އިންށުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު
(ގަވާއިދު ނަންބަރު 2026-71)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 އޮގަސްޓް 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 2025-13 (އިންށުއަރެންސްއާބެހޭ ގާނޫނު) 80 ވަނަ މާއްދާގެ ދަށުންނެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އިންށުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު ނުވަތަ ތިރީގައި މާނަކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކުގެ މާނައަކީ އެ އިބާރާތްތަކަށް ނުވަތަ ލަފުޒުތަކަށް އިންށުއަރެންސްއާބެހޭ ގާނޫނުގައި ދީފައިވާ މާނައެވެ.
(ހ) "އިންށުއަރެންސްއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-13 (އިންށުއަރެންސްއާބެހޭ ގާނޫނު) އަށެވެ.
(ށ) "އިންށުއަރެންސް ކުންފުނި" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސްއާބެހޭ ގާނޫނުގެ 88 ވަނަ މާއްދާގެ (ބ) ގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.
(ނ) "އިންށުއަރެންސް ފަންޑު" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސްއާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިންށުއަރެންސް ކުންފުންޏަކުން ގާއިމުކޮށް ބަލަހައްޓާ ކޮންމެ އިންށުއަރެންސް ފަންޑަކަށެވެ.
(ރ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" އަށެވެ.
(ބ) "ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސްއާބެހޭ ގާނޫނުގެ 88 ވަނަ މާއްދާގެ (ފ) ގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.
(ޅ) "ސޮލިސިޓްކުރުން" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސްއާބެހޭ ގާނޫނުގެ 88 ވަނަ މާއްދާގެ (ގ) ގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.
3 ވަނަ މާއްދާ - ސޮލިސިޓްކުރެވޭ ދާއިރާ
އިންށުއަރެންސްއާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ (ދ) ގެ ބޭނުމަށް ޓަކައި، އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ސޮލިސިޓްކުރުން ހުއްދަ
ފަރާތްތަކުން، ސޮލިސިޓްކުރެވޭނެ ދާއިރާތައް ތިރީގައި މިވަނީއެވެ.
(ހ) އިންށުއަރެންސް ކުންފުންޏަކަށް ސޮލިސިޓްކުރެވޭނީ ހަމައެކަނި އެ އިންށުއަރެންސް ކުންފުންޏަކުން ދިވެހިރާއްޖޭގައި ހިންގާ އިންށުއަރެންސް ވިޔަފާރިއާ ގުޅޭގޮތުންނެވެ.
(ށ) ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރއަކަށް ސޮލިސިޓްކުރެވޭނީ، އެ ބްރޯކަރއަކަށް ލައިސަންސް ދޫކުރެވިފައިވަނީ ވަކި ބާވަތެއްގެ ނުވަތަ ވަކި ކްލާހެއްގެ އިންށުއަރެންސް ބްރޯކަރކަން ކުރުމަށް ކަމަށް ވާ ނަމަ، އެ ބާވަތެއްގެ ނުވަތަ އެ ކްލާހެއްގެ އިންށުއަރެންސް ވިޔަފާރިއާ ގުޅޭގޮތުންނެވެ. އަދި އިންށުއަރެންސްއާބެހޭ ގާނޫނު ނުވަތަ ގަވާއިދު ނަންބަރު 2026-70 "އިންށުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު" ގެ ދަށުން ހުއްދަވާ ހާލަތުގައި މެނުވީ، އިންށުއަރެންސް ކުންފުންޏަކުން ދިވެހިރާއްޖޭގައި ހިންގާ އިންށުއަރެންސް ވިޔަފާރިއާ ގުޅޭގޮތުން އެކަންޏެވެ.
(ނ) އިންށުއަރެންސް ކުންފުންޏެއްގެ އޭޖެންޓަކަށް ސޮލިސިޓްކުރެވޭނީ، ހަމައެކަނި އެ އޭޖެންޓަކު އައްޔަންކޮށްފައިވާ އިންށުއަރެންސް ކުންފުންޏެއްގެ ނުވަތަ ކުންފުނިތަކުގެ އިންށުއަރެންސް ކޮންޓްރެކްޓާ ގުޅޭގޮތުންނެވެ. މިގޮތުން އޭޖެންޓަކު ސޮލިސިޓްކުރާއިރު، ސޮލިސިޓްކުރަނީ އޭޖެންޓެއްގެ ހައިސިއްޔަތުންކަމާއި، އެ އޭޖެންޓް އައްޔަންކޮށްފައިވާ އިންށުއަރެންސް ކުންފުނީގެ ނަން ހާމަކުރަންވާނެއެވެ.
4 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް
(ހ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރާއިރު، އެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ ށަރުތުތަކުގެ އިތުރުން، އިތުރު ށަރުތުތައް އޮތޯރިޓީން ކަނޑައަޅާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.
- ހުށަހަޅައިފައިވާ ވިޔަފާރީގެ ބާވަތަށާއި ސްކޭލަށާއި ކޮމްޕްލެކްސިޓީ (ވިޔަފާރި ހިންގުމަށް ހުށަހަޅައިފައިވާ ގޮތް)؛
- ޕޮލިސީހޯލްޑަރުން ހިމާޔަތްކުރުން؛
- ލައިސަންސް ދޫކުރުމުން އިންށުއަރެންސް ދާއިރާގެ ހަރުދަނާކަން ހިފެހެއްޓުމަށް ކުރާނެ އަސަރު؛ އަދި
- އޮތޯރިޓީން ނެރޭ ލައިސަންސިން ގއާބެހޭ ގައިޑްލައިންސްގައި ކަނޑައަޅާ އެހެން ކަންކަން.
(ށ) އޮތޯރިޓީން އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރާއިރު، އޮތޯރިޓީން އިތުރު ށަރުތެއް ކަނޑައަޅާ ނަމަ، އެ ށަރުތުތައް ލައިސަންސްގައި ނުވަތަ ލައިސަންސާއެކު ދެވޭ ލިޔުމެއްގައި ކަނޑައަޅައި ބަޔާންކުރާނެއެވެ. އަދި އޮތޯރިޓީން އެ ލައިސަންސެއްގެ ށަރުތުތައް ބަދަލުނުކުރާހައި ހިނދަކު، އެ އިންށުއަރެންސް ކުންފުނިން، އެ ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.
(ނ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (އ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރުމަށްފަހު، އޮތޯރިޓީން ލައިސަންސްގެ ށަރުތުތަކަށް ބަދަލުގެންނާނީ ނުވަތަ އިތުރުކުރާނީ ނުވަތަ އުނިއިތުރު ކުރާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.
- އިންށުއަރެންސް ކުންފުނީގެ ވިޔަފާރި ހިންގަމުން ގެންދާ ގޮތާއި، މާލީ ހާލަތާއި، ގަވަރނަންސްގެ ހަރުދަނާކަމާއި، ރިސްކް މެނޭޖްމަންޓުގެ ކަންކަން؛
- އިންށުއަރެންސް ކުންފުނީގެ ވިޔަފާރި ހިންގަމުން ގެންދާ ގޮތުގެ ސަބަބުން އިންށުއަރެންސް ދާއިރާގެ ހަރުދަނާކަން ހިފެހެއްޓުމަށް ކޮށްފާނެ އަސަރު؛ އަދި
- ޕޮލިސީހޯލްޑަރުން ހިމާޔަތްކުރުން.
(ރ) އޮތޯރިޓީން ލައިސަންސްގެ ށަރުތަކަށް ގެންނަ ބަދަލު ނުވަތަ އުނިއިތުރު، އިންށުއަރެންސް ކުންފުންޏަށް ލިޔުމުން، ސަބަބާއެކު އަންގާނެއެވެ.
5 ވަނަ މާއްދާ - ބްރާންޗާއި ސަބްސި ޑިއަރީތައް ގާއިމުކުރުމަށް ހުއްދަ ދިނުމުގައި ކަނޑައެޅިދާނެ ށަރުތުތައް
އިންށުއަރެންސްއާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސް ކުންފުނިތަކުގެ ބްރާންޗާއި ސަބްސިޑިއަރީތައް ގާއިމުކުރުމަށް ހުއްދަ ދިނުމުގައި ކަނޑައެޅިދާނެ ށަރުތުތައް، ތިރީގައި މިވަނީއެވެ.
(ހ) ބްރާންޗުން ނުވަތަ ސަބްސިޑީއަރީން ވިޔަފާރި ފެށުމަށް ވަކި މުއްދަތެއް ކަނޑައަޅައި ށަރުތުކުރުން؛ އަދި
(ށ) އިންށުއަރެންސް ކުންފުނީގެ ރައުސްމާލު ވަކި މިންވަރަކަށް އިތުރުކުރުމަށާއި، ލިކުއިޑިޓީ އިތުރުކުރުމަށް ށަރުތުކުރުން.
6 ވަނަ މާއްދާ - ރައުސްމާލު
(ހ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސްއާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ ނުވަތަ އެ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ކަނޑައަޅައިފައިވާ އަދަދަށް ވުރެ މަތީ އަދަދަކަށް ރައުސްމާލު ބެހެއްޓުމަށް އޮތޯރިޓީން ކަނޑައަޅާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިންށުއަރެންސް ކުންފުނީގެ ވިޔަފާރީގެ ތަބީއަތާއި ސައިޒާއި، އިންށުއަރެންސް ދާއިރާގައި އިންށުއަރެންސް ކުންފުނީގެ ސައިޒާއި މުހިންމުކަމާއި، އިންށުއަރެންސް ކުންފުނީގެ އިންވެސްޓްމަންޓްތައް ބެހިގެންވާ ގޮތާއި، އިންށުއަރެންސް ކުންފުނީގެ ރިސްކް މެނޭޖްމަންޓް ފްރޭމްވ ކް އެކަށީގެންވޭތ އާއި، ރިސްކް ޓޮލަރެންސް އެކަށީގެންވޭތ ފަދަ ކަންކަމަށް، އޮތޯރިޓީން ރިއާޔަތްކުރާނެއެވެ. އަދި މިގޮތުން ރައުސްމާލު އިތުރުކުރުމަށް އަންގާއިރު، އިންށުއަރެންސް ކުންފުންޏަށް، އޮތޯރިޓީއަށް ފެންނަ އެކަށީގެންވާ މުއްދަތެއް ދޭނެއެވެ.
(ށ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް ޓަކައި، 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރައުސްމާލުގެ ގޮތުގައި ބަލާނީ، ކުންފުނީގެ ޕެއިޑްއަޕް ކެޕިޓަލްއާއި ކުންފުނީގެ ރިޒާރވްސްގެ ތެރެއިން ކުންފުނީގެ ގެއްލުން ކެނޑުމަށްފަހު އަންނަ އަދަދަށެވެ. އަދި މީގެ ތެރޭގައި، އޮތޯރިޓީން އަންގާ ބާވަތެއްގެ ރިޒާރވްއެއް ނުހިމެނޭނެއެވެ.
7 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮސިޓް
(ހ) ކޮންމެ އިންށުއަރެންސް ކުންފުންޏަކުން ވެސް ހުރިހާ ވަގުތެއްގައި ވެސް، އެ ފަރާތަކުން ކުރާ ކޮންމެ ބާވަތެއްގެ އިންށުއަރެންސް ވިޔަފާރިއަކަށް 2,000,000 (ދެމިލިޔަން) ރުފިޔާ، ސެކިއުރިޓީ ޑިޕޮސިޓް ގެ ގޮތުގައި ބަހައްޓަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަންވާނީ އޮތޯރިޓީގައި ނުވަތަ އޮތޯރިޓީން ކަނޑައަޅާ މާލީ އިދާރާއެއްގައެވެ.
8 ވަނަ މާއްދާ - އިންށުއަރެންސް ފަންޑު
އިންށުއަރެންސްއާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސް ކުންފުނިތަކުން އިންށުއަރެންސް ފަންޑު ގާއިމުކޮށް ބެލެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް، ތިރީގައި މިވަނީއެވެ.
(ހ) އިންށުއަރެންސް ފަންޑަކާ ގުޅޭގޮތުން ލިބޭ ހުރިހާ ފައިސާއެއް އެ އިންށުއަރެންސް ފަންޑަށް ދައްކަންވާނެއެވެ. މިގޮތުން ލިބޭ ފައިސާގެ ތެރޭގައި، އެ ފަންޑަކާ ގުޅޭ ޕޮލިސީތަކާ ގުޅޭގޮތުން ލިބޭ ފައިސާއާއި އެ ފަންޑެއްގެ އެސެޓްތަކުގެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ހިމެނޭނެއެވެ.
(ށ) ކޮންމެ އިންށުއަރެންސް ފަންޑެއްގެ އެސެޓްތައް ވަކިން ބަހައްޓަންވާނެއެވެ. އިންށުއަރެންސް ފަންޑެއްގެ އެސެޓްތަކުގެ ތެރޭގައި ކުންފުނީގެ ގުޑްވިލްއާއި އެހެން އިންޓެންޖިބަލް އެސެޓްތައް ހިމަނައިގެން ނުވާނެއެވެ.
(ނ) އިންށުއަރެންސް ފަންޑެއްގައި ހިމެނޭ އެސެޓްތައް ބޭނުންކުރަންވާނީ ހަމައެކަނި އެ ފަންޑަކަށް އެކަށީގެންވާ ގޮތެއްގައި ނިސްބަތްކުރެވޭ އިންށުއަރެންސް ކުންފުނީގެ ލަޔަބިލިޓީތަކާއި ހަރަދުތަކަށް އެކަންޏެވެ.
(ރ) ކޮންމެ އިންށުއަރެންސް ފަންޑެއްގެ އެސެޓްތަކާއި ލަޔަބިލިޓީތައް، އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އިންޓަނޭށަނަލް ފައިނޭންށަލް ރިޕ ޓިންގ ސްޓޭންޑަރޑްސްއާ އެއްގޮތަށް ވެލިއު ކުރަންވާނެއެވެ.
(ބ) ކޮންމެ އިންށުއަރެންސް ފަންޑެއްގެ އެސެޓްތަކާއި ލަޔަބިލިޓީތައް ވަކިން އެކައުންޓްކުރެވޭ ގޮތަށް، އެކަށީގެންވާ ރިކޯޑުތައް ބަހައްޓަންވާނެއެވެ.
9 ވަނަ މާއްދާ - އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާ ކަންކަން
(ހ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމަކަށް ލައިސަންސް ދިނުމާމެދު ގޮތެއް ނިންމުގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އޮތޯރިޓީން ބަލާނެ ކަންކަން ތިރީގައި މިވަނީއެވެ.
- ލައިސަންސް ހޯދުމަށް އެދި ހުށަހަޅައިފައިވާ ފަރާތާއި އެ ފަރާތުގެ މޭޖަރ ހިއްސާދާރުންގެ ގޮތުގައި ހުށަހަޅައިފައިވާ ފަރާތްތަކުގެ ވޭތުވެދިޔަތަނުގެ މާލީ ހާލަތާއި، މިހާރުގެ މާލީ ހާލަތު؛
- ވިޔަފާރި ހިންގުމަށް ހުށަހަޅައިފައިވާ ގޮތުގެ ހަރުދަނާކަމާއި ވިޔަފާރީގެ ބިޒްނަސް ޕްލޭނުގައިވާ ކަންކަން؛
- ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ހަމަޖެއްސުމަށް ހުށަހަޅައިފައިވާ އުސޫލުތަކާއި ނިޒާމުތަކާއި، އިންޓަރނަލް ކޮންޓްރ ލްތަކާއި، މުއާމަލާތްތައް އެކަށީގެންވާ ގޮތެއްގައި އެކައުންޓްކުރުމަށް ހުށަހަޅައިފައިވާ އެކައުންޓިންގ ނިޒާމާއި، އޮޑިޓްކުރުމަށް ހުށަހަޅައިފައިވާ ގޮ ތާއި، ކޯޕަރޭޓް ގަވަރނަންސްގެ ކަންކަން ހުށަހަޅައިފައިވާ ގޮތް؛ އަދި
- އޮތޯރިޓީން ނެރޭ ލައިސަންސިން ގއާބެހޭ ގައިޑްލައިންސްގައި ކަނޑައަޅާ އެހެން ކަންކަން.
(ށ) އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ނަމުގައި ނުވަތަ އެ ފަރާތުގެ މޭޖަރ ހިއްސާ ދާރެއްގެ ނަމުގައި ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ނަމުގައި ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުންޏެއްގެ 5% (ފަހެއް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ އަދަދެއްގެ ހިއްސާ އޮތް ނަމަ، ލައިސަންސަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމަކަށް ލައިސަންސް ދުލެއް ނުކުރެވޭނެއެވެ.
10 ވަނަ މާއްދާ - އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅާ މައުލޫމާތު
(ހ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔުންތައް ތިރީގައި މިވަނީއެވެ.
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ރަޖިސްޓްރޭށަނާބެހޭ ލިޔެކިޔުންތަކާއި، އެ ފަރާތުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
- ވިޔަފާރިކުރުމަށް ހުށަހަޅާ ތަނުގެ އެޑްރެހާއި، ވިޔަފާރި ހިންގުމަށް ގަސްތުކޮށްފައިވާ ނަން؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި ހުށަހަޅާ ކޮންމެ ފަރާތެއްގެ ނަމާއި، ދާއިމީ އެޑްރެހާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، އޮތޯރިޓީން ކަނޑައަޅާ އެ ފަރާތްތަކާބެހޭ އެހެނިހެން މައުލޫމާތު؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މޭޖަރ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ށަހްސްތަކުގެ ވޭތުވެދިޔަ 3 )ތިނެއް( އަހަރުދުވަހުގެ މާލީ ހިސާބުތަކާއި، މޭޖަރ ހިއް ސާދާރުންގެ ތެރޭގައި ހިމެނޭ ފަރުދުންގެ މާލީ ހާލަތު އަންގައިދޭ މާލީ ހިސާބުތައް؛ މި ހިސާބުތައް ހުށަހެޅުމުގައި އޮޑިޓްކޮށްފައިވާ ހިސާބުތައް ހުށަހެޅުމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.
- އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ ނަމަ ނުވަތައެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާ ނަމަ ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅައިފައިވާ ކުންފުންޏެއްގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވެފައިވާ ނަމަ، އެ ކަމެއް ބަޔާންކޮށް، ކޮންމެ އެގްޒެކެޓިވް އޮފިސަރަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކާއި މޭޖަރ ހިއްސާދާރަކު ވެސް ވަކިވަކިން ތެދު މައުލޫމާތުކަމަށް އިގުރާރުވެ ސޮއިކޮށްފައިވާ ބަޔާނެއް؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން އިންށުއަރެންސް ބްރޯކަރކަމުގެ ވިޔަފާރިކުރުމަށް ގަސްތުކޮށްފައިވާ ގޮތުގެ ތަފުސީލު (ބިޒްނަސް ޕްލޭން) ؛ މީގެ ތެރޭގައި ކުރިޔަށް އޮތް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި ހަރަދުތައް ހިމެނޭ މާލީ ހިސާބުތައް ހިމަނަންވާނެއެވެ.
- ރައުސްމާލުގެ ގޮތުގައި ހުށަހަޅާ އަދަދާއި އެ ރައުސްމާލު ހޯދުމަށް ކަނޑައަޅައިފައިވާ ގޮތް؛ އަދި
- އޮތޯރިޓީން ނެރޭ ލައިސަންސިން ގއާބެހޭ ގައިޑްލައިންސްގައި ކަނޑައަޅާ އެހެނިހެން މައުލޫމާތާއި ލިޔެކިޔުން.
(ށ) އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން ކުރިޔަށް ގެންދިއުމަށް ޓަކައި ހުށަހަޅައިފައިވާ މައުލޫމާތު އިތުރަށް ސާފުކުރުމުގެ ގޮތުން، އޮތޯރިޓީއަށް އިތުރު ލިޔެކިޔުންތައް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް، ލައިސަންސަށް އެދި ހުށަހަޅާ ފަރާތަށް އޮތޯރިޓީން އަންގައިފި ނަމަ، އޮތޯރިޓީން އަންގާ މުއްދަތަކަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ. މިގޮތުން އަންގާ މުއްދަތުގެ ތެރޭގައި އެ ލިޔެކިޔުންތައް ހުށަހަޅައިފައި ނުވާ ނަމަ، ލައިސަންސަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން ބާތިލު ކުރެވިދާނެއެވެ.
11 ވަނަ މާއްދާ - އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސްގެ ށަރުތުތައް
(ހ) ލައިސަންސް ލިބިފައިވާ ކޮންމެ އިންށުއަރެންސް ބްރޯކަރަކު ވެސް ހުރިހާ ވަގުތެއްގައި ވެސް، ތިރީގައިވާ ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
- ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި ވިޔަފާރި ފަށަން 6 (ހައެއް) މަސްދުވަހަށް ވުރެ ކުރު މުއްދަތެއް ދީފައިނުވާ ނަމަ، ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން 6 )ހައެއް( މަސްދުވަހުގެ ތެރޭގައި ވިޔަފާރި ފަށަންވާނެއެވެ.
- އޮތޯރިޓީން ކަނޑައަޅާ އަދަދަކަށް ރައުސްމާލު ހުރިހާ ވަގުތެއްގައި ވެސް ބަހައްޓަންވާނެއެވެ.
- އެކަށީގެންވާ އިންޓަރނަލް ކޮންޓްރ ލްތަކާއި ވިޔަފާރިއަށް ކުރިމަތިވެދާނެ ރިސްކުތައް މެނޭޖްކުރުމަށް އެކަށީގެންވާ ނިޒާމުތައް ގާއިމުކުރަންވާނެއެވެ.
- މަކަރާއި ހީލަތް، ހިޔާނާތް، މަނީ ލޯންޑްރިންގ، ޓެރަރިޒަމަށް ފައިނޭންސްކުރުން އަދި މިނޫންވެސް ކުށެއް ކޮށްގެން ނުވާނެއެވެ.
- އިންށުއަރެންސް ބްރޯކަރކަމުގެ ވިޔަފާރި ހިންގަންވާނީ ހަރުދަނާކޮށް އަދި ގާނޫނުތަކާއި ގަވާއިދުތަކާއި، އޮތޯރިޓީން އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- އިންށުއަރެންސް ބްރޯކަރކަމުގެ ވިޔަފާރި ހިންގަންވާނީ، އެ ވިޔަފާރިއެއް ހިންގުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ނަމުގައި އެކަންޏެވެ.
- ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކެޓިވް އޮފިސަރުންނަކީ ހުރިހާ ވަގުތެއްގައި ވެސް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
- އޮތޯރިޓީން ދޫކޮށްފައިވާ އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް، އެ ފަރާތުގެ ވިޔަފާރި ހިންގާ ތަނުގައި ފަސޭހައިން ފެންނަ ގޮތަށް ބަހައްޓަންވާނެއެވެ.
- އިންށުއަރެންސް ބްރޯކަރކަމުގެ ވިޔަފާރީގެ ހުރިހާ ހަރަކާތްތަކެއް ހިންގަންވާނީ ދިވެހިރާއްޖޭގައި އޮފީހެއް ގާއިމުކޮށް، އެ ތަނުންނެވެ. އަދި އެ އޮފީހުގައި، އެކަށީގެންވާ ގޮތަކަށް ވިޔަފާރީގެ ހަރަކާތްތައް ހިންގުމަށް ޓަކައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރާ މުވައްޒަފުން ތިބެންވާނެއެވެ. އަދި އެކަށީގެންވާ ގޮތަކަށް ތައްޔާރުކޮށްފައިވާ ވިޔަފާރީގެ ހިސާބުތަކާއި ރިކޯޑުތައް އެ އޮފީހުގައި ބަހައްޓަންވާނެއެވެ.
(ށ) ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ވިޔަފާރި ހިންގުމަށް ހުށަހަޅައިފައިވާ ގޮތާއި، އެ ހުށަހެޅުމެއްގައި ހިމެނޭ އެހެންވެސް ކަންކަމަށް ބަލައި، އަދި ލައިސަންސް ދޫކޮށްފި ނަމަ، އޭގެ ސަބަބުން އިންށުއަރެންސް ދާއިރާގެ ހަރުދަނާކަމާއި ވާދަވެރިކަމަށް ކޮށްފާނެ އަސަރަށް ބަލައި، އޮތޯރިޓީން ކަނޑައަޅާ އެހެންވެސް ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ނ) އިންށުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމަށްފަހުގައި ވެސް، ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއްގެ ވިޔަފާރި ހިންގަމުންދާ ގޮތް ނުވަތަ މާލީ ހާލަތް ނުވަތަ ގަވަރނަންސްގެ ހަރުދަނާކަން ނުވަތަ ރިސްކް މެނޭޖްމަންޓުގެ ކަންކަމަށް ބަލައި، އޮތޯރިޓީން ލައިސަންސްގެ ށަރުތުތައް ބަދަލު ކުރެވިދާނެއެވެ. ނުވަތަ އިތުރު ށަރުތުތައް ކުރެވިދާނެއެވެ. ނުވަތަ ށުރުތުތަކަށް އުނިއިތުރު ގެނެވިދާނެއެވެ.
(ރ) ލައިސަންސް ލިބިފައިވާ އިންށުއަރެންސް ބްރޯކަރެއްގެ ލައިސަންސްގެ ށަރުތަކަށް އޮތޯރިޓީން ގެންނަ ބަދަލު ނުވަތަ އުނިއިތުރު، އެ ފަރާތަށް ލިޔުމުން، ސަބަބާއެކު އަންގާނެއެވެ.
12 ވަނަ މާއްދާ - އޮންސައިޓް އިންސްޕެކްށަން
(ހ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ހަމައެކަނި އެ ހާލަތްތަކަށް ހުދޫދުނުވާ ގޮތުގެ މަތީން، އިންށުއަރެންސް ކުންފުންޏެއްގެ ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއެއްގެ އޮންސައިޓް އިންސްޕެކްށަން އޮތޯރިޓީން ހިންގިދާނެ ހާލަތްތަކަކީ، އިންށުއަރެންސް ކުންފުންޏެއްގެ ނުވަތަ އިންށުއަރެންސް އިންޓަރމީޑިއަރީއެއްގެ މާލީ ހާލަތު ދަށަށްދާކަމަށް ނުވަތަ ވިޔަފާރީގެ ހަރަކާތްތަކަށް ބޮޑު ބަދަލެއް އަތުވެއްޖެކަމަށް ނުވަތަ ގަވަރނަންސްގެ ކަންކަން ނުވަތަ ކޮންޓްރ ލްސް ހީނަރުވާކަމަށް ނުވަތަ އޮފްސައިޓް އިންސްޕެކްށަނުން ކަންބޮޑުވުންތަކެއް ހުރިކަމަށް ނުވަތަ ގްރޫޕް ސްޓަރަކްޗަރ ނުވަތަ މާކެޓް ކޮންޑަކްޓާ ގުޅޭ ރިސްކްތަކެއް ހުރިކަމަށް އޮތޯރިޓީއަށް ބެލެވުން ނުވަތަ އޮންސައިޓް އިންސްޕެކްށަނެއް ހެދުން އެކަށީގެންވާކަމަށް ނުވަތަ އޮންސައިޓް އިންސްޕެކްށަނެއް ހަދަންޖެހޭކަމަށް އޮތޯރިޓީއަށް ބެލެވުމުންނެވެ.
(ށ) އޮންސައިޓް އިންސްޕެކްށަން ހެދުމަށް، އިންށުއަރެންސް ކުންފުންޏަކަށް ނުވަތަ އިންޓަރމީޑިއަރީއަކަށް ދާ އޮތޯރިޓީގެ މުވައްޒަފުން އަދި އޮތޯރިޓީން އައްޔަންކުރާ ފަރާތްތައް، ތިރީގައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
- އޮންސައިޓް އިންސްޕެކްށަން ހެދުމަށް އިންށުއަރެންސް ކުންފުންޏަށް ނުވަތަ އިންޓަރމީޑިއަރީއަށް ދާންވާނީ، އޮތޯރިޓީން އެކަމަށް ހުއްދަ ދީފައިވާ ލިޔުން ހިފައިގެންނެވެ. އަދި އެ ކުންފުންޏަކުން އެދިއްޖެ ހިނދެއްގައި، އެ ލިޔުން އެ ފަރާތަށް ދައްކަންވާނެއެވެ.
- އޮންސައިޓް އިންސްޕެކްށަން ހެދުމުގައި މަސައްކަތްކުރަންވާނީ މިނިވަންކަމާއެކުގައެވެ. އަދި އޮތޯރިޓީގެ ކޮންސަލްޓަންޓުންނާއި އެޑްވައިޒަރުން ފިޔަވައި، އިންސްޕެކްށަން މަސައްކަތުގައި އޮތޯރިޓީން ބޭރުގެ އެއްވެސް ފަރާތެއްގެ އިރުށާދު ގަބޫލުކޮށްގެން ނުވާނެއެވެ.
- މަސްލަހަތު ފުށުއެރުން ނުވަތަ މަސްލަހަތު ފުށުއަރާފާނެ ކަމަށް ބެލެވިދާނެ ނަމަ، އޮތޯރިޓީން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އޮތޯރިޓީއަށް އެކަން ހާމަކުރަންވާނެއެވެ.
- އޮންސައިޓް އިންސްޕެކްށަނުގައި ލިބޭ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި އިންށުއަރެންސްއާބެހޭ ގާނޫނުގައި ހުއްދަކޮށްފައިވާ ގޮތުގެ މަތީން މެނުވީ، އެހެން ފަރާތަކަށް އެ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.
- އޮތޯރިޓީން ކަނޑައަޅާ ކޯޑް އޮފް ކޮންޑަކްޓާއި، ޕްރޮފެށަނަލް ކޮންޑަކްޓާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
13 ވަނަ މާއްދާ - އިދާރީ ފިޔަވަޅު
(ހ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 77 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސްއާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ފިޔަވައި އެހެން ފަރާތަކާ މެދު ފިޔަވަޅު އެޅުމުގައި އޮތޯރިޓީން އަމަލުކުރާނެ އުސޫލުތައް، ތިރީގައި މިވަނީއެވެ.
- އިންށުއަރެންސްއާބެހޭ ގާނޫނާ ނުވަތަ އެ ގާނޫނުގެ ދަށުން ނެރެފައިވާ ގަވާއިދަކާ ހިލާފުވެފައިވާކަމަށް ބެލެވޭ ސަބަބުތަކެއް ހުރި ނަމަ، އެ ކަމެއް ބެލުމަށް ޓަކައި އޮތޯރިޓީއަށް ބޭނުންވާ މައުލޫމާތާއި ރިކޯޑުތައް، އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް އޮތޯރިޓީން އެ ފަރާތަށް އެންގުން؛ އަދ،ި އޮތޯރިޓީއަށް ފެނިއްޖެ ނަމަ، އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ގޮސް، އެ ފަރާތެއްގެ ފޮތްތަކާއި މާލީ ހިސާބުތަކާއި ރިކޯޑުތައް، އޮތޯރިޓީން ބެލުން.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އޮތޯރިޓީން ބަލައި ބެލުމުގައި، އެފަދަ ހިލާފުވެފައިވާ ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ބެލެވޭ ނަމަ، އެ ކަމެއް ކޮށްފިކަމަށް ބެލެވޭ ސަބަބު ބަޔާންކޮށް، ލިޔުމުން އެ ފަރާތަކަށް އެންގުން. މި ލިޔުމުގައި، ލިޔުމުން ޖަވާބެއް ދިނުމަށް އެ ފަރާތަށް ފުރުސަތު ދީ އެކަން ބަޔާންކުރާނެއެވެ. މިގޮތުން، ލިޔުމުން ޖަވާބެއް ދިނުމަށް، މަދުވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
- އެ ފަރާތުން ފޮނުވާ ޖަވާބުގައި ބަޔާންކޮށްފައިވާ ކަންކަން ބެލުމަށްފަހު، ހިލާފުވެފައިވާ އެފަދަ ކަމެއް ކޮށްފައިވާކަމާމެދު އޮތޯރިޓީން ވަކި ގޮތެއް ކަނޑައަޅައި، އެ ފަރާތަކަށް އެކަން އެންގުން. އަދި އެފަދަ ކަމެއް ކޮށްފިކަމަށް ކަނޑައަޅައިފި ނަމަ، މިގޮތުން އަންގާ އެންގުމުގައި، އެ ފަރާތެއް ޖޫރިމަނާކުރާ އަދަދާއި، އެ ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު ބަޔާންކުރާނެއެވެ.
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެ ފަރާތަށް ޖަވާބެއް ދިނުމަށް ދެވޭ ފުރުސަތުގައި، އެ ފަރާތުން ޖަވާބެއް ފޮނުވައިފައި ނުވާ ނަމަ، ހިލާފުވެފައިވާ އެފަދަ ކަމެއް ކޮށްފައިވާކަމަށް ކަނޑައަޅައި، އެކަން އެ ފަރާތަކަށް އެންގުން. މިގޮތުން އަންގާ އެންގުމުގައި، އެ ފަރާތެއް ޖޫރިމަނާކުރާ އަދަދާއި، އެ ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު ބަޔާންކުރާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮފައިވާ ގޮތަށް އޮތޯރިޓީން އަންގާ މައުލޫމާތާއި ރިކޯޑުތައް، އޮތޯރިޓީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފައިނުވާ ނަމަ ނުވަތަ އޮތޯރިޓީން އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ވަނުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިފި ނަމަ ނުވަތަ އެ ފަރާތެއްގެ ފޮތްތަކާއި މާލީ ހިސާބުތަކާއި ރިކޯޑުތައް ދެއްކުމަށް އޮތޯރިޓީން އަންގާ އެންގުމާ އެއްގޮތަށް ނުދައްކައިފި ނަމަ، އިންށުއަރެންސްއާބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.
(ނ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 77 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ބޭނުމަށް ޓަކައި، އިންށުއަރެންސްއާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ އިޖުރާތަކީ، އޮތޯރިޓީން ރެގިއުލޭޓްކުރާ މާލީ އިދާރާތަކާ މެދު ފިޔަވަޅު އެޅުމަށް އޮތޯރިޓީން ކަނޑައަޅާ އެންފޯސްމަންޓް އުސޫލުތަކުގައި ބަޔާންކޮށްފައިވާ އިޖުރާތެވެ.
(ރ) އިންށުއަރެންސްއާބެހޭ ގާނޫނުގެ 77 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ޓަކައި، އޮތޯރިޓީން ޖޫރިމަނާ ކަނޑައެޅުމުގައި ރިއާޔަތްކުރެވޭނެ ކަންކަން، ތިރީގައި މިވަނީއެވެ.
- ހިލާފުވެފައިވާ ކަމުގެ ބާވަތާއި ހިލާފުވެފައިވާ މުއްދަތު؛
- ހިލާފުވެފައިވާ ކަމުގެ ސަބަބުން އިންށުއަރެންސް ދާއިރާއަށް ނުވަތަ ޕޮލިސީ ހޯލްޑަރުންނަށް ނުވަތަ އިންށުއަރެންސް ކުންފުނީގެ ނުވަތަ އިންޓަރމީޑިއަރީގެ ހިއްސާދާރުންނަށް ލިބިދާނެ ގެއްލުން؛
- ހިލާފުވުމެއްގެ ސަބަބުން މާލީ ފައިދާއެއް ލިބިފައިވުން ނުވަތަ ގެއްލުމަކުން ސަލާމަތްވެފައިވުން؛
- ހިލާފުވުމެއްގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު ނުވަތަ ކުރިމަތިވި ރިސްކުގެ މިންވަރު؛
- ގާނޫނާއި ގަވާއިދަކާ ނުވަތަ އޮތޯރިޓީގެ އެންގުމަކާ ނުވަތަ އަމުރަކާ ކުރިން ހިލާފުވެފައިވުން؛
- ކުރިޔަށް އޮތްތަނުގައި އެހެން ފަރާތްތަކުން އެފަދަ ބާވަތެއްގެ ހިލާފުވުމެއް ވިޔަ ނުދިނުމަށް ޓަކައި އެކަށީގެންވާ އަދަދަކަށްވުން؛
- އިންށުއަރެންސް ދާއިރާގެ އިތުބާރު ދެމެހެއްޓުމަށް އެކަށީގެންވާ އަދަދަކަށްވުން؛ އަދި
- އޮތޯރިޓީއަށް ފެންނަ އެހެން ކަންކަން.
14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު