-

އިންށުއަރެންސްއާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2025-13)

(މި ގާނޫނަށް އަމަލުކުރަން ފެށީ 28 އޮގަސްޓު 2025 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންށުއަރެންސް ވިޔަފާރީގެ ދާއިރާ ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އިންށުއަރެންސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުއްދަ ދިނުމާގުޅޭ އުސޫލުތަކާއި، އެފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް އިންށުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އިންށުއަރެންސްއާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދުތައް

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ އިންށުއަރެންސް ދާއިރާގެ ހަރުދަނާކަން ހިފެހެއްޓުމަށްޓަކައި އިންށުއަރެންސް ވިޔަފާރި ހިންގުމާއި އިންށުއަރެންސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވިޔަފާރީގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައަޅައި، އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރި ހިނގާތޯ ބެލުން؛

(ށ) އިންށުއަރެންސް ޕޮލިސީހޯލްޑަރުންގެ ހައްގުތައް ރައްކާތެރިކުރުން؛

(ނ) އިންށުއަރެންސް ދާއިރާއަށް އެކަމަކުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވެ، އެކަންކަމާމެދު އެކަށޭނަ ފިޔަވަޅު އެޅުން؛

(ރ) އިންށުއަރެންސް ދާއިރާ ތަރައްގީކޮށް ފުޅާކުރުމާއި އިންށުއަރެންސް ދާއިރާގެ ވާދަވެރިކަން ފުޅާކުރުން؛

(ބ) އިންށުއަރެންސް ވިޔަފާރިކުރުމަށް އަދި އިންށުއަރެންސް ބްރޯކަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ލައިސަންސް ދޫކުރުމުގެ އުސޫލުތައް ކަނޑައެޅުން؛

(ޅ) ދިވެހިރާއްޖޭގެ އިންށުއަރެންސް ދާއިރާއަކީ އާންމުންގެ ބޭނުންތަކާ އެއްގޮތަށް އިންށުއަރެންސްގެ ހިދުމަތްތައް ފޯރުކޮށްދޭ އަދި ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ދާއިރާއެއް ކަމުގައި ހެދުން.

 

3 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުން

(ހ) މި ގާނޫނު ހިންގައި ތަންފީޒުކުރާނީ އޮތޯރިޓީންނެވެ. 

(ށ) އިންށުއަރެންސް ވިޔަފާރިތައް އަދި އިންށުއަރެންސް އިންޓަރމީޑިއަރީތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާނީ އޮތޯރިޓީންނެވެ.

(ނ) އިންށުއަރެންސް ދާއިރާގެ ހަރުދަނާކަން ހިފެހެއްޓުމަށްޓަކައި އޮތޯރިޓީން ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާނެ ވިޔަފާރިތަކާއި ހަރަކާތްތައް މި ގާނޫނުގެ ދާއިރާގެ ތެރެއިން ކަނޑައަޅައި، އެފަދަ ވިޔަފާރިތަކާއި ހަރަކާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާނެ ގޮތް މި ގާނޫނުގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅަންވާނެއެވެ. 

 (ރ) މި މާއްދާގެ (ނ) ގެ ދަށުން ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމަށް ކަނޑައަޅާ ވިޔަފާރިއެއް ނުވަތަ ހަރަކާތެއްގެ މައްޗަށް މި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.

 

 

ދެވަނަ ބާބު

އިންށުއަރެންސް ވިޔަފާރިކުރުމާގުޅޭ އާންމު ހަމަތައް 

 

4 ވަނަ މާއްދާ - އިންށުއަރެންސް ވިޔަފާރި ބެހިގެންވާ ބާވަތްތައް 

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި އިންށުއަރެންސް ވިޔަފާރި ބެހިގެންވަނީ ޖެނެރަލް އިންށުއަރެންސް ވިޔަފާރިއަށާއި ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރިއަށެވެ. ޖެނެރަލް އިންށުއަރެންސް ވިޔަފާރީގެ ތެރޭގައި ޖެނެރަލް ތަކާފުލް ވިޔަފާރި ހިމެނޭނެއެވެ. އަދި ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރީގެ ތެރޭގައި ފެމެލީ ތަކާފުލް ވިޔަފާރި ހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮންމެ ބާވަތެއްގެ އިންށުއަރެންސް ވިޔަފާރިއެއް ބެހިގެންވާ ކްލާސްތައް އޮތޯރިޓީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. އަދި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އެފަދައިން ކަނޑައަޅާ ކްލާސްތަކުގެ ސަބް-ކްލާސްތައްވެސް ކަނޑައެޅިދާނެއެވެ. 

 

5 ވަނަ މާއްދާ - މަނާ ކަންތައްތައް

(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ދޫކުރާ އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސެއް ލިބިގެން މެނުވީ، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި އިންށުއަރެންސް ވިޔަފާރިކުރުމަކީ، ނުވަތަ ކުރާކަމަށް ދެއްކުމަކީ، ނުވަތަ ކުރާކަމަށް އިށްތިހާރުކުރުމަކީ މަނާކަމެކެވެ. އަދި އެފަދައިން ހަރަކާތްތެރިވާ ފަރާތްތައް ހުއްޓުވައި މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެހެން ގައުމެއްގެ އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތަކުން ދޫކުރާ ރީއިންށުއަރެންސް ވިޔަފާރިކުރުމުގެ ހުއްދައޮތް ފަރާތަކުން، އިންށުއަރެންސް ކުންފުންޏަކަށް ރީއިންށުއަރެންސް ހިދުމަތް ދިނުމަކީ މަނާކަމެއް ނޫނެވެ. 

(ނ) ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުންޏެއް ނުވަތަ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއް ނުވަތަ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުންޏެއްގެ އިންށުއަރެންސް އޭޖެންޓެއް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، "އިންށުއަރެންސް" ނުވަތަ "ތަކާފުލް" އެފަރާތެއްގެ ވިޔަފާރި ނުވަތަ ހިދުމަތުގެ ނަމުގައި ބޭނުންކޮށްގެން ނުވާނެއެވެ. ނުވަތަ އެފަދައިން ހުއްދަ ހޯދުމަކާ ނުލައި، އެފަދަ ހިދުމަތެއް ފޯރުކޮށްދޭކަމަށް ދޭހަވާ އެނޫންވެސް ލަފުޒެއް ނުވަތަ އެއިން ލަފުޒަކާ ގުޅުންހުރި ލަފުޒެއް ނުވަތަ އެއިން ލަފުޒެއްގެ މާނަ ދޭހަވާ އެހެން ލަފުޒެއް، ދިވެހިބަހުން ނުވަތަ އެހެން ބަހަކުންވެސް، ވިޔަފާރީގައި ނުވަތަ ހިދުމަތް ދިނުމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސެއް ލިބިގެން މެނުވީ، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި އިންށުއަރެންސް ބްރޯކަރެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ނުވާނެއެވެ. އަދި އެގޮތަށް ހަރަކާތްތެރިވާކަމަށް ދައްކައިގެން ނުވަތަ އިށްތިހާރުކޮށްގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ރީއިންށުއަރެންސް ބްރޯކަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެހެން ގައުމެއްގެ އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތަކުން ދޫކުރާ ރީއިންށުއަރެންސް ބްރޯކިންގގެ ހިދުމަތް ދިނުމުގެ ހުއްދައެއް އޮތް ފަރާތަކުން، އިންށުއަރެންސް ކުންފުންޏަކަށް، ރީއިންށުއަރެންސް ބްރޯކަރކަމުގެ ހިދުމަތް ދިނުމަކީ މަނާކަމެއް ނޫނެވެ.

(ޅ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން އިސްތިސްނާކުރާ، އެހެން ގައުމެއްގެ އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތަކުން ދޫކުރާ ހުއްދައޮތް ބްރޯކަރކަމުގެ ހިދުމަތްދޭ ފަރާތަކުން، ބްރޯކަރކަމުގެ ހިދުމަތް ދިނުމަކީ މަނާކަމެއް ނޫނެވެ.

(ކ) ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، "އިންށުއަރެންސް ބްރޯކިންގ" މި އިބާރާތ،ް ނުވަތަ މި އިބާރާތާ ގުޅުންހުރި އިބާރާތެއް ނުވަތަ މި އިބާރާތުގެ މާނަ ދޭހަވާ އެހެން އިބާރާތެއް ނުވަތަ ލަފުޒެއް، ދިވެހިބަހުން ނުވަތަ އެހެން ބަހަކުންވެސް، އެފަރާތެއްގެ ވިޔަފާރީގެ ނަމުގައި، ނުވަތަ އެނޫން ގޮތަކުންވެސް އެފަރާތެއްގެ ވިޔަފާރީގައި ނުވަތަ ހިދުމަތް ދިނުމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

(އ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން އިސްތިސްނާކޮށްފައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ހުރި އެއްވެސް ރިސްކެއް ކަވަރކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުންޏެއްގެ އިންށުއަރެންސް ޕޮލިސީއެއް މެނުވީ ނެގުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

(ވ) މި މާއްދާގެ (އ) ގެ ބޭނުމަށްޓަކައި، ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. އަދި މި މާއްދާގެ (އ) ގެ ދަށުން އޮތޯރިޓީއަށް އިސްތިސްނާ ދެވިދާނެ ކަންކަމަށް އިސްތިސްނާ ދޭންވާނީ، އެފަދައިން އިސްތިސްނާ ދެވިދާނެ މުއްދަތުތަކާއި މިންވަރުތަކާއި ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީންކަނޑައެޅުމަށްފަހުގައެވެ.

(މ) މާއްދާގެ (އ) އެހެން އޮތްނަމަވެސް، އިންށުއަރެންސް ކުންފުންޏަކުން ރީއިންށުއަރ ކުރުމަކީ، މި މާއްދާގެ (އ) މަނާކުރާ ކަމެއް ނޫނެވެ.

(ފ) އަންނަނިވި ފަރާތްތައް ފިޔަވައި އެނޫން އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ނުވަތަ އެހެން ތަނެއްގައި ނަމަވެސް، އެއްވެސް އިންށުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަކީ މަނާކަމެކެވެ.

  1. އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުންޏެއް؛
  2. އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއް؛
  3.  އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުނިތަކުގެ އޭޖެންޓެއް؛
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތްތައް، 

(ދ) މި މާއްދާގެ (ފ) ގައި ބަޔާންކުރާ ފަރާތަކުން ސޮލިސިޓްކުރުން ހުއްދަވާ ދާއިރާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

(ތ) މި މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ މަނާކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ވިޔަފާރިތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި އެފަދައިން އޮތޯރިޓީން ކަނޑައަޅާއިރު، އެފަރާތްތަކުން އަމަލުކުރުމަށް ވަކި ށަރުތުތަކަކާއި ހަމަތަކެއް ކަނޑައެޅިދާނެއެވެ.

(ލ) މި މާއްދާގެ (ތ) ގެ ދަށުން އިސްތިސްނާވާ އެއްވެސް ފަރާތެއް ނުވަތަ ވިޔަފާރިއެއް އޮތޯރިޓީން ކަނޑައަޅާނަމަ، އެކަން އާންމުކުރަންވާނެއެވެ.

(ގ) މި މާއްދާއާ ހިލާފަށް ހަރަކާތްތެރިވާ ފަރާތްތައް ހުއްޓުވައި، މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

 

ތިންވަނަ ބާބު

އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސާގުޅޭ ކަންކަން 

 

6 ވަނަ މާއްދާ - އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރުމުގެ އާންމު ށަރުތުތައް 

(ހ) އިންށުއަރެންސް ވިޔަފާރިކުރުމަށް ލައިސަންސް ދޫކުރެވޭނީ ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކުންފުންޏަކަށެވެ.

(ށ) އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސް އޮންނަންވާނީ ލިޔުމުންނެވެ. އެގޮތުން ދޭ ލައިސަންސް ދެމިއޮންނާނެ ވަކި މުއްދަތެއް ކަނޑައެޅިފައި އޮވެގެން ނުވާނެއެވެ. 

(ނ) އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސަކީ އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ލައިސަންސެއް ނޫނެވެ.

(ރ) އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސެއް ދޫކުރާއިރު، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ ށަރުތުތަކުގެ އިތުރުން، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން އޮތޯރިޓީން ށަރުތެއް ކަނޑައަޅާނަމަ އެ ށަރުތެއް، ލައިސަންސްގައި ނުވަތަ ލައިސަންސާއެކު ދެވޭ ލިޔުމެއްގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ. އަދި އޮތޯރިޓީން އެ ލައިސަންސްގެ ށަރުތުތައް ބަދަލުނުކުރާހާ ހިނދަކު، ލައިސަންސް ލިބިފައިވާ ފަރާތުން، އެ ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.

(ބ) އިންށުއަރެންސް ކުންފުންޏަކުން ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރިއާއި ޖެނެރަލް އިންށުއަރެންސް ވިޔަފާރި އެކީގައި ކޮށްގެން ނުވާނެކަމަށް ކަނޑައަޅައި އެންގުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް އެދި ހުށަހެޅުން 

(ހ) މި ގާނޫނުގެ ދަށުން އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާ ގޮތަކަށް، އޮތޯރިޓީން އަންގާ މައުލޫމާތާއެކު، ލިޔުމަކުން އޮތޯރިޓީއަށެވެ.

(ށ) ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ކުރިއަށް ގެންދިޔުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވެގެން އަންގާ އެހެނިހެން މައުލޫމާތު ލަސްނުކޮށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި ލައިސަންސަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 3 )ތިނެއް( މަސްދުވަހުގެ ތެރޭގައި، ހުށަހަޅަންޖެހޭ މައުލޫމާތު ފުރިހަމައަށް ހުށަހަޅާފައިނުވާނަމަ، ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ބާތިލުކުރެވިދާނެއެވެ.

(ނ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު އެންމެ މަދުވެގެން ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ރަޖިސްޓްރޭށަނާބެހޭ ލިޔެކިޔުންތަކާއި އެފަރާތުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ކޮޕީ؛
  2. ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން އިންށުއަރެންސް ވިޔަފާރިކުރުމަށް ގަސްދުކޮށްފައިވާ ގޮތުގެ ތަފްސީލު )ބިޒްނަސް ޕްލޭން(؛
  3. ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު؛
  4. ވިއްކަން ގަސްދުކޮށްފައިވާ އިންށުއަރެންސް ޕޮލިސީތަކުގެ ކްލާސްތައް، އަދި އެ ޕޮލިސީތަކުން ކަވަރކުރާނެ ކަންތައްތަކާއި އެ ޕޮލިސީތަކުގެ މައިގަނޑު ބައިތައް ހިމެނޭ ބަޔާނެއް.

 

8 ވަނަ މާއްދާ - އެޕްލިކޭށަން ފީ 

(ހ) އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު، އެކަމަށްޓަކައި ކަނޑައަޅާފައިވާ އެޕްލިކޭށަން ފީ އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ށ) އެޕްލިކޭށަން ފީގެ ގޮތުގައި އޮތޯރިޓީން ކަނޑައަޅާ މިންވަރު އާންމުކުރަންވާނެއެވެ. އަދި މިގޮތުން ދައްކާ އެޕްލިކޭށަން ފީއަކީ ލައިސަންސް ދެވެން ނެތްކަމަށް އޮތޯރިޓީން ކަނޑައަޅާ ހާލަތުގައިވެސް އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.

 

9 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް ލައިސަންސް ދޫކުރުން ނުވަތަ ނުކުރުން 

(ހ) އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ އެންމެހައި މައުލޫމާތެއް އޮތޯރިޓީއަށް ލިބޭ ތާރީހުން ފެށިގެން 3 )ތިނެއް( މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން ލައިސަންސް ދޫކުރަންވާނެއެވެ. ނުވަތަ ލައިސަންސް ދޫނުކުރާނަމަ ދޫނުކުރެވޭނެކަން އެ މުއްދަތުގެ ތެރޭގައި އެފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ގުނުމުގައި އަމަލުކުރާނެ ގޮތ،ް އޮތޯރިޓީން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ނ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްގައި، މި ގާނޫނުގައިވާ ށަރުތުތައް، ނުވަތަ މި ގާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާއި އެނޫންވެސް ކަންކަން ފުރިހަމަނުވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ ހުށަހެޅުމެއް އޮތޯރިޓީއަށް ބާތިލުކުރެވިދާނެއެވެ. 

(ރ) ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްގައި މި ގާނޫނުގައިވާ ށަރުތުތަކާއި މި ގާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ ކަންކަމުގެ އިތުރުން އަންނަނިވި ކަންކަން، އޮތޯރިޓީއަށް ގަބޫލުކުރެވޭ މިންވަރަކަށް ނުވަތަ އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތަކަށް ފުރިހަމަވެފައިވާނަމަ، ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތަށް އޮތޯރިޓީން ލައިސަންސް 
ދޫކުރަންވާނެއެވެ.

  1. މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލުގެ މިންގަނޑުތަކާ އެއްގޮތަށް ރައުސްމާލު ހުރުން؛
  2. ވިޔަފާރި ހިންގުމަށް ހުށަހަޅާފައިވާ ގޮތުގެ ހަރުދަނާކަމާއި ވިޔަފާރީގެ ބިޒްނަސް ޕްލޭންގައިވާ ކަންކަން؛
  3. ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ ރީއިންށުއަރެންސް އިންތިޒާމުތަކަކީ އޮތޯރިޓީއަށް ގަބޫލުކުރެވޭ އިންތިޒާމުތަކެއްކަން؛
  4. ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުން އިންށުއަރެންސް ވިޔަފާރީގެ ލަޔަބިލިޓީތައް އަދާކުރެވޭނެ މިންވަރަކަށް އެފަރާތުގެ މާލީ ގާބިލުކަން ހުރުމާއެކު، އެފަދަ މިންވަރަކަށް މާލީ ގާބިލުކަން ދެމެހެއްޓޭނެކަން؛
  5. މޭޖަރ ހިއްސާދާރުންގެ ގޮތުގައާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައާއި އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަކީ، ކަމަށް އެކަށޭނަ ފަރާތްތަކެއްކަން ދޭހަކޮށްދޭފަދަ ސުލޫކާއި މަސައްކަތުގެ ތަޖުރިބާ ހުރުން.

(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކަށް ލައިސަންސް ދޫކުރުމުގެ ސަބަބުން ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ނޭދެވޭ އަސަރެއް ކުރާނެކަމަށް ނުވަތަ އާންމު މަސްލަހަތަށް އުނިކަމެއް އަންނާނެކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އޮތޯރިޓީން ލައިސަންސް ދޫކޮށްގެން ނުވާނެއެވެ.

(ޅ) ލައިސަންސް ދޫކުރާއިރު، އިންށުއަރެންސް ވިޔަފާރީގެ ކްލާސްތަކުގެ ތެރެއިން ވަކި ކްލާހެއްގެ ނުވަތަ ކްލާސްތަކެއްގެ އިންށުއަރެންސް ވިޔަފާރި ނުވަތަ އިންށުއަރެންސް ކްލާހެއްގައި ހިމެނޭ ވަކި ސަބް- ކްލާހެއް ނުވަތަ ސަބް-ކްލާސްތަކެއްގެ ވިޔަފާރި ކޮށްގެން ނުވާނެކަމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ކ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޫކުރާއިރު، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ ށަރުތުތަކުގެ އިތުރުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރު ށަރުތުތަކަކާއެކު ލައިސަންސް ދޫކުރެވިދާނެއެވެ.

(އ) ލައިސަންސް ދޫކުރުމަށްފަހު ލައިސަންސްގެ ށަރުތުތައް ބަދަލުކުރެވިދާނެ ގޮތްތަކާއި، އިތުރު ށަރުތުތައް ކުރެވިދާނެ ގޮތްތަކާއި އެ ށަރުތުތަކަށް އުނިއިތުރު ގެނެވޭނެ ގޮތްތައް މި މާއްދާގެ (ކ) ގައި ބަޔާންކުރާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ވ) އިންށުއަރެންސް ވިޔަފާރިކުރުމަށް އޮތޯރިޓީން ލައިސަންސް ދޫކުރާ ފަރާތްތަކުގެ މައުލޫމާތާއި، ލައިސަންސްގެ ދަށުން އެފަރާތަށް ކުރެވިދާނެ އިންށުއަރެންސް ވިޔަފާރީގެ ބާވަތްތައް، އޮތޯރިޓީން އާންމުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް 

(ހ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް ހުރިހާ ވަގުތެއްގައިވެސް، އަންނަނިވި ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

  1. ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި ވިޔަފާރި ފަށަން 12 )ބާރަ( މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައިނުވާނަމަ، ލައިސަންސް ދޫކުރެވޭ ދުވަހުން ފެށިގެން 12 )ބާރަ( މަސްދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރެވުނު ވިޔަފާރި ފަށަންވާނެއެވެ.
  2. މި ގާނޫނުގައި ކަނޑައަޅާފައިވާ ރައުސްމާލާއި، އޮތޯރިޓީން ކަނޑައަޅައި އަންގާ ރައުސްމާލާއި ސޮލްވެންސީ ބަހައްޓަންޖެހޭ މިންގަނޑުތަކަށާއި އެނޫން އެހެނިހެން ކަންތައްތަކާގުޅޭ މިންގަނޑުތަކަށާއި ކަންކަމަށް އަމަލުކުރަންވާނެއެވެ.
  3. އިންށުއަރެންސް ވިޔަފާރި ހިންގަންވާނީ ލައިސަންސަށް އެދި ހުށަހެޅިއިރު ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންއާ އެއްގޮތަށެވެ. އަދި، އެއްވެސް ސަބަބަކާހުރެ ބިޒްނަސް ޕްލޭންއާ ތަފާތު ގޮތަކަށް ވިޔަފާރި ހިންގަންޖެހިއްޖެނަމަ، އެކަމަށް އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ.
  4. އިންށުއަރެންސް ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލްތަކާއި އޮޑިޓްކުރާނެ އުސޫލުތައް ކަނޑައަޅައި، ވިޔަފާރިއަށް ކުރިމަތިވެދާނެ ރިސްކުތައް މެނޭޖްކުރުމަށް އެކަށީގެންވާ ނިޒާމުތައް ގާއިމުކޮށް އުސޫލުތައް އެކަށައަޅަންވާނެއެވެ.
  5. އިންށުއަރެންސް ވިޔަފާރި ހިންގަންވާނީ ހަރުދަނާގޮތެއްގައި އަދި ގާނޫނުތަކާއި ގަވާއިދުތަކާއި، އޮތޯރިޓީން އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
  6. އިންށުއަރެންސް ކުންފުންޏަކުން މަކަރާއި، ހީލަތާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގއާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމާއި އެނޫންވެސް އެފަދަ ކުށެއް ކޮށްގެން ނުވާނެއެވެ.
  7. އިންށުއަރެންސް ވިޔަފާރި ހިންގަންވާނީ އެ ވިޔަފާރިއެއް ހިންގުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ނަމުގައި އެކަންޏެވެ.
  8. އިންށުއަރެންސް ކުންފުނީގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކެޓިވް އޮފިސަރުންނަކީ ހުރިހާ ވަގުތެއްގައިވެސް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
  9. އޮތޯރިޓީން ދޫކޮށްފައިވާ އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސް، އެ ކުންފުނީގެ ވިޔަފާރި ހިންގާ ތަނުގައި ފަސޭހައިން ފެންނަ ގޮތަށް ބަހައްޓަންވާނެއެވެ. އަދި ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެ ކުންފުނީގެ ކޮންމެ އޮފީހެއް ނުވަތަ ކޮންމެ ބްރާންޗެއްގައި މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ހުއްދަ އާންމުންނަށް ފަސޭހައިން ފެންނަ ގޮތަށް ބަހައްޓަންވާނެއެވެ.
  10. އޮތޯރިޓީގެ ހުއްދަ ލިބިގެން މެނުވީ، ލައިސަންސް ލިބިފައިވާ ބާވަތުގެ އިންށުއަރެންސް ވިޔަފާރި ފިޔަވައި އެހެން އެއްވެސް ވިޔަފާރިއެއް ހިންގައިގެން ނުވާނެއެވެ.
  11. އޮތޯރިޓީގެ ހުއްދަ ލިބިގެން މެނުވީ، އިންށުއަރެންސް ކުންފުންޏަކުން އެ ކުންފުނީގެ އިންށުއަރެންސް ވިޔަފާރީގެ މައިގަނޑު ހަރަކާތެއް ހިންގުމަށް، އެހެން ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.
  12. އިންށުއަރެންސް ކުންފުނިން އެ ކުންފުނީގެ ވިޔަފާރީގެހުރިހާ ހަރަކާތްތަކެއް ހިންގަންވާނީ ދިވެހިރާއްޖޭގައި އޮފީހެއް ގާއިމުކޮށް، އެތަނުންނެވެ. އަދި އެ އޮފީހުގައި، ލައިސަންސް ދޫކުރެވުނު ވިޔަފާރީގެ ހުރިހާ ކަމެއް އެކަށީގެންވާ ގޮތަކަށް ހިންގުމަށްޓަކައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރާ މުވައްޒަފުން ތިބެންވާނެއެވެ. އަދި އެކަށީގެންވާ ގޮތަކަށް ތައްޔާރުކޮށްފައިވާ ވިޔަފާރީގެ ހިސާބުތަކާއި ރެކޯޑްތައް އެ އޮފީހުގައި ބަހައްޓަންވާނެއެވެ.

(ށ) އިންށުއަރެންސް ކުންފުންޏަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ ށަރުތަކާ ނުވަތަ މި ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅައި އަންގާފައިވާ އެހެންވެސް ށަރުތަކާ ހިލާފުވެއްޖެނަމަ ނުވަތަ ހިލާފުވެދާނެކަމަށް ބެލެވޭނަމަ، އެކަން ލަސްނުކޮށް އޮތޯރިޓީއަށް އަންނަނިވި މައުލޫމާތާއެކު، އެ ކުންފުނިން ލިޔުމުން އަންގަންވާނެއެވެ.

  1. ހިލާފުވި ކަމެއް ނުވަތަ ހިލާފުވެދާނެކަމަށް ބެލެވޭ ކަމެއް ބަޔާންކޮށް އެކަމުގެ ތަފްސީލު؛
  2. ހިލާފުވި ނުވަތަ ހިލާފުވެދާނެކަމަށް ބެލެވޭ ކަމެއް ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލާއި އެ ފިޔަވަޅުތައް އެޅުމަށް ކަނޑައަޅާ ތާރީހުތައް،

(ނ) އިންށުއަރެންސް ކުންފުންޏަކުން، މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީއަށް އަންގައިފިނަމަ، ހިލާފުވެފައިވާ ނުވަތަ ހިލާފުވެދާނެކަމަށް ބެލެވޭ ކަމެއް ރަނގަޅުކުރުމަށް، ނުވަތަ ބައެއް ހަރަކާތްތައް ހުއްޓުމަށް، ނުވަތަ އިންށުއަރެންސް ވިޔަފާރި ކުރިއަށް ގެންދިޔުމުގައި ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް ނުވަތަ ވަކި ގޮތްތަކެއް ނުވަތަ ށަރުތުތަކެއް ކަނޑައަޅައި އެކަންކަމަށް އަމަލުކުރުމަށް، އޮތޯރިޓީން އެފަރާތަށް އެންގިދާނެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުން 

(ހ) އިންށުއަރެންސް ކުންފުންޏަކުން ލައިސަންސް ބާތިލުކުރުމަށް އެދި ލިޔުމުން އޮތޯރިޓީއަށް ހުށަހަޅައިފިނަމަ، އޮތޯރިޓީއަށް އެ ލައިސަންސް ބާތިލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހެޅުމުން، ލައިސަންސް ބާތިލުކުރުމުގެ ކުރިން އެ ކުންފުނިން ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަކުރުމަށް އެ ކުންފުންޏަށް އޮތޯރިޓީން އެންގިދާނެއެވެ. އަދި، އެ ކުންފުނިން އެކަންކަން ފުރިހަމަކުރަންދެން ލައިސަންސް ބާތިލުކޮށްނުދީ ހިފެހެއްޓުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އިންށުއަރެންސް ކުންފުންޏަކަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ އެ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. އެފަރާތުން، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ނުވަތަ އެފަރާތުން އަމަލުކުރުން ލާޒިމު އެހެންވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފުވުން، ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފުވުން، ނުވަތަ އެކަށީގެންނުވާ ނުވަތަ ހަރުދަނާ ނޫން ގޮތަކަށް ވިޔަފާރިކުރުން؛
  2. އެފަރާތުން، އިންށުއަރެންސް ވިޔަފާރި ހިންގަމުން ގެންދަނީ ޕޮލިސީހޯލްޑަރުންގެ މަސްލަހަތަށް ނުވަތަ އާންމު މަސްލަހަތަށް އުނިކަމެއް އަންނަ ގޮތަކަށްކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން؛
  3. އިންށުއަރެންސް ވިޔަފާރި އެއްކޮށް ނުވަތަ ވިޔަފާރީގެ ބައެއް ނަމަވެސް ހުއްޓާލާފައިވުން؛
  4. އިންށުއަރެންސް ކުންފުނި އިފްލާސްކޮށްފައިވުން ނުވަތަ އިފްލާސްކުރުމުގެ މަސައްކަތް ފަށާފައިވުން؛
  5. މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވިފައިވާ އިންށުއަރެންސް ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިއެއް އޮތޯރިޓީގެ ހުއްދަ ނެތި ކުރުން؛
  6. އާންމު މަސްލަހަތަށްޓަކައި ލައިސަންސް ބާތިލުކުރަންޖެހޭކަމަށް އޮތޯރިޓީއަށް ފެނުން؛
  7. އެއްވެސް މޭޖަރ ހިއްސާދާރަކީ ކަމަށް އެކަށޭނަ ފަރާތެއް ކަމުގައިނުވުން؛
  8. އިންށުއަރެންސް ކުންފުނީގެ ޒިންމާތަކާއި މަސައްކަތްތަކާއި ހަރަކާތްތައް ހަރުދަނާ އަދި ރައްކާތެރި ގޮތަކަށް ހިންގުމަށް އެކަށީގެންވާ ވަރަށްވުރެ އެފަރާތުގެ ރައުސްމާލު މަދުކަން އޮތޯރިޓީއަށް ގަބޫލުކުރެވުން؛
  9. އިންށުއަރެންސް ކުންފުނިން އެ ކުންފުންޏެއްގެ އިލްތިޒާމުތައް އަދާނުކުރެވުން؛
  10. އިންށުއަރެންސް ކުންފުނިން ލައިސަންސަށް އެދި ހުށަހެޅުމުގައި ތެދުނޫން ނުވަތަ ފުރިހަމަނޫން ނުވަތަ އޮޅުންއަރާފަދަ މައުލޫމާތެއް ހުށަހަޅާފައިވުން؛
  11. ތެދުނޫން ނުވަތަ އޮޅުންއަރާނެފަދަ މައުލޫމާތު އޮތޯރިޓީއަށް ދިނުން ނުވަތަ އޮތޯރިޓީއަށް އޮޅުވާލުން؛ ނުވަތަ 
  12. އެކަށީގެންވާ ގޮތަށް ރީއިންށުއަރެންސްގެ އިންތިޒާމުތައް ހަދާފައިނުވުން.

(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ލައިސަންސް ބާތިލުކުރުމަށް ނިންމައިފިނަމަ، އެކަން ލިޔުމަކުން އެ އިންށުއަރެންސް ކުންފުންޏަށް އޮތޯރިޓީން އަންގަންވާނެއެވެ.

(ބ) އިންށުއަރެންސް ކުންފުންޏެއްގެ ލައިސަންސް ބާތިލުކުރުމަށް އަންގާ އެންގުމަކަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ ކުންފުނިން އިންށުއަރެންސްގެ އެއްވެސް ކޮންޓްރެކްޓެއް ހަދައިގެން ނުވާނެއެވެ. އަދި އިންށުއަރެންސްގެ އެއްވެސް ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް އެ ތާރީހުގެ ކުރިން އެ ކުންފުނިން ހަދާފައިވާ އިންށުއަރެންސް ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ހައްގުތަކަށް ނުވަތަ ލަޔަބިލިޓީތަކަށް މި މާއްދާގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެއެވެ.

(ޅ) އިންށުއަރެންސް ކުންފުންޏެއްގެ ލައިސަންސް ބާތިލުކޮށްފިނަމަ އެކަން އޮތޯރިޓީން އާންމުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - އިންށުއަރެންސް ކުންފުނިތަކުގެ ރަޖިސްޓަރީ

އާންމުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެ ގޮތަށް، އޮތޯރިޓީން އިންށުއަރެންސް ކުންފުނިތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. އަދި މި ރަޖިސްޓަރީގައި، މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރާ ކޮންމެ އިންށުއަރެންސް ކުންފުންޏެއްގެ ނަމާއި، އެޑްރެހާއި މިނޫންވެސް އާންމުންނަށް ބޭނުންތެރި މައުލޫމާތެއްކަމަށް އޮތޯރިޓީއަށް ފެންނަ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ.

 

13 ވަނަ މާއްދާ - ބްރާންޗާއި ސަބްސިޑިއަރީ ގާއިމުކުރުން

(ހ) އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، އިންށުއަރެންސް ކުންފުންޏަކުން، އެ ކުންފުނީގެ އޮފީހެއް ނުވަތަ ބްރާންޗެއް ނުވަތަ ސަބްސިޑިއަރީއެއް ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައިވެސް ގާއިމުކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންށުއަރެންސް ކުންފުނިތަކުގެ 
ބްރާންޗާއި ސަބްސިޑިއަރީތައް ގާއިމުކުރުމަށް ހުއްދަ ދިނުމުގައި ކަނޑައެޅިދާނެ ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ތަކާފުލް ވިޔަފާރި

(ހ) އެއްވެސް އިންށުއަރެންސް ވިޔަފާރިއަކުން ތަކާފުލް ވިޔަފާރި ކުރަންވާނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) ތަކާފުލް ވިޔަފާރި ނޫން އެހެން ބާވަތެއްގެ އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސެއް ލިބިފައިވާ އިންށުއަރެންސް ކުންފުންޏަކުންވެސް ތަކާފުލް ވިޔަފާރި ކުރަންވާނީ އެކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ނ) އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، ތަކާފުލް ވިޔަފާރިއަށް ހާއްސަކުރެވޭ ގަވާއިދުތައް ނެރ،ެ އެ ވިޔަފާރި ހިންގުމުގައި އަމަލުކުރަންޖެހޭ އިތުރު ގޮތްތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅިދާނެއެވެ. އަދި ތަކާފުލް ވިޔަފާރިކުރާ އިންށުއަރެންސް ކުންފުނިތަކުން، މި ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުމުން އިސްތިސްނާއެއް ދެވިދާނެ ހާލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

 

ހަތަރުވަނަ ބާބު

އިންށުއަރެންސް ކުންފުނީގެ މެނޭޖްމަންޓް 

 

15 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު

(ހ) އިންށުއަރެންސް ކުންފުނި ހިންގާނެގޮތުގެ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި އަދި ކުންފުނީގެ މެނޭޖްމަންޓުން ކުންފުނި ހިންގާގޮތް ބެލުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. ހާއްސަގޮތެއްގައި، އިންށުއަރެންސް ކުންފުނީގެ މައިގަނޑު މަސައްކަތްތަކަށް ނުރަނގަޅު އަސަރު ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުންސިޔާސަތުތަކެއް ކަނޑައަޅަންވާނެއެވެ. އެގޮތުން ސިޔާސަތު ކަނޑައަޅާމައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އިންވެސްޓްކުރުމާއި، ޕޮލިސީހޯލްޑަރުންގެ ފަންޑު މެނޭޖްކުރުމާއި، އެސެޓްތަކާއި ލަޔަބިލިޓީތައް މެނޭޖްކުރުމާއި، ކްލެއިމްތައް ބަލައިގަތުމާއި ކްލެއިމްތަކަށް ފައިސާ ދިނުމާއި، އޮޑިޓްކުރުމާއި، އިންޓަރނަލް ކޮންޓްރޯލް ނިޒާމުތަކާއި، އިންށުއަރެންސް ކުންފުނިން ބޭނުންކުރާނެ
އެކައުންޓިންގ މިންގަނޑުތައް ހިމެނެއެވެ.

(ށ) އިންށުއަރެންސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަކީ ހުރިހާ ވަގުތެއްގައިވެސް، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

(ނ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަސައްކަތްކުރަންވާނީ ހެޔޮ ނިޔަތުގައި، ތެދުވެރިކަމާއެކު އިންށުއަރެންސް ކުންފުންޏަށް އެންމެ ފައިދާހުރި ގޮތަކަށެވެ. އަދި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއާ އެއްފަދަ ހާލަތްތަކުގައި އެހެން ފަރާތަކުން އެފަދަ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންކުރާނެފަދަ ހުނަރާއި ފަރުވާތެރިކަން ބަހައްޓައިގެންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، އިންށުއަރެންސް ކުންފުންޏަށް ފައިދާހުރި ގޮތަށް މަސައްކަތްކުރުމުގައި ބޭނުންވާނެ ހުނަރާއި ފަރުވާތެރިކަން ނުބަހައްޓައި މަސައްކަތްކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމަށް، އެ ޑިރެކްޓަރަކު ޒާތީގޮތުން ޒިންމާވާނެއެވެ. 

(ރ) މެންބަރުންގެ މައްޗަށެވެ. އަދި ބޯޑުގެ މެންބަރުންގެ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) މެންބަރަކީ މާލީ ރިޕޯޓުތައް ތައްޔާރުކުރުމާއި، އެކައުންޓިންގ ނުވަތަ އޮޑިޓްކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ބ) ޑިރެކްޓަރުންގެ ބޯޑަށް އެއްވެސް ނިންމުމެއް ނިންމޭނީ، ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ ބޯޑުގެ ޖަލްސާއެއްގައި ނަގާ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން، ނުވަތަ ދައުރުކޮށްގެން، ގާނޫނީ އަދަދު ހަމަވާ ވަރަށް ޑިރެކްޓަރުން ސޮއިކޮށްފައިވާ ނިންމުމަކުންނެވެ.

(ޅ) ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށާއި ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންކަން ހިންގުމަށްޓަކައި ކޮންމެ އިންށުއަރެންސް ކުންފުންޏެއްގައިވެސް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކު ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރަކު ހުންނަންވާނެއެވެ.

(ކ) އިންށުއަރެންސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރޭގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރ ހިމަނަންވާނެއެވެ.

 

16 ވަނަ މާއްދާ - ކުންފުނީގެ އެގްޒެކެޓިވް އޮފިސަރުން

(ހ) އިންށުއަރެންސް ކުންފުނީގެ މައިގަނޑު ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަންކަމަށް އެކަށީގެންވާ މީހުން އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި އައްޔަންކުރަންވާނެއެވެ. އެގޮތުން، އެގްޒެކެޓިވް އޮފިސަރުން އައްޔަންކުރަންވާނެ ކަންތައްތަކުގެ ތެރޭގައި، ޕޮލިސީހޯލްޑަރުންގެ ފަންޑު މެނޭޖްކުރުމާއި، އިންވެސްޓްކުރުމާއި، އިންޓަރނަލް އޮޑިޓްކުރުމާއި، އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި، އިރުށާދުތަކާއި އަމުރުތަކާއި، އުސޫލުތަކަށް ކުންފުނިން އަމަލުކުރޭތޯ ބެލުން ހިމެނެއެވެ.

(ށ) އެގްޒެކެޓިވް އޮފިސަރުން މަސައްކަތްކުރަންވާނީ ހެޔޮ ނިޔަތުގައި، ތެދުވެރިކަމާއެކު އިންށުއަރެންސް ކުންފުންޏަށް އެންމެ ފައިދާހުރި ގޮތަކަށެވެ. އަދި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއާ އެއްފަދަ ހާލަތްތަކުގައި އެހެން ފަރާތަކުން އެފަދަ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންކުރާނެފަދަ ހުނަރާއި ފަރުވާތެރިކަން ބަހައްޓައިގެންނެވެ. އެގްޒެކެޓިވް އޮފިސަރެއް، އިންށުއަރެންސް ކުންފުންޏަށް ފައިދާހުރިގޮތަށް މަސައްކަތްކުރުމުގައި ބޭނުންވާނެ ހުނަރާއި ފަރުވާތެރިކަން ނުބަހައްޓާ މަސައްކަތްކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމަށް، އެ އޮފިސަރެއް ޒާތީގޮތުން ޒިންމާވާނެއެވެ.

 

17 ވަނަ މާއްދާ - މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ސިފަތައް

(ހ) އިންށުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރ، އަދި އެގްޒެކެޓިވް އޮފިސަރުންނާއި އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ކިބައިގައި ތިރީގައިވާ ސިފަތައް ފުރިހަމަވާންވާނެއެވެ.

  1. އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ
    ގޮތުގެމަތިން، ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައިވުން؛
  2. އެހެން އިންށުއަރެންސް ކުންފުންޏެއްގެ މޭޖަރ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެގްޒެކެޓިވް އޮފިސަރެއް ނުވަތަ މުވައްޒަފެއް ކަމުގައިނުވުން.

(ށ) އިންށުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމަށް އައްޔަންކުރާ ފަރާތަކީ، އައްޔަންކުރެވޭ މުއްދަތުގައި ދިވެހިރާއްޖޭގައި ދިރިއުޅޭނެ އަދި ކުންފުނި ހިންގުމުގައި ފުލްޓައިމްކޮށް ހަރަކާތްތެރިވާނެ ފަރާތަކަށްވާންވާނެއެވެ. 

 

18 ވަނަ މާއްދާ - އިންށުއަރެންސް ކުންފުނީގެ މޭޖަރ ހިއްސާދާރަކަށްވުން

(ހ) އެއްވެސް ފަރާތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް އިންށުއަރެންސް ކުންފުންޏެއްގެ މޭޖަރ ހިއްސާދާރަކަށްވާނެފަދަ މިންވަރަކަށް ހިއްސާ ހޯދުމަށް ގަސްދުކުރާނަމަ، އެފަދަ ހިއްސާއެއް ހޯދުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. އެއްވެސް ފަރާތަކުން އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ހިއްސާ ހޯދުމަށް މަސައްކަތްކުރާކަމަށް ބެލެވޭނީ، އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތުގައި، ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް އެއްބަސްވުމެއްގެ ދަށުން އެފަރާތްތައް ގުޅިގެން އިންށުއަރެންސް ކުންފުންޏެއްގެ ވޯޓުދިނުމުގެ ބާރު ހޯދުމަށް މަސައްކަތްކުރާނަމައެވެ.

(ށ) އިންށުއަރެންސް ކުންފުންޏެއްގެ ހިއްސާ ހޯދުމަށް ގަސްދުކުރާކަން އެ ކުންފުންޏަށް އެންގުމުން އެކަން ލަސްނުކޮށް އެ ކުންފުނިން އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ނ) އިންށުއަރެންސް ކުންފުންޏެއްގެ އެއްވެސް މޭޖަރ ހިއްސާދާރެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް، އިންށުއަރެންސް ކުންފުންޏެއްގެ ރައުސްމާލުގެ ނުވަތަ ވޯޓުދިނުމުގެ ބާރު ލިބިދޭ ހިއްސާގެ %20 (ވިހި އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާން،ނުވަތަ %33 (ތެއްތިރީސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާން،ނުވަތަ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރުވެގެންދާނެ މިންވަރަކަށް ހިއްސާ އިތުރުކުރުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން އޮތޯރިޓީގެ ހުއްދައަށް އެދި ހުށަހަޅަންވާނީ އޮތޯރިޓީން ކަނޑައަޅާ މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

 

 

ފަސްވަނަ ބާބު

ހަރުދަނާ އަދި ރައްކާތެރި ގޮތުގައި ވިޔަފާރި ހިންގުމާގުޅޭ އުސޫލުތައް

 

19 ވަނަ މާއްދާ - ރައުސްމާލު

(ހ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، ހުރިހާ ވަގުތެއްގައިވެސް، އެފަރާތަކުން ކުރާ ޖެނެރަލް އިންށުއަރެންސް ވިޔަފާރިއަށް 50,000,000 )ފަންސާސްމިލިއަން( ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، އަދި އެފަރާތަކުން ކުރާ ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރިއަށް 10,000,000 )ދިހަމިލިއަން( ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، ނުވަތަ އޮތޯރިޓީން އެއަށްވުރެ ބޮޑު އަދަދެއް ކަނޑައަޅައިފިނަމަ އެ އަދަދަކަށްވުރެ މަދުނޫން އަދަދެއް، ރައުސްމާލުގެ ގޮތުގައި ބަހައްޓަންވާނެއެވެ. އެ އަދަދަކީ އެއްވެސް ފަރާތަކަށް ދަރާފައިވ،ާ ނުވަތަ ރަހުނުކުރެވިފައިވާ ފައިސާއަކަށް ވެގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އިންށުއަރެންސް ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވަކި ކްލާހެއްގެ ނުވަތަ ވަކި ކްލާސްތަކެއްގެ އިންށުއަރެންސް ވިޔަފާރި އެކަނި ކުރާ އިންށުއަރެންސް ކުންފުންޏަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ ކުޑަ އަދަދެއް ރައުސްމާލުގެ ގޮތުގައި ބެހެއްޓުމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ނ) އިންށުއަރެންސް ކުންފުންޏަކުން ހިންގާ އިންށުއަރެންސް ވިޔަފާރީގެ ބާވަތާއި ކުރިމަތިވާ ރިސްކަށް ރިއާޔަތްކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނުވަތަ މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކަނޑައަޅާފައިވާ އަދަދަށްވުރެ މަތީ އަދަދަކަށް ރައުސްމާލު ބެހެއްޓުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އޮތޯރިޓީން ކަނޑައެޅުމެއް ކަނޑައަޅައި އިންށުއަރެންސް ކުންފުންޏަކަށް އެންގުމެއް އަންގައިފިނަމަ، އޮތޯރިޓީން އެކަމަށް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އޮތޯރިޓީން ކަނޑައެޅި އަދަދަށް އެ ކުންފުނިން ރައުސްމާލު ބަހައްޓަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން އިންށުއަރެންސް ވިޔަފާރިކުރަމުންދާ ފަރާތްތަކުން، އެ އަކުރުގައި ބަޔާންކޮށްފައިވާ އަދަދަށް ރައުސްމާލު އިތުރުކުރުމަށްޓަކައި އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ. އަދި އެފަދައިން އޮތޯރިޓީން ކަނޑައަޅާއިރު، މި ގާނޫނަށް އަމަލުކުރަން ފަށާއިރު އިންށުއަރެންސް ކުންފުންޏެއްގެ ހުރި ރައުސްމާލަށްވުރެ ރައުސްމާލުގެ އަދަދު ދަށްކޮށްގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، ރައުސްމާލުގެ ގޮތުގައި ބަލާނެ ފަންޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅައި، އިންށުއަރެންސް ކުންފުނިތަކަށް އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ - ސޮލްވެންސީ މާޖިން

(ހ) ސޮލްވެންސީ މާޖިން މަދުވެގެން ހުންނަންޖެހޭނެ މިންވަރު ކަމުގައި އޮތޯރިޓީން ކަނޑައަޅާ މިންވަރަށްވުރެ މަދުނުވާނެ ގޮތެއްގައި، ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް ހުރިހާ ވަގުތެއްގައިވެސް ސޮލްވެންސީ މާޖިން ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބެހެއްޓުމަށް ކަނޑައަޅާ ސޮލްވެންސީ މާޖިން ކަނޑައެޅުމުގައި، ތަފާތު ބާވަތްތަކުގެ އިންށުއަރެންސް ވިޔަފާރިތަކަށް އަދި ތަފާތު ކްލާސްތަކުގެ އިންށުއަރެންސް ވިޔަފާރިތަކަށް، ތަފާތު މިންގަނޑެއް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ނ) ވަކި ބާވަތެއްގެ އިންށުއަރެންސް ކުންފުނިތައް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސޮލްވެންސީ މާޖިން ބެހެއްޓުމުން އޮތޯރިޓީއަށް އިސްތިސްނާކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ސޮލްވެންސީ މާޖިން ބެހެއްޓުމާ ގުޅޭގޮތުން، އޮތޯރިޓީއަށް އަންނަނިވި ކަންކަން ކަނޑައެޅިދާނެއެވެ.

  1. އެސެޓްތަކާއި ލަޔަބިލިޓީތަކުގެ ވެލިއު ކަނޑައަޅާނެ ގޮތުގެ މިންގަނޑުތައް؛
  2. އެސެޓްތަކާއި ލަޔަބިލިޓީތަކުގެ ތެރޭގައި ހިމަނާނެ ބާވަތްތައް.

 

21 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮސިޓް

(ހ) އިންށުއަރެންސް ކުންފުނިތަކުން ސެކިއުރިޓީ ޑިޕޮސިޓްއެއް ބެހެއްޓުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ބަހައްޓާ ޑިޕޮސިޓްއަށް އާމްދަނީ ނުވަތަ އިންޓްރެސްޓ،ް އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން ދެވޭނެއެވެ. 

(ނ) އިންށުއަރެންސް ކުންފުންޏެއްގެ ލައިސަންސް ބާތިލުކޮށްފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެފަރާތުން ބަހައްޓާ ސެކިއުރިޓީ ޑިޕޮސިޓް ބޭނުންކުރަންވާނީ އެފަރާތުގެ ޕޮލިސީހޯލްޑަރުންނަށް ދޭންޖެހޭ ފައިސާ ދިނުމަށެވެ. އަދި، ހުރިހާ ޕޮލިސީހޯލްޑަރުން ހުށަހަޅާ ހުރިހާ ކްލެއިމްތަކަށް ދެވޭނެ މިންވަރަށް ސެކިއުރިޓީ ޑިޕޮސިޓް ނެތްނަމަ، ކްލެއިމްތަކުގެ ބައެއް ދިނުމަށް އޮތޯރިޓީއަށް ނިންމިދާނެއެވެ.

(ރ) އިންށުއަރެންސް ކުންފުންޏެއްގެ ލައިސަންސް ބާތިލުކޮށްފިނަމަ، އަދި އެފަރާތުގެ އެއްވެސް ޕޮލިސީހޯލްޑަރަކަށް ދޭންޖެހޭ ފައިސާއެއް ނެތްނަމަ ނުވަތަ ޕޮލިސީހޯލްޑަރުންނަށް ދޭންޖެހޭ ފައިސާ ދައްކައި ނިމިފައިވާނަމަ، ފައިސާ ދައްކައި ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 12 )ބާރަ( މަސްދުވަހުގެ ތެރޭގައި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބާކީހުރި ފައިސާ އެފަރާތަށް އޮތޯރިޓީން ދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ބަހައްޓާ ޑިޕޮސިޓްއަކީ، އެ ޑިޕޮސިޓް ބެހެއްޓި އިންށުއަރެންސް ކުންފުނީގެ އެސެޓެކެވެ. އެހެންނަމަވެސް އެ ޑިޕޮސިޓް ރަހުނު ކުރުމަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

(ޅ) މި މާއްދާގެ ދަށުން ލޯންގްޓަރމް އިންށުއަރެންސް ކުންފުންޏަކުން ބަހައްޓާ ޑިޕޮސިޓް ބެލެވޭނީ އެ ކުންފުނީގެ ހިއްސާދާރުންގެ ފަންޑުގެ ތެރޭގައި ހިމެނޭ އެސެޓެއް ކަމުގައެވެ.

(ކ) މި މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓް ބެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ފަންޑު ގާއިމުކުރުން 

(ހ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، އެފަރާތުން ހިންގާ ކޮންމެ ބާވަތެއްގެ އިންށުއަރެންސް ވިޔަފާރިއަކަށް ވަކި އިންށުއަރެންސް ފަންޑެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންޑުގެ އިތުރުންވެސް އިތުރު ފަންޑެއް ނުވަތަ ފަންޑުތަކެއް ގާއިމުކުރުމަށް، އޮތޯރިޓީން އިންށުއަރެންސް ކުންފުނިތަކަށް އެންގިދާނެއެވެ. އެގޮތުން، އެކި ބާވަތްތަކުގެ އިންށުއަރެންސް ކުންފުނިތަކަށް ނުވަތަ ވަކި ކްލާހެއްގެ އިންށުއަރެންސް ވިޔަފާރި ހިންގާ ކުންފުނިތަކަށް ތަފާތު ފަންޑުތައް ގާއިމުކުރުމަށް އެންގިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން ފަންޑު ގާއިމުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ހިއްސާދާރުންގެ ފައިސާއާއި ޕޮލިސީހޯލްޑަރުންގެ ފައިސާ ވަކިން ބެލެހެއްޓުން

ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، އެ ކުންފުންޏެއްގެ ހިއްސާދާރުންގެ ފައިސާއާއި ޕޮލިސީހޯލްޑަރުންގެ ފައިސާއާގުޅޭ އެކައުންޓްތައް ބަލަހައްޓަންވާނީ ވަކިންނެވެ.

 

24 ވަނަ މާއްދާ - އެސެޓްތައް އިންވެސްޓްކުރުން

އިންށުއަރެންސް ކުންފުނިތަކުގެ އެސެޓްތައް އިންވެސްޓްކުރެވޭނެ ގޮތްތަކާއި އެސެޓްތައް ބަހައްޓަންޖެހޭނެ ތަންތަން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

25 ވަނަ މާއްދާ - އެސެޓްތައް ބެހެއްޓުން

(ހ) އިންށުއަރެންސް ކުންފުންޏަކަށް ނުވަތަ ވަކި ބާވަތެއްގެ އިންށުއަރެންސް ކުންފުނިތަކަކަށް ނުވަތަ ވަކި ކްލާހެއްގެ އިންށުއަރެންސް ވިޔަފާރި ހިންގާ އިންށުއަރެންސް ކުންފުނިތަކަކަށް، އެ ކުންފުންޏެއްގެ ނުވަތަ އެ ކުންފުނިތަކުގެ ލަޔަބިލިޓީތައް އަދާކުރުމަށްޓަކައި، ދިވެހިރާއްޖޭގައި މަދުވެގެން އެސެޓްތައް ބަހައްޓަންޖެހޭ މިންވަރެއް އޮތޯރިޓީން ކަނޑައަޅައި، އެ ކުންފުންޏަކަށް ނުވަތަ ކުންފުނިތަކަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އަންގާ އެންގުމުގައި އަންނަނިވި ކަންކަން ކަނޑައަޅައި ބަޔާންކުރެވިދާނެއެވެ.

  1. އެސެޓްތައް ދިވެހިރާއްޖޭގައި ބަހައްޓަންޖެހެނީ ކޮން ލަޔަބިލިޓީތަކަކާ ގުޅިގެން ކަން؛
  2. ދިވެހިރާއްޖޭގައި ބަހައްޓަންޖެހޭ އެސެޓްތަކުގެ ބާވަތްތައް؛
  3. ދިވެހިރާއްޖޭގައި ބަހައްޓަންޖެހޭ އެސެޓްތަކުގެ ވެލުއޭށަން ހަދާނެ ގޮތް،

(ނ) މި މާއްދާގެ (ހ) ގެ ދަށުން، ވަކި ބާވަތެއްގެ އިންށުއަރެންސް ކުންފުނިތަކަކަށް ނުވަތަ ވަކި ކްލާހެއްގެ އިންށުއަރެންސް ވިޔަފާރި ހިންގާ އިންށުއަރެންސް ކުންފުނިތަކަކަށް، އެސެޓްތައް ބެހެއްޓުމަށް އޮތޯރިޓީން ކަނޑައަޅައި އެންގުމުގައި، އެކި އިންށުއަރެންސް ކުންފުނިތަކަށް އެކި މިންވަރު ކަނޑައެޅިދާނެއެވެ. މިގޮތަށް އޮތޯރިޓީން ކަނޑައަޅާނީ، އެ ކުންފުންޏެއްގެ މާލީ ހާލަތަށާއި ރިސްކު ޕްރޮފައިލްއަށާއި މިނޫންވެސް އޮތޯރިޓީއަށް ފެންނަ އެހެން ކަންކަމަށް ރިއާޔަތްކުރުމަށްފަހުއެވެ.

(ރ) މި މާއްދާގެ ދަށުން އެސެޓްތައް ބެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ރީއިންށުއަރެންސް އިންތިޒާމުތައް

(ހ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، އެކަށީގެންވާ ރީއިންށުއަރެންސް އިންތިޒާމުތަކެއް ހަދާފައި ހުންނަންވާނެއެވެ. ރީއިންށުއަރެންސް އިންތިޒާމުތައް ހަދާއިރު، އެފަރާތުން ވެފައިވާ ވަކިވަކި އިންށުއަރެންސް ކޮންޓްރެކްޓްތަކުގެ އެކްސްޕޯށަރއަށް، އަދި އިންށުއަރެންސް ކޮންޓްރެކްޓްތަކުގެ ދަށުން ކުރިމަތިވެދާނެ އެގްރެގޭޓް ލޮސްއަށް އެފަރާތުން ރިއާޔަތްކުރަންވާނެއެވެ.

(ށ) އިންށުއަރެންސް ކުންފުންޏަކުން ދިވެހިރާއްޖޭގައި ކުރާ އިންށުއަރެންސް މުއާމަލާތެއް ނުވަތަ އެއިން ބައެއް، ފެކަލްޓޭޓިވް އުސޫލުން ރީއިންށުއަރ ކުރުމުގައި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ 
ކުންފުނިތަކަށް އިސްކަންދޭންވާނެއެވެ. ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެއްވެސް އިންށުއަރެންސް ކުންފުންޏަކުން އެ އިންށުއަރެންސް މުއާމަލާތަށް އެކަށީގެންވާ ރީއިންށުއަރެންސް ލިބެން ނެތްނަމަ ދިވެހިރާއްޖެއިން ބޭރުގައި ފެކަލްޓޭޓިވް އުސޫލުން ރީއިންށުއަރ ކުރެވިދާނެއެވެ.

(ނ) އިންށުއަރެންސް ކުންފުންޏަކުން ހަދާފައިވާ ރީއިންށުއަރެންސް އިންތިޒާމުތައް އެކަށީގެންވާކަމަށް އޮތޯރިޓީއަށް ނުފެންނަނަމަ،އެ އިންތިޒާމުތަކަށް ބަދަލުގެނައުމަށް، އޮތޯރިޓީއަށް އެންގިދާނެއެވެ. އެގޮތުން، ބަދަލެއް ގެނައުމަށް އޮތޯރިޓީން އަންގައިފި ހިނދެއްގައި، އިންށުއަރެންސް ކުންފުނިން އެ ބަދަލެއް ގެންނަންވާނެއެވެ. 

 

27 ވަނަ މާއްދާ - އިންށުއަރެންސް ކުންފުންޏަކުން ކުރުން މަނާ ކަންކަން 

(ހ) އޮތޯރިޓީގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އިންށުއަރެންސް ކުންފުންޏަކުން، ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

  1. އިންށުއަރެންސް ކުންފުނީގެ ހިއްސާއެއް، އެ ހިއްސާއެއްގެ ވެރިފަރާތުގެ ކިބައިން އަނބުރާ ގަތުން، އަދި އިންށުއަރެންސް ކުންފުނީގެ ހިއްސާ ކޮލަޓެރަލްއަށް ނެގުމަށްފަހު ދަރަނި ދިނުން؛
  2. އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދެއްގައި، ގުޅުންހުރި ފަރާތެއްކަމަށް އޮތޯރިޓީން މާނަކުރާ ފަރާތަކަށް ދަރަނި ދޫކުރުން ނުވަތަ ގުޅުންހުރި ފަރާތަކުން ނަގާ ދަރަންޏަކަށް ގެރެންޓީއެއް ދިނުން ނުވަތަ ސެކިއުރިޓީއެއް ބެހެއްޓުން؛
  3. ކޮލަޓެރަލްއަކާ ނުލައި އެއްވެސް ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރުން؛
  4. އިންށުއަރެންސް ކުންފުނިން ވެފައިވާ އިންށުއަރެންސް ޕޮލިސީތައް އެހެން ފަރާތަކަށް ބަދަލުކުރުން.

(ށ) އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، އިންށުއަރެންސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވ،ާ އަދި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްވާ ސްކީމެއްގެ ދަށުން، އެ ކުންފުނީގެ މުވައްޒަފުންނަށް ދަރަނި ދިނުން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަނާކުރުމުން އިސްތިސްނާވާނެއެވެ.

 

28 ވަނަ މާއްދާ - ބަދަލުކުރުމާއި އެއްކޮށްލުން

(ހ) އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް އެއްވެސް އިންށުއަރެންސް ކުންފުންޏަކުން ކޮށްގެން ނުވާނެއެވެ.

  1. އެއް އިންށުއަރެންސް ކުންފުންޏެއް އަނެއް އިންށުއަރެންސް ކުންފުންޏަކާ އެއްކޮށްލުން؛
  2. އިންށުއަރެންސް ކުންފުންޏަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް އެހެން އިންށުއަރެންސް ކުންފުންޏެއްގެ އެސެޓްތައް ނުވަތަ އެސެޓްތަކުން ބައެއް ހޯދުން ނުވަތަ ގަތުން؛ ނުވަތަ
  3. އެހެން އިންށުއަރެންސް ކުންފުންޏެއްގެ ލަޔަބިލިޓީތަކުގެ ޒިންމާ ނެގުން. 

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އޮތޯރިޓީގެ ހުއްދައަށް އެދި ހުށަހެޅުމުން، އެއްކޮށްލުމަށް ހުށަހަޅާފައިވާ އިންށުއަރެންސް ކުންފުނިތަކާއި، އެ އިންށުއަރެންސް ކުންފުނިތައް އެއްކޮށްލުމުން ހުންނާނެ އިންށުއަރެންސް ކުންފުނީގެ މާލީ އަދި ހިންގުންތެރިކަމުގެ ގާބިލިއްޔަތުކަމާއި ކުރިމަގުގެ ވިޔަފާރީގެ ފުރުސަތުތައް އޮތޯރިޓީން ބަލަންވާނެއެވެ. އަދި އެއްކޮށްލުމުން ހުންނާނެ އިންށުއަރެންސް ކުންފުންޏަކީ އާ އިންށުއަރެންސް ކުންފުންޏަކަށް ލައިސަންސް ދޫކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ށަރުތުތަކެއް ފުރިހަމަވާނެ އިންށުއަރެންސް ކުންފުންޏަކަށްވާ ހާލަތުގައި މެނުވީ އޮތޯރިޓީން އެ ކުންފުންޏަކަށް ލައިސަންސް ދީގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، މި މާއްދާގެ (ހ) ގެ ދަށުން ދޭ ހުއްދައެއް ދިނުމުގެ ސަބަބުން އިންށުއަރެންސް ދާއިރާގެ ވާދަވެރިކަން ކުޑަވެގެންދާނެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ ނުވަތަ ޕޮލިސީހޯލްޑަރުންގެ މަސްލަހަތު ރައްކާތެރިނުކުރެވޭނެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، ހުއްދަ ދީގެން ނުވާނެއެވެ. އެހެންނަމަވެސް، ވާދަވެރިކަން ކުޑަވުމުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރަކަށްވުރ،ެ މިފަދަ ހުއްދައެއް ދިނުމުގެ ސަބަބުން ކުރާނެ އެދެވޭ އަސަރު ބޮޑުކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ ހުއްދައެއް ދެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހުއްދަ ދިނުމުގައި އޮތޯރިޓީއަށް އެކަށީގެންވާކަމަށް ފެންނަ ށަރުތުތަކަކާއެކު ނުވަތަ ށަރުތަކާ ނުލައި ވެސް ހުއްދަ ދެވިދާނެއެވެ.

 

29 ވަނަ މާއްދާ - ކުންފުންޏެއްގައި އިންވެސްޓްކުރުން

(ހ) އިންށުއަރެންސް ކުންފުންޏަކުން، އެހެން ކުންފުންޏެއްގެ ސްޓޮކް، ބޮންޑް، ހިއްސާ ނުވަތަ އިކުއިޓީއާ ގުޅިފައިވާ ބޮންޑެއްގައި، ސީދާކޮށް ނުވަތަ ނުސީދާކޮށްނަމަވެސް، އިންވެސްޓްކުރަންވާނީ އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިންނެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ހުއްދަ ދިނުމުގައި ވަކި ށަރުތުތަކަކާއެކު ހުއްދަ ދިނުމަށް އޮތޯރިޓީއަށް ނިންމިދާނެއެވެ. އެގޮތުން ކަނޑައަޅާ ށަރުތުތަކުގެ ތެރެއިންވެސް އިންށުއަރެންސް ކުންފުނިން އިންވެސްޓްކުރާ ކުންފުނީގެ ހިންގުމާއި ހަރަކާތްތަކާ ގުޅޭގޮތުން ށަރުތުތައް ކަނޑައެޅިދާނެއެވެ. އަދި، ހުއްދަ ދިނުމަށްފަހު، ށަރުތުތަކަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރުވެސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވީނަމަވެސް، އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި އިންވެސްޓްކުރެވިދާނެ ކުންފުނިތަކާއި އިންވެސްޓްކުރެވިދާނެ މިންވަރުތަކާއި ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

 

ހަވަނަ ބާބު

އިންށުއަރެންސް ހިދުމަތް ދިނުމުގެ އުސޫލުތަކާއި ހަމަތައް 

 

30 ވަނަ މާއްދާ - ލޯންގްޓަރމް އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ނަފާ އެ ޕޮލިސީގައި ކަނޑައަޅާފައިވާ ފަރާތަށް ލިބިދިނުން 

(ހ) ކޮންމެ ލޯންގްޓަރމް އިންށުއަރެންސް ޕޮލިސީއެއްގައިވެސް އެ ޕޮލިސީއެއްގެ ޕޮލިސީހޯލްޑަރު ބޭނުންވެއްޖެ ހިނދެއްގައި، އެ އިންށުއަރެންސް ޕޮލިސީގެ މިލްކުވެރިކަން އެސައިންކޮށް ނުވަތަ އެ އިންށުއަރެންސް ޕޮލިސީގެ ބެނެފިށަރީއެއްގެ ގޮތުގައި، އެ އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ކޮންމެ ނަފާއެއް، އެހެން ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ލިބުން މަގުފަހިވާގޮތް އިންށުއަރެންސް ޕޮލިސީގައި ހަމަޖެހިފައި އޮންނަންވާނެއެވެ.

(ށ) ލޯންގްޓަރމް އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލައިފް އިންށުއަރކޮށްފައިވާ ފަރާތެއް މަރުވެއްޖެނަމަ، އެ އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ކޮންމެ ނަފާއެއް ލިބިދޭންވާނީ އެ އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ނަފާއެއް ލިބުމަށް އެ އިންށުއަރެންސް ޕޮލިސީގައި ކަނޑައަޅާފައިވާ ފަރާތަކަށް ނުވަތަ ފަރާތްތަކަށް، އެ އިންށުއަރެންސް ޕޮލިސީއެއްގައި ކަނޑައަޅާފައިވާ ގޮތަށެވެ. އަދި އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ނަފާއެއް ލިބުމަށް، އެ އިންށުއަރެންސް ޕޮލިސީގެ ދަށުން ލައިފް އިންށުއަރކޮށްފައިވާ ފަރާތް ފިޔަވައި އެހެން ފަރާތެއްއެ އިންށުއަރެންސް ޕޮލިސީގައި ކަނޑައަޅާފައިނުވާނަމަ، އެ އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ނަފާ ބަހާނީ، ވާރިސުންގެ މެދުގައި މުދާ ބެހުމުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން، ލައިފް އިންށުއަރކޮށްފައިވާ ފަރާތުގެ ވާރިސުންގެ މެދުގައެވެ.

(ނ) ލޯންގްޓަރމް އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ނަފާ ލިބޭނެ ފަރާތެއް ކަނޑައެޅުމާއި، އެ އިންށުއަރެންސް ޕޮލިސީގެ މިލްކުވެރިކަން އެހެން ފަރާތަކަށް އެސައިންކުރުމާއި އަދި އެ އިންށުއަރެންސް ޕޮލިސީއަށް ބަދަލުގެނައުމަށް އެދުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި އެ އިންށުއަރެންސް ޕޮލިސީގެ ދަށުން ލައިފް އިންށުއަރކޮށްފައިވާ ފަރާތަށެވެ.

 

31 ވަނަ މާއްދާ - ސަބްރޮގޭށަން

(ހ) އިންށުއަރެންސް ކުންފުންޏަކުން ކްލެއިމްގެ ގޮތުގައި ދެއްކި ފައިސާއެއްގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ޕޮލިސީހޯލްޑަރަށް ލިބުނު ގެއްލުމަށް ތިންވަނަ ފަރާތަކުން ދޭންޖެހޭ ބަދަލެއްވާނަމަ ނުވަތަ ތިންވަނަ ފަރާތަކުން ބަދަލެއް ދީފައިވާނަމަ، އެ ބަދަލު ލިބިގަތުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން ތިންވަނަ ފަރާތަކުން ލިބެންޖެހޭ ބަދަލު ހޯދުމަށް އިންށުއަރެންސް ކުންފުނިން ބޭނުންވާނަމަ، ޕޮލިސީހޯލްޑަރުގެ ނަމުގައި އެ ތިންވަނަ ފަރާތާ ދެކޮޅަށް އިންށުއަރެންސް ކުންފުނިން ދައުވާކުރުމަށް އިންށުއަރެންސް ކުންފުންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕޮލިސީހޯލްޑަރާއެކު ހެދިފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގައި ށަރުތުކުރެވިދާނެއެވެ.

(ނ) ބަދަލުގެ ގޮތުގައި ތިންވަނަ ފަރާތަކުން ލިބޭ ފައިސާ އިންށުއަރެންސް ކުންފުންޏަށް ލިބޭނީ، ކްލެއިމްއަށް އިންށުއަރެންސް ކުންފުނިން ދައްކާފައިވާ ފައިސާއަކީ، ޕޮލިސީހޯލްޑަރަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދަށްވުރެ މަދު އަދަދަކަށްވާނަމަ، އެ މަދުވި އަދަދު ޕޮލިސީހޯލްޑަރަށް ދިނުމަށްފަހު، ބާކީވާ އަދަދެވެ.

 

32 ވަނަ މާއްދާ - ޕްރީމިއަމް ރޭޓް ކަނޑައެޅުން

(ހ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، ޕްރީމިއަމް ރޭޓް ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތައް ބޭނުންކޮށްގެން، އަދި އޮތޯރިޓީން ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ އެ އުސޫލުތަކާ އެއްގޮތްވާގޮތަށް، އެފަރާތުން ހިންގާ އިންށުއަރެންސް ވިޔަފާރީގެ ކޮންމެ ކްލާހަކަށް އަދި ސަބް-ކްލާހަކަށް ޕްރީމިއަމް ރޭޓްތައް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންށުއަރެންސް ކުންފުނިތަކުން ކަނޑައަޅާ ޕްރީމިއަމް ރޭޓްތައް ކަނޑައެޅުމަށް އެ ކުންފުންޏަކުން ބޭނުންކުރި އުސޫލުތަކުގެ ތަފްސީލާއެކު އެ މައުލޫމާތު އޮތޯރިޓީން އަންގާ ގޮތެއްގެމަތިން އޮތޯރިޓީއަށް ހުށަހަޅަމުން ގެންދަންވާނެއެވެ. 

(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޕްރީމިއަމް ރޭޓް ކަނޑައެޅުމަށް އިންށުއަރެންސް ކުންފުނިތަކުން ބޭނުންކުރާނެ އުސޫލުތަކާއި ރޭޓް ކަނޑައެޅުމާ ގުޅުންހުރި އެހެން ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

33 ވަނަ މާއްދާ - ލިކުއިޑޭޓަޑް ޑެމޭޖަސް

އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ފައިސާ ހޯދުމަށް އިންށުއަރެންސް ކުންފުނިތަކަށް ހުށަހަޅާ ކްލެއިމްތަކާމެދު ގޮތެއް ނިންމައި އެކަން ޕޮލިސީހޯލްޑަރަށް ލަސްވެގެން އަންގަންޖެހޭ މުއްދަތެއް އަދި ކްލެއިމްތަކަށް ފައިސާ ދައްކަންޖެހޭ މުއްދަތެއް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި، އޮތޯރިޓީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އިންށުއަރެންސް ކުންފުނިން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާނަމަ، އެ ކުންފުނިން ލިކުއިޑޭޓަޑް ޑެމޭޖަސް ދެއްކުމަށާއި ލިކުއިޑޭޓަޑް ޑެމޭޖަސް ހިސާބުކުރާނެ ގޮތް ދުރާލާ އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

34 ވަނަ މާއްދާ - އިތުރު ޕްރޮޑަކްޓްތައް ވިއްކުން

(ހ) ވަކި ބާވަތެއްގެ އިންށުއަރެންސް ޕްރޮޑަކްޓެއް ނުވަތަ ޕްރޮޑަކްޓްތަކެއް ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް ވިއްކަންވާނެކަމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އޮތޯރިޓީން ކަނޑައަޅާ ހާލަތުގައިވެސް، އޮތޯރިޓީން ކަނޑައަޅާ ޕްރޮޑަކްޓަކުން ކަވަރކުރާނެ ކަންކަމާއި އެ ޕްރޮޑަކްޓެއްގެ ޕްރީމިއަމް ކަނޑައަޅާނީ އިންށުއަރެންސް ކުންފުނިތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަކި ބާވަތެއްގެ އިންށުއަރެންސް ޕްރޮޑަކްޓެއް ނުވަތަ ޕްރޮޑަކްޓްތަކެއް ވިއްކުމަށް އިންށުއަރެންސް ކުންފުނިތަކަށް އެންގުމުގައި އޮތޯރިޓީން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން ވަކި އިންށުއަރެންސް ޕްރޮޑަކްޓެއް ނުވަތަ ޕްރޮޑަކްޓްތަކެއް ވިއްކަންވާނެކަމަށް އޮތޯރިޓީން ކަނޑައަޅާ ހާލަތުގައި، އެކަމަށް އެކަށީގެންވާ މުއްދަތެއް އިންށުއަރެންސް ކުންފުނިތަކަށް އޮތޯރިޓީން ދޭންވާނެއެވެ. 

 

35 ވަނަ މާއްދާ - އެކުއިޒިށަން ކޮސްޓް

(ހ) އިންށުއަރެންސް ކުންފުނިތަކުން، އެކުއިޒިށަން ކޮސްޓްގެ ގޮތުގައި އަހަރެއްގެ މައްޗަށް ގިނަވެގެން ހަރަދުކުރެވޭނެ މިންވަރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅުމެއް ކަނޑައެޅުމުގައި، އިންށުއަރެންސް ވިޔަފާރީގެ ވަކި ބާވަތްތަކަށް ތަފާތު މިންވަރުތައް ކަނޑައެޅިދާނެއެވެ.

 

36 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) އިންށުއަރެންސް ކުންފުނިތަކުން އަދި އިންށުއަރެންސް އިންޓަރމީޑިއަރީތަކުން، އެފަރާތްތަކުގެ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި މެނުވީ، އިންށުއަރެންސް ކުންފުނިތަކުން އަދި އިންށުއަރެންސް އިންޓަރމީޑިއަރީތަކުން، ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެން ނުވާނެއެވެ.

  1. ލިޔުމަކުން އެ ކަސްޓަމަރެއްގެ ހުއްދައެއް ލިބިފައިވުން؛
  2. ކަސްޓަމަރެއް މަރުވެފައިވާނަމަ، އެކަމަށް ވާރިސެއްގެ ހުއްދަ ލިޔުމަކުން ލިބިފައިވުން؛
  3. ކޯޓު އަމުރެއްގެ ދަށުން؛
  4. ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކުރާ ގާނޫނީ އަމުރެއްގެ ދަށުން؛
  5. މި ގާނޫނުން އެފަދަ މައުލޫމާތެއް ހާމަކުރަން ހުއްދަކޮށްފައިވާ ކަމެއްގައި އަދި/ނުވަތަ ހާލަތެއްގައި ހާމަކުރުން.

(ނ) އެއްވެސް ސަބަބަކާ ގުޅިގެން ކަސްޓަމަރާއި އިންށުއަރެންސް ކުންފުންޏަކާ ނުވަތަ ކަސްޓަމަރާއި އިންށުއަރެންސް އިންޓަރމީޑިއަރީއަކާ ދެމެދުގައިވާ ގުޅުން ކެނޑުނުކަމުގައިވީނަމަވެސް، އެ ކަސްޓަމަރާބެހޭ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ. 

(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގައި ނުވަތަ ހާލަތްތަކުގައި މެނުވީ، އިންށުއަރެންސް ކުންފުންޏެއްގައި ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއެއްގައި މަސައްކަތްކުރަމުންދާ ނުވަތަ މަސައްކަތްކުރި އެއްވެސް ފަރާތެއް، ނުވަތަ މަސައްކަތެއް ކުރުމަށް އައްޔަންކޮށްފައިވާ ނުވަތަ އައްޔަންކުރި އެއްވެސް ފަރާތެއް، އެ އިންށުއަރެންސް ކުންފުނީގެ ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީގެ ކަސްޓަމަރުންގެ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ. ނުވަތަ އެހެން ފަރާތަކަށް އެފަދަ މައުލޫމާތެއް ދީ ނުވަތަ އެހެން ފަރާތަކަށް އެފަދަ މައުލޫމާތެއް ބެލޭނެގޮތް މެދުވެރިކޮށްދީގެންވެސް ނުވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރޭގައި މަސައްކަތްކުރަމުންދާ ނުވަތަ މަސައްކަތްކުރި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކެޓިވް އޮފިސަރުންނާއި މުވައްޒަފުންނާއި އޭޖެންޓުން އަދި ކޮންސަލްޓަންޓުންވެސް ހިމެނޭނެއެވެ.

(ޅ) އޮތޯރިޓީގެ މުވައްޒަފުންނާއި އޮފިސަރުންނާއި އޮތޯރިޓީން އައްޔަންކުރާ ފަރާތްތަކުން، މި ގާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް، އެމީހެއްގެ ވަޒީފާގެ ނުވަތަ އައްޔަންކުރެވުނު މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މެނުވީ، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި، އެފަދަ މުވައްޒަފުންނާއި އޮފިސަރުން މަގާމުން ވަކިވިނަމަވެސް އަދި އޮތޯރިޓީން އައްޔަންކުރާ ފަރާތްތަކުގެ އައްޔަންކުރެވުނު މުއްދަތު ހަމަވެފައިވީނަމަވެސް އެފަދަ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހާމަކޮށްގެން ނުވާނެއެވ

 

37 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުމުން އިސްތިސްނާވާނެ ހާލަތްތައް

އަންނަނިވި ކަންކަން ކުރުމުގައި ނުވަތަ، އަންނަނިވި ހާލަތްތަކުގައި މައުލޫމާތު ހާމަކުރުން، މި ގާނޫނުގެ 36 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ. 

(ހ) އިންށުއަރެންސް ކުންފުންޏެއްގެ ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއެއްގެ ހިއްސާދާރުންގެ އާންމު ޖަލްސާއެއްގައި އައްޔަންކޮށްފައިވާ އޮޑިޓަރުން، ނުވަތަ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އޮތޯރިޓީން އައްޔަންކޮށްފައިވާ އޮޑިޓަރުން، އެފަރާތްތަކަށް ގާނޫނީގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މައުލޫމާތު އެފަރާތްތަކަށް ދިނުން؛ 

(ށ) އިންށުއަރެންސް ކުންފުނިން އައްޔަންކޮށްފައިވާ އެކްޗުއަރީގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ މައުލޫމާތު އެފަރާތަށް ދިނުން؛ 

(ނ) މި ގާނޫނުގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެފަރާތުން މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގުން؛ 

(ރ) އިންށުއަރެންސް ކުންފުންޏެއްގެ އިންށުއަރެންސް އިންޓަރމީޑިއަރީއެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ބޭނުމުގައި، އިންށުއަރެންސް ކުންފުންޏާއި އިންށުއަރެންސް އިންޓަރމީޑިއަރީއާ ދެމެދުގައި މައުލޫމާތު ހިއްސާކުރުން؛ 

(ބ) އިންށުއަރެންސް ކުންފުންޏަކުން ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއަކުން އައްޔަންކޮށްފައިވާ އެއްވެސް ފަރާތަކަށް އެފަރާތެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ މައުލޫމާތު 
ހިއްސާކުރުން؛

(ޅ) މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަކަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމުގެ ބޭނުމުގައި އެފަރާތުން މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގުން؛

(ކ) ކޮރަޕްށަން ހުއްޓުވުމަށާއި، މަނީ ލޯންޑްރިންގއާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުމާ ދެކޮޅަށް، އެކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ހެޔޮ ނިޔަތުގައި އެޅޭ ފިޔަވަޅުތައް އެޅުމަށް; 

(އ) އިންށުއަރެންސް ކުންފުންޏަކާއި ޕޮލިސީހޯލްޑަރަކާ ދެމެދު ހިނގާފައިވާ މުއާމަލާތަކާ ގުޅޭގޮތުން ށަރީއަތުގައި ހިނގަމުންދާ 
މައްސަލައެއްގައި، އެފަދަ މުއާމަލާތަކާ ގުޅިގެން އިންށުއަރެންސް ވިޔަފާރިއަށް ލިބިދޭންޖެހޭ ހައްގެއް ސާބިތުކުރުމަށްޓަކައި އެ މުއާމަލާތަކާބެހޭ ބައެއް ނުވަތަ ހުރިހާ މައުލޫމާތެއް ހާމަކުރުން؛ 

(ވ) އިންށުއަރެންސް ކުންފުންޏެއްގެ ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއެއްގެ ކަސްޓަމަރަކާ އެހެން ފަރާތަކާ ދެމެދު ކޯޓުގައި ހިނގަމުންދާ ނުވަތަ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޯޓުން އިންށުއަރެންސް ކުންފުންޏަށް ނުވަތަ އިންށުއަރެންސް 
އިންޓަރމީޑިއަރީއަށް، އެ ކަސްޓަމަރަކާ ބެހޭގޮތުން މައުލޫމާތު ހުށަހެޅުމަށް އެންގުން؛ 

(މ) އެހެން ގައުމުތަކުގެ އިންށުއަރެންސް ރެގިއުލޭޓަރީ އަދި ސުޕަވައިޒަރީ އިދާރާތަކުން އެދިގެން، އެ އިދާރާތަކާ ގާނޫނީގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު، އޮތޯރިޓީން އެފަރާތްތަކަށް ދިނުން.

 

 

ހަތްވަނަ ބާބު

އިންށުއަރެންސް އިންޓަރމީޑިއަރީތައް

 

38 ވަނަ މާއްދާ - އިންށުއަރެންސް އޭޖެންޓުން

(ހ) އެއްވެސް ފަރާތަކުން، އިންށުއަރެންސް ކުންފުންޏަކާއެކު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން އެ އިންށުއަރެންސް ކުންފުނީގެ ހުއްދަ ލިބިގެން މެނުވީ، ދިވެހިރާއްޖޭގައި އިންށުއަރެންސް އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ނުވާނެއެވެ.

(ށ) އިންށުއަރެންސް ކުންފުންޏަކުން، އެ ކުންފުނީގެ އިންށުއަރެންސް އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް އައްޔަންކުރަންވާނީ ނުވަތަ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެއްވެސް ފަރާތަކަށް ހުއްދަ ދޭންވާނީ، އެފަރާތަކާއެކު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ނ) އިންށުއަރެންސް އޭޖެންޓުގެ އަމަލުތަކުގެ ސަބަބުން ނުވަތަ އިންށުއަރެންސް އޭޖެންޓު ނުކޮށް ދޫކޮށްލާ ކަންކަމުގެ ސަބަބުން ކަސްޓަމަރަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ އެ އިންށުއަރެންސް ކުންފުނިންނެވެ. އެޖެންސީ އެގްރީމެންޓެއް މެދުވެރިކޮށްވިޔަސް ނުވަތަ އިންށުއަރެންސް ޕޮލިސީއަކުން ނުވަތަ އެހެންވެސް ގޮތަކުން، އިންށުއަރެންސް ކުންފުނީގެ މި މަސްއޫލިއްޔަތު އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ރ) އޮތޯރިޓީން ދޫކުރާ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މެނުވީ، ދިވެހިރާއްޖޭގައި އިންށުއަރެންސް އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ނުވާނެކަމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި އެފަދައިން އޮތޯރިޓީން ކަނޑައަޅައިފިނަމަ އެކަން އާންމުކުރަންވާނެއެވެ.

(ބ) އޮތޯރިޓީން ދޫކުރާ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މެނުވީ ދިވެހިރާއްޖޭގައި އިންށުއަރެންސް އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ނުވާނެކަމަށް މި މާއްދާގެ (ރ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅައިފިނަމަ، އެއްވެސް އިންށުއަރެންސް ކުންފުންޏަކުން، އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިނުވާ ފަރާތެއް އެ ކުންފުނީގެ އިންށުއަރެންސް އޭޖެންޓެއްގެ ގޮތުގައި އައްޔަންކޮށްގެން ނުވާނެއެވެ. ނުވަތަ މަސައްކަތްކުރުމަށް ހުއްދަ ދީގެން ނުވާނެއެވެ.

(ޅ) އިންށުއަރެންސް އޭޖެންޓެއްގެ ސަބަބުން އިންށުއަރެންސް ކުންފުންޏަށް ލިބޭ ގެއްލުމެއްގެ ބަދަލު އެ އިންށުއަރެންސް އޭޖެންޓުގެ ކިބައިން އިންށުއަރެންސް ކުންފުނިން ލިބިގަތުމަކަށް މި މާއްދާ
ހުރަހެއްނާޅައެވެ.

 

39 ވަނަ މާއްދާ - އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގެ އާންމު ށަރުތުތައް

(ހ) އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރެވޭނީ ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކުންފުންޏަކަށެވެ. އަދި އެފަދަ ކުންފުންޏެއްގެ ހިއްސާގެ ވަކި އިންސައްތައެއްގެ ސީދާ އަދި ނުސީދާ ވެރިފަރާތްތަކަކީވެސް ދިވެހިރައްޔިތުންކަމަށް ކަނޑައެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. 

(ށ) ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްގައި ތިރީގައިވާ ކަންތައްތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ އިތުރު ކަންކަން އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތަކަށް ނުވަތަ ފެންވަރަކަށް ހުރިނަމަ، ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތަށް، އޮތޯރިޓީން ލައިސަންސް ދޫކުރަންވާނެއެވެ.

  1. ނޑައަޅާ މިންވަރަށް ރައުސްމާލު ހުރުން؛
  2. މޭޖަރ ހިއްސާދާރުންގެ ގޮތުގައާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައާއި އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަކީ، ކަމަށް އެކަށޭނަ ފަރާތްތަކެއްކަން ދޭހަކޮށްދޭފަދަ ސުލޫކާއި މަސައްކަތުގެ ތަޖުރިބާ ހުރުން.

 

40 ވަނަ މާއްދާ - އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސާގުޅޭ ކަންކަން

(ހ) އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އޮތޯރިޓީން އަންގާ މައުލޫމާތާއެކު، އޮތޯރިޓީއަށެވެ.

(ށ) އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު، އެކަމަށްޓަކައި ކަނޑައަޅާފައިވާ އެޕްލިކޭށަން ފީ އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ނ) ލައިސަންސް އެޕްލިކޭށަން ފީގެ ގޮތުގައި އޮތޯރިޓީން ކަނޑައަޅާ މިންވަރު އޮތޯރިޓީން ދުރާލާ އާންމުކުރަންވާނެއެވެ. އެ އެޕްލިކޭށަން ފީއަކީ ލައިސަންސް ދެވެން ނެތްކަމަށް އޮތޯރިޓީން ކަނޑައަޅާ ހާލަތުގައިވެސް އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ. 

(ރ) އޮތޯރިޓީން އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރާއިރު، ވަކި ށަރުތުތަކަކާއެކު ލައިސަންސް ދޫކުރެވިދާނެއެވެ. އެފަދައިން ކަނޑައަޅާ ށަރުތުތަކުގެ އިތުރުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރު ށަރުތުތަކަކާއެކު ލައިސަންސް ދޫކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގަވާއިދުގައި، ލައިސަންސް ދޫކުރުމަށްފަހު ލައިސަންސްގެ ށަރުތުތައް ބަދަލުކުރެވިދާނެ ގޮތްތަކާއި، އިތުރު ށަރުތުތައް ކުރެވިދާނެ ގޮތްތަކާއި، އެ ށަރުތުތަކަށް އުނިއިތުރު ގެނެވޭނެ ގޮތްތައް ބަޔާންކުރަންވާނެއެވެ.

(ޅ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. އެފަރާތުގެ ވިޔަފާރި ހުއްޓާލާފައިވުން؛
  2. އެފަރާތުން، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ނުވަތަ އެފަރާތުން އަމަލުކުރުން ލާޒިމު އެހެންވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފުވުން، ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފުވުން، ނުވަތަ އެކަށީގެންނުވާ ނުވަތަ ހަރުދަނާ ނޫން ގޮތަކަށް ވިޔަފާރިކުރުން؛
  3. ތެދުނޫން ނުވަތަ އޮޅުންއަރާނެފަދަ މައުލޫމާތު އޮތޯރިޓީއަށް ދިނުން ނުވަތަ އޮޅުވާލުން؛
  4. އެފަރާތުގެ ޒިންމާތަކާއި މަސައްކަތްތަކާއި ހަރަކާތްތައް ހަރުދަނާ އަދި ރައްކާތެރި ގޮތަކަށް ހިންގުމަށް އެކަށޭނަ ވަރަށްވުރެ އެފަރާތުގެ ރައުސްމާލު މަދުކަން އޮތޯރިޓީއަށް ގަބޫލުކުރެވުން؛
  5. އެފަރާތުން ވިޔަފާރި ހިންގަމުން ގެންދަނީ އެފަރާތެއް ތަމްސީލުކުރާ ޕޮލިސީހޯލްޑަރުންގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަކަށްކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން؛
  6. އެފަރާތެއް އިފްލާސްކޮށްފައިވުން ނުވަތަ އިފްލާސްކުރުމުގެ މަސައްކަތް ފަށާފައިވުން؛
  7. އެއްވެސް މޭޖަރ ހިއްސާދާރަކީ ކަމަށް އެކަށޭނަ ފަރާތެއް ކަމުގައިނުވުން؛
  8. ލައިސަންސަށް އެދި ހުށަހެޅުމުގައި ތެދުނޫން ނުވަތަ ފުރިހަމަނޫން ނުވަތަ އޮޅުންއަރާފާނެ މައުލޫމާތެއް ހުށަހަޅާފައިވުން؛
  9. އާންމު މަސްލަހަތަށްޓަކައި ލައިސަންސް ބާތިލުކުރަންޖެހޭކަމަށް އޮތޯރިޓީއަށް ފެނުން.

 

41 ވަނަ މާއްދާ - އިިންށުއަރެންސް ކުންފުނިތަކާއެކު އެކަނި އިންށުއަރެންސް ކޮންޓްރެކްޓް ހެދުން

(ހ) ލައިސަންސް ލިބިފައިވާ އެއްވެސް އިންށުއަރެންސް ބްރޯކަރެއް އެފަރާތުގެ މަސައްކަތުގައި، މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުންޏަކާއެކު މެނުވީ، ސީދާކޮށް ނުވަތަ ނުސީދާކޮށްނަމަވެސް، ދިވެހިރާއްޖޭގައި ހުރި އެއްވެސް ރިސްކެއް ކަވަރކުރުމަށްޓަކައި އިންށުއަރެންސް ކޮންޓްރެކްޓެއް ހެދުމަށް ނެގޯށިއޭޓްކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް އޮތޯރިޓީން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އިންށުއަރެންސް ކުންފުންޏަކާއެކު ކުރެވޭ ރީއިންށުއަރެންސް ކޮންޓްރެކްޓެއް މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަނާ ކޮންޓްރެކްޓްގެ ތެރޭގައި ނުހިމެނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް އިސްތިސްނާ ދެވިދާނެއެވެ. އެގޮތުން އިސްތިސްނާ ދިނުމުގައި، އިސްތިސްނާ ދެވިދާނެ މުއްދަތުތަކާއި މިންވަރުތަކާއި ށަރުތުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

42 ވަނަ މާއްދާ - އިންށުއަރެންސް ބްރޯކަރެއްގެ މޭޖަރ ހިއްސާދާރަކަށްވުން

(ހ) އެއްވެސް ފަރާތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއްގެ މޭޖަރ ހިއްސާދާރަކަށްވާނެފަދަ މިންވަރަކަށް ހިއްސާ ހޯދުމަށް ގަސްދުކުރާނަމަ، އެފަދަ ހިއްސާއެއް ހޯދުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. އެއްވެސް ފަރާތަކުން އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ހިއްސާ ހޯދުމަށް މަސައްކަތްކުރާކަމަށް ބެލެވޭނީ، އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތުގައި، ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް އެއްބަސްވުމެއްގެ ދަށުން އެފަރާތްތައް ގުޅިގެން އިންށުއަރެންސް ބްރޯކަރެއްގެ ވޯޓުދިނުމުގެ ބާރު ހޯދުމަށް މަސައްކަތްކުރާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އެއްވެސް ފަރާތަކުން ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއްގެ ހިއްސާ ހޯދުމަށް ގަސްދުކުރާކަން އެ ކުންފުންޏަށް އެންގުމުން އެކަން ލަސްނުކޮށް އޮތޯރިޓީއަށް އަންގަންވާނެއެވެ.

%(ނ) ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއްގެ އެއްވެސް މޭޖަރ ހިއްސާދާރެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް، ބްރޯކަރުގެ ރައުސްމާލުގެ ނުވަތަ ވޯޓުދިނުމުގެ ބާރު ލިބިދޭ ހިއްސާގެ %20 (ވިހި އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާން،ނުވަތަ %33 (ތެއްތިރީސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާން،ނުވަތަ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރުވެގެންދާނެ މިންވަރަކަށް ހިއްސާ އިތުރުކުރުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން އޮތޯރިޓީގެ ހުއްދައަށް އެދި ހުށަހަޅަންވާނީ އޮތޯރިޓީން ކަނޑައަޅާ މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

 

43 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރުންގެ ރަޖިސްޓަރީ

އާންމުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެގޮތަށް، ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރުންގެ ރަޖިސްޓަރީއެއް އޮތޯރިޓީން ބަލަހައްޓަންވާނެއެވެ. އަދި އެ ރަޖިސްޓަރީގައި، މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރާ ކޮންމެ އިންށުއަރެންސް ބްރޯކަރެއްގެ ނަމާއި، އެޑްރެހާއި މިނޫންވެސް އާންމުންނަށް ބޭނުންތެރި މައުލޫމާތެއްކަމަށް އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ.

 

44 ވަނަ މާއްދާ - އިންށުއަރެންސް އިންޓަރމީޑިއަރީއާގުޅޭ ގަވާއިދުތަކާއި އެންގުންތައް

އިންށުއަރެންސް އިންޓަރމީޑިއަރީތަކާގުޅޭ ކަންކަމުގައި މި ގާނޫނުގެ ދަށުން ގަވާއިދުތައް ހެދުމާއި އެންގުންތައް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 

 

އަށްވަނަ ބާބު

ރެކޯޑް ބެހެއްޓުމާއި ރިޕޯޓު ހުށަހެޅުން

 

45 ވަނަ މާއްދާ - ރެކޯޑްތައް ބެހެއްޓުން

(ހ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް އަދި އިންށުއަރެންސް އިންޓަރމީޑިއަރީއަކުންވެސް އެފަރާތުން ހިންގާ ވިޔަފާރީގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ހިންގަމުން ގެންދިޔުމަށް ބޭނުންވާ މާލީ ހިސާބުތަކާއި އެހެނިހެން ރެކޯޑްތައް، ގާނޫނީގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ނުވަތަ އޮތޯރިޓީން އަންގާ މުއްދަތަކަށް އަދި އަންގާ ގޮތަކަށް ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި ތިރީގައިވާ ލިޔެކިޔުންތައް ހިމެނެއެވެ. 

  1. އިށޫކޮށްފައިވާ އިންށުއަރެންސް ޕޮލިސީތަކުގެ ރަޖިސްޓަރީއެއް ނުވަތަ އޭގެ ރެކޯޑްތައް؛ އެ ރަޖިސްޓަރީގައި ނުވަތަ ރެކޯޑްތަކުގައި، އިށޫކޮށްފައިވާ ކޮންމެ އިންށުއަރެންސް ޕޮލިސީއަކާ ގުޅޭގޮތުން، ޕޮލިސީހޯލްޑަރުގެ ނަމާއި އެޑްރެހާއި އެ އިންށުއަރެންސް ޕޮލިސީއަށް އަމަލުކުރަން ފެށި ތާރީހާއި އެ އިންށުއަރެންސް ޕޮލިސީ ޓްރާންސްފަރކޮށްފައިވާނަމަ ނުވަތަ އެސައިންކޮށްފައިވާނަމަ ނުވަތަ ނޮމިނޭޓްކޮށްފައިވާ ނަމަ އޭގެ ތަފްސީލު ހިމަނަންވާނެއެވެ.
  2. އިންށުއަރެންސް ކުންފުންޏަށް ހުށަހަޅާފައިވާ ކްލެއިމްތަކުގެ ރަޖިސްޓަރީއެއް ނުވަތަ އޭގެ ރެކޯޑްތައް؛ އެ ރަޖިސްޓަރީގައި ނުވަތަ ރެކޯޑްތަކުގައި، ހުށަހަޅާފައިވާ ކޮންމެ ކްލެއިމްއަކާ ގުޅޭގޮތުން، ކްލެއިމްކުރި ފަރާތުގެ ނަމާއި އެޑްރެސް، ކްލެއިމްއަށް ފައިސާ ދެއްކި ތާރީހ،ް ކްލެއިމްއަށް ފައިސާ ދައްކާފައިނުވާނަމަ ފައިސާ ދައްކާފައިނުވާ ސަބަބާއި އެގޮތަށް
    ނިންމި ތާރީހް ހިމަނަންވާނެއެވެ.
  3. އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މާލީ ހިސާބުތަކާއި ރެކޯޑްތަކާއި ލިޔެކިޔުންތައް،

(ށ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް އަދި އިންށުއަރެންސް އިންޓަރމީޑިއަރީއަކުންވެސް، އެފަރާތުގެ ވިޔަފާރީގެ ކަންކަމާގުޅޭ މާލީ ހިސާބުތަކާއި އެހެނިހެން ރެކޯޑްތައް ބަހައްޓަންވާނީ ދިވެހިރާއްޖޭގައެވެ. އަދި އެފަދަ ރެކޯޑްތައް ހުންނަންވާނީ ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންނެވެ.

(ނ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް އަދި އިންށުއަރެންސް އިންޓަރމީޑިއަރީއަކުންވެސް، އެފަރާތްތަކުގެ ރެކޯޑްތައް ހަލާކުވިޔަނުދިނުމަށް، ނުވަތަ އެއަށް ގެއްލުމެއްވުން ނުވަތަ އެއަށް ބަދަލުގެނައުން ނުވަތަ ނައްތާލުން ހުއްޓުވުމަށްޓަކައި އޮތޯރިޓީން އަންގާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އެނޫންވެސް ރައްކާތެރިކަމުގެ އެކަށީގެންވާ އެހެން ފިޔަވަޅުތައް އަޅަންވާނެއެވެ.

(ރ) އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް އަދި މައުލޫމާތު ގެއްލިއްޖެނަމަ، އެ މައުލޫމާތު އަލުން ހޯދޭނެ ގޮތްތަކެއް ހަމަޖެހިފައިވާނަމަ، ބަހައްޓަންޖެހޭ ރެކޯޑްތަކާއި، ފޮތްތަކާއި، ސްޓޭޓްމަންޓްތަކާއި، ކަރުދާސްތަކާއި، ލިޔުމުން ކުރެވިފައިވާ އެކި މުއާމަލާތްތަކާއި، ކޭބަލްތަކާއި، ނޯޓިސްތަކާއި، މާލީ ހަރަކާތްތަކާބެހޭ އެހެނިހެން ކަރުދާސްތަކުގެ އަސްލު ބެހެއްޓުމުގެ ބަދަލުގައި ރައްކާކުރަން ފަސޭހަ ގޮތަކަށް، މައިކްރޯ ފިލްމުގެ ގޮތުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ނުވަތަ އެހެންވެސް ގޮތަކަށް ޓެކްނޯލޮޖީގެ ވަސީލަތެއް ބޭނުންކޮށްގެން، މި ގާނޫނުގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ބެހެއްޓިދާނެއެވެ. އެގޮތުން ރައްކާކުރަން ފަސޭހަ ގޮތަކަށް ބެހެއްޓޭ ރެކޯޑްތައް، އެ ރެކޯޑްތަކުގެ އަސްލެކޭ އެއްގޮތަށް ކޯޓުތަކުގައި ހެކިދިނުމުގައި ބޭނުންކުރެވޭނެއެވެ. އަދި އެފަދައިން ރެކޯޑްތައް ބަހައްޓަންޖެހޭ ގޮތުގެ ތަފްސީލުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

46 ވަނަ މާއްދާ - ރިޕޯޓުތަކާއި މައުލޫމާތު ހުށަހެޅުން

(ހ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް އަދި ކޮންމެ އިންށުއަރެންސް އިންޓަރމީޑިއަރީއަކުންވެސް އޮތޯރިޓީން އަންގާ ގޮތަކަށް، އަންގާ ތަފްސީލުތަކާއެކު، އަންގާ ވަގުތަކަށް، އަންގާ މައުލޫމާތާއި ލިޔެކިޔުންތަކާއި ރިޕޯޓުތައް ހުށަހަޅަންވާނެއެވެ. 

(ށ) ކޮންމެ އިންށުއަރެންސް ކުންފުންޏެއް އަދި ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއްވެސް، ކޮންމެ މާލީ އަހަރެއް ނިމޭތާ ގިނަވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތަކުގެ ކޮޕީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު އޮޑިޓަރު މެނޭޖްމަންޓަށް ސިޓީއެއް ފޮނުވާފައިވާނަމަ، އެ ސިޓީގެ ކޮޕީވެސް އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

47 ވަނަ މާއްދާ - މާލީ ހިސާބުތައް އާންމުކުރުން

ކޮންމެ މީލާދީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ ވޭތުވެދިޔަ އަހަރުގެ މާލީ ހިސާބުތައް، އޭގެ ތެރޭގައި ކޮންސޮލިޑޭޓަޑް މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ކުންފުންޏެއްނަމަ، ކޮންސޮލިޑޭޓަޑް މާލީ ހިސާބުތައް ހިމަނައި، އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް އާންމުކުރަންވާނެއެވެ.

 

 

ނުވަވަނަ ބާބު

އޮޑިޓްކުރުމާއި، އިންސްޕެކްށަން ހިންގުމާއި، މާލީ ހާލަތު ބެލުން

 

48 ވަނަ މާއްދާ - އޮޑިޓްކުރުން

(ހ) އިންށުއަރެންސް ވިޔަފާރި އޮޑިޓްކުރުމުގެ ރޮނގުން ތަޖުރިބާ ލިބިފައިވާ އަދި އެކަމަށް ގާބިލު އެކްސްޓަރނަލް އޮޑިޓަރެއް، ލައިސަންސް ލިބިފައިވާ ކޮންމެ އިންށުއަރެންސް ކުންފުންޏަކުން އަދި ލައިސަންސް ލިބިފައިވާ ކޮންމެ އިންށުއަރެންސް ބްރޯކަރަކުވެސް އައްޔަންކުރަންވާނެއެވެ. އެކްސްޓަރނަލް އޮޑިޓަރު އައްޔަންކުރަންވާނީ ހިއްސާދާރުންގެ އާންމު ޖަލްސާއެއްގައި، ކުންފުނީގެ ހިއްސާދާރުންނެވެ. އެކްސްޓަރނަލް އޮޑިޓަރުކަމަށް އައްޔަންކުރަންވާނީ އޮތޯރިޓީން ގަބޫލުކުރާ ލައިސަންސްޑް އޮޑިޓަރެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮޑިޓްކުރުމަށް އައްޔަންކުރެވޭ އެކްސްޓަރނަލް އޮޑިޓަރާއެކުވެވޭ އެއްބަސްވުމުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. އެކްސްޓަރނަލް އޮޑިޓަރުން ތައްޔާރުކުރާ ހުރިހާ ރިޕޯޓުތަކާއި އޮޑިޓްކުރުމަށް ބޭނުންކުރެވޭ މަސައްކަތު ކަރުދާސްތައް އޮތޯރިޓީއަށް ހުށަހެޅުމަށް އޮތޯރިޓީން އެދިއްޖެ ހިނދެއްގައި، އެ ލިޔުންތައް އޮތޯރިޓީއަށް ހުށަހެޅުމަށް؛
  2. އޮޑިޓްކުރެވޭ ކުންފުންޏާ ގުޅޭގޮތުން އިތުރު މަސައްކަތެއް ކުރުމަށް ނުވަތަ އިތުރު ރިޕޯޓެއް ތައްޔާރުކުރުމަށް އޮތޯރިޓީން އެކްސްޓަރނަލް އޮޑިޓަރަށް އަންގައިފި ހިނދެއްގައި، އެކަންކަން ކުރުން.

(ނ) އޮޑިޓަރުގެ ގޮތުގައި ހަރަކާތްތެރިވުމުގައި، އޮޑިޓްކުރެވޭ ކުންފުންޏާ ގުޅޭގޮތުން ލިބޭ މައުލޫމާތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެފައިވާކަމަށް އޮޑިޓަރަށް ފެންނަނަމަ، އެކަން ވަގުތުން އޮތޯރިޓީއަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް އަންގަންވާނެއެވެ.

  1. ކުންފުނި ސޮލްވަންޓް ނޫންކަން ނުވަތަ ސޮލްވަންޓް ނުވުމާ ގާތްކަން ނުވަތަ ކުންފުނީގެ ޒިންމާތައް އުފުލުމަށް ނުކުޅެދުން ގާތްކަން؛
  2. ކުންފުނިން ނުވަތަ އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެގްޒެކެޓިވް އޮފިސަރެއް ނުވަތަ އެހެންވެސް މުވައްޒަފެއް ޖިނާއީ ކުށެއް ކޮށްފައިވާކަން ނުވަތަ ކުރަމުން ގެންދާކަން ނުވަތަ ގާނޫނުތަކާ ނުވަތަ ގަވާއިދުތަކާ ހިލާފުވެފައިވާކަން ނުވަތަ ހިލާފުވާކަމަށް ނުވަތަ ހިލާފުވެދާނެކަމަށް ބެލެވޭނަމަ އެކަން؛
  3. ކުންފުނި ހަރުދަނާ އަދި ރައްކާތެރި ގޮތުގައި ހިންގުމަށްޓަކައި އަމަލުކުރުމަށް، މި ގާނޫނުގައި އަދި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ކަމަކާ ހިލާފުވެފައިވާކަން ނުވަތަ އެއިން ކަމަކަށް ފުރިހަމައަށް އަމަލުކުރަމުން ނުދާކަން؛
  4. ކުންފުނީގެ މާލީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ލިބިދޭ ބޮޑެތި ނުރައްކާތަކަކަށް ހުށަހެޅިދާނެ މިންވަރަށް އެ ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލްތައް ހީނަރުވެފައިވާކަން؛
  5. ކުންފުނީގެ ހަރަކާތްތައް ހިންގުމުގައާއި އިދާރީ ކަންތައްތައް ކުރުމުގައި އާދަޔާ ހިލާފު އަދި އެކަމެއްގެ ސަބަބުން ކުންފުންޏަށް އެކަށީގެންނުވާފަދަ ގެއްލުމެއް ލިބިދާނެ ކަމެއް ހިނގާފައިވުން ނުވަތަ ހިނގާކަމަށް ބެލެވުން.

(ރ) އޮޑިޓަރެއް ނުވަތަ ކުރީގެ އޮޑިޓަރެއް، ހެޔޮ ނިޔަތުގައި މި މާއްދާގެ ދަށުން އޮތޯރިޓީއަށް އެއްވެސް ރިޕޯޓެއް ނުވަތަ މައުލޫމާތެއް ހުށަހަޅައިފި ހިނދެއްގައި އެފަރާތުން އަމަލުކުރަންޖެހޭ އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ އެއްބަސްވުމަކާ ނުވަތަ އެފަންނުގެ ސުލޫކީ މިންގަނޑަކާ އެފަރާތުން ހިލާފުވީ ކަމުގައެއް ނުބެލެވޭނެއެވެ. އަދި އޮތޯރިޓީއަށް އެއްވެސް ރިޕޯޓެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމުގެ ސަބަބުން އެފަރާތުގެ މައްޗަށް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުކުރެވޭނެއެވެ. ނުވަތަ އިދާރީ ފިޔަވަޅެއް ނޭޅޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން އޮޑިޓްކުރުމަށް އައްޔަންކުރަން ގަސްދުކުރާ ނުވަތަ އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރަކީ ނުވަތަ އޮޑިޓް ފާރމުގެ އެއްވެސް މެންބަރަކީ އެ ކުންފުނީގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެގްޒެކެޓިވް އޮފިސަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އޭޖެންޓެއް ނުވަތަ އެ ކުންފުނި ތަމްސީލުކުރާ ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެ ކުންފުނީގައި އެކްސްޓަރނަލް އޮޑިޓަރުގެ މަސްލަހަތެއް އޮވެގެން ނުވާނެއެވެ. އެ ކުންފުނީގައި އޮޑިޓަރުގެ މަސްލަހަތެއް އުފެދިއްޖެނަމަ، އެ މަސްލަހަތެއް އުފެދުނު ގޮތުގެ ތަފްސީލު ވީ އެންމެ އަވަހަކަށް އޮތޯރިޓީއަށް ލިޔުމުން އަންގައި، އެކްސްޓަރނަލް އޮޑިޓަރުކަމުގައި އައްޔަންކުރުމަށް ނުވަތަ ދެމިހުރުމަށް އޮތޯރިޓީގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އެކްސްޓަރނަލް އޮޑިޓަރުކަމުގައި އެފަރާތް އައްޔަންކޮށްގެން ނުވަތަ ދަމަހައްޓައިގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރު އަންނަނިވި ކަންކަން ކުރުމަށް އޮތޯރިޓީއަށް އެންގިދާނެއެވެ.

  1. އޮޑިޓްކުރުމާގުޅޭ އޮތޯރިޓީއަށް ފެންނަ އިތުރު މައުލޫމާތު ހުށަހެޅުމަށް؛
  2. އޮޑިޓްކުރުމަށް ކަނޑައަޅާފައިވާ ދާއިރާ ފުޅާކުރުމަށް ނުވަތަ ކަނޑައަޅާފައިވާ ކަންކަން އިތުރުކުރުމަށް؛
  3. މާލީ އަދި އެކައުންޓިންގއާބެހޭ ނިޒާމުތައް ހަމަޖެހިފައިވާ ގޮތާއި، އިންޓަރނަލް ކޮންޓްރޯލްތަކާބެހޭ ރިޕޯޓެއް އޮތޯރިޓީއަށް ހުށަހެޅުމަށް؛ ނުވަތަ 
  4. ގަވާއިދުތަކާއި އިރުށާދުތަކާ އެއްގޮތްވާގޮތަށް، މަނީ ލޯންޑްރިންގއާއި ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމަށް އިންށުއަރެންސް ކުންފުނިން
    އެކަށީގެންވާ ފިޔަވަޅުތައް ކަނޑައަޅާފައިވާކަން ނުވަތަ ނޫންކަން، އަދި އެ ފިޔަވަޅުތަކަށް އަމަލުކުރަމުންދޭތޯ ނުވަތަ ނޫންތޯ ބަލައި، ކަމާބެހޭގޮތުން އޮތޯރިޓީއަށް ރިޕޯޓެއް ހުށަހެޅުމަށ.ް

(ކ) އޮތޯރިޓީން ކަނޑައަޅާ ވަކި ކަމަކާ ގުޅޭގޮތުން، އޮޑިޓަރު ނުވަތަ އޮތޯރިޓީން ކަނޑައަޅާ އެނޫންވެސް ފަރާތަކުން ރިޕޯޓެއް ތައްޔާރުކޮށް އޮތޯރިޓީއަށް ހުށަހެޅުމަށް އޮތޯރިޓީން އެ ކުންފުންޏަކަށް އެންގިދާނެއެވެ. އޭގެ ތެރޭގައި، އެ ކުންފުނީގެ އެކައުންޓިންގ ނިޒާމުގެ ފެންވަރާއި، ކުންފުނީގެ ކަންކަން ހިންގުމުގެ އުސޫލުތަކާއި، ކޮންޓްރޯލްތަކާއި، އެސެޓްތަކުގެ ކޮލިޓީއާއި ޓެކްނިކަލް ޕްރޮވިށަންތަކުގެ މިންވަރު ފަދަ ކަންކަން ހިމެނިދާނެއެވެ.

(އ) މި މާއްދާގެ (ޅ) ގެ ދަށުން އޮޑިޓަރު ކުރުމަށް އޮތޯރިޓީން އަންގާ އިތުރު ކަންތައްތައް ކުރުމަށާއި މި މާއްދާގެ (ކ) ގެ ދަށުން އޮތޯރިޓީން އަންގާ ރިޕޯޓު ތައްޔާރުކުރުމަށް ހިނގާ ހަރަދުތަކަށް ޒިންމާވާނީ އޮޑިޓަރު އައްޔަންކޮށްފައިވާ ކުންފުނިންނެވެ.

(ވ) އޮތޯރިޓީގެ ހުއްދަ ލިބިގެން މެނުވީ، އެއްވެސް ކުންފުންޏަކުން ވިދިވިދިގެން 5 (ފަހެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް އެއް ފަރާތެއް އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި އައްޔަންކޮށްގެން ނުވާނެއެވެ.

(މ) އެއްވެސް ކުންފުންޏަކުން މި ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން އޮތޯރިޓީއަށް ހުށަހަޅާ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާމެދު އަދި އޮޑިޓް ރިޕޯޓާމެދު ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، އެ ކުންފުންޏެއްގެ ހަރަދުގައި އަދި އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، މުޅިން އާ އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމަށްޓަކައި އެހެން އޮޑިޓަރެއް އައްޔަންކުރުމަށް އޮތޯރިޓީން އެ ކުންފުންޏަށް އެންގިދާނެއެވެ.

 

49 ވަނަ މާއްދާ - ހާއްސަ އޮޑިޓް

(ހ) މި ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން، ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުންޏަކުން ނުވަތަ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރަކު އައްޔަންކޮށްފައިވާ އޮޑިޓަރު ނޫން އެހެން ލައިސަންސްޑް އޮޑިޓަރެއް، އެފަރާތުގެ މާލީ ހިސާބުތަކާއި ރެކޯޑްތަކާއި އެހެނިހެން ލިޔެކިޔުންތައް އޮޑިޓްކުރުމަށްޓަކައި އޮތޯރިޓީއަށް އައްޔަންކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އޮޑިޓަރެއް އައްޔަންކޮށްފިނަމަ، އެ އޮޑިޓަރު އަންގާ ކުންފުނީގެ އެންމެހައި މާލީ ހިސާބުތަކާއި ރެކޯޑްތަކާއި ލިޔެކިޔުންތައް އޮޑިޓަރަށް ލިބޭނެ އިންތިޒާމު އެފަރާތުން ހަމަޖައްސަންވާނެއެވެ. އަދި މި މާއްދާގެ ދަށުން އޮޑިޓަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މުވައްޒަފުންގެ ކިބައިން އޮޑިޓަރު ބޭނުންވާ އެންމެހައި މައުލޫމާތު، އެފަރާތްތަކުން އޮޑިޓަރަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އޮޑިޓަރަށް ހިނގާ އެންމެހައި ހަރަދުތަކަށް ޒިންމާވާނީ އޮޑިޓަރު އައްޔަންކޮށްފައިވާ ކުންފުނިންނެވެ.

 

50 ވަނަ މާއްދާ - އޮޑިޓަރު ވަކިކުރުން

މި ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ އެހެންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ކުންފުނީގެ އޮޑިޓަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ނުވަތަ އެފަދަ މަސްއޫލިއްޔަތުތަކެއް އޮތޯރިޓީން ކަނޑައަޅާފައިވާނަމަ އެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރެވޭކަމަށް، ނުވަތަ އެނޫންވެސް ގޮތަކުން އެފަރާތަކީ ކަމަށް އެކަށޭނަ ފަރާތެއް ނޫންކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އެ އޮޑިޓަރު ވަކިކުރުމަށް އެ ކުންފުންޏަށް އޮތޯރިޓީން ލިޔުމުން އެންގިދާނެއެވެ. އޮޑިޓަރު ވަކިކުރުމަށް އޮތޯރިޓީން އަންގާ އެންގުމާ އެއްގޮތަށް އޮޑިޓަރު ވަކިކޮށް، އާ އޮޑިޓަރެއް އެ ކުންފުނިން އައްޔަންކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - އިންށުއަރެންސް އޭޖެންޓުން އޮޑިޓަރުން އައްޔަންކުރުން

(ހ) އޮތޯރިޓީގެ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މެނުވީ، ދިވެހިރާއްޖޭގައި އިންށުއަރެންސް އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ނުވާނެކަމަށް މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ކަނޑައަޅައިފިނަމަ، އެފަދައިން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ އިންށުއަރެންސް އޭޖެންޓަކު އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރެއް، އެ އޭޖެންޓަކާ ގުޅޭގޮތުން މި ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ށ) ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ އިންށުއަރެންސް އޭޖެންޓަކާ ގުޅޭގޮތުން މި ގާނޫނުގެ 48 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން އެ އޭޖެންޓް އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރު ކުރުމަށް އޮތޯރިޓީން އެންގިދާނެއެވެ. 

 

52 ވަނަ މާއްދާ - އެކްޗުއަރީ އައްޔަންކުރުން

(ހ) ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރިކުރާ ކޮންމެ ކުންފުންޏަކުން ހުރިހާ ވަގުތެއްގައިވެސް އެކްޗުއަރީއެއް އައްޔަންކޮށްފައި ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އެކްޗުއަރީއަކީ، އޮތޯރިޓީން ކަނޑައަޅާ ސިފަތަކާއި ށަރުތު ފުރިހަމަވާ އަދި އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އެކަށޭނަ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ނ) އެކްޗުއަރީގެ ގޮތުގައި ހަރަކާތްތެރިވުމުގައި އިންށުއަރެންސް ކުންފުންޏާ ގުޅޭގޮތުން ލިބޭ މައުލޫމާތަކުން، އެ އިންށުއަރެންސް ކުންފުނ،ި ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެގްޒެކެޓިވް އޮފިސަރެއް، ނުވަތަ އެއްވެސް މުވައްޒަފެއް، ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ އޮތޯރިޓީން ނެރެފައިވާ އަމުރަކާ ނުވަތަ އޮތޯރިޓީން އަންގާފައިވާ އެންގުމަކާ ހިލާފުވެފައިވާކަމަށް ނުވަތަ ހިލާފު ވެދާނެކަމަށް، އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އެކްޗުއަރީއަކަށް ގަބޫލުކުރެވޭނަމަ، އެކަމެއް އެ އެކްޗުއަރީ ވަގުތުން އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ރ) އެކްޗުއަރީގެ ގޮތުގައި ހަރަކާތްތެރިވުމުގައި އިންށުއަރެންސް ކުންފުނީގެ ވިޔަފާރިއާ ގުޅޭގޮތުން ލިބޭ މައުލޫމާތަކުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ވިޔަނުދިނުމަށް އިންށުއަރެންސް ކުންފުނިން ނުވަތަ އެފަރާތުގެ ޑިރެކްޓަރުން ފިޔަވަޅު އަޅަންޖެހޭކަމަށް އެކްޗުއަރީއަށް ފެންނަނަމަ، އެކަން އިންށުއަރެންސް ކުންފުންޏަށް އަންގަންވާނެއެވެ.

  1. މި ގާނޫނާ ނުވަތަ ގަވާއިދަކާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެވިދާނެ ކަންކަން؛
  2. އިންށުއަރެންސް ކުންފުނީގެ ޕޮލިސީހޯލްޑަރުންގެ މަސްލަހަތަށް ނޭދެވޭ އަސަރެއްކޮށްފާނެ ކަންކަން.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އެކްޗުއަރީއަކު އެ އިންށުއަރެންސް ކުންފުންޏަށް އެންގުމެއް އެންގުމުން، އެކްޗުއަރީއަށް ފެންނަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ އިންށުއަރެންސް ކުންފުނިން ފިޔަވަޅު އަޅާފައިނުވާނަމަ، އެކްޗުއަރީ އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ޅ) އެކްޗުއަރީއެއް ނުވަތަ ކުރީގެ އެކްޗުއަރީއެއް، ހެޔޮ ނިޔަތުގައި މި މާއްދާގެ ދަށުން އޮތޯރިޓީއަށް އެއްވެސް ރިޕޯޓެއް ނުވަތަ މައުލޫމާތެއް ހުށަހަޅައިފި ހިނދެއްގައި، އެފަރާތުން އަމަލުކުރަންޖެހޭ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއްބަސްވުމެއް ނުވަތަ އެފަންނުގެ ސުލޫކީ މިންގަނޑަކާ އެފަރާތުން ހިލާފުވީކަމުގައެއް ނުބެލެވޭނެއެވެ. އަދި އޮތޯރިޓީއަށް އެއްވެސް މައުލޫމާތެއް ހުށަހެޅުމުގެ ސަބަބުން އެފަރާތުގެ މައްޗަށް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުކުރެވޭނެއެވެ. ނުވަތަ އިދާރީ ފިޔަވަޅެއް ނޭޅޭނެއެވެ.

(ކ) މި މާއްދާގެ ދަށުން އިންށުއަރެންސް ކުންފުންޏެއްގެ އެކްޗުއަރީގެ ގޮތުގައި އައްޔަންކުރެވޭ ފަރާތުން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާއެއް ނުވަތަ އޮތޯރިޓީން އެހެންވެސް ޒިންމާތަކެއް ކަނޑައަޅާފައިވާނަމަ އެއިން ޒިންމާއެއް އުފުލުމަށް ނުކުޅެދިއްޖެކަމަށް ނުވަތަ އެފަރާތަކީ ކަމަށް އެކަށޭނަ ފަރާތެއް ނޫންކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އެ އެކްޗުއަރީ ވަކިކުރުމަށް އެ ކުންފުންޏަށް އޮތޯރިޓީއަށް ލިޔުމުން އެންގިދާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން އެކްޗުއަރީ ވަކިކުރުމަށް އޮތޯރިޓީން އަންގާފައިވާނަމަ، އެ އެންގުމާ އެއްގޮތަށް އެ އެކްޗުއަރީ ވަކިކޮށް، އާ އެކްޗުއަރީއެއް އިންށުއަރެންސް ކުންފުނިން އައްޔަންކުރަންވާނެއެވެ.

 

53 ވަނަ މާއްދާ - އޮޑިޓަރާއި އެކްޗުއަރީ، އަދި އެފަރާތްތަކުގެ މުވައްޒަފުން ސިއްރު ހިފެހެއްޓުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގައި ނުވަތަ ހާލަތްތަކުގައި މެނުވީ، ނުވަތަ ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ހާމަކުރަންޖެހިއްޖެ ހާލަތެއްގައި މެނުވީ، މި ގާނޫނުގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ އޮޑިޓަރެއް އަދި އެފަދަ އޮޑިޓަރެއްގެ މުވައްޒަފެއް، އަދި މި ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ އެކްޗުއަރީއެއް އަދި އެފަދަ އެކްޗުއަރީއެއްގެ މުވައްޒަފެއް، އެފަރާތެއް އައްޔަންކުރެވުނު މުއްދަތު ހަމަވެފައިވީނަމަވެސް، އެފަރާތުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެނގިގެންދާ އެއްވެސް މައުލޫމާތެއް، އޮތޯރިޓީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. މި މަނާކުރުމުގެ ތެރޭގައި، އޮޑިޓަރެއް ނުވަތަ އެކްޗުއަރީއެއްގެ މުވައްޒަފަކަށް އެނގިގެންދާ މައުލޫމާތު އެ އޮޑިޓަރަކަށް ނުވަތަ އެކްޗުއަރީއަކަށް ހާމަކުރުމެއް ނުހިމެނޭނެއެވެ.

 

54 ވަނަ މާއްދާ - މާލީ ހާލަތު ބެލުން

(ހ) ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރިކުރާ ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، ކޮންމެ މާލީ އަހަރެއް ނިމުމުން، އައްޔަންކޮށްފައިވާ އެކްޗުއަރީ މެދުވެރިކޮށް އެފަރާތުގެ ޕޮލިސީހޯލްޑަރ ލަޔަބިލިޓީ ހިމެނޭގޮތުން މާލީ ހާލަތު ބަލައި، އޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ ވަގުތަކަށް، މާލީ ހާލަތުގެ ރިޕޯޓު ހުށަހަޅަންވާނެއެވެ.

(ށ) ( ޖެނެރަލް އިންށުއަރެންސް ވިޔަފާރިކުރާ ފަރާތެއްގެ މާލީ ހާލަތު އެކްޗުއަރީއެއް މެދުވެރިކޮށް ބެލުމަށް އޮތޯރިޓީން އަންގައިފިނަމަ، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން އެކަން ބެލުމަށްފަހު، އޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ ވަގުތަކަށް މާލީ ހާލަތުގެ ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

55 ވަނަ މާއްދާ - އިންސްޕެކްށަން

(ހ) އިންށުއަރެންސް ކުންފުންޏެއްގެ ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއެއްގެ ވިޔަފާރި ހިނގާ ގޮތާއި، ވިޔަފާރީގެ ހާލަތާއި، މެނޭޖްމަންޓުގެ ގާބިލުކަމާއި ހިންގުންތެރިކަމާއި، ރިސްކު މެނޭޖްމަންޓް ޕޮލިސީތަކާއި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ މިންވަރާއި އަދި މިނޫންވެސް ބަލަންޖެހޭކަމަށް އޮތޯރިޓީއަށް ފެންނަ ކަންތައްތައް ބެލުމަށް އޮތޯރިޓީގެ މުވައްޒަފުން ނުވަތަ އޮތޯރިޓީން އައްޔަންކުރާ ފަރާތެއް މެދުވެރިކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ހާލަތްތަކުގައި، އެފަރާތެއްގެ އޮންސައިޓް އިންސްޕެކްށަން ހިންގިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ބަލައި ފާސްކުރާ އިންސްޕެކްޓަރުން އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހަދާ އިންސްޕެކްށަނެއްގައި، އިންސްޕެކްށަން ހަދާ އިންށުއަރެންސް ކުންފުނީގެ ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީގެ ރެކޯޑްތަކާއި ހިސާބުތަކާއި ލިޔެކިޔުންތަކުގެ އަސްލު ނުވަތަ ކޮޕީ ނެގިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން އޮތޯރިޓީން އޮންސައިޓް އިންސްޕެކްށަންގެ ބޭނުމަށް އެދޭ ކޮންމެ މައުލޫމާތެއް، ރެކޯޑެއް، ހިސާބެއް، ލިޔެކިޔުމެއް އަދި ހެއްކެއް، އިންސްޕެކްށަން ހަދާ ފަރާތްތަކަށްއެ އިންސްޕެކްށަން ނިސްބަތްވާ އިންށުއަރެންސް ކުންފުނިން ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއިން ފޯރުކޮށްދޭންވާނެއެވެ. އަދި އެދޭ މައުލޫމާތާއި ތަކެތި ހުށަހަޅާއިރު ނުވަތަ ފޯރުކޮށްދޭއިރު އެ ތަކެތީގެ ތެދުކަން ލިޔުމަކުން އަންގައިދޭންޖެހޭފަދަ ހާލަތްތަކުގައި، އެފަދަ ލިޔުމެއްވެސް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން އޮތޯރިޓީން އޮންސައިޓް އިންސްޕެކްށަންގެ ބޭނުމަށް އެދޭ މައުލޫމާތާއި ރެކޯޑްތަކާއި ހިސާބުތަކާއި ލިޔެކިޔުންތަކާއި ހެކިތައް ހުރީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށްވާނަމަ، އެފަރާތަކުން، އިންސްޕެކްށަން ހަދާ ފަރާތްތަކަށް އެ މައުލޫމާތާއި ރެކޯޑްތަކާއި ހިސާބުތަކާއި ލިޔެކިޔުންތަކާއި ހެކިތައް ފޯރުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހަދާ އިންސްޕެކްށަނަކާ ގުޅިގެން އިންސްޕެކްށަން ހަދާ ފަރާތުން އެދޭ އެއްވެސް މައުލޫމާތެއް ނުވަތަ ރެކޯޑެއް ނުވަތަ ހިސާބެއް ނުވަތަ ލިޔެކިޔުމެއް އަދި ހެއްކެއް، އެކަށީގެންވާ އުޒުރެއް ނެތި އެއްވެސް ފަރާތަކުން
ފޯރުކޮށްދީފައިނުވާނަމަ، އެފަރާތެއް އެ މައުލޫމާތެއް ފޯރުކޮށްދެންދެން އެ ތާރީހާ ހަމައަށް، ކޮންމެ ދުވަހަކަށް 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
އިންސްޕެކްށަންގެ އިތުރުން (ކ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މި ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މަނާކުރާ ކަމެއް އެއްވެސް ފަރާތަކުން ކުރާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ގޮސް ނުވަތަ އެފަރާތުގެ ފޮތްތަކާއި މާލީ ހިސާބުތަކާއި ރެކޯޑްތައް އޮތޯރިޓީއަށް ހުށަހެޅުމަށް އަންގައި، އެ ތަކެތި ގެނުވައިގެން އެ ތަކެތި ބެލުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. 

(އ) މި މާއްދާގެ (ކ) ގެ ދަށުން އޮތޯރިޓީން އެއްވެސް ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ވަނުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިފިނަމަ، އެތަނަކަށް ވަނުމަށް ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެއެވެ. އަދި އެފަދައިން އޮތޯރިޓީން އެދިއްޖެ ހާލަތެއްގައި ފުލުހުންގެ އެހީ ތެރިކަން އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ.

 

 

ދިހަވަނަ ބާބު

މާކެޓް ކޮންޑަކްޓް އަދި ޑިސްޕިއުޓް ރިޒޮލިއުށަން

 

56 ވަނަ މާއްދާ - މާކެޓް ކޮންޑަކްޓްއާގުޅޭ ގަވާއިދު ހެދުން

ޕޮލިސީހޯލްޑަރުން އަދި މުސްތަގުބަލުގައި ޕޮލިސީހޯލްޑަރުންނަށް ވެދާނެ ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި އަންނަނިވި ކަންކަން ހިމެނޭގޮތަށް ގަވާއިދުތަކާއި އުސޫލުތަކާއި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް އެކުލަވާލައި، އޮތޯރިޓީއަށް އާންމުކުރެވިދާނެއެވެ.

(ހ) އިންށުއަރެންސް ޕޮލިސީގެ ށަރުތުތަކާއި ހަމަތައް ސާފުކޮށްދީ ހާމަކޮށްދިނުން؛

(ށ) އެކަށީގެންވާ އަގު ކަނޑައެޅުން؛

(ނ) ކުންފުނީގެ ޕޮލިސީހޯލްޑަރުންނާމެދު އިންސާފުވެރިކޮށް އަމަލުކުރުން؛

(ރ) އިންށުއަރެންސް ކުންފުނިތަކުން ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ބ) ށަކުވާއާއި މައްސަލަ ބެލޭނެ އެކަށީގެންވާ ނިޒާމެއް ގާއިމުކުރުނ.

 

57 ވަނަ މާއްދާ - ވަކި އިންށުއަރެންސް ކުންފުންޏެއްގެ އިންށުއަރެންސް ޕޮލިސީ ނެގުން ށަރުތުކުރުން މަނާކުރުން

(ހ) ވަކި އިންށުއަރެންސް ކުންފުންޏަކުން އިންށުއަރެންސް ޕޮލިސީއެއް ނެގުމަށް ނުވަތަ ވަކި އިންށުއަރެންސް ކުންފުންޏެއްގެ އިންށުއަރެންސް ޕޮލިސީއަކަށް ފައިސާ ދެއްކުމަށް ނުވަތަ ވަކި އިންށުއަރެންސް ކުންފުންޏެއްގެ އިންށުއަރެންސް ޕޮލިސީއަކަށް ދައްކާ ފައިސާ ރީއިމްބަރސްކުރުމަށް، މާލީ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރުގެ މޭޖަރ ހިއްސާ އޮންނަ ކުންފުންޏަކުން، އެހެން ފަރާތެއްގެ މައްޗަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، ށަރުތުކޮށްގެން ނުވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން ހިދުމަތެއް ފޯރުކޮށްދިނުމުގައި ވަކި އިންށުއަރެންސް ކުންފުންޏެއްގެ އިންށުއަރެންސް ޕޮލިސީއެއް ނެގުމަށް ކަސްޓަމަރަށް ލަފާދޭނަމަ އަދި އެ ކުންފުންޏެއްގެ އިންށުއަރެންސް ޕޮލިސީ ނެގުމުން ހިދުމަތް ފޯރުކޮށްދޭ ފަރާތަށް އެއްވެސް ކޮމިށަނެއް ނުވަތަ ފީއެއް ލިބޭނަމަ، އެކަންއެ ކަސްޓަމަރަށް އަންގަންވާނެއެވެ. 

 

58 ވަނަ މާއްދާ - ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީ އުފެއްދުން

(ހ) އިންށުއަރެންސް ކުންފުންޏަކާއި ޕޮލިސީހޯލްޑަރާ ދެމެދު އިންށުއަރެންސް ޕޮލިސީއަކާ ގުޅޭގޮތުން އުފެދޭ ދެބަސްވުންތައް ނުވަތަ މައްސަލަތައް ހައްލުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީތަކެއް އޮތޯރިޓީއަށް އެކުލަވާލެވިދާނެއެވެ. އަދި އޮތޯރިޓީން އެކުލަވާލާފައިވާ މިފަދަ ކޮމިޓީއެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އުވާލެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކޮމިޓީތައް އުފެއްދުމުގައި އެ ކޮމިޓީތަކުން ބެލޭނެ މައްސަލަތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީތައް އެކުލަވާލެވޭނެ ގޮތާއި އެ ކޮމިޓީތަކުން ބަލާނެ މައްސަލަތަކުގެ ބާވަތާއި، މައްސަލަ ހުށަހެޅޭނެ މުއްދަތާއި، އެ ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތަކާއި ސިފަތަކާއި، އެ މެންބަރުން ވަކިކުރެވޭނެ ހާލަތްތަކާއި، އެ ކޮމިޓީތައް އުވާލެވޭނެ ހާލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީއަކަށް މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތަކުން މައްސަލަ ހުށަހަޅާނެ ގޮތާއި، އެއްވެސް މެންބަރެއްގެ ޒާތީ މަސްލަހަތާ ފުށުއަރާނަމަ އަމަލުކުރާނެ ގޮތާއި، އެ ކޮމިޓީއަކުން މައްސަލަތައް ބަލާނެ ގޮތުގެ އިޖުރާއަތުތަކާއި މައްސަލަތައް ބަލާ ނިންމަންޖެހޭނެ މުއްދަތުތައް ހިމަނަންވާނެއެވެ. އަދި އެ ގަވާއިދުގައި، މައްސަލައެއް ހުށަހަޅާއިރު ދައްކަންޖެހޭ ފީއެއް ނުވަތަ ފީތަކެއް ކަނޑައެޅުމުގެ ބާރުވެސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ބ) އެއްވެސް އިންށުއަރެންސް ކޮންޓްރެކްޓެއްގައި، މި ގާނޫނުގެ ދަށުން އުފައްދާ ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަކަށް، އެ ކޮންޓްރެކްޓަކާ ގުޅިގެން ދިމާވާ އެއްވެސް މައްސަލައެއް ހުށަނޭޅޭނެކަމަށް ށަރުތުކޮށްގެން ނުވާނެއެވެ. އަދި، އެ ކޮންޓްރެކްޓެއްގައި އެފަދައިން ށަރުތުކޮށްފައިވާނަމަ، ކޮންޓްރެކްޓްގެ އެ ށަރުތެއް ވާނީ ބާތިލު ށަރުތަކަށެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، އިންށުއަރެންސް ޕޮލިސީއާ ގުޅޭގޮތުން އުފެދޭ މައްސަލައެއް ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަކަށް ހުށަހެޅުމުގެ ހައްގު ލިބިދެނީ، ދެފަރާތުން ސުލްހަވެރިކޮށް ވާހަކަ ދައްކައިގެން މައްސަލަ ހައްލުނުވެއްޖެ ހިނދެއްގައިކަމަށް ކޮންޓްރެކްޓެއްގައި ށަރުތުކުރެވިދާނެއެވެ. އެހެންނަމަވެސް، މައްސަލަ އުފެދޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުނުވެއްޖެނަމަ، އެ މައްސަލައެއް ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު ޕޮލިސީހޯލްޑަރަށް ލިބިގެންވެއެވެ.

 

59 ވަނަ މާއްދާ - ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

(ހ) ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީތަކުން މައްސަލަތައް ނިންމަންވާނީ ހެޔޮ ނިޔަތުގައި، ވަކި ފަރާތަކަށް ޖެހުމެއް ނެތިއެވެ.

(ށ) ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަކުން ބަލާ މައްސަލައެއްގައި، ކޮމިޓީގެ އެއްވެސް މެންބަރަކަށް ނުފޫޒު ފޯރުވުމަކީ އަދި ފޯރުވަން މަސައްކަތްކުރުމަކީ މަނާކަމެކެވެ.

(ނ) ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަކަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އިންށުއަރެންސް ކުންފުންޏެއްގެ ހިންގުން ހަރުދަނާ ނޫންކަމަށް ނުވަތަ ޖިނާއީ މައްސަލައެއް ހިނގާކަމަށް އެ ކޮމިޓީއަށް ފާހަގަކުރެވޭނަމަ، އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ. އަދި އެފަދައިން ކޮމިޓީން ބަލާ މައްސަލައެއްގައި ޖިނާއީ އަމަލެއް ހިމެނޭކަމަށް ބެލެވޭނަމަ، އެކަމެއް ތަހްގީގީ އިދާރާތަކަށް ފޮނުވުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން، ކުރަންޖެހޭ ކަމެއް ކުރުމުގައި ނުވަތަ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއެއްގެ މެންބަރަކު ހެޔޮ ނިޔަތުގައި، އެކަމަށް އެކަށީގެންވާ ފަރުވާތެރިކަމާއެކު ކުރާ ކަމަކާ ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާ ގުޅިގެން ލިބޭ ގެއްލުމަކަށް އެ މެންބަރަކު ޒާތީގޮތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

(ބ) ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ބަޔާން ނެގުމާއި، ހެކި ހޯދުމުގެ ބާރު އެ ކޮމިޓީއަކަށް ލިބިގެންވެއެވެ.

(ޅ) ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަކަށް މައްސަލަ ބެލުމުގެ ތެރޭގައި ލިބޭ ހުރިހާ މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެކެވެ. އެ ކޮމިޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުން އެ މައުލޫމާތުތައް، އޮތޯރިޓީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

60 ވަނަ މާއްދާ - ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީގެ ނިންމުންތަކަށް އަމަލުކުރުން

(ހ) ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަކަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން އެ ކޮމިޓީއަކުން ނިންމާ ނިންމުންތަކަށް އަމަލުކުރުން އިންށުއަރެންސް ކުންފުނިތަކުގެ މައްޗަށް ލާޒިމުވާނެއެވެ.

(ށ) ޑިސްޕިއުޓް ރިޒޮލިއުށަން ކޮމިޓީއަކަށް ހުށަހެޅޭ މައްސަލައެއްގައި އެ ކޮމިޓީއަކުން ނިންމާފައިވާ ނިންމުމަކީ، ގާނޫނަކާ ހިލާފު ނިންމުމެއްކަމަށް ނުވަތަ ވަކި ފަރާތެއްގެ ނުފޫޒު ފޯރުވައިގެން ނުބައި ނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް، އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އިންށުއަރެންސް ކުންފުންޏަށް ގަބޫލުކުރެވޭނަމަ، އެ މައްސަލަ އަލުން ބަލައިދިނުމަށް އެދި، ލިޔުމުން ސަބަބު ބަޔާންކޮށް، އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަލުން މައްސަލަ ބަލައިދިނުމަށް އެދިއްޖެނަމަ، އިންށުއަރެންސް ކުންފުނިން އެކަމަށް އެދި ހުށަހަޅާތާ 30 (ތިރީސް) މަސައްކަތު ދުވަހުގެ ތެރޭގައި މައްސަލަ ބެލުމަށްފަހު އޮތޯރިޓީން ގޮތެއް ނިންމައި، އެ ނިންމުން އިންށުއަރެންސް ކުންފުންޏަށާއި ޕޮލިސީހޯލްޑަރަށް އަންގަންވާނެއެވެ. 

 

 

އެގާރަވަނަ ބާބު

ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓަރ އައްޔަންކުރުން

 

61 ވަނަ މާއްދާ - ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓަރ އައްޔަންކުރުމަށް ނިންމުން

(ހ) އެއްވެސް އިންށުއަރެންސް ކުންފުންޏަކަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، އެފަރާތެއްގެ ކޮންޓްރޯލް އަދި އެފަރާތެއްގެ ވިޔަފާރި ހިންގުން އޮތޯރިޓީއަށް ނެގިދާނެއެވެ. ނުވަތަ އޮތޯރިޓީން ކަނޑައަޅާ ށަރުތުތަކަކާއެކު އެ ކުންފުންޏަކަށް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރެވިދާނެއެވެ.

  1. ޕޮލިސީހޯލްޑަރުންގެ މަސްލަހަތަށް ނުވަތަ އާންމު މަސްލަހަތަށް އުނިކަން އަންނާނެފަދަ ގޮތަކަށް އެފަރާތުން ވިޔަފާރި ހިންގަމުން ގެންދިޔުން؛
  2. އަރަންޏަށްވުރެ ދަރަނި ގިނަވެފައިވުން ނުވަތަ މުސްތަގުބަލުގައި އަރަންޏަށްވުރެ ދަރަނި ގިނަވެދާނެކަމަށް ބެލެވުން، ނުވަތަ މާލީ ޒިންމާތައް އަދާނުކުރެވުން ނުވަތަ މުސްތަގުބަލުގައި އަދާނުކުރެވިދާނެކަމަށް ބެލެވުން؛
  3. މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އިރުށާދަކާ ހިލާފުވުން؛
  4. އެފަރާތުގެ ޒިންމާތަކާއި، މަސައްކަތްތަކާއި، ހަރަކާތްތައް ހަރުދަނާ އަދި ރައްކާތެރި ގޮތަކަށް ހިންގުމަށް އެކަށޭނަ ވަރަށްވުރެ އެފަރާތުގެ ރައުސްމާލު މަދުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ އިތުރުން އާންމު މަސްލަހަތަށްޓަކައި، އިންށުއަރެންސް ކުންފުންޏެއްގެ ވިޔަފާރި ހިންގުން އޮތޯރިޓީއަށް ނެގިދާނެއެވެ. އަދި، އާންމު މަސްލަހަތަށްޓަކައި، އެއްވެސް އިންށުއަރެންސް ކުންފުންޏަކަށް، އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރަން ޖެހިއްޖެކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، އޮތޯރިޓީން އެ ކުންފުންޏަކަށް، އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އެއްވެސް އިންށުއަރެންސް ކުންފުންޏެއްގެ ވިޔަފާރި ހިންގުން އޮތޯރިޓީއަށް ނަގާފައިވާނަމަ، އެ ވިޔަފާރި ހިންގުމާ ގުޅިގެން އޮތޯރިޓީން ހިނގާ ނުވަތަ ކުރަންޖެހޭ ހަރަދުތަކަށް ޒިންމާވާނީ އެ ކުންފުންޏަކުންނެވެ.

 

62 ވަނަ މާއްދާ - އެޑްމިނިސްޓްރޭޓަރ އައްޔަންކުރުން

(ހ) އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމަށް އޮތޯރިޓީން ނިންމާ ނިންމުން އޮންނަންވާނީ ލިޔުމަކުންނެވެ. އަދި އެ ލިޔުމުގައި އޮތޯރިޓީން އެގޮތަށް ނިންމި ސަބަބުތަކާއި އެޑްމިނިސްޓްރޭޓަރެއްގެ ށަރުތުތަކާއި އެޑްމިނިސްޓްރޭޓަރ ކުރުމަށް ކަނޑައަޅާފައިވާ މައިގަނޑު މަސައްކަތްތަކާއި، ވާޖިބުތަކާއި، ބާރުތަކާއި، އައްޔަންކުރެވޭ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އެޑްމިނިސްޓްރޭޓަރ އައްޔަންކުރިކަމުގެ ލިޔުން، ލަސްނުކޮށް އޮތޯރިޓީން އެޑްމިނިސްޓްރޭޓަރ އައްޔަންކުރެވުނު ކުންފުންޏަށް ހުށަހަޅަންވާނެއެވެ.

(ށ) އައްޔަންކުރެވޭ އެޑްމިނިސްޓްރޭޓަރެއް، އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ށަރުތު ހަމަނުވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އޭނާގެ ބަދަލުގައި އެހެން އެޑްމިނިސްޓްރޭޓަރެއް އޮތޯރިޓީން އައްޔަންކުރަންވާނެއެވެ.

(ނ) އެޑްމިނިސްޓްރޭޓަރގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅައި، އެ މުސާރައާއި އިނާޔަތްތައް ދޭނީ އޮތޯރިޓީންނެވެ. އެހެންނަމަވެސް، އެޑްމިނިސްޓްރޭޓަރ އައްޔަންކުރުމާ ގުޅިގެން އޮތޯރިޓީން ކުރަންޖެހޭ ހަރަދުތަކަށް ޒިންމާވާނީ އެޑްމިނިސްޓްރޭޓަރ އައްޔަންކުރެވިފައިވާ ކުންފުނިންނެވެ.

(ރ) އެޑްމިނިސްޓްރޭޓަރަށް ލިބިގެންވާ ބާރުތައް ބޭނުންކުރުމުގައާއި، އެޑްމިނިސްޓްރޭޓަރގެ މަސައްކަތްތަކާއި، މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖަވާބުދާރީވާނީ ހަމައެކަނި އޮތޯރިޓީއަށެވެ. އެޑްމިނިސްޓްރޭޓަރ ކުރަންވާނީ ހަމައެކަނި އޮތޯރިޓީން އެޑްމިނިސްޓްރޭޓަރ ކުރުމަށް ކަނޑައަޅާ މަސައްކަތްތަކެވެ. އަދި އެޑްމިނިސްޓްރޭޓަރ އަމަލުކުރަންވާނީ ހަމައެކަނި އޮތޯރިޓީން ކަނޑައަޅާ ގަވާއިދުތަކާއި އިރުށާދުތަކާއި އަމުރުތަކަށެވެ.

 

63 ވަނަ މާއްދާ - ވިޔަފާރި ހިންގުން ނެގުމާ ގުޅިގެން، އަދި އެޑްމިނިސްޓްރޭޓަރ އައްޔަންކުރުމާ ގުޅިގެން އަންނަ ބަދަލުތައް

(ހ) އޮތޯރިޓީން އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރިކަމުގެ ނިންމުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އެ ނިންމުމެއް ނިންމި ވަގުތުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފެށޭނެއެވެ.

(ށ) އިންށުއަރެންސް ކުންފުންޏަކަށް އޮތޯރިޓީން އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމަށްފަހު ނުވަތަ އެތަނެއްގެ ވިޔަފާރި ހިންގުން އޮތޯރިޓީން ނެގުމަށްފަހު، އާންމުކޮށް ހިންގުމުގައި ނިންމަންޖެހޭ ނިންމުންތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވަނީ އެޑްމިނިސްޓްރޭޓަރަށް ނުވަތަ އޮތޯރިޓީއަށެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންނަށް އާންމު ޖަލްސާތަކުގައި ހިންގުމާގުޅޭ އެއްވެސް ނިންމުމެއް ނިންމުމުގެ ބާރު ލިބިގެނެއްނުވެއެވެ. މީގެ ތެރޭގައި، އެސެޓްތައް ވިއްކުން، ރައްކާތެރި އަދި ދަރަނިވެރި ނުވާނޭގޮތަށް ހާލަތު ބެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންފަދ،ަ ހިއްސާދާރުންގެ އާންމު ޖަލްސާތަކުގައި ނިންމާ ނިންމުންތައް ހިމެނެއެވެ.

(ނ) އިންށުއަރެންސް ކުންފުންޏަކަށް އޮތޯރިޓީން އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމުން ނުވަތަ އެ ކުންފުންޏެއްގެ ވިޔަފާރި ހިންގުން އޮތޯރިޓީން ނެގުމުން، އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑަށާއި އެގްޒެކެޓިވް އޮފިސަރުންނަށް ލިބިގެންވާ ބާރުތައް ހިފެހެއްޓި، އެ ބާރުތައް އައްޔަންކުރެވުނު އެޑްމިނިސްޓްރޭޓަރަށް ނުވަތަ އޮތޯރިޓީއަށް ލިބިދެވޭނެއެވެ. އެ ބާރުތައް އެހެން ފަރާތަކާ ހަވާލު ނުކުރެވޭނެކަމަށް ލިޔުމަކުން އޮތޯރިޓީން ނާންގާހާ ހިނދަކު، އެ ބާރުތަކުގެ ތެރެއިން އެހެން ފަރާތަކާ ހަވާލުކުރަންޖެހޭކަމަށް ނުވަތަ ހަވާލުކުރުން އެކަށީގެންވާކަމަށް އެޑްމިނިސްޓްރޭޓަރަށް ފެންނަ ބާރުތައް، އެގްޒެކެޓިވް އޮފިސަރުންނަށާއި، މުވައްޒަފުންނަށް އަދި އެހެން ފަރާތްތަކަށް ހަވާލުކުރެވިދާނެއެވެ.

(ރ) އިންށުއަރެންސް ކުންފުންޏަކަށް އޮތޯރިޓީން އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމަށްފަހު ނުވަތަ އެ ކުންފުންޏެއްގެ ވިޔަފާރި ހިންގުން އޮތޯރިޓީން ނެގުމަށްފަހު، އެ ކުންފުނިން، ނުވަތަ އެ ކުންފުނީގެ ފަރާތުން އެހެން ފަރާތެއް އަޅާ ފިޔަވަޅުތަކަކީ ނުވަތަ ކުރާ ކަންތައްތަކަކީ ބާތިލު ކަންތައްތަކެވެ. އެހެންނަމަވެސް އެޑްމިނިސްޓްރޭޓަރ ނުވަތަ އޮތޯރިޓީން އަޅާ ފިޔަވަޅުތައް ނުވަތަ، އެޑްމިނިސްޓްރޭޓަރގެ ނުވަތަ އޮތޯރިޓީގެ ހުއްދަ ލިބިގެން އަޅާ ފިޔަވަޅުތައް ބާތިލެއް ނުވާނެއެވެ.

 

64 ވަނަ މާއްދާ - ކޮންޓްރޯލް ނެގުން

(ހ) އިންށުއަރެންސް ކުންފުންޏަށް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމާއެކު، ވަގުތުން، އެ ކުންފުންޏާ ހަވާލުވެ، އެފަރާތުގެ އެސެޓްތަކާއި ފޮތްތައް، އަދި އެހެން ރެކޯޑްތައް ހޯދައި ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ. އަދި ވައްކަންކުރުމާއި އެހެންވެސް ނަހަމަ ގޮތްގޮތުން އެސެޓްތައް އެކަށީގެންނުވާ ގޮތަކަށް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެކަށީގެންވާ ގޮތަކަށް ވިޔަފާރި ހިންގަންވާނެއެވެ.

(ށ) އެޑްމިނިސްޓްރޭޓަރަށް އެއްވެސް ދަތިކަމަކާ ނުލައި، އިންށުއަރެންސް ކުންފުނީގެ އޮފީސްތަކަށް ވަދ،ެ އެސެޓްތަކާއި، ފޮތްތަކާއި، ރެކޯޑްތައް އަދި އެހެނިހެން ލިޔެކިޔުންތަކާއި އެހެނިހެން ރެކޯޑްތައް ބަލައި އެ ތަކެތި ކޮންޓްރޯލްކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެތި ހޯދުމަށާއި، އެޑްމިނިސްޓްރޭޓަރގެ ބާރުގެ ދަށަށް ގެނައުމަށް އެހީތެރިވުމަށާއި، ވިޔަފާރި ހިންގާ އިމާރާތުގެ ތެރެއަށް ވަނުމަށް އެހީތެރިވެދިނުމަށް އެދި ފުލުހުންގެ ކިބައިން އެދުމުން، ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

 

65 ވަނަ މާއްދާ - ކޮންޓްރޯލް ނަގާފައިވާ މުއްދަތު ނިމުން، އަދި އެޑްމިނިސްޓްރޭޓަރގެ ދައުރު ނިމުން

(ހ) އިންށުއަރެންސް ކުންފުންޏެއްގެ ކޮންޓްރޯލް އޮތޯރިޓީއަށް ނެގުމަށް ކުރިމަތިވި ހާލަތު ރަނގަޅުވެއްޖެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުމުން، އެ ކޮންޓްރޯލް ދޫކޮށްލައި، ވިޔަފާރި ހިންގުން، އެ އިންށުއަރެންސް ކުންފުންޏާ ހަވާލުކުރަންވާނެއެވެ.

(ށ) އިންށުއަރެންސް ކުންފުންޏަކަށް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމަށް ކުރިމަތިވި ހާލަތު ރަނގަޅުވެއްޖެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުމުން، ނުވަތަ އައްޔަންކުރެވިފައިވާ އެޑްމިނިސްޓްރޭޓަރގެ ދައުރު ނިމުމަކަށް ގެނައުމަށް އޮތޯރިޓީއަށް ފެނުމުން،އެ އެޑްމިނިސްޓްރޭޓަރގެ ދައުރު އޮތޯރިޓީއަށް ނިމުމަކަށް ގެނެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެޑްމިނިސްޓްރޭޓަރގެ ދައުރު ނިމުމުން، އެޑްމިނިސްޓްރޭޓަރގެ ކޮންޓްރޯލްގެ ދަށުގައިވާ އިންށުއަރެންސް ކުންފުނީގެ އެސެޓްތަކާއި، ފޮތްތަކާއި، ރެކޯޑްތައް އެ ކުންފުންޏާ ވަގުތުން ހަވާލުކުރަންވާނެއެވެ.

(ރ) އެޑްމިނިސްޓްރޭޓަރެއްގެ ދައުރު ހަމަވުމުން އޭނާ އައްޔަންކުރެވުނު މުއްދަތުގެ އިންށުއަރެންސް ކުންފުނީގެ ހިސާބުތަކާއި ރިޕޯޓު ތައްޔާރުކޮށް އެޑްމިނިސްޓްރޭޓަރ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

66 ވަނަ މާއްދާ - އިންށުއަރެންސް ކުންފުނި އުވާލުމަށް އެ ކުންފުނިން ކަނޑައެޅުން 

(ހ) އިންށުއަރެންސް ކުންފުންޏެއްގެ ހިންގުން އެ ކުންފުނިން އަމިއްލައަށް ހުއްޓާލުމަށް އޮތޯރިޓީގެ ހުއްދަ ލިބި އަދި އެ ކުންފުންޏަށް އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސް އޮތޯރިޓީން ބާތިލުކުރުމުން، އެ ކުންފުނީގެ ހިއްސާދާރުންނަށް އެ ކުންފުނި އުވާލެވިދާނެއެވެ. އެފަދައިން ކުންފުންޏެއް އުވާލަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި އޮތޯރިޓީގެ ބެލުމުގެ ދަށުންނެވެ.

(ށ) އޮތޯރިޓީން އެދިއްޖެ ހިނދެއްގައި، އޮތޯރިޓީން އެދޭ މައުލޫމާތާއި ލިޔެކިޔުންތައް އިންށުއަރެންސް ކުންފުނިން އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ. އަދި ސުޕަވައިޒްކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އޮތޯރިޓީގެ މުވައްޒަފުން އިންށުއަރެންސް ކުންފުނީގެ އިމާރާތަށް ވަނުމަށް ނުވަތަ އެ ކުންފުނީގެ ފޮތްތަކާއި އެހެނިހެން ރެކޯޑްތައް ދެއްކުމަށް އެދިއްޖެ ހިނދެއްގައި، ކުންފުނިން އެކަންކަން ކުރަންވާނެއެވެ.

(ނ) އިންށުއަރެންސް ކުންފުނިން އެކަށީގެންވާ ގޮތަކަށް ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށް ނުގެންދާކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ނުވަތަ މި މާއްދާގެ (ށ) އާ ހިލާފުވެއްޖެނަމަ، އޮތޯރިޓީގެ ބެލުމުގެ ދަށުން، ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ނުވަތަ ކުންފުނިން ފަށާފައިވާ ކުންފުނި އުވާލުމުގެ މަސައްކަތް ނިންމުމަށް އޮތޯރިޓީން ރިސީވަރެއް އައްޔަންކުރަންވާނެއެވެ.

 

67 ވަނަ މާއްދާ - އިންށުއަރެންސް ކުންފުނި އުވާލުމަށް އެންގުން

(ހ) އިފްލާސްކުރުމުގެ މަސައްކަތް ފަށާފައިނުވާ އިންށުއަރެންސް ކުންފުންޏެއްގެ ލައިސަންސް، މި ގާނޫނުގެ ދަށުން ބާތިލުކުރުމަށް އޮތޯރިޓީން ކަނޑައަޅައި އަންގާ އެންގުމާ އެކުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން،އެ އިންށުއަރެންސް ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށްޓަކައި އޮތޯރިޓީން ރިސީވަރެއް އައްޔަންކުރަންވާނެއެވެ. އަދި ކުންފުނީގެ ލައިސަންސް ބާތިލުކުރުމަށާއި ކުންފުނި އުވާލުމަށް ނިންމިކަން ލަސްނުކޮށް އާންމުކުރަންވާނެއެވެ.

(ށ) އޮތޯރިޓީން އިންށުއަރެންސް ކުންފުންޏެއްގެ ލައިސަންސް ބާތިލުކޮށް އެ ކުންފުނި އުވާލުމަށް ނިންމުމަށްފަހު:

  1. އެ ކުންފުނިން ނުވަތަ ކުންފުނީގެ ފަރާތުން އެހެން ފަރާތަކުންވެސް ކުރާ ކަންތައްތަކަކީ ގާނޫނީގޮތުން ސައްހަނޫން އަދި ބާތިލު ކަންކަމެވެ. އެހެންނަމަވެސް އޭގެ ތެރޭގައި، އެ ކުންފުންޏަށް އައްޔަންކޮށްފައިވާ ރިސީވަރު ކުރާ ކަންތައްތައް ނުވަތަ ރިސީވަރުގެ ހުއްދަ ލިބިގެން ކުރާ ކަންތައްތަކާއި ކޮށްފައިވާ ކަންކަމަކީ ކުންފުންޏަށް ފައިދާވާނެ ކަމެއްކަމަށް އަދި ހުއްދަ ކަމެއްކަމަށް ރިސީވަރަށް ގަބޫލުކުރެވިގެން ކުރާ ކަންތައްތަކެއް ނުހިމެނޭނެއެވެ.
  2. ކުންފުނީގެ އެސެޓްތައް ވިއްކުމުގައި ނުވަތަ ބަދަލުކުރުމުގައި ދިމާވެފައިވާ ހުރަސްތަކާއި، ކުންފުނީގެ ކްރެޑިޓަރުންގެ ހައްގުގައި ކުންފުނީގެ އެސެޓްތައް އެގްޒެކިއުޓްކުރުމަށްޓަކައި ކޮށްފައިވާ ލިއެންތައް ނުވަތަ މިނޫންވެސް ކުންފުނީގެ އެސެޓްތަކުގެ މައްޗަށް އޮންނަ ހުރަސްތައް ގާނޫނީގޮތުން ނެތިގެންދާނެއެވެ.
  3. ކުންފުނީގެ އެސެޓްތައް އެޓޭޗެއް ނުކުރެވޭނެއެވެ. ނުވަތަ އެގްޒެކިއުޓެއް ނުކުރެވޭނެއެވެ. އޭގެ ތެރޭގައި އިންށުއަރެންސް ކުންފުނީގެ ދަރަންޏަކަށް ރަހުނުކުރެވިފައިވާ ނުވަތަ ލިއެން ކުރެވިފައިވާ އެސެޓެއް އެ ދަރަނީގެ އަދަދަށް އެޓޭޗްކުރުމާއި އެގްޒެކިއުޓްކުރުމެއް ނުހިމެނޭނެއެވެ.
  4. ކުންފުނި އިފްލާސްކުރުމުގެ މަސައްކަތެއް ނުފެށޭނެއެވެ.

(ނ) އިންށުއަރެންސް ކުންފުނި އުވާލުމުގެ މަސައްކަތް ރިސީވަރު ކުރަންވާނީ، އޮތޯރިޓީގެ ބެލުމުގެ ދަށުން އަދި އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ނުވަތަ މުއާމަލާތުތަކެއް ހިންގުމަށް ރިސީވަރު އެދޭ ހާލަތްތަކުގައި އެ މުއާމަލާތެއް ނުވަތަ މުއާމަލާތުތައް ހިންގުމުގެ ހުއްދަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ދެވިދާނެއެވެ. 

 

68 ވަނަ މާއްދާ - ލޯންގްޓަރމް އިންށުއަރެންސް ކުންފުންޏަކަށް އައްޔަންކުރެވިފައިވާ ރިސީވަރު ވިޔަފާރި ހިންގުން

(ހ) ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރިކުރާ އިންށުއަރެންސް ކުންފުންޏަކަށް އައްޔަންކުރެވިފައިވާ ރިސީވަރު، ހިނގަމުންދާ ނުވަތަ އެ ބޭނުމަށްޓަކައި އުފައްދާ އެހެން އިންށުއަރެންސް ކުންފުންޏަކަށް، އިންށުއަރެންސް ޕޮލިސީތައް ބަދަލުކުރެވެންދެން، ގޮއިންގ ކޮންސަރނެއްގެ ގޮތުގައި އެ ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރި ހިންގަންވާނެއެވެ.

(ށ) އިންށުއަރެންސް ކުންފުނީގެ ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރި ރިސީވަރު ހިންގުމުގައި، ކުންފުނި އުވާލުމުގެ މަސައްކަތް ފަށާއިރު ހުރި އިންށުއަރެންސް ޕޮލިސީތަކަށް ބަދަލުގެނައުމަށް ރިސީވަރަށް ނިންމިދާނެއެވެ. އެހެންނަމަވެސް، އެއްވެސް އާ އިންށުއަރެންސް ޕޮލިސީއެއް ވިއްކައިގެން ނުވާނެއެވެ.

(ނ) ލޯންގްޓަރމް އިންށުއަރެންސް ވިޔަފާރި ހިންގުމުގައި ކުންފުނިން ވެފައިވާ އިންށުއަރެންސް ޕޮލިސީތަކުގެ އަގު ކުޑަކުރުމަށް އެދި ރިސީވަރު ކޯޓަށް ހުށަހަޅައިފި ހިނދެއްގައި، ކޯޓަށް އެކަށީގެންވާކަމަށް ފެންނަ ށަރުތުތަކަކާއެކު، އެ އިންށުއަރެންސް ޕޮލިސީތަކުގެ އަގު ކުޑަކުރުމުގެ އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.

 

69 ވަނަ މާއްދާ - އެސެޓްތައް ބެހުން

(ހ) އިފްލާސްކުރެވިފައިވާ އިންށުއަރެންސް ކުންފުންޏެއްގެ އެސެޓްތަކުގެ ފައިސާ ބޭނުންކުރަންވާނީ ވަކިން ބަހައްޓާފައިވާ ނުވަތަ ސެގްރެގޭޓްކޮށްފައިވާ ފަންޑުތަކުން އެ ފަންޑެއްގައި ހުރި އެސެޓަކުން އެ ފަންޑަކުން ކުރަންޖެހިފައިވާ ހަރަދުތަކާއި އެ ފަންޑެއްގެ ޕޮލިސީހޯލްޑަރުންނަށާއި ކްލެއިމްކޮށްފައިވާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށެވެ. މިގޮތުން، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިފްލާސްކުރެވިފައިވާ އިންށުއަރެންސް ކުންފުންޏެއްގެ އެސެޓްތައް ބެހުމުގައި އަމަލުކުރަންވާނީ، އެސެޓްތައް ބަހައި ލަޔަބިލިޓީތައް އަދާކުރުމުގައި އަމަލުކުރުމަށް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާއި ފައިސާ ދެއްކުމުގައި އިސްކަންދޭނެ ތަރުތީބާ އެއްގޮތަށެވެ.

(ށ) ވަކިން ބަހައްޓާފައިވާ ނުވަތަ ސެގްރެގޭޓްކޮށްފައިވާ ފަންޑެއްގެ ލަޔަބިލިޓީ އެއްކޮށް އަދާކޮށް ނިންމުމަށްފަހު، އެ ފަންޑުގައި ބާކީ އެސެޓް ހުރިނަމަ އެހެން ފަންޑުތަކުގެ ލަޔަބިލިޓީތައް އަދާކުރުމަށް އެ އެސެޓްތައް ބޭނުންކުރެވިދާނެއެވެ.

(ނ) މި މާއްދާގައި ވަކިން ބަހައްޓާފައިވާ ނުވަތަ ވަކިން ސެގްރެގޭޓްކޮށްފައިވާ ފަންޑުކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ފަންޑާއި، ވަކިން ބަހައްޓަން އޮތޯރިޓީން އަންގާފައިވާ ފަންޑުތަކަށެވެ.

 

 

ބާރަވަނަ ބާބު

ފިޔަވަޅު އެޅުން 

 

70 ވަނަ މާއްދާހުއްދަ ހޯދުމަކާ ނުލައި ވިޔަފާރިކުރުމާއި ވިޔަފާރިކުރާކަމަށް ދެއްކުމާއި ސޮލިސިޓްކުރުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކޮށްފައިވާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 5,000,000 (ފަސްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ނ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެފަރާތެއް 75,000 (ހަތްދިހަފަސްހާސް) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ފ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެފަރާތެއް 5,000 (ފަސްހާސް) ރުފިޔާއާއި 1،000،000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

71 ވަނަ މާއްދާ - ލައިސަންސް ނެތި އިންށުއަރެންސް ބްރޯކަރކަން ކުރުން

މި ގާނޫނުގެ 5 ވަނަ މާއްދާގެ (ރ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

72 ވަނަ މާއްދާ - ވަކި އިންށުއަރެންސް ކުންފުންޏެއްގެ އިންށުއަރެންސް ޕޮލިސީ ނެގުން ށަރުތުކުރުން

މި ގާނޫނުގެ 57 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެފަރާތެއް 5,000 (ފަސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 

73 ވަނަ މާއްދާ - ހައްގުނޫން މަންފާ ހޯދުން

(ހ) އިންށުއަރެންސް މުއާމަލާތެއް ކުރުމުގައި، ގަސްދުގައި، ސީދާކޮށް ނުވަތަ ނުސީދާކޮށް، ތެދުނޫން މައުލޫމާތެއް ދީގެން ހައްގުނޫން މަންފާއެއް ހޯދުމަކީ އަދި އެފަދަ މަންފާއެއް ހޯދަން އުޅުމަކީ، އަދި އެފަދަ މަންފާއެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އެފަރާތެއް، 100,000 (އެއްލައްކަ) ރުފިޔާއާއި 5,000,000 (ފަސްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

74 ވަނަ މާއްދާ - އިންށުއަރެންސް ކުންފުނި ނުވަތަ އިންޓަރމީޑިއަރީއެއް ނުވަތަ ގުޅިފައިވާ ފަރާތަކުން ގާނޫނާ ހިލާފުވުން

(ހ) އިންށުއަރެންސް ކުންފުންޏަކުން، ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއަކުން ނުވަތަ އެއިން ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ނުވަތަ އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތަކުން، ނުވަތަ އެހެންވެސް ފަރާތަކުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ

(ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.

  1. މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފުވުން؛ ނުވަތަ 
  2. އެކަށީގެންނުވާ ނުވަތަ ހަރުދަނާ ނޫން ގޮތަކަށް ވިޔަފާރީގެ ހަރަކާތްތައް ހިންގުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، އެ އަކުރުގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެފަރާތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެޅިދާނެއެވެ.

  1. އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަކި ހަރަކާތެއް ހުއްޓާލުމަށް އެންގުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން އެފަރާތުން ކޮށްފައިވާ ކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް އެންގުން؛
  3. އިތުރަށް ވިޔަފާރި ކުރިއަށް ގެންދިޔުމަށް ވަކި ށަރުތުތަކެއް ކަނޑައެޅުން؛
  4. ހިއްސާދާރުންނަށް ފައިދާ ބެހުން މަނާކުރުން ނުވަތަ ބަހާ މިންވަރު ހުދޫދުކުރުން؛
  5. އެކަށީގެންވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ށަރުތުތަކަކާއެކު، އޮތޯރިޓީން ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް އޮތޯރިޓީގައި ޑިޕޮސިޓްކޮށް ބެހެއްޓުމަށް އެންގުން؛
  6. ހިލާފުވެފައިވާ ކަންކަން ބެލުމަށް އަދި އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޯޑުގެ ޗެއަރޕަރސަނަށް އެންގުން؛ އެގޮތުން ބާއްވާ ޖަލްސާތަކުގައި، އޮތޯރިޓީން ބޭނުންވެއްޖެނަމަ އޮތޯރިޓީ ތަމްސީލުކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިކުރެވިދާނެއެވެ.
  7. ހިލާފުވެފައިވާ ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި، ކުންފުނީގެ އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެފަރާތުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ ނުވަތަ އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތެއް ވަގުތީގޮތުން ސަސްޕެންޑްކުރުމަށް ނުވަތަ މަގާމުން ވަކިކުރުމަށް އެންގުން؛
  8. އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ނުވަތަ ބޯޑުގެ އެހެން މެންބަރަކު ނުވަތަ އެގްޒެކެޓިވް އޮފިސަރެއް މަގާމުން ވަކިކުރުމަށް އެންގުން؛
  9. 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  10. ވެފައިވާ ހިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ އިތުރުނުވާނެ އަދަދަކުން ޖޫރިމަނާކުރުން؛
  11. އެފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން.

(ނ) އިންށުއަރެންސް ކުންފުންޏަކުން ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއަކުން، ނުވަތަ އެއިން ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެގްޒެކެޓިވް އޮފިސަރެއް ނުވަތަ މުވައްޒަފެއް، ނުވަތަ އެއިން ފަރާތެއްގެ ފަރާތުން މަސައްކަތްކުރާ ފަރާތަކުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެފަރާތެއް އެކަމެއް ރަނގަޅު ކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.

  1. މި ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތެއް ނުވަތަ އޮތޯރިޓީން ހުށަހެޅުމަށް އަންގާ އެހެން މައުލޫމާތެއް، ހުށަހަޅަންޖެހޭ މުއްދަތަށް ހުށަހަޅާފައިނުވުން؛ ނުވަތަ އެކަށީގެންވާ މިންވަރަކަށް ފުރިހަމަނުވާ ހިސާބުތަކާއި މައުލޫމާތު އޮތޯރިޓީއަށް ހުށަހެޅުން.

 

75 ވަނަ މާއްދާ - މަނާކަމެއްގެ ތުހުމަތުގައި އޮތޯރިޓީން ބަލައި ފާސްކުރުމަށް ހުރަސްއެޅުން

މި ގާނޫނުގެ 55 ވަނަ މާއްދާގެ (ކ) ގެ ދަށުން އޮތޯރިޓީން އެއްވެސް ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ވަނުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިފިނަމަ، ނުވަތަ އެފަރާތެއްގެ ފޮތްތަކާއި މާލީ ހިސާބުތަކާއި ރެކޯޑްތައް ދެއްކުމަށް ނުވަތަ ފޮނުވުމަށް އޮތޯރިޓީން އަންގާ އެންގުމަކަށް އެ ލިޔުންތައް ނުދައްކައިފިނަމަ ނުވަތަ ނުފޮނުވައިފިނަމަ، އެފަރާތެއް 75,000 (ހަތްދިހަފަސްހާސް) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 

76 ވަނަ މާއްދާ - އޮތޯރިޓީއަށް ތެދުނޫން މައުލޫމާތު ހުށަހެޅުން

އެއްވެސް ފަރާތަކުން، މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދައެއް ހޯދުމަށް އެދި ހުށަހެޅުމުގައި، ނުވަތަ މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި މާލީ ހިސާބުތަކާއި ލިޔެކިޔުންތަކާއި އެހެނިހެން ރެކޯޑްތައް ހުށަހެޅުމުގައި، ނުވަތަ އޮތޯރިޓީން މި ގާނޫނު ހިންގުމުގައި އެ މައުލޫމާތަކަށް އިތުބާރުކޮށް އެ މައުލޫމާތުގެ މައްޗަށް އަމަލުކުރާނެކަމަށް ގަބޫލުކުރެވޭ މައުލޫމާތުތައް އޮތޯރިޓީއަށް ހުށަހެޅުމުގައި އޮޅުންއަރާފާނެފަދަ ނުވަތަ ތެދުނޫން މައުލޫމާތެއް އޮތޯރިޓީއަށް ހުށަހަޅައިފިނަމަ އެފަރާތެއް 50,000 )ފަންސާސްހާސް( ރުފިޔާއާއި 500,000 )ފަސްލައްކަ( ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

77 ވަނަ މާއްދާ - އަދަބު ކަނޑައެޅިފައިނުވާ ކަންކަން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވުމުން ވަކި ފިޔަވަޅެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި ހިލާފުވި ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 5,000 (ފަސްހާސް) ރުފިޔާއަށްވުރެ އިތުރުނުވާނެ އަދަދެއް ކަނޑައެޅިދާނެއެވެ.

(ށ) މިި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ހިލާފުވާ ފަރާތަކާމެދު މި ގާނޫނުން ބާރު ލިބިގެން އަޅާނެ އިދާރީ ފިޔަވަޅު ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އަދި އޮތޯރިޓީގެ ގަވަރުނަރުގެ ނިންމުމަކުންނެވެ.

(ނ) އޮތޯރިޓީން ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އިޖުރާއަތު، އަދި ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި ޖޫރިމަނާ ކަނޑައެޅުމުގައި ރިއާޔަތްކުރެވޭނެ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބެއްގެ ނުވަތަ އިދާރީ ފިޔަވަޅެއްގެ ގޮތުގައި ދައްކަން އަންގާ ފައިސާއަކީ، އެ ފައިސާ ދައްކަންޖެހޭ ދުވަހަށް ދައްކައި ނިންމަންޖެހޭ ފައިސާއެކެވެ.

 

78 ވަނަ މާއްދާ - ޖިނާއީ ކުށް އެކުލެވޭ އަމަލުތައް ތަހްގީގުކުރުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމުގައި، އެއްވެސް ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށް ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އެކަން ތަހްގީގުކުރުމަށް ކަމާބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އޮތޯރިޓީން ހުށަހަޅަންވާނެއެވެ.

 

 

ތޭރަވަނަ ބާބު

އެހެނިހެން މާއްދާތައް 

 

79 ވަނަ މާއްދާ - ދެމިގެންދާ ކަންކަން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ލިބިގެން، އިންށުއަރެންސް ވިޔަފާރިކުރާ ފަރާތްތަކަކީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި ގާނޫނުގެ ދަށުން އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުނިތަކެއް ކަމުގައި ބެލެވޭނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އެފަދަ ކުންފުނިތަކުން މި ގާނޫނުގައި ކުރުމަށް އަންގާފައިވާ އެއްވެސް ކަމަކާ ހިލާފުވާނަމަ، މި ގާނޫނުގައި އެހެން މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ މުއްދަތެއްގެ ތެރޭގައި، އެކަމެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
ކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ލިބިގެން، އިންށުއަރެންސް ބްރޯކަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި ގާނޫނުގެ ދަށުން އިންށުއަރެންސް ބްރޯކަރުގެ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރުން ކަމުގައި ބެލެވޭނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އެފަދަ ކުންފުނިތަކުން މި ގާނޫނުގައި ކުރުމަށް އަންގާފައިވާ އެއްވެސް ކަމަކާ ހިލާފުވާނަމަ، މި ގާނޫނުގައި އެހެން މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ މުއްދަތެއްގެ ތެރޭގައި، އެކަމެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރަންވާނެއެވެ.

 

80 ވަނަ މާއްދާ - ގަވާއިދުތައް ހެދުމާއި އެންގުންތައް އެންގުމުގެ ބާރު

(ހ) މި ގާނޫނުގެ ދަށުން މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ހިންގާނީ އޮތޯރިޓީންނެވެ. އަދި މި ގާނޫނުގައި ވަކި ކަމަކަށް ގަވާއިދު ހަދަންޖެހޭކަމަށް ބުނާ ކަންކަމާގުޅޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) އާންމުކޮށް އަމަލުކުރަންޖެހޭ ގޮތަށް، ނުވަތަ ވަކި ބާވަތެއްގެ އިންށުއަރެންސް ކުންފުނިތަކުން ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއަކުން އެކަނި އަމަލުކުރަންޖެހޭ ގޮތަށް، ނުވަތަ ވަކި ކްލާހެއްގެ އިންށުއަރެންސް ވިޔަފާރިކުރާ އިންށުއަރެންސް ކުންފުނިތަކުން އެކަނި އަމަލުކުރަންޖެހޭ ގޮތަށް، ނުވަތަ ވަކި އިންށުއަރެންސް ކުންފުންޏަކުން ނުވަތަ ވަކި އިންށުއަރެންސް އިންޓަރމީޑިއަރީއަކުން އެކަނި އަމަލުކުރަންޖެހޭނެ ގޮތަށް، ގަވާއިދުތަކާއި އިރުށާދުތަކާއި ސަރކިއުލަރތަކާއި އަމުރުތައް އޮތޯރިޓީއަށް ނެރެވިދާނެއެވެ. އަދި، ވަކި މައްސަލައެއް ނުވަތަ ހާލަތަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އެ މައްސަލައެއް ނުވަތަ ހާލަތެއް ނިސްބަތްވާ އިދާރާއަކުން އަމަލުކުރަންޖެހޭ ގޮތް އެންގުމަށް އަމުރުތައް ނެރެވިދާނެއެވެ.

 

81 ވަނަ މާއްދާ - ފީއާއި އެހެނިހެން ޗާޖުތައް

(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ދޭ ހިދުމަތްތަކަށް އެކަށީގެންވާ ފީއެއް ނުވަތަ ޗާޖެއް ނެގިދާނެއެވެ. އަދި އަހަރީ ފީއެއް ނުވަތަ ލައިސަންސް ފީއެއް ދެއްކުމަށް އޮތޯރިޓީން އިންށުއަރެންސް ކުންފުނިތަކަށް ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީތަކަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ނަގާ ފީއާއި ޗާޖު އަދި އަހަރީ ފީގެ މިންވަރުތައް އޮތޯރިޓީން އާންމުކުރަންވާނެއެވެ.

 

82 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް ލިބިދިނުން

އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ނުވަތަ އޮފިސަރަކު ނުވަތަ މުވައްޒަފަކު ނުވަތަ އޮތޯރިޓީގެ އޭޖެންޓަކު މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި، ކުރާ ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާ ގުޅިގެން އެމީހެއްގެ މައްޗަށް އުފުލޭ ދައުވާއެއްގައި އެފަރާތެއް ޒާތީގޮތުން އެކަމަކަށް ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ކަމަކާ ގުޅިގެން އެފަރާތުގެ މައްޗަށް ކުރެވޭ ދައުވާއެއްގައި، އެފަރާތުން ކުރަންޖެހޭ ހަރަދުތަކަށް އޮތޯރިޓީން ޒިންމާ ވާންޖެހޭނެއެވެ. އެހެންނަމަވެސް އެކަމެއް ކޮށްފައިވަނީ ނުވަތަ ނުކޮށް ދޫކޮށްލާފައިވަނީ ނުބައި ނިޔަތެއްގައިކަމަށް ސާބިތުވެއްޖެނަމަ، ނުވަތަ އެފަރާތުން ކުރަންޖެހޭ މަސައްކަތްކުރުމުގައި ޖިނާއީ ކުށެއް ކޮށްފައިވާކަމަށް ށަރީއަތުގައި ސާބިތުވެއްޖެނަމަ، އެފަދަ ގެއްލުމެއްގެ ޒިންމާ އޮތޯރިޓީން އުފުލާކަށް
ނުޖެހޭނެއެވެ.

 

83 މާއްދާ - މާލީ ދާއިރާއާގުޅޭ މަށްރޫއުތަކުގައި ބައިވެރިވުން

ދިވެހިރާއްޖޭގެ އިންށުއަރެންސް ދާއިރާ ތަރައްގީކުރުމާއި ހަރުދަނާކުރުމުގެ މަގްސަދުގައި ނުވަތަ ދިވެހިރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމާއި ހަރުދަނާކުރުމުގެ މަގްސަދުގައި ނުވަތަ ދިވެހިރާއްޖޭގައި ފައިނޭންށަލް އިންކްލޫށަން އިތުރުކުރުމުގެ މަގްސަދުގައި ނުވަތަ އެނޫންވެސް މަގްސަދުތަކުގައި އޮތޯރިޓީން ހިންގާ ނުވަތަ ކުރިއަށްގެންދާ މަށްރޫއުތަކުގައި، އިންށުއަރެންސް ކުންފުންޏެއް ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއެއް ބައިވެރިވުމަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އެފަދަ އެންގުމެއް އޮތޯރިޓީން އަންގައިފިނަމަ، އޮތޯރިޓީން އަންގާ ގޮތެއްގެމަތިންއެ މަށްރޫއެއްގައި އެފަރާތަކުން ބައިވެރިވާންވާނެއެވެ.

 

84 ވަނަ މާއްދާ - ޕޮލިސީހޯލްޑަރުން ހިމާޔަތްކުރުމުގެ ސްކީމެއްގައި ބައިވެރިވުން

އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު، އަދި އޮތޯރިޓީން ކަނޑައަޅާ ށަރުތުތަކާއި، އޮތޯރިޓީން ކަމާގުޅޭ ގަވާއިދުތަކެއް އެކުލަވާލައިފިނަމަ އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޕޮލިސީހޯލްޑަރުން ހިމާޔަތްކުރުމުގެ ސްކީމެއްގައި އިންށުއަރެންސް ކުންފުންޏަކަށް ބައިވެރިވެވިދާނެއެވެ. އަދި އޮތޯރިޓީން ނުވަތަ ދިވެހިސަރުކާރުން ގާއިމުކުރާ އެފަދަ ސްކީމެއްގައި ބައިވެރިވުމަށް އޮތޯރިޓީން އަންގައިފިނަމަ އިންށުއަރެންސް ކުންފުނިން އޭގައި ބައިވެރިވާންވާނެއެވެ.

 

85 ވަނަ މާއްދާ - އޮތޯރިޓީގެ ނިންމުންތައް ށަރީއަތުން ބެލުން

(ހ) އޮތޯރިޓީން ނެރޭ އަމުރުތަކާއި އޮތޯރިޓީން ނިންމާ ނިންމުންތައް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެ އަމުރެއް ނުވަތަ ނިންމުމެއް ރައްދުވާ ފަރާތަށް ލިބިގެންވެއެވެ. އެފަދައިން ކޯޓަށް ހުށަހެޅިދާނެ ކަންތައްތަކުގެ ތެރޭގައި މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ލައިސަންސެއް ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ލައިސަންސް ދޫނުކުރުމަށް ނިންމާ ނިންމުމާއި، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ލައިސަންސެއް ބާތިލުކުރުމާއި، މި ގާނޫނުގެ ބާރަވަނަ ބާބުގެ ދަށުން އެޅޭ ފިޔަވަޅުތައް ހިމެނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އޮތޯރިޓީން އެ އަމުރެއް ކުރާތާ ނުވަތަ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

(ނ) އޮތޯރިޓީގެ ނިންމުމެއް ކޯޓަށް ހުށަހެޅުމަކުން، އޮތޯރިޓީގެ އެ ނިންމުމެއްގެ ދަށުން އަޅާފައިވާ އެއްވެސް ފިޔަވަޅެއް ބާތިލުވީކަމަކަށް ނުބެލެވޭނެއެވެ.

(ރ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ކުރާ އަމުރުތަކާއި ނިންމާ ނިންމުންތައް ކޯޓަށް ހުށަހެޅުމުން އެ މައްސަލަތައް ކޯޓުން ބަލަންވާނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

  1. މައްސަލަ ބެލުމަށް ބޭނުންކުރާ ރެކޯޑް ނުވަތަ ލިޔެކިޔުންތައް ވާންވާނީ އޮތޯރިޓީން އިދާރީގޮތުން އަޅާފައިވާ ފިޔަވަޅު އެޅުމަށްޓަކައި ބޭނުންކޮށްފައިވާ ލިޔެކިޔުންތައް ނުވަތަ ރެކޯޑްތަކަށެވެ. އޮތޯރިޓީން ފިޔަވަޅު އެޅިއިރު، އޮތޯރިޓީއަށް ހުށަހަޅާފައިނުވާ މައުލޫމާތު ހެކީގެ ގޮތުގައި ކޯޓުން ބަލައިގަންނަންވާނީ، ހަމައެކަނި ހާއްސަ ހާލަތްތަކުގައި، އިންސާފު ހޯދައިދިނުމަށް އެފަދަ ހެކި ކޮންމެހެން ބޭނުންވާނަމައެވެ.
  2. އޮތޯރިޓީގެ އަމުރެއް ނުވަތަ ނިންމުމެއް އަލުން ބެލުމުގައި، ކޯޓުން ހަމައެކަނި ބަލަންވާނީ، އޮތޯރިޓީން އެ ނިންމުމެއް ނިންމާފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތ،ޯ ނުވަތަ އެ ނިންމުމެއް ނިންމާފައިވަނީ ކަމުގެ ހަގީގަތަށް ނުބަލައި ހަމައެކަނި އޮތޯރިޓީއަށް ފެންނަގޮތަށްތ،ޯ ނުވަތަ ގާނޫނާ ހިލާފަށްތޯއެވެ.

 

86 ވަނަ މާއްދާ - މި ގާނޫނާއި އެހެން ގާނޫނަކާ ފުށުއެރުން

މި ގާނޫނުގެ މާއްދާއެއް އެހެން ގާނޫނެއްގެ މާއްދާއަކާ ފުށުއަރާނަމަ، އިސްކަންދޭނީ މި ގާނޫނަށެވެ.

 

87 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

88 ވަނަ މާއްދާ - މާނަކުރުން 

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިއެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

(ށ) "އިންށުއަރެންސް ބްރޯކަރ" ކަމަށް ބުނެފައި އެވަނީ، ޕޮލިސީހޯލްޑަރ ނުވަތަ އިންށުއަރެންސް ޕޮލިސީ ނެގުމަށް އެދޭ ފަރާތުގެ ފަރާތުން، އިންށުއަރެންސް ޕޮލިސީ ނެގުމާއި އިންށުއަރެންސް ޕޮލިސީއާ ގުޅިގެން ދޭންޖެހޭ އެހެނިހެން ހިދުމަތްތައް ދިނުމުގެ ވިޔަފާރި ހިންގާ ފަރާތަކަށެވެ.

(ނ) "އިންށުއަރެންސް އޭޖެންޓު" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް ކުންފުންޏެއްގެ ފަރާތުން، އިންށުއަރެންސް ޕޮލިސީ ވިއްކުމާއި އިންށުއަރެންސް ކޮންޓްރެކްޓްތައް ހެދުމާއި އެ ކޮންޓްރެކްޓްތަކަށް ބަދަލުގެނައުމާއި އެ ކޮންޓްރެކްޓް އުވާލުމާއި އިންށުއަރެންސް މުއާމަލާތްތައް ހިންގުމުގެ ވިޔަފާރިކުރާ ނުވަތަ ސޮލިސިޓްކުރާ ފަރާތަކަށެވެ.

(ރ) "އިންށުއަރެންސް އިންޓަރމީޑިއަރީ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް އޭޖެންޓުންނާއި އިންށުއަރެންސް ބްރޯކަރުންނަށެވެ.

(ބ) "އިންށުއަރެންސް ކުންފުނި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިންށުއަރެންސް ވިޔަފާރިކުރުމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.

(ޅ) "އިންށުއަރެންސް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ދެފަރާތުން އެއްބަސްވެފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ ވަކި ކަމެއް ހިނގައިފިނަމަ އެކަމެއްގެ ސަބަބުން ގެއްލުމެއް ލިބުމުން، އެ ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުން ހިމެނޭގޮތުން، ގެއްލުމަށް ބަދަލުދިނުމަށް އެއްބަސްވެފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގެ ދަށުން، ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުމުގެ ވިޔަފާރިއަށެވެ. މި މާނައިގައި ރީއިންށުއަރެންސް ވިޔަފާރިއާއި ތަކާފުލް ވިޔަފާރިއާއި ރީތަކާފުލް ވިޔަފާރި ހިމެނޭނެއެވެ.

(ކ) "އެޑްމިނިސްޓްރޭޓަރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން، އިންށުއަރެންސް ކުންފުންޏެއްގެ ނުވަތަ ލައިސަންސް ލިބިފައިވާ ބްރޯކަރެއްގެ ވިޔަފާރި ހިންގުމުގެ ވަގުތީ ޒިންމާ އުފުލުމަށް އޮތޯރިޓީން އައްޔަންކުރާ ފަރާތަކަށެވެ.

(އ) "އެގްޒެކެޓިވް އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ މުވައްޒަފުންގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، އެ ކުންފުނީގެ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކަށެވެ. އަދި އެފަދަ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކީ އެ ކުންފުނީގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި އެގްޒެކެޓިވް އޮފިސަރެއް ކަމުގައި ބެލެވޭނެއެވެ. އެގްޒެކެޓިވް އޮފިސަރުންގެ ތެރޭގައި، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރާއި، ޗީފް ފައިނޭންށަލް އޮފިސަރާއި، ޗީފް އެގްޒެކެޓިވް އޮފިސަރާއި، ޖެނެރަލް މެނޭޖަރު ހިމެނޭނެއެވެ.

(ވ) "މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ވަކި ށަހްސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓުދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.

(މ) "ތަކާފުލް" ކަމަށް ބުނެފައި އެވަނީ، އިސްލާމީ ށަރީއަތުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުރިން އެއްބަސްވެފައިވާ ވަކި ކަމެއް ހިނގައިފިނަމަ، އެއްބަސްވުމުގެ ބައިވެރިންނަށް ނުވަތަ ބެނިފިށަރީސްއަށް ފައިސާ ދިނުމަށްޓަކައި ގާއިމުކޮށްފައިވާ ވަކި ފަންޑަކަށް ފައިސާ ދިނުމަށް ބައިވެރިން އެއްބަސްވ،ާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ އިންތިޒާމަކަށެވެ.

(ފ) "ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިންށުއަރެންސް ބްރޯކަރެއް ގޮތުގައި ހަރަކާތްތެރިވުމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.

(ދ) "އިންށުއަރެންސް ޕޮލިސީ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް ކޮންޓްރެކްޓަށެވެ. މީގެ ތެރޭގައި ތަކާފުލް ސެޓްފިކެޓް ހިމެނޭނެއެވެ.

(ތ) "ރިސީވަރު" ކަމަށް ބުނެފައި އެވަނީ، އަރަންޏަށްވުރެ ދަރަނި ގިނަވެފައިވާ އިންށުއަރެންސް ކުންފުންޏެއްގެ އެސެޓްތައް ވިއްކުމަށާއި، ވިއްކައިގެން ލިބޭ ފައިސާއިން، މި ގާނޫނުގައި އިސްކަންދީފައިވާ ތަރުތީބުން ދަރަނިތައް ހަލާސްކުރުމުގެ މަސައްކަތްކުރުމަށް އޮތޯރިޓީން އައްޔަންކުރާ ފަރާތަކަށެވެ.

(ލ) "ރީއިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް ކުންފުންޏަކުން ވިއްކާފައިވާ އިންށުއަރެންސް ޕޮލިސީއެއް ނުވަތަ ޕޮލިސީތަކެއްގެ ދަށުން އެ ކުންފުނީގެ މައްޗަށް އޮންނަ ރިސްކު، އިންށުއަރެންސް ކޮންޓްރެކްޓެއްގެ ދަށުން އެހެން ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ބަދަލުކުރުމަށެވެ. މީގެ ތެރޭގައި ރީތަކާފުލް ހިމެނޭނެއެވެ.

(ގ) "ސޮލިސިޓްކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައިނަމަވެސް، ދިވެހިރައްޔިތުންނަށް ނުވަތަ ދިވެހިރައްޔިތުންގެ ބަޔަކަށް، ނުވަތަ ވިޔަފާރިއަކަށް، ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެ އުޅޭ ނުވަތަ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރު ގައުމެއްގެ ފަރުދަކަށް ނުވަތަ ބަޔަކަށް، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ބޭރުގެ ވިޔަފާރިއަކަށް، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައި ނުވިނަމަވެސް ދިވެހިރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގާ ބޭރުގެ ވިޔަފާރިއަކަށް، އިންށުއަރެންސް ކޮންޓްރެކްޓެއްވުމަށް ހުށަހެޅުމަށް، ނުވަތަ އިންށުއަރެންސް ކޮންޓްރެކްޓެއްވުމަށް ދައުވަތު ދިނުމަށް، ނުވަތަ އެފަދަ ހުށަހެޅުމެއް ނުވަތަ ދައުވަތެއް ހިމެނޭ އިށްތިހާރެއްކުރުމަށެވެ. 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު