-

އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-94)

 

ބާބު 1

ތައާރުފު 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 55 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި،ފަރާއި، ފަޅާއި، މޫދާއި، ކުޅިއާއި ރަށް ފަދަ ތަންތާނގައި ދެމެހެއްޓެނެވި ގޮތެއްގައި އެކުއަކަލްޗަރ ތަރައްގީކުރުމާއި، އެކުއަކަލްޗަރގެ އެންމެހައި މަރުހަލާތަކެއް ކުރިޔަށް ގެންދަނީ ދިވެހިރާއްޖޭގެ ގުދްރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި ވިރާސީ ގުޅުން އޭގެ ޒާތުގައި ދެމެހެއްޓުމާއެކު، ގުދުރަތީ ވަސީލަތްތަކުގެ ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށް ރައްކައުތެރިކޮށް، ދެމެހެއްޓެނެވި ގޮތެއްގައިކަން ކަށަވަރުކުރުމެވެ. 

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭ ފަރާތް

މި ގަވާއިދު ހިނގާނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރާއި، ފަޅާއި، މޫދާއި، ކުޅިއާއި، ރަށް ފަދަ ތަންތަނުގައި އެކުއަކަލްޗަރކުރާ އެންމެހައި ފަރާތްތަކުގެ މައްޗަށެވެ. 

 

4 ވަނަ މާއްދާ - އިސްތިސްނާ ހާލަތު

މަސްވެރިކަން ބެލެހެއްޓުމަށް ނުވަތަ މަސްވެރިކަން ހިނގާ ނުހިނގާ ގޮތް ބެލުމަށް ނުވަތަ މަސްވެރިކަމާ ގުޅުން ހުރި އެއްވެސް ކަމަކާ ގުޅޭ ގޮތުން މިނިސްޓްރީން ހިންގާ އެކުއަކަލްޗަރގެ މަސައްކަތްތައް، މި ގަވާއިދުގެ ދަށުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމުން އިސްތިސްނާވާނެއެވެ.

 

5 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

 

ބާބު 2

ލައިސަންސް ހޯދުން

 

6 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ހޯދުން 

(ހ) އެކުއަކަލްޗަރ ފެސިލިޓީއެއްގައި އެކުއަކަލްޗަރ ކުރުމުގެ އެއްވެސް ހަރަކާތެއް ހިންގަންވާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި،މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށްލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގެ ދަށުން ސައްހަ ލައިސަންސެއް ހޯދުމަށްފަހުގައެވެ.

(ށ) އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދޫކުރާނީ، ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަމަށެވެ. އަދި އެ ކަންކަން ކުރުމަށް ދޫކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ކެޓެގަރީގެ ލައިސަންސެވެ.

  1. އެކުއަކަލްޗަރ ޓެކްނޮލޮޖީއެއްގެ އަޖުމަބެލުމަށް ނުވަތަ އައު ބާވަތެއް އާލާކުރުމުގެ އަޖުމަ ބެލުމަށް، "އެކުއަކަލްޗަރ ތަޖުރިބާކުރުމުގެ ލައިސަންސް"؛
  2. ވިޔަފާރިކުރުމުގެ ގޮތުން އެކުއަކަލްޗަރ ކުރުމަށް، "އެކުއަކަލްޗަރކުރުމުގެ ލައިސަންސް".

(ނ) އަންނަނިވި ކަންތައްތައް ފުރިހަމަވެފައިވާކަން ޔަގީންވުމުން މެނުވީ، އެކުއަކަލްޗަރ ލައިސަންސެއް ދޫކޮށްގެން ނުވާނެއެވެ.

  1. އެކުއަކަލްޗަރ ކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުން އެ ސަރަހައްދުގައި ކުރިޔަށްގެންދާ އިގްތިސާދީ އެހެނިހެންމަސައްކަތްތަކަށް ބުރޫ ނޭރުން؛
  2. އެކުއަކަލްޗަރ ކުރުމަށް ހުއްދަ ދިނުމުގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް މެދުވެރި ނުވުން؛
  3. އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ސަރަހައްދަކީ އެކުއަކަލްޗަރކުރުމަށް ނުވަތަ ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ މަސް އެކުއަކަލްޗަރ ކުރުމަށް އެކަށޭނެ ތަނެއް ކަމުގައި ވުން.

(ރ) "އެކުއަކަލްޗަރ ތަޖުރިބާކުރުމުގެ ލައިސަންސް" އެއްގެ ދަށުން އުފައްދާ އުފެއްދުންތައް ވިޔަފާރީގެ ގޮތުގައި ބޭނުންކުރެވޭނީ، "އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް" އެއް ހޯދުމަށްފަހުއެވެ. އެކުއަކަލްޗަރ ތަޖުރިބާކުރުމުގެލައިސަންސްގެ ދަށުން އުފައްދާ އެއްވެސް އުފެއްދުމެއް މިނޫން ގޮތަކަށް ވިޔަފާރީގައި ބޭނުންކޮށްގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރުމުގެ ލައިސަންސްގެ އާންމު ށަރުތުތައް

ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ލައިސަންސްގެ މުއްދަތުގައި،އަންނަނިވި ށަރުތުތަކާ އެއްގޮތައް އަމަލުކުރަންވާނެއެވެ.

(ހ) މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށް އަމަލުކުރުން؛

(ށ) އެކުއަކަލްޗަރ ކޮށްގެން އުފައްދާ އެއްވެސް ދިރުމެއް ދިވެހިރާއްޖޭގެ ގުދުރަތީ ވެށްޓަށް ދޫކޮށްގެން ނުވާނެއެވެ. އަދި ގުދުރަތީ ވެށީގައި ކޮށްޓާއި ލަގަރި ފަދަ ތަކެތީގައި އެކުއަކަލްޗަރކުރާނަމަ، އާލާކުރާ ބާވަތްތައް ގުދުރަތީ ވެށްޓަށް ދޫވުމުގެ ފުރުސަތު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅު އެޅުން؛

(ނ) ލައިސަންސްގެ މުއްދަތުގައި، މި ގަވާއިދުގެ ބާބު 6 ގައި ބަޔާންކޮށްފައިވާ ގޮތަށް މައުލޫމާތު ރިކޯޑުކޮށް، އެ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ފޮނުވުން؛

(ރ) ލައިސަންސް ދީފައިވާ ތަނުގައި ލައިސަންސްގެ ސައްހަ ކޮޕީއެއް، ހުރިހާ ވަގުތެއްގައިވެސް އޮންނަންވާނެއެވެ. އަދި މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ލައިސަންސް ދެއްކުމަށް އެދިއްޖެ ނަމަ، އެ ފަރާތަކަށް ލައިސަންސް ދެއްކުން؛

(ބ) އެކުއަކަލްޗަރކޮށްގެން އާލާކުރާ އެއްވެސް ބާވަތެއް ޕްރޮސެސްކުރާ ނަމަ ،ނުވަތަ އެކްސްޕޯޓުކުރާ ނަމަ، އެ ބާވަތާކާ ގުޅޭ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެކަން ކުރުން؛

(ޅ) އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގައި ކަނޑައަޅައިފައިވާ ތަންތަނުގައި އާލާކުރާ ދިރުން، އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުން؛

(ކ) ބަލިޖެހިފައިވާ ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގެ ކުރިން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަކުރުން؛

(އ) ބަލިޖެހިފައިވާ ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން ނައްތައި ލުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުން.

 

8 ވަނަ މާއްދާ - އެކުއަކަލްޗަރއާ ގުޅުން ހުރި ހަރަކާތްތައް

(ހ) ދިވެހިރާއްޖޭގައި އެކުއަކަލްޗަރ ކުރުމާ ގުޅުންހުރި އެއްވެސް ހަ ރަކާތެއް ހިންގަންވާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި،މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށްލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގެ ދަށުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ސައްހަ ހުއްދައެއް އޮވެގެން ނެވެ.

(ށ) އެކުއަކަލްޗަރ ކުރުމާ ގުޅުންހުރި ހަރަކާތްތަކުގެ ތެރެއިން ކަރަންޓީނފެސިލިޓީ ހިންގުމަށް ހުއްދަދޭނީ، ހެޗަރީއަކާއެކު އެކުއަކަލްޗަރ ކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި އެ ހުއްދައިގެ ދަށުން ކަރަންޓީނު ކުރެވޭނީހަމައެކަނި އެ ފަރާތުގެ ބޭނުމަށް އިމްޕޯޓުކުރާ ދިރުންތައް އެކަންޏެވެ.

(ނ) ކަރަންޓީނު ފެސިލިޓީ ހިންގުމަށް ހުއްދަ ދިނުމުގެ ކުރިން، އެ ހަރަކާތް ހިންގުމަށް ގާއިމްކޮށްފައިވާ ފެސިލިޓީއަށް، މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ޒިޔާރަތްކޮށް، އެ ފެސިލިޓީގައި މި ގަވާއިދުގެ ޖަދުވަލު 3 ގެ (1) ވަނަ ނަންބަރު "ކަރަންޓީނު ފެސިލިޓީތައް ހުންނަންޖެހޭނެ މިންގަނޑު" ގައިބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރު ކުރަންވާނެއެވެ.

 

 

ބާބު 3

އެކުއަކަލްޗަރ ކުރެވޭ ތަން ނުވަތަ ސަރަހައްދު 

 

9 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރެވޭ ތަން ނުވަތަ ސަރަހައްދު ފާހަގަކުރުން

އެކުއަކަލްޗަރ ކުރާ ތަންތަނުގައި، އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގެ ނަންބަރު އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ . 

 

10 ވަނަ މާއްދާ - އެކުއަކަލްޗަރކުރާ ދިރުންތައް އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުން

(ހ) އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގައި ކަނަޑައަޅައިފައިވާ ތަންތަނުގައި އާލާކުރާ ދިރުމެއް، ނުވަތަ ދިރުމެއްގެ އެއްވެސް މަރުހަލާއެއް އޭގެ ފުރާނަ ހުންނަ ހާލަތުގައި އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް އެހެން ތަނަކަށް ބަދަލުކުރެވޭނީ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކުއަކަލްޗަރ ކޮށްގެން އާލާކުރާ ދިރުމެއް ބަދަލުކުރުމަށް ހުއްދަ ދެވޭނީ، އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދިރުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމުގެ 14 (ސާދަ) ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.

(ރ) ބަލިޖެހިފައިވާ ދިރުން ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ މަނާކަމެކެވެ.

(ބ) މި މާއްދާގެ (ރ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބަލިޖެހިފައިވާ ދިރުން ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން، ތިރީގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ނައްތައިލުމަށް އެހެން ތަނަކަށް ގެންދެވިދާނެއެވެ.

  1. އެކުއަކަލްޗަރ ކުރާ ތަނެއްގައި އާލާކުރާ ދިރުން ބައްޔެއްގެ ސަބަބުން މަރުވެފައިވާނަމަ، އަދި އެ ތަކެތި ނައްތައިލުމަށް އެހެން ތަނަކަށް ގެންދަންޖެހޭނަމަ، ލަސްނުކޮށް އެކަން މިނިސްޓްރީއަށް އެންގުން؛
  2. ބަލީގެ ސަބަބުން މަރުވާ ދިރުން ނައްތައިލުމަށްޓަކައި ގެންދަން ހުށަހަޅާ ތަނުގައި، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ ތަކެތި ނައްތައިލެވޭނެ އިންތިޒާމު ހަމަޖެހިފައިވުން.

(ޅ) މި މާއްދާގެ (ބ) ގައިވާ ހާލަތެއް މެދުވެރިވެގެން އެ ދިރުންނައްތައިލަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށެވެ.

  1. ވަޅުލުން؛
  2. އަންދައިލުން ނުވަތަ އިންސިނަރޭޓް ކުރުން.

 

ބާބު 4 

އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުންތައް ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން 

 

11 ވަނަ މާއްދާ - އިމްޕޯޓުކުރުން ހުއްދަ ބާވަތްތައް

(ހ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރަން ހުއްދަ ދެވޭނީ، ހަމައެކަނި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "އެކުއަކަލްޗަރ ކުރުމަށް ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން ހުއްދަ، ފެނުގެ ދިރުންތަކުގެ ލިސްޓު" ގައި ހިމެނޭ ބާވަތްތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ދިރާސާކުރުމުގެ ބޭނުމަށް ޖަދުވަލު 1 ގައި ނުހިމެނޭ ބާވަތެއް، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށް ހާއްސަ ހުއްދައެއް ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - އިމްޕޯޓުކުރުން ހުއްދަ ބާވަތްތަކުގެ ލިސްޓަށް އުނިއިތުރު ގެ ނައުން

އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ހަވާލާދީފައިވާ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) އެ ބާވަތަކީ ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލުގައި ދިރިއުޅޭ ކަމަށް ރިކޯޑު ކުރެވިފައިވާ ބާވަތެއްކަން ނުވަތަ ނޫންކަން؛

(ށ) އެކްސްޕޯޓްކުރާ ގައުމެއްގައި ހުންނަ އިތުބާރުހުރި އެކުއަކަލްޗަރ ކުރާ ތަނެއްގައި އާލާކޮށްފައިވާ ދިރުމަކަށް ވުން؛

(ނ) ސީދާ ގުދުރަތީ މާހައުލުން ނަގައިގެން ގެނެވޭ ދިރުމަކަށް ނުވުން؛

(ރ) އެ ބާވަތެއް ސަބަބުން ދިވެރިރާއްޖޭގެ ގުދުރަތީ މާހައުލަށާއި ދިރުންތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރުމަށް އެސެސްމަންޓެއް ކަމާ ގުޅޭ ސައިންޓިފިކް އިދާރާއަކުން ހަދައި، މި އެސެސްމަންޓުން އެ ބާވަތެއް އެތެރެކުރުން ރައްކައުތެރިކަމުގައި ދެއްކުން؛

(ބ) އެ ބާވަތަކީ އިންވޭސިވް ސްޕީށީޒްއެއް ނުވަތަ އިންވޭސިވް ވުމުގެ ފުރުސަތު އޮތް ބާވަތެއް ކަމުގައި ނުވުން؛

(ޅ) "ޖެނެޓިކަލީ މޮޑިފައިޑް" ނުވަތަ "މޮޑިފައިޑް ލިވިންގ އޯގަނިޒަމް" އެއް ނަމަ، ބައިނަލްއަގްވާމީ ގޮތުން އެކަމަށް ކަނޑައަޅައިފައިވާ މިންގަނޑުތައް ފުރިހަމަކޮށްފައި ވުން؛

(ކ) އާލާކޮށްގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ލިއްބައިދޭ ފަދަ ބާވަތެއް ކަމުގައި ވުން؛

(އ) މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފަންނީ ލަފާދޭ، ފިށަރީޒް ޓެކްނިކަލްކޮމެޓީން އެ ދިރުމެއް އެތެރެކުރުން އެންމެ ރަނގަޅުކަމަށް ނިންމުން؛

(ވ) ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ވިޔަފާރިކުރުން މަނާ ބާވަތްތަކަށް ބަދަލު އައުމުން އެ ބަދަލެއް ތަންފީޒުކުރުމުގެ ގޮތުން؛

 

13 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ހުއްދައަށް އެދޭ ފަރާތުގެ ށަރު ތުތައް

(ހ) މި ގަވާއިދުގެ ދަށުން އިމްޕޯޓު ކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކުގައި އަންނަނިވި ށަރުތުތައް ހަމަވާންވާނެއެވެ.

  1. އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް އޮތް ފަރާތަކަށް ވުން؛
  2. އިމްޕޯޓުކުރާ ބާވަތްތައް މިނިސްޓްރީގެ ނުވަތަ އިމްޕޯޓުކުރާ ފަރާތުގެ ފެސިލިޓީގައި ކަރަންޓީނު ކުރުމުގެ އިންތިޒާ މު ހަމަޖެހިފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު އިމްޕޯޓުކުރުމުގެ އަމަލީ މަސައްކަތް ފަށަންވާނީ، އިމްޕޯޓުކުރުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމަށް މިނިސްޓްރީން ހުއްދަ ދިނުމުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ އިމްޕޯޓް ކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ރާއްޖެއަށް އިމްޕޯޓުކުރާ ފެނުގެ ދިރުން އުފައްދާ ބޭރުގެ ފެސިލިޓީގައި ހުންނަންޖެހޭ މިންގަނޑު 

ފެނުގެ ދިރުން އެތެރެކުރުމުން ރާއްޖޭގެ ތިމާވެށްޓަށް ނުވަތަ ރާއްޖޭގެ ކަނޑުގެ މާހައުލީ ނިޒާމަށް ލިބިދާނެ ގެއްލުމަކުން ރައްކައުތެރިވުމުގެ ގޮތުން ދިވެހިރާއްޖެއަށް ފެނުގެ ދިރުން އެކްސްޕޯޓުކުރާ ހެޗަރީތަކުގައި ނުވަތަ ފެސިލިޓީތަކުގައި އަންނަނިވި ކަންކަން ފުރިހަމަވޭތޯ ކަށަވަރުކުރަންވާނެއެވެ.

(ހ) އެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އަދި، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ (ކޮމްޕްލަޔަންޓް) ހެޗަރީއަކަށް ވުން؛

(ށ) ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފެނުގެ ދިރުމަށް ޖެހޭ ބަލިތަކަށް ގަވާއިދުން ސްކްރީންކުރާ ހެޗަރީއަކަށް ވުން؛

(ނ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ސްޓޮކުގެ ސިއްހީ އެންމެހައި ރެކޯޑުތައް މިނިސްޓްރީއާ ހިއްސާކުރަން އެއްބަސްވާ ހެޗަރީއަކަށް ވުން.

 

15 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) އެކުއަކަލްޗަރ ކުރުމަށް ފެނުގެ އެއްވެސް ދިރުމެއް ރާއްޖެއަށް އިމްޕޯޓްކުރުމަށް އެދޭ ފަރާތްތަކުން، ކޮންމެ ށިޕްމަންޓެއް އެތެރެކުރުމަށް ގަސްތުކުރާ ތާރީހުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން މިނިސްޓްރީން ހުއްދަ ހޯދަންވާނެއެވެ. މިގޮތަށް ހުއްދައަށް އެދެވޭނީ، ހަމައެކަނި މި ގަވާއިދުގެޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިސްޓުގައި ހިމެނޭ ބާވަތްތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ،އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުންތައް ރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ތައްޔާރުކޮށް އާންމުކޮށްފައިވާ ފޯމު ނުވަތަ އޮންލައިން އެޕްލިކޭށަން ހުށަހެޅުމަށް މިނިސްޓްރީންގާއިމްކޮށްފައިވާ ނިޒާމް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުމެއް ރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ އެޕްލިކޭށަން ފޯމާއި، އެ ފޯމެއް ހުށަހެޅުމުގައި އަމަލުކުރަން ޖެހޭނެގޮތުގެ ތަފުސީލު،މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރުން 

(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ހުއްދަ ދޫކުރުމާމެދު މިނިސްޓްރީން ނިންމާ ގޮތެއް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެޕްލިކޭށަނަކާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވެއްޖެ ނަމަ، ފޯމު ހުށަހަޅާތާ، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި،އެޕްލިކޭށަން ހުށަހެޅި ފަރާތަށް އެކަން ލިޔުމުން އަންގަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުމެއް ރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދައަށް އެދިފައިވާ ބާވަތަކާ ބެހޭގޮތުން މިނިސްޓްރީގެ ފަރާތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން، ހުއްދައާމެދު ގޮތެއް ނިންމުމަށް 45 (ސާޅީސް ފަހެއް) ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް މުއްދަތެއް ކަނޑައެޅިދާނެއެވެ.

 

17 ވަނަ މާއްދާ - އިމްޕޯޓުކުރުމަށް ހުއްދަ ދޭ ބަނދަރުތައް

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ފެނުގެ ދިރުން އެތެރެކުރުމުގެ ހުއްދަ ދޫކުރާނީ، މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ބަނދަރުތަކަށް އެކަންޏެވެ. މިގޮތަށް ކަނޑައަޅާ ބަނދަރުތައް، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މިނިސްޓްރީގެ ފަރާތުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - އިމްޕޯޓުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) ރާއްޖެއަށް އިމްޕޯޓުކުރެވޭ ފެނުގެ ދިރުން ވާންވާނީ، އެ ދިރުން އެކްސްޕޯޓުކުރާ ގައުމުގެ ހެޗަރީއެއްގައި ނުވަތަ ނާސަރީ ފެސިލިޓީއެއްގައި، އެ ސްޓޮކު މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަކަށް ވަކިކޮށްގެން ބަލަހައްޓައިފައިވާ ދިރުމަކަށެވެ. 
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ތެރޭގައި އިމްޕޯޓް ކުރުމަށް ތައްޔާރުކޮށްފައިވާ ސްޓޮކުގެ ސިއްހީ ހާލަތު މޮނިޓަރކޮށް، އަންނަނިވި މައުލޫމާތު ހިމެނޭ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. ރިފަރެންސް ނަންބަރު؛
  2. ފެސިލިޓީގެ ނަމާއި، އެޑްރެހާއި، އީ މެއިލް އެޑްރެސް؛
  3. އެކްސްޕޯޓް ކުރުމަށް ސްޓޮކު ވަކިކުރި ބާވަތް (ސައިންޓިފިކް ނަމާއި އާންމު ނަން)، އަދަދު، އެވްރެޖް ސައިޒާއި ދިރުމުގެ މަރުހަލާ؛
  4. އެކްސްޕޯޓް ކުރުމަށް ސްޓޮކު ވަކިކުރި ތާރީހާއި ނިމުނު ތާރީހު؛
  5. އެކްސްޕޯޓް ކުރުމަށް ސްޓޮކް ވަކިކޮށްފައި ބެހެއްޓި މުއްދަތުގެ ތެރޭގައި އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނުނު ނަމަ، އެކަމުގެ ތަފުސީލު؛
  6. މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބަލި ނެތްކަން ކަށަވަރުކުރަން ކުރި އިންސްޕެކްށަންތަކާއި، ޓެސްޓެއް ހަދައިފައިވާނަމަ އެ ޓެސްޓުތަކުގެ ނަތީޖާ؛
  7. އެކްސްޕޯޓް ކުރުމަށް ސްޓޮކް ވަކިކޮށްފައި ބެހެއްޓި މުއްދަތުގެ ތެރޭގައި ބައްޔަކަށް ފަރުވާ ކުރުމަށް ނުވަތަ އެނޫން އެހެން ބޭނުމަކަށް ވެސް އެއްވެސް ކެމިކަލެއް ނުވަތަ ބޭހެއް ބޭނުންކުރި ނަމަ،އެ ކެމިކަލް/ބޭސްތަކުގެ ނަމާއި، ކެމިކަލް/ބޭސް ބޭނުންކުރި މިންވަރާއި، ކެމިކަލް/ބޭސް ބޭނުންކުރި ބޭނުމުގެ ތަފުސީލު؛
  8. މޮނިޓަރިންގ ރަނގަޅަށް ފުރިހަމަވިކަމުގެ އިގްރާރު؛ އަދި
  9. ފެސިލިޓީގެ ތައްގަނޑު.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، ޖަދުވަލު 2 ގައި ލިސްޓުކޮށްފައިވާ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެކަމަށް ބަޔާންކޮށްފައިވާނަމަ، އެ ސްޓޮކް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

 

19 ވަނަ މާއްދާ - އިމްޕޯޓް ށިޕްމަންޓާއެކު ހުންނަންޖެހޭ ލިޔެކިޔުންތައް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކުރާ ދިރުންތައް ރާއްޖެއަށް އެތެރެކުރާ ބަނދަރުގައި، މިނިސްޓްރީން އައްޔަނު ކޮށްފައިވާ ފިށަރީޒް ރޭންޖަރަކު، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާ ގުޅިގެން ބަލައި ފާސްކުރަން ވާނެއެވެ.

(ށ) ބަލައި ފާސްކުރުމުގައި، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާ ށިޕްމަންޓް އެއްގޮތްތޯ ބަލައިފައި، އެއްގޮތް ނޫންނަމަ، އެ ށިޕްމަންޓް ހިފެހެއްޓޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާ ށިޕްމަންޓް ނައްތައިލުމުގެ ނުވަތަ ރީއެކްސްޕޯޓްކުރަން އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން ނައްތައިލުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް ދާ ހަރަދު ދޭންވާނީ އެ ދިރުމެއް އެތެރެކުރި ފަރާތަކުންނެވެ.

(ރ) އެތެރެކުރެވޭ ދިރުންތައް، ބޯޑަރ އިންސްޕެކްށަން ސަރަހައްދުގައި ބަލައި ފާސްކުރުމަށްފަހު، ށިޕްމަންޓް ސީދާ ގެންދަންވާނީ ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވާ ފެސިލިޓީއަށެވެ.

 

20 ވަނަ މާއްދާ - ކަރަންޓީނު ކުރުން

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަންފުރިހަމަކުރުމަށްފަހު، އެތެރެކުރުވޭ ކޮންމެ ދިރުމެއް، މިނިސްޓްރީގެކަރަންޓީނު ފެސިލިޓީއެއްގައި، އެ ދިރުން އެތެރެކުރާ ފަރާތުގެ ހަރަދުގައި ކަރަންޓީނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ފުރިހަމަކުރުމަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި،މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށްލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގެ ދަށުން ހުއްދަ ހޯދުމަށްފަހު ހިންގާ އެކުއަކަލްޗަރ ކުރުމަށް ދިރުން އިމްޕޯޓުކުރާ ފަރާތުގެ އަމިއްލަ ކަރަންޓީނު ފެސިލިޓީއެއްގައި ކަރަންޓީނު ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ބަޔާންކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކުރުމުގައި އަމަލު ކުރަންވާނެ ގޮތާއި، ކަރަންޓީނުކޮށްފައި ބަހައްޓާނެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 3 "ކަރަންޓީނު ފެސިލިޓީތައް ހުންނަންޖެހޭނެ މިންގަނޑުތަކާއި، ކަރަންޓީނު ކުރުމުގައި އަމަލުކުރަންވީ ގޮތް (ކަރަންޓީނުޕްރޮޓޮކޯލް)" ގައި އެވަނީއެވެ. 

 

21 ވަނަ މާއްދާ - ކަރަންޓީނު ކުރެވޭ ތަކެތި ނައްތައިލުން

(ހ) ރާއްޖޭގެ މާހައުލީ ނިޒާމަށާއި އިންސާނުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ބައްޔެއް ނުވަތަ އެފަދަ ބައްޔެއްގެ ނިށާނެއް ކަރަންޓީނުގެ މުއްދަތުގައި ފެނިއްޖެނަމަ، ލަސްނުކޮށް އެކަން މިނިސްޓްރީއަށް އަންގައި، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ނައްތައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދިރުމެއް ނައްތައިލާ ހާލަތުގައި މިނިސްޓްރީން އެ ފަރާތަކަށް އެއްވެސް ބަދަލެއް ދޭކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދިރުމެއް ނައްތައިލާ ހާލަތުގައި އެ ދިރުމެއް ނައްތައިލަންވާނީ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައެވެ.

(ރ) ކަރަންޓީނު ކުރެވޭ ބާވަތެއް ނައްތައިލަން ޖެހިއްޖެ ހާލަތުގައި އެކަން ކުރަންވާނީ އިންސިނަރޭޓް ކޮށްގެންނެވެ.

 

 

ބާބު 5

އެކުއަކަލްޗަރ ކުރާ ތަންތަނުގައި އާލާކުރާ ދިރުމުގެ ސިއް ހަތު ދެމެހެއްޓުން

 

22 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރާ ދިރުންތަކަށް ޖެހޭ ބަލިތައް އިއުލާނު ކުރުން

އެކުއަކަލްޗަރ ކުރާ ދިރުންތަކަށް ޖެހޭ ބަލިތަކުގެ ލިސްޓެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި ރާއްޖޭގައި އެކުއަކަލްޗަރ ކުރާ ބާވަތްތަކަށް އަލަށް ތައާރަފުވާކަމަށް މި ބާވަތްތައް އެކުއަކަލްޗަރ ކުރާ އެހެން ތަންތަނުގައި ރެކޯޑުވެ،ބަޔޯސެކިއުރިޓީއާއި ފެނުގެ ދިރުމުގެ ސިއްހަތު ދެމެހެއްޓުމަށް މަސައްކަތްކުރާ ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ގެނެވޭ ބަދަލު ހިމެނުމަށް މުރާޖައާ ކުރެވޭ ލިސްޓަކަށް މި ލިސްޓު ވާންވާނެއެވެ. 

 

23 ވަނަ މާއްދާ - ބަލި ރިޕޯޓްކުރުން

އެކުއަކަލްޗަރ ކުރާ ދިރުމަކުން އެއްވެސް ބައްޔެއް ނުވަތަ ބައްޔެއްގެ އެއްވެސް ނިށާނެއް ފެނިއްޖެނަމަ، ނުވަތަ އެކުއަކަލްޗަރ ކުރާ ބާވަތެއް އާދަޔާ ހިލާފަށް ގިނައިން މަރުވާން ފަށައިފިނަމަ، ލަސްނުކޮށް މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

 

24 ވަނަ މާއްދާ - ވޭސްޓް ޑިސްޗާޖް 

އާންމުގޮތެއްގައި ބޭރުކުރެވޭ ކުނިބުނީގެ ތެރޭގައި ހުންނަ އަމިއްލަ ޒާތުގައި ނެތިގެންދާ ގެވެށި ކުންޏާއި (ބަޔޯޑިގްރެޑަބަލް ހައުސްހޯލްޑް ވޭސްޓް)، އެކުއަކަލްޗަރ ކުރާ ތަނަކުން އުފައްދާ އެހެން ކުނިބުނި ނައްތައިލަންވާނީ ގަވާއިދު ނަންބަރު 58/2013 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ .

(ށ) އެކުއަކަލްޗަރ ފެސިލިޓީއަކުން ބައްޔެއް ފާހަގަކުރެވިގެން އެ ބައްޔަށް ފަރުވާކުރުމަށް އެއްވެސް ބޭހެއް ނުވަތަ ކެމިކަލެއް ބޭނުންކުރަން ޖެހިއްޖެ ހާލަތުގައި، އެ ފެސިލިޓީން ބޭރުކުރާ ފެން، މިނިސްޓްރީން ކަނޑައަޅާ މިންވަރަކަށް ޓްރީޓްކޮށްފައި މެނުވީ ރާއްޖޭގެ ގުދުރަތީ ވެށްޓަށް ދޫކޮށްގެން ނުވާނެއެވެ.

(ނ) ތިރީގައިވާ ފެންވަރަށް ސާފުކުރުމަށް ފަހުގައި މެނުވީ، އެކުއަކަލްޗަރ ކުރާ އެއްވެސް ތަނަކުން އެކުއަކަލްޗަރ ކުރުމަށް ބޭނުންކޮށްފައިވާ ފެން، ނުވަތަ އެކުއަކަލްޗަރ ކުރާ ދިރުމަކަށް ފަރުވާދިނުމަށް ބޭނުންކޮށްފައިވާ ފެން،ދިވެހިރާއްޖޭގެ ގުދުރަތީ ވެށްޓަށް ދޫކޮށްގެން ނުވާނެއެވެ.؛

  1. ޕީ.އެޗް. 6.0 - 9.0
  2. ސަސްޕެންޑެޑް ސޮލިޑްސް: ކޮންމެ ފެން ލީޓަރެއްގައި 100 (އެއްސަތޭކަ) މިލިގްރާމަށްވުރެ މަދު (100 މިލިގްރާމް ޕަރ ލީޓަރ)؛
  3. ޓޯޓަލް ފޮސްފަރަސް: ކޮންމެ ފެން ލީޓަރެއްގައި 5.0 (ސުމެއް ޕޮއިންޓް ފަހެއް) މިލިގްރާމަށްވުރެ މަދު މިންވަރަކަށް؛
  4. ޓޯޓަލް އެމޯނިޔާ ނައިޓްރޮޖަން: ލީޓަރަކަށް 5 (ފަހެއް) މިލިގްރާމަށްވުރެ މަދު؛
  5. (ފަހެއް) ދުވަހުގެ ބަޔޮލޮޖިކަލް އޮކްސިޖަން ޑިމާންޑް: ލީޓަރެއްގައި 50 (ފަންސާސް) މިލިގްރާމަށްވުރެ މަދު؛
  6. ޑިސޯލްވްޑް އޮކްސިޖަން: ލީޓަރެއްގައި މަދުވެގެން 4  (ހަތަރެއް) މިލިގްރާމް.

 

25 ވަނަ މާއްދާ - ކާނާއާއި، ކާނާއާ އެއްކުރާ އެހެނިހެން މާއްދާތައް 

އެކުއަކަލްޗަރ ކުރުމުގައި ބޭނުންކުރާ ކާނާއާއި ކާނާ އެއްކުރާ މާއްދާތައް ވާންވާނީ މިނިސްޓްރީން ގަބޫލުކުރާ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، އެކުއަފީޑް އުފެއްދުމުގެ ހުއްދަ އޮންނަ ފަރާތަކުން އުފައްދާ ކަނާއާއި މާއްދާއަށެވެ.

(ށ) ދިރުން އާލާކުރުމުގައި ބޭނުންކުރުމަށް ރާއްޖޭގައި އުފައްދާ ކާނާއާއި ކާނާއާ އެއްކުރާ މާއްދާތައް ވާންވާނީ ތިރީގައިވާ މިންގަނޑުތަކަށް ފެތޭ ތަކެއްޗަށެވެ:

  1. ހޯމޯން އެކުލެވިގެން ނުވުން؛
  2. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އެންޓިބަޔޮޓިކްގެ ތެރެއިން، ރާއްޖޭގައި ބޭހާއި ބޭހާ ގުޅުންހުރި މާއްދާތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އެންޓިބަޔޮޓިކް ފިޔަވައި އެހެން އެންޓިބަޔޮޓިކް އެކުލެވިގެން ނުވުން؛
  3. ތައްޔާރީ ކާނާއެއް ނަމަ، އެ ކާނާގައި އެކުލެވޭ މާއްދާތައް އެނގޭނެގޮތަށް ލޭބަލް ކޮށްފައިވާ ކާނާއަކަށް ވުން.

 

26 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރާ ތަންތަނުގައި ބޭނުންކުރާ ކެމިކަލާއި ބޭހުގެ ބާވަތްތައް

(ހ) އެކުއަކަލްޗަރ ކުރާ ތަންތަނުގައި ބައްޔަށް ފަރުވާކުރުމަށް ނުވަތަ ބަލިޖެހުމުން ރައްކައުތެރިކުރުމަށް ނުވަތަ ފެން ސާފުކުރުމަށް ބޭނުންކުރެވޭނީ މި ގަވާއިދުގެޖަދުވަލު 4 ގައި ހިމެނިފައިވާ ބާވަތްތަކެވެ.

(ށ) އެކުއަކަލްޗަރ ކުރާ ދިރުމަށް ފަރުވާ ދިނުމަށް އެއްވެސް ހާލަތެއްގައި މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އެންޓިބަޔޮޓިކް ފިޔަވައި އެހެން އެންޓިބަޔޮޓިކެއް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ލިސްޓުގައި ހިމެނޭ ކެމިކަލްތައް ބޭނުންކުރަންވާނީ، ބޭހާއި ބޭހުގެ މާއްދާތައް ރެގިއުލޭޓްކުރާ މުއައްސަސާއިން ކަނޑައަޅާ ރައްކައުތެރިކަމުގެ މިންގަނޑުތަކާއި، އެ ބާވަތެއް އުފައްދައިފައިވާ ފަރާތުން ކަނޑައަޅައިފައިވާ ޑޯސޭޖާ އެއްގޮތަށް، ނުވަތަ ފަރުވާދޭ ބައްޔަށާއި ބަލިޖެހިފައިވާ ބާވަތަށް ރިއާޔަތްކޮށް އެކުއަކަލްޗަރ ކުރުމުގެ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްގައި އެ ކެމިކަލެއް ނުވަތަ ބޭހެއް ބޭނުންކުރުމަށް ލަފާދީފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

 

27 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރާ ތަންތަނުގައި ފެތުރޭ ބަލި ނައްތައިލައި، ބަލި ކޮންޓްރޯލް ކުރުން

(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބަލިތަކުގެ ތެރެއިން ބައްޔެއް ނުވަތަ އެ ބައްޔެއްގެ ނިށާނެއް ފެނިއްޖެ ހާލަތެއްގައި އެކަމުގެ ބޮޑު ކުޑަމިނަށް ބަލައި، އެކުއަކަލްޗަރ ކުރާ ތަން ނުވަތަ އެ ތަނުން ބައެއް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަރަންޓީނުކޮށްފައި ބެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) އެކުއަކަލްޗަރ ކުރާ ތަނެއް ކަރަންޓީނުކޮށްފައި ބެހެއްޓުމުގެ މުއްދަތުގައި ފަރުވާދީގެން ކޮންޓްރޯލް ކުރެވޭ ފަދަ ބަލިތަކަށް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ފަރުވާކޮށް ބަލި ކޮންޓްރޯލް ކުރުމަށް، ލައިސަންސް ލިބިފައިވާ ފަރާތުން މަސައްކަތް ކުރަންވާނެއެވެ. އަދި ފަރުވާ ނުދެވިއްޖެ ހިނދެއްގައި، ބަލިޖެހިފައިވާ ސްޓޮކް ނައްތައިލައި، އެ ދިރުންތައް ގެންގުޅުނު ތަނުންނާއި ބޭނުންކުރި އާލާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ކަރަންޓީނު ފެސިލިޓީގައި ބޭނުންކުރާ އާލާތުން ޖަރާސީމު ނައްތައިލާނެގޮތްތައް ކަނޑައަޅައިފައިވާ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ޖަރާސީމު ނައްތައިލަންވާނެއެވެ.

(ނ) އެކުއަކަލްޗަރ ކުރާ ތަނެއްގައި ފެތުރޭ ބައްޔަކީ އިންސާނުންގެ އާންމު ސިއްހަތައް ނުރައްކައު ވެދާނޭ ފަދަ ބައްޔެއް ނަމަ، ބަލީގެ ތަފުސީލާއި، ބައްޔަށް ފަރުވާކުރުމަށް އެޅި ފިޔަވަޅުތަކާއި، ބަލި ކޮންޓްރޯލް ކޮށް، ތަނުގައި މަސައްކަތްކުރާ ފަރާތްތައް ބަލިން ރައްކައުތެރި ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު، އާންމު ސިއްހަތާ ގުޅުންހުރި އެންމެހައި ކަންކަން ބަލަހައްޓާ މުއައްސަސާތަކާ ހިއްސާކުރުން.

 

ބާބު 6

މައުލޫމާތު ބެލެހެއްޓުމާއި، މައުލޫމާތު ދިނުން

 

28 ވަނަ މާއްދާ - ފެނުގެ ދިރުންތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި އެއްކުރެވޭ މައުލޫމާތް

(ހ) "އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް" ލިބިފައިވާ ފަރާތްތަކުން ލައިސަންސްގެ ދަށުން ކުރާ މަސައްކަތާ ގުޅޭ މައުލޫމާތު ފުރިހަމަޔަށް ރެކޯޑްކޮށް ބަލަހައްޓަންވާނެއެވެ.

(ށ) އެކުއަކަލްޗަރ ކުރާ ފަރާތްތަކުން ކުރާ އެކުއަކަލްޗަރއާ ބެހޭ މައުލޫމާތު އެއްކުރުމަށް މިނިސްޓްރީން ތައްޔާރުކޮށް އެކުއަކަލްޗަރ ލައިސަންސް ނަގައިފައިވާ ފަރާތަށް ދޫކޮށްފައިވާ ލޮގްފޮތުގައި ހިމެނޭ މައުލޫމާތުތައް،އެކުއަކަލްޗަރ ލައިސަންސް ނަގައިފައިވާ ފަރާތުން ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، މިނިސްޓްރީއަށް އެ މައުލޫމާތު ފޮނުވަންވާނެއެވެ.

(ނ) "އެކުއަކަލްޗަރ ތަޖުރިބާކުރުމުގެ ލައިސަންސް" ގެ މުއްދަތުގައި މަށްރޫއު ކުރިޔަށްދާ ގޮތުގެ ރިޕޯޓެއް، ކޮންމެ 3 (ތިނެއް) މަހަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. މަށްރޫއު ކުރިޔަށްދާ ގޮތް ރިޕޯޓުކުރާނެ ގޮތުގެ ތަފުސީލު،

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި މިނިސްޓްރީގެ ވެބްސައިޓުގައި 
އާންމުކުރަންވާނެއެވެ. 
(ރ) މައުލޫމާތު ދޭ ފަރާތްތަކުން، މިނިސްޓްރީއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަތަ މިނިސްޓްރީއަށް ދިނުމަށް ޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ ތެދު، ފުރިހަމަ މައުލޫމާތު ކަމަށް ވާންވާނެއެވެ. އަދި މިގޮތުން ދޭ އެއްވެސް މައުލޫމާތަކީ ދޮގު މައުލޫމާތު ކަމުގައި ނުވަތަ ސައްހަ ނޫން މައުލޫމާތުކަމުގައި ވެގެން ނުވާނެއެވެ.

 

29 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުމާއި މައުލޫމާތު ދިނުން

(ހ) އެކުއަކަލްޗަރ ކުރާ ދިރުމުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކުރުމަށް ޓަކައި އެކުއަކަލްޗަރ ލައިސަންސްގެ ދަށުން މަސައްކަތްކުރާ ތަންތަނަށް ދިރުން ސްޓޮކް ކުރުމުން ފެށިގެން އެ ދިރުން ވިއްކައިލުމާ ހަމަޔަށް ނުވަތަ ނައްތައިލުމާ ހަމަޔަށް އެކި މަރުހަލާގައި މަރުވާ ތަކެތީގެ ފުރިހަމަ މައުލޫމާތާއި، ފާހަގަކުރެވޭ ބަލީގެ ނިށާންތަކާއި، ބައްޔަކަށް ޓެސްޓެއްކޮށްފައިވާ ނަމަ އެ ޓެސްޓެއްގެ ނަތީޖާއާއި، ދިން ފަރުވާއާއި، މިނޫންވެސް ބަލިތަކާއި ބަލިތައް ކޮންޓްރޯލްކުރުމާ ގުޅުންހުރި އެހެން މުހިންމު މަ އުލޫމާތުގަވާއިދުން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބެލެހެއްޓުން ލާޒިމުކުރާ ރެކޯޑްތައް މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެކުއަކަލްޗަރ ލައިސަންސްގެ ވެރިފަރާތުން މިނިސްޓްރީއަށް ދޭންވާނެއެވެ.

 

ބާބު 7

ފިޔަވަޅު އެޅުން

 

30 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުން ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި،އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގެ ށަރުތުތަކާ ހިލާފުވުންބެލެވޭނީ ކުށެއްގެ ގޮތުގައެވެ.

(ށ) މި ގަވާއިދުގެ ދަށުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް ކަނޑައަޅައިފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތްނޫން އެހެން ގޮތަކަށް ނުވަތަ އެ ގޮތާ ހިލާފު ގޮތަކަށް ކޮށްފިނަމަ، މި ގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައަޅައި، އެ ކުރި ކަމަކާމެދު މި މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގައި ބަލާނީ، ގަވާއިދާ ހިލާފަށް ކޮށްފައިވާ ކޮންމެ ކަމަކީ ވަކި ކުށެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ ޖަދުވަލު 5 އާއި ޖަދުވަލު 6 ގައިވާ ގޮތުގެ މަތިންނެވެ.

 

ބާބު 8

މާނަކުރުން

 

31 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަންހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތުހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވަޒީރަށެވެ.

(ނ) "ކަނޑު" ކަމަށް ބުނެފައި އެވަނީ، ފަރާއި، ފަޅާއި، ގިރިއާއި، ހަލާއި، ތިލަޔާއި، ކަނޑުއޮޅިއާއި، އަތޮޅު ބޭރުގައިވާ ލޮނުފެނުގެ މާހައުލަށެވެ.

(ރ) "މޫދު" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ގޮނޑުދޮށުން ފެށިގެން ކަނޑުތޮށްޓާ ދެމެދުގައިވާ ފަޅުގެ ސަރަހައްދަށެވެ.

(ބ) "ފެން" ކަމަށް ބުނެފައި އެވަނީ، ލޮނުގެ އަސަރު އެއްވެސް މިންވަރަކަށް ނެތް ފެނަށާއި، އެކި މިންވަރަށް ލޮނުގެ އަސަރު ހުންނަ ފެނަށެވެ.

(ޅ) "ފެނުގެ ދިރުން" ކަމަށް ބުނެފައި އެވަނީ، ފެނުގެ މާހައުލުތަކުގައި ދިރިއުޅޭ ދިރުމުގެ ވައްތަރުތަކަށެވެ.

(ކ) "ދިރުން" ކަމަށް ބުނެފައި އެވަނީ، ފުރާނަ ހުންނަ ހާލަތުގައިވާ ދިރޭ އެއްޗެހީގެ ވައްތަރުތަކަށާއި، އެ ވައްތަރުތައް ކަޑައްތުކުރާ އެންމެހައި މަރުހަލާތަކަށެވެ.

(އ) "އާލާކުރުން" ކަމަށް ބުނެފައި އެވަނީ، އިންސާނުންގެ ބެލުމާއި، ބެލެހެއްޓުމާއި، އަޅައިލުމުގެ ދަށުން ދިރުންހުރި ތަކެތި ވިއްސުމާއި ގިނަކުރުމާއި ނުވަތަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތަށެވެ.

(ވ) "އެކުއަކަލްޗަރ ކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 88 ވަނަ މާއްދާގެ (ށ) ގައި އެކުއަކަލްޗަރ ކުރުން ކަމަށް ބުނެފައިވާ އެންމެހައި ކަންކަމަށެވެ.

(މ) "ތަޖުރިބާކުރުން" ކަމަށް ބުނެފައި އެވަނީ، ކަމެއް އަމަލީގޮތުން ކޮށްގެން،ނުވަތަ އަޖުމަބަލައިގެން، ނުވަތަ ތަހުލީލުކޮށްގެން މައުލޫމާތު ހޯދުމަށެވެ.

(ފ) "އިންވޭސިވް ސްޕީށީޒް" ކަމަށް ބުނެފައި އެވަނީ، އެ މާހައުލަކުން އާންމުކޮށް ނުފެންނަ، އެފަދަ މާހައުލަކަށް އެ ބާވަތެއް ތައާރަފު ވެއްޖެނަމަ ތިމާވެށްޓަށް ނުވަތަ އިގްތިސާދަށް ނުވަތަ އިންސާނުންގެ އާންމު ސިއްހަތައް ނޭދެވޭ އަސަރު ފޯރާނެ ފަދަ މިންވަރަކަށް އާލާވުމުގެ ގާބިލުކަން ލިބިފައިވާ ބާވަތްތަކަށެވެ.

(ދ) "ބަޔޯސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ކަނޑުތަކުގެ މާހަ އުލުގައި އުޅޭ ދިރުން، ގެއްލުންދެނިވި ބަޔޮލޮޖިކަލް ބާވަތްތަކުން، ނުވަތަ މިފަދަ ބާވަތްތައް އުފައްދާ ބަޔޯ ކެމިކަލް މާއްދާތަކުން ރައްކައުތެރިކުރުމަށް އަޅާ ފިޔަވަޅުތަކަށެވެ.

(ތ) "އެކުއަކަލްޗަރއާ ގުޅުން ހުރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ކަރަންޓީނު ފެސިލިޓީ ގާއިމްކުރުމާއި، ހިންގުމާއި، އެކުއަކަލްޗަރ ކުރުމަށް ބޭނުންވާ ކާނާ އުފެއްދުމާ ގުޅުންހުރި މަސައްކަތްތަކަށެވެ.

(ލ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި، ތަރައްގީކުރުމާ ގުޅޭ ޕްލޭނަށެވެ.

(ގ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގުތިސާދީ ކަނޑަށެވެ.

(ޏ) "ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށެވެ.

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު