނުވަތަ ނިދުމަށް ހަމަޖައްސާ ތަންތަނާއި، އެ ތަންތަނުގެ ޒަރޫރީ ބޭނުންތަކަށް އެ ތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި އެހެނިހެން ކަންކަމުގެ އާންމު މިންގަނޑުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 75-1 ގެ (ނ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ، "ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - އާންމު މިންގަނޑުތައް ފުރިހަމަވުން

(ހ) ވަޒީފާދޭ ފަރާތުން، އެ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް، ނުވަތަ ނިދުމަށް އެއްވެސް ތަނެއް ހަމަޖައްސާނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކުރާ މިންގަނޑުތައް އެ ތަންތަނުގައި ފުރިހަމަ ވާންވާނެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކުރާ އާންމު މިންގަނޑުތަކަށްވުރެ އިތުރަށް އެއްވެސް ހައްގެއް ނުވަތަ އިނާޔަތެއް މުވައްޒަފުންނަށް ލިބިދެވޭނެ ގޮތަށް، ވަޒީފާދޭ ފަރާތުން "އެކަމަޑޭށަން" ހަމަޖައްސައިދިނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް، 2،000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށެވެ.

)ށ) "އެކަމަޑޭށަން" ކަމަށް ބުނެފައި އެވަނީ، ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭ ތަންތަނަށެވެ.

(ރ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި ވަޒީރަކަށެވެ. ނުވަތަ އޭނާ ތަމްސީލުކުރުމުގެ ބާރު ލިބިގެންވާ ފަރާތަކަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއަކަށެވެ.

(ޅ) "ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރަކާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާއަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ހިދްމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.

(ކ) "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދްމަތްދޭ މީހާއަށެވެ. އަދި މިބަހުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް، ކުރިން މަސައްކަތް ކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭގޮތަށެވެ.

 

 

_______________________


 

ޖަދުވަލު 1

 

ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތައް

 

 

1 ވަނަ މާއްދާ - އާންމު މިންގަނޑު

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަން ހުންނަންވާނީ ވާރެއާއި އަވިން (ވެންޓިލޭށަން ބޭނުމަށް ފިޔަވައި) ހިޔާވާނޭ ފަދައިން އަދި އެފަދަ ގުދުރަތީ ކަންކަމުން ރައްކާތެރި ކުރެވިފައިވާ ގޮތަށެވެ. އަދި އެފަދަ ތަންތަނުގައި އެކަށީގެންވާ ފިނިހޫނުމިން ހުންނަ ގޮތަށް ރައްކާތެރިކުރެވިފައި ހުންނަންވާނެއެވެ. އަދި އެފަދަ ތަންތަން ހުންނަންވާނީ އިމާރާތްކުރުމަށް އެކަށީގެންވާ އާލާތްތައް ބޭނުންކޮށްގެން އިމާރާތްކޮށްފައެވެ.

(ށ) އިމާރާތް ކުރުމުގެ މަސައްކަތްކުރާ ސަރަހައްދެއްގައި ދިރިއުޅުމަށް ތަނެއް ގާއިމުކުރާނަމަ، އެ ތަނަކާއި މަސައްކަތްކުރާ ތަނާ ދެމެދު، އިން ވަކިކޮށްފައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިމުގެ އެތެރެއާއި ބޭރުން ވަށައިގެންވާ ސަރަހައްދަކީ ކުނިބުނިން ރައްކާތެރިކުރެވިގެންވާ، ސާފުތާހިރު ސަރަހައްދަކަށް ވާންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ، ދިރިއުޅުމަށް ގާއިމުކުރާ ތަންތަނާއި މަސައްކަތްކުރާ ސަރަހައްދާ ދެމެދު މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރުގެ ދުރުމިން ހުންނަންވާނެއެވެ.

(ބ) އިމާރާތުގައި އާންމުކޮށް ބޭނުންކުރާ ސިޑިއާއި ވޯކްވޭ ފަދަ ތަންތަން ފަރުމާކޮށްފައި ހުންނަންވާނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި، މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުނުވާ ގޮތެއްގެ މަތިންނެވެ.

 

2 ވަނަ މާއްދާ - އަލިކަން ހުންނަންޖެހޭ މިންގަނޑު

ނިދުމަށް ބޭނުންކުރާ ތަންތަން (ކޮޓަރި) ހުންނަންވާނީ އެކަށީގެންވާ ވަރަށް ގުދުރަތީ އަލިކަން ނުވަތަ އާޓިފިށަލް އަލިކަން ލިބޭގޮތަށެވެ.

 

3 ވަނަ މާއްދާ - ވައި ދައުރުވުން 

މުވައްޒަފުން ދިރިއުޅުމަށް ނުވަތަ ނިދުމަށް ހަމަޖައްސައިދޭ ތަންތަން ހިމެނޭ އިމާރާތް ހުންނަންވާނީ އެކަށީގެންވާ ވަރަށް ވައި ދައުރުވާނެ ގޮތަށް ކްރޮސް ވެންޓިލޭޓް ކުރެވިފައެވެ.

 

4 ވަނަ މާއްދާ - ތަނުގެ ބޮޑުމިން

(ހ) މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި އެންމެ މަދުވެގެން އަންނަނިވި މިންތައް ފުރިހަމަވާންވާނެއެވެ.

  1. އެ ތަނުގައި ދިރިއުޅެނީ އެކަކު ނަމަ، ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 3.78 (ތިނެއް ޕޮއިންޓް ހަތެއް އަށެއް) އަކަމީޓަރު، އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އަދި ފުޅާމިނުގައި މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނަންވާނެއެވެ. ނުވަތަ؛
  2. ބަންކު އެނދު ބަހައްޓައިގެން ގިނަވެގެން 2 (ދޭއް) މީހުން ނިދާނަމަ، ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 5.13 (ފަހެއް ޕޮއިންޓް އެކެއް ތިނެއް) އަކަމީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އުސްމިނުގައި މަދުވެގެން 3 (ތިނެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނަންވާނެއެވެ.
  3. ސިންގަލް އެނދުގެ 2 (ދޭއް) އެނދު ބަހައްޓައިގެން ގިނަވެގެން 2 (ދޭއް) މީހުން ނިދާނަމަ، ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 6.84 (ހައެއް ޕޮއިންޓް އަށެއް ހަތަރެއް) އަކަމީޓަރު، އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އަދި ފުޅާމިނުގައި މަދުވެގެން 1.8 (އެކެއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނާންވާނެއެވެ.
  4. ބަންކު އެނދުގެ 2 (ދޭއް) އެނދު ބަހައްޓައިގެން ގިނަވެގެން 4 (ހަތަރެއް) މީހުން ނިދާނަމަ، ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 8.55 (އަށެއް ޕޮއިންޓް ފަހެއް ފަހެއް) އަކަމީޓަރު، އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އަދި ފުޅާމިނުގައި މަދުވެގެން 1.9 (އެކެއް ޕޮއިންޓް ނުވައެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނާންވާނެއެވެ.
  5. ސިންގަލް އެނދުގެ 2 (ދޭއް) އެނދަށް (ދެ އެނދަށްވުރެ އިތުރުވާ ކޮންމެ އެނދަކަށް މީހަކު) ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 3.24 (ތިނެއް ޕޮއިންޓް ދޭއް ހަތަރެއް) އަކަމީޓަރު، އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް)، އަދި ފުޅާމިނުގައި މަދުވެގެން 1.8 (އެކެއް ޕޮއިންޓް އަށެއް) މީޓަރު (ކޮންމެ ދިމާއަކުން ބެލިކަމުގައިވިޔަސް) ހުންނާންވާނެއެވެ.
  6. އިމާރާތްކުރުމުގެ މަސައްކަތްކުރާ ސަރަހައްދެއްގައި ގާއިމުކޮށްފައި ހުންނަ ދިރިއުޅޭ ތަންތަނުގެ ފަންގިފިލާ ނުވަތަ ސީލިންގުގެ އުސްމިނުގައި މަދުވެގެން 2.8 (ދޭއް ޕޮއިންޓް އަށެއް) މީޓަރު ހުންނަންވާނެއެވެ. އަދި ނިދުމަށް ބޭނުންކުރާ ކޮޓަރިތަކުގައި ސިންގަލް ބެޑު، ނުވަތަ ޑަބަލް ބެޑު ނުވަތަ ބަންކް ބެޑު ބަހައްޓައިފައި ހުރުމާއެކު، ގެންގުޅޭ އަމިއްލަ ތަކެތި ބެހެއްޓޭނެ ކަބަޑެއް ފަދަ އެއްޗެއް ހުންނަންވާނެއެވެ. މިގޮތަށް ބަހައްޓާ އެއް އެނދާއި އަނެއް އެނދުގެ ދުރުމިނުގައި 1 (އެކެއް) މީޓަރުގެ ދުރުމިން ހުންނަންވާނެއެވެ. އަދި ނިދުމަށް ބޭނުންކުރަނީ ބަންކް ބެޑެއްނަމަ، ދެ އެނދު ދޭތެރޭގައި 1 (އެކެއް) މީޓަރުގެ ދުރުމިން ހުރުމާއެކު، މަތީ އެނދާއި ތިރީ އެނދާ ދެމެދުގައި މަދުވެގެން 900 (ނުވަ ސަތޭކަ) މިލިމީޓަރުގެ އުސްމިން ނުވަތަ ހުސްޖާގަ ހުންނަންވާނެއެވެ. މިގޮތުން ބައިބައި އިތުރުވާނަމަ، އިމާރާތުގެ އެ ފްލޯގެ ހައިޓް އުސްކުރަންވާނެއެވެ.
  7. 2 (ދޭއް) މީހުން ނުވަތަ އެއަށްވުރެ އިތުރު މީހުން ނިދުމަށް ބޭނުންކުރާ ކޮޓަރި ބޭނުންކުރަންވާނީ، އެއް ޖިންސެއްގެ މީހުން އެކަންޏެވެ. މީގެ ތެރޭގައި ދެމަފިރިން އިސްތިސްނާވެގެންވެއެވެ.

 

5 ވަނަ މާއްދާ - ފާހާނާއާއި ސާފުތާހިރުވުމަށް ބޭނުންކުރާ ތަންތަން

(ހ) ފާހާނާއާއި ދޮވެސާފުކުރުމަށް (ލޯންޑްރީ) ހަދާފައި ހުންނަ ތަންތަން، ދިރިއުޅުމަށް ގާއިމުކޮށްފައި ހުންނަ ތަންތަނާ ގުޅިގެން ހަދާފައި ނުވާނަމަ، އެފަދަ ހިދުމަތްދޭ އާންމު ތަންތަން ދެޖިންސަށް ވަކިން ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ވަސީލަތްތައް ގާއިމުކޮށްފައި ހުންނަންވާނީ، އެކަށީގެންވާ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން އެންމެ މަދުވެގެން ވެސް، އެ ތަނެއްގައި ވަޒީފާ އަދާކުރާ ކޮންމެ 10 (ދިހައެއް) މުވައްޒަފަކަށް، 1 (އެކެއް) ފާހާނާގެ މަގުން އެފަދަ ތަންތަން ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ނ) އިމާރާތްކުރާ ސަރަހައްދެއްގައި ގާއިމުކޮށްފައި ހުންނަ ފާހާނާބަރިތައް ހުންނަންވާނީ، ނިދުމަށް ބޭނުންކުރާ ސަރަހައްދާ 60 (ފަސްދޮޅަސް) މީޓަރަށްވުރެ ދުރު ނޫން، އަދި ނިދުމަށް، ނުވަތަ ކެއުމަށް، ނުވަތަ ކެއްކުމަށް ބޭނުންކުރާ ތަނާ 5 (ފަހެއް) މީޓަރު ކައިރިނުވާނެ ގޮތެއްގެ މަތިންނެވެ.

(ރ) ފާހާނާތަކުގެ ޕްލަމްބިންގ ސިސްޓަމް ގާއިމުކޮށްފައި ހުންނަންވާނީ، ގަވާއިދު ނަންބަރު 1020/2019 "ބިލްޑިންގ ކޯޑު" އާ ހިލާފުނުވާ ގޮތަށެވެ.

 

6 ވަނަ މާއްދާ - ފެނުގެ ހިދުމަތް

މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި، ބޯފެނާއި، ކެއްކުމަށް ބޭނުންކުރާ ފެނާއި، ފެންވެރުމަށް ބޭނުންކުރާ ފެނާއި، އެއްޗެހި ދޮވުމަށް ބޭނުންކުރާ ފެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގަބޫލުކުރާ މިންގަނޑަށް ފޯރުކޮށްދެވިފައި ހުންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ނަރުދަމާގެ ނިޒާމު

މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ނަރުދަމާގެ ނިޒާމެއް ނުވަތަ ސާފުތާހިރުކަމުގެ އެކަށީގެންވާ މިންގަނޑަކަށް ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ހުންނަންވާނެއެވެ.

 

8 ވަނަ މާއްދާ - ކުނި ނައްތައިލުން

މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ކުނި އަޅާނޭ ޑަސްބިނެއް ބެހެއްޓިފައި ހުންނަންވާނެއެވެ. އަދި ކުނި އުކައިލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

9 ވަނަ މާއްދާ - ކެއްކުމަށް ގާއިމުކުރާ ތަންތަން

(ހ) މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި ގާއިމުކޮށްފައިވާ ބަދިގެއަކީ ނުވަތަ ކެއްކުމަށް ބޭނުންކުރާ ތަނަކީ، ސިއްހީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް އެކަށީގެންވާ ތަނަކަށް ވާންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ މަސައްކަތް ހިނގާ ސަރަހައްދެއްގައި ދިރިއުޅުމަށް ގާއިމުކޮށްފައި ހުންނަ ތަންތަނުގައި ކެއްކުމަކީ މަނާކަމެކެވެ.

 

10 ވަނަ މާއްދާ - ސަލާމަތީ މިންގަނޑުތަކާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އިމަޖެންސީތަކުގައި އަމަލުކުރުން

(ހ) މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ސަލާމަތީ މިންގަނޑުތައް ގާއިމުކޮށްފައިވޭތޯ ވަޒީފާދޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ށ) ދިރިއުޅުމަށް ގާއިމުކޮށްފައިވާ ތަންތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ނުވަތަ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ އުސޫލު ލިޔެ އެންމެންނަށް ފެންނާނޭހެން ބެހެއްޓިފައި ހުންނަންވާނެއެވެ.

(ނ) އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އިމަރޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކަށް އަހުލުވެރިވުމުގެ ގޮތުން އަހަރަކު 2 (ދޭއް) ފަހަރު، ފަޔަރ އެކްސަރސައިޒް ޑްރިލެއް ބާއްވަން ޖެހޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ކަންކަން ފުރިހަމަވޭތޯ ވަޒީފާދޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ސަލާމަތީ ކަންކަން

(ހ) ވަޒީފާ ދޭ ފަރާތުން، މުވައްޒަފުން ދިރިއުޅުމަށް ތަން ހަމަޖައްސައިދިނުމުގައި، އެތަނުގައި ސަލާމަތީ އެންމެހައި ފިޔަވަޅުތައް އަޅާފައިވޭތޯ ކަށަވަރުކުރަންވާނެއެވެ.

(ށ) މުވައްޒަފުން ދިރިއުޅެން ހަމަޖައްސައިދޭ ތަނުގައި އަގުބޮޑު އެއްޗެހި ރައްކާކުރެވޭނެ މަގުފަހިކޮށްފައި ހުންނަންވާނެއެވެ.

 

12 ވަނަ މާއްދާ - މެއިންޓެނަންސް ބެލެހެއްޓުން

މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ ގަވާއިދުން މެއިންޓެއިން ކުރާ ތަނެއްކަން ވަޒީފާދޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ކޮންވީނިއަންސް ސްޓޯރުގެ ހިދުމަތް

މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ، މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސަރަހައްދެއް ނޫންނަމަ، އާންމުކޮށް ގަންނަން ބޭނުންވާ އާންމު ބޭނުންތަކުގައި ބޭނުންކޮށް އުޅޭ އެއްޗެހި ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމު، ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުން

(ހ) މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި އުޅޭ އެއްވެސް މީހެއްގެ ކިބައިން ގައިން ގަޔަށް އަރާ ބައްޔެއްގެ އަސަރު ފެނިއްޖެނަމަ، ސިއްހީ ކަންކަމާބެހޭ ދައުލަތުގެ ވުޒާރާއަށް ލަސްނުކޮށް އެންގުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) މީހުން ދިރިނޫޅޭ ރަށްރަށުގައި، އިމާރާތްކުރުމުގެ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ، މުވައްޒަފުން ދިރިއުޅޭ ތަންތަނުގައި އުޅޭ މީހުންގެ އަދަދު 000،1 (އެއްހާސް) އަށްވުރެ ގިނަ ނަމަ، އެ ތަނަށް ހާއްސަ ސިއްހީ ޑޮކުޓަރަކު ގެންގުޅެންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ އަދަދަށްވުރެ މީހުން މަދުނަމަ، މުވައްޒަފުންނަށް ދިމާވާ ސިއްހީ މައްސަލަތައް ޑޮކްޓަރަކަށް ނުވަތަ ސިއްހީ ޕްރެކްޓިށަނަރަކަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ.

(ރ) ސިއްހީ ނުރައްކަލުގެ ހާލަތަކާ ގުޅިގެން ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް މުޖުތަމައުގައި ފެތުރުމާ ގުޅިގެން، ހެލްތް ޕްރޮޓެކްށަން އެޖެންސީ ނުވަތަ އެނޫންވެސް ކަމާބެހޭ ދައުލަތުގެ އިދާރާއަކުން، މުވައްޒަފުން ދިރިއުޅެން ހަމަޖައްސައިފައިވާ ތަންތަނާ ގުޅޭގޮތުން ވަކި އިންތިޒާމުތަކެއް ހަމަޖައްސަން ލާޒިމުކޮށްފިނަމަ އެ އިންތިޒާމުތަކެއް ވަޒީފާ ދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

 

15 ވަނަ މާއްދާ - ޕެސްޓް ކޮންޓްރޯލްކުރުން

އިމާރާތްކުރުމުގެ މަސައްކަތް ކުރާ ސަރަހައްދުގައި ގާއިމުކޮށްފައި ހުންނަ، މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި، ވަޒީފާދޭ ފަރާތުން ޕެސްޓް ކޮންޓްރޯލް ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

މަސައްކަތްކުރާ ތަނުގައި ދިރިއުޅުމަށް ހަމަޖައްސައިދޭ ތަންތަނުގައި، ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ، ނަމާދުކުރުމަށް އެކަށޭނަ ތަނެއް ގާއިމުކޮށްފައި، ނުވަތަ މުވައްޒަފުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ.

 

17 ވަނަ މާއްދާ - މުވައްޒަފުން ތިބުމަށް ހާއްސަކޮށް ހަދާފައި ހުންނަ ތަންތަން

މުވައްޒަފުން ދިރިއުޅުމަށް ހާއްސަކޮށް ހަދާފައި ހުންނަ ތަންތަނަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ އެއްވެސް ހުއްދައެއް އޮވެގެން ނުވަތަ ރަޖިސްޓަރީކޮށްގެން ހިންގަންޖެހޭ ތަނަކަށްވާނަމަ، އެ ތަނެއް ހިންގަން ހޯދަންޖެހޭ އެންމެހައި ހުއްދަތަކެއް ގަވާއިދުން ހޯދަންވާނެއެވެ.

 

18 ވަނަ މާއްދާ – އިސްތިސްނާ

ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ތެރެއިން ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ، އަދި ވަޒީފާދޭ ފަރާތުން، އެ މުވައްޒަފުން ދިރިއުޅުމަށް ނުވަތަ ނިދުމަށް ހަމަޖައްސާ ތަނަކީ ކަނޑުދަތުރުކުރާ އުޅަނދެއްނަމަ، އެ ފަރާތްތައް، މި ޖަދުވަލުގެ 4 ވަނަ މާއްދާއިން 7 ވަނަ މާއްދާއާ ހަމައަށް ހުރި މާއްދާތަކުން އިސްތިސްނާވާނެއެވެ.

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު