-

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-20)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2022-14 ގެ 124 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

މިި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތް ހިންގާނޭ ގޮތާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރާންޖެހޭ އުސޫލުތަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލާބެހޭ އެހެނިހެން ކަންތައްތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015" އެވެ.

 

2 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަގުސަދުތައް

ވަަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަގްސަދަކީ، ވަޒީފާގެ މާހައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ގާނޫނާއި އެހެންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ބަލައި ނިންމުމެވެ.

 

3 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސް

ވަޒީފާއާބެހޭ ގާނޫނު ނުވަތަ އެހެންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބަލައި، ވަޒީފާއާބެހޭ ގާނޫނާ ހިލާފުނުވާ ގޮތުގެ މަތިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލިދާނެ މައްސަލަތަކުގެ ތެރޭގައި ތިރީގައިވާ ބާވަތްތަކުގެ މައްސަލަތައް ހިމެނެއެވެ.

  1. ވަަޒީފާއާބެހޭ ގާނޫނުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކާ ހިލާފުވާކަމަށް 
    ހުށަހަޅާ މައްސަލަ؛
  2. އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރިކަމަށް ބުނެ ވަޒީފާ އަދާކުރި މީހާ ހުށަހަޅާ 
    މައްސަލަ؛
  3. މުވައްޒަފަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުދޭކަމަށް ބުނެ ހުށަހަޅާ މައްސަލަ؛
  4. ވަޒީފާގެ އެއްބަސްވުމާ ހިލާފުވާކަމަށް ހުށަހަޅާ މައްސަލަ؛
  5. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ބެހޭގޮތުން މިނިސްޓަރަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން މިނިސްޓަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން، އެނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަ؛
  6. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ބެހޭގޮތުން ހުށަހަޅާ މައްސަލަ؛
  7. ތަމްރީނު ދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުމަކާ، ނުވަތަ ތަމްރީނާބެހޭ އެއްބަސްވުމަކާ ހިލާފުވެގެން ހުށަހަޅާ މައްސަލަ؛
  8. މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް، ނުވަތަ ސިއްހަތާ ގުޅޭގޮތުން ހެދިފައިވާ ގާނޫނުތަކުގައިވާ މާއްދާތަކަށް ފުރިހަމައަށް އިހުތިރާމު ކުރުމަށްޓަކައި، ތަނުގައި ބޭނުންކުރާ މެށިނަރީއަށް ނުވަތަ މެށިނަރީ އަތުރާފައިވާ ގޮތަށް ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ބަދަލު ގެނައުމަށް ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަ؛
  9. މަސައްކަތްކުރާ މީހުންގެ ސިއްހަތަށް ނުވަތަ ފުރާނައަށް ޔަގީނުންވެސް ނުރައްކަލެއް ދިމާވެދާނެކަމަށް ގަބޫލުކުރެވޭ ދަ ނޑިވަޅުތަކުގައި، ވަކިކަހަލަ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަ؛
  10. މަސައްކަތުގެ އަހްލާގީ މިންގަ ނޑަށް ތަބާނުވުމުން އެޅި ފިޔަވަޅަކީ އެކަށީގެން ނުވާ ފިޔަވަޅެއްކަމަށް އެފިޔަވަޅު އެޅުނު މުވައްޒަފު ދެކިގެން ހުށަހަޅާ މައްސަލަ؛
  11. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަންޖެހޭކަމަށް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކޮންމެ މައްސަލައެއް؛ 

 

4 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލް ގައި މައްސަލަ ބެލުމުގައި ބޭނުންކުރާ ބަސް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލަ ބަލައި، ވާހަކަ ދައްކާނީ ދިވެހި ބަހުންނެވެ. މިނޫން އެހެން ބަހެއްގެ އަހުލުވެރިއަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅާނަމަ ނުވަތަ މިނޫން އެހެން ބަހެއްގެ އަހުލުވެރިއަކަށް މައްސަލަ ރައްދުވާނަމަ ތަރުޖަމާކުރުމުގެ ކަންތައްތައް ހަމަޖައްސާނީ އެފަރާތަކުންނެވެ. އަދި މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގަބޫލުކުރާ ފަރާތަކަށްވާންވާނެއެވެ.

 

5 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުބެލޭނެ މައްސަލަތައް

ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު އަންނަނިވި މައްސަލަތައް ބެލުމުގެ އިހުތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވެއެވެ.

(ހ) އެެއްވެސް ށަރްއީ ކޯޓެއްގައި ހިނގަމުންދާ، ނުވަތަ ބަލައި ނިމިފައިވާ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައިގެންނުވާނެއެވެ.

(ށ) ށަރްއީ ކޯޓަކަށް މައްސަލަ ހުށަހެޅުމުން، އެމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަންޖެހޭ މައްސަލައެއްކަމަށް ކޯޓަކުން ކަނޑައަޅާ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަކަށް މިމާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ނ) ވަޒީފާއާބެހޭ ގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އިސްތިސްނާކުރެވިފައިވާ ދާއިރާތަކާއި ފަރާތްތަކުގެ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުބެލޭނެއެވެ.

(ރ) ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެވަޒީފާއެއް އަދާކުރާ މީހާ، އެވަޒީފާގެގޮތުން އިސްތިއުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސް އައުމުން، ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުބެލޭނެއެވެ.

 

 

ދެވަނަ ބާބު

މައްސަލަ ހުށަހެޅުމާއި ރަޖިސްޓަރީކުރުން

 

6 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާންވާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެެކަމަށް ކަނޑައަޅާފައިވާ، މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ނުވަތަ އެފޯމުގެ ފޯމެޓަށް ތައްޔާރުކުރެވިފައިވާ ލިޔުމަކުންނެވެ. ބިދޭސީއެއްނަމަ ޖަދުވަލު 2 ގައިވާ ފޯމު ނުވަތަ އެފޯމުގެ ފޯމެޓަށް ތައްޔާރުކުރެވިފައިވާ ލިޔުމަކުން މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) ވަަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އީމެއިލް، ފެކްސް ނުވަތަ ޕޯސްޓް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފޯމުގެ އަސްލާއި 2 (ދޭއް) ކޮޕީ އަދި މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 (ތިނެއް) ކޮޕީ ހުށަހަޅަން ވާނެއެވެ.

(ރ) މިމާއްދާގެ (ށ) ގެ ދަށުން އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް މައްސަލަ ހުށަހަޅާނަމަ، މައްސަލަ ހުށަހަޅާ ފޯމުގެ އަސްލާއި 2 (ދޭއް) ކޮޕީ އަދި މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 (ތިނެއް) ކޮޕީ، ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެތެރޭގައި ހުށަހަޅަން ވާނެއެވެ.

(ބ) ވަަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފޯމު ނުވަތަ މައްސަލައިގައި ހުށަހަޅާފައިވާ މައުލޫމާތު ފުރިހަމަ ނުވާނަމަ މައުލޫމާތު ފުރިހަމަކުރުމަށްފަހު މައްސަލަ ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ޅ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފޯމުގައިވާ މައުލޫމާތާއި ހުށަހަޅާ ލިޔެކިޔުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގޭ މިންވަރަށް މައުލޫމާތު ހިމަނާފައިނުވާނަމަ ނުވަތަ މައްސަލަ ސާފުނުވާނަމަ، މި މާއްދާގެ (ބ) އާ އެއްގޮތަށް، އެ މައުލޫމާތު ފުރިހަމަކުރުމަށް ދެވޭ މުއްދަތުގައި، އެ މައުލޫމާތު ހުށަހަޅާފައިނުވާނަމަ، އެ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ކ) މައްސަލައަކާގުޅިގެން ދިވެހި ބަސްނޫން ބަހަކުން ހުރި ލިޔުމެއް ހުށަހަޅާނަމަ މައްސަލަ ބަލާ މަޖިލީހުން އެދިއްޖެ ހިނދެއްގައި، އެލިޔުމުގެ ދިވެހި ތަރުޖަމާ ހުށަހަޅަންވާނެއެވެ.

(އ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތަކުން މައްސަލަ ހުށަހެޅިފައިވާ ކަމުގެ ލިޔުމެއް ބޭނުންވެގެން އެދިއްޖެނަމަ، އެފަރާތަކަށް އެފަދަ ލިޔުމެއް ދެވިދާނެއެވެ.

 

7 ވަނަ މާއްދާ - އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ މައްސަލަ

(ހ) އެއް ހާދިސާއަކާގުޅިގެން ނުވަތަ އެއް ހަގީގަތެއްގެ މައްޗަށް ބިނާކޮށް، އެއްފަރާތަށްވުރެ ގިިނަ ފަރާތްތަކަކަށް ހުށަހެޅިދާނެފަދަ މައްސަލަތަކުގައި މައްސަލަ ހުށަހަޅާފަރާތްތަކުން އެއްފޯމަކުން އެފަދަ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ށ) އެއް ހާދިސާއަކާގުޅިގެން ނުވަތަ އެއް ހަގީގަތެއްގެ މައްޗަށް ބިނާކޮށް، އެއްފަރާތަށްވުރެ ގިނަފަރާތްތަކުން ހުށަހަޅާ ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި މައްސަލަ ރައްދުވާފަރާތަކީ އެއްފަރާތެއްނަމަ، މައްސަލަތައް ބެލުމުގައި އެކުގައި ކުރިއަށް ގެންދިޔުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހުށަހަޅާ މައްސަލަތައް އެކުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާނަމަ، މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެފަރާތްތައް ތަމްސީލު ކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހަމަޖައްސައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު 

(ހ) ވަޒީފާއާބެހޭ ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ހިލާފެއް، އެ މައްސަލައެއް ނުވަތަ ހިލާފެއް އުފެދުނު ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. އެހެންނަމަވެސް އުޖޫރައާގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ށ) ިމާއްދާގެ (ހ) ގައި މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ކަނޑައަޅާފައި ވީނަމަވެސް، ގާނޫނަކުން ނުވަތަ ގަވާއިދަކުން، ވަކި ބާވަތެއްގެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ އެފަދަ މައްސަލަތަކުގައި މައްސަލަ ހުށަހެޅުމުގެ މުއްދަތުކަމުގައި ބަލަންވާނީ އެގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައަޅާފައިވާ މުއްދަތެވެ.

(ނ) މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށްފަހު، މައްސަލަ އެ މުއްދަތުގައި ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ މައްސަލައެއްގައި، އެ ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެންނަނަމަ އެކަމަކަށް ރިއާޔަތްކޮށް، އެ މައްސަލައެއް ބަލައިގަތުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއް ކަމަށް ކަނޑައެޅުމާއި އެންގުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއްނަމަ، އެކަން މައްސަލަ ހުށަހެޅި ފަރާތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ލިޔުމުން އަންގާންވާނެއެވެ. މިގޮތުން ދޭ ލިޔުމުގައި، އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް ސަބަބު އެނގޭގޮތަށް ލިޔެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް އެކަމަށް ކަނޑައަޅާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު ސޮއިކުރާންވާނެއެވެ.

 

10 ވަނަ މާއްދާ - މައްސަލަ ނަންބަރު ދިނުން

މައްސަލަ ހުށަހަޅާ ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައިގަތުމާއެކު، މައްސަލަ ހުށަހެޅުނު އަހަރާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ލިބުނު ތަރުތީބަށް ބިނާކޮށް، ކޮންމެ މައްސަލައަކަށްވެސް ވަކި ހާއްސަ ނަންބަރެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅަންވާނެއެވެ. 

 

11 ވަނަ މާއްދާ - މައްސަލައިގެ ދަފްތަރު 

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ދަފްތަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަހައްޓާން ވާނެއެވެ. މި ދަފްތަރުގައި މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތާއި، މައްސަލައިގެ ބާވަތާއި، މައްސަލަ ނަންބަރާއި، މައްސަލަ ހުށަހެޅުނު ތާރީހާއި، ނިމުނު ތާރީހާއި، މައްސަލައާމެދު އަމަލުކުރެވުނުގޮތް، ރިކޯޑުކުރާންވާނެއެވެ.

 

12 ވަނަ މާއްދާ - މައްސަލަ އަނބުރާ ގެންދިޔުން 

(ހ) މައްސަލަ ހުށަހަޅާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ އަނބުރައި ގެންދިއުމަށް ބޭނުންވެއްޖެނަމަ، ލިޔުމުން އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގައި، މައްސަލަ އަނބުރައި ގެންދެވިދާނެއެވެ.

(ށ) ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދާ މައްސަލައެއް، މިގަވާއިދުގެ 8 ވަނަ މާއްދާގައިވާ މުއްދަތުގެ ތެރޭގައި އިދާރީ ފީގެ ގޮތުގައި 500 (ފަސް ސަތޭކަ ރުފިޔާ) ދައްކައި އަލުން ހުށަހެޅިދާނެއެވެ. 

 

 

ތިންވަނަ ބާބު

މައްސަލައަށް ޖަވާބު ދިނުމާއި އިބްތިދާއީ ބައްދަލުވުން ބޭއްވުން

 

13 ވަނަ މާއްދާ - މައްސަލަ ހުށަހެޅުނުކަން އެންގުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަ ރަޖިސްޓަރީކުރުމަށްފަހު، މައްސަލަ ހުށަހެޅުނުކަން އެންގުމަށް މައްސަލަ ހުށަހެޅި ފޯމާއި، އެފޯމާއެކު ހުށަހެޅި ލިޔުންތަކުގެ ކޮޕީ މައްސަލަ ރައްދުވާފަރާތަށް ފޮނުވަންވާނެއެވެ. 

 

14 ވަނަ މާއްދާ - މައްސަލައަށް ޖަވާބުދިނުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަށް، މައްސަލަ ރައްދުވާ ފަރާތުން ޖަވާބު ދޭންވާނީ މި ގަވާއިދުގައި އެކަމަށް ކަނޑައަޅާފައިވާ ޖަދުވަލު 3 ގައިވާފޯމު ނުވަތަ އެފޯމުގެ ފޯމެޓަށް ތައްޔާރުކުރެވިފައިވާ ލިޔުމަކުންނެވެ. 

 

15 ވަނަ މާއްދާ - މައުލޫމާތު ސާފުކުރުން 

މައްސަލައަށް ދޭ ޖަވާބާ ބެހޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތު، އަނގަބަހުން ނުވަތަ ލިޔުމުން ދިނުމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެންގިދާނެއެވެ.

 

16 ވަނަ މާއްދާ - މަސްލަހަތު ހިމެނޭ ފަރާތްތައް ބައިވެރިވުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާގުޅޭ މަސްލަހަތެއް ހިމެނޭ ފަރާތަކުން، އޭނާގެ މަސްލަހަތު އޮތް ގޮތެއް ބަޔާންކޮށް، މައްސަލަ ބަލާ މަޖިލީހުގެ ރައީސަށް ހުށަހެޅުމަށްފަހު، މައްސަލަ ބަލާ މަޖިލީހުގެ ރައީސްގެ ހުއްދައާއެކު މައްސަލައިގައި ބައިވެރިވެ، މައްސަލައާ ގުޅިގެން ދައްކަން ބޭނުން ވާހަކަ ދެއްކުމާއި މައްސަލައާގުޅިގެން ހުށަހަޅާން ބޭނުންވާ ލިޔެކިޔުމާއި ރެކޯޑުތައް ހުށަހެޅުމުގެ ފުރުސަތު އެފަރާތަކަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ބަދަލުގައި ހާޒިރުވާނެ ފަރާތެއް އައްޔަންކުރުން

(ހ) މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެފަރާތެއްގެ ބަދަލުގައި މީހަކު ހަމަޖެއްސުމަށް އެދޭނަމަ ނުވަތަ ގާނޫނީ ވަކީލެއް އައްޔަންކޮށް އެފަރާތުގެ ވަކީލާއެކު މައްސަލަ ކުރިއަށް ގެންދިއުމަށް އެދޭނަމަ އެކަމަށް ކަނޑައަޅާފައިވާ ފޯމު، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާ މައްސަލަތަކުގައި ބަދަލު ހަމަޖައްސަން/ވަކީލަކު އައްޔަންކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުގެ މުއައްސަސާތަކާއި ގާނޫނީ ށަހްސަކުން ހާޒިރުވާނެ ފަރާތެއް ނުވަތަ ވަކީލެއް އައްޔަންކުރާނަމަ އެފަރާތެއް އައްޔަންކޮށް ހަމަޖެއްސިކަން އެނގޭނޭފަދަ އެ ށަހުސެއްގެ ނުވަތަ ކުންފުންޏެއްގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ރިޒޮލިއުށަނެއް، ނުވަތަ ކުންފުނި ހިންގުމާ ހަވާލުވެހުރި އެންމެ އިސްފަރާތް ސޮއިކޮށްފައިވާ ކުންފުނީގެ ލިޔުމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ނ) މައްސަލާގައި ހިމެނޭ ފަރާތަކުން ބަދަލުގައި މީހަކު ހަމަޖެއްސުމަށްފަހު ނުވަތަ ގާނޫނީ ވަކީލަކު އައްޔަނުކުރުމަށްފަހު އެއިން މީހެއް ހަމަޖައްސާފައި އޮތް އޮތުން ބާތިލުކުރަން އެދޭނަމަ، އެކަން ލިޔުމަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަންވާނެއެވެ.

 

18 ވަނަ މާއްދާ - މައްސަލައާގުޅޭ ލިޔެކިޔުން ދޫކުރުން

(ހ) މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން މައްސަލައާ ގުޅިގެން ހުށަހަޅާ ލިޔެކިޔުން ދެފަރާތާވެސް ހިއްސާކުރެވޭނެއެވެ. މައްސަލައާގުޅޭ ލިޔެކިޔުން ފޮނުވާނީ މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާފަރާތަށް، ނުވަތަ އެފަރާތުން ބަދަލުގައި ހާޒިރުވުމަށް އައްޔަނުކުރާ ފަރާތަކަށެވެ.

(ށ) ހިނގަމުންދާ މައްސަލައެއްގެ ލިޔެކިޔުން ދޫކުރުމަށްފަހު އެއްވެސް ސަބަބަކާގުޅިގެން މައްސަލައިގައި ހިމެނޭފަރާތަކަށް ކުރިން ދޫކޮށްފައިވާ ލިޔުމެއްގެ ކޮޕީއެއް ބޭނުންވެގެން އެދިއްޖެނަމަ ސަފްހާއަކަށް 2 (ދޭއް) ރުފިޔާގެ އިދާރީ ފީއެއް ދެއްކުމުން އެލިޔުމެއް ދޫކުރެވޭނެއެވެ.

 

19 ވަނަ މާއްދާ - އިބްތިދާއީ ބައްދަލުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް އަޑުއެހުން ބޭއްވުމުގެކުރިން މައްސަލައާގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި ގާނޫނީ އަދި އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ކަނޑައަޅާ މެންބަރަކަށް އިބްތިދާއީ ބައްދަލުވުމެއް ބޭއްވިދާނެއެވެ.

(ށ) އިބްތިދާއީ ބައްދަލުވުމުގައި އަންނަނިވި ކަންތައްތައް ހާސިލުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

  1. މައްސަލަ ހުށަހެޅިފަރާތާއި މައްސަލަ ރައްދުވާފަރާތުން މައްސަލައާ ގުޅިގެން ހުށަހަޅާ އެންމެހައި ލިޔެކިޔުން ދެފަރާތާއި ހިއްސާކުރުން.
  2. މައްސަލަ ބެލުމަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހަމަކޮށް، މައްސަލައާ ގުޅުމެއްނެތް ލިޔުންތައް އެއްކިބާކުރުން. މިގޮތުން އެއްކިބާ ކުރެވޭ ލިޔުންތަކުގެ މައުލޫމާތު އެލިޔުން ހުށަހެޅި ފަރާތަށް ދެވޭނެއެވެ.
  3. މައްސަލައިގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތައް އިސްކަންދޭ ތަރުތީބުން ލިސްޓުކުރުން.
  4. ހެކިބަސްދޭ ފަރާތްތަކާއި އެފަރާތްތަކުގެ ހެކިބަހުން ސާބިތު ކުރަންބޭނުންވާ ކަންތައްތަކުގެ މައުލޫމާތު ނެގުން.
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބޭރުން ހައްލުކުރެވިދާނެފަދަ މައްސަލައެއްނަމަ، މައްސަލައިގައި ހިމެނޭފަރާތްތަކަށް އެކަމުގެ މައުލޫމާތުދީ، އެފަރާތްތަކުން އެއްބަސްވާނަމަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުގައި މައްސަލައިގެ ހައްލެއް ހޯދުމަށް ފުރުސަތު ދިނުން.
  6. މައްސަލައިގެ އަޑުއެހުން ބާއްވާނެ ދުވަސްތައް ކަނޑައަޅައި ތާވަލުކުރުން.
  7. މިމާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އިބްތިދާއީ ބައްދަލުވުމުގައި ހުށަނާޅާ ލިޔެކިޔުންތަކާއި ހެކިތައް މައްސަލަ ބަލާ މަރުހަލާގައި ބަލައިނުގަނެވޭނެކަން އެންގުން.
  8. މިނޫންވެސް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަދުލު އިންސާފު ގާއިމުކޮށްދިނުމަށް ފަސޭހަވާނެ އެހެނިހެން ކަންތައްތައް ހަމަޖެއްސުން.

(ނ) އިިބްތިދާއީ ބައްދަލުވުމުގެ މަރުހަލާ ނިމުނުފަހުން ހޯދިފައި ނުވަތަ ލިބިފައިވާ ހެއްކާއި މައުލޫމާތު ފިޔަވައި އެ ބައްދަލުވުން ބޭއްވުމަށް ފަހު ހިންގާ މައްސަލަތަކުގައި ހުށަހަޅާ ހެއްކެއް ނުވަތަ މައުލޫމާތެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައިގަނެވޭނީ އެހެކީގެ ބާވަތަށާއި، މައްސަލައާ ގުޅުންހުރި މިންވަރަށާއި، އެ ހެއްކެއް ނުވަތަ މައުލޫމާތެއް އިބްތިދާއީ ބައްދަލުވުމުގެ މަރުހަލާގައި ހުށަހެޅިފައިނުވާ ސަބަބަށް ރިއާޔަތްކުރުމަށްފަހު، މައްސަލަ ބަލާ މަޖިލިސްއަށް އެ ކަމެއް ބަލައިގަންނަންޖެހޭކަމަށް ފެންނަނަމައެވެ.

(ރ) މިމާއްދާގެ (ށ) ގެ 5 ގައިވާ ގޮތުގެ މަތިން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް، ކަނޑައެޅިފައިވާ މުއްދަތެއް ދިނުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އަދި، މިގޮތުގެމަތިން ދެވޭ މުއްދަތުގައި މައްސަލަ ހައްލުނުވެއްޖެނަމަ މައްސަލަ ހުށަހެޅި ފަރާތުން އެކަން އަންގަންވާނެއެވެ. މައްސަލަ ސުލްހަވެރިކޮށް ނިންމުމަށް ދެވޭ މުއްދަތު ފާއިތުވުމަށްފަހު، ސުލްހަވެރިކަމާއެކު މައްސަލަ ހައްލުވެފައިނުވާނަމަ، ނުވަތަ ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު، ސުލްހަވެވުނުކަމާމެދު ވަކި ގޮތަކަށް މައްސަލާގައި ހިމެނޭ ފަރާތަކުން އަންގާފައިނުވާނަމަ މައްސަލައިގައި ގޮތެއް ނިންމުމަށް މައްސަލަ ކުރިއަށް ގެންދެވޭނެއެވެ.

(ބ) މިމާއްދާގެ (ށ) ގެ 5 ގައިވާ ގޮތުގެ މަތިން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެވިއްޖެނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ ފަރާތްތަކުގެ މެދުގައި މައްސަލަ ނިންމި ގޮތް ލިޔުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަންވާނެއެވެ. އަދި، މިގޮތުގެމަތިން ދެފަރާތުގެ މެދުގައި ސުލްހަވެރިކަމާއެކު މައްސަލަ ނިންމި ގޮތުގެ މައްޗަށް ބިނާކޮށް އަމުރެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރެވިދާނެއެވެ.

 

20 ވަނަ މާއްދާ - ތިިންވަނަ ފަރާތެއް މެދުވެރިކޮށްގެން މައްސަލަ ހައްލުކުރުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން ތިންވަނަ ފަރާތެއްގެ އެހީއާއެކު ދެފަރާތުން ވާހަކަދައްކައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ވަޒީފާގެ އެއްބަސްވުމުގައި ށަރުތުކޮށްފައިވާނަމަ، އެގޮތަށް އަމަލުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

 

ހަތަރުވަނަ ބާބު

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތް

 

21 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރު

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެއްޖެނަމަ، އެމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނުވަތަ އެމީހަކު ހާޒިރުކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 3 (ތިނެއް) ދުވަހުގެ ކުރިން، "ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު" އެމީހަކަށް ފޮނުވާންވާނެއެވެ. މިއަމުރުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. .ހާޒިރުވާންވީ މީހާގެ ނަން
  2. ހާޒިރުވާންވީ މީހާގެ ދާއިމީ އަދި އަމުރު ފޮނުވަންވީ އެޑްރެސް
  3. ހާޒިރުވާންވީ ތަން
  4. ހާޒިރުވާންވީ ދުވަހާއި ގަޑި
  5. ހާޒިރުވާންޖެހޭ ސަބަބު

(ށ) މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށް ބެލުމަށްފަހު، މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރުމުއްދަތެއް ދިނުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރުގެ ނުފުށުގައި، ހާއްސަ އެންގުމެއްގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ވަަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް ކަނޑައަޅާފައިވާ ތާރީހާއި ގަޑިއަށް، އަމުރުގައި ކަނޑައަޅާފައިވާ ތަނަށް ހާޒިރުވެ ލަސްނުކޮށް އެ އަމުރު ކަމާބެހޭ މުވައްޒަފާ ހަވާލުކުރަންވާނެއެވެ.
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދަނެތި ބޭރަށް ދިއުމަކީ މަނާކަމެކެވެ.
  3. ހާޒިރުވުމަށް އަންގާ އަމުރުގައި ބަޔާންކޮށްފައިވާ ތާރީހަށާއި ގަޑިއަށް ހާޒިރުވެވެން ނެތްނަމަ މިގަވާއިދުގެ 24 ވަނަ މާއްދާ ނުވަތަ 25 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރުގައި ކަނޑައެޅިފައިވާ ގަޑިއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުނުވެއްޖެނަމަ، އެމީހަކާމެދު މިގަވާއިދުގައިވާ ގޮތުގެމަތީން އަމަލުކުރެވޭނެއެވެ.
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރުގައި ހާޒިރުވާންޖެހޭ މީހާ ނުހިފައިފިނަމަ ނުވަތަ ހަވާލުނުވެއްޖެނަމަ ނުވަތަ އަމުރު ރައްދުވެ، އަމުރުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 22 ވަނަ މާއްދާ ނުވަތަ 23 ވަނަ މާއްދާގެ ދަށުން އަމަލުކުރެވޭނެއެވެ.
  6. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާއިރު، ހާޒިރުވާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ހާޒިރުވާ މީހާއަކީ ކާކުކަން އަންގައިދޭ، އެމީހާގެ ފޮޓޯޖެހި ސަރުކާރުގެ ރަސްމީ ސައްހަ ލިޔުމެއް ގެންނަންވާނެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރުގެ ނުފުށުގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރަށް ހާޒިރުވާންޖެހޭ ފަރާތަށް ކޮންމެހެން އެނގެންޖެހޭނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ މައުލޫމާތު ހިމަނަންވާނެއެވެ. 

 

22 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރު ލިބޭ ކޮންމެ ފަރާތަކުން އެ އަމުރުގައި ކަނޑައެޅިފައިވާ ތާރީހާއި ގަޑިއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަމުރު ލިބި މަގުބޫލު އުޒުރެއްނެތި އެއަމުރުގައިވާ ގަޑިއަށް މައްސަލަ ހުށަހަޅާ ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

(ނ) މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތް ފިޔަވައި އެހެންފަރާތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރުގައި ނުހިފައިފިނަމަ ނުވަތަ އަމުރު ލިބި މަގުބޫލު އުޒުރެއްނެތި އެއަމުރުގައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

 

23 ވަނަ މާއްދާ - ހާޒިރުވުމުގެ އަމުރުގައި ނުހިފުން ނުވަތަ އަމުރު ލިބި މަގުބޫލު އުޒުރެއްނެތި ހާޒިރުނުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް މައްސަލަ ރައްދުވާފަރާތަށް އަމުރު ފޮނުވުމުން، އެއަމުރާ ހަވާލުނުވެއްޖެނަމަ ނުވަތަ އެ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، ޣައިރު ހާޒިރުގައި، ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް މައްސަލަ ހުށަހަޅާފަރާތަށް އަމުރު ފޮނުވުމުން، އެ އަމުރާ ހަވާލުނުވެއްޖެނަމަ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ އެޑްރެހުގައި ނޫޅޭނަމަ ނުވަތަ އެކަށީގެންވާ މަސައްކަތްކޮށްގެންވެސް މައްސަލަ ހުށަހަޅާފަރާތަށް ހާޒިރުވުމުގެ އަމުރު ރައްދުނުކުރެވޭނަމަ ނުވަތަ ހާޒިރުވުމުގެ އަމުރު ލިބި މަގުބޫލު އުޒުރެއް ނެތި، ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ އެމައްސަލައެއް އިދާރީ ގޮތުން ބާތިލު ކުރުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިނުވާނަމަ މި މާއްދާގެ (ށ) ގެ ދަށުން ބާތިލު ކުރެވޭ މައްސަލައެއް، މިގަވާއިދުގެ 8 ވަނަ މާއްދާގައިވާ މުއްދަތުގެ ތެރޭގައި އިދާރީ ފީ ގެގޮތުގައި 500 (ފަސް ސަތޭކަ ރުފިޔާ) ދައްކައި އަލުން ހުށަހެޅިދާނެއެވެ.

 

24 ވަނަ މާއްދާ - ހާޒިރުވެވެން ނެތްނަމަ ސަބަބު އެންގުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަގުބޫލު އުޒުރެއް ދިމާވުމުގެ ސަބަބުން އަމުރުގައި ހާޒިރުވުމަށް އަންގާފައިވާ ތަނަށް ހާޒިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަންވާނެއެވެ. އަދި ލިޔުމުން ނޫންގޮތަކަށް ހާޒިރުވެވެން ނެތްކަން އަންގާނަމަ ހާޒިރުނުވެވުނު ސަބަބު ބަޔާންކޮށް ގިނަވެގެން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަސްތެރޭގައި ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލިޔުން ހުށަނާޅައިފިނަމަ އަޑުއެހުމަށް ހާޒިރުވެފައިނުވަނީ މަގްބޫލު ސަބަބެއް ނެތިކަމަށް ބަލައި އެއަޑުއެހުމަކީ އެފަރާތުން ހާޒިރުނުވާ އަޑުއެހުމެއްކަމުގައި ކަނޑައެޅުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) މިގަވާއިދުގެ ދަށުން މަގުބޫލު އުޒުރެއްކަމަށް ބަލާނީ ތިރީގައިވާ ކަންކަމުންކުރެ ކަމެކެވެ.

  1. ތިމާ ހާޒިރުނުވެވޭފަދަ ބައްޔެއްވުން.
  2. ތިމާ ނުހުރެ ނުވާ ފަދަ މީހަކު ބައްޔެއްވުން.
  3. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު، ވައި އަދި އެއްގަމު ދަތުރު ކުރެވޭގޮތް ނުވުން.
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މަގުބޫލުކަމަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން.

 

25 ވަނަ މާއްދާ - މެޑިކަލް ސެޓްފިކެޓް ހުށަހެޅުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަމުރަށް ހާޒިރު ނުވެވެން ދިމާވި ސަބަބަކީ މިގަވާއިދުގެ 24 ވަނަ މާއްދާގެ (ނ) ގެ 1 ނުވަތަ 2 ވަނަ ނަންބަރުގައިވާ ސަބަބުކަމަށްވާނަމަ، ސަރުކާރު ގަބޫލުކުރާ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރުކަޒަކުން ދޫކުރާ، ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ސޮޔާއި ތައްގަ ނޑު އޮންނަ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެޑިކަލް ސެޓްފިކެޓް މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވެވުނު ދުވަހުންފެށިގެން ގިނަވެގެން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. މި މުއްދަތުގައި މެޑިކަލް ސެޓިފިކެޓް ހުށަނާޅައިފިނަމަ އަޑުއެހުމަށް ހާޒިރުވެފައިނުވަނީ މަގްބޫލު ސަބަބެއް ނެތިކަމަށް ބަލައި އެއަޑުއެހުމަކީ އެފަރާތުން ހާޒިރުނުވާ އަޑުއެހުމެއްކަމުގައި ކަނޑައެޅޭނެއެވެ.

 

26 ވަނަ މާއްދާ - ކުންފުނި ނުވަތަ ގާނޫނީ ށަހްސަކަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން

(ހ) ހާޒިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ، ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއް ނުވަތަ އެހެންވެސް މުއައްސަސާއެއް ކަމަށްވާނަމަ، އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުމުން އެފަރާތަކަށް އަމުރު ރައްދުވީކަމަށް ބެލެވޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް ހާޒިރުވުމުގެ އަމުރު ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއް ނުވަތަ އެހެންވެސް މުއައްސަސާއަކަށް ރައްދުކުރެވެން ނެތްނަމަ، އެތަނެއް ރަޖިސްޓަރީކުރެވިފައިވާ އެޑްރެހަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމުން، އެފަރާތަކަށް އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.

 

27 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ރައްދު ކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ފަރާތަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރުމުން އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ. ހަމައެހެންމެ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ފަރާތެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށްފަހުގައިވެސް އެ މީހަކު ނުފެނިއްޖެ ހާލަތެއްގައި، އެމީހަކީ ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ހާޒިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ މީހާގެ ގާނޫނީ ވަކީލާ ނުވަތަ ބަދަލުގައި އައްޔަންކޮށްފައިވާ މީހާއާ އަމުރު ހަވާލުކުރުމުން، ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާޒިރުވުމުގެ އަމުރު ފޮނުވާނީ މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާފަރާތަށް، ނުވަތަ އެފަރާތުން ބަދަލުގައި ހާޒިރުވުމަށް އައްޔަނުކުރާ ފަރާތަކަށެވެ.

(ނ) ހާޒިރުވުމުގެ އަމުރު ހަވާލުކުރި ފަރާތާއި، ހަވާލުވި ފަރާތް އަމުރުގެ އަސްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ. 

 

28 ވަނަ މާއްދާ - ބަންދުގައި ނުވަތަ ޖަލުގައި ތިބޭ މީހުންނަށް އަމުރު ރައްދުކުރުން

(ހ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުކުރުމަށް އަމުރު ފޮނުވާނީ، އެމީހަކު ބަންދުކުރުމުގެ ނުވަތަ ހައްޔަރުކުރުމުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއަކަށެވެ.

(ށ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުކުރުމަށް އަމުރު ފޮނުވުމުން، އެމީހަކު ބަންދުކުރުމުގެ ނުވަތަ ހައްޔަރުކުރުމުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއަކުން އެމީހަކަށް އެކަން އަންގާ، އަމުރުގައިވާ ތާރީހާއި ގަޑިއަށް އެމީހަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުކޮށްދޭންވާނެއެވެ.

(ނ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ ނުވަތަ ހާޒިރުވުމުގެ އަމުރުގައިވާ ގަޑިއަށް އަމުރުގައިވާ ތަނަށް ހާޒިރުކޮށްދިނުމަށް އެމީހަކުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއިން އުޒުރުވެރިވާނަމަ، މިގަވާއިދުގެ 24 ވަނަ މާއްދާ އާއި 25 ވަނަ މާއްދާގައި ބަޔާންވެގެންވާގޮތަށް އެމީހަކުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއިން އަމަލުކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަންވާނެއެވެ. 

 

29 ވަނަ މާއްދާ - އަމުރު ރައްދުކުރާ ފަރާތް

ހާޒިރުވުމުގެ އަމުރު އާންމު ގޮތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ހާލަތެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެއިރެއްގައި ކަނޑައަޅާ އިދާރާއެއް ނުވަތަ ފަރާތެއް މެދުވެރިކޮށްގެން ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެއެވެ.

 

30 ވަނަ މާއްދާ - މައްސަލަ ހުށަހެޅިފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރި މީހަކު ހާޒިރުކުރުން

މައްސަލަ ހުށަހެޅޭ ރަށް ނޫން އެހެން ރަށެއްގައި މައްސަލަ ރައްދުވާ ފަރާތް ހުއްޓާ، އެމީހާގެ މައްޗަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެމީހަކު ހާޒިރުކޮށްދިނުމުގެ އަމުރު އެއިރެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ އިދާރާއެއް ނުވަތަ ފަރާތެއް މެދުވެރިކޮށް އެމީހާއާ ހަވާލުކުރުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. 

 

31 ވަނަ މާއްދާ - އެޑްރެސް ބަދަލުވުން 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތުގެ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ނުވަތަ އެއިން ފަރާތަކުން އައްޔަނުކޮށްފައިވާ ފަރާތެއްގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވިތާ ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ބަދަލުވި އެޑްރެސް އެނގޭގޮތަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދައިން އެޑްރެސް ބަދަލުވިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގާފައިނުވާނަމަ، މިގަވާއިދުގައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - މައްސަލަ ހުށަހެޅިފައި ވަނިކޮށް ހަސްމަކު ނުވަތަ ބަދަލުގައި އައްޔަންކުރެވިފައިވާ ފަރާތެއް ނުވަތަ ވަކީލެއް ފުރައިގެން ދިއުން ނުވަތަ ހާޒިރުނުވެވޭފަދަ ހާލަތެއް މެދުވެރިވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލާގައި ހިމެނޭ ފަރާތެއް ނުވަތަ އެއިން ފަރާތެއްގެ ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުގައި ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތެއް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިފައިވާ އެހެން ފަރާތަކުންވެސް ހާޒިރުވާންޖެހޭ ރަށް ނޫން އެހެން ރަށަކަށް ފުރައިގެން ދާންވާނީ ވަޒީފާބެހޭ ޓްރައިބިއުނަލްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ ލިޔުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ސަބަބާއި، ރަށުން ބޭރަށް ދާންޖެހޭ ސަބަބާއި، ފުރަން ބޭނުންވާ ދުވަހާއި، އަނބުރާ އާދެވޭނެކަމަށް ލަފާކުރެވޭ ދުވަހެއް ބަޔާންކުރުމާއެކު، ފުރަން ބޭނުންވާ ދުވަހުގެ ސަރުކާރު ބަންދު ނޫން 2 ދުވަސް ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމުގެ ސަބަބުން މައްސަލަ ހިންގުމަށް ދަތިވެދާނެކަމަށް ގަބޫލުކުރެވޭނަމަ އެކަމަށް އެދި ހުށަހަޅާފަރާތުގެ ބަދަލުގައި ހާޒިރުވާނެ އެހެން މީހަކު ހަމަޖެއްސުމަށް އެންގުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

 

ފަސްވަނަ ބާބު

މައްސަލަ ބަލާ މަޖިލިސް

 

33 ވަނަ މާއްދާ - މައްސަލަ ބަލާ މަޖިލިސް އެކުލެވިގެންވާ ގޮތް

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރެއް ނުވަތަ އޮނަހިރި އަދަދެއްގެ މެންބަރުން ހިމެނޭ ގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް އެކުލަވައިލާ، މައްސަލަ ބަލާ މަޖިލީހަކުންނެވެ.

 

34 ވަނަ މާއްދާ - މައްސަލަ ބަލާ މަޖިލީހުގެ މެންބަރުން ކަނޑައެޅުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނެ މެންބަރުން ކަނޑައަޅާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްއެވެ. މައްސަލަ ބަލާ މަޖިލީހަށް މެންބަރުން ހަމަޖެއްސުމުގައި، މައްސަލަތަކުގެ ކުޑަބޮޑު މިނަށާއި، މައްސަލަތަކުގައި ހޭދަވާނެކަމަށް ލަފާކުރެވޭ ވަގުތަށާއި، މަޖިލީހަށް ކަނޑައެޅޭ މެންބަރުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިމެނެނީ ފުލްޓައިމް ނުވަތަ ޕާޓްޓައިމްކޮށް ކަމުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - މައްސަލަ ބަލާ މަޖިލިސް ބާއްވާނެ ތާރީހާއި ގަޑި 

މައްސަލަބަލާ މަޖިލީހުގެ އަޑުއެހުން ބާއްވާނެ ތާރީހާއި ގަޑި ކަނޑައަޅާނީ، މައްސަލަ ބަލާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރެވެ.

 

36 ވަނަ މާއްދާ - މައްސަލަ ބަލާ މަޖިލިސް ހުޅުވާލެވިފައި އޮތުން

މައްސަލަ ބަލާ މަޖިލިސް އާންމުކޮށް ބާއްވަންވާނީ ހުޅުވާލެވިފައިވާ މަޖިލީހެއްގެ ގޮތުގައެވެ. 

 

37 ވަނަ މާއްދާ - ސިއްރު މަޖިލިސް 

އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމުކުރާ ސަބަބެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަސްލަހަތަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލައެއް ނުވަތަ މައްސަލައިގެ ބައެއް ސިއްރު މަޖިލީހެއްގައި ބޭއްވުމަށް މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެނަމަ، އެ މަޖިލިސް ނުވަތަ މަޖިލީހުން ބައެއް ނަމަވެސް ސިއްރު މަޖިލީހެއްގެ ގޮތުގައި ބޭއްވުމުގެ އިހުތިޔާރު މައްސަލަ ބަލާ މަޖިލީހުގެ ރިޔާސަތަށް ލިބިގެންވެއެވެ. 

 

38 ވަނަ މާއްދާ - މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ ރައުޔު 

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައި ނިންމުމުގައި، މައްސަލަ ބަލާ މަޖިލީހުގެ ކޮންމެ މެންބަރަކަށް ފެނުނު ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން، މައްސަލައާ ގުޅޭ ގޮތުން، ފާހަގަކުރެވުނު ނުކުތާތަކާއި، ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ އަލީގައި މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކާއި މައްސަލަ ބަލާ މަޖިލީހުގައި ދެފަރާތުންނާއި ހެކިން ދައްކާފައިވާ ވާހަކަތަކާމެދު ދެކޭގޮތާއި، މައްސަލަ ނިންމި ގޮތަށް ވާސިލުވުމުގައި ވިސްނާފައިވާ ކަންތައްތަކާއި، ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގައިދިނުމަށް އަމުރެއް ކުރާނަމަ، ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުމުގައި ބަލާފައިވާ ކަންތައްތަކާއި، އެނޫންވެސް އެ މެންބަރަކަށް ފެންނަ މުހިންމު ނުކުތާތައް ބަޔާންކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

މައްސަލަތައް ބަލައި ނިންމުން

 

39 ވަނަ މާއްދާ - މައްސަލަ ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައް 

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި އިންސާފުވެރިކަމާއެކު، ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާފަރާތުގެ މަސްލަހަތާއި، ދެފަރާތުގެ ހައްގުތައް ރައްކާތެރިކޮށްދެވޭނޭ ގޮތްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

 

40 ވަނަ މާއްދާ - މައްސަލައަށް ބަދަލުގެނައުން 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައިގެންފައިވާ މައްސަލައެއްގައި ކޮންމެހެން އޮންނަންޖެހޭ ބައެއް ނޫން ކަމަށް ފެންނަ ބައެއް، މައްސަލާގައި ހިމެނިފައިވާނަމަ، މައްސަލަ ހިނގަމުންދާ ކޮންމެ މަރުހަލާއެއްގައިވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައިން އެބައެއް އުނިކުރުމަށް ނުވަތަ އިސްލާހުކުރުމަށް މައްސަލަ ހުށަހެޅިފަރާތަށް އެންގުމުގެ އިހުތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައިގެންފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ބައެއް އިސްލާހު ކުރުމަށް މައްސަލާގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެއިސްލާހަކީ މައްސަލަ ރަނގަޅަށް ނިންމުމުގައި ކޮންމެހެން ބޭނުން އިސްލާހެއްކަމަށް މައްސަލަބަލާ މަޖިލީހަށް ފެނިއްޖެ ހާލަތެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެމަތިން، އެބައެއް އިސްލާހުކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު އެމައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

41 ވަނަ މާއްދާ - އަވަސް ގޮތެއްގައި ބަލަންވާ މައްސަލަ

ވަޒީފާއާބެހޭ ގާނޫނުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން ލިބިދޭ ހައްގަކާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަވަސް ގޮތެއްގައި ބަލަންވާނެއެވެ. 

 

42 ވަނަ މާއްދާ - މައްސަލައާ ގުޅިގެން ހުށަހަޅާ ކަންތައްތައް ސާބިތުކުރުން

މިމާއްދާގެ (ހ) (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކާއި، ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައެޅިގެން ވަކި ގޮތަކަށް ސާބިތުކޮށްދިނުމަށް ބަޔާންކުރާ މައްސަލަތައް ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ކަމެއް ސާބިތުކުރުމަކީ އެކަމެއް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ ށަކުވާއެއް ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. 

(ށ) ވަޒީފާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ތަފާތުކުރިކަމުގެ ށަކުވާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއްޖެނަމަ، ތަފާތު ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، ވަޒީފާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ހިލާފުނުވާ ގޮތުގެމަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ނ) އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށްވުރެ ކުޑަ އަދަދެއް ވަޒީފާދޭފަރާތުން މުވައްޒަފަކަށް ދީގެން، އެކަމުގެ ށަކުވާ އުފުލިއްޖެނަމަ، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާ، މިނިސްޓަރ ކޮށްފައިވާ އަމުރާ ހިލާފު ނުވާކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

 

43 ވަނަ މާއްދާމީހުން ހާޒިރުކުރުމާއި ހެކި ހޯދުމާއި، ހެކިންނާ ސުވާލުކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ހުށަހެޅިފައިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ބަލައި، ކަމުގެ ހަގީގަތް ހޯދުމަށްޓަކައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭނުންވެއްޖެ ހިނދެއްގައި، ހެކިން ހާޒިރުކުރުމާއި، ލިޔެކިޔުން ހުށަހެޅުމަށް ދެފަރާތަށް އެންގުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. 

(ށ) މައްސަލަ ބަލާ މަޖިލީހަށް ހެކިން ހާޒިރުކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް އެދެވިދާނެއެވެ. މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ހެއްކެއް ނުވަތަ މައުލޫމާތު ސާފުކުރަން މީހަކު ހާޒިރުކުރަން ބޭނުންވެއްޖެނަމަ މައްސަލައިގެ އަޑުއެހުން އޮންނަ މަޖިލީހުގައި، ފުރިހަމަ މައުލޫމާތު ހުށަހަޅައި އެ ފަރާތެއް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ ރައީސްއަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެއެވެ. ނުވަތަ ހާޒިރުކުރަން ބޭނުންވާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތާއެކު ލިޔުމަކުން އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ނ) މިމާއްދާގެ ދަށުން ހާޒިރުކުރެވޭ ހެކިން ހާޒިރުކުރުމަށް ހަރަދެއް ކުރަންޖެހިއްޖެނަމަ އެ ހަރަދެއް ކުރަންޖެހޭނީ ހެކިން ހާޒިރުކުރަން އެދޭ ފަރާތުންނެވެ. 

(ރ) މިމާއްދާގެ (ށ) ގެ ދަށުން ހާޒިރުކުރެވޭ ކޮންމެ މީހަކާ، ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު މައްސަލަ ހުށަހެޅިފަރާތަށާއި، މައްސަލަ ރައްދުވާފަރާތަށާއި މައްސަލަ ބަލާ މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ. މިގޮތުން ހާޒިރުކުރެވޭ މީހުންނާ ސުވާލުކުރެވޭނީ މައްސަލަ ބަލާ މަޖިލީހުގެ ރިޔާސަތު މެދުވެރިކޮށެވެ. 

(ބ) މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވޭ ފަރާތްތައް ނުވަތަ ހެކިންގެ ގޮތުގައި ހާޒިރު ކުރެވޭފަރާތްތައް މައްސަލަ ބަލާ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ކުރިން އަންނަނިވި ހުވާ ކުރުވުމުގެ އިހުތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

"އަހުރެން، (ހާޒިރުކުރެވުނު މީހާގެ ނަން) އާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މިމައްސަލައިގައި، ކުރެވޭ އެންމެހައި ސުވާލުތަކަށް ޖަވާބު ދިނުމުގައްޔާއި، އަހުރެން ބުނާ ކޮންމެ ބަހެއްގައި ތެދު ބުނުމަށާއި ހަގީގަތާ ހިލާފަށް އެއްވެސް އެއްޗެއް ނުބުނުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

(ޅ) ހެކިބަސް ނެގުމުގައި ހެކިދޭމީހާއަކީ މާލެ ސިޓީއިން ބޭރުގައި ހުރިމީހެއްނަމަ އޭނާގެ ހެކިބަސް އެރަށެއްގެ މެޖިސްޓްރޭޓް ކޯޓް މެދުވެރިކޮށް ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ފުރުސަތު ދިނުމުގެ އިހުތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

44 ވަނަ މާއްދާ - ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލަތަކުގައި، މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ހުށަހެޅުމަށާއި، މައްސަލަ ރައްދުވާ ފަރާތުން އެފަރާތުގެ ދިފާއުގައި ވާހަކަ ދެއްކުމަށާއި، އެއިން ކޮންމެ ފަރާތަކުން ވަކީލަކު ނުވަތަ އެފަރާތުން ކަނޑައަޅާ އެހެން މީހަކު ނުވަތަ އެފަރާތެއް ނިސްބަތްވާ މަސައްކަތްތެރީންގެ ޖަމްއިއްޔާއެއް ނުވަތަ ޔޫނިއަންއެއްގެ މަންދޫބުން ބޭނުންކޮށްގެން މައްސަލައިގައި ކަންހިނގި ގޮތްކަމަށް އެފަރާތަށް ފެންނަ ގޮތެއް، ނުވަތަ އެކަމުގައި އެފަރާތުން އަމަލުކުރި ގޮތްކަމަށް އެފަރާތުން ބުނާ ގޮތެއް ބަޔާން ކޮށްދިނުމުގެ ފުރުސަތު ދޭންވާނެއެވެ.

 

45 ވަނަ މާއްދާ - މައްސަލަބަލާ މަޖިލީހަށް ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ބަލާ މަޖިލީހުގައި އަނގަބަހުން ދެކެވޭ ވާހަކަތައް ރެކޯޑުކުރަންވާނެއެވެ. މައްސަލަ ބަލާ މަޖިލީހުގައި މައްސަލާގައި ހިމެނޭފަރާތްތަކުންނާއި ހެކިބަސްދޭ ފަރާތްތަކުން ދައްކާ ވާހަކަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަނަމަ، އެފަރާތްތަކުން މައްސަލަ ބަލާ މަޖިލީހުގައި ދައްކާ ވާހަކަ ލިޔުމުން ބަޔާނުގެ ގޮތުގައި ރެކޯޑުކުރަންވާނެއެވެ. މިގޮތުން ރެކޯޑުކުރެވޭ ބަޔާނުގައި، ބަޔާންދޭ ފަރާތުގެ ފުރިހަމަ މައުލޫމާތާއި، ސޮއި އަދި އިނގިލީގެ ނިށާން ހިމަނާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރެވޭ ބަޔާން ބޭނުންވެގެން ބަޔާންދޭ ފަރާތުން ނުވަތަ މައްސަލާގައި ހިމެނޭފަރާތަކުން އެދިއްޖެނަމަ، އެބަޔާނެއް ބެލޭނެ އިންތިޒާމު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހަމަޖައްސައިދެވޭނެއެވެ. 

 

46 ވަނަ މާއްދާ - ވަގުތީ އަމުރު

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ހާލަތަށް ރިއާޔަތް ކުރާއިރު، އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ، އެމައްސަލައިގައި ހިމެނޭ ފަރާތެއްގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެކަމަށް، މައްސަލަ ބަލާ މަޖިލީހުގެ މެންބަރުންނަށް ފެނިއްޖެނަމަ، ވަގުތީ އަމުރެއް ނެރުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ނެރޭ ވަގުތީ އަމުރު އޮންނަންވާނީ ލިޔުމުންނެވެ. މި ލިޔުމުގައި ވަގުތީ އަމުރު ނެރުނު ސަބަބާއި، އަމުރުގެ ތަފުސީލާއި، އަމުރު ދެމިއޮންނާނެ މުއްދަތާއި، އަމުރު ނެރުނު މަޖިލީހުގެ މެންބަރުންގެ ނަމާއި ސޮއި އޮންނަންވާނެއެވެ.

 

47 ވަނަ މާއްދާ - މައްސަލަ ނިންމިދާނެ ގޮތްތައް

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ، ރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތައް ހިމެނޭގޮތަށް، އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

  1. ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު؛
  2. ވަޒީފާއިން ވަކިކޮށްފައިވާ މީހާއަށް އަނބުރާ ވަޒީފާ ދިނުމަށް ކުރާ އަމުރު؛
  3. މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައެއް އަނބުރާ އެމީހަކަށް ލިބޭނެގޮތް ހެދުމަށް ކުރާ އަމުރު؛
  4. ބަދަލު ދިނުމަށް ކުރާ އަމުރު؛
  5. އިސްވެދެންނެވި އަމުރުތަކުގެ އިތުރުންވެސް، އެމައްސަލައިގައި އިންސާފު ގާއިމު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ ކޮންމެ އަމުރެއް.

 

48 ވަނަ މާއްދާ - ބަދަލު ނަގައިދިނުން 

(ހ) ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ބަދަލު ކަނޑައަޅާނީ އަންނަނިވި ކަންކަމަށް ރިއާޔަތް ކޮށެވެ.

  1. ވަޒީފާގައި ދެމިހުރި މުއްދަތު؛
    2 .މުވައްޒަފުގެ އުމުރު؛
    3 .ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު؛
    4 .މުސާރައާއި އިނާޔަތް؛
    5 .މައްސަލަބަލާ މަޖިލީހަށް މުހިންމުކަމަށް ފެންނަ އެހެނިހެން ކަންކަން.

(ށ) ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަދުލުވެރިކަމަށް ފެންނަ ބަދަލެއް ނަގައިދިނުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން ހިނގާ ހަރަދު ބަދަލުގެ ގޮތުގައި ނަގައިދޭގޮތަށް ހަމަޖެހިފައިނުވެއެވެ.

 

49 ވަނަ މާއްދާ - މައްސަލަ ނިންމުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ކޮންމެ މައްސަލައެއް ނިންމަންވާނީ، އެ މައްސަލައެއް ބެލި މެންބަރުގެ ރައުޔަށް، ނުވަތަ މެންބަރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ.

50 ވަނަ މާއްދާ - މައްސަލައިގެ ރިޕޯޓު ތައްޔާރުކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލައެއް ނިމުމުން އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ތައްޔާރު ކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ ފަރާތުގެ ފުރިހަމަ މައުލޫމާތާއި، މައްސަލައިގެ ނަންބަރާއި، މައްސަލަ ހުށަހެޅި ތާރީހާއި، މައްސަލަ ނިމުނު ތާރީހާއި، މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ ރައުޔާއި، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކުގެ ކޮޕީ ހިމަނަންވާނެއެވެ. އަދި މިރިޕޯޓުގައި މައްސަލަ ބެލި މަޖިލީހުގެ މެންބަރުން ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

51 ވަނަ މާއްދާ - މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ދޫކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލައެއް ނިމޭ ގޮތުގެ ރިޕޯޓު، މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެ ހިނދެއްގައި އެ ރިޕޯޓު ލިބޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދެންވާނީ މިގަވާއިދުގެ ޖަދުވަލު 8 ގައިވާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދޭ ފޯމުންނެވެ. އަދި މި ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރެވޭނީ އެރިޕޯޓުގައި ޖަހަންޖެހޭ 20 ރުފިޔާގެ ސްޓޭމްޕްއާއި އަދި އެރިޕޯޓުގައި ހިމެނޭ ކޮންމެ ސަފްހާއަކަށް 1 ރުފިޔާގެ މަގުން ފައިސާ ދެއްކުމުންނެވެ.
(ނ) އަމުރު ނެރޭ މައްސަލަތައް ފިޔަވައި އެހެނިހެން ގޮތްގޮތުން ނިންމާ މައްސަލަތަކުގެ ލިޔެކިޔުން ބޭނުންވެގެން މައްސަލައިގައި ހިމެނޭފަރާތަކުން އެދިއްޖެނަމަ ސަފްހާއަކަށް 1 ރުފިޔާގެ މަގުން ލިޔުން ދޫކުރެވިދާނެއެވެ.

(ރ) މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، ގާނޫނަކުން ހުއްދަކުރާ މިންވަރަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށް ރިއާޔަތްކުރުމަށްފަހު ރިޕޯޓު ނުވަތަ ރިޕޯޓުން ބައެއް އުނިކުރުމަށްފަހު ރިޕޯޓު ދޫކުރުމުގެ ނުވަތަ އާންމުކޮށް ށާއިއުކުރުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

52 ވަނަ މާއްދާ - އިސްތިއުނާފު ކުރުން 

(ހ) ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމެއް ނިންމާފައިވަނީ، ށަރުއީ ނުވަތަ ގާނޫނީ އުސޫލަކާ ހިލާފަށް ނުވަތަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް މައްސަލާގައި ހިމެނޭފަރާތަކަށް ގަބޫލުކުރެވޭނަމަ، އެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާގޮތުގެމަތިން އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއްގައި، ހައިކޯޓުން ކަނޑައެޅިގެން އެހެން ގޮތަކަށް އަމުރުނުކުރާހައި ހިނދަކު، އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާގޮތަށް އަމަލުކުރާންވާނެއެވެ.

 

53 ވަނަ މާއްދާ - މަތީ މަރުހަލާގެ ކޯޓެއްގެ ނިންމުމަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކުރެވި، އެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް މަތީމަރުހަލާގެ ކޯޓަކުން ކަނޑައަޅައިފިނަމަ، މައްސަލަ ނިންމިއިރު އެމައްސަލައެއް އަލުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، އެކޯޓުން އެގޮތަށް ކަނޑައެޅި ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށްފަހު، މައްސަލަ އެ މުއްދަތުގައި ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ މައްސަލައެއްގައި، އެ ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަނަމަ އެކަމަކަށް ރިއާޔަތްކޮށް، އެ މައްސަލައެއް ބަލައިގަތުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލައެއް ހުށަހަޅަންވާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ، މިގަވާއިދުގެ ޖަދުވަލުގެ 9 ގައިވާ ފޯމުން ނުވަތަ އެފޯމުގެ ފޯމެޓަށް ތައްޔާރުކުރެވިފައިވާ ލިޔުމަކުންނެވެ. 

 

54 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހްވީލްވާ މައްސަލަތައް ބެލުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރެވި، މައްސަލާގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭކަމަށް ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހްވީލުކުރާ މައްސަލަ، ތަހްވީލުކުރެވުނުކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމުން، އެފަދަ މައްސަލައަށް އައު މައްސަލަ ނަންބަރެއް ދީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއް ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މިމާއްދާގެ ދަށުން ރަޖިސްޓަރީ ކުރެވޭ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތްކަމުގައި ބަލާނީ އެ މައްސަލައެއް އިސްތިއުނާފް ކުރިފަރާތެވެ. 

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހްވީލް ކުރެވިގެން ބެލޭ މައްސަލަތަކުގައި މައްސަލައިގައި ހިމެނޭ ފަރާތަކުން ކުރެފަރާތެއް ހާޒިރުވުމުގެ އަމުރާ ހަވާލުނުވެއްޖެނަމަ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ އެޑްރެހުގައި ނޫޅޭނަމަ ނުވަތަ މަގްބޫލު ސަބަބަކާނުލައި، ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ އެމައްސަލައެއްގައި އެފަރާތެއްގެ ޣައިރު ހާޒިރުގައި ގޮތެއް ނިންމުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

 

ހަތްވަނަ ބާބު

އެހެނިހެން ކަންތައްތައް

 

55 ވަނަ މާއްދާ - އެންގުންތަކަށް ތަބާވުން

ވަަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް، ނުވަތަ މައުލޫމާތެއް ދިނުމަށް، ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންމެހައި އެންގުންތަކާއި އަމުރުތަކަށް، އެ އެންގުމެއް ނުވަތަ އަމުރެއް ރައްދުވާ ފަރާތަކުން ފުރިހަމައަށް އަމަލު ކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުރުމަތް ކެނޑުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެންނުވާނެއެވެ. އެފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލައިގެ އަޑުއެހުން ހިނގަމުންދަނިކޮށް، މައްސަލަ ބަލާ މަޖިލީހުގެ އިޒުނައެއްނެތި މައްސަލަ ބަލާ މަޖިލީހުން ނިކުމެ، ނުވަތަ މަޖިލީހުގެ ހުރުމަތްކެނޑޭފަދަ އެއްވެސް އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ މައްސަލަ ބަލާ މަޖިލީހުގައި ކުރެވޭ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި 500 (ފަސް ސަތޭކަ) ރުފިޔާއާއި 2000 (ދެ ހާސް) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުމުގެ އަދަބު ކަނޑައެޅުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

57 ވަނަ މާއްދާ - ލިޔެކިޔުންތައް ބެލެހެއްޓުން 

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ އެންމެހައި ލިޔުންތަކާއި، މައުލޫމާތު އެއްކޮށް، ރެކޯޑުކޮށް ބަލަހައްޓާންވާނެއެވެ. 

58 ވަނަ މާއްދާ - ނުފޫޒުފޯރުވުމަށް މަސައްކަތް 

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކުން، މައްސަލައާބެހޭ ގޮތުން ރަސްމީގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި އެފަރާތާއެކު ކުރާ މުއާމަލާތެއްގައި ނޫން އެހެން ގޮތަކަށް، މައްސަލަ ބަލާ މަޖިލީހުގެ މެންބަރަކާ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެހެން މެންބަރަކާ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކާ ސީދާ ނުވަތަ ނުސީދާ ގޮތުންވިޔަސް ވާހަކަދައްކައި، މުއާމަލާތުކޮށްގެން ނުވާނެއެވެ. އަދި އެފަދަ ފަރާތަކަށް އެއްވެސް ސިފައެއްގައި ނުފޫޒުފޯރުވަންވެސް މަސައްކަތްކޮށްގެން ނުވާނެއެވެ. 

 

59 ވަނަ މާއްދާ - ތިމާގެ ކަމުގެ ސަބަބުން ނުވަތަ އެނޫންގޮތްގޮތުން މައްސަލަ ނުބެލެވޭނެމީހުން

ތިމާގެ ކަމުގެ ސަބަބުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށް މައްސަލަ ނުބެލޭނީ ތިރީގައިވާ މީހުންނާ މެދުގައެވެ.

  1. ބައްޕައާއި، ދޮންބައްޕަ
  2. މަންމާއި، ދޮންމަންމަ
  3. ދަރިންނާއި، ދޮންދަރިން
  4. ކާފައިންނާއި، މާމައިން
  5. އަނބިން، ފިރިން
  6. އެއްބަ ނޑު އެއްބަފާ ނުވަތަ އެއްބަ ނޑު ނުވަތަ އެއްބަފާ އަހުންނާއި އުހުތުންނާއި، އެމީހުންގެ ދަރިން
  7. ދެބެންގެ ދެދަރި މީހުން
  8. ޅީދަރިންނާއި، ދަނބިދަރިން
  9. ބަފާކަލޭގެއާއި، މައިދައިތަ
  10. ޅިޔަން، ފަހަރިން

(ށ) ތިމާގެ ކަމުގެ ސަބަބުން ނޫންގޮތްގޮތުން އަންނަނިވި ފަރާތްތައް ހިމެނޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށް ނުބެލޭނެއެވެ.

  1. ވިޔަފާރީގެ ނުވަތަ އެނޫންވެސް އަމިއްލަ މަސްލަހަތެއް އޮންނަ މީހުން.
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރެއްގެ ކުރިމައްޗަށް މައްސަލަ ހުށަހެޅޭއިރު،

އެމައްސަލައަކީ، ރައްޓެހިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން މެންބަރާ ގާތްގުޅުމެއް ހުރި މީހެއް ނުވަތަ ފަރާތެއްގެ މައްސަލައެއް ކަމަށްވާނަމަ، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްއަށް އަންގައި، އެ މެންބަރަކު އެ މައްސަލަ ބެލުމާއި އެ މައްސަލައާ ގުޅޭ އެންމެހައި ކަންކަމުން ތަނާޒުލުވާންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ކަމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްއަށް މެދުވެރިވެއްޖެނަމަ، އެކަން އަންގާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނާއިބު ރައީސްއަށެވެ.

 

60 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަންތައްތައް

(ހ) މި ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ނިންމާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ މަށްވަރާގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނިންމާ ނިންމުން އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

61 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން 

މި ގަވާއިދަށް އަމަލުކުރަންފަށާނީ ގެޒެޓްކޮށް ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ކުރިން އަމަލު ކުރަމުން ދިޔަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދާއި އެ ގަވާއިދުގެ އިސްލާހުތައް ބާތިލުވީއެވެ.

 

 

ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-14)

 

ގުޅުންހުރި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު - 2010

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު