-

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-108)

 

އެއްވަނަ ބާބު

ފެށުން 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 1 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އަދި މީރާގެ އިހްތިސާސް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ޓެކުހާ ގުޅޭ ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި މީރާއިން އަމަލުކުރާނެ އުސޫލު ބަޔާންކުރާ ގަވާއިދެވެ. 
 (ށ) މި ގަވާއިދަށް ކިޔާނީ، "ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ ބޭނުމަކީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އިން މީރާއަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ހ) ޓެކުހާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މީރާއަށް ހުށަހެޅުމުން،މީރާއިން އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައެޅުން.

(ށ) މައްސަލަ ހުށަހެޅު މުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(ނ) މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން މީހުން ހާޒިރުކުރުމުގައްޔާއި އެ މީހުންނާ ސުވާލުކުރުމުގައި އަމަލުކުރާނެ އު ސޫލުތައް ކަނޑައެޅުން.

(ރ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރާ މީހާއަށް ލިބިދޭ ހަނުހުރުމުގެ ހައްގާއި، ވަކީލުގެ އެހީ ލިބިގަތުމުގެ ހައްގާއި، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގަށް ރިއާޔަތްކޮށް، އެ ހައްގުގެ ދާއިރާގެ ތެރޭގައި މީރާގެ ދައުރު ކަނޑައެޅުން.

(ބ) ޖިނާއީ މައްސަލަތަކުގެ ތެރެއިން ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭށަން ހިންގާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

(ޅ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތެއްގައި އަދި އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގު ކުރިޔަ ށްގެންދިއުމަށް ބާރުއެޅުން.

(ކ) މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(އ) މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން މީރާގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ރައްކައުތެރިކަމާއެކު ބަލަހައްޓާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

(ވ) މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(މ) މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ބޭންކް އެކައުންޓު މޮނިޓަރކުރުމާއި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

 

 

ދެވަނަ ބާބު

މައްސަލަ ހުށަހެޅުމާއި ގިންތިކުރުން 

 

3 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭ ނެގޮތް

(ހ) ޓެކުހާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރަމުންދާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތަކަށް، ތިރީގައިވާ ޒަރީއާތަކުގެ ތެރެއިން ޒަރީއާއެއް މެދުވެރިކޮށް މީރާއަށް މައުލޫމާތެއް ދެވިދާނެއެވެ. ނުވަތަ މައްސަލައެއް ހުށަހެޅިދާނެއެވެ.

  1. މީރާއަށް ފޯނުކޮށްގެން، ފޯނު މެދުވެރިކޮށް؛
  2. މީރާއަށް ހާޒިރުވެގެން؛
  3. މީރާގެ ރަސްމީ ވެބްސައިޓުގައިވާ "ވިސްލްބްލޯވަރ" ނިޒާމު މެދުވެރިކޮށް؛
  4. ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް؛
  5. މައްސަލަ ހުށަހަޅާ ފޯމު " 918 MIRA މެދުވެރިކޮށް؛
  6. މީރާގެ މޯބައިލް އެޕްލިކޭށަން މެދުވެރިކޮށް؛
  7. މީރާއިން ކަނޑައަޅާ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ޒަރީއާއެއް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް ޓަކައި ބޭނުންކުރާނީ މީރާއާ ގުޅޭނެކަމަށް ވެބްސައިޓުގައި އާންމުކޮށްފައިވާ ފޯނު ނަންބަރުތަކާއި އެޑްރެސްތަކާއި ލިންކުތަކެވެ. އެ މައުލޫމާތަށް އެއްވެސް ބަދަލެއް އަންނަ ހާލަތުގައި، މީރާއިން އެ މައުލޫމާތު އަޕްޑޭޓްކޮށް، އެކަން އާންމުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ފަރާތްތައް 

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން މީރާއަށް މައްސަލަތައް ހުށަހެޅޭނީ، އަންނަނިވި ފަރާތްތަކަށް ނުވަތަ ގޮތަކަށެވެ.

(ހ) މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަމުންދާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތެއް؛

(ށ) ގާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިދޭ އެހެން އިދާރާއަކުން ބަލަމުންދާ ކަމަކާ ގުޅިގެން އެ އިދާރާއަކުން؛

(ނ) ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ތަހުގީގުކުރުމަށް އަންގާ އެންގުމަކުން.

 

5 ވަނަ މާއްދާ - މީރާގެ އިސްނެ ގުމުގެ މަތިން މައްސަލަ ބެލުން 

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ރ) ގެ ދަށުން، އަންނަނިވި ގޮތްގޮތުން ލިބޭ މައުލޫމާތަށް ބިނާކޮށް މީރާއަށް މައްސަލައެއް ބެލިދާނެއެވެ.

(ހ) މީރާއިން ކުރިޔަށްގެންދާ އޮޑިޓުތަކުގައި ލިބޭ މައުލޫމާތު؛

(ށ) މީރާއިން ކުރިޔަށްގެންދާ ތަހުގީގުތަކުގައި ލިބޭ މައުލޫމާތު؛

(ނ) މީރާއިން ކުރިޔަށްގެންދާ ރިސްކް އެނަލަސިސްއިން ލިބޭ މައުލޫމާތު؛

(ރ) މީރާއަށް ލިބޭ އެހެނިހެން މައުލޫމާތު.

 

6 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގައި ހިމަނަންޖެހޭ މައުލޫމާތު 

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މައްސަލައެއް ހުށަހަޅާއިރު، އެ ފަރާތަކަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު ފޯރުވައިދޭންވާނެއެވެ.

(ހ) މައްސަލަ ރައްދުވާ ފަރާތް ނުވަތަ އެ ފަރާތުން ހިންގާ ވިޔަފާރީގެ މައުލޫމާތު؛

(ށ) މައްސަލަ ރައްދުވާ ފަރާތުން ކޮށްފައިވާ ކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ ތަފުސީލު؛

(ނ) މައްސަލައާ ގުޅޭ ހެކި؛

(ރ) މައްސަލައާ ގުޅޭ ހެކި ހުންނާނެކަމަށް ބެލޭވެ ތަންތަނުގެ މައުލޫމާތު؛

(ބ) މައްސަލައިގައި ށާމިލުވާ އިތުރު ފަރާތްތައް؛

(ޅ) މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ދެވޭނެ ފަރާތްތައް؛

(ކ) މައްސަލަ ހުށަހަޅާ ފަރާތާ ގުޅޭނެ ފޯނު ނަންބަރެއް (ހުށަހަޅާ ފަރާތުން ބޭނުންނަމަ)؛

(އ) މައްސަލަ ހުށަހަޅާ ފަރާތުގެ އީމެއިލް އެޑްރެސް (ހުށަހަޅާ ފަރާތުން ބޭނުންނަމަ).

 

7 ވަނަ މާއްދާ - އިހްތިސާސް ލިބިގެންނުވާ މައްސަލަތަކާމެދުއަމަލުކުރާނެ ގޮތް

(ހ) މީރާއަށް ހުށަހެޅޭ މައްސަލައަކީ މީރާގެ އިހްތިސާސުން ބޭރު މައްސަލައެއް ނަމަ، ނުވަތަ އެހެން އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހަޅަންޖެހޭ މައްސަލައެއް ނަމަ، އެކަން އެގޮތަށް ބަޔާންކޮށް، މައްސަލަ ހުށަހަޅާ ފަރާތަށް، 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުން އެ ލިޔުން ބޭނުން ނުވާކަމަށް އަންގައިފި ނަމަ، ނުވަތަ އެ ފަރާތުގެ މައުލޫމާތު މީރާއަށް ފޯރުވައިދީފައި ނުވާ ނަމަ، އެކަން ލިޔުމުން ރެކޯޑުކޮށް، ލިޔުން ފައިލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން 

(ހ) މި ގަވާއިދުގެ ދަށުން މީރާއަށް ހުށަހަޅާ މައްސަލަތައް، މީރާގައި ރަޖިސްޓަރީކުރާނީ، އެ މައްސަލައިގެ ރިސްކް އެނަލަސިސްއެއް ހެދުމަށްފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިސްކް އެނަލަސިސް ހެދުމަށްފަހު،އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްފައި، އެ މައްސަލަ މީރާގައި ރަޖިސްޓަރީ ނުކުރާން ނިންމިދާނެއެވެ.

  1. ޓެކުހާ ގުޅޭ ޖިނާއީ ކުށެއްގެ ރުކުންތައް އެކަށީގެންވާ މިންވަރަކަށް ހުރިކަމަށް ނުބެލެވުން؛
  2. ކޯޓުގައި ހިނގަމުންދާ މައްސަލައެއް ނުވަތަ ތަހުގީގު ކުރަމުންދާ މައްސަލައެއް، އެއް ވާގިއާގެ މައްޗަށް އޮތުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނިންމުން ނިންމަންވާނީ، މީރާގެ ތަހުގީގުކުރާ އޮފިސަރެއްގެ ލަފަޔާއެކު، އެގްޒެކެޓިވް ފަންތީގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.

(ރ) މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލައެއް ރަޖިސްޓަރީކުރުމާމެދު 10 (ދިހައެއް) ދުވަހުގެ ތެރޭގައި މީރާއިން ގޮތެއް ނިން މައިފައި ނުވާ ނަމަ، އެ މައްސަލައެއް މީރާގައި ރަޖިސްޓަރީކޮށްފައި، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން އަމަލު ކުރަން ވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލައެއް ރަޖިސްޓަރީ ނުކުރަން ނިންމިނަމަވެސް، ފަހުން ލިބޭ މައުލޫމާތަކަށް ބިނާކޮށްގެން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ މައްސަލައަކާމެދު އަމަލުކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން 

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން މައްސަލައެއް ރަޖިސްޓަރީ ކުރުމަށްފަހު، އެ މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުން އެ ލިޔުން ބޭނުން ނުވާކަމަށް އަންގައިފި ނަމަ، ނުވަތަ އެ ފަރާތުގެ މައުލޫމާތު މީރާއަށް ފޯރުވައިދީފައި ނުވާ ނަމަ، އެކަން ލިޔުމުން ރެކޯޑުކޮށްފައި، ލިޔުން ފައިލުކުރަންވާނެއެވެ .

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. މައްސަލަ ހުށަހެޅުނު ތާރީހާއި ގަޑި؛
  2. މައްސަލަ ރަޖިސްޓަރީކުރި ތާރީހު؛
  3. މައްސަލައިގެ ރިފަރެންސް ނަންބަރު؛
  4. މައްސަލަ ހުށަހެޅުނު ގޮތް؛
  5. މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ތައްޔާރުކުރި ތާރީހު؛
  6. މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން، މައްސަލަ ހުށަހެޅި ފަރާތާ ހަވާލު ކުރެވުނު ތާރީހު؛
  7. މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން ބޭނުން ނުވާކަމަށް، މައްސަލަ ހުށަހެޅި ފަރާތުން އަންގައިފި ނަމަ، އެ ފަދައިން އެންގި ތާރީހު.

 

 

ތިންވަނަ ބާބު

ތަހު ގީގުގެ ބޭނުމަށް މީހުން ހާޒިރުކުރުން

 

10 ވަނަ މާއްދާ - މީހުން ހާޒިރުކުރެވޭނެ ހާލަތްތައް 

(ހ) މީރާއިން ކުރިޔަށްގެންދާ ތަހުގީގެއްގެ ބޭނުމަށް، މީރާއަށް ހާޒިރުވުމަށް އެންގޭނީ، އަންނަނިވި ހާލަތްތަކުގައެވެ.

  1. )ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ކަމުގައި ވުން؛
  2. ތަހުގީގަށް މައުލޫމާތު ދެވިދާނެ މީހެއް ކަމުގައި ވުން؛
  3. ހެކިބަސް ދެވިދާނެ މީހެއް ކަމުގައި ވުން.

(ށ) ހާޒިރުވުމަށް އަންގާ އެންގުން ރައްދުވާ މީހާ ހުރީ ރާއްޖެއިން ބޭރުގައި ނަމަ، އެ އެންގުން، އޭނާ މީރާއަށް ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 14( ސާދަ( ދުވަހުގެ ކުރިން އޭނާއަށް ރައްދުކުރަންވާނެއެވެ.

(ނ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ހާޒިރުވާންޖެހޭ ފަރާތް،ހާޒިރުވާންޖެހޭ ތާރީހާއި ގަޑިއަށް ހާޒިރުވެވެން ނެތްކަމަށް ބުނެ، މަގްބޫލު އުޒުރަކާއެކު، ހާޒިރުވާންޖެހޭ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން މީރާއަށް އަންގައިފި ނަމަ، އޭނާ ހާޒިރުވުމަށް އެކަށޭނަ އިތުރު މުއްދަތެއް ދިނުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އެންގުން 

މީރާއިން ކުރިޔަށްގެންދާ ތަހުގީގެއްގެ ބޭނުމަށް މީހަކު ހާޒިރުވުމަށް އަންގާ އެންގުމެއްގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ހާޒިރުކުރެވޭ މީހާގެ ނަމާއި، ދާއިމީ އެޑްރެސް؛

(ށ) ހާޒިރުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛

(ނ) ހާޒިރުކުރެވޭ މީހާގެ ފޯނު ނަންބަރު؛

(ރ) ހާޒިރުވެފައި ބައްދަލުކުރަންވީ މީރާގެ މުވައްޒަފުގެ ނަމާއި، ރެކޯޑު ކާޑުގެނަންބަރު.

 

12 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އެންގުން ރައްދުކުރުން 

ހާޒިރުވުމަށް އަންގާ އެންގުން ރައްދުކުރާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) ހާޒިރުވުމަށް އަންގާ އެންގުން ރައްދުވާ މީހާއާ ހަވާލުކުރުން؛

(ށ) ހާޒިރުވުމަށް އަންގާ އެންގުން ރައްދުވާ މީހާ ދިރިއުޅޭ އެޑްރެހުގައި އުޅޭ،ތަސައްރުފު ފުދިފައިވާ މީހަކާ ހަވާލުކުރުން؛

(ނ) ހާޒިރުވުމަށް އަންގާ އެންގުން ރައްދުވާ މީހާ ދިރިއުޅޭ އެޑްރެހަށް ޕޯސްޓުކުރުން؛

(ރ) ހާޒިރުވުމަށް އަންގާ އެންގުން ރައްދުވާ މީހާ ބޭނުންކުރާ އީމެއިލް އެޑްރަހަށް ފޮނުވުން؛

(ބ) ހާޒިރުވުމަށް އަންގާ އެންގުން ރައްދުވާ މީހާ އިއުތިރާޒު ނުކުރާނަމަ، އެ މީހާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ފޯނު ނަންބަރަށް ނުވަތަ އެ މީހާ ބޭނުންކުރާ މޯބައިލް ފޯނު ނަންބަރަށް ފޮނުވުން؛

(ޅ) ހާއްސަ ހާލަތްތަކުގައި، މީރާއިން ކަނޑައަޅާ އު ސޫލަކާ އެއްގޮތަށް ފޮނުވުން؛

(ކ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް ހާޒިރުވުމަށް އަންގާ އެންގުން ރައްދު ނުކުރެވުނު ނަމަ، ހާޒިރުވުމަށް އަންގާ އެންގުން ރައްދުވާ މީހާގެ ދާއިމީ އެޑްރެހަށް ޕޯސްޓުކުރުން.

 

13 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އެންގުމަށް ހާޒިރުވުން 

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީހަކު ހާޒިރުވާއިރު، އެ މީހަކީ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމަކާއި، ހާޒިރުވުމަށް އަންގާ އެންގުން ގެންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހާޒިރުވާ މީހަކު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާނަމަ، ގާނޫނީ ވަކީލަކާއެކު ހާޒިރުވުމުގެ ފުރުސަތު އޭނާއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އެންގުމަށް ހާޒިރުވުމަށް އުޒުރުވެރިވުން 

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ މަގުބޫލު އުޒުރެއް މެދުވެރިވެފައިވާކަން ސާބިތުކޮށްދިނުމަކީ ހާޒިރުވާންޖެހޭ ފަރާތުގެ ޒިންމާއެކެވެ.

 

15 ވަނަ މާއްދާ - މަގްބޫލު ސަބަބެއްނެތިހާޒިރުނުވުން 

(ހ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ހާޒިރުނުވެވޭނެކަން މީރާއަށް ނާންގައި ވިދިވިދިގެން 2( ދޭއް( ފަހަރު އެ އެންގުމުގައިވާ ވަގުތަށް ހާޒިރުނުވެއްޖެ ނަމަ ، ނުވަތަ ވިދިވިދިގެން 2( ދޭއް( ފަހަރު އެ އެންގުމާ ހަވާލު ނުވެއްޖެ ނަމަ، ކޯޓު އަމުރެއްގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން އެ ފަރާތެއް މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް ހާޒިރުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރު ހޯދުމަށް ހުށަހަޅާނީ މީރާއިންނެވެ.

(ނ) ކުށެއްގެ ތުހުމަތުކުރެވޭ މީހަކު، ހާޒިރުވުމަށް އަންގާ އެންގުމަކާ ހަވާލުވެފައި އެ އެންގުމުގައިވާ ތާރީހާއި ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ، ނުވަތަ އެ އެންގުމާ ހަވާލު ނުވެއްޖެ ނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވިދާނެއެވެ. 

 

16 ވަނަ މާއްދާ - ހާޒިރުވުމަށް އަންގައި އިއުލާނުކުރުން

(ހ) ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ހާޒިރުވުމަށް އަންގާ އެންގުން، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ރައްދުކުރެވުނުކަން މީރާއަށް ކަށަވަރުކުރެވިފައި ނުވާނަމަ، ނުވަތަ އެ މީހެއް ދިރިއުޅޭ ތަނެއް ނުވަތަ އެ މީހަކަށް ހާޒިރުވާން އަންގާ އެންގުން ރައްދުކުރާނެ ގޮތާބެހޭ މައުލޫމާތު މީރާއަށް ލިބިފައި ނުވާ ނަމަ، ނުވަތަ މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މީހަކު ހާޒިރު ނުކުރެވުނު ނަމަ، އެ މީހާގެ ފޮޓޯއާއެކު، އޭނާ ހޯދުމަށް އާންމުކޮށް އިއުލާނުކުރާނެ ކަމުގައި އޭނާގެ އާއިލާގެ މެންބަރަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަކަށް އެންގުމަށްފަހު، އެ މީހަކު ހާޒިރުވުމަށް އަންގައި އާންމުކޮށް އިއުލާނު ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށުގެ 
ތުހުމަތުކުރެވޭ މީހާގެ އާއިލާގެ މެންބަރެއްގެ މައުލޫމާތު ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތެއްގެ މައުލޫމާތު މީރާއަށް ލިބިފައި ނުވާ ނަމަ، އެ މީހާގެ ފޮޓޯއާއެކު، އެ މީހަކު ހާޒިރުވުމަށް އަންގައި އާންމުކޮށް އިއުލާނު ކުރުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުށުގެ ތުހުމަތު ކުރެވޭ މީހާގެ އާއިލާގެ މެންބަރަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަކަށް އެންގުމުގައި، މުއާމަލާތު ކުރެވުނު ފަރާތުގެ މައުލޫމާތާއި، މުއާމަލާތު ކުރެވުނު ތަރީހާއި ގަޑި މީރާއިން ރިކޯޑުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަންނަވާނެއެވެ.

  1. ހާޒިރުކުރެވޭ މީހާގެ ނަމާއި، ދާއިމީ އެޑްރެހާއި، އުމުރާއި، އެ ފަރާތުގެ ފޮޓޯ؛
  2. ހާޒިރުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
  3. ހާޒިރުކުރެވޭ ހައިސިއްޔަތު؛
  4. ހާޒިރުވާން އަންގާ ތަނާއި ތާރީހާއި ގަޑި.

(ބ) މި މާއްދާގައިވާ ގޮތުގެ މަތިން ހާޒިރުވުމަށް އަންގާ މީހާ މީރާއަށް ހާޒިރުވުމަށް، މަދުވެގެން 7 (ހަތެއް) ދުވަހުގެ ފުރުސަތު ދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން އަންގާ އެންގުމަށް ހާޒިރު ނުވެވޭނެ މަގްބޫލު އުޒުރެއް އޮތް ނަމަ، ސަބަބާއެކު، ވީ އެންމެ އަވަހަކަށް އަދި މަދުވެގެން ހާޒިރުވާންޖެހޭ ވަގުތުގެ 24( ސައުވީސް( ގަޑިއިރުގެ ކުރިން، މީރާއަށް އަންގަންވާނެއެވެ. އަދި އެ ލިޔުމުގައި، އޭނާ އުޅޭ ތަނަކާއި، އޭނާއާ މުއާމަލާތު ކުރާނެ ގޮތުގެ މައުލޫމާތު ހިމަނަންވާނެވެ.

 

17 ވަނަ މާއްދާ - ރުހުމުގައި މީރާއަށް ހާޒިރުވުން 

(ހ) މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ކުށުގެ ތުހުމަތު ކުރެވޭ ފަރާތެއް ނުވަތަ މައްސަލައަކާ ގުޅިގެން ހެކިބަހެއް ނުވަތަ މައުލޫމާތެއް ދިނުމަށް މީރާއަށް ހާޒިރުކުރަން ބޭނުންވާ މީހާގެ ރުހުމުގައި، ފޯނުން އަންގައިގެން ނުވަތަ އެ މީހަކާ ބައްދަލުކޮށްފައި ހާޒިރުވާންޖެހޭ ގަޑި އަންގައިގެން މީރާއަށް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން އަންގާ އެންގުމަކާ ގުޅިގެން ހާޒިރުވާއިރު އެ މީހެއްގެ ގާނޫނީ ވަކީލާއެކު ހާޒިރުވުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން އަންގާ އެންގުމަކާ ގުޅިގެން މީރާއަށް ހާޒިރުކުރެވޭ މީހަކީ ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހަކަށް ވާ ނަމަ، އެ މީހަކާ ސުވާލުކުރުމުގެ ކުރިން، މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު އެ މީހަކަށް ލިޔުމުން ދޭންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން އަންގާ އެންގުމަކާ ގުޅިގެން މީރާއަށް ހާޒިރުކުރެވޭ މީހަކީ މައްސަލައަކާ ގުޅިގެން ހެކިބަހެއް ނުވަތަ މައުލޫމާތެއް ދިނުމަށް މީރާއަށް ހާޒިރުކުރެވޭ މީހެއް ނަމަ، އެ ފަދަ މީހަކަށް ވެސް ގާނޫނީގޮތުން ލިބިދޭ ހައްގުތައް ކިޔައިދޭން ވާނެއެވެ.

(ބ) މި މާއްދާގެ ދަށުން އަންގާ އެންގުމަކާ ގުޅިގެން ހާޒިރުވާ ފަރާތަކާ ސުވާލު ކުރުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަން ވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ސުވާލުކުރުން

 

18 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހުންނާ ސުވާލުކުރުން

(ހ) ތަހުގީގެއްގައި ސުވާލުކުރެވޭ މީހާއަކީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއް ނަމަ، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހުންނަށް ދޭ ގާނޫނީ އިންޒާރު، ލިޔުމަކުން އޭނާއަށް ދޭންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް އޭނާއަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާއިން ދޭންޖެ ހޭ ގާނޫނީ އިންޒާރުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ތުހުމަތުކުރެވެނީ ކޮން މައްސަލައަކާ ގުޅިގެންކަން؛
  2. ތުހުމަތުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
  3. އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛
  4. ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ހައްގެއްކަމުގައިވިޔަސް، ސުވާލަށް ޖަވާބުދިނުން އެދެވިގެންވާކަން؛
  5. ސުވާލަށް އޭނާ ދޭ ޖަވާބަކީ، އޭނާއާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއްކަން؛
  6. އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން؛
  7. އޭނާއަކީ ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ނަމަ، އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނަމަ، ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގައި ހިމެނިގެންވާ ބައިތައް، ސުވާލުކުރެވޭ މީހާއަށް އިއްވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު، ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށް ހާޒިރުކުރާ ކޮންމެ ފަހަރަކު، މި މާއްދާގައިވާ ގޮތުގެ މަތިން،ތުހުމަތުކުރެވޭ މީހާއަށް ލިޔުމުން ދޭންވާނެއެވެ.

 

19 ވަނަ މާއްދާ - ސުވާލުކުރެވޭނެ ވަގުތުގެ ދިގުމިން 

(ހ) މި ގަވާއިދުގެ ދަށުން ހާޒިރުކުރެވޭ މީހަކާ މީރާއިން މެދުކެނޑުމެއްނެތި ސުވާލުކުރެވޭނީ ގިނަވެގެން 60 (ފަސްދޮޅަސް) މިނެޓަށެވެ. ސުވާލުކުރާ މުއްދަތުގެ ތެރޭގައި 60 (ފަސްދޮޅަސް) މިނެޓު ސުވާލުކުރުމަށްފަހު، މަދުވެގެން 10 (ދިހައެއް) މިނެޓުގެ ހުސްވަގުތުކޮޅެއް އެ މީހަކަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާޒިރުކުރެވޭ މީހާއާ ސުވާލުކުރާއިރު ހުސްވަގުތު ބޭނުން ނުވާކަމަށް ބުނެފި ނަމަ، މި މާއްދާގެ (ހ) ގައިވާ އުސޫލެއް ނުހިނގާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ސުވާލުކުރެވޭނީ، ގިނަވެގެން 2 (ދޭއް) ގަޑިއިރުގެ މުއްދަތަށެވެ.

 

20 ވަނަ މާއްދާ - ސުވާލުކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން 

(ހ) މީރާއަށް ހާޒިރުކުރާ ކޮންމެ މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާއާ ސުވާލުކުރެވޭ ސަބަބު، މީރާއިން އޭނާއަށް ސާފުކޮށްދޭން ވާނެއެވެ.

(ށ) މީރާއަށް ހާޒިރުކުރާ ކޮންމެ މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދިއްޖެ ނަމަ، އެކަން އެގޮތަށް ކޮށްދިނުން މީރާގެ މައްޗަށް ލާޒިމުވެގެންވެއެވެ.

 

21 ވަނަ މާއްދާ - ތަހުގީގުގައި ކުށަށް އިއުތިރާފުވުން 

(ހ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފި ނަމަ، ނުވަތަ އިއުތިރާފުވެއްޖެ ނަމަ، އެ ވަގުތާ ހަމައަށް އެ މައްސަލައިގައި ހޯދައިފައިވާ ހޯދުންތައް ރިވިއުކޮށްފައި، އެ މައްސަލައާމެދު އަންނިވި ގޮތުންކުރެ ގޮތަކަށް އަމަލުކުރަން ނިންމިދާނެއެވެ.

  1. މައްސަލަ އިތުރަށް ތަހުގީގުކުރުން؛
  2. އިއުތިރާފުގެ އެއްބަސްވުން އެކުލަވައިލުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުން؛
  3. މައްސަލައިގެ މަދަނީ އަދަބު ކަނޑައެޅުމަށްފަހު މައްސަލަ ނިންމުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މީރާއިން ނިންމާ ނިންމުން، ކުށުގެ ތުހުމަތުގައިވާ މީހާ ކުށަށް އިއުތިރާފުވާ ވަގުތުން ފެށިގެން، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައަކާމެދު ގޮތެއް ނިންމާއިރު، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. މައްސަލައިގައި ހިމެނޭ ޓެކްސް ދައްކާ ފަރާތުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކޮށްފައިވާ މިންވަރު (ކޮމްޕްލަޔަންސް ލެވެލް)؛
  2. މައްސަލައިގައި ހިމެނޭ ޓެކްސް ދައްކާ ފަރާތުގެ ކުޑަބޮޑުމިން؛
  3. މައްސަލައިގައި ހޯދައިފައިވާ ހެއްކާއި ގަރީނާ؛
  4. މައްސަލައިގައި ހިމެނޭ ޓެކްސް ދައްކާ ފަރާތުން އިތުރަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށަށް އިއުތިރާފުވި ފަރާތް ފިޔަވައި އެހެން ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ނަމަ، ނުވަތަ އިއުތިރާފުވި ފަރާތުން އެއްވެސް ސަބަބަކާ ހުރެ އިއުތިރާފުން ރުޖޫއަވެއްޖެ ނަމަ، އެ ފަދަ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކުރަންވާނެއެވެ.

(ބ) ކުށަށް އިއުތިރާފުވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާ މައްސަލަތައް، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ އޮފީހަށް ފޮނުވަންވާނެއެވެ.

 

22 ވަނަ މާއްދާ - ތަހުގީގަށް ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ތައްޔާރުކުރުން 

(ހ) މީރާއިން ކުރިޔަށްގެންދާ ތަހުގީގުތަކަށް ހާޒިރުކުރެވޭ މީހާ ދޭ ޖަވާބުތަކަށް ބިނާކޮށް، ލިޔުމުން ބަޔާނެއް ތައްޔާރުކުރަންޖެހޭކަމަށް ތަހުގީގުކުރާ އޮފިސަރަށް ފެންނަ ނަމަ، ހާޒިރުކުރެވޭ މީހާއަށް އެކަން އެންގުމަށްފަހު، އެ މީހާގެ ބަޔާނެއް ލިޔުމުން ތައްޔާރުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ބަޔާންދޭ ފަރާތުގެ މައުލޫމާތު؛
  2. ބަޔާންނެގި މައްސަލައިގެ ހުލާސާ؛
  3. ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ލިބުނުކަން؛
  4. ތުހުމަތުކުރެވޭ ފަރާތެއް ނަމަ، ހަނުހުރުމުގެ ހައްގު ލިބުނުކަން؛
  5. ހާޒިރުކުރެވުނު ފަރާތުން ތަހުގީގަށް ދިން މައުލޫމާތު؛
  6. ތަހުގީގަށް ދީފައިވަނީ ތެދު މައުލޫމާތުކަމަށް، ބަޔާންދިން ފަރާތުން ވާއިގުރާރު؛
  7. ބަޔާން ނެގި ތަނާއި، ތާރީހާއި، ގަޑި؛
  8. ބަޔާން ދިން ފަރާތާއި ތަހުގީގުކުރި އޮފިސަރާއި ބަޔާންދިންއިރު ހެކިވެރިންގެ ގޮތުގައި ބައިވެރިވި ފަރާތްތަކުގެ އިނގިލީގެ ނިށާނާއި ސޮއި.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރެވޭ ބަޔާނުގައި، ބަޔާންދިން ފަރާތުން ސޮއިކުރުމަށް އިންކާރުކުރާނަމަ ނުވަތަ ބަޔާނުގައި ސޮއިކުރުމަށް މީރާއަށް ހާޒިރުވުމަށް އެންގުމުން ހާޒިރުނުވެއްޖެނަމަ، އެކަން ބަޔާންކޮށް، ސޮއިކުރުމަށް އިންކާރުކުރިކަމަށް ނުވަތަ ބަޔާނުގައި ސޮއިކުރުމަށް ހާޒިރުނުވިކަމަށް ހެކިވާނެ 2 (ދޭއް) ފަރާތެއްގެ މައުލޫމާތާއި ސޮއި އެ ބަޔާނުގައި ހިމަނަންވާނެއެވެ.

 

23 ވަނަ މާއްދާ - ސުވާލުކުރުމާ ގުޅޭ އާންމު އުސޫލު 

ސުވާލުކުރެވޭ މީހާ އާންމުކޮށް ވާހަކަދައްކައި އުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެނޫންވެސް ބަހަކުން މީރާއަށް އޭނާއާ ސުވާލުކުރަން ނޭނގޭނަމަ، މީރާއިން ކުރާ ސުވާލުތައް އޭނާއަށް ތަރުޖަމާކޮށްދެވޭނެ މީހަކު ހޯދައި، އެ ތަރުޖަމާނުގެ ހިދުމަތް މީރާއިން ބޭނުންކުރަންވާނެއެވެ. އަދި، އޭނާ ވާހަކަދައްކަނީ އިށާރާތުން ނަމަ، މީރާއާ އެ މީހަކާ ދެމެދު ކުރެވޭ މުއާމަލާތް އިށާރާތުގެ ބަހުން އެ މީހަކަށް ކިޔައިދެވޭނެ ފަރާތެއް އޭނާއާ އެއްހާޒިރުގައި ބަހައްޓައިގެން، އެފަދަ މީހެއްގެ ބޭނުން މީރާއިން ހިފަންވާނެއެވެ.

(ށ) ކުށުގެ ތުހުމަތުގައިވަނީ ކުޑަކުއްޖެއް ނަމަ، އެ ކުއްޖަކާ ސުވާލުކުރަންވާނީ، އެ ކުއްޖާގެ ބެލެނިވެރިއެއްގެ ހާޒިރުގައެވެ. ބެލެނިވެރިއަކަށް ހާޒިރުވެވެން ނެތް ހާލަތުގައި އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ.

(ނ) ކުށުގެ ތުހުމަތުގައިވާ މީހަކާ މީރާއިން ސުވާލުކުރަން ފެށުމުގެ ކުރިން ދޭ ގާނޫނީ އިންޒާރާއި، އެއަށް އޭނާ ދޭ ޖަވާބާއި، މީރާއިން ކުރާ ސުވާލާއި، އެ ސުވާލުތަކަށް އޭނާ ދޭ ޖަވާބު އޯޑިއޯ ރިކޯޑު ނުވަ ތަ ވީޑިއޯ ރިކޯޑުކުރަންވާނެއެވެ.

(ރ) ތަހުގީގުގައި އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރިކޯޑުކުރެވޭ ތަކެއްޗަކީ، އެ މީހަކު ތަހުގީގުގައި އެގޮތަށް ދައްކައިފައިވާ ވާހަކަކަމަށް ސާބިތުކޮށްދިނުމަށްޓަކައި ހެކީގެ ގޮތުގައި، ކޯޓަށް ހުށަހެޅޭނެ އަދި ކޯޓުން ބަލައިގަންނާނެ ހެއްކެވެ.

(ބ) ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއް، ނުވަތަ ބެލެނިވެރިއެއް ނުވަތަ މަސްލަހަތު ހިމާޔަތްކުރާ ފަރާތެއްގެ ހާޒިރުގައި އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑިންގއާއެކު ކުރެވޭ ތަހުގީގު އިންޓަވިއުއާއި، މައްސަލައެއް ހުށަހަޅާ ފަރާތުގެ ނުވަތަ ހެކިބަސްދޭ ފަރާތުގެ ބަޔާން ނެގުމަށް ސުވާލުކުރެވޭ ހިނދު، އަޑުއަހާ މީހެއްގެ ގޮތުގައި އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި އިންޓަވިއުކުރުމުގެ އިހްތިޔާރު ތަހުގީގު ކުރާ ފަރާތަށް ލިބިގެންވެއެވެ. 

 

 

ފަސްވަނަ ބާބު

ގާނޫނީ ވަކީލުގެ އެހީ ލިބިގަތުން

 

24 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު 

(ހ) މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ހާޒިރުކުރެވޭ ފަރާތަށް ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ހައްގު ލިބިގެންވާކަން، އެ ފަރާތަށް އަންގަންވާނެއެވެ.

(ށ) މީރާއިން ކުރިޔަށްގެންދާ ތަހު ގީގަކާ ގުޅިގެން ކުށުގެ ތުހުމަތުގައި ހާޒިރުކުރެވޭ ފަރާތާ ސުވާލުކުރަން ފެށުމުގެ ކުރިން، މި ގަވާއިދުގެ ދަށުން ދޭ ގާނޫނީ އިންޒާރުގައިވާ ގޮތުގެ މަތިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަން ނުވަތަ ނޫންކަން އެ ފަރާތާ ސުވާލުކުރާ މީރާގެ މުވައްޒަފު ސާފުކުރަންވާނެއެވެ.

(ނ) މީރާއިން ތަހުގީގުކުރާ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަންކުރަން އެދިއްޖެނަމަ، އެ ވަގުތަކުން ފެށިގެން 24( ސައުވީސް( ގަޑިއިރާއި 48( ސާޅީސް އަށެއް( ގަޑިއިރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށްފަހު އަލުން ހާޒިރުވުމަށް އެ ފަރާތަކަށް ފުރުސަތު ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މަގްބޫލު އުޒުރަކާހެދި ވަކީލަކު އައްޔަނު ކޮށްފައި ނުވާ ނަމަ، އަދި ވަކީލަކު އައްޔަނު ކުރުމަށް އިތުރު މުއްދަތެއް ބޭނުންވާނަމަ، ވަކީލަކު އައްޔަނު ކުރުމަށް ދިން މުއްދަތު ހަމަވުމުގެ ކުރިން، "ވަކީލަކު އައްޔަންކުރުމަށް އިތުރު ފުރުސަތަކަށް އެދުން" (920 MIRA) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދޭން އެދުމުން، އެއީ އެކަށީގެންވާ ސަބަބެއްކަމަށް މީރާއަށް ފެންނަ ނަމަ، އެ ފަރާތަކަށް ވަކީލަކު އައްޔަނު ކުރުމަށް ގިނަވެގެން އިތުރު 24( ސައުވީސް( ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ މި މާއްދާގެ

(ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކީލަކު އައްޔަނު ކުރުމަށް އިތުރު މުއްދަތެއް ބޭނުންވާކަމަށް މީރާއަށް އަންގައިފައި ނުވާ ނަމަ ނުވަތަ މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ގާނޫނީ ވަކީލަކު އައްޔަން ކޮށްފައި ނުވާ ނަމަ، އެ ފަރާތުން ވަކީލަކު އައްޔަނު ކުރަން ބޭނުން ނޫންކަމަށް ބަލައި ތަހުގީގު ކުރިޔަ ށްގެންދިޔުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މީރާއިން ސުވާލުކުރުމުން، ގާނޫނީ ވަކީލެއްގެ އެހީ ބޭނުން ނުވާކަމަށް އެ ފަރާތުން ބުނެފިނަމަ، ތަހުގީގުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ ފަރާތް ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާކަން ބަޔާންކުރުމަށްފަހު، އޭނާއާ ސުވާލުކުރަން ފެށިދާނެއެވެ.

(އ) މީރާއިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ހާޒިރުކުރެވިފައިވާ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުން ނުވާކަމަށް ބުނެފިނަމަ، ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އެ ފަރާތަކަށް ދިންކަމަށާއި، އެ ފަރާތަކުން ވަކީލަކު އައްޔަނު ކުރަން ދިން ފުރުސަތު ދޫކޮށްލީކަން އެނގޭނެ ގޮތަކަށް މީރާއިން ދޭ ލިޔުމެއްގައި އެ ފަރާތަކުން ސޮއިކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ވަކީލަކު އައްޔަނު ކުރުން

(ހ) މި ގަވާއިދުގެ ދަށުން ހާޒިރުކުރެވޭ ފަރާތަށް ދޭ ފުރުސަތުގައި އެ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކޮށްފި ނަމަ، އެކަން މީރާއަށް އަންގައި، "ގާނޫނީ ވަކީލަކު އައްޔަންކުރިކަމުގެ ލިޔުން" (919 MIRA) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އައްޔަނު ކުރެވޭ ގާނޫނީ ވަކީލަކީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަ އް ފުރިހަމަވާ މީހަކަށް ވާންވާނެއެވެ.

  1. ވަކާލާތުކުރުމުގެ ހުއްދަ އޮތުން؛
  2. އެ ވަކީލަކު އައްޔަނު ކުރުމަށް އެދޭ މައްސަލައިގައި އެއްވެސް ދައުރެއް، ނުވަތަ ބައިވެރިވުމެއް އޮތް ފަރާތެއްކަމުގައި ނުވުން؛
  3. މީރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެއް ނަމަ، މީރާގެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ބާތިލުކުރާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ފުރިހަމަވެފައިވުން.

(ނ) ތަހުގީގަށް ހާޒިރުކުރެވުނު ފަރާތުން އައްޔަނުކުރި ވަކީލަކީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއްކަމުގައި ނުވާ ނަމަ، ވަކީލު އައްޔަނުކުރި ފަރާތަށް ސަބަބާއެކު އެކަން އަންގައި، ވަކީލަކު އައްޔަނު ކުރުމަށް އިތުރު 24( ސައުވީސް( ގަޑިއިރުގެ މުހުލަތެއް ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ގާނޫނީ ވަކީލު، ކޮށްގެންނުވާނެ ކަންކަން 

(ހ) މީރާއިން ކުރިޔަށްގެންދާ ތަހުގީގެއްގައި ހާޒިރުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލަކު، މީރާއިން ހިންގަމުންދާ ތަހުގީގެއްގައި އޭނާގެ މުވައްކިލާއެކު ހާޒިރުވެ ހުންނައިރު، އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.

  1. ތަހުގީގުކުރާ ކޮޓަރީގައި، ތަހުގީގުކުރާ އޮފިސަރު ސުވާލުކުރަން ފެށުމަށްފަހު، އެ އޮފިސަރުގެ ހުއްދަނެތި ވާހަކަދެއްކުން؛
  2. ތުހުމަތުކުރެވޭ ފަރާތުގެ އިއުތިރާފުގެ ބަސް، އޭނާގެ މުވައްކިލުގެ ފަރާތުން ނުވަތަ އޭނާގެ ބަދަލުގައި ދިނުން؛
  3. މީރާއިން ކުރާ ސުވާ ލުތަކަށް ދޭންވާ ޖަވާބު ބުނެދިނުން؛
  4. ދަބަހާއި، ފޯނާއި، އަޑާއި މަންޒަރު ރިކޯޑުކުރެވޭނެ އިލެކްޓްރޯނިކް އެއްވެސް އެއްޗެއް، ތަހުގީގުކުރާ ކޮޓަރީގައި ބޭނުންކުރުން ނުވަތަ އެ ފަދަ އެއްޗެއް ތަހުގީގުކުރާ ކޮޓަރިއަށް ވެއްދުން؛
  5. ސުވާލުކުރުމާއި ޖަވާބުދިނުން މެދުކަނޑައިލެވިފައިވާ ވަގުތެއްގައި ފިޔަވައި، މުވައްކިލާ ސުވާލުކުރެވެމުން ދަނިކޮށް، ތަހުގީގުކުރާ ކޮޓަރިން ނުކުމެގެން ދިއުން؛
  6. ތަހުގީގުކުރާ ކޮޓަރީގައި، ސުވާލުކުރުމަށާއި ޖަވާބުދިނުމަށް ހުރަސްއެޅޭ އަމަލެއްކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާއިން ކުރާ ވަކި ސުވާލަކަށް ޖަވާބު ނުދިނުމަށް ގާނޫނީ ވަކީލު އޭނާގެ މުވައްކިލަށް ނަސޭހަތްތެރިވުމަކީ، ގާނޫނީ ވަކީލަށް ކުރެވިދާނެކަމެކެވެ.

(ނ) ތަހުގީގުގައި މީރާއިން ސުވާލު ކުރަމުންދާ ހިނދެއްގައި، ގާނޫނީ ވަކީލާ މަށްވަރާކުރުމަށް ބޭނުންވާކަމަށް ސުވާލުކުރެވޭ ފަރާތުން ބަޔާންކޮށްފި ނަމަ، ސުވާލުކުރުމަށާއި ޖަވާބުދިނުމަށް ހުރަސްނޭޅޭނެ ގޮތެއްގެ މަތިން، ގާނޫނީ ވަކީލާ މަށްވަރާކުރުމަށް މީރާއިން ފުރުސަތު ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ގާނޫނީ ވަކީލަކު ކޮށްފި ނަމަ، އެ ގާނޫނީ ވަކީލަކު، ތަހުގީގުން ބޭރުކޮށް، އެ ވަކީލަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ކަމާބެހޭ އިދާރާއަކަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ތަހުގީގުކުރާ ކޮޓަރިއަށް ވަދެވޭނެ ގާނޫނީ ވަކީލުންގެ އަދަދު 

ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ކުށުގެ ތުހުމަތުކުރެވޭ މީހަކަށް ލިބިދޭ ހައްގުގެ ދަށުން، އޭނާ 1 (އެކެއް) ވަކީލަށްވުރެ ގިނަ ވަކީލުން އައްޔަނު ކުރިކަމުގައި ވިޔަސް، އޭނާއާ އެކުގައި ތަހުގީގުކުރާ ކޮޓަރިއަށް އާންމު އު ސޫލުން އެއް ވަގުތެއްގައި ވަދެވޭނީ އޭނާ ކަނޑައަޅާ 1 (އެކެއް) ވަކީލަކަށެވެ. ތަހުގީގުކުރުމަށް ބޭނުންކުރާ ތަނުގެ ޖާގައާއި ވަސީލަތްތައް ހުރި މިންވަރަކުން ގިނަވެގެން 3 (ތިނެއް) ވަކީލުންނަށްވުރެ އިތުރު ނުވާގޮތަށް ތަހުގީގެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

28 ވަނަ މާއްދާ - ސަސްޕެންޑުކޮށްފައިވާވަކީލުން

.ފަރުދަކަށް ދޫކޮށްފައިވާ "ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ" ވަގުތީގޮތުން ހިފެހެއްޓިފައިވާކަމަށް ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރާ އިދާރާއިން އާންމުކޮށް އިއުލާނު ކޮށްފައިވާ ނަމަ، އެގޮތަށް ހުއްދަ ހިފެހެއްޓިފައިވާ ވަކީލެއްގެ ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގައި، ސުވާލުކުރެވޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މި ގަވާއިދުގެ ބޭނުމަށް އޭނާ ބަލައެއް ނުގަނެވޭނެއެވެ.

 

 

ހަވަނަ ބާބު

ގުޅިގެން ހިންގާ ތަހު ގީގު

 

29 ވަނަ މާއްދާ - ގުޅިގެން ތަހުގީގު ހިންގުމަށް އެކުލަވައިލެވޭ އެއްބަސްވުން 

(ހ) މީރާއިން ބަލަމުންދާ މައްސަލައެއްގައި ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ އެހެން ތަހުގީގީ އިދާރާއަކާ ނުވަތަ އިދާރާތަކަކާ ގުޅިގެން ތަހުގީގު ހިންގުމަށް މީރާއިން ބޭނުންވާނަމަ، އެކަން ކުރާނީ އެ ކަމަށް ޓަކައި އެ އިދާރާއަކާ ނުވަތަ އިދާރާތަކަކާއެކު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އެއްބަސްވުމެއްގައި، އަންނަނިވި ކަންކަމާ ގުޅޭ އުސޫލުތަކަށް މީރާއާއި މީރާއާއެކު ބައިވެރިވާ ދައުލަތުގެ ތަހުގީގީ އިދާރާ ނުވަތަ އިދާރާތަކުން އެއްބަސްވާންވާނެއެވެ.

  1. މައްސަލައިގެ ދާއިރާ؛
  2. ތަހުގީގީ އިދާރާތަކުގެ ދައުރު ވަކިވެގެންދާނެ ގޮތް؛
  3. ކޮންމެ އިދާރާއަކަށް ލިބިގެންވާ އިހްތިސާސް؛
  4. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ މައުލޫމާތަށް ވާސިލުވުމުގެ އުސޫލުތައް؛
  5. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ މައުލޫމާތު އެއްކުރާނެ އު ސޫލުތައް؛
  6. މަށްވަރާކުރުމާއި ވިލަރެސްކުރާނެ އު ސޫލުތައް؛
  7. މައްސަލައާ ގުޅިގެން އާންމުކުރެވޭ މައުލޫމާތު ހާމަކުރާ އުސޫލު؛
  8. އެއް އިދާރާއިން އަނެއް އިދާރާއަށް މައްސަލައާ ގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އުސޫލު؛
  9. މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތާއި، ހެކީގެ ގޮތުގައި ބަޔާންނެގޭ ފަރާތްތަކާ ނުވަތަ މައުލޫމާތު ދެވޭ ފަރާތްތަކާ ސުވާލުކޮށްގެން ބަޔާންނެގުމުގެ އުސޫލު.

 

 

ހަތްވަނަ ބާބު

ޕާސްޕޯޓް ހިފެހެއްޓުން

 

30 ވަނަ މާއްދާ - ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ އަމުރުގެ ކޮޕީ އެ އަމުރު ރައްދުވާ ފަރާތަށް ފޮނުވުން 

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި ނަމަ، ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ އަމުރުގެ ކޮޕީއެއް އެ މީހަކަށް ރައްދުކުރާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ އަމުރުގެ ކޮޕީއެއް، އެ އަމުރު ރައްދުވާ ފަރާތަށް ހަވާލުކުރުން؛

(ށ) ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ އަމުރުގެ ކޮޕީއެއް، އެ އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހުގައި އުޅޭ ތަސައްރުފު ފުދިފައިވާ މީހަކާ ހަވާލުކުރުން؛

(ނ) ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ އަމުރުގެ ކޮޕީއެއް، އެ އަމުރު ރައްދުވާ ފަރާތް ބޭނުންކުރާ އީމެއިލް އެޑްރަހަށް ފޮނުވުން؛

(ރ) ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ އަމުރުގެ ކޮޕީ، އެ އަމުރު ރައްދުވާ މީހާ އިއުތިރާޒު ނުކުރާނަމަ އެ މީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މޯބައިލް ފޯނު ނަންބަރަށް ފޮނުވުން؛

(ބ) ހާއްސަ ހާލަތްތަކުގައި މީރާއިން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ފޮނުވުން؛

(ޅ) މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް އަމުރު ރައްދު ނުކުރެވުނު ނަމަ، އަމުރު ރައްދުވާ މީހާގެ ދާއިމީ އެޑްރެހަށް ޕޯސްޓުކުރުން.

 

31 ވަނަ މާއްދާ - ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ އަމުރުގެ ކޮޕީ،މޯލްޑިވްސް އިމިގްރޭށަނަށް ފޮނުވުން 

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރެފި ނަމަ، އެ އަމުރުގެ ކޮޕީއެއް،އީމެއިލްގެ ޒަރީއާއިން، މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައިފައިވާ ފޯކަލް ޕޮއިންޓަކަށް މީރާއިން ފޮނުވަންވާނެއެވެ.

 

 

އަށްވަނަ ބާބު

ބަލައި ފާސްކުރުން 

 

32 ވަނަ މާއްދާ - ބަލައި ފާސްކުރުމާ ގުޅޭގޮތުން މީރާއަށް ލިބިދޭ އިތުރު ބާރުތައް 

(ހ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރަމުންދާއިރު، ބަލައި ފާސްކުރުމަށް ހުއްދަދީފައިވާ ތަން ހުންނާނީ އެކަމާ ހަވާލުވެހުރި އޮފިސަރުގެ ބެލުމުގެ ދަށުގައެވެ. އަދި އެ ތަނަކަށް ވަދެނުކުމެ އުޅެވޭނީ އަދި އެ ތަނެއްގައި ކޮންމެހެން ވަގުތުން ކުރަންޖެހޭ މަސައްކަތެއް ކުރަންޖެހުނުނަމަވެސް، އެ މަސައްކަތެއްކުރަންވާނީ ކަމާ ހަވާލުވެހުރި އޮފިސަރުގެ ހުއްދަޔާއެކުގައެވެ.

(ށ) ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން މީރާއިން ބަލައި ފާސްކުރަމުންދަނިކޮށް އެއްވެސް ފަރާތަކުން ބަލައި ފާސްކުރުމަށް ދަތިކޮށް ނުވަތަ ހުރަސްއަޅައިފިނަމަ، އެ ފަރާތެއް އެ ތަނުން ބޭރުކުރުމުގެ އިހްތިޔާރު، ކަމާ ހަވާލުވެހުރި އޮފިސަރަށް ލިބިގެންވެއެވެ. އަދި މީރާގެ ތަހުގީގަށް ދަތިކޮށް ނުވަތަ ހުރަސްއަޅަން މަސައްކަތްކުރިކަމުގެ މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ބަލައި، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން ތަހުގީގުކުރުމަށްފަހު އެ މީހަކާމެދު ދައުވާކުރުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

 

ނުވަވަނަ ބާބު

ބަލައި ފާސްކުރުމުގައި ތަކެތި ހިފެހެއްޓުން 

 

33 ވަނަ މާއްދާ - ތަހުގީގުގައި ބޭނުންކުރެވިދާނެ އެންމެހައި ތަކެތި ހިފަހައްޓައި، މީރާގެ ބެލުމުގެ ދަށުގައި ބެހެއްޓުން 

(ހ) މީރާއިން ކުރިޔަށްގެންދާ ބަލައި ފާސްކުރުމެއްގައި ތަހުގީގަށް ބޭނުންވާކަމަށް ނުވަތަ ބޭނުންވެދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ އެންމެހައި ލިޔެކިޔުންތަކާއި، އެ ފަދަ ލިޔެކިޔުންތައް ރައްކައުކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތްތަކާއި މުދަލާއި، ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހަޅަން ބޭނުންކުރެވިދާނެ އެންމެހައި ތަކެތި، މީރާގެ ބެލުމުގެ ދަށަށް ގެނެސް، މީރާގެ ބެލުމުގެ ދަށުގައި އެ ތަކެތި ބެހެއްޓިދާނެއެވެ.

(ށ) އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައިވާ މައުލޫމާތަކީ ތަހުގީގަށް ބޭނުންވާކަމަށް ނުވަތަ ބޭނުންވެދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ މައުލޫމާތެއް ނަމަ، ކިޔަން އެނގޭނެ އަދި ފަސޭހައިން ގެންދެވޭނެ ގޮތަކަށް ނުވަތަ އެ މައުލޫމާތު ޕްރިންޓްކުރުމަށްފަހު، އެ މައުލޫމާތު ފޯރުވައިދިނުމަށް އެންގުމުގެ ބާރު، އަމުރު ތަންފީޒުކުރާ އޮފިސަރަށް ލިބިގެންވެއެވެ.

(ނ) ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ، ލަސްނުކޮށް އެ އެއްޗެއް ސީލްކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ، ސީލްނުކުރެވޭ ބާވަތުގެ އެއްޗެއް ކަމުގައި ވާ ނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭނެގޮތަށް ރައްކައުތެރިކުރަންވާނެއެވެ.

(ރ) ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން ހިފަހައްޓޭ ކޮންމެ އެއްޗަކަށް އެވިޑެންސް ނަންބަރެއް ދީ، އެ ނަންބަރު ރެކޯޑުކުރަންވާނެއެވެ.

(ބ) ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށް، އެ އެއްޗަކާ އެޓޭޗްކުރަންވާނެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

(ޅ) ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން ހިފަހެއްޓޭ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދާނަމަ، ނުވަތަ އެކަކު އަތުން އަނެކެއްގެ އަތަށް ބަދަލުކުރާ ނަމަ، އެ އެއްޗަކާ އެޓޭޗްކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗަކީ، މީރާއިން ކުރިޔަށްގެންދާ ތަހުގީގަށް ނުވަތަ ފޮރެންސިކް ތަހުލީލަކަށް ނުވަތަ ށަރީއަތެއްގައި ކުށެއްގެ ގަރީނާއެއްގެ ގޮތުގައި ބޭނުންކުރުމަށް، އެ އެއްޗެއްގެ ފޮޓޯއަކުން ނުވަތަ ކޮޕީއަކުން ފުދޭނެ އެއްޗެއްނަމަ، އެ ފަދަ ކަމެއް ސާބިތުކުރުމަށް ނުވަތަ އެ އެއްޗެއްގެ ފޮޓޯ ނެގުމަށް ނުވަތަ ފޮޓޯ ކޮޕީ ހެދުމަށް ނުވަތަ ފޮރެންސިކް ތަހުލީލުކުރުމަށް ހޭދަވާ ވަގުތަށްވުރެ އިތުރަށް އެ އެއްޗެއް ހިފަހައްޓައިގެން ނުވާނެއެވެ.

(އ) ބަލައި ފާސްކުރުމުގައި މީރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި، ބެލުމުގެ ހުއްދައަށް ނުވަތަ އެ ފަދަ އެއްޗެއްގެ ފޮޓޯއެއް ނުވަތަ ފޮޓޯ ކޮޕީއެއް ނެގުމަށް އެ އެއްޗެއްގެ ވެރިފަރާތުން ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކުން އެދެންވާނީ ލިޔުމަކުންނެވެ.

 

33 ވަނަ މާއްދާ - ތަހުގީގުގައި ބޭނުންކުރެވިދާނެ އެންމެހައި ތަކެތި ހިފަހައްޓައި، މީރާގެ ބެލުމުގެ ދަށުގައި ބެހެއްޓުން 

(ހ) މީރާއިން ކުރިޔަށްގެންދާ ބަލައި ފާސްކުރުމެއްގައި ތަހުގީގަށް ބޭނުންވާކަމަށް ނުވަތަ ބޭނުންވެދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ އެންމެހައި ލިޔެކިޔުންތަކާއި، އެ ފަދަ ލިޔެކިޔުންތައް ރައްކައުކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތްތަކާއި މުދަލާއި، ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހަޅަން ބޭނުންކުރެވިދާނެ އެންމެހައި ތަކެތި، މީރާގެ ބެލުމުގެ ދަށަށް ގެނެސް، މީރާގެ ބެލުމުގެ ދަށުގައި އެ ތަކެތި ބެހެއްޓިދާނެއެވެ.

(ށ) އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައިވާ މައުލޫމާތަކީ ތަހުގީގަށް ބޭނުންވާކަމަށް ނުވަތަ ބޭނުންވެދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ މައުލޫމާތެއް ނަމަ، ކިޔަން އެނގޭނެ އަދި ފަސޭހައިން ގެންދެވޭނެ ގޮތަކަށް ނުވަތަ އެ މައުލޫމާތު ޕްރިންޓްކުރުމަށްފަހު، އެ މައުލޫމާތު ފޯރުވައިދިނުމަށް އެންގުމުގެ ބާރު، އަމުރު ތަންފީޒުކުރާ އޮފިސަރަށް ލިބިގެންވެއެވެ.

(ނ) ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ، ލަސްނުކޮށް އެ އެއްޗެއް ސީލްކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ، ސީލްނުކުރެވޭ ބާވަތުގެ އެއްޗެއް ކަމުގައި ވާ ނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭނެގޮތަށް ރައްކައުތެރިކުރަންވާނެއެވެ. 

(ރ) ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން ހިފަހައްޓޭ ކޮންމެ އެއްޗަކަށް އެވިޑެންސް ނަންބަރެއް ދީ، އެ ނަންބަރު ރެކޯޑުކުރަންވާނެއެވެ.

(ބ) ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށް، އެ އެއްޗަކާ އެޓޭޗްކުރަންވާނެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

(ޅ) ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން ހިފަހެއްޓޭ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދާނަމަ، ނުވަތަ އެކަކު އަތުން އަނެކެއްގެ އަތަށް ބަދަލުކުރާ ނަމަ، އެ އެއްޗަކާ އެޓޭޗްކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗަކީ، މީރާއިން ކުރިޔަށްގެންދާ ތަހުގީގަށް ނުވަތަ ފޮރެންސިކް ތަހުލީލަކަށް ނުވަތަ ށަރީއަތެއްގައި ކުށެއްގެ ގަރީނާއެއްގެ ގޮތުގައި ބޭނުންކުރުމަށް، އެ އެއްޗެއްގެ ފޮޓޯއަކުން ނުވަތަ ކޮޕީއަކުން ފުދޭނެ އެއްޗެއްނަމަ، އެ ފަދަ ކަމެއް ސާބިތުކުރުމަށް ނުވަތަ އެ އެއްޗެއްގެ ފޮޓޯ ނެގުމަށް ނުވަތަ ފޮޓޯ ކޮޕީ ހެދުމަށް ނުވަތަ ފޮރެންސިކް ތަހުލީލުކުރުމަށް ހޭދަވާ ވަގުތަށްވުރެ އިތުރަށް އެ އެއްޗެއް ހިފަހައްޓައިގެން ނުވާނެއެވެ.

(އ) ބަލައި ފާސްކުރުމުގައި މީރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި، ބެލުމުގެ ހުއްދައަށް ނުވަތަ އެ ފަދަ އެއްޗެއްގެ ފޮޓޯއެއް ނުވަތަ ފޮޓޯ ކޮޕީއެއް ނެގުމަށް އެ އެއްޗެއްގެ ވެރިފަރާތުން ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކުން އެދެންވާނީ ލިޔުމަކުންނެވެ.

 

34 ވަނަ މާއްދާ - ބަލައި ފާސްކުރުމުގައި މީރާގެ ބެލުމުގެ ދަށަށް ގެނޭވޭ ތަކެތީގެ އިންވެންޓަރީ ލިސްޓު 

(ހ) ބަަލައި ފާސްކުރުމުގައި އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ، ބަލައި ފާސްކުރުމާ ހަވާލުވެހުރި އޮފިސަރާއި، މީރާގެ އެހެން އޮފިސަރަކާއި،ތަނުގެ ވެރިފަރާތް ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައި އެ ތަނަކުން ނެގި ތަކެތީގެ އިންވެންޓަރީއެއް ހަދައި، އެ އިންވެންޓަރީގެ ކޮޕީއެއް، ބަލައި ފާސްކުރެވުނު ތަނުގެ ވެރިފަރާތާ ނުވަތަ ތަނުގެ ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކާ ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލެވޭ ލިސްޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ހިފެހެއްޓޭ ތަކެތީގެ ވެރިފަރާތް އެނގޭ ނަމަ، ވެރިފަރާތުގެ މައުލޫމާތު؛ 
  2. ހިފެހެއްޓޭ ތަކެތީގެ އެވިޑެންސް ނަންބަރު؛ 
  3. ހިފެހެއްޓޭ ތަކެތީގެ ބާވަތް؛ 
  4. ހިފެހެއްޓޭ ތަކެތީގެ އަދަދު؛ 
  5. ތަކެތި ހިފެހެއްޓުނު ތާރީހާއި، ތަން؛ 
  6. ތަކެތި ހިފެހެއްޓި އޮފިސަރާއި، އިންވެންޓްރީ ތައްޔާރުކުރެވުނުއިރު

 (ނ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރެވޭ އިންވެންޓްރީގައި، އިންވެންޓްރީ ހާޒިރުވެތިބި ފަރާތްތަކުގެ މައުލޫމާތާއި ސޮއި. ތައްޔާރުކުރެވުނުއިރު ތަކެތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި، ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތުން ސޮއިކުރުމަށް އިންކާރުކުރާނަމަ، އެކަން ބަޔާންކޮށް، ސޮއިކުރުމަށް އިންކާރު ކުރިކަމަށް ހެކިވާނެ 2( ދޭއް( ފަރާތެއްގެ މައުލޫމާތާއި ސޮއި ހިމަނަންވާނެއެވެ.

(ރ) ބަލައި ފާސްކުރުމަށްފަހު ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީ އެކުލަވައި ލުމަށްފަހު، އެ އިންވެންޓްރީގެ ލިސްޓުގެ ކޮޕީއެއް، ބަލައި ފާސްކުރެވުނުތާ 48( ސާޅީސް އަށެއް( ގަޑިއިރުގެ ތެރޭގައި އެ ތަނުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަކަށް ދޭންވާނެއެވެ .

 

 

ދިހަވަނަ ބާބު

ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި ރަ އްކައުތެރިކަމާއެކު ބެލެހެއްޓުން 

 

35 ވަނަ މާއްދާ - ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި ބެލެހެއްޓުން 

(ހ) ބަލައި ފާސްކުރުމުގައި، މީރާގެ ބެލުމުގެދަށަށް ގެނެވޭ ތަކެތި ބަހައްޓާނީ ނުވަތަ ރައްކާކުރާނީ، ކޮމިށަނަރ ޖެ ނެރަލް ކަނޑައަޅާ ތަނެއްގައެވެ.

(ށ) ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި ބަހައްޓަންވާނީ، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއްގައެވެ.

 

36 ވަނަ މާއްދާ - މީރާގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެތީގެ ދަފުތަރުބެލެހެއްޓުން 

(ހ) ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތި ރައްކާކޮށް ބަލަހައްޓާ ތަނުގައި ރައްކާކުރެވޭ ތަކެތީގެ ދަފުތަރެއް ގާއިމްކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމްކުރެވޭ ދަފުތަރުގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ތަކެތި މީރާގެ ބެލުމުގެ ދަށަށް ގެނެވުނު ތަނުގެ މައުލޫމާތު ނުވަތަ ތަކެތީގެ ވެރިފަރާތް އެނގޭ ނަމަ ވެރިފަރާތުގެ މައުލޫމާތު؛
  2. ރައްކާކުރެވޭ ތަކެތީގެ އެވިޑެންސް ނަންބަރު؛
  3. ރައްކާކުރެވޭ ތަކެތީގެ ބާވަތް؛
  4. ރައްކާކުރެވޭ ތަކެތީގެ އަދަދު؛
  5. ރައްކާކުރާ ތަނަށް ތަކެތި ގެނެވުނު ތާރީހާއި ވަގުތު؛
  6. ރައްކާކުރާ ތަނަށް ތަކެތި ގެނައި ފަރާތުގެ މައުލޫމާތާއި ސޮއި؛

 

37 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ތަހުގީގުގެ ބޭނުމަށް ރައްކާކޮށްފައިވާ ތަނުން ނެގުމާއި އެ ތަކެތި އަނބުރާ ބެހެއްޓުމާ ގުޅޭ އުސޫލު 

(ހ) ހިފެހެއްޓޭ ތަކެތި ރައްކާކޮށް ބަލަހައްޓާ ތަނަކަށް ވަދެވޭނީ، އެ ތަނަށް ވަނުމުގެ ހުއްދަ ލިބިފައިވާ މުވައްޒަފުންނަށް އެކަންޏެވެ.

(ށ) މީރާގެ ބެލުމުގެ ދަށުގައިވާ އެއްޗެއް ތަހުގީގުގެ ބޭނުމަށް ރައްކާކޮށްފައިވާ ތަނުން ނަގަން ޖެހިއްޖެ ނަމަ، އަންނަނިވި މައުލޫމާތުތައް ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

  1. ރައްކާކޮށްފައިވާ ތަނުން ތަކެތި ނެގި ފަރާތުގެ މައުލޫމާތު؛
  2. ރައްކާކޮށްފައިވާ ތަނުން ނެގި ތަކެތީގެ މައުލޫމާތު؛
  3. ރައްކާކޮށްފައިވާ ތަނުން ތަކެތި ނެގި ބޭނުން؛
  4. ރައްކާކޮށްފައިވާ ތަނުން ތަކެތި ނެގި ތާރީހާއި ގަޑި؛
  5. ރައްކާކޮށްފައިވާ ތަނަށް ތަކެތި އަނބުރާ ގެނައި ތާރީހާއި ގަޑި؛

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން ރައްކާކޮށްފައިވާ ތަނުން އެއްޗެއް ނަގައިފި ނަމަ،އަދި އަނބުރާ ގެނައުމުން، މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަ ފުތަރުގައި އެ ކަން ރެކޯޑުކުރަންވާނެއެވެ.

(ރ) ހިފެހެއްޓޭ އެއްޗެހި ރައްކާކޮށްފައިވާ ތަނުގައި 24 (ސައުވީސް) ގަޑިއިރު އޮޕަރޭޓް ކުރެވެމުންދާ ގޮތަށް ސަވައިލަންސް ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި މި ކެމެރާގެ ރެކޯޑިން، މަދުވެގެން 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތަކަށް ބަލަހައްޓަންވާނެއެވެ.

 

38 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ވަގުތީގޮތުން ދޫކުރުން 

(ހ) މި ގަވާއިދުގެ ދަށުން ރައްކާކޮށްފައިވާ އެއްޗެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭނުމަށް ނުވަތަ ށަރީއަތުގެ ބޭނުމަށް ދޫކުރެވިދާނެއެވެ. މިގޮތުން މީރާގެ ބެލުމުގެ ދަށުގައި ބަހައްޓައިފައިވާ ނުވަތަ ރައްކާކޮށްފައިވާ އެއްޗެއް ދޫކުރުމަށް އެދެންވާނީ ލިޔުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ އެއްޗެއް ވަގުތީގޮތުން ދޫކުރުމަށް އެދި ހުށަހަޅާ ލިޔުމުގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ހިފެހެއްޓޭ އެއްޗެހި ދޫކުރުމަށް އެދޭ ފަރާތް؛
  2. ދޫކުރުމަށް އެދޭ އެއްޗެހި؛
  3. ދޫކުރުމަށް އެދޭ ސަބަބު؛
  4. ދޫކުރެވުނު ބޭނުމަށް ހޭދަވާނެ މުއްދަތު.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަގުތީގޮތުން ދޫކުރެވޭ އެއްޗެއް، މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެއްޗެހި ރައްކާކޮށް ބަލަހައްޓާ ތަނަށް އަނބުރާ ގެންދަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަގުތީގޮތުން ދޫކުރެވޭ އެއްޗެއް ދޫކުރިމުއްދަތު ހަމަވާއިރު، އެ އެއްޗެއް ދޫކުރި ބޭނުން ފުރިހަމަވެފައި ނުވާނަމަ، އެ އެއްޗެއް ދޫކޮށްފައިވާ ފަރާތުން، މުއްދަތު އިތުރުކޮށްދިނުމަށް ލިޔުމަކުން އެދެންވާނެއެވެ.

 

39 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެއްޗާމެދު ގޮތެއް ކަނޑައެޅުން 

(ހ) މީރާއިން ހިފަހައްޓައިފައިވާ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް މީރާއިން ކަނޑައަޅަންވާނެއެވެ.

  1. ތަކެތީގެ ވެރިފަރާތާ ތަކެތި ހަވާލުކުރުން؛
  2. ތަކެތި ނައްތައިލުން؛
  3. ތަކެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން؛
  4. ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ ކަމާ ގުޅޭ އެހެން ގާނޫނެއްގައިވާ ގޮތެއްގެ މަތިން އެ އެއްޗަކާމެދު އަމަލުކުރުން.

(ށ) ހިފެހެއްޓިފައިވާ އެއްޗަކާމެދު ށަރީއަތުން ވަކިގޮތެއް ކަނޑައަޅައިފި ނަމަ، އެ އެއްޗަކާމެދު އަމަލުކުރަންވާނީ ށަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ އެއްޗަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން މީރާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާ ހޯދިދާނެއެވެ.

 

40 ވަނަ މާއްދާ - ހިފެހެއްޓޭ ތަކެތި ވެރިފަރާތާ ހަވާލުކުރުން 

(ހ) ހިފެހެއްޓޭ އެއްޗަކީ ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތަ، ފޮޓޯއަކުންފުދޭނެ އެއްޗެއް ނަމަ، ނުވަތަ، އެ އެއްޗަކީ މައުލޫމާތު ރައްކާކުރެވޭ އެއްޗެއް ކަމުގައި ވެފައި، ތަހުގީގަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މައުލޫމާތު އެކަނި ކަމުގައި ވާ ނަމަ، އަދި އެ މައުލޫމާތަކީ ނަކަލުކުރެވިދާނެ މައުލޫމާތެއް ކަމުގައި ވާ ނަމަ، އެ މައުލޫމާތުތަކަށް ވާސިލުވެ، އެ މައުލޫމާތު ނަކަލުކުރުމަށްފަހު، އެ އެއްޗެއް، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.

(ށ) ހިފެހެއްޓިފައިވާ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނީ ލިޔުމުންނެވެ. އަދި ހަވާލުކުރާއިރު، އަންނަނިވި މައުލޫމާތުތައް ރެކޯޑުކޮށްފައި ހުންނަންވާނެއެވެ.

  1. ތަކެތީގެ ނަމާއި، އެ އެއްޗަކަށް ދެވިފައިވާ އެވިޑެންސް ނަންބަރު؛
  2. ތަކެތީގެ ވެރިފަރާތް؛
  3. ތަކެއްޗާ ހަވާލުވި ފަރާތުގެ ނަމާއި ސޮއި؛
  4. ތަކެތި ހަވާލުކުރި ފަރާތުގެ ނަމާއި ސޮއި؛
  5. ތަކެތި ހަވާލުކުރަން ހުއްދަ ދިން އިސްވެރިޔާގެ ނަމާއި ސޮއި؛
  6. ތަކެތި ހަވާލުކުރި ތާރީހާއި ގަޑި؛
  7. ތަކެތި ދޫކުރެވުނުއިރު މުދަލުގެ ހާލަތު.

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން އެއްޗެއް އޭގެ ވެރިފަރާތާ ހަވާލުކުރުމަށްފަހު، މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަ ފުތަރުގައި އެކަން ރެކޯޑުކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އަމަލުކުރާނީ، ހިފެހެއްޓިފައިވާ އެއްޗެއް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކަމާބެހޭ ކޯޓަކުން އަމުރުކޮށްފައިނުވާނަމައެވެ.

 

41 ވަނަ މާއްދާ - ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެއްޗާވެރިފަރާތު ން ހަވާލުނުވުން 

ބަލައި ފާސްކުރުމުގައި މީރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ލިޔެކިޔުމެއް ނުވަތަ އެއްޗެއް އޭގެ ވެރިފަރާތަށް އަނބުރާ ހަވާލުކުރުމަށް މަސައްކަތްކުރުމުން، އޭގެ ވެރިފަރާތުން އެ އެއްޗަކާ ހަވާލުވާން ދެކޮޅުހަދައި ފިނަމަ ނުވަތަ ހަވާލުނުވެއްޖެ ނަމަ، އެ ތާރީހަކުން ފެށިގެން 60( ފަސްދޮޅަސް( ދުވަހުގެ ފަހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު، އެ ލިޔެކިޔުމެއް ނުވަތަ އެއްޗެއް މީރާއަށް ނައްތައިލެވިދާނެއެވެ.

 

42 ވަނަ މާއްދާ - ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ ތަކެތީގެ ފޮރެންސިކް ތަހު ލީލުކުރުން 

ބަލައި ފާސްކުރުމުގައި މީރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ލިޔެކިޔުމެއްގެ ނުވަތަ އެއްޗެއްގެ ފޮރެންސިކް ތަހުލީލުކުރަން ބޭނުންވެއްޖެ ނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އެކަން ކުރުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

 

އެގާރަވަނަ ބާބު

ބޭންކް އެކައުންޓުގެ މައުލޫމާތު ހޯދުމާއި، އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން

 

43 ވަނަ މާއްދާ - އެކައުންޓު މޮނިޓަރކުރުން 

ގާނޫނު ނަންބަރު 2016-12 (ޖިނާއި އިޖުރާއަތުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން ޖިނާއީ ބޮޑު ކުށަކާ ގުޅިގެން މީހެއްގެ ނުވަތަ ފަރާތެއްގެ ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތްތައް މޮނިޓަރކުރުމުގެ އަމުރަކަށް މީރާއަށް އެދެވޭނީ، ޓެކުހާ ގުޅޭ ޖިނާއީ ބޮޑު ކުށެއްގެ އަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައި މީހަކުވާ ހާލަތުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި ޓެކުހާ ގުޅޭ ޖިނާއީ ބޮޑު ކުށެއްގެ އަމަލުން މަންފާއެއް ލިބިގަތުންކަމަށް ބެލުމުގައި އަންނަނިވި ހާލަތްތައް ހިމެނިގެންވެއެވެ.

  1. ޓެކުހަށް މަކަރުހެދުމުގެ ނިޔަތުގައި، ޓެކްސް ބަޔާންތަކުގައި ސައްހަނޫން މައުލޫމާތު ހިމަނައި ނުވަތަ ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު މީރާއަށް ނުދައްކައި، އެ ފަރާތުގެ އާމްދަނީ، ނުވަތަ އެ ފަރާތަށް ލިބޭނެ އާމްދަނީ ވަކި ބޭންކު އެކައުންޓަކަށް ނުވަތަ ތިންވަނަ ފަރާތެއްގެ ބޭންކު އެކައުންޓަށް ޖަމާކުރާކަމަށް ނުވަތަ ޖަމާކޮށްފާނެކަމަށް މައުލޫމާތު ލިބުން؛
  2. ޓެކުހަށް މަކަރުހެދުމުގެ ނިޔަތުގައި، ޓެކްސް ބަޔާންތަކުގައި ސައްހަނޫން މައުލޫމާތު ހިމަނައި ނުވަތަ ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު މީރާއަށް ނުދައްކައި، އެ ފަރާތުގެ އާމްދަނީ، ނުވަތަ އެ ފަރާތަށް ލިބޭނެ އާމްދަނީ ވަކި ބޭންކު އެކައުންޓަކަށް ޖަމާނުކުރާކަމަށް ނުވަތަ ޖަމާނުކޮށްފާނެކަމަށް މައުލޫމާތު ލިބުން؛
  3. ޓެކުހަށް މަކަރުހެދުމުގެ ނިޔަތުގައި، ޓެކްސް ބަޔާންތަކުގައި ސައްހަނޫން މައުލޫމާތު ހިމަނައި އަދި ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު މީރާއަށް ނުދައްކައި، ޓެކްސް ދައްކާ ފަރާތުގެ އާމްދަނީން އެހެނިހެން ވިޔަފާރިތައް ކުރުމަށް ނުވަތަ އެނޫންވެސް ކަމަކަށް ބޭނުންކުރަމުންދާކަމަށް މައުލޫމާތު ލިބުން؛
  4. ޓެކުހަށް މަކަރުހެދުމުގެ ނިޔަތުގައި، ޓެކްސް ބަޔާންތަކުގައި ސައްހަނޫން މައުލޫމާތު ހިމަނައި ނުވަތަ ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު މީރާއަށް ނުދައްކައި، ޓެކްސް ދައްކާ ފަރާތުގެ އާމްދަނީން މުދާ ނުވަތަ ހިދުމަތް ގަނެފައިވާކަމަށް ނުވަތަ ގަންނަމުންދާކަމަށް މައުލޫމާތު ލިބުން؛
  5. ޓެކުހަށް މަކަރުހެދުމުގެ ނިޔަތުގައި، ޓެކްސް ބަޔާންތަކުގައި ސައްހަނޫން މައުލޫމާތު ހިމަނައި ނުވަތަ ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު މީރާއަށް ނުދައްކައި، އެ ފަރާތުގެ އާމްދަނީގެ އަސްލު އޮޅުވައިލައިފައިވާކަމަށް ނުވަތަ އަސްލު އޮޅުވައިލަން މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ލިބުން؛

 

44 ވަނަ މާއްދާ - އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން 

(ހ) މީރާއިން ކުރިޔަށްގެންދާ ޖިނާއީ ތަހުގީގުތަކުގައި ލިބޭ އަދި/ނުވަތަ ހޯދާ މައުލޫމާތަކުން ނުވަތަ ކޯޓުން ނެރޭ މޮނިޓަރކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޓެކުހާ ގުޅޭ ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާތުގެ ގާނޫނު) ގެ 73 ވަނަ މާއްދާއަށް ހަވާލާދީ، އެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި، އެ ފައިސާއިން މުއާމަލާތްކުރުން ވަކި މުއްދަތަކަށް ހުއްޓުވުމުގެ ކޯޓު އަމުރަކަށް މީރާއަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އަމުރު ނިސްބަތްވާ ފަރާތުގެ މައުލޫމާތު؛
  2. ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. ތުހުމަތުކުރެވިފައިވާ މީހާ ނުވަތަ ފަރާތް، އެ ކުށް ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ލިބިފައިވާ ހެކި؛
  4. ކޯޓު އަމުރުގެ ދަށުން އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ބޭނުންވާ ބޭންކް އެކައުންޓް ނުވަތަ އެކައުންޓްތަކުގެ މައުލޫމާތު؛
  5. އެ އަމުރުގެ ދަށުން އެކައުންޓް ހިފެހެއްޓުމަށް ނުވަތަ މުއާމަލާތްކުރުން ހުއްޓުވުމަށް އެދޭ މުއްދަތާއި ތާރީހުތައް.

 

 

ބާރަވަނަ ބާބު

ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން

 

45 ވަނަ މާއްދާ - ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން 

އިންތިޒާމުވެގެން ހިންގާ ޓެކުހާ ގުޅޭ ބޮޑެތި ޖިނާއީ ކުށްތައް ތަހުގީގުކުރުމުގައި އެއްވެސް މީހެއްގެ ޒާތީ މުއާމަލާތް އަޑުއެހުމަށް ނުވަތަ ބެލުމަށް ބޭނުންވެއްޖެ ނަމަ، ކޯޓުއަމުރާކާއެކު އެކަން ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

 

ތޭރަވަނަ ބާބު

އާންމު މާއްދާތައް 

 

46 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

47 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރީގެ ކަންކަން 

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ މައްސަލަތަކަށް މި ގަވާއިދު ރައްދެއް ނުވާނެއެވެ.

 

48 ވަނަ މާއްދާ - މުއްދަތު ގުނުން 

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

 

ސާދަވަނަ ބާބު

މާނަކުރުން 

 

49 ވަނަ މާއްދާ - މާނަކުރުން

(ހ) "ޓެކުހާ ގުޅޭ ކުށްތައް" ކަމަށް ބުނެފައި އެވަނީ، މީރާއަށް ތަހުގީގުކުރުމުގެ ބާރުލިބިދީފައިވާ ޖިނާއީ ކުށްތަކަށެވެ.

(ށ) "ރިސްކް އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި އެއްވެސް ފަރާތަކުން ނުރަނގަޅު ކަންތައްތަކެއް ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް މީރާއަށް ލިބޭ މައުލޫމާތަށް ބިނާކޮށް،އެ ކަމެއް އިތުރަށް ބަލައި ވަޒަންކުރުމުގެގޮތުން ކުރާ ތަހުލީލަށެވެ. 

 

މައި ގާނޫނު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު