މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-24)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 މާރިޗު 2018 ގައި)
ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވައިލާފައިވާ "މަގާމުގެ ކުރިއެރުމާއި، ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދު" އަށް، އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.
(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ މަގާމުގެ ށަރުތުތަކުގެ ތެރެއިން، އެ މަގާމަކަށް ކަނޑައެޅިފައިވާ ށަރުތުތަކުގެ ތެރެއިން ފުރިހަމަވާންޖެހޭނެކަމަށް ޖަދުވަލު 1 ގައި ލާޒިމުކުރާ އެންމެހައި ށަރުތުތައް ފުރިހަމަވުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، (ހ) ގެފަހަށް (ށ) އާއި (ނ) މި ދެ އަކުރު އިތުރުކުރުމާއި، އެ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކުރުން.
މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމުގައި ބަލަންވާނެ ކަންތައްތައް 15.
(ށ) މި ގަވާއިދުގެ ޖަދުވަލު 1 (ފ) ގައި ބަޔާންކޮށްފައިވާ މަގާމުގެ ކުރިއެރުން ދިނުމުގައި، އެންމެފަހުން އެ ފުލުހަކު ސުޕަވައިޒުކުރި 3 ސުޕަވައިޒަރުން، އެ ފުލުހެއްގެ މަސައްކަތުގެ އަހުލާގަށާއި، ސީނިއަރ ފުލުހެއްގެ ގައިގައި ހުންނަންޖެހޭ އަސާސީ ސިފަތައް ހުރި މިންވަރަށާއި، ފުލުހުންގެ ހިދުމަތުގައި ކޮށްފައިވާ ބޮޑެތި ހާއްސަ މަސައްކަތްތަކަށާއި ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް އެކުލަވައިލާންވާނެއެވެ.
(ނ) މި ގަވާއިދުގެ ޖަދުވަލު 1 (ފ) ގައި ބަޔާންކޮށްފައިވާ މަގާމުގެ ކުރިއެރުން ދިނުމުގައި، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސުޕަވައިޒަރުންގެ ރިޕޯޓަށް ބޯޑުން ރިއާޔަތްކުރަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ (ނ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރު 5 އަދި 6 އިތުރުކުރުން.
(5) މި އަކުރުގެ ނަންބަރު (1) ން ފެށިގެން ނަންބަރު (4) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވުމުގެ އިތުރުން، މި މަގާމަށް ހާއްސަކުރެވިގެން މި ސަރވިސްގެ ފަރާތުން ހިންގާ ލީޑަރށިޕް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކޮށް ފާސްވެފައިވުން.
(6) މި އަކުރުގެ ނަންބަރު (4) ގައި ބަޔާންކުރާ އޮފިސަރ ލެވެލްގެ ތަމްރީނެއް ފުރިހަމަކޮށްފައިވާ ފަރާތްތައް މި އަކުރުގެ ނަންބަރު (5) ގައި ބަޔާންކުރާ ށަރުތުން އިސްތިސްނާވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ (އ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރު 5، 6 އަދި 7 އިތުރުކުރުން.
(5) މި އަކުރުގެ ނަންބަރު (1) ން ފެށިގެން ނަންބަރު (4) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވުމުގެ އިތުރުން، މި ސަރވިސްގެ ފަރާތުން ހިންގާ، ޖޫނިއަރ އޮފިސަރސް ކޮމާންޑިންގ ކޯސް ފުރިހަމަކޮށް ފާސްވެފައިވުން.
(6) މި އަކުރުގެ ނަންބަރު (1) ން ފެށިގެން ނަންބަރު (4) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވުމުގެ އިތުރުން، ނަންބަރު (5) ގައި ބަޔާންކުރާ ށަރުތު ފުރިހަމަވުމާއެކު ފުލުހުންގެ ހިދުމަތުގައި 10 (ދިހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
(7) މި އަކުރުގެ ނަންބަރު (2) ގައި ބަޔާންކުރާ އޮފިސަރ ލެވެލްގެ ތަމްރީނެއް އަދި މި އަކުރުގެ ނަންބަރު (3) ގައި ބަޔާންކުރާ ސީނިއަރ އޮފިސަރ ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް މި އަކުރުގެ ނަންބަރު (5) ގައި ބަޔާންކުރާ ށަރުތުން އިސްތިސްނާވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ (ވ) ގެ 5 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުން.
(6) މި އަކުރުގެ ނަންބަރު (1) ން ފެށިގެން ނަންބަރު (5) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވުމުގެ އިތުރުން، ސުޕަވައިޒަރީ މެނޭޖްމަންޓް ލެވެލް ނުވަތަ މިޑްލް މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި ހުރެ، އަތޮޅު ކޮމާންޑަރެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ޓަރމެއް ފުރިހަމަކޮށްފައިވުން.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ (ފ) ގެ 5 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން.
(6) މި ގަވާއިދުގެ ޖަދުވަލު (1) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން އެ ށަރުތެއް ފުރިހަމަވުމުގެ އިތުރުން، މިޑްލް މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި، ނުވަތަ ސީނިއަރ-މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި ހުރެ ޑިވިޜަން ކޮމާންޑަރެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ޓާރމެއް ފުރިހަމަކޮށްފައިވުމާއެކު، ފުލުހުންގެ ހިދުމަތުގައި 15 (ފަނަރަ) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 އޭޕްރީލް 2018 އިން ފެށިގެންނެވެ.
މައި ގަވާއިދު
މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު (2008)
ކިޔުންތެރިންގެ ހިޔާލު